ވާހަކަ

އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަސްވަނަ ބައި)

ނައުފާ ، ދެން އޮންލައިން
އިތުރަށް ހަމަ ލޯބި ވެވެނީ
▾ މި ވާހަކައިގެ ޢަދަދުތައް
އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ޓްރެއިލަރ) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފުރަތަމަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދެވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިންވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތަރުވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނުވަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދިހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެގާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސާދަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަނަރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސޯޅަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސަތާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ވިހިވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެކާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައުވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަންސަވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައްބީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެއްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބައްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަހުބައި)

"ރި..ރީއާން.. އެއީ.. ހަމަ ރީއާންތަ..؟" ހިންދިރުވައިލި ރާޔާއަށް ބުނެވުނީ ސިއްރެއްފަދައިންނެވެ. އެއާއެކު މުޅި ހަށިގަނޑަށް އިހުސާސުކުރެވުނު ހީލިކެރުވުމާއެކު މޭގައި އޭނާއަށް މަޑުމަޑުން ފިރުމައިލެވުނެވެ.

Ads by MWSC

"އަނެއްކާ އޭނާއަށް އަހަރެން ފެނުނުބާ.. ނޫން.. އެހެންވާކަށް އަހަރެން ބޭނުމެއްނޫން.. އެއީ.. އެއީ ހަމަ އެ ސޫރަ.. އަހަންނަށް ދުވަހަކުވެސް ރީއާންގެ ސޫރައެއް ނޯޅޭނެ.. އެކަމަކު.. ދެން.. ކިހިނެއް ހަދާނީ.." ދެއަތްތިލައަށް ބާރުކޮށްލަމުން ރާޔާ ތުންފަތުގައި ދަތްއަޅައިލީ ހާސްވެފައި ހުރެއެވެ. ކެބިންއާ ކައިރިން ފިޔަވަޅުތަކުގެ އަޑުއިވުމުން އޭނާގެ ހިތް ނެގިނެގިފައި ޖެހެންފެށީ ކަންބޮޑުވެގެން ގޮހެވެ. ދެލޯމަރައި ފިއްތައިލެވުނީ ބޭއިޚުތިޔާރުގައެވެ. ފިޔަވަޅުތައް މަޑުނުޖެހި ކުރިއަށް ދިއުމުން ހިފަހައްޓައިގެންހުރި ނޭވާ އޭނާއަށް ދޫކޮށްލެވުނެވެ. އޭރު އެ މުޅި ހަށިގަނޑުގައި ވަނީ މަޑު ތުރުތުރެއް އުފެދިފައެވެ.

ކުޑަކުޑަކޮށް ކެބިންގެ ދޮރުހުޅުވައިލަމުން ބޭރަށް ރާޔާ ނަޒަރު ހިންގައިލިއެވެ. އެތަނުގައި އެއްވެސް ބަޔަކު ނެތްކަން ޔަގީންވުމުން ތެޅެމުން ފޮޅެމުންކަހަލަ ގޮތަކަށް ޔަމާންގެ ކެބިންއިން ނުކުމެ ދުއްވައިގަތެވެ. އޭނާއަށް ޚާއްސަކުރެވިފައި މޭޒުދޮށަށް އައިސް މަޑުކޮށްލަމުން ހަށިފުރާ ފުން ނޭވާތަކެއް ދޫކޮށްލީ ހަމަޖެހިލުމުގެ ގޮތުންނެވެ. ގޮނޑީގައި އިނށީދެ އިރުކޮޅަކު ވިސްނަން އިނުމަށްފަހު އެއްފަރާތުގައި ހުރި އަތްދަބަސް ތެރެއިން ފޯނު ނަގައި ޖީލާން އަށް ގުޅައިލިއެވެ. އަދި ވަގުތުކޮޅެއް އޮވެއްޖެނަމަ އޭނާއާ ބައްދަލުކޮށްލުމަށް އައިސް ދިނުމަށް އެދުނެވެ. ވަގުތުގެ ގޮތުން ދެވެން ނެތްކަމަށް ޖީލާން ބުނެލީ ބްރޭކެއް ލިބުމުން އަންނާނެކަމަށް ވައުދުވަމުންނެވެ. އެގޮތާ ރާޔާ މުޅިން ހިތްހަމަނުޖެހުނަސް އޭނާ އެކަން ގަބޫލުކުރިއެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން ނިތްކުރީގައި މަޑުމަޑުން ހިފަހައްޓައިލީ ބޮލަށް ބާރުކުރަން ފެށުމުންނެވެ.

"މިކޮޅުގަ ހުންނާނެ އުސައިދް ސަރ އާއި ހުޒައިމް ސަރ އަށްވެސް ވަކި ކެބިންއެއް... މިފަހަރު ތިން މީހުން އަންނަކަމެއް އެނގިފައެއްނެތް.. އެހެން ނޫންނަމަ އިތުރު ކެބިންއެއް އަޅުގަނޑަށް ތައްޔާރުކޮށްލެވުނީސް.." އޮފީހުގެ ވަކި ހިސާބަކަށް އައިސް އެތަނުގައި ޖެހިޖެހިގެން ހުރި ދެކެބިންއަށް އިޝާރާތްކޮށްލަމުން ޔަމާން ބުނެލިއެވެ.

"އެއީ މައްސަލައެއް ނޫން.. މިގޮތަށް ހަމަޖެހުނީވެސް އެންމެ ފަހު ވަގުތު.." ލައިގެންހުރި ފަޓުލޫނުގެ ދެޖީބަށް އަތްޖަހައިލަމުން ރީއާން ބުންޏެވެ. ރީއާންގެ ވާހަކަތަކަށް ޔަމާން ކުޑަކޮށް ހިނިތުންވެލީ ހިތްހަމަޖެހިފައި ހުރެއެވެ.

"ރީއާން ބޭނުންވާނީ ވަކި ކެބިންއެއް.. އެހެންވީމަ އަޅުގަނޑާ ޒައިވާއަށް ދަތިނުވެ މަސައްކަތް ކުރެވޭނެހެން ދެން ހުރި ކެބިން ތައްޔާރުކޮށްލީމަ ރަނގަޅުވާނެ.." ރީއާން އާއި ޒައިވާއަށް އަވަސް ނަޒަރެއް ދެމުން ސަމަދު ވެސް އެވާހަކައިގައި ބައިވެރިވެލިއެވެ. ސަމަދުގެ ވާހަކައިން ތުންފަތަށް ގޮތެއް ހަދައިލަމުން ޒައިވާ ހިނިތުންވެލީ ގަދަކަމުންނެވެ. އެހެނަސް އޭނާގެ ސަބަބުން ރީއާންގެ މަސައްކަތަށް ހުރަސްއެޅޭކަށް ޚުދު ޒައިވާ ވެސް ބޭނުމެއް ނުވެއެވެ. ސަމަދުގެ ނިންމުން އޭނާ ގަބޫލުކުރީ އެހެންވެއެވެ. ރީއާންއާ އެކު އެއް ކެބިންއެއްގައި ހުންނަންވެއްޖެނަމަ އަމިއްލަ މަސައްކަތަށްވެސް ސަމާލުކަން ކުޑަވެދާނެކަން ޒައިވާއަށް ވިސްނެއެވެ. އެއްޗެއް ނުބުނެ ހިމޭންކަން ޚިޔާރުކޮށްގެން އޭނާ ހުރީ އެމީހުންގެ ވާހަކަތައް ކަނުލައި އަޑުއަހާށެވެ.

ރީއާން އޭނާގެ ކެބިންއަށް ވަނުމުން ޔަމާންއާ އެކުގައި ޒައިވާ އާއި ސަމަދު ދެން ހުރި ކެބިންއަށް ވަނެވެ. ވަށައިގެން އެ ބޮޑު ކެބިންތެރަށް ނަޒަރު ހިންގައިލި ރީއާން ހުރީ އެތަނާ މެދުގައި ހިތްހަމަޖެހިފައެވެ. ހަތަރު ފާރުގައި ހުދުކުލަ ލައިފައި ހުރިއިރު ކެބިންއަށް ވަނުމަށްޓަކައި ހުރި ބިއްލޫރި ދޮރާ ކުރިމަތިވާނޭހެން އޭނާއަށް ޚާއްސަކުރެވިފައިވި މޭޒު ހުއްޓެވެ. މޭޒުގެ އެއްފަރާތުގައި ކަޅުކުލައިގެ އެކްޒެކެޓިވް ގޮނޑިއެއް ހުރިއިރު އެ ގޮނޑިއާ ކުރިމަތިވާނެހެން އަނެއްފަރާތުގައި އިތުރު ދެގޮނޑި ބަހައްޓައިފައި ހުއްޓެވެ. ކެބިންގެ އެއްފަރާތުގައި އަޅިކުލައިގެ ބޮޑު ސޯފާ ސެޓެއް ހުރިއިރު، އޭގެ މެދުގައި ބިއްލޫރި ކުޑަ މޭޒެއް ބަހައްޓައިފައި ހުއްޓެވެ.

ވަށައިގެން އެކި ދިމަދިމާއަށް ބަލަމުން އައިސް އޭނާ މަޑުޖެހިލީ ބޭރު ފެންނާނެހެން ފަރުމާކޮށްފައިހުރި އިސްކޮޅުވަރުގެ ބިޔަ ކުޑަދޮރުތައް ކައިރީގައެވެ. ހުދުކުލައިގެ ތުނި ފަރުދާތައް އެއްފަރާތަށް ކަހައިލައިފައި ހުރުމުން އިރުގެ އަލި ފުރޭނިގެން ކޮންމެވެސް ވަރަކަށް ކެބިން ތެރެއަށް އެޅިފައި ހުއްޓެވެ. ކުޑަދޮރު ކަހައިލަމުން އެތަނުން ނުކުމެވެން ހުރި ބެލްކަންޏަށް ރީއާން ނުކުތެވެ. މަގުގެ ދެފަރާތަށް ދުއްވަމުންދިޔަ އުޅަނދުތަކަށް ބަލަން ހުރުމަށްފަހު، ދުރުން ފެންނަން އޮތް މާސިންގާ ބޮޑު ކަނޑަށް އޭނާ ދެލޯ އަމާޒުކޮށްލިއެވެ. އެސިކުނޑީގައި ބުރުޖަހަމުން ދިޔައީ ކޮންފަދަ ޚިޔާލުތަކެއްކަމެއް ބުނެދޭކަށް ނޭނގެއެވެ. އެހެނަސް އެ މޫނުމައްޗަށް އަރައިފައިބަމުންދިޔަ ކުލަވަރުން އޭނާ ކޮންމެވެސް ކަމަކާ މެދުގައި ވިސްނާކަން އަންގައިދެއެވެ.

* * * * *

"ކިހިނެއްވެގެންތަ ރައްޔު މާ ހާސްވެގެން ތިއުޅެނީ.." ކެފޭގެ މޭޒު ދޮށުގައި ހަމަޖެހިލަމުން ކުރިމަތީގައި ދުރަށް ނަޒަރު ހުއްޓައިލައިގެން ހިމޭންވެފައި އިން ރާޔާއަށް ޖީލާން ބަލައިލީ ކަންބޮޑުވެފައެވެ. ބްރޭކްގަޑި ޖެހުމުން އޭނާ ރާޔާ ގާތަށް ދިޔައީ އެ އަޑުން ކޮންމެވެސް ކަމަކާ ފިކުރުބޮޑުވެފައި އިންހެން ހީވުމުންނެވެ. ޖީލާން ފެނުމާއެކު ރާޔާ ބޭނުންވީ އޮފީހުން ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ނުކުންނާށެވެ. ދެމީހުން އާންމުކޮށް އަންނަ ކެފޭއަށް އައީ އެހެންވެއެވެ. ހަމަޖެހިގެންތިބެ ވާހަކަދައްކާލަން ރާޔާ ބޭނުންވެފައި ވުމުންނެވެ. މާހައުލު ބަދަލުވިއެއްކަމަކު ރާޔާގެ މޫނުން ހަމަޖެހުމުގެ ކުލަވަރެއް ފައުޅެއްނުވެއެވެ. އެއްޗެއް ނުބުނެ ރާޔާ އިންނަން ފެށުމުން އަނެއްކާވެސް ޖީލާން ގޮވައިލިއެވެ. ރާޔާއަށް ކޮންމެވެސް ކަމެއް ވެއްޖެކަން މިހާރު އޭނާއަށް ޔަގީންވެއްޖެއެވެ.

"ރައްޔު.. ތިހެން އިނަކަސް ތި ސިކުނޑީގަ ހިނގާ ކަންތަކެއް އަހަންނަކަށް ނޭނގޭނެ ދޯ.. ކޮންމެވެސް އެއްޗެއް ބުނެބަލަ.." ރާޔާގެ އަތުގައި ހިފައި ޖީލާން ތަޅުވައިލިއެވެ. އޭނާގެ އަޑުގައިވީ އާދޭހެވެ.

"މިއަދު.. އެ އައި މީހުން.. ޖިލީ ދެކުނިންތަ؟" ޖީލާންގެ މޫނަށް ދެލޯ ހުއްޓައިލަމުން ރާޔާ އަހައިލިއެވެ. އެއަޑުން އެކަނިވެސް އޭނާ ހާސްވެފައި އިންވަރު ޖީލާންއަށް ދެނެގަނެވުނެވެ.

"ނޫން.. ތަންކޮޅެއް ފަހަތުގަ ހުރެވުނީމަ މީހުންތަކާ ހެދި ރަނގަޅަށް ފެންނަގޮތެއް ނުވި.. ތިހެން ބުނީމައޭ މިހަނދާންވީ.. ޔަމާން ސަރގެ ކެބިންއަށް ފައިލްތައް ލާފަ އަންނާނަމޭ ކިޔާފަ ރައްޔު ކޮންތާކަށްތައް ދިޔައީ.. އެމީހުން ދިޔައިރުވެސް އެތަނަކުން ރައްޔުއެއް ނުފެނުނު.."

"އަހަރެން.. އެތަނުން.. އެކަކުގެ މޫނު.. ދެކުނިން.."

"އެހެންވެތަ މާ ހާސްވެފަ ތި އިނީ.." ފުންނަޒަރަކުން ރާޔާއަށް ބަލަން އިނދެ ޖީލާން އަހައިލިއެވެ. ލަސްލަހުން ރާޔާ ބޯޖަހައިލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ.

"ކާކު؟"

"ރި.. ރީއާން.." އެތައް ދުވަހަކަށްފަހު ރާޔާގެ ދުލުން އެނަން ބޭރުވީ މަޑު އާހެއް ފަދައިންނެވެ. ރާޔާގެ ދުލުން ބޭރުވި ނަމާއެކު ޖީލާންއަށް ހުއްޓުންއަރައިފައި އިނދެވުނީ ބުނާނެ އެއްޗެއްވެސް ނުވިސްނިފައެވެ. އެހެންވާނީ ކިހިނަކުންހޭ އޭނާގެ ހިތަށް އަރަމުންދިޔައެވެ.

"ޔަގީންތަ؟ ރީއާން އަކީ އެހާ މުއްސަނދި މީހެއްގެ ދަރިއެއްކަން ކުރިން ނުދެނަހުރިން.." ރާޔާގެ އަތަށް ފިތައިލަމުން ޖީލާން އަހައިލިއެވެ.

"މި ދެލޯ އަހަންނަށް ކެހި ދިނަސް، އަހަރެންގެ ހިތެއް އަހަންނަކަށް ކެއްސެއް ނުދޭނެ.. އެއީ ހަމަ ރީއާން.. ކޮންމެ ތަނަކުން ފެނުނަސް މިހިތް އެ ސޫރަ ދެނެގަންނާނެ.. އެއްވެސް އިރަކު އަމިއްލަ އާއިލާގެ ވާހަކަތަކެއް ރީއާން ނުދައްކައެއްނު.. އެހެންވީމަ މާބޮޑަށް އެއާއިލާއާ ބެހޭ ގޮތަކުން އެއްޗެއް ބުނާކަށް ނޭނގެ.. އެތަނުގަ ރީއާންގެ އިތުރުން ފިރިހެންކުއްޖަކާ އަންހެންކުއްޖެއްވެސް ހުރި.. އެހެންވީމަ ސީދާ އެއީ ކާކުގެ ދަރިއެއްކަމެއްވެސް ބުނާކަށް ނޭނގެ.." ޚިޔާލަކަށް ގެއްލި އިނދެ ރާޔާ ބުންޏެވެ. ރާޔާގެ ވާހަކަތަކާމެދު ވިސްނަން އިން ޖީލާންގެ ތުންފަތް ދެފަރާތަށް ދެމިލީ ސިކުނޑިއަށް ވެރިވި ޚިޔާލުތަކަކުންނެވެ.

"ރައްޔު.. މީ ފަހަރެއްގަ ރައްޔުއަށް ލިބުނު އާ ފުރުސަތަކަށްވެސް ވެދާނު.."

"ތިބުނި އެއްޗެއް ނުވިސްނުނު.."

"މީގެ ފަސްއަހަރު ކުރިން ގެއްލުނު ލޯބި ހޯދަން.. މިހާރު ރައްޔުއަށް ހުރަސްއަޅާނެ އެއްވެސް ކަމެއް ނެތް.. ރީއާންއަށް ހުރިހައި ހަގީގަތެއް ހާމަކުރަންވީނު.. އޭނަ ގަބުލޫކުރާނޭ އަހަރެންގެ ހިތް ބުނޭ.." ޖެހިލުންވިއެއްކަމަކު ހިތުގައި އޮތް އެއްޗެއް ޖީލާން ހާމަކޮށްލިއެވެ. ދެލޯ ބޮޑުކޮށްލަމުން އަވަސް އަވަހަށް ރާޔާ ދެފަރާތަށް ބޯހޫރައިލިއެވެ.

"ނުކެރޭނެ.. ރީއާންއާ ދޭތެރޭ އެފަދައިން ކަންތައްކޮށްފަ، މިއަދު އޭނާގެ ކުރިމައްޗަށް އަރާނެހައި ހިތްވަރެއް އަހަރެންގެ ނެތް.. އެހިތުގަ އަހަންނާ މެދު އޮތީ ނަފުރަތު ނޫން ކަމެއްވެސް ނޭނގެ.. އަނެއްކާ.. ރީއާންގެ ހަޔާތުގަ.. އަންހެންކުއްޖަކު ނެތް ކަމެއްވެސް ނޭނގެއެއްނު.. އެހެންވިޔަސް ހެޔޮ.. ރީއާންއާ ކުރިމަތިލާކަށް އަހަރެން ބޭނުމެއްނޫން.." ދުލުން ބޭރުވި ބަސްތަކާއެކު ރާޔާއަށް އިސްޖަހައިލެވުނެވެ. އެދެލޮލުގައިވި ކުށްވެރިކަމުގެ އަސަރު ކިތަންމެ ފޮރުވަން އުޅުނަށް ޖީލާންއަށް ސިއްރެއް ނުވިއެވެ. ފުންނޭވާއެއް ދޫކޮށްލަމުން އަނެއްކާވެސް ރާޔާއަށް ވިސްނައިދެވޭތޯ ޖީލާން އުޅުނެވެ.

"ކަމަކާ ކުރިމަތިނުލާހައި ހިނދަކު ތިހުރިހައި އެއްޗެއް އޮޅުމެއްނުފިލާނެ.. ކިތަންމެ އެއްބަސްވާން ބޭނުން ނުވިއަސް އަދިވެސް ތިހިތުގަވީ ރީއާންކަން އަހަންނަށް ޔަގީންކޮށް ބުނާން އެނގޭ.. އެއްފަހަރު ތި އަތުން އެ ލޯބި ބީވެއްޖެ.. ދެވަނަ ފަހަރަށް ރައްޔުގެ ކުރިމައްޗަށް ރީއާން އެ ގެނެސްދިނީ ތަޤުދީރު.. ދެންވެސް އޭނާ ދާން ހަމަ ދޫކޮށްލާނީތަ.." ޖީލާންގެ އަޑުގައިވީ މަޑުމައިތިރިކަމެވެ. އޭނާގެ ވާހަކަތަކަށް އެއްވެސް އެއްޗެއް ބުނާކަށް ރާޔާ ގަސްދެއް ނުކުރިއެވެ. އިސްޖަހައިލައިގެން އެ އިންގޮތަށް އިނީއެވެ. އިރުކޮޅަކު ރާޔާއަށް ބަލަން އިނުމަށްފަހު ޖީލާން ދެފަރާތަށް ބޯހޫރައިލީ ކިތަންމެ ވިސްނައިދިނަސް އެފަދައިން ރާޔާ ކަންތައް ނުކުރާނެކަން އެނގުމުންނެވެ.

* * * * *

ހަވީރުންސުރެ އުޑުމަތި ބައްދަމުން އައި ކަޅުވިލާތަކުން ވާރޭ އޮއްސައިގަތީ ކުއްލިއަކަށެވެ. އެއާއެކު ޖެހެމުންދިޔަ ރޯޅިތައްވެސް އިހުނަށްވުރެ ބާރުވެލިއެވެ. ކޮޓަރީގައި ހުރި ސްޓަޑީ ޓޭބަލް ދޮށުގައި ޖެހިގެން އޮތް ދުވަހުގެ މީޓިންގްއަށް ޕްރެސެންޓޭޝަންއެއް ތައްޔާރުކުރަން އިނދެފައި ރީއާން ތެދުވީ، ވާރޭގެ ހިތްގައިމު މިއުޒިކުގެ އަޑަށެވެ. އިރުކޮޅަކު ކުޑަދޮރު ކައިރީގައި ހުއްޓި ބޭރަށް ނަޒަރު ހުއްޓައިލައިގެން ހުރުމަށްފަހު އޭނާ ހިނގައިގަތީ ކޮޓަރިން ނުކުތުމަށެވެ. ރޭގަނޑުގެ އެ ހަމަހިމޭން ވަގުތު ގޭތެރެއިން އެއްވެސް މީހެއްގެ ހިލަމެއް ފެންނާކަށް ނެތެވެ. ލަސްހިނގުމެއްގައި އޭނާ އައިސް ގޭގެ ބިއްދޮށްފަރާތުން ނުކުމެވެން ހުންނަ ދޮރުން ބޭރަށް ނުކުތެވެ. އެތަނުގައި ހައްދައިފައިވާ މައުބަގީޗާގައިހުރި ގަސްތަށްވެސް ވައިރޯޅީގެ ގޯނާތަކުން އުނދަގޫވެގެން ދެފަރާތަށް ހެލެމުންދިޔައެވެ. ކުދިކުދި މައުތައް ވާރޭގެ ތިކިތަކުން ތެމެމުންދިޔައިރު، އެތަނުގައިވި ފަނޑުއަލިކަމުގެ ތެރެއިން އެމަންޒަރު ފެންނަމުންދިޔައީ ބަލައިފި މީހަކު އާޝޯޚުވާނެފަދައިންނެވެ.

އެއްފަރާތުގައި ހުރި ރަތްކުލައިގެ ފިނިފެންމާ ގަސްތަކަށް ރީއާންގެ ނަޒަރު ހުއްޓުނެވެ. އިރުކޮޅަކު ފޮޅިފައިވި އެ މައުތަކަށް ބަލަން ހުރުމަށްފަހު އޭނާ އެގަހާ ދިމާއަށް ހިނގައިގަތެވެ. ނުކުމެވުނީ ވާރޭގެ ތެރަށްކަމެއްވެސް އޭނާއަށް އިހުސާސުނުވާ ކަހަލައެވެ. ވާރޭގެ ހަމަލާތައް އެހަށިގަނޑާ އަމާޒުވަމުން ދިޔަ ނަމަވެސް އެކަމަށް އޭނާގެ ކުޑަވެސް ފަރުވާލެއް ނެތެވެ. ތެމިފޯވެފައިހުރެ އައިސް އެގަހުން މަލެއް ރީއާން ބިނދެލީ އެއްވެސް ވިސްނުމަކާނުލައެވެ. ރަތްކުލައިގެ ނާޒުކު ފިޔަތަކަށް ބަލަންހުރިއިރު، އެދެލޯ ކުރިމަތީގައި ސިފަވަމުންދިޔައީ ކުރީގެ ހަނދާންތަކެކެވެ. އެވަގުތު އަންހެންކުއްޖެއްގެ ހުނުމުގެ އަޑު އޭނާއަށް އިވުނުހެންހީވެ ފަހަތަށް ބަލައިލިއެވެ. އެކަކުވެސް ފެންނަން ނެތުމުން އެއީ އޭނާގެ ސިކުނޑި ކޮށްލި ނުބައި ސަމާސާއެއް ކަމުގައި ހީވެ ދަތްކުނޑި ވިކައިލެވުނެވެ. އެއަޑަކަށް އޭނާ އާދަވެފައިވި އެ އަންހެންވަންތަ ހުނުމުގެ އަޑު ހިތުން ފިލާގޮތެއް ނުވިއެވެ. ހަނދާންކުރަން ބޭނުންނުވިއަސް، ދެލޯ ކުރިމަތިން ސިފަވަގެން ދިޔައީ ވާރޭ ތެރޭގައި ހީހީފައި އަންހެންކުއްޖަކު ދުވަމުންދިޔަ މަންޒަރެވެ. އޭރު އެކުއްޖާގެ ކަނައަތްފަރާތު ކަންފަތާދިމާލުން އިސްތަށިގަނޑުގައި ރަތްކުލައިގެ ފިނިފެންމަލެއް ހަރުކޮށްފައި ހުއްޓެވެ. އަތުގައި އޮތް މަލަށް ރީއާންއަށް ބާރުކޮށްލެވުނީ ކުއްލިއަކަށެވެ. ކޯކަށިގަނޑަށް ވާންވެލުމާއެކު ދެބުމަ ގޮށްޖެހުނީ ބަސްބުނާހައި ކުޑަ ހިނދުކޮޅެއްގެ ތެރޭއެވެ. އަތުގައި ވާރޭގެ ތިކިތަކުން ތެމިފައިއޮތް ފިނިފެންމަލުގެ ފިޔަތަށް ލުހެލުމާއެކު ބިންމައްޗަށް އޭނާ އުކައިލީ ރުޅިވެރި ގޮތަކަށެވެ.

"އައި ހޭޓް ޔޫ.. އައި ހޭޓް ޔޫ މޯރ ދެން އެނީތިންގް.." ކުދިކުދިވެ ޗިސްޗިސްވެފައިހުރި ފިޔަތަކަށް ބަލަން ހުރި ރީއާންއަށް ހަޅޭއްލަވައި ގަނެވުނީ ބޭއިޚުތިޔާރުގައެވެ. ނަމަވެސް އޭނާގެ އަޑު ވާރޭގެ ތިކިތަކާއެކުވެ ހިނދިގެން ދިޔައީއެވެ.

* * * * *

މީޓިންގް ހޯލްތެރެ ފުރެމުންދިޔައީ އޮފީހުގެ އެކި ޑިޕާރޓްމަންޓްސް ތަކުގައި މަސައްކަތްކުރާ މުވައްޒަފުންތަކުންނެވެ. ތަންކޮޅެއް ފަހަތުގައި ހުރި ގޮނޑިތަކެއްގައި ޖީލާންއާ އެކުގައި އައިސް އިނށީން ރާޔާގެ މޫނުގައިވީ ހާސްކަމެވެ. މުޅި ރޭ ފާއިތުވެދިޔައީ ވިސްނުމާއި ފިކުރުކުރުމުގައެވެ. ރަނގަޅަށް ނިދިނުލިބި ހުރުމުން ކޮންމެވެސް ވަރެއްގެ ވަރުބަލިކަމެއް އޭނާގެ މޫނުމަތީގައި ވިއެވެ.

އެތަނުގެ ދޮރު ހުޅުވައިލަމުން ޔަމާންއާ އެކުގައި ރީއާން އާއި ސަމަދުގެ އިތުރުން ޒައިވާ ވަނީ ހުރިހައި އެންމެން ވަދެ ހަމަޖެހުމުންނެވެ. ރީއާން ފެނުމާއެކު ތެޅިގަންނަމުން މީހުންތަކުގެ ތެރޭގައި ފޮރުވިގަންނަން ރާޔާ އުޅުނެވެ. ހާސްވެފައި ރާޔާ ބަލަމުންދިޔަ ދިމާއަށް ޖީލާންވެސް ބަލައިލިއެވެ. އެއާއެކު ރާޔާ ބުނި ބަސްތަކުގެ ތެދުކަން އޭނާއަށް ވިސްނުނެވެ. ކުރިން ފެނުނު ރީއާންއާ މިހާރު އޭނާގެ ކުރިމަތީގައި ކޯޓު ފަޓުލޫނުގައި އެ ހުރި ރީއާންއާ ހާސްބައި ތަފާތެވެ. އެ ޝަޚުސިއްޔަތުގެ ވަރުގަދަކަން އޭނާ ހުއްޓިލައިގެން ހުރިގޮތުން އެކަނިވެސް ހާމަވެއެވެ. ދެފަރާތަކަށް ބޯހޫރައިލުމާއެކު ގާތުގައި އިން ރާޔާގެ އަތުގައި ޖީލާން ފިރުމައިލިއެވެ. އެކަމުން ކުޑަނަމަވެސް ހަމަޖެހުމެއް ރާޔާއަށް ދިނުމަށް އޭނާ ބޭނުންވީ ކަންނޭނގެއެވެ.

މީހުންތަކަށް ނަޒަރު ހިންގައިލަމުން ރީއާން ގަދަކަމުން ކަހަލަގޮތަކަށް ހިނިތުންވެލިއެވެ. އެވަގުތު ކޮންމެވެސް މީހެއްގެ ފުރަގަހަށްވަދެ ފިލަން މަސައްކަތް ކުރަމުންދިޔަ އަންހެންކުއްޖެއް އޭނާގެ ލޮލުގައި އަޅައިގަތެވެ. ދެބުމަ ގޮށްޖަހައިލެވުނީ އެކުއްޖެއްގެ މޫނު ސާފުކޮށް ނުފެނުމުންނެވެ. ސަމަދު އޭނާގެ ކޮނޑުގައި ޖަހައިލުމުން، ރީއާންގެ ސަމާލުކަން ސަމަދަށް ހުއްޓައިލުމަށްފަހު މީޓިންގް ފެށީ އަމިއްލަ ތައާރަފެއްގެ އިތުރުން ޒައިވާ އާއި ސަމަދުގެ ތައާރަފެއްވެސް ދެމުންނެވެ.

މީޓިންގް ކުރިއަށް ދިޔައިރުވެސް ރާޔާ މަސައްކަތްކުރަމުން ދިޔައީ އެދިމާއަށް ނުބަލައި އިނުމަށެވެ. ގަޑިއިރަކަށް ދިގުދެމިގެންދިޔަ ބައްދަލުވުން ނިމުމުން އަވަސްއަރުވައިލައިފައި އެތަނުން ނުކުންނަން އޭނާ ހިނގައިގަތެވެ. މީހެއްގެ ނަޒަރު އޭނާއާ އަމާޒުވެފައިވީކަންވެސް ހާސްވެފައި ހުރިވަރުން ރާޔާއަށް އިހުސާސެއްނުވިއެވެ. އެ ހޯލުން ނުކުތުމާއެކު ފުންނޭވާއެއްލަމުން އޭނާ މިސްރާބުޖެހީ ފާޚާނަބަރިތަކާ ދިމާއަށެވެ. ދޮރުހުޅުވައިލަމުން އެތެރަށްވަނީ އަވަސް ހަރަކާތަކާއެކުއެވެ. ބޮޑު ހުސްޖާގައެއް ދޫކޮށްލުމަށްފަހު ހަތަރު ފާޚާނަ ހަދައިފައި ހުއްޓެވެ. ހުއްޖާގައިގެ އެއްފަރާތު ކަނުގައި މޫނުދޮންތަ ދެތައްޓާއި އެއާ ކުރިމަތިވާނެހެން ބޮޑު ލޯގަނޑެއް ހުއްޓެވެ. ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލަމުން އެތަނުން ފާޚާނައަކާ ދިމާއަށް ރާޔާ ހިނގައިގަތެވެ. އެތެރަށް ވަނުމަށްފަހު ދޮރުގައި ލެގިލަމުން އަވަސްވެފައިވި ހިތުގެ ހިނގުން ހަމައަކަށް އަޅުވަން އޭނާ މަސައްކަތްކުރިއެވެ. ދެލޮލަށް ބޮނޑިވާން އުޅުނު ކަރުނަތައް ގަދަކަމުން ހިންދައިލަމުން އެއްފަރާތުގައި ހަރުކޮށްފައިހުރި ޓިޝޫ ރޯލުން އަތަށް ކުޑަ ޓިޝޫކޮޅެއް އޮޅައިލުމަށްފަހު އޭގެން ވަކިކޮށްލިއެވެ. އަދި މޫނުގައި ޖައްސައިލައި ކުޑަކޮށް ފުހެލިއެވެ. ހަށިފުރާ ނޭވާއެއް ދޫކޮށްލަމުން ދޮރުހުޅުވައި އެތަނުން އޭނާ ނުކުތީ އިރުކޮޅެއް ފަހުންނެވެ.

އަތްދޮންނަ ތަށިތަކާ ދިމާލުން ފާރުގައި ކުޑަކޮށް ލެގިލައި، ފަޓުލޫނުގެ ދެޖީބަށް އަތްޖަހައިލައިގެން އިސްޖެހިފައިހުރި ރީއާން ފެނުމުން ރާޔާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ދެލޯބޮޑުކޮށްލުމާއެކު ހުރި ފިޔަވަޅުމަތީގައި އޭނާ ގަނޑުވިކަހަލައެވެ. ދެތުންފަތުގައި މަޑު ތުރުތުރެއް އުފެދުމާއެކު ލައިގެންހުރި ގަމީސްކޮޅުގެ ދެފަރާތުގައި ހިފައި އޭނާއަށް ބާރުކޮށްލެވުނެވެ.

"ހައިޑިންގް ފްރޮމް މީ..؟" އިސްއުފުލައިލައި ސީދާ ރާޔާގެ ދެލޮލަށް ބަލައިލި ރީއާންގެ އަޑުގައިވީ މަލާމާތެވެ. އެއްމިޔަކަނުން ހިނިތުންވެލައިގެން ހުރިއިރު އެދެލޮލުން ފައުޅުވަމުންދިޔައީ ނުރުހުމުގެ އަސަރުތަކެވެ. ހިންދިރުވައިލަމުން ރާޔާއަށް ފަހަތަށް ފިޔަވަޅެއް އަޅައިލެވުނީ އެއަޑުގައިވި ފިނިކަން އިހުސާސުވެފައެވެ. ގައިގެ ލޯލިތައް ކޮޅަށް ޖެހިގެންދިޔައިރު ތުންފަތުގައި ދަތްއަޅައި ބާރުކޮށްލެވުނެވެ. ރާޔާއަށް ބަލަންހުރި ރީއާން އޭނާއާ ގާތަށް އަންނަން ފެށުމުން ރާޔާއަށް އިސްޖަހައިލެވުނީ ހަދާނެގޮތް ހުސްވެފައިހުރި މީހަކުފަދައިންނެވެ. މޫނު ޖެހޭހައި ގާތަށް ރީއާން އައިސް ހުއްޓިލުމާއެކު ރާޔާއަށް ހިންދިރުވައިލެވުނެވެ. ޝަހާދަތް އިނގިލިން ރާޔާގެ ކުޑަ ދަތްދޮޅީގައި ހިފައި އެމޫނު ރީއާން އުފުލައިލީ ހަތަރުކަޅި ބައްދަލުވާނެފަދައިންނެވެ. ފެންކަޅިވަމުންދިޔަ ރާޔާގެ ތޫނު ދެލޯ އެހައި ގާތުން ފެނުމުން ރީއާންގެ ހިތުގެ ހިނގުން ހިނދުކޮޅަކަށް މަޑުޖެހިލިފަދަ އިހުސާސެއް ކުރެވުނެވެ.

(ނުނިމޭ)

  1. ރީއާން

    ނުފިލާނޭ ތިހަނދާން

  2. މަރިޔަންމާ

    ކުރިޔަށް ހުރި ބައިތަކުގެ ތެރެއިން…

    އަނޫކްއަށްޓަކައި ވިޔަސް އޭނާއަށް މަޖުބޫރުވެފައިވަނީ ރިއާން ބުނިގޮތެއް ހެދުމަށެވެ. ބަދުނާމުވާނީ އޭނާގެ ނަމެވެ. ރިއާންއަކީ ވެރިޔާއެވެ. އޭނާއާ ދިމާލަށް އެއްޗެއް ބުނަން ކޮންމެ މީހަކުވެސް ޖެހިލުންވާނެއެވެ.

    އަހަންނަށް އައިސްފަހުރި ބަދަލުންތައް ތިބަލަނީ. ސޫޓްސްގަ ހުއްޓަ ދުވަހަކުވެސް ނުފެންނާތީ ދޯ….

    އޭނާގެ ހިތުގައިވާ އިހްސާސްތަަކެއް ބަދަލެއް ނުކުރެވުނެވެ. ރިއާން ކޯޓު ފަޓުލޫނުގައި ހުންނައިރު ނުހަނު ހިތްގައިމެވެ. ހިތްއެދޭފަދަ ގޮތެއް ހުރެއެވެ. ރިއާންގެ ކިތަންމެ ކުޑަކުޑަ ހަރަކާތެއްވިޔަސް އެކަމެއްގައި ވައްޓަފާޅިއެއް އެކުލެވިފައިވެއެވެ. އެހެންމީހުންނާއި ތަފާތެވެ. ނަމަވެސް އޭނާގެ ކުރިމަތީގައި ހުރި ރިއާންއަކީ އޭނައާއި އެންމެ ފުރަތަމަ ދިމާވައިރުގެ ރިއާނެއްނޫނެވެ. އޭރަށްވުރެ ރިއާންގެ ހިތްވަނީ ކަޅުވެ އަނދިރިވެފައިކަން ރާޔާއަށް އެނގެއެވެ. އޭނަގެ ކުރިމިަތީގައި އިން ރިއާންގެ ޝަހުސިއްޔަތާއި ފަންވަރު އެކުލެވިފައިވެއެވ. މުއްސަނދިކަމާއި ބޮޑާކަމެވެ.

    • ކުޑަހުވަދޫ ކުއްޖާ

      ލޮލް

    • ރަތްފިނިފެންމާ

      އެކަމަކު އޭނާއަކީ ރިއާނެއްނޫނެވެ. އެއީ ޒައުލްއެވެ. ހަހަހަހަހެ.

    • ާަަަގގ

      މިވާހަކަލިޔާމީހާ ދެންކޮންމެހެންމިވާހަކަ ލިޔާނެކަމެއްނެތެއްނު މިމީހާޔާ ހަވާލުކުރޭ ލިޔާމީހާޔަށްވުރެއް ކިޔާމީހާޔަށްމިވާހަކައިން ދެންވާނެހުރިހާގޮތެއް އިނގޭ ހާދަމޮޅޭދޯ ހަހަހަ..މިވާހަކައިގެ ކުރިޔަށްދެންއޯތްބައިތައް މިމީހާޔާލިޔަން ހަވާލުކުރޭ.

  3. ާަަަާެެާިިެްއައިންތު

    ވަރަށް ރީތި. އަނެައް ބައި އަވަހަށް ގެނެސް ދޭތި. ވަރަށް ވަރަށް ރީތި.