ވާހަކަ

ދުރުގާވުން ހިތް ނޭދޭ! (ތޭރަވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ދުރުގާވުން ހިތް ނޭދޭ! (ފުރަތަމަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދެވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތިންވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތަރުވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނުވަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދިހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! ( އެގާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސާދަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަނަރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސޯޅަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސަތާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނަވާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ވިހިވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެކާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފައްސަވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްބީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ހަތާވީސް ވަނަބައި) ދުރުގާވުން ހިތްނޭދޭ! (އަށާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ނަވާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ތިރީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެއްތިރީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ބައްތިރީސް ވަނަ ބައި) ދުރުގާވުން ހިތްނޭދޭ! ( ތެއްތިރީސްވަނަ ބައި)

ފަރުދާގައި ހިފި ވަގުތު ބޭރުން އޭނާއަށް އެއްޗެއް ފެނުނުހެން ހީވެގެން އިތުރަށް ކައިރިވެލައިފައި ރަނގަޅަށް ބަލައިލިއެވެ. އެވަގުތު ކުޑަދޮރުން ބޭރުން ފެނުނު މަންޒަރުން ތާޝާގެ ގައިން ހީބިހި ނަގައިގަތެވެ. ތިރީގައި ހުއްޓިގެން އޭނާއާ ދިމާލަށް ބަލަން އެހުރީ މީގެ ރޭތަކެއް ކުރިން އޭނާއަށް ފެނުނު ބިރުވެރި މީހާއެވެ. ފެންނަނީ ލޯ އެކަންޏެވެ. ލިބުނު ސިހުމުގައި ތާޝާއަށް ދެ ފިޔަވަޅު ފަހަތަށް އަޅައިލެވުނެވެ. މޭގައި އަތްއަޅައިލައިފައި އަނެއްކާ ވެސް ފިޔަވަޅެއް ކުރިއަށް އަޅައިލަމުން ބޯ ދިއްކޮށްލީ ޔަގީންކުރުމުގެ ގޮތުންނެވެ. މިފަހަރު އެމީހަކު ފެންނާކަށް ނެތެވެ. އެހެން ނަމަވެސް ބިރުވެރިކަން ތާޝާގެ ހަ ފަރާތް ވަށައިލިއެވެ. ކުޑަދޮރު ހުރީ ތަޅުލައިފައިތޯ އެތައް ފަހަރަކު ޔަގީން ކުރިއެވެ. ފަރުދާ ދަމައިލަމުން އަދިވެސް އެއްފަހަރު ބޭރަށް ނަޒަރު ހިންގައިލިއެވެ. ފަރުދާ ދަމައިލުމަށް ފަހު ގޮސް ބޮޑުދޮރު ވެސް ހުރީ ރަނގަޅަށް ތަޅުލައިފައިތޯ ބެލިއެވެ. ކަންތައްވީގޮތުން ފާޚާނާއަށް ވެސް ދާކަށް ނުކެރުނެވެ. މިފަހަރު ވެސް ފާޚާނައިން ނިކުންނައިރު އެމީހަކު ހުރެދާނެތީއެވެ. އެނބުރި އައިސް އެނދުގައި ދެފައި ކުރުކޮށްލައިގެން އިށީނެވެ. ބިރުގަތް ނަމަވެސް އެއްވެސް މީހަކަށް އުނދަގޫކުރާކަށް ތާޝާ ބޭނުމެއް ނުވިއެވެ. އެރޭ ކުރިއަށް އޮތް ވަގުތުތަކުގައި އޭނާއަށް ނިދާކަށް ނުކެރުނެވެ. ދެ ލޮލުން ނިދި ގެއްލިފައި އެނދުގައި އިށީނދެގެން ފަތިސް ނަމާދު ބަންގީގެ އަޑު އިވެންދެކަށް އޭނާ އިނެވެ. އޭނާގެ ހިތަށް ކުޑަވެސް ތަސައްލީއެއް ލިބުނީ ފަތިސް ނަމާދުގެ އިހު ސުންނަތާއެކު ދެ ރަކްޢަތް އަދާކުރުމުންނެވެ.

Ads by STELCO

ހަފްތާ ބަންދަށްވުމާ އެކު ޖީނާ ބޭނުންވީ ފަތިސް ނަމާދުކޮށްގެން ކުޑަކޮށް ނިދައިލާށެވެ. ހެނދުނުގެ ޒިކުރު ކިޔާ ނިންމައިލުމަށް ފަހު އެނދުގައި އޮށޯވެ ކުއިލްޓުން ހަށިގަނޑު ފޮރުވައިލި ވަގުތު ދޮރުގައި ޓަކި ދިން އަޑު އިވުނެވެ. ހަށިގަނޑުގައި ލޮޑުކަމެއް ހުރުމުގެ ސަބަބުން އެނދުގައި އޮވެފައި ކާކުތޯ ސުވާލުކޮށްލިއެވެ.

" މީ ތާޝާ އޭ.. ޖީން ދޮރުހުޅުވައިލަބަލަ.." ބޭރުން އިވުނީ ތާޝާގެ އަޑެވެ. މިފަދަ ވަގުތެއްގައި ތާޝާ ގޮވުމުން ޖީނާ ކަންބޮޑުވިއެވެ. ހަށިގަނޑަށް ވެރިވެފައިވާ ކަންނެތްކަން ފިލުވައިލައިފައި އޭނާ ދޮރާ ދިމާލަށް ހިނގައިގަތީ ހަމައެކަނި ތާޝާއަށް ޓަކައެވެ. ދޮރުހުޅުވާލުމާ އެކު ކުރިމަތީގައި ހުރި ތާޝާ އަވަސް އަވަހަށް އެތެރެއަށް ދެމިގަނެފިއެވެ. ތާޝާ ހުއްޓުނީ ކޮޓަރީގެ މެދަކާ ހަމައަށް ހިނގައިގަނެފައެވެ. ދޮރުލައްޕައިލައިފައި ޖީނާ ހުއްޓުނީ ތާޝާ ކުރިމަތީގައެވެ. ތާޝާގެ މޫނުމަތިން ފެންނަމުން ދިޔަ ކަންބޮޑުވުން ޖީނާގެ ހިތް ނުތަނަވަސް ކުރުވިއެވެ. ތާޝާގެ ދެލޮލަށް ކަރުނަ ޖަމާވީ ވެސް ޖީނާ ބަލަހައްޓައިގެން ހުއްޓައެވެ. އެކަން ވީ އިތުރަށް ޖީނާ ކަންބޮޑުވި ކަމަކަށެވެ. ޖީނާ ތާޝާގެ ގާތަށް ޖެހިލައިފައި ތާޝާގެ ކޮނޑުގައި އަތް ހިފަހައްޓައިލިއެވެ. ތާޝާ ގޮވައިގެން ގޮސް އެނދުގައި ބައިންދައިފައި ގާތުގައި ޖީނާ އިށީނެވެ. ކުޑަކުއްޖެއް ފަދައިން ދެ އަތްތިލަ ގުޅުވައިލައިގެން އިނދެ ރޮމުން ދިޔަ ތާޝާއަށް ބަލަހައްޓައިގެން އޭނާއަށް އިނދެވުނީ ފެންކަޅިވެފައެވެ. އޭނާއަށް އެނގޭ އެއްޗަކީ ތާޝާގެ ދެ ލޮލުން ފައިބަމުން އެ ދާ ކަރުނަތަކުގެ ފަހަތުގައި ބޮޑު ސަބަބެއް އޮންނާނެ ކަމެވެ. އޭނާ ސުވާލުކުރަން މަޑުކޮށްލައިގެން އިނީ ތާޝާ ހަމަޔަކަށް އެޅެންދެނެވެ.

" ބުނެބަލަ!! ކިހިނެއްތަވީ.. ؟ އަނީކް އެއްޗެއް ބުނީތަ؟" ކުޑައިރުކޮޅަކަށް ފަހު ތާޝާ ހަމަޔަކަށް އެޅުމުން ޖީނާ ސުވާލު ކުރިއެވެ. ތާޝާ ހިންދިރުވައިލިއެވެ. ހަމަޖެހުމުގެ ނޭވައެއްލައިފައި ރޭގައި އޭނާއަށް ފެނުނު ކަންތައްތައް ޖީނާއަށް ކިޔައިދިނެވެ. ޖީނާގެ އަތުގައި ތާޝާ ހިފައިލިއިރު އޭނާގެ އަތުގައި ތުރުތުރުލުމެއް ހުރިކަން ޖީނާއަށް އިހުސާސްވިއެވެ. އެވަގުތު ތާޝާ އިނީ ވަރަށް ޖެހިލުންވެފައިކަން ޖީނާއަށް އެނގުނެވެ. އޭނާ އަވަސް އަވަހަށް ތާޝާގެ އަތުގައި ހިފަހައްޓައިލިއެވެ. އެވަގުތު ތާޝާގެ ހިތްވަރަކަށްވާން ބޭނުންވިއެވެ.

"އަޅެ ކާކުތަ އަހަންނަށް ފާރަ އެލަނީ. އަހަރެން ވަރަށް ބިރުގަނޭ. އެމީހަކު އެ އިންތިޒާރުކުރަނީ އަހަރެން މަރައިލެވޭނެ ވަގުތަކަށް ކަންނޭނގެ" ތާޝާ ވާހަކަދެއްކިއެވެ. އަނެއްކާ ވެސް އޭނާގެ ދެލޮލަށް ތާޒާ ކަރުނަތައް ޖަމާވިއެވެ. ޖީނާ އަވަސް އަވަހަށް ތާޝާގެ ދެލޯ ކައިރި ފޮހެލައިފިއެވެ. އޭނާއަށް ތާޝާއަށް ޖަވާބެއް ނުދެވުނެވެ. އެމީހަކާ މެދު ހުދު އޭނާގެ ހިތުގައި ވެސް ވަނީ ސުވާލު އުފެދިފައެވެ. ތާޝާ ބުނިހެން ހުރިހާ ކަމެއް ގޯހުން ގޯހަށް ނުދަނީސް އެމީހަކާ މެދު ދެން ތިބި މީހުން ފާރަވެރިވާން ވެއްޖެއެވެ. ފުލުހުންނަށް އަންގައިގެން ވެސް އެމީހަކު ހޯދަންވެއްޖެއެވެ.

" އަހަރެން ވަރަށް ބިރުގަނޭ ޖީން.. އަހަންނަކަށް ނުކެރޭނެ ދެން އެކޮޓަރީގަ އުޅޭކަށް.." ވިސްނުންތަކަކަށް ގެއްލިފައި އިން ޖީނާ ސިހުނީ އަނެއްކާ ވެސް ތާޝާގެ އަޑުންނެވެ.

" ތާޝާ މިކޮޓަރިއަށް ބަދަލުވާންވީނު... އަހަރެންގެ އެއްވެސް މައްސަލައެއް ނެތް... " ޖީނާ ޚިޔާލު ދިނެވެ. އެވަގުތު އޭނާއަށް އިތުރު ހިޔާލެއް ދެވެން ނެތެވެ.

"ތާޝާ ބުނެބަލަ. މަންމަމެން ގާތުގައި ތިވާހަކަ ދައްކައިގެން ފުލުހުން މެދުވެރިކޮށް އެމީހަކު ހޯދާނީތަ؟ ނޫނީ އަދި މަޑުކުރާނީތަ؟" ޖީނާ އެހިއެވެ. ތާޝާ ދެ ފަރާތަށް ބޯ ހޫރައިލިއެވެ.

"މިރޭ ނިދާނީ މިކޮޓަރީގަ އިނގޭ" ޖީނާ ބުންޏެވެ. ތާޝާ އެކަމަށް އެއްބަސްވީ އެއީ އެންމެ ރަނގަޅުގޮތް ކަމުގައި ފެންނާތީއެވެ.

"އެކަމަކު ސައި ގަޑީގަ ތި ވާހަކަ އަހަރެން ދައްކާނަން. ނުދައްކައި ހުއްޓާ ކަންތައްތައް ވަރަށް ގޯސްވެދާނެ" ޖީނާ ބުންޏެވެ. އެކަމަށް ތާޝާ ރުހުން ދިނެވެ.

ޖީނާ އެގޭ އެންމެންނާ އެވާހަކަ ހިއްސާކުރީ ހެނދުނުގެ ސަޔަށް އިންސާފުކުރަމުން ދިޔަ ވަގުތުގައެވެ. ޗުއްޓީ ދުވަހަކަށްވުމާ އެކު ޝާމިން ނޫނީ އެންމެން ވެސް ސައިމޭޒު ކައިރިއަށް ހާޒިރުވެ ތިއްބެވެ. ހެނދުނުހެނދުނާ ކޮންމެ ވެސް ތަނަކަށް ދިޔަ ގޮތަށް ޝާމިން ގެއަކަށް ނާދެއެވެ. ޖީނާ ދެއްކި ވާހަކައިން އެންމެ ބޮޑު ހައިރާން ކަމެއް ލިބުނީ އަނީކަށެވެ. ތާޝާ އޭނާ އާ އެވާހަކަ ހިއްސާ ނުކުރީތީ ދެރަވިއެވެ. ތާޝާ އޭނާ ބާކީ ކޮށްލީކަމަށް ބުނެ ހިތާހިތުން ޝަކުވާ ކޮށްލެވުނެވެ. އޭނާއަށް ތާޝާއާ ދިމާލަށް ބަލައިލެވުނީ ޝަކުވާގެ ނަޒަރަކުންނެވެ. ޖީނާއެއް ފެނުނު ފަހުން ތާޝާގެ މީހަކީ ހަމައެކަނި ޖީނާ ކަމުގައި ވެއްޖެއެވެ. އަނީކަށް ޖީނާ ދެކެ ރުޅި އާދެވުނެވެ.

" ތީ ތާޝާއަށް ހީވާ ގޮތް ކަންނޭނގެ.. މާބޮޑަށް ބިރުގަނެފަ ހުންނަންޏާ އެހެން ހީވެދާނެ.. އެހެން ނޫނަސް މީހަކު ތާޝާ މަރައިލަން އުޅެންވީ ކީއްކުރަން... އަނެއްކާ ތާޝާ މީހަކަށް ގެއްލުމެއް ދިނީތަ؟" ޝާނާ އަހައިލިއެވެ. އޭނާ އެ ވާހަކަތައް ގަބޫލުކުރާކަށް ބޭނުން ނުވިއެވެ. ތާޝާ މާބޮޑަށް އެންމެންގެ ސަމާލުކަން ހޯދަން އުޅެނީއޭ ހީވިއެވެ.

" ނޫނޭ ޝާނާ ދޮންތާ.. އެއީ އަހަރެންނަށް ހީވި ގޮތެއް ނޫން. އަހަރެންނަށް ވަރަށް ރަނގަޅަށް ފެނުނު.. އަހަރެންނަށް އެނގިގެން އެއްވެސް މީހަކަށް ގެއްލުމެއް ދީފައެއް ނޯންނާނެ.." ތާޝާ ބުންޏެވެ. ޝާނާ ތުން އަނބުރައިލައިފައި ކެއުމަށް އޭނާ ސަމާލުކަން ދިނެވެ.

" އެހެންވިއްޔާ ތާޝާ އެކަނި ހުރުން އެހާ ރައްކާތެރިއެއް ނޫން... ވީހާ ވެސް އަވަހަކަށް ފުލުހުންނަށް ތިކަން އަންގަންވީ.. އަދި މިގޭގެ ސެކިއުރިޓީ ވެސް ހައި ކޮށްލަންވީ.." އަންފޫޒާ އޭނާއަށް ފެންނަ ގޮތް ހާމަކުރިއެވެ. ފުލުހުންގެ ވާހަކަ ބުނުމުން ތާޝާ ބިރުގަތެވެ. އެހެން ނަމަވެސް އޭނާ އެކަމަށް އިންކާރެއް ނުކުރެއެވެ. މައިންބަފައިން ނެތް ތަނުގައި އޭނާ ރައްކާތެރިކުރަން ތިބި ބަޔަކީ އެއީކަން އޭނާގެ ހިތް ގަބޫލުކުރެއެވެ.

" މިހާރު ހިތަށް އަރާ ތާޝާ ގޮވައިގެން މިތަނަށް ނާދެވެނު ނަމައޭ. އައިއިރު ނޭނގޭ ވިއްޔާ މި ތަނަކީ އޭނައަށް އެހާ ނުރައްކާތެރި ތަނެއް ކަމެއް. އަހަރެންނަށް ފެންނަނީ ވީ އެންމެ އަވަހަކަށް އެނބުރި ދާން.. އެހެން ނޫނީ ޑެނީ އަންކަލްއަށް އަންގަން އަހަންނަށް ފެންނަނީ" އަނީކް ބުންޏެވެ. އޭނާގެ އަޑުގައި ވަނީ ހިތްހަމަނުޖެހުމެވެ.

" ނޫން ނިކް.. އަހަރެން އެކޮޅަށް ދާކަށް ބޭނުމެއް ނޫން... އަދި ޑާޑާއަށް އަންގާކަށް ވެސް ބޭނުމެއް ނޫން... " އަނީކް ދެއްކި ވާހަކައާ ދެކޮޅު ހަދަމުން ތާޝާ ބުންޏެވެ. ދާނިޔަލްއަށް އެކަން އެނގުނިއްޔާ ވަގުތުން ވަގުތަށް އޭނާ ގެންދާނެއެވެ. އެހެންކަމުން އޭނާ އެކަމަށް ވަގުތުން އިންކާރު ކުރިއެވެ.

" ކީއްކުރަން މިކޮޅުގަ މަޑުކުރަނީ...؟ ތާޝާ އެއްވެސް ކަމެއް ހަނދާނެއް ނުވިއެއްނު.. މިތާ ހުރެގެން އަމިއްލަ ނަފްސު ނުރައްކަލަކަށް ވައްޓައިލުމުގެ ބަދަލުގަ އެކޮޅަށް ދިޔައިއްޔާ މާ ރަނގަޅެއްނު.." ތާޝާގެ ޖަވާބު އައި ގޮތުން ކުރިއަށް ވުރެ ބޮޑަށް ހިތްހަމަ ނުޖެހިފައި އިނދެ އަނީކް ބުންޏެވެ. ތާޝާ މާލޭގައި ބަހައްޓަން އޭނާ އެއްގޮތަކަށް ވެސް ބޭނުންނުވާ ކަހަލައެވެ. ތާޝާ ގެއްލިދާނެކަމުގެ ބިރުވެސް އޭނާގެ ހިތުގައި އިންތިހާއަށް ވެއެވެ. މިހާރު އޭނާ އެ ހުންނަނީ ތާޝާ ގޮވައިގެން މާލެ އާދެވުނު މޮޔައޭ ހިތަށް އަރާފައެވެ.

" މިބުނީ ނޫންތަ އަހަރެން އެކޮޅަށް ނުދާނަމޭ... ނިކް ދާން ބޭނުމިއްޔާ ދޭ.. އަހަރެން ހުންނާނީ މިކޮޅުގަ... އަހަންނަށް އެނގެނީ އަހަރެންނަށް މިގޭ ހުރިހާ އެންމެން ވެސް ކަމެއް ސިއްރު ކުރާކަން.. އެކަމެއް ހޯދާފަ އަހަރެން ހުއްޓައިލާނީ.. އަދި އަހަރެން މަރައިލަން އެއުޅޭ މީހަކު ވެސް ހޯދާފަ ހުއްޓައިލާނީ އިރާދަކުރެވިއްޔާ.. އަދި އެކަމުގެ އިތުރު އެއްވެސް މީހެއްގެ އެހީތެރިކަމެއް އަހަރެން ބޭނުމެއް ނޫން.. " އައި ރުޅީގައި ތާޝާ އިން ތަނުން ތެދުވެގެން ސިޑިން އަރައިގެން މައްޗަށް ދިޔައެވެ. ތާޝާގެ ފަހަތުން ޖީނާ ވެސް ދިޔައީ އަނީކާ ދިމާލަށް ދެލޯ ހަނިކޮށްލަމުންނެވެ. އަންފޫޒާ ވަކި އެއްޗެއް ނުބުނެ ބަލައިލީ އަނީކަށެވެ. ލިބުނު ހިތްހަމަނުޖެހުމުގައި އަނީކް ވެސް އިންތަނުން ތެދުވެގެން ގޮސް ގެއިން ބޭރަށް ނިކުތެވެ. މާލެ އައިފަހުން އޭނާ ބޭނުންވާ ގޮތަކަށް އެއްވެސް ކަމެއް ނުދެއެވެ.

" ހުސް ޑްރާމާ..." އަމިއްލަ ނަފްސަށް އިވޭ ވަރަށް ޝާނާ ބުންޏެވެ. ދެ ފަރާތަށް ބޯހޫރައިލަމުން ސަޔަށް އިންސާފު ކުރަމުން ގެންދިޔައެވެ.

*****

ޒިދާނާއި ޖީނާ ބައްދަލުކުރީ ޖީނާ މަސައްކަތް ކުރާ ސުކޫލުގެ ކުރިމަތީގައި ހުންނަ ކެފޭއަކުންނެވެ. ޒިދާން އެ ތަނަށް ދިޔައީ ޖީނާގެ އެދުމުގެ މަތިންނެވެ. ތާޝާ އައި ފަހުން ދިމާވެގެން އުޅޭ ކަންތައް ޒިދާނަށް ޖީނާ ކިޔައިދިނެވެ. އެވާހަކަތައް ކިޔައިދިނުމުން ތާޝާއަށް ޓަކައި ޒިދާން ނުހަނު ކަންބޮޑުވިއެވެ. ވަގުތުން ތާޝާ އޭނާގެ ހިމާޔަތުގެ ދަށަށް ގެންނަން ބޭނުންވިއެވެ. ސައުވީސްގަޑިއިރު ތާޝާ އޭނާގެ ލޮލަށް ފެންނަ ހިސާބުގައި ބަހައްޓަން ބޭނުންވިއެވެ. އެއްފަހަރު އޭނާއަށް ތާޝާ ގެއްލިއްޖެއެވެ. ދެވަނަ ފަހަރަށް ތާޝާ ގެއްލިއްޖިއްޔާ އޭނާއަށް އެކަން ބަރުދާސްތެއް ނުކުރެވޭނެއެވެ.

" ކާކުތަ އެއީ..؟ ތާޝާއަކީ އެއްވެސް މީހަކަށް ހަސަދަވެރިކަމެއް، ހިތުގައި ފިތުނައެއް އޮތް މީހެއް ނޫން. ހަމަ ގައިމު ވެސް އަހަރެންނަށް އެނގިގެން ތާޝާ އެއްވެސް މީހަކަށް ގެއްލުމެއް ދީފައެއް ނުވާނެ.. " ޒިދާން ވާހަކަދެއްކިއެވެ.

" އަހަރެންނަށް ހީވަނީ ވަރަށް ބޮޑު ނުބަޔެއް އުޅޭހެން... އޭރު ތާޝާގެ އެކްސިޑެންޓާ ވެސް މިކަމާ ގުޅުމެއްވާހެން ހީވަނީ.. މަންމަގެ ސަބަބުން ތާޝާއަށް އޭނާގެ މާޒީއާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ކިޔައިދެވޭކަށް ނެތް. އެހެންވެ ޒިދާންގެ އެހީތެރިކަން ބޭނުން ވަނީ... ޒިދާނަށް ތާޝާއާ ބައްދަލު ކުރެވޭ ގޮތް ހަދައި ދިނުމަކީ އަހަރެންގެ ޒިންމާއެއް... އެކަމަކު ޒިދާން ވެސް އުޅެން ވާނީ ވަރަށް ބަލައިގެން.. ކުއްލިއަކަށް ހުރިހާ ކަމެއް ތާޝާއަށް ކިޔައިދޭން އުޅެފި ނަމަ އޭނާގެ ސިއްޙަތަށް އެކަމުގެ ނޭދެވޭ އަސަރުކޮށްފާނެ.. ޑޮކްޓަރުން ބުނަނީ ތާޝާ ސިކުނޑިއަށް މާބޮޑަށް ބާރުލައިފި ނަމަ އޭނާގެ ފުރާނައަށް ވެސް ނުރައްކާ ވެދާނެ ކަމަށް.." ޖީނާ އޮޅުންފިލުވައި ދިނެވެ. އެ ދުވަހު ޖީނާއާއި ޒިދާން ވަކިވީ ތާޝާއާ ދެވަނަ ފަހަރަށް ޒިދާން ބައްދަލު ކުރާނެ ގޮތާއި ތަން ކަނޑައެޅުމަށް ފަހުގައެވެ.

*****

އަންފޫޒާއާއި ޝާނާ ވާހަކަދައްކަން ތިބީ ޝާނާގެ ކޮޓަރީގައެވެ. ޝާމިންއާ މެދު ޝާނާ ފަރުވާކުޑަކޮށް ކަންތައް ކުރާތީ އަންފޫޒާ މަސައްކަތް ކުރީ ޝާނާއަށް ރަނގަޅު ނަޞޭހަތެއް ދެވޭތޯއެވެ. ޝާމިން އެހައި ރަނގަޅުކޮށްފައި އަންފޫޒާ ވާހަކަ ދައްކާތީ އޭނާގެ އަސްލު ހަޤީގަތް އަންފޫޒާއަށް ބުނެދޭން ކިތަންމެ ފަހަރަކު ޝާނާގެ ހިތަށް އެރިއެވެ. އެހެން ނަމަވެސް އޭނާ ކެތްތެރިވިއެވެ. އެއްގޮތަކަށް ވެސް ފިރިމީހާގެ ވާހަކަ މަންމަގެ ގާތުގައި ދައްކާކަށް އޭނާ ބޭނުމެއް ނުވެއެވެ. އޭނާއަށް ބުނެވޭ ބަހެއްގެ ސަބަބުން ޝާމިނާ ދުރުވުމަށް މަގެއް ފަހިވާކަށް އެއްގޮތަކަށް ވެސް ޝާނާ ބޭނުމެއް ނުވެއެވެ.

ޝާމިން އައިސް ކޮޓަރިއަށް ވަނީ އަންފޫޒާ އެކޮޓަރިން ނިކުންނަން އުޅުނު ވަގުތުއެވެ. ޝާމިން ފެނުމުން ޝާނާ ވެސް އިން ތަނުން ތެދުވިއެވެ. ހަމަ އެހިނދު ޝާނާގެ ބޮލަށް އެނބުރުން އަރައި އަރިއަޅައިލިއެވެ. އެވަގުތު ޝާނާގެ ގައިގައި ހިފަހައްޓައިލެވުނީ އެންމެ ގާތުގައި ހުރި އަންފޫޒާއަށެވެ. ޝާނާ ގަދަޔަށް ހުން އައިސްފައި ހުރިކަން އަންފޫޒާއަށް ފާހަގަވީ ޝާނާގެ ހަށގަނޑުގައި އަތްޖެހުނު ހިނދުއެވެ. މަންޒަރު ބަލަން ހުރި ޝާމިން ވެސް އޭނާގެ މޫނުމަތިން ކަނބޮޑުވިކަން ދައްކައިލީ ގާތުގައި އަންފޫޒާ ހުރުމުންނެވެ.

" ދަރިފުޅު ތި ހުރީ ހުންއައިސަފައެއްނު.. ކީއްވެ ކުރިން ނުބުނީ..." ޝާނާ އެނދުގައި ބައިންދަމުން އަންފޫޒާ ބުންޏެވެ. ޝާނާ އެއީ އޭނާ ބަލިވިޔަސް އެވާހަކަ ދައްކައި އުޅޭ ކުއްޖެއް ނޫނެވެ. އޭނާ ދެކޭ ގޮތުގައި އޭނާއަށް ހަމްދަރުދީ ހީވާ އެއްވެސް މީހެއް އެ ގެއަކު ނޫޅެއެވެ.

" ތެދެއް ޝާނާ... ކީއްވެ ހުންއައިސްފައި ހުރި ވާހަކަ ނުބުނީ.. " ޝާނާގެ ގާތުގައި އިށީނދެ އޭނާ ނިތްކުރީގައި އަތްޖައްސައިލަމުން ޝާމިން ވެސް އަހައިލިއެވެ. ދެއްކުންތެރިކަމަށް ނަމަވެސް ޝާމިންގެ ފަރާތުން އޯގާތެރިކަމެއް ފެނުނީތީ ޝާނާ އުފާކުރިއެވެ. ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ.

" ޝާމިން ދަރިފުޅު ދާންވީނު ޝާނާ ގޮވައިގެން ޑޮކްޓަރަށް ދައްކަން... " އަންފޫޒާ އެދުނެވެ. ބޭނުން ނުވި ނަމަވެސް އަންފޫޒާގެ އެދުމުގެ މަތިން ޝާމިނަށް ޖެހުނީ ޝާނާ ގޮވައިގެން ދާން އެއްބަސް ވާށެވެ.

މާގިނައިރު ނުވަނީސް ޝާނާ ގޮވައިގެން ޝާމިން އައިސް ހުއްޓިއްޖެއެވެ. ސޯފާގައި އިން އަންފޫޒާ ޝާނާގެ އަތުގައި ހިފައިގެން ގޭ ބޮޑު ދޮރާ ދިމާލަށް ހިނގައިގަނެއްޖެއެވެ.

" ކާރުގަ ދޭ... ބޯ އަނބުރަނިކޮށް ސައިކަލުގައި ދިޔުން އެހާ ރަނގަޅެއް ނޫން.." އަންފޫޒާ ޝާމިނަށް ބުންޏެވެ. އެމީހުންނާ އެއްވަރަށް ހިނގަމުން އައި ޝާމިން ބޯޖަހައިލިއެވެ. އަންފޫޒާ ޑްރައިވަރަށް ގުޅުމުން މާގިނައިރު ނުވަނީސް ޑްރައިވަރު ކާރުގައި އައިސް މަޑުކޮށްލިއެވެ. އެހިސާބުން ޝާނާގެ ގަޔާ ކައިރިކޮށްލައިގެން ހުރެ ކާރާ ދިމާލަށް ޝާމިން ދާން ފެށިއެވެ. ޝާމިނާ އެހާ ގާތުގައި ހުރެވެމުން ޝާނާއަށް ލިބެމުން ދިޔައީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. އަބަދުވެސް އޭނާ އެގޮތަށް ހުމެއް އައިސްފައި ހުންނާނެ ނަމައޭ ހިތަށް އެރިއެވެ.

*****

މާޒް ހުން އައިސްފައި ހޮޑުލާތީވެ ޒައިނާއާ އެކު އޭނާ ޑޮކްޓަރަށް ދައްކަން ގޮސް ރާއިފް ހުއްޓެވެ. ޑޮކްޓަރަށް ދައްކައި ނިންމައިފައި ބޭސް ނަގަން ޖެހުމުން ކިޔޫގައި މަޑުކުރަން ޖެހުނެވެ. އެހެންކަމުން ޒައިނާއާއި މާޒް ކާރެއްގައި ގެއަށް ފޮނުވައިލިއެވެ. މީހުން ގިނަވުމުގެ ސަބަބުން ނަމްބަރު ޖެހެން ފުދޭވަރަކަށް ގިނައިރު ނަގާނެކަން ރާއިފަށް އެނގޭތީވެ ހުސްގޮނޑިއެއް ހޯދައިގެން އޭނާ އިށީނެވެ. އެވަގުތު ރާއިފްގެ ސަމާލުކަން ހުއްޓުނީ ދޮރުން ވަދެގެން އަންނަ ބަޔަކަށެވެ. ފިރިހެންމީހާ އެއީ ކާކުކަން ނޭނގުނަސް އޭނާގެ ގާތުގައި ހުރި އަންހެންމީހާ ފެނި އޭނާގެ ހިތުގެ ހިނގުން އަވަސް ކުރުވައިފިއެވެ. ވަދެގެން އަންނަ ޝާނާއަށް އޭނާ ފެނިދާނެތީ ރާއިފް އިންތަނުން ތެދުވެ އޭނާއަށް ނުފެންނާނޭހެން ނިވައިވެލިއެވެ. ޝާނާގެ ގާތުގައި ހުރީ ކޮންފިރިހެނެއްކަމާ މެދު ހިތުގައި ސުވާލު އުފެދެމުން ދިޔައިރު އެހިތަށް ނުތަނަވަސް ކަމެއް ވެރިވަމުން ދިޔައެވެ. ކަންދިމާކުރި ގޮތުން އެމީހުން އައިސް ހުއްޓުނީ ރާއިފަށް ފުރަގަސްދީގެން ކަހަލަ ގޮތަކަށް އޭނާގެ ކުރިމަތީގައެވެ.

" ދާންވީނު ނަމްބަރެއް ނަގަން..." ޝާނާ ބުނި އަޑުއިވުނެވެ. ޝާމިން އޭނާގެ ފަހަތް ބަލައިލިއެވެ. އެމީހުން އައި ކާރު ފެންނަން ނެތުމުން ޝާނާ އާ ދުރަށް ޖެހިލިއެވެ.

" ބުނަން.. އަހަރެންނަކީ ކަލެއާ ކަލޭ މަންމަގެ ނޯކަރެއް ނޫން.. މި ހިސާބަށް ވެސް މިއައީ އަހަރެން އަންނަން ބޭނުންވެގެނެއް ނޫންކަން ކަލެއަށް ވެސް އެނގޭނެ.. ކަލޭ ބަލިވިޔަސް އަދި މަރުވިޔަސް އަހަރެންނަށް ހެޔޮ.. އަހަރެން މިދަނީ... " ޝާނާއާ ދިމާލަށް ޝާމިން ބުނެލި ވިހަގަދަ ބަސްތައް ޝާނާގެ ހިތަށް ހެރުނީ ތޫނު ކަށިތަކެއް ފަދައިންނެވެ. ލޮލަށް ކަރުނަ ޖަމާވެގެން ދިޔައީ ހިތަށްކުރި ފުން އަސަރަކުންނެވެ. ޝާމިން އަޅައިވެސް ނުލާ ނިކުމެގެން ދިޔައިރު ޝާނާއަށް އެ ދިމާލަށް ބަލަހައްޓައިގެން ހުރީ ރޮވިފައެވެ. ހިތުގައި ޝަކުވާތައް ފުނިޖެހިފައެވެ. ޝާމިނަކީ ރަހުމެއް ނެތް އިންސާނެއްކަން އޭނާއަށް އެނގެއެވެ. އެކަމަކު އެހާ ހިތް ހަރުވެދާނެ ކަމަކަށް އޭނާއަށް ހީކުރެވިފައެއް ނެތެވެ.

ފަހަތުގައި ހުރި ރާއިފަށް ވެސް ހުރެވުނީ ބުނާނެ އެއްޗެއް ނޭގިފައެވެ. އެއީ ޝާނާއާ ކޮންގުޅުމެއް އޮތް މީހެއް ބާއޭ ހިތަށް އެރިއެވެ. ރާއިފް ބޯ އަރިކޮށްލަމުން ޝާނާގެ ރޮވިފައިވާ މޫނަށް ބަލައިލިއެވެ. އެހިނދު އޭނާގެ ހިތަށް ތަދުވިއެވެ. އެ ލޮލުން އައިސްފައިވާ ކަރުނަތައް ފޮހެދޭން ބޭނުންވިއެވެ. ޝާނާ އަރިއަޅައިލިތަން ފެނުމުން ބޭއިޚްތިޔާރުގައި ރާއިފަށް ޝާނާގެ އުނަގަނޑުގައި ހިފަހައްޓައިލެވުނެވެ. އޭނާގެ ގައިގައި ހިފެހެއްޓި މީހަކަށް ޝާނާއަށް ބަލައިލެވުނެވެ. ރާއިފްގެ ނަން އޭނާއަށް ކިޔައިލެވުނު ވަގުތު އޭނާ ޚަބަރު ހުސްވިއެވެ. ރާއިފް އޭނާގެ އަތްދަނޑިމައްޗަށް ޝާނާ އުފުލައިލައިގެން އަވަސްފަރުވާދޭ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.

*****

ރަސްފަންނުގެ ހިތްގައިމު މަންޒިލަށް އާދެވުމާ އެކު ތާޝާއަށް ހަށީފުރާ ނޭވައެއް ލެވުނެވެ. ބަލައިލި ކޮންމެ ދިމާލަކުން އޭނާއަށް ފެންނަމުން ދިޔައީ ހިތްގައިމު ކަމެވެ. ޖައްވުގެ ތެރެއިން ފެންނަމުން ދިޔަ ޤުދުރަތީ ޗާލު މަންޒަރަށް އޭނާގެ ހިތް ދޫވެއްޖެއެވެ. ހިތަށާ ސިކުނޑިއަށް ބުނެދޭން ނޭނގޭ އަރާމެއް އިހުސާސްވެއްޖެއެވެ. ފެންނަ މަންޒަރުތަކުން އޭނާއަށް ލިބެމުން ދިޔައީ ބަޔާން ކުރަން ދަތި ހިތްހަމަޖެހުމެކެވެ. ހިތްގައިމު ވަރަކަށް ޖެހެމުން ދިޔަ ވައިރޯޅި އެއްވެސް ހުރަހެއް ނެތި އައިސް ބީހިލަނީ އޭނާގެ މޫނުގައެވެ. އެތަނަށް އޭނާ ގެނެސްދިނީތީ ޖީނާއަށް ޝުކުރު އަދާކުރިއެވެ. ކުޑަކުއްޖެއް ފަދައިން ދެއަތް ފުޅާކޮށްގެން ހުރެ ތާޝާ އެކި ދިމާލަށް ދުވަން ފެށިއެވެ. ބަލަން ތިބި މީހުންނަކަށް އޭނާގެ އެއްވެސް ފަރުވާލެއް ނެތެވެ. އެންމެފަހުން ޖީނާއަށް ޖެހުނީ ތާޝާ ހުއްޓުވާށެވެ. ތާޝާ ގޮވައިގެން ގޮސް ޖީނާ އިށީނީ އެތާހުރި ޖޯލިފައްޗެއްގައެވެ. އޭރު ވެސް ދެ ކުދިންނަށް އެސަރަހައްދުގައި ތިބި މީހުންގެ ނަޒަރު ހުއްޓިފައިވިއެވެ.

" މާލޭގަ މިކަހަލަ ތަންތަން ވެސް ހުންނަކަށް މި އެނގެނީ އަދި ކިރިޔާ.. އަޅެ ޖީން ކޮންމެ ދުވަހަކު ވެސް މިތަނަށް އަންނަން އަހަރެން ބޭނުން..." ތާޝާ ބުންޏެވެ. އެތަނަށް އޭނާ ލޯބި ޖެހިއްޖެއެވެ.

" ތިކަން ކޮށްދެވިދާނެ... ދެން ތާޝާ ބުނެބަލަ!! އެއްކަލަ ޕާޓީ އޮތް ރޭ ތާޝާ އަހަރެން ކައިރީގަ ވާހަކައެއް ބުނަން އުޅުނީމެއްނު.. އެއީ ކޮން ވާހަކައެއްތަ؟" ޖީނާ ސުވާލުކޮށްލިއެވެ. އެރޭ މަތިން ހަނދާންވުމުން ތާޝާގެ ތުންފަތްމައްޗަށް ވެރިވީ ލަދުރަކި ހިނިތުންވުމެކެވެ. ތާޝާއަށް ވީ ގޮތް ފެނި ޖީނާގެ ގާތަށް ހިނި އައި ނަމަވެސް ހިނިގަނޑު އެތެރެއަށް ހިންދައިލިއެވެ. އެރޭ ޒިދާނާ އެކު ހިނގާދިޔަ ކަންތައް ތާޝާ ޖީނާއަށް ކިޔައިދިނެވެ. ތާޝާގެ ތުންފަތަށް ވެރިވި ހިނިތުންވުން ފެނި ޖީނާއަށް ހަމަޖެހުމެއް ލިބިއްޖެއެވެ.

" ޖީން.. ނިކް ބުނި ވައްތަރު މީހެއްހެނެއް ހިއެއް ނުވޭ ޒިދާނަކީ.. ހީވަނީ އެއީ އަހަރެންނާ ވަރަށް ގާތް ގުޅުމެއް އޮތް މީހެއްހެން.. ޖީން ބުނެބަލަ.. އެއީ އަހަރެންނާ ކޮން ގުޅުމެއް އޮންނަ މީހެއްތަ؟.؟" ތާޝާ އަހައިލިއެވެ.

" އިރާދަކުރެއްވިއްޔާ ހުރިހާ އެއްޗެއް ވެސް ވަރަށް އަވަހަށް ތާޝާއަށް އެނގޭނެ... އަހަރެންގެ ނަސޭހަތަކީ ޒިދާންގެ އެއްވެސް ވާހަކައެއް އަހަރެން ނޫން މީހަކު ގާތުގައި ތާޝާ ނުދެއްކުން.. އޯކޭތަ؟" ޖީނާ އެދުނެވެ. ތާޝާ ހިނިތުންވެލަމުން ބޯޖަހައިލިއެވެ.

" އެބަ އަންނަން ކާލާނެ އެއްޗެއް ހިފައިގެން.. ތާޝާ މިތާނގަ މަޑުކޮށްލާ.." މިހެން ބުނެ ޖީނާ އިންތަނުން ތެދެވެ ދުރަށް ހިނގައިގަތެވެ. ޖީނާ ދިއުމާ އެކު އަނެއްކާ ވެސް ތާޝާގެ ނަޒަރު އުޑުމައްޗަށް ހުއްޓިއްޖެއެވެ. ދައުރުވަމުން ދިޔަ ވިލާކޮޅަށް ބަލަހައްޓައިގެން އޭނާއަށް އޮވެވުނީ ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލައިގެންނެވެ. އެހިނދު އޭނާގެ ހިތަށް ޒިދާންގެ ތަސްވީރު އައިސް ވަނީ ކުއްލިއަކަށެވެ. ޒިދާނާ އެންމެފަހުން ބައްދަލުވި ރޭގެ މަންޒަރުތައް ފިލްމެއްގެ ސިފައިގައި އޭނާގެ ސިކުނޑިގައި ދައުރުވާން ފަށައިފިއެވެ. އެރޭގެ މަންޒަރުތައް ތާޝާއަށް ސިފަވާ ވަރަކަށް އެހިތަށް ލިބޭ ހިތްހަމަޖެހުން އިތުރުވަމުން ދިޔައެވެ.

" އަހަރެންނާ ދޭތެރޭގަތަ ތި ވިސްނަނީ؟" ދާދި ކައިރިން އިވުނު ފިރިހެންވަންތަ އަޑުން ތާޝާ ސިހުނެވެ. ޖޯލީގައި ހަށިގަނޑު ސީދާކޮށްލުމަށް ފަހު އަޑު އައި ދިމާލަށް ބަލައިލިއެވެ. ކުރިމަތީގައި ހުރީ އެޖާދޫވީ އަޑުގެ ވެރިޔާ ޒިދާން ނޫން މީހެއް ނޫނެވެ. ފުރަތަމަ އޭނާއަށް ހީވީ ހުވަފެނެއްގައި އިނދެވުނު ހެންނެވެ. އެހެން ނަމަވެސް ޒިދާން އޭނާގެ މޫނުމަތީގައި ހުސްއަތްތިލަ ހިންގައިލުމާ އެކު އެއީ ހުވަފެނެއް ނޫންކަން ޔަގީންވެއްޖެއެވެ. ލަސްލަހުން އެސްފިޔަތައް ތިރިކޮށްލުމާ އެކު ތާޝާގެ ތުންފަތަށް ލަދުރަކި ހިނިތުންވުމެއް ވެރިވެއްޖެއެވެ. ތާޝާގެ އެ އަދާ ޒިދާންގެ ހިތް މޮޔަކުރުވައިފިއެވެ.

"އަހަރެން މިތަނުގައި އިށިންނަންތަ؟" ޒިދާން އެހިއެވެ. ތާޝާ ބޯޖަހައިލިއެވެ.

" އަބަދުވެސް ތިގޮތުގައި ހިނިތުންވެގެން ހުންނާތި.. ތި ހިނިތުންވުން އަހަރެންނަށް ވަރަށް އަގު ބޮޑު... " ތާޝާއާ ޖެހިގެން އެއް ޖޯލި ދޫކޮށް އިށިންނަމުން ޒިދާން ބުނެލިއެވެ. ތާޝާއަށް ޒިދާނާ ދިމާލަށް ބަލަހައްޓައިގެން އިނުން ނޫން ކަމެއް ނުކުރެވުނެވެ.

" ބުނީމެއްނު އަހަރެން ވަރަށް އަވަހަށް ތާޝާއާ ބައްދަލު ކުރާނަމޭ..." އަނެއްކާ ވެސް ޒިދާން ބުންޏެވެ.

" ތީ ކާކު... ؟ ޒިދާނާ އަހަންނާ އޮތީ ކޮންގުޅުމެއް؟" ތާޝާ ސުވާލުކޮށްލިއެވެ. ޒިދާން ފެނުމުން އޭނާއަށް އެވާ ގޮތްތަކުން އެސުވާލު ކުރަން މަޖުބޫރުވީއެވެ. ކަޅި ޖަހައި ވެސް ނުލައި އޭނާ އިނީ ޒިދާނަށް ބަލަހައްޓައިގެންނެވެ. އޭނާގެ އިންތިޒާރުކުރަމުން ދިޔައީ ޒިދާންގެ ފަރާތުން ޖަވާބަކަށެވެ. ހިތް އެދެމުން ދިޔައީ ޒިދާންގެ ޖަވާބުން އޭނާގެ ހިތަށް ހިތްހަމަޖެހުން ލިބުމަށެވެ.

" ބުނެފިއްޔާ ޤަބޫލު ކުރާނަންތަ؟" ޒިދާން ވެސް ކޮށްލީ ސުވާލެކެވެ. އަވަސްއަވަހަށް ތާޝާ ބޯ ޖަހައިލީ އެ ސުވާލުގެ ޖަވާބު އެނގެން ބޭނުންވެފައި ހުރިވަރުންނެވެ.

"ބުނަންވީތަ؟" އަނގައިން ނުބުނެ ތާޝާގެ މޫނަށް ހިނދުކޮޅަކު ބަލަން އިނދެފައި ޒިދާން އަނެއްކާ ވެސް އެހިއެވެ. މި ފަހަރު ވެސް ތާޝާ ބޯ ޖަހައިލިއެވެ. އޭނާގެ ދެލޮލުން ޒިދާން ކައިރީގައި ބުނާ ކަހަލައެވެ. އަހަރެން އެ ވަރަށް ނުތަޅުވާށެވެ. ތިއީ ކާކުކަން އަހަރެން ކައިރީގައި ބުނެދޭށެވެ. ޔަގީނެވެ. ތިއީ އަހަރެންގެ ހިތާ ގުޅިލާމެހިފައިވާ މީހެކެވެ. އެހެން ނޫން ނަމަ ތި އިންސާނާ ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ހިތުގެ ހިނގުން އަވަސްވާންވީ ކީއްވެގެން ހެއްޔެވެ؟ ތި އިންސާނާ އާ މެދު އަބަދު އަހަރެންނަށް ފިކުރު ކުރެވެންވީ ކީއްވެގެން ހެއްޔެވެ؟ އަބަދު ދެކިލަން އަހަރެންގެ ހިތް އެދެންވީ ކީއްވެގެން ހެއްޔެވެ؟ ތި ސޫރަ ފެނުމުން އަހަރެންގެ ހިތް ހަމަޖެހެންވީ ކީއްވެގެން ހެއްޔެވެ؟ އަބަދު ގާތުގައި ހުންނަން އެދެވެނީ ކީއްވެގެން ހެއްޔެވެ؟

(ނުނިމޭ)

  1. ކުރީ