ވާހަކަ

އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނުވަވަނަ ބައި)

ނައުފާ ، ދެން އޮންލައިން
އިތުރަށް ހަމަ ލޯބި ވެވެނީ
▾ މި ވާހަކައިގެ ޢަދަދުތައް
އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ޓްރެއިލަރ) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފުރަތަމަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދެވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިންވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތަރުވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނުވަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދިހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެގާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސާދަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަނަރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސޯޅަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސަތާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ވިހިވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެކާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައުވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަންސަވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައްބީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެއްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބައްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަހުބައި)

"ހިތަށް އަރަނީ.. އަހަރެންނަކީ ޔުމްކޮގެ އަސްލު މަންމަ ނޫންކަން އެނގޭ ދުވަހަކުން ޔުމްކޮއަށް ވާނީ ކިހިނެއްބާއޭ.." ޚިޔާލުތަކަށް ގެއްލިފައި އިން ރާޔާ ބުނެލީ ސިއްރެއް ފަދައިންނެވެ. އެ ސުވާލުން އޭނާގެ ހިތަށް އުނދަގޫވެފައިވީވަރު ސާފުކޮށް މޫނުމަތިން ހާމަވާން ހުއްޓެވެ.

Ads by Hajj Corporation

"ޔުމްކޮއަށް ހުރިހާ ވާހަކައެއް އޮޅުވާނުލާ ކިޔާދީ.. އޭރަށް ވިސްނޭނެ.. ރައްޔުއަކީ މަންމަ ނޫންކަން އެނގުނީމަ އަސްލު މަންމައަށް ވީ ގޮތެއް އެނގެން އޭނާ ބޭނުންވާނެ.." ރާޔާގެ އަތުގައި ފިރުމައިލަމުން ޖީލާން ބުނެލިއެވެ. ޖީލާންގެ ވާހަކަތަކަށް ބޯޖަހައިލަމުން ދުރުގައި އިން ޔުމްނުއަށް ރާޔާ ދެލޯ އަމާޒުކޮށްލިއެވެ.

"ޔުމްކޮ ބޭނުންވެގެން ދައިސް އަތުވެދާނެތަ؟" ޚިޔާލަކަށް ގެއްލި އިނދެފައި ޖީލާން އަހައިލިއެވެ. ހިސާބެއްގެ ކަންބޮޑުވުމެއް އެ އަޑުގައި ވިއެވެ.

"ނުލިބޭނެ.. ޔުމްކޮ ދުވަހަކުވެސް އޭނައަކަށް ނުލިބޭނެ.. އެއީ އޭނަގެ ދަރިއެއްނޫން.. އަހަރެންގެ ހަށީގަ ފުރާނަހުއްޓަ ހިލާ އެހެންވިޔަކަ ނުދޭނަން.. އިރެއްގަ އަހަރެންގެ މައްޗަށް ބާރު ހިންގުނަސް ދެން އިރާދަކުރެއްވިއްޔާ އެފަދައިން ކަންތައްކުރާކަށް ނުކެރޭނެ.." ދައިސްގެ ނަން އިވުމާއެކު ރުޅިވެރިކަން ރާޔާގެ ދޮންމޫނުމަތިން ފައުޅުވެލިއެވެ. ފާޑެއްގެ ހަރުކަށިކަމެއް ހަށިގަނޑަށް ވެރިވުމާއެކު އޭނާއަށް ދަތްތައްޖައްސައި ބާރުކޮށްލެވުނެވެ. އެ އަނިޔާވެރިޔާއަށް ދުވަހަކުވެސް އޭނާ މަޢާފެއް ނުކުރާނެއެވެ. އަމިއްލަ ދިރިއުޅުމުގެ އިތުރުން ދައިސް ވަނީ އޭނާ ލޯބިވާ އެތައް ބައެއްގެ ދިރިއުޅުން ހަލާކުކޮށްލާފައެވެ. ވީއިރު އެފަދަ މީހަކަށް ހިތްހެޔޮކުރާނީ ކިހިނަކުން ހެއްޔެވެ؟ ކުރީގެ ހަނދާންތައް ހިތަށް ވެރިވެގަތުމާއެކު ރާޔާއަށް ތުންފަތުގައި ދަތްއަޅައި ބާރުކޮށްލެވުނެވެ. ދެއްކުނު ވާހަކައަކުން ރާޔާއަށް ވީގޮތްފެނި ޖީލާން އަވަސް އަވަހަށް މަޢާފަށް އެދުނެވެ. ދައިސްގެ ނަމަކީ ރާޔާ އެއްގޮތަކަށްވެސް އަޑުއަހަން ބޭނުންވާނެ ނަމެއް ނޫންކަން އޭނާއަށް އެނގެއެވެ. އެހެނަސް ހިތަށް ވެރިވި އެ ސުވާލުތައް ވިސްނައިނުލާ ދުލުން ބޭރުކޮށްލެވުނީއެވެ. މަޑުމަޑުން ރާޔާގެ އަތުގައި ހިފައި ބާރުކޮށްލުމާއެކު ގަދަކަމުން ކަހަލަ ގޮތަކަށް އޭނާ ހިނިތުންވެލީ އަމިއްލަ ނަފުސު ހަމައަކަށް އަޅުވަން ބޭނުންވެފައި އިނދެއެވެ. ދެމެދަށް ވެރިވެފައިވި ނުތަނަވަސްކަން ފިލުވައިލުމުގެ ނިޔަތުގައި ޖީލާން މައުޟޫ ބަދަކޮށްލިއެވެ.

* * * * *

ނިތްމަތީގައި އަތް ބާއްވައިލައިގެން އެނދުގައި އޮށޯވެގެން އޮތް އަނޫކްގެ ޚިޔާލުތަކުގައި ރަނިކަން ކުރަމުންދިޔައީ ޒައިވާއެވެ. މާޒީގެ އެކިއެކި ހަނދާންތައް އައުކުރަމުން ދިޔައިރު އެތުންފަތުގައިވީ ހިތްގައިމު ހިނިތުންވުމެކެވެ. އޭނާއަށް އެންމެ ފުރަތަމަ ޒައިވާ ފެނުނީ މީގެ ފަސްއަހަރު ކުރިން ލަންޑަނުގައި އެދެމީހުން ކިޔަވަން އުޅުނު ކޮލެޖުންނެވެ. އެންމެ ފުރަތަމަ ނަޒަރުންވެސް އެ އަންހެންވަންތަ ސޫރަ އޭނާގެ ހިތުން ޖާގައެއް ހޯދިއެވެ. އަލަށް ހިތުގައި އުފަންވެގެން އައި ޖަޒުބާތުތަކާ ދުރުގައި ހުރުން އޭނާއަށްވީ ދަތިކަމަކަށެވެ. ހިތްވަރުކޮށްފައި އެކުވެރިކަމުގެ އަތެއް ޒައިވާއަށް ދިއްކޮށްލީ އެހެންވެއެވެ. ޒައިވާ ވީ އޭނާ ހީކުރިވަރަށްވުރެ މާހިތްހެޔޮ ކުއްޖަކަށެވެ. މީހުނާ ގުޅޭ ސަކަމިޒާޖެއްގެ ވެރިއަކަށެވެ. ދެމެދުގައިވި ގުޅުން އެހައި މަދުދުވަސްކޮޅެއްގެ ތެރޭގައި ބަދަހިވެގެން އައީ އެހެންވެކަން ގައިމެވެ. އެކަކު އަނެކެއްގެ ސިއްރުތައް ހިއްސާކުރެވޭހައި ގާތް ބަޔަކަށް ދެމީހުން ވީއެވެ. އެދެމެދުގައިވި ގުޅުން ވަރަގަދަވިއެއްކަމަކު ހިތުގެ ހާލު ބަޔާންކުރުމަށް އަނޫކް ޖެހިލުންވީއެވެ. ޒައިވާ އޭނާމެދު އެއްގޮތަކަށްވެސް ދެކެނީ ކިހިނެއްކަމެއް ބުނެދޭން ނޭނގުމުންނެވެ. ހިތުގައި އެ އިހުސާސުތައް ފޮރުވައިލައިގެން ހުރުން އެއީ އެންމެ ރަނގަޅުގޮތް ކަމުގައި ދެކެވުނީއެވެ.

ހާލަތު ބަދަލުވީ ކުޑަކޮށްވެސް އޭނާ އެކަމަށް ތައްޔާރުނުވެ ހުއްޓައެވެ. ގްރެޖުއޭޝަން ނިންމުމަށްފަހު ކުޑަދުވަސްކޮޅަކު އެކޮޅުގައި މަޑުކޮށްލަން އަނޫކް ހުރީ ނިންމައިގެނެވެ. އަދި އައުމުގެ ކުރިން ޒައިވާގެ ކުރިމަތީ އޭނާގެ ލޯތްބަށް އިއުތިރާފުވުމަށް އޭނާ އައީ ތައްޔާރުވަމުންނެވެ. އެހެނަސް ތަޤުދީރު އޭނާއަށް އެ ފުރުސަތެއް ނުދިނެވެ. ލޯބިވާ ކޮއްކޮގެ ކުއްލި މަރުގެ ޚަބަރާއެކު އޭނާއަށް ޖެހުނީ ވީއެންމެ އަވަހަކަށް އެނބުރި އަންނާށެވެ. އާއިލާގައި ހުރި ހަމައެކަނި ފިރިހެންކުއްޖާއަށް ވީމައެވެ. ދޮންތައެކަނި ހާލައިގެން ނޫޅެވޭނެކަން ވިސްނުނީމައެވެ. ދޮންތައަށް އެހީވާން އޭނާ ނޫން އިތުރު މީހަކު ނެތެވެ. އަވަސް އަރުވައިލައިފައި ދަތުރުގެ ކަންތައް ހަމަޖެއްސުމާއެކު އޭނާ ފުރީއެވެ. ޒައިވާއާ ބައްދަލުކޮށްލާނެ ނުވަތަ ވާހަކަދައްކައިލާނެ އެއްވެސް ފުރުސަތެއް އޭނާއަކަށް ނުލިބުނެވެ. ލިބުނުން ޚަބަރުން ސިކުނޑިއަށް ލިބިފައިވި ޝޮކުގައި އެހެން ހުރިހައި ކަމެއްގެ މަތީން ހަނދާންނެތޭގޮތްވީއެވެ. އެނބުރި ރާއްޖެ އައި އިރު އޭނާ ހީކުރިވަރަށްވުރެ ގޭތެރޭގެ ހާލަތު ގޯހެވެ. ލަންޑަނުގައި ހުރިއިރު ނޭނގޭ އެތައްކަމެއް އެނގުނީ އެނބުރި އައިފަހުންނެވެ. ސިއްރުކުރެވިފައި އެތައް ހަގީގަތެއް ހާމަވެގެންދިއުމާއެކު ހަނދާނެގޮތް ހުސްވިއެވެ. އެއްޗެއް ވިސްނޭވަރަށްވުރެ އޭނާގެ ހާލަތުވެސް ގޯސްވިއެވެ. ދޮންތައަށްޓަކައި އަމިއްލަ ނަފުސަށް މަޖުބޫރުކޮށްގެން ނަމަވެސް ހިތްވަރުކުރަން އަނޫކްއަށް މަޖުބޫރުވީއެވެ. ދެފައިމައްޗަށް ތެދުވެ އާއިލާގެ ހުރިހައި ޒިންމާއަކާ އޭނާ ހަވާލުވީ އެހެންވެއެވެ.

ހުރިހައިކަމެއް ހަމައަކަށް އެޅެން ފެށުމުން ޒައިވާއަށް ގުޅަން އޭނާ ބޭނުންވިއެވެ. ނަމަވެސް ހަލާކުވި ފޯނާއެކު އެމަގުވެސް އޭނާއަށް ބަންދުވީއެވެ. އިތުރަށް ކުރެވޭނެކަމެއް ނެތުމުން ހަޔާތުގެ އެ ސޮފުހާގައި ނިމުމުގެ ސިއްކަޖަހަން މަޖުބޫރުވިއެވެ. ކިތަންމެ ބޭނުންވިއަސް އިތުރަށް ކުރެވޭނެކަމެއް ނެތުމުން ދިރިއުޅުމާގެން ކުރިއަށް ދިޔައީއެވެ. އެހެނަސް އެންމެ ހިނދުކޮޅަކަށްވެސް އެހިތުން ޒައިވާގެ ހަނދާންތައް ފިލައިގެން ނުދެއެވެ. އެކަނިވެއްޖެނަމަ ކުރެވޭ ޚިޔާލަކީ އެއީކަމުގައި ވެއްޖެއެވެ. ޒައިވާ މަތިން އޭނާ އަބަދުވެސް ހަނދާންކުރެއެވެ. ދެވަނަ ފަހަރަށް އެ އަންހެންކުއްޖާއާ ބައްދަލުވުންއެދި ތަކުރާރުކޮށް ދުޢާކުރެއެވެ. އޮފީސްތެރެއިން ޒައިވާ ފެނުނު ދުވަހު މާތް ރަސްކަލާނގެ އޭނާގެ ދުޢާ އިޖާބަކޮށްދެއްވައިފިކަން އެނގުނެވެ. ދެވަނަ ފަހަރަށް އެލޯތްބާ ކުރިމަތިލުމަށް ނިންމީ އެހެންވެއެވެ. އެ ލޯބި އަތުން ބީވެދާކަށް އަނޫކްގެ ހިތެއް ނޭދެއެވެ. ޒައިވާއަށް ލޯބި ހުށައަޅާނެ ގޮތަކާމެދު އޭނާ ވިސްނައިލިއެވެ. ހިތަށްވެރިވި ޚިޔާލުތަކާއެމު އޭނާގެ ތުންފަތުގައިވި ހިނިތުންވުން އިތުރަށް ފުންވެލިއެވެ.

* * * * *

"ސަމަދުވެސް އަހަންނާ ރުޅީތަ؟" ފަހަތުން އިވުނު އަންހެން އަޑުން ސިހިފައި އެދިމާއަށް ސަމަދު އެނބުރުނެވެ. ޝަކުވާގެ ނަޒަރަކުން އޭނާއަށް ބަލަންހުރި ޖީލާން ފެނިފައި ސަމަދަށް އިސްޖަހައިލެވުނީ ކުށްވެރިއަކު ފަދައިންނެވެ. ޖީލާންއާ ދުރުގައި ހުރުމަށް އޭނާ އައީ ނުހަނު ސަމާލުވަމުންނެވެ. ވާހަކަދައްކާނެ ފުރުސަތެއް ލިބިއްޖެނަމަ ޖީލާން ކަންތައްކޮށްފާނެ ގޮތަކާމެދު އޭނާ ކަންބޮޑުވީއެވެ. ބްރޭކް ގަޑިއަށްވުމުން އެ ހިސާބުގައި މީހުން މަދެވެ. ފުރުސަތުގެ ބޭނުންހިފައި ސަމަދު ގާތަށް ޖީލާން އައީ އެވަރު ވިސްނާފައެވެ. ބަހެއްވެސް ނުބުނެ އެދިމާލުން ނުކުމެވޭގޮތަށް ހުރި ބެލްކަންޏާ ދިމާއަށް ސަމަދު ހިނގައިގަތެވެ. އޭނާގެ ފަހަތުން ޖީލާންވެސް އައިސް ބެލްކަނީގައި ހުއްޓެމުން މަގުމައްޗަށް ނަޒަރު ސީދާކޮށްލިއެވެ.

"ސަމަދު.."

"ސޮރީ ޖިލީ.. އަހަންނަށް އެ ނޫން އިތުރުގޮތެއް ނެތީ.." ފަޒާގެތެރަށް ދޫކޮށްލި ފުންނޭވައާއެކު ސަމަދު ލަސްލަހުން ޖީލާންއަށް ބަލައިލިއެވެ. އެއާއެކު ހިތުގެ ތެޅުން އަވަސްވެލީ އެތައް ދުވަހަކަށްފަހު އެހައި ގާތުން އެ ސޫރަ ފެނުމުންނެވެ. ހަތަރުކަޅި ބައްދަލުވުމާއެކު ޖީލާންގެ ދެލޯ ފެންކަޅިވާގޮތްވިއެވެ. ސަމަދު ކަންތައްކުރިގޮތުން އޭނާގެ ހިތުގައި އިންތިހާއަށް ޖެހުނެވެ. ނަމަވެސް އޭނާ އެފަދައިން ކަންތައްކުރީ ކީއްވެކަން ނުބުންޏަސް ޖީލާންއަށް ވިސްނެއެވެ. އެކަމާ އިތުރު ޝަކުވާތަކެއް ކުރާކަށް އޭނާ ބޭނުމެއްނުވެއެވެ.

"އެނގޭ.. ކޮންމެގޮތެއްވިއަސް ސަމަދަށް މުހިންމުވާނީ ރީއާން.. އެކުވެރިއެއްގެ ހައިސިއްޔަތުން ސަމަދު ކަންތައްކުރީ އެންމެ ރަނގަޅަށް.. އެކަމަކު އޭގަ އަހަރެންގެ ކުށެއް ވަކި ކޮބާ.. އަހަންނަށް ސަޒާލިބެންވީ ސަބަބެއް ނުވިސްނުނު.. ރައްޔުގެ އެންމެ ގާތް އެކުވެރިއަކަށް އަހަރެން ވީމަތަ.." ބޭނުންނުވިއަސް ޖީލާންއަށް ޝަކުވާކޮށްލެވުނީ ހިތަށް އަސަރުކޮށްފައިވީ ވަރުންނެވެ.

"ރީއާންއާ ދޭތެރޭ ރާޔާ ކަންތައްކުރީ ރަނގަޅަކަށް ނޫން.. އެކަން ޖިލީއަށްވެސް އެނގޭނެ.. އަހަރެން ހިތްހަމަނުޖެހުނީ ހުރިހާކަމެއް އެނގިހުރެ ރާޔާއާ އެއްކޮޅަށް ޖިލީ ހުރީމަ.." ޖީލާންގެ މިލައިފައިވި މޫނުން ނަޒަރު ވަކިކޮށްލަމުން ސަމަދު ބުންޏެވެ.

"ނޫން ސަމަދު.. ތި ހީކުރަނީ އަދި ގޯސްކޮށް.. ސަމަދަށް ތި ފެނުނީ ހަގީގަތެއްނޫން.. ރައްޔު ހަގީގަތުގަވެސް ރީއާންދެކެ ވަރަށް ލޯބިވި.."

"އެހެންތަ.. އެހެންވެގެންދޯ ރީއާންގެ ލޯބީގަ ކޮޅުފައިން ޖަހާފަ ގޮސް ދައިސްއާ ކައިވެނިކުރީ.. ބުނަންތަ ވާހަކައެއް.. މިތަނަށް ތިއައީ ރާޔާއަށް ވަކާލާތުކޮށްދޭން ކަމަށްވަންޏާ ތި ބޭކާރު ވާހަކަތައް އަޑުއެހުމުގެ އެއްވެސް ޝައުގެއް އަހަރެންގެ ނެތް.. ތި ވާހަކަތައް ދައްކަން އަހަރެން ގާތަށް ނައިއްޔާ އެންމެ ރަނގަޅީ.. ރާޔާއަކަށް އަދި އޭނާގެ ގާތް އެހެން މީހަކަށްވެސް ރީއާންގެ ފުށުން އެއްވެސް އުނދަގުލެއް ނުފޯރާނެ.. މިއަދުވެސް އޭނާ އެހުރީ އެ ދުވަހު ރާޔާއަށްވީ ވަޢުދުމަތީގަ.. އެހެންވީމަ ރާޔާ ގާތު ބުނޭ.. ކޮންމެހެން އޭނާއަށް ވަކާލާތުކޮށްދޭން މީހުން އަހަރެން ގާތަށް ފޮނުވާނެކަމެއް ނެތޭ.." ހިތްހަމަނުޖެހިފައި ސަމަދު ބުނެލިއެވެ. ހިންދިރުވައިލަމުން ޖީލާންއަށް އިސްޖަހައިލެވުނެވެ. އެންމެފަހަރަކު ނަމަވެސް އޭނާގެ ވާހަކަތައް އަޑު އެހުމަށް އެދި އާދޭސްކޮށްލިއެވެ. ނަމަވެސް ދެފަރާތަށް ބޯހޫރައިލަމުން ސަމަދު ހިނގައިގަތީ އެތަނުން ދިއުމަށެވެ. އެވަގުތު އެމީހުންގެ ކެބިން ތެރެއިން ދެއަންހެން ކުދިންގެ ބާރު ހަޅޭކުގެ އަޑުއިވިފައި އެދިމާއަށް އޭނާއަށް ދުއްވައިގަނެވުނެވެ. ސިހިފައި ސަމަދުގެ ފަހަތުން ޖީލާންވެސް ދުއްވައިގަތެވެ. އޭރު އެ ހިސާބުގައި ތިބި ދެތިން މީހަކު ކެބިން ހުޅުވައިފައި އެތަނަށް ވަންނަނީއެވެ. އަމިއްލަ ކެބިންއިން ނުކުންނަމުން އެދިމާއަށް އައި ސަމަދަށް ރީއާން ބަލައިލީ ކިހިނެއްވީތޯ އަހައިލަމުންނެވެ. ދެކޮނޑު އަރުވައިލަމުން އަތުގެ އިޝާރާތުން އަވަހަށް އައުމަށްބުނެ ކެބިން ތެރަށް އޭނާ ދެމިގަތެވެ.

ދެމީހަކުވެގެން ވެއްޓިފައިއޮތް ކެބިނެޓްނަގައި ބެހެއްޓުމަށް އުޅެއެވެ. އޭރު އޭގެ އެއްފަރާތުގައި ފައިގައި އަތްޖައްސައިލައިގެން ރާޔާ އާއި ޒައިވާ އިނެވެ. ދެމީހުންގެ މޫނުމަތިން ފައުޅުވަމުންދިޔައީ ވޭނަކަށް ކެތްކުރަން މަސައްކަތްކުރަމުންދިޔަ ނިޝާންތަކެވެ. ރާޔާއާ ދިމާއަށް ޖީލާންއަށް އާދެވުނު ގޮތްވެސް ނޭނގެއެވެ. މީހުންތައް ދުރުކޮށްލަމުން ހާސްވެފައިހުރެ އަނޫކްވެސް އައިސް ރާޔާ ގާތުގައި މަޑުކޮށްލިއެވެ. މަތީގައިހުރި ފައިލްތަކެއް ނަގަން އުޅުމުގެ ތެރޭގައި ކެބިނެޓް ވެއްޓުނީކަމުގައި ރާޔާ ބުނެލީ ޖީލާން އެހުމުންނެވެ. މާބޮޑު އަނިޔާއެއް ނުލިބުނަސް ވެއްޓުނުގޮތުން ދެމީހުންގެ ފަޔަށްވެސް ތަދުވަނީކަން ޒައިވާ ހާމަކޮށްލިއެވެ. ޒައިވާއަށް ބަލައިލަމުން ކަންބޮޑުވެފައި، ދެމީހުނާ އަނޫކް އެކި ސުވާލުކުރަމުން ދިޔައެވެ. ޖީލާންގެ އެހީގައި ރާޔާ އިންތަނުން ތެދުވިއެވެ. އޭނާއަށްވުރެ ބޮޑަށް ފަޔަށް އަނިޔާވީ ޒައިވާގެއެވެ. ތެދުވަންވެސް އުނދަގޫވެފައި ޒައިވާ އިންނަންފެށުމުން އަނޫކް އޭނާއާ ގާތަށް ޖެހިލީ އެހީވުމުގެ ނިޔަތުގައެވެ. އެވަގުތު އެތަނަށް އައިސް މަޑުކޮށްލި ރީއާން ފެނިފައި އަނޫކް ކުޑަކޮށް ފަހަތަށް ޖެހިލިއެވެ. ޒައިވާ ގާތުގައި ކުޑަކަކޫ މައްޗަށް ތިރިވެލަމުން މޫނުމައްޗަށް ވެރިފައިހުރި ކުދި އިސްތަށިކޮޅުތައް ރީއާން ރީތިކޮށްލައިދިނެވެ. އަދި ފަޔަށް ވަރަށް ތަދުވޭތޯ ނުހަނު ލޯބިން އަހައިލިއެވެ. ރީއާންގެ މޫނަށް ބަލަންއިނދެ އަނގައަށް ގޮތެއް ހަދައިލަމުން ޒައިވާ ބޯޖަހައިލީއެވެ. އެތަން ބަލަންހުރި ރާޔާއަށް ތުންފިއްތައިލެވުނެވެ. އެންމެ ފަހަރަކުވެސް ރީއާން އޭނާއަށް ބަލައިނުލިތަނުގައި އޭނާގެ ހާލުވެސް އަހައިނުލިއެވެ. އޭނާއަށް އެއްވެސް ގެއްލުމެއް ލިބުނުތޯވެސް ބަލައިނުލިއެވެ. ޒައިވާއާ އޯގާތެރިކަމާއެކު ވާހަކަދައްކަމުން ރީއާން ދިއަގޮތުން ރާޔާގެ ހިތުގައި ރިއްސައިލީ އިންތިހާއަށެވެ. ކެތްކުރަން ދަތިވެ އޭނާއަށް ދުރަށް ނަޒަރު ހުއްޓައިލެވުނީ އެމަންޒަރުން ހިތަށް ކުރުވި ފުން އަސަރުންނެވެ. ރީއާން އޭނާ ދުރުކޮށްލައިފައިވާ މިންވަރުން ބުނެދޭން ނޭނގޭފަދަ ވޭނެއް އެހިތުގައި އުފަންވެއްޖެއެވެ. ތުންފަތް ތުރުތުރުއަޅައިލުމާއެކު ދެލޮލަށް ކަރުނަތައް ބޮނޑިވެގަތެވެ. އެތައް ހާސް ޝަކުވާއެއް އެދެލޮލުގައި ފުނިޖެހިފައިވިއެވެ.

ރާޔާއަށް ބަލައިލުމެއްނެތި މަޑުމަޑުން ޒައިވާއާ ގާތްވެލަމުން، ރީއާން އަތްދަނޑިމައްޗަށް ޒައިވާ އުފުލައިލިއެވެ. އަދި މެޔާ ގާތްކޮށްލުމާއެކު އެތަނުގައި ތިބި އެއްވެސް މީހަކަށް ބެލުމެއްނެތި އެކެބިންއިން ނުކުންނަން ހިނގައިގަތެވެ. އޭރު ރީއާންގެ ކަރުގައި ދެއަތް ވަށައިލައިގެން އެކޮނޑުގައި ބޯއަޅައިލައިގެން ޒައިވާ އޮތެވެ. ފެނުނު މަންޒަރުން ރާޔާގެ ހިތް އިތުރަށް ޒަޚަމްވުން ނޫންހެންކަމެއް ނުވިއެވެ. ފެންކަޅިވެފައި އެދިމާއަށް ބަލަން އޭނާއަށް ހުރެވުނީ ގުޑިލަންވެސް ނޭނގިފައެވެ. ރާޔާ ގާތުގައި ހުރި އަނޫކް އަށްވެސްވީ އެފަދަ ގޮތެކެވެ. އެކުޑަ ކުޑަ ހިނދުކޮޅުތެރޭ އެދެމެދުގައިވި ގާތްކަންފެނި ހިތް ނުތަނަވަސްވާގޮތް ވިއެވެ. ހާސްކަން ނަފުސަށް ވެރިވަމުންދިޔައިރު ރީއާން އާއި ޒައިވާއަށް ބަލަން އޭނާއަށްވެސް ހުރެވުނީއެވެ.

"ސޯ ސްވީޓް.. ރީއާން ސަރ ވަރަށް ލޯބިވޭ ދޯ ޒައިވާ މޭމްދެކެ.. އަހަރެން އަޑުއެހިން އެދެމީހުން ވަރަށް އަވަހަށް ކައިވެނިކުރަން އުޅޭ ވާހަކަ.." އެމަންޒަރުބަލަން އެތަނުގައިހުރި ކުއްޖަކު ބުންޏެވެ. އިވުނު ވާހަކަތަކުން އަނޫކްއަށް ހީވީ ވަށައިގެންވި މާހައުލު އެނބުރިގަތްހެނެވެ. ހިނދުކޮޅަކަށް ހިތުގެ ހިނގުން މަޑުޖެހިލި ފަދައެވެ. ގަބޫލުކުރަން ދަތިވެފައިހުރެ ދެފަރާތަށް ބޯހޫރައިލަމުން އޭނާއަށް ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. ދެއަތް މުށްކަވައިލަމުން އަނޫކްއަށް އިސްޖަހައިލެވުނީ ހިތަށް އިހުސާސުކުރެވުނު ތޫނު ތަދަށް ކެތްނުވެގެން ކަހަލައެވެ.

(ނުނިމޭ)

Ads by Allied Insurance
  1. އީރަމް

    ރިއާން އެންޑް ރާޔާ ފައިނަލީ ގުޅޭނީ ދޯ. އެހެންވީމަ ޒައިވާ އަނޫކްގެ ޕްރޮޕޯސަލް ގަބޫލުކުރާނީހެން ހީވޭ. އެއްވާހަކައެއް ތަކުރާރުކޮށް ގެނެސްދޭތީ ފޫހި. މިދިޔަ ޕާޓުގަ އަނޫކް އެންޑް ޒައިވާއަށް ވީގޮތް އޮތް ބުނެފަ. ހަމަ އެވާހަކަ މިބައިގަވެސް ގެނެސްފަ. ހީވީ އެބައި އަލުން ކިޔުނުހެން. އިތުރަށް ގެނެސްދީފައެއްނެތް.

  2. ެެެެެެއަމްނާ

    ވަރަށް ރީތި. ކޮންމެ ދުވަހަކުވެސް ބައެއް ގެނެސްދޭނެ ނަމައޭ ހިތަށްއަރާ

  3. އާމިނާބީ

    ވަރަށް ރީތި މާޝާﷲ ތިގޮތުގަ ކުރިއަށް ދާތި!!!