ވާހަކަ

ދުރުގާވުން ހިތްނޭދޭ! (ހަތާވީސް ވަނަބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ދުރުގާވުން ހިތް ނޭދޭ! (ފުރަތަމަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދެވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތިންވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތަރުވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނުވަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދިހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! ( އެގާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސާދަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަނަރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސޯޅަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސަތާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނަވާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ވިހިވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެކާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފައްސަވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްބީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ހަތާވީސް ވަނަބައި) ދުރުގާވުން ހިތްނޭދޭ! (އަށާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ނަވާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ތިރީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެއްތިރީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ބައްތިރީސް ވަނަ ބައި) ދުރުގާވުން ހިތްނޭދޭ! ( ތެއްތިރީސްވަނަ ބައި)

" ސްވީޓީ.." ދޮރުމަތިން އިވުނު އަންހެން އަޑާ އެކު ތާޝާގެ މެޔަށް ފިނިވެގެން ދިޔައެވެ. އަވަސްއަވަހަށް ފަހަތް ބަލައިލެވުނު ހިނދު ފެނުނު މަންޒަރުން ތާޝާއަށް ކުޑަކުއްޖަކު ފަދައިން ތުންފިއްތައިލެވުނެވެ. ދޮރުމަތީގައި ހުރި އަންސޫދާގެ ދެ ލޯ ފެންކަޅިވެގެން ދިޔައީ އެތައް ދުވަހަކަށް ފަހު އޭނާގެ ދެ ލޮލުގެ ނޫރު ކަމުގައިވާ އޭނާގެ ދަރިފުޅު ފެނުމުންނެވެ. ތާޝާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް އަންސޫދާ ގައިގައި އޮޅުލައިގަތެވެ. އަންސޫދާ ވެސް ތާޝާ ގައިގައި ބާރަށް ބައްދައިލިއެވެ. އެއަށް ފަހު ތާޝާގެ ދެ ކޯތާފަތުގައި ބޮސްދިނެވެ.

Ads by STELCO

" އައިމް ސޯ ހެޕީ ޓު ސީ ޔޫ މައި ބޭބީ.." އަނެއްކާ ވެސް ތާޝާ ގައިގައި ބައްދައިލަމުން އަންސޫދާ ބުންޏެވެ.

" ސޮރީ މަންމާ..." ތާޝާ ރޯން ފެށިއެވެ. އޭނާ ރޮމުން ދިޔައީ ހުރިހާ އިހުސާސްތަކެއް އެކުވެފައިވާ ހާލުގައެވެ. ދޮރުން ވަދެގެން އައި ދާނިޔާލް ތާޝާއަށް ފެނުނީ އެ ވަގުތުއެވެ. ދާނިޔާލްގެ ފަހަތުން އަފީފާއި ސާއިރާ ވެސް އައެވެ. ދުރުގައި ހުރި އަނީކަށް އޭނާގެ މައިންބަފައިން ފެނުމުން ލިބުނީ ބޮޑު ހައިރާން ކަމެކެވެ. އޭނާ ވެސް މަޑުމަޑުން ހިނގާފައި ގޮސް އޭނާގެ މައިންބަފައިންގެ ކުރިމަތީގައި ހުއްޓުނީ ފުޅާ ހިނިތުންވުމެއް ދެމުންނެވެ. އަފީފް އަނީކް ގަޔާ ކައިރިކޮށްލި ވަގުތު ސާއިރާ އަނީކްގެ ކޮނޑުގައި ފިރުމައިލިއެވެ. ތާޝާ އަންސޫދާގެ ގައިން ދޫކޮށްލުމަށް ފަހު ގޮސް ދާނިޔާލްގެ ގައިގައި ބެއްދިއެވެ.

" މައި ބޭބީ ގާރލް.." ތާޝާގެ ނިތްކުރީގައި ބޮސްދެމުން ދާނިޔާލް ބުންޏެވެ.

" ކީއްވެ ތިރޮނީ ބައްޕަގެ ދޫންޏާ.. މިހާރު މަންމައާއި ޑާޑާ މިިތިބީ އައިހެއްނު.." ތާޝާގެ ލޮލުން އައިސްފައިވާ ކަރުނަތައް ފޮހެދެމުން ދާނިޔާލް ބުންޏެވެ.

" އަހަރެން މަންމައާއި ޑާޑާ މަތިން ވަރަށް ހަނދާންވި" ގިސްލަމުން ތާޝާ ބުންޏެވެ. ދާނިޔާލް ހިނިތުންވެލަމުން ތާޝާ ގަޔާ ކައިރިކޮށްލައިގެން ހުރެ އެތެރެއަށް ވަންނަން ދިޔައެވެ.

" އޯހް ދައްތާ ހާދަ ދުވަހެއް ފަހުންނޭ މި ފެނުނީ... ވަރަށް ހަނދާންވި ދައްތަ މަތިން.." އަންފޫޒާ ގައިގައި ބައްދައިލަމުން އަންސޫދާ ބުންޏެވެ.

" ކޮބާ އަންފޫޒާ ރަނގަޅު ދޯ..." އެތަނަށް އައިސް ހުއްޓުނު ދާނިޔާލް ވެސް އަހައިލިއެވެ. އެ  ދެމީހުން ބަދަލުކޮށްލީ ތަފާތު ނަޒަރެކެވެ. އަންފޫޒާ ހިނިތުންވެލަމުން ބޯ ޖަހައިލިއެވެ.

" މިހުރީ ޖީނާ ދޯ.... ޔޫ ލުކް ބިއުޓިފުލް ޑާލިންގ" ޖީނާގެ ގައިގައި ލުއިކޮށް ބައްދައިލަމުން އަންސޫދާ ބުންޏެވެ. ޖީނާ ވަކިއެއްޗެއް ނުބުނެ ހިނިތުންވެލިއެވެ.

" މީ އަފީފާއި ސާއިރާ.. އަހަރެމެންގެ އެންމެ ގާތް އެކުވެރިން އަދި އަނީކްގެ މައިންބަފައިން..." އެމީހުން ތައާރަފް ކޮށްދިނީ އަންސޫދާއެވެ. އަނީކް ބަލައިލީ ޖީނާއަށެވެ. އޭނާ އުއްމީދުކޮށްގެން ހުރީ ވަރަށް ހާއްސަގޮތެއްގައި ޖީނާ އޭނާގެ މައިންބަފައިންނަށް ތައާރަފް ކޮށްދިނުމަށެވެ. އެހެން ނަމަވެސް ކަންތައްތައް ވި ގޮތުން އޭނާ މުޅިން ފޫހިވެއްޖެއެވެ.

" މަންމަމެން ކީއްވެ ނުބުނެ ތިއައީ... އެއާޕޯޓަށް ބަލައިދެވުނީހެއްނު..:" އަނީކް ބުންޏެވެ.

" އަހަރުމެން ބޭނުންވީ ތި ދެ ކުދިންނަށް ސަޕްރައިޒެއް ދޭން.. ހީވަނީ ދަރިފުޅު މިކޮޅުގަ އުޅެނީ ވަރަށް ހިތްހަމަޖެހިގެންހެން،.. އެހެން މިބުނީ ކުޑަކޮށް ފަލަވެލާފަ ހުރީމަ..." ސާއިރާ އޭނާގެ ދަރިފުޅުގެ ހަށިގަނޑަށް ނަޒަރު ހިންގައިލަމުން ބުންޏެވެ. އެ ފަހަރު ވެސް އަނީކަށް ބަލައިލެވުނީ ޖީނާއަށެވެ. ހަނދާންވީ ކޮންމެ ދުވަހަކު އޭނާ ޖީނާއާ އެކު ބަދިގޭގައި ހޭދަކުރާ ވަގުތުތަކެވެ.

އިރުއިރުކޮޅާ އަނީކް ޖީނާއާ ދިމާލަށް ބަލައިލާ ގޮތް ދާނިޔާލަށް ރަނގަޅަށް ފާހަގަވިއެވެ. އެވަގުތު ދާނިޔާލްގެ ހިތަށް އެރި އެއްޗަކުން ތުންފަތަށް ވެރިވީ ވިހަ ހިނިތުންވުމެކެވެ.

" ކޮބާ ޝާނާއާއި ޝާމިން.. " ގޭތެރެ ހޯދައިލާ އަންސޫދާ އަހައިލިއެވެ. އަންފޫޒާ ޝާނާއަށް ގުޅުމަށް ފަހު ވަރަށް އަވަހަށް ޝާމިނާ އެކު ތިރިއަށް އައިސް ދިނުމަށް އެދުނެވެ. ސިޑިން ތިރިއަށް ފޭބި ޝާނާއަށް ތިރީގައި ތިބި މީހުން ފެނުމާ އެކު އުނދަގޫ ގޮތްތަކެއް ވިއެވެ. ހާއްސަކޮށް ދާނިޔާލް ފެނުމުން އޭނާގެ ހިތް ނުތަނަވަސް ވިއެވެ. ޝާނާގެ ފަހަތުގައި ހުރި ޝާމިނަށް ދާނިޔާލް ފެނުމުން ހިތަށް ވެރިވީ ފޫހިކަމެވެ. އެހެން ނަމަވެސް މޫނުމަތިން ހިނިތުންވުން ދައްކަމުން އޭނާ ޝާނާއާ އަރައި ހަަމަކުރުމަށް ފަހު ޝާނާގެ އުނަގަނޑުގައި އަތް އަޅުވައިލިއެވެ. ޝާނާއަށް ލިބުނު ސިހުމާއެކު ޝާމިނާ ދިމާލަށް ބަލައިލިއެވެ. ކުރިން ޝާމިންގެ ފަރާތުން އެ ފަދަ ގާތްކަމެއް ލިބުމުން ޝާނާ އިންތިހާއަށް އުފާވެއެވެ. އެހެން ނަމަވެސް މިއަދު އޭނާއަށްވި ތަފާތު ގޮތެކެވެ. ޝާމިންގެ އެ އަމަލުން ޝާނާ ހިތްހަމަނުޖެހުނެވެ.

" ޝާނާ! ޝާމިން! ރަނގަޅު ދޯ ދެ ކުދިން؟" ޝާނާ ގައިގައި ބައްދައިލަމުން އަންސޫދާ އަހައިލިއެވެ. ޝާނާ ހިނިތުންވާން މަސައްކަތް ކުރަމުން ބޯ ޖަހައިލިއެވެ.

" ޝާމިން ދަރިފުޅާ އަވަހަށް ކުޑަބައްޕަމެންގެ ފޮށިތައް ކޮޓަރިއަށް ވައްދައިދީ! ސާއިރާގެ ދެމަފިރިންގެ ފޮށިތައް ވައްދާނީ މަންމަގެ ކޮޓަރިއާ ޖެހިގެން ހުރި ކޮޓަރިއަށް... ކުޑަބައްޕަމެންގެ ފޮށިތައް ވައްދާނީ ކުރިން ތާޝާ އުޅުނު ކޮޓަރިއަށް.." ކަންތައް ކުރަންވީ ގޮތް ޝާމިނަށް ކިޔައިދިނީ އަންފޫޒާއެވެ. ޝާމިން މޫނުމަތިން ހިނިތުންވުމެއް ދައްކައިލިޔަސް ހިތުގައިވީ ފޫހިކަމެވެ. އޭނާއަކީ އެމީހުންގެ ނޯކަރެއް ހެއްޔޭ ހިތަށް އެރިއެވެ.

" ފޮށިތައް ހުންނާނެ ޕޯޓިކޯގަ..." ޝާމިން ދާން ދިމާކޮށްލުމުން ދާނިޔާލް ބުންޏެވެ. އެ ވަގުތު ޝާމިން ދާނިޔާލްއާ ދިމާލަށް ބަލައިލެވުނު އިރު އެ ދެ ލޮލުން ފެންނަމުން ދިޔައީ ހިތްހަމަނުޖެހުމެވެ. ބަދަލުގައި ދާނިޔާލް ޝާމިނަށް ހަދިޔާކޮށްލީ ވިހަ ހިނިތުންވުމެވެ. އެ ވަގުުތު ޝާމިންގެ މުށް ބާރުވެގެން ދިޔަ ނަމަވެސް ކެތްތެރިވަމުން އޭނާ ގޮސް ގެއިން ނިކުތެވެ. ޝާމިން ދާ ތަން ބަލަހައްޓައިގެން ހުރުމަށް ފަހު އަނީކް ވެސް ފަހަތުން ނިކުތީ އެނބުރި އަންނާނެ ކަމަށް ބުނަމުންނެވެ.

ޕޯޓިކޯގައި ހުރި ތިން ހަތަރު ފޮއްޓާއި ދެތިން ދަބަސް ފެނުމުން ޝާމިންގެ ބޮލުގައި ރިއްސައިލިއެވެ. އެ ހުރިހާ އެއްޗެއް ވައްދާ ނިމޭއިރު އޭނާ ވަރުބަލިވެގެން ހަލާކު ވެދާނެއެވެ. ފުން ނޭވައެއް ދޫކޮށްލުމަށް ފަހު އެތަނުން ފޮއްޓެއްގައި ހިފަން އުޅުނު ވަގުތު އަނީކް ޝާމިނަށް ގޮވައިލިއެވެ.

" ހެލޯ ބްރޯ... ތެންކްސް ބުނަންތަ ތިއައީ؟ " ޝާމިން އަހައިލިއެވެ. އަނީކްގެ މޫނުމަތިން ވަކި އަސަރެއް ނުފެނެއެވެ.

" އަހަރެން ކީއްވެ ކަލޭ ތި ދައްކާ ވާހަކަ ޤަބޫލުކުރަންވީ؟" އަނީކް އަހައިލިއެވެ. ޝާމިންގެ ތުންފަތް މައްޗަށް ވެރިވީ ލާނެތް ހިނިތުންވުމެވެ.

" އެއީ އަހަރެން ދެއްކީ ތެދު ވާހަކައަކަށް ވީމަ... ފޮނުވާފަ ތިިހިރަ ފޮޓޯތަކުން އެކަން އެނގޭކަށް ނެތްތަ؟" ޝާމިން އަނީކް ކައިރިއަށް ޖެހިލަމުން އަހައިލިއެވެ.

" ކީއްވެ އަހަރެންނަށް މާ ހެޔޮ އެދިގެން ތިއުޅެނީ؟" އަނެއްކާ ވެސް އަނީކް އަހައިލިއެވެ.

" އެއީ އަހަރެން މި އުޅޭ ހާލުގަ އެހެން ފިރިހެނެއް އުޅެން ބޭނުން ނުވާތީ... އެނގޭ އަނީކް ދެރަވާނެކަން އެކަމަކު އަހަރެން ބުނެދިނީ ހަޤީގަތް... އެދުވަހު ޖީނާ އަނީކް ކައިރީގައި ދެއްކި ވާހަކަތައް އަޑުއަހަން އަހަރެން ހުރީ ގަސްދުކޮށްގެންނެއް ނޫން.. އަހަރެން ވެސް ހާސްކަން ފިލުވައިލަން ބޭރަށް ނިކުތް ވަގުތު އަޑު އިވުނީ... އަހަރެން ހުރީ އެއްވެސް ވާހަކައެއް އަނީކް ކައިރީގައި ނުބުނަން ވެގެން އެކަމަކު އަހަރެންނަށް މިއަދު ފެނުނު މަންޒަރަކުން އެވާހަކަތައް އަނީކަށް ކިޔައިދޭން މަޖުބޫރުވީ.. އެއީ އަހަރެން ފަދައިން އަނީކްގެ ހިތް ހަލާކުކޮށްލަން ބޭނުން ނުވާތީ.. މިއަދު އަހަރެންނަށް ފެނުނު ތިކޮޓަރީގެ ދޮރުމަތީގައި އަނީކާއި ޖީނާ ވާހަކަ ދައްކަން ތިއްބަ.. އެވަގުތު އަހަރެންނަށް އެނގުނު ޖީނާއާ މެދުގައި އަނީކްގެ އިހުސާސްތައް ހުރި ގޮތް.. އެހެންވެ އަހަރެން ބޭނުންވީ ވަގުތު ފާއިތުވުމުގެ ކުރިން އަނީކަށް ހުރިހާ ހަޤީގަތެއް ކިޔައިދޭން.. އައިމް ސޯ ސޮރީ..... އެކަމަކު.. " ދެރަވާކަން ދައްކަން މަސައްކަތް ކުރަމުން ޝާމިން ބުންޏެވެ.

" ޝާމިނަށް އެއީ ހަޤީގަތެއް ނޫންކަން އެނގުނީ ކިހިނެއް؟ " އަނީކް އަހައިލިއެވެ. އެ މޫނުމަތިން ފެންނަމުން ދިޔައީ ސީރިއަސް ކަމެވެ.

" ކަމްއޯން ބްރަދަރ.. އަހަރެންނަކީ ޝާނާގެ ފިރިމީހާއޭ.. އިން ރޭ އަހަރެންނަށް އެނގުނު އެއީ ޝާނާގެ ފުރަތަމަ ފަހަރެއް ނޫންކަން... އެހެންވެ އެ ރޭ އެހީމަ ޝާނާއަށް މަޖުބޫރުވީ އަހަންނަށް ކިޔައިދޭން.. އެ ރޭ ޒިދާނާ ދެމީހުންގެ ދެމެދުގައި ކަންތައް ހިނގައި ދިޔަ ގޮތް ޝާނާ އަހަންނަށް ކިޔައިދިން،،، އަޑުއަހަން ބޭނުންތަ އެކަން ހިނގައި ދިޔަ ގޮތް" ޝާމިން އަހައިލިއެވެ.

" އަހަރެން ބޭނުމެއް ނޫން އަހާކަށް.. ޝާމިނަށް މި ފޮޓޯތައް ލިބުނީ ކިހިނެއް؟" އަނީކް އަހައިލިއެވެ.

" އަހަރެން މިހުރީ ސުވާލު ޕްރޮގްރާމަކަށް އަރުވައިފަތަ؟" ހިނިގަނޑެއް ޖަހައިލަމުން ޝާމިން އަހައިލިއެވެ.

" ނޫނޭ.. އެކަމަކު ޝާމިން ތިހާ ހެޔޮ އެދިގެން އަހަރެންނަށް ހަޤީގަތް ބުނެދިނީމަ އަހަރެން ވެސް ބަލަން ޖެހޭ ކަންތައްތަކެއް ހުންނާނެއްނު.. " އަނީކް އެހެން ބުނީ ވަރަށް ހަމަޖެހިލައިފައެވެ.

"ތީގަ އޮތް ޒިދާނާ ޖީނާގެ ފޮޓޯ އެއީ އަހަރެންނަށް ރަހުމަތްތެރިއަކު ފޮނުވި ފޮޓޯއެއް.. ދެން ތީގައިވާ ޖީނާގެ ޑައިރީ އަހަރެންނަށް ލިބުނީ މި ގެއަށް ބަދަލުވި ދުވަހު ފޮށިގަނޑެއްގެ ތެރެއިން.. ލުކް އަނީކް... ޖީނާ އޯލްވޭސް ލަވްޑް ޒިދާން.. ތާޝާ ޒިދާނާ ރައްޓެހިވުމުން އެކަމާ ދެރަވެ ޝާނާ ކައިރީގައި ޖީނާ ރޯން ވެސް ރުއި.. އަހަރެން ދައްކާ ވާހަކަ ޤަބޫލު ނުކުރަންޏާ އަޅެ ޝާނާ ކައިރީގައި އަހާބަލަ ތެދު ދޮގު..." ޝާމިން ކިޔައިދިނެވެ.

" ދެން އޭރު އަހަރެން ކައިރީ ނުބުނީ ކީއްވެ؟؟ ކީއްވެ ކުއްލިއަކަށް މިއަދު އެ ވާހަކަތައް ކިޔައިދޭންވީ.. އެ ވެސް މެސެޖަކުން؟؟" އަނީކް އަހައިލިއެވެ. ޝާމިން ފުން ނޭވައެއް ދޫކޮށްލިއެވެ.

" އަނީކް ބުނަންތަ ވާހަކައެއް... މިގޭގަ އުޅޭއިރު އަނީކަށް ވެސް މިކަން އިހުސާސް ވާނެ ކަންނޭނގެ! މިއަދާ ހަމައަށް ވެސް އަހަރެންނާ ޝާނާގެ ގުޅުން ރަނގަޅު ނުވެ އޮތީ އެ ސަބަބާ ހުރެ... އަހަރެންގެ އަތުގަ އެބައޮތް ޖީނާގެ ޑައިރީ ވެސް.. ޤަބޫލު ނުކުރަންޏާ އަހަރެން އެ ޑައިރީ ވެސް އަނީކަށް ދީފާނަން.." ޝާމިން ބުންޏެވެ. އެއަށް ފަހު މޫނުމަތިން ކަންބޮޑުވާ ގޮތް ދައްކާލުމަށް ފަހު ގޮސް ފޮށިތަކުގައި ހިފިއެވެ. އަނީކް ވަކި އެއްޗެއް ނުބުނެ ހިންދިރުވައިލެވުނެވެ. ޖީނާ ދެކެ ލޯބިވާ ވާހަކަ ނުބުނެވުނު ނަމައޭ ހިތަށް އެރިއެވެ. އެވިސްނުމުގައި ހުރެފައި އަނީކް އެތެރެއަށް ވަންނަން ހިނގައިގަތެވެ.

" އަނީކްގެ މޮޔަކަމާއެވެ. ހަހަހަ.. ބޭރު ޤައުމަކުން ކިޔަވައިގެން ހުރީމަ އަހަރެން ހީކުރީ ވަރަށް ސްމާޓްވާނެކަމަށް.. މީހަކު ބޭނުން ގޮތަކަށް އަނީކްގެ ހަޔާތާ ކުޅެމުންދާއިރު ވެސް އޭނާ އެ ހުންނަނީ ރޮލައި.. ހެހެހެހ" ޝަމީން އެހެން ބުނެލީ އަމިއްލަ ނަފްސަށް އިވޭ ވަރަށެވެ.

*****

ނަމާދުކޮށްގެން ޖީނާ އެނދުމަތީގައި އޮށޯވެލިއެވެ. އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ މިއަދު ހިނގައި ދިޔަ ކަންތަކެވެ. އެސްފިޔަ ޖަހައިލާ ކުޑަހިނދުކޮޅެއްގެ ތެރޭގައި ވެސް ހާލަތު ބަދަލުވެދާނެކަން މިއަދު ޖީނާއަށް ޤަބޫލުކުރެވިއްޖެއެވެ. އަނީކް އޭނާއަށް ލޯބި ހުށަހެޅުމުން އޭނާ ހުރީ ނުހަނު އުފަލުންނެވެ. އެހެން ނަމަވެސް މިހާރު އަނީކް އެ ހުރީ އޭނާ ދެކެ ރުޅިއައިސްފައެވެ. ނުވިތާކަށް ޒިދާނާއި އޭނާގެ ގުޅުމަށް ޝައްކު ކުރީއެވެ. އޭނާ ދުވަހަކު ވެސް ޒިދާނާ މެދު އެފަދަ ނަޒަރަކުން ނުދެކޭކަން ހެއްދެވި ފަރާތް ދެނެވޮޑިގެން ވާނެއެވެ. މީގެ ކުރިން ވެސް އަނީކާ އޭނާ ވަނީ ދެބަސްވެފައެވެ. އެހެން ނަމަވެސް ދުވަހަކު ވެސް އަނީކް އޭނާއާ ޒިދާނާ އަޅުވައެއް ނުކިޔައެވެ. ވީއިރު މިއަދު އަނީކް އެ ފަދަ އެއްޗެއް ބުނަންވީ ކީއްވެ ހެއްޔެވެ؟ ޒިދާންގެ ގެއިން ނިކުތުމަށްފަހު އަނީކް އޭނާ އާ ދިމާލަށް ކީ ކޮންމެ ލަފްޒެއް ޖީނާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. ކުއްލިއަކަށް ހިތަށް އެރި އެއްޗަކުން ޖީނާއަށް އޮތް ތަނުން ތެދުވެވުނީ ކުއްލިއަކަށެވެ.

" ވެއިޓް.. އަނީކް ބުނީ އަހަރެން ސިއްރުކުރީއޭ... އެކަމަކު އަހަރެން އެރޭ އަނީކަށް ހުރިހާ އެއްޗެއް ކިޔައިދިނިން.. އަޅެ އަހަރެންނަށް އޭރު އެހެން ނުބުނެވުނީ ކީއްވެ؟ އެވަގުތު ކަންބޮޑުވުމުގެ ސަބަބުން އަހަރެން ހަނދާނުން ކައްސާލީ އެކަމަކު އަނީކަށް އެނގެންޖެހޭނެއްނު އަހަރެން އެ ވާހަކަތައް އޭނާއަށް ކިޔައިދިން ކަން.. ނޫނީ އޭނާ ވެސް ހަނދާން ނެތުނީތަ؟ ނޫން އެހެނެއް ނުވާނެ... ދެމީހުން އެއްކޮށް ހަނދާން ނެތިދާނެތަ؟.. ވެދާނެ ތާޝާއަށް ދައްކަން ވެގެން ކަމަށް... އެކަމަކު ކީއްވެ؟ އަނީކް އަދިވެސް ތާޝާ ދެކެ ލޯބިވަނީތަ؟ އެހެން ކަންނޭނގެ!! ތާޝާ ޒިދާން ދެކެ ރުޅި އައިމަ އެކަމުގެ ފައިދާ ނަގައިގެން ތާޝާ ހާސިލް ކުރަން އެ އުޅެނީ.. އެހެންވީއިރު މާ ރަނގަޅުކަމަަށް ހެދިގެން މި ވީހާ ދުވަހު އަނީކް އަހަރެންގެ އިހުސާސްތަކާ ކުޅުނީތަ؟" ޖީނާގެ ހިތަށް އެއްފަހަރާ އެތައް އެއްޗެއް އަރަމުން ދިޔައެވެ. އެހިނދު ޖީނާގެ ލޮލުން ރޮނގަކަށް ކަރުނަ ފޭބިއެވެ. އަނީކްގެ ހަޤީގަތް އެނގުނުއިރު ވަގުތު ފާއިތުވެއްޖެއެވެ. އޭނާގެ ހިތަކީ މިހާރު އޭނާގެ އެއްޗެއް ނޫނެވެ.

ޖީނާ އިންތަނުން ތެދުވީ ކުއްލިއަކަށެވެ. އެހާ އަވަހަށް ހިތްވަރު ދެރަކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ. އަނީކް ހީކުރީ ހުރިހާ ކަމެއް އޭނާގެ ބޮލަށް ޖަހައިފައި އެހާ ފަސޭހައިން ސަލާމަތް ވެވިދާނެ ކަމަށް ހެއްޔެވެ؟ އަލަމާރީ ދޮރުފަތުގައި ކޮނޑެއްގައި އަޅުވައިފައި އޮތް އޭނާގެ ކުޑަ ބުރުގާ ކޮޅު ނެގުމަށް ފަހު އެޅިއެވެ. އެއަށް ފަހު ހަރު ފިޔަވަޅުތަކެއްގައި ކޮޓަރިން ނިކުމެގެން ގޮސް ހުއްޓުނީ އަނީކްގެ ކޮޓަރި ކައިރީގައެވެ. ދާނިޔާލްމެންގެ ހުނުމުގެ އަޑު ޖީނާއަށް އިވުނީ އެ ވަގުތުއެވެ. އެހެންކަމުން ރެއިލިންއާ ކައިރިވެލަމުން ޖީނާ ތިރި ބަލައިލިއެވެ. އޭރު ސޯފާގައި އޭނާ ނޫނީ އެންމެން ތިއްބެވެ. ކުރިމަތީގައި ހުރި ކޮފީ މޭޒުމަތީގައި ތިން ހަތަރު ވައްތަރުގެ ޕިއްޒާ ފޮށިތަކެއް ހުއްޓެވެ.

ސޯފާގައި އިން ދާނިޔާލް އެއްލި ކަޅިއަކުން މަތީގައި އެމީހުންނާ ދިމާލަށް ބަލަހައްޓައިގެން ހުރި ޖީނާ ފެނުނެވެ. ޖީނާ ފެނުމުން ދާނިޔާލްގެ ހިތުގައި ރޯވަމުން ދިޔައީ ހަސަދަައިގެ ހުޅުކޮޅެކެވެ. އޭނާ ހަށީގައި ނޭވާ ހުރިހާ ހިނދަކު ޖީނާގެ ރޭވުން ކާމިޔާބު ވިޔަކަ ނުދޭނެއެވެ. އޭނާއަށް ސިއްރުން ކަންތައްތައް ކުރެވިދާނެ ކަމަށް ޖީނާއަށް ހީކުރެވޭ ނަމަ އެއީ އޭނާއަށް ކުރެވޭ ބޮޑު ކުށްހީއެކެވެ. ކިތަންމެ ގާތް މީހެއް ނަމަވެސް އޭނާ ކުރަން އުޅޭ ކަމަކަށް ހުރަސް އަޅައިފި ނަމަ އެމީހަކަށް އޭނާ ދުވަހަކު ވެސް މައާފެއް ނުކުރާނެއެވެ. އޭނާ ހުއްޓައިލާނީ އެމީހެއްގެ މުޅި ޒިންދަގީ ނަރަކައަކަށް ހަދައިލައިފައެވެ.

ޖީނާގެ ނަޒަރު ހުއްޓުނީ ތާޝާއާ ޖެހި ފިތިގެން އިން އަނީކަށެވެ. މިވަގުތު ތާޝާގެ ތުންފަތްމަތިން ވެސް ހިނިތުންވުން ފާޅުވާން ހުއްޓެވެ. އަނީކް ވެސް ހެމުން ދިޔައީ މިއަދު ވީ އެއްވެސް ކަމަކާ ހިޔާލެއް ފިކުރެއް ވެސް ނެތިއެވެ. އައިކޮޅަށް ދާން އެނބުރުނުއިރު ޖީނާގެ ދެ ލޯ ވަނީ ފެންކަޅިވެފައެވެ.

*****

ރޭގަނޑުގެ ކެއުމަށް ފަހު އެންމެން ސިޓިން ރޫމަށް ޖަމާވިއެވެ. ދާނިޔާލް މުހިންމު ވާހަކައެއް ބުނަންވެފައި އޮތް ވާހަކަ ބުނުމުންނެވެ. އެތާ ތިބި އެންމެންގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ހިނިތުންވުމެވެ. ތާޝާއާއި ޖީނާ ފިޔަވައެވެ. މާޒީގެ ބައެއް ކަންތައް ހަނދާނަށް އައި ވާހަކަ އޭނާ އިތުރު އެއްވެސް މީހަކު ކައިރިއަކު ނުބުނެއެވެ. ބުނަން ބޭނުން ނުވަނީއެވެ. ޒިދާނާއި ޝާނާ އެނދުގައި އޮތް މަންޒަރު ސިފަވާ ކޮންމެ ފަހަރަކު ތާޝާގެ މޭގައި ރިއްސައިލައެވެ. ދެ ލޯ ފެންކަޅި ވެސް ވެއެވެ. އެކަމަކު އޭނާގެ މައިންބަފައިންގެ ކުރިމަތީގައި އެކަން ހާމަނުކޮށްނުވޭތޯ މަސައްކަތްކުރިއެވެ.

ޖީނާ އިރުއިރުކޮޅާ އަނީކަށް ބަލައިލައެވެ. އެހެން ނަމަވެސް އަނީކް އޭނާއާ ދިމާލަށް ނުބަލަން ހުވައިކޮށްގެން އިން ފަދައެވެ. ޖީނާ އިންތިޒާރު ކުރަމުން ދިޔައީ އަނީކާ އެކަނި ބައްދަލުކޮށްލެވޭނެ ވަގުތަކަށެވެ. އެހެން ނަމަވެސް އެހާ ފަސޭހައިން އެކަން ވާނެހެނެއް ހިއެއް ނުވިއެވެ. ޚިޔާލީ ފުންކަނޑަށް ގެއްލިފައި އިން ޖީނާ ސިހިގެން ދިޔައީ ދާނިޔާލް ގޮވައިލި އަޑު އިވިފައެވެ.

" ކީކޭ ކުޑަބައްޕާ.." ކަރު ކެހިލަމުން ޖީނާ އަހައިލިއެެވެ. އެތާ ތިބި އެންމެންގެ ނަޒަރު ހުއްޓިފައިވީ ޖީނާއަށެވެ. އަނީކް ފިޔަވައެވެ.

" ކުޑަބައްޕަ އަހައިލީ ޖީނާގެ ޖޮބް ކިހިނެއްހޭ ވަނީ... މީހަކާ އިންނާކަށް ނުވޭހޭ؟" ދާނިޔާލް އޭނާ ޖީނާއާ ކުރި ސުވާލު ތަކުރާރުކޮށްލަމުން އަހައިލިއެވެ.  ޖީނާ ނިތަށް ރޫ އަރައިގެން ދިޔައެވެ. އެ ވަގުތު ވެސް އޭނާ ބަލައިލީ އަނީކަށެވެ. ކަން ދިމާކުރި ގޮތުން އެ ވަގުތު އަނީކް ވެސް ޖީނާއަށް ބަލައިލިއެވެ.

" އަހަރެން... އަދި...." ޖީނާއަށް ދޭނެ ޖަވާބެއް ނޭނގުނެވެ.

" އެހެން މިބުނީ މިހާރު މި އާއިލާގަ ކައިވެނި ނުކޮށް ދެން ހުންނާނީ ޖީނާއަށް ވީމަ... " ދާނިޔާލް ބުންޏެވެ.

" ތިބުނީ؟" ދާނިޔާލް ބުނި އެއްޗެއް ސާފު ނުވެ ޖީނާ އަހައިލިއެވެ.

" މިވާހަކަ ދައްކަން އަސްލު މިއުޅެނީ މިރޭ... އަހަރެމެން ނިންމައިފިން ތާޝާއާއި އަނީކްގެ ކައިވެނި ވީ އެންމެ އަވަހަކަށް ކުރުވަން.." ދާނިޔާލް ބުންޏެވެ. ޖީނާގެ ކަންފަތް ކައިރީގައި ހީވީ ބޮމެއް ގޮވިހެންނެވެ. ތާޝާ ވެސް ދާނިޔާލަށް ބަލައިލީ ލިބުނު ސިހުމަކުންނެވެ. އަންފޫޒާ ހުރިހާ ދަތްތަކެއް ފެންނަވަރަށް ހިިނިތުންވެލިއިރު ކައިރީގައި އިން ޝާމިނަށް ދެ ބުމަ ގޮށްޖަހައި ލެވުނީ ބޭއިޚްތިޔާރުގައެވެ. އަނީކް ބަލައިލީ އޭނާގެ މައިންބަފައިންނަށެވެ.

" ދަރިފުޅު ބައްޕައަށް މެސެޖުކޮށްފަ ބުނީމެއްނު ތާޝާ ކައިވެނި ކުރަން އެއްބަސްވެއްޖޭ.. އެހެންވެ ބައްޕަމެން ބޭނުންވީ މާލޭގަ ތި ދެ ކުދިންގެ ކައިވެނި ކުރުވަން..." އަފީފް ބުންޏެވެ އަނީކްގެ މޫނުމަތިން ފާޅުވީ ހައިރާން ކަމެކެވެ. އެފަދަ ވާހަކައެއް އޭނާ އަފީފް ކައިރީގައި ބުނި ހަނދާނެއް ނުވެއެވެ. އެހެން ނަމަވެސް އެ ވަގުތު އެހެން އަހައި އެންމެންގެ ކުރިމަތީގައި އޭނާގެ މައިންބަފައިން ބޭޒާރުކޮށްލަން ބޭނުންނުވާތީ އޭނާ ހަނު އިނެވެ.

ތާޝާ ބަލައިލީ އަނީކަށެވެ. އަނީކާ ކައިވެނި ކުރަން ބޭނުންވާ ވާހަކަ އޭނާއަށް އޮތީ ކުރިން އަނީކް ކައިރީގައި ބުނެވިފައެވެ. އެކަމަކު އެވާހަކަ އަނީކް އަފީފް ކައިރީގައި ބުނެފާނެ ކަމަކަށް ތާޝާ ހިޔެއް ނުކުރެއެވެ. އެހިނދު އަނީކް އަދިވެސް އޭނާ ދެކެ ލޯބިވާކަން ތާޝާއަށް އެނގުނެވެ. ކަންތައް ކުރަންވީ ގޮތް ތާޝާ ނިންމައިލީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ.

" އާނ އަހަރެން ޤަބޫލު.. " ތާޝާ އެހެން ބުނިއިރު އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ޒިދާނާއި ޝާނާ އެނދުމަތީގައި ތިބި މަންޒަރެވެ. ދާނިޔާލްއާއި އަންސޫދާއަށް ލިބުނީ ބަޔާން ކުރަން ދަތި ހިތްހަމަޖެހުމެކެވެ. އަނީކް ތާޝާއާ ދިމާލަށް ބަލައިލީ ޤަބޫލު ނުކުރެވިގެންނެވެ. އިވެމުން ދިޔަ ވާހަކަތަކުން ޖީނާގެ ހިތަށް ހެރޭ ކަށިތައް ގިނަވަމުން ދިޔައެވެ. ނުރޯން މަސައްކަތް ކުރަމުން ޖީނާ ތުންފަތުގައި ދަތް އަޅައިލިއެވެ. އަނީކްގެ ޖަވާބަކަށް އިންތިޒާރު ކުރަމުން ދިޔައިރު ޖީނާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ،

" އަހަރެން...." އަނީކް ބުނަން އުޅެފައި ހުއްޓުނެވެ. އޭނާ ބަލައިލީ ޖީނާގެ މޫނަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!