ވާހަކަ

ދުރުގާވުން ހިތް ނޭދޭ! (ހަވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ދުރުގާވުން ހިތް ނޭދޭ! (ފުރަތަމަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދެވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތިންވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތަރުވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނުވަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދިހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! ( އެގާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސާދަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަނަރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސޯޅަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސަތާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނަވާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ވިހިވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެކާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފައްސަވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްބީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ހަތާވީސް ވަނަބައި) ދުރުގާވުން ހިތްނޭދޭ! (އަށާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ނަވާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ތިރީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެއްތިރީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ބައްތިރީސް ވަނަ ބައި) ދުރުގާވުން ހިތްނޭދޭ! ( ތެއްތިރީސްވަނަ ބައި)

ކަންބޮޑުވެ ހުރެ ޒައިނާ އަވަސް އަވަހަށް އެކޮޓަރިއަށް ވަނެވެ. ފެނުނު މަންޒަރުން ޒައިނާއަށް އަނގަމަތީގައި އަތްއަޅައިލެވުނެވެ.

Ads by STELCO

މީގެ އިރުކޮޅެއް ކުރިން ޒައިނާ ސާފުކޮށްފައި ދިޔަ ކޮޓަރި ވަނީ އެފުށް މިފުށަށް ޖަހައިފައެވެ. ޑްރެސިންޓޭބަލް މަތީގައި ހުރި ހުރިހާ ސާމާނެއް ވަނީ ކޮޓަރީގެ އެތަން މިތަނަށް އުކައިލައިފައެވެ. އެނދު ކައިރީގައި ހުރި ބިއްލޫރި ވާސް ތަޅައިގެން ގޮސް އެކި ތަނަށް އެކި އެތިކޮޅު ބުރައިގެން ގޮސްފައި ހުއްޓެވެ. އެނދުމަތީގައި ހުރި ހުރިހާ ބާލީހަކާއި ބެޑުޝީޓު އޮތީ އެއްލައިލައިފައެވެ. އެހުރިހާ ކަމަކަށްވުރެ ވެސް ބޮޑަށް ކަންބޮޑުވީ ޒިދާންގެ ހާލަތު ހުރި ގޮތުންނެވެ. ދެކަކޫ މައްޗަށް ތިރިވެ އިން ޒިދާންގެ ވޭނީ ރުއިމުގެ އަޑުން މުޅި ތަން ވަނީ ގުގުމައިލައިފައެވެ. ކޮއްކޮގެ އެ ހާލާތު ފެނި ޒައިނާގެ ހިތް ކުދިކުދިވިއެވެ. ދުވެފައި ގޮސް ޒިދާން ކައިރީގައި އިށީނދެ ވީކިހިނެއްތޯ އޮޅުން ފިލުވަން ފެށިއެވެ. ދައްތަގެ އޯގާތެރިކަން ލިބުންވީ ޒިދާންގެ އިތުރަށް ހިތްދަތިކުރުވި ކަމަކަށެވެ. ޒައިނާ ގައިގައި ބައްދައިލުމާ އެކު ރުއިމުގެ އަޑު ގަދަވިއެވެ. ޒިދާން ރޮމުން ދިޔަ ގޮތުން ދޮރުމަތީގައި ހުރި ރާއިފަށް ވެސް އަސަރު ކުރިއެވެ. ވީކީއްތޯ ބަލަން އޭނާ ވެސް ބޭނުންވިއެވެ. އެހެން ނަމަވެސް ކޮޓަރި ތެރެއަށް ފިޔަވަޅެއް އަޅައިކަށް އޭނާ ބޭނުން ނުވިއެވެ.

" ހެޔޮނުވާނެ ކޮއްކޯ!! ބުނެބަލަ ކިހިނެއްތަވީ؟؟ ތާޝާއަށް ކަމެއްވީތަ؟" ޒައިނާ އޭނާއަށް ބޮޑަށް ލަފާ ކުރެވުނީ ޒިދާންގެ ހިތާމަތަކުގެ ފަހަތުގައި ވީ ތާޝާ ކަމަށެވެ. އެހެންކަމުން ސުވާލު ވެސް ކުރެވުނީ ތާޝާއާ ގުޅުވައިގެންނެވެ. މިހައިތަނަށް ވެސް ޒިދާން ކަރުނަ އަޅައި ރޮއެފައި ހުރީ ތާޝާއަށް ޓަކައި ކަމަށްވާތީއެވެ.

" އޭނާގެ ވާހަކަ ނުދައްކާ ދޮންތާ!! އޭނަ އަހަރެން ދަންނަ ކަމަކަށް ވެސް ނުހެދި... އޭނާ އަހަރެން މަތިން ހަނދާން ނައްތައިލައިފި.. އަހަރެންގެ ތާޝާ އަހަރެން މަތިން ހަނދާން ނައްތައިލައިފި.. " ޒިދާނަށް ރޮވޭވަރުން ކިޔާއެއްޗެއް ޒައިނާއަށް ސާފުވީ ވަރަށް އުނދަގުލުންނެވެ. އޭނާގެ ކޮނޑުމަތީގައި އޮތް ޒިދާންގެ ބޮލުގައި ފިރުމަމުން ދިޔައީ ޒިދާންގެ ހިތަށް އަޅަމުންދާ ވޭނަށް ކުޑަ ނަމަވެސް ލުޔެއް ހޯދައިދިނުމަށެވެ.

" ތާޝާ އެނބުރި އައީތަ..؟ ކޮއްކޮއާ ބައްދަލުވީތަ؟؟" ޒައިނާ އަހައިލީ ހައިރާންކަމާއެކުއެވެ.

" ތާޝާ އަހަރެން މުޅިން ބާކީ ކޮށްލައިފި.. މިވީހާ ދުވަހު އަހަރެން ކުރި އިންތިޒާރު މުޅިން ބޭކާރުވެއްޖެ... ދޮންތާ އަހަރެންނަށް ތާޝާއާ ނުލާ ނޫޅެވޭނެ.. އޭނަ އެއުޅެނީ އެހެންމީހަކާ އިންނަން" ޒިދާންގެ އެ ވޭނީ ރުއިމުގެ އަޑުން ޒައިނާއަށް ވެސް ރޮވިއްޖެއެވެ.

" ކޮއްކޯ ހެޔޮ ނުވާނެ ﷲއަށް ޓަކައި ހުއްޓައިލަބަލަ... އެންމެ ފަހަރަކު ވެސް ހެއްދެވި ފަރާތެއްވާކަން ހަނދުމަކޮށްބަލަ... އެފަރާތަށް ވުރެ ބާރުވެރި އެއްވެސް ފަރާތެއް ނުވޭ..އެ ފަރާތަށް ވުރެ ބޮޑަށް ލޯބިވާން ޖެހޭ އެހެން އެއްވެސް ފަރާތެއް ހުރެގެން ނުވާނެ...އަންހެން ކުއްޖަކު ގެއްލިގެން ރުއިމަށް ވުރެ އެ ފަރާތް އެންގެވި ގޮތަށް ނޫޅެވޭތީ ރުއިން މާ ރަނގަޅު" ޒައިނާ ނަސޭހަތްތެރިވިއެވެ. އޭނާގެ ކޮއްކޮއަށް ވިސްނައި ދިނުމަށް ޓަކައި މީ އެންމެރަނގަޅު ވަގުތު ކަމުގައި ހިތް ބުނަމުން ދިޔައެވެ. ޒައިނާގެ ދެ އަތުން ޒިދާންގެ ބޯ އޭނާގެ ކޮނޑުމަތިން އުފުލައިލުމަށް ފަހު ކަރުނަތައް ފޮހެދިނެވެ. އަދި ވަރަށް ލޯބިން ޒިދާންގެ މޫނުގެ ދެފަރާތުގައި ހިފަހައްޓައިލިއެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ޒިދާންގެ ދެ ލޯ އޭނާގެ ދެ ލޮލާ އަމާޒުކުރެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އޭރުވެސް ޒިދާނަށް ގިސްލެވެމުން ދިޔައެވެ. އެންމެފަހުން ޒައިނާ އެދޭ ގޮތަށް ކަރުނަތަކާ އެކު ޒައިނާގެ މޫނަށް ބަލައިލިއެވެ. އެވަގުތު ޒައިނާ ނޫން އެހެން އެއްވެސް މީހެއް އޭނާއަށް ހަމްދަރުދީ ނުވާކަން ގަބޫލުކުރެވުނެވެ.

" ކޮއްކޯ!!! އެންމެ ފަހަރަކު ވެސް ދޮންތަ މި ދައްކާ ވާހަކަ އަޑުއަހާބަލަ. އެއާ މެދު ވިސްނާ ފިކުރުކޮށްބަލަ!! މާތްﷲ އަހަރުމެން މިދުނިޔެއަށް ފޮނުއްވައިފައި ވަނީ އެކަލާނގެއަށް އަޅުކަން ކުރުމަށް... އެކަލާނގެ އެންގެވި ގޮތަށް އުޅުމަށް.. އުފާވެރިކަމާއި ހަމަޖެހުން ލިބެން އޮތީ އެކަލާނގެ އެންގެވިގޮތަށް އުޅެގެން!! ގިނަގިނައިން އެކަލާނގެ ހަނދުމަކޮށްގެން.. ކޮއްކޮ ތީ ކުރިން ދީނީ ކަންކަމަށް ކިހާ ފަރުވާތެރިވި ކުއްޖެއް... މުސީބާތުގެ ވަގުތު އައިސް ޖެހުމުން އެކަމަށް ކެތްތެރިވެ އެކަލާނގެއަށް ދެންނެވުމުގެ ބަދަލުގައި ކޮއްކޮ ޚިޔާރުކުރީ މުޅިން އެހެން މަގެއް... އެކި އިންސާނުންނަށް ކުރިމަތި ވާނީ އެކިކަހަލަ އިމްތިހާނުތައް... ކޮއްކޮ މިހާރު ތިވަނީ އެ އިމްތިހާނުތަކުން ވަރަށް ބޮޑަށް ވެސް ފެއިލްވެފަ.. ކޮއްކޯ!! މަރު އަންނަނީ ކޮންއިރަކު ކޮންވަގުތެއްގައި ކަމެއް ނޭނގޭ!! އެކަމަށް ތައްޔާރު ނުވެ ހުރެ ޣާފިލް ކަންމަތީގައި ނިމިގޮސްފިނަމަ އެކަމުގެ އަޛާބު ކޮއްކޮއަށް އެނގޭތަ...؟ އަސްތަޣްފިރުﷲ!! " އެހިސާބަށް ދިޔައިރު ޒިދާންގެ ރުއިން ކޮންމެވެސް ވަރަކަށް މަޑުވެއްޖެއެވެ. ޒައިނާ ދައްކަމުން ދިޔަ ވާހަކަތަކާ ދޭތެރޭގައި ވިސްނެން ފެށުނެވެ. ޒިދާންގެ ކަރުނަތަކަށް ހުއްޓުމެއް އައިސްފިކަން އެނގުމުން ޒައިނާއަށް ހަމަޖެހުމުގެ ނޭވައެއް ލެވިއްޖެއެވެ. އޭނާ ދެއްކި ވާހަކަތަކުން ކޮންމެވެސް މިންވަރަކަށް ޒިދާން ބަލައިގަނެފިކަމުގެ އިހުސާސް ކުރެވިއްޖެއެވެ.

" އިންސާނަކަށް ޓަކައި ތިގޮތަށް ކަރުނަ އެޅުމަށް ވުރެ ރަނގަޅީ އެކަލާނގެއަށް ތައުބާވެ ކުރެވުނު ފާފަތައް ފުއްސަވައިދެއްވާތޯ އެދި ރުއިން... އޭރުން އެކަލާނގެ ކޮއްކޮ ހީވެސް ނުކުރާހާ ގޮތްގޮތަށް ކަންތައްތައް ފަހިކޮށްދެއްވާނެ.. ދޮންތަ ބުނެ ނުދިނަސް މިކަންތައްތަކަކީ ކޮއްކޮއަށް ވެސް އެނގޭނެ ކަންތައްތައް!! އެހެން ނަމަވެސް އެކަކު އަނެކަކަށް ހަނދާންކޮށްދިނުމަކީ މުއުމިނުންނަށް މަންފާކުރާނެ ކަމެއް. ކޮއްކޮ ތިވަނީ ޝައިތާނާގެ ވަސްވާސްތަކަށް އިޖާބަދީ ހެޔޮމަގުން ކަސިޔާރުވެފަ. އެކަލާނގެއީ ގިނަގިނައިން ފާފަތައް ފުއްސަވާ ރަޙުމާނުވަންތަ އިލާހު.. ތިމާ ކަމަކަށް ބޭނުންވެއްޖެ ހިނދެއްގައި ދަންނަވަން ވާނީ އެ އިލާހަށް... ކޮއްކޮ ތާޝާ ތިހާ ބޭނުންވާ ނަމަ އެ އިލާހަށް އެދި ދަންނަވާ... އަދި ތާޝާ ލިބިއްޖެނަމަ ވެސް ހަރާމް ގުޅުމެއްގައި ބަނދެވި ނުހުރެ ހަލާލުގޮތް ޚިޔާރުކުރޭ!! ... ތަޤްދީރުގައި ކޮއްކޮގެ ނަސީބުގައި ތާޝާ ލިބުން ލިޔެވިފައިވާ ނަމަ ޔަގީނުން ވެސް ލިބޭނެ... " އަނެއްކާ ވެސް ޒިދާނަށް ރޮވެން ފެށުނެވެ. މިފަހަރު ތާޝާގެ ސަބަބަކުން ނޫނެވެ. އޭނާއަށް އުޅެވުނު ގޮތުންނެވެ. ޣާފިލްކަންމަތީގައި ބޭކާރު ދުވަސްތަކެއް ހޭދަކުރެވުނީތީއެވެ.

" އެއަންހެނާ އަހަރެން ބޭނުމެއް ނޫން... އަހަރެން ތާޝާ ބޭނުމެއް ނޫން... އެއީ ބޮޑު މަކަރުވެރިއެއް... ބޭވަފާތެރިއެއް" ކަރުނަތައް ފޮހެން މަސައްކަތް ކުރަމުން ޒިދާން ބުންޏެވެ. ނަމަވެސް ލޮލުން ފައިބަމުން ދިޔަ ކަރުނަތައް މަދެއް ނުވިއެވެ.

" ދޮންތާ!! އަހަރެން އިރުކޮޅަކު އެކަނިވެލަން ބޭނުން..." އިރުކޮޅެއްގެ ހިމޭންކަމަށް ފަހު ޒިދާން ބުނެލިއެވެ. ޒިދާން އެ ހާލަށް ދޫކޮށްލައިފައި ދާން ޒައިނާ ނުރުހުނެވެ. އެހެން ނަމަވެސް އެއީ އެންމެ ރަނގަޅުގޮތް ކަމަށް ފެންނާތީ މަޑުމަޑުން އެތަނުން ނިކުތެވެ. ދަމުން ދޮރުމަތީގައި ރާއިފް ކައިރީގައި އޭނައާ އެކު ދިޔުމަށް ބުންޏެވެ.

" ރާއިފް... ދޮންތައަށް ދުވަހަކު ކަމެއް ކޮށްދެންޏާ ޒިދާނަށް އެހީތެރިވެދީ.. ޒިދާންގެ ސަބަބުން ރާއިފްގެ ހިތުގައި ޖެހިފައިވާ ނަމަ ޒިދާން ފަރާތުން އަހަރެން މާފަށް އެދެން... މި ވަގުތު ޒިދާނަށް ބޭނުން ވަނީ އޭނާގެ އެންމެ ގާތް އެކުވެރިޔާ... ޒިދާނަށް މާފުކޮށްދީ... ޒިދާނަށް އެހީވެދީ... އާދޭސް މިކުރަނީ.. " ޒައިނާ ރޮމުން ބުންޏެވެ. ރާއިފަށް ވަކި އެއްޗެއް ނުބުނެވުނެވެ. އޭނާގެ ސިކުނޑީގައި ވަނީ ބޮޑު ހައިޖާނުގަނޑެއް އުފެދިފައެވެ.ޒައިނާގެ ހާލާ މެދު ހަމްދަރުދީ ވެވުނެވެ. ރާއިފްގެ ފަރާތުން ޖަވާބެއް ނުލިބުމުން އަނގަމަތީ އަތްއަޅައިގެން ހުރެ ރޮމުން ޒައިނާ ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ.

ރާއިފް ދެ ލޯ މަރައިލަމުން އޭނާގެ އިސްތަށިގަނޑުގައި އަތްފުނާ އަޅައިލިއެވެ. ހައިޖާނުގަނޑެއް އުފެދިފައިވާ އޭނާގެ ސިކުނޑިއަށް ލުޔެއް ދިނުމަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. ޒިދާނާ މެދުގައި ވިސްނައިލެވުނެވެ. ތާޝާދެކެ ޒިދާންވީ ހަޤީގީ ލޯބިކަމުގައި އިހުސާސް ކުރެވުނެވެ. ތާޝާ ދެކެ އެހާ ލޯބިވާ ނަމަ އޭރު ޒިދާން އެގޮތަށް ކަންތައް ކުރީ ކީއްވެ ހެއްޔެވެ.؟ އެ މަންޒަރު އޭނާއަށް މިހާރު ވެސް ސިފަވާ ކަހަލައެވެ. ޒިދާންގެ އެއަމަލުވީ މުސްތަޤުބަލަށް ޓަކައި އޭނަ ކުރަމުން އައި ފޮނި އުއްމީދުތައް ވިއްސިވިހާލިވެގެން ދިޔަ ކަމަކަށެވެ. އެންމެ ބޮޑަށް ހިތުގައި ޖެހުނީ އެއަމަލު ހިންގީ އޭނާގެ އެންމެ ލޯބިވާ އެންމެ ގާތް އެކުވެރިޔާ ކަމުގައި ވީތީއެވެ. ނުވަތަ ރާއިފްގެ ލޯ އޭނާއަށް ކެހިދިނީ ހެއްޔެވެ؟ ނޫނެކެވެ. އެމަންޒަރު އޭނާގެ އިތުރުން ތާޝާއަށް ވެސް ފެންނާނެއެވެ. އެމަންޒަރު ފެނުމުން ތާޝާއަށްވި ގޮތް އެންމެ ކައިރިން ފެނުނީ އޭނާއަށެވެ. ޒިދާންގެ ކޮޓަރިއާ ދިމާލަށް ރާއިފް ބަލައިލިއެވެ. އެ އެކުވެރިޔާއަށް ފުރުސަތެއް ދޭންވީ ހެއްޔެވެ؟ ނޫނެކެވެ. އެއަށް ވުރެ ރާއިފްގެ ހިތަށް ލިބިފައިވާ ޒަޚަމް ފުނެވެ. މިފަދަ ވިސްނުންތަކަކުން ރާއިފްގެ ސިކުނޑި ހާސްކުރުވަމުން ދިޔައެވެ. ސޯފާއަށް ވެއްޓިގަންނަމުން ދެލޯ މަރައިލީ ވިސްނުމާ ފިކުރުތަކުން ބޭރުވެލުމަށެވެ.

********

އެރޭ ހަތަރުދަމު ތާޝާއަކަށް ނުނިދުނެވެ. އެޒުވާނާއާ ދޭތެރޭގައި ވިސްނެން ފެށިއެވެ. އޭނާ ރާއްޖެއަށް އައީ ހިތުގައި ފުނިޖެހިފައިވާ ސުވާލުތަކަށް ޖަވާބު ލިބޭތޯއެވެ. އެހެން ނަމަވެސް އެއްވެސް ސުވާލަކަށް ޖަވާބެއް ނުލިބި ސުވާލުތައް ހައްތަހާ އިތުރުވަނީއެވެ. ތާޝާ ރުޅި އަންނަ ގޮތްވިއެވެ. އޮތްތަނުން ތެދުވެ ދެކޮޅަށް ހިނގެން ފެށުނެވެ. ފޯނުން ގަޑި ބަލައިލެވުނުއިރު ފަތިހު ހަތަރެއް ޖަހަން އުޅެނީއެވެ. ތާޝާގެ ނިދި ގެއްލުއްވައިލައިފައި އެހެންމީހުން އަރާމުގައި ނިދާތީ ރުޅި އައެވެ. ޖީނާ ވެސް އެއްވެސް އެއްޗެއް ކިޔައިދޭން ބޭނުން ނުވާ ކަހަލަ އިހުސާސެއް ކުރެވުނެވެ. އިރު އަރަންދެން ވެސް ތާޝާއަށް ހުރެވުނީ އެ ފަދަ ފިކުރުތަކެއްގައެވެ. ފަތިސް ނަމާދުކޮށްލައިގެން ބަދިގެއާ ދިމާލަށް ދިޔައީ ލިބިފައިވާ ނުތަނަވަސްކަން ކޮފީއަކުން ފިލައިތޯއެވެ. ބަދިގެއަށް ވަންއިރު ރާމިޔާގެ އިތުރުން ޖީނާ ބަދިގޭގައި އުޅުނެވެ. ތާޝާއާ ޖީނާ އެކަކު އަނެކަކަށް އަވަސް ނަޒަރެއް ބަދަލުކޮށްލިއެވެ. ދެމީހުންގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ހިތްހަމަނުޖެހުމެވެ. ރާމިޔާ ކައިރީގައި ކޮފީއެއް ގެނެސްދިނުމަށް ބުނުމަށް ފަހު ތާޝާ އެތަނުން ދާން ހިނގައިގަތެވެ. އެހެން ނަމަވެސް ޖީނާ ގޮވައިލުމުން ޖެހުނީ ހުއްޓޭށެވެ.

" ތާޝާ ކީއްވެ އަހަރެން ކައިރީގައި ދޮގު ހެދީ..." ތާޝާއާ އަރާ ހަމަކުރަމުން ޖީނާ ސުވާލުކޮށްލިއެވެ. ތާޝާގެ ނިތަށް ރޫއަރައިގެން ދިޔައީ އެ ދައްކަނީ ކޮންވާހަކައެއް ކަން ނޭނގުމުންނެވެ. ދެކޮޅު ހޯދައި ބަލައިލަމުން ޖީނާ ތާޝާގެ އަތުގައި ހިފައިގެން ބޭރަށް ނިކުތެވެ. ޖީނާގެ އެ އަމަލުން ތާޝާއަށް ހައިރާންކަމެއް ލިބުނެވެ. އެހެނަސް ދެކޮޅު ހެދުމެއް ނެތި ޖީނާއާ އެކު ދިޔައެވެ. ތާޝާ ގޮވައިގެން ގޮސް ޖީނާ މަޑުކޮށްލީ އެގޭ ބޭރުގައި ހައްދާފައިވާ ބަގީޗާގައި ހުރި ފެންއަރުވާވަޑާން ކައިރީގައެވެ.

" އަހަރެން ކުރިން ވެސް އެހިން ދޯ ތާޝާއާއި އަނީކާ ދެމެދުގައި އޮންނަނީ ކޮންކަހަލަ ގުޅުމެއްތޯ... އޭނަ އާ އިންނަން އުޅޭކަން އަހަރެންނަށް ސިއްރުކުރީ ކީއްވެ؟" ޖީނާ ޝަކުވާކޮށްލިއެވެ.

" ޖީން ވެސް އަހަރެންނަށް ކަންތައްތައް ސިއްރު އެބަކުރަމެއްނު... އަހަރެން އެހާ ދުރުގައި ހުރެފައި އަހަރެންގެ މައިންބަފައިން ދޫކޮށްލާފައި މިތަނަށް މި އައީ ސަބަބެއް ނެތިއެއް ނޫން... އަހަރެންގެ މާޒީ އެނގެން ބޭނުންވާތީ... ﷲ ދެނެވޮޑިގެން ވާނީ އަހަރެން އެކަންތައް ހަނދާންކުރަން ބޭނުންވާ ވަރު... " ފަހު ޖުމްލައާ އެކު ތާޝާގެ އަޑު ކުރެހިގެން ދިޔައެވެ. ޖީނާއަށް ޖަވާބެއް ނުދެވުނެވެ. އަމިއްލަ ނަފްސު ކުށްވެރި ކުރާ ހާލު އިސްޖަހައިލެވުނެވެ.

" އެންމެ ފުރަތަމަ ޖީން އަހަރެންނަށް ބުނެދީބަލަ ރޭގައި އަހަރެންނާ ދިމާވި ޒުވާނާ އެއީ ކާކުކަން.. އޭނާގެ ވާހަކަތައް ހުރި ގޮތުން އޭނަ އަހަރެން ވަރަށް ބޮޑަށް ދަންނަކަން އެނގޭ... އޭނަގެ ދެލޮލުން އަހަންނަށް ފެނުނީ ތަފާތު އިހުސާސްތަކެއް... ބުނެބަލަ؟ކާކުތަ އެއީ؟" ތާޝާ ސުވާލުކޮށްލިއެވެ. ޖީނާ ވާހަކަ ދައްކަން އަނގަ ހުޅުވައިލިއެވެ. ނަމަވެސް ޖީނާއަށް އެއްޗެއް ބުނެވުމުގެ ކުރިން ފަހަތުން އައި އަނީކްގެ އަޑަށް އެދިމާލަށް ބަލައިލިއެވެ.

" އެއީ ކާކުކަން އަހަރެން ބުނެދީފާނަން!" އެމީހުންނާ އަރައި ހަމަކުރަމުން އަނީކް ބުންޏެވެ. ޖީނާގެ ދެ ބުމަ ގޮށްޖެހިގެން ދިޔައެވެ. އަނީކަށް ޒިދާން އެނގެންވީ ކީއްވެބާއޭ ހިތަށް އެރިއެވެ.

" އެކަމަކު ނިކްއަށް ކިހިނެއް އެނގެނީ... ؟ ނިކް ކުރިން ދުވަހަކު ވެސް މިކޮޅަކަށް ނާންނަމެއްނު" ތާޝާ އަހައިލިއެވެ.

" އޭނާގެ ނަމަކީ ޒިދާން.... އަހަރެން ހުރީ ތާޝާއަށް މިވާހަކަތައް ކިޔައިނުދޭން ، އެކަމަކު ކަންތައްތައް ވާގޮތުން ތާޝާއަށް މިވާހަކަތައް ކިޔައިދޭން މަޖުބޫރު... ތާޝާ އިތުރު ވިސްނުންތަކެއް ވިސްނައި ހާލަތު ގޯސްވާކަށް އަހަރެން ބޭނުމެއް ނޫން.. ޒިދާން ތާޝާއާ ބައްދަލު ކުރަން އަދިވެސް މަސައްކަތް ކުރާނެ... އެހެންވީމައި މިވާހަކަތައް ކޮންމެހެން ވެސް ތާޝާއަށް އެނގެން ޖެހޭނެ.." އަނީކް ދައްކަމުން ދިޔަ ވާހަކައިން ޖީނާއަށް ލިބިފައިވީ ހައިރާންކަންވީ އިތުރެވެ. އަނީކް ދައްކަން އުޅޭ ވާހަކައަށް ވަރަށް ބޮޑަށް ސަމާލުކަން ދެވުނެވެ.

" އެއީ މީގެ ހަ ވަރަކަށް އަހަރު ކުރިން ތާޝާ މިކޮޅުގަ އުޅުނުއިރު ތާޝާއާ އަޅައިގަނެގެން އުޅުނު ސޮރެއް.. އޭނާ ހުންނަނީ ތާޝާއާ ހެދި މޮޔަވެފަ... އޭނާ އެކި ގޮތްގޮތުން ތާޝާ ހާސިލްކުރުމަށް މަސައްކަތް ކުރަމުން ދިޔަ... އޭނާގެ ސަބަބުން ތާޝާއަށް ގެއިން ބޭރަށް ނުނިކުމެވޭ ވަރުވި..... ތާޝާދެކެ އޭނަވާ ލޯތްބަށް ވުރެ ބޮޑަށް އޭނަ ހުންނަނީ ހޭބަލިވެފަ... އެންމެ ފަހުން ތާޝާއަށް ކެތްނުވެގެން ޑެނީ އަންކަލްއަށް ގުޅައިފައި ތާޝާ ބަލައި އައިސްދިނުމަށް އެދުނު.. ތާޝާ ބޭނުންވީ މާލެ ދޫކޮށްދާން... އެ އުނދަގޫތަކުން މިންޖުވާން.. އެހެން ނަމަވެސް އޭނާއަށް އެކަން އެނގިގެން...އެއްރެއަކު... ވަގަށް ތާޝާ ކޮޓަރިއަށް ވަދެ... ތާޝާ ރޭޕްކުރަން އުޅުނީ... އޭނާގެ ކިބައިން ސަލާމާތްވާން ވެގެން ކޮޓަރިން ނިކުމެގެން ދުއްވައިގަތީ... ސިޑިއާ ހަމައަށް ދިއުމުގެ ކުރިން އޭނާ ތާޝާ ގައިގައި ހިފެހެއްޓީ... ތާޝާ އެހީއަށް އެދި ގޮވަން ފެށުމުން އޭނާ ކައިރިއަށް ރުޅި އައިސްގެން ތާޝާ ކޮއްޕާލި ވަގުތު މަތިން ތިރިއަށް ވެއްޓުނީ.. އެހާދިސާގަ ތާޝާގެ ހާލު ދެރަވީ... އިތުރު ފަރުވާއަށް މެލޭޝިޔާއަށް ގެންދިޔަތަނުން ކޯމާއަކަށް ދިޔައީ..." އަނީކް އޭނާއަށް އެނގިފައި އޮތް މިންވަރަށް ކިޔައިދިނެވެ. ތާޝާއަށް އަނގަމަތީގައި އަތްއެޅުނެވެ. އޭނާ އެކްސިޑެންޓްވީ ގޮތް އަދި އެ އެނގުނީއެވެ. ޖީނާ ހުރީ ބުނާނެ ބަހެއް ނޭނގި ބަސް ހުއްޓިފައެވެ. އެހާ ރީތިކޮށް، ދޫ އޮޅުމެއް ވެސް ނެތި ދޮގުތަކެއް ހަދައިލީތީ ހައިރާންވެފައެވެ. އެއީ ދޮގެކޭ ބުނަން އޭނާގެ ހިތް ގޮވަމުން ދިޔަ ނަމަވެސް އަނގަ ހުޅުވާލާކަށް ނުކެރުނެވެ. އަންފޫޒާ އޭނާއަށް ދީފައިވާ އިންޒާރު މަތިން ހަނދާންވެފައެވެ.

" އެކަމަކު ކިހިނެއް ނިކްއަށް ތިހުރިހާ އެއްޗެއް އެނގެނީ؟" ވިސްނަން ހުރެފައި ތާޝާ އެހިއެވެ. އަނީކް ދެލޯ މަރައިލަމުން ފުން ނޭވައެއް ދޫކޮށްލިއެވެ. އޭނާ ސިއްރުކޮށްގެން އުޅުނު ކަންތައް ތާޝާ ކައިރީގައި ބުނަންވީ ވަގުތު އައިސް ޖެހުނީއެވެ.

" އަހަރެންނަށް މިހުރިހާ ވާހަކައެއް ކިޔައިދިނީ ޑެނީ އަންކަލް.. އަސްލު އަހަރެން ތާޝާ ގޮވައިގެން މިކޮޅަށް އައީ ޑެނީ އަންކަލްގެ އެދުމުގެ މަތިން... ތާޝާ އެވަރަށް މާލެ ދާން ކިޔާތީ ޑެނީ އަންކަލް އެކަން ކޮށްދޭން ބޭނުންވީ... އަންސޫ ދައްތަ އެކަމަށް ނުރުހޭތީ އަހަރެން ކައިރީގައި އެކަން ކޮށްދޭން ބުނީ.. އަހަރެން ތާޝާ އާއެކު ދިއުމަށް ވެސް ބުނީ ޑެނީ އަންކަލް... ތާޝާގެ ރައްކަލަކަށް... އެރޭ ތާޝާއާ ބައްދަލުކުރަން އެގެއަށް ދިޔައިރު ވެސް އަހަރެންނަށް ހުރިހާ ހަޤީގަތެއް އެނގޭ.. ސޮރީ ކުރިން ނުބުނެވުނީމަ... އަންސޫ ދައްތައަށް އެނގިދާނެތީ ތާޝާއަށް ވެސް އެކަން ސިއްރުކުރީ.. " އަނީކް ބުންޏެވެ. ތާޝާއަށް ރޮވެން ފެށުނެވެ. ދާނިޔާލް އޭނާ ދެކެ ލޯބިވާވަރު އިހުސާސްވިއެވެ. އިތުރަށް އެތަނުގައި ހުންނަން އުނދަގޫވުމުން ދުވަމުން ގޮސް ގޭތެރެއަށް ވަނެވެ.

ތާޝާގެ ފަހަތުން ދާން ހިނގައިގަތް އަނީކް ހުއްޓުނީ ފަހަތުން އަތްޖަހަން ފެށި އަޑަށެވެ. ފަހަތަށް އެނބުނުއިރު ޖީނާ އަތްޖަހަމުން ދިޔައީ އޭނައަށް ސާބަސްދޭ ފަދަ ގޮތަކަށެވެ.

" ދޮގު ހެދުމުން އެވާރޑެއް ހައްޤު ހަމަ.. ތިހާ ފަސޭހައިން ދޮގު ހަދައިލީތީ ހަމަ ހައިރާންވެއްޖެ... ހަނދާން ކުރާތި މިނޫން ދުވަހެއް ވެސް ވާކަން... ހަދާ ކޮންމެ ދޮގެއް އައްސަވާ ވޮޑިގެންވާ ފަރާތެއް ވާކަން.. ކުރާ ކޮންމެ ނުބައި ޢަމަލެއް ހަތްއުޑުގެ މަތިން ބައްލަވާ ވޮޑިގެންވާ ފަރާތެއްވާކަން... " ޖީނާ ބުންޏެވެ. އެ މޫނުމަތިން ފެންނަމުން ދިޔައީ ޖެހިލުން ކުޑަކަމެވެ.

" ތިބުނީ އަހަރެން މިހެދީ ދޮގޭތަ... " އަނީކް އެހިއެވެ.

" އާނ ތިހެދީ ދޮގުކަން ޚުދު ކަލެއަށް ވެސް އެނގެއެއްނު.. އެކަމަކު ހަނދާންކުރާތި!! ތާޝާގެ ހަނދާންތައް އެނބުރި އަންނަ ދުވަހަކުން ކަލެއަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ... ﷲ އިރާދަކުރެއްވިއްޔާ ތާޝާ ޒިދާނަށް ލިބޭނެ... ތާޝާއަކީ ހަމައެކަނި ޒިދާންގެ ހައްޤެއް... " ޖީނާ ބުންޏެވެ. އަނީކް ލާނެތް ގޮތަކަށް ހިނިތުންވެލިއެވެ. ކުރިއަށް ދެތިން ފިޔަވަޅު އަޅަމުން ގޮސް ހުއްޓުނީ ޖީނާގެ ކުރިމަތީގައެވެ.

" މިހާރު އެނގިއްޖެ އެތަނަށް ޒިދާނަށް އާދެވުނީ ކިހިނެއްކަން... މިގޭ މީހެއް އެ ޒިދާންގެ ކޮޅަށް ހުރެދާނެ ކަމަކަށް ހިޔެއް ނުކުރަން... އެ ވެސް ތާޝާ އެންމެ އިތުބާރު ކުރާ، ގާތް އެކުވެރިއެއް ކަމަށް ދެކެމުން އައި މީހާ...އެކަމަކު ބުނަންތަ ވާހަކައެއް...؟ ޒިދާނަށް ތާޝާ ދުވަހަކު ވެސް ނުލިބޭނެ.. ތާޝާ ހާސިލް ކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް އަހަރެން ކުރާނަން... ތާޝާގެ ހަށިފާރަވެރިއަކަށް އަބަދުވެސް އަހަރެން ހުންނާނެ...އެކަމަށް ޓަކައި ކޮންމެ ފަދަ ކަމެއް ކުރަން ޖެހުނަސް ތައްޔާރު... އަހަރެން މީ އަންހެން ކުދިންނާ ޒުވާބުކޮށް ހަދާ މީހެއް ނޫން.. އަހަރެންގެ ހިތުގައި އަންހެނުންނަށް ދެވިފައި ވަނީ ވަރަށް މަތިވެރި މަޤާމަކާ އިއްޒަތެއް... ތިކަހަލަ އަންހެނަކާ ދިމާ މިވީ ފުރަތަމަ ފަހަރަށް... އަހަރެން ކުރަން އުޅޭ ކަމަކަށް ހުރަސް އަޅަން އުޅޭނަމަ ތީ އަންހެނެއްކަން ވެސް އަހަރެން ހަނދާން ނައްތާލާނަން" އިންޒާރެއް ދޭ ފަދަ ގޮތަކަށް ޖީނާގެ މޫނާއި މޫނު ކައިރިކޮށްލަމުން އަނީކް ބުންނެވެ. ހަމަ އެހިނދުގައި ޖީނާއަށް ފަހަތަށް ފިޔަވަޅެއް އެޅުނެވެ. އަނީކަށް ދޭ އިންޒާރަކަށް ބިރުން ފަހަތަށް ފިޔަވަޅެއް އަޅަން އޭނާ ވެސް ބޭނުން ނުވާ ކަހަލައެވެ. އޭނާއަކީ ވެސް އަނީކް ހީކުރާ ކަހަލަ ފިނޑި އަންހެނެއް ނޫނެވެ.

" ކާމިޔާބު ލިބެނީ ކާކަށްތޯ އަހަރެން ވެސް ބަލާނަން... ﷲއަށް ވުރެ ބާރުވެރި އެހެން އެއްވެސް ފަރާތެއް ނުވޭ... އެކަން ކަލޭ ހަނދާން ނައްތައިނުލާތި..." އަނީކްއާ ދިމާލަށް އިނގިލި ދިއްކޮށްލަމުން ޖީނާ ބުންޏެވެ. އަނީކަށް ވާހަކަދައްކާނެ އިތުރު ފުރުސަތެއް ނުދީ ޖީނާ އެތަނުން ދާން ހިނގައިގަތެވެ. ޖީނާ ދިޔަ ދިމާލަށް ބަލަހައްޓައިގެން އަނީކް ހުރިއިރު އެ މޫނުމަތިން ފެންނަމުން ދިޔައީ ރުޅިވެރިކަމުގެ އަސަރުތަކެވެ. ކޮންމެހެން ހަދާފައި ވެސް އޭނާ ތާޝާ ހާސިލުކުރަން ހިތުގައި އަޒުމު ކަނޑައެޅިއެވެ. ޖީނާ އެކުރަން އުޅޭ ކަންތައް ކާމިޔާބުވިޔަ ނުދިނުމަށް އޭނާއަށް ކުރެވުނުހާ މަސައްކަތެއް ކުރާނެއެވެ.

*****

ބަދިގޭގައި ކެއްކުމުގައި މަޝްއޫލުވެ އުޅުނު ޒައިނާއަށް އިރުއިރުކޮޅާ ޒިދާންގެ ކޮޓަރިއާ ދިމާލަށް ބަލައިލެވެއެވެ. އެ ފަހުން ޒިދާންގެ ހަބަރެއް ނުވާތީ ޒައިނާ ހުރީ އެކަމާ ކަންބޮޑުވެފައެވެ. ކޮޓަރީގެ ދޮރު ހުޅުވައިލައިފައި އެތެރެއަށް ވަންނަން ކިތަންމެ ފަހަރަކު ހިތަށް އަރައިފިއެވެ. އެހެން ނަމަވެސް ކޮއްކޮއަށް އިތުބާރުކޮށް ވަގުތު ދޭން ޒައިނާ ބޭނުންވިއެވެ. ޒިދާން ކަތި ފިޔަވަޅެއް ނާޅާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތެވެ. ޒައިނާގެ ކޮޓަރިން ފެން ވަރައިގެން ނިކުތް ރާއިފަށް ވެސް ޒިދާންގެ ކޮޓަރިއާ ދިމާލަށް ބަލައިލެވުނެވެ. މޫނުމަތިން ނުދެއްކި ނަމަވެސް އޭނާ ވެސް ކަންބޮޑުވެއެވެ.

" ޒިދާން ނުނިކުމޭތަ.. ؟" ރާއިފް އެހިއެވެ. ޒައިނާ ބޯ ޖަހައިލިއެވެ. އޭނާގެ މޫނުމަތިން ހާމަވަމުން ދަނީ މާޔޫސްކަމެވެ. އެކަން ރާއިފަށް ވަރަށް ބޮޑަށް ފާހަގަވިއެވެ.

" ނިދާފަ ކަންނޭނގެއެއްނު... ދޮންތަ ހާސްނުވޭ" ރާއިފް ބުންޏެވެ. ހަމަ އެ ވަގުތު ގޭގެ ދޮރުހުޅުވައިލައިފައި މީހަކު އެތެރެއަށް ވަނެވެ. ޒައިނާއާ ރާއިފަށް އެދިމާލަށް ބަލައިލެވުނީ އެކުއެކީގައެވެ. އެމީހަކާ ދިމާލަށް ޒައިނާއަށް ބަލަން ހުރެވުނީ ޤަބޫލު ނުކުރެވިގެން ބަލާ ފަދަ ގޮތަކަށެވެ. ރާއިފް ވެސް ހުރީ ހައިރާންވެފައެވެ.

(ނުނިމޭ)

Ads by Ooredoo
  1. މަނމ

    ޥަރަށް ރީތި

  2. ގާހަކަ

    ނިމުނީތަ ވ.ރީތި އަވަހަށް ހަތްވަނަބައިފޮނުވަދީ