ވާހަކަ

ދުރުގާވުން ހިތް ނޭދޭ! (ހަތްވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ދުރުގާވުން ހިތް ނޭދޭ! (ފުރަތަމަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދެވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތިންވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތަރުވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނުވަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދިހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! ( އެގާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސާދަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަނަރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސޯޅަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސަތާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނަވާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ވިހިވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެކާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފައްސަވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްބީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ހަތާވީސް ވަނަބައި) ދުރުގާވުން ހިތްނޭދޭ! (އަށާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ނަވާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ތިރީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެއްތިރީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ބައްތިރީސް ވަނަ ބައި) ދުރުގާވުން ހިތްނޭދޭ! ( ތެއްތިރީސްވަނަ ބައި)

" ޒިދާން ނުނިކުމޭތަ.. ؟" ރާއިފް އެހިއެވެ. ޒައިނާ ބޯޖަހައިލިއެވެ. އޭނާގެ މޫނުމަތިން ހާމަވަމުންދަނީ މާޔޫސްކަމެވެ. އެކަން ރާއިފަށް ވަރަށް ބޮޑަށް ފާހަގަވިއެވެ.

Ads by STELCO

" ނިދާފަ ކަންނޭނގެއެއްނު... ދޮންތަ ހާސްނުވޭ" ރާއިފް ބުންޏެވެ. ހަމައެވަގުތު ގޭގެ ދޮރުހުޅުވައިލައިފައި މީހަކު އެތެރެއަށް ވަނެވެ. ޒައިނާއާ ރާއިފަށް އެދިމާލަށް ބަލައިލެވުނީ އެކުއެކީގައެވެ. އެމީހަކާ ދިމާލަށް ޒައިނާއަށް ބަލަން ހުރެވުނީ ޤަބޫލުނުކުރެވިގެން ބަލާފަދަ ގޮތަކަށެވެ. ރާއިފް ވެސް ހުރީ ހައިރާންވެފައެވެ.

ހައިރާންކަން ވެރިވެފައިވި ޒައިނާގެ މޫނުގެ ކުލަވަރު މަޑުމަޑުން ބަދަލުވިއެވެ. ހިނިތުންވެލެވުނު ހިނދު ލޮލުން އުފާވެރިކަމުގެ ކަރުނަ ނީރާލީއެވެ. ކުރިމަތީގައި ހުރީ އޭނާ އެންމެ ލޯބިވާ ކޮއްކޮއެވެ. މީގެ ހަތަރު އަހަރު ކުރިން އޭނާއަށް ފެނުނު އޭނާގެ ކޮއްކޮއެވެ. އެދިގު އިސްތަށިގަނޑު ވަނީ ކޮށާލެވިފައެވެ. މަތިމަހާއި ތުނބުޅި ތުންޏެވެ. ކަރުގައި އަޅައިފައިވާ ފަށްތަކާއި އިނގިލިތަކުގައި އަޅުވައިފައިވާ އަނގޮޓިތަކެއް ވެސް ނެތެވެ. ބުމަ މަތީގައިވާ ސްޓަޑް ވެސް ވަނީ ނަގައިފައެވެ. ލާފައި ހުރީ ގަޔަށް ހެޔޮވަރުގެ ޓީޝާޓަކާއި ޖިންސެކެވެ. އޭރުގެ ޒިދާން އަލުން އަނބުރާ ލިބުމުން ދެލޯ ފުރިގެން އައީ އުފާވެރި ކަމުގެ ކަރުނައިންނެވެ.

ލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލަމުން ޒައިނާ، ޒިދާން ކައިރިއަށް ޖެހިލިއެވެ. ޒިދާންގެ ދެކޮނޑުގައި ހިފަހައްޓައިލަމުން ޒިދާންގެ ނިތުގައި ބޮސްދިނެވެ. ޒިދާންގެ ތުންފަތްމަތީގައި ލުއި ހިނިތުންވުމެއް ވިއެވެ. ދައްތަގެ މޫނު މަތިން ފެންނަމުން ދިޔަ އުފާވެރިކަން އޭނާގެ ހިތަށް ހިތްހަމަޖެހުން ގެނުވައިފިއެވެ. ހަތަރު އަހަރުތެރޭގައި ފުރަތަމަ ފަހަރަށް އޭނާގެ ފަރާތުން ޒައިނާ އުފާވާ ކަމެއްކޮށްދެވުމުން ހިތްހަމަޖެހުނެވެ.

" ދޮންތަ ވަރަށް އުފާވެއްޖެ!! އަލްޙަމްދުލިالله! މާޝާﷲ !! މާތް ﷲ ކޮއްކޮއަށް ހެޔޮ ރަޙުމަތްލައްވާށި!! އާމީން!!" ޒައިނާ ދުޢާ ކޮށްލިއެވެ. މިވަގުތު އޭނާއަށް ލިބިފައިވާ ހިތްހަމަޖެހުން ބަޔާން ކުރަން ދައްޗެވެ.

" ﷲ އިރާދަކުރެއްވިއްޔާ ދެން ދުވަހަކުވެސް ދޮންތަ ހިތުގައިޖެހޭ ފަދަ ކަމެއް ނުކުރާނަން... މަންމައާއި ބައްޕަ ނިޔާވުމަށް ފަހު އަހަރެންގެ ހުރިހާ ކަމެއް ބެލެހެއްޓީ ދޮންތަ... އަހަރެންގެ އުޅުން ގޯހުން ގޯހަށް ދިޔަ ދުވަހު ވެސް ދޮންތަ އަހަރެން ދޫކޮށެއްނުލި.. ބަދަލުގައި އަހަރެން ރަނގަޅުވޭތޯ ކުރެވެން ހުރި މަސައްކަތެއް ކުރި... ތީ އެހެންމީހުންނަށް ހުރި ލާމާސީލު ނަމޫނާއެއް... މާފުކުރޭ ދޮންތާ.. އަހަރެންނަށް ދޮންތައަށް ވަރަށް އުނދަގޫ ދެވިއްޖެ.. އެކަމަކު ދެން އިރާދަކުރެއްވިއްޔާ ދޮންތައަށް ފެންނާނީ މުޅިން ތަފާތު ޒިދާނެއް... ދޮންތަ އަހަންނާ މެދު ކުރާ ކޮންމެ އުއްމީދެއް ފުރިހަމަކޮށްދޭން މަސައްކަތް ވެސް ކުރާނަން... ދޮންތަ އެދޭފަދަ ކޮއްކޮއަކަށް ވޭތޯ މަސައްކަތް ކުރާނަން... އިރާދަކުރެއްވިއްޔާ ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް..." ޒިދާން ވާހަކަ ދައްކަމުން ދިޔައިރު ޒައިނާއަށް ރޮވެމުން ދިޔައީ ހުރިހާ އިހުސާސްތަކެއް މަސްހުނިވެފައިވާ ހާލުގައެވެ. ޒިދާންގެ ފަރާތުން އެޖުމްލަތައް އިވުމަށް އޭނާއަށް ހާދަ އުއްމީދެއް ކުރެވުނެވެ. އެކަމަށް އެދި އެތަކެއް ދުޢާއެއް ކުރެވުނެވެ. ހަމަކަށަވަރުން ﷲ ތަޢާލާއަކީ އަޅުތަކުންގެ ދުޢާ އިޖާބަ ކުރައްވަވާ ރަޙްމާންވަންތަ ރަޙީމްވަންތަ އިލާލެވެ.

މަންޒަރު ބަލަން ހުރި ރާއިފަށް ވެސް ކުރެވެމުން ދިޔައީ ތަފާތު އިހުސާސް ތަކެކެވެ. މޫނުމަތިން އެކަން ނުދައްކައިވޭތޯ މަސައްކަތް ކުރި ނަމަވެސް އޭނާގެ ދެލޯ ވެސް ފެންކަޅި ވެއްޖެއެވެ. ޒައިނާގެ މޫނުން ނަޒަރު ވަކިކޮށްލައި ޒިދާން ރާއިފާ ދިމާލަށް ބަލައިލިއެވެ. ޒިދާނާ ދިމާލަށް ނުބަލަން މަސައްކަތް ކުރަމުން ރާއިފް އޭނާގެ މޫނު އަނބުރައިލީ އަނެއް ފަރާތަށެވެ. ޒިދާން މަޑުމަޑުން ގޮސް ރާއިފްގެ ކުރިމަތީގައި ހުއްޓުނެވެ. އެހެން ކަމުން ޒިދާނަށް ބަލައިލާން ރާއިފަށް މަޖުބޫރުވިއެވެ.

" ރާއިފް!! އަދިވެސް އަހަރެން ދެކެނީ ތީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގަ... އަހަރެން އަދިވެސް ބުނަން ބޭނުންވަނީ ރާއިފަށް އެދުވަހު ތިފެނުނީ ހަޤީގަތެއް ނޫނޭ.. އަހަރެން ހަމަހޭގައި ހުރެގެން ރާއިފްގެ ހައްޤަކަށް އަރައެއް ނުގަންނަން... އެހެންނަމަވެސް ރާއިފަށް އަހަރެން ރާއިފްގެ ހައްޤަކަށް އަރައިގަނެފިހެން ހީވަންޏާ ވަރަށް ބޮޑަށް މައާފަށް އެދެން.. އުއްމީދު ކުރަނީ ކޮންމެވެސް އެއްދުވަހަކުން އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އަހަރެންނަށް އަނބުރާ ލިބޭނެ ކަމަށް...." ޒިދާން ބުންޏެވެ. އެއަޑުގައި ވަނީ ސާބިތުކަމެވެ. ރާއިފް ވަކި އެއްޗެއް ނުބުންޏެވެ. ކުޑައިރުކޮޅަކުން ސައިބޯން ނިކުންނާނެ ކަމަށް ބުނުމަށް ވަނީ ޒިދާން ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ.

*****

ލޯހުޅުވާލެވުމާ އެކު އާދައިގެ މަތިން މިއަދު ވެސް ޝާނާއަށް ބަލައިލެވުނީ އެނދުގެ އަނެއް ފަރާތަށެވެ. ގަދަ ނިދީގައި އޮތް ޝާމިން އޮތީ ޝާނާއާ ވީކޮޅަށް އެނބުރިގެންނެވެ. ޝާމިންގެ މޫނަށް ޝާނާ ބަލަހައްޓައިގެން އޮތީ ލޯބިން ފުރިގެންވާ ބެލުމަކުންނެވެ.ހިތްއެދެމުން ދިޔައީ އެހިނދުކޮޅު ދިގުލައިގެން ދިއުމަށެވެ. ބޭނުންވީ އެންމެ ފަހަރަކު ނަމަވެސް އެމޫނުގައި ފިރުމައިލާށެވެ. ނަމަވެސް އެނަސީބުން އޭނާ ވަނީ މަޙްރޫމް ވެފައެވެ. ޝާމިން އޭނައާ މެދު ދެކޭގޮތް ހިތަށް އެރި ހިނދު ހިތް ރޯލިއެވެ. ހަނދާންވީ ޝާމިން އޭނާއާ ތާޝާ އަޅައި ކިޔާލި ގޮތެވެ.

ޝާނާ އެނދުމަތިން ތެދުވެ ލޯގަނޑު ކައިރިއަށް ހުއްޓުނެވެ. އެކި ގޮތްގޮތަށް އެބުރެމުން އޭނާގެ ހަށިގަނޑަށް ބަލަމުން ދިޔައީ އެއްވެސް އުނިކަމެއް ހުރިތޯ ބެލުމަށެވެ. ތާޝާއަށް ވުރެ ވަކި ކަޅެއް ނޫނޭ ހިތަށް އެރިއެވެ. އިސްތަށިގަނޑު ތާޝާއަށް ވުރެ ކުރު ނަމަވެސް ފަނެވެ. ނަމަވެސް ކުޑަކޮށް ފަލަވެއްޖެހެން ހީވިއެވެ. ބަނޑުގައި ފިރުމައިލެވުނު ހިނދު ކުޑަ ބަނޑުކޮޅެއް ލައިފިކަމުގެ އިހުސާސް ކުރެވުނެވެ. އެވަގުތުން ފެށިގެން ޑައިޓްކޮށް ކަސްރަތު ކުރަން ފަށަން ހިތުގައި ޢަޒުމު ކަނޑައެޅިއެވެ. ޝާމިންގެ ލޯބި ހާސިލް ކުރުމަށް ޓަކައި އޭނާ ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. ވީއިރު މި ކަމަކީ އަދި ކުޑަކުޑަ ކަމެކެވެ.

*****

އެނދުމަތީގައި އިން ތާޝާއަށް ރޮވެމުން ދިޔައީ އޭނާގެ މަންމައާއި ބައްޕަ މަތިން ހަނދާންވެފައެވެ. ހާއްސަކޮށް ދާނިޔާލް މަތިން ހަނދާންވަމުން ދިޔައީ އެބައްޕަގެ ހެޔޮކަން ހިތަށް އަރައިފައެވެ. އަތުގައި އޮތް ފޯނުގެ ސްކްރީނުން ފެންނަމުން ދިޔަ އޭނާގެ މައިންބަފައިންގެ ފޮޓޯއަށް ބަލަމުން ދިޔައިރު ބޭނުންވީ އެމީހުން ގާތަށް އެނބުރި ދިއުމަށެވެ. ހިތް އެދެމުން ދިޔައީ މަންމަގެ އޯގާތެރި ފިރުމުމަށެވެ. ބައްޕަ ލޯބިން ގޮވައިލާ އަޑު އެހުމަށެވެ. އެންމެ ފަހަރަކު ވެސް އެ ދެ މީހުންގެ އަޑުއަހައިލަން ބޭނުންވިއެވެ. އެމީހުން ގާތުގައި މާފަށް އެދެން ބޭނުންވިއެވެ. ފޯނުގެ ވައިބަރގައި ލިސްޓުގެ ދެވަނައިގައި އޮތް މަންމަގެ ނަމަށް ފިތައިލެވުނެވެ. ދެ ހިޔާލެއްގައި އިނދެ ގުޅާ ފިތަށް ފިތައިލިއެވެ. އެހެން ނަމަވެސް ރިންގުވާން ފެށުމުގެ ކުރިން ކަނޑައިލެވުނެވެ. އެމީހުންނާ ވާހަކަދައްކަން ހިތްވަރެއް ނެތެވެ. ބުނާނީ ވެސް ކީކޭ ހެއްޔެވެ؟؟

ކުއްލިއަކަށް ކޮޓަރިއަށް ވަދެގެން އައި ޖީނާ ފެނުމާ އެކު ދެލޯ ފޮހެލެވުނެވެ. ގަޑި ބަލައިލެވުނީ ވަގުތަކީ ޖީނާ ސްކޫލުގައި އުޅޭ ވަގުތަށް ވުމުންނެވެ.

" ޖީން މިއަދު ސްކޫލަށް ނުދަނީތަ؟" އިން ތަނުން ތެދުވަމުން ތާޝާ އަހައިލިއެވެ.

" އަހަރެން ހިޔެއް ނުކުރަން ތާޝާ ތިހާ ސްޓުޕިޑް ވެދާނެ ކަމަކަށް... " ތާޝާގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ޖީނާ ބުންޏެވެ. އޭނާ ހުރީ ހިތްހަމަ ނުޖެހިފައިކަން މޫނުމަތިން ހާމަވަމުން ދިޔައެވެ.

" ޖީން.. ޕްލީޒް... އަހަންނަށް ނިކްއަށް ވުރެ ރަނގަޅު ބައިވެރިއެއް ލިބޭނެ ހެނެއް ހިޔެއް ނުވޭ... ޖީންއަށް އަދި ނިކްގެ ހިތްހެޔޮކަން ނޭނގިގެން ތިއުޅެނީ.. އެނގިއްޖިއްޔާ ޔަގީން އޭނައާ ބެހޭގޮތުން ތިގޮތަށް ވާހ..." ތާޝާއަށް ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ.

" އަހަރެން ތިވާހަކައެއް ނުދައްކަން... އަނީކް އެ ދެއްކި ވާހަކަ ތާޝާ ހަމަ ޤަބޫލުކުރީތަ... އެވާހަކަތަކާ މެދު ސުވާލު ނުއުފެދޭތަ... އޭނާ ބުނިގޮތުން ވިއްޔާ އެދުވަސްކޮޅު ކުޑަ ބައްޕަ ހުރީ މެލޭޝިޔާގައި... އެރޭ އެ ހާދިސާ ހިނގައި ދިޔައިރު އެމަންޒަރު ފެނުނު މީހަކު ހުރި ނަމަ ތާޝާއަށް އެހީވާން ނައިސް ހުރިހެން ހީވޭތަ... ތާޝާ އެހީއަށް އެދި ގޮވިއިރު ގައިމު އެހެންމީހުންނަށް ވެސް އަޑު އިވޭނެއްނު.. ހަމަގައިމު ވެސް އަހަންނަކަށް އެއަޑެއް ނީވޭ... ދެން އޮތް ސުވާލަކީ އެހުރިހާ އެއްޗެއް އެހާ ތަފްސީލުކޮށް މިތާ ނުވެސް ނެތް މީހަކަށް އެނގެނީ ކިހިނެއް؟ ކުޑަ ބައްޕަ މެލޭޝިޔާގައި ހުރި މީހަކަށް އެ ހުރިހާ އެއްޗެއް އަނީކަށް ކިޔައިދެވުނީ ކިހިނެތް؟ ގައިމު އޭރު ގޭގަ ނުހުންނާނެ ސީސީޓީވީ ކެމެރާ ވެސް... އެންމެ ބޮޑު ސުވާލަކީ އޭނާ އެވަރު ކުށެއް ކޮށްފައި ޒިދާން ބޭރަށް ނިކުމެ އެ އުޅެނީ ކިހިނެއް... ކީއްވެ އޭނާ ފުލުހުންނާ ހަވާލު ނުކުރެވުނީ... ތާޝާއަށް ހަމަ އެންމެ ސުވާލެއް ކޮށްލަން ވެސް ނޭނގުނީތަ... " ލިބިފައިވާ ހިތްހަމަނުޖެހުމުގައި ޖީނާއަށް ވާހަކަ ދެއްކުނީ ތަންކޮޅެއް ބާރަށެވެ. ތާޝާގެ މޫނުމަތިން ނުރުހުން ފާޅުވެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ.

" ސުވާލު ނުއުފެދެނީއެއް ނޫން.. ސުވާލު އުފެދޭތީ މިއަދު މިތަނަށް އައިސް ވެސް މިހުރީ... އަހަރެން ސުވާލު ކުރިއެއް ކަމަކު ޖަވާބު ލިބޭތަ... މައިންބަފައިންނަކަށް ޖަވާބެއް ނުދެވުނު.. މިތަނަށް އައިސްގެން ވެސް ލިބުނު ޖަވާބެއް ނެތް... އެންމެ ގާތް އެކުވެރިޔާ އެންމެ ލޯބިވާ ކަޒިން ވެސް އަހަންނަކަށް އެހީއެއް ނުވި...އަނީކްގެ ވާހަކަ ޤަބޫލުކޮށްގެން އަހަރެން ސްޓުޕިޑް ވަންޏާ ނިކަން ޖީން އަހަރެންގެ ސުވާލުތަކަށް ޖަވާބުދީބަލަ... ބުނެބަލަ!! އަހަރެންކުރާ ސުވާލުތަކަށް ޖަވާބުދެވޭނެތަ؟؟" ތާޝާއަށް ވެސް ހަޅޭއްލަވައިގަނެވުނެވެ.

ޖީނާ ވަގުތުން ހިމޭންވިއެވެ. އޭނާގެ މަޖުބޫރީ ހާލަތު ހިތަށް އަރައިފައި ދެރަވެ ރުޅި އާދެވުނެވެ. ރުޅި މައިތިރިކުރަން އުޅުނު ހިނދު ދެލޮލުން ކަރުނަ ހިލުނެވެ.

" ކޮބާ!!!... ޖީންއަށް ނުބުނެވުނެއްނު އެއްޗެއް... އަހަންނަށް އެނގޭ ޖީން ވެސް އަދި މިގޭ އެންމެން ވެސް އަހަންނަށް ކަންކަން ސިއްރު ކުރަނީކަން.. އަހަރެންނަށް އަހަރެންގެ މާޒީއާ ބެހޭގޮތުން ކިރިޔާ ވެސް އެއްޗެއް ބުނެދިނީ ނިކް... އެހެންވީމަ އޭނަ އެ ދެއްކި ވާހަކަ ޤަބޫލުކުރަން އަހަރެން ބޭނުން ވަނީ... ޖީން މިއަދު ތި އުފައްދާ ސުވާލުތަކަކީ އަހަރެންނަށް ބޭކާރު ސުވާލުތަކެއް.. " ޖީނާގެ މޫނުން ނަޒަރު ވަކިކޮށްލަމުން ތާޝާ ބުންޏެވެ. އެއަޑުގައިވި ހިތްދަތިކަން ޖީނާއަށް ރަނގަޅަށް ނަގައިގަނެވުނެވެ. އެކުވެރިޔާއަށް އެހީއެއް ނުވެދެވޭތީ އެކަމާ ހިތާމަ ކުރާ ހާލު ޖީނާ މަޑުމަޑުން އެކޮޓަރިން ނިކުމެގެން ދިޔައީއެވެ.

ޖީނާ ނިކުތުމާ އެކު ތާޝާ އެނދުގައި އިށީނެވެ. ފުން ނޭވާއެއް ދޫކޮށްލެވުނު ހިނދު ލޮލުން ކަރުނަ ފައިބާން ފެށިއެވެ. އެންމެން ވެސް އޭނާއަށް އޭނާގެ މާޒީ ސިއްރުކުރާން ބޭނުންވާކަން އެނގި ހާމަވެއްޖެއެވެ. ޖީނާގެ ކުރިމަތީގައި ހާމަ ނުކުރި ނަމަވެސް ޖީނާ އެ އުފެއްދި ސުވާލުތައް އޭނާގެ ސުވާލުތަކުގެ ލިސްޓަށް އިތުރުވެއްޖެއެވެ. އޭނާއަށް އެހީތެރިވާނޭ އިތުރު ފަރާތެއް ނެތްކަން އެނގުމުން އަމިއްލައަށް ހަޤީގަތް ހޯދުމަށް ހިތުގައި އަޒުމު ކަނޑައެޅިއެވެ.

*****

އެނދުމަތީގައި އުއްޑުން އޮށޯވެ އޮތް ޒިދާންގެ ނަޒަރު ހުއްޓިފައި ވަނީ ސީލިންގަށެވެ. ނިތްކުރިމަތީގައި އެއް އަތް އޮތްއިރު އަނެއް އަތްއޮތީ ބަނޑުމަތީގައި ބާއްވައިލެވިފައެވެ. ލޮލުގެ ކަނުން ކަރުނަތިއްކެއް ވެއްޓުނު ހިނދު ދެ ތުންފަތް ފޫއަޅުވައިލައިފައި މަޑު އާހެއް ނިކުތެވެ. އޭނާގެ ދިރިއުޅުން އާ ފެށުމަކުން ފަށަން ނިންމި ނަމަވެސް ތާޝާގެ ހަންދާންތަކާ ދުރެއް ނުވެވުނެވެ. ތާޝާ އެހެން ފިރިހެނެއްގެ އަތުގައި ހިފައިލި މަންޒަރު ހަނދާންވާ ކޮންމެ ފަހަރަކު އެހިތަށް ލިބެނީ އިތުރު އަނިޔާއެކެވެ. ހިތުގައި ތާޒާކަންމަތީގައި ވާ ޒަހަމްތަކުގެ މަތިގައި އެޅެމުން ދަނީ އިތުރު ޒަހަމެކެވެ. އެހިތުން ތާޝާ ބޭރުކޮށްލަން ކިތަންމެ މަސައްކަތް ކުރިނަމަވެސް އޭނާ ތާޝާދެކެވާ ލޯތްބަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ތާޝާ އޭނާއާ ދޭތެރޭގައި ކޮންމެ ގޮތަކަށް ކަންތައް ކުރި ނަމަވެސް އަދިވެސް އެހިތުގައި ތާޝާއަށް ޓަކައި ލޯބި ނޫން އެއްޗެއް ނުވެއެވެ. ޒައިނާމެންގެ ކުރިމަތީގައި ހީ ސަމާސާކޮށް އުޅުނަސް އެތެރެއިން ހިތް ރޯވަރު އެނގޭނީ ހަމަ އޭނާއަށެވެ.

ނަމަވެސް ޒިދާން އުއްމީދު ކަނޑައެއް ނުލައެވެ. އެނަން ހިތުން ފޮހެވޭތޯ ކުރެވެން ހުރި މަސައްކަތެއް ކުރާނެއެވެ. އޭނާގެ ހިތުގެ މުރާދު ހާސިލްވޭތޯ ކޮންމެ ނަމާދަކަށް ފަހު ދުޢާ ކުރެވެއެވެ. ކޮންމެވެސް ދުވަހަކުން އޭނާގެ ދުޢާ އިޖާބަ ކުރައްވާނޭކަން އެއީ ޒިދާނަށް ޔަގީން ކަމެކެވެ. އޮތީ އޭނާގެ ހިތްވަރެވެ.

*****

ސްކޫލް ނިންމައިފައި ގެއަށް އައިސްވަން ޖީނާއަށް ވަނީ ވަރުބަލިކަމެއް ވެރިވެފައެވެ. އެހެން ދުވަސް ދުވަހަށް ވުރެ ސްކޫލުގައި މިއަދު މާ ބުރަކޮށް އުޅެން ޖެހުމުގެ ސަބަބުންނެވެ. ދޮރުގައި ބެލް އަޅައިލިތާ މާ ގިނައިރުތަކެއް ނުވެ ރާމިޔާ އައިސް ދޮރު ހުޅުވައިލިއެވެ. ރާމިޔާއަށް ޝުކުރު އަދާކުރަމުން އެތެރެއަށް ވަދެގެން ދިޔަ ޖީނާގެ ފިޔަވަޅުތަކަށް ލަސްކަމެއް އައީ ކުރިމަތީގައި އޭނާއާ ދިމާލަށް ބަލަހައްޓައިގެން ހުރި އަންފޫޒާ ފެނުމުންނެވެ. އަންފޫޒާގެ މޫނުމަތިން ޖީނާއަށް ފެންނަމުން ދިޔައީ ރުޅީގެ އަސަރުތަކެވެ. އަންފޫޒާގެ ފަހަތުގައި ދެޖީބަށް އަތްޖަހައިލައިގެން އަނީކް ހުއްޓެވެ. އޭނާގެ ތުންފަތްމަތީގައި ވަނީ މަލާމާތުގެ ހިނިތުންވުމެކެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެ ކަމުގައި ޖީނާގެ ހިތް ބުނަމުން ދިޔައެވެ.

" މަންމާ... ކިހިނެއްވެފަ މިތާ ތިހިރީ... ކަމެއް ގޯސްވ...." ޖީނާއަށް ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. އޭނާގެ ކޯތާފަތްމައްޗަށް އަރައިގެން ދިޔަ ހޫނު އެތިފަހަރުން ލޯމަތީގައި ތަރިބުރައިގެން ދިޔައެވެ. ލޮލަށް ކަރުނަ ޖަމާވެގެން ދިޔައީ ވީ ތަދެއްގެ ބޮޑުކަމުންނެވެ. އަމިއްލައަށް އޭނާގެ ކޮލުގައި ފިރުމައިލަމުން އަންފޫޒާއާ ދިމާލަށް ބަލައިލެވުނީ ޤަބޫލު ނުކުރެވިފައި ހުރެއެވެ. މީގެ ކުރިން ދުވަހަކު ވެސް ދަރިއަކާ ދިމާލަށް އަތް އިސްކޮށްފައި ނުވާ އަންފޫޒާގެ މި އަމަލުން ޖީނާއަށް ހިތްދަތިކަމެއް ލިބުނެވެ.

" ޖީނާ ތިއުޅެނީ ދާނިޔާލްމެންގެ ކުރިމަތީގައި އަހަރުމެންގެ އަގުވައްޓާލާނެ ގޮތެއް ނޭނގިގެންތަ..؟ އަހަރެން ހީކުރީ ޝާނާއަށް ވުރެ ޖީނާއަށް ވިސްނޭނެ ކަމަށް... ތީ އަހަރެންގެ ބަސްއަހާ ކިޔަމަންތެރި ދަރިއެއް ކަމަށް... އެކަމަކު ޖީނާ މިއަދު އަހަރެންގެ އަގު ވައްޓައިލައިފި..." އަންފޫޒާ ހަޅޭއްލަވައިގަތެވެ.

" މަންމާ އަހަރެން ކީއްތަ ކުރީ..." ޖީނާގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަން ފެށިއެވެ. މަޑުމަޑުން ގިސްލުމެއްގެ އަޑުވެސް ހުއްޓެވެ.

" ކީއްހޭ ކުރީ!! އަހަރެން ނުބުނަންތަ ތާޝާ މިގެއަށް އައުމުގެ ކުރިން އޭނާގެ މާޒީއާ ބެހޭގޮތުން އެއްވެސް ވާހަކައެއް ބުނެދީގެން ނުވާނޭ... ޖީނާއަށް އަހަރެން ބުނިގޮތަށް ކަންތަކެއް ނުކުރެވުނު.. ބަދަލުގައި ތާޝާއާ އެޒިދާން ބައްދަލުކުރުވަން އުޅުނީ.. ނުވީތާކަށް އަނީކް ތާޝާ ގާތުގަ ކިޔައިދިނީ ދޮގު ވާހަކަތަކެއްކަން ތާޝާއަށް ބުނެދޭން އުޅުނީ... މިހާރު އެބަ އެނގޭ ޖީނާއަށް އަހަންނަށް ވުރެ ވެސް މުހިންމީ އެ ޒިދާން ކަން... " އަންފޫޒާ ފަތިވަރު ގޮވައިލިއެވެ. އަނީކް އޭނާގެ މަންމަ ގާތުގައި ބުނީކަން އެނގި ޖީނާ އަނީކަށް ނަޒަރެއް ދިނެވެ. މިފަހަރު އެ މޫނުމަތިން ޖީނާއަށް ފެނުނީ ސީރިއަސް ކަމެވެ. އެހެން ނަމަވެސް ޖީނާގެ ހިތުގައި އޭނާއާ ދޭތެރޭގައިވީ ނަފްރަތު އިތުރެވެ.

" މަންމާ!! ތާޝާގެ މާޒީއާ ބެހޭގޮތުން އޭނައަށް އެނގުމަކީ ތާޝާއަށް ލިބިފައިވާ ހައްޤެއް.. އެހައްޤު ނިގުޅައިގަތުމަށް އަހަރެމެންނަށް އޮތީ ކޮން ހައްޤެއް... " ޖެހިލުމެއް ނެތި ތާޝާ ބުންޏެވެ. އޭނާގެ އަޑުގައިވީ ސާބިތުކަމެވެ.

"ހުއްޓައިލާ!!!!" އަންފޫޒާގެ އަޑު އިހުނަށް ވުރެ ގަދަވިއެވެ.

" ހަނދާން ކުރާތި.. މީ އެންމެ ފަހުގެ އިންޒާރު.. ދެން އިތުރަށް އެކަހަލަ ކަމެއް ކުރަން އުޅެފިއްޔާ އަހަރެން ހަނދާން ނައްތައިލާނަން ތީ އަހަރެންގެ ދަރިއެއްކަން ވެސް.. އެ ދުވަހަކުން ޖީނާ ޖެހޭނީ މިގެ ދޫކޮށް ދާން!!!" ޖީނާއާ ދިމާލަށް އިނގިލި ދިއްކޮލަމުން އަންފޫޒާ ބުންޏެވެ. އެއަށް ފަހު ހަރު ފިޔަވަޅުތަކެއް ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ޖީނާއަށް ރޮވުނެވެ. އަނީކާ ދިމާލަށް ބަލައިލެވުނީ ޝަކުވާއާއި ރުޅި އެކުލެވިފައިވާ ނަޒަރަކުންނެވެ.

އަންފޫޒާ ކައިރީގައި ޖީނާގެ ވާހަކަ ދެއްކިއިރު ކަންތައްތައް މިހާ ގޯސް ވެދާނެ ކަމަކަށް އަނީކަށް ހީވެފައެއް ނެތެވެ. އަމުދުން އަންފޫޒާ އަތް އިސްކޮށްފާނެ ކަމަށް ހިއެއް ނުކުރެއެވެ. އަނީކް ބޭނުންވީ ހަމައެކަނީ އަންފޫޒާ ލައްވައި ޖީނާއާ ދިމާލަށް ހަޅޭއްލެއްވުމެވެ. އޭނާގެ ސަބަބުން ޖީނާއަށް ލިބުނު އަނިޔާއާއި އެ ރޯ ރުއިމުގެ ސަބަބުން އަނީކަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. ޖީނާ ގާތުގައި މައާފަށް އެދޭން ބޭނުންވެ އަނގަ ހުޅުވައިލި ވަގުތު ޖީނާ ދުވަމުން ގޮސް ސިޑިން މައްޗަށް އަރަން ފެށިއެވެ.

އަނީކް އަމިއްލަ ނަފްސަށް ކުދިކިޔައިލިއެވެ. ޖީނާއާ މެދުގައި ހަމްދަރުދީ ވެވުނެވެ. އަންފޫޒާ ޖީނާގެ ކޯތާފަތްމަތީގައި ޖެހި ހިނދު އަނީކަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ. އެއީ އަނީކް ބޭނުންވި ގޮތެއް ނޫނެވެ.

މަތީގައި ރެއިލިންގގައި އަތް އަޅުވައިލައިގެން މަންޒަރު ބަލަން ހުރި ޝާނާ ދެ ފަރާތަކަށް ބޯ ހޫރާލިއެވެ. ތާޝާ އައުމުން މިފަދަ މައްސަލަތައް ޖެހޭނެކަން ޝާނާއަށް މާކުރިން ވެސް އެނގެއެވެ. ޖީނާއާއި އޭނާއާ ދެމެދު ކިތަންމެ މައްސަލަ ގިނަ ނަމަވެސް ތާޝާގެ ސަބަބުން އަންފޫޒާ ޖީނާއަށް އަނިޔާކުރުމުން ޝާނާ ހިތްހަމަނުޖެހުނެވެ. ގޮސް ތާޝާއަށް ހުރިހާ އެއްޗެއް ކިޔައިދޭން ވެސް ހިތަށް އެރިއެވެ. ނަމަވެސް އެކަމުގެ ސަބަބުން އޭނައަށް އަންނާނެ ރޯޅި އެނގެއެވެ. ކޮންމެ ގޮތެއްވިޔަސް އެ އަރާމު ދިރުއުޅުން ދޫކޮށް ދާކަށް ޝާނާ ބޭނުމެއް ނުވެއެވެ.

*******

ފެންވަރައިގެން ނިކުތް ތާޝާ އޭނާގެ އިސްތަށިގަނޑުގައި އޮޅާލެވިފައިވާ ތުވާލި ނައްޓައިލުމަށް ފަހު ހަރުގައި އަޅުވައިލިއެވެ. ލޯގަނޑުން ބަލައިލައިފައި ލައިގެން ހުރި ދޫ ނިދާ ހެދުން ރީތިކޮށްލިއެވެ.  ލޯޝަން ފުޅި ނެގި ވަގުތު ކޮޓަރީގެ ދޮރާ ދިމާލަށް ބަލައިލެވުނެވެ. ލިބިގެން ދިޔަ ހައިރާންކަމާ އެކު ނިތަށް ރޫ ގިނަވިއެވެ. ފެންވަރަން ވަނުމުގެ ކުރިން ކޮޓަރީގެ ދޮރު ރަނގަޅަށް ލައްޕައި ތަޅުލި ހަނދާން ހުއްޓެވެ. ދެން ދޮރު ހުޅުވިފައި ހުރި ގޮތަކާ މެދު ވިސްނުނެވެ. ޝައްކެއްގެ މަތީގައި ހުރެ ދޮރު ލައްޕަން ދިޔަ ވަގުތު ކޮޓަރީގައި އެހެން މީހަކު ހުރި ކަމުގެ އިހުސާސް ކުރެވުނެވެ. ފިޔަވަޅުތައް މަޑުޖައްސައިލި ވަގުތު މީހެއްގެ ނޭވާގެ އަޑުއިވިފައި ތާޝާ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ހިތްތެޅެމުން ދިޔައީ އޮބި ނޯންނަ ވަރަށެވެ. މަޑުމަޑުން ފަހަތަށް ބަލައިލި ވަގުތު ފެނުނު މަންޒަރުން ތާޝާއަށް އަޑުގެ ނެތް ތަނަށް ހަޅޭއްލަވައި ގަނެވުނެވެ.

(ނުނިމޭ)

Ads by Allied Insurance
  1. ާހަޔާ

    ވަރަށް ރީތި ❤❤❤