ވާހަކަ

ދުރުގާވުން ހިތް ނޭދޭ! (ނުވަވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ދުރުގާވުން ހިތް ނޭދޭ! (ފުރަތަމަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދެވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތިންވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތަރުވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނުވަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދިހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! ( އެގާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސާދަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަނަރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސޯޅަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސަތާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނަވާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ވިހިވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެކާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފައްސަވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްބީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ހަތާވީސް ވަނަބައި) ދުރުގާވުން ހިތްނޭދޭ! (އަށާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ނަވާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ތިރީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެއްތިރީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ބައްތިރީސް ވަނަ ބައި) ދުރުގާވުން ހިތްނޭދޭ! ( ތެއްތިރީސްވަނަ ބައި)

" އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން.... އޯކޭތަ ތިކޮޓަރިއަށް ވަނަސް.." ނުކެރި ހުރެފައި އަނީކް އެހިއެވެ. ޖީނާގެ މޫނަށް ބަލަމުން ދިޔައީ އޭނާގެ ޖަވާބަކަށް އިންތިޒާރު ކުރާ ފަދައަކުންނެވެ. ޖީނާ އިރުކޮޅަކު ވިސްނައިލަން ހުރުމަށް ފަހު ބޯ ޖަހައިލުމުން އަނީކް އެތެރެއަށް ވަންނަން ތަން ދެއްކިއެވެ. އެއަށް ފަހު ބޮޑަށް ދޮރު ހުޅުވައިލުމަށް ފަހު އަނީކްގެ ފަހަތުން އެތެރެއަށް ވަނެވެ. އެއްވެސް ހާލެއްގައި ހިލޭ ފިރިހެނަކާ އެކު ބަންދު ދޮރެއްގެ އެތެރޭގައި ވާކަށް އޭނާ ނޭދެއެވެ. ކޮޓަރީގެ މެދަކާ ހަމައަށް ދެވުމާ އެކު ހުއްޓިފައި އަނީކްގެ ނަޒަރު ކޮޓަރިތެރެއަށް ހިންގައިލިއެވެ. ތާޝާގެ ކޮޓަރި ފިޔަވައި އެގޭ އެހެން ކޮޓަރިއަކަށް އަނީކް ވަން މިއީ ފުރަތަމަ ފަހަރެވެ. އެނދުގައި އިށީންނަން އުޅެފައި ޖީނާއާ ދިމާލަށް ބަލައިލެވުނުހިނދު ތެދުވިއެވެ. ހުއްދަ ނުލިބެނީސް އިށީނދެވެން އުޅެވުމުންނެވެ. އަނީކްގެ މިއަމަލުން ޖީނާ ގާތަށް ހިނިއައި ނަމަވެސް ހިނިގަނޑު އެތެރެއަށް ހިންދައިލިއެވެ.

Ads by Hajj Corporation

" އޯކޭތަ އިށީނަސް..." އަނީކް އަހައިލިއެވެ.

" އިށީނދޭ!! އަހަންނަކީ ވެސް އަނީކް ތި ހީކުރާ ކަހަލަ ގޯސް މީހެއް ނޫން.." އަނީކް ބުނި ބަހެއް ހަނދާންކޮށްލަމުން ޖީނާ ބުންޏެވެ. އަނީކަށް އެކަން ފާހަގަވެ ހެވުނެވެ.

އަނީކް އެނދުގައި އިށީނުމުން ޖީނާ ގޮސް ޑްރެސިންގ ޓޭބަލްގެ ގޮނޑި ދަމައިލައިފައި އިށީނެވެ.

" ކޮން ވާހަކައެއް ބުނަންތަ އުޅުނީ؟" ޖީނާ އެހިއެވެ.

" ތާޝާގެ ވާހަކަ ދައްކަން އުޅުނީ... މިއަދު އިންނަނީ ވަރަށް ފާޑަކަށް ، ރޭގައި ހިނގައި ދިޔަ ކަންތަކާ މާބޮޑަށް ވިސްނާހެން  ހީވަނީ... ތާޝާ ޤަބޫލެއް ނުކުރޭ އެއީ ވަގެއް ކަމަށް... ބުނަނީ ފެންވަރަން ވަނީ ވެސް ދޮރު ތަޅުލާފައޭ.. މިގެއަށް އައި ފަހުން ކުޑަދޮރު ވެސް ނުހުޅުވާ ވާހަކަ ބުނީ... ތާޝާއަށް ހީވަނީ މީހަކު އޭނާ މަރާލަން އުޅުނީކަމަށް... " އަނީކް ބުންޏެވެ. ޖީނާ ވެސް ތާޝާ އެބުނި އެއްޗަކާ މެދު ވިސްނައިލިއެވެ. އެ ވެސް ވެދާނެ ގޮތެކެވެ. ތާޝާގެ އެކްސިޑެންޓް ވީ ކިހިނެއްކަމެއް މިއަދާ ހަމައަށް ވެސް އެއްވެސް މީހަކަށް އެނގިފައެއް ނެތެވެ. ހަމަގައިމު ވެސް އޭނާއަށް އެކަން ހިނގައިދިޔަ އެއްވެސް ގޮތެއް ނޭނގެއެވެ.

" ތާޝާ އެ ބުނަނީ ތެދެއްކަމަށް ވެސް ވެދާނެއްނު... ތާޝާގެ އެކްސިޑެންޓްވީ ކިހިނެއްކަމެއް އެއްވެސް މީހަކަށް ނޭނގޭ... ކުޑަބައްޕަމެންނަށް ވެސް އެކަން ނޭނގޭ ކަމަށް ބުނަނީ...  " ޖީނާ ބުންޏެވެ.

" ދެން ތިބުނީ މީހަކު ތާޝާ މަރާލަން މަސައްކަތް ކުރަނީއޭތަ..؟ ކާކު އެވަރުގެ ކަމެއް ކުރާނީ...؟ " އަނީކް އަހައިލިއެވެ. އޭނާއަށް އެކަން ޤަބޫލެއް ނުކުރެވުނެވެ. ތާޝާ ދުނިޔޭގައި ހުރެގެން އުނދަގޫ ވާންވީ ކާކަށް ހެއްޔެވެ؟ އެއީ މީހަކާ މެދު ހިތުގައި ނަފްރަތެއް ނުވާ ސާދާ ސީދާ މައުސޫމް އަންހެންކުއްޖެކެވެ.

" ހިތަށް އަރަނީ ކީއްވެބާއޭ ޑެނީ އަންކަލް އަހަންނަށް ދޮގު ހަދަންވީ.. ؟ ޔަގީނުން ވެސް މިކަމުގައި ޑެނީ އަންކަލްގެ އަތެއް ނުވާނެ.. ޑެނީ އަންކަލް ތާޝާދެކެ ލޯބިވާވަރު އެނގޭ.." އަނީކް ވިސްނައިލިއެވެ. ޖީނާއަށް ވެސް އެކަމާ އެއްބަސް ވެވުނެވެ. ދާނިޔާލް ތާޝާ ދެކެ ލޯބިވާވަރު ޖީނާއަށް ވެސް އެނގެއެވެ.

" ތާޝާ މަރާލަން ކާކު އުޅޭނީ؟؟ ކީއްވެގެން؟؟ ތާޝާ އެއީ މާލޭގަ މާގިނަ ބައެއް ދަންނަ މީހެއް ވެސް ނޫން.. އެހެން ނޫނީ ވެދާނެއްނު ތާޝާއަށް ހީވާ ގޮތްކަމަށް ވެސް.... " ޖީނާ އޭނާއަށް ފެންނަ ގޮތް ހާމަ ކުރިއެވެ. އަނީކަށް ހީވާ އެއްޗެއް ބުނަން އުޅެފައި ވެސް މަޑުޖެހުނެވެ. ޖީނާ ހިތްހަމަނުޖެހޭނެކަން އެނގޭތީއެވެ. ޒިދާންގެ ނަން އޭނާގެ ހިތަށް އަންނަނީ އޭނާ ބޭނުން ވެގެނެއް ނޫނެވެ.

" ވެދާނެ.. އަހަރެން ވަރަށް ވިސްނައިދީފިން.. ޖީނާ ތާޝާއާ ވާހަކަ ދައްކާލަންވީނު.. އޭރުން ކޮންމެވެސް ވަރަކަށް ހިތްހަމަޖެހިދާނެ.." އަނީކް އެދުނެވެ.

" އަހަރެން މަސައްކަތް ނިންމައިލައިފައި ދާނަން... " ޖީނާ ބުންޏެވެ. އޭގެ ފަހުން ދެން ފާއިތުވެގެން ދިޔައީ ހިމޭން ވަގުތުކޮޅެކެވެ. އެކަކުވެސް އަނގައިން ނުބުނެއެވެ.

"އަހަރެން ދިޔައީ ދެން" އިރުގަނޑެއް ފަހުން އަނީކް ބުނެލިއެވެ. ޖީނާ ވެސް ބޯޖަހައިލަމުން ތެދުވިއެވެ. އަނީކް ނިކުންނަން ދެން ބަލަހައްޓައިގެން ހުރުމަށް ފަހު ނިކުތުމާ އެކު ދޮރު ލައްޕައިލިއެވެ.

*****

ރޭގަނޑުގެ ކެއުމަށް ފަހު ޒިދާން ވަނީ އޭނާގެ ކޮޓަރިއަށެވެ. ކުރިއާ ހިލާފަށް ޒިދާން އެކުވެރިންނާ އެކު ހޭދަކުރާ ވަގުތުތައް މުޅިން ހުއްޓައިލައިފިއެވެ. އޭނާ ގިނަ ވަގުތު ހޭދަކުރަނީ ގޭގައެވެ. އާއިލާ މީހުންނާ އެކު ވަގުތު ހޭދަކުރުމުން ލިބޭ އުފާވެރިކަން މާބޮޑުކަން އޭނައަށް އިހުސާސް ކުރެވިއްޖެއެވެ.

ލެޕްޓޮޕް ހިފައިގެން އެނދުގައި އިންއިރު އޭނާގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައި ވަނީ ކުރިމަތީގައި ހުރި ލެޕްޓޮޕަށެވެ. ލެޕްޓޮޕްގައި ރައްކާކޮށްފައި ހުރި މީގެ ދުވަސްތަކެއް ކުރީގެ ފޮޓޯއެއް ފެނުމާ އެކު އޭނާގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ. ހަމަ އެހިނދެވެ. އެ ހިނިތުންވުމަށް ފަނޑުކަމެއް އައީ ހުރިހާ ފޮޓޯތަކުގެ ތެރެއިން އޭނާގެ ލޮލުގެ ސަމާލުކަން ހުއްޓުނު ފޮޓޯއަކަށެވެ. އެއީ ތާޝާއާ ރައްޓެހިވުމަށް ފަހު ދެމީހުން އެކުގައި އެންމެ ފުރަތަމަ ނެގި ފޮޓޯއެވެ. ހުދު ކުލައިގެ އަތްކުރު ޓޮޕެއްގައި އިން ތާޝާގެ މޫނަށް އޭނާގެ ނަޒަރު ހުއްޓިފައި ވިއެވެ. އެ ފޮޓޯ ފެނުމާ އެކު އެންމެ ފުރަތަމަ ދުވަހެކޭ ވެސް އެއްފަދައިން ހިތުގައި ތަފާތު ވިންދެއް މިފަހަރު ވެސް ޖަހައިލައިފިއެވެ. އިސާހިތަކު އޭނާގެ ސިކުނޑީގައި މާޒީގެ ތެރެއިން ދުވަހެއްގެ މަންޒަރުތައް ރޯލްވާން ފަށައިފިއެވެ.

އެއީ މީގެ އަށްވަރަކަށް އަހަރު ކުރިއެވެ. ތާޝާއާ އަލަށް ބައްދަލުވި ދުވަހެވެ. ހިތުން ފޮހެލަން ދަތި ދުވަހެކެވެ. އޭނާގެ ޒުވާން ހިތުގައި އަންހެންކުއްޖަކަށް ޓަކައި ތަފާތު ވިންދެއް ޖަހައިލި ދުވަހެވެ. އަންހެން ކުއްޖެއްގެ ހިތްގައިމު ތަސްވީރު އޭނާގެ ހިތުގައި ބިންވަޅު ނެގިގެން ދިޔަ ދުވަހެވެ. އޭނާގެ ހިތް އަތުން ވީއްލިގެން ދިޔަ ދުވަހެވެ. އޭނާގެ ބާރަކާ ނުލާ އޭނާގެ މޭގެ ތެރޭގައި އޮތް ހިތް އެހެން މީހެއް ކޮންޓްރޯލް ކުރި ދުވަހެކެވެ. ހަޔާތުގެ ބައިވެރިއަކަށް ހަދާނީ ކާކުކަން އޭނާއަށް ވެސް އެނގުމަކާ ނުލައި ހިތާއިސިކުނޑި އެއްބަސްވި ދުވަހެވެ.

އޭވިއޭޝަނުގައި ވަޒީފާ އަދާކުރާ ޒިދާން އެ ދުވަހު ޑިޔުޓީ ނިމުނީ ހަވީރު ވާން އުޅެނިކޮށެވެ. ހުދު ކުލައިގެ ޔުނީފޯމުގައި ދަށަށް ޖަހައިގެން ހުރިއިރު ޒިދާންގެ ކަސްރަތީ ހަށިގަނޑަށް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ކޮންމެ މީހެއްގެ ނަޒަރު ހުއްޓެމުން ދިޔައެވެ. އެ ހުރިހާ މީހުންގެ ތެރެއިން ވެސް އޭނާއަށް ނަޒަރު ހުއްޓޭ އަންހެންކުދިންގެ ނަޒަރު ތަފާތެވެ. އެއްފަހަރު ބަލައިލައިފައި ވެސް ދެވަނަ ފަހަރަށް ބަލައިނުލާ ޒުވާން އަންހެން ކުއްޖެއް މަދެވެ. އެއިން އެއްވެސް އަންހެން ކުއްޖަކަށް އޭނާގެ ޝައުގުވެރިކަމެއް ނެތެވެ. އޭނާ ހިތާ ކުޅެލާ ކަހަލަ އަންހެންކުއްޖަކާ އަދި ދިމާ ނުވަނީ ކަމަށް ވެސް ވެދާނެއެވެ. އެހެން ނަމަވެސް އެ ގޮތަށް ފާއިތުވެގެން ދިޔައީ މަދު ދުވަސްތަކެކެވެ. އޭނާގެ ހިތާ ކުޅެލާ ފަދަ އަންހެންކުއްޖަކާ ދިމާވީ އެއް ދުވަހު ވަޒީފާ ނިންމައިފައި ގެއަށް ދިޔުމަށް ފުރަން ދިޔަ ވަގުތުގައެވެ. ފޯނެއްގައި ހުރެ ކުރިއަށް ހިނގައިފައި ދަނިކޮށް ކުއްލިއަކަށް އޭނާގެ ނަޒަރު ހުއްޓުނީ ހަމަ އެ ދިމާލަށް ދިޔަ އަންހެން ކުއްޖަކަށެވެ. އަންހެން ކުއްޖާގެ މޫނު ފެނުނު ވަގުތު އޭނާއަށް ހީވީ ޖެހެމުން ދިޔަ ވައިރޯޅި ވެސް މަޑުވެގެން ދިޔަ ހެންނެވެ. އޭނާގެ ހިތުގެ އެންމެ ހިމަ ނާރާ ހަމައަށް އަސަރު ކުރުވައިފިއެވެ. ލޮލުގައި އަޅައިފައިވާ އަވި އައިނު ނަގައިފައި ލަސްލަހުން ކުރިއަށް ފިޔަވަޅެއް އަޅައިލެވުނީ އޭނާގެ އަމިއްލަ ބާރުގައެއް ނޫނެވެ. މި ނޫނީ ދުވަހަކު ވެސް އަންހެން ކުއްޖަކު ފެނިގެން އޭނާއަށް އެހައިވަރެއް ނުވެއެވެ. އަޅި ކުލައިގެ އަތްދިގު ގަމީސްކޮޅަކާއި ގަދަ ބްލޫ ކުލައިގެ ޖީންސުގައި އެ އަންހެންކުއްޖާގެ ފުރިހަމަކަމާ އެއްވަރެއްގައި ހިފަހައްޓައިލެވޭނެ އެއްވެސް މީހަކު ދުވަހަކު ވެސް އޭނާއަށް ފެނިފައެއް ނެތެވެ. އޭނާގެ ހިތް އަތުން ދޫވެގެން ދިޔައީ އެ އަންހެންކުއްޖާގެ އުނގަނޑާ ހަމައަށް އަންނަ ވަރުގަދަ ބުޅި އިސްތަށިގަނޑު ފެނިފައެވެ. ދުވަހަކު ވެސް އެވަރުގެ ރީތިކަމެއް އޭނާއަކަށް ނުފެނެއެވެ.

"މާޝާﷲ. ސުބްހާނަﷲ. ހެއްދެވިފަރާތުގެ ކުޅަދުންވަންތަކަމާއެވެ" ހިތާހިތުން އޭނާއަށް ބުނެވުނެވެ. އެ އަންހެންކުއްޖާއާ ގާތަށް އޭނާއަށް ފިޔަވަޅު އެޅެމުން ދިޔައީ އޭނާގެ އަމިއްލަ އިހްތިޔާރުން ބޭރުންނެވެ. ހިތް އެދެމުން ދިޔައީ އެންމެ ފަހަރަކު ނަމަވެސް އެ އަންހެންކުއްޖާގެ ގާތުގައި ހުއްޓުމަށް ފަހު ނަން އަހައިލުމަށެވެ. އެ ބުޅި އިސްތަށިގަނޑުގެ ހިޔާ ދަށުގައި އެ އަތުގައި ހިފައިލުމަށެވެ. ހަތަރުކަޅި ހަމަކޮށް ތައުރީފު ކޮށްލާށެވެ.

"ދަރިފުޅާ ތާޝާ" އަންހެން ކުއްޖާއާ ދާދި ގާތަށް އާދެވިފައި ވަނިކޮށް ޒިދާންގެ ކަންފަތުގައި އައިސް ޖެހުނީ އަންހެން ކުއްޖާއާ ގާތުގައި ހުރި ފިރިހެނަކު އަންހެން ކުއްޖާއާ މުހާތަބްކޮށް އަންހެން ކުއްޖާގެ ނަމުން ގޮވައިލި އަޑެވެ. އެހިނދު ޒިދާންގެ ތުންފަތަށް ލުއިލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

"ތާޝާ" އޭނާގެ ދެ ތުންފަތް ދޭތެރެއިން ބޭރުވެގެން ދިޔައެވެ. ބުރަ މަސައްކަތަކާ ނުލާ ނަން ވެސް އެނގިއްޖެއެވެ. ޔަގީނެވެ. އެ ދެމެދުގައި ކޮންމެވެސް ގުޅުމެއް އެބައޮތެވެ. ހެއްދެވިފަރާތުން އޭނާއަށް ޓަކައި ފޮނުއްވި ހޫރެއްބާއޭ ހިތަށް އެރިއެވެ.

ކައިރީގައި ހުރި ފިރިހެން މީހާގެ އެހީތެރިކަމާ އެކު ފަޅުގައި އޮތް ލޯންޗަށް އަންހެންކުއްޖާ އަރައިފައި ފަހަތް ބަލައިލީ ކީކޭ ހިތަށް އަރައިގެންކަމެއް ނޭނގެއެވެ. އެ ވަގުތު ތާޝާއާ ޒިދާންގެ ހަތަރުކަޅި ހަމަވެގެން ދިޔައެވެ. ބަނދަރާ ދުރަށް ދުއްވަމުން ދިޔަ ލޯންޗުގައި އިން ތާޝާއަށް ޒިދާން ހިނިތުންވުމެއް ދިނެވެ. އޭނާއަށް އަތް އުފުލައިލެވުނީ ބޭއިހްތިޔާރުގައެވެ. އެވަގުތު ތާޝާގެ ތުންފަތަށް ވެރިވެގެން ދިޔައީ ލަދުރަކި ހިނިތުންވުމެކެވެ. އެހިނިތުންވުން ޒިދާންގެ ހިތް އިތުރަށް ތާޝާއަށް އެދިގޮވަން މަޖުބޫރު ކުރުވިއެވެ.

ނެރުން ނިކުމެގެން އޭގެ މަންޒިލަށް ލޯންޗު ދަތުރުފެށުމާ އެކު ޒިދާނަށް ހަމަބިމަށް އާދެވުނެވެ. އުފުލައިލައިގެން ހުރި އަތް ތިރިކޮށްލައިފައި ފުން ނޭވައެއް ދޫކޮށްލީ ނަފްސު ހަމަޔަކަށް އަޅުވައިލުމަށެވެ. ފާއިތުވެ މިދިޔަ މަދު ވަގުތުކޮޅުގައި އޭނާއަށް އުޅެވުނު ގޮތެއް ހުދު އޭނައަކަށް ވެސް ނޭނގެއެވެ. އެނގޭ ކަމަކީ އެ ލޯންޗަށް އެރި އަންހެންކުއްޖާ އޭނާގެ ހިތް މިލްކު ކޮށްފިކަމެވެ. އޭނާގެ ހިތަކީ އޭނާގެ ބާރުގެ ދަށުގައިވާ އެއްޗެއް ނޫން ކަމެވެ. އެ އަންހެން ކުއްޖާއާ އޭނާގެ ހިތުގެ ލަގަން ހަވާލު ކުރެވިއްޖެ ކަމެވެ.

ހަމަޖެހުމުގެ ނޭވައެއް ލަމުން ދެ ފަރާތް ބަލައިލީ އެއްވެސް މީހެއްގެ ނަޒަރު ހުއްޓިފައި ހުރިތޯ ބެލުމަށެވެ. ކުރިއެކޭ ވެސް އެއްގޮތަށް އޭނާއަށް ހުއްޓިފައިވި ލޯތައް މަދެއް ނޫނެވެ. އެހެން ނަމަވެސް އެއިން އެއްވެސް ކަމަކަށް ސަމާލުކަމެއް ނުދީ އޭނާ ހިނގައިގަތީ މާލެދާން ތައްޔާރަށް އޮތް ފެރީއާ ދިމާލަށެވެ.

ޖެޓީ މައްޗަށް ފޭބުމަށް ފަހު އޭނާ މާލޭގެ ފަޅުތެރެއަށް އަވަސް ނަޒަރެއް ދެވުނެވެ. އޭނާގެ ހިތުން ހާއްސަ ޖާގައެއް ދެވުނު އަންހެން ކުއްޖާ ދަތުރުކުރި ލޯންޗު އެސަރަހައްދުން އޭނާއަކަށް ނުފެނުނެވެ. ހިތަށް އެރިއެވެ. ދެން ދުވަހަކު ވެސް ތާޝާ އޭނާއާ ބައްދަލުވާނެ ހެއްޔެވެ؟ އެ ސޫރަ ފެންނާނެ ހެއްޔެވެ؟ ތާޝާއާ ވާހަކަދައްކާލުމުގެ ފުރުސަތު ލިބޭނެ ހެއްޔެވެ؟ އެ ބުޅި އިސްތަށިގަނޑުގައި އަތް ހިންގައިލަން އެންމެ ފުރުސަތެއް ނަމަވެސް ލިބޭނެ ހެއްޔެވެ؟

ޖެޓީ މަތީގައި ހުއްޓައި އޭނާއަށް ހޭވެރިކަމެއްވީ ދާދި ކައިރިން ކާރެއްގެ ބަރު ގޮނެއްގެ އަޑު އިވުމުންނެވެ. ސިހިފައި ބަލައިލިއިރު އޭނާއާ އެއް ފެރީން ދަތުރުކުރި މީހުން ޓެކްސީތަކަށް އަރައިގެން އެމީހެއްގެ މަންޒިލަކަށް ދާން ދަތުރު ފަށައިފިއެވެ. އަމިއްލަ ހިތުގެ މޮޔަކަން ހިތަށް އަރައިފައި އޭނާއަށް ހެވުނެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލައިލައިފައި ޕާކް ކޮށްފައި ހުރި އޭނާގެ ސައިކަލާ ދިމާލަށް ދުއްވައިލީ ފަހު ފަހަރަށް ، ފަޅުތެރޭގައި އަޅާފައި ހުރި އުޅަނދުތަކަށް އަވަސް ނަޒަރެއް ދީފައެވެ.

ޚިޔާލުގެ ފުންކަނޑަށް ޣަރަޤުވެފައި އިން ޒިދާނަށް ހޭވެރިކަމެއްވީ ދޮރުގައި ޓަކިޖަހައިލި އަޑަށެވެ. ލެޕްޓޮޕް ލައްޕައިލުމަށް ފަހު ބޭރުގައި ހުރި މީހަކު ކައިރީގައި އެތެރެއަށް ވަނުމަށް ބުނެލިއެވެ. ދޮރު ހުޅުވައިލައިފައި އެތެރެއަށް ވަނީ ޒައިނާއެވެ. ޒިދާނަށް ހިނިތުންވުމެއް ދެމުން ޒައިނާ އައިސް އެނދުގައި އިށީނެވެ.

" ދޮންތަ ކަމަކުތަ؟" ޒިދާން އަހައިލިއެވެ.

" ދޮންތަ މިއައީ ވާހަކައެއް ދައްކަންވެގެން... ކޮއްކޮއަށް ތިވަރުގެ ބޮޑު ބަދަލެއް އައީތީ ދޮންތަ ވަރަށް އުފާވޭ... ދޮންތަ ބޭނުން ވަނީ އަނެއްކާވެސް ކޮއްކޮ ވަޒީފާއަކަށް ދާން ފަށަން.. އޭރުން ބޭކާރު ވިސްނުންތަކުން ދުރުވާނީ.. ދޮންތައަށް އެނގޭ އަދިވެސް ކޮއްކޮ ތާޝާއާ މެދުގައި ވިސްނާކަން... ހަނދާންތަކަކީ ކުއްލިއަކަށް ފޮހެވޭނެ އެއްޗެއް ވެސް ނޫން.. އެކަމަކު ވެސް މަސައްކަތް ކުރެވިދާނެ... ކޮއްކޮ އުފާވެރި ދިރިއުޅުމެއް އުޅޭތަން ދުށުމަކީ ދޮންތަ އެންމެ އެދޭ ކަންތައް.. ވަޒީފާއެއް އަދާކޮށް ޒަވާޖީ ހަޔާތެއް ފަށަން ދޮންތައަށް ފެންނަނީ" ޒައިނާ ބުންޏެވެ. ޒިދާންގެ ހިތަށް ނުތަނަވަސްކަމެއް ވެރިވިއެވެ. ތާޝާ ނޫން އެހެން އަންހެންކުއްޖަކާ ދޭތެރޭގައި އެފަދަ ގޮތަކަށް ދުށުމަކީ އޭނާއަށް ކުރެވޭނެ ކަމެއް ނޫނެވެ. އެފަދަ ގޮތަކަށް އެހެން އަންހެންކުއްޖަކާ ދިމާލަށް ބަލައިލެވުމަކީ ވެސް އޭނާއަށް ކުރެވޭ ކުށެއް ކަހަލައެވެ.

" އަހަރެން ވެސް ވަޒީފާއަކަށް ދާން ގަސްދުކުރަން... އެކަމަކު ޒަވާޖީ ހަޔާތެއް ފަށަން އަހަރެން ތައްޔާރެއް ނޫން.. އެކަމާ ވިސްނަން ވެސް އަހަރެން ބޭނުމެއް ނޫން ދޮންތާ..." ޒިދާން ބުންޏެވެ. އެއަޑުގައިވި ރިހުން ޒައިނާއަށް ނަގައިގަނެވުނެވެ.

" ތިގޮތަށް އުމުރު ހުސްކޮށްލަންތަ ކޮއްކޮ ބޭނުން ވަނީ؟" ޒައިނާ ސުވާލުކޮށްލިއެވެ.

" ނޫން ދޮންތާ... އަދި އަހަރެން ބޭނުންނުވަނީ" ޒިދާން ބުނެލިއެވެ.

" ދޮންތަބެ އަންނަނީ ކޮންއިރަކު؟" ޒިދާން ގަސްދުގައި ވާހަކަ އޮޅުވައިލާން މަސައްކަތް ކުރަމުން ބުންޏެވެ. އެކަން ޒައިނާއަށް ވަރަށް ރަނގަޅަށް އެނގުނެވެ. ޒިދާން ބޭނުންވި ގޮތަށް އެވާހަކަ ދެއްކުން ހުއްޓައިލިއެވެ.

" މިއަންނަ ހަފްތާގަ އަންނަ ވާހަކަ ބުނި.. ދެން ކޮއްކޮ ނިދާ އަވަހަށް.. ފަތިސް ނަމާދަށް ވެސް ތެދުވަން ޖެހޭނެއްނު"އިން ތަނުން ތެދުވަމުން ޒައިނާ ބުންޏެވެ. ޒިދާންގެ ބޮލުގައި ފިރުމައިލުމަށް ފަހު ކޮޓަރިން ނިކުތެވެ. ލެޕްޓޮޕް އެއްފަރާތެއްގައި ބެހެއްޓުމަށްފަހު ޒިދާން އޮށޯވެލިއެވެ. އެއާއެކު އަނެއްކާ ވެސް ތާޝާގެ ހަނދާތައް އޭނާ ވަށައިލިއެވެ.

*****

ދެތިން ދުވަސް ފާއިތުވެގެން ދިޔައިރު ވެސް އެރޭ ކަންތައް ހިނގައިދިޔަގޮތް ތާޝާގެ ހަނދާނުން ފޮހެވޭގޮތެއް ނުވިއެވެ. އެމީހާ އަތުގައި އޮތް ވަޅި ހަނދާންވާ ކޮންމެ ފަހަރަކު ގައިން ހީބިހި ނަގައިގެން ދެއެވެ. އެނބުރި ރާއްޖެ އައިސްގެން އޭނައަށް މި ކުރެވެނީ ރަނގަޅު ކަމެއްބާއޭ އަމިއްލަ ހިތާ ސުވާލު ކުރެވެމުން ދިޔައެވެ. ރާއްޖެއަކީ އޭނާއަށް ރައްކާތެރި ތަނެއް ނޫންކަން އޭނާގެ މައިންބަފައިން އޭނާ ކައިރީގައި ބުންޏެވެ. އެހެން ނަމަވެސް އެމީހުންގެ ބަސް ނާހާ މި ތަނަށް އައީ ގެއްލިފައިވާ އޭނާގެ ހަނދާންތައް އަނބުރާ ލިބޭނެކަމުގެ އުއްމީދުގައެވެ. މިއަދާ ހަމައަށް ވެސް އެކަމަށް އަލިމަގެއް ވަނީ ނުފެނިފައެވެ. އެނބުރި މެލޭޝިޔާއަށް ދާން ވެސް ކިތަންމެ ފަހަރަކު ހިތަށް އަރައިފިއެވެ. ނަމަވެސް ނޭނގޭ ބާރަކުން އޭނާ ހިފަހައްޓަނީ ކީއްވެ ކަމެއް ނޭނގުނެވެ.

ބަގީޗާގައި ދެކޮޅު ދެކޮޅަށް ހިނގާލަހިނގާލާ ހުރި ތާޝާއަށް ބަލައިލެވުނީ ޖީނާ ގޮވާލި އަޑަށެވެ.

" މިތާ ދޯ ތިހުރީ.. އަހަރެން ތާޝާ ވަރަށް ހޯދައިފިން..." ތާޝާއާ އަރައި ހަމަކުރަމުން ޖީނާ ބުންޏެވެ.

" ކިހިނެއްވީ ކަމަކުތަ؟" ތާޝާ އެހިއެވެ. އެމޫނުމަތިން ޖީނާއަށް އެއްވެސް އުފާވެރިކަމެއް ނުފެނުނެވެ. އަދިވެސް އެ ހާދިސާއާ މެދުގައި ވިސްނަނީކަން ޖީނާއަށް އެނގުނެވެ.

" ސްކޫލްގެ އެނިވަރސަރީ ޑިނަރ ނައިޓް އެބައޮތް .. އާއިލާ މީހުންނާ އެކު.. އަހަރެން ބޭނުން ވަނީ ތާޝާ ގޮވައިގެން ދާން... " ޖީނާ ބުންޏެވެ. އެހެން ނަމަވެސް އެއްވެސް ޝައުޤުވެރިކަމެއް ތާޝާގެ ކިބައަކުން ނުފެނުނެވެ.

" ޝާނާ ދޮންތަ ގޮވައިގެން ދާންވީނު.. އަހަރެން ދާހިތެއް ނެތް..." ޖީނާއާ ނަޒަރު ވަކިކޮށްލަމުން ތާޝާ ބުންޏެވެ.

" ނޫން އަހަރެން ބޭނުމީ ހަމަ ތާޝާ ގޮވައިގެން ދާން... ޕްލީޒް... ދާންވާނެ.. ބުނެބަލަ އާނއެކޭ" ތާޝާގެ އަތުގައި ހިފަމުން އާދޭސްކުރާ ކަހަލަ ގޮތަކަށް ޖީނާ ބުންޏެވެ.

" ތެދެއް ތާޝާ ކޮންމެހެނެއް ވެސް ދާން ވާނެ... އަހަރެން ވެސް ދާނަން... ރާއްޖޭގައި އޮންނަ ޕާޓީތަކުގެ ފެންވަރު ވަޒަންކޮށްލަން ވެސް ވާނެއްނު.." އެމީހުންނާ އަރައި ހަމަކުރަމުން އަނީކް ބުންޏެވެ. ޖީނާއަށް ލިބުނީ އިތުރު ފޫހިކަމެކެވެ. އަނީކަށް ބަލައިލީ ވެސް ފޫހި ބެލުމަކުންނެވެ.

" ދާހާ ތާކަށް ދާން ޖެހެނީ ކަލޭ ގޮވައިގެންތަ؟" ޖީނާ ބުނަން ބޭނުންވި ނަމަވެސް އެ ބަސްތައް ވަނީ ޖީނާގެ ހިތުގައެވެ.

" އެއީ ތެދެއް.. އެތަނަށް ގޮސް ކުޑަކޮށް މަޖާކޮށްލީމަ ތި ހިޔާލުތަކާ ވެސް ދުރު ވެދާނެ..." ޖީނާ ބުންޏެވެ. ތާޝާގެ ހިތްހަމަޖެހުމަށް ޓަކައި އަނީކް ގެންދަން ވެސް ޖީނާ ހުރީ ތައްޔާރަށެވެ. އެންމެ ފަހުން ޖީނާއާއި އަނީކް ކުރު ނުކުރުމުން ހިތާ ދެކޮޅަށް ނަމަވެސް ތާޝާ ޖެހުނީ އެއްބަސްވާށެވެ.

" ގްރޭޓް... ތީމް ކަލަރއަކީ ލައިމް ގްރީން ކަލަރ... މިރޭ ނުވައެއް ޖަހާއިރަށް ރެޑީ ވެގެން ހުންނާތި.." ޖީނާ ބުންޏެވެ.

" އަހަރެން އެބަޖެހޭ އަދި ހެދުމާ ގުޅޭ ޝޯލްއެއް ގަންނަން ވެސް... އަހަރެން މިދަނީ ފިހާރައަށް... ތާޝާމެން ރެޑީވެގެން ތިބޭތި" ޖީނާ ބުންޏެވެ. އަނީކާ ވާހަކަ ދައްކަމުން ތާޝާ އެތެރެއަށް ދިޔައެވެ. ގޭ މައި ގޭޓުން ނިކުންނަމުން އަދިވެސް އެއް ފަހަރު ތާޝާ ދިޔަ ދިމާލަށް ޖީނާ ބަލައިލިއެވެ. ތާޝާ ކައިރީގައި ދޮގެއް ހަދައިލެވުމުން ވައި އަޑުން 'އަސްތަޣްފިރުﷲ' އޭ ބުނެވުނެވެ. އޭނާ އެ ދަނީ ޝޯލްއެއް ގަންނަން ނޫންކަން އެނގޭނީ ހެއްދެވި ފަރާތަށެވެ. ކޮންމެ ހާލެއްގައި ވެސް ތާޝާގެ އުފާވެރިކަން އޭނާއަށް އަނބުރާ ހޯދައިދިނުމަކީ ޖީނާގެ އެންމެ ބޮޑު އެއް މަޤްސަދެވެ. އެކަމަށް ޓަކައި މަންމަ އަންފޫޒާއާ ދެކޮޅަށް ދާން ޖެހުނު ކަމުގައި ވިޔަސް ހެވެވެ. ހަޤީގަތް އެނގުމަކީ ތާޝާއަށް ލިބިގެންވާ ހައްޤެކެވެ. އެހައްޤު އޭނާ އަތުން ނިގުޅައިގަތުމުގެ ހައްޤެއް އެއްވެސް މީހަކަށް ލިބގެނެއް ނުވެއެވެ. އޭނާގެ އަނގައިން ތާޝާ ގާތުގައި އެއްވެސް ވާހަކައެއް ކިޔައި ނުދެވުނު ނަމަވެސް ކޮންމެވެސް އެހެން ގޮތަކުން ތާޝާއަށް އެހީވެވިދާނެއެވެ. ޖީނާ އެދަނީ އެކަމަށް ޓަކައި އަޅަން ޖެހޭ އެންމެ ފުރަތަމަ ފިޔަވަޅު އެޅުމަށެވެ.

*********

ގެއެއްގެ ކުރިމައްޗަށް ކާރު ހުއްޓައިލުމާ އެކު ޑްރައިވަރަށް ފައިސާ ދީފައި ޖީނާ ނިކުތެވެ. ކަނާތްފަރާތު ދުވާރު މައްޗަށް އަރަމުން ކުރިމަތީގައި ހުރި ގޭގެ ނަންބޯޑު ކިޔައިލިއެވެ.

"މއ. ސޯސަންހިޔާ.." ޖީނާ ކިޔައިލިއެވެ. އާދެވުނީ ރަނގަޅު ތަނަށްކަން އެނގުމުން ޖީނާއަށް ހީނލެވުނެވެ. ދޮރުމަތީގައި ހުއްޓިލައި ޓަކިޖަހަން އަތް ހިއްލައިލެވުނެވެ. އެހެން ނަމަވެސް ފަސްޖެހެވުނެވެ. އަތް ތިރިކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. ހިތްވަރުކޮށްލާފައި އަނެއްކާ ވެސް އަތް ހިއްލައިލިއެވެ. ޓަކި ޖަހަން އުޅުނު ވަގުތު ގޭ ދޮރު ހުޅުވައިލައިފިއެވެ. އެހިނދު ދޮރުން އެތެރޭގައި ހުރި މީހަކު ފެނިފައި ޖީނާއަށް ހިތްހަމަޖެހުމުގެ ނޭވައެއް ލެވުނެވެ.

(ނުނިމޭ)

  1. ރީތި.. އަޕްވާލެއް ލަހީ

  2. ގާހަކަ

    މިވާހަކަވެސް.ވ.ރީތި ފޮނުވާލެއްލަސްވީމަދެރައީ