ވާހަކަ

ދުރުގާވުން ހިތް ނޭދޭ! (ދިހަވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ދުރުގާވުން ހިތް ނޭދޭ! (ފުރަތަމަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދެވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތިންވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތަރުވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނުވަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދިހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! ( އެގާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސާދަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަނަރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސޯޅަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސަތާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނަވާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ވިހިވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެކާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފައްސަވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްބީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ހަތާވީސް ވަނަބައި) ދުރުގާވުން ހިތްނޭދޭ! (އަށާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ނަވާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ތިރީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެއްތިރީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ބައްތިރީސް ވަނަ ބައި) ދުރުގާވުން ހިތްނޭދޭ! ( ތެއްތިރީސްވަނަ ބައި)

"މއ. ސޯސަންހިޔާ.." ޖީނާ ކިޔައިލިއެވެ. އާދެވުނީ ރަނގަޅު ތަނަށްކަން އެނގުމުން ޖީނާއަށް ހީނލެވުނެވެ. ދޮރުމަތީގައި ހުއްޓުމަށް ފަހު ޓަކިޖަހަން އަތް ހިއްލައިލެވުނެވެ. އެހެން ނަމަވެސް ފަސްޖެހެވުނެވެ. އަތް ތިރިކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. ހިތްވަރުކޮށްލައިފައި އަނެއްކާ ވެސް އަތް ހިއްލައިލިއެވެ. ޓަކިޖަހަން އުޅުނު ވަގުތު ގޭ ދޮރު ހުޅުވައިލައިފިއެވެ. އެހިނދު ދޮރުން އެތެރޭގައި ހުރި މީހަކު ފެނިފައި ޖީނާއަށް ހިތްހަމަޖެހުމުގެ ނޭވައެއް ލެވުނެވެ.

Ads by STELCO

ޒައިނާ ބުނެގެން ފިހާރައަށް ދާން ނިކުތް ޒިދާން ދޮރު ހުޅުވައިލިއިރު ކުރިމަތީގައި ހުރި ޖީނާ ފެނި ހިނދުކޮޅަކަށް ހުއްޓުން އެރިއެވެ. ޖީނާގެ އަތުގައި ހިފައި އެއްކައިރިކޮށްލަމުން މަޑުމަޑުން ގޭގެ ދޮރު ލައްޕައިލީ ޒައިނާއަށް ފެނިދާނެތީއެވެ. އެހެނީ ޖީނާ އެއީ ކާކުކަން ޒައިނާއަށް ރަނގަޅަށް އެނގޭނެއެވެ.

" ޖީން... ތިއައީ ތާޝާގެ ވާހަކަ ދައްކަން ކަމަށްވާނަމަ ތިކަމަށް އަހަރެންގެ އެއްވެސް ޝައުޤުވެރިކަމެއް ނެތް.. " ދެފަރާތް ބަލައިލަމުން ޒިދާން ބުނެލިއެވެ. ޒިދާންގެ އަނގައިން ކޮންމެ ވާހަކައެއް ދެއްކިޔަސް އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ މުޅިން ތަފާތު ކުލަވަރެކެވެ. ޖީނާއަށް ވަރަށް ރަނގަޅަށް އެކަން ފާހަގަ ވިއެވެ.

" ލުކް ޒިދާން... އަހަރެންނަށް އެނގޭ ޒިދާން ތިހުންނަނީ ތާޝާ ކަންތައް ކުރިގޮތުން ވަރަށް ހިތުގައި ޖެހިފައިކަން.. އެކަމަކު އެއީ ހަޤީގަތެއް ނޫން..." ޒިދާނަށް ހަޤީގަތް ކިޔައިދޭން ޖީނާ މަސައްކަތް ކުރިއެވެ.

" ރިއަލީ... އޭނަ އެހެން ފިރިހެނެއްގެ އަތުގައި ހިފައި ވާން އުޅޭ ފިރިމީހާއޭ ބުނީ އަހަރެންގެ ކުރިމަތީގަ.. މި ދެ ލޮލުން އެމަންޒަރު ދެކި އަދި މިކަންފަތަށް އެބުނި އެއްޗެއް ރަނގަޅަށް އިވުނު... ދެން ކޮން ހަޤީގަތެއް އޮންނާނީ... ޕްލީޒް ޖީން.. އަހަރެން ޖީންއާ ދޭތެރޭގައި އެއްވެސް ހިތް ބުރަކަމެއް ނެތް...  ވަރަށް ދުވަހު ތާޝާއަށް އިންތިޒާރު ކުރިން.. އެކަމަކު ދެން މިހާރު ބޭނުން ވަނީ މޫވްއޮން ކުރަން" ޒިދާން ބުންޏެވެ. އޭނާ އެބުނި އެއްޗަކާ މެދު އޭނާގެ ހިތް ދެކޮޅުހެދިކަން ޔަގީނެވެ.

" ބައެއްފަހަރު ލޮލަށް ފެންނަ ފެނުމާއި، ކަންފަތަށް އިވޭ އިވުމަކީ ހަޤީގަތަށް ނުވެ ވެސް ހިނގައިދާނެ.. ޒިދާނަށް ތިހުރެވެނީ ވަރަށް ބޮޑު އޮޅުމެއްގެ ތެރޭގައިކަން ޔަގީން... އެއްފަހަރު ވެސް އަހަރެން މިބުނާ އެއްޗެއް އަޑުއަހާބަލަ! އޭރުން ޒިދާން ވެސް ގަބޫލުކުރާނެކަން ޔަގީން!" ޒިދާނަށް ވިސްނައިދޭން މަސައްކަތް ކުރަމުން ޖީނާ ބުންޏެވެ.

" އެންމެ ރަނގަޅު!! ކިޔާބަލަ!! އަހަރެން މިހުރީ އަޑުއަހަން.. ތިބުނާ ހަޤީގަތަކީ ކޮބައިތޯ ބަލަން އަހަރެން ވެސް ބޭނުން" ޒިދާން ބުންޏެވެ. ޖީނާއަށް ހަށިފުރާ ނޭވައެއް ލެވުނީ ލިބުނު ހިތްހަމަޖެހުމަކުންނެވެ. އޭނާ ޒިދާނަށް ހުރިހާ ވާހަކަތަކެއް ކިޔައިދޭން ތައްޔާރުވެލިއެވެ.

" އަޑުއަހާ!! އެރޭ ޒިދާންގެ ކުށެއް ނެތްކަން އެނގުނު ވާހަކަ ތާޝާ އަހަރެން ގާތުގައި ވެސް ބުނި.. ޒިދާންއާ ބައްދަލުކުރަން ދާން އުޅޭ ވާހަކަ ވެސް ބުނި... އެހެން ބުނިތާ ނުވާނެ އެއްގަޑިއިރު ވެސް ކުޑަބައްޕަ ގުޅާފައި ބުނީ ތާޝާ އެކްސިޑެންޓް ވެއްޖެ ކަމަށް އަދި ހާލު ވަރަށް ސީރިއަސް ކަމަށް... ވަގުތުން އެމީހުން ފުރައިގެން ދިޔައީ މެލޭޝިޔާއަށް.. ދިޔަތަނުން ތާޝާ ދިޔައީ ކޯމާއަކަށް.. ކޯމާގަ ހަތަރު އަހަރު ވަންދެން އޮތީ.. ހޭއެރިއިރު އެކްސިޑެންޓްވުމުގެ ކުރިން ފާއިތުވި ހަތަރު އަހަރުތެރޭ ހިނގައިދިޔަ އެއްވެސް ކަމެއް ހަނދާނެއްނެތް... " ޖީނާގެ ވާހަކަތައް އިވިފައި ޒިދާންއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ހައިރާންކަމެއްގައި ޖީނާއާ ދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

" ތާޝާގެ މައިންބަފައިން ތާޝާއަށް ކިޔައިދިން ގޮތުން އޭނާ އެކްސިޑެންޓް ވީ މެލޭޝިޔާގައި.. ތާޝާއަށް އެއްވެސް ކަމެއް ކިޔައިނުދިނުމަށް އަހަރެންނަށް މަޖުބޫރު ކުރި.. އެކަމަކު އަހަރެންނަށް އޮޅިގެން އެއް ދުވަހު ތާޝާ ގާތުގައި ބުނެވުނީ ތާޝާ އެކްސިޑެންޓް ވީ މާލޭގައޭ.. އެހެންވެ އޭނަ މިކޮޅަށް އައީ އޭނާގެ ގެއްލުނު ހަނދާންތައް އަނބުރާ ލިބޭތޯ... ހަޤީގަތް ހޯދަންވެގެން.. އޭނާގެ މައިންބަފައިންގެ ނުރުހުމުގަ.. އެކަމަކު އަހަރެން ކިހިނެއް ކިޔައިދެނީ.. އަހަރެންނަށް މަޖުބޫރު... ޕްލީޒް ޒިދާން!! ތާޝާއަށް އެހީވެދީ.. އެހެންނޫނީ އެކުއްޖާ މޮޔަވެދާނެ.. އަހަރެންގެ މަންމަގެ ސަބަބުން ތާޝާއަށް އެއްވެސް އެއްޗެއް ކިޔައިދެވޭކަށް ނެތް.. ޒިދާނާ ބައްދަލުކުރިކަން އެނގުނަސް ވަރަށް ރުޅި އަންނާނެ.. އަހަރެން ޒިދާނާ ބައްދަލުކުރަން މިތަނަށް މިއައީ ވަރަށް ބޮޑު ރިސްކެއް ނަގައިގެން.. ހަމަ އެކަނި ތާޝާއަށް ޓަކައި" ފަހު ޖުމްލައާ އެކު ޖީނާއަށް ރޮވިއްޖެއެވެ. ޒިދާންގެ ދެލޮލުން ވެސް ކަރުނަ ހިލުނެވެ. ތާޝާއާ ދޭތެރޭގައި އެގޮތަށް ކަންތައްވެފައި އޮވެދާނެ ކަމަށް އޭނާ ކުޑަކޮށް ވެސް އުއްމީދެއް ނުކުރެއެވެ. ވަގުތުން އޭނާގެ ހިތް މަޑު ކަފަކޮޅަކަށް ވިއެވެ. ތާޝާގެ ގާތަށް ދާން ބޭނުންވިއެވެ. ތާޝާގެ ގާތުގައި ހުއްޓުމަށް ފަހު އެހަށިގަނޑުގައި ބާރަށް ބައްދައިލަން ހިތްއެދުނެވެ.

" ކީއްވެ އަހަރެން ކައިރީ ނުބުނީ ތާޝާގެ އެކްސިޑެންޓްގެ ވާހަކަ.. އެރޭ ތާޝާއާ ބައްދަލުކުރަން ބުނި ތަނުގައި އަހަރެން ހާދަ އިރެއްވަންދެން ހުރީމޭ... އަހަރެންނަށް ހީކުރެވުނީ ތާޝާ އަހަރެން ދޫކޮށްލާފައި ދިޔައީއޭ... ކުޑަކޮށްވެސް ހިތަކަށް ނާރާ ތިފަދަ ގޮތަކަށް ވެދާނޭ ...." ޒިދާންގެ އަޑު ކުރެހިއްޖެއެވެ. ތާޝާއަށް ދިމާވީ ކޮންކަމެއްތޯ ބަލަން އެންމެ ރަނގަޅަށް މަސައްކަތް ނުކުރެވުނީތީ އަމިއްލަ ނަފްސު ކުށްވެރި ކުރިއެވެ.

" އަހަރެން ޒިދާން ގާތުގައި ބުނަން ބޭނުންވި.. އެކަމަކު މަންމަ އަހަރެންނަށް މަޖުބޫރު ކުރީ.. ކުޑަބައްޕަ ބޭނުން ނުވީ ޒިދާނަށް އަންގަން.." ޖީނާ އިތުރަށް ކިޔައިދިނެވެ.

" އެހެންވިއްޔާ އެއީ ކޮންފިރިހެނެއް..؟ ކީއްވެ ތާޝާ އޭނާގެ އަތުގައި ހިފީ.؟؟ " ކުއްލިއަކަށް ހަނދާންވެގެން އަހައިލާ ފަދަ ގޮތަކަށް ޒިދާން އަހައިލިއެވެ. އޭނާ ހުރީ ތާޝާގެ ހުރިހާ ކަމެއް އެނގެން ބޭނުންވެފައެވެ.

" އެއީ އަނީކް... ތާޝާގެ ގާތް އެކުވެރިއެއް.. ތާޝާ ގާތް ރަހުމަތްތެރިއެއް... ރާއްޖެ އަންނަން ތާޝާއަށް އެހީވެދިނީ އޭނަ.. އަހަރެން އެއްވެސް ކަމެއް ފޮރުވާކަށް ބޭނުމެއް ނޫން.. އަނީކް ލަވްސް ތާޝާ.. އެކަމަކު ތާޝާ ދެކެނީ ހަމައެކަނި ހެޔޮއެދޭ ގާތް ރަހުމަތްތެރިއެއް ގޮތަށް.. ތާޝާ އޭނާއާ އިންނަ ވާހަކަ އެބުނީ ހަގީގަތް ނޭނގޭތީ... އޭނާގެ ހަޤީގީ ލޯތްބަކީ ކާކުކަން ހަނދާނުން ފޮހެވިފަ ވާތީ.. ޒިދާން ތާޝާ ބޭނުންވާ ނަމަ އެހަނދާންތައް އަނބުރާ ހޯދައިދިނުމުގަ އެހީތެރިވެދީ... އިންޝާﷲ ޒިދާނަށް އެކަން ވާނޭ އަހަރެންގެ ހިތް ބުނަނީ.." ޖީނާ ބުންޏެވެ. ވާންވީ އުފާކަމެއް ނޫނީ ދެރަކަމެއް ޒިދާނަކަށް ނޭނގުނެވެ. އެނގުނީ އެނގުމަކާ ނުލައި އޭނާގެ ދެލޮލަށް އުފާވެރިކަމުގެ ކަރުނައެއް ވެއްޓުނު ކަމެވެ.

" އަހަރުމެންގެ ސްކޫލްގެ އެނިވަރސަރީ ޕާޓީއަށް އަހަރެންނާ އެކު ތާޝާ ވެސް ދާނެ!! ތާޝާ އާ ބައްދަލުކުރަން ބޭނުން ނަމަ އެތަނަށް އާދޭ.. އަހަރެން އެގޮތް ހަމަޖައްސައިދޭނަން... ދެން ދަނީ... އުއްމީދުކުރަން މިހާރު ތާޝާއާ ދޭތެރޭގައި ޒިދާންގެ ހިތުގައި އެއްވެސް ޝަކުވާއެއް ނުވާނެ ކަމަށް.." ޖީނާ ބުނެލިއެވެ. ޒިދާން ވަކި އެއްޗެއް ނުބުންޏެވެ. އެނބުރިގޮސް ގޭތެރެއަށް ވަދެ ދޮރު ލެއްޕިއެވެ. ޖީނާ މާޔޫސްވިއެވެ. ޒިދާން އޭނާ ދެއްކި ވާހަކަ ޤަބޫލު ނުކުރިކަމުގައި ވިސްނުނެވެ. އެހެން ނަމަވެސް އޭނާ އެތަނުން ދިޔައީ ކޮންމެވެސް ވަރަކަށް ހިތްހަމަޖެހިގެންނެވެ. ޒިދާނަށް ހަގީގަތް ކިޔައިދެވުމުންނެވެ.

*****

އެނދުމަތީގައި އޮތް ލައިމް ގްރީން ކުލައިގެ ހެދުމަށް ތާޝާ ބަލަހައްޓައިގެން ހުއްޓެވެ. އެ ހެދުން އޭނާއަށް ކަމުދިޔަ ނަމަވެސް ޕާޓީއަށް ދާހިތެއް އެއްވެސް ވަރަކަށް ނެތެވެ. ދެހިޔާލެއްގައި ހުއްޓާ ތާޝާއަށް ސިހުމެއް ލިބުނީ ކޮޓަރީ ދޮރު ހުޅުވައިލައިފައި މީހަކު ވަނުމުންނެވެ. މިހާރަކަށް އައިސް ކިރިޔާ އަޑެއް އިވޭއިރަށް ތާޝާއަށް ހުރެވެނީ ސިހިސިހިއެވެ. އެތެރެއަށް ވަނީ ޖީނާކަން އެނގުމުން ފުން ނޭވައެއް ދޫކޮށްލެވުނެވެ.

" ވާއު ޖީން... މިރޭ ވަރަށް ތަފާތު.. އަބަދުވެސް ކުލަ ޝޯލް އަޅާނަމަ..." ތާޝާ ޖީނާއަށް ތައުރީފް ކޮށްލިއެވެ. ޖީނާ ލައިގެން ހުރި ކަށިމައްޗާ ހަމައަށް ދާ ހެދުމުގެ ތިރީބައި ޖަރީކުރެވިފައި ވަނީ ރަންކުލައިގެ ކުދި މާތަކަކަންނެވެ. އެދިގު ހެދުމުގެ ސަބަބުން ތިރިން ލައިގެން ހުރި މަޑު ރަންކުލައިގެ ލެގިންގްސް ފެންނަނީ ކިރިޔާއެވެ. ރަންކުލައިގެ ޝޯލްއެއް ރީތިގޮތަކަށް އަޅައިފައިވާއިރު ކުރިމަތިންނާއި ފަހަތުން ބޮޑުބައެއް ވަނީ ފޮރުވިފައެވެ. މޫނުގައި ލުއި މޭކަޕެއްވާއިރު ތުންފަތުގައި ނޫޑް ޕިންކް ކުލައެވެ.

" ސާބަސް... ކަޅުވެސް އެއީ ހަމަ ކުލައެއް ނޫންތަ...؟ ދެން ދޭބަލަ އަވަހަށް ތައްޔާރުވާން..." އެނދުމަތީގައި އޮތް ހެދުން ތާޝާގެ އަތަށް ލައިދެމުން ޖީނާ ބުންޏެވެ. އެއަށް ފަހު ތާޝާގެ އަތުގައި ހިފައިގެން ގޮސް  ފާހާނައަށް ވެއްދިއެވެ. ޖީނާ ގޮސް ހުއްޓުނީ ލޯގަނޑު ކުރިމަތީގައެވެ. ތާޝާ ހެދުން ލައިގެން ނިކުންނާނެ އިރެއްގެ އިންތިޒާރުގައި އޭނާ ހުއްޓެވެ.

ކަކުލާ ހަމައަށް ދާ ޓީޝާޓްފޮތީގެ ހެދުމާއި އަޅިކުލައިގެ ލެގިންގްސް ލައިގެން ތާޝާ ނިކުތެވެ. ޑްރެސިންގްޓޭބަލް ކައިރީގައި ހެއާ ކާލާރ ވޭންޑް ހިފައިގެން ހުރި ޖީނާ ފެނުމުން ކުރަން އުޅޭ ކަމަކާ ޝައްކުވެ ހުރެ ތާޝާ ބޮލުގެ އިޝާރާތުން ނޫނެކޭ ބުންޏެވެ.

" ޖީން.. ނޯ.... އަހަރެން އިސްތަށިގަނޑު ބުޅި ކުރީމަ މަންމައާއި ޑާޑާއަށް އެހާ ކަމަކު ނުދޭ... " ތާޝާ ބުންޏެވެ.

" މިދެން އެވަރު ކަމެއްތަ.. މިރޭ އެކަނި.. އަހަންނަށް ޓަކައި ޕްލީޒް..." ތުންފަތް އޫކޮށްލަމުން ޖީނާ ބުންޏެވެ. ޖީނާގެ އެމޫނުކޮޅު ހުރިލެއް ލޯބިކަމުން ތާޝާއަށް އެއްބަސްވާން މަޖުބޫރުވިއެވެ. އިސްތަށިގަނޑު ބުޅިކޮށްލުމަށް ފަހު ތާޝާ އޭނާގެ ސޫރައަށް ލޯގަނޑުން ބަލައިލިއެވެ. ފެންނަން ހުރީ މުޅިން ތަފާތު ތާޝާއެކެވެ. އެގޮތް ތާޝާއަށް ކަމުދިޔައެވެ. އޭނާއާ މާގުޅޭކަމަށް ހިތާހިތުން އެއްބަސް ވެވުނެވެ. ބުޅި އިސްތަށިގަނޑުގައި ފިރުމައިލެވުނު ހިނދު ހިނިތުންވެލެވުނީ ލިބުނު ހިތްހަމަޖެހުމަކުންނެވެ. ހަމަ އެވަގުތު އަނީކް ގުޅައިފައި އޭނާ ކާރު ކައިރީގައި އިންތިޒާރުގައި ހުރި ވާހަކަ ބުންޏެވެ. ލުއި މޭކަޕެއްކޮށްލުމަށް ފަހު ޖީނާއަށް ދައްކައިލުމުން ރީތިކަމުގައި ޖީނާ ބުންޏެވެ. އެއަށް ފަހު އަވަސްކުރަން ބުނަމުން ތާޝާ އަތުހިފައިގެން ކޮޓަރިން ނިކުތެވެ. ސިޑިން ފައިބައިގެން އަންނަ ޖީނާއާއި ތާޝާ ފެނުމުން ސޓިންގރޫމްގައި ޝާނާއާ ވާހަކަ ދައްކަން އިން އަންފޫޒާއަށް އެދެކުދިންނަށް ތައުރީފްކޮށްލެވުނެވެ. ލަސްވަނީ ކަމަށް ބުނެ ތާޝާ އަތުގައި ހިފައިގެން ޖީނާ ގެއިން ނިކުންނަން ދިޔައެވެ.

" މަންމައަށް އެބަފެނޭތަ.. ގައިމު އަހަރެން މީ ޖީނާގެ އެއްބަނޑު އެއްބަފާ ދައްތަ... އެކަމަކު އަހަރެން ބަހައްޓާފަ މާދުރު މީހެއް ގޮވައިގެން ޕާޓީއަށް އެ ދިޔައީ..." އެ ދެ މީހުން ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރުމަށް ފަހު ޝާނާ ޝަކުވާ ކޮށްލިއެވެ. އަންފޫޒާ ޝާނާއާ ދިމާލަށް ބަލައިލީ ނުރުހުމުގެ ނަޒަރަކުންނެވެ.

" މިހާރު ދެން ތިކަހަލަ ވާހަކަ ދައްކަނީ ކީއްކުރަން... ޖީނާ ފިހާރައަކަށް ދާން ބުންޏަސް އޭނާއާ އެކު ދެވޭ މީހެއް ނޫން ތީ.. އަނެއްކޮޅުން ތާޝާ އެއީ ދުރުމީހެއް ނޫން.. ބަނޑުން ނުވިހެއެއް ކަމަކު އަހަރެންގެ ދަރިއެއް އެއީ" ހިތްހަމަނުޖެހިފައި އަންފޫޒާ ބުންޏެވެ.

" މަންމަ ވެސް ތިހާ ރުޅިއެއް އަންނަން ޖެހޭތަ... މިހާރު މިއެނގެނީ ލާރި އެއީ ކިހާވަރެއްގެ އެއްޗެއްކަން.. މައިންބަފައިންގެ ލޯބި ވެސް ލިބެނީ ލާރި ހުރިއްޔާ..." ޝާނާ ބުނެލިއެވެ. އޭނާގެ އަޑުގައި ވަނީ ރުޅިވެރިކަމެވެ. އަންފޫޒާއާ ދިމާލަށް ލޯ ހަނިކޮށްލުމަށް ފަހު ސިޑިން އަރައިގެން މައްޗަށް ދިޔައެވެ. އަންފޫޒާ ދެފަރާތަކަށް ބޯހޫރައިލިއެވެ. އެއަށް ފަހު އަތުގައި އޮތް ފޯނު ނަގައިގެން ކުޅެން ފެށިއެވެ.

ކާރު ކައިރީގައި އިންތިޒާރުގައި ހުރި އަނީކަށް ދޮރުހުޅުވައިލި އަޑަށް އެ ދިމާލަށް ބަލައިލެވުނެވެ. ތާޝާއަށް އައިސްފައި ހުރި ބަދަލު އަނީކަށް އެހައި ކަމަކު ނުދިޔައެވެ. އޭނާއަށް ކަމުދަނީ ފަންއިސްތަށިގަނޑެވެ. ގާތުގައި ހުރި ޖީނާއަށް ނަޒަރެއް ދެވުނީ އިރުކޮޅެއް ފަހުންނެވެ. މޭކަޕް ކޮށްފައި ހުރުމުން ތާޝާއާ ވައްތަރު ގޮތެއް ޖީނާގެ ހުރިކަން ފާހަގަ ކުރެވުނެވެ. ޖީނާއަކީ ވެސް ހަޑި ކުއްޖެއް ނޫންކަމަށް ޤަބޫލު ކުރެވުނެވެ. ތައުރީފެއް ކޮށްލަން އުޅެފައި ވެސް ޖީނާ ރުޅިއައިސްދާނެތީ އެހިޔާލު ދޫކޮށްލިއެވެ. މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި ޖީނާގެ މިޒާޖު އަނީކަށް ދަސްވެއްޖެއެވެ.

" ޔޫ ލުކް ސޯ ޕްރިޓީ... ބިއުޓިފުލް!!.. އެކްސެޕްޓް ފޯރ ދެޓް ކަރލީ ހެއަރ..." އަނީކް ތާޝާގެ އަތުގައި ހިފައިލަމުން ބުންޏެވެ. ޖީނާ ހިތްހަމަނުޖެހުނެއް ކަމަކު އެއްޗެއް ނުބުނީ ތާޝާގެ މޫޑު ހަރާބުކުރަން ބޭނުން ނުވާތީއެވެ.

" އެކަމަކު އިސްތަށިގަނޑު މިގޮތަށް ހުރީމަ އަހަރެންނަށް މާކަމުދޭ.. އަހަންނާ މާގުޅޭހެން ހީވަނީ.." އަމިއްލަ އިސްތަށިގަނޑުގައި ފިރުމައިލަމުން ތާޝާ ބުންޏެވެ. އަނީކް ވަކި އެއްޗެއް ނުބުނެ ހިނިތުންވެލުމަށް ފަހު ޖީނާއާއި ތާޝާއަށް ކާރުގެ ދޮރު ހުޅުވައިދިނެވެ. ކާރަށް އެންމެ ފުރަތަމަ އެރީ ތާޝާއެވެ.

" އެނގޭތަ! ޒިދާނަށް އެންމެ ކަމުދަނީ ތާޝާގެ ބުޅި އިސްތަށިގަނޑު" ކާރަށް އަރަމުން ހަމައެކަނި އަނީކަށް އިވޭވަރަށް ޖީނާ ބުންޏެވެ. ވަގުތުން އަނީކްގެ ތުންފަތްމަތީގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ. މަލާމާތުގެ ގޮތަކަށް އަނީކާ ދިމާލަށް ބަލައިލައިފައި ހީލަމުން ޖީނާވެސް ކާރަށް އަރައި ހަމަޖެހިލިއެވެ. ހަމަޖެހެން މަސައްކަތް ކުރަމުން އަނީކް ވެސް ކާރަށް އެރިއެވެ. އެހެން ނަމަވެސް އޭނާގެ އެތެރެހަށީގައި ހަލަބޮލިކަމެއް އުފެދިއްޖެއެވެ. މުޅި މޫޑު ހަރާބުވާން އުޅޭ ކަހަލަ އިންޒާރެއް ސިކުނޑިން ދެމުން ގެންދިޔައެވެ.

*****

ސިޓިންގްރޫމް ސޯފާގެ ދެފަރާތުގައި ޒިދާނާއި ޒައިނާ އިށީނދެގެން ތިއްބެވެ. ތަނަށް ވެރިވެފައި ވަނީ ހިމޭންކަމެކެވެ. ޖީނާ ކިޔައިދިން ހުރިހާ ވާހަކައެއް ޒައިނާއަށް ޒިދާން ކިޔައިދިނީ އެއްވެސް ކަމެއް ޒައިނާއަށް ސިއްރުކުރަން ބޭނުން ނުވާތީއެވެ. ތާޝާގެ ހަޤީޤަތް އެނގުމަށް ފަހު އޭނާ ހުރީ ތާޝާގެ ގާތަށް ދާން ނުލާހިކު ބޭނުންވެފައެވެ. އެހެން ނަމަވެސް މިފަހަރު އަމިއްލައަށް ގޮތް ނިންމުމުގެ ކުރިން ޒައިނާއާ ހިއްސާކުރަން ބޭނުންވީއެވެ. އޭނާ ކޮންމެކަމެއް ކުރިޔަސް އެކަމެއް ކުރަން ބޭނުން ވަނީ ޒައިނާގެ ހުއްދަ ލިބިގެންނެވެ.

ޒިދާން ކިޔައިދިން ވާހަކަތަކުން ތާޝާގެ ކުށެއް ނެތްކަން ޒައިނާއަށް ގަބޫލުކުރެވުނެވެ. އެހެން ނަމަވެސް ދެވަނަ ފަހަރަށް އޭނާގެ ކޮއްކޮއަށް ދެރައެއް ލިބިދާނެތީ އެކަމާ ޖެހިލުންވެއެވެ. ތާޝާގެ ހަނދާންތައް އެނބުރި އަތުވެއްޖެނަމަ ޒިދާންގެ ގާތަށް އެނބުރި އަންނާނެއެވެ. ނަމަވެސް ތާޝާގެ އާއިލާގެ އެހެން މެމްބަރުން ޒިދާން ދެކެ ހިތްހަމަނުޖެހޭކަން ވެސް އެއީ ގަބޫލުކުރަން ޖެހޭ ކަމެކެވެ. ޒައިނާ ވަރަށް ފުންކޮށް ޒިދާނަށް ބަލައިލިއެވެ. އެމޫނުމަތިން އޭނާ ތާޝާގެ ގާތަށް ދާން ބޭނުންވެފައި ހުރިވަރު ހާމަވަމުން ދިޔައެވެ. ކޮންމެ ގޮތެއްވިޔަސް ޒައިނާއަށް މުހިންމީ ޒިދާންގެ އުފަލެވެ. އެހެން ނަމަވެސް ޖެހިލުން ވަނީއެވެ.

" ކޮއްކޯ... !!!" ހިމޭންކަން ފޫއަޅުވައިލަމުން ޒައިނާ ގޮވައިލިއެވެ. ޒިދާން އަވަސްއަވަހަށް ޒައިނާއަށް ބަލައިލީ އޭނާގެ ޖަވާބަކަށް ކެތްމަދުވެފައި އިން ކަހަލަ ގޮތަކަށެވެ.

" ދޮންތައަށް މުހިންމީ ކޮއްކޮގެ އުފަލާ ހިތްހަމަޖެހުން... އެކަމަކު ވެސް ހަމަ ބިރުގަންނަނީ އަނެއްކާ ވެސް ކޮއްކޮ އަނދަވަޅަކަށް ވެއްޓިދާނެތީ.." ޒައިނާގެ އަޑު ކުރެހުނެވެ.

" އަހަރެން ކުރިން އުޅުނު ގޮތައް ނޫޅޭނެކަމުގެ ޔަގީންކަން ދެން... ﷲ އިރާދަ ކުރެއްވިއްޔާ މިފަހަރު އެގޮތެއް ނުވާނެ.." ޒިދާން ބުންޏެވެ. ޒައިނާ ހަށިފުރާ ނޭވައެއް ލަމުން އޭނާގެ ކޮއްކޮއަށް ވަރަށް ފުންކޮށް ބަލައިލިއެވެ.

" އެންމެ ރަނގަޅު... ގޯ އެންޑް ގެޓް ޔޯ ގަރލް... ދޮންތަގެ ދުއާ އަބަދުވެސް ކޮއްކޮއާ އެކު ވާނެ" އެންމެފަހުން ޒައިނާ ބުނެލިއެވެ. ޒިދާންގެ ހިތަށް ލިބުނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. ވީއުފަލުން ޒައިނާގެ ގާތަށް ޖެހިލައި ބައްދައިލެވުނެވެ. އެއަށްފަހު މަޑުނުކޮށް މޭޒުމަތީގައި އޮތް ސައިކަލުގެ ތަޅުދަނޑި ހިފައިގެން ގޮސް ގެއިން ނިކުތެވެ. ޒިދާންއަށް ވީ ގޮތުން ޒައިނާއަށް ހެވުނެވެ. އެތަކެއް ދުވަހެއްފަހުން ޒިދާންގެ މޫނުމަތިން އުފާވެރިކަން ފެނުމުން ހިތްހަމަޖެހުނެވެ.

ސްކޫލުގެ ބޮޑު ހޯލުގައި ފާއިތުވެގެން ދިޔަ ވިއްސަކަށް މިނިޓް ތެރޭގައި އޭނާއަށް އިހުސާސްވީ ފޫހިކަމެވެ. ގާތުގައި ޖީނާ ހުރެގެން އަނގަ ހުއްޓައި ނުލާ ވާހަކަ ދެއްކިޔަސް ތާޝާއަށް އުނދަގޫ ވަމުން ދިޔައެވެ. ދާދި ގާތުގައި އަނީކް ހުރިކަން އޭނާއަށް އިހުސާސެއް ނުވެއެވެ. އެންމެ ބޮޑަށް އޭނާއަށް އުނދަގުވަމުން ދިޔައީ ބައެއް ފިރިހެނުންގެ ނަޒަރު އޭނާ އަމާޒުވަމުން ދާތީއެވެ. އެހެން ނަމަވެސް ޖީނާގެ އުފާވެރިކަން އޭނާގެ ސަބަބުން ހަރާބުކޮށްލަން ބޭނުންނުވާތީ ހިމޭނުން ހުއްޓެވެ.

އެކުވެރިންގެ ވާހަކަތަކެއްގައި ޖީނާ ހުރި ވަގުތެވެ. ތާޝާ ދެފަރާތް ހޯދައި ބަލައިލިއިރު އަނީކް ތަންކޮޅެއް ދުރުގައި ފޯނެއްގައި ހުއްޓެވެ. މީހުން ގިނަވާވަރަކަށް ތާޝާ ނޭވާ ހާސްވަމުން ދިޔައެވެ. އޭނާގެ ހަތަރުފަރާތުން ދިލައެއް އިހުސާސްވަމުން ދިޔައެވެ. ހަތަރުފާރުގެ ތެރޭގައި އޭނާ ފިތެން އުޅޭހެން ހީވުމުން މަޑުމަޑުން މީހުންތަކާ ދުރަށް ޖެހުނެވެ. އޭނާ ބޭނުން ވަނީ ހާމަ އުޑު ފެންނަ ހިސާބަށް ނިކުމެ ޖައްވުގެ ތެރެއަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލާށެވެ.

ހޯލުގެ ދޮރުން ބޭރަށް ނިކުމެފައި ތާޝާގެ މިސްރާބަކަށްވީ މަގުމައްޗަށް ނިކުމެވެން އޮންނަ ހަނި މަގެވެ. އެމަގުން އޭނާ ކުރިއަށް ދިޔައީ ދުރުދުރުގައި ފިޔަވަޅު އަޅަމުންނެވެ. ބޭނުން ވަނީ ވީހާ ވެސް އަވަހަކަށް މީހުންތަކާ ދުރަށް ދާށެވެ. މަގުމައްޗަށް ނިކުމެވުމާ އެކު ތާޝާއަށް ހީވީ ޖަލަކުން މިނިވަންވި ހެންނެވެ. އޭނާގެ ހަށީފުރާ ނޭވައެއް ދޫކޮށްލެވިއްޖެއެވެ. ތާޒާ ވައިރޯޅިން އޭނާގެ ސިކުނޑިއަށް އަރާމެއް އިހުސާސް ވެއްޖެއެވެ. ދެފަރާތަށް ބަލައިލުމަށް ފަހު އޭނާގެ ހިތް ބުނި ދިމާލަށް ހިނގައިގަތީ ދާން ވަކި ތަނެއް ހިތުގައި އޮވެގެނެއް ނޫނެވެ. ދިމާލަށް ފެންނަން އޮތީ ބޮޑު މަގެއްހެން ހީވެ އޭނާ ދިޔައީ އެދިމާލަށެވެ. ރޭގަނޑުގެ އަނދިރިކަމުގެ ތެރެއަށް ގެތަކުން ނިކުމެފައިވާ އަލިކަމުގައި މީހުން މަދެކޭ ނުބުނެވޭނެއެވެ.

ވަކި ހިސާބަކަށް ކުރިއަށް ގޮސްފައި އޭނާ ހުއްޓުނެވެ. މޭގައި އަތްއަޅައިލަމުން ފަހަތަށް ބަލައިލެވުނީ އޭނާގެ ފަހަތުން މީހަކު އަންނަހެން ހީވެގެންނެވެ. ޖެހިލުންވިޔަސް މަގުމަތީގައި މީހަކަށް އޭނާއަށް ކަމެއް ނުކުރެވޭނޭ ހިތާ ހިތްހަމަޖައްސައިލިއެވެ. އަނެއްކާ ވެސް އޭނާ ކުރިއަށް ދިޔައެވެ. ވަކި ހިސާބަކަށް ގޮސްފައި އަނެއްކާ ވެސް އެނބުރި ބަލައިލިއެވެ. އޭނާއަށް ސަމާލުކަންދީގެން ހުރި އެއްވެސް މީހަކު މަގުމަތީގައި ނެތެވެ. ހިތުގައި ނުތަނަވަސްކަމެއް އުފެދުނީ ދެނެވެ. ހިތަށް އެރިއެވެ. ފަހަތުން މީހަކު ފާރަލާހެން ހީވަނީ ކީއްވެގެން ހެއްޔެވެ؟ އަހަރެންނަށް މީހަކު ފާރަލަނީ ހެއްޔެވެ؟ އަހަރެންނަށް މިދެވެނީ ކޮންތާކަށް ހެއްޔެވެ؟

ކުރިއަށް ބަލައިލުމަށްފަހު ހިނގައިގަތީ ކުރިއަށް ވުރެ ބާރަށެވެ. ބޭނުންވީ ކުރިމަތީގައި އޮތް ބޮޑު މަގަށް ނިކުންނާށެވެ. ދުއްވާ އެއްޗެހީގެ ބަރުގޮނު އަޑުތަކުގެ ތެރެއިން އޭނާގެ ކަންފަތުގައި އައިސް ޖެހުނީ ފިރިހެންވަންތަ ބަރު އަޑެކެވެ. އެންމެ ފުރަތަމަ ހީވިގޮތެއް ކަމަށް ހީކޮށް ކުރިއަށް ދިޔައެވެ.

"ތާޝާ،" މިފަހަރު އެ އަޑު އޭނާ ހުއްޓެން މަޖުބޫރު ކުރުވައިފިއެވެ. ބިންމަތީގައި ފިޔަވަޅު ތަތްވިކަހަލައެވެ. އެންމެ ފިޔަވަޅެއް ވެސް ކުރިއަކަށް ނޭޅުނެވެ. އެއަޑު އޭނާ ފަހަތް ބަލައިލާން މަޖުބޫރުކުރުވި ކަހަލައެވެ.

(ނުނިމޭ)

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!