ވާހަކަ

އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތަރުވަނަ ބައި)

ނައުފާ ، ދެން އޮންލައިން
އިތުރަށް ހަމަ ލޯބި ވެވެނީ
▾ މި ވާހަކައިގެ ޢަދަދުތައް
އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ޓްރެއިލަރ) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފުރަތަމަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދެވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިންވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތަރުވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނުވަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދިހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެގާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސާދަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަނަރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސޯޅަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސަތާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ވިހިވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެކާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައުވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަންސަވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައްބީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެއްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބައްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަހުބައި)

ފްލައިޓަށް އެރުމުގެ ކުރިން ތަކުރާރުކޮށް ޒައިވާއަށް ރަނގަޅަށް ބެލުމަށް ރީއާނާއި ސަމަދުގެ ކިބައިން ހުޒައިމް އެދުނެވެ. ފުރަތަމަ ފަހަރަށް އަންހެން ދަރިފުޅު އޭނާއާ ވަކިން ތަނަކަށް ފޮނުވަން ޖެހޭތީ ހުޒައިމް ހުރީ ހިސާބަކަށް ހާސްވާގޮތް ވެފައެވެ. އޭނާގެ ވާހަކަތަކަށް ޖަވާބު ދިނީ ސަމަދެވެ. ބަހެއްވެސް ނުބުނެ އިސްޖަހައިލިގޮތަށް ރީއާން ހުރީ ފުން ޚިޔާލަކަށް ގެއްލިފައެވެ. ބޯރޑިންގްއަށް ގޮވައިލުމާއެކު އެމީހުން ފުރުވަން އައިސްތިބި މީހުނާ ސަލާމް ކޮށްފައި ތިން މީހުން ހިނގައިގަތީ އެކީގައެވެ. ސަމަދު ގާތުގައި ޒައިވާ ހުއްޓެއްކަމަކު އޭނާގެ ނަޒަރު ހުރީ ރީއާންގެ ފިރިހެންވަންތަ ހިތްގައިމު ސޫރައަށް ހުއްޓިފައެވެ. ހިތުގެ ހިނގުން އިހުނަށްވުރެ އަވަސްވެލުމާއެކު ރަކި ގޮތަކަށް ޒައިވާއަށް ހިނިތުންވެވުނެވެ.

Ads by STELCO

ޒައިވާގެ މޫނަށް އަރައިފައިބަމުންދިޔަ ކުލަވަރުފެނި ސަމަދްއަށް ލާނެތް ގޮތަކަށް ހިނިތުންވެލެވުނެވެ. ގާތުގައި ހުރި ރީއާނަށް އެއްފަހަރު އަދި އަނެއްފަހަރު ޒައިވާއަށް ބަލައިލަނީ ކަމެއް ދެނެގަންނަން ބޭނުންވެފައި ހުރި މީހަކު ފަދައިންނެވެ. ރީއާންގެ ސަމާލުކަން ވަށައިގެންވި އެއްވެސް ކަމަކަށް ދެވިފައެއް ނެތެވެ. ލައިގެންހުރި ޖިންސްގެ ޖީބަށް ދެއަތް ޖަހައިލައިގެންހުރެ އޭނާ ހިނގަމުން އައީ އެކި ޚިޔާލުތަކަށް ގެއްލިފައި ހުރެއެވެ.

ފްލައިޓަށް އަރަމުން ކޮންމެ މީހަކުވެސް އެމީހަކަށް ޚާއްސަކުރެވިފައިވި ސީޓްގައި އިނށީދެ ހަމަޖެހިލިއެވެ. ކުޑަދޮރާ އެންމެ ކައިރިއަށްހުރި ސީޓްގައި ރީއާން އިންއިރު، އޭނާއާ ޖެހިގެން އިނީ ޒައިވާ އެވެ. ސަމަދް އިނީ ޒައިވާއާ ޖެހިގެން ދެންހުރި ސީޓްގައެވެ. ރީއާންއާ އެހައި ގާތުގައި އިންނަންވުމުން މިއިން ދުވަހަކުވެސް އަވަސްނުވާވަރަށް ޒައިވާގެ ހިތުގެ ވިންދުވީ އަވަސްވެފައެވެ. ފިނިވެފައިވި ދެއަތްތިލަ އުނގުމަތީގައި ޖޯޑުކޮށްލުމަށްފަހު އޭނާ ބާއްވައިލީ ފިނިވާން ފެށުމުންނެވެ. އިރުއިރުކޮޅުން ސިއްރު ސިއްރުން ރީއާންގެ މޫނަށް ޒައިވާ ބަލައިލަނީ އުއްމީދުން ފުރިގެންވީފަދަ ގޮތަކަށެވެ. ގޮނޑީގައި ހަމަޖެހިލައި ކުޑަދޮރުން ބޭރަށް ނަޒަރު ހުއްޓައިލިގޮތަށް ރީއާން އިނީ ޖެހި ބުދެއްހެނެވެ. ގުޑިލަންވެސް ބޭނުންނުވެފައެވެ. އެ ބީރައްޓެހިކަމުން އިސްވެ ވާހަކަދެއްކުމަށް ޒައިވާ ޖެހިލުންވާގޮތްވިއެވެ. ސަމަދަށް އެތަންފެނި ކޮންމެވެސް ވާހަކައެއް ޒައިވާއާ ދައްކަންފެށީ އޭނާ އިނީ ފޫހިވެފައި ކަމުގައި ހީކޮށެވެ.

* * * * *

ގެއަށް ވަދެގެން އައި ޒަމްރާއަށް އަވަސްއަރުވައިލައިފައި އުޅުނު ރާޔާފެނި ހަލުވި ފިޔަވަޅުތަކެއްގައި އައިސް އޭނާ ގާތުގައި މަޑުކޮށްލިއެވެ.

"ސޮރީ.. މިއަދު މާ ބޮޑަށް ލަސްވެއްޖެ ދޯ.. ކޮއްކޮ އަވަހަށް ދޭ ދެން ތައްޔާރުވާން.. ގެނޭ އަހަރެން ޔުމްކޮއަށް ސައި ދީފާނަން.." ރާޔާގެ އަތުން ރޮށި މޮޑެފައިހުރި ތަށި އަތުލަމުން ޒަމްރާ ހިނިތުންވެލިއެވެ. އޭނާ އަކީ އެގެއަށް މަސައްކަތްކުރުމުގެ އިތުރުން ރާޔާ އާއި އަނޫކް އޮފީހަށްދާ ވަގުތުތަކުގައި ޔުމްނު ބަލައިދިނުމަށް އަންނަ ދެބައި އުމުރުގެ އަންހެނެކެވެ. ހުވަފަތްވެފައިހުރި މީހެކެވެ. އަމިއްލަ ދަރިން ތިބި ނަމަވެސް އަދު އެއިން އެއްވެސް ކުއްޖެއްގެ އަޅައިލުމެއް އޭނާއަކަށް ނުލިބެއެވެ. އަމިއްލަ ހިތްވަރުން ފައިސާ ހޯދުމަށް މަސައްކަތްކުރަން ޖެހިފައިވީ އެހެންވެއެވެ. ބޯޖަހައިލަމުން އަވަސް އަރުވައިލައިފައި ޒަމްރާއަތަށް ތަށިދެމުން ޔުމްނުގެ ކޮލުގައި ބޮސްދީފައި ރާޔާ މިސްރާބުޖެހީ ކޮޓަރިއާ ދިމާއަށެވެ.

ތައްޔާރުވެލައިގެން ރާޔާ ނުކުތްއިރު ސިޓިންގްރޫމްގައި ޔުމްނު ގޮވައިގެން ޒަމްރާ އިނީ ކުޅިވަރަކަށް ގެއްލިފައެވެ. ރާޔާގެ ކޮޓަރީ ދޮލު ލެއްޕުނުއަޑަށް ޔުމްނު އެދިމާއަށް ބަލައިލިއެވެ. އަދި ނިކަން ހިނިއައިސްފައިހުރެ އައިސް ރާޔާގެ ދެފައިގައި ބައްދައިލަމުން އޭނާ އުރައިލުމަށް އެދުނެވެ. ޔުމްނުގެ އެދުން ފުރިހަމަކޮށްލުމާއެކު އެކުޑަ މޫނުގެ އެތަންމިތަނުގައި ރާޔާ ލޯތްބާއެކު ބޮސްދިނެވެ. އަދި ޒަމްދައްތަގެ ބަސްއަހައިގެން އުޅުމަށް ބުނެލިއެވެ. ރާޔާގެ ކަރުގައި ދެއަތް ވަށައިލައިގެންހުރެ ޔުމްނު ބޯޖަހަމުންދިޔައީ ރާޔާ ބުނި ކޮންމެ ކަމަކަށް އެއްބަސްވާކަށް އަންގައިދިނުމުގެ ގޮތުންނެވެ.

"ދައްތާ.. މިއަދު އަހަރެން ކުޑަކޮށް ލަސްވެދާނެ.. މާދަމާއަކީ އޮފީހުގަ ވަރަށް މުހިންމު ދުވަހެއްވީމަ މިއަދު ކޮންމެހެންވެސް ނިންމަންޖެހޭ މަސައްކަތްތަކެއް އެބަހުރި.." ޔުމްނު ތިރީގައި ބަހައްޓައިލަމުން ޒަމްރާއަށް ބަލައިލުމަށްފަހު ރާޔާ ބުނެލިއެވެ. އެއްވެސް މައްސަލައެއްނޫންކަމަށް ބުނެ ޒަމްރާ ހިނިތުންވެލީ އޯގާތެރިގޮތަކަށެވެ. އެވަގުތު އަނޫކްވެސް ޓައީ ރަނގަޅުކުރަމުން ކޮޓަރިން ނުކުތެވެ. ހިނިއައިސްފައި ހުރި ޔުމްނު ފެނުމުން އޭނާ ކޮންމެވެސް އެއްޗެކޭ ކިޔައި އެކުއްޖާއާ ދިމާކޮށްލިއެވެ. އަދި ރާޔާއަށް ބަލައިލަމުން އަވަހަށް ދާން ހިނގާށޭ ބުނެލަމުން އޭނާ ހިނގައިގަތީ ގޭގެ މައި ދޮރާ ދިމާއަށެވެ.

އަނޫކް އާއި ރާޔާ މަސައްކަތް ކުރަމުންދަނީ އެއް އޮފީހެއްގައި ނަމަވެސް ތަފާތު ވަކި ޑިޕާރޓްމެންޓެއްގައެވެ. ރާޔާ ވަޒީފާއަކަށް ދާން ބޭނުންވާކަން ހާމަކުރުމުން އެތަނުން ވަޒީފާ ހޯދައިދިނީ އަނޫކްއެވެ. އޭނާއަށް ފަސޭހަކަމާއެކު ރާޔާގެ ކަންކަން ބަލައިލެވޭނެހައި ގާތުގައި ދޮންތަވުމަށް ބޭނުންވެފައި ވުމުންނެވެ. އެހީތެރިކަމެއް ބޭނުންވާހިނދު، އެކަން ކުރުމަށްވެސް ފަސޭހަވާނީ އޭރުން ކަމުގައި އަނޫކް ދެކުނެވެ. ރާޔާގެ ހާލަތު ރަނގަޅަށް ވިސްނޭތީ ނުދަންނަ ބައެއްގެ ތެރަށް އޭނާ ދޫކޮށްލަން އަނޫކް ބޭނުންނުވީއެވެ.

އަވަދިނެތި މަސައްކަތާވެގެން އުޅުނު ރާޔާގެ މޭޒުދޮށުގައި މީހަކު ހުއްޓިލަމުން ކަރުކެހިލީ އެތަނުގައި ހުންނަތާ އިރުކޮޅެއްވީއިރުވެސް ރާޔާ އަށް ހިލަމެއް ނުވުމުންނެވެ. ސިހިފައި ކޮމްޕިއުޓަރގެ ސްކްރީނުން ނަޒަރު ވަކިކޮށްލަމުން ކުރިމައްޗަށް އޭނާ ބަލައިލިއެވެ.

"ހާދަ ބުރަކޮށްލައިގެން.." ހިނިއައިސްފައި ޖީލާން ދެބުމަ އަރުވައިލަމުން އަހައިލިއެވެ. ޖީލާން އަކީ އެންމެ ތުއްތު އިރުއްސުރެ ރާޔާގެ ހުރި އެންމެ ގާތް އެކުވެރިޔާއެވެ. ދެމެދުގައި ސިއްރުވެފައި އެއްވެސް ކަމެއް ނޯވެއެވެ. ދިމާވި ކޮންމެ ކަމެއްގައި އަބަދުވެސް ރާޔާއާ އެންމެ ގާތުގައި ޖީލާންވިއެވެ. އެއީ ހެޔޮލަފާ އެކުވެރިއެއްކަން ގައިމެވެ. އެއްތަނަކުން ދެމީހުނަށް ވަޒީފާ ހަމަޖެހުމުން އެކަމާ އެންމެ އުފާވީ ރާޔާއެވެ. އަނޫކް އާއި ޖީލާން އެ އޮފީހާ ތަންކޮޅެއް ކުރިން ގުޅުނު ނަމަވެސް ރާޔާ ވީ އެންމެ ފަހުން އޮފީހާ ގުޅުނު މީހުންގެ ތެރެއިންނެވެ.

"އާން.. ޔަމާން ބުނެގެން ލިޔުންތަކެއް ހޯދާ މިއުޅެނީ.." ރާޔާގެ އަޑުގައިވީ ހާސްކަމެވެ.

"މެނޭޖަރުންގެ ޕީއޭއަށް އުޅެންޏާ ކޮންމެ ދުވަހެއްވެސް ދާނީ ތިކަހަލަ ގޮތަކަށް.." ލައިގެންހުރި ހެދުން ރީތިކޮށްލަމުން ޖީލާން ބުނެލީ ސަމާސަ ރާގަކަށެވެ.

"ކިތަންމެ ބުރަކޮށް އުޅެން ޖެހުނަސް އަހަރެންގެ ޝަކުވާއެއްނެތް.. މިހެން އުޅޭކަމުންނު ކިރިޔާވެސް އެއްޗެއް މި ލިބެނީ.. ޔުމްނުއަށްޓަކާ ކޮންމެ ފަދަ ޤުރުބާނީއެއްވެސް ވާން އަހަރެން މިހުރީ ތައްޔާރަށް.."

"ތެދެއް ބުނަންތަ.. އަހަރެން ވަރަށް އުފާވި އަހަރެންގެ ނަސޭހަތް ގަބޫލުކޮށް ރައްޔު ވަޒީފާއެއް އަދާކުރަން ބޭނުންވީމަ.. އަނޫކް އަށްވެސް އެކަނި ގޭގެ ޚަރަދުތަކާ ދެން ހުންނަ ކަންކަން ބަލަހައްޓަންވީމަ ދަތިވާނު.. އަހަންނަށް އެނގޭ ނުބުންޏަސް މިހުރިހާ ކަމަކާ ރައްޔުވެސް ވިސްނާކަން.." ހަމްދަރުދީގެ ނަޒަރަކުން ރާޔާއަށް ބަލަން ހުރެ ޖީލާން ބުނެލިއެވެ. އެތައް ދުވަހަކަށްފަހު ހަމަޖެހޭ ދިރިއުޅުމެއް އުޅެން ރާޔާ މަސައްކަތްކުރާތަންފެނި އޭނާއަށް ލިބިފައިވީ ބަޔާންކުރަންދަތި އުފަލެކެވެ.

"އަހަރެން މިއައީ ބްރޭކް ގަޑި ޖެހުނީމަ ރައްޔު ބަލާ.. ސައިބޯން ދެވޭނީ ރައްޔުވެސް ގޮވައިގެން.. ވަރަށް ހައިވެއްޖެ.. ތި މަސައްކަތް ބަހައްޓާފަ ނިކަމެތި އަޅުގަނޑާއެއްކޮށް ސައިބޯން ދުރުވަންވީ ނޫންތޯ.." ހިނިގަނޑެއް ޖަހައިލަމުން ސަކަގޮތަކަށް އަނެއްކާވެސް ޖީލާން ބުންޏެވެ. އޭނާ އެތަނުން ނުތެދުވަނީސް ޖީލާން ނުދާނެކަން އެނގި، ކުރަންއިން މަސައްކަތް މެދުކަނޑައިލުމަށްފަހު ރާޔާ ގޮނޑިން ތެދުވިއެވެ. އެއާއެކު ރާޔާގެ އަތުގައިހިފައި ދަމައިލަމުން ޖީލާން ހިނގައިގަތީ އޮފީހުން ނުކުންނާށެވެ. އެމީހުން އާންމުކޮށް ސައިބޯންދާ ކެފޭއަށް ދިއުމަށެވެ.

"މާދަން މިއޮތީ ބޮޑު ދުވަހެއް ދޯ.. އަލަމް ބުނި މިފަހަރު އަހަރީ ޖަލްސާއަށް ހުރިހައި ކަމެއް ތައްޔާރުކުރުމުގެ ގޮތުން މިކޮޅަށް އަންނަނީ އުސައިދާއި ހުޒައިމް ސަރގެ ދެކުދިންނޭ.. އަލަށްވެސް އެމީހުންގެ ކުދިން ނުދެކެންވިއްޔަ.. އަބަދުވެސް އަންނާނީ އެދެމީހުން.. ހިތަށް އަރާ ސަރ މެންހާ އެކުދިންވެސް ހިތްހެޔޮވާނެބާއޭ.." މޭޒު ދޮށުގައި ހަމަޖެހިލަމުން މޫނަށް ފާޑެއްގެ ވައްތަރެއް ޖީލާން ޖައްސައިލިއެވެ. "މީހަކާ ބައްދަލު ނުވަނީސް މީހެއްގެ ގޮތެއް ބުނާކަށް ނޭނގެ.. ބަޓް ލެޓްސް ހޯޕް، ދޭ އަރ ލައިކް ދެއާރ ޕޭރެންޓްސް.." ރާޔާގެ މޫނުމަތިންވެސް ޝައުގުވެރިކަން ފައުޅުވެލިއެވެ. ރާޔާގެ ވާހަކަތަކަށް ބޯޖަހައިލަމުން ޖީލާން މައުޟޫ ބަދަލުކޮށްލީ އިތުރަށް ބުނާނެ އެއްޗެއް ނުވިސްނުމުންނެވެ.

* * * * *

މަޑު ދުވެއްޔެއްގައި ކާރު އައިސް ހުޅުވައިފައިހުރި ދަނގަޑު ގޭޓުތެރެއިން ގެއަށް ވަތްއިރު، އާޝޯޚުވެފައި ކާރުގެ ބިއްލޫރިގަނޑުން ބޭރަށް ނަޒަރު ހުއްޓައިލައިގެން ޒައިވާ އިނެވެ. ރާއްޖޭގައި ހުންނަ އުސައިދްގެ ގެ އެހައި ރީތިވެދާނެ ކަމަކަށް އޭނާ ހިއެއްނުކުރެއެވެ. ގެއާ ހަމައަށް ހަތަރެސްކަން ގައުޖަހައި ހިމަމަގެއް ހަދައިފައި އޮތްއިރު، މަގުގެ ދެފަރާތުން އެކިވައްތަރުގެ މައު ގަސްތައް އިންދައިފައި ހުއްޓެވެ. ބަލައިފޫހިނުވާނެފަދަ ހިތްގައިކަމެއް އެމާހައުލަށް ވެރިވެފައިވީ އިރުއޮއްސެން ކައިރިވުމުން އެކި ތަންތަންކޮޅުގައި ދިއްލައިފައިހުރި އޮރެންޖް ކުލައިގެ ބޮކިދަނޑިތަކުގެ ސަބަބުންނެވެ. ފެތުރިފައިވި ފަނޑުއަލިކަމުން އެ ސަރަހައްދުގައިވީ ހުވަފެނީ ގޮތެކެވެ.

ޕޯޓިކޯއަށް ކާރު މަޑުކޮށްލުމާއެކު އަވަސްއަރުވައިލައިފައި ރީއާން ކާރުން ފޭބިއެވެ. އަދި މީހަކަށް ބެލުމެއްނެތި ގޭތެރަށް ވަދެގެންގޮސް ބޮޑުކޮޓަރީގެ މެދުގައިހުރި ފުޅާ ސިޑިން މައްޗައް އޭނާ އެރިއެވެ. އެތަން ބަލަން ހުރި ޒައިވާ ތުންފިއްތައިލިއެވެ. ކޮނޑުގައި އަޅުވައިލައިފައި އޮތް އަތްދަބަހުގައި ހިފައި ބާރުކޮށްލަމުން ޔަޒީދުގެ ފަހަތުން އޭނާ ހިނގައިގަތެވެ. ވަށައިގެން އެކި ދިމަދިމާއަށް ނަޒަރު ހިންގަމުންގޮސް ޔަޒީދު ދެއްކި ކޮޓަރިއަށް އޭނާ ވަނެވެ. އަންހެންކުއްޖަކާ ގުޅޭނެފަދައިން އެކޮޓަރި ޒީނަތްތެރި ކޮށްފައިވީ ނުހަނު ފުރިހަމައަށެވެ. މަޑު ފިޔާތޮށްޓާއި އަޅިކުލައިން ކޮޓަރީގެ ފާރުތައް ހުރިއިރު، އެނދުގައިއޮތް ބެޓްޝީޓާއި ކުޑަދޮރުގައި ހަރުކޮށްފައި ހުރި ދޮރުފޮތިތައްވެސް ހުރީ ހަމަ އެދެކުލައިން ގުޅުވައިލައިފައެވެ. ހިތްހަމަޖެހުން ޒައިވާގެ މޫނުން ފައުޅުވެލިއެވެ. އޭނާގެ ފަހަތުން އައި ގޭގެ ޚާދިމަކު އޭނާގެ ފޮށިތައް ކޮޓަރިއަށް ވެއްދުމާއެކު އެމީހަކަށް ޒައިވާ ޝުކުރު އަދާކޮށްލިއެވެ. އެމީހުން އަންނަންވާއިރަށް ސައި ހުރީ ތައްޔާރުކޮށްފައިކަމަށް ޔަޒީދު ބުންޏެވެ. ތާޒާވެލައިގެން ތިރިއަށްދާނެކަމަށް ޒައިވާ ބުނެލީ ހިސާބަކަށް ދަތުރުވަރުބަލިވެފައި ވުމުންނެވެ. ކިޔަމަންތެރިކަމާއެކު ބޯޖަހައިލަމުން އެކޮޓަރިން ޔަޒީދު ނުކުތެވެ.

ފެންވަރައިލައިގެން ތިރިއަށް ފޭބިއިރު، ބޮޑުކޮޓަރީގެ ސޯފާއެއްގައި ސަމަދު އިނެވެ. ލައިގެންހުރި އެއްޗެހި ބަދަލުވެފައިވުމުން ސަމަދުވެސް އެ އައީ ތާޒާވެލައިގެންކަން ޒައިވާއަށް އެނގުނެވެ. ސޯފާތަކުގެ މެދުގައި ހުރި ކުޑަ ބިއްލޫރި މޭޒުމަތީގައި އެކިވައްތަރުގެ ހެދިކާ ތަށިތަކުގެ އިތުރުން ތަބަކެއްގައި ކުދި ޖޯޑާއި ސައިކުރައެއް ބަހައްޓަފައި ހުއްޓެވެ. އޭރު ހުޅުވައިފައިހުރި މައި ދޮރުން ބޯކޮށް ވާރޭ ވެހެމުންދިޔަތަން ފެންނަން ހުއްޓެވެ. ހަށިގަނޑަށް އަރާމުގެނުވާފަދަ ތެތްފިނިކަމެއް ފަޒާގައި ހިފައިފައިހުއްޓެވެ. ހަށަން ބަނދެލަމުން ބޭރަށް ބަލަންހުރެ ޒައިވާ އައިސް ސަމަދްއާ ކުރިމަތިވާނޭހެން ހުރި ސޯފާގައި އިނށީދެ ހަމަޖެހިލިއެވެ.

"ރީއާން ކޮބާ.." އޭނާ ފެންނަން ނެތުމުން ޒައިވާ އަހައިލީ ސަމަދު ގާތުއެވެ. "ކޮޓަރިއަށް ދިޔަގޮތަށް ނުނިކުމޭ.. ގޮވާލީމަ ބުނީ ސައިބޯނީ ފަހުންނޭ.." ސައި ތަބަށް ޒައިވާއާ ގާތަށް ޖައްސައިލަމުން ސަމަދު އޮޅުންފިލުވައިދިނެވެ. އެއްވެސް އެއްޗެއް ނުބުނެ ޖޯޑަށް ސައި އެޅުމަށްފަހު އޭގެން އެތިފޮދެއް ބޯލަމުން ވެހެމުންދިޔަ ވާރޭގެ ތިކިތަކަށް ޒައިވާ ނަޒަރު ހުއްޓައިލިއެވެ.

"ހިތަށްއަރާ ރީއާންގެ މިޒާޖަށް އެހައި ބޮޑު ބަދަލެއް ކުއްލިއަކަށް އެއައީ ކީއްވެބާއޭ.. އެއީ ހަމަގައިމުވެސް ކުރިން އެހެން އުޅުނު މީހެއްނޫން.. އެއްވެސް މީހަކާ މާ ގާތްކޮށް އޭނާ ވާހަކަދައްކާތީ މިހާރު ނުފެނޭ.. އަބަދުވެސް އެކަނިހުންނަން ބޭނުންވާ ކަހަލަ.. ކޮންމެވެސް ފިކުރުތަކަކަށް އަބަދު ގެއްލިފަ ހުންނަހެން ހީވަނީ.. ކަމަކާ އަބަދު ހިތްހަމަނުޖެހިފަ ހުންނަހެންވެސް ހީވޭ.. އަޅެ ސަމަދު ބުނެބަލަ.. ތީ ރީއާންއާ އެއްކޮށް އުޅުނު އެންމެ ދުވަސްވީ އެކުވެރިޔާ.. އެ އައި ބަދަލެއް އެއައީ މީގެ ފަސްއަހަރު ކުރިން ދިމާވި ކަމަކުންނޭ ބައްޕަ ބުނޭ.. އެކަމަކު ވީކިހިނެއްކަމެއް ބައްޕައަކަށްވެސް ނޭނގޭ.." މަޑުމައިތިރިކަން ޒައިވާގެ އަޑުގައިވިއެވެ. ސަމަދަށް ބަލަހައްޓައިގެން އޭނާ އިނީ ޖަވާބެއްގެ އިންތިޒާރުގައެވެ.

"އެއްވެސް މީހަކީ އަބަދު އެއްގޮތަކަށް ހުންނާނެ މީހެއް ނޫނެއްނު.. ދިރިއުޅުމުން ދުވަސްތައް ފާއިތުވާ ވަރަކަށް އަހަރެމެންނަށް ބަދަލު އާދޭ.. ބައެއްފަހަރު ކުރެވޭ ތަޖުރިބާތަކުގެ ސަބަބުންވެސް.. ލިބޭ ފިލާވަޅުތަކުންވެސް.. ހީނުކުރާ އެތައް ގޮތަކަށް އިންސާނާ ބަދަލުވެދޭ.. ނޫންތަ.. ރީއާންއަށްވެސް ވީ އެކަހަލަ ގޮތެއްކަމަށް ހީކޮށްލާ.. ރީއާންގެ ޒާތީ ކަންކަމުގެ ވާހަކަ އެހެންމީހުންނާ ހިއްސާ ކުރުމަކީ އަހަރެންގެ އަތްމަތީގަ އޮތް ކަމެއްނޫން.. އެއީ އޭނާ ބޭނުންވާނެ ގޮތެއްވެސް ނޫން.." ހިނިތުންވެލަމުން އިންތަނުން ސަމަދު ތެދުވިއެވެ. އޭނާގެ ވާހަކަތަކައް ބުނާނެ އެއްޗެއް ނުވިސްނިފައި ޒައިވާ އިނެވެ. ދަނީކަމަށް ސަމަދު ބުނެލުމާއެކު ލަސްލަހުން ބޯޖަހައިލިއެވެ. އަދި އެތަނުގައި އިތުރަށް މަޑުކުރަން ބޭނުންނުވެ އިނދެ ޒައިވާ ވެސް އިންތަނުން ތެދުވިއެވެ.

* * * * *

އައު ދުވަހަކަށް އިރުއަރައިގެން އައި އިރު، އޮފީސްތެރަށް ވެރިވެފައިވީ ހަލަބޮލިކަމެވެ. އެކި ކޮޅުކޮޅަށް މުވައްޒަފުންތައް ދުވަމުންދިޔައިރު ކޮންމެ މީހެއްގެ ހަރަކާތްތަކުގައިވެސްވީ އަވަސްކަމެވެ. ހާސްކަން ބައެއްމީހުންގެ ކިބައިން ފައުޅުވަމުންދިޔައިރު އަނެއްބަޔަކު ތިބީ ވަރަށް ހަމަޖެހިލައިފައެވެ.

ކަޅުކުލައިގެ ކާރެއް އައިސް ދޮރުމައްޗަށް މަޑުކޮށްލިއިރު، މަރުޙަބާ ކިޔުމަށް އޮފީހުގެ ގިނަ މުވައްޒިފުންތަކެއް ވަނީ ދޮރު ކައިރިއަށް އެއްވެފައެވެ. ކާރުން ފޭބި ޒުވާނުންފެނުމުން އެއިން ކޮންމެ މީހެއްގެ މޫނުމައްޗަށް ހިނިތުންވުމުގެ އަސަރު ވެރިވިއެވެ. އެންމެ ކުރީގައިހުރި ޔަމާން އެމީހުނާ ސަލާމް ކޮށްލުމާއެކު އެމީހުންގެ ކުރީގައިހުރެ އޮފީހަށް ވަންނަން ހިނގައިގަތެވެ.

އަތުގައިހުރި ފައިލުތަކެއް ޔަމާންގެ ކެބިންއަށް ލުމަށްފަހު ފުންނޭވާއެއް ދޫކޮށްލަމުން އެތަނުން ނުކުތުމަށް ރާޔާ މިސްރާބުޖެހިއެވެ. ލައިގެންހުރި ދަނބުކުލައިގެ ގަމީސްކޮޅު ރީތިކޮށްލަމުން ކެބިންއިން ނުކުމެ އޭނާ ކުރިއަށް ހިނގައިގަތީ އިސްޖަހައިލައިގެން ހުރެއެވެ. ނަމަވެސް އެދިމާއަށް އަންނަމުންދިޔަ ބައެއްގެ ވާހަކަދެއްކުމުގެ އަޑު އިވި އިސްއުފުލައިލައި ރާޔާ ކުރިއަށް ބަލައިލިއެވެ. އެއާއެކު ލިބުނު ސިހުމުގައި ރާޔާއަށް ތެޅިގަނެވުނެވެ. ޔަމާންގެ ކެބިންތެރެއަށް އޭނާ ދެމިގަތީ ހާސްވެފައި ހުރެއެވެ. މީހާ ދާހިއްލާ ފޯވުމާއެކު ނޭވާ އަވަސްވެގެންއައީ ކުއްލިއަކަށެވެ. ރޯމަހެއްހެން ހިތްތެޅެމުންދިޔައިރު، ފިނިވެފައިވި ދެއަތްތިލަ ގެނެސް މޭގައި ޖައްސައި ރާޔާއަށް ބާރުކޮށްލެވުނެވެ. ކެބިންގެ ދޮރުގައި ލެގިލަމުން ތުންފަތުގައި އޭނާއަށް ދަތްއަޅައިލެވުނީ ގަބޫލުކުރަން ދަތިވެފައި ހުރިފަދަ ގޮތަކަށެވެ.

"ރި..ރީއާން.. އެއީ.. ހަމަ ރީއާންތަ..؟" ހިންދިރުވައިލި ރާޔާއަށް ބުނެވުނީ ސިއްރެއްފަދައިންނެވެ. އެއާއެކު މުޅި ހަށިގަނޑަށް އިހުސާސުކުރެވުނު ހީލިކެރުވުމާއެކު މޭގައި އޭނާއަށް މަޑުމަޑުން ފިރުމައިލެވުނެވެ.

(ނުނިމޭ)

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!