ވާހަކަ

ދުރުގާވުން ހިތް ނޭދޭ! (ބާވީސްވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ދުރުގާވުން ހިތް ނޭދޭ! (ފުރަތަމަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދެވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތިންވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތަރުވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނުވަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދިހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! ( އެގާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސާދަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަނަރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސޯޅަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސަތާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނަވާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ވިހިވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެކާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފައްސަވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްބީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ހަތާވީސް ވަނަބައި) ދުރުގާވުން ހިތްނޭދޭ! (އަށާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ނަވާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ތިރީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެއްތިރީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ބައްތިރީސް ވަނަ ބައި) ދުރުގާވުން ހިތްނޭދޭ! ( ތެއްތިރީސްވަނަ ބައި)

ކަކުލަށް ވަމުން ދިޔަ ތަދާ އެކު އަންފޫޒާއަށް ހިނގެމުން ދިޔައީ ތަންކޮޅެއް މަޑުންނެވެ. ޖީނާގެ ކޮޓަރިއާ އަރައި ހަމަވުމަށްފަހު އަންފޫޒާ ތަޅުގައި ހިފައިލިއެވެ.

Ads by MWSC

" ޑޮކްޓަރު އައިސްކަންނޭނގެ އިންނާނީ މިހާރު.. އެތެރެއަށް ވަނީމަ އުނދަގޫވެދާނެ" އަންފޫޒާ ހިތަށް އެރިއެވެ. އެހެންކަމުން ތަޅުން ދޫކޮށްލުމަށް ފަހު ދޮރުގައި ދެ ފަހަރަކު ޓަކި ޖަހައިލިއެވެ.

ދޮރުގައި ޓަކިޖެހުމާ އެކު އެތެރޭގައި ތިބި ހަތަރު މީހުންނަށް ލިބުނީ ސިހުމެކެވެ. ޒިދާން އަވަސް އަވަހަށް އޭނާ އަޅައިގެން ހުރި މާސްކް ރަނގަޅުކޮށްލުމަށް ފަހު ލޮލުގައި އައިނު އެޅިއެވެ. އަނީކް ކައިރީގައި ޒިދާން ނުފެންނަހެން އޭނާގެ ކުރިމަތީގައި ހުއްޓެން ބުނުމަށް ފަހު ޖީނާ ގޮސް ކުޑަކޮށް ދޮރު ހުޅުވައިލިއެވެ. ޓަކި ޖެހީ އަންފޫޒާކަން އެނގިހުރެ ވެސް އަންފޫޒާ ފެނުމުން ޖީނާގެ މޫނުމައްޗަށް ނުތަނަވަސްކަމެއް ވެރިވިއެވެ.

" ނު..ނުނ..ނުނިމޭ އަދި..." ޖީނާ ވަރަށް އުނދަގުލުން ބުންޏެވެ.

" މަންމައަށް އެތެރެއަށް ވަދެވޭތަ.." އަންފޫޒާ އަހައިލީ ސިއްރުންނެވެ.

" ނު.ނޫން... އިރުކޮޅަކުން ނިމޭނެ... މަންމަ ދާންވީނު ކޮޓަރިއަށް... ނިމުނީމަ އަހަރެން ތާޝާ ގޮވައިގެން ދާނަން މަންމަ ކައިރިއަށް.." އަންފޫޒާ ފޮނުވައިލުމުގެ މަޤްސަދުގައި ޖީނާ ބުންޏެވެ.

" ނޫން... މަންމަ މިތާ ބޭރުގަ މަޑުކޮށްލާނަން.. ޑޮކްޓަރަށް ޝުކުރު އަދާކުރަން ވެސް ޖެހޭނެއްނު.." އަންފޫޒާ ބުންޏެވެ. އެހިނދު ޖީނާގެ މޫނުމަތިން ކަންބޮޑުވުން ފާޅުވެގެން ދިޔައެވެ. ކޮޓަރި ތެރޭގައި ތިބި މީހުންނަށް ބަލައިލިއިރު އެމީހުން ވެސް ތިބީ ކަންބޮޑުވެ އެ ދިމާލަށް ބަލަހައްޓައިގެންނެވެ.

" މަންމަ ކޮޅަށް ހުރީމަ ފައިގަ ރިއްސާނެ.. އަހަރުމެން ވެސް މި ތިބީއެއްނު ޝުކުރު އަދާކުރަން.. " ޖީނާ ބުންޏެވެ. އަންފޫޒާގެ އޭނާގެ ތަދުވާ ފައިގައި ފިރުމައިލީ އަދިވެސް ކަކުލުގައި ރިހުން ހުރީމައެވެ. އެވަގުތު ޖީނާއަށް އަންފޫޒާގެ ފައިގައި މި ވަގުތު ވެސް ރިއްސާކަން އެނގުނެވެ.

" ކޮބާ؟ ކީއްކުރަން މަންމަ ސިޑިން އެރީ.. ޕްލީޒް މަންމަ ދޭބަލަ ކޮޓަރިއަށް.. މަޑުކުރޭ މަންމައާ އެކު އަނީކް ފޮނުވާނަން.." ޖީނާ ބުންޏެވެ. އަދި އެތެރޭގައި ހުރި އަނީކަށް ގޮވައިލުމަށް ފަހު އަންފޫޒާ އޭނާގެ ކޮޓަރިއާ ހަމައަށް ގެންގޮސް ދިނުމަށް އެދުނެވެ. އިތުރު އެއްޗެއް ނުބުނެ ޖީނާގެ ބަސްއަހައިގެން އަނީކާ އެކު އަންފޫޒާ ދިއުމަށް ހިނގައިގަތީ ކަކުލުގައި ރިހޭވަރުންނެވެ. އަންފޫޒާގެ ކޮޓަރިއާ ހަމައަށް ދެވުނުތަނާހެން އަނީކްގެ ފޯނަށް ޖީނާގެ މެސެޖެއް އައެވެ. އެދިފައި އޮތީ ޒިދާން ގެއިން ނިކުންނަން ދެން ކޮންމެވެސް ގޮތެއް ހަދައިފައި އަންފޫޒާ ކޮޓަރިން ނިކުތަ ނުދިނުމަށެވެ. ހަދާނެ ގޮތަކާ މެދު އަނީކް ވިސްނަމުން ދިޔައިރު ހިތާހިތުން ޖީނާއަށް ކުދިކިޔައިލިއެވެ. އެހާ ރިސްކު ބޮޑު ކަންތައްތައް ކުރަން ޖެހޭ ހެއްޔޭ ހިތަށް އެރިއެވެ.

" ދައްތާ މަޑުކޮށްލަބަލަ.." އަނީކްގެ އަޑުއިވިފައި ކޮޓަރިއަށް ވަންނަން ދިޔަ އަންފޫޒާ ހުއްޓި އަނީކަށް ބަލައިލިއެވެ.

" އެނގޭތަ.. އަހަރެންގެ މަންމަ ވެސް އުޅޭނެ ދޭތެރެއަކުން ކަކުލުގަ ރިހޭތީ... އަހަރެންނަށް އެނގޭ ތިކަމަށް ވަރަށް މޮޅު ފަރުވާއެއް" އަނީކް ބުންޏެވެ.

"އެހެންތަ.. ދައްތައާ ވެސް ހިއްސާކޮށްބަލަ.. ދައްތަ ބޭނުމެއް ނޫން ޑޮކްޓަރީ ބޭސްތަކެއް ކާކަށް... " އަންފޫޒާ ބުންޏެވެ.

" ޑޮކްޓަރީ ބޭހެއް ނޫން.. ހަރބަލް ބޭހެއް..ނިކަން މޮޅު ބޭހެއް.. ހިނގާބަލަ ކިޔައިދޭނަން.." އަނީކް ބުންޏެވެ. އަދި އަންފޫޒާ ގޮވައިގެން އޭނާގެ ކޮޓަރިއަށް ވަދެ ދޮރު ކައިރިކޮށްލިއެވެ.

ތާޝާއާ ވާހަކަދައްކަން މާގިނައިރު ޒިދާނަކަށް ނީނދެވުނެވެ. އެހެން ނަމަވެސް އެހާ ކުޑަހިނދުކޮޅަކު ބައްދަލުކުރެވުމުން ވެސް ތާޝާގެ އިތުރުން ޒިދާންގެ ހިތަށް ވެސް ހަމަޖެހުން ލިބުނެވެ. ޒިދާންގެ ވާހަކަތަކުން ތާޝާއަށް ކެތްތެރިކަމާ އެކު ކަންތައްތަކާ ކުރިމަތިލުމުގެ ހިތްވަރު ލިބުނެވެ. ޒިދާން ގޮވައިގެން ޖީނާ ނިކުތުމުން ތާޝާގެ ތުންފަތްމަތީގައި ވި ހިނިތުންވުން ފަނޑުވިއެވެ. އެނދުމަތީގައި އޮތް އޭނާގެ ފޯނު ނަގައި ވައިބާ ހުޅުވައިލިއެވެ. ހަނދާންވާ ކަމަށް ބުނެ އަންސޫދާއާއި ދާނިޔާލްއަށް މެސެޖެއް ފޮނުވައިލިއެވެ. ރޭގައި ހިނގައިދިޔަ ހާދިސާއަށް ފަހު އަންސޫދާއާއި ދާނިޔާލްއަށް ގުޅަން ތާޝާ ވެސް ވަރަށް މަސައްކަތް ކޮށްފިއެވެ. ނަމަވެސް ފޯނު އޮންނަނީ ނިއްވައިއިފައެވެ. އަދިވެސް އަންސޫދާ ހުރީ އޭނާ ދެކެ ރުޅިއައިސްފައި ކަމުގައި ހީވެ ތާޝާ ދެރަވިއެވެ.

*****

ކުޑައިރުކޮޅަކަށް ބޭރަށް ނިކުމެލައިފައި ދާނިޔާލް އައިސް ކޮޓަރިއަށް ވަންއިރު އަންސޫދާ ހުރީ އޭނާގެ ފޮއްޓަށް ހެނދުންތައް އަޅާށެވެ.

" އަންސޫ ކީއްތިކުރަނީ.. އަހަރުމެން މިތަނަށް އައީ ހަފްތާއަކަށްނު..." ދާނިޔާލް ބުނީ ހައިރާންވެފައެވެ.

" އަހަރެން ބޭނުމެއް ނޫން އެންމެ ހިނދުކޮޅަކު ވެސް މިތާ މަޑުކުރާކަށް... އަހަރެން މިދަނީ އެނބުރިދާން.. ދާނިޔާލް ހުންނަން ބޭނުމިއްޔާ މިތާ ހުއްޓަސް އަހަންނަށް ހެޔޮ" އަންސޫދާގެ އަޑުގައި ވަނީ ހިތްހަމަނުޖެހުމެވެ. ދާނިޔާލް އޭނާގެ ދެލޮލުގެ ކަނުގައި އިނގިލިން ހިފަހައްޓައިލުމަށް ފަހު ދެ ފަރާތަށް ބޯ ތަޅުވައިލީ އަދިވެސް އަންސޫދާގެ ރުޅި މައިތިރިނުވާކަން އެނގުމުންނެވެ.

" އަންސޫ ތިހާ ބޯހަރުވީ ކޮންއިރަކު.. އިހަށް މިތާ އިށީނދެ ހިނގާބަލަ ވާހަކަ ދައްކައިލަން..." އަންސޫދާގެ އަތުގައި ހިފަމުން ދާނިޔާލް ބުންޏެވެ. އެހެން ނަމަވެސް ކައްޓެން ހެރިގެން އަތް ފޮޅާލާހެން އަންސޫދާ ދާނިޔާލްގެ އަތްފޮޅައިލިއެވެ. އަނެއްކާ ވެސް ދާނިޔާލް އަންސޫދާގެ ކޮނޑުމަތީގައި އަތް ބާއްވަން އުޅުނު ވަގުތު އަންސޫދާ ޖެހުނީ ދުރަށެވެ.

" ޑޯންޓް.. އަހަރެންނާ ދުރުހުރޭ.." ދާނިޔާލާ ދިމާލަށް އިނގިލި ދިއްކޮށްލަމުން އިންޒާރެއް ދޭ ފަދަގޮތަކަށް އަންސޫދާ ބުންޏެވެ.

" އޯހް ކަމްއޯން އަންސޫ.. މިހާރު ތި އޯވަރރިއެކްޓް ކުރަނީ... އަހަރެންނަކަށް ހިއެއް ނުވޭ ތިހާ ރުޅިއަންނަން ޖެހޭނެ ހެނެއް.." އަންސޫދާގެ އަމަލުތައް ހުރިގޮތުން ދާނިޔާލް ކައިރިއަށް ވެސް ރުޅިއަންނަ ގޮތްވިއެވެ.

" ރިއަލީ ދާނިޔާލް..." އާންމުކޮށް ދާނިޔާލްއޭ ކިޔާފައި އަންސޫދާ ވާހަކަ ދައްކާނީ ވަރަށް ބޮޑަށް ދާނިޔާލްދެކެ ރުޅި އައުމުންނެވެ.

" ދާނިޔާލް ގަސްދުގަ އަހަރެންނާ އަހަރެންގެ ދަރިފުޅާ ދުރުކުރީ.. އަހަރެންގެ ހިޔާލެއް ހޯދުމެއް ވެސް ނެތި ތާޝާ މާލެ ފޮނުވީ.. އެ ވެސް އެތަނަކީ ތާޝާއަށް ރައްކާތެރި ތަނެއްކަން ނޫންކަން އެނގިހުރެ.. އެއްފަހަރު އަހަރެންގެ ދަރިފުޅު މަރުގެ ތުންފަތްމަތިން ސަލާމަތްވެއްޖެ.. ދެވަނަ ފަހަރަށް އަހަރެންގެ ދަރިފުޅު އެފަދަ ހާލެއްގަ އޮންނަތަން ދުށުމަކީ އަހަރެންނަށް ކެތްތެރި ވެވޭނެ ކަމެއް ނޫން.. ވޭތުވެދިޔަ ހަތަރު އަހަރު ދުވަސް ތެރޭގައި އެދަރިފުޅު ހޮސްޕިޓަލްގެ އެނދުމަތީގައި މެޝިންތައް ގުޅައިފައި އޮންނަތަން ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ހިތަށް ހާދަ އަސަރެއް ކުރެއޭ.. އަހަރެންގެ ދަރިފުޅުގެ ހާލަތާމެދު ވިސްނައިފަ ކޮންމެ ދުވަހަކު އެތައް މަރަކުން އަހަރެން ދިޔައީ މަރުވަމުން... " ފަހު ޖުމްލަތައް ބުނެލިއިރު އަންސޫދާގެ އަޑު ކުރެހިއްޖެއެވެ. މަޑުމަޑުން ގިސްލެވެން ވެސް ފެށިއްޖެއެވެ.

" އެންމެ ފުރަތަމަ ދާނިޔާލްއަށް ކުރެވުނު ކުށަކީ ތާޝާ އެކްސިޑެންޓް ކޮށްލި މީހަކަށް އަދަބުދޭން ނޫޅެ އެކަން މާބޮޑުކަމަކަށް ނުހެދުން.. ދެން މިހާރު އަނެއްކާ އެތަނަށް ތާޝާ ތިފޮނުވީ ގަސްދުގަ އެކުއްޖާ މަރައިލާކަށް ނޫންތަ.. " ރުއިމުގެ ތެރެއިން އަންސޫދާ ބުންޏެވެ.

" އަންސޫ ކައިރީގައި އަހަރެން ބުނިންދޯ އެއީ ކާކު ކަމެއް އަހަރެންނަކަށް ވެސް ނޭނގެއޭ.. އެކަނި ފޯނަށް މެސެޖެއް އައީ.. ދެވަނަ ފަހަރަށް ތާޝާ މާލެ އަރައިފި ނަމަ މަރާލާނެކަމަށް ބުނެފަ.. ތާޝާގެ ހާލަތު ހުރިގޮތުން އޭރު އަހަރެންނަށް އެމީހަކު ހޯދަން އެހާ މަސައްކަތް ނުކުރެވުނީ.. ފަހުން އެމީހަކު ހޯދަން އަހަރެން ވަރަށް މަސައްކަތް ކުރިން އެކަމަކު އަހަރެންނަށް ކާމިޔާބު ވާގޮތެއް ނުވި.. އެހެން ނޫނަސް އަހަރެންނަކީ މީހަކު ދޭ އިންޒާރަކަށް ބިރުން ހުންނާނެ މީހެއް ނޫން.. އެ އިންޒާރަށް ބިރުން ތާޝާގެ ހުރިހާ އުފާތަކަކުން މަހުރޫމް ކޮށްފައި ބަހައްޓަން އަހަރެން ބޭނުން ނުވީ... އެހެން ނޫނަސް ނިކްއަށް އަހަރެން ފުރިހަމައަށް އިތުބާރު ކުރަން.. އަހަރެން އޭނާއަށް ހުރިހާ ވާހަކައެއް ކިޔައިދީފަ ތާޝާއާ އެކު ފޮނުވީ.. އަހަރެންނަށް ވަރަށް ރަނގަޅަށް އެނގޭތީ މިބުނީ ތާޝާގެ ހާލު ރަނގަޅޭ.." އަންސޫދާއަށް ވިސްނައިދޭން މަސައްކަތް ކުރަމުން ދާނިޔާލް ބުންޏެވެ.

" ތިވާހަކަތަކެއް އަހަރެންނަކަށް ޤަބޫލެއް ނުކުރެވޭ.. ދާނިޔާލްގެ މައިގަނޑު ވިޔަފާރި އޮތީ މިތާ ކަމަށްވިޔަސް މާލޭގެ އެންމެ ނުފޫޒު ގަދަ މީހުންތަކުގެ ތެރެއިން އެކަކު ތީ.. ދެން އެއީ ކާކުކަން ނުހޯދުނޭ ބުނީމަ އަހަރެން ޤަބޫލުކުރަންވީ؟ ދެން އަނެއްކަމަކަށް އަހަރެން ތާޝާއާ ވާހަކަ ދެއްކިޔަ ނުދެން ތިއުޅެނީ ކީއްވެ؟" އަންސޫދާ ސުވާލުކޮށްލިއެވެ. ޖަވާބުދޭން އަނގަހުޅުވައިލައިފައި ވެސް ދާނިޔާލް މަޑުޖެހުނެވެ. ލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލުމަށް ފަހު އަންސޫދާގެ އޭނާގެ ފޮށި ބަންދުކުރިއެވެ. އެއަށް ފަހު ފޮށި އުފުލާލުމަށް ފަހު ތިރީގައި ބެހެއްޓިއެވެ.

" އަހަރެންގެ ފޯނު ދީ!!" ދާނިޔާލްއާ ދިމާލަށް އަތްދިއްކޮށްލަމުން އަންސޫދާ ބުންޏެވެ.

" އަންސޫއަށް ގަދަ ހަދަން އެނގެންޏާ އަހަރެންނަށް ވެސް ގަދަ ހަދަން އެނގޭ.. ނުދޭނަން ފޯނު.. މީ އަހަރެން ލާރި ދީފައި ގަތް ފޯނެއް..." ދާނިޔާލްގެ އަޑުގައި ވަނީ އިންތިހާއަށް ހިތްހަމަނުޖެހުމެވެ. އަންސޫދާ ދާނިޔާލްއާ ދިމާލަށް ބަލައިލީ އެބުނި އެއްޗެއް ޤަބޫލުނުކުރެވިގެންނެވެ. އެފަދަ އެއްޗެއް މީގެ ކުރިން ދުވަހަކުވެސް ދާނިޔާލް ބުނެފައި ނުވާތީއެވެ.

" ޑިސްގަސްޓިންގް.." ދަތްތަކަށް ބާރުކޮށްލަމުން އަންސޫދާ ބުންޏެވެ. އެއަށް ފަހު އޭނާގެ ފޮށި ދަމަމުން ގޮސް ކޮޓަރިން ނިކުތެވެ. އަންސޫދާ ހުއްޓުވާކަށް ދާނިޔާލް ނޫޅުނެވެ. ޖީބުގައި އޮތް އޭނާގެ ފޯނު ނެގުމަށް ފަހު ހުޅުވައިލިއެވެ. އެއަށްފަހު ނަމްބަރަކަށް ގުޅައިގެން އެތަކެއް އިރަކު ވާހަކަ ދައްކަން ހުއްޓެވެ. އެމީހަކާ ވާހަކަ ދައްކައި ނިންމައިލުމަށް ފަހު ފޯނު ކަނޑައިލި ވަގުތު ތާޝާގެ މެސެޖެއް އައިސްފައި އޮތްތަން ފެނުމުން އަވަހަށް މެސެޖް ހުޅުވައިލިއެވެ. ހަނދާންވާ ވާހަކަ ބުނެފައި އޮތުމުން ދާނިޔާލް ދެރަވިއެވެ. ވަގުތުން ގުޅައިގެން ތާޝާއާ ވާހަކަ ދައްކަން ބޭނުންވިއެވެ. އެހެން ނަމަވެސް އެކަން އެގޮތަށް ކޮށްފިނަމަ އޭނާގެ މަޤްސަދު ހާސިލްވުމަށް ހުރަހެއް އެޅިދާނެތީ ކެތްތެރިވިއެވެ.

*****

ހޮސްޕިޓަލަށް ވަދެގެން އައި ޒިދާންގެ މިސްރާބު ހުރީ ޕްރައިވެޓް ކޮޓަރިތަކާ ދިމާލަށެވެ. ޒައިނާ އޭނާ ކައިރީގައި ބުނެފައިވާ ކޮޓަރީގެ ނަމްބަރު ހަނދާންކޮށްލަމުން އެ ކޮޓަރި ފެނޭތޯ ހޯދައިލިއެވެ. ކޮޓަރިން ފެނުމުން ޒިދާން ދޮރުހުޅުވައިލަން އުޅުނު ވަގުތު ކޮންމެ ވެސް މީހަކު ޒިދާންގެ އަތުގައި ހިފެހެއްޓުމުން އެނބުރި ބަލައިލިއިރު ހުރީ ޒައިނާއެވެ.

" ދޮންތަ ނުދަންތަ އަދިވެސް ގެއަކަށް... މަޑުކުރޭ އަހަރެން ވަދެފަ ދޮންތަބޭ މި ފޮނުވަނީ ދޮންތައާ އެކު.. މިރޭ ރާއިފް ކައިރީގައި އަހަރެން މަޑުކޮށްލާނަން.." އަނެއްކާ ވެސް ކޮޓަރީގެ ދޮރު ހުޅުވަން ދިމާކޮށްލަމުން ޒިދާން ބުންޏެވެ. މި ފަހަރު ވެސް ޒައިނާ ޒިދާންގެ އަތުގައި ހިފައި ފަހަތަށް ދަމައިލިއެވެ. ޒިދާން ޒައިނާއާ ދިމާލަށް ބަލައިލީ ހައިރާންވެ ހުރެއެވެ.

" ކިހިނެއްވީ ދޮންތާ؟؟" ޒިދާން އަހައިލިއެވެ. އެވަގުތު ޒައިނާގެ ލޮލުން ވިދަވިދާ ހުރި ކަރުނަ ފެނި ކޮންމެވެސް ކަމެއް ގޯސްވެއްޖެ ކަމުގައި ޒިދާނަށް އިހުސާސް ކުރެވުނެވެ.

" ދޮންތާ!! ރާއިފް ރަނގަޅުތަ؟" ތެޅިތެޅިއޮތް ހިތަކާއެކު ޒިދާން އަހައިލިއެވެ. ޒައިނާ ބޯ ޖަހައިލަމުން އޭނާގެ ލޮލުން ފޭދިފައިވާ ކަރުނަތައް އަތުން ފޮހެލިއެވެ.

" ދެން ކީއްވެ ދޮންތަ ތިރޮނީ..؟؟ ކީއްވެ އަހަރެން މިތަނަށް ވަނަ ނުދެނީ..؟؟" ހައިރާންވެ ހުރެ ޒިދާން އަހައިލިއެވެ. ޒައިނާ، ޒިދާނަށް ރާއިފް ކިޔައިދިން ވާހަކަތައް ކިޔައިދިނެވެ. ރާއިފް އަމިއްލައަށް މަރުވާން މަސައްކަތްކުރުމުގެ ފަހަތުގައިވާ ސަބަބުތަކުގެ ތެރޭގައި އޭނާވެސް ހިމެނޭކަން އެނގުނު ހިނދު ޒިދާން އިންތިހާއަށް ދެރަވިއެވެ.

" ދޮންތާ އަހަރެން ބޭނުން ރާއިފާ ވާހަކަދައްކަން.." ޒިދާން ދެރަވެފައި ބުންޏެވެ. ޒައިނާ ބޮލުގެ އިޝާރާތުން ނޫނެކޭ ބުނެ އެކަމަށް އިންކާރު ކުރިއެވެ.

" ނޫން ކޮއްކޯ.. ރާއިފާ ކޮއްކޮ މިވަގުތު ބައްދަލު ނުކުރިއްޔާ ރަނގަޅުވާނީ... " ޒައިނާ ބުންޏެވެ. ޒިދާން ކަރުއެލުވައިލީ ވީދެރައިންނެވެ.

" ޒިދާން!! ދޮންތަ ވަރަށް ލޯބިވޭ ޒިދާން ދެކެ.. ޒިދާން ފަދައިން ރާއިފް ދެކެ ވެސް އެހާ ލޯބިވަން.. ތި ދެ ކުދިން ކުރިން އުޅުނީ ކިހާ ގާތްކޮށް.. ދޮންތައާ ދޮންތަބެ ވެސް މިއަދު ކައިވެނިކޮށްގެން މިތިބީ ހަމަ ތި ދެ ކުދިން ދޮންތަމެން ގުޅުވަން ކުރި މަސައްކަތުން.. ކޮއްކޮއާއި ރާއިފްއަކީ އެއްލޭ ނުވިޔަސް ބޭބެއާއި ކޮއްކޮ ފަދަ.. ދޮންތައަށް އެނގޭ ޒިދާން ރާއިފްދެކެ ވަރަށް ލޯބިވާކަން.. އެކަމަކު ދޮންތަ މިކުރާ ސުވާލަކަށް ޖަވާބު ދީފާނަންތަ؟ މި ވީހާތަނަށް ވެސް ދޮންތަ މިވާހަކަ ނާހަން މި ހުންނަނީ ޒިދާނަށް ކުރާ އިތުބާރެއްގެ ސަބަބުން.. އެކަމަކު މިއަދު މިކަމާ ވާހަކަ ދައްކައިގެން ނޫނީ މައްސަލަ ހައްލެއް ނުވާނެ.." ޒައިނާ އަހައިލިއެވެ. ޒިދާން ބޯޖަހައިލިއިރު އޭނާ ވެސް ފެންކަޅިވެއްޖެއެވެ.

" ރާއިފް އެ ބުނާހެން..ޒިދާން... ޝާނާއާ އެއްކޮށް...." ޒައިނާއަށް އަހަން އުނދަގޫވިއެވެ. އެހެން ނަމަވެސް ޒައިނާ ކުރަން އުޅުނު ސުވާލު ޒިދާނަށް ދެނެގަނެވުނެވެ.

"ﷲއަށް ޓަކައި ބުނަން ދޮންތާ.. އަހަރެންނާއި ޝާނާއާ ދެމެދު އެފަދަ ގުޅުމެއް ހިނގައިފައެއް ނޯންނާނެ... އަހަރެން ދެކުނު ގޮތުގައި ޝާނާ އެއީ އަހަރެންގެ ދައްތައެއް.. ފަހަރިއެއް... އެ ކޮޓަރީގައި އަހަރެންނަށް ޝާނާއާ އެކު އޮވެވުނީ ކިހިނެއް ކަމެއް އަހަރެންނަކަށް ނޭނގޭ.. ތާޝާ ކައިރީގައި އެބައަންނަމޭ ކިޔާފައި ބޭރަށް ނިކުންނަނިކޮށް ޝާނާގެ މަންމަ ގޮވައިފައި ބުނީ ކޮޓަރީގައި ހުރި ޝާނާއަށް ގޮވާލަދީބަލާށޭ ކޭކު ފަޅާ ގަޑި ޖެހޭތީ.. އަހަރެން ކޮޓަރިއަށް ވަނީ ޝާނާގެ ހުއްދަ ލިބިގެން.. އަހަރެން ވަންއިރު ޝާނާ އިން ޑްރެސިންގް ޓޭބަލް ކައިރީގައި މޭކަޕް ކުރަން.. އެތެރެއަށް ވަދެފަ ޝާނާއަށް ގޮވާލެވުނުކަން އެނގޭ.. ދެން ނޭނގެ ވީގޮތެއް.. ހޭލެވުނުއިރު އޮވެވުނީ..." އެވަރަށް ބުނެފައި ޒިދާން ހުއްޓުނެވެ. އިތުރަށް ޒައިނާ ކައިރީގައި ބުނަން ލަދުވެތިވިއެވެ.

" ހޭލެވިގެން ޝާނާއަށް ގޮވީ އަހަރެން.. އޭނާވެސް ހުރީ ވީގޮތެއް ނޭނގިފަ.." ޒިދާން އިތުރަށް ސާފުކޮށްދިނެވެ.

" ދެން ޒިދާން ތި ހުރިހާ ވާހަކައެއް އެއްވެސް މީހެއް ކައިރީގައި ނުބުނީ ކީއްވެ؟ " ޒައިނާ އަހައިލިއެވެ.

" ކާކު ކައިރީގައި ބުނާނީ ދޮންތާ.. ރާއިފް އަހަރެން ދައްކާ ވާހަކަ އަޑުއަހާކަށް ތައްޔާރެއް ނޫން.... އެގޭ މީހުން އަހަރެން އެ ގެއިން އެރޭ ނެރުނީ ގަދަކަމުން.. ތާޝާ ވެސް އޭރު ޤަބޫލެއް ނުކުރި އަހަރެން ދެއްކި ވާހަކަ..ހަމަ އެރޭގެ ވަގުތެއްގައި ތާޝާ ގުޅާފަ ބުނި ޒިދާންގެ ކުށެއް ނެތްކަން އެނގިއްޖޭ... ޖީނާ ވެސް ބުނި ތާޝާ އޭނާކައިރީގަ ވެސް ބުންޏޭ ޒިދާންގެ ކުށެއް ނެތޭ... " ޒިދާން އިތުރަށް ކިޔައިދިނެވެ. ޒިދާން ދެއްކި ވާހަކައާ މެދު ޒައިނާ ފުންކޮށް ވިސްނައިލިއެވެ.

" ތިކަމުގަ ވަރަށް ބޮޑު ނުބައެއް އެބައުޅޭ.. އެގޭ މީހުންނަކީ ކިހާވަރެއްގެ ބައެއްކަން ދޮންތައަށް އެނގޭ... ޝާނާގެ މަންމަ! ކީކޭތަ ކިޔަނީ؟؟ އާނ އަންފޫޒާ!! އެރޭ ޒިދާން އެތަނަށް ފޮނުވީ.. އެމީހުން ތާޝާއާ ޒިދާން ދުރުކުރަން ކުރި ކަމެއް ކަމަށް ވާނީ.." ޒައިނާ ބުންޏެވެ.

" ދޮންތާ އަހަންނަށް ވެސް ތިގޮތަށް ޝައްކުވި.. އެކަމަކު މިހާރު އަހަރެން ކާކު ކައިރީ ތިވާހަކަ ދައްކާނީ.. ޖީނާ ކައިރީގައި އޭނާގެ މަންމައާ ހިލާފަށް ވާހަކަ ދައްކަން އަހަންނަކަށް ނުކެރޭނެ.. ޖީނާ ވެސް އެކަމާ ބެހޭގޮތުން އަހަންނާ ވާހަކައެއް ނުދައްކާ.." ޒިދާން ބުންޏެވެ.

" ކީއްވެ ނުކެރެންވީ.. ޒިދާންގެ ކުށެއް ނެތްކަމާ އެމީހުން ރޭވި ނުބައި ރޭވުން އެންމެންނަށް އެނގެން ޖެހޭ.. ޒިދާނަށް ބުނަން ނުކުރެންޏާ ދޮންތަ ބުނެފާނަން ޖީނާ ކައިރީގައި.." ޒައިނާ ކައިރިއަށް ރުޅިއަންނަ ގޮތްވިއެވެ.

" ނޫން ދޮންތާ ޕްލީޒް.. ތާޝާގެ ހަނދާންތައް އެނބުރި އަންނަ ދުވަހަކުން ހަޤީގަތް އޭނާ ހާމަކުރާނެކަން ޔަގީން.. އިހަށް އެހާ ދުވަހު މަޑުކޮށްލަދީ.." އާދޭހުގެ ރާގަކަށް ޒިދާން ބުންޏެވެ. ޒައިނާ ވަކި އެއްޗެއް ނުބުނެ އިސްޖަހައިލަމުން ލޮލުން އައިސްފައިވާ ކަރުނަތއް ފޮހެލިއެވެ.

" ހިނގާ ދޮންތަ ގެއަށް ލައިދޭނަން..." ޒައިނާ ގަޔާ ކައިރިކޮށްލައިގެން ހުރެ ކުރިއަށް ހިނގައިގަންނަމުން ޒިދާން ބުންޏެވެ. ޒައިނާ ވެސް ދެކޮޅުހެދުމެއް ނެތި ކުރިއަށް ދިޔައެވެ.

ޒައިނާ ގެއަށް ލުމަށް ފަހު ޒިދާން މިސްރާބުޖެހީ ތާޝާ އުޅޭ ގެ ކައިރިއަށް ދިއުމަށެވެ. މިއަދު ރަޙުމަތްތެރިޔާއަށް އެހީތެރިކަމެއް ފޯރުކޮށްދެވެން ނެތަސް އޭނާގެ ލޯބިވާ ތާޝާއަށް ހިމާޔަތްދޭން ކޮންމެހެން ވެސް ޒިދާން ބޭނުންވެއެވެ. ކަންތައްވީ ގޮތުން ކާހިތް ކެނޑިފައި ހުއްޓަސް ތަނަކަށް ވަދެ ހޫނު ކޮފީއެއް ގަނެގެން ގޮސް ތާޝާ އުޅޭ ގޭގެ ފުރަގަހުގައި ސައިކަލު ޕާކު ކޮށްލިއެވެ. އެއަށްފަހު ސައިކަލުމަތީގައި އިށީނދެ އިނދެ މަދުން މަދުން ކޮފީ ކޯވަރުތައް ބޮމުންދިޔައެވެ.

*****

ޖީނާ ނަމާދުކޮށްގެން ކާން ނިކުތީ ތާޝާ ކައިރީގައި ވަރަށް އަވަހަށް އަންނާނަން ކަމަށް ބުނުމަށްފަހުގައެވެ. ތާޝާ ނިދާން ލާނެ ހެދުމެއް ނަގަން އަލަމާރި ކައިރިއަށް ދިޔަ ވަގުތު ލެއްޕިފައިވާ ކުޑަދޮރުގެ ބޭރުން ފެނުނު މަންޒަރުން ހުއްޓެން މަޖުބޫރުވިއެވެ. ކުރިއާ ހިލާފަށް މިހާރު އެތަން އޮތީ ދިއްލައިއަޅައިލައިފައެވެ. ކުޑަދޮރާ ތަންކޮޅެއް ކައިރިއަށް ޖެހިލައިފައި ބަލައިލީ ފެނުނު މަންޒަރު އިތުރަށް ޔަގީންކޮށްލުމުގެ ގޮތުންނެވެ. ޒިދާންގެ ނަން ތާޝާއަށް ކިޔައިލެވުނި ހިތުންނެވެ. ގޭގެ ބޭރުގައި ސައިކަލު މަތީގައި އިށީނދެގެން އެ އިނީ ޒިދާންކަން އެނގުނު ހިނދު ތާޝާގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިއެވެ. ކުޑަދޮރު ހުޅުވައިލުމަށް ފަހު ކުޑަކޮށް އަތް ހިއްލައިލެވުނީ ބޭއިޚްތިޔާރުގައެވެ. އެވަގުތު ސައިކަލު މަތީގައި އިން ޒިދާނަށް ވެސް ކޮޓަރީގެ ކުޑަދޮރުން ފެންނަން ހުރި ތާޝާ ފެނިއްޖެއެވެ. ޒިދާން ވެސް ހިނިތުންވެލަމުން ތާޝާއަށް ހަނާ އަޅައިލިއެވެ. ދުރުގައި ތިބެ ނަމަވެސް ދެމީހުން އިޝާރާތުގެ ބަހުން ވާހަކަ ދައްކަމުން ދިޔައެވެ. ޒިދާން އަތުގެ އިޝާރާތުން ކީއްކުރަނީތޯ އެހުމުން ކަމެއް ނުކުރާ ކަމުގައި ތާޝާ ބުނީ ދެ ފަރާތަށް ބޯތަޅުވައިލަމުންނެވެ. ޒިދާން އިޝާރާތުން ކައިފިންތޯ އެހުމުން ތާޝާ ބޯޖަހައިލިއެވެ. އެއަށްފަހު ތާޝާ ޒިދާނާ ދިމާލަށް އިނގިލި ދިއްކޮލުމުން ތާޝާ ވެސް އޭނަ ކައިރީގައި ހަމަ އެސުވާލު ކުރީކަން ޒިދާނަށް އެނގުނެވެ. އެހެންކަމުން ޒިދާން ވެސް ބޯޖަހައިލިއެވެ. އިރުކޮޅަކުން ޒިދާން ކޮށްލި ކަމަކުން ތާޝާގެ މޫނު ރަތްވެގެން ދިޔައެވެ. މަގުމަތީގައި އެހާ މީހުން ގިނައިރު ވެސް އެމީހުންނަށް ފަރުވާލެއް ނުބަހައްޓާ ފޮނުވައިލި 'ފްލައިންގް ކިސް' ގެ ސަބަބުން ތާޝާ ލަދުން ހަލާކުވާވަރުވިއެވެ. އެހާ ދުރުން ވެސް ތާޝާ ލަދުގަތީކަން ޒިދާނަށް އެނގުނެވެ. އެހިނދު ޒިދާންގެ ތުންފަތްމައްޗަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. ޒިދާން ކަންތައްކުރި ގޮތަށް ކަންތައް ކުރަން ހިތަށް އެރި ނަމަވެސް ތާޝާއަކަށް ނުކެރުނެވެ. ލަދުރަކިވެފައި ޒިދާނާ ދިމާލަށް ބަލަހައްޓައިގެން ހުރީއެވެ. އެދެމީހުންނަށް ނޭނގުނީ އެމަންޒަރުތައް ބަލަހައްޓައިގެން އިތުރު މީހަކު ހުރިކަމެވެ. އެމީހަކު ޒިދާނާއި ތާޝާއާ ދިމާލަށް ބަލަމުން ދިޔައީ ނަފްރަތުގެ ބެލުމަކުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!