ވާހަކަ

ދުރުގާވުން ހިތް ނޭދޭ! (ހަތަރުވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ދުރުގާވުން ހިތް ނޭދޭ! (ފުރަތަމަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދެވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތިންވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތަރުވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނުވަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދިހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! ( އެގާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސާދަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަނަރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސޯޅަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސަތާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނަވާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ވިހިވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެކާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފައްސަވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްބީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ހަތާވީސް ވަނަބައި) ދުރުގާވުން ހިތްނޭދޭ! (އަށާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ނަވާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ތިރީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެއްތިރީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ބައްތިރީސް ވަނަ ބައި) ދުރުގާވުން ހިތްނޭދޭ! ( ތެއްތިރީސްވަނަ ބައި)

އާފަލެއް ނަގައިގެން އަނެއްފަރާތަށް އެނބުރު ވަގުތު ކުރިމަތީގައި މީހެއް ހުރިހެން ހީވެ ސިއްސައިގެން ގޮސް ފަހަތަށް ޖެހެވުނެވެ. އެމީހަކު ތާޝާއާ ދިމާލަށް ބަލާހެން ހީވުމުން ތާޝާގެ ހިތުގައި ބިރުވެރިކަމުގެ ރާޅެއް ދުވެލިއެވެ. އަވަހަށް ދާންވެގެން އުޅުނު ވަގުތު އެމީހެއްގެ ފައިގައި އަޅައިގަނެފައި ތާޝާ ވެއްޓެން ދިޔައެވެ. ނަމަވެސް އޭގެ ކުރިން އެމީހަކު އޭނާގެ ބާރުގަދަ އަތުން ތާޝާ ވެއްޓުނަ ނުދީ ހިފެހެއްޓިއެވެ. އެމީހެއްގެ ދެ އަތުގެ ތެރޭގައި ހައްޔަރުވެފައި ހުރި ތާޝާގެ ހިތުގެ ތެޅުމުގެ އަޑު ޚުދު އޭނާއަށް ވެސް އިހުސާސްވަމުން ދިޔައެވެ. އެންމެ ބޮޑަށް ޖެހިލުންވީ އެމީހެއްގެ ދެއަތުގެ ތެރެއިން އޭނާ ނިކުންނަން މަސައްކަތް ކުރާއިރު ވެސް އެމީހަކު އެކަމަށް މާބޮޑު ސަމާލުކަމެއް ނުދޭތީއެވެ.

Ads by Hajj Corporation

ތާޝާ ހަށިގަނޑުގައި ހުރިހާ ބާރެއް ލައިފައި އެމީހަކުގެ މޭގައި ދެއަތް އަޅައިއި ފަހަތަށް ކޮށްޕާލުމަށް ފަހު އެމީހާގެ ދެއަތުން ވީއްލިގަތެވެ. އެއަށް ފަހު ދުވެފައި ދާން އުޅުނު ވަގުތު އެމީހާ އެއްލި އަތުން ހިފީ ތާޝާގެ އަތުގައެވެ. ހަމަ އެހިނދު މުޅި ތަނަށް އަލިވެގެން ދިޔައެވެ. ލައިޓްތައް ޖެއްސި ޖީނާއަށް ލިބުނީ ހައިރާންކަމެކެވެ. ތާޝާ އެނބުރި އެމީހަކާ ދިމާއަށް ބަލައިލިއެވެ. ތާޝާގެ އަތުގައި ހިފައިގެން ހުރި ޝާމިނަށް ތާޝާ ފެނުމާ އެކު ކަޅިޖަހައިލަން ވެސް ނޭނގުނެވެ. އެހާ ރީތި ކުއްޖެއް މީގެ ކުރިން ޝާމިނަށް ފެނިފައެއް ނުވެއެވެ. އޭނާގެ އަތުން އަތް ދަމައިގަންނަން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އެކަމާ ޝާމިންގެ މާބޮޑު ފަރުވާލެއް ނެތެވެ. އޭނާގެ ހިތް އެދެމުން ދިޔައީ އެހިނދުކޮޅު ދިގުލައި ދިއުމަށެވެ. އެ ރީތިކަމަށް އޭނާގެ ހިތް ފިދާވަމުން ދިޔައިރު ޖީނާގެ ނަޒަރު އެ ދިމާލަށް ހުއްޓިފައި ހުރިކަމެއް އޭނާއަކަށް ނޭނގެއެވެ.

" ޖީން ބަލައިލަބަލަ މީ ކާކުތަ...؟" ތާޝާއަށް ރޮވިއްޖެއެވެ. ޖީނާ އަވަސް ހިނގުމެއްގައި އައިސް ޝާމިން ކައިރިއަށް ހުއްޓި އޭނާގެ ނަމުން ގޮވައިލިއެވެ. ޝާމިނަށް ހޭވެރިކަންވީ ދެނެވެ. ހަމަ އެހިނދު ތާޝާގެ އަތުން ދޫ ވެސް ކޮށްލެވިއްޖެއެވެ. ދަނޑިވަޅު ބަލައިފައި ތާޝާ ގޮސް ވަނީ ޖީނާގެ ފުރަގަހަށެވެ.

" ޝާމިންބެ ކީއްތަ ތިކުރީ އަޅެ... ބަލާ ތާޝާ ބިރުގަނެފައި ހުރިވަރު..." ޖީނާ ޝަކުވާކޮށްލިއެވެ. އޭރު ތާޝާ، ޖީނާގެ ފުރަގަހުގައި ހުރެ އޭނާގެ ބޮޑު ދެލޮލުން ޝާމިނަށް ބަލަމުން ދިޔައީ އެއީ ކާކުކަން އެނގެން ބޭނުންވެފައި ހުރި ފަދަ ގޮތަކަށެވެ. ޖީނާގެ ފުރަގަހުން ފެންނަމުން ދިޔަ ތާޝާގެ ބޮޑު ދެލޯ ފެނި ޝާމިނަށް އެ މައުސޫމުކަމަށް ހިތާހިތުން ތަޢުރީފުކޮށްލެވުނެވެ.

" އަހަރެން ހީކުރީ ވަގެއް ކަމަށް.. ފެންފުޅިއެއް ބަލާ އައިއިރު ފުރިޖު ކައިރިއަށް ގުދުވެ އޮތީ... ކޮންކުއްޖެއްތަ މީ" ޝާމިން ވާހަކަދެއްކިއެވެ. އޭނާ ހުރީ ތާޝާއަކީ ކާކުކަން އެނގެން އިންތިހާއަށް ބޭނުންވެފައެވެ. ޖީނާ ކައިރިއަށް އައީ ހިންޏެވެ.

" ދޮންތަ ނުބުނެ ދޯ ޝާމިންބެ ކައިރިއަކު... މީ ތާޝާ އަހަރުމެންގެ ހަމައެކަނި ކަޒިން... ކުޑަބައްޕަގެ ހަމައެކަނި ދަރިފުޅު.." ޖީނާ ތައާރަފްކޮށްދިނެވެ. ދާނިޔާލްގެ ނަން ޝާމިންގެ ކަންފަތުގައި ޖެހުމާ އެކު އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ.

" ތާޝާ ވެސް ދޯ... އާދެބަލަ..." ފުރަގަހުގައި ހުރި ތާޝާގެ އަތުގައި ހިފައި ކުރިމައްޗަށް ގެންނަމުން ޖީނާ ބުންޏެވެ. އަތުގައި ތުރުތުރެއް ހުރުމުން އަދިވެސް ތާޝާ ހުރި ބިރުގަނެފައިކަން ޖީނާއަށް އެނގުނެވެ. ތާޝާ ހުރީ ޖެހިލުންވީވަރުން މުޅި މީހާ އެއްކޮށް ފިނިވެފައެވެ.

" ތާޝާ މީ ޝާމިންބެ!! ދޮންތަގެ ހަޒްބަންޑް..." ޖީނާ ތާޝާއަށް ޝާމިން ތަޢާރަފްކޮށްދިނެވެ. ޝާމިންއާ ހަތަރުކަޅި ހަމަނުކުރަން މަސައްކަތް ކުރަމުން ތާޝާ ހިނިތުންވެލިއެވެ. އަދިވެސް އޭނާގެ ހިތުގައި އުފެދިފައިވި ބިރުވެރިކަން އެއްކޮށް ފިލައިނުދެއެވެ. ތުންފަތް މައްޗަށް ހިނިތުންވުމެއް ގެނައީ ވެސް ގަދަކަމުންނެވެ.

" ޝާނާ ދޮންތަ މެރީ ކުރީތަ...؟ ޖީން ނުވެސް ބުނަމެއްނު..." ހަމަޖެހެން މަސައްކަތް ކުރަމުން ތާޝާ ބުންޏެވެ.

" ނުބުނެވޭތަ...؟ ޝާމިންބެ ދަމުން ލައިޓްތައް ނިއްވާލަ ދެއްޗެ... " ތާޝާގެ އަތުގައި ހިފައިގެން ސިޑިއާ ދިމާލަށް ދަމުން ޖީނާ ބުންޏެވެ. ތާޝާ ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރި ޝާމިން ތާޝާއާ މެދުގައި ވިސްނައިލިއެވެ. ތުންފަތް މައްޗަށް ވިހަ ހިނިތުންވުމެއް ވެރިވީ ހިތަށް އެރި އެއްޗަކުންނެވެ.

" އަތަށް ތަދުވެސް ވެއްޖެ... " ކޮޓަރިއަށް ވަންގޮތަށް ތާޝާ ބުންޏެވެ. ފަހަތުން ވަން ޖީނާގެ ތުންފަތްމަތީގައިވީ ލާނެތް ހިނިތުންވުމެކެވެ.

" އަސްލު ވެސް މިބުނީ.. އެހާ ބާރަށް އަތުގައި ހިފަން ޖެހޭތަ...؟" އަތުގައި ފިރުމައިލަމުން ތާޝާ ބުންޏެވެ. މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަނުޖެހުމެވެ. އެނދުމަތީގައި އިށީނުމަށް ފަހު ބާލީހެއް ނަގައި އުނގުމައްޗަށް ލިއެވެ. ޖީނާވެސް ހެމުން ހެމުން އައިސް އެނދުގެ އަނެއްފަރާތުގައި އިށީނދެލިއެވެ. އޭރު ކޮންމެވެސް ވަރަކަށް ތާޝާ ހަމަޔަކަށް އެޅިއްޖެއެވެ.

" ޝާމިންބެއަށް ވެސް ނޭނގުނީ... މަޖާ ކަމެއް އިނގޭ... މާދަން މަންމަ ކައިރީގައި ތިވާހަކަ ދައްކަންވާނެ... " ޖީނާ ހެމުން ބުންޏެވެ. ތާޝާ ތުން އަނބުރައިލަމުން ޖީނާއާ ދިމާއަށް ދެލޯ ހަނިކޮށްލިއެވެ.

" އަސްލު ކީއްކުރަން ތާޝާ ނިކުތީ...؟" މޫނުމައްޗަށް ސީރިޔަސްކަން ގެންނަމުން ޖީނާ ސުވާލުކޮށްލިއެވެ.

" ބަނޑުހައިވެގެން... ނިކްއަށް ގުޅާކަށް ނުކެރުނު ނިދާފައި އޮވެދާނެތީ.. ޖީންގެ ރޫމް ވަކިކުރާކަށް ނޭނގުނު... އެހެންވެ އައިސްއަލަމާރި ކައިރިއަށް ދިޔައީ ކާއެއްޗެއް ހޯދަން... ނޭނގޭނެއްނު މިގޭގަ އިތުރު މީހެއް އުޅޭނެ ކަމެއް..." ތާޝާ ކިޔައިދިނެވެ.

" މިހާރު ކާހިތް ވެސް ކެނޑިއްޖެ... " އަތުގައި އޮތް އާފަލު ސައިޑް ކަބަޑު މަތީގައި ބާއްވަމުން ތާޝާ ބުންޏެވެ.

" ޝާމިންބެ އެއީ ވަރަށް ރަނގަޅު މީހެއް އަސްލު.. ދޮންތަ ދެކެ ވަރަށް ލޯބިވާނެ... އެކަމަކު ދޮންތަ އޭނައަށް ހަދަނީ ހަދާނެ ގޮތެއް.. " ޖީނާ ކިޔައިދިނެވެ. ތާޝާ ވިސްނައިލިއެވެ. ޝާމިން އޭނާއާ ދިމާލަށް ބަލަމުން ދިޔަ ގޮތް އަދިވެސް ތާޝާ ހިތަކުން ނުފިލައެވެ. އެބެލުމުން ތާޝާއަށް އެހާ އުނދަގޫވީ ކީއްވެކަމެއް ނޭނގުނެވެ.

" ކޯންޗެއްތަ ތިވިސްނަނީ؟" ތާޝާ އެއް ދިމާލަކަށް ބަލަހައްޓައިގެން އިންނަން ފެށުމުން ޖީނާ އަހައިލިއެވެ.

" ކަމަކާ ނޫން... ޖީން.. އަހަރެން ބައިވަރު ވާހަކަ ދައްކަންވެފަ އެބަހުރި.. ކީއްވެތަ އޭރު އަހަރެންގެ މެސެޖްތަކަށް ރެޕްލައި ދިނުން ހުއްޓުނީ.. ފޯނަށް ވެސް ގުޅިން... އަހަރެން ހާދަ ހާސްވިއޭ ޖީންގެ ހަބަރެއް ނުވީމަ... " ތަންވަޅު ބަލައިފައި ތާޝާ ސުވާލުކުރިއެވެ. ޖީނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ދޭނީ ވެސް ކޮން ޖަވާބެއް ހެއްޔެވެ؟ ކެތްމަދުވެފައި ޖީނާގެ ޖަވާބުގެ އިންތިޒާރުގައި ތާޝާ އިނެވެ.

" ފަހުން ދޯ ތިހުރިހާ ވާހަކަ ދައްކާނީ... އަހަރެން ޖެހޭނެ މާދަން އަވަހަށް ހޭލަން... ސްކޫލަށް ދާން ޖެހޭނެ ސެވަން އަށް.. " ޖީނާ ބުންޏެވެ. ތާޝާގެ ސުވާލުތަކަށް ތެދު ޖަވާބުދިނުން ޖީނާއަށް ފަސޭހައެއް ނުވިއެވެ. އެހެންކަމުން އެވަގުތަށް ތާޝާގެ ސުވާލުތައް ހުއްޓުވާނެ މަގަކަށް އޭނާއަށް ފެނުނީ ވާހަކައިގެ މިސްރާބު ބަދަލުކުރުމެވެ. ތާޝާގެ މޫނުމަތި ބަނަވެގެން ދިޔައެވެ. ޖަވާބު ހޯދަން އަދިވެސް އިންތިޒާރުތަކެއް ކުރަން ޖެހުނީތީއެވެ. ޖީނާގެ އެ ޖަވާބުން ތާޝާ ހިތް ނުތަނަވަސް ވިޔަސް ބޯޖަހައިލިއެވެ.

" އަހަރެން އަދި ސިމެއް ވެސް ނަގަން ބޭނުން.... " ކުއްލިއަކަށް ހަނދާންވެގެން ބުނާ ފަދަ ގޮތަކަށް ތާޝާ ބުންޏެވެ.

" މާދަން ރޭ ދާނީ އިންޝާﷲ... އޭރަށް ތައްޔާރުވެގެން ހުރޭ... އަހަރެން މިދަނީ ނިދަން އިނގޭ.. ތާޝާވެސް އަރާމުކޮށްލާ ދެން... " ތާޝާ މޫނުގައި ފިރުމައިލަމުން ޖީނާ ބުންޏެވެ. ތާޝާ ފަނޑު ހިނިތުންވުމެއް ދެމުން ބޯޖަހައިލިއެވެ. ކޮޓަރިން ނިކުންނަން އުޅެފައި ވެސް ޖީނާ ހުއްޓުނެވެ. އެނބުރި ތާޝާއަށް ބަލައިލިއެވެ.

" އަނީކްއާއި ތާޝާ ކޮންގުޅުމެއް އޮތީ؟" ޖީނާ އަހައިލިއެވެ. ތާޝާ ކައިރިއަށް ހިނިއައެވެ.

" ވީ އާރ ޖަސްޓް ފްރެންޑްސް.. ނިކް އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ... ތިވާހަކަ ވެސް ފަހުން ދައްކަމާދޯ.. " ހީލަމުން ތާޝާ ބުންޏެވެ. ލިބުނު ޖަވާބުން ކޮންމެވެސް ވަރަކަށް ޖީނާގެ ހިތްހަމަޖެހުނެވެ. ހިނިތުންވެލަމުން ކޮޓަރިން ނިކުމެ ދޮރުލައްޕައިލިއެވެ. ޖީނާ އަހައިލި ވާހަކައާ ދޭތެރޭގައި ތާޝާ ވިސްނައިލިއެވެ. އަނީކް އޭނާ ދެކެ ލޯބިވާވަރު އަންދާޒާ ކޮށްލެވުނެވެ. އޭނާ ދެކެ އެހާ ލޯބިވާ މީހެއް ދެކެ އޭނާއަށް ލޯބިނުވެވެނީ ކީއްވެ ހެއްޔެވެ؟ އެއަށްވުރެ ރަނގަޅު ބައިވެރިއެއް އޭނާއަށް ލިބިދާނެ ހެއްޔެވެ؟ މީހުން ބުނާތީ އިވެއެވެ. ތިމާ ލޯބިވާ މީހާއަށް ވުރެ ރަނގަޅު ވާނީ ތިމާދެކެ ލޯބިވާ މީހެކެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް ތާޝާ ގޮތެއް ނިންމިއެވެ. އޭނާގެ ހަނދާންތައް އެނބުރި އަތުވެއްޖެނަމަ އަނީކްގެ ހުށަހެޅުން ޔަގީނުން ވެސް ޤަބޫލު ކުރާނެއެވެ. އެކަމަކު އަދި އެކަން އޮންނާނީ ސިއްރެއްގެ ގޮތުގައެވެ.

ލައިޓް ނިއްވައިލުމަށް ފަހު ތާޝާ އޮށޯވެލިއެވެ. އެހިނދު މަންމައާ ބައްޕަގެ މަތީން ހަނދާންވެ ދެރަވިއެވެ. ޔަގީނުން ވެސް އޭނާ ގޭގައި ނެތްކަން މިހާރު އެނގޭނެއެވެ. އަނެއްކޮޅުން އަންފޫޒާ ވެސް މިހާރު އެމީހުން ކައިރީގައި ތަޝާ އެގޭގައި ހުރި ވާހަކަ ބުނާނެއެވެ. އެމީހުން ގުޅައިފައި އޮތްތޯ ބަލައިލަން ވައިބަރ ޗެކް ކުރިއެވެ. ވަޓްސްއެޕް ވެސް ބަލައިލިއެވެ. ގުޅައިފައި ނެތްއިރު މެސެޖެއްގެ ހިސާބުވެސް ކޮށްލާފައެއް ނެތެވެ. އެދެމީހުން ރުޅިއައީކަން ތާޝާއަށް ޔަގީންވިއެވެ. އެ ދެމީހުންނަށް ގުޅަން އުޅެފައި ވެސް ތާޝާއަށް އެހިތްވަރެއް ނުލިބުނެވެ. ތާޝާއަށް ރޮވުނެވެ. ބާލީހުގައި ބައްދައިލަމުން ދެ ލޯ މަރައިލީ އެ ދެމީހުންނާ އެކު ހޭދަ ކުރެވިފައިވާ އުފާވެރި ވަގުތުތައް ހަނދާން ކުރަމުންނެވެ.

*****

އެހެން ދުވަސް ދުވަހަށް ވުރެ އަވަހަށް މެންދުރުގެ ވަގުތުގައި ޒިދާން ގެއަށް ދާން މިސްރާބު ޖެހީ ރޭގައި ހަމަ ނިދި ނުލިބުމުގެ ސަބަބުން ކުޑަކޮށް ނިދައިލުމަށް ޓަކައެވެ. ބޮލުގައި ރިހުމެއް ވެސް ހުރުމާ އެކުއެވެ. ރަނގަޅަށް ނުނިދޭތާ ދެ ރޭ ވީއެވެ. އެހާ އަވަހަށް ދިއުމުން ޒައިނާ ސުވާލު ކުރާނެކަން ޔަގީނެވެ. ކުޑަކޮށް ވެސް ބަލިކަން ޒައިނާއަށް އަންގާކަށް ޒިދާން ބޭނުމެއް ނުވެއެވެ. މިހާރު ވެސް ޒައިނާ އޭނާއާ ދޭތެރޭގައި ވިސްނާ ވިސްނުން ޒިދާންއަށް އޮޅިފައެއް ނެތެވެ. ޒައިނާއަށް ދޭނޭ ޖަވާބަކާ ދޭތެރޭގައި ވިސްނަމުން ގެ ކައިރީގައި ސައިކަލު ޕާކުކޮށްލިއެވެ. އެއަށްފަހު ތަޅުދަނޑި ޖީބަށް ލަމުން ދޮރު ހުޅުވައިލައިފައި އެތެރެއަށް ވަނެވެ. ސޯފާގައި އިން ޒައިނާގެ ގާތުގައި އިން ޒުވާނާ ފެނި ޒިދާންގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އެޒުވާނާގެ އުނގުތެރޭގައި އިން ހަތަރު އަހަރުގެ ދަރިފުޅު، މާޒް ދުވަމުން އައިސް ދޮންބޭއޭ ކިޔާ ޒިދާންގެ ފައިގައި އޮޅުލައިގަތެވެ. އެހެން ނަމަވެސް ޒިދާނަށް އެކުއްޖާއާ ދޭތެރޭގައި މާބޮޑު ފަރުވާލެއް ނުބެހެއްޓުނެވެ. ޒައިނާ ގާތުގައި އިން ރާއިފްއަކީ ޒައިނާގެ ފިރިމީހާ މާދިހުގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ. ޒިދާންގެ އެންމެ ގާތް ރަޙުމަތްތެރިޔާއެވެ. އެ ރަޙުމަތްތެރިޔާ ވެސް ޒިދާނަށް ގެއްލުނީ އޭނާ އެންމެ ލޯބިވާ ތާޝާއާ އެކު އެކީގައެވެ. ރާއިފް ވެސް އޭނާގެ ލޮލަށް މިފެނުނީ ހަތަރު އަހަރު ފަހުންނެވެ. ރަޙުމަތްތެރިޔަކަށް އެންމެ ބޭނުންވީ ދުވަހު ރާއިފްވެސް އޭނާ ދޫކޮށް ދިޔައީއެވެ. ނަމަވެސް އެކަމުގައި ރާއިފްގެ ކުށެއް ނެތެވެ.

ޒިދާން ހިނިތުންވެލަން މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް ރާއިފް އެނބުރުނީ އަނެއް ފަރާތަށެވެ. އަދިވެސް ރާއިފް ހުރީ އޭނާ ދެކެ ރުޅިއައިސްފައިކަން ޒިދާނަށް އެނގުނެވެ. މާޒްގެ އަތް އޭނާގެ ފައިން ނައްޓުވައިލަމުން ޒިދާން ކޮޓަރިއާ ދިމާއަށް މިސްރާބު ޖެހިއެވެ. ހަމަ އެވަގުތު ޒައިނާ ގޮވައިލުމުން މަޑުޖެހުނެވެ. ޒައިނާ އެދުނީ އައިސް އޭނާ ކައިރީގައި އިށީނުމަށެވެ. ވާހަކައެއް ދެއްކުމަށެވެ. ބަސްއަހާ ކުޑަކުއްޖަކު ފަދައިން ޒިދާން ގޮސް އިށީނީ  ޒައިނާގެ އަނެއް ފަރާތުގައެވެ.

" ރާއިފް ކުޑަދުވަސްކޮޅެއް ވަންދެން ހުންނާނީ މިގޭގައި... ރިސޯޓުން ކެނޑިގެން އެ އައީ މާލެއިން ރަނގަޅު ވަޒީފާއެއް ލިބިގެން.. ކުރިން ވެސް އުޅުނު ގޮތަށް ރާއިފް އުޅޭނީ ޒިދާނާ އެއް ކޮޓަރިއެއްގައި... މާދިހު ވެސް ބޭނުން ވަނީ އެގޮތް.." ޒައިނާ ބުންޏެވެ. ޒިދާން ރާއިފްއާ ދިމާލަށް ބަލައިލިއެވެ.

" ހާސްނުވޭ... ތަނެއް ހަމަޖެހުނުހާ އަވަހަކަށް އަހަރެން ދާނަން... އެހެން ނޫނީ އަނެއްކާ ވެސް އަހަރެންގެ އެއްޗެހިން ވައްކަން ކުރަން ފަށައިފާނެ..." ރާއިފް ބުނެލި ބަސްތައް ތީރެއް ފަދައިން ގޮސް ހެރުނީ ޒިދާންގެ ހިތަށެވެ. އައި ރުޅިއަށް ވުރެ ބޮޑަށް ޒިދާންވީ ދެރައެވެ.

" ރާއިފް!! އަހަރެން ކޮންގޮތަކަށް ބުނީމަތަ ޤަބޫލުކުރާނީ...؟ ރާއިފަށް ތިފެނުނީ ހަޤީގަތެއް ނޫން... " ރާއިފްއަށް ވިސްނައިދޭން މަސައްކަތް ކުރަމުން ޒިދާން ބުންޏެވެ. މީގެ ކުރިން ވެސް އޭނާ ވަނީ ރާއިފަށް ވިސްނައިދިނުމަށް އެތައް މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް އެހުރިހާ މަސައްކަތެއް ވީ ބޭކާރެވެ.

" ތާޝާވެސް ކަލޭ ދޫކޮށްފައި ދިޔައީ ކޮންމެވެސް ކަމެއް ވެގެން... ހަޤީގަތަކަށް ނުވާނަމަ ތާޝާ ކަލޭ ދޫކޮށްލާފައެއް ނުދާނެ... ރަހުމަތްތެރިއަކަށް ވަފާތެރި ނުވެވުނު މީހަކަށް ރައްޓެހިވެގެން އުޅުނު ކުއްޖާއަކަށް ވަފާތެރި ވެވޭނެތަ...؟ ހަޤީގަތަކީ ކަލޭކަހަލަ އިންސާނަކަށް ތާޝާ ކަހަލަ މައުސޫމު ކުއްޖެއް ޑިޒާވް ނުވާކަން..." ރާއިފްގެ ބަސްތައް ތޫނު ކަށިތަކެއް ފަދައިން ޒިދާން ހިތަށް ހެރެމުން ދިޔައެވެ. ޒިދާން ރުޅިއައިސްދާނެތީ ޒައިނާ އިނީ އެކަމާ ކަންބޮޑުވެފައެވެ.

ރާއިފަށް ޖަވާބު ދޭން ހިތަށް އަރައިފައި ވެސް ޒިދާން ހިމޭނުން އިނެވެ. އެއްޗެއް ބުނެވިދާނެތީ ތެދުވެގެން ގޮސް ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ. ޒައިނާއަށް ފުންނޭވައެއް ދޫކޮށްލެވުނެވެ. ޒައިނާ ކުރިމަތީގައި އެގޮތަށް ކަންތައް ކުރެވުމުން ރާއިފް ދެރަވިއެވެ. އެހެން ނަމަވެސް ޒިދާން ފެންނަ ކޮންމެ ފަހަރަކު އޭނާ އިޚްތިޔާރުން ބޭރުވަނީއެވެ. އެންމެ ކައިރިން އުޅެފައި ޒިދާން އޭނައަށް ދިން ލަނޑު އެއީ ދުވަހަކު ވެސް ހަނދާން ނެތޭނެ ކަމެއް ނޫނެވެ.

*****

" މިއަދު އޮފީހަށް ނުދަނީތަ...؟ ނޫނީ ޑޭޓަކަށް ދާނެ އަންހެން ކުއްޖެއް ނުލިބުނީތަ؟.." ޝާމިން ފާހާނައިން ނިކުތުމާ އެކު ޝާނާ ބުނެލިއެވެ. ޝާމިން ކައިރިއަށް އައީ ނުލަފާ ހިންޏެކެވެ. ޑްރެސިންގް ޓޭބަލް ކައިރިއަށް ހުއްޓެމުން އިސްތަށިގަނޑު ރީތި ކުރަން ފެށިއެވެ.

" ކީއްކުރަން ބޭރަށް ދަނީ...؟ މި ގޭ ތެރޭން އެބަ ފެނޭ އެހުރިހާ ކުދިންނަށް ވުރެ ރީތި ކުއްޖެއް...ހަހަ" ޝާމިން ހެމުންހެމުން ބުންޏެވެ. ޝާނާގެ ދަތްތަކަށް ބާރުވެގެން ދިޔައެވެ. މި ދެކެވެނީ އޭނާގެ ކޮއްކޮއެއްގެ ވާހަކަކަން ޝާމިނަށް ނޭނގެނީ ހެއްޔެވެ.؟ޝާނާ ހިތުގައި ޖެހި ދެލޯ ފެންކަޅިވި ނަމަވެސް މޫނުމަތިން ރުޅިވެރިކަން ފެންނަމުން ދިޔައެވެ.

" ޝާމިން... ކިތަންމެ ވަރެއް ކުރިޔަސް އަހަރެން ވަރިއަކަށް ނޭދޭނަން... އަހަންނާ އިނދެގެން އުޅުން ނޫން ގޮތެއް ޝާމިނަކަށް ނެތް.." އައި ރުޅީގައި ޝާނާއަށް ބުނެވުނެވެ.

" ކާކުތަ ވަރިކުރަން އުޅެނީ..؟ ބުނަން.. މި ކައިވެންޏަކީ އަހަންނަށް އެއްވެސް އެއްޗެއް ނޫން... ކިތަންމެ ދުވަހަކު އެއްކޮށް އުޅުނަސް ޝާނާއަށް އަހަރެންގެ ފަރާތުން ޒައްރެއްގެ މިންވަރަށް ވެސް ލޯތްބެއް ނުލިބޭނެ...ޝާނާގެ ކުޑަބައްޕައަށް އަހަރެން ގަނެވުނަސް އަހަރެންގެ ލޯބި ގަންނާނީ ކިހިނެއް..؟ ބޭނުން އަންހެނެއް ގާތަށް އަހަރެން ދާނަން.. ޝާނާއަކަށް ނުހުއްޓުވޭނެ..." އަލަމާރިން ޓީޝާޓެއް ނަގައި ގަޔަށް މަހައިލަމުން ޝާމިން ބުންޏެވެ. ޝާނާ ކައިރިއަށް ރުޅިއައެވެ. އެދިޔަ ބާރު މިނުގައި ގޮސް ޝާމިންގެ ޓީޝާޓުގެ ކަރުވަޅުގައި ހިފިއެވެ.

" އެހެން ކުދިންނަށް ވުރެ އަހަރެން ހަޑީ ކިހިނެއް..؟ ތާޝާއަށް ވުރެ އަހަރެން ހަޑިވީ ކިހިނެއް؟..." ރުޅި އާއި ހިތާމަ އެކުލެވިފައިވާ ރާގެއްގައި ޝާނާ ބުންޏެވެ. ލޮލުގެ ކަނުން ހުއްޓުމެއް ނެތި ފައިބަމުން ދިޔަ ކަރުނަތަކުން ޝާމިންގެ ހިތަށް ކުޑަވެސް އަސަރެއް ނުކުރިއެވެ.

" ހުރިހާ ގޮތަކުންވެސް ހަޑި... ތިހާ ހަޑި އަންހެނެއް މުޅި އުމުރުގައި ވެސް އަހަރެން ނުދެކެން... ކޮން ރީތިކަމެއްގެ ވާހަކަ ތިދައްކަނީ...؟ ތާޝާއާ އަޅައި ކިޔަންވީތަ...؟ އެހެންވީ އިރު އަޑުއަހާ!! ތާޝާއަށް ލިބިފައި ހުރި ދޮންކަމާއި އެ ލޫޅާފަތި ހަށިގަނޑާއި މައުސޫމު މޫނުކޮޅުގެ އިތުރުން އެކަހަލަ ފަން އިސްތށިގަނޑެއް ހޯދާނީ ކޮންތާކުން...؟އުމުރު ދުވަހު ތެޅުނަސް ޝާނާއަށް އެ ލެވެލްއަކަށް ނުދެވޭނެ... " ގަދަކަމުން އޭނާގެ ކަރުވަޅުގައިވާ ޝާނާގެ އަތް ނައްޓުވައިލަމުން ޝާމިން ވާހަކަދެއްކިއެވެ.

" ކަލޭތީ އަންހެނުންނަށް ހުރި ލަދެއް... އަހަރެންގެ ދުއާއަކީ ކަލޭކަހަލަ އަންހެން ދަރިއެއް ، ދައްތައެއް، ނުވަތަ އަނތްބެއް އެއްވެސް މީހަކަށް ނުދެއްވުން... މީގެ ފަހުން އަހަރެންގެ ގަޔަށް ބޮލަށް ނާރާތި.. އެހެން ނޫނީ ނަތީޖާ މާ ރަނގަޅެއް ނުވާނެ..." ފަހަތަށް ޝާނާ ކޮއްޕައިލަމުން ޝާމިން ބުންޏެވެ. ފަހަތަށް ދިޔަ ޝާނާ ކޮންޓްރޯލް ނުވެ އެނދު ކައިރިއަށް ތިރިއަށް ވެއްޓުނެވެ. އަދިވެސް އެއްފަހަރު ލޯގަނޑުން އޭނާގެ ސޫރައަށް ބަލައިލުމަށް ފަހު ޝާމިން އެކޮޓަރިން ނިކުމެގެން ދިޔައީ އެނދު ކައިރީގައި ރޯން އޮތް ޝާނާއަށް ބަލައިލުމެއް ވެސް ނެތިއެވެ.

ގިސްލައިފައި ރޮމުން ދިޔަ ޝާނާގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް އަދިވެސް ޝާނާގެ ހިތުގައި ޝާމިނަށް ޓަކައި ލޯބި ނޫން އެއްޗެއް ނެތެވެ. އަދިވެސް އެ ލޯބި ހޯދުމަށް އޭނާއަށް ކުރެވުނުހާ މަސައްކަތެއް ކުރާނެއެވެ. ޝާމިން ދެކެ އައިސްފައިވާ ރުޅިއަށް ވުރެ ބޮޑަށް އޭނާ ރުޅި އަންނަމުން ދިޔައީ ތާޝާ ދެކެއެވެ. ކޮންމެހެނެއް ހަދައިފައި ވެސް ތާޝާ އެގެއިން ބޭރުކުރުމަކީ މިހާރު އޭނާގެ އެންމެ ބޮޑު އެއް މަޤްސަދެވެ. އެހެން ނޫނީ ހީކުރެވިފައިވާ ވުރެ ވެސް އަވަހަށް ލޯބިވާ ފިރިމީހާ ލޯމަތިން ގެއްލިދާނެއެވެ.

އަށެއް ޖަހަން ކައިރިކޮށްލާފައި ޖީނާ ބޭރަށް ދިއުމަށް ޓަކައި ތައްޔާރުވިއެވެ. ތާޝާގެ ހަބަރެއް ބަލައިލުމަށް ޓަކައި އެކޮޓަރިއަށް ދިޔައެވެ. ދޮރު ހުޅުވާލުމާ އެކު ފެނުނު މަންޒަރުން ޖީނާގެ ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. ތާޝާ ހުރީ ނަމާދު ކުރާށެވެ. ޖީނާ މަޑުމަޑުން އައިސް އެނދުގައި އިށީނެވެ. ނަމާދުގައި ތާޝާގެ ހަރަކާތްތަކަށް ބަލަމުން ދިޔައެވެ. އެންމެ ފުރިހަމައަށް ތާޝާ ނަމާދު ކުރާތީ ޖީނާ އުފާކުރިއެވެ.

" ލަސްވެއްޖެ ދޯ.. މިތައްޔާރުވަނީ އިނގޭ..." މުސައްލަ ފަތް ޖަހައިލައިފައި އަލަމާރިއަށް ލުމަށް ފަހު ބުރުގާ ކޮނޑެއްގައި އަޅުވައިލިއެވެ. އެއަށްފަހު ޑްރެސިންގް ޓޭބަލް ކައިރިއަށް ގޮސް އިސްތަށިގަނޑުގައި ފުނާއަޅަން ފެށިއެވެ.

" ވަރަށް އުފާވެއްޖެ ތާޝާ ނަމާދުކުރާ ތަން ފެނުނީމަ..." ޖީނާ ބުނެލިއެވެ. ތާޝާ ޖީނާއާ ދިމާލަށް އެނބުރުނެވެ.

" އަސްލު އެނގޭތަ...؟ އެކްސިޑެންޓްގެ ކުރިން އަހަރެން ހަނދާން ހުންނަން ފެށީއްސުރެ ނަމާދުކުރާ ހަނދާނެއް ނުވޭ. އެކަމަކު ގެއަށް ދޫކޮށްލުމާ އެކު އަހަރެން ނަމާދުކުރަން ބޭނުންވޭ... ވަރަށް ހައިރާންވި ކަމެއް... ނަމާދުގެ ހުރިހާ ހަރަކާތްތަކާއި ކިޔާ އެއްޗެހި ވެސް އަހަރެން ދަސްކުރި ހަނދާނެއް ނުވޭ އެކަމަކު އެއްވެސް ކުށެއް ނުލާ އެއްޗެހި ކިޔޭ" ތާޝާ ކިޔައިދިނެވެ. ޖީނާއަށް ހިނިތުން ވެލެވުނީ ހިތާހިތުން ﷲއަށް ޙަމްދު ކުރަމުންނެވެ.

" އަހަންނަށް އެނގޭ އަހަރެންގެ ހަނދާނުން ފޮހެވިފައިވާ ދުވަސްތަކުގައި އަހަރެން ނަމާދުކުރަން ދަސްކުރިކަން... އަޅެ ޖީން ބުނެބަލަ. ޖީން ދޯ އަހަންނަށް ނަމާދުކުރަން ދަސްކޮށްދިނީ" ތާޝާ އޭނާއަށް ހީވާގޮތަކަށް ބުނެލިއެވެ. ޖަވާބުގައި ޖީނާ ދިނީ ހިނިތުންވުމެކެވެ. އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ދޮރު ހުޅުވައިލައިފައި ވަނީ އަނީކެވެ.

" ކޮބާ ތައްޔާރުތަ؟" އެތެރެއަށް ވަންނަމުން އަނީކް އަހައިލިއެވެ. ޖީނާ ހިތްހަމަ ނުޖެހުނެވެ. އަންހެން ކުއްޖެއްގެ ކޮޓަރިއަށް ވަންނަން ވާނީ ހުއްދަ ހޯދުމަށް ފަހުގައެވެ.

" ކޮޓަރިއަށް ވަނުމުގެ ކުރިން ނޮކް ކުރަން ދަސްވެފައެއް ނެތް ދޯ..." ޖީނާ ބުނެލިއެވެ. ޖީނާގެ ރުންކުރުކަމާ މެދު ތާޝާ ހުރީ ހައިރާންވެފައެވެ.

" ނޫނޭ... އެކަމަކު ތާޝާގެ ކޮޓަރިއަށް ވަންނައިރު އަހަރެން ހުއްދަ ހޯދާކަށް ނުޖެހޭނެ...ދޯ ތާޝާ... " ގޮސް ތާޝާ ކައިރީގައި ހުއްޓެމުން އަނީކް ބުންޏެވެ. ތާޝާ ހުރީ ވަކިކޮޅަކަށް އެއްޗެއް ބުނަން ނުކެރިފައެވެ. ޖީނާއަށް އެކަން އިހުސާސްވެ އިތުރަށް އެކަމަށް އެއްޗެކޭ ނުބުންޏެވެ. އެހެން ނަމަވެސް އަނީކާ މެދު ޖީނާގެ ހިތުގައި އޮތް ހިތްހަމަނުޖެހުން ފިލައި ނުދެއެވެ.

"މިރޭ ކާރު ދުއްވާނީ އަހަރެން... ސިމް ނަގައި ނިމިގެން ޓްރީޓެއް ވެސް އޮންނާނެ... " އަނީކް ބުންޏެވެ. ތާޝާ ހީލަމުން ރީތިވާން ފެށިއެވެ. ޖީނާ އަނީކްއާ ދިމާލަށް ލޯ ހަނިކޮށްލުމަށް ފަހު އެނބުރުނީ އަނެއް ފަރާތަށެވެ.

"މި މަންޖެ ކީއްވެބާ އަހަރެން ދެކެ އެހާ ރުޅި އަންނަނީ...؟ އަޖައިބެއް ކަހަލަ އަންހެނެއް" އަނީކް ހިތާހިތުން ކިޔައިލިއެވެ.

*****

ޒިދާނަށް ނިދައިލައިފައި ތެދުވެވުނުއިރު ރޭގަނޑު ނުވައެއް ޖަހަން ގާތްވެއްޖެއެވެ. އަރާމުކޮށް ނިދައިލެވުމުން ބޮލުގައި ރިހުން ވެސް ފިލައިފިއެވެ. ތެދުވެ ފެންވަރައިލައިގެން ނިކުމެ ބޭރަށް ދާން ތައްޔާރުވިއެވެ. ކޮޓަރިން ނިކުތް އިރު ރާއިފް ސޯފާގައި ނިދާފައި އޮތްތަން ފެނުމުން ދެރަވިއެވެ. އެރަޙުމަތްތެރިޔާ އޭނައާ ދޭތެރޭގައި ކޮންމެ ގޮތަކަށް ދުއްޓަސް އޭނާގެ ހިތް ރާއިފްގެ މައްޗަށް ވަރަށް ސާފެވެ.

ޖީބުން ތަޅުދަނޑި ނަގައިގެން ސައިކަލަށް އަރަން އުޅުނު ވަގުތު ފޯނަށް މެސެޖެއް އައެވެ. ނުދަންނަ ނަމްބަރެކެވެ. އޮތީ ގްރީންބެލް ރެސްޓޯރެންޓުން ބައްދަލުކުރަން ބުނެފައެވެ. ރޭގަނޑު ދިހައެއް ޖަހާއިރުއެވެ. އޮޅިގެން ފޮނުވުނު މެސެޖެއް ކަމަށް ނިންމައި އަޅައި ނުލައި ފޯނު ޖީބަށް ލާން އުޅުނު ވަގުތު ހަމަ އެ ނަމްބަރުން އިތުރު މެސެޖެއް އައެވެ.

"ޒިދާން އަންނާނެ ކަމަށް އުއްމީދުކުރަން" މެސެޖުގައި ވަނީ މިހެންނެވެ.

ނޭނގޭ ސަބަބަކާ ހުރެ ޒިދާންގެ ހިތުގައި އެމީހަކާ ބައްދަލުކުރުމަށް ޝައުޤުވެރިކަން އުފެދުނެވެ. ޒިދާންގެ ނަން އެނގޭނީ އޭނާ ދަންނަ މީހަކަށް ކަން ހަމަ ޔަގީނެވެ. އަވަހަށް ސައިކަލު ސްޓާޓް ކޮށްލަމުން އެ ދިމާލަށް ދިޔުމަށް މިސްރާބު ޖެހިއެވެ. ދިހައެއް ޖަހަން ދިހަ މިނެޓަށް ވެފައި ވަނިކޮށް ޒިދާން ގޮސް މަގުގެ އަނެއް ފަރާތުން ރެސްޓޯރެންޓް ކުރިމަތީގައި މަޑުކޮށްލިއެވެ. ދަންނަ މީހަކު ފެނޭތޯ މަގުގެ ދެކޮޅު ހޯދައިލިއެވެ. އެތެރޭގައި އިނދެދާނޭ ހިތައި ސައިކަލުން ފައިބައިގެން އެދިމާލަށް ދާން އުޅުނެވެ. ހަމަ އެވަގުތު އެއްލި ކަޅިއަކުން ރެސްޓޯރެންޓާ ދިމާލަށް ހިނގާފައި އަންނަ މީހަކު ފެނި ޒިދާންގެ ހިތަށް ގޮތެއް ވެގެން ދިޔައެވެ.

(ނުނިމޭ)

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!