ވާހަކަ

ދުރުގާވުން ހިތް ނޭދޭ! (ފައްސަވީސްވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ދުރުގާވުން ހިތް ނޭދޭ! (ފުރަތަމަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދެވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތިންވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތަރުވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނުވަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދިހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! ( އެގާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސާދަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަނަރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސޯޅަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސަތާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނަވާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ވިހިވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެކާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފައްސަވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްބީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ހަތާވީސް ވަނަބައި) ދުރުގާވުން ހިތްނޭދޭ! (އަށާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ނަވާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ތިރީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެއްތިރީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ބައްތިރީސް ވަނަ ބައި) ދުރުގާވުން ހިތްނޭދޭ! ( ތެއްތިރީސްވަނަ ބައި)

" މީކޮންތަނެއް؟" އަނީކް ވެސް ކުރިމަތިން ފެންނަ ގެޔަށް ނަޒަރު ހިންގައިލަމުން ބުންޏެވެ. ޖީނާ އެ ގެއާ ދިމާލަށް ބަލަހައްޓައިގެން ހުރިއިރު ތުންފަތްމަތިން ފެންނަނީ ހިނިތުންވުމެކެވެ. ނަމަވެސް ތާޝާއަށް ކުރެވެމުން ދިޔައީ މުޅިން ތަފާތު އިހުސާސެކެވެ. އޭނާއަށް ވަމުން ދިޔައީ މީގެ ކުރިން ނުވާ ގޮތްތަކެކެވެ. އޭނާއަށް ސިފަވަމުން ދިޔައީ ނުސާފު މަންޒަރުތަކެކެވެ. ދޭތެރެއަކުން މަންޒަރު ސާފުވެލާއިރު ސިފަ  ވަނީ އޭނާ އެގޭގައި ހޭދަކޮށްފައިވާ އެކިއެކި ވަގުތުތަކެވެ. ބައެއް ފަހަރު ޖީނާއާ އެކީ ފެންނައިރު އަނެއް ބައި ފަހަރު އަންފޫޒާއާ އެކީގައެވެ. ހިތް އަވަސްވެފައިވާ ތާޝާގެ މޫނުމަތިން ދާހިއްލައިލިއެވެ. ބޮލަށް އެނބުރުން އެރީ ކުއްލި އަކަށެވެ. އަރިއަޅައިލި ވަގުތު ހިފަހައްޓައިލެވުނީ ކައިރީގައި ހުރި އަނީކްގެ ކޮނޑުގައެވެ. އަނީކް ތާޝާ އާ ދިމާލަށް ބަލައިލީ ސިހިފައެވެ.

Ads by Sosun Fihaara

" ތާޝާ އާރ ޔޫ އޯކޭ..." ތާޝާގެ އަތުގައި ހިފަހައްޓައިލަމުން އަނީކް ބުންޏެވެ. އެހިނދު ޖީނާ ވެސް ތާޝާ ކައިރިއަށް ޖެހިލިއެވެ.

" ޖީން.. މީ ކޮން ގެއެއްތަ؟ މިގޭގަ އަހަރެން ކުރިން އުޅުނުތަ؟" އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ތާޝާ އަހައިލިއެވެ. ޖީނާގެ މޫނުމައްޗަށް ފުރަތަމަ ހައިރާންކަމެއް ވެރިވިޔަސް ދެވަނަ ހިނދުގައި ތުންފަތްމައްޗަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. އަނީކް ޖީނާއަށް ބަލައިލީ ހައިރާންވެ ހުރެއެވެ.

" ކިހިނެއްވީ؟؟ ކީއްވެ ތިހެން ތިއެހީ؟" ޖީނާ އަހައިލިއެވެ. ތާޝާ ކޮންމެވެސް ވަރެއް ހަނދާންވާނެކަމަށް ޖީނާއަށް އުއްމީދު ކުރެވުނެވެ.

" އަހަރެން ވަރަށް ބޮލުގަ އެބަރިއްސާ.. ހިނގާ ގެއަށް ދާން..." ބޮލުގައި ހިފަހައްޓައިލަމުން ތާޝާ ބުންޏެވެ. ތާޝާގެ އެދުމަށް ނޫނެކޭ ބުނަން ޖީނާއަކަށް ނުކެރުނެވެ. ޖީނާ ބޭނުންވީ އެ ގޭގެ އެތެރެއަށް ތާޝާ ވައްދާށެވެ. އެ ގެއަކީ އެމީހުން ކުރިން އުޅުނު ގެކަމުގައި ތާޝާ ކައިރީގައި ބުނެދޭށެވެ. އެހެން ނަމަވެސް ކަންތައްވީ އޭނާ ހީކުރި ގޮތަކަށް ނޫނެވެ. އެހެންކަމުން ތާޝާގެ އަތުގައި ހިފައިގެން ކާރާ ދިމާލަށް ދިއުމަށް ހިނގައިގަތެވެ. ތަންކޮޅެއް ދުރުގައި ސައިކަލުގައި އިން ޒިދާން ތާޝާގެ ލޮލުގައި އަޅައިގަތީ އެ ވަގުތުއެވެ. އެހިނދު އޭނާގެ މިލައިފައިވާ މޫނުމައްޗަށް ތާޒާކަމެއް ވެރިވިއެވެ. މާގިނައިރެއް ނުވެ އަނީކާއި ޖީނާއަށް ވެސް ޒިދާން ފެނުނެވެ. ތާޝާ ، އަނީކާއި ޖީނާގެ އަތުން ދޫކޮށްލުމަށް ފަހު ޒިދާނާ ދިމާލަށް ދާން ހިނގައިގަތެވެ. އެވަގުތު އަނެއްކާ ވެސް ތާޝާއަށް ނުސާފު މަންޒަރުތަކެއް ފެންނަން ފެށިއެވެ. ހަމަކުރިން ވީގޮތަށް ދޭތެރެއަކުން މަންޒަރު ސާފުވާން ފަށައެވެ. އޭނާއަށް ފެންނަން ފެށީ މީގެ ކުރިން ވެސް އެތައް ދުވަހަކު އެގޮތަށް ޒިދާން ސައިކަލުގައި ހަމައެތަނުގައި މަޑުކޮށްގެން އިންނަ މަންޒަރެވެ. މިފަދަ ހާލަތެއްގައި ޒިދާނާ ހަމައަށް ދެވުނުއިރު ތާޝާ ހުރި ދާހިއްލާލައިފައެވެ. ޒިދާން ކައިރިއަށް އައިސް ހުއްޓުނު ތާޝާގެ މޫނު ފެނުމުން އޭނާގެ ހާލަތު ރަނގަޅެއް ނޫންކަން ޒިދާނަށް ފާހަގަވިއެވެ.

" ޔޫ އޯކޭ ލަވް؟" ތާޝާގެ މޫނުމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅު ކަންފަތްދަށަށް ލައްވައިލަދެމުން ޒިދާން އަހައިލީ އޯގާތެރިކަމާއެކުގައެވެ. ތާޝާ ހިނިތުންވެލަން މަސައްކަތް ކުރަމުން ބޯޖަހައިލިއެވެ. އޭނާއަށް ވަމުންދިޔަ ގޮތް ޒިދާން ކައިރީގައި ބުނަން އޭނާ ފަސްޖެހުނެވެ. އޭރުން ޒިދާނާ މިގޮތަށް ބައްދަލުކޮށް ވާހަކަ ދައްކާލާނެ ފުރުސަތު ގެއްލިދާނެތީއެވެ.

" ތިއައީ ދޯ... ތާޝާ ބޭނުންވަނީ ގެއަށް ދާން.. އެހެންވެ މިއަދުގެ ޕްލޭން ކެންސަލް ކޮށްލަން ކަންނޭނގެ ޖެހޭނީ.." އެމީހުން ކައިރިއަށް ހުއްޓެމުން ޖީނާ ބުންޏެވެ.

" އުހުނ.. އަހަރެން ރަނގަޅޭ މިހާރު.. ކޮންކަމެއް އޮތީ..." ތާޝާ އަވަސް އަވަހަށް ބުނެލިއެވެ.

" އައްދެ.. ޒިދާން އައިމަ ރަނގަޅުވީ ދޯ...." ހީނގަންނަމުން ޖީނާ ބުންޏެވެ.

" ޖީން.. އަހަރެން ބޭނުން ކުޑައިރުކޮޅަކަށް ތާޝާ ގެއަށް ގެންދާން.. ދޮންތަ ވަރަށް އެބަކިޔާ ތާޝާ ދެކިލަން ގެނެސްދީބަލާށޭ.. އޯކޭތަ ގެންދިޔަސް.. ޖީންމެން މިތާ މަޑުކުރޭ.. އެންމެ ފަނަރަ ވަރަކަށް މިނެޓް ވާނީ.. " ޒިދާން އެދުނެވެ. ފުރަތަމަ ޖީނާ އެކަމަށް ނުރުހުނެވެ. އެހެން ނަމަވެސް ތާޝާ އޭނާ ދާން ބޭނުންވާ ވާހަކަ ބުނުމުން ހިތާ ދެކޮޅަށް ނަމަވެސް ޖީނާ އެއްބަސްވިއެވެ. ތާޝާ ޒިދާންގެ ސައިކަލު ފަހަތަށް އެރުމާ އެކު ޒިދާން ސައިކަލު ކުރިއަށް ދުއްވައިލިއެވެ. ޖީނާ އައިކޮޅަށް ދާން އެނބުރުނުއިރު ކާރު ކައިރީގައި އަނީކް ބަލަހައްޓައިގެން ހުއްޓެވެ.

" އެމީހުން އެ ދިޔައީ ކޮންތާކަށް..؟ " ޖީނާ އައުމުން އަނީކް އަހައިލިއެވެ.

" ޒިދާންގެ ދޮންތަ ކައިރިއަށް.. އިރުކޮޅަކުން އަންނާނެ.." ޖީނާ ބުންޏެވެ.

"އޯވްހް... އަސްލު މީ ކޮން ގެއެއްތަ؟" އަނީކް ގެއާ ދިމާލަށް ބަލައިލަމުން ބުންޏެވެ.

" މީ އަހަރުމެން ކުރިން އުޅުނު ގެ... އަނީކްގެ ސަބަބުން އަހަރުމެން މިގެ ދޫކޮށް އެހެން ގެއަކަށް ދާން ޖެހުނީ.." ފަހު ޖުމްލަ ބުނެލިއިރު ޖީނާގެ އަޑުގައި ވަނީ ޝަކުވާއެވެ. އަނީކްގެ މޫނުމައްޗަށް ހައިރާންކަމެއް ވެރިވެގެން ދިޔައީ ޖީނާ އެ ދައްކަނީ ކޮންވާހަކައެއް ކަމެއް ނޭނގުމުންނެވެ.

" އަހަރެންގެ ސަބަބުންނޭ!! އަހަރެން ކީއްކުރީ؟" އަނީކް އަހައިލީ ހައިރާންވެފައެވެ.

" އާނ!! އަނީކް މަންމަ ކައިރީގައި ބުނެގެން ނޫންތަ އެހެން ގެއަކަށް ބަދަލުވީ.. މިހާރު މިއުޅެނީ އަނީކްގެ ގެއެއްގައެއް ނޫންތަ؟" އަނީކްގެ މޫނުމަތިން ފެންނަމުން ދިޔަ ހައިރާންކަމުގެ ސަބަބުން ޖީނާ ވެސް ކޮންމެވެސް ވަރަށް ހައިރާންވިއެވެ.

" އަހަރެންގެ ގެއެކޭ!! ވަޓް!! ޖީނާއަށް އޮޅުނީ ކަންނޭނގެ.. އަހަރެންނަށް ވެސް އަދި މިއެނގުނީ މާލޭގަ އަހަރެންގެ ގެއެއް ހުންނަކަން.. " އަނީކް ބުންޏެވެ. ޖީނާއަށް ލިބިފައިވާ ހައިރާންކަން އިތުރުވިއެވެ. އަނީކް އެ ހަދަނީ ދޮގެއް ނޫންކަން އޭނާގެ މޫނުމަތިން ހާމަވަމުން ދިޔައެވެ.

" ދެން ކީއްވެ މަންމަ އެހެން ބުނަންވީ.. މަންމަ ބުނީ އަނީކްގެ އެދުމުގެ މަތިންނޭ އެ ގެއަށް ބަދަލުވީ.. " ޖީނާ ބުންޏެވެ. ވީގޮތް އަނީކަށް ވިސްނައިލެވުނީ އިރުގަނޑެއް ފަހުންނެވެ. ވަގުތުން ޖީނާއަށް ހަޤީގަތް ކިޔައިދޭން ބޭނުންވީ އެއްވެސް ކަމެއް ޖީނާއަށް ފޮރުވަން ބޭނުން ނުވާތީއެވެ.

" ޖީނާ! އަސްލު އަހަރެންނަށް ހީވަނީ ޑެނީ އަންކަލް ބުނެގެންހެން ގެ ބަދަލުކުރީ.. އެއީ އަހަރެން މިކޮޅަށް އައިއިރު އަހަރެން ކައިރީގައި ބުނެފައި އޮތީ އަންފޫޒާއްތަ ކޮންމެ އެއްޗެއް ބުންޏަސް ނޭނގޭ ކަމަށް ހައްދައްޗޭ.. އޭރުގަ އަންފޫޒާއްތަ ބުންޏެއްނު އަހަރެންނޭ ބުނީ ތާޝާ ގޮވައިގެން އަންނަ ވާހަކަ... އެ ވެސް ތެދެއް ނޫން.. " އަނީކް ކިޔައިދިނެވެ.

" ދެން ކީއްވެބާ ކުޑަބައްޕަ ބުނެގެންނޭ މަންމަ ނުބުނީ.. އަހަރެންނަށް ހީވަނީ ތާޝާގެ ހަނދާންތައް އެނބުރި އަންނަން ކުޑަބައްޕަ ބޭނުން ނުވަނީހެން..." ޖީނާ ހިތްހަމަނުޖެހޭ ގޮތްވިއެވެ.

" ނުބައިކޮށް ނުވިސްނަބަލަ ޖީނާ.. ވެދާނެއްނު ތާޝާގެ ފުރާނައަށް ނުރައްކާވެދާނެ ވާހަކަ ޑޮކްޓަރު ބުނެފައި އޮތުމުން އެހެންވެ ގެ ބަދަލުކުރީކަމަށް... " އަނީކް ބުންޏެވެ.

" އޯކޭ.. އެކަމަކު ޒިދާނާ ބެހޭ ގޮތުން ކުޑަބައްޕަ އަނީކް ކައިރީގައި ދޮގުހެދިކަން މިހާރު ޤަބޫލު ކުރެވިއްޖެއްނު.. " ޖީނާ ބުންޏެވެ.

" ތާޝާގެ މައިންބަފައިންނާއި އަހަރެންގެ މައިންބަފައިން އަބަދުވެސް ދެކެމުން އައީ އެއް ހުވަފެނެއް.. އެއީ އަހަރެންނާއި ތާޝާގެ ކައިވެނި... އަހަރެން ކައިވެންޏަށް އިންކާރު ކޮށްފާނެތީ ކަންނޭނގެ ދޮގުހެދީ.." އަނީކް ވިސްނައިލަމުން ބުންޏެވެ. އަނީކާއި ތާޝާގެ ކައިވެނީގެ ވާހަކަ އިވުމުން ޖީނާގެ ހިތަށް ނޭނގޭ އުނދަގުލެއްވިއެވެ.

" ދެން.. މިހާރުވެސް އަނީކް ބޭނުންވޭތަ އެ ގޮތް..." ޖެހިލުންވެ ހުރެ ޖީނާ އަހައިލިއެވެ. އަނީކް ޖީނާއާ ދިމާލަށް ބަލައިލި މައުނަވީ ބެލުމަކުންނެވެ. ޖީނާ އިސްޖަހައިލީ އަނީކާ ހަތަރުކަޅި ހަމަކުރަން އުނދަގޫވެގެންނެވެ. އެސުވާލު ކުރެވުނު މޮޔައޭ ޖީނާގެ ހިތަށް އެރިއެވެ. އަނީކްގެ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ޖީނާ އޭނާއާ އެފަދަ ސުވާލެއް އެ ކުރީ ދެވަނަ ފަހަރަށެވެ. ޖީނާއާ މެދުގައި އޭނާގެ ހިތުގައި އޮތްކަހަލަ އިހުސާސެއް ޖީނާއަށް ވެސް ކުރެވެނީތޯ ހިތަށް އެރިއެވެ.

" އަހަރެންނަށް ޖީނާމެން އުޅުނުގެ ދައްކާލަންވީނު... އަޑުއެހިން މާލޭގަ ހުރި އެންމެ ބޮޑު ގެއޭ ޑެނީ އަންކަލްގެ ގެއަކީ.." އަނީކް ގަސްދުގައި ޖީނާގެ ސުވާލަށް ޖަވާބުނުދީ އެހެން ވާހަކައެއް ފެށިއެވެ. ބޭނުންވީ ޖީނާގެ ހިތް އޮތްގޮތް ބެލުމެވެ. ޖީނާ އޭނާ ދެކެ ގަޔާވާ ނަމަ އަދިވެސް އެސުވާލު ކުރާނެކަން އެނގޭތީއެވެ.

" ހިނގާ އެތެރެއަށް... އަހަރެން ވެސް ބޭނުން މިހާރު ގެހުރި ގޮތް ބަލައިލަން.." ކުރިއަށް ހިނގައިގަންނަމުން ޖީނާ ބުންޏެވެ. ޖީނާގެ ފަހަތުން އަނީކް ވެސް ހިނގައިގަތެވެ. އަނީކްގެ ނަޒަރު ހުއްޓިފައިވީ ކުރިމަތިން ހިނގައިފައި ދިޔަ ޖީނާ އަށެވެ. އޭނާގެ ހިތްގޮވަމުން ދިޔައީ އެހިތުގެ ހާލު ޖީނާގެ ކުރިމަތީގައި ބަންޑުންކޮށްލުމަށެވެ.

*****

ޒިދާން ދޮރުހުޅުވައިލައިފައި ވަންއިރު ޒައިނާ ސޯފާގައި މާޒްއަށް ކާންދޭން އިނެވެ. ރާއިފާއި މާދިހު ވެސް ސޯފާގައި ފޯނާ ކުޅެން އިނެވެ. ޒިދާންގެ ފަހަތުން ވަދެގެން އައި ތާޝާ ފެނުމުން ޒައިނާގެ ތުންފަތްމައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. ތާޝާ ފެނުމުން ރާއިފް ވެސް އުފާވިއެވެ. އެހެންނަމަވެސް އެވަގުތު އޭނާއަށް އުނދަގޫކުރަން ފެށި ޚިޔާލުތަކުގެ ސަބަބުން އިން ތަނުން ތެދުވެގެން ގޮސް ޒައިނާގެ ކޮޓަރިއަށް ވަނެވެ.

" ތާޝާ.. އަވަހަށް އާދޭ!! ދޮންތަ ވަރަށް އުފާވެއްޖެ ތާޝާ ފެނުނީމަ.." ތާޝާ ގައިގައި ކުޑަކޮށް ބައްދައިލަމުން ޒައިނާ ބުންޏެވެ.

" ތާޝާ! މީ އަހަރެންގެ ދޮންތަ.. ދެން އެއީ ދޮންތަބެ.." ޒިދާން ތައާރަފްކޮށްދިނެވެ. އެމީހުންނަކީ ތާޝާ ކުރިން ދަންނަ މީހުން ކަމުގައި ވިޔަސް މިހާރު ތާޝާ ހަނދާން ނެތިފައި ހުރުމުން އަލުން ތައާރަފްކޮށްދޭން ޖެހުނީއެވެ. ތާޝާއަށް ޒައިނާއާ ބައްދަލުވީ މުޅިން އަލަށް ކަމުގައި އިހުސާސެއް ނުކުރެވުނެވެ. ކުރެވެމުން ދިޔައީ ވަރަށް ގާތް މީހެއް ފަދަ އިހުސާސެކެވެ.

*****

ބޮޑު ދޮރުގައި ދެއަތް އަޅާ ކޮއްޕައިލުމާ އެކު ދަބަރު އަޑެއް ކިޔައިފައި ދޮރުހުޅުވިގެން ދިޔައެވެ. އެތެރެއިން ފެންނަމުން ދިޔައީ ކަނު އަނދިރި ކަމެވެ. ޖީނާ އަނދިރީގެ ތެރެއިން ވަރަށް ފަރިތަކަމާ އެކު ގޮސް ލައިޓްތައް ޖައްސައިލިއެވެ. ގޭތެރޭގައިވާ ފަރުނީޗަރުތަކުގައި ވަނި ހުދުފޮތިއަޅައިފައެވެ. އަނީކް މުޅި ގެއަށް ނަޒަރު ހިންގައިލިއެވެ. ތަނަވަސް ބޮޑު ސިޓިންރޫމްގެ މެދުގައި ބޮޑުސޯފާ ސެޓެއް ބެހެއްޓިފައި ވެއެވެ. އެ ދިމާލުން މަތީގައި ބޮޑު ޗާންދަލިޔާއެއް އެލުވައިލައިފައި އޮތެވެ. ގޭގެ މެދުގައި މައްޗަށް އަރަން ބޮޑު ސިޑިއެއް ހުއްޓެވެ. ސިޑީގެ ކަނާތް ފަރާތުގައި ތަންކޮޅެއް ދުރުގައި ބޮޑު ބަދިގެއެއް ފެންނަން ހުރިއިރު ބަދިގެ އާ ތަންކޮޅެއް ދުރުން އަށް ގޮނޑީގެ ކާމޭޒެއް ފެންނަން ހުއްޓެވެ. ސިޑީ ވާތް ފަރާތުގައި ބަރިއަކަށް ޖެހިޖެހިން ތިން ކޮޓަރި ފެންނަން ހުއްޓެވެ. ކޮންމެ ދެކޮޓަރިއެއްގެ މެދުގައިވާ ފާރުގައި ތަފާތު ރީތި އެކި މަންޒަރުތައް ކުރަހައިފައިވާ ކެންވާސްތައް ހަރުކޮށްފައި ހުރިއިރު ތިރީގައި ގަސްތައް ބެހެއްޓިފައި ހުއްޓެވެ.

ޖީނާ ސިޑިން އަރައިގެން މައްޗަށް ދާން ފެށުމުން އަނީކް ވެސް ޖީނާގެ ފަހަތުން މައްޗަށް އަރަން ފެށިއެވެ. ސިޑިން އެރިއިރު ކޮންމެ ފަރާތެއްގައި ތިން ހަތަރު ކޮޓަރި ފެންނަން ހުއްޓެވެ. ޖީނާ ދިޔައީ އޭނާގެ ކަނާތް ފަރާތުގައި ތިންވަނައަށް ހުރި ކޮޓަރިއާ ދިމާލަށެވެ.

" މީ އަހަރެންގެ ކޮޓަރި... އުމުރުން ފަންސަވީސް އަހަރު ވަންދެން އަހަރެން އުޅެ ބޮޑުވީ މި ކޮޓަރީގައި.. އެ ގެއަށް ބަދަލުވި ދުވަހު އެންމެ ދެރަވީ މިކޮޓަރި ދޫކޮށްލަން ޖެހޭތީ.." ޖީނާ ބުންޏެވެ. އޭރު އަނީކް ކަޅިޖަހައި ވެސް ނުލައި ޖީނާގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ. އަނީކް ބަލާކަން ފާހަގަވެ ޖީނާއަށް ވެސް އަނީކާ ދިމާލަށް ބަލައިލެވުނެވެ. އެހިނދު އަނީކް ބަލަން ހުރި ގޮތުން ރަކިވެ ޖީނާ އިސްޖަހައިލިއެވެ. އެހެނަސް އެ މޫނަށް ވެރިވި ޖަންބުކުލަ އަނީކަށް ސިއްރެއް ނުވިއެވެ. ތަކުރާރުކޮށް އަނީކްގެ ހިތް ގޮވަމުން ދިޔައީ ޖީނާގެ ކުރިމަތީގައި އޭނަގެ ހިތް ހުޅުވައިލުމަށެވެ.

" ޖީން!!" އަނީކް ގޮވައިލިއެވެ. ޖީނާގެ މެޔަށް ފިނިވެގެން ދިޔައީ ފުރަތަމަ ފަހަރަށް އަނީކް އެ ނަމުން ގޮވައިލުމުންނެވެ. އެހެން ނަމަވެސް ނޭނގޭ ސަބަބަކާ ހުރެ އޭނާގެ ހިތް އުފަލުން ނަށައިލިއެވެ.

" އަހަރެން ބޭނުން ވާހަކައެއް ބުނަން..." އަނީކް ބުންޏެވެ.

" ކޮންވާހަކައެއް.." ޖީނާ ހަމަޖެހޭގޮތް ދައްކަމުން އެހިއެވެ. އަނީކް މަޑުމަޑުން އޭނާގެ އަތް ޖީނާގެ އަތާ ކައިރިކޮށްލި ވަގުތު ޖީނާ އޭނަގެ އަތް ފަހަތަށް ގެންދިޔައެވެ. ޖީނާގެ އެ އަމަލުން އަނީކް ދެރައެއް ނުވިއެވެ. އެހެނީ އެއީ ޖީނާ ހިތްހަމަ ނުޖެހޭ ކަމެއްކަން އޭނާއަށް ކުރިން ވެސް އެނގޭތީއެވެ. ޖަޒުބާތުގައި ޖެހި އޭނާއަށް ޖީނާގެ އަތުގައި ހިފެން އުޅުނީ ބޭއިޚްތިޔާރުގައެވެ.

" އަހަރެން ހީކުރީ ތާޝާއަށް ފަހު އަހަރެންނަށް އެއްވެސް މީހެއް ދެކެ ލޯބި ނުވެވޭނެ ކަމަށް... އެކަމަކު އެހެނެއް ނުވި.." އަނީކް ބުންޏެވެ. ޖީނާގެ ހިތްތެޅެމުން ދިޔައީ އޮބި ނޯންނަ ވަރަށެވެ. އެތަނުން ދާން ވެސް ހިތަށް އެރިއެވެ. އެހެން ނަމަވެސް ހުރިތަނުން ފައި ގުޑުވާލާނެ ހިތްވަރެއް ވެސް އޭނާއަކަށް ނުލިބުނެވެ.

" ޖީން.. މީހުން ބުނާތީ އަޑުއަހަން ދެވަނަ ފަހަރަށް މީހެއް ދެކެ ލޯބި ވެވޭނީ އެއީ ހަޤީޤީ ލޯތްބަށް ވީމައޭ.. އެއީ ފުރަތަމަ މީހާ ދެކެ ހަޤީޤީ ލޯބިވާ ނަމަ ދެވަނަ ފަހަރަށް އެ ލޯބި ނުވެވޭނެތީ.. އެއީ ވަރަށް ބޮޑު ތެދެއްކަން މިއަދު ޔަގީން ވެއްޖެ.. ޖީން އަހަރެންނަށް ހީވަނީ އަހަރެންނަށް....." ހިތްވަރު ކުރި ނަމަވެސް ދުލުން ބޭރުކުރަން އަނީކަށް ފަސްޖެހެވުނެވެ. ތެޅިތެޅި އޮތް ހިތަކާ އެކު ޖީނާ އިންތިޒާރު ކުރަމުން ދިޔައީ އަނީކް ދެން ބުނާނެ އެއްޗަކާ މެދުގައެވެ.

" އަހަރެންނަށް ޖީން ދެކެ ލޯބިވެވިއްޖެ... ޔެސް ޖީން... އައި އެމް ސޯ އިން ލަވް ވިތް ޔޫ.." އެންމެ ފަހުން ހިތްވަރުކޮށްލައިފައި އަނީކް ބުންޏެވެ. ޖީނާގެ މޫނުމަތި ކުރިއަށް ވުރެ ވެސް ބޮޑަށް ރަތްވެގެން ދިއުމާ އެކު އަވަސް ހަރަކާތަކާ އެކު އަނެއްފަރާތަށް އެނބުރުނެވެ. ޖީނާ ލަދުގަތީކަން އެނގުމުން އަނީކް ވެސް ރަކި ގޮތަކަށް ހީލަމުން ބޯކަހައިލިއެވެ.

*****

ޒިދާނާއި ތާޝާގެ އިތުރުން ޒައިނާއާއި މާދިހު ސޯފާގައި ތިބެ އެކިއެކި ވާހަކަ ދައްކަމުން ދިޔައެވެ. އެމީހުންނާ ވާހަކަ ދެއްކުމުން ތާޝާއަށް ލިބެމުން ދިޔައީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. އެހާ ހިތްހެޔޮ އޯގާތެރި ބަޔަކާ މީގެ ކުރިން ތާޝާއާ ދިމާވެފައެއް ނެތެވެ. މާޒް ވެސް އިރުއިރުކޮޅާ ތާޝާގެ އުނގަށް އަރައި އޭނާގެ ތުއްތުތުއްތު އަޑުން ބުނެލާ ވާހަކައިން އެތާ ތިބި އެހެން މީހުންނަށް ވެސް ހެވެމުން ދިޔައެވެ. ތާޝާ ވެސް އެމީހުންނާ ބައިވެރި ހެމުން ދިޔައީ އަންނަން އުޅޭ ތޫފާނާ މެދު ރޭކާ ވެސް ނުލާ ހާލުގައެވެ.

ޒައިނާގެ ކޮޓަރީ އެނދުމަތީގައި އިން ރާއިފަށް އެމީހުން ހޭ އަޑުފަށްގަނޑު އިވެއެވެ. އެތަނުން ވެސް ޒިދާންގެ އަޑު ވަކިން ގަދައަށް ރާއިފަށް އިވެމުން ދިޔައެވެ. ޒިދާން ހޭ އަޑުއިވޭ ކޮންމެ ފަހަރަކު ރާއިފް ކައިރިއަށް އަންނަނީ ރުޅިއެވެ. އޭނާގެ ހަޔާތް ބަރުބާދުކޮށްލައިފައި ޒިދާން ހެނީއެވެ. އެންމެ ގާތް ރަޙުމަތްތެރިޔަކަށް ވެހުރެ ހަޔާތުގައި ދެވޭނެ އެންމެ ބޮޑު ލަނޑުދިނީއެވެ. ތާޝާގެ ބަލީގެ ފައިދާ ނަގައިގެން އަނެއްކާ ވެސް އޭނާގެ މަޅީގައި ތާޝާ ޖެއްސީއެވެ.

" ޒިދާން ކަލޭ ކިހާ ނުލަފާ.. ތާޝާގެ ބަލީގެ ފައިދާ ނަގައިގެން ކަލޭ އަނެއްކާ ވެސް ތިއުޅެނީ ދެރައެއް ދޭންތަ.. އަހަރެންގެ ހިތަށް ހަމަޖެހުމެއް ނުލިބޭތާ ކޮން ދުވަހެއް.. އަހަރެން ހަޔާތް މުޅިން ބަރުބާދުކޮށްލައިފައި ކަލޭ ހެމުން ތިދަނީ އެއްވެސް ހިޔާލެއް ފިކުރެއް ނެތި.. މިފަހަރު އަހަރެން ކަލެއަށް ކާމިޔާބު ވިޔަކަ ނުދޭނަން.. އަދި ތާޝާ ވެސް ކަލޭގެ މަޅީގަ ޖެއްސިޔަކަ ނުދޭނަން..." ހިތަށް އަރަމުން ދިޔަ ބަސްތަކާ އެކު ރާއިފް އިން ތަނުން ތެދުވިއެވެ. ހަރު ފިޔަވަޅުތަކެއް އަޅަމުން ގޮސް ސިޓިންގްރޫމަށް ނިކުމެ ހުއްޓުނީ އެމީހުންގެ ކުރިމަތީގައެވެ. ރާއިފްގެ އެއަމަލުން އެތާ ތިބި އެންމެނަށް ވެސް ބަލައިލެވުނީ ހައިރާންވެގެންނެވެ. ތާޝާ ޒިދާނާ ދިމާލަށް ބަލައިލީ އެއީ ކާކުކަން ނޭނގުމުންނެވެ.

" ތާޝާ.. މީ ރާއިފް.... މީ..." ޒިދާން ރާއިފާ ދިމާލަށް ބަލައިލިއެވެ.

" އާނ މީ ރާއިފް.. ޒިދާންގެ އެންމެ ބޮޑު ދުޝްމަން.." މަލާމާތުގެ ރާގެއްގައި ރާއިފް ބުންޏެވެ.

" ތާޝާ.. އަހަރެން ތާޝާއަށް ރަހުމު ހީވަން... " ތާޝާ ކައިރިއަށް ޖެހެމުން ރާއިފް ބުންޏެވެ. އެ ވަގުތު ޒިދާން އިންތަނުން ތެދުވިއެވެ. ތާޝާ ވެސް އިންތަނުން ތެދުވީ ރާއިފްގެ މޫނުމަތިން ފެންނަމުން ދިޔަ ނުރައްކާތެރި ކުލަވަރުގެ ސަބަބުންނެވެ. ޒައިނާއާއި މާދިހު ވެސް އިންތަނުން ތެދުވީ ކަންބޮޑުވީ ވަރުންނެވެ.

" ތާޝާ ހީކުރަނީ މި ޒިދާން ތާޝާ ދެކެ ވަރަށް ލޯބިވާ ކަމަށްތަ.. ހަހަހަ.. ތީ ކުރެވޭ ބޮޑުކުށްހީ އެއް.." ރާއިފް ބުންޏެވެ. ތާޝާއަށް ހިންދިރުވައިލެވުނީ ޖެހިލުންވި ވަރުންނެވެ.

" ރާއިފް ޕްލީޒް... ހުއްޓާލާ!!" ޒިދާން އިންޒާރެއް ދޭ ފަދަ ގޮތަކަށް ބުންޏެވެ.

" ރާއިފް ހިނގާ ދޮންބެއާ އެކު އެތެރެއަށް.." ރާއިފްގެ އަތުގައި ހިފަމުން މާދިހު ބުންޏެވެ. ޒައިނާއަށް ބިރުވެރި އިހުސާސެއް ކުރެވުނީ ކަންތައްތައް ވަރަށް ގޯސްވާން އުޅޭހެން ހީވުމުންނެވެ.

" މަޑުކުރޭ ދޮންބޭ!! ތާޝާއަށް ހަޤީގަތް އެނގުމުގެ ހައްޤު އޮންނަން ޖެހޭނެ.. އޭނާގެ ބަލީގެ ފައިދާ ނަގައިގެން އަނެއްކާ ވެސް މި ނުލަފާ މީހާ އެ އުޅެނީ އޭނާގެ ހަޔާތް ބަރުބާދުކޮށްލަން ވެގެން.." ރާއިފް ބުންޏެވެ.

" ރާއިފް އަހަރެން މިބުނަނީ!!! ހުއްޓާލާ އެހެން ނޫނީ މާ ރަނގަޅެއް ނުވާނެ.." ޒިދާން ކައިރިއަށް ވެސް ރުޅި އަންނަމުން ދިޔައެވެ. ތާޝާ ބިރު ގަނެފައި ހުރިވަރު ރަނގަޅަށް ޒިދާނަށް ފެންނަމުން ދިޔައެވެ. އެހެން ނޫނަސް ރާއިފަށް ބުނެވޭ އެއްޗަކުން ތާޝާގެ ސިއްޙަތަށް އަސަރުކޮށްފާނެތީ ޒިދާން ކަންބޮޑުވަނީއެވެ.

" ކަލޭ ދޭ އިންޒާރަކަށް އަހަރެން ބިރެއް ނުގަނޭ.. އަޑުއަހާ ތާޝާ! މި ޒިދާން މީ ތާޝާ ހީކުރާ ކަހަލަ ހެޔޮލަފާ މީހެއް ނޫން.. އެނގޭތަ ތާޝާ މީނަ ދޫކޮށްލާފަ މެލޭޝިޔާއަށް އެނބުރި ދިޔައީ ކީއްވެކަން... އެނގޭތަ މީގެ ހަތަރު އަހަރު ކުރިން ޒިދާން ކުރީ ކީއްކަން.. ތާޝާގެ ދައްތައާ އެކު އޭނާގެ ކޮޓަރީގަ ނިދައިފައި އޮއްވާ ތާޝާއަށް ފެނުނީ.." ފަހަރަކަށް ވުރެ ފަހަރެއް ރާއިފް އަޑު ބާރުވަމުން ދިޔައެވެ. އެންމެ ފަހު ޖުމްލައާ އެކު ތާޝާ ލައިލައި ހުރި ނޭވާ ވެސް އެތެރޭގައި ތާށިވިހެން ހީވިއެވެ.

" ތާޝާގެ ދައްތަ އަދި އަހަރެންގެ ލޯބިވެރިޔާ ޝާނާއާ އެކު އެއް އެނދުގައި ނިދައިފައި ތިއްބައި ފެނުނީ ތާޝާއާއި އަހަރެންނަށް!! " ރާއިފް ބުންޏެވެ. ޒިދާންގެ ކެތްތެރިކަން ކޮޅުން ލައި ރުޅިގަނޑު ފަޅައިގެން ދިޔައެވެ. އަތުގައި ހުރި ބާރެއް ލައިފައި ގޮށްމުށުން ރާއިފްގެ ކޯމަތީގައި ޖެހިއެވެ. ރާއިފް ވެސް ބަލާކަށް ނުހުރެ ގޮސް ޒިދާންގެ ޓީޝާޓުގެ ކަރުވަޅުގައި ހިފިއެވެ. މާދިހާއި ޒައިނާ ، ޒިދާނާއި ރާއިފް ދުރުކުރުވަން މަސައްކަތް ކުރަމުން ދިޔައެވެ.

ޝޮކެއްގައި ތާޝާ ހުރިތަނުން ގުޑިލާން ވެސް ނުކެރިފައި ހުރީ ކުއްލިއަކަށް އެ ހަނދާންތައް ސިކުނޑީގައި އެނބުރެން ފެށުމުންނެވެ. ރާއިފް އެބުނި ދުވަސް ވަރަށް ސާފުކޮށް ތާޝާގެ ކުރިމަތީގައި ސިފަވަމުން ދިޔައެވެ. ޝާނާ ބަލައި ދިޔަތަނުން ރާއިފާ ދިމާވި ގޮތެވެ. ދޮރު ހުޅުވައިލި ވަގުތު އޭނައަށް ފެނުނު މަންޒަރެވެ. އެމަންޒަރު ފެނުމާ އެކު އޭނާގެ ހިތަށް ކުރި އަސަރެވެ. އޭނާ ރުއި ރުއިމެވެ.

ކުރިމަތީގައި ރާއިފާއި ޒިދާން ތަޅާފޮޅަނީއެވެ. ޒައިނާއާއި މާދިހު އެމީހުން ދުރުކުރަން މަސައްކަތް ކުރަނީއެވެ. ކުޑަކުޑަ މާޒް ވެސް ބިރުގަނެފައި އެމަންޒަރު ބަލަން ހުއްޓެވެ. ނަމަވެސް އެއިން ކަމެއް ވާހެން ވެސް ތާޝާއަށް ހިއެއް ނުވެއެވެ. ދެ ފަރާތުން ބޮލުގައި ހިފަހައްޓައިލަމުން ތާޝާއަށް ހުރި ދިމާލުން ސޯފާގައި އިށީނދެވުނެވެ. ލެވެމުން ދިޔަ ފުން ނޭވާތަކާ އެކު ދެ ލޮލުން ހޯސްލައިފައި ކަރުނަ ފައިބަމުން ދިޔައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!