ވާހަކަ

ދުރުގާވުން ހިތް ނޭދޭ! (ބާރަވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ދުރުގާވުން ހިތް ނޭދޭ! (ފުރަތަމަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދެވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތިންވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތަރުވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނުވަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދިހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! ( އެގާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސާދަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަނަރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސޯޅަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސަތާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނަވާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ވިހިވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެކާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފައްސަވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްބީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ހަތާވީސް ވަނަބައި) ދުރުގާވުން ހިތްނޭދޭ! (އަށާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ނަވާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ތިރީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެއްތިރީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ބައްތިރީސް ވަނަ ބައި) ދުރުގާވުން ހިތްނޭދޭ! ( ތެއްތިރީސްވަނަ ބައި)

ކާރު ޕާކިން ޒޯނުން ނެރެ ކުރިއަށް ދުއްވައިލިތާ މާގިނައިރެއް ނުވަނީސް ބުރެކިޖައްސަން އަނީކަށް މަޖުބޫރު ކުރުވީ ސައިކަލުތައް ޕާކުކޮށްފައި ހުރި ދިމާލުން އޭނައަށް ފެނުނު މަންޒަރަކުންނެވެ. ޝައްކާއި ވަހުމްތަކުން އޭނާގެ ސިކުނޑި ވަށައިލީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. ސައިކަލަށް އަރާން އެ ދަނީ ޒިދާން ނޫން ދެވަނަ މީހެއް ނޫނެވެ. އޭނާގެ ތުންފަތްމަތީގައިވި ހިނިތުންވުން އަނީކްގެ ހިތް ނުތަނަވަސް ކުރުވިއެވެ. މިހުރިހާ އިރު ތާޝާ ހުރީ އޭނާ ގާތުގައި ކަމަށް އަނީކްގެ ހިތް ބުނަމުން ދިޔައެވެ. އެ ދެމީހުން ބައްދަލު ކުރުވުމުގެ ފަހަތުގައި ވަނީ ޖީނާ ކަމުގައި ވެސް ޝައްކު ކުރެވުނެވެ. ޒިދާން ސައިކަލަށް އަރައިގެން ދިޔައިރު ވެސް އަނީކަށް އިނދެވުނީ އޭނާއާ ދިމާލަށް ބަލަހައްޓައިގެންނެވެ.

Ads by STELCO

ލިބިފައިވާ ހިތްހަމަނުޖެހުމުގައި އަނީކަށް ކާރު ދުއްވުނީ ތަންކޮޅެއް ބާރަށެވެ. އެހާ ބާރަށް ދުއްވާތީ ތާޝާއާއި ޖީނާ ތިބީ ޖެހިލުންވެފައެވެ.

" ނިކް ވަޓްސް ރޯންގް.. ކީއްވެ ތިހާ ބާރަށް ތި ދުއްވަނީ؟." އެންމެ ފަހުން ތާޝާއަށް ނީނދެވިގެން ސުވާލުކޮށްލިއެވެ. މީގެ ކުރިން އަނީކަކީ އެހާ ބާރަށް ކާރު ދުއްވާ މީހެއް ނޫންކަން ތާޝާއަށް އެނގެއެވެ. ހާއްސަކޮށް ތާޝާ ގޮވައިގެން ތަނަކަށް ދަންޏާ އަނީކް ދުއްވާނީ އެންމެ އާދައިގެ ވަރަކަށެވެ. އަނީކްގެ ފަރާތުން ވަކި ޖަވާބެއް ނުލިބުނެވެ. އޭނަގެ ސިކުނޑީގައި ވަނީ ހައިޖާނުގަނޑެއް އުފެދިފައެވެ. އޭނާއަށް ސިއްރުން ތާޝާ ޒިދާނާ ބައްދަލުކޮށްފާނެ ހެއްޔެވެ؟ އެންމެ ބޮޑަށް ރުޅި އާދެވެމުން ދިޔައީ ޖީނާ ދެކެއެވެ. އަންފޫޒާގެ ފަރާތުން ލިބުނު އިންޒާރަށް ފަހު ވެސް ޖީނާ އެފަދަ ގޮތަކަށް ކަންތައްކޮށްފާނެ ކަމަކަށް އަނީކް ހިޔެއް ނުކުރެއެވެ. އަނީކް ވަކި ޖަވާބެއް ނުދިނުމުން ޖީނާއާއި ތާޝާ އެކަކު އަނެކަކަށް އަވަސް ނަޒަރެއް ބަދަލުކޮށްލިއެވެ.

" ބުނަންތަ މީ މެލޭޝިޔާ އެއް ނޫން ތިގޮތަށް ބާރަށް ދުއްވާކަށް.. ކިހާ ދެރަކަމެއްތަ މީ.. ތަންކޮޅެއް މަޑުން ދުއްވަބަލަ" އަނީކް ދެކެ އައިސްފައިވާ ރުޅީގައި ޖީނާއަށް ވާހަކަ ދެއްކުނީ ރުންކުރުކޮށް ބާރަށެވެ. ދެން ވެސް އެއްޗެއް ބުނަން އުޅެފައި ހުއްޓުނީ ތާޝާގެ އޭނާގެ އަތްތިލައިގައި ހިފުމުންނެވެ.

" ނިކް ޕްލީޒް.. އަހަރެން ހޮޑު އެބަލަވާ..." މޭގައި އަތް އަޅައިގެން އިނދެ ތާޝާ ބުންޏެވެ. އެހެން ނަމަވެސް އަނީކް ކާރުގެ ދުވެލި މަޑެއް ނުކުރިއެވެ. ތާޝާ ދެ ފަހަރަކު އޯކަށް ދެމިލުމާ އެކު ކުއްލިއަކަށް ކާރުގެ ދުވެލި މަޑުކޮށްލިއެވެ. ރުޅި އައިސްގެން އިހްތިޔާރުން ބޭރުވުމުން އަނީކް ދެރަވިއެވެ. އެންމެ ދެރަވީ އޭނާގެ ސަބަބުން ތާޝާ ބަލިވީމައެވެ. މަގުގެ އެއްފަރާތުގައި ކާރު މަޑުކޮށްލަމުން އަނީކް ފަހަތަށް އެނބުރުނެވެ. އަދިވެސް ތާޝާ އިނީ މޭގައި އަތްއަޅައިގެންނެވެ.

" އަމް ސޯ ސޮރީ ތާޝާ... ސޮރީ ވަރަށް ބޮޑަށް... މިރޭ ކަންތައްވީ ގޮތުން އައި ކުޑުންޓް ކޮންޓްރޯލް މައިސެލްފް" އަނީކް ބުންޏެވެ. ކަންތައް ކުރެވުނު ގޮތުން އޭނާ އިނީ ނުހަނު ދެރަވެ ކަންބޮޑުވެފައެވެ.

" ތާޝާ އެ ބުނީ ނޫންތަ އޭނަ ނިކުމެލީ އެތެރޭ ހާސްވާތީ ތާޒާ ވައިކޮޅެއް ހޯދައިލާށޭ.. ދެން އެއީ އެހާވަރުގެ ކަމެއްތަ؟ މިހާރު އެކަން އެނިމުނީ ނޫންތަ؟" ޖީނާ ހިތްހަމަނުޖެހިފައި ބުންޏެވެ. އަނީކް ޖީނާއަށް ބަލައިލީ ހިތްހަމަނުޖެހިފައެވެ.

" މިހުރިހާ ކަމެއްވީ ވެސް ހަމަ ކަލޭގެ ސަބަބުން.. ކަލޭގެ ސްޓުޕިޑް ޕާޓީގެ ސަބަބުން " އަނީކް ހިތްހަމަނުޖެހިފައި ބުންޏެވެ. ބޭނުންވީ ހިތު ހުރި ހުރިހާ އެއްޗެއް ޖީނާއާ ދިމާލަށް ގޮވައިލާށެވެ. އެހެން ނަމަވެސް ކުރިމަތީގައި ތާޝާ އިނުމުން އޭނާ ކެތްތެރިވިއެވެ.

" ކަލޭ ޕާޓީއަށް ދިޔައިމަ މައްސަލައަކީ.. އެހެން ނޫނީ ޔަގީނުން ވެސް ތާޝާއަށް އެހެންވާކަށް ނުކުރެނޭ..." ޖީނާ ވެސް ރައްދު ދިނެވެ. ދެމީހުންގެ އަރާރުންވުމުގެ ސަބަބުން ގެއަށް ދާން ލަސްވެފައި އިން ތާޝާއަށް އިތުރަށް އުނދަގޫ ވަމުން ދިޔައެވެ.

" އޯހް އެހެންތަ.. އޭރުންނެއްނު ކަލޭ ބޭނުން ތާކަށް ތާޝާ ގެންދެވޭނީ..." އަނީކް ބުންޏެވެ.

" ގައިޒް ޕްލީޒް ސްޓޮޕް... ތި ދެމީހުން ޒުވާބު ކުރަންޏާ އަހަރެން ކާރުން ފައިބައިގެން މިދަނީ" ތާޝާއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. އެއާ އެކު އަނީކާއި ޖީނާ ހިމޭންވިއެވެ. އަނީކް އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލަމުން އަނެއްކާ ވެސް ކާރު ކުރިއަށް ދުއްވައިލިއެވެ. ގެއާ ހަމައަށް ދެވެންދެން ވެސް ތިން މީހުން ކުރެ އެކަކު ވެސް ބަހެއް ނުބުނެއެވެ. ގެއަށް އާދެވުމާ އެކު އެންމެ ފުރަތަމަ ވެސް ކާރުން ފޭބީ ތާޝާއެވެ. އަވަސް ހިނގުމެއްގައި ގެއަށް ވަނީ އެވަގުތު އެއްވެސް މީހަކާ ވާހަކަ ދައްކަން ބޭނުން ނުވާތީއެވެ. ތާޝާގެ ފަހަތުން ވަންނަން ދިޔަ ޖީނާއަށް އަނީކް ގޮވައިލުމުން ހުއްޓުނެވެ.

" ކިހިނެއްވީ.. ؟ މިހާރު ކޮން ޒުވާބެއް ކުރަންވީ؟" ޖީނާ އަހައިލިއެވެ.

" އަހަންނަށް ފެނުނު ޒިދާން... ތާޝާ އޭރު ދިޔައީ ޒިދާން ކައިރިއަށް ދޯ... އެކަން ހަމަޖެއްސީ ޖީނާއެއްނު.. ކޮންމެހެން ތާޝާ ޕާޓީއަށް ގެންދިޔައީ ވެސް އެ ބޭނުމުގަހެން މަށަށް ހީވަނީ.." ޖީނާގެ ކުރިމަތީގައި ހުއްޓެމުން އަނީކް އަހައިލިއެވެ.

" އާނ!! ތާޝާ އެ އައީ ޒިދާން ކައިރީގަ ހުރެފަ... ޒިދާން އެތަނަށް ގެނައީ ވެސް އަހަރެން.. ކީއް ކުރެވޭނީ.. މަންމަ ކައިރީގަ ބުނާނީތަ...؟ އޯކޭ.. ދޭ މަންމަ ކައިރީގައި ބުނަން.. އަހަރެންގެ އެއްވެސް ފަރުވާލެއް ނެތް... " ޖީނާގެ އަޑުގައި ވަނީ މަލާމާތެވެ. އަނީކް އަންނަ ރުޅިއަކަށް އޭނާގެ މާބޮޑު ފަރުވާލެއް ނެތެވެ. އޭނާ ބޭނުން ވަނީ ވެސް އަނީކް އިތުރަށް ރުޅި އަރުވާށެވެ.

" އައިމް ޓެލިންގް ޔޫ.. ތިކަންތައް ކުރަނީ ރަނގަޅަކަށް ނޫން..." އަނީކް ބުންޏެވެ. އެއަޑުގައި ވަނީ އިންޒާރެވެ.

" ޔޫ ނޯވ ވަޓް... ތާޝާއާއި ޒިދާން އިޒް މޭޑް ފޯރ އީޗް އަދަރ... އަހަރެން އަނީކަށް ދޭ ހެޔޮ ނަސޭހަތެއް ކަމަށް ބަލާ.. ތާޝާއާއި ޒިދާން އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވޭ.. ދެ ލޯބިވެރިން ދުރުކުރަން އުޅުމަކީ ރަނގަޅުކަމެއް ނޫން.. މިއަދު ތާޝާ ހަނދާން ނެތިފައި ހުއްޓަސް ހަނދާންވާ ދުވަހަކުން ޒިދާން ކައިރިއަށް ދާނެކަން ހަމަ ޔަގީން.... އަނީކް ތާޝާ ދެކެ ތި ވަނީ އެއް ފަރާތުން ވެވޭ ލޯތްބެއް... ހަޤީގަތުގައި ވެސް އަނީކް ތާޝާ ދެކެ ލޯބިވާ ނަމަ އޭނާގެ އުފަލަށް އެދޭނެ... އޭނާގެ އެބަލީގެ ފައިދާ ނަގައިގެން ލޯބި ހޯދަން އުޅުމަކީ އަމިއްލަ އެދުން އިސްކުރުން..." ޖީނާ ބުންޏެވެ. އެއަށްފަހު އަނީކަށް ވާހަކަ ދައްކާނެ ފުރުސަތެއް ނުދީ ގޭތެރެއަށް ވަދެގެން ދިޔައެވެ. އައި ރުޅީގައި އަނީކް ހުރިހާ ވަރެއް ބޭލީ ކައިރީގައި ހުރި ތަނބަށެވެ. ގޮށްމުށް ކަވައިފައި ތަނބުގައި ޖެހީ ހިތަށް ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުންނެވެ.

*****

ގެ ކައިރީގައި ސައިކަލު ޕާކުކޮށްލުމަށް ފަހު އޭގެ މަތީގައި އިށީނދެގެން ރާއިފް އިނެވެ. ސިކުނޑީގައި އެނބުރެމިން ދިޔައީ ކުޑައިރުކޮޅެއް ކުރިން ހިނގައިދިޔަ ކަންތަކެވެ. އެތައް ދުވަހަކަށް ފަހު އެ ސޫރަ ފެނުމުން ހިތަށް ލިބިފައިވާ ޒަޚަމްތައް ތާޒާވެއްޖެއެވެ. އަދިވެސް އެ ރީތިކަމަށް އެއްވެސް ބަދަލެއް ނާންނަކަށް ހިތާހިތުން ޤަބޫލު ކުރެވުނެވެ. އެހިތުގައި އަދިވެސް ޝާނާއަށްޓަ ކައި ލޯބި ވާކަން އިހުސާސް ކުރެވުނީ އެތައް ދުވަހަކަށް ފަހު ޝާނާގެ އެ ރީތި ސޫރަ ފެނުމުންނެވެ.

މީގެ ހަ އަހަރު ކުރިން ރާއިފާއި ޝާނާ ދިމާވީ ޒިދާނާއި ތާޝާގެ ފަރާތުންނެވެ. ފުރަތަމަ ނަޒަރުން ވެސް ރާއިފަށް ޝާނާ ކަމުދިޔައެވެ. އެންމެ ފުރަތަމަ ރަޙުމަތްތެރިންގެ ގޮތުގައި ވާހަކަ ދެއްކި ނަމަވެސް ފަހުން ރާއިފް ޝާނާއަށް ލޯބި ހުށައެޅިއެވެ. ޝާނާގެ ފަރާތުން ލިބުނީ އޭނާ އެދުނު ކަހަލަ ޖަވާބެކެވެ. ޝާނާ ވެސް އޭނާ ދެކޭ ލޯބިވާ ކަމުގައި ބުނުމުން އޭނާއަކީ ދުނިޔޭގައި ހުރި އެންމެ ނަސީބުގަދަ ފަރާތް ކަމުގައި ދެކެވުނެވެ.

އެތައް ދުވަހަކަށް ފަހު ޝާނާ ފެނުމުން ކުރެވެނީ އެއިހްސާސްތައް އަލުން އިއާދަވާން އުޅޭކަހަލަ އިހުސާސެކެވެ. ރާއިފްގެ ހިތް އެދެމުން ދިޔައީ އެންމެ ފަހަރަކު ވެސް ޝާނާ އާ ވާހަކަދައްކައިލުމަށެވެ. އޭނާގެ ހާލު އަހުވާލު އޮޅުން ފިލުވައިލުމަށެވެ. އެހެން ނަމަވެސް އެ ރޭކަންތައް ހިނގައި ދިޔަގޮތް އޭނާ ހަނދާން ނެތޭނީ ކިހިނެއް ހެއްޔެވެ؟ އެމަންޒަރު ހަނދާންވާ ކޮންމެ ފަހަރަކު އޭނާގެ ލޭ ހޫނު ވެއެވެ.

ޒިދާން އައިސް ގޭ ކައިރީގައި ސައިކަލު ޕާކުކޮށްލީ ރާއިފް އެ ފަދަ ހިޔާލުތަކަކަށް ގެއްލިފައި އިންދައެވެ. ޒިދާން ފެނުމުން ރާއިފަށް ލިބިފައިވާ ނުތަނަވަސްކަންވީ އިތުރެވެ. ޒިދާނާ ދިމާލަށް ބަލަން ބޭނުން ނުވާތީ އިސްޖަހައިލިއެވެ. ސައިކަލުމަތީގައި އިން ރާއިފް ފެނުމުން ޒިދާނަށް ލިބިފައިވާ އުފާވެރިކަން އެންމެ ގާތް އެކުވެރިޔާ އާ ހިއްސާކުރަން ބޭނުންވިއެވެ. އެހެން ނަމަވެސް އޭނާ ފެނުމުން ރާއިފް ކަންތައް ކުރި ގޮތް އޭނާއަށް ރަނގަޅަށް ފެނުނެވެ. އެހެންކަމުން ޒިދާން ވަނީ ގެއަށެވެ. ޒިދާން ދިއުމާ އެކު ރާއިފް އިސްއުފުލައިލިއެވެ. ހިންދިރުވާލެވުނީ ހިތަށް ކުރި ފުން އަސަރަކުންނެވެ. ކިތަންމެ މަސައްކަތް ކުރި ނަމަވެސް އެރޭ ކަންތައް ވެގެން ދިޔަ ގޮތް އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ.

އެރޭ ޒިދާނާ އެކު ޝާނާގެ ގޭގައި އޮތް ޕާޓީއަކަށް ރާއިފް ދިޔައީ ޝާނާއާއި ތާޝާގެ ދަޢުވަތަކަށެވެ. ޕާޓީއަކީ ޝާނާގެ އުފަންދުވަހުގެ މުނާސަބަތުގައި ބޭއްވި ޕާޓީއެކެވެ. އެޕާޓީއަށް ޒިދާން ގެންދިއުމަށް ތާޝާ އެހާ ބޭނުންވީ އޭނާގެ މައިންބަފައިންނާ ޒިދާން ބައްދަލުކޮށްދިނުމަށެވެ. އެހެން ނަމަވެސް އެރޭ ރާއިފް އެ ޕާޓީއަށް ދިޔައީ ވަރަށް ބޮޑު ކަމަކަށް ތައްޔާރު ވެގެންނެވެ. ޝާނާގެ އުފަންދުވަހުގެ އެ ހާއްސަ ހަފްލާގައި އޭނާ ބޭނުންވީ ޝާނާ ކައިރީގައި ކައިވެންޏަށް އެދުމަށެވެ. އޭނާ ހުރީ ޝާނާއާ އެކު އެކަނިވެލާނެ ފުރުސަތަކަށް އެދިއެދިއެވެ. އެހެން ނަމަވެސް ވަކި ހިސާބަކުން އޭނާއަށް ޝާނާ ގެއްލުނެވެ. ޕާޓީ އޮތް ތަނުގެ އެއްވެސް ހިސާބަކުން ޝާނާ ނުފެނުމުން އޭނާ ސިޑިން މައްޗަށް އަރަން ފެށީ ޝާނާ އޭނާގެ ކޮޓަރީގައި ހުރެދާނެ ކަމަށެވެ. ޝާނާ އުޅޭ ކޮޓަރި ރާއިފަށް ވަރަށް ރަނގަޅަށް އެނގެއެވެ. މީގެ ކުރިން ވެސް އެތައް ފަހަރަކު ޝާނާއާ އެކު އެކޮޓަރިއަށް ވަދެފައިވާތީއެވެ. ޝާނާގެ ކޮޓަރީގައި ދެތިން ފަހަރަކު ޓަކި ޖެހުމުން ވެސް އެތެރެއިން ނުހުޅުވިއެވެ. އެނބުރި ދާން ހިނގައިގަތް ވަގުތު އެ ދިމާލަށް އަންނަ ތާޝާ ފެނުނެވެ.

" ހޭއި ރާއިފް... ސާބަސް ޝާނާ ދޮންތާއާ ދުރުގައި ނުހުރެވުނީ ދޯ... " ރާއިފް ކައިރިއަށް ހުއްޓެމުން ތާޝާ ސަމާސާ ކޮށްލިއެވެ.

" ނޫނޭ... މި..މ..... ކޮބާ ޒިދާން..؟" ލަދުގަތްވަރުން ވާހަކަ އޮޅުވާލަން މަސައްކަތް ކުރަމުން ރާއިފް ބުންޏެވެ. ތާޝާ ހޭން ފެށިއެވެ. ރާއިފް ބޯކަހައިލީ އޭނާގެ މޮޔަކަށް ހިތަށް އަރައިފައެވެ.

" ޒިދާން އެބަ އަންނަމޭ ކިޔާފަ ބޭރަށް ދިޔައީ... އަހަރެން ވެސް މިއައީ ބޮއްތަ ބުނެގެން ޝާނާ ދޮންތައަށް ގޮވަން ވެގެން.. ކޭކު ފަޅާ ގަޑި ޖެހުނީނު... " ތާޝާ ބުންޏެވެ.

" ދޮރުގަ ޓަކި ޖެހީމަ ނުހުޅުވާ.." ރާއިފް ބުންޏެވެ.

" ހުޅުވާފައެއްނު މިހިރީ.. " ތަޅުގައި ހިފައިލަމުން ތާޝާ ބުންޏެވެ. ތާޝާ އެތެރެއަށް ދޮރު ހުޅުވާލުމާ އެކު ތުންފަތްމަތީގައިވި ހިނތުންވުން ފިލައި ދިޔައީ ކުއްލިއަކަށެވެ.  އެދޮން މޫނު ހުދު ކަފަކޮޅަކަށް ވެގެން ދިޔައީ ކުޑަހިނދުކޮޅެއްގެ ތެރޭގައެވެ. ތާޝާއަށް ވީ ގޮތް ފެނި ރާއިފް ވެސް އެތެރެއަށް ބޯދިއްކޮށްލިއެވެ. ފެނުނު މަންޒަރުން އޭނާއަށް ކުރެވުނީ ފައިދަށުން ބިންގަނޑު ކެހިގެން ދިޔަކަހަލަ އިހުސާސެކެވެ. ހިނދުކޮޅަކަށް ހިތުގެ ތެޅުން ހުއްޓުނުހެން ވެސް ހީވިއެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ގަބޫލުކުރަން އޭނާއަށް ދަތިވިއެވެ. ދެތިން ފަހަރު އެސްފިޔަ ޖަހައިލުމުން ވެސް މަންޒަރު ބަދަލެއް ނުވިއެވެ. އެއީ ހުވަފެނެއް ނޫންކަން އޭނާއަށް ޔަގީންވިއެވެ.

ނިދިފައި އޮތް ޒިދާންގެ އަތު ތެރޭގައި އޮތް ޝާނާއަށް ވެސް އޮތީ ނިދިފައެވެ. ޝާނާގެ މުޅި ހަށިގަނޑު ވަނީ ރަޖައަކުން ފޮރުވައިލައިފައެވެ. ޒިދާންގެ އުނގަނޑާ ހަމައަށް ރަޖާ އޮތްއިރު އޭނާ އޮތީ ހުސްގަޔާއެވެ. ލައިގެން ހުރި ގަމީސް އޮތީ އެނދު ކައިރިއަށް ތިރިއަށް ވެއްޓިފައެވެ.

ކުއްލިއަކަށް ތާޝާ ދޮރުލެއްޕީ އެމަންޒަރު ބަލަން އޭނާއަށް ކެތްނުވުމުންނެވެ. ހޯސްލައިފައި ލޮލުން ފައިބައިގަތް ކަރުނަތަކާ އެކު އައިކޮޅަށް ދިއުމަށް އޭނާ ހިނގައިގަތީ މަރުވެފައިވާ މައްޔިތެއް ފަދައިންނެވެ. އެދޮރު ހުޅުވާ އިތުރަށް އެމަންޒަރު ބަލާނެ ހިތްވަރެއް ރާއިފަކަށް ވެސް ނުލިބުނެވެ. އޭނާގެ ދެކެމުން އައި ހުވަފެން ވިއްސިވިހާލިވެގެން ދިޔައީއެވެ. ކުރަމުން އައި އުއްމީދުތައް ފުނޑުފުނޑުވީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. އޭނާގެ ލޮލަށް ވެސް ކަރުނަ ޖަމާވީ ހިތަށް ކޮށްފައިވާ އަސަރުންނެވެ. އެންމެގާތް އެކުވެރިޔާއާއި އެންމެ ލޯބިވާ ފަރާތް އޭނާއަށް ދިން ކެހީ ސަބަބުންނެވެ.

ހިޔާލުތަކުގެ ފުންކަނޑަށް ގެއްލިފައި އިން ރާއިފަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އޭނާގެ ދިރިއުޅުން ބަނަކޮށްލީ އޭނާގެ ލޯބިވެރިޔާއާއި އެންމެ ގާތް ރަހުމަތްތެރިޔާއެވެ. އެ ދެމީހުންގެ ސަބަބުން އެއްވެސް މީހަކަށް އިތުބާރު ކުރުމަކީ އޭނާއަށް ފަސޭހަ ކަމެއް ނޫނެވެ. އަލުން އެހެން އަންހެންކުއްޖަކާ ގުޅެން ބޭނުން ނުވަނީ ވެސް އެހެންވެއެވެ. އެހިޔާލުތަކުން ބޭރުވާން މަސައްކަތް ކުރަމުން އޭނާ އިންތަނުން ތެދުވިއެވެ. ގޭތެރެއަށް ވަން އިރު ކާމޭޒު ކައިރީގައި ޒިދާނާއި ޒައިނާ ކާން ތިއްބެވެ. ޒިދާން ހީހީފައި ޒައިނާއަށް ކޮންމެވެސް ވާހަކައެއް ކިޔައިދެނީއެވެ. ރާއިފް ފެނުމުން ކާން އައުމަށް ޒައިނާ ބުންޏެވެ. ކާހިތްނުވާ ކަމުގައި ބުނަމުން ރާއިފް ގޮސް ވަނީ ކޮޓަރިއަށެވެ.

*****

ޝާނާ ފެންވަރައިގެން ނިކުތްއިރު ޝާމިން އެނދުގައި ނިދައިފައި އޮތެވެ. އޭނާ ފެންވަރަން ވަންއިރު ޝާމިން ގެއަކަށް ނާދެއެވެ. ނަމަވެސް ނިކުތް އިރު އެނދުގައި ނިދައިފައި އޮތްތަން ފެނުމުން ހައިރާންވިއެވެ. އެހާ އަވަހަށް މީހުންނަށް ނިދޭބާއޭ ހިތަށް އެރިއެވެ. ބޯހިއްކާލުމަށް ފަހު ހަރުގައި ތެތް ތުވާލި އަޅުވައިލިއެވެ. ޑްރެސިންގޓޭބަލް މަތީގައި އޮތް ހެއަރ ޑްރަޔަރ ނެގުމަށް ފަހު ތެތްކޮށް އޮތް އިސްތަށިގަނޑު ހިއްކަން ފެށިއެވެ. އެވަގުތު ކުއްލިއަކަށް ހިތަށް އައިސްވަނީ ރާއިފެވެ. އެތައް ދުވަހަކަށް ފަހު ރާއިފް ފެނުމުން އޭނާ އުފާވިއެވެ. އަދިވެސް ރާއިފް ހުރީ އޭނާ ދެކެ ރުޅިއައިސްފައިކަން އެނގުނު ހިނދު ދެރަވިއެވެ. ރާއިފް އޭނާ ދެކެ ލޯބިވާކަން އެނގިހުރެ ވެސް ޝާނާ އޭނާގެ އިހުސާސްތަކާ ކުޅުނީ އޭނާގެ އަމިއްލަ އެދުމެއް އޮވެގެންނެވެ. އެއްވެސް ހާލެއްގައި ރާއިފް ހިތުގައި ޖެއްސުމުގެ ނިޔަތެއް އޮވެގެނެއް ނޫނެވެ. ރާއިފް އޭނާ ދެކެވީ ހަޤީގީ ލޯބިކަން އޭރު ވެސް ޝާނާއަށް އެނގެއެވެ. ނަމަވެސް އޭނާއަށް ރާއިފްދެކެ އެ ލޯތްބެއް ނުވެވުނެވެ. އޭރު ވެސް އަދި މިހާރު ވެސް އޭނާގެ ހިތުގައި ރަސްކަން ކުރަމުން ދިޔައީ އެންމެ ފަރާތެކެވެ.

އޭނާއަށް ރާއިފްދެކެ ލޯބި ނުވެވުނަސް އެހިތުން ރާއިފަށް ދެވިފައި ވަނީ ވަރަށް ހާއްސަ މަގާމެކެވެ. ހެޔޮލަފާ ގާތް އެކުވެރިއެއްގެ މަގާމެވެ. އެހައި އަޅައިލާ އޯގާތެރި އެކުވެރިއެއް ދުވަހަކު ވެސް ޝާނާއަށް ލިބިފައެއް ނެތެވެ. ރާއިފްގެ ފަރާތުން އޭނާއަށް ލިބުނީ މީގެ ކުރިން ދުވަހަކު ވެސް މީހަކު އޭނާއަށް ދީފައި ނުވާ ފަދަ މަތިވެރި މަގާމަކާއި އިއްޒަތެކެވެ. އަމިއްލަ އެދުމުގައި އޭނައަށް ހެދުނު ގޯހުގެ ސަބަބުން މިއަދު އެ އެކުވެރިޔާ އޭނާއަށް ގެއްލިއްޖެއެވެ. ޝާނާ ބޭނުންވީ އެންމެ ފަހަރަކު ވެސް ރާއިފާ ބައްދަލުކޮށްލުމަށެވެ. އޭނާއަށް ކުރެވުނު ކަންތަކަށް ރާއިފް ގާތުން މައާފަށް އެދުމަށެވެ. ހިތް ތެދި ގޮވަމުން ދިޔައީ އެރަޙުމަތްތެރިކަން އަނބުރައި ލިބުމަށެވެ.

*****

އެނދުމަތީގައި ނުނިދިފައި އޮތް ތާޝާގެ ހިޔާލުތަކާ ގުޅިފައި ވަނީ ޒިދާނެވެ. އެ އިންސާނާގެ ސަބަބުން ތާޝާއަށް ކުރެވުނީ ތަފާތު އިހުސާސެކެވެ. ނޭނގި ނަމަވެސް އެހިތުގައި ޒިދާނަށް ހާއްސަ މަގާމެއް ދެވިއްޖެއެވެ. ޒިދާންގެ ހިނިތުންވުމާއި ހިނިތުންވާއިރު ކޮލަށް އެޅޭ ދެއަޑިކޮޅު އޭނާގެ ހިތް މޮޔަ ކުރުވައިފިއެވެ. ޒިދާންގެ ބީހުން އެހިތުގެ ތެޅުން އަވަސް ކުރުވިއެވެ. ޒިދާނާ އެހާ ގާތުގައި ހުރެވުމުން ތަފާތު އުފާވެރިކަމެއް ލިބުނުކަން ޔަގީނެވެ. އަދިވެސް ހިތް އެދެމުން ދިޔައީ ޒިދާނާ ބައްދަލުކުރުމަށެވެ. އެއީ ކާކުކަން ހަނދާން ނުވި ނަމަވެސް އޭނާއާ ވަރަށް ހާއްސަ ގުޅުމެއް އޮތްކަމުގައި ތާޝާއަށް އިހުސާސް ކުރެވެމުން ދިޔައެވެ. އަނީކް ބުނި ކަހަލަ ނުރައްކަލެއް އޭނާގެ ފަރާތުން ތާޝާއަށް އިހުސާސެއް ނުކުރެވެއެވެ. ޒިދާން އަތް ދިއްކޮށްލައިފައި އޭނާގެ އަތުގައި ހިފައިގެން ދާން ހިނގާށޭ ބުނި ހިނދު އޭނާއާ އެކު ތާޝާ ދާން ބޭނުންވިއެވެ. އެއަތުގައި ހިފަން ތާޝާއަށް އަތް ހިއްލައިލެވުނީ އަމިއްލަ އިޚްތިޔާރަކު ނޫނެވެ. ހީވީ އެ ދެމެދުގައި ދަމާ ބާރެއް ހުރިހެންނެވެ.

ޒިދާންގެ ހިޔާލުތައް އޭނާ ނިދިން މަހުރޫމް ކުރުވައިފިއެވެ. މެންދަމުން ތިންގަޑި ބައިވެ ބޮޑުވިއިރު ވެސް ނިދޭ ގޮތެއް ނުވިއެވެ. އޮތް ތަނުން ތެދުވަން ތާޝާއަށް މަޖުބޫރުވީ ފާހާނައަށް ދާން ޖެހިގެންނެވެ. ކުއިލްޓް އެއްފަރާތްކޮށްލުމަށް ފަހު އޮތްތަނުން އޭނާ ތެދުވިއެވެ. އިސްތަށިގަނޑުގައި ހުޅިއެއް ޖަހައިލުމަށް ފަހު ފާހާނާއާ ދިމާލަށް ދާން ހިނގައިގަތެވެ. ކުޑަދޮރު ހުރަސްކޮށް ދިޔަ ވަގުތު ފަރުދާ ކޮންމެ ވެސް ވަރަކަށް ކެހިފައި ހުރުމުން އެ ރަނގަޅު ކޮށްލަން ކުޑަދޮރާ ގާތްވެލިއެވެ. ފަރުދާގައި ހިފި ވަގުތު ބޭރުން އޭނާއަށް އެއްޗެއް ފެނުނުހެން ހީވެގެން އިތުރަށް ކައިރިވެލައިފައި ރަނގަޅަށް ބަލައިލިއެވެ. އެވަގުތު ކުޑަދޮރުން ބޭރުން ފެނުނު މަންޒަރުން ތާޝާގެ ގައިން ހީބިހި ނަގައިގަތެވެ. ތިރީގައި ހުއްޓިގެން އޭނާ އާ ދިމާލަށް ބަލަން އެހުރީ މީގެ ރޭތަކެއް ކުރިން އޭނާއަށް ފެނުނު ބިރުވެރި މީހާއެވެ. ފެންނަނީ ލޯ އެކަންޏެވެ. ލިބުނު ސިހުމުގައި ތާޝާއަށް ދެ ފިޔަވަޅު ފަހަތަށް އަޅައިލެވުނެވެ. މޭގައި އަތްއަޅައިލައިފައި އަނެއްކާ ވެސް ފިޔަވަޅެއް ކުރިއަށް އަޅައިލަމުން ބޯދިއްކޮށްލީ ޔަގީންކުރުމުގެ ގޮތުންނެވެ.

(ނުނިމޭ)

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!