ވާހަކަ

ދުރުގާވުން ހިތް ނޭދޭ! (ތިންވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ދުރުގާވުން ހިތް ނޭދޭ! (ފުރަތަމަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދެވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތިންވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތަރުވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނުވަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދިހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! ( އެގާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސާދަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަނަރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސޯޅަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސަތާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނަވާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ވިހިވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެކާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފައްސަވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްބީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ހަތާވީސް ވަނަބައި) ދުރުގާވުން ހިތްނޭދޭ! (އަށާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ނަވާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ތިރީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެއްތިރީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ބައްތިރީސް ވަނަ ބައި) ދުރުގާވުން ހިތްނޭދޭ! ( ތެއްތިރީސްވަނަ ބައި)

މާލޭގެ މީހުން މަދު ހިސާބެއްގައި ސައިކަލު ޕާކުކޮށްލިއެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރަށް ނަޒަރު ހުއްޓައިލެވުމާ އެކު ދެލޯ ފެންކަޅިވެގެން ވެގެން ދިޔައީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. މެޔަށް ތޫނު ތަދެއް އިހުސާސްކުރެވުނު ހިނދު ހަށީފުރައި ނޭވައެއް ލެވުނެވެ. ކުރިމަތިން ފެންނަމުން ދިޔައީ އޭނާގެ ތާޝާ އުޅުނު ގަނޑުވަރެއްކަހަލަ ގެއެވެ. ސިކުނޑީގައި އެނބުރެން ފެށީ މީގެ ހަތަރު އަހަރުކުރީގެ ހަނދާންތަކެވެ. ކޮންމެދުވަހަކު ވެސް ތާޝާ ބަލާ އައިސް ސައިކަލުގައި އޭނާ މަޑުކޮށްގެން އިންނަނީ އެތަނުގައެވެ. ގޭޓު ހުޅުވައިލާފައި ފަރިހިނގުމުގައި ހިނިތުންވެ ހުރެ ކައިރިއަށް އަންނަ ގޮތް ދެންމެވީ ކަމެއްހެން އޭނާއަށް ސިފަވަމުން ދިޔައެވެ.

Ads by Hajj Corporation

މިއަދު ކުއްލިއަކަށް އެގޭ ކައިރިއަށް އަންނަން ބޭނުންވީ ކީއްވެކަމެއް ހުދު އޭނާއަށް ވެސް ނޭނގެއެވެ. ހިތް ފުރޭވަރު ވާންދެން އެގެއާ ދިމާލަށް ބަލަހައްޓައިގެން އިނުމަށް ފަހު އައިކޮޅަށް ދާން ސައިކަލު އަނބުރައިލިއެވެ.

*****

އެއަރޕޯޓުން ނިކުތުމަށް ފަހު އަނީކް ނަމްބަރަކަށް ގުޅައިލިތާ މާގިނައިރު ނުވަނީސް ޕްރައިވެޓް ކާރެއް އައިސް އެމީހުންގެ ކުރިމައްޗަށް މަޑުކޮށްލިއެވެ.

" ވާއު... ނިކް ދަންނަ މީހުން އުޅޭތަ މާލޭގަ... " ކާރަށް އަރަމުން ތާޝާ ސުވާލުކޮށްލިއެވެ. އަނީކް ވަކި ޖަވާބެއް ނުދީ ހަދިޔާކޮށްލީ ހިނިތުންވުމެކެވެ.

" އަހަރެން ވަރަށް ބަނޑުހައި... ހޮޓެލަށް ދެވުނުހާ އަވަހަށް ބޭނުމީ ކާން... " ބަނޑުގައި އަތް ހާކައިލަމުން ތާޝާ ބުންޏެވެ. ތާޝާގެ މޫނަށް އަނީކް ބަލައިލި ވަގުތު އެ މޫނުން ފެންނަމުން ދިޔަ މައުސޫމުކަން އަނީކްގެ ހިތުގެ އެންމެ ހިމަ ނާރުތަކާ ކުޅެލިއެވެ. ތާޝާ އޮޅުވާލުމެއްގައި ބެހެއްޓުމަކީ އެއްއިރަކު ވެސް އަނީކް ބޭނުންވި ގޮތެއް ނޫނެވެ. އެހެން ނަމަވެސް މިއަދު އަނީކަށް މަޖުބޫރެވެ.

*****

ބަދިގޭގައި މެންދުރުގެ ކެއުން ތައްޔާރު ކުރުމުގައި ރާމިޔާއާ އެކު އަންފޫޒާ ބައިވެރިވަމުން ދިޔައެވެ. ސިޑިން ފައިބައިގެން އައި ޝާނާއަށް މި މަންޒަރު ފެނުމުން ވަރަށް ބޮޑު ހައިރާންކަމެއް ލިބުނެވެ. މީގެ ކުރިން އަންފޫޒާގެ ކިބައިން ނުފެންނަ ޖޯޝެއް ފެންނަމުން ދިޔައެވެ. އަންނަން އުޅެނީ އާދައިގެ މެހެމާނެއް ނޫންކަން ޝާނާއަށް އެނގުނެވެ. އެކަމާ ސުވާލުކޮށްލުމުގެ މަޤްސަދުގައި އެތެރެއަށް ވަންނަން ހިނގައިގަތް ވަގުތު ގެއަށް ވަދެގެން އައި ޖީނާ ފެނިފައި ހުއްޓުނެވެ. އެހެންޏާ ނާންނަ ގަޑިއެއްގައި ޖީނާ ގެއަށް އައުމުން ވެސް ޝާނާއަށް ލިބުނީ ހައިރާންކަމެކެވެ.

އަޅައިގެން ހުރި ކަޅުކުލައިގެ ޝޯލްގެ ތެރެއިން ފެންނަން ހުރި ޖީނާގެ ދޮން މޫނަށް ވެރިވެފައި ވަނީ ކަންބޮޑުވުމެވެ. އޭނާއާ ދިމާލަށް ބަލަހައްޓައިގެން ހުރި ޝާނާއާ އަރާ ހަމަކުރިއިރު މައިނޭވާ ލެވެއެވެ.

" ދޮންތާ ކިހިނެއްވީ އަނެއްކާ.. ؟ ކީއްވެ މަންމަ ގުޅައިފައި އެހާ އަވަހަށް އަންނަން ބުނީ..؟ހުރިހާ ކަމެއް ރަނގަޅުތަ... ؟ މަންމަ ރަނގަޅުތަ؟" ވެރިވެފައިވާ ހާސްކަމާ އެކު ޖީނާ ސުވާލު ފައްޗެއް އަމުނައިލިއެވެ. ޝާނާ ހަށަން ބަނދެލަމުން ، ބަދިގޭގައި ހަރަކާތްތެރިވަމުން ދިޔަ އަންފޫޒާ ލޮލުގެ އިޝާރާތުން ޖީނާއަށް ދައްކައިލިއެވެ. ޖީނާގެ ހިތަށް ހަމަޖެހުމެއް ލިބުނީ ދެނެވެ. މޭގައި އަތްއަޅައިލައި ދެލޯ މަރައިލަމުން  ހިތްހަމަޖެހުމުގެ ނޭވައެއް ދޫކޮށްލިއެވެ.

" ރާމިޔާ ބުނި މެހުމާނުންތަކެއް އަންނަ ވާހަކަ.. އެކަހަލަ އެއްވެސް ވާހަކައެއް މަންމަ ބުނިތަ...؟ " ޝާނާ ސުވާލުކޮށްލިއެވެ. ޖީނާގެ ނިތަށް ރޫއަރައިގެން ދިޔައީ ލިބުނު ހައިރާންކަމެއްގެ ސަބަބުންނެވެ. ޖީނާގެ މޫނުމަތީގެ ކުލަވަރު ފެނި ޖީނާއަށް ވެސް ލިބުނީ އާ ޚަބަރެއްކަން ޝާނާއަށް އެނގުނެވެ.

" މަންމަ ކޮންމެ ވެސް ކަމެއް އެބަ ފޮރުވާ... ކުއްލިއަކަށް ގެ ބަދަލުކުރުމާ.. މެހެމާނުން އައުމާ.. ޕްލަސް ބަލާބަލަ މަންމައަށް.. ހީވަނީ އީދެއް އައިސްގެން އުޅޭހެން... " ޝާނާ ބުނެލިއެވެ. ޖީނާވެސް ވަރަށް ފުން ނަޒަރަކުން އަންފޫޒާއަށް ބަލައިލިއެވެ. ޝާނާ ދެއްކި ވާހަކައާއި ހިތާހިތުން އެއްބަސްވެވުނެވެ.

ބަދިގޭގައި ހުރި އަންފޫޒާއަށް ، އެމީހުންނާއި ދިމާލަށް ބަލަން ދުރުގައި ތިބި ޖީނާއާއި ޝާނާ ފެނުނެވެ. ކުރަން ހުރި މަސައްކަތް ރާމިޔާއާ ހަވާލުކުރުމަށް ފަހު އެދެމީހުން ކައިރިއަށް ދިޔައެވެ.

" ހޭލެވިއްޖެ ދޯ ޝާނާއަށް... މިއަދުވެސް ޝާމިން އެ ދިޔައީ ސައި ނުބޮއެ... ތިގޮތް ދޫކޮށްލާކަށް ނުވޭތަ އަދިވެސް..." ހިތްހަމަނުޖެހިފައި އަންފޫޒާ ބުންޏެވެ. ޝާނާގެ ދެބުމަ ގޮށްޖެހިގެން ދިޔައީ ކުޑަހިނދުކޮޅެއްގެ ތެރޭގައެވެ.

" އޭނާ ކީއްތަ ވާނީ އަހަރެންނަށް ގޮވިއްޔާ އެންމެ ދުވަހަކު ވެސް... އަހަރެން ގޯސްކުރަން އަބަދުވެސް އުޅޭނީ.." ހިތްހަމަނުޖެހިފައި ޝާނާ ބުންޏެވެ. އަންފޫޒާ ދެ ފަރާތަކަށް ބޯހޫރައިލީ ޝާނާއާ ވާހަކަ ދެއްކުމަކީ ބޭކާރުކަމެއްކަން އެނގޭތީއެވެ.

" މަންމަ ކީއްކުރަންތަ އެހާ އަވަހަށް އަންނަން ބުނީ... އަހަރެންގެ ކުލާސްތައް ނުވެސް ނިމެނީސް މިއައީ..." ޖީނާ އަހައިލިއެވެ.

" ތިދެކުދިންނާއި ވަރަށް މުހިންމު ވާހަކައެއް ދައްކަން ވެފައި އެބައޮތް.. އާދެބަލަ މިތާ އިށީންނަން..." ސޯފާއާ ދިމާއަށް ދަމުން އަންފޫޒާ ބުންޏެވެ. ޖީނާގެ ފަހަތުން ހިތްހަމަނުޖެހިފައި ހުރި ޝާނާ ވެސް ގޮސް ސޯފާގައި އިށީނެވެ.

" މިދައްކާ ވާހަކަ ރަނގަޅަށް ކަނުލައި އަޑުއަހާތި!! ތާޝާ ހުރީ ރާއްޖޭގައި.. މި ގެއަށް އައުމުގެ މަގުމަތީގައި.." ލިބުނު ހަބަރާ އެކު ޖީނާގެ މޫނުމަތިން އުފާވެރިކަން ފެނިގެން ދިޔައިރު، ހިތްހަމަނުޖެހިފައި އިން ޝާނާއަށް ލިބުނީ އިތުރު ހިތްހަމަނުޖެހުމެކެވެ.

" އަނެއްކާ ވެސް އެ އަންނަނީ!!! ދެން މައްސަލައެއް ނުޖެހޭ އިރެއް ނޫނީ ނުދާނެ... މިފަހަރު ކީއްކުރަންތަ އެ އަންނަނީ...؟" ފޫހިކަން އެކުލެވިފައިވި ރާގެއްގައި ޝާނާ ބުންޏެވެ. ތާޝާއާ މެދު އެއްގޮތަކަށް ވެސް ޝާނާ ހިތްހަމައެއް ނުޖެހެއެވެ.

" ތާޝާއަށް ބޭނުން އިރަކު މިގެއަށް އާދެވޭނެ.. މިގެއަކީ ތާޝާގެ ބައްޕަގެ ގެއެއް... ދޮންތައަށް ބޭނުންވާ ގޮތަށް ތިއުޅެނީ ވެސް ހަމަ ކުޑަބައްޕަގެ ހެޔޮކަމުން..." ޖީނާ ރައްދު ދިނެވެ. ޝާނާ އެއްޗެއް ބުނަން އަނގަ ހުޅުވައިލުމާ އެކު އަންފޫޒާ ވާހަކަ ދައްކަން ފެށިއެވެ.

" ތާޝާ އަންނަނީ ޑެނީއާއި އަންސޫއަށް އެނގުމަކާ ނުލައި... ތާޝާ ގޮވައިގެން އަންނަނީ އޭނާގެ ރަހުމަތްތެރިއެއް... މިގެއަކީ ވެސް އެ ރަހުމަތްތެރިޔާގެ ގެއެއް... މި ގެއަށް ބަދަލުވާން ޖެހުނީ އޭނާ ބުނެގެން.. އެ ގޭގައި ހުރެގެން ތާޝާއަށް ނުރައްކަލެއް ކުރިމަތިވެދާނެތީ... އެހެންވީމަ މި ގެއަކީ ތާޝާ ކުރިން އުޅުނު ގެއެއް ނޫންކަން އެއްވެސް ހާލެއްގައި އޭނާއަށް އެނގުނަދީގެން ނުވާނެ.. އަދި އޭނާގެ މާޒީއާ ބެހޭ ގޮތުން ވެސް އެއްވެސް ކަމެއް ކިޔައިދީގެން ނުވާނެ... އެއީ އެކަމުން ތާޝާގެ ސިއްޙަތަށް ނޭދެވޭ އަސަރެއް ކޮށްފާނެތީ..." އަންފޫޒާ ތަފްސީލުކޮށް ކިޔައިދިނެވެ.

" ރިއަލީ މަންމާ... ކުޑަބައްޕައަށް ނޭނގި ތާޝާއަށް މާލެ އާދެވޭތަ... ؟ އެންޑް އެ ރަޙުމަތްތެރިޔާއަށް ކިހިނެއް މަންމަ އެނގުނީ... ؟ ކުޑަބައްޕައަށް މަންމަ ތިގޮތަށް ކަންތައް ކުރިކަން އެނގުނިއްޔާ ވާނެގޮތް އެނގެއެއްނު.. އެހެންނޫނީ މަންމަ އަހަރުމެންނަށް އޮޅުވާލަނީތަ... ؟ " ކޮންމެވެސް ނުބައެއް އުޅޭކަން އިހުސާސްވެ، ޝާނާ ވާހަކަދެއްކިއެވެ.

" ޝާނާ އަނގަ މަޑުންލައިގެން އިނދެބަލަ.. ކޮންމެ ކަމެއް އޭގެ އެންމެ ނުބައި ގޮތަށް ވިސްނުމަކީ ޝާނާގެ އާދައެއް.. އަހަރެން ބުނަންވާ އެއްޗެއް މިބުނީ.. ބުނާ ގޮތަށް ކަންތައް ނުކޮށްފިއްޔާ ދެން ހަދާނެ ގޮތް ވެސް އަހަންނަށް އެނގޭ.. ދެން އިތުރަށް އެއްވެސް ސުވާލެއް އަހަންނާ ކޮށްގެން ނުވާނެ.." އަންފޫޒާ ކައިރިއަށް ރުޅި އަންނަ ގޮތްވިއެވެ. އޭނާ ކޮންމެވެސް ކަމެއް ސިއްރުކުރާކަން ޝާނާއަށް ޔަގީންވިއެވެ. އިތުރު ބަހެއް ނުބުނެ ހަމަޖެހިގެން ސޯފާގައި ލެގިލީ  އެސިއްރު ހޯދާނެ ކަމުގެ ޔަގީންކަން އަމިއްލަ ނަފްސަށް ދެމުންނެވެ.

ޝާނާއެކޭ އެއްގޮތަށް ޖީނާގެ ހިތުގައި ވެސް ސުވާލުތަކެއް އުފެދިގެން ދިޔައެވެ. އެހެން ނަމަވެސް މަސްލަހަތަށް ބަލައިފައި އެ ސުވާލުތައް ހިތުގައި ފޮރުވައިލިއެވެ. ތާޝާ އައުމަކީ ޖީނާއަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އެތައް އަހަރަކަށް ފަހު ތާޝާއާ ބައްދަލުވާން އުޅޭތީ ޖީނާގެ ހިތްވަނީ އުފަލުން ފޮޅިފައެވެ. އެޚަބަރު ލިބުނު ވަގުތުން ފެށިގެން އޭނާ ތާޝާއާ ބައްދަލުވާނެ އިރަކަށް ގަޑި ގުނަން ފަށައިފިއެވެ.

*****

ގޭގެ ޕޯޓިކޯގައި ކާރު މަޑުކޮށްލުމާ އެކު އަނީކާއި ތާޝާ ކާރުން ފޭބީ އެކުއެކީގައެވެ. ވަށައިގެންވާ ގެޔަށް ނަޒަރު ހިންގައިލުމާ އެކު ތާޝާއަށް ލިބުނީ ހައިރާންކަމެކެވެ. ފެންނަމުން ދިޔައީ ހޮޓެލެއް ނޫންކަން އެނގުނެވެ.

" ނިކް.. ކޮންތަނަކަށް ތިއައީ.. ؟ މީ ހޮޓެލެއް ވައްތަރު ނުޖަހާ..." ހައިރާންވެ ހުރެ ތާޝާ ބުންޏެވެ.

"ކާކުތަ ބުނީ މީ ހޮޓެލެކޭ.... ؟" ސަމާސާކަން އެކުލެވިފައިވި ރާގެއްގައި އަނީކް ބުންޏެވެ. އޭނާގެ ތުންފަތްމަތީގައިވީ ލާނެތް ހިނިތުންވުމެކެވެ.

" ދެން....... މީ ކޮންތަނެއް.. ؟ކާކުގެ ގެއެއް؟ " ހައިރާންވެ ދެލޯ ބޮޑުކޮށްލާފައި ތާޝާ ސުވާލުކުރި ގޮތުން އަނީކަށް ހެވުނެވެ.

"ހިނގާ އެތެރެއަށް.. އޭރުން އެނގޭނެ..." އަނީކް ބުންޏެވެ. އަދި ތާޝާގެ އުނަގަނޑުގައި ހިފަހައްޓަލައި ކުރިއަށް ހިނގައިގައިގަތެވެ.

ގޭގެ ދޮރުގެ ބެލްއަޅައިލި އަޑު އިވުމާ އެކު ފުންމައިގެން ޖީނާއަށް ތެދުވެވުނެވެ.

"ތާޝާ އައީ ކަންނޭނގެ" ހުރިހާ ދަތްތަކެއް ފެންނަވަރަށް ހިނިތުންވެލަމުން ޖީނާ ބުންޏެވެ. ހިތް އަވަސްވެފައިވާ ހާލު ދުވަމުން ކަހަލަ ގޮތަކަށް ގޮސް ގޭގެ ދޮރު ހުޅުވައިލިއެވެ. އަންފޫޒާ ވެސް އިންތަނުން ތެދުވެގެން ކުރިއަށް ހިނގައިގަތެވެ. ކަންނެތްގޮތަކަށް ޝާނާ ވެސް ތެދުވިއެވެ. ދެއަތް އުރާލައި ހުރި ތާ ހުއްޓިގެން ހުރީ ތާޝާއާ ބައްދަލު ކުރުމުގެ އެއްވެސް ޝައުޤުވެރިކަމެއް ނެތުމުންނެވެ.

ދޮރު ހުޅުވައިލުމާ އެކު އެންމެ ފުރަތަމަ ވެސް ޖީނާއަށް ލިބުނީ ކުޑަވަރެއްގެ ޝޮކެކެވެ. ކުރިމަތީގައި ފެންނަން ހުރީ މީގެ ހަތަރު އަހަރު ކުރިން އޭނާއާށް ފެނުނު ތާޝާއެއް ނޫނެވެ. މިހާރު ފެންނަން ހުރި ތާޝާ މުޅިން ތަފާތެވެ. އެންމެ ބޮޑަށް ލޮލުގައި އަޅައިގަތީ ތާޝާގެ ދިގު ފަން އިސްތަށިގަނޑެވެ. ތާޝާއަށް ކުރިމަތީގައި ހުރީ ޖީނާކަން އެނގެން ހިނދުކޮޅެއް ނެގިއެވެ. ލިބުނީ ކުއްލި ހައިރާންކަމެކެވެ.

" ޖީން......" ވީ އުފަލާ އެކު ތާޝާ ޖީނާ ގައިގައި ބައްދައިލިއެވެ. ޖީނާގެ ދެލޯ ފެންކަޅިވެގެން ދިޔައީ ތާޝާގެ ހާލަތާ މެދު ވިސްނާލެވުމުންނެވެ. ކުރީގެ ކަމެއް ކުޑަކޮށް ވެސް ހަނދާން ހުރި ނަމަ ތާޝާ މިހާރު އެހުރި ސިފައަށް ނުހުރިސް ކަން ޔަގީނެވެ. ތާޝާގެ ބުރަކަށީގައި ފިރުމައިލެވުނީ އޭނާއާ މެދު ހަމްދަރުދީވެ ހުރެއެވެ.

ތާޝާ އެއްލި ކަޅިއަކުން ތަންކޮޅެއް ދުރުގައި ހެވިފައި ހުރި އަންފޫޒާ ފެނުނެވެ. ލިބިފައިވާ ޖޯޝާ އެކީގައި ބޮއްތާއޭ ކިޔާ ގޮވައިލިއެވެ. ދުވެފައި ގޮސް ބައްދައިލިގޮތުން އަންފޫޒާ އަރިއަޅައިލިއެވެ. އެހެން ނަމަވެސް ހަށިގަނޑު ކޮންޓްރޯލް ކޮށްލަމުން ތާޝާގެ ކޮލުގައި ބޮސްދިނުމަށް ފަހު އޭނާ ގައިގައި ބާރަށް ބައްދައިލިއެވެ.

ދުރުގައި މަންޒަރު ބަލަން ހުރި ޝާނާގެ ހިތުގައި ވަނީ ނުތަނަވަސްކަމެއް އުފެދިފައެވެ. ތާޝާ ފެނުނީއްސުރެ ޝާނާއަށް އުނދަގޫތަކެއް ވަމުން ދިޔައެވެ. ތާޝާއާ ބައްދަލުކުރަން ޝާނާގެ ހިތް ނުރުހުނެވެ. ތާޝާއަށް ޝާނާ ފެނިގެން އެދިމާލަށް ދާން އުޅުނު ވަގުތު ޝާނާ ތާޝާއަށް ފުރަގަސް ދިނެވެ. ބާރު ހިނގުމެއްގައި ގޮސް ސިޑިން މައްޗަށް އަރައިގެން ދިޔައީ ފަހަތް ބަލައި ވެސް ނުލައެވެ.

ޝާނާއަށް ވީގޮތް އެނގި އަންފޫޒާއާއި ޖީނާ އެކަކު އަނެކަކަށް ބަލައިލިއެވެ. ޝާނާ ކަންތައް ކުރިގޮތުން ތާޝާ ހައިރާންވިއެވެ. ހަނދާން ހުންނަން ފެށީއްސުރެ އޭނާއާއި ޖީނާ އަދި ޝާނާގެ މެދުގައި އޮންނަނީ ގާތް އެކުވެރިކަމެކެވެ.

" ބޮއްތާ ޝާނާ ދޮންތައަށް ކިހިނެއް އެވީ... ؟ ކީއްވެ އަހަރެންނާ ބައްދަލު ނުކޮށް އެ ދިޔައީ..؟" ލިބިފައިވާ ހައިރާންކަމާ އެކު ތާޝާ ސުވާލުކޮށްލިއެވެ.

" އެކަމާ އަޅައި ނުލާ.. އެއީ ޝާނާގެ ވައްތަރު... އެކަމަކު ތާޝާ ވެސް ރަޙުމަތްތެރިޔާ އެތަނުގަ ބަހައްޓާކަށް ނުވާނެއްނު.." ވާހަކަ އޮޅުވާލަން މަސައްކަތް ކުރަމުން އަންފޫޒާ ބުންޏެވެ. އަނީކާ މެދުގައި ތާޝާއަށް ވިސްނައިލެވުނީ ދެނެވެ. ހުރިތަނުން ގުޑިލަން ވެސް ނުކެރިފައި އަނީކް އަދިވެސް ހުރީ ދޮރުމަތީގައެވެ. ޖީނާއަށް ވެސް އަނީކް ފެނުނީ އަދި ކިރިޔާއެވެ.

" ތީ ދޯ އަނީކަކީ... ކީއްވެ ތިތާ ތި ހުންނަނީ...؟ މީ އަނީކްގެ ވެސް ގެ އާދޭ އެތެރެއަށް.." ހިތްހެޔޮކަމާ އެކު އަންފޫޒާ ބުންޏެވެ.

" އަމް ސޯ ސޮރީ ނިކް... އެކަމް ނިކްއަށް ކިހިނެއް މިގެއަށް އަންނަން އެނގުނީ...؟ " އެތެރެއަށް ވަދެގެން އައި އަނީކްގެ އަތުގެ ފަލަމަސްގަނޑުގައި ހިފައިލަމުން ތާޝާ އެހިއެވެ. އެ މަންޒަރަށް ޖީނާއަށް ބަލައިލެވުނީ ބޭއިޚްތިޔާރުގައެވެ. އެވަގުތު ހިތަށް އެރި އެއްޗަކުން ޖީނާ މާޔޫސްވިއެވެ.

" އަހަރެން ތާޝާ ގޮވައިގެން މިއައީ ހުރިހާ ކަމެއް ބަލައި ހޯދައިފަ... ރިސްކެއް ނަގަން ބޭނުން ނުވާތީ..." އަނީކް ބުންޏެވެ. އެވަގުތު ތާޝާ އޭނާގެ މައިންބަފައިން މަތިން ހަނދާންވިއެވެ. އޭނާ ގޭގައި ނެތްކަން މިހާރު އެމީހުންނަށް އެނގޭނެއެވެ.

" ބޮއްތާ ... މަންމަމެންނަށް އެނގޭނެތަ އަހަރެން މިގޭގައި ހުރިކަން..." ތާޝާއަށް އެހިއެވެ.

" ބޮއްތަ އެއް ނުބުނަން.. އެކަމަކު ބުނަން ޖެހޭނެ ދޯ... އެހެން ނޫނީ އެމީހުން ވެސް ތިބޭނީ ހާސްކަމެއްގައެއްނު... ދެން މާ ވާހަކަ ގިނަނުކޮށް ދާންވީނު އަރާމުކޮށްލަން... މިހާރު ހުންނާނީ ވަރަށް ވަރުބަލިވެފައެއްނު.." އަންފޫޒާ ބުންޏެވެ. ދާނިޔާލްއާއި އަންސޫދާއާ ދޭތެރޭގައި ވިސްނައިލާފައި ތާޝާ ދެރަވިއެވެ. އެދެމަފިރިން މަތިން ހަނދާންވާން ފަށައިފިއެވެ. އެމީހުން ވެސް ތާޝާ މަތިން ހަނދާންވާނެކަން ޔަގީނެވެ.

*****

އަންސޫދާއަށް ތެދުވެވުނީ ދިހައެއް ޖަހަން ގާތްވެފައި ވަނިކޮށެވެ. މާގިނައިރު ނިދުމުގެ ސަބަބުން ބޮލުގައ ރިހުމެއް ހުއްޓެވެ. އަވަސްއަވަހަށް ތައްޔާރުވެލައިގެން ކޮޓަރިން ނިކުތީ ބަނޑުހައިވެފައި ހުރިވަރުންނެވެ. ނޯކަރަކަށް ގޮވައިލަން އުޅުނު ވަގުތު ސޯފާގައި ދެ ކަކުލުގައި އަތްވިއްދައިލައިގެން އިން ދާނިޔާލް ފެނުނެވެ. ބަލައިބެލުމަށް ހީވަނީ ހިޔާލަކަށް ގެއްލިފައި އިންހެނެވެ. އޮފީހަށް ނުގޮސް އިނީ ކީއްވެބާއޭ ހިތަށް އެރިއެވެ. ބަދިގެއަށް ދިއުމުގެ ހިޔާލު ދޫކޮށްލާފައި ގޮސް ދާނިޔާލް ގާތުގައި އިށީނެވެ.

" ކީއްވެ އޮފީހަށް ނުދިޔައީ.. ؟ބަލީތަ؟" ދާނިޔާލްގެ އިސްތަށިގަނޑުގައި އަތް ފުނާއަޅައިލަމުން އަންސޫދާ އޯގާތެރިކަމާ އެކު އަހައިލިއެވެ. ދާނިޔާލް ވަކި ޖަވާބެއް ނުދީ އަންސޫދާއާ ދިމާލަށް ބަލައިލިއެވެ. އެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ މޮޅިވެރިކަމަވެ.

" ކިހިނެއްވީ ޑެނީ... ؟ ކަމެއް ގޯސްވީތަ؟" ހިތްނުތަނަވަސް ވެފައިވާ ހާލު އަންސޫދާ އަހައިލިއެވެ.

" އަންސޫ!! ތާޝާ ގޮސްފި..." ކަރު އެލުވައިލަމުން ދާނިޔާލް ބުންޏެވެ.

" ދިޔައިއްޔޭ!! ކޮންތާކަށް؟" ދެބުމަ ގޮށްޖަހާލަމުން އަންސޫދާ އަހައިލިއެވެ.

" ތާޝާ ފުރައިގެން ރާއްޖެ ހިނގައްޖެ.." ދާނިޔާލް އިތުރަށް ސާފުކޮށްދިނެވެ. އަންސޫދާއަށް ލިބުނީ ކުއްލި ސިހުމެކެވެ. މޭގައި އަތްއަޅައި ލެވުނީ އަންގައިލުމެއް ވެސް ނެތި ތާޝާ އެވަރުގެ ބޮޑު ފިޔަވަޅެއް އެޅުމުންނެވެ. އޭނާގެ ރުހުމާ ނުލާ ތާޝާ އަމިއްލަ އެދުން އިސްކުރުމުން ހިތުގައި ޖެހިއްޖެއެވެ.

" ނުވާނެ އެހެނެއް... ތާޝާގެ ކޮޓަރި ރަނގަޅަށް ބެލިންތަ..؟" އަންސޫދާ ތާޝާގެ ކޮޓަރިއާ ދިމާއަށް ދާން އުޅުނު ވަގުތު ދާނިޔާލް އަންސޫދާގެ އަތުގައި ހިފައި މަޑުކުރުވިއެވެ.

" ޤަބޫލުކޮށްބަލަ.. އަހަރެން ހެނދުނު ތެދުވިގޮތަށް އައީ ތާޝާ ގާތަށް.. ތާޝާއާ ވާހަކަ ދައްކައިލުމަށް.. ކޮޓަރީގެ ނެތުމުން ގޭގެ އެހެން ތަންތަން ވެސް ބަލައި ހޯދިން... ތާޝާގެ ސެކިއުރިޓީ ގާޑަށް ގުޅުމުން ވެސް ބުނީ އޭނައަށް ތާޝާ ނުގުޅާ ކަމަށް... އެންމެ ފަހުން އަހަރެން ކެމެރާތައް ޗެކްކުރީމަ އެނގުނީ.. ރޭ ފަތިހު ނިކްއާ އެކު ތާޝާ ގެއިން ނިކުތީ... ކޮނޑުގައި ދަބަހެއް ވެސް އޮތް.. މިގޭ ގާޑަށް އެވަރު ނޭނގުމުން އެކަމާ ރުޅި އައިސްގެން ވަޒީފާއިން ވެސް ވަކިކޮށްފިން..." ދާނިޔާލް ކިޔައިދިނެވެ.

" ވެދާނެއްނު ނިކްއާ އެކު އެގެއަށް ދިޔައީ ކަމަށް ވެސް... ޑެނީ ގުޅިންތަ ނިކްއަށް" އަދިވެސް ޤަބޫލުކުރަން އަންސޫދާ ބޭނުން ނުވާ ކަހަލައެވެ.

" ނިކްގެ ފޯނަށް ގުޅިން.. ނިއްވައިލައިފައި އޮންނަނީ... މީގެ އިރުކޮޅެއް ކުރިން އައީ އަންފޫޒާގެ މެސެޖެއް.. ތާޝާއާއި ނިކް ހުރީ އެ ގޭގައި.. ކަންބޮޑުނުވުމަށް ބުނީ.." ދާނިޔާލް އިތުރަށް ބުނެދިނެވެ. އަންސޫދާއަށް ސޯފާގައި އިށީނދެވުނެވެ. ދެލޮލުން ކަރުނަ އޮހެންފެށީ ތާޝާއާ ދޭތެރޭގައި ކަންބޮޑުވީވަރުންނެވެ. އެހެން ނަމަވެސް މިހާރު ކުރާނެކަމެއް ނެތެވެ. ތާޝާ އެ ވަނީ އޭނާ އާ އެތައް މޭލެއް ދުރުގައެވެ. ހިތްހަމަނުޖެހުނަސް ދެން އޮތީ ހުރިހާ ކަމެއް ރަނގަޅުކުރެއްވުމަށް އެދި ދުއާ ކުރުމެވެ.

" ތާޝާއަށް ގޮތެއް ވެދާނެތީ އަހަރެން ބިރުގަނޭ... އެތަނަކީ އޭނައަށް އެހާ ރައްކާތެރި ތަނެއް ނޫން.. ނިކް ވެސް އެވަރުގެ ކޮށްފާނެ ކަމަކަށް އަހަރެން ހިޔެއް ނުކުރަން.." އަންސޫދާ ބުންޏެވެ.

" މި ކަމުގައި ނިކް ކުށްވެރި ކުރެވޭކަށް ނެތް.. އެސޮރު އެ ހުންނަނީ ތާޝާ ބުނެފިއްޔާ ކޮންމެ ފަދަ ކަމެއް ވެސް ކުރަން ތައްޔާރަށް.. އަންސޫ ދެރަނުވޭ... އެއް މަސް ދުވަސް ތެރޭގައި ތާޝާ އެނބުރި ނައިސްފިއްޔާ އޭނާ ބަލާ ދާނީ ހުދު އަހަރެން... އެހާ ދުވަސްވަންދެން އަހަރެން އަންފޫޒާއަށް އިތުބާރު ކުރާނަން..." އަންސޫދާ ގަޔާ ކައިރިކޮށްލަމުން ދާނިޔާލް ބުންޏެވެ. އަންސޫދާ ރޮމުންރޮމުން ދާނިޔާލްގެ ކޮނޑުގައި ބޯއަޅައިލިއެވެ.

*****

އިޝާ ނަމާދުކޮށް ނިންމައިލުމަށް ފަހު ޖީނާ މިސްރާބު ޖެހީ ތާޝާގެ ކޮޓަރިއަށް ދިއުމަށެވެ. އައި ފަހުން އަދި ތާޝާއާ ރަނގަޅަށް ވާހަކަ ދައްކައިލާނެ ފުރުސަތެއް ނުލިބެއެވެ. ތާޝާ ވެސް އައި ފަހުން ކޮޓަރިން ނިކުތީ މެންދުރު ކެއުމުގެ ވަގުތުގައި އެކަންޏެވެ. ތާޝާގެ ކޮޓަރިއާ އަރައި ހަމަވީ ވަގުތު އެ ކޮޓަރިން ނިކުތް އަނީކް ފެނި ޖީނާގެ ނިތަށް ރޫއަރައިގެން ދިޔައެވެ. އަނީކަށް ޖީނާ ފެނުމުން ހިނިތުންވުމެއް ދިނެވެ.

" ތާޝާ އޮތީ ނިދައިފައި..." އަނީކް ބުނެލިއެވެ. ޖީނާ ހިތްހަމަ ނުޖެހުނެވެ. ތާޝާ ނިދައިފައި އޮއްވައި އަނީކް އެ ކޮޓަރިއަށް ވަންނާކަށް ނުޖެހޭނެއެވެ.

" ކީއްކުރަން ތާޝާ ނިދައިފައި އޮއްވައި ކޮޓަރިއަށް ވަނީ؟" ހިތްހަމަ ނުޖެހިފައި ހުރެ ޖީނާ ބުންޏެވެ. އަނީކަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނައަށް އެއީ އެހައި ބޮޑުކަމެއް ނޫނެވެ. ޖީނާ އެހައި ރުޅި އަންނަން ޖެހޭ ސަބަބެއް އަނީކަކަށް ނޭނގުނެވެ. އަނީކް ބަހެއް ނުކިޔާ ހުރުމުން ޖީނާ އެނބުރި ދާން ހިނގައިގަތް ވަގުތު އަނީކް ވާހަކަ ދައްކަން ފެށިއެވެ. އެހެންކަމުން ޖީނާއަށް ޖެހުނީ ހުއްޓޭށެވެ.

" އެކްސްކިއުޒް..." އަނީކް ބުނެލިއެވެ.

" ޖީނާ ކިޔަނީ... " އަނީކާ ދިމާއަށް އެނބުރި ދެއަތް އުރައިލަމުން ޖީނާ ބުންޏެވެ. އެ އަޑުގައި ރުންކުރު ގޮތެއް ހުއްޓެވެ.

" ކޮފީއެއް ލިބިދާނެތަ...؟" އަނީކް ބޯ ކަހައިލަމުން ބުންޏެވެ.

' ސީރިއަސްލީ.. އަހަރެން މީ ނޯކަރެއް ކަމަށްތަ ހީކުރީ... ؟ ހާދަ ފޫހިވާ ފިރިހެނެކޭ" އެ ޖުމްލަތައް ވީ ޖީނާގެ ހިތުގައެވެ.

" ކިހިނެއްވީ.. ؟ އުނދަގޫ ވަންޏާ ސޮރީ..." ޖީނާ ބަހެއް ނުކިއުމުން އަނީކް ބުންޏެވެ.

" ރާމިޔާ......" އަނީކް އެނބުރި ދާން ހިނގައިގަތް ވަގުތު ޖީނާ ބާރަށް ގޮވައިލިއެވެ. އަނީކް ދިޔައީ ސިއްސައިގެންނެވެ. ރާމިޔާ އެތަނަށް އައިސް ހުއްޓުނީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.

" ޖީނާ ކޮއްކޮ ހާދަ ބާރަކަށް ގޮވަނީ... ކިހިނެއްވީ..؟" ޖީނާ އެހާ ބާރަށް ގޮވައިލުމުން ރާމިޔާ ވެސް ހުރީ ހައިރާންވެފައެވެ.

" މީނައަށް ކޮފީއެއް ހަދައިދީބަލަ... " ރާމިޔާ ކައިރީ ޖީނާ ބުންޏެވެ.

" ދެން ވެސް ކަމަކު ޖެހިއްޖިއްޔާ ގޮވާނީ ރާމިޔާއަށް... " އަނީކާ ދިމާއަށް އެނބުރެމުން ޖީނާ ބުންޏެވެ. އެއަށް ފަހު މަޑުވެސް ނުކޮށް އޭނާގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. އަނީކް ހުރީ ހައިރާންވެފައެވެ. އެހާ ރުންކުރު ކުއްޖަކާ އޭނާއާ ދިމާވި މިއީ ފުރަތަމަ ފަހަރެވެ. ތާޝާގެ ކަޒިންއެކޭ ބުނާހާ ވެސް ނުވެއެވެ.

ކޮޓަރީގައި ދެކޮޅު ދެކޮޅަށް ހިނގާލަހިނގާލަ ހުރި ޝާނާގެ މޫނުމަތިން ފެންނަމުން ދިޔައީ ނުތަނަވަސް ކަމެވެ. ތާޝާ ފެނުމުން އޭނައަށް އެހާ އުނދަގޫވެދާނެ ކަމަކަށް ކުރިން ހީކުރެވިފައެއް ނެތެވެ. ތާޝާއާ ކުރިމަތި ލާނެ ހިތްވަރެއް ނުލިބިގެން މި އުޅެނީ ކީއްވެ ހެއްޔެވެ؟ އޭރު ޝާނާ ކަންތައް ކުރީ އޭނައާށް ފެނުނު އެންމެ ރަނގަޅު ގޮތަށެވެ. ވީ އިރު މިހާރު ޝާނާއަށް އެކަމާ އުނދަގޫ މިވަނީ ކީއްވެ ހެއްޔެވެ؟ މި ފަދަ ވިސްނުމެއްގައި ހުއްޓައި ކޮޓަރީގެ ދޮރު ހުޅުވައިލައިފައި ވަނީ ޝާމިންއެވެ. ޝާމިން ފެނުމުން ޝާނާ ހިނިތުންވެލިއެވެ. އަޅައި ވެސް ނުލާ އެނދުމައްޗަށް އަތުގައި އޮތް ދަބަސް އެއްލައިލުމަށް ފަހު ޝާމިން ގޮސް ވަނީ ފާހާނާއަށެވެ. ޝާނާ ހިތުގައި ޖެހުނެވެ. ކައިވެނިކޮށްގެން މިވީ ތިން އަހަރުގެ ތެރޭގައި ޝާމިންގެ ފަރާތުން ޝާނާއަށް ކުޑަކޮށް ވެސް ލޯތްބެއް ނުލިބެއެވެ. ޝާމިންގެ ރުހުން ހޯދަން ޝާނާ ކުރިހާ މަސައްކަތެއް ވަނީ ނާކާމިޔާބު ވެފައެވެ. ޝާމިންއަކީ ޝާނާގެ ހައްޤެއް ނަމަވެސް އޭނާއަށް އެލޯބި ވަނީ ގެއްލިފައެވެ.

" މިރޭ ހާދަ އަވަހަކަށް ތިއައީ..؟" ޝާމިން ފާހާނާއިން ނިކުތުމާ އެކު ޝާނާ އަހައިލިއެވެ.

" ސަލާމަތެއް ނެތެއްނު.. ލަސްވީމަ ވެސް ކަމަކު ނުދޭ.. އަވަހަށް އައިމަ ވެސް ކަމަކު ނުދޭ... " އެނދުގައި އުއްޑުން އޮށޯންނަމުން ޝާމިން ބުންޏެވެ.

" ނިދަނީތަ.. ؟ އަހަންނާ ވާހަކަ ދައްކާލަން މަޑުކޮށްލަންވީނު.. " އެނދުގައި އިށީންނަމުން ޝާނާ ބުންޏެވެ.

" ބޭކާރު ވާހަކަ ދައްކާކަށް ވަގުތެއް ނެތް... " ރުންކުރު ގޮތަކަށް ޝާމިން ބުންޏެވެ.

" ކައިފިންތަ...؟" ރުޅި ނާންނަން މަސައްކަތް ކުރަމުން ޝާނާ އަހައިލިއެވެ.

" ކީއްކުރަން ބަލަނީ... ؟" ޝާމިން އަހައިލިއެވެ.

" ފޯރ ގޯޑްސް ސޭކް އެންމެ ފަހަރަކު ވެސް އަހަރެންނާ ރީތިކޮށް ވާހަކަ ދައްކަފާނަންތަ...؟ އަހަރެންވެސް ކިހާ ރީތިކޮށް މިވާހަކަ ދައްކަނީ" އެންމެފަހުން ޝާނާ ބުންޏެވެ.

" އަހަރެން ބޭނުން ގޮތަކަށް ވާހަކަ ދައްކާނީ... ހިތްހަމަނުޖެހެންޏާ ޝާނާގެ ކުޑަބައްޕަ ކައިރީގައި ބުނެގެން އަނެއްކާ އެހެން މީހެއް ހޯދަންވީނު..." އެހެން ބުނުމަށް ފަހު ޝާމިން އަނެއް ފަރާތަށް އެނބުރުނެވެ. ޝާނާއަށް އިތުރު ބަހެއް ބުނާނެ ހިތްވަރެއް ނުލިބުނެވެ. ލޮލުން ވެއްޓުނު ކަރުނަ ތިކި ފޮހެލުމަށް ފަހު އެނދުގައި އޮށޯވެ ރަޖާ އަޅައިލިއެވެ. އަނެއްފަރާތަށް އެނބުރުނު އިރު ޝާނާގެ ދެލޮލުން ކަރުނަތައް އޮހިގަނެއްޖެއެވެ. ޝާނާގެ މިޒާޖުގައި ހަރުކަށިކަމެއް ހުއްޓަސް ފިރިމީހާ އަޅައިލުން ކުޑަކަމާ ދުރުކަން އޭނާގެ ނަފްސު ބަލިކަށި ކުރުވައެވެ. ހިތާމައަކީ އެކަން ދެމިގެން ދަނީ ކުޑަ ހިނދުކޮޅަކަށް ކަމެވެ. އިސާހިތަކު އެ ހިތްދަތިކަން ފިލައި އަނެއްކާ ވެސް ހަރުކަށިކަމާ ބޮޑާކަން އޭނާގެ ހަފަރާތުން ވަށައިލާނެއެވެ.

ތާޝާއަށް ހޭލެވުނީ ރޭގަނޑު ބާރަ ޖަހަން ގާތްވެފައި ވަނިކޮށެވެ. ބަނޑުހައިވެފައި ހުރިވަރުން ބަނޑުގައި އަތްހާކައި ލެވުނެވެ. އެހިނދު އޭނާއަށް ކާއެއްޗެއްގެ މުހިންމުކަން އިހުސާސް ވިއެވެ. އަނީކަށް ގުޅަން އުޅެފައި ވެސް ނިދައިފައި އޮވެދާނެތީ ގުޅާކަށް ނުކެރުނެވެ. ކޮޓަރިން ނިކުމެގެން ގޮސް ޖީނާއަށް ގޮވަން ބޭނުންވިއެވެ. އެހެނަސް ޖީނާގެ ކޮޓަރި ވަކި ކުރާކަށް ނޭނގުނެވެ. އަނދިރީގައި ސިޑިން ތިރިއަށް ފައިބާން ފެށީ ބަދިގެއަށް ދިއުމުގެ މަޤްސަދުގައެވެ. އައިސްއަލަމާރީގެ ދޮރުހުޅުވައިލީ މޭވައެއް ކާލުމުގެ ނިޔަތުގައެވެ. އާފަލެއް ނަގައިގެން އަނެއްފަރާތަށް އެނބުރު ވަގުތު ކުރިމަތީގައި މީހެއް ހުރިހެން ހީވެ ސިއްސައިގެން ގޮސް ފަހަތަށް ޖެހެވުނެވެ. އެމީހަކު ތާޝާއާ ދިމާލަށް ބަލާހެން ހީވުމުން ތާޝާގެ ހިތުގައި ބިރުވެރިކަމުގެ ރާޅެއް ދުވެލިއެވެ. އަވަހަށް ދާންވެގެން އުޅުނު ވަގުތު އެމީހެއްގެ ފައިގައި އަޅައިގަނެފައި ތާޝާ ވެއްޓެން ދިޔައެވެ. ނަމަވެސް އޭގެ ކުރިން އެމީހަކު އޭނާގެ ބާރުގަދަ އަތުން ތާޝާ ވެއްޓުނަ ނުދީ ހިފެހެއްޓިއެވެ. އެމީހެއްގެ ދެ އަތުގެ ތެރޭގައި ހައްޔަރުވެފައި ހުރި ތާޝާގެ ހިތުގެ ތެޅުމުގެ އަޑު ޚުދު އޭނާއަށް ވެސް އިހުސާސްވަމުން ދިޔައެވެ. އެންމެ ބޮޑަށް ޖެހިލުންވީ އެމީހެއްގެ ދެއަތުގެ ތެރެއިން އޭނާ ނިކުންނަން މަސައްކަތް ކުރާއިރު ވެސް އެމީހަކު އެކަމަށް މާބޮޑު ސަމާލުކަމެއް ނުދޭތީއެވެ.

(ނުނިމޭ)

Ads by HDC
  1. ވ.ރީތީ