ވާހަކަ

އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތްވަނަ ބައި)

ނައުފާ ، ދެން އޮންލައިން
އިތުރަށް ހަމަ ލޯބި ވެވެނީ
▾ މި ވާހަކައިގެ ޢަދަދުތައް
އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ޓްރެއިލަރ) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފުރަތަމަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދެވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިންވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތަރުވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނުވަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދިހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެގާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސާދަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަނަރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސޯޅަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސަތާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ވިހިވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެކާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައުވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަންސަވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައްބީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެއްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބައްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަހުބައި)

"ރައްޔު.." ގިސްލަ ގިސްލައިފައި ރާޔާ ހަޅޭއްލަވައި ގަތުމާއެކު މަޑުމަޑުން ރާޔާގެ ނަމުން ޖީލާންއަށް ގޮވައިލެވުނެވެ. އެހެން ނުބުނާށޭ ބުނެލާފަދަ ގޮތަކަށެވެ. ނަމަވެސް ޖީލާންއަށް ބެލުމެއްނެތި ދުވެފައި ގޮސް ކޮޓަރިއަށް ވަންނަމުން ރާޔާ ދޮރުލެއްޕީއެވެ. ފުންނޭވާއެއް ދޫކޮށްލަމުން އިސްޖަހައިލި ޖީލާންއަށް ހިމޭންކަމެއް ވެރިވީ ރާޔާގެ ވާހަކަތަކުން ހިތަށް އުނދަގޫވީ ވަރުންނެވެ.

Ads by MWSC

"ކިތަށްފަހަރު ބުނީމަތަ ރައްޔު ގަބޫލުކުރާނީ އޭގަ ރައްޔުގެ ކުށެއް ނެތްކަން.. އެނގޭ އަހަރެން މި ވާހަކަތައް ދައްކާ އަޑު އަހަން ރައްޔު ބޭނުންނުވާކަން.. އެހެންވިޔަސް ހެޔޮ.. ކިތައް އަހަރު މި ވަނީ ތިގޮތަށް ހިތާމަކުރާތަން ދެކެން ކެތްކޮށްކެން ހުންނަތާ.. މިފަހަރު އަހަރެން ހުއްޓާނީ ކޮންމެވެސް ގޮތަކުން ރީއާން އަށް ހުރިހާ ކަމެއް އަންގާފަ.. އޭނާ އަށްވެސް މި ހުރިހާ ކަމެއް އެނގުމުގެ ހައްގު އެބައޮތް.. ދެވަނަ ފަހަރަށް މިފަދަ ފުރުސަތެއް ލިބޭނެކަމެއްވެސް ނޭނގެ.." ރާޔާ ވަތް ކޮޓަރިއާ ދިމާއަށް ބަލަން ހުރި ޖީލާން އެކި ކަންކަމާ ފިކުރު ހިންގަމުން ދިޔައެވެ. އެކުވެރިޔާއަށް އުފާވެރި ހަޔާތެއް ހޯދައިދޭން އޭނާ ނުހަނު ބޭނުންވެއެވެ. ކޮންމެފަދަ ހުރަހެއް ގިރާކުރަން ޖެހުނު ނަމަވެސް ހިތުގައިވި އެ އެދުން ފުރިހަމަކުރުމަށް ޖީލާން ނިންމިއެވެ.

* * * * *

އެނދުގައި އޮށޯވެލައިގެން ސީލިންގްއަށް ނަޒަރު ހުއްޓައިލައިގެން އޮތް ޒައިވާގެ ސިކުނޑީގައިވީ މިއަދު އޮފީހުގައި އޭނާއަށް ނިސްބަތްކޮށް ރީއާންގެ ދުލުން ބޭރުވި ބަސްތަކެވެ. އެއްގޮތަކަށްވެސް އޭގެ މާނަ ކުރާނެގޮތެއް އޭނާ އަކަށް ނުވިސްނުނެވެ. އެފަދަ ވާހަކައެއް އޭނާ ގާތު ނުދައްކާ ތަނުގައި ރީއާންގެ ފުށުން އޭނާއާ ގުޅެން ބޭނުންވާކަމުގެ އެއްވެސް އިޝާރާތެއްވެސް ލިބިފައެއް ނެތެވެ. މިއޮއް ހުރިހައި ދުވަހު ކައިވެންޏާ ދެކޮޅު ހަދަމުންގޮސް ކުއްލިއަކަށް ރީއާން އެހެން ބުނަން ޖެހުނީ ކީއްވެހެއްޔެވެ؟ އެ ދެމެދުގައި އެއްވެސް ކަމެއް ބަދަލުވީކީ ނޫނެވެ. ދެން ކީއްވެބާއެވެ. ރީއާންގެ ސިކުނޑީގައި ބުރުޖަހަމުންދިޔަ އެއްވެސް ކަމެއް އޭނާ އަކަށް ދެނެގަންނާކަށް ނޭނގެއެވެ. އޭރު އެ އަޑުގައިހުރި ގާތްކަން އެހިނދުކޮޅާއެކު ފިލައިދިޔައީއެވެ. އަނެއްކާ ރީއާން އޭނާއާ ނުބައި ސަމާސާއެއް ކުރަނީ ހެއްޔެވެ؟ އެއްގޮތަކަށްވެސް ވިސްނަންވީ އެއްޗެއް ޒައިވާ އަކަށް ނޭނގުނެވެ.

"އެ އަންހެންކުއްޖާ އަކީ ކާކުބާ؟ ހީވަނީ ރީއާންއާ ކޮންމެވެސް ގުޅުމެއް އޮތް ކުއްޖެއްހެން.. ރާޔާ ވެސް.. ރީއާންއަށް އޭނާ ބަލަން ހުރި ގޮތް އަހަރެން ދުށީން.. އެބެލުމުގަ ވަނީ ހިތްދަތިކަން.. ކޮންމެވެސް ވާހަކައެއް ބުނަން ބޭނުންވެ ނުކެރިފަ ހުންނަހެން ހީވަނީ.. އަނެއްކާ ރީއާންގެ މާޒީއާ އެމީހުނާ އެއްވެސް ގުޅުމެއްވޭބާ.. އެހެންނާވެސް އަންހެންކުދިންނާ ރީއާން ވާހަކަދައްކާތަން އަހަރެންނަށް ފެނޭ.. ދުވަހަކުވެސް ރާޔާއާ އެ ބެހެއްޓި ދުރުކަމެއް އޭނާގެ ފަރާތުން އަހަރެން ނުދެކެން.. ކޮންމެވެސް ކަންތައްގަނޑެއް އެބަ ހިނގާ.. ކީއްވެތަ އަހަންނަށް ހީވަނީ ރީއާންއަށް އެބަދަލުތައް އައުމުގެ ފަހަތުގަ ރާޔާގެ ހިއްސާއެއް ވާހެން.. އިސްއުފުލާ އަންހެންކުއްޖަކަށް ރީއާން ބަލައިނުލާއިރު، ކަޅިވެސް ޖަހާނުލާ ރާޔާއަށް ބަލަން ހުންނާނީ ކޮންމެވެސް ކަމެއްވެގެން.." ކުއްލިއަކަށް ސިކުނޑިއަށް ވެރިވެގަތް ޚިޔާލުތަކާއެކު އޮތްތަނުން ޒައިވާ އަށް ތެދުވެވުނެވެ. އިސްތަށިގަނޑުގައި އަތްފުނަ އަޅައިލަމުން އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ. ހިތުގައި ފުނިޖެހިފައިވި ސުވާލުތަކުގެ ޖަވާބު ހޯދަން ބޭނުންވެފައި އޭނާ އިނެވެ. ތުންފަތުގައި ދަތްއަޅައިލަމުން އޭނާއަށް ފާހަގަވީ ކަންކަން ޔަގީންކުރާނެ ގޮތަކާމެދު ޒައިވާ ވިސްނައިލިއެވެ.

* * * * *

ދަންވަރުގެ ހަމަހިމޭން ވަގުތެވެ. އެނދުގައި ނުނިދިފައި ރާޔާ އޮތެވެ. ރީއާންއާ ދެމެދު ހިނގައިދިޔަ ހުރިހައި ކަމެއް އޭނާގެ ހިތަށް އުނދަގޫކުރަމުންދިޔައީ އިންތިހާއަށެވެ. މާޒީގެ އެކި ހަނދާންތައް އޭނާގެ ސިކުނޑިއަށް ހެރެމުންދިޔައީ ތުނޑު ތޫނު ކަށިތަކެއް ފަދައިންނެވެ. ދެފަރާތަށް ފުރޮޅި ފުރޮޅި ނުނިދުމުން އޮތް ތަނުން ރާޔާ ތެދުވީއެވެ. އަދި ކުދި ފިޔަވަޅުތަކެއްގައި އައިސް އަލަމާރި ހުޅުވައިލަމުން އެއްފަރާތެއްގައި ހުރި ވަތްގަނޑެއް ދަމާލިއެވެ. ވަށްގަނޑުގެ ތެރޭގައި ދެވަރުގެ ދެފޮށިގަނޑު ހުއްޓެވެ. ތުރުތުރުއަޅަމުންދިޔަ އަތުން ދެފޮށިގަނޑު ނެގުމަށްފަހު އަލަމާރި ކައިރީގައި ރާޔާ އިނށީދެލިއެވެ.

ކުޑަކޮށް ހުރި ފޮށި ފައިކައިރީގައި ބަހައްޓައިލަމުން އެޔަށްވުރެ ތަންކޮޅެއް ބޮޑުކޮށް ހުރި ފޮށީގެ މަތި ރާޔާ ހުޅުވިއެވެ. ހިކިފައިވި މައުތަކެއް އެ ފޮށީތެރޭގައި ހުއްޓެވެ. ހިކިފައިވީލެއް ބޮޑުކަމުން ކޮންކަހަލަ މައުތަކެއްކަންވެސް ވަކިކުރާން ދައްޗެވެ. އެހެނަސް އެކަމަށް އޭނާގެ އެއްވެސް ފަރުވާލެއް ނެތެވެ. މަޑުމަޑުން އެމައުތަކުގައި ރާޔާ ފިރުމައިލިއެވެ. ނުހަނު ލޯބިންނެވެ. ކުޑަވެސް ގެއްލުމެއް އެއިން މަލަކަށް ލިބެން ބޭނުންނުވެފައި އިނދެއެވެ. ޚިޔާލުތަކުގެ ސްކްރީނުގައި ތިލަވެލި މަންޒަރުތަކާއެކު ރާޔާގެ ދެލޯ ފުރުނީ ކަރުނުންނެވެ. ރީއާންގެ ނަން އެދުލުން ބޭރުވީ ބޭއިޚުތިޔާރުގައެވެ.

މައުތަކަށް ބަލަން ހުރުމަށްފަހު އެ ފޮށި ތިރީގައި ބަހައްޓަމުން ފައިކައިރީގައި ހުރި ކުޑަ ފޮށީގެ މަތި ރާޔާ ހުޅުވައިލިއެވެ. އޭގައި ހުރީ ކުދިކުދި ލިޔުންކޮޅުތައް ލިޔެފައިހުރި އެކިވަރުގެ ކާޑެވެ. އެތަނުން ކާޑެއްނަގައި އޭގައި އިނގެރޭސިބަހުން ލިޔެފައިވީ އެއްޗެއް ރާޔާ ކިޔައިލިއެވެ. އެއާއެކު ކަރުނައިގެ ތެރެއިންވެސް އޭނާއަށް ހިނިތުންވެވުނީ މާޒީގެ އެ ފޮނި ހަނދާންތައް އާވެފައެވެ. އަލުން އެ ދުވަސްތައް އަނބުރައި އަންނާނެނަމައޭ އޭނާގެ ހިތަށް އެރިއެވެ. އޭރުން ފަހަރުގައި އެ ދުވަހު އޭނާ ކަންތައްކުރިގޮތް ބަދަލުކުރީހެވެ. އެ ލޯތްބަށް ފުރަގަސްނުދިނީހެވެ. ލޯތްބަށްޓަކާ ހަނގުރާމަ ކުރީހެވެ. އެހެނަސް މިއަދު ނަމައަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. މާޒީވެ ދިޔަ ދުވަހަކީ އަނބުރައި ލިބޭނެ އެއްޗެއް ނޫނެވެ. ކިތަންމެ ބޭނުންވި ނަމަވެހެވެ.

* * * * *

"ޒައި.." ރިއާންގެ ކެބިންއިން ނުކުމެ ހިނގައިގަތް ޒައިވާ ހުއްޓުނީ ފަހަތުން އިވުނު ފިރިހެންވަންތަ ހިތްގައިމު އަޑުގެ ސަބަބުންނެވެ. ފަހަތަށް އެނބުރުމާއެކު ހިނިއައިސްފައި އޭނާއަށް ބަލަހައްޓައިގެން ހުރި ފިރިހެންކުއްޖާފެނި ޒައިވާގެ ދެލޯ ބޮޑުވިއެވެ.

"ނޫކް.. ތީ ނޫކް ދޯ.." ގަބޫލުކުރަން ދަތިވެފައިހުރެ ޒައިވާ އަހައިލިއެވެ. އެއާއެކު އަނޫކްގެ ހިނިތުންވުން ފުންވެލިއެވެ. ބޯޖަހައިލީ ޒައިވާގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުންނެވެ.

"ހަނދާން ހުރެދާނެކަމަށް ހިއެއްނުކުރަން.." ޒައިވާއާ ގާތަށް ފިޔަވަޅެއް އަޅައިލަމުން އަނޫކް ބުނެލިއެވެ. އޮފީހުން ޒައިވާ ފެނުނީއްސުރެ އޭނާ އެހުރީ ޒައިވާއާ ބައްދަލުކޮށްލެވޭނެ ވަގުތެއްގެ އިންތިޒާރުގައެވެ. ކިރިޔާ ވަގުތެއް ވެލާއިރަށް ޒައިވާ ފެނޭތޯ އާދެވެނީ އެހެންވެއެވެ. ޒައިވާއަށް ބަލަން ހުރިއިރު، އުފަލުންގޮސް އަނޫކްގެ ދެލޯ ވިދަމުންދިޔައެވެ. އެ އަންހެންކުއްޖާ ފެނުމާއެކު ވަށައިގެންވި ހުރިހާކަމެއްމަތިން އަނޫކް ހަނދާންނެތުނު ފަދައެވެ. ހިތް އެދުނީ ޒައިވާއާ ވާހަކަދައްކަން މަޑުކޮށްލުމަށެވެ. ހިތްފުރެންދެން އެ ރީތި އަންހެންވަންތަ ސޫރައަށް ބަލަން ހުރުމަށެވެ. ކުރެވެމުންދިޔަ މޮޔަ ޚިޔާލުތަކުން އަނޫކްގެ ހިނިތުންވުން އިތުރަށް ފުޅާވެލިއެވެ. އެތައް ދުވަހަކަށްފަހު ޒައިވާ ފެނުމުން އެހިތް އުފަލުން ނަށަމުންދިޔައެވެ. ހިތުގެ މަލިކާއާ ބައްދަލުވުމުން އެފަދައިން އިހުސާސުނުވާނީ ވަކި ކާކަށްހެއްޔެވެ؟

"ހަނދާނެއް ނުނެތޭނު.. ތީ އަބަދުވެސް އަހަރެން އެންމެ ގާތްކޮށް ދެކުނު އެކުވެރިޔަކީ.. އެކަމަކު އަހަންނަށް އަންގައިވެސްނުލާ ނޫކް ފުރައިގެން އައީ ވިއްޔަ.. ވީނުވީއެއް ނޭނގި ގެއްލުނީ.. އަހަރެން ހާދަ މަސައްކަތެއް ކުރީމޭ ކޮންމެވެސް ގޮތަކުންވިއަސް ނޫކްއާ ކޮންޓެކްޓް ކުރެވޭތޯ.." ޝަކުވާގެ ރާގެއްގައި ޒައިވާ ބުނެލިއެވެ.

"ހުރިހާ ވާހަކައެއް މިތާހުރެ ނުދެއްކޭނު.. ޒައި ފްރީތަ.. ހިނގާ ކެފެޓީރިއާއަށް ދާން.." އިރުކޮޅަކު ޒައިވާއަށް ބަލަން ހުރުމަށްފަހު އަނޫކް އެދުނެވެ. އެންމެ ރަނގަޅޭބުނެ އަނޫކްގެ ފަހަތުން ޒައިވާ ހިނގައިގަތެވެ. ކެފެޓީރިއާގެ އެއްފަރާތުގައި ހުސްކޮށްހުރި މޭޒުދޮށުގައި ދެމީހުން އިނށީދެ ހަމަޖެހިލީ ކޮފީއެއް ހިފައިގެން އައިހެވެ. އެހައި ގާތުން އެ ލޯބި ސޫރަ ފެނުމުން އަނޫކްގެ ހިތުގެ ހިނގުން އަވަސްވެލިއެވެ. ކުރިއެކޭ އެއްވެސް ތަފާތެއް އެ ސޫރައިގައި ނެތެވެ. މައުސޫމުކަމުން ފުރިފައިވި ދެލޮލެވެ. މަޑު ފިޔާތޮށިކުލައިގެ ދެތުންފަތް ދެފަރާތަށް ދެމިލައިފައިހުރިއިރު، ދިގު އެސްފިޔަތަކުން ހިޔާއެޅިފައިވި ދެލޮލުގައި ހުރީ އާދަޔާ ޚިލާފު ވިދުމެކެވެ. މަޑު މުށިކުލިއަކަށްދާ، ރާޅުބާނި އިސްތަށިގަނޑު ހުރީ މައްޗަށްނަގާ އައްސައިލައިފައެވެ. ކަންފަތާ ދިމާލުން ދެތިން އިސްތަށިކޮޅު ވެއްޓިފައިއޮތްއިރު، އެކަމުން އެ މޫނަށް އިތުރު ފުރިހަމަކަމެއް ގެނުވައެވެ.

ވާހަކަ ނުދައްކާ އަނޫކް އިންނަން ފެށުމުން އޭނާއަށް ޒައިވާ ގޮވައިލިއެވެ. ސިހިފައި އަވަސް އަވަހަށް އަނޫކް އެހެން ދިމާއަކަށް ނަޒަރު ސީދާކޮށްލިއެވެ.

"އަހަރެންގެ އާއިލާ މީހަކު ކުއްލިގޮތަކަށް ނިޔާވީމަ އޭރުގަ އަންނަން ޖެހުނީ.. މިކޮޅުގަ ދޮންތަ އެކަނިވާނެތީ އެންމެ ދުވަހެއްވެސް އިތުރަށް މަޑުކުރެވެން ނެތީ.. ފުރުމުގެ ކުރިން ޒައިއާ ބައްދަލުކޮށްލާނެހާ ވަގުތުކޮޅެއްވެސް އަހަންނަށް ނުލިބުނު.. ސޮރީ.. އަހަރެން މިކޮޅަށް އައި އިރު، ދޮންތަގެ ހާލު ވަރަށް ސީރިއަސް.. އެކަމުގަ އުޅެން ހަދައިގެން އެއްވެސް ކަމަކާމެދު ފިކުރު ހިންގާނެ ވަގުތެއް އަހަންނަކަށް ނުވޭ.. ފަހުން އަހަރެން އުޅުނިން ޒައިއަށް ގުޅަން.. އެކަމަކު.. ޒައިގެ ނަންބަރު އަހަރެން އަތުން ގެއްލުނީ.. އިތުރަށް ހަދާނެ ގޮތެއް ނުވިސްނުނު.. އަހަންނަށް މަޢާފުކޮށްދީ.. ރަނގަޅު އެކުވެރިއަކަށްވެސް އަހަންނަށް ނުވެވުނު ދޯ.." ކޮފީ ޖޯޑުން ކޯވަރެއް ބޯލަމުން އަނޫކް ބުންޏެވެ. އެއަޑުގައި މަޑުމައިތިރިކަން އެކުލެވިފައި ވިއެވެ. ދެފަރާތަކަށް ބޯހޫރައިލަމުން އެއީ އެއްވެސް ކަމެއް ނޫންކަމަށް ޒައިވާ ބުނެލިއެވެ. އަނޫކް ނުބުންޏަސް ކަމުގެ ސީރިއަސްކަން އޭނާއަށް ވިސްނުނީ ކަންނޭނގެއެވެ. އިތުރަށް އެ ވާހަކަތައް ދައްކާކަށް ޒައިވާ ބޭނުމެއް ނުވިއެވެ. މައުޟޫ ބަދަލުކޮށްލަމުން އޭނާ ފެށީ ކޮލެޖުގައި ހޭދަވެފައިވި މަޖާ ދުވަސްތަކުގެ ވާހަކައެވެ. އެ ހަނދާންތައް އައުކޮށްލަން ބޭނުންވެފައި އިނދެއެވެ. ޒައިވާގެ ވާހަކަތަކުން މިލައިފައިވި އަނޫކްގެ މޫނުމައްޗަށް އަނެއްކާވެސް ހިނިތުންވުމެއް ވެރިވިއެވެ.

* * * * *

ހަވީރު ފިނިޖެހިލުމުން ޔުމްނު ގޮވައިގެން ރާޔާ ބޭރަށް ނުކުތީ، ގެ ކައިރީގައި އޮންނަ ޕާރކަށް ދިއުމުގެ ނިޔަތުގައެވެ. ހެވިދިލިފައިހުރި ޔުމްނުގެ އަތުގައި ހިފައިގެން އައިސް ޕާރކަށް ވަންނަމުން އެކި ތަންތަންކޮޅުގައި ހަދައިފައިހުރި ހިލަގޮނޑިތަކުން ގޮނޑިއެއްގައި ރާޔާ އިނށީނެވެ. އޭރުވެސް ކޮންމެވެސް ކުދިބަޔަކު ދުވެދުވެފައި އެތަނުގައި އުޅޭތަން ފެނެއެވެ. ރާޔާގެ އަތުން ވީއްލިގަންނަމުން ޔުމްނު ދުއްވައިގަތީ އެކުދިންނާ ދިމާއަށެވެ. ދުރަށް ނުދިއުމަށް ބުނަމުން ޔުމްނު ފެންނާނެހެން އޭނާ ހަމަޖެހިލިއެވެ. ދުވަސް ނިމިގެންދިޔައިރު އެންމެ ފަހަރަކުވެސް ރީއާންއާ ބައްދަލުވާ ގޮތެއް ނުވިއެވެ. ވާންވީ އުފާކަމެއް ނުވަތަ ދެރަކަމެއް ރާޔާއަކަށް ނޭނގެއެވެ. ރީއާންއަށް ފިލަން ޟަމީރު އެދުނު ނަމަވެސް، ހިތުގެ ކަނަކުން އަބަދުވެސް އެ ފިރިހެންވަންތަ ސޫރަ ފެންނަ ހިސާބުގައި ހުރެވުމަށް އެދެވެއެވެ. ދެފަރާތަކަށް އޭނާ ބޯހޫރައިލީ އެފަދަ ބޭކާރު ޚިޔާލުތައް ކުރަން ބޭނުންނުވެފައި އިނދެއެވެ. އެކަމުން ވާނެ އެއްވެސް ފައިދާއެއް ނެތެވެ. ރީއާންގެ ވާހަކަތަކުން އޭނާ އާއި ޒައިވާއާ ދެމެދުގައި އޮތް ގުޅުން ވަރަށް ސާފުކޮށް ރާޔާއަށް ފަހުމްވެއްޖެއެވެ. އެދެމެދަށް އެޅޭ ހުރަހަކަށް ވާކަށް އޭނާ ބޭނުމެއްނުވެއެވެ. އެހިނދު ޖީލާންގެ ވާހަކަތައް ކަންފަތްދޮށުގައި ގުގުމައިލިއެވެ. ދެވަނަ ފަހަރަށްވެސް އެ ލޯބި ގެއްލިގެން ދިއުމަށް ދޫކޮށްލަންވީތޯ އަމިއްލަ ނަފުސާ އޭނާ ސުވާލުކުރިއެވެ. ޖަވާބު ނުލިބުނަސްވެހެވެ.

ވަޔާ ވިހުރެން ދޫކޮށްލައިފައިއޮތް ކަޅުކަންގަދަ އިސްތަށިގަނޑު އަތުން ރީތިކޮށްލަމުން ޔުމްނު ހުރި ދިމާއަށް އޭނާ ބަލައިލިއެވެ. އެއާއެކު ފުންމައިގެން އިންތަނުން ރާޔާއަށް ތެދުވެވުނީ އެހިސާބުގައި ޔުމްނު ފެންނަން ނެތުމުންނެވެ. ދެލޯބޮޑުކޮށްލުމާއެކު ޔުމްނުއަށް ގޮވައިލަމުން ކުރިއަށް ރާޔާ ހިނގައިގަތެވެ. އޭރު ހާސްވެގެންގޮސް ނެގިނެގިފައި ހިތް ޖެހެމުންދިޔައެވެ. އެއްލި ކަޅިއަކުން ބޮޑު ފިތުރޯނު ގަހެއްގެ ކައިރީ ފިރިހެނަކާ ވާހަކަދައްކަން ހުރި ޔުމްނު ރާޔާގެ ލޮލުގައި އަޅައިގަތެވެ. އެންމެ ހިނދުކޮޅެއްވެސް ލަސްނުކޮށް އެދިމާއަށް އޭނާއަށް ދުއްވައިގަނެވުނީ ބިރުގެންފައި ހުރިވަރުންނެވެ. ކަކޫމައްޗަށް ތިރިވެ އިންގޮތުން ރާޔާއަށް އެމީހެއްގެ މޫނު މާރީއްޗަށް ފެންނަގޮތެއްނުވިއެވެ. އެހެނަސް އެމީހާގެ ގައިގައި ދަންނަގޮތެއް ހުރިހެން އޭނާއަށް ހީވިއެވެ. އެކަމުން އިތުރު ނުތަނަވަސްކަމެއް ހިތަށް ވެރިވިއެވެ.

(ނުނިމޭ)

  1. ރީއާން

    އާނ.. މަގޭ އެއިނީ ޔުުންމު ކައިރީގައި.. ބައްޕި ކައިރީގައި �

  2. އައިންތު

    ވަރަށް ހިތްޤައިމު، ކިޔާލާ ހިތުން ކިޔާލެވޭ ވާހަކަައެއް.
    ޒަމާނައް ފެތޭ،
    ކޮންމެ ދުވަހަކު ބައެއް އަޕްލޯޑް ކުރާނެ ނަމައޭ ހިތަށްއަރާ.
    ޝުކުރިއްޔާ

  3. އައިންތު ހަމީ

    ވަރަށް ވަރަށް ރީތި.ކޮންމެ ދުވަހަކުވެސް ބައެއް ގެނެސް ދީބަލަ

  4. ކިޔުންތެރިއެއް

    މި ވާހަކަ އަޕް ކުރާ ދުވަސްތަށް އިނގެން ބޭނުން