ވާހަކަ

ދުރުގާވުން ހިތް ނޭދޭ! (ފަސްވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ދުރުގާވުން ހިތް ނޭދޭ! (ފުރަތަމަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދެވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތިންވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތަރުވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނުވަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދިހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! ( އެގާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސާދަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަނަރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސޯޅަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސަތާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނަވާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ވިހިވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެކާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފައްސަވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްބީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ހަތާވީސް ވަނަބައި) ދުރުގާވުން ހިތްނޭދޭ! (އަށާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ނަވާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ތިރީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެއްތިރީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ބައްތިރީސް ވަނަ ބައި) ދުރުގާވުން ހިތްނޭދޭ! ( ތެއްތިރީސްވަނަ ބައި)

ދިހައެއް ޖަހަން ދިހަ މިނެޓަށް ވެފައި ވަނިކޮށް ޒިދާން ގޮސް މަގުގެ އަނެއްފަރާތުން ރެސްޓޯރެންޓް ކުރިމަތީގައި މަޑުކޮށްލިއެވެ. ދަންނަ މީހަކު ފެނޭތޯ މަގުގެ ދެކޮޅު ހޯދައިލިއެވެ. އެތެރޭގައި އިނދެދާނޭ ހިތައި ސައިކަލުން ފައިބައިގެން އެދިމާލަށް ދާން އުޅުނެވެ. ހަމަ އެވަގުތު އެއްލި ކަޅިއަކުން ރެސްޓޯރެންޓާ ދިމާލަށް ހިނގާފައި އަންނަ މީހަކު ފެނި ޒިދާންގެ ހިތަށް ގޮތެއް ވެގެން ދިޔައެވެ. ކުރިއަށް އަންނަމުން ދިޔަ ޖީނާ ފެނިފައި ޒިދާންގެ ހަރަކާތްތަކަށް ހުއްޓުމެއް އައި ކަހަލައެވެ. އެއީ ތާޝާގެ ދެބެންގެ ދެދަރި ކުއްޖެއްކަން އޭނައަށް އޮޅިފައެއް ނެތެވެ. ޒިދާނަށް ޖީނާ ފެނުނީ މީގެ ތިން އަހަރު ކުރިންނެވެ. މަގުމަތިން ޖީނާ ފެނުމުން ތާޝާ ވީތަނެއް ހޯދަން ވަރަށް މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް ޖީނާ ޒިދާނަށް ދިނީ އިންޒާރެކެވެ. ދެން އިތުރަށް އޭނާއަށް އުނދަގޫކޮށްފި ނަމަ ފުލުހުންނަށް މައްސަލަ ހުށައަޅާނެކަމަށް ޖީނާ ކުރިން ވަނީ ބުނެފައެވެ.

Ads by Hajj Corporation

ޖީނާގެ ނަޒަރު ވެސް ޒިދާނަށް އަމާޒުވެފައިވާހެން ޒިދާނަށް ހީވިއެވެ. ރެސްޓޯރެންޓް ދޮރާ އަރައި ހަމަވެފައި ޖީނާ މަޑުކޮށްލިއެވެ. މިފަހަރު ޖީނާގެ ނަޒަރު ހުރީ އޭނާއަށް ކަން ޒިދާނަށް ޔަގީންވިއެވެ. އޭނާއަށް މެސެޖު ކުރީ ޖީނާ ހެއްޔޭ ހިތަށް އެރިއެވެ. ޖީނާއާ ދިމާލަށް ދާން ހިނގައިގަންނަށް އުޅުނު ވަގުތު އޭނާގެ ވައަތް ފަރާތަށް ޖީނާ އިޝާރާތްކޮށްލިއެވެ. އެފަރާތް ބަލައިލާށޭ ބުނާ ފަދައަކުންނެވެ. ހިތް ތެޅެމުން ދިޔަ ހާލު ޒިދާންގެ ނަޒަރު ލަސްލަހުން ޖީނާ އިޝާރަތްކުރި ދިމާލަށް ހުއްޓައިލިއެވެ.

ޖީނާގެ ވައަތް ފަރާތުގައި ހުރި ހިމަތޮޅި އަންހެންކުއްޖާ ފެނުމާއެކު ޒިދާނަށް ސައިކަލުމަތިން ތެދުވެވިއްޖެއެވެ. އެސްފިޔަ ޖަހައިލަން ވެސް ހަނދާންނެތިފައި ހުރީ އެހައި ހިނދުކޮޅަކަށް ވެސް ކުރިމަތީގައި ހުރި ތާޝާ ގެއްލިދާނެތީއެވެ. ފެންނަމުން ދިޔައީ ހުވަފެނެއްބާއޭ ވެސް ހިތަށް އަރަމުން ދިޔައެވެ. އެހެން ނަމަވެސް މަރުވާނޭކަން ޔަގީންވާ ފަދައިން އޭނާއަށް އެއީ ހަގީގަތެއްކަން ޔަގީންވެއެވެ. ނުފެންނަތާ ގަރުނެއްވެފައި ވިޔަސް އޭނާއަށް އޭނާގެ ހިތުގެ ވިންދު އޮޅުވައެއް ނުލެވޭނެއެވެ. މިހާރުވެސް އޭނާގެ ހިތުގައި ޖަހަމުންދާ ކޮންމެ ވިންދެއް އެއީ ތާޝާކަން އޭނާއަށް އަންގައިދެމުން ދިޔައެވެ. ލޯބިން ފުރިގެންވީ ބެލުމަކުން ތާޝާއަށް ބަލަން ހުރި ޒިދާނުގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ހިތްއެދި ގޮވަމުން ދިޔައީ ވަގުތުން ތާޝާ ގެނެސް އޭނާގެ ދެއަތުގެ ތެރެއަށް ލުމަށެވެ.

ތާޝާއާ ގާތަށް ލަސްލަހުން އަޅަމުންދިޔަ ފިޔަވަޅު ދުވުމަކަށް ބަދަލުވެގެން ދިޔައީ ބޭއިހްތިޔާރުގައެވެ.

ކުރިމަތީގައި މީހަކު ހުއްޓުމާ އެކު ތާޝާ ދިޔައީ ސިހިގެންނެވެ. ކައިރީގައި ހުރި އަނީކްގެ އަތުގައި އޭނާއަށް ހިފައިލެވުނީ ބޭއިޚްތިޔާރުގައެވެ. އެމަންޒަރު ފެނިފައި ޒިދާންގެ ދެލޯ ފުރިގެން އައެވެ. ކޮލުގައިވާ ދެއަޑިކޮޅު ފާހަގަވާވަރަށް ހީލެވުނީ ހިތުގައި ރިއްސައިގަތް ވަރުންނެވެ. ކަރުނައިގެ ތެރެއިން ފާޅުވި އެހިނިތުންވުމުގައި ވަނީ ވޭނެވެ.

"ތާޝާ....." ރިހުން އެކުލެވިފައިވާ އަޑަކުން ޒިދާން ގޮވާލިއެވެ. އެ އަޑުގައި ރިހުމެއްވިކަން ހުދު ތާޝާއަށް ވެސް އިހުސާސްވިއެވެ. އެހެން ނަމަވެސް އޭނާގެ އަނގައިން ޖަވާބެއް ނުނިކުތެވެ.

އެ ނުދަންނަ އިންސާނާ ތާޝާގެ ނަމުން މުހާތަބް ކުރުމުން ތާޝާއަށް ލިބިގެން ދިޔައީ އިތުރު ސިހުމެކެވެ. މޫނުމައްޗަށް ވެރިވި ހައިރާންކަމާ އެކު ކުރިމަތީގައި ހުރި އިންސާނާއަށް ބަލަމުން ދިޔައީ އެއީ ކާކުކަން ދެނެގެންނަން މަސައްކަތްކުރާ ފަދައިންނެވެ. ޒިދާންގެ އަތް މަޑުމަޑުން އުފުލައިލިއެވެ. އެވަގުތު ކޯތާފަތްމަތިން ކަރުނައިގެ ރޮނގެއް ދެމިގެންދިޔައެވެ. އެއަތް މަޑުމަޑުން ތާޝާގެ މޫނާ ދިމާލަށް ދަތުރުކުރިއެވެ. ތާޝާއަށް އެއަތަށް ބަލައިލެވުނެވެ. އެހެނަސް އެމީހަކު ހުއްޓުވާކަށް ތާޝާއެއް ނޫޅުނެވެ. ކުރެވުނީ މުޅި ހަށިގަނޑު އައްސިވެފައިވާ ކަހަލަ އިހުސާސެކެވެ. އެތައް ދުވަހަކަށް ފަހު ޒިދާން އޭނާގެ ލޯބިވާ ތާޝާގެ ކޯތާފަތުގައި ފިރުމައިލަން އުޅުނެވެ. އެހިނދު ޒިދާންގެ ދެ ތުންފަތް ދޭތެރެއިން މަޑު އާހެއް ނިކުތެވެ. ޒިދާންގެ ފިނިވެފައިވާ ދެއަތްތިލަ ތާޝާގެ ކޯތާފަތުގައި ޖެހެން އިންޗިއަކާ ގާތްވެފައި ވަނިކޮށް އެހެން އަތަކުން ޒިދާންގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓައިފިއެވެ. ފަނޑުވެގެން ދިޔަ ހިނިތުންވުމާ އެކު ޒިދާންގެ މޫނު ތާޝާގެ މޫނުން ވަކިވެ އެމީހަކަށް ހުއްޓައިލިއެވެ.

ޒިދާންގެ އަތުގައި ހިފި އަނީކްގެ މޫނުމަތިން ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ. ޒިދާން އެއީ ކާކުކަން އަނީކަށް މާކުރިން ވެސް އެނގޭ ކަހަލައެވެ. ތާޝާގެ ގައިގައި އެހެން ފިރިހެނެއް އިނގިލީ ކުރި ޖައްސަން ވެސް އަނީކް ނޭދެއެވެ. އެހެންކަމުން ޒިދާނަށް ވަކި އެ ފުރުސަތު ދޭނެ ހެއްޔެވެ؟

" ހަބަރުދާރު!! ތި މުޑުދާރު އަތުން ތާޝާގެ ހަށިގަނޑައި އިނގިލި ކުރިވެސް ޖައްސައިލައިގެން ނުވާނެ!" ތުރުތުރު އަޅަމުންދިޔަ އަޑަކުން އަނީކް ބުންޏެވެ. އިތުރު މީހަކު ތާޝާ ކައިރީގައި ހުރިކަން ވެސް ޒިދާނަށް ރޭކާލީ ދެނެވެ. އަނީކަށް ބަލައިލި ޒިދާންގެ ނިތަށް ރޫއަރައިގެން ދިޔައީ ތީ ކާކުހޭ އަހައިލާ ފަދަ ގޮތަކަށެވެ.

" ކަލޭ ތީ ކާކު އަހަރެން ހުއްޓުވަން...؟ " އޭނާގެ އަތުގައި ހިފަހައްޓައިގެން ހުރި އަނީކްގެ އަތް ނައްޓުވައިލަމުން ހިތްހަމަނުޖެހުމާ އެކު ޒިދާން އަހައިލިއެވެ. ވާނުވާ ނޭނގިފައި ހުރި ތާޝާ ފަހަރަކު މީހެއްގެ މޫނަށް ބަލަމުން ދިޔައެވެ. ތަންކޮޅެއް ދުރުގައި ޖީނާ ވެސް އެމީހުން ކައިރިއަށް ޖެހިލީ މަސްލަހަތު ގޯސްވާން އުޅޭކަހަލަ އިހުސާސެއް ކުރެވުމުންނެވެ. ޒިދާންގެ ގޮތް ރަނގަޅަށް އެނގޭތީއެވެ. ދެބުމަ ގޮށްޖަހާލައިގެން އަނީކްގެ މޫނަށް ބަލަހައްޓައިގެން ހުރި ޒިދާންގެ މޫނަށް ބަލަމުން ގޮސް ޖީނާ ހުއްޓުނީ ތާޝާ ކައިރީގައެވެ. އެހިނދު ޖެހިލުންވެފައި ހުރި ތާޝާއަށް ހިފުނީ ކައިރީގައި އައިސް ހުއްޓުނު ޖީނާގެ އަތުގައެވެ. ޖީނާ ތާޝާއަށް ބަލައިލީ އުންމީދުން ފުރިގެންވީ ބެލުމަކުންނެވެ. ތާޝާގެ ހަނދާންތައް އަންނަން އުޅެނީ ހެއްޔޭ އެވަގުތު ޖީނާއަށް އަމިއްލަ ހިތާ ސުވާލުކޮށްލެވުނެވެ. ޖީނާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވެގެން ދިޔައީ ހިތަށް ލިބުނު ކުޑަކުޑަ އުންމީދެއްގެ ސަބަބުންނެވެ.

" އަހަރެން މީ ކާކުކަން ކަލެއަށް ނޭގުނަސް ކަލޭތީ ކާކުކަން އަހަރެންނަށް ވަރަށް ރަނގަޅަށް އެނގޭ..!! އަނީކް ބުންޏެވެ. ތާޝާއަށް އަނީކަށް ބަލައިލެވުނީ ލިބުނު ހައިރާން ކަމަކުންނެވެ. އޭނާ ނުދަންނަ މީހެއް އަނީކަށް އެނގެނީ ކިހިނެއް ހެއްޔެވެ. ޖީނާ ވެސް ހުރީ އަޖައިބުވެފައެވެ. އަނީކަށް ޒިދާން އެނގެނީ ކިހިނެއް ހެއްޔެވެ؟

އަނީކް ކިޔާ އެއްޗަކާ މާބޮޑު ފަރުވާލެއް ނުބަހައްޓާ އަނެއްކާ ވެސް ޒިދާން ބަލައިލީ އޭނާގެ ތާޝާއާ ދިމާލަށެވެ. ތާޝާއާ ގާތަށް ދިޔުމަށް ފިޔަވަޅެއް އަޅައިލުމާ އެކު ތާޝާ ފަހަތަށް ފިޔަވަޅެއް އެޅިއެވެ. ދެމީހުންގެ ނަޒަރު އެކަކު އަނެކަކާ އަމާޒުވެފައިވާއިރު ދެހިތަށް ވެރިވެފައިވީ ނުތަނަވަސް ކަމެވެ. ތާޝާގެ އެ އަމަލުން ޒިދާން ދެރަވިއެވެ. ތާޝާ އަދިވެސް އޭނައަށް މާފު ނުކުރަނީއޭ ހިތަށް އެރިއެވެ.

" ތާޝާ ޕްލީޒް!! އަހަރެންނަށް ތިހެން ނުހަދާ... ތާޝާއަށް ހުރިހާ ހަޤީގަތެއް އަހަރެން ކިޔައިދިނީމެއްނު... " ކުރެހިފައިވާ އަޑަކުން ޒިދާން ވާހަކަދެއްކިއެވެ. ޒިދާންގެ އެ ކޫރުން އެޅިފައިވި އަޑުން ތާޝާގެ މޭގައި ރިހުމެއް އުފެދުނެވެ. އޭނާއަށް މޭގައި އަތްއަޅައިލެވުނީ ތެޅެމުންދިޔަ އޭނާގެ ހިތް މަސަލަސް ކުރުމުގެ ގޮތުންނެވެ. އެހެން ނަމަވެސް އެއީ ކާކުކަން އޭނާއަށް އެއްވެސް ވަރަކަށް ނޭނގެއެވެ. އެނގެނީ އެއީ ނުދަންނަ މީހެއްގެ ގޮތުގައި އޭނާގެ ހިތް ބަލައިނުގަންނަ ކަމެވެ.

" ތީ .. ތީ ކާކު... ކިހިނެއް އަހަރެން އެނގެނީ؟.." ދުވަސްތަކަކަށް ފަހު ތާޝާގެ ހިތްގައިމު އަޑު ކަންފަތުގައި ޖެހުމުން ޒިދާންގެ ހިތަށް ޝިފާއެއް ލިބުނު ކަހަލައެވެ. އެހެން ނަމަވެސް ތާޝާ އޭނާ ބީރައްޓެހިކޮށްލި ވަރު ހިތަށް އިހުސާސްވީ ދާދި ދެންމެއަކު ތާޝާ އެކުރި ސުވާލުންނެވެ. ތާޝާ އޭނާ ހަމަ އެހައި ދުރުކޮށްލީ ހެއްޔެވެ؟ ތާޝާ އޭނާދެކެ ރުޅިއައިސްފައި ހުރިވަރުން އަހައިލި އެއްޗެއް ކަމަށް ހިތައި އަމިއްލަ ނަފްސަށް ވިސްނައިދިނެވެ. އަނެއްކާ ވެސް ތާޝާއާ ގާތަށް ޒިދާން ފިޔަވަޅު އަޅަން ފެށިއެވެ. އެހެން ނަމަވެސް މިފަހަރު އަނީކް ދެމެދަށް ވަދެ ޒިދާންގެ މޭގައި އަތްއަޅައި ފަހަތަށް ކޮށްޕައިލިއެވެ. އެއަށް ފަހު ތާޝާގެ އަތުގައި ހިފައި އޭނާގެ ފުރަގަހަށް ގެނައެވެ. ހީވީ ޒިދާނަށް ތާޝާ ފޮރުވިހެންނެވެ. އަނީކްގެ ކޮނޑުމަތިން، ފަހަތުން ފެންނަމުން ދިޔަ ތާޝާގެ ބޮޑު ދެލޮލަށް ޒިދާން ބަލައިލިއެވެ. އެދެލޮލުން އޭނައަށް ގާތްކަމެއް ނުފެނުނެވެ. އޭނާއާ ދިމާލަށް ތާޝާ ބަލަމުން ދިޔައީ އޭނާއަކީ ކާކުކަން ތާޝާއަށް ނޭނގޭ ފަދަ ގޮތަކަށެވެ. އެކަން ވެގެންދިޔައީ ޒިދާންގެ ހިތުތެރޭގައި އުފެދުނު ގަދަފަދަ ތޫފާނަކަށެވެ. ތާޝާގެ ދުރުކަން އޭނާގެ ހިތަށް އެތައް އަނިޔާއެއް ދެމުން ދިޔައެވެ.

" ބުނެފީމެއްނު ތާޝާއާ ދުރުގައި ހުންނާށޭ... އަޑެއް ނީވޭތަ!!" އަނީކް ބުންޏެވެ. އޭނާގެ އަޑު ބާރެވެ. ޖީނާގެ އަނގަމަތީގައި އަތްއެޅުނީ އަނީކްގެ ބާރު އަޑު އިވިފައެވެ. މިފަހަރު ޒިދާންގެ ކެތްތެރިކަން ކޮޅުންލިއެވެ. ހަށިގަނޑަށް ގެނައި ކުއްލި ހަރަކާތަކާއެކު އަނީކްގެ އަނގަމަތީގައި ގޮށްމުށުން ޖެހިއެވެ. ސިހިގެން ދިޔަ ތާޝާއަށް ފަހަތަށް ޖެހިލެވުމާއެކު އަނގަމަތީގައި ދެއަތް އެޅުނެވެ. ޖީނާއަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ. ދެ އަންހެންކުދީން ބިރުގަނެފައި އެކަކު އަނެކަކަށް އަވަސް ނަޒަރެއް ބަދަލުކޮށްލިއެވެ. މައްސަލަ ވަރަށް ގޯސްވެއްޖެކަން އިހުސާސްވުމާ އެކު ދެ ކުދިންގެ ލޮލުން ވެސް ފާޅުވެގެން ދިޔައީ ސިހުމާއި ބިރެވެ.

އަނީކްގެ ތުންފަތްމަތިން ފަޅައިގެން ގޮސް ލޭ އަންނަން ފެށިއެވެ. އެ މަންޒަރު ފެނި ތާޝާއަށް ދުރަކު ނުހުރެވުނެވެ. އޭނާއަށް ޒިދާން ދެކެ ރުޅިއާދެވުނެވެ. އެއްވެސް މީހަކަށް އަނެއް މީހާގެ ގަޔަށް އަތްލައި އަނިޔާވެރިވުމުގެ ހައްގެއް ނޯންނާނެއެވެ. ވީއިރު ޒިދާން އެއީ ކާކު ހެއްޔެވެ؟ އޭނާގެ އެންމެ ގާތް ރަޙުމަތްތެރިޔާއަށް ނުވެސް ދަންނަ މީހަކު އަނިޔާކުރުމަކީ އޭނާއަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

އަނީކަށް ބެލުމެއް ނެތި އަނެއްކާ ވެސް ތާޝާއާ ދިމާލަށް ދިޔުމަށް ޒިދާން ފިޔަވަޅެއް އެޅިއެވެ. އެމުޅި ސަރަހައްދުން ވެސް އޭނާއަށް ތާޝާ ނޫން އެހެން މީހަކު ނުފެންނަ ކަހަލައެވެ. ޒިދާން ތާޝާގެ އަތުގައި ހިފައިލަން އުޅުނު ވަގުތު ތާޝާ އޭނާ ގައިގައި ހުރިހާ ބާރެއް ލާފައި ޖެހީ ޒިދާންގެ ކޯތާފަތް މަތީގައެވެ. ކަންތައްތައް ގޯހުންގޯހަށް ދާން ފެށުމުން ޖީނާ ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. އަނީކްގެ ތުންފަތް މައްޗަށް ވެރިވީ ފަތަހައިގެ ހިނިތުންވުމެވެ. އޭނާ ބޭނުންވިގޮތަށް ތާޝާ އޭނާގެ ކޮޅަށް ޖެހުމުން އޭނާއަށް ހިތްވަރެއް ލިބުނު ކަހަލައެވެ.

ޒިދާނަށް ތާޝާއަށް ބަލައިލެވުނީ ޤަބޫލު ނުކުރެވިފައެވެ. ތާޝާގެ ދެލޮލުން އޭނާއަށް ފެންނަމުން ދިޔައީ ނަފްރަތެވެ. ޒިދާން ކަރުއެލުވައިލަމުން ތާޝާއާ ދިމާލަށް ބަލައިލިއެވެ. ޝަކުވާގެ ނަޒަރަކުންނެވެ. އޭނާގެ ހިތުގައި ކުރިން އެޅިފައި ހުރި ކޫރުން ކުޑައީ ހެއްޔޭ ތާޝާގެ ގާތުގައި އަހައިލާ ކަހަލަ ގޮތަކަށެވެ. ކުރެވުނީ ކީއްކަން ނޭނގޭ ހާލުގައި ހުރި ތާޝާ އެއްފަހަރު ޒިދާންގެ މޫނުމަތީގައި ޖެހި އަތަށް ، އަނެއް ފަހަރު ޒިދާންގެ މޫނަށް ބަލައިލިއެވެ. ދެން އަވަސް އަވަހަށް އަތް ތިރިކޮށްލައިފައި ހަރުކަށި ބެލުމަކުން ޒިދާނަށް ބަލައިލިއެވެ.

" ކިހިނެއް ވެގެންތަ ތިއުޅެނީ... ؟ ތަނަކުން މީހަކު ފެންނަ އިރަށް ޖެހޭތަ ގަޔަށް ބޮލަށް އަރަން... ތި ފާޑުގެ މީހުން އަހަރެން ވަރަށް ރަނގަޅަށް ދަންނަން!! އަހަންނަކަށް ނޭނގެ ކަލޭ އަހަރެންގެ ނަން ހޯދިގޮތެއް... އެކަމަކު ތީ ކޮންކަހަލަ މީހެއްކަން ވަރަށް ރަނގަޅަށް އެނގި ސާފުވެއްޖެ... މިހުރިހާ ދުވަހު އަހަރެންގެ މައިންބަފައިން ރާއްޖެ އަޔަނުދީ ހިފެހެއްޓީ ކީއްވެކަން މިހާރު އެނގިއްޖެ... ކަލޭ ކަހަލަ ގޮތެއްފޮތެއް ނެތް މީހުންނާ ހެދި.. ތަނަކުން އަންހެނަކު ނުފެނިފަ ހުންނާނީ..." ތާޝާ ހިތަށް އައި އެއްޗެއް ގޮވަމުން ދިޔައެވެ. ތާޝާ ޖެހިތަނުގައި ދިލަ ތަދެއް ހުރި ނަމަވެސް ހަޤީގީ ވޭން އަޅަމުން ދިޔައީ ޒިދާންގެ ހިތުގައެވެ. އެންމެ ސިކުންތެއްގެ ތެރޭގައި ތާޝާ އޭނާ ބާކީ ކޮށްލައިފިއެވެ. އޭނާ ނުދަންނަ މީހަކަށް ހަދައިފިއެވެ. މިވީ ކިހިނެއް ހެއްޔެވެ؟ ހަގީގަތުގައި ވެސް އެއީ ހަމަ އަހަރެންގެ ތާޝާ ހެއްޔެވެ؟ އަހަރެންގެ ހިތަށް ހިތްހަމަޖެހުން ގެނެސްދިން އަހަރެންގެ ލޯބިވާ ތާޝާ ހެއްޔެވެ؟ ދުވާލަކު އެތައް ސަތޭކަފަހަރު އަހަރެން ދެކެ ލޯބިވާކަމަށް ބުނަމުން ދިޔަ އަހަރެންގެ ފުރާނަ ފަދަ ލޯބިވާ ތާޝާ ހެއްޔެވެ؟ އަހަރެންނާ ނުލާ ދިރިއުޅެން ދުވަހަކު ވެސް ބޭނުންނުވާނޭ ބުނި އަހަރެންގެ ދެލޯ ފަދަ ލޯބިވާ ތާޝާ ހެއްޔެވެ؟ އާނއެކެވެ. އެއީ ހަމަ ތާޝާއެވެ. އެ އިސްކޮޅާ ސޫރައެވެ. ރީތިކަމާ އެ މައުސޫމުކަމެވެ. އެއްވެސް ތަފާތެއް ނެތެވެ. އެ ސޫރަ ފެނިފައި އެންމެ ފުރަތަމަ ދުވަހު ވެސް ހިތުގައި ޖަހައިލި ތަފާތު ވިންދު މިއަދު ވެސް އަހަރެންގެ ހިތުގައި ޖަހައިލައިފިއެވެ. ތަފާތެއް އައިސްފައި ހުރީ ތާޝާގެ ހިތަށެވެ. މިފަދަ އެތައް ޝަކުވާތަކާ ސުވާލުތަކުން ޒިދާންގެ ދެލޮލަށް ކަރުނަތައް ޖަމާވެގަތެވެ.

" ތާޝާ ކީއްވެތަ އަހަންނަށް ތިހެން ތި ހަދަނީ...!! އޭރުގަ އަހަރެން ކުށެއް ނެތްކަން އެނގިއްޖޭ ބުނެ ގުޅީ ހުދު ތާޝާއެއް ނޫންތަ؟؟ އަހަރެން ކައިރިއަށް މި އަންނަނީއޭ ބުނެ އަހަރެން އިންތިޒާރުގައި ބަހައްޓާފައި ތާޝާ ފުރައިގެން ދިޔައީ އަހަރެން މުޅިން އެކަނި ކޮށްލާފަ... އެނގޭތަ އަހަރެން ތާޝާ މަތިން ހަނދާންވިވަރު؟؟" ކުރެހިފައިވާ އަޑުން ޒިދާން ސުވާލުކޮށްލިއެވެ. ކިތަންމެ ހިތްވަރެއް ކޮށްގެން ހުރި ނަމަވެސް ތާޝާގެ ދުރުކަން އޭނާގެ ހިތުގައި މިޔަ ތޫނު ވަޅިޔަކުން ޅިޔަ އަޅުވާލައިފިއެވެ.

ޒިދާންގެ އެ އަޑުން އަނެއްކާ ވެސް ތާޝާގެ ހިތް މަޑު ކަފަކޮޅަކަށް ބަދަލުވެގެންދާން އުޅުނެވެ. އޭނާގެ ހިތަށް ބުނެދޭން ނޭނގޭ އަސަރުތަކެއް ޔަގީނުން ވެސް ކުރުވައިފިއެވެ. އެހެން ނަމަވެސް އެ ޖަޒުބާތުތަކުގެ މައްޗަށް ހިތުގައި އުފެދުނު ފޫހިކަން ގަދަވެގަތެވެ. އެއާ އެކު އޭނާގެ ރުޅިވެރި ނަޒަރު އަނެއްކާ ވެސް އަމާޒުވީ ކުރިމަތީގައި ހުރި ޒިދާނަށެވެ.

" ކަލޭ ތި ދައްކާ ވާހަކައެއް އެނގޭނީ ހަމަ ކަލެއަށް!! އަހަރެން ފުލުހުންނަށް ނުގުޅަނީސް ހަމަ މިހާރު އަހަރެންގެ ރަޙުމަތްތެރިޔާ ކައިރިން މާފަށް އެދެންވީ" ތާޝާ އިންޒާރު ދިނެވެ. ޒިދާން އަނީކަށް ބަލައިލިއެވެ. އަނީކް ޒިދާނަށް ދިނީ މަލާމާތުގެ ހިނިތުންވުމެކެވެ.

" ތާޝާއަށް އަހަރެންނަށް ވުރެ މުހިންމުވީ މީނަތަ؟؟" ކީއްވެ ތިހާ ބަދަލުވީ؟" ޒިދާން ޝަކުވާ ކޮށްލިއެވެ. އެ ދެ ލޯވަނީ ކަރުނުން ފުރިފައެވެ.

" އާނ! އަހަރެންނަށް މުހިންމީ އަނީކް!! އަހަރެންގެ ވާން އުޅޭ ފިރިމީހާ " އަނީކްގެ އަތްތިލައިގެ އިނގިލިތަކުގެ ތެރެއަށް އޭނާގެ އަތުގެ އިނގިލިތައް މަހައިލަމުން ތާޝާ ބުންޏެވެ. ޒިދާންގެ ހިތްކުދި ކުދިވިއެވެ. އޭގެ އެތިކޮޅުތައް އެކި ދިމަދިމާލަށް ބުރައިގެން ދިޔަ ކަހަލަ އިހުސާސެއް ކުރެވުނެވެ. ގުޅިލާ މެހިފައިވާ ދެއަތަށް ބަލައިލެވުނު ހިނދު ދެފައިގެ ވާގި ދޫވާހެން ހީވެ އަރިއަޅައިލިއެވެ. އެއްވެސް ހުއްޓުމެއް ނެތި ދެލޮލުން ކަރުނަ އޮހެން ފެށިއެވެ. ދެލޮލަށް ޖަމާވެގެން ދިޔަ ކަރުނަތަކުން ދެލޮލަށް ފުސްވާން ފެށިއެވެ. އިސާހިތަކު ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު އޭނާއަށް ސިފަވާން ފެށީ އެކަތިގަނޑެއް ހެންނެވެ. ތާޝާ ދެންމެ ދުލުން ބޭރު އެ ކުރި ޖުމްލަތައް އަނބުރާ ގެންދާނެނަމައޭ ހިތަށް އެރިއެވެ. ފެންނަމުން ދަނީ ހުވަފެނަކަށްވާނެ ނަމައޭ ހިތަށް އެރިއެވެ. ގަބޫލުކުރަން ބޭނުންވީ އެއީ ބިރުވެރި ހުވަފެނަކަށް ވުމަށެވެ. އެ ހުވަފެނުން ހޭލަން މަސައްކަތްކުރާ ފަދައިން އޭނާ ދެފަރާތަށް ބޯހޫރަމުން ދިޔައެވެ.

ތާޝާގެ ދުލުން ބޭރުވެގެން ދިޔަ ޖުމްލައިގެ ސަބަބުން އެންމެ ބޮޑު ހިތްހަމަޖެހުމެއް އިހުސާސް ކުރެވުނީ އަނީކަށެވެ. އޭނާ ތާޝާގެ މޫނަށް ބަލައިލީ ލޯބިން ފުރިގެންވީ ބެލުމަކުންނެވެ. އަދި އެއްފަހަރު އެ ބަސްތައް ތާޝާގެ ދުލުން އިވޭނެނަމައޭ ހިތަށް އެރިއެވެ. ލިބުނު ހިތްހަމަޖެހުމުގައި އޭނާއަށް އެތަނުން ތާޝާ ނޫން އެހެން މީހަކު ނުފެންނަ ކަހަލައެވެ. އަނީކް ތާޝާގެ މޫނަށް ބަލަންހުރި ގޮތުން ޒިދާންގެ ހިތަށް ލިބިގެން ދިޔައީ އިތުރު ތަކުލީފެކެވެ. ހިންދިރުވާލާފައި ވެސް އޭނާއަށް އިތުރަށް ބަހެއް ނުކިޔުނެވެ.

ޖީނާއަށް ވެސް ލިބުނީ ހައިރާންކަމެކެވެ. ތާޝާ އެ ފަދަ އެއްޗެއް ބުނެފާނެ ކަމަކަށް ހީކުރެވިފައެއް ނެތެވެ. ޒިދާނާ ދިމާލަށް ބަލައިލެވުނީ އޭނަ އާ ދޭތެރޭގައި ހަމްދަރުދީ ވާ ހާލުގައެވެ. އެވަގުތު ޒިދާންގެ ހިތަށް ކުރާނެ އަސަރު އޭނާއަށް އިހުސާސް ކުރެވެއެވެ.

" އަޅައިނުލާ ތާޝާ!! މިކަހަލަ މީހުންނާ ވާހަކަ ނުދެއްކިއްޔާ ރަނގަޅު ވާނީ... ހިނގާ ދާން.." ތާޝާގެ އަތުގައި ހިފައިގެން ހިނގައިގަންނަމުން އަނީކް ބުންޏެވެ. ޒިދާންގެ ފަސްދީ ތާޝާ ހިނގައިގަތުމާ އެކު ނުދާށޭ ބުނާ ކަހަލަ ގޮތަކަށް ޒިދާނަށް އެއް އަތް ހިއްލައިލެވުނެވެ. އެހެން ނަމަވެސް އޭނާގެ ދެ ތުންފަތް ދޭތެރެއިން ވޭނީ އާހެއްގެ އަޑު ނޫން އެހެން އެއްވެސް އަޑެއް ނުނިކުތެވެ. ޒިދާނަށް އެމީހުން ހުއްޓުވާނެ ހިތްވަރެއް ނުލިބުނެވެ. ވަކި ހިސާބަކަށް ގޮސްފައި ތާޝާ އެނބުރި ފަހަތަށް ބަލައިލިއެވެ. އަދިވެސް އެހުރި ގޮތަށް އެ ނުދަންނަ މީހާ އެމީހުންނާ ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. ދެ ތުންފަތް ފިއްތައިލަމުން ތާޝާއަށް މޭގައި އަތް އަޅައިލައިފައި ދެލޯ މަރައިލެވުނީ އޭނާ ކަންތައް އެކުރީ ރަނގަޅަކަށް ހިތަށް ވިސްނައިދެމުންނެވެ.

ޖީނާ އެއްޗެއް ބުނަން އަނގަ ހުޅުވައިލި ހިނދު ޒިދާން އަތުގެ އިޝާރާތުން އެކަން މަނާ ކުރިއެވެ. އަނެއް ފަރާތަށް އެނބުރެމުން ހިނގައިގައިތީ ދާނެ ވަކި މަންޒިލެއް ނެތިއެވެ. އޭނާގެ ސައިކަލު މަތިން ވެސް ހަނދާންނެތް ފަދައެވެ. ތާޝާގެ ދުލުން ބޭރުކޮށްލި އެންމެ ޖުމްލައާ އެކު އޭނާގެ ހިތުގެ ހިނގުން ހުއްޓިފައިވާ ކަހަލައެވެ. ވިންދު ހުއްޓަސް މަރުވެފައިވާ މައްޔިތެއް ފަދައިން ކުރިއަށް ހިނގަމުން ދިޔައިރު ފަހަތުގައި ޖީނާ ހުރީ އެމަންޒަރު ބަލަން ރޮވިފައި ހުއްޓެވެ.

ޖީނާއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. އޭނާ ޒިދާނަށް މެސެޖްކުރި އިރު ފަހަރެއްގައި ވެސް މިގޮތަށް ކަންތައް ވެދާނޭ ކަމަށް ހީނުކުރެއެވެ. ޒިދާން ފެނުމުން ތާޝާއަށް ކޮންމެވެސް ވަރެއް ހަނދާން އަންނާނެކަމަށް ހީކުރެވުމަކީ އޭނާއަށް ކުރެވުނު ކުށްހީއެކެވެ. ކަންތައް ވެދިޔަ ގޮތުން ޖީނާ ވަރަށް ދެރަވެއްޖެއެވެ. ޒިދާން ދެރަވާނެ ވަރު ޖީނާއަށް އަންދާޒާ ކުރެވެއެވެ. ހަޤީގަތް ނޭނގި އެ ދެމެދަށް ވަނުމުން ކުރިއަށް ވުރެ ބޮޑަށް އަނީކް ދެކެ ހިތްހަމަނުޖެހުނެވެ. އަނީކާ މެދު އެފަދަ ގޮތަކަށް ދެކޭކަން ޖީނާއަށް ސިއްރުކުރުމުން އެކަމާ ތާޝާ ދެކެ ވެސް ހިތްހަމަނުޖެހުނެވެ. ގެއާ ދިމާލަށް ހިނގައިގަތީ ހިތާހިތުން ތާޝާއާ އަނީކަށް ކުދި ކިޔަމުންނެވެ.

ގެޔަށް ދިޔަ މަގުމަތީގައި އެއްވެސް މީހަކު ވާހަކައެއް ނުދައްކައެވެ. ހާއްސަކޮށް ތާޝާ އެތަނުން އެއްވެސް މީހަކަށް ބަލައި ވެސް ނުލައެވެ. ތާޝާގެ ސިކުނޑީގައި ވަނީ ބޮޑު ހައިޖާނު ގަނޑެއް އުފެދިފައެވެ. އެ ނުދަންނަ މީހާއާ މެދު ވިސްނެނީއެވެ. އޭނާގެ ދެ ލޮލުން ތާޝާއަށް ފެންނަމުން ދިޔަ ތަފާތު އަސަރެވެ. ލޮލުން ފޭބި ކަރުނަތަކެވެ. ވާހަކަ ދެއްކިއިރު އަޑުގައިވި ހިތްދަތި އަސަރާއި އޭނާ ދެއްކި ވާހަކަތަކެވެ. އޭނާގެ ކޯތާފަތްމަތީގައި ޖެހުނު އަތަށް ބަލައިލެވުނެވެ. އަމިއްލަ ނަފްސު ކުށްވެރި ކުރެވެނީ ކީއްވެކަމެއް ނޭނގުނެވެ. އަނީކާ އެކު ދަމުން އޭނާ އެނބުރި ބަލައިލިއިރު އެޒުވާނާ ހުރި ގޮތުން ތާޝާ ދެރަވިކަން ޔަގީނެވެ. މޭގައި ނޭނގޭ ރިހުމެއް އުފެދުނީ ކީއްވެކަމެއް ނޭނގުނެވެ. އެނގެނީ އެއީ ކާކުކަން އަންގައިދޭން އޭނާގެ ހިތް މަސައްކަތް ކުރަމުންގެންދާ ކަމެވެ.

ކޯތާފަތަށް ހޫނުކަން އިހުސާސްވުމުން ތާޝާ އަތްހާކައި ލެވުނެވެ. ލޮލުން ކަރުނަ ފޭބީކަން އެނގުމުން ދެނެވެ. ކޮންމެ ގޮތެއް ވިޔަސް ހިތުގެ ހަމަޖެހުން ގެއްލިއްޖެއެވެ. އޭނާއާ ބައްދަލުކޮށް މައާފަށް އެދުމަށް ހިތްގޮވަމުން ދިޔައެވެ. އެއީ ކުރިން ބައްދަލުވި މީހެއްތޯ ހަނދާން ކުރުމަށް ސިކުނޑިއަށް އެތައް ބާރެއް ލެވެން ފެށުނެވެ. އެކަމުގެ ބޮލުގައި ރިހުމެއް ވެސް އުފެދެން ފެށިއެވެ.

އަނީކަށް ލިބިފައި ވަނީ ބަޔާން ކުރަން ދަތި ހިތްހަމަޖެހުމެކެވެ. މިރޭ ތާޝާގެ ދުލުން އެއިވުނީ އޭނާ އެ ޖުމްލައެއް އެހުމަށް ޓަކައި އަހަރު ދުވަހު އިންތިޒާރު ކުރި ޖުމްލައެވެ. އޭނާއަށް ތާޝާގެ ލޯބި ކާމިޔާބު ކުރެވިއްޖެކަން ކޮންމެވެސް ވަރަކަށް ޔަގީން ވެއްޖެއެވެ. ހިތަށް ލިބިފައިވާ އުފަލެއްގެ ބޮޑުކަމުން އޭނާއަށް ކައިރީގައި ހިމޭންވެފައި ހުރި ތާޝާގެ ހިތާ ސިކުނޑީގައި އެނބުރެމުންދާ ކަންތައްތަކާ މެދު ވިސްނުން ހިންގައެއް ނުލެވުނެވެ. އެހެން ކަމަކާ ވިސްނާވަރަށް ވުރެ ބޮޑަށް އޭނާއަށް ލިބިފައިވާ އުފާވެރިކަން ބޮޑެވެ. ހިތް ބުނަމުން ދިޔައީ ތާޝާ އުރާލައިގެން މުޅި ދުނިޔެއަށް އިވޭވަރަށް އޭނާއަށް އެ ލޯބި ހާސިލުވެއްޖޭ ބުނެ ހަޅޭއްލަވައިގަންނާށެވެ. އޭނާއަށް ލިބުނު އެ އުފަލުގައި މުޅި ދުނިޔެ ބައިވެރިކުރާށެވެ. މަގުމަތިން ދާހާ މީހެއްގެ ސަމާލުކަން އޭނާއަށް ލިބުމަށެވެ.

ތިން މީހުން އެއްކޮށް ގެޔަށް އައިސް ވަންއިރުވެސް ތިބީ ހަމަހިމޭންކަން މަތީގައެވެ. ރާމިޔާއާއި އަންފޫޒާ ސޯފާގައި ޓީވީ ބަލަން ތިއްބެވެ. ތިންކުދިން ފެނުމުން ރަނގަޅަށް ކެއިންތޯ ސުވާލުކޮށްލިއެވެ. ޖީނާ ބޮލުގެ އިޝާރާތުން ނޫނެކޭ ބުނުމަށް ފަހު ސިޑިއާ ދިމާލަށް ހިނގައިގަތެވެ.

" ރާމިޔާ ދޭބަލަ މިކުދިންނަށް ކާން ހަދަން.." އަންފޫޒާ ބުންޏެވެ. ރާމިޔާ ތެދުވެގެން ދާން އުޅުނު ވަގުތު ތާޝާ ވާހަކަ ދައްކަން ފެށިއެވެ.

" ބޮއްތާ އަހަރެން ވަރަށް ވަރުބަލި!! ނިދާލަން ބޭނުން ވަނީ.." ތާޝާ ބުންޏެވެ. ތާޝާ ވެސް ބޭނުންވީ އެކަނިވެލާށެވެ. އަނީކަށް ކެއުމަށް އިންކާރު ކުރާކަށް ނުކެރުނެވެ. ރާމިޔާ ފަހަތުން ބަދިގެއަށް ދަމުން އަދިވެސް އެއްފަހަރު ސިޑިއާ ދިމާލަށް ދިޔަ ތާޝާއަށް ބަލައިލިއެވެ. ސިޑިން ފައިބަން އައި ޝާމިނަށް ތާޝާ ފެނުމުން ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. ޝާމިން ފެނުމުން ތާޝާ ލުއި ގޮތަކަށް ހިނިތުންވެލިއެވެ. ތާޝާ މައްޗަށް އަރައިގެން އައި ވަގުތު ނޭނގޭ ކަމަށް ހަދައިފައި ތާޝާގެ ކޮނޑުގައި ކޭތިލިއެވެ. ސޮރީއޭ ބުނުމަށް ފަހު ފައިބައިގެން ދިޔައީ މަޑުވެސް ނުކޮށްލައެވެ. ޝާމިން ގަސްދުގައި ކުރިކަމެއްހެން ތާޝާއަށް ހީވެ ހިތަށް ފޫހިކަމެއް ވެރިވިއެވެ.

*****

ކުޑަކުޑަ މާޒް ނިންދަވަން އޮތްއިރު ޒައިނާ އޮތީ ފޯނުން ރިސޯޓްގައި ހުރި އޭނަގެ ފިރިމީހާ މާދިހުއާ ވާހަކަ ދައްކާށެވެ. މިއަދު ހިނގައިދިޔަ ކަންތައް ކުޑަގޮތަކަށް ކިޔައިދިނުމުން ރާއިފްއަށް ވިސްނައިދޭނެ ކަމުގައި މާދިހު ބުންޏެވެ. އަދި އެއްވެސް ހާލެއްގައި ރާއިފް އެ ގެއިން ނިކުމެގެން ދިޔުމަކީ އޭނާ އެދޭ ގޮތް ނޫން ކަމުގައި ވެސް ބުންޏެވެ. އާދައިގެ މަތިން ޒިދާން ހާލަތު ހުރި ގޮތް އޮޅުން ފިލުވިއެވެ. އަދި ދެތިން ހަފްތާ ތެރޭގައި މާލެ ދެވޭނެ ވާހަކަ ވެސް ބުންޏެވެ. ފޯނު ބާއްވާފައި މާޒްގެ ގައިމަތީގައި ރަޖާގަނޑު އަޅައިލިއެވެ. ބާލީސް ރީތިކޮށްލަމުން އޭނާ ވެސް އޮށޯވި ވަގުތު ބާރު އަޑުފަށްގަނޑެއް އިވި ސިއްސައިގެން ދިޔައެވެ. ފުން ނިދީގެ ތެރޭގައި އޮތް މާޒް ވެސް ސިހުނެވެ. އެއަޑާ އެކު ވެގެން ޒިދާންގެ ހަޅޭކުގެ އަޑު އިވެންފެށިއެވެ. އަޑު އައީ ޒިދާންގެ ކޮޓާރި އާ ދިމާލުން ކަމަށްވުމުން ޒައިނާ އަވަސްއަވަހަށް ޖެކެޓެއް ލައި ނިކުންނަން އުޅުނެވެ. ދޮރާ ދިމާލަށް ގޮސްފައި ވެސް އަނބުރާ އައިސް އަލަމާރިން ނެގި ބުރުގާ ބޮލަށް ހެޔޮވަރުކޮށްލީ އެ ވަގުތު ގޭގައި ރާއިފް އުޅޭކަން ހަނދާންވެފައެވެ. ރާއިފާއި ޒިދާނާ ދެމެދު ކަންތައް ގަނޑެއް ހިނގަނީއޭ ހިތަށް އެރިއެވެ. ބުރުގާ ރީތިކުރަމުން ނިކުތްއިރު ޒިދާންގެ ކޮޓަރީގެ ދޮރުމަތީގައި ރާއިފް ހުއްޓެވެ. އޭނާގެ މޫނުމަތިން ވެސް ކޮންމެވެސް ވަރަކަށް ނުތަނަވަސްކަން ފެންނަމުން ދިޔައެވެ. ކިހިނެއްވީތޯ ޒައިނާ ސުވާލުކޮށްލުމުން އޭނާއަށް ވެސް ނޭނގޭ ކަމުގައި ބުންޏެވެ.

ކަންބޮޑުވެފައި ހުރި ޒައިނާ ކުރިއަށް ފިޔަވަޅެއް އެޅުމަށްފަހު ޒިދާންގެ ކޮޓަރީ ތަޅުގައި ހިފައި އަނބުރައިލިއެވެ. އެތެރެއަށް ހުޅުވިގެން ދިޔަ ދޮރާއެކު އޭނާގެ ނަޒަރު ކޮޓަރި ތެރެއަށް ހުއްޓުނެވެ. އެހިނދު ފެނުނު މަންޒަރަކުން މުޅި މީހާއަށް ހަރުކަމެއް އައެވެ. އަނގަމަތީގައި އަތް އެޅުނީ ބޭއިހްތިޔާރުގައެވެ.

(ނުނިމޭ)

  1. ވ.ވ.ރީތި

  2. ވަރަށް ރީތި ޝުކުރިއްޔާ

  3. ާަކަަަަަަަލޮއް

    މާކުރީ އެކަމް ވ.ވ ރީތި