ވާހަކަ

ދުރުގާވުން ހިތް ނޭދޭ! (ތޭވީސްވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ދުރުގާވުން ހިތް ނޭދޭ! (ފުރަތަމަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދެވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތިންވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތަރުވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނުވަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދިހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! ( އެގާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސާދަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަނަރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސޯޅަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސަތާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނަވާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ވިހިވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެކާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފައްސަވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްބީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ހަތާވީސް ވަނަބައި) ދުރުގާވުން ހިތްނޭދޭ! (އަށާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ނަވާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ތިރީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެއްތިރީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ބައްތިރީސް ވަނަ ބައި) ދުރުގާވުން ހިތްނޭދޭ! ( ތެއްތިރީސްވަނަ ބައި)

މަގުމަތީގައި އެހާ މީހުން ގިނައިރު ވެސް އެ މީހުންނަށް ފަރުވާލެއް ނުބަހައްޓާ ފޮނުވައިލި 'ފްލައިންގް ކިސް'ގެ ސަބަބުން ތާޝާ ލަދުން ހަލާކުވާ ވަރުވިއެވެ. އެހާ ދުރުން ވެސް ތާޝާ ލަދުގަތީކަން ޒިދާނަށް އެނގުނެވެ. އެހިނދު ޒިދާންގެ ތުންފަތްމައްޗަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. ޒިދާން ކަންތައްކުރި ގޮތަށް ކަންތައް ކުރަން ހިތަށް އެރި ނަމަވެސް ތާޝާއަކަށް ނުކެރުނެވެ. ލަދުރަކިވެފައި ޒިދާނާ ދިމާލަށް ބަލަހައްޓައިގެން ހުރީއެވެ. އެ ދެ މީހުންނަށް ނޭނގުނީ އެ މަންޒަރުތައް ބަލަހައްޓައިގެން އިތުރު މީހަކު ހުރިކަމެވެ. އެމީހަކު ޒިދާނާއި ތާޝާއާ ދިމާލަށް ބަލަމުން ދިޔައީ ނަފްރަތުގެ ބެލުމަކުންނެވެ.

Ads by Hajj Corporation

ކުޑަދޮރުކައިރީގައި ޒިދާނާ ވާހަކަ ދައްކަން ހުރި ތާޝާއަށް ޖީނާ އެ ކޮޓަރިއަށް ވަންއިރު ވެސް ރޭކާނުލިއެވެ. އޭސީ ޖައްސައިފައި ހުއްޓައި ތާޝާ ކުޑަދޮރު ހުޅުވައިގެން ހުރުމުން ޖީނާ ހައިރާންވިއެވެ. އޭނާއަށް ފުރަގަސްދީގެން ހުރި ތާޝާގެ ހަރަކާތްތަކުން ކޮންމެ ވެސް މީހަކާ ވާހަކަ ދައްކަނީކަން ޖީނާއަށް އެނގުނެވެ.

" ތާޝާ.. ކާކާ ތި ވާހަކަ ދައްކަނީ؟" ޖީނާގެ އަޑުއިވިފައި ތާޝާ ފަހަތް ބަލައިލީ ސިހިފައެވެ. ތާޝާ އަތުގެ އިޝާރާތުން ގާތަށް އައުމަށް ޖީނާ ކައިރީގައި ބުންޏެވެ. ޖީނާ ހައިރާންވެ ހުރެ ގޮސް ތާޝާގެ ގާތުގައި ހުއްޓުނެވެ. އެ ވަގުތު ބޭރުގައި ހުރި ޒިދާން ޖީނާއަށް ވެސް ފެނިއްޖެއެވެ. ޒިދާނަށް ޖީނާ ފެނުމުން އަތުން ހަނާއަޅައިލިއެވެ.

" ސާބަސް ތި ދެމީހުންނަށް... " ޖީނާ ކައިރިއަށް ހިނިއައެވެ.

" އަޅެ ޖީން... އަހަރެން ކީއްވެތަ ކުރީގެ އެއްވެސް ކަމެއް ހަނދާން ނުވަނީ... ޔަގީން އަހަރެންގެ މާޒީގައި ޒިދާނާ އެކު އަހަރެން އުޅުނީ ވަރަށް ލޯބިންކަން... ކުރިއަށް ވުރެ ބޮޑަށް މިހާރު އަހަރެން ބޭނުންވޭ އެ ހަނދާންތައް އަލުން އަނބުރާ ލިބެން... " ތާޝާ ޝަކުވާކޮށްލިއެވެ. ޖީނާ ހިނިތުންވާން މަސައްކަތް ކުރި ނަމަވެސް އެ މޫނުމަތިން ކޮންމެވެސް ވަރަކަށް ނުތަނަވަސްކަން ވެސް ފާޅުވިއެވެ. ބައެއް ކަންތައްތައް ހަނދާންވެއްޖެ ނަމަ ތާޝާ ބައެއް މީހުންނާ މެދު ދެކޭގޮތް ބަދަލުވެދާނެތީއެވެ.

" ޖީން އަހަރެންނަށް ޒިދާންގެ ނަމްބަރު ދޭންވީނު.. ޕްލީޒް.. އަހަރެން ވަރަށް ބޭނުން ވާހަކަދައްކަން.."  ތާޝާ އެދުނެވެ.

" ނަމްބަރު ދީފާނަން އެކަމަކު ތިދޮރު ލައްޕާބަލަ.. އެހެން ނޫނީ އޭސީ ހަލާކުވެދާނެ.." ޖީނާ ބުންޏެވެ. ތާޝާއަށް އޭސީއާ ދޭތެރޭގައި ވިސްނައިލެވުނީ ދެނެވެ. ޒިދާން ކައިރީގައި އިޝާރާތުން ދާންޖެހިއްޖެ ކަމުގައި ބުނުމުން ޒިދާން ބޯޖަހައިލިއެވެ. އެއަށް ފަހު ޖީނާ ކުޑަދޮރު ލައްޕައިލާ ފަރުދާ ކަހާލިއެވެ.

" ކޮބާ ނަމްބަރު؟" އެނދުގައި އިށީނދެ ފޯނު ނަގަމުން ތާޝާ އަހައިލިއެވެ. ޖީނާ ނަމްބަރު ކިޔައިދިނުމުން ލަހެއްފަހެއް ވެސް ނެތި އެ ނަމްބަރު ފޯނުގައި ޖަހައިލާ ވަގުތުން ގުޅައިލިއެވެ. ޖީނާއަށް ނިދުނުއިރު ވެސް ތާޝާ އޮތީ ޒިދާނަށް ގުޅައިގެން ވާހަކަ ދައްކާށެވެ.

*****

ފަތިސް ނަމާދުކޮށްގެން ޒިކުރުތައް ކިޔުމަށް ފަހު ޖީނާ ތިރިއަށް ފޭބިއެވެ. ބަދިގެއަށް ވަދެ ކޮފީއެއް ހަދަން ހުއްޓައި އެތަނަށް އައިސް ވަނީ އަނީކެވެ. އެ ފަދަ ވަގުތެއްގައި އަނީކް ފެނުމުން ޖީނާ ހައިރާންވިއެވެ.

" މޯނިން... " އަނީކް ބުންޏެވެ.

" މޯނިންގް... ރޭ ނުނިދަނީތަ؟ ނޫނީ މާ އަވަހަށް ހޭލެވުނީތަ؟" ޖީނާ އަހައިލިއެވެ.

" ނޫނޭ.. ހަމަ ރަނގަޅަށް ނިދުނު... ކޮބައިތަ ރާމިޔާ؟" ތަންތަން ހޯދައިލަމުން އަނީކް އަހައިލިއެވެ.

" ރާމިޔާ ހޯދަންތަ މިހާ އަވަހަށް ހޭލައިގެން ތިއައީ؟" ޖީނާ އަހައިލިއިރު އެ ތުންފަތްމަތީގައި ލާނެތް ހިނިތުންވުމެއް ވިއެވެ. ކުރިން އަބަދު އަނީކް ފެނުނަސް ތުންގަނޑު ދަމައިގެން ހުންނަ ޖީނާގެ ތުންފަތްމަތިން މިހާރު އަބަދުވެސް ފެންނަނީ ހިނިތުންވުމެކެވެ. މަދުން ނަމަވެސް އަނީކާ ސަމާސާ ވެސް ކުރަން ފަށައިފިއެވެ. އެކަމުގެ ސަބަބުން އަނީކް ކުރިން ޖީނާއާ މެދު ދެކެމުން އައިގޮތް ބަދަލުވެއްޖެއެވެ. މިހާރު އަނީކް ބޭނުން ވަނީ ޖީނާއާ ގާތް އެކުވެރިކަމެއް ބޭއްވުމަށެވެ.

" ނޫނޭ... ދެން ބުނެބަލަ..." އަނީކް އަނެއްކާ ވެސް އަހައިލިއެވެ.

" ރާމިޔާ ގެއަކު ނޫޅޭ.. އޭނާގެ ރަހުމަތްތެރިއެއް ބަލިވެގެން ރޭ އެ މީހާ ކައިރިއަށް ދިޔަގޮތަށް ނާދޭ... ފަހުން ގުޅައިފައި ބުނީ މިއަދު އޮފް ދުވަހަކަށް ހަދައިދޭން އެމީހާ ކައިރީގައި ހުންނަންވެގެން.." ޖީނާ ބުންޏެވެ. އަނީކް ވަކި އެއްޗެއް ނުބުނެ ބޯޖަހައިލިއެވެ.

" ކޮފީއެއް ހަދައިދެންތަ؟.." ނާހަން ހުރެފައި ވެސް ޖީނާ އަހައިލިއެވެ. އަނީކް އެވަރުން ރާމިޔާ އެ ހޯދަނީ ކޮފީއެއް ބޭނުންވެގެންނޭ ހިތަށް އެރުމުންނެވެ. އަނީކް ޖީނާއަށް ބަލައިލީ ހައިރާންވިވަރުންނެވެ. ޖަވާބެއް ނުދީ އެފަދަ ބެލުމަކުން ޖީނާ އާ ދިމާލަށް ބަލަން ހުރުމުން ޖީނާއަށް އުނދަގޫވިއެވެ.

" ކިހިނެއްވީ ތިބަލަނީ؟.. ކޮފީ ބޭނުމެއް ނޫންތަ؟" ޖީނާ އަހައިލިއެވެ.

" ނޫން.. އެހެނެއް ނޫން.. ހަނދާންވޭތަ އަހަރެން މިގެއަށް އައި ފުރަތަމަ ދުވަހު ކޮފީއެއް ދޭށޭ ބުނުމުން ޖީނާ ބުނި ވާހަކަ.. ބުނީމެއްނު ކަމަކު ބޭނުންވިއްޔާ ގޮވާނީ ރާމިޔާއަށޭ... އެދުވަސްމަތިން ހަނދާންވީ.." އަނީކް ބުންޏެވެ. އެދުވަހު އަނީކާ މެދު ކަންތައް ކުރެވުނު ގޮތް ހަނދާންވެ ޖީނާ ދެރަވިއެވެ. އެދެވަހު އަނީކާ މެދު ދެކެވުނު ގޮތާއި މިއަދު އަނީކާ މެދު ޖީނާ ދެކޭގޮތް މުޅިން ތަފާތެވެ. މިހާރު ޖީނާ ދެކެނީ އަނީކް އެއީ ގާތް ރަހުމަތްތެރިއެއްގެ ގޮތުގައެވެ. ޖީނާގެ ހަރު ހިތް އަނީކަށް ޓަކައި މަޑުކަފަކޮޅަކަށްވީ ކޮންއިރަކު ކަމެއް ޚުދު ޖީނާއަކަށް ވެސް ނޭނގެއެވެ.

" އަނީކް ދާންވީނު މޭޒު ކައިރީގައި އިށީންނަން.. އަހަރެން އެބަދަން ކޮފީއެއް ހަދައިގެން.." ޖީނާ ބުންޏެވެ. އަނީކް ވެސް ބޯ ޖަހައިލަމުން ގޮސް މޭޒުކައިރީގައި އިށީނެވެ. ބަދިގޭގައި ހަރަކާތްތެރިވަމުން ދިޔަ ޖީނާއާ ދިމާލަށް އަނީކް ބަލަން ހުރިއިރު ވިސްނެމުން ދިޔައީ ޖީނާއާ މެދުގައެވެ. ކުރިން އެކަކު އަނެކަކާ ވާހަކަ ދައްކަން ވެސް ބޭނުން ނުވާ ދެމީހުން މިހާރު ދެ އެކުވެރިންނަށް ވެއްޖެއެވެ. ކުރިން އަބަދު މޫނުމަތިން ރުޅިވެރިކަން ދައްކައިގެން ހުންނަ ޖީނާގެ ތުންފަތްމަތިން ހިނިތުންވުން ފެންނާން ފަށައިފިއެވެ. ރުޅި އައިސްފައި ހުންނައިރު އެ މޫނުމަތިން ނުފެންނަ ސާދާ ރިތިކަމެއް ހިނިތުންވުމުން ފެންނަކަށް އަނީކަށް ޤަބޫލުކުރެވުނެވެ. އެކި ޚިޔާލުތަކަށް ގެއްލިފައި އިން އަނީކަށް ހޭވެރިކަމެއްވީ ޖީނާ އޭނާގެ ކުރިމަތީގައި ކޮފީތަށި ބެހެއްޓުމުންނެވެ. އެއަށް ފަހު ޖީނާ ވެސް މޭޒުކައިރިން ގޮނޑިއެއް ދަމައިލުމަށް ފަހު އިށީނެވެ.

" ތެންކްސް.. ވަރަށް މީރު ކޮފީ.." ކޮފީތަށިން ކޯވަރެއް ބޯލުމަށް ފަހު އަނީކް ބުންޏެވެ.

" އަނީކް... އޭރު އަހަރެން އަނީކާ މެދު ކަންތައް ކުރެވުނީ އެހާ ރަނގަޅަކަށް ނޫން.. ސޮރީ ވަރަށް ބޮޑަށް.. މިހާރު އެނގިއްޖެ އަނީކް ތީ އަހަރެން ހީކުރި ފަދަ ގޯސް މީހެއް ނޫންކަން.. " ޖީނާ ބުންޏެވެ.

" އެކަމާ އަޅާނުލާ... އެނގޭ އޭރު ޖީނާ އެ ގޮތަށް ކަންތައްކުރީ ތާޝާއާ ދޭތެރޭގައި ވިސްނާތީކަން... ތާޝާ އަސްލު ވަރަށް ނަސީބު ގަދަ ތިކަހަލަ ކަޒިންއެއް އަދި ގާތް ރަޙުމަތްތެރިއެއް ހުރީމަ.. " އަނީކް ބުންޏެވެ. ޖީނާ ހިނިތުންވެލިއެވެ. އެއަށް ފަހު ދެން އައީ ހިމޭން ކަމުގެ ވަގުތުކޮޅެކެވެ. ޖީނާއަށް އިރުއިރުކޮޅާ އަނީކާ ދިމާލަށް ބަލައިލެވެނީ ވާހަކައެއް އަހާލަން ބޭނުންވެފައި އިންވަރުންނެވެ. އެހެން ނަމަވެސް އަނީކް ހިތަށް އަރާފާނެ އެއްޗެއް ނޭނގޭތީ އަހާލާކަށް ނުކެރުނެވެ.

" ވާހަކައެއް ބުނަން ބޭނުންވަނީތަ؟.." ޖީނާގެ ބެލުން ފާހަގަވެ އަނީކް އަހައިލިއެވެ. އެހާ ރަނގަޅަށް އަނީކަށް އެކަން ފާހަގަވުމުން ޖީނާ ލަދުގަތެވެ. އެކަން ޖީނާގެ މޫނުން އެނގިގެން ދިޔައީ އެމޫނަށް ވެރިވި ރަތްކަމުގެ ސަބަބުންނެވެ. އަނީކަށް މި މަންޒަރު ފެނި ހިނިއަންނަ ގޮތްވިއެވެ. އެހެނީ ޖީނާގެ ފަރާތުން އެފަދަ ކަމެއް އަނީކަށް ފެނުނު މީ ފުރަތަމަ ފަހަރެވެ.

" އާނ.. އަހަރެން އަހާލަން އުޅުނީ.. އަދިވެސް... ތާޝާ ދެކެ.. މިބުނީ އަދިވެސް ދެރަވޭ ހެއްޔޭ؟" ލަދު ގަނެފައި އިންވަރުން ޖީނާ އަހަން ބޭނުންވިގޮތަށް އަހައެއް ނުލެވުނެވެ. އަމިއްލަ މޮޔަކަން ހިތަށް އަރައިފައި ޖީނާ އަމިއްލަ ނަފްސަށް ކުދިކިޔާލިއެވެ.

" ހަހަ.. އެވަރުގެ ވާހަކައެއް އަހާލަން ނުކެރިގެންތަ އުޅުނީ..." އަނީކް ހެވިފައި އިނދެ ބުންޏެވެ. ޖީނާގެ މޫނަށް ވެރިވެފައިވީ ރަތްކަން ވީ އިތުރެވެ. އެމަންޒަރު ފެނި އަނީކަށް މަޖާވިއެވެ. އިތުރަށް ޖީނާ ލަދުގަންނަވާލަން ވެސް ބޭނުންވިއެވެ. އެހެން ނަމަވެސް ޖީނާގެ މިޒާޖު އެނގޭތީ އެ ޚިޔާލު ދޫކޮށްލިއެވެ.

" ތެދަށް ބުނަންޏާ ތާޝާ އަހަންނަށް ލިބެން ނެތްކަން އެނގުމުން ވަރަށް ދެރަވި.. އެކަމަކު އެއީ އަހަރެން ޤަބޫލުކުރަން ޖެހޭ ހިތި ހަޤީގަތެއް.. އަހަރެން އެދުވަހު ބުނީމެއްނު ހާސިލް ކުރަން އުޅެގެން ނުލިބުނު އުފާ ޤުރުބާންވެގެން ލިބޭތޯ ބަލާނަމޭ.. މިހާރު އަހަރެންނަށް ޤަބޫލު ކުރެވިއްޖެ ތާޝާ ދެކެ ހަޤީޤީ ލޯބި ވަނީ ހަމައެކަނި ޒިދާންކަން... އަދި ތާޝާ ވެސް ލޯބިވަނީ ހަމައެކަނި ޒިދާން ދެކެކަން.. އޭނާގެ މާޒީ ހަނދާންނުވެ ހުރެ ވެސް ދެވަނަ ފަހަރަށް ތާޝާއަށް ޒިދާން ދެކެ ލޯބި އެ ވެވުނީ އެއީ ހަޤީޤީ ތެދުވެރި ލޯތްބަށް ވީމަ.. ތާޝާއަށް ޓަކައި އަހަރެން މިއަދު މިހިރީ ވަރަށް އުފަލުން.. ވެދާނެ އަހަރެންނަށް ތާޝާ ދެކެ ވެވުނީ ހަޤީޤީ ލޯބި ނޫންކަމަށް ވެސް.. މޭ ބީ އިޓް ވޯޒް އޭން އިންފަޓުއޭޝަން... އަހަރެން މިހާރު ތާޝާއާ މެދު ދެކެނީ ގާތް ރަޙުމަތްތެރިއެއް ގޮތަށް..." އަނީކް ބުންޏެވެ. އެ ވާހަކަތައް އަޑުއިވިފައި ޖީނާ ހިނިތުންވެލިއެވެ.

" ތެންކްސް ޖީނާ..." އަނީކް ބުނެލިއެވެ. ޖީނާ އަނީކަށް ބަލައިލީ ހައިރާންވެފައެވެ.

" އެއީ ކޮންކަމަކާ؟" ޖީނާ އަހައިލިއެވެ.

" އަހަރެން އަނދިރީގެ ތެރެއިން އަލިކަމަށް ނެރެދިނީތީ.. އަހަރެންނަށް ހެޔޮ ގޮތް ވިސްނައިދިނީތީ.. އެރޭ ޖީނާ އަހަރެންނަށް ވިސްނައި ނުދިން ނަމަ މިއަދު އަހަރެން ހުރީހީ މުޅިން ތަފާތު ހާލަތެއްގަ ކަންނޭނގެ.. އަހަރެންގެ ހަޔާތް ބަދަލުވީ ޖީނާގެ ސަބަބުން... " އަނީކް ބުންޏެވެ.

" އައިމް ހެޕީ ފޯރ ޔޫ... އަނީކް ތީ ވަރަށް އަސްލު ވަރަށް ރަނގަޅު އިންސާނެއް... " ޖީނާ ބުންޏެވެ.

ދެން އެދެމެދަށް ވެރިވެގެން ދިޔައީ ހިމޭންކަމުގެ ވަގުތުކޮޅެކެވެ. ބުނާނެ އެއްޗެއް ދެމީހުންނަށް ވެސް ނޭނގުނީއެވެ. ކޮފީ ތަށި ހުސްވުމުން ޖީނާ އިންތަނުން ތެދުވިއެވެ.

" ދަނީތަ..؟" އަނީކް އަހައިލިއެވެ.

" ނޫނޭ.. މިއަދު ރާމިޔާ ނާންނާނެ.. އެހެންވީމަ ހެނދުނު ސައިބޯން އެއްޗެއް ހަދަން ޖެހޭނެއްނު.." ތެދުވެގެން ދަމުން ޖީނާ ބުންޏެވެ.

" އޭރުން ސްކޫލަށް ދާން ގަޑި ނުޖެހޭނެތަ.؟" އަނީކް އަހައިލިއެވެ.

" ތާޝާގެ ކަންތައް ހަމައަކަށް އެޅެން ދެން ކުޑަ ޗުއްޓީއެއް ނަގައިފިން.. އެހެންވީމަ ދެ ހަފްތާ ވަރުވަންދެން ގޭގައި ހުންނާނީ.." ޖީނާ ބުންޏެވެ.

" އެހެންތަ..؟؟ ކޯންޗެއް ސައިބޯން ހަދަނީ؟" އިންތަނުން ތެދުވެގެން ގޮސް ކޮފީ ހުސްކުރި ތަށި ޒިންކަށް ލަމުން އަނީކް އަހައިލިއެވެ.

" އެގް ސޭންޑްވިޗާއި ޕޭން ކޭކްސް ހަދަން ކަމަށް.. ދެން މެންގޯ ޖޫސް.." ޖީނާ ކިޔައިދިނެވެ.

" އަހަރެން ހެލްޕެ ވެދެންތަ.. ޕްލީޒް ނުބުނައްޗެ ނޫނެކޭ... ޕޭންކޭކްސް ހެދުމަކީ އަހަރެން ވަރަށް ކުރާހިތްވާ ކަމެއް... މެލޭގަ ބައެއް ދުވަސްދުވަހު މަންމައަށް ހެލްޕްވާން އަހަރެން ޕޭންކޭކްސް ހަދަން..." އަނީކް ބުންޏެވެ.

" ޔަގީންތަ އެނގޭނެކަން؟" ސޭންޑްވިޗް ހަދަން ބޭނުންވާނެ ބައެއް ތަކެތި ފްރިޖުން ނަގަމުން ޖީނާ އަހައިލިއެވެ.

" ޔަގީން.. އެއްފަހަރު ކައިފަ އަނެއްފަހަރު ކާހިތްވާނެކަން ޔަގީން.." އަނީކް ބުންޏެވެ.

" އޯކޭ އެހެންވީއިރު..." ހީލަމުން ޖީނާ ބުންޏެވެ. އެކި ވާހަކަތަކުގައި ތިބެ އަނީކާއި ޖީނާ ވެގެން ވަރަށް ކުޑަހިނދުކޮޅެއްގެ ތެރޭގައި ހެނދުނުގެ ސައި ތައްޔާރުކޮށް ނިންމާލިއެވެ.

*****

ލޯ ހުޅުވާލެވުމާ އެކު ފުންމައިގެން ތާޝާ ތެދުވިއެވެ. ރޭ އޭނާއަށް ނިދުނީ ވެސް ޒިދާނާ ވާހަކަ ދައްކަން އޮއްވައެވެ. ގައިމަތީގައި އޮތް ކުއިލްޓް އެއް ފަރާތަކަށް އެއްލައިލަމުން ތާޝާ އެނދުމަތިން ތެދުވެގެން ކުޑަދޮރާ ދިމާލަށް ދިޔައީ ދުވެފައި ކަހަލަ ގޮތަކަށެވެ. ފަރުދާ ކަހައިލާފައި ކުޑަދޮރު ހުޅުވާލުމަށް ފަހު ދެކޮޅު ހޯދާ ބަލައިލީ ޒިދާން ހުރިތޯއެވެ. ނަމަވެސް އެއްވެސް ދިމާލަކުން ޒިދާންގެ ހިލަމެއް ނުވިއެވެ. ތާޝާ މާޔޫސްވިއެވެ. އަބަދާއި އަބަދު ތާޝާއަށް އެދެވެނީ ޒިދާން ފެންނަފަށުގައި ހުރުމަށެވެ. ކުޑަދޮރު ލައްޕާލުމަށް ފަހު ތާޝާ ގޮސް އެނދުމަތީގައި އޮތް އޭނާގެ ފޯނު ނެގިއެވެ. މެސެޖެއް އައިސްފައި އޮތުމުން ހުޅުވައިލިއެވެ. ޒިދާންގެ މަސެޖެއްކަން އެނގުމުން މާޔޫސްވެފައިވާ މޫނުމަތިން އަނެއްކާ ވެސް އުފާވެރިކަން ފެނިގެން ދިޔައެވެ.

" މޯނިންގް މައި ލަވް... މިދަނީ ގެއަށް ނިދާލަން... މިއަދު ޖެހޭ ޖޮބް އިންޓަވިއުއަކަށް ދާން ވެސް... ވިޝް މީ ލަކް.. އިރާދަކުރެއްވިއްޔާ މިރޭ ވެސް ޕްރިންސެސް ދެކިލުމަށް ގެކައިރިއަށް ދާނަން.. ވެއިޓް ފޯރ މީ.." ޒިދާންގެ މެސެޖް ކިޔައިފައި ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ތާޝާ ހިނިތުންވެލިއެވެ.

" ގުޑްލަކް! މިހާރުއްސުރެ ފެށިގެން އިންތިޒާރުގަ." މިހެން ލިޔެލުމަށް ފަހު ތާޝާ ޒިދާނަށް މެސެޖެއް ފޮނުވައިލިއެވެ. އެއަށް ފަހު އެނދުމަތީގައި ފޯނު ބޭއްވުމަށް ފަހު ތުވާލި ހިފައިގެން ގޮސް ފާޚާނާއަށް ވަނެވެ.

*****

ޒައިނާއަށް ހޭލެވުނީ ހެނދުނު ހަތެއް ޖަހާ ބޮޑުވި ފަހުންނެވެ. ކައިރީގައި އޮތް މާޒް އަރާމު ނިންޖަކުން ނިދައިލައިފައި އޮތެވެ. ނިދިން ހޭނުލުވެމުގެ ސަބަބުން ފަތިސް ނަމާދު ދޫވެއްޖެކަން އެނގުމުން ޒައިނާ ދެރަވިއެވެ. އެހެންކަމުން އެންމެ ފުރަތަމަ ވެސް ފާޚާނާއަށް ވަދެ ފެން ވަރައިގެން ނިކުމެ ޒައިނާ ފަތިސް ނަމާދު ގަޟާ ކޮށްލިއެވެ. ޒިދާންގެ އިންތިޒާރުގައި ރޭގައި އެތައް އިރެއް ވަންދެން ޒައިނާ އިންތިޒާރުގައި އިނެވެ. އެތައް ފަހަރަކު ޒިދާންގެ ފޯނަށް ގުޅަން ވެސް ގުޅިއެވެ. ފުރަތަމަ ދެތިން ފަހަރު ގުޅިއިރު ކޯލް ވެއިޓިންގައި އިނުމުން ގުޅޭގޮތެއް ނުވިއެވެ. ދެން ގުޅިއިރު ފޯނު އޮންނަނީ ނިއްވައިލައިފައެވެ. ޒައިނާ އެހާ ކަންބޮޑުވީ ޒިދާން ކުރީގެ ދިރިއުޅުމަށް އެނބުރި ރުޖޫއަ ވެދާނެތީއެވެ. ފަތިސް ނަމާދުކޮށް ނިމުމާ އެކު ޒައިނާ އަވަސް ފިޔަވަޅުތަކެއް އަޅަމުން ގޮސް ޒިދާންގެ ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. އެނދުގައި ނިދާފައި އޮތް ޒިދާން ފެނުމުން ޒައިނާއަށް ހިތްހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. ޒައިނާ ގަޑިއަށް ބަލައިލިއިރު އަށެއް ޖަހައިފިއެވެ. އަވަހަށް ބަދިގެއަށް ވަނީ ޒިދާން އިންޓަވިއުއަށް ދިއުމުގެ ކުރިން ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމަށެވެ.

މޭޒުމައްޗަށް ތަށިތައް އެރުވުމަށް ފަހު ޒައިނާ ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އޭރު މާޒް ހޭލައިގެން އޭނާގެ ޓެބްލެޓުން ނަރސަރީ ރައިމްސް ބަލަން އޮތެވެ. މާޒް ނަގައިގެން ފެންވަރުވާ ތައްޔާރުކޮށްލުމަށް ފަހު ގެންގޮސް މޭޒުކައިރީގައި ބައިންދާފައި ޒައިނާ ޒިދާންގެ ކޮޓަރިއަށް ވަނީ އިންޓަވިއުއަށް ދާ ގަޑި ޖެހޭތީ ޒިދާނަށް ގޮވުމަށެވެ. ޒިދާންގެ އެނދުގެ އަރިމަތީގައި އިށީންނަމުން ޒައިނާ ދެ ފަހަރަކު ޒިދާންގެ އަތުގައި ކޮށްޓައިލަމުން ގޮވައިލިއެވެ.

" ކީކޭ ދޮންތާ..." ނިދިބަރުވެފައިވާ އަޑުން ޒިދާން ބުންޏެވެ. ލޯހުޅުވަން ބޭނުން ނުވީ ނިދި އައިސްފައި ހުރިވަރުންނެވެ. އަނެއްފަރާތަށް އެނބުރި މޫނުގައި ބާލިސް އަޅަން އުޅުނު ވަގުތު ޒައިނާ އެ ބާލިސް އަތުލިއެވެ.

" ޒިދާން ތެދުވެބަލަ އަވަހަށް.. އެއޮށް އިންޓަވިއުއަށް ދާ ގަޑިޖެހެނީ.." ޒިދާންގެ ކޮނޑުގައި ހިފައިފައި ތަޅުވައިގަންނަމުން ޒައިނާ ބުންޏެވެ. އެހެންބުނުމާ އެކު ޒިދާން ތެދުވެއްޖެއެވެ. ތެދުވެ އެނދުގައި އިށީނުމަށް ފަހު ޗާޖަރަށް ޖަހައިފައި އޮތް ފޯނު ނަގާ ގަޑި ބަލައިލިއެވެ.

" ދޮންތާ އަދި ނުވައެއް ވެސް ނުޖަހައެއްނު.. ދިހައެއް ޖަހާއިރަށޭ ދާން ޖެހެނީ..." ކަންނެތްވެފައި އަޑުން ޒިދާން ބުންޏެވެ. ފޯނަށް އައިސްފައި އޮތް ތާޝާގެ މެސެޖް ޒިދާނަށް ފެނުނީ އެވަގުތުއެވެ. އެ މެސެޖު ކިޔައިލުމާ އެކު ޒިދާނަށް ހިނިތުންވެވުނެވެ.

" ސައިބޮއެގެން ފެންވަރައިގެން ދާއިރު ހުންނާނީ ގަޑިޖެހެން ކައިރިވެފަ.. އެހެން ނޫނަސް ދޮންތަ ވާހަކައެއް އަހައިލަން ބޭނުންވެފަ ހުރީމަ.." ޒައިނާ ބުންޏެވެ.

" ރޭގަ ކިހާ އިރަކު ގެއަށް އައީ؟' ޒައިނާ ސުވާލުކޮށްލިއެވެ. ޒައިނާ ކުރި ސުވާލަށް ޖަވާބުދޭން ޒިދާން ފަސްޖެހުނެވެ. އެހެން ނަމަވެސް އެއްވެސް ކަމެއް ޒައިނާއަށް އޮޅުވައިލާކަށް ޒިދާން ބޭނުމެއްނުވިއެވެ.

" ދޮންތާ.. ވެދިޔަ ކަންތަކަށް ފަހު އަހަރެން ބޭނުން އަހަރެންގެ ފަރާތުން ދެވެން އޮތް ހިމާޔަތެއް ތާޝާއަށް ދޭން... އެހެންވެ އަހަރެން ރޭގައި ހުރީ އެގޭ ކައިރީގައި... އެމީހެއްގެ ފަރާތުން ދެން ތާޝާއަށް ގެއްލުމެއް ލިބިއްޖެ ނަމަ އަހަރެންނަށް އަމިއްލަ ނަފްސަށް މައާފެއް ނުކުރެވޭނެ.. ދެވަނަ ފަހަރަށް ތާޝާއާ ދުރުގާވުމަށް އަހަރެންގެ ހިތް ނޭދޭ... " ޒިދާން ކިޔައިދިނެވެ. ޒައިނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާގެ ކޮއްކޮ ތާޝާދެކެ ލޯބި އެވަނީ މީހަކު މީހަކު ދެކެ ލޯބިވާނެ އެންމެ ބޮޑަށެވެ.

" ކޮއްކޮއަށް އުޅެވޭނެތަ ތިހެން... ތާޝާއާއި ކޮއްކޮއަށް އެކީގައި އުޅެވެން އޮތީ ވަރަށް ގިނަ ހުރަސްތަކެއް ކަޑައްތުކޮށްގެން.. " ޒައިނާ ބުންޏެވެ.

" ތާޝާ އަހަރެންނާއެކު ހުރިއްޔާ ތި ހުރަސްތައް ކަޑައްތުކުރުމަކީ އަހަރެންނަށް ވަރަށް ފަސޭހަކަމެއް.." ޒިދާން ބުންޏެވެ. ޒައިނާ ހިނިތުންވެލަމުން ޒިދާންގެ ބޮލުގައި ފިރުމައިލިއެވެ.

" ރާއިފް ކިހިނެއް މިހާރު.. ކޮންއިރަކު ދޫކޮށްލަނީ.." ޒިދާން އަހައިލިއެވެ.

" އަލްހަމްދުލިﷲ މިއަދު ރާއިފް ގެއަށް ދޫކޮށްލާނެ ވާހަކަ ބުނި.. " ޒައިނާ ޖަވާބުދިނެވެ. ރާއިފްގެ ހާލު ރަނގަޅުވެ ގެއަށް އެނބުރި އަންނަން އުޅޭތީ ޒިދާން އުފާކުރިއެވެ. އެހެން ނަމަވެސް ހިތުގައި ނުތަނަވަސްކަމެއް ވެސް ވިއެވެ.

*****

ދާނިޔާލްއާއި އަންސޫދާ އެއްގެއެއްގެ ތެރޭގައި އުޅެމުން ދިޔަ ނަމަވެސް ދެ ބީރައްޓެހިން ފަދައެވެ. އެ ދެމެދުގައި ފާރެއް ލެވިފައިވާ ކަހަލައެވެ. އެކަކު ވެސް ގޮތް ދޫކުރާކަށް ބޭނުމެއް ނުވިއެވެ. ދެމީހުން ނިދަނީ ވެސް ދެ ކޮޓަރިއެއްގައެވެ. އަންސޫދާގެ ފޯނު އަދިވެސް އޮތީ ދާނިޔާލްގެ އަތުގައެވެ. އެ ފޯނު އަންސޫދާ އަތަށް ދޭން ދާނިޔާލް ބޭނުން ނުވަނީއެވެ. ދީފި ނަމަ ދާނިޔާލް ބޭނުންވާގޮތަށް ކަންތައް ނުވެދާނެތީއެވެ. އަންފޫޒާ ތާޝާއާ ބެހޭގޮތުން ފޮނުވައިފައި އޮތް މެސެޖް ދާނިޔާލްއަށް ފެނުނެވެ. އެހެން ނަމަވެސް އޭނާ އެކަމާ މާބޮޑު އަޅައިލުމެއް ހުރިހެނެއް ހިޔެއް ނުވިއެވެ.

ދާނިޔާލް ކައިރީގައި ފޯނު ދޭށޭ ބުނާކަށް އަންސޫދާ ވެސް ބޭނުމެއް ނޫނެވެ. އަމިއްލައަކަށް ފޯނެއް ގަންނާކަށް ވެސް  ބޭނުމެއް ނޫނެވެ. އޭނާ އިންތިޒާރު ކުރަމުން ދިޔައީ ދާނިޔާލް އޭނާ ކައިރީގައި މައާފަށް އެދި އެ ފޯނު އަނބުރާ އޭނާ އަތަށް ދޭނެ އިރަކަށެވެ.

ސޯފާގައި ވާހަކަ ފޮތެއް ހިފައިގެން އަންސޫދާ އިންއިރު ދާނިޔާލް މޭޒު ކައިރީގައި ލެޕްޓޮޕް ހިފައިގެން މަސައްކަތެއް ކުރަން އިނެވެ. ފޯނަށް މެސެޖެއް އައި އަޑު އިވިފައި ދާނިޔާލް ފޯނު ނަގައި ބަލައިލިއެވެ. އައިސްފައި އޮތީ ވީޑިއޯ މެސެޖެކެވެ. އެވީޑިއޯ ބަލާ ނިމުނުއިރު ދާނިޔާލް ރުޅިއައިސްގެން ފަޅައިގެންދާން ކައިރިވެއްޖެއެވެ. އައި ރުޅިއާ އެކު ފޯނު ތަށިމުށިގަނޑު މައްޗަށް ޖެހިއެވެ. އެއާ އެކު ފޯނުގެ އެކި އެތިކޮޅުތައް އެކި ދިމާލަށް ބުރައިގެން ދިޔައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!