ވާހަކަ

ދުރުގާވުން ހިތް ނޭދޭ! (ވިހިވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ދުރުގާވުން ހިތް ނޭދޭ! (ފުރަތަމަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދެވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތިންވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތަރުވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނުވަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދިހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! ( އެގާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސާދަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަނަރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސޯޅަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސަތާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނަވާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ވިހިވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެކާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފައްސަވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްބީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ހަތާވީސް ވަނަބައި) ދުރުގާވުން ހިތްނޭދޭ! (އަށާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ނަވާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ތިރީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެއްތިރީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ބައްތިރީސް ވަނަ ބައި) ދުރުގާވުން ހިތްނޭދޭ! ( ތެއްތިރީސްވަނަ ބައި)

ޝާނާ ރާއިފާ ބައްދަލުކުރަން އެ ދަނީ އެކަމަށް އެދި އޭނާގެ ހިތް އެދި ގޮވާވަރުންނެވެ. ރާއިފް އަމިއްލައަށް މަރުވާން މަސައްކަތްކުރިކަން އެނގުނު ހިސާބުން ޝާނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. ރޭގެ ނިދިން ވެސް އޭނާ މަހުރޫމް ކުރީ ރާއިފްގެ ޚިޔާލުތަކެވެ. ރާއިފާ މެދުގައި އޮތް ކަންބޮޑުވުމެއްގެ ސަބަބުންނެވެ. ޖީނާ ގާތުގައި އަހައިގެން ވެސް ރާއިފް ހާލު އޮޅުންފިލުވަން ޝާނާގެ ހިތަށް އެރިއެވެ. ނަމަވެސް އެކަމުން ވެސް ޖީނާ ނުބައި ހީއެއް ކޮށްފާނެތީ އަމިއްލައަށް ރާއިފާ ބައްދަލުކުރާން ދާން ނިންމީއެވެ.

Ads by STELCO

*****

ސޯފާގައި އޮތް މާދިހަށް އޮތީ ނިދިފައެވެ. ކުޑަކޮށް ނިދައިލެވުނު ނަމަވެސް ރަނގަޅަށް ނިދި ހަމަނުޖެހޭތީ ޒައިނާ އައުމުން ނިދައިލަން އޮށޯތީ ޒައިނާގެ އެދުމުގެ މަތިންނެވެ. ރާއިފް އޮތް އެނދު ކައިރީގައި ހުރި ގޮނޑީގައި ޒައިނާ އިށީނދެގެން އިނެވެ. އޭނާގެ ނަޒަރު ހުއްޓިފައި ވަނީ އަރާމު ނިންޖަކުން ނިދައިލައިފައި އޮތް ރާއިފަށެވެ. ވިސްނެމުން ދިޔައީ ރާއިފް އެވަރުގެ ބޮޑު ފިޔަވަޅެއް ނަގަން ޖެހުނު ސަބަބަކާ މެދުގައެވެ. ޒައިނާއަށް އެނގޭ ގޮތުން ރާއިފަކީ ޒިދާނަށް ވުރެ ކެތްތެރި ހިތްވަރުގަދަ އިންސާނެކެވެ. ދީނުގެ އިލްމު ވެސް ޒިދާނަށް ވުރެ ބޮޑަށް ލިބިފައި ހުންނާނީ ވެސް ރާއިފަށެވެ. ޒިދާން ވެސް އެންމެ ހިތްދަތިވި ދުވަހު އެފަދަ ފިޔަވަޅެއް ނުނަގައެވެ. އަމިއްލައަށް މަރުވުމަކީ ކުފުރުގެ މަރެއްކަން ރާއިފަށް އެނގޭނެކަން ކަށަވަރެވެ. ރާއިފް މަޑުމަޑުން ލޯހުޅުވައިލީ ޒައިނާ ބަލަން އިންދައެވެ. ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކުރުވަމުން ޒައިނާ ރާއިފްގެ ނަމުން ގޮވައިލިއެވެ. އެހިނދު ރާއިފްގެ ދެލޯ ޒައިނާއަށް އަމާޒުވިއެވެ. އެ ދެ ލޮލުން ފެންނަމުން ދިޔައީ ޝަކުވާއެވެ.

" އަހަރެން މަރެއް ނުވޭތަ؟" ބަލި އަޑަކުން ރާއިފް އަހައިލިއެވެ. އެހެންބުނުމާ އެކު ޒައިނާއަށް އަނގަމަތީގައި އަތް އަޅައިލެވުނީ ސިހުނު ވަރުންނެވެ. އެފަދަ އެއްޗެއް ރާއިފަށް ބުނަން ކެރުނުކަމޭ ހިތަށް އެރިއެވެ. ހޭއެރުމާ އެކު އެންމެ ފުރަތަމަ ވެސް ރާއިފް އެކަހަލަ އެއްޗެއް ބުނެފާނެ ކަމަށް ޒައިނާ ހިއެއް ނުކުރެއެވެ.

" ސުބުހާނަﷲ.. ރާއިފް ކޮއްކޮ ކީކޭތަ ތި ކިޔަނީ... ރާއިފް އުމުރު ދިގު ކުރައްވާށި.. އާމީން!!" ޒައިނާ އެހެން ބުނިއިރު އޭނާއަށް ރޮވިއްޖެއެވެ.

" ނޫން ދޮންތާ... އަހަރެން ދިރިހުރުމުގެ މަޤްސަދަކީ ކޮބާ.. އަހަރެންގެ އަތުގައި އޮތީ ކޯއްޗެއް.. އަހަރެންނަށް ހުރިހާ އެއްޗެއް ގެއްލިއްޖެ.. ލޯބިވި ކުއްޖާ ގެއްލި އެންމެ ގާތް އެކުވެރިޔާ ވެސް ގެއްލުނީ.. ވަޒީފާއެއް ނެތި އުޅެމުން މިދަނީ ދޮންބެގެ ތައްޕާހުގަ...އަހަރެންނަށް އަހަރެންގެ މުސްތަޤުބަލް ފެންނަނީ ވަރަށް އަނދިރިކޮށް" ރާއިފަށް ޝަކުވާ ކޮށްލެވުނެވެ. އިންސާނާ ދުނިޔެއަށް ފޮނުވުމުގެ މަޤްސަދު ރާއިފަށް އެނގިހުރެ ވެސް އެކަހަލަ ސުވާލެއް ކުރީތީ ޒައިނާ ހައިރާންވިއެވެ. ރާއިފްގެ އެހާ އީމާންތެރިކަން ކުޑަވީ ކޮންއިރަކު ހެއްޔޭ ހިތަށް އެރިއެވެ.

" މާތް ﷲ އިންސާނާ މި ދުނިޔެއަށް ފޮނުއްވައިފައި ވަނީ އެކަލާނގެއަށް އަޅުކަން ކުރުމަށް.. އެކަލާނގެ އެންގެވި ގޮތަށް އުޅުމަށް.. ދުނިޔެމަތީގަ ދިމާވާ ދަތިތަކަކީ އެކަލާނގެ ކުރިމަތިކުރައްވާ އިމްތިހާނެއް... އާޙިރަތުގެ ބާއްޖަވެރިކަން އޮތީ އެ އިމްތިޙާނުތަކަށް ކެތްތެރިވާ މީހާއަށް... ދުނިޔޭގައި އެކި ކަހަލަ މުސީބާތްތައް ކުރިމަތިވާނެ... މާތް ﷲ މުސީބާތް ޖައްސަވާނީ ވެސް އެކަލާނގެ އެންމެ ލޯބިވެވޮޑިގަންނަވާ އަޅުންނަށް... ރާއިފަށް ވުރެ މާ ހާލުގައި އުޅޭ މީހުން ވެސް ދުނިޔޭގައި އެބައުޅޭ... މިއަދު ރާއިފް އަތުގައި ލާނެ އަންނައުނު އެބަހުރި، ކާނެ އެއްޗެހި އެބަހުރި ، ލޯބިވާ އާއިލާއެއް އެބައޮތް، އުޅޭ ތަނެއް އެބަހުރި.. ރާއިފަށް ލިބިފައި ތި ހުރި ނިއުމަތްތައް އެއްވެސް ވަރަކަށް ނުލިބޭ މީހުން ވެސް ދުނިޔޭގައި އެބައުޅޭ... އެހެންވީމާ ތިމާއަށް ލިބިފައި ހުރި ނިއުމަތްތަކަށް ޝުކުރުވެރިވުމުގެ ބަދަލުގައި ތި ގޮތަށް ޝަކުވާކޮށް އަމިއްލައަށް މަރުވާން އުޅުމަކީ އެކަލާނގެއަށް އުރެދުން... ދުނިޔެމަތީގައި އަހަރުމެންނަށް ހާދަ ހެޔޮކަމެއް ކުރެވިއްޖޭ ހީވާ ނަމަ އެއީ ކުށްހީ އެއް.... ވީމާ ކުރެވިފައި ހުރި މަދު ހެޔޮކަންތަކާ އެކު ކުފުރުގެ މަރަކުން މަރުވާން ޤަސްދުކުރަންވީ ކީއްވެ... ރާއިފްގެ ހަށިގަނޑުގައި ތި ވަނީ މާތްﷲ އެޅުއްވި ފުރާނައެއް.. އެފުރާނަ ގެންދަވަން ވީމައި ލަހެއް ފަހެއް ވެސް ނެތި ގެންދަވާނެ.. އެހެންވީމާ ރާއިފަށް ތި ކުރެވުނީ ވަރަށް ބޮޑު ފާފައެއް... އަޖަލު އައިސް ނުޖެހެނީސް އަވަހަށް ތިކަމަށް ތައުބާވޭ... " ޒައިނާ ނަސޭހަތްތެރިވީ މަޑުމައިތިރިކަމާ އެކު ނަމަވެސް އެއަޑުގައި ކޮންމެވެސް ވަރަކަށް ރުޅީގެ އަސަރު ވެސް ވިއެވެ. ރާއިފްގެ ލޮލުގެ ކަނަކުން ފޭބި ކަރުނަ ތިކި ކަންފަތް ހުރަސްކޮށް ވެއްޓުނީ ބޯ ދަށުގައި އޮތް ބާލީހަށެވެ. ޒައިނާ ދެއްކި ވާހަކައިން އޭނާއަށް ހަމަވިސްނުން ލިބިއްޖެއެވެ. ނަމަވެސް ހަމަ ވިސްނުން ލިބުނު ވަގުތު މި ވަނީ ފާއިތުވެފައެވެ. އޭނާއަށް އަރައިގަނެވިފައި އެ ވަނީ ބޮޑު ފާފައަކަށެވެ.

" އަހަރެންގެ އީމާންތެރިކަން ދަށްވީ.. ކުރެވެމުން ދިޔަ ހިތްދަތި އިހުސާސްތަކަށް ކެތްތެރި ނުވެވުނީ.. ޝައިތާނާ ބޮލަށް ސަވާރުވީ... " ރާއިފަށް ގިސްލެވެން ފެށުނެވެ.

" ރާއިފް ތި ހިތާމަ ކުރާ ކަމެއް ދޮންތައާ ހިއްސާކޮށްލަބަލަ.. މީހަކާ ހިއްސާކުރުމުން ވެސް ހިތަށް ހަމަޖެހުން ލިބޭނެ.. ރާއިފް ދައްކާ ކޮންމެ ވާހަކައެއް އެއްވެސް ފޫހިކަމެއް ނެތި ދޮންތަ އަޑުއަހާނަން.. ބުނެބަލަ.." ޒައިނާ ބުންޏެވެ.

" އަހަރެން އުޅެއުޅެ ވެސް ވަޒީފާއެއް ނުލިބުނު.. އެކައުންޓްގައި ހުރި ލާރިކޮޅު މުޅިން ހުސްވެއްޖެ... ހިތަށް އެރީ އަހަރެން މި ބޮޑު ލޫޒާރއެކޭ.. އަނެއްކޮޅުން އަހަރެންގެ އެންމެ ގާތް ރަހުމަތްތެރިޔާ އަހަރެންނަށް ދިން ކެހި ހިތަށް އަރާ ކޮންމެ ފަހަރަކު ހާދަ ހިތްދަތިވެޔޭ ދޮންތާ... ދުނިޔޭގެ އެންމެން އަހަރެންނަށް ކެހި ދިނަސް އަހަރެންނަށް ކެތްކުރެވިދާނެ.. އެމީހުންނަށް މާފު ވެސް ކުރެވުނީސް... އެކަމަކު ޒިދާން.... ޒިދާނަކީ އަހަރެންގެ ހަށިގަނޑުގެ އެއްބައިކަމަށް ދެކިގެން އުޅުނު މީހާ.. އޭނާ އެވަރު ބޮޑު ކެއްސެއް އަހަރެންނަށް ދިނީ އަހަރެންގެ ލޯބިވެރިޔާއާ އެކު.. ޝާނާ... ދުވަހަކު ވެސް އެހާ ލޯތްބެއް އެހެން ކުއްޖަކުދެކެ ނުވަން.. އޭނަ އަހަރެންނަށް ކޮންމެ ގޮތެއް ހެދިޔަސް އަހަރެންގެ މިހިތް އަދިވެސް ބޭނުން ވަނީ އޭނާ... އަހަރެން އަމިއްލަ ނަފްސު ދެކެ އެންމެ ރުޅި އަންނަ އެއް ސަބަބަކީ އެއީ... ޝާނާ މަތިން އަހަރެންނަށް ހަނދާން ނައްތައެއް ނުލެވުނު.. " ކުރެހިފައިވާ އަޑަކުން ރާއިފް ބުންޏެވެ.

" ރާއިފް ވިސްނައިލަބަލަ! ތިހެން ތި ވަނީ ހެއްދެވި ފަރާތަށްވުރެ ބޮޑަށް އެހެންމީހުން ދެކެ ލޯބިވެވޭތީ... އެންމެ ބޮޑަށް ލޯބިވާން ޖެހޭ ފަރާތަކީ ﷲ ތަޢާލާ.. ދިރިއުޅުމުގަ ގިނަ ފަހަރަށް ނާކާމިޔާބާ ކުރިމަތިލާން ޖެހެނީ އާހިރަތަށް ވުރެ ދުނިޔަވީ ކަންތައްތައް އިސްކުރެވޭތީ... ޒިދާނަށް ދޮންތަ ނަސޭހަތް ދިން ދުވަހު ރާއިފް ވެސް އަޑުއަހަން ހުރީމެއްނު.. ހުރިހާ އެންމެނަށް ވުރެ އަދި ހުރިހާ އެއްޗަކަށް ވުރެ ބޮޑަށް ލޯބިވާންވީ ހެއްދެވި ފަރާތް ދެކެ. ދެ ދުނިޔޭގެ ފަލާހާ ކާމިޔާބު ލިބެން އޮތީ އެގޮތަށް އުޅެގެން... ތި އަންހެން ކުއްޖާ ރާއިފަށް ލިބެން ހުރިއްޔާ ލިބޭނެ.. އޮތީ ކެތްތެރިވުން.... ހުރިހާ ކަމެއްގައި ވެސް ވަކީލުކުރަން ވާނީ އެފަރާތަށް.. އޭރުން ރާއިފް ހީވެސް ނުކުރާހާ ގޮތްގޮތަށް ކަންކަމަށް މަގުފަހި ވެގެން ދާނެ.. " ޒައިނާ ނަސޭހަތްތެރިވިއެވެ. ރާއިފް ވަކި އެއްޗެއް ނުބުނެ ދެލޯ މަރައިލިއެވެ. އެވަގުތު މެރިފައިވާ ދެލޮލުގެ ތެރެއިން ފޭދިގެން އައީ ތާޒާ ކަރުނައެވެ.

މާދިހަށް ހޭވެރިކަންވީ ޒައިނާ ރާއިފަށް ގޮވައިލި އަޑު އިވިފައެވެ. އޮތްތަނުން ނުތެދުވިއެއް ކަމަކު އެ ދެމެދުގައި ދެކެވުނު ހުރިހާ ވާހަކައެއް މާދިހަށް އަޑު އިވުނެވެ. އެހާ ދީންވެރި، ހިތްހެޔޮ އަނތްބަކު ލިބުނީތީ ހިތާހިތުން ﷲއަށް ހަމްދުކުރެވުނެވެ. ޒައިނާ ރާއިފަށް ނަސޭހަތްތެރިވި ގޮތަށް ޚުދު އޭނާއަށް ވެސް ނަސޭހަތްތެރި ނުވެވޭނެކަން އޭނާ ޤަބޫލުކުރިއެވެ.

ޒައިނާއާއި ރާއިފްއާ ދެމެދު ދެކެވުނު ވާހަކަތައް އަޑުއަހަން އެތާ އެހެންމީހަކު ވެސް ހުއްޓެވެ. ކުޑަކޮށް ހުޅުވިފައިވާ ދޮރުގެ ބޭރުގައި އެމިހުންގެ ވާހަކަތައް އަޑު އަހަން ހުރި ޝާނާއަށް ވެސް ރޮވިއްޖެއެވެ. ޒައިނާގެ ވާހަކަތަކުން ޝާނާއަށް ވެސް އިބްރަތެއް ހާސިލް ވެއްޖެއެވެ. ރާއިފް އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުގެ ފަހަތުގައިވާ އެންމެ ބޮޑު ސަބަބަކީ އޭނާކަން އެނގުމުން ހިތަށް ވަރަށް އަސަރުކުރިއެވެ. އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. ރާއިފް އޭނާ ދެކެވީ ހަޤީޤީ ލޯބިކަން އިހުސާސްކުރެވުނެވެ. އެފަދަ ލޯތްބެއް މިދުނިޔެމަތީގައި އޭނާދެކެ ވާނެ އެހެން މީހެއް ނެތް ކަން ޔަގީން ކުރެވިއްޖެއެވެ.  އެތެރެއަށް ވަދެ ރާއިފްގެ ކިބައިން މައާފަށް އެދި ހަޤީގަތް ކިޔައިދޭން ބޭނުންވި ނަމަވެސް އެ ހިތްވަރެއް ނުލިބުނެވެ. ކުރިއަށް ފިޔަވަޅެއް އަޅައިފައި ވެސް މަޑު ޖެހެވުނީ ވަގުތަކީ އެންމެ ރަނގަޅުވަގުތަށް ނުވެދާނެތީއެވެ. އެތެރެއަށް ވަންނާނެ ހިތްވަރު ވެސް ނުލިބުނީއެވެ. އައިކޮޅަށް އެނބުރިދާން ހިނގައިގަތްއިރު ޝާނާގެ ދެލޮލުގައި ވިދަމުން ދިޔައީ ކަރުނައެވެ.

*****

ސޯފާގެ އެއްކޮޅުގައި އަންފޫޒާ އިންއިރު އަނެއްކޮޅުގައި އިނީ އަނީކެވެ. މީގެ އިރުކޮޅެއް ކުރިން އެމީހުން ދައްކަމުން ދިޔައީ ތާޝާގެ ވާހަކައެވެ. އަންސޫދާއާއި ދާނިޔާލްއަށް ނުގުޅޭތީ އެވާހަކައެވެ. ތަނަށް ވެރިވެފައިވި ހިމޭންކަން ނަގައިލީ އެތަނަށް އައިސް ހުއްޓުނު ޖީނާއެވެ.

" މަންމާ!! އަހަރެން ވާހަކައެއް ބުނަން ބޭނުން..." އަންފޫޒާގެ ކުރިމަތީގައި ހުރި ސޯފާގޮނޑީގައި އިށީންނަމުން ޖީނާ ބުންޏެވެ.

" އަވަހަށް ބުނޭ ދަރިފުޅާ... ކިހިނެއްވީ؟ ތާޝާ ރަނގަޅުތަ؟" އަންފޫޒާ އަހައިލިއެވެ. ޖީނާއާ ދިމާލަށް އަނީކްވެސް ބަލައިލި އެސުވާލުގެ ޖަވާބު އޭނާ ވެސް އެނގެން ބޭނުންވެފައިވާތިއެވެ.

" ތާޝާއަށް ނަފްސާނީގޮތުން ވަރަށް ބޮޑު އަސަރުކޮށްފައި ހުރިހެން ހީވަނީ.. އަތް ޖަހައިލިޔަސް ނޫނީ ބަހެއް ބުންޏަސް ސިއްސައިގެން ދަނީ... ނުވެސް ކައި.. ހެނދުނު ވަރަށް ކިޔައިގެން އެންމެ ރޮއްޓެއް ކެއި ގޮތަށް އެ އޮތީ.." ޖީނާ ވަރަށް ދެރަވެފައި ބުންޏެވެ. އަންފޫޒާ ދެ ފަރާތަށް ބޯހޫރާލީ ތާޝާގެ އިހުސާސްތައް ހުންނާނެ ގޮތް އިހުސާސް ކުރެވޭތީއެވެ. އަނީކް ވެސް އިނީ ތާޝާގެ ހާލާ މެދުގައި ވިސްނި އެކަމާ ދެރަވެފައެވެ.

" އަހަރެންނަށް ފެންނަނީ ތާޝާ ސައިކޮލޮޖިސްޓަކަށް ދައްކަން... " ޖީނާ ބުންޏެވެ.

" ރަނގަޅު ކަމެއް.. އެކަމަކު އެކަހަލަ މީހުންނަށް އެހާ އަވަހަށް އެޕޮއިންޓްމަންޓް ހޯދަން އުނދަގޫ ވާނެއްނު.." އަންފޫޒާ ބުންޏެވެ.

" ނޫނޭ މަންމާ.. އެބަހުރި ވަރަށް ރަނގަޅު މީހެއް.. އަނީކްގެ ފްރެންޑެއް.. އޭނާ ހުރީ މިގެއަށް މިރޭ އައިސްދޭން ތައްޔާރަށް.." ޖީނާ އަނީކަށް ބަލައިލަމުން ބުންޏެވެ. އަނީކަށް ޖީނާގެ މޫނަށް ބަލައިލެވުނީ ހައިރާންވެ އިނދެއެވެ. މާލޭގައި އޭނާގެ ރަހުމަތްތެރި ނަފްސާނީ ޑޮކްޓަރެއް ހުންނަކަން އޭނާއަށް ވެސް އެނގުނީ އަދި ކިރިޔާ ވިއްޔާއެވެ.

" އެއީ ތެދެއްތަ އަނީކް؟ އެހެންވީއިރު ތިމީހަކު އަވަހަށް ގެންނަން އުޅެންވީއެއްނު.. ވީހާ ވެސް އަވަހަކަށް ފަރުވާ ލިބުނީމަ ރަނގަޅު ވާނީ" އަންފޫޒާ އަނީކަށް ބަލައިލަމުން ބުންޏެވެ. އަނީކް ބަލައިލީ ޖީނާއަށެވެ. ޖީނާއާ ދިމާލަށް ދެލޯ ހަނިކޮށްލެވުނީ ބުނާނެ އެއްޗެއް ނޭނގިގެންނެވެ. އެހިނދު ޖީނާ މޫނުމަތިން މައުސޫމުކަން ދައްކައިލަމުން އާނއެކޭ ބުނުމަށް އިޝާރާތްކޮށްލިއެވެ. ޖީނާގެ ސިކުނޑީގައި ރާވަމުން ދާ ކަމަކާ މެދު ވިސްނަމުން އަނީކަށް އާއެކޭ ބުނެވުނީ ވަރަށް އުނދަގުލުންނެވެ.

" އެހެންތަ!! އެހެންވިއިރު ގުޅާ އަވަހަށް.. މަންމަ މި އިނީ އަދި އިޝާ ނަމާދު ވެސް ނުކޮށް... ތި މީހަކު އަންނަންވާއިރަށް އަންނާނަން ނަމާދުކޮށްލައިގެން..." އިން ތަނުން ތެދުވަމުން އަންފޫޒާ ބުންޏެވެ. ޖީނާ ހިނިތުންވެލަމުން އިންތަނުން ތެދުވިއެވެ.

"އަސްތަޣްފިރުﷲ... ސޮރީ މަންމާ ދޮގެއް ހެދުނީތީ.." އަންފޫޒާ ދާތަން ބަލަހައްޓައިގެން ހުރި ޖީނާއަށް ހިތުން ބުނެވުނެވެ.

"  ކޮން ސައިކޮލޮޖިސްޓެއްގެ ވާހަކަ ތި ދައްކަނީ.. އަދި ބުނެފިއެއްނު އަހަރެންގެ ފްރެންޑެކޭ.. " ޖީނާގެ ގާތުގައި ހުއްޓެމުން ހަމައެކަނީ ޖީނާއަށް އިވޭ ވަރަށް އަނީކް ބުންޏެވެ.

" ސޮރީ.. ޒިދާން ތާޝާއާ ބައްދަލުކުރަން ބޭނުންވެގެން އުޅޭތީ.. ތާޝާއަށް ވެސް މިވަގުތު ޒިދާން ފެނުނިއްޔާ ވަރަށް އުފާވާނެ.." ޖީނާ ބުންޏެވެ.

" އެހެންވީމަ ތިބުނާ ސައިކޮލޮޖިސްޓަކީ ޒިދާން ދޯ.. " އަނީކް ވިސްނައިލަމުން ބުންޏެވެ.

" ދެން އަހަރެންގެ ބޮލަށް ކަނޑައިލާން ޖެހޭތަ.... ޖީނާގެ ފްރެންޑެކޭ ނުބުނީ ކީއްވެ.... " އަނީކް ޝަކުވާ ކޮށްލިއެވެ.

" މަންމައަށް އެނގޭނެ އަހަރެންގެ ފިރިހެން ރައްޓެހިން ނުތިބޭނެކަން.. އެހެންވީމަ އަނީކްގެ ރައްޓެސެކޭ ބުނީ... ދެން އެކަން މާބޮޑު ކަމަކަށް ނުހަދަބަލަ.." ފޯނުގައި ޒިދާންގެ ނަމްބަރު ޖަހަމުން ޖީނާ ބުންޏެވެ.

" ބޮޑުކަމަކަށް ނުހަދަން... ޖީނާގެ މަންމައަށް ޒިދާން ފެނުނީމަ ނޭނގޭނެ ކަމަށްތަ ހިކުރަނީ" އަނީކް އަހައިލިއެވެ.

" އެކަމާ އަނީކް ކަންބޮޑު ނުވެބަލަ... އަހަރެން ހުރިހާ ކަމެއް ހަމަޖައްސާނަން... އަނީކް ކޮށްދެންވީ ކަމަކީ އަނގަ މަޑުން ލައިގެން ހުންނަންވީ.." ޖީނާ ބުންޏެވެ. އަނީކް މޫނަށް ހަދައިލިގޮތުން ޖީނާއަށް ހޭން ފެށުނެވެ. އަނީކަށް އެ ގޮތަށް ޖީނާ ހެނިކޮށް ފެނުނީ ފުރަތަމަ ފަހަރަށެވެ. ގުދުރަތީގޮތުން ޖީނާއަށް ލިބިފައިވާ ފިޔާތޮށިކުލައިގެ ހިމަ ތުންފަތަށް އަނީކަށް ބަލައިލެވުނީ ބޭއިޚްތިޔާރުގައެވެ. ރީތި ހިނިތުންވުމެކޭ ހިތަށް އެރިއެވެ. އެހިނދު އަނީކް ވެސް ހިނިތުންވެލިއެވެ. ނަމަވެސް ދެވަނަ ހިނދުގައި މޫނުމައްޗަށް ސީރިއަސްކަން ގެންނަމުން ކަރުކެހިލިއެވެ.

" ހެލޯ ޒިދާން... ކޮބާ ރެޑީތަ؟" ޖީނާ ފޯނު ކަންފަތުގައި ޖަހައިލަމުން އަހައިލިއެވެ.

" އާނ.. މިހިރީ ތިގޭ ދޮރުމަތީގަ.. އެހެންގެއަކަށް ބަދަލުވި ވާހަކަ ނުވެސް ބުނަމެއްނު.." ޒިދާން ބުންޏެވެ.

" ތިވާހަކަ ދައްކާނީ ފަހުން.. މިކިޔައިދޭ ކޯޑު ޖަހާފަ ވަދެބަލަ.. އަވަސްކުރައްޗޭ.. މަންމަ ނަމާދުކޮށް ނިމެންވާއިރަށް މިކަން ނިންމަން ޖެހޭނެ.." ޖީނާ އެހެން ބުނުމަށް ފަހު ޒިދާނަން އެގޭގެ ކޯޑު ކިޔައިދިނެވެ. އިރުކޮޅަކުން ގޭތެރެއަށް ވަދެގެން އައީ ޒިދާނެވެ. އަތްދިގު ގަމީހަކާ އެކު ފަޓުލޫނެއް ލައިފައިވާއިރު ހުރީ ބެގީކޮށްފައެވެ. ނޭފަތާއި އަނގައައި އެކު މާސްކެއް އަޅައި ލޮލުގައި ވަނީ ބޮޑު ، ނަމްބަރު އައިނެއް އަޅައިފައެވެ. ޒިދާންހުރި ގޮތުން ޖީނާގެ ގާތަށް ހިނިއައެވެ. އަވަހަށް ޒިދާން ގޮވައިގެން ސިޑިއާ ދިމާލަށް ހިނގައިގަތީ އަންފޫޒާ ނަމާދުކޮށް ނިމުމުގެ ކުރިން ޒިދާން ތާޝާއާ ބައްދަލުކުރުވުމަށެވެ. އަނީކް ވެސް އެދެމީހުންގެ ފަހަތުން ހިނގައިގަތެވެ.

" އަހަރެން ވަންނާނަން ޒިދާން ގޮވައިގެން އެތެރެއަށް.. އަނީކް ބޭރުގަ ހުރޭ މަންމަ އާދޭތޯ ބަލަން.. މަންމަ އެތެރެއަށް ވަންނަން އުޅެފި ނަމަ...." އެހިސާބަށް ބުނެފައި ޖީނާ ހުއްޓުނެވެ. ބުނާނެ އެއްޗެއް ނޭނގުނީއެވެ.

" ވަންނަން އުޅެފިނަމަ؟" އަނީކް ނިތްއަރުވައިލަމުން ޖީނާ ބުނި އެއްޗެއް ތަކުރާރު ކޮށްލިއެވެ.

" ވަންނަން އުޅެފިނަމަ ހަދާނެ ގޮތް އެނގޭނީ އަނީކަށް... ކޮންމެ ގޮތެއް ހަދައިފަ ވެސް މަންމަ އެތެރެއަށް ވަނެ ނުދޭތި.." ޖީނާ އަވަސް އަވަހަށް ބުންޏެވެ. އެއަށް ފަހު އަނީކަށް ވާހަކަ ދައްކާނެ ފުރުސަތެއް ނުދީ ޒިދާން ގޮވައިގެން އެތެރެއަށް ވަނެވެ.

*****

ފެންވަރައިގެން ނިކުތްގޮތަށް ބަރތްރޯބާ އެކު އަންސޫދާ އިނީ އެނދުމަތީގައި އިށީނދެގެންނެވެ. އަންސޫދާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އޭނާގެ ލޯބިވާ ދަރިފުޅު ތާޝާގެ ހަނދާންތަކެވެ. ތާޝާގެ އަޑުއަހައިލާ ހިތުން ވެސް އަންސޫދާ ވަނި ކެތްމަދުވެފައެވެ. އެހެން ނަމަވެސް ތާޝާ ގުޅާނެ ދުވަހަކަށް އިންތިޒާރު ކުރުން ނޫން ގޮތެއް ނެތެވެ. އެއީ ދާނިޔާލް އަންގައިފައި އޮތްގޮތެވެ.

ކުއަލަ ލަމްޕޫރު ކައިރީގައި އޮންނަ ބީޗް ރިސޯޓަކަށް އަންސޫދާ ގޮވައިގެން ދާނިޔާލް އައީ އަންސޫދާ ހިތްހަމަޖައްސައި ދިނުމަށް ޓަކައެވެ. އެހެން ނަމަވެސް އެތަނަށް އައިސް ދެ ދުވަސް ވިއިރު ވެސް އަންސޫދާގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. މިއަދު ހޭލީންސުރެ ފެށިގެން ވެސް އަންސޫދާއަށް ބުނަން ނޭނގޭ އުނދަގޫތަކެއް ވަނީއެވެ. ކެތްތެރިކަން ކޮޅުންލާން ކައިރިވުމުން އިން ތަނުން ތެދުވިއެވެ. އަލަމާރި ކައިރީގައި ހުއްޓި މަޑުމަޑުން އަލަމާރީގެ ދޮރުހުޅުވައިލިއެވެ. ކަބަޑުތެރޭގައި އޮތް ދެ ފޯނަކީ އޭނާއާއި ދާނިޔާލްގެ ފޯނެވެ. އެމީހުންނަކީ އެގޮތަށް ދަތުރަކު ދާ ނަމަ އާންމުގޮތެއްގައި ފޯނު ނިއްވައިލައިގެން އުޅޭ ބައެކެވެ. އެއީ ކައިވެނި ކުރި ފުރަތަމަ ދުވަހުން ފެށިގެން ވެސް އެދެމީހުންގެ ދެމެދުގައި އޮންނަ ގަވާއިދެކެވެ. މިއަދާ ހަމައަށް ވެސް އެމީހުން އަންނަނީ އެ ގޮތުގައި ހިފަހައްޓަމުންނެވެ. އެކަމަކު މިފަހަރު އަންސޫދާއަކަށް ކެތެއް ނުކުރެވުނެވެ. ދަރިފުޅާ މެދު އޮތް ކަންބޮޑުވުމެއްގެ ސަބަބުން ފޯނު ހުޅުވަން މަޖުބޫރު ވެއްޖެއެވެ. އަންސޫދާ އޭނާގެ ފޯނު ނެގުމަށް ފަހު ޕަވަރއަށް ފިތައިލިއެވެ. ހަމައެވަގުތު އޭނާއަށް ކުއްލި ސިހުމެއް ލިބުނީ ދާނިޔާލް އަންސޫދާގެ އަތުން ފޯނު ޖަހައިގަތުމުންނެވެ. އަލުން އެފޯނު ނިއްވައިލިއެވެ. ދާނިޔާލްގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަނުޖެހުމުގެ ކުލަވަރުތަކެވެ.

*****

ޖީނާއާއި ޒިދާން ކޮޓަރީގެ ދޮރު ހުޅުވައިލުމާ އެކު އެނދުގައި އޮތް ތާޝާއަށް ލިބުނީ ސިހުމެކެވެ. ޖީނާއާ އެކު ހުރި ނުދަންނަ ފިރިހެނެއް ފެނުމުން ތާޝާ އޮތްތަނުން ތެދުވެ ހަށިގަނޑު ސީދާ ކޮށްލިއެވެ. އެ ނުދަންނަ މީހާއާ ދިމާލަށް ތާޝާ ބަލައިލުމަށް ފަހު ޖީނާއާ ދިމާލަށް ނިތްއަރުވާލީ ކާކުހޭ އަހާ ފަދަ ގޮތަކަށެވެ.

" ތާޝާ.. ކަންބޮޑުނުވޭ.. މިއައީ ތާޝާގެ ކައުންސެލަރ ގޮވައިގެން... " އެތެރެއަށް ވަންނަމުން ޖީނާ ބުންޏެވެ. ތާޝާ ޒިދާނާ ދިމާލަށް ބަލައިލިއެވެ. އެބެލުމުގައި ވަނީ ކޮންކަހަލަ އަސަރެއް ކަން ދެނެގަންނަން އުނދަގުލެވެ. ޒިދާން ވަރަށް ފުން ނަޒަރަކުން ތާޝާގެ މޫނަށް ބަލައިލިއެވެ. ރޮއެރޮއެ އެ ދެ ލޮލަށް ވަނި ރަތްކަމެއް ވެރިވެފައެވެ. އެ ރީތި މޫނުމަތީގައި އެއްވެސް ދިރުމެއް ނެތެވެ. ޒިދާންގެ ބޭނުންވީ ތާޝާ ގެނެސް އޭނާގެ މެޔާލައި ބޮނޑިކޮށްލުމަށެވެ.

ޖީނާ ގޮނޑިއެއް ގެނެސް އެނދުމަތީގައި އިން ތާޝާ ކައިރީގައި ބެހެއްޓުމަށް ފަހު އެތާ އިށީނނުމަށް ޒިދާނަށް އިޝާރާތް ކުރިއެވެ. ޒިދާން ގޮނޑީގައި އިށީނނުމުގެ ބަދަލުގައި ތާޝާގެ ގާތުގައި ކުޑަކަކޫ ޖަހައިގެން އިށީނނެވެ. ތާޝާއަށް ލިބުނީ ހައިރާންކަމެކެވެ. އެއް ފަހަރު ޖީނާއަށް ބަލައިލުމަށް ފަހު އަނެއް ފަހަރު ކުރިމަތީގައި އިން ނުދަންނަ މީހާއަށް ބަލައިލީ ވާނުވާ ނޭނގި އިނދެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!