ވާހަކަ

ދުރުގާވުން ހިތް ނޭދޭ! (ސާދަވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ދުރުގާވުން ހިތް ނޭދޭ! (ފުރަތަމަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދެވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތިންވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތަރުވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނުވަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދިހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! ( އެގާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސާދަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަނަރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސޯޅަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސަތާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނަވާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ވިހިވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެކާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފައްސަވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްބީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ހަތާވީސް ވަނަބައި) ދުރުގާވުން ހިތްނޭދޭ! (އަށާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ނަވާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ތިރީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެއްތިރީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ބައްތިރީސް ވަނަ ބައި) ދުރުގާވުން ހިތްނޭދޭ! ( ތެއްތިރީސްވަނަ ބައި)

"ބުނަންވީތަ؟" އަނގައިން ނުބުނެ ތާޝާގެ މޫނަށް ހިނދުކޮޅަކު ބަލަން އިނދެފައި ޒިދާން އަނެއްކާ ވެސް އެހިއެވެ. މި ފަހަރު ވެސް ތާޝާ ބޯޖަހައިލިއެވެ. އޭނާގެ ދެލޮލުން ޒިދާން ކައިރީގައި ބުނާ ކަހަލައެވެ. އަހަރެން އެވަރަށް ނުތަޅުވާށެވެ. ތިއީ ކާކުކަން އަހަރެން ކައިރީގައި ބުނެދޭށެވެ. ޔަގީނެވެ. ތިއީ އަހަރެންގެ ހިތާ ގުޅިލާމެހިފައިވާ މީހެކެވެ. އެހެން ނޫން ނަމަ ތި އިންސާނާ ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ހިތުގެ ހިނގުން އަވަސްވާންވީ ކީއްވެގެން ހެއްޔެވެ؟ ތި އިންސާނާއާ މެދު އަބަދު އަހަރެންނަށް ފިކުރު ކުރެވެންވީ ކީއްވެގެން ހެއްޔެވެ؟ އަބަދު ދެކިލަން އަހަރެންގެ ހިތްއެދެންވީ ކީއްވެގެން ހެއްޔެވެ؟ ތި ސޫރަ ފެނުމުން އަހަރެންގެ ހިތް ހަމަޖެހެންވީ ކީއްވެގެން ހެއްޔެވެ؟ އަބަދު ގާތުގައި ހުންނަން އެދެވެނީ ކިއްވެގެން ހެއްޔެވެ؟

Ads by STELCO

ޒިދާން ފުން ނޭވައެއް ދޫކޮށްލިއެވެ. ތާޝާއަށް ސިހުމެއް ލިބުނީ އޭނާގެ އުނގުގައި އޮތް ދެއަތްތިލައިގައި ޒިދާން ހިފައިލުމުންނެވެ. އެތަކެއް ދުވަހަކަށް ފަހު އެ އަތްތިލައިގައި ހިފައިލެވުމުން ތަފާތު އިހުސާސެއް ޒިދާނަށް ވެސް ކުރެވުނެވެ. ތާޝާގެ ދެލޮލާ ނަޒަރު ސީދާކޮށްލަމުން ޒިދާން ހިނިތުންވެލިއެވެ.

"އެހެންވީއިރު އަޑުއަހާ!!... މީގެ އަށް އަހަރު ކުރިން އަހަންނަށް ތާޝާ ފެނުނީ އެއާޕޯޓުން ނިކުމެގެން ފެރީތަކާ ދިމާލަށް ދަނިކޮށް... ތި ލޯބި ސޫރަ އެންމެ ފުރަތަމަ ވެސް ފެނުނު ވަގުތު އަހަރެންގެ މި ހިތުގައި ބިންވަޅު ނެގުނު.. ކުރެވުނީ އަހަރެންގެ ހިތް އަހަރެންގެ އަތުން ދޫވެގެން ދިޔަކަހަލަ އިހުސާސެއް.. ފެރީ ނައްޓައިލި ވަގުތު ތާޝާ އަހަރެންނާ ދިމާލަށް ބަލައިލައިފައި ހަދިޔާ ކޮށްލި ހިނިތުންވުން ދުވަހަކު ވެސް އަހަރެން ހަނދާނެއް ނުނެތޭނެ... އެ ދުވަހަށް ފަހު އަހަރެންގެ މޭގެ ތެރޭގައި މި ހިތް އޮތަސް މި ހިތަކީ އަހަރެންގެ މިލްކެއް ނޫން... އަހަރެންގެ މި ހިތުގެ މިލްކުވެރިޔަކީ ތާޝާކަމުގައި ވެއްޖެ....ދެވަނަ ފަހަރަށް އަހަރެންނާ ތާޝާ ބައްދަލުވީ އަހަރެން އެކަމަށް އެދިއެދި ހުއްޓަ... އެ ދުވަހު ފުރަތަމަ ފަހަރަށް އަހަރެން ތާޝާއާ ވާހަކަ ދައްކަން މަސައްކަތް ކުރިން... ތާޝާ އަހަރެންނަށް ކޮންޓެކްޓް ނަމްބަރު ދިނީ ހިތުން ރުހުމުގަ.. ތާޝާއާ ގުޅުން ބަދަހިވެ ވާހަކަދައްކަން ފެށުމުން އަހަރެންނަށް ވަރަށް ބޮޑަށް ތާޝާދެކެ ލޯބިވެވުނު.. ތިރީތި ސޫރަ ދެކެ އެކަންޏެއް ނޫން... ތާޝާގެ މާތް އަހްލާގް. އަހަރެންނަށް ދިން އިހްތިރާމް... އެހެންމީހުންނާ ހުރިހާ ގޮތަކުން ވެސް ތަފާތު ކުއްޖެއްކަން އެނގުނު... ތާޝާ އަހަރެންގެ ލޯބި ޤަބޫލުކޮށް އަހަރެންނާ ގުޅުނު ދުވަސް އެއީ އަހަރެންގެ ހަޔާތަށް އައި އެންމެ އުފާވެރި ދުވަސް.. ތާޝާ ވެސް އަހަރެންދެކެ ލޯބިވާކަމަށް އިއުތިރާފްވި ދުވަހު އަހަރެން ހާދަ އުފަލެއްވިޔޭ... ދެމީހުން މުޅިން އާ ގުޅުމަކުން ބަނދެވުނީ ދުވަހަކުވެސް ވަކިނުވާންކަމަށް ވައުދުވަމުން.." ޒިދާން ކިޔައިދިނެވެ. އެއަޑުގެ ޖާދޫގައި ޖެހި އެ ވާހަކަތައް އަޑުއަހަން ތާޝާއަށް އިނދެވުނީ އެއްވެސް ފޫހިކަމެއް ނެތިއެވެ. ކަޅިޖަހައި ވެސް ނުލާ ޒިދާންގެ މޫނަށް ބަލަހައްޓައިގެންނެވެ. ޒިދާން އެވާހަކަތައް މެދުކަނޑައިލީ ނޭވައެއްލުމަށެވެ. އެހެން ނަމަވެސް އެގޮތް ތާޝާއަށް ކަމަކު ނުދިޔައެވެ. އިތުރަށް ކުރިއަށް ގެންދާށޭ ތާޝާގެ ހިތް ބުނެލިއެވެ. އޭނާއާއި ޒިދާންގެ އޮތް ޚާއްސަ ގުޅުން އެނގުމުން އެ ހިތަށް އިންތިހާއަށް އުފާވެރިކަން އިހުސާސް ކުރެވުނެވެ. ހިތް ބުނަމުން ދިޔައީ ޒިދާން ދެއްކި ވާހަކަތައް ޤަބޫލު ކުރުމަށެވެ. ޚުދު އޭނާއަށް ވެސް އެ ދެމެދުގައި ހާއްސަ ގުޅުމެއްވާކަން އިހުސާސް ކުރެވޭތީއެވެ.

ކައިރިން މީހަކު ކަރުކެހިލި އަޑުއިވިފައި ތާޝާއަށް ސިހިފައި ބަލައިލެވުނެވެ. އެވަގުތު ޒިދާނަށް ވެސް ތާޝާގެ އަތުން ދޫކޮށްލެވުނެވެ. ކައިރީގައި ހުރި ޖީނާއަށް ބަލައިލެވުނު ހިނދު ޒިދާން ހިނިތުންވެލަން މަސައްކަތް ކުރިއެވެ.

" ބުނީމެއްނު ނޯ ޓަޗިން އޭ..." ޒިދާނަށް ބަލައިލަމުން އިންޒާރެއް ދޭ ފަދަ ގޮތަކަށް ޖީނާ ބުންޏެވެ. އެހެނަސް އެމޫނުމަތީގައި ރުޅިވެރިކަމެއް ނެތެވެ. ތާޝާ ހީކުރީ ޒިދާން ފެނުމުން ޖީނާ ހައިރާންވާނެ ކަމަށެވެ. ނަމަވެސް އެހެން ނުވެ ޖީނާ ވާހަކަދެއްކި ގޮތުން ޒިދާން އިންކަން ޖީނާއަށް މާކުރިން ވެސް އެނގޭކަން ހާމަވެގެން ދިޔައެވެ. ތާޝާ ފަހަރަކު މީހެއްގެ މޫނަށް ވަރަށް ފަރުވާތެރިވެ ބަލައިލިއެވެ.

" ސޮރީ..." ޒިދާން ބޯކަހައިލަމުން ބުންޏެވެ. އަދި އިންތަނުން ތެދުވުމަށް ފަހު ތާޝާއަށް ބަލައިލިއެވެ. ތާޝާވެސް ޒިދާން އެއްޗެއް ބުނާނެ ކަމުގެ އިންތިޒާރުގައި އިންކަހަލައެވެ.

"ތާޝާ އަހަރެންނާ ބައްދަލުކުރަން ބޭނުންތަ؟ ޔަގީނުން ވެސް އަހަރެން ބޭނުން" ޒިދާން އެހިއެވެ. ތާޝާ ބޯޖަހައިލިއެވެ.

" ތާޝާ ބޭނުންއިރަކު ބޭނުންތާކުން އަހަރެންނާ ބައްދަލު ކުރެވޭނެ.. ޖީން އެކަން ހަމަޖައްސައިދޭނެ.. ދޯ ޖީން..." ޖީނާއަށް ދޯ ދެމުން ޒިދާން ބުންޏެވެ. އެހިނދު ޒިދާނާއި ޖީނާއާ ދޭތެރޭގައިވެސް ގާތްކަމެއް އޮތްކަން ތާޝާއަށް ފާހަގަ ކުރެވުނެވެ.

" މިވަގުތު އަހަރެން ދަނީ ދެން... ވަރަށް އަވަހަށް ތި މޫނު ފެންނާނެކަމަށް އުއްމީދު ކުރަން " ޒިދާން ބުންޏެވެ. ތާޝާ ޒިދާނާ ދިމާލަށް ބަލައިލީ ނުދާށޭ ބުނާ ފަދަ ގޮތަކަށެވެ. އަދިވެސް އޭނާ އެނގެން ބޭނުންވާ އެތައް ކަމެއް އެބަހުއްޓެވެ. އެހެން ނަމަވެސް ޒިދާން އެތަނުން ދިޔައިރު ވެސް ތާޝާއަށް ބަހެއް ނުބުނެވުނެވެ. ޒިދާން ފަސްދީފައި ދާ މަންޒަރު ބަލަހައްޓައިގެން އިނދެވުނީއެވެ. ޖެހިގެން ހުރި ޖޯލީގައި އިށީނދެފައި ޖީނާއަށް ހެވިއްޖެއެވެ. އަދިވެސް ތާޝާ އިނީ އޭނާއާ ދުރަށް ހިނގައިފައި ދާ ޒިދާނަށް ބަލަހައްޓައިގެންނެވެ.

" ކޮބާ ހިތްހަމަޖެހިއްޖެތަ؟" ތާޝާގެ ކޮނޑުގައި ކޮނޑުން ޖަހައިލަމުން ޖީނާ އަހައިލިއެވެ. އަދި އޭނާގެ އަތުގައި ހުރި ދެ ޖޫގޯ ތަށިން އެއްތަށި ތާޝާއަށް ދިއްކޮށްލިއެވެ.

" ޖީން ކުރިން ވެސް ދަންނަންދޯ ޒިދާން... އަޅެ ޖީން ކީއްވެތަ އަހަރެންނަށް އެއްވެސް ވާހަކައެއް ކިޔައިނުދިނީ.." ޖޫގޯ ތަށީގައި ހިފަމުން ތާޝާ ޝަކުވާކޮށްލިއެވެ.

" އަހަރެންނަށް ވުރެ ރަނގަޅަށް ކިޔައިދެވޭނީ ޒިދާނަށް ކަމަށް ވެސް ވެދާނެއްނު..." ޖީނާ ބުންޏެވެ.

" ކީއްވެ ޒިދާން މަޑުނުކުރީ.. އަހަރެން އެނގެން ބޭނުންވާ ބައިވަރު އެއްޗެހި އެބަހުރި އަދި.." ތާޝާ ބުންޏެވެ. ޒިދާން ލޯމަތިން ގެއްލުމުން އެ ހިތަށް ފޫހިކަމެއް ވެރިވެއްޖެއެވެ.

" ވެދާނެއްނު ޒިދާން ތާޝާއާ ގިނައިން ބައްދަލުކުރަން ބޭނުން ވަނީ ކަމަށްވެސް... ދެން ހިނގާ ދާން.. މިހާރު އަނދިރިވާން ފަށައިފި " ތާޝާގެ އަތުގައި ހިފައި ތެދުވަމުން ޖީނާ ބުންޏެވެ. ތާޝާވެސް ދެކޮޅު ހެދުމެއް ނެތި ޖީނާއާ އެކު ދާން ހިނގައިގަތެވެ. ދެން ޒިދާނާ ބައްދަލުވާނެ ވަގުތަކަށް މިހާރުން ފެށިގެން އޭނާ ވަގުތު ގުނަން ފަށައިފިއެވެ.

*****

ޝާނާ ބާއްވައިފައި އޮތް އެނދު ކައިރީގައި ހުރި ގޮނޑިއެއްގައި އިށީނދެގެން ރާއިފް އިނެވެ. އޭނާގެ ނަޒަރު ހުއްޓިފައި ވަނީ ނިދިފައި އޮތް ޝާނާގެ މޫނަށެވެ. އޭނާއަށް ވިސްނެމުން ދިޔައީ ޝާނާއާ އެކު ހޮސްޕިޓަލަށް އައި މީހާއާ ދޭތެރޭގައެވެ. އެއީ ކާކުކަން ރާއިފަށް ނޭނގުނު ނަމަވެސް އޭނާއަކީ ރަހުމްކުޑަ އިންސާނެއްކަން ރާއިފަށް އެނގިއްޖެއެވެ. ޑޮކްޓަރުން ބުނިގޮތުގައި ޝާނާ އަނބުރައިގަތީ ހުންގަދަ ވީ ވަރުންނެވެ. ކުޑަކޮށް ލޭގެ ޕްރެޝަރު ދަށްވެފައި ހުރުމުން އައިވީއެއް ގުޅަން ޖެހުނެވެ. ރާއިފް އިނީ ޝާނާ އެ ހާލަށް ދޫކޮށްލައިފައި ދާން ނުކެރިގެންނެވެ.

އެސްފިޔަތައް ތަޅުވައިލައިފައި ޝާނާ ދެ ލޯ ހުޅުވައިލީ ރާއިފް އެ މޫނަށް ބަލަހައްޓައިގެން އިންދައެވެ. އެ މޫނުމަތީން ފެންނަމުން ދިޔައީ ވަރުބަލިކަމުގެ އަސަރުތަކެވެ. މަންޒަރުތައް ސާފުވާން ފެށުމުން ކައިރީގައި އިނީ ރާއިފްކަން ޝާނާއަށް އެނގުނެވެ. އެހިނދު އޭނާގެ ތުންފަތްމައްޗަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. ބަލި އަޑަކުން ރާއިފަށް ގޮވައިލިއެވެ.

" ގޭމީހެއްގެ ނަމްބަރު ކިޔަންވީނު.. އަހަރެން ގުޅައިފައި ބުނާނަން ޝާނާ މިތާ އޮތް ވާހަކަ.." މާބޮޑު އަސަރެއް މޫނުމަތިން ނުދައްކާވޭތޯ މަސައްކަތް ކުރަމުން ރާއިފް ބުންޏެވެ.

" އަހަރެން ބޭނުމެއް ނޫން ގޭ މީހަކަށް ގުޅާކަށް.." ޝާނާ ބުންޏެވެ. ޝާމިން އޭނާ ހޮސްޕިޓަލަށް ދޫކޮށްލައިފައި ދިޔަކަން އެއްވެސް މީހަކަށް އަންގަން އޭނާ ބޭނުމެއް ނުވިއެވެ. ޝާނާގެ މިޒާޖު ރާއިފަށް މާކުރިން ވެސް އެނގޭތީ ގޭމީހުންނާ ކޮންމެ ވެސް މައްސަލައެއް ޖެހުނީ ކަމުގައި ރާއިފަށް ހީކުރެވުނެވެ.

" އަހަރެން ދާން ޖެހިއްޖެ... " ރާއިފް ބުންޏެވެ. އޭނާ ހުރީ އެތަނުން ދާން ނުހަނު ބޭނުންވެފައެވެ. މާޒްގެ ބޭސް ގެނައުން ލަސްވެގެން ޒައިނާ ގުޅައިފިއެވެ. އެހެން ނަމަވެސް ޝާނާ އެކަނި ބާއްވައިފައި ދާން ހިތް ނުރުހޭތީ މަޑުކުރީއެވެ.

" ކީއްވެ މި ހުރިހާއިރު މަޑުކުރީ.؟ އަހަރެންނަށް އެނގޭ ރާއިފް ހުރީ އަހަރެން ދެކެ ރުޅި އައިސްފައިކަން..." ޝާނާ ބުންޏެވެ.

" އަހަރެން ދާން ޖެހިއްޖެ.. މިއޮތީ ޝާނާގެ ބޭގް... " ޝާނާގެ ދަބަސް އޭނާއަތަށް ދިއްކޮށްލަމުން ރާއިފް ބުންޏެވެ. ޝާނާ ދައްކަމުން ދިޔަ ވާހަކަތަކާ ގުޅުވައިގެން ޖަވާބެއް ދޭން މުހިންމު ކަމަކަށް ރާއިފް ނުދެކުނެވެ. އެކަން ޝާނާއަށް ފާހަގަ ވެސް ވިއެވެ. ރާއިފާ ދިމާލަށް ޝާނާއަށް ބަލަހައްޓައިގެން އޮވެވުނީ ހިތުގައި ޝަކުވާ އުފެދިފައެވެ. އެންމެފަހުން ރާއިފް އަތުގައި އޮތް ދަބަހުގައި ޝާނާ ނުހިފުމުން ކައިރީގައި ދަބަސް ބާއްވާފައި ދާން ރާއިފް ހިނގައިގަތެވެ. އެހިނދު އޭނާއަށް ހުއްޓެން މަޖުބޫރުވީ އޭނާގެ އަތުގައި ޝާނާ ހިފެހެއްޓުމުންނެވެ.

" މިވަގުތު ގޭ މީހަކަށް އެންގޭކަށް ނެތް އަހަރެންނަކަށް.. މަޖުބޫރީއެއް ކަމަށް ހީކޮށްލާ... " ރާއިފް ބަލައިލުމުން ޝާނާ ބުންޏެވެ. ރާއިފްގެ ދެ ބުމަ ގޮށްޖެހުނެވެ. ޝާނާ އެ ދައްކަނީ ކޮން މަޖުބޫރީއެއްގެ ވާހަކަ ހެއްޔޭ ހިތަށް އެރިއެވެ. ޝާނާގެ އަތަށް ގުޅައިފައިވާ އައިވީ ފުޅިއަށް ރާއިފް ބަލައިލިއެވެ. އެހުސްވާކަށް މާގިނައިރެއް ނެތެވެ. ރާއިފް ނިންމީ އެ ފުޅި ހުސްވަންދެން ޝާނާގެ ގާތުގައި މަޑުކޮށްލުމަށެވެ. އެހެންކަމުން ރާއިފް އެނބުރި އައިސް ގޮނޑީގައި އިށީނެވެ. އަދި ފޯނު ނަގައިފައި ޒައިނާއަށް އޭނާ ލަސްވާނެކަމަށް ބުނެ މެސެޖެއް ފޮނުވައިލިއެވެ.

" ކީއްވެ ތިމަޑުކުރީ؟" ޝާނާ ސުވާލުކޮށްލިއެވެ. އޭނާގެ ނަޒަރު ހުއްޓިފައި ވަނީ ރާއިފްގެ މޫނަށެވެ. އެމޫނަށް ޝާނާ ބަލަމުން ދިޔައީ ކަމެއް ދެނެގަންނާން މަސައްކަތް ކުރާ ފަދަ ގޮތަކަށެވެ.

" އަހަރެންނަކީ އެހާ ހިތްހަރު މީހެއް ނޫން..." ރާއިފް ބުންޏެވެ. އެބުނި ބަހުގެ މާނަ ރަނގަޅަށް ޝާނާއަށް ނަގައިގަނެވުނެވެ.

" އަހަރެންނަށް މާފު ކުރޭ ރާއިފް... އަހަރެން ކުރި ކަމެއް ކުރީ ރާއިފް ދެރަ ކުރުމުގެ މަޤްސަދުގައެއް ނޫން... " ވަގުތުގެ ބޭނުން ހިފައި ޝާނާ ބޭނުންވީ ރާއިފް ގާތުގައި މައާފަށް އެދޭށެވެ. އެވަގުތު ރާއިފް ބޭނުންވީ ހިތަށް އައިހާ އެއްޗެއް ޝާނާއާ ދިމާލަށް ގޮވައިލުމަށެވެ. ޝާނާއަށް ކުރެވުނީ އެހާ ފަސޭހައިން މާފުލިބޭނެ ވަރުގެ ކަމެއް ކަމަށް އޭނާ ހީކުރަނީ ހެއްޔެވެ؟ ޒިދާންގެ ބަދަލުގައި އެހެން މީހަކާ އެކު އެ މަންޒަރު ފެނުނު ނަމަވެސް މާފުދޭން ފަސޭހަވީހެވެ. އެހެން ނަމަވެސް ޝާނާ އޭނާއަށް ކެހި ދިނީ އޭނާގެ އެންމެ ގާތް އެކުވެރިޔާއާ އެކުގައެވެ. އޭނާއަށް މާފުދޭން ފަސޭހަ ވާނީ ކިހިނެއް ހެއްޔެވެ؟ ރާއިފަށް އިންތަނުން ތެދުވެވުނީ ބޭއިޚްތިޔާރުގައެވެ. އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވައިލީ ޝާނާ އެ ހާލުގައި އޮއްވައި އެއްޗެއް ބުނަން ބޭނުން ނުވާތީއެވެ.

" ނާހާނަންތަ އަހަރެން އެގޮތަށް ކަންތައް ކުރީ ކީއްވެތޯ؟" ޝާނާ ބޭނުންވީ ރާއިފް އެ ސުވާލު ކުރުމަށެވެ. ޖަވާބު ދޭން އޭނާ ތައްޔާރެވެ. އެރޭ ކަންތައް ހިނގައިދިޔަ ގޮތް އެހެން އެންމެންނަށް ސިއްރު ކުރި ނަމަވެސް ރާއިފަށް ހަޤީގަތް ކިޔައިދޭން ޝާނާ ބޭނުންވިއެވެ. ނޭނގި ނަމަވެސް ރާއިފްގެ ހިތްހެޔޮކަމާއި އޯގާތެރިކަމާއި އަޅައިލުމަށް ޝާނާއަށް ބޭނުންވެވެނީއެވެ.

" ބޭކާރު ސުވާލުތައް ކުރާކަށް އަހަންނަކަށް ވަގުތެއް ނެތް... ޑޮކްޓަރު ބުނި އައިވީ ފުޅި ހުސްވީމަ ޝާނާ ގެއަށް ދޫކޮށްލާނެ ވާހަކަ... " ޝާނާއާ ހަތަރުކަޅި ހަމަނުކުރާން މަސައްކަތް ކުރަމުން ރާއިފް ބުންޏެވެ. އޭނާ ބޭނުންވީ ވީހާ ވެސް އަވަހަކަށް އެތަނުން ދިއުމަށެވެ. ބޭއިޚްތިޔާރުގައި ނަމަވެސް އެއްޗެއް ބުނެވިދާނެތީއެވެ. ރާއިފް ހިނގައިގަތް ވަގުތު މި ފަހަރު ވެސް ހުއްޓުނީ ޝާނާ ގޮވައިލި އަޑަށެވެ.

"އެ ސުވާލުގެ ޖަވާބު ބަލަން ބޭނުންވެއްޖެ ނަމަ އަހަންނަށް ގުޅާ... ކުރިން ވެސް ގެންގުޅޭ ނަމްބަރު ގެންގުޅެނީ... " ޝާނާ ބުނެލިއެވެ. ރާއިފް ފަހަތް ބަލައި ވެސް ނުލައި އެތަނުން ނިކުމެގެން ދިޔައީއެވެ. ދަބަހުގައި އޮތް ޝާނާގެ ފޯނު ރިންގުވާން ފެށީ އެ ވަގުތުއެވެ. ލޮލުގެ ކަނަކުން ފޭދިފައި ހުރި ކަރުނަތައް ފޮހެލަމުން ޝާނާ ދަބަހުން ފޯނު ނެގިއެވެ. ސްކްރީނަށް އަރައިފައި އޮތީ މަންމަގެ ނަމެވެ. ދެ ޚިޔާލެއްގައި އޮތުމަށް ފަހު ފޯނު ކަންފަތުގައި ޖަހައިލަމުން 'ހެލޯ' އޭ ބުނެލިއެވެ.

" ދަރިފުޅުމެން ލަސްވެގެން މަންމަ މިގުޅަނީ... ޑޮކްޓަރަށް ދެއްކިއްޖެތަ؟" އެކޮޅުން ވާހަކަ ދެއްކި އަންފޫޒާ އަހައިލިއެވެ.

" އާނ މަންމާ!!.. ކުޑަކޮށް ލޭގެ ޕްރެޝަރު ދަށްވެލައިފައި ހުރީމައި އައިވީއެއް ގުޅާފައި މި އޮތީ.. އައިވީ ފުޅި ހުސްވީމަ ގެއަށް ދާނަން..." ޝާނާ ކިޔައިދިނެވެ.

"އެހެންތަ!! އެހެންނޭ ވާނީ ޑައިޓޭ ކިޔާފަ ނުކައި އުޅެންޏާ... ކޮބާ ޝާމިން..؟ މަންމަ ގުޅީމަ ފޯނެއް ނުނަގާ؟" އަންފޫޒާ އަހައިލިއެވެ.

" ޝާމިން އެއްޗެއް ގަންނަން ދިޔައީ.. ފޯނު މިތާ ބާއްވާފަ ދިޔައީ.. އަހަރެންނަށް ވެސް ނިދިފަ އޮތީމަ މަންމަ ގުޅިކަން ނޭނގުނީ" ދޮގެއް ހަދައިލަން ޝާނާއަށް މަޖުބޫރުވިއެވެ.

" ތިތަނަށް މަންމަ ދާންވީތަ؟" އަނެއްކާ ވެސް އަންފޫޒާ އެހިއެވެ.

" ނޫން މަންމާ!! އިރުކޮޅަކުން ގެއަށް ދާނަމޭ މިބުނީނު... ދެން ބޭއްވީ މަންމާ.. ގެއަށް ގޮސްފަ ދެން ވާހަކަދައްކާނީ.." ޝާނާ ބޭނުންވީ އަވަހަށް ފޯނު ބާއްވާށެވެ. އެއްވެސް ހާލެއްގައި ޝާމިން އެތާ ނެތްކަން އަންފޫޒާއަށް އެނގޭކަށް ޝާނާ ބޭނުމެއް ނޫނެވެ. އެތަނުން ދަމުން ޝާމިން ބުނެލި ބަސް އަދިވެސް ޝާނާގެ ކަންފަތުގެ ހިނދުރީގައި ހަރުލައިފައި ހުއްޓެވެ.

"ކަލޭ ބަލިވިޔަސް އަދި މަރުވިޔަސް އަހަންނަށް ހެޔޮ" ޝާމިން އެ ބުނެލީ މީގެކުރިން ދުވަހަކު ނުބުނާހާ ރަޙުމް ކުޑަ ބަހެކެވެ. އެ ކުރުކުރު ޖުމްލައިން ޝާނާގެ ހިތް ޒަހަމް ކޮށްލައިފިއެވެ. އޭނާ ޝާމިން ދެކެ އެހާ ލޯބިވާއިރު ވެސް ޝާމިން އޭނާ ދެކެ އެހާ ރުޅި އަންނަނީ ކީއްވެ ހެއްޔެވެ؟ ޝާމިންގެ ލޯބި ހޯދަން އޭނާއަށް ނުކުރެވެނީ ކޮން މަސައްކަތެއް ހެއްޔެވެ؟  އޭނާ ވަކި ހުތުރެކޭ ވެސް ނުބުނެވޭނެއެވެ. ވީއިރު ޝާމިން އޭނާ ދެކެ ލޯބި ނުވަނީ ކީއްވެ ހެއްޔެވެ؟ ޑޮކްޓަރަކު އައިސް ޝާނާ އާ ވާހަކަދައްކަން ފެށީ ވިސްނުމާ ފިކުރުގެ ކަނޑަކަށް ގެނބެމުން ދަނިކޮށެވެ.

*****

މިރޭ ތާޝާއަށް ލިބިފައި ވަނީ އާދަޔާހިލާފު އުފާވެރި ކަމެކެވެ. އެ ތުންފަތްމަތިން ފެންނަމުން ދިޔަ އުފާވެރިކަމުގެ ހަޤީގަތް އެނގެނީ ޖީނާއަށް އެކަންޏެވެ. މާލެ އައި ފަހުން ފުރަތަމަ ފަހަރަށް ތާޝާ އެހައި އުފަލުން އުޅޭތަން ފެނުމުން އަންފޫޒާ ވެސް ހައިރާންވިއެވެ. އެހެން ނަމަވެސް އޭނާ ތާޝާއަށް ޓަކައި އުފާކުރިއެވެ. އަބަދުވެސް ތާޝާ އުފަލުގައި ހުރުން އެއީ އޭނާގެ ދުޢާއެވެ.

ތާޝާ އުފަލުގައި ހުންނަ ތަން ފެނުމުން އަނީކް ވެސް އުފާވިއެވެ. އެހެން ނަމަވެސް ތާޝާ އޭނާއާ ދުރުވެއްޖެކަމުގެ އިހުސާސްވާ ކޮންމެ ފަހަރަކު އެހިތް ރޯލައެވެ. އަނީކަށް ކުރެވެމުން ދިޔައީ އެންމެން ތެރޭގައި ބާކީވެފައި ހުންނަ ކަހަލަ އިހުސާސެކެވެ. މިހާރު އެ ގޭތެރޭގައި އޭނާ ހުރުމުގެ އެއްވެސް ބޭނުމެއް ނެތޭ އޭނާގެ ހިތަށް އަރައެވެ. ކިތަންމެ ފަހަރަކު އެނބުރި ދާން ވެސް ހިތަށް އަރައިފިއެވެ. އެހެނަސް ތާޝާ ދޫކޮށްލައިފައި ދާން ހިތް ނުރުހެނީއެވެ.

*****

މެންދުރު ނަމާދުކޮށްލައިގެން އެނދުގައި ޖައްސައިލި ތަނާ ތާޝާއަށް ނިދިއްޖެއެވެ. ހޭލެވުނުއިރު މެންދުރުން އަނބުރައި ދޭއް ޖަހަން ގާތްވަނީއެވެ. ފާހާނާއަށް ވަދެ ތާޒާ ވެލައިގެން ތާޝާ މިސްރާބު ޖެހީ ބަދިގެއަށެވެ.

" ގުޑް އާފްޓަރނޫން ބޮއްތާ.." ކާމޭޒު ކައިރީގައި އިން އަންފޫޒާގެ ކަރުގައި ފަހަތުން ބައްދައިލަމުން ތާޝާ ބުންޏެވެ. އަންފޫޒާގެ އިތުރުން އެތާ ތިބީ ޝާނާއާއި ޝާމިނެވެ.

" ތި ހޭލީ ދޯ.. ރާމިޔާ ފޮނުވިން ގޮވަން. ދަރިފުޅު ނިދާފަ އޮތް ވާހަކަ ބުނީ. އެހެންވެ ނުގޮވީ.. އަވަހަށް އާދޭ ކާން..." އަންފޫޒާ ބުންޏެވެ.

" ޝާނާދޮންތަ މިހާރު ކިހިނެއް؟" ޝާނާއަށް ނަޒަރެއްދެމުން ތާޝާ އަހައިލިއެވެ.

" ރަނގަޅު.." ޝާނާގެ ޖަވާބު ކުރެވެ. ތާޝާއާ ވާހަކަ ދެއްކުމަކީ ޝާނާއަށް އެހާ ފަސޭހަކަމެއް ނޫނެވެ. ތާޝާއާ ހަތަރުކަޅި ހަމަކުރަން ވެސް ޝާނާއަށް އުނދަގުލެވެ.

" ބޮއްތާ ހާދަ އަވަހަކަށް ތި ނިންމާލީ..." ކައި ނިމިގެން އަންފޫޒާ ތެދުވުމުން ތާޝާ އަހައިލިއެވެ.

" އާނ... ދޭއްގެ ހަބަރު ބަލަން މިދަނީ.. ދަރިފުޅުމެން ރަނގަޅަށް ކާތި؟ " އަންފޫޒާ ހުރީ އަވަސް އަރުވައިލައިފައެވެ. ކެއި ތަށި ޒިންކު ތެރެއަށް ލުމަށް ފަހު އައިސްއަލަމާރިން ފެންފުޅިއެއް ނަގައިގެން ގޮސް ވަނީ ކޮޓަރިއަށެވެ.

" ތާޝާ!! ކިހިނެއް؟" ޝާމިން އިނީ އަންފޫޒާ ދިޔުން ލަސްވެފައި ކަހަލައެވެ. ޝާމިންގެ އެ ސުވާލާ އެކު ޝާނާއަށް ޝާމިނާ ދިމާލަށް ބަލައިލެވުނެވެ. ތާޝާ ވަކިޖަވާބެއް ނުދީ ހަމައެކަނި ހިނިތުންވެލީއެވެ.

" ހާދަމަދުން ތި ކަނީ.. ނިކަން މިތަނުން މަސްބަތްކޮޅެއް އަޅާލަބަލަ.. ރާމިޔާ ނުލާހިކު މީރުކޮށް މަސްބަތް ކައްކާނެ.." ތާޝާއާ މަސްބަތް އަޅާފައި ހުރި ތަށި ކައިރިކޮށްލައިދެމުން ޝާމިން ބުންޏެވެ.

" މި ސެލަޑް ވެސް ވަރަށް މީރު ވާނެ!!" ސެލަޑް އަޅައިފައި ހުރި ތަށި ވެސް ޝާމިން ތާޝާއާ ކައިރިކޮށްލިއެވެ. ޝާމިންގެ އަމަލުތައް ހުރިގޮތުން ޝާނާ ކާހިތް ކެނޑުނެވެ. ސަމުސާ ތަށިތެރެއަށް ވައްޓައިލުމަށް ފަހު އިންތަނުން ތެދުވެގެން ސިޑިން މައްޗަށް އަރައިގެން ދާން ފެށިއެވެ. އެކަން ވީ ޝާމިން ދެކެ ތާޝާ އިތުރަށް ފޫހި ކުރުވި ކަމަކަށެވެ. ޝާމިނާ އެކު އެކަނިވާކަށް އަމުދުން ތާޝާ ބޭނުމެއް ނުވިއެވެ.

" ޝާމިންބެ ޝާނާ ދޮންތައަށް ކާންދޭން އުޅުނިއްޔާ މާ ރަނގަޅުވާނެ... ޑޮކްޓަރު ވެސް ބުނީ ޝާނާ ދޮންތައަށް ރަނގަޅު ކާ އެއްޗެހި ދޭކަށްނު!!! އެހެން ނޫނަސް އަހަރެން މިހާރު ކާހިތް ކެނޑިއްޖެ.. ދެން ދަނީ!!" މަޑުމައިތިރިކޮށް ބުނެވޭތޯ ބެލިޔަސް ތާޝާގެ އަޑުގައި ހަރުކަށިކަމެއް ވިއެވެ. ޝާމިނަށް އެކަން ފާހަގަވީ ނަމަވެސް އޭނާގެ ތުންފަތުގައި ކުޅެލީ ލާނެތް ހިނިތުންވުމެކެވެ.

ބަނޑުހައިވެފައި ހުރި ނަމަވެސް ތާޝާ އެނބުރި ކޮޓަރިއަށް ދިޔައީ ވީފޫއްސެއްގެ ބޮޑުކަމުންނެވެ. ޝާމިންގެ އެ އަމަލުން ޝާނާ ހިތްހަމަނުޖެހުނުކަން ޔަގީނެވެ. އެކަމާ ތާޝާ ލަދު ވެސް ގަތެވެ. ޖީނާ ބުނާ ކަހަލަ ރަނގަޅު ފިރިޔަކާ ޝާމިން އޭނާއަށް ވައްތަރު ނުވަނީ ކީއްވެ ހެއްޔެވެ. ޝާމިން އޭނާއަށް ބަލާ ގޮތާއި އެ ތުންފަތަށް ވެރިކުރުވާ ހިނިތުންވުމުން އޭނާގެ ނިޔަތް ތާޝާއާ ދޭތެރޭގައި ރަނގަޅުކަމާ މެދު ޝައްކުކުރެވުނެވެ. ތާޝާ ބޭނުންވީ ޖީނާ ގެއަށް އައިހާ އަވަހަކަށް އެވާހަކަތައް ހިއްސާ ކުރުމަށެވެ. އެކަމުގައި ޖީނާގެ ހިޔާލު ހޯދުމަށެވެ.

*****

ސްކޫލްގައި ބުރަ ދުވަހަކަށްވުމާ އެކު ޖީނާއަށް ގެއަށް އާދެވުނުއިރު ރޭގަނޑު ދިހައެއް ޖަހަން ގާތް ވެއްޖެއެވެ. ތާޝާ ނިދައިފައި އޮތުމުން އޭނާއަށް އުނދަގޫ ކުރާކަށް ޖީނާ ބޭނުމެއް ނުވިއެވެ. ފެންވަރައިގެން ނިކުމެ ނަމާދުކޮށްގެން ނިދުމުގެ ކުރިން ކިޔާ ސޫރަތްތައް ކިޔަވައިލައި ތިރިއަށް ފޭބީ ބަނޑުހައިވެފައި ހުރުމުން ކާއެއްޗެއް ކެއުމަށެވެ. ސިޑިން ފޭބި ވަގުތު ގޭގެ ބޮޑު ދޮރު ހުޅުވިފައި ހުރުމުން ޖީނާ ހައިރާންވިއެވެ. އަބަދުވެސް ދޮރު ލައްޕައިފައި ހުންނަ ގެއެއްގައި އެ ފަދަ ވަގުތެއްގައި ދޮރު ހުޅުވައިފައި ހުރުމުން ހިތަށް ނުތަނަވަސް ކަމެއް ވެރިވިއެވެ. ފުރަތަމަ ވެސް ހަނދާނަށް އައީ ތާޝާއަށް ފެންނަ ބިރުވެރި މީހާއެވެ. ބާރު ހިނގުމެއްގައި ގޮސް ދޮރު ލައްޕަން އުޅުނު ވަގުތު ފެންއަރުވާ ވަޑާން ކައިރީގައި ހުރި ހިލަގޮނޑިމަތީގައި މީހަކު އިންހެން ހީވެ އެދިމާލަށް ރަނގަޅަށް ބަލައިލިއެވެ. ގެއިން ނިކުމެ ތަންކޮޅެއް ކުރިއަށް ޖެހިލައިފައި ބަލައިލީ އިތުރަށް ޔަގީން ކޮށްލުމުގެ ގޮތުންނެވެ. އެތަނުގައި ދިއްލައިފައި ހުރި ލައިޓްގެ ފަނޑު އަލީގެ އެހީގައި އެއީ އަނީކްކަން ޖީނާއަށް އެނގުނެވެ. އެހިނދު ޖީނާ ހައިރާންވިއެވެ. އެފަދަ ވަގުތެއްގައި އަނީކް އެކަނި އިނުމުން ހިތުގައި ސުވާލު އުފެދުނެވެ. ފަހުން އެއީ މުހިންމު ކަމަކަށް އޭނާއަށް ނުވިއެވެ. ތުން އަނބުރައިލައިފައި އެނބުރި ވަންނަދިޔަ ވަގުތު އިވުނު އަޑުން ޖީނާއަށް ހުއްޓެން މަޖުބޫރުވިއެވެ.

(ނުނިމޭ)

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!