ވާހަކަ

ދުރުގާވުން ހިތް ނޭދޭ! (ދެވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ދުރުގާވުން ހިތް ނޭދޭ! (ފުރަތަމަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދެވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތިންވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތަރުވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނުވަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދިހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! ( އެގާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސާދަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަނަރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސޯޅަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސަތާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނަވާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ވިހިވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެކާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފައްސަވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްބީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ހަތާވީސް ވަނަބައި) ދުރުގާވުން ހިތްނޭދޭ! (އަށާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ނަވާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ތިރީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެއްތިރީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ބައްތިރީސް ވަނަ ބައި) ދުރުގާވުން ހިތްނޭދޭ! ( ތެއްތިރީސްވަނަ ބައި)

" ޔޫ ޑޯންޓް އަންޑަސްޓޭންޑް ނިކް... މީކީ ކުޑަކަމެއް ނޫނޭ.. އަހަރެން ހަޔާތުން އަށް އަހަރު މިވަނީ ގެއްލިފަ... ގާތްގަނޑަކަށް ބުނާނަމަ އަހަރެންނަށް އަށާރަ އަހަރު ވީއްސުރެން ވީހުރިހާ ކަމެއް މިވަނީ އަހަރެންގެ ހަނދާނުން ފޮހެވިފަ... ކޮންމެ އިންސާނަކަށް ވެސް މެމޮރީސްއަކީ ވަރަށް މުހިންމު އެއްޗެއް... އަހަރެންގެ މައިންބަފައިންނާއި އާއިލާ މީހުންނާއި ރަޙުމަތްތެރިންނާ އެކު ހޭދަވި ދުވަސްތައް އަހަރެންނަށް ވަރަށް މުހިންމު.. އެވަގުތުތަކަކީ އަނބުރާ ލިބޭނެ އެއްޗެއް ނޫން ނަމަވެސް މެމޮރީގަ އެކަންކަން ހަރުލާފައި ހުރުމަކީ ކިހާ ސްޕްޝަލް ކިހާ އުފާވެރިކަމެއް... ނިކް ޕްލީޒް އަހަންނަށް އެހީވެދީ. އެހެންނޫނީ އަހަރެން މޮޔަވެދާނެ... " އެންމެ ފަހުން ތާޝާއަށް ރޮވިއްޖެއެވެ. ތާޝާ ރޯތަން ބަލަން އަނީކަށް ކެތެއްނުވިއެވެ. އިސްޖަހައިލަމުން ފުންނޭވައެއް ދޫކޮށްލީ އެކަމާ ފުންކޮށް ވިސްނައިލުމަށެވެ. އަނީކްގެ ޖަވާބެއްގެ އިންތިޒާރުގައި ތާޝާ އިނީ ކެތްމަދުވެފައެވެ.

Ads by Sosun Fihaara

" އެންމެ ރަނގަޅު... އަހަރެން އެހީވެދޭނަން.. އެކަމަކު އެއީ ޝަރުތެއްގެ މަތިން.." އިރުގަނޑެއް ފަހުން އަނީކް ބުންޏެވެ.

" އަސްލުތަ.. ޝަރުތު ބުނޭ.." ލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލައި ހިނިތުންވާން މަސައްކަތް ކުރަމުން ތާޝާ ބުންޏެވެ.

" އަހަރެން ތާޝާއާ އެކު ދާނަން.. އަދި އެނބުރި އަންނާނީ ވެސް ތާޝާއާ އެކު.. އެއްބަސްތަ.." ތާޝާއާ ދިމާލަށް ބަލައިލަމުން އަނީކް އެހިއެވެ.

" ސަތޭކަ ޕަސެންޓް އެއްބަސް...ހެހެހ" ތާޝާއަށް އުފަލުން ގޮސް ހެވުނެވެ. ތާޝާގެ ތުންފަތްމަތިން އެ ހިނިތުންވުން ފެނި އަނީކްގެ ހިތަށް ލިބުނީ ބަޔާން ކުރަން ދަތި ހިތްހަމަޖެހުމެކެވެ. އެ ހިނިތުންވުމަށް ޓަކައި ކޮންމެ ފަދަ ކަމެއް ވެސް ކުރަން އަނީކް ތައްޔާރެވެ. ނަމަވެސް މިކަމުގައި އޮތީ އަނީކްގެ އެކަނި އިޚްތިޔާރެއް ނޫނެވެ. ތާޝާއަށް އެ ޖަވާބު ދޭން މާކުރިން ވެސް އޭނަ އައީ ތައްޔާރު ވެގެންނެވެ. ތާޝާއަށް ހަޤީގަތް އޮޅުވައިލަން ޖެހޭތީ ދެރަވެއެވެ. ހަޤީގަތް އެނގޭ ދުވަހު ތާޝާ ރުޅި އަންނާނެކަން ޔަގީނެވެ. ނަމަވެސް އޭނަ ކުރާ ކޮންމެ ކަމެއް ވެސް ކުރަނީ ހަމަ ތާޝާއަށް ޓަކައެވެ. އެލޯބި ހާސިލް ކުރުމަށް ޓަކައެވެ.

އެންމެ ފުރަތަމަ އަނީކަށް ތާޝާ ފެނުނީ ހޮސްޕިޓަލްގެ އެނދުމަތިންނެވެ. އެއީ ހަތަރު އަހަރު ކޯމާގައި އޮތުމަށް ފަހު ތާޝާ ހޭއެރި ދުވަހެވެ. އެ ދުވަހު ހޮސްޕިޓަލަށް މާބޮނޑިއެއް ހިފައިގެން އަނީކް ދިޔައީ އޭނާގެ ބައްޕަގެ އަފީފްގެ އެދުމުގެ މަތިންނެވެ. އެންމެ ފުރަތަމަ ނަޒަރުން ވެސް އަނީކަށް ތާޝާ ކަމުދިޔައެވެ. މަޑުމަޑުން ތާޝާއާ ރަހުމަތްތެރިވެ އިތުރަށް ގުޅުން ބަދަހި ކުރި ވަރަކަށް އަނީކްގެ ހިތުގައި ތާޝާއަށް ޓަކައި އޮތް ލޯބި އިތުރުވަމުން ދިޔައެވެ. ތާޝާ ލޯބިނުވާކަން އެނގިހުރެ ވެސް އަނީކް ތާޝާގެ ހިތުން ޖާގަ ހޯދުމަށް ކުރާ މަސައްކަތް ހުއްޓައެއް ނުލައެވެ. ކޮންމެވެސް ދުވަހަކުން ތާޝާގެ ލޯބި ކާމިޔާބު ކުރެވޭނެ ކަމުގެ އުއްމީދު އަބަދުވެސް އަނީކަށް ކުރެވެއެވެ.

"އެހެންވީމަ ތައްޔާރުވެގެން ހުރޭ.. ކަންތައްތައް ކުރަންވީގޮތް އަހަރެން ކިޔައިދޭނަން.. އިރާދަކުރެއްވިއްޔާ މާދަމާ އިރުއޮއްސުމުގެކުރިން ތާޝާ ގޮވައިގެން އަހަރެން ރާއްޖެ ދާން ފުރޭތޯ މަސައްކަތް ކުރާނަން..." ޔަގީންކަން ދެމުން އަނީކް ބުންޏެވެ. އަނީކް ދިޔަތާ އިރުކޮޅެއް ފަހުން ތާޝާ ބޭރަށް ނިކުތެވެ. އޭރު ވެސް މޭޒުމަތީގައި ކާތަށިތައް އެ ހުރިގޮތަށް އެއްވެސް މީހަކު އަތްނުލައި ހުއްޓެވެ. ސޯފާގައި ލެޕްޓޮޕާ ކުޅެން ދާނިޔާލްގެ ކޮނޑުގައި ބޯއަޅައިގެން އަންސޫދާ އޮތެވެ.

" މަންމާ... ޑާޑާ..." ތާޝާ ފަހަރަކު މީހަކަށް ގޮވައިލިއަޑަށް އެދެމީހުން ބަލައިލީ އެކުއެކީގައެވެ.

" ދަރިފުޅު ތިނިކުތީ ދޯ... ޑާޑާ މިހުންނަނީ ވަރަށް ދެރަވެފަ... ވަރަށް ބަނޑުހައި ވެސް ވެފައި..." ލެޕްޓޮޕް މޭޒުމަތީގައި ބެހެއްޓުމަށް ފަހު ތާޝާ ކައިރިއަށް ދަމުން ދާނިޔާލް ބުންޏެވެ.

" ކީއްކުރަން ނުކައި ތި ތިބީ... ހިނގާ ކާންދާން... އަހަރެން ނުކެޔަސް މަންމައާއި ޑާޑާ ޖެހޭނެއްނު ކާން..." ދާނިޔާލްގެ އަތުގައި ހިފައިގެން ކާމޭޒާ ދިމާލަށް ދަމުން ތާޝާ ބުންޏެވެ. އެމީހުންގެ ފަހަތުން ހެމުން ހެމުން އަންސޫދާ ވެސް ގޮސް މޭޒުކައިރީގައި އިށީނެވެ. ފިރިމީހާއާއި ދަރިފުޅުގެ ތައްޓަށް ކާއެއްޗެހި އަޅައިދިނުމަށް ފަހު އަންސޫދާ ވެސް ކާންފެށީ ހިތްހަމަޖެހިފައި އިނދެއެވެ. ތާޝާއަށް ވިސްނައިދިނީ އަނީކްކަން ދާނިޔާލްއަށް ވެސް އަދި އަންސޫދާއަށް ވެސް ވިސްނުނެވެ. އަނީކަށް ޓަކައި އެ ދެމީހުންގެ ހިތްވަނީ ޝުކުރުން ފުރިފައެވެ.

*****

އަތުގައި އޮތް ފޯނަށް ބަލަހައްޓައިގެން ވިސްނުމެއްގެ ތެރެއަށް ގެއްލިފައި ބަދިގޭ އުނދުން ކައިރީގައި ޒައިނާ ހުއްޓެވެ. ޒިދާނަށް ގުޅުނު އަދަދެއް ވެސް އޭނާއަކަށް ނޭނގެއެވެ. ފޯނަށް ޖަވާބެއް ނުދޭ ތަނުގައި އިރުއޮއްސުނު ފަހުން ލޮލަށް ވެސް ނުފެނެއެވެ. ޒިދާނަކީ ދުނިޔޭގައި ހުރި ، ޒައިނާގެ އެއްބަނޑު އެއްބަފާ ހަމައެކަނި ކޮއްކޮއެވެ. އޭނާގެ މުޅި ދިރިއުޅުމެވެ. ދުނިޔޭގައި ހުރި ހަމައެކަނި އޭނާގެ ބަލަދުވެރިޔާ ވެސް މެއެވެ. އޭނާގެ އެތައް އުންމީދަކާ ގުޅިފައިވާ ކޮއްކޮގެ އުޅުމާ މެދު ތާއަބަދު އޭނާއަށް ފިކުރު ކުރެވެއެވެ. ޒިދާންގެ އުޅުން ގޯހެވެ. ރޭގަނޑު ދަންވާފަހުން ގެއަށް އަންނަ މީހާ އަނެއް ދުވަހު އިރު އޮއްސެންދެން ނިދައެވެ. އެއީ އޭނާގެ އުފަލެވެ. ބޮލުގައިވާ ކޮންމެ އިސްތައްޓަކަށް އެކުވެރިން ގެންގުޅެއެވެ. ހިތާމައަކީ އެއިން ކޮންމެ އެކުވެރިޔަކީ ވެސް އޭނާގެ ބެސްޓްފްރެންޑަށް ވީ ކަމެވެ. އިސްކޮޅުގައި ހަފޫޓް ދެ އިންޗި ހުންނަ މީހާ ލައިފައި ހުންނަނީ މީހާއަށް ވުރެ ބޮޑު ޓީޝާޓެވެ. ކަރުގައި ރިހިކުލައިގެ ތިންހަތަރު ފަށް އަޅައިފައި ވާއިރު ބުމަ މަތިން ސްޓަޑެއް ލައްވާފައި ހުއްޓެވެ. ދެ އަތުގެ އިނގިލިތައް ފުރިފައި ވަނީ އެކި ސައިޒުތަކުގެ އަނގޮޓިތަކުންނެވެ. ބޮލުގެ އިސްތަށިގަނޑު ބޯވެފައި ވާއިރު މޫނުކޮޅު ކުޑައެވެ. ޒިދާނަކީ އަންހެންކުދިން އަޅައިގަންނަ ގޮތެއް ހުންނަ ޒުވާނެކެވެ. އަލިކަޅެއް ލިބިފައިވާއިރު ހީލާއިރު ކޮލުގެ ދެފަރާތަށް އެޅޭ އަޑިކޮޅު ފެނުމުން މީހަކު މޮޔަވާހާވެއެވެ. އަންހެންކުދިން އޭނާއަށް ޓަކައި އެހާވަރުވެފައި ތިބިއިރު އޭނާގެ ހިތް އެދި ގޮވަމުން ދަނީ އެންމެ އަންހެންކުއްޖަކަށެވެ. އޭނާގެ ދިރިއުޅުމަށް އެހާ ބޮޑު ބަދަލެއް އަންނަން ވެސް ޖެހުނީ ލޯބި ގެއްލުމާ ގުޅިގެންނެވެ.

ރޭގަނޑުގެ އެގާރައިގެ ފަހެވެ. މިރޭވެސް ޒައިނާ ކޮޓަރިން ނިކުތީ ޒިދާން ގެއަށް އައިތޯ ބެލުމަށެވެ. ނިދާ ހެދުމުގެ މަތިން ލައިގެން ހުރި ޖެކެޓްކޮޅު ރީތިކުރަމުން ގޮސް ޒިދާންގެ ކޮޓަރި ދޮރުމަތީގައި ހުއްޓުނެވެ. ދޮރު ދަށުން އަލިކަމެއް ފެންނަން ނެތްއިރު ވެސް އެ ކޮޓަރި ދޮރުހުޅުވައިލީ ހިތަށް ތަސައްލީއެއް ލިބުމަށް އެދިއެވެ. ކޮޓަރި އޮތީ ހަވީރު އޭނާ ސާފުކުރި ގޮތަށެވެ. މާޔޫސްކަމާ އެކު އޭނާ ހިނގައިގަތްތަނާ ދޮރު ހުޅުވާލާފައި މީހަކު ވަދެއްޖެއެވެ. ޒިދާނަށް ކުރިމަތީގައި ހުރި ޒައިނާ ފެނުމާއެކު ހުއްޓިއްޖެއެވެ. ޒައިނާ މަޑުމަޑުން ހިނގާފައި ގޮސް ޒިދާން ކުރިމަތީގައި ހުއްޓިއްޖެއެވެ.

"ދޮންތަ މިރޭވެސް ނުނިދާ ރެއެއްތަ؟" ޒިދާން ބުނެލިއެވެ. އަދި ލައިގެން ހުރި ކަޅު ކުލައިގެ ސޯޓުގެ ޖީބަށް އަތްޖަހައިލާފައި ފޯނު ނަގައި ، ގަޑި ބަލައިލިއެވެ.

"ކެއިންތަ؟ ހިނގާ ކާން" ހިތުގައި ޖެހިފައި ވިޔަސް އެ ހުރިހާކަމެއް ފޮރުވަމުން ޒައިނާ ވާހަކަދެއްކީ އޯގާތެރިކަމާއެކުގައެވެ. ހަމަ އެހިނދުގައި އޭނާ ނޭފަތުގައި ޖެހުނު ވަހަކުން މޭނުބައި ކޮށްލިއެވެ.

"ތިނޫން ވަހެއް ކޮއްކޮ ގައިން ދުވާނެތަ؟ ސިނގިރެޓް ބޯ މީހުން އުޅޭ. އެކަމަކު ކައިރިވާން ނުކެރޭހާ ވަސްގަދައެއް ނޫން" ޒައިނާގެ އަޑުގައި ވަނީ މަޑުމޮޅިކަމެވެ.

"ދޮންތާ! އެހާ ގިނައިން ނުބޮމޭ. މިއައީނު އެހެން ރޭތަކަށް ވުރެ ކުރިން ގެއަށް" ޒައިނާގެ ކޮނޑުގެ ދެފަރާތުގައި ހިފައިލަމުން ޒިދާން ބުނެލިއެވެ.

"އެހެންވިއްޔާ ހިނގާ ކާން" ޒައިނާ ލޯތްބާ އެކު ބުނެލިއެވެ.

"ނެތް ކާހިތެއް" ސިޓިންގްރޫމުގައި ހުރި ގޮނޑިއަށް ވެއްޓިގަންނަމުން ޒިދާން ބުނެލިއެވެ. ކައިރީގައި ހުރި ގޮނޑީގައި ޒައިނާ އިށީނެވެ.

ދޮންތަ ވާހަކައެއް އަހަންތަ؟" ޒައިނާ ބުނެލިއެވެ. ދެލޯ މަރައިލަމުން ޒިދާން ބޯޖަހައިލިއެވެ.

"ދޮންތަގެ ކުރީގެ ކޮއްކޮ ލިބޭނީ ކޮންއިރަކުން؟ އެ ކޮއްކޮ ދޮންތައަށް ފެންނާނެތަ؟" ޒައިނާ ބުނެލިއެވެ. ޒިދާން ޖަވާބެއް ނުދިނެވެ. އެހެން ނަމަވެސް ދެކޮލަށް އެޅިފައިވާ އަޑިކޮޅު ފާހަގަވާވަރަށް އޭނާ ހީލިއެވެ.

"އަހަރެން ދޮންތަ ކައިރީގައި ވާހަކައެއް އަހަންތަ؟" ޒައިނާގެ އަތްތިލައިގައި ހިފައިލަމުން ޒިދާން ބުނެލިއެވެ.

"އަވަހަށް އަހާ" ޒައިނާ ބުނެލިއެވެ. އެގޮތަށް ހަމަޖެހިލައިގެން ކޮއްކޮ އާ ވާހަކަދައްކަން އޭނާއަށް ފުރުސަތު ލިބެނީ މަދު ފަހަރަކުއެވެ. އެހެންކަމުން އޭނާ އިނީ ހިތްހަމަޖެހިފައެވެ.

"އަހަރެންގެ ތާޝާ އަހަންނަށް ލިބޭނެތަ؟ އަހަރެންގެ ތާޝާ އަހަރެން ކައިރިއަށް އެނބުރި އަންނާނެތަ ؟" ޒިދާން ބުނެލިއެވެ. ޒިދާންގެ އެ ސުވާލުން އިތުރަށް ޒައިނާ މާޔޫސްކޮށްލިއެވެ. އޭނާ ދޭނީ ވެސް ކޮން ޖަވާބެއް ހެއްޔެވެ؟

"ކޮއްކޯ ތާޝާ މަތިން ދެން ހަނދާން ނައްތާލާ. އަތް ފޯރާ ފަށުން ލޯބި ހޯދަން މަސައްކަތް ކޮށްބަލަ. އަހަރެމެންނަކީ އެ ދުވަހަކަށް މިންވަރު ކުރެއްވި އެއްޗެއް ކައިގެން ބޮއެގެން އުޅޭ ބައެއް. ލޯބި ވާންވާނީ ވެސް ތިމާގެ ހިތަށް ހިތްހަމަޖެހުން ގެނެސްދެވޭނެ ވަރުގެ މީހެއް ދެކެ. ކުރިންވެ ސް ދޮންތަ މި ވާހަކަތައް ދެއްކީމެއްނު" ޒިދާންގެ އަތުގައި ފިރުމަމުން ޒައިނާ ވާހަކަދެއްކިއެވެ. ލޯތްބާއި އޯގާތެރިކަން އޭނާގެ އަޑުގައި އެކުލެވިގެން ވިއެވެ.

"ނޫން. އަހަރެންގެ ތާޝާ އަދި އެނބުރި އަހަރެން ކައިރިއަށް އަންނާނެ.. ދޮންތަ ބަލަން ހުންނާތި" ޒިދާން ބުނެލިއެވެ. ޒިދާންގެ މޫނަށް ޒައިނާ ބަލައިލީ އަސަރާ އެކުއެވެ. ޒިދާންގެ އަޑުގައި އެކުލެވިގެންވި ހަރުކަށިކަމަށް ވުރެ ބޮޑަށް ޒައިނާއަށް ފާހަގަވީ ހިތްދަތިކަމެވެ.

"ކީއްވެ ބިންމަތީގައި އޮތް ހިރަފުސްކޮޅަކަށް ވެގެން ހުރެ އުޑުގައި ފިޔަ ޖަހަމުންއެދާ ތަރިތަކުގައި އަތްލަން މަސައްކަތް ތި ކުރަނީ؟ ތާޝާގެ ހިތުގައި ކޮއްކޮއަށް ޓަކައި ކުޑަވެސް ލޯތްބެއް ގަދަރެއް އޮތްނަމަ ގުޅާލީހެއްނު. ކުޑަމިނުން މެސެޖެއްހައި ހިސާބު ވެސް ކޮށްލިތަ؟ ނުކުރެއެއްނު. ކޮންއިރަކުންތަ ކޮއްކޮއަށް ވިސްނޭނީ؟ ދުނިޔެ އުމުރު ތިގޮތުގައި ދުއްވާލަންތަ ބޭނުން ވަނީ. ދޮންތަގެ ވެސް އުންމީދުތަކެއް ވޭ. ކޮއްކޮ ދޮންތައާ މެދު ވެސް ވިސްނަބަލަ" ލޯތްބާ އެކު ޒައިނާ ޒިދާނަށް ނަޞޭޙަތްތެރިވަމުން ދިޔައެވެ. އެންމެފަހުން ޒައިނާގެ ދެލޮލުން ކަތުނަ ނީރައިލިއެވެ. ޒިދާންގެ މޫނުމަތިން ވަކި އަސަރެއް ނުފެނެއެވެ. އެދިމާލަކަށް ބަލަހައްޓައިގެން ހިމޭންކަމުގައި ވަގުތުކޮޅަކު އިނުމަށް ފަހު ޒައިނާއާ ދިމާއަށް ބަލައިލިއެވެ.

"ނިދަން މިދަނީ. ގުޑްނައިޓް ދޮންތަ" ޒައިނާގެ އަތުގައި ހިފަމުން ޒިދާން ތެދުވިއެވެ. ޒައިނާ ކުރިމަތީގައި ތާޝާ އާ ގުޅޭގޮތުން ބަހުސްކުރާކަށް ޒިދާން ބޭނުމެއް ނުވިއެވެ. ޒައިނާއަކީ މިދުނިޔެއިން އޭނާ އެންމެ ގަދަރުކުރާ އިންސާނާއެވެ. އޭނާ ކޮޓަރިއަށް ވަދެ ދޮރު ލައްޕަންދެން ޒައިނާ ބަލަހައްޓައިގެން އިނެވެ. ފެންކަޅި ވެފައެވެ.

"ދޮންތައަށް އެނގޭ މިއަދު އެހެންމީހަކު ތާޝާ އާ ގުޅުވައިގެން މިވާހަކަތައް ބުނި ނަމަ އެމީހަކަށް ކޮއްކޮ ހޭއަރުވާލާނެކަން. ދޮންތައަށް ކޮއްކޮ ކުރާ އިހުތިރާމާ ގަދަރު ދޮންތައަށް އެނގޭ. އެކަމަކު ކޮއްކޯ. ކޮންއިރަކުންތަ ހަގީގަތް ޤަބޫލުކުރާނީ؟" ހިތާހިތުން ޒައިނާ ވާހަކަ ދެއްކިއެވެ.

ޒިދާނަކީ ކުރިން އެހެން އުޅުނު ކުއްޖެއް ނޫނެވެ. އެއީ އާއިލާއާ އެކު ގިނަ ވަގުތު ހޭދަކުރަމުން ދިޔަ އޯގާތެރި ކުއްޖެކެވެ. ރަނގަޅު ވަޒީފާއެއް އަދާކުރަމުން ދިޔަ ޒިންމާދާރު ދަރިއެކެވެ. ހިތްހެޔޮ ރަހުމަތްތެރިއެކެވެ. އެހެން ނަމަވެސް އެންމެ އަންހެން ކުއްޖެއްގެ ސަބަބުން ޒިދާން މުޅި ހަޔާތް މިވަނީ ބަރުބާދުވެފައެވެ. ތާޝާ ދެކެ ޒިދާން ކިތަންމެ ލޯބިވިޔަސް ޒައިނާގެ ހިތުގައި ތާޝާއަށް ޓަކައި ނަފްރަތު ނޫން އެއްޗެއް ނުވެއެވެ. ޒައިނާއަށް ދުވަހަކުވެސް ތާޝާއަކަށް މާފެއް ނުކުރެވޭނެއެވެ. އެކަކަށް ނޭނގުނަސް އޭނަގެ ކޮއްކޮ އެ އަންހެންކުއްޖާގެ ސަބަބުން އުޅެމުންދާ ހާލު އެންމެ ކައިރިން ފެންނާނީ އޭނާއަށެވެ. އެލޯތްބަށް ޓަކައި އޭނާގެ ކޮއްކޮ އެދަނީ ދުވާލަކު އެތައް ސަތޭކަ މަރަކުން މަރުވަމުންނެވެ. އެ ހުރިހާ މަންޒަރެއް ބަލަމުން އޭނާ އެ ދަނީ ހިތް މަތީގައި ހިލަގަނޑެއް ބާއްވައިގެން ހުރެއެވެ.

ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ޒިދާނަށް އެކިގޮތްގޮތުން ވިސްނައިދެވޭތޯ ޒައިނާ މަސައްކަތް ކުރިއެވެ. ނަމަވެސް ޒިދާން ނަސޭހަތެއް ބަލައެއް ނުގަތެވެ. ޒައިނާ އެންމެ ދެރަ ވަނީ ޒިދާން ދީނީ ކަންކަމާ މެދު ޣާފިލްވެފައި ވާތީއެވެ. ހިތްތަކަށް ހަމަޖެހުން ލިބެނީ ﷲ މަތިން ހަނދުމަކޮށްގެންކަން އެނގޭ އިރު ވެސް އަންހެންކުއްޖަކާ ހެދި އުޅޭނީ އެކަމުގެ ފުރިހަމަ އިލްމެއް ލިބިފައި ނެތީމައެވެ. އިލްމު ހޯދަން މަސައްކަތެއް ނުކުރެއެވެ. މީހަކު ދޭ ނަސޭހަތެއް ވެސް އަޑުނާހަނީއެވެ. ތާޝާ ނޫން އެހެން އެއްޗެއް ޒިދާނަށް ނުފެންނަ ކަހަލައެވެ. ނަމަވެސް ޒައިނާ ހިތްވަރު ދެރައެއް ނުކުރެއެވެ. ޒިދާންއަށް ތެދުމަގު ދެއްކެވުން އެދި ކޮންމެ ނަމާދެއްގެ ފަހަތުގައި ދުޢާކުރެއެވެ.

ކޮޓަރިއަށް ވަންގޮތަށް ޒިދާން އެނދުމައްޗަށް ވެއްޓިގަތެވެ. ހިތަށް ކުރަމުން ދިޔަ ފުންއަސަރު ލޮލުން ކަރުނައިގެ ސިފައިގައި ފާޅުވަމުން ދިޔައެވެ. ޒިދާނަކީ ކަންކަމުގައި ކިތަންމެ ހިތްވަރުގަދަ މީހެއް ނަމަވެސް ތާޝާގެ ހަނދާން އާވާ ކޮންމެ ފަހަރަކު މުޅިމީހާ ބަލިކަށިވެގެން ދެއެވެ. ބައެއްފަހަރު މީހާ ބަލިކަށިކޮށްލާ އެންމެ ބޮޑު އެއް ހަތިޔާރަކީ އެމީހަކު އެންމެ ލޯބިވާ މީހާއެވެ. ތާޝާގެ ވަކިވެދިޔުން ވީ ޒިދާނަށް ލިބުނު އެންމެ ބޮޑު އެއް ހިތާމާއަށެވެ. ޒިދާން އުއްމީދު ކުރަނީ ކޮންމެވެސް އެއްދުވަހަކުން ތާޝާ އެނބުރި އަންނާނެ ކަމަށެވެ. އެ އުއްމީދުގައި ހަތަރު އަހަރަށް ވުރެ ގިނަދުވަސް ފާއިތުވެގެން ދިޔައިރުވެސް ޒިދާން ކުރަމުން އަންނަ އުއްމީދަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ތާޝާގެ އިންތިޒާރުގައި މުޅި އުމުރު ހުސްކޮށްލަން ޖެހުނަސް އެކަމަށް ވެސް ތައްޔާރެވެ.

ޒައިނާއާ މެދު ކަންތައް ކުރެވޭ ގޮތުން ޒިދާން ދެރަވެއެވެ. އެހެން ނަމަވެސް ތާޝާގެ ލޯބީގައި އޭނާ ވަނީ މުޅިން އާވާރާ ވެފައެވެ. ތާޝާގެ ވަކިވެދިއުމުން ލިބޭ ހިތްދަތިކަމަށް ކުޑަވެސް ލުޔެއް ލިބެނީ އޭނާގެ ރަހުމަތްތެރިންގެ ފަރާތުންނެވެ. އެމީހުންނާ އެކީގައި ވަގުތު ހޭދަކުރުމުން ހިނދުކޮޅަކަށް ނަމަވެސް ހިތާމަތަކަށް ލުޔެއް ލިބެއެވެ.

*****

ފޯނަށް އައި މެސެޖު ކިޔާލުމާ އެކު ތާޝާއަށް ހުރިހާ ދަތްތައް ފެންނަވަރަށް ހިނިތުންވެލެވުނެވެ. ލިބުނީ އަނީކްގެ މެސެޖެކެވެ. އެރޭ ފަތިހު ފުރަން ހަމަޖެހުނީއެވެ. އަދި އެހާއިރު ބަލައިދާނެ ވާހަކައާއި ތައްޔާރުވެގެން ހުރުމަށް ވެސް ބުނެފައި އޮތެވެ.

ހަމަޖެހުން ގެއްލިފައިވާ އޭނާގެ ހިތަށް ފުރަތަމަ ފަހަރަށް ހަމަޖެހުމެއް ލިބުނެވެ. ރާއްޖެ ދެވުމާ އެކު އޭނާގެ ހިތުގައި ފުނިޖެހިފައިވާ ސުވާލުތަކަށް ޖަވާބު ހޯދުމުގެ މަސައްކަތް އޭނާ ފަށާނެއެވެ. ތާޝާ އެންމެ ކަންބޮޑު ވަނީ ޖީނާއަށް ވީގޮތެއް ނޭނގޭތީއެވެ. ރާއްޖެ ދެވުމާ އެކު އެންމެ ފުރަތަމަ ވެސް ޖީނާއާ ވާހަކަދެއްކޭތޯ މަސައްކަތްކުރާނެއެވެ.

ފަތިހު ހަތަރެއްޖަހަން ގާތްވެފައި ވަނިކޮށް އަނީކް ގުޅިއެވެ. އޭނާ ހުރީ ދޮރުމަތީގައި ކަމަށް ބުންޏެވެ. ކަންދިމާކުރިގޮތުން އެވަގުތު ސެކިއުރިޓީ ގާޑަށް ނިދިފައި އިނުމާ އެކު އަނީކްގެ އިރުޝާދާ އެއްގޮތަށް ވަރަށް ފަސޭހައިން ތާޝާއަށް ގެއިން ނިކުމެވިއްޖެއެވެ. ފަތިހުގެ ފިނި ވައިގެ ރޯޅި ގައިގައި ބީހިލުމާ އެކު ތާޝާއަށް ހަށިފުރާ ނޭވާއެއް ލެވުނެވެ. ތާޝާއަށް ކުރެވުމުން ދިޔައީ ގައިދީއަކު މިނިވަންވުމުން ކުރެވޭ ކަހަލަ އިހުސާސެކެވެ. ހަމަ އެހިނދު އަންސޫދާއާއި ދާނިޔާލް މަތިން ވިސްނައިލެވުމުން ދެރަވެއްޖެއެވެ. އޭނާ ގޭގައި ނެތްކަން އެނގޭ ހިނދު ހާސްވެ ކަންބޮޑުވާނެކަން ޔަގީނެވެ. އެހެން ނަމަވެސް ކުރިއަށް ފިޔަވަޅެއް އަޅަން އޭނާއަށް މަޖުބޫރެވެ. މައިންބަފައިން އޭނާއަށް ކޮންމެވެސް ކަމެއް ސިއްރުކުރާކަން ޔަގީނެވެ. ހުރިހާ ހަޤީގަތެއް އެނގި، ހުރިހާ ޝައްކުތަކާއި ވަހުމްތަކެއް ހިތުން ފިލުވޭނީ ކުރިއަށް ފިޔަވަޅެއް އަޅައިގެންނެވެ.

" ވަރަށް ބޮޑަށް ތެންކިއު ނިކް.. ތިކަހަލަ ރަޙުމަތްތެރިއެއް މަދުވާނެ... އަހަރެން ގޮވައިން ރާއްޖެ ދިޔައީ ނިކްކަން އެނގުނިއްޔާ ޑާޑާ ކައިރިއަށް ވަރަށް ރުޅިއަންނާނެ ކަންނޭނގެ.. ފަހަރެއްގަ ދެ އާއިލާ ދޭތެރޭގައި މައްސަލަ ޖެހުމަކީ ވެސް އެކަށީގެންވާ ކަމެއް.. އެކަމަކު ވެސް އެހުރިހާ ކަމަކަށް ނުވިސްނާ އަހަރެންނަށް ޓަކައި މިވަރުގެ ކަމެއް ކޮށްދޭތީ ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަން..." އަނީކަށް ޓަކައި ތާޝާގެ ހިތް ޝުކުރުން ފުރިގެންވާ ހާލު ތާޝާ ބުންޏެވެ.

އަނީކްގެ ތުންފަތްމައްޗަށް ވެރިވީ ފަނޑު ހިނިތުންވުމެކެވެ. ކަންތައްވެފައި ވަނީ ތާޝާ ހީކުރާ ގޮތަކަށް ނޫނެވެ. ފުރަތަމަ ފަހަރަށް ތާޝާއަށް ކަމެއް ސިއްރުކުރަން ޖެހޭތީ އަނީކްގެ ހިތަށް ވަނީ ނުތަނަވަސްކަމެއް ވެރިވެފައެވެ.

" ހުރިހާ އެއްޗެއް ހަމައަށް ގެނައިންތަ..؟ ބޭސްތައް ގެނައިންތަ..؟" އަނީކް ސުވާލުކޮށްލިއެވެ. ހިނިތުންވެފައި އިނދެ ތާޝާ ބޯޖަހައިލިއެވެ. އަނީކް ވެސް ގަދަކަމުން ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކުރުވިއެވެ.

*****

ހެނދުނު ހޭލެވުމާ އެކު އެންމެ ފުރަތަމަ ވެސް ޝާނާއަށް ބަލާލެވުނީ އެނދުގެ އަނެއް ފަރާތަށެވެ. ޝާމިން ފެންނަން ނެތުމުން އޮފީހަށް ދިޔައީކަން އެނގުނެވެ. މޫނުމައްޗަށް ފޫހިކަމެއް ވެރިވި ހިނދު ތުން އަނބުރައިލެވުނެވެ. ގޮވައި ވެސް ނުލާ ދިޔައީތީ ހިތާހިތުން ޝާމިނަށް ކުދި ކިޔުނެވެ. ސައިޑް ކަބަޑުމަތީގައި އޮތް ފޯނުން ގަޑި ބަލައިލުމަށް ފަހު ތެދުވެ އިށީންނަމުން ގޭގައި ގެންގުޅޭ ރާމިޔާއަށް ގޮވައި ކޮފީ ގެންނަން ބުންޏެވެ. މޯޅިއަކަށް ދެމިލަމުން އިސްތަށިގަނޑުގައި ހުޅި ޖަހައިލި ވަގުތު އަލަމާރި ކައިރީގައި ހުރި ފޮށި ފެނުނެވެ. ބޮލުގައި ރިއްސައިލީ އެއީ އަދި ނުކޮށް ހުރި ކަމެއްކަން އެނގުމުންނެވެ. ކުރީ ބައިގައި އަންގައިލުމެއް ވެސް ނެތި އާގެއަކަށް ބަދަލުވާން މަންމަ އަންފޫޒާ ބުނީ އިއްޔެގެ ވަގުތެއްގައެވެ. ސަބަބަކީ ކުރިން އުޅުނު ގޭގެ މަރާމާތެއް ކުރަން ޖެހުމެވެ. ކޮން މަރާމާތެއްކަމެއް ބުނެއެއް ނުދެވުނެވެ. އެކަމުގެ ސަބަބުން ކޮންމެވެސް ގޯހެއް އުޅޭކަމަށް ޝާނާއަށް ޝައްކު ކުރެވެއެވެ.

ދޮރުފަތުގައި ދެ ފަހަރަކު ޓަކި ޖަހައިލުމަށް ފަހު ކޮފީ ތައްޓެއް ހިފައިގެން އެތެރެއަށް ވަނީ ގޭގައި ގެންގުޅޭ ރާމިޔާއެވެ. އެވަގުތު މުޅި ކޮޓަރި ތެރޭގައި ކޮފީގެ ހިތްގައިމު ވަހުން އެއްވަސް ވެގެން ދިޔައެވެ.

" ދައްތަ ބުނަނީ ސައިބޯން އަންނާށޭ..." ޝާނާއަށް ކޮފީ ތަށި ދިއްކޮށްލަމުން ރާމިޔާ ބުންޏެވެ.

" މަންމަގެ ލޯބިވާ ދަރިފުޅު ނެތީތަ މަންމައާ އެކީގައި ސައިބޯން..." ހިތްހަމަނުޖެހޭ ގޮތް ދައްކަމުން ޝާނާ ބުންޏެވެ.

" ޖީނާ ކޮއްކޮ އިސްކޫލަށް ދަނީ... ދައްތަ އިންނަނީ އެކަނި...." ރާމިޔާ ޖަވާބުދިނެވެ.

" މަށަށް ދެވޭނީ ފެންވަރައިގެން... ރާމިޔާ އަހަރެން ނިކުންނަންވާއިރަށް އެހެރަ ފޮށިގައި ހުރި އެއްޗެހި އަލަމާރިއަށް ލައިދޭންވީނު..." ޝާނާ އެދުނެވެ.

" ރާމިޔާ ބައިވަރު މަސައްކަތް އެބަހުރި.. ދެ ގެސްޓް މީހާ އަންނާތީ ދައްތަ ބުނަނީ ދެ ކޮޓަރި ކްލީން ކުރަން..." ރާމިޔާގެ ޖަވާބު އިވި ޝާނާ ހައިރާންވިއެވެ. މެހުމާނެއް އަންނަ ވާހަކަ އަންފޫޒާ ކުރިއަކުން ނުބުނެއެވެ. ކުއްލިއަކަށް ގެ ބަދަލު ކުރުމާއި އެ އަންނަ މެހުމާނުންނާ ކޮންމެވެސް ގުޅުމެއް ވާކަމަށް ޝާނާއަށް ޝައްކު ކުރެވުނެވެ.

ޝާނާއާއި ޖީނާއަކީ އަންފޫޒާގެ ތިބި ދެ ދަރިންނެވެ. އެ ދެ ކުދިން ވަރަށް ކުޑައިރު އަންފޫޒާގެ ފިރިމީހާ ވަނީ ނިޔާވެފައެވެ. ނަމަވެސް އަންފޫޒާއަށް ހާލެއް ޖެހުނަ ނުދީ ތަނަވަސްކަމުގައި އެކުދިން ބަލައި ބޮޑުކުރުމަށް އެހީތެރިވެ ދިނީ އަންފޫޒާގެ ކޮއްކޮ އަންސޫދާއާއި އޭނާގެ ފިރިމީހާ ދާނިޔާލްއެވެ.

ޝާނާއާއި ޖީނާއާ ދެމެދުގައި އުމުރުގެ މާބޮޑު ތަފާތެއް ނެތަސް އުޅޭއުޅުމުގައި ދެ ކުދިންގެ މިޒާޖު އުޑާއި ބިމާހާ ތަފާތެވެ. ދޮށީ ދަރިފުޅު ޝާނާއަކީ ކަންކަމުގައި ރުޅި އިސްކުރާ ރުންކުރު ޒީލަ ގަދަ ކުއްޖެކެވެ. އަބަދުވެސް ތަނަވަސް ކަމުގައި އުޅެން ބޭނުންވާ ހިތް މޮޅު ކުއްޖެކެވެ. އެއާ ހިލާފަށް ޖީނާއަކީ ހިތްތިރި މަޑުމައިތިރި މިޒާޖެއްގެ ކުއްޖެކެވެ. ހުލްޤު ހެޔޮ ދީނަށް ލޯބިކުރާ ކުއްޖެކެވެ. އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެ ހުރި ޒިންމާދާރު ޓީޗަރެކެވެ. ދެކުދިން ހިޔާލު ތަފާތުވެ ދެބަސްވެއްޖެ ނަމަ ގިނަ ފަހަރަށް އަންފޫޒާއަށް ޖެހެވެނީ ޖީނާގެ ކޮޅަށެވެ. ޒުވާނުން ނަމަވެސް ބޮޑަށް ހަމަ ވިސްނުން ލިބިފައިހުރީ ޖީނައަށް ވީމައެވެ. ޝާނާ، ޖީނާއަށް ނަފްރަތުކުރާ އެންމެ ބޮޑު އެއް ސަބަބަކީ އެއީއެވެ.

*****

އެހެން ދުވަސްދުވަހާ ހިލާފަށް ޒިދާނަށް ތަންކޮޅެއް އަވަހަށް ހޭލެވިއްޖެއެވެ. ލޯ ހުޅުވައިލެވުމާ އެކު އެންމެ ފުރަތަމަ ވެސް ހިތަށް އައިސް ވަނީ ތާޝާއެވެ. އެއީ އަބަދުގެ ވެސް އާދައެވެ. ރޭގަނޑުގެ ނިދެމުން ދާއިރުވެސް އޭނާގެ ހިތުގައި ރަނިކަންކުރަނީ ތާޝާއެވެ. ނިދިން ހޭލެވުމާ އެކު އެންމެ ފުރަތަމަ ހިތަށް އައިސް ވަންނަނީ ތާޝާގެ ހިތްގައިމު ތަސްވީރެވެ.

އޭނާގެ ހިތް މޮޔަކުރުވި ތާޝާގެ ޗާލު ހިނިތުންވުން ސިފަވެގެން ދިޔުމާ އެކު މެޔަށް ރިހުމެއް އިހުސާސްވެގެން ދިޔައެވެ. ކުއްލިއަކަށް ކަމެއް ހަނދާންވުމާ އެކު އޮތްތަނުން ތެދުވިއެވެ. އަވަސް އަވަހަށް ފާހާނާއަށް ވަދެ މޫނު ދޮވެލައިގެން ކޮޓަރިން ނިކުތެވެ. ބަދިގޭގައި އުޅުނު ޒައިނާއަށް ނުފެންނާނެހެން ސިއްރުން ގެއިން ނިކުމެ ސައިކަލަށް އަރައި ދުއްވާލިއެވެ.

މާލޭގެ ތަންކޮޅެއް މީހުން މަދު ހިސާބެއްގައި ސައިކަލު ޕާކުކޮށްލިއެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރަށް ނަޒަރު ހުއްޓާލެވުމާ އެކު ދެލޯ ފެންކަޅިވެގެން ވެގެން ދިޔައީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ.

(ނުނިމޭ)

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!