ވާހަކަ

ދުރުގާވުން ހިތް ނޭދޭ! (ފުރަތަމަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ދުރުގާވުން ހިތް ނޭދޭ! (ފުރަތަމަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދެވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތިންވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތަރުވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނުވަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދިހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! ( އެގާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސާދަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަނަރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސޯޅަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސަތާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނަވާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ވިހިވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެކާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފައްސަވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްބީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ހަތާވީސް ވަނަބައި) ދުރުގާވުން ހިތްނޭދޭ! (އަށާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ނަވާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ތިރީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެއްތިރީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ބައްތިރީސް ވަނަ ބައި) ދުރުގާވުން ހިތްނޭދޭ! ( ތެއްތިރީސްވަނަ ބައި)

އަންސޫދާގެ ކުރިމަތީގައި އިން ތާޝާގެ ލޮލުން ފެންނަމުން ދިޔައީ ޝަކުވާއެވެ. އަންސޫދާ އޭނާއާ ހަތަރުކަޅި ހަމަ ނުކުރަން އުޅޭކަހަލައެވެ. އެކި ގޮތްގޮތުން އަންސޫދާ ރުއްސަން އުޅޭތާ އެތަކެއް އިރެއް ވެއްޖެއެވެ. އަދިވެސް އަންސޫދާގެ ފަރާތުން އެދެވޭ ކަހަލަ ޖަވާބެއް ނުލިބެއެވެ.

Ads by STELCO

"ކީއްވެތަ އަހަރެން މާލެއަށް ނުފޮނުވަން ތިއުޅެނީ .. ކޮބާތަ މައްސަލައަކީ މަންމާ... " އާދޭހުގެ ރާގަކަށް ތާޝާ އޭނާގެ މަންމަ އަންސޫދާ ކައިރީގައި ބުނަމުން ދިޔައެވެ. ސޯފާގައި އިން އަންސޫދާ ފުންނޭވައެއް ދޫކޮށްލަމުން އިންތަނުން ތެދުވިއެވެ. ހަށަން ބަނދެލަމުން ކުރިމަތީގައި ހުރި އޭނާގެ ހަމައެކަނި ދަރިފުޅު ތާޝާއަށް ވަރަށް ފުން ނަޒަރަކުން ބަލައިލިއެވެ.

"ކީއްވެތަ އެވަރަކަށް މާލެ ދާން ތިއުޅެނީ.. އަހަރުމެން މިއުޅެނީ މާލެއަށް ވުރެ އެތައް ގުނައެއް ރަނގަޅު ތަނެއްގައި.. ހުރިހާ ގޮތަކުން ބެލިޔަސް ރާއްޖެއަށްވުރެ މެލޭގެ ދިރިއުޅުން މާ ރަނގަޅު.. އެހެން ނޫނަސް ދަރިފުޅުގެ ޑާޑާގެ ހުރިހާ ބިޒްނަސްއެއް އޮތީ މިތާނގައި... ބިޒްނަސް ދޫކޮށްލާފައި ކިހިނެއް ތާޝާ ގޮވައިގެން މާލެ ދާނީ.." އަންސޫދާ ވީހާވެސް މަޑުމައިތިރިކޮށް ވާހަކަ ދެއްކޭތޯ މަސައްކަތް ކުރަމުން ބުންޏެވެ.

" އަހަރެން އެއްފަހަރު ވެސް ނުބުނަން މަންމަ އާއި ޑާޑާ އަހަރެން ގޮވައިގެން ދާށޭ.. އަހަރެން މި ބުނަނީ އަހަރެން ފޮނުވައިދޭށޭ... އެކޮޅުގަ ތިބޭނެއްނު ބޮއްތަމެން ވެސް... މަންމަގެ ރެސްޓޯރަންޓްތައް ވެސް ތި ހިންގަނީ މާލެގައެއްނު ހަމަ.. އެކޮޅަށް ގޮސް އަހަންނަށް އެބިޒްނަސްއާ ހަވާލުވެވޭނެއެއްނު... ޕްލީޒް މަންމާ.. އަހަރެން މާލެ ފޮނުވައިދީ .. އެހެންނޫނީ މިކޮޅުގަ އަހަރެން މޮޔަވެދާނެ..." ތާޝާ ކައިރިއަށް ރުޅިއަންނަ ގޮތްވިއެވެ.

" މިބުނީނު ތާޝާ މާލެ ފޮނުވޭކަށް ނެތޭ... ނުވާނެ ތިކަމެއް..." އަންސޫދާގެ ކެތްތެރިކަން ކޮޅުންލައި ހަޅޭއްލަވައި ގަނެވުނެވެ. ތާޝާ ގާތަށް އައި ރުޅީގައި ސޯފާ ކައިރީގައި ހުރި ސްޓޫލްމަތީގައި ހުރި މަރބްލް ވާސް އަތުން ޖަހައި އެއްލައިލިއެވެ. އަންސޫދާއަށް އަނގަމަތީގައި އަތް އެޅުނީ ލިބުނު ސިހުމަކުންނެވެ. ތާޝާއާ ދިމާއަށް ބަލައިލެވުނު އިރު އެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ ކަންބޮޑުވުމެވެ. ތާޝާގެ ފެންކަޅިވެފައިވާ ދެ ލޮލުން އަންސޫދާއަށް ފެންނަމުން ދިޔައީ ރުޅިއާއި މޮޅިވެރިކަމެވެ. ދަރިފުޅާ މެދު ހަމްދަރުދީ ވާ ހާލުގައި އެދަރިފުޅު ކައިރިއަށް ދިއުމަށް ކުރިއަށް ފިޔަވަޅެއް އަޅައިލިއެވެ. އެހިނދު ތާޝާ ފަހަތަށް ފިޔަވަޅު އަޅަމުން ދުވެފައި ގޮސް ކޮޓަރިއަށް ވަދެ ބަންލާފައި ދޮރުލެއްޕިއެވެ.

ކޮޓަރިއަށް ވަދެވުމާ އެކު ތާޝާގެ ބަޑިފަޅައިގެން ދިޔައެވެ. ދޮރުގައި ޓަކި ޖަހަމުން ތާޝާއަށް ގޮވަމުން ދިޔަ އަންސޫދާއަށް ބީރުކަންފަތެއް ދެމުން އައިސް ތާޝާ އެނދުގައި އިށީނނެވެ.  ދެކަކުލުގައި އުޅަނބޮށި ވިއްދާލައިގެން މޫނުގައި އަތްއަޅައިގެން ރޯން އިން ތާޝާގެ ހިތަށް ވަނީ އިންތިހާއަށް އަސަރުކޮށްފައެވެ. އޭނާގެ ހިތުގައި އަމިއްލަ މައިންބަފައިންނާ މެދު އެތަކެއް ޝަކުވާއެއް އުފެދިފައިވެއެވެ. މެލޭގެ ދިރިއުޅުން މާރަނގަޅޭ ބުނާއިރު ތާޝާއަށް ގެއިން ނިކުތުމުގެ ހުއްދައެއް ނޯވެއެވެ. ކޮންމެހެން ދާންޖެހޭ ތަންތަނަށް ވެސް ދެވެނީ ބައްޕަ ދާނިޔާލް ހަމަޖައްސާފައި ހުންނަ ހަށިފާރަވެރިއެއް ގޮވައިގެންނެވެ. ތާޝާ އެންމެ ބޮޑަށް ދެރަވާ ކަމަކީ އެއީ އެވެ. އޭނާގެ އަމިއްލަ މައިންބަފައިން އޭނާގެ އިހުސާސްތަކަށް ޤަދަރު ނުކުރާތީއެވެ.

މީގެ ފަސްއަހަރު ކުރިން ދިމާވި އެކްސިޑެންޓެއްގެ ސަބަބުން ތާޝާގެ މުޅި ހަޔާތް މި ވަނީ އެފުށްމިފުށަށް ޖެހިފައެވެ. އެއްވެސް އިންސާނެއްގެ ހަޔާތުން އަހަރުތަކެއް ގެއްލި ހަނދާނުން ފޮހެވިގެން ދިއުމަކީ އެއިންސާނަކަށް ލިބޭނެ އެންމެ ބޮޑު އެއް ގެއްލުމެވެ. ތާޝާއަށް ވެސް ވީ އެހެންނެވެ. ހަތަރު އަހަރުވަންދެން ކޯމާއެއްގައި އޮތުމަށް ފަހު الله ގެ އިރާދަފުޅުން ހޭއެރިއިރު ތާޝާ ވަނީ ސިކުނޑިއަށް ލިބުނު ގެއްލުމެއްގެ ސަބަބުން މެމޮރީ ލޮސް ބައްޔެއްކަމަށްވާ އަމްނީޝާގެ ޝިކާރައަކަށް ވެފައެވެ. އެކްސިޑެންޓްވުމުގެ ކުރިން ފާއިތުވެ ދިޔަ ހަތަރު އަހަރުތެރޭ ހިނގައިދިޔަ އެއްވެސް ކަމެއް ތަޝާގެ ހަނދާނުގައި ނެތެވެ. އެންމެ ކުޑަމިނުން އޭނާގެ އަމިއްލަ ނަން ވެސް އޭނާގެ ހަނދާނުގައި ނެތެވެ. އެއްކޮށް އަށް އަހަރު ތާޝާގެ ހަޔާތުން ގެއްލިގެން ދިޔައީއެވެ. ޑޮކްޓަރުން ބުނާ ގޮތުގައި ކޮންމެފަދަ ވަގުތެއްގައި ވެސް ތާޝާގެ ހަނދާންތައް އެނބުރި އައުން އެކަށީގެންވެއެވެ. އެއްގޮތަށް ހަނދާންތައް ނައުމަކީ ވެސް ވެދާނެ ގޮތެކެވެ.

ހޮސްޕިޓަލުން ގެއަށް ދޫކުރިފަހުން މިހާރު އަހަރެއްވާން އުޅެނީއެވެ. އެންމެ ކުޑަކުޑަ ކަމެއް ވެސް ހަނދާންވާ ގޮތެއް ނުވިއެވެ. ތާޝާގެ މައިންބަފައިން އޭނާގެ މާޒީގައި ހިނގާފައިވާ ތަފާތު އެތައް ވާހަކަތަކެއް ކިޔައިދިން ނަމަވެސް އެދެވޭ ކަހަލަ ނަތީޖާއެއް ނުލިބުނެވެ. ތާޝާ މާލެ ދާން ނިންމީ އޭނާގެ މާލޭގައި އުޅޭ އޭނާގެ ދެބެއިންގެ ދެދަރި ޖީނާއާ ދެކެވުނު ވާހަކައެއްގެ ތެރެއިން ތާޝާގެ އެކްސިޑެންޓްވީ މާލޭގައި ކަމަށާއި އޭރު ވެސް މާލޭގައި ދިރިއުޅެމުން އަންނަތާ ތިން އަހަރުވެދާނެ ކަމުގައި ބުނުމުންނެވެ. އެވާހަކަތަކަކީ މީގެ ކުރިން އޭނާގެ މައިންބަފައިން ކިޔައިދީފައިވާ ވާހަކަތަކެއް ނޫނެވެ. އެމީހުން ބުނިގޮތުގައި ތާޝާގެ އެކްސިޑެންޓްވީ މެލޭޝިޔާގައެވެ. އެއަށްވުރެ އިތުރަށް ޖީނާ ކައިރިން އިތުރު އެއްވެސް އެއްޗެއް އޮޅުން ފިލާގޮތެއް ނުވިއެވެ. އޭގެ ފަހުން ޖީނާ އޭނާގެ ފޯން ކޯލްތަކަށް ޖަވާބެއް ނުދޭ ތަނުގައި މެސެޖަކަށް ރިޕްލައިއެއް ވެސް ނުދެއެވެ. ތާޝާ މާލެ ދާން ނިންމީ އެހިސާބުންނެވެ. އޭނާގެ ހިތުގައި ފުނިޖެހިފައިވާ ސުވާލުތަކަށް ޖަވާބުލިބި ހަނދާންތައް އެނބުރި އައުމަށް މަގުފަހިވާން އޮތީ މާލެގޮސްގެން ކަމުގައި އޭނާއަށް އިހުސާސް ކުރެވޭތީއެވެ. މާލޭގައި އޭނާ ހޭދަކުރި ދުވަސްތަކުގެ ވާހަކަ އޭނާގެ މައިންބަފައިން ކިޔައިނުދީ އޮންނާނީ އޭގެފަހަތުގައި ކޮންމެވެސް ބޮޑު ސަބަބެއް އޮވެގެންކަން ތާޝާއަށް އިހުސާސްވާތީއެވެ. މޫނުމަތިން އަތްނެގުމަށް ފަހު ތާޝާ އޭނާގެ މޫނު ދެއަތުން ފޮހެލިއެވެ. އެއަށް ފަހު ފޯނު ނަގާ ނަމްބަރަކަށް މެސެޖްކޮށްލުމަށް ފަހު ގޮސް ފާހާނައަށް ވަދެ ދޮރުލެއްޕިއެވެ.

ދާނިޔާލް އޮފީހުން އެނބުރި ގެއަށް އައިރު އަންސޫދާ ސޯފާގައި އިނެވެ. މޫނުމަތިން ފެންނަމުން ދިޔައީ ކަންބޮޑުވުމާއި ހާސްކަމެވެ. އޭނާގެ އަންހެނުންގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފެނި ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ދާނިޔާލްއަށް އެނގުނެވެ. ނޯކަރަކަށް ގޮވައިލިއެވެ. އެއަށްފަހު އޭނާގެ އަތުގައި އޮތް ކޯޓާއި ދަބަސް ދިނުމަށް ފަހު ގޮސް އަންސޫދާ ކައިރީގައި އިށީނެވެ. އަންސޫދާގެ ކޮނޑުގައި ހިފާ ގަޔާ ކައިރިކޮށްލުމަށް ފަހު ކިހިނެއްވީތޯ ސުވާލުކޮށްލިއެވެ.

" ޑެނީ. ތާޝާ ބޭނުން ވަނީ މާލެ ދާން.. މިހާރު އަހަރެން ކައިރީ އެހެން ކިޔާތާ ދެ ދުވަހެއް ވަރުވެދާނެ... މިއަދު ތާޝާހުރީ ހަމައަކު ނޫން...އަހަންނަކަށް ނޭނގޭ ތާޝާ އެހާވަރުން މާލެ ދާން އެ އުޅޭ ސަބަބެއް. އަހަރުމެން މާލޭގައި ހިނގި އެއްވެސް ކަމެއްގެ ވާހަކައެއް އޭނާއަކަށް ކިޔައެއް ނުދެމެއްނު.. އަހަރެން އެކަމަށް އިންކާރުކުރުމާ އެކު މިތާ ހުރި ވާސް ވެސް އަތުން ޖަހާ ދުރަށް ބުރުވާލީ... ވަރަށް ރުޅި އައިސްފަ ހުރީ.. ޑެނީ ބުނެބަލަ އަހަރެން ކިހިނެއްތަ ތާޝާ މާލެ ފޮނުވާނީ... އަހަރެންގެ ދަރިފުޅު ގެއްލިދާނެތީ އަހަރެން ބިރުގަނޭ... " ދާނިޔާލްގެ ކޮނޑުގައި ބޯ އަޅައިލައިގެން އިން އަންސޫދާއަށް ރޮވެނީއެވެ.

" އެވަރު ކަމަކާތަ އަންސޫ ތި ރޮނީ... ތާޝާ އެހުރި މަޤާމުގައި އަހަރެން ހުރި ނަމަވެސް އެގޮތް ވާނެ ދޯ.. އަންސޫ ފޯނު ނުނަގާތީ އަންފޫޒާ އަހަރެންގެ ފޯނަށް ގުޅި.. އަސްލު ކުރިން ދުވަހެއްގައި ޖީނާއާއި ދެކުދިން ވާހަކަ ދައްކަނިކޮށް ޖީނާއަށް ބުނެވުނީ އެކްސިޑެންޓްވިއިރު ތާޝާހުރީ މާލޭގައޭ... އެހެންވެ އެ ވަރަށް މާލެދާން އެކިޔަނީ.. އަންސޫ ހުއްޓާލާ... އަހަރެން ތާޝާއާ ވާހަކަ ދައްކާނަން.. އެކަމަކު ތާޝާ އަމިއްލައަކަށް ހަމައަކަށް އެޅި ކޮޓަރިން ނިކުތީމަ.. އެންމެ ރަނގަޅެއްނު.. " އަންސޫދާގެ ލޮލުން އައިސްފައިވާ ކަރުނަތައް ފޮހެދެމުން ދާނިޔާލް ބުންޏެވެ. އަންސޫދާ ވެސް ބޯޖަހައިލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ.

އަނބިމީހާ އަންސޫދާއާއި ހުރި ހަމައެކަނި ދަރިފުޅު ތާޝާއަކީ ދާނިޔާލްގެ މުޅި ދިރިއުޅުމެވެ. އޭނާގެ މުޅި ދިރިއުޅުން ،  ލާރި ހޯދަން މަސައްކަތް ކުރުމުގައި ހޭދަކުރަނީ ހަމައެކަނި އެ ދެ މީހުންނަށް ޓަކައެވެ. އެ ދެމީހުންގެ މުސްތަޤުބަލަށް ޓަކައެވެ. އެ ދެ މީހުން އުފަލުގައި ބޭތިއްބުމަކީ ދާނިޔާލް އެންމެ އިސްކަންދޭ އެއްކަމެވެ. ނަމަވެސް އޭނަގެ ދަރިފުޅުގެ މުޅި ހަޔާތް ބަރުބާދުވެގެން ދާއިރު ވެސް އޭނާ ވަނީ އެ ދަރިފުޅު އުފާކޮށްދިނުމުގައި ނާކާމިޔާބުވެފައެވެ. ބައްޕައަކަށްވެ ހުރެ ކުރަންޖެހޭ ހުރިހާ ކަމެއް ދާނިޔާލް ކުރި ނަމަވެސް ހުރިހާ ކަމެއް ދަނީ ފެނަށެވެ. އެހެން ނަމަވެސް އޭނާ ހިތްވަރުދުލެއް ނުކުރާނެއެވެ. އެދަރިފުޅުގެ ދިރިއުޅުން އާރާސްތުކުރުމަށް ޓަކައި ކުރަންޖެހުނު ކޮންމެކަމެއް މިހާތަނަށް ވެސް އޭނާ އޮންނާނީ ކޮށްފައެވެ. ކުރިއަށް އޮތްތާނގައި ވެސް ކުރާނެއެވެ. ކޮންމެފަދަ ކަމަކަށް ވިޔަސް ހެވެވެ. އޭނާއަށް އެންމެ މުހިންމީ އަންސޫދާއާއި ތާޝާގެ އުފަލެވެ. އެދެމީހުންގެ ހަމަޖެހުމެވެ. އާއިލާގެ ޤަދަރާ ޢިއްޒަތެވެ.

ރޭގަނޑުގެ ކެއުމުގެ ވަގުތުވީއިރު ވެސް ތާޝާ ކޮޓަރިން ނުނިކުތުމުން އަންސޫދާއާއި ދާނިޔާލްއަށް ލިބިފައިވާ ކަންބޮޑުވުން އިތުރުވެގެން ދިޔައެވެ. ކާމޭޒުމަތީގައި އެކި ވައްތަރު މީރު ކާތަކެތި ހުރި ނަމަވެސް ލޯބިވާ ދަރިފުޅާ ނުލާ ކާނެ ހިތްވަރެއް އެމީހުންނަކަށް ނުލިބުނެވެ. އިރުއިރުކޮޅާ ތާޝާގެ ކޮޓަރީގެ ދޮރާ ދިމާއަށް ބަލަބަލާ ތިބީއެވެ. ތާޝާ ދޮރުހުޅުވާލާފައި ނިކުންނާނެ އިރެއްގެ އިންތިޒާރުގައެވެ. އިތުރަށް ކެތް ނުވުމުން ދާނިޔާލް އިންތަނުން ތެދުވެގެން ގޮސް ތާޝާގެ ކޮޓަރީގައި ޓަކިޖަހަން އުޅުނުވަގުތު ގޭގެ ބެލްއަޅާ އަޑު އިވިފައި މަޑުޖެހުނެވެ. ގޭގެ މައިދޮރާ ދިމާއަށް ބަލައިލިއިރު ގޭގައި ގެންގުޅޭ ނޯކަރެއް ދޮރު ހުޅުވައިފިއެވެ. އެތެރެއަށް ވަދެގެން އައި އަނީކް ފެނުމާ އެކު ދާނިޔާލްގެ ތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. އަނީކަކީ ދާނިޔާލްގެ އެންމެ ގާތް އެކުވެރިޔާއެވެ. ވިޔަފާރީގެ ބައިވެރިއެއް ކަމުގައިވާ އަފީފްގެ ފިރިހެން ދަރިފުޅެވެ.

" ހެލޯ ޑެނީ އަންކަލް... ހައި ދައްތާ " ހިނިތުންވެލައިގެން ހުރެ އެމީހުންނާ ދިމާއަށް އަންނަމުން އަނީކް ބުނެލިއެވެ. ކާމޭޒު ކައިރީގައި އިން އަންސޫދާ ވެސް ބޯޖަހައިލަމުން ހިނިތުންވެލިއެވެ.

" ނިކް މިގަޑީގަ؟؟.. އަނެއްކާ ހުރިހާ ކަމެއް ރަނގަޅުތަ.. " އަނީކްގެ ކޮނޑުގައި ޖަހައިލަމުން ދާނިޔާލް އެހިއެވެ.

"  ހުރިހާ ކަމެއްވެސް ރަނގަޅު.. ތާޝާ މެސެޖްކޮށްފަ ބައްދަލުކޮށްލަން ބޭނުންވާ ވާހަކަ ބުނީމަ... ކޮބާ ތާޝާ؟" ގޭގެ އެކި ތަންތަން ހޯދައިލަމުން އަނީކް އެހިއެވެ.

" އެހެންތަ.. ތާޝާ ވެއްޖެ ކޮޓަރީގަ.. އަވަހަށްދޭ.." ކޮޓަރިއާއި ދިމާލަށް ދާން އަނީކަށް ތަން ދައްކަމުން ދާނިޔާލް ބުންޏެވެ.

ތާޝާގެ މޫޑު ރަނގަޅު ކުރެވޭނެ ހަމައެކަނި މީހަކީ އަނީކް ކަން ދާނިޔާލްއަށް ޔަގީން ވެއެވެ. އަނީކް ހިނިތުންވެލަމުން ގޮސް ތާޝާގެ ކޮޓަރީގައި ޓަކި ދިނެވެ. ދެފަހަރަކު ޓަކިދިނުމުން ވެސް ދޮރު ނުހުޅުވުމުން އަނީކް ތާޝާގެ ނަމުން ގޮވައިލިއެވެ. އެއާ އެކު އެތެރޭން ތާޝާ ދޮރުހުޅުވައިލުމަށް ފަހު އަނީކްގެ އަތުގައި ހިފައި ކޮޓަރިތެރެއަށް ދަމައިގަތެވެ. އެއަށް ފަހު އަނެއްކާ ވެސް ދޮރުލެއްޕިއެވެ. ތާޝާގެ އެ އަމަލުން ދާނިޔާލް އާއި އަންސޫދާ އެކަކު އަނެކަކަށް ބަލައިލާފައި ހިނިތުންވެލިއެވެ. އަނީކާއި ތާޝާ ގުޅުމަކީ އެދެމީހުންނަށް ލިބޭނެ އެންމެ ބޮޑު އެއް އުފަލެވެ. ދާނިޔާލް ވަރަށް ފުން ނަޒަރަކުން ތާޝާގެ ކޮޓަރީގެ ދޮރާ ދިމާއަށް ބަލައިލިއެވެ. މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. ހަމަ އެހިނދުގައި ފޯނު ނަގައިފައި މެސެޖެއް ލިޔެލުމަށް ފަހު ފޮނުވާލިއެވެ. އެނބުރި އަންސޫދާއާ ދިމާއަށް ބަލާލުމަށް ފަހު ހިނިތުންވުމެއް ދިންއިރު އެ މޫނުމަތިން ފެންނަމުން ދިޔައީ ތަފާތު ކުލަވަރެކެވެ.

" ވޯހް.. ތާޝާ ކެއަރފުލް.." ތާޝާ ދަމައިގަތް ގޮތުން ވެއްޓެން ދިޔަ އަނީކަށް ބުނެވުނެވެ.

" ސޮރީ ނިކް.. އަވަސްކުރަން ވެގެން..." އަނީކްގެ ގައިގައި ހިފަހައްޓައިލަމުން ތާޝާ ބުންޏެވެ.

" ރޮމޭންޓިކް ވާންވެގެން ފެއިލްވީ ދޯ... ހެހެހެ..." އަނީކް ސަމާސާކަން އެކުލެވިފައިވާ ރާގެއްގައި ބުންޏެވެ.

" ޑޯންޓް ޓޯކް ރަބިޝް ނިކް.. މިތާ އިށީނދެބަލަ އަހަރެން ވަރަށް ބޮޑު ވާހަކައެއް ދައްކަން ބޭނުން. " ކޮޓަރީގައި ހުރި ބޮޑު ސޯފާގައި އަނީކް ބައިންދަމުން ތާޝާ ބުންޏެވެ.

" އަނެއްކާ ޕްރޮޕޯސް ކުރަންތަ ތިއުޅެނީ... " އަނެއްކާ ވެސް ޖެއްސުމަށް އަނީކް ބުނެލިއެވެ.

" ނިކް ޕްލީޒް.. " އުނދަގޫވެފައިވާ ގޮތަކަށް ތާޝާ ބުނެލިއެވެ. އަނީކަށް ތާޝާގެ މޫނުމަތީގެ ސީރިއަސްކަން ފެނި ސަމާސާ ކުރުން ހުއްޓައިލިއެވެ.

" ކިހިނެއްވީ ޕްރިންސެސް.. ހުރިހާ ކަމެއް ރަނގަޅުތަ... " ކައިރީގައި އިށީނދެ ތާޝާގެ މޫނުގައި ފިރުމައިލަމުން އަނީކް އެހިއެވެ.

" ނިކް... އަހަންނަށް އިނގޭ ނިކް އަހަރެން ދެކެ ވަރަށް ލޯބިވާކަން.. އޭގެ ބަދަލުގަ އަހަންނަށް ނިކް ދެކެ ލޯތްބެއް ނުވެވުނު. އަދި ނިކްއަށް ކޮށްދެވުނު ކަމެއް ނެތް... ނިކް އަހަރެންނަށް ކައިވެނިކުރަން ހުށައެޅި އެޅުމަށް މިހާތަނަށް ވެސް އަހަރެން މިއަންނަނީ އިންކާރު ކުރަމުން... އައި ނޯވ... ނިކް ކައިރީގައި އެއްވެސް ކަމަކު ކިޔުމުގެ ހައްޤެއް އަހަންނަށް ނެތްކަން.. އެކަމަކު މިއަދު އަހަރެން ބުނާނެ އިތުރު މީހެއް ނެތް ނިކް ނޫނިއްޔާ... ޕްލީޒް ނިކް ހެލްޕް މީ..." އޭނާގެ ކޮލުގައި ބީހިލި އަނީކްގެ އަތް ތިރިކޮށްލާ އެއަތުގައި ބާރަށް ހިފަހައްޓައިލަމުން ތާޝާ ބުންޏެވެ.

" ތާޝާ ބުނި ކޮންމެ ކަމެއް ކުރަން އަހަރެން މިހިރީ ތައްޔާރަށް.. ބަދަލުގަ ތާޝާގެ ފަރާތުން އެއްވެސްކަމެއް އަހަރެން ބޭނުމެއް ނޫން... ތާޝާގެ ލޯބި ކޮންމެވެސް ދުވަހަކުން އަހަރެން ކާމޔާބު ކުރާނެކަން އަހަންނަށް ޔަގީން... އަހަރެން ތާޝާއަށް ކަންތައްތައް ކޮށްދެނީ އަހަރެން ތާޝާދެކެ އިންތިހާއަށް ލޯބިވާތީ.. ބުނެބަލަ.. ކޮންކަމެއްތަ ކޮށްދޭންވީ" ޔަގީންކަން ދޭފަދަ ގޮތަކަށް އަނީކް ބުންޏެވެ.

" ނިކް.. ކޭން ޔޫ ޓޭކް މީ ޓު މޯލްޑިވްސް... " އަނީކްގެ މޫނަށް ބަލަހައްޓައިގެން އިނދެ ތާޝާ ބުންޏެވެ.

" ހެހެހެ.. ތި އެއްވެސް ކަމެއް ނޫނެއްނު.. ޑެނީ އަންކަލް ކައިރީގައި ބުނެލާއިރަށް ފޮނުވައިދޭނެ.. ތާޝާ އެއްޗެއް ދޭށޭ ބުނުން ލަސްވެފަ އޮންނާނީ..." އަނީކް ވަރަށް ފަސޭހައިން ބުނެލިއެވެ. ތާޝާ ދެފަރާތަށް ބޯހޫރައިލަމުން ވެގެން އުޅޭގޮތް އަނީކަށް ކިޔައިދިނެވެ. ޖީނާއާ ދެކެވުނު ވާހަކައިން ފެށިގެން މިއަދު ގޭތެރޭގައި ހިނގައިދިޔަ ކަންތަކާ ހިސާބަށެވެ.

" ދައްތަމެން ތާޝާ އެކޮޅަށް ނުފޮނުވަންވެގެން އުޅޭނީ ވެސް ތާޝާއަށް ރަނގަޅަށްހެން ހީވަނީ... އަހަރެންނަށް ފެންނަނީ އެމީހުންގެ ބަސްއަހައިގެން މިކޮޅުގަ ހުންނަން.." އަނީކް އޭނާއަށް ފެނުނު އެންމެ ރަނގަޅުގޮތް ހާމަކުރިއެވެ.

" ޔޫ ޑޯންޓް އަންޑަސްޓޭނޑް ނިކް... މީކީ ކުޑަކަމެއް ނޫނޭ.. އަހަރެން ހަޔާތުން އަށް އަހަރު މިވަނީ ގެއްލިފަ... ގާތްގަނޑަކަށް ބުނާނަމަ އަހަރެންނަށް އަށާރަ އަހަރު ވީއްސުރެން ވީހުރިހާ ކަމެއް މިވަނީ އަހަރެންގެ ހަނދާނުން ފޮހެވިފަ... ކޮންމެ އިންސާނަކަށް ވެސް މެމޮރީސްއަކީ ވަރަށް މުހިންމު އެއްޗެއް... އަހަރެންގެ މައިންބަފައިންނާއި އާއިލާ މީހުންނާއި ރަޙުމަތްތެރިންނާ އެކު ހޭދަވި ދުވަސްތައް އަހަރެންނަށް ވަރަށް މުހިންމު.. އެވަގުތުތަކަކީ އަނބުރާ ލިބޭނެ އެއްޗެއް ނޫން ނަމަވެސް މެމޮރީގަ އެކަންކަން ހަރުލާފައި ހުރުމަކީ ކިހާ ސްޕްޝަލް ކިހާ އުފާވެރިކަމެއް... ނިކް ޕްލީޒް އަހަންނަށް އެހީވެދީ. އެހެންނޫނީ އަހަރެން މޮޔަވެދާނެ... " އެންމެ ފަހުން ތާޝާއަށް ރޮވިއްޖެއެވެ. ތާޝާ ރޯތަން ބަލަން އަނީކަށް ކެތެއްނުވިއެވެ. އިސްޖަހައިލަމުން ފުންނޭވައެއް ދޫކޮށްލީ އެކަމާ ފުންކޮށް ވިސްނައިލުމަށެވެ. އަނީކްގެ ޖަވާބެއްގެ އިންތިޒާރުގައި ތާޝާ އިނީ ކެތްމަދުވެފައެވެ.

" އެންމެ ރަނގަޅު... އަހަރެން އެހީވެދޭނަން.. އެކަމަކު އެއީ ޝަރުތެއްގެ މަތިން.." އިރުގަނޑެއް ފަހުން އަނީކް ބުންޏެވެ.

(ނުނިމޭ)

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!