ވާހަކަ

އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށްވަނަ ބައި)

ނައުފާ ، ދެން އޮންލައިން
އިތުރަށް ހަމަ ލޯބި ވެވެނީ
▾ މި ވާހަކައިގެ ޢަދަދުތައް
އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ޓްރެއިލަރ) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފުރަތަމަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދެވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިންވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތަރުވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނުވަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދިހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެގާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސާދަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަނަރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސޯޅަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސަތާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ވިހިވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެކާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައުވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަންސަވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައްބީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެއްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބައްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަހުބައި)

އެއްލި ކަޅިއަކުން ބޮޑު ފިތުރޯނު ގަހެއްގެ ކައިރީ ފިރިހެނަކާ ވާހަކަދައްކަން ހުރި ޔުމްނު ރާޔާގެ ލޮލުގައި އަޅައިގަތެވެ. އެންމެ ހިނދުކޮޅެއްވެސް ލަސްނުކޮށް އެދިމާއަށް އޭނާއަށް ދުއްވައިގަނެވުނީ ބިރުގެންފައި ހުރިވަރުންނެވެ. ކަކޫމައްޗަށް ތިރިވެ އިންގޮތުން ރާޔާއަށް އެމީހެއްގެ މޫނު މާރީއްޗަށް ފެންނަގޮތެއްނުވިއެވެ. އެހެނަސް އެމީހާގެ ގައިގައި ދަންނަގޮތެއް ހުރިހެން އޭނާއަށް ހީވިއެވެ. އެކަމުން އިތުރު ނުތަނަވަސްކަމެއް ހިތަށް ވެރިވިއެވެ.

Ads by STELCO

"ޔުމްކޮ.." އެހިސާބަށް އައިސް ހުއްޓިލަމުން ރާޔާ ގޮވައިލިއެވެ. އޭނާގެ އަޑު ކަންފަތުގައި ޖެހުމާއެކު ޔުމްނު އެދިމާއަށް އެނބުރުނެވެ. އަދި މަންމީއޭ ކިޔައި ގޮވައިލަމުން ދުވެފައި އައިސް ރާޔާގެ ދެފައިގައި ބައްދައިލިއެވެ. ޔުމްނު އުރައިލުމާއެކު އެ ކުޑަ ހަށިގަނޑުގައި ރާޔާ ބައްދައިލީ ނުހަނު ލޯބިންނެވެ. އެގޮތަށް މަންމައަށް ނޭނގި އެއްވެސް ތަނަކަށް ދެން ނުދިއުމަށް ރާޔާ އެދުނެވެ. އެހެން ކަންތައްކުރުމުން މަންމަ ހާސްވާނެކަމާއި ކަންބޮޑުވާނެކަން ބުނެދިނެވެ. އަވަސް އަވަހަށް ބޯޖަހައިލުމާއެކު ރާޔާގެ ކޮނޑުގައި ބޯއަޅައިލަމުން ޔުމްނު ސޮރީއޭ ބުނެލީ މައުސޫމުކަމުން ފުރިގެންވީފަދަ ގޮތަކަށެވެ. ޔުމްނުގެ ބުރަކަށީގައި ފިރުމަން ހުރެފައި ކަމެއް ހަނދާންވީފަދައަކުން ކުރިމަތީގައި ހުރި މީހަކަށް ރާޔާ ދެލޯ އަމާޒުކޮށްލިއެވެ. ޔުމްނު ފެނުމާއެކު އެހެން ކަމަކާމެދު ވިސްނުން ހިންގައިލަން އޭނާ ހަނދާންނެތުނީއެވެ.

ކަޅިވެސް ޖަހައިނުލާ އެދެމައިންގެ ހަރަކާތްތަކަށް ބަލަންހުރި ރީއާން ފެނި ރާޔާއަށް ތެޅިގަނެވުނެވެ. ދެލޯބޮޑުކޮށްލުމާއެކު ލައިލައިހުރި ނޭވާވެސް ހީވީ ހޮޅީގައި ތާށިވީހެނެވެ. ހައިރާންކަމާ އެއްވަރަށް ހިތްދަތިކަމާ މާޔޫސްކަން އެމޫނުމަތިން ފައުޅުވާން ހުއްޓެވެ. ޔުމްނުއަށް ހުއްޓައިލައިގެންހުރި ދެލޮލުގައި އެތައް ޝަކުވާއެއް ފުނިޖެހިފައިވިއެވެ. އެއްފަހަރު ޔުމްނުއަށް އަދި އަނެއްފަހަރު ރާޔާއަށް ބަލަމުންދިޔައިރު، ކެތްކުރާން ދަތިވާފަދަ ގަދަ ވޭނެއްގެ އިހުސާސު އޭނާއަށް ކުރެވެމުން ދިޔައެވެ. ފެންނަމުންދިޔަ މަންޒަރާމެދު ވިސްނާނެގޮތެއް ނޭނގިފައި ހުރި ކަހަލައެވެ. ރާޔާގެ ދިރިއުޅުމުގައި ކުލަޖެހިފައިވީ މިންވަރުފެނި ބޭނުންނުވިއަސް ރީއާންގެ ހިތުގައި ރިހެނީއެވެ. އެއީ އޭނާގެ ހައްގެއްނޫންކަން އެނގޭއިރުވެސް އެކަމުން އެހިތަށް އިންތިހާއަށް ތަދުވަނީއެވެ. ކުރެވުނު އެންމެ ކުޑަކުޑަ އުއްމީދުވެސް ފުނޑުފުނޑުވެއްޖެއެވެ. ދެކެމުންދިޔަ ހުވަފެންތަކުގައި ހަގީގީކުލަ ނުޖެހި ބިލާހަކަށްވެ ނިމިދިޔައީއެވެ. ހިތް އެދޭކޮންމެ އެދުމަކީ މި ދުނިޔެމަތީގައި ފުރިހަމަވާނެ ކަމެއްނޫންކަން މިއަދު ހަމަރަނގަޅަށްވެސް އޭނާއަށް ވިސްނިއްޖެއެވެ. އެހެންނޫންނަމަ މުޅި ހަޔާތުގައިވެސް އެހިތް އެދުނު ހަމައެކަނި ލޯބި އޭނާއަށް ކާމިޔާބުވީހެވެ. އެހެނަސް ލިބިފައިވެސް އެލޯބި އަތުން ބީވެގެން ދިޔައީއެވެ. ނުވެސްދެނަ ހުއްޓައެވެ. ކުޑަމިނުން އޭނާއަށް ގޯސްކޮށް ކުރެވުނު ކަމެއްވެސް އަންގައިލުމެއް ނެތިއެވެ. އެކުގައި ދެކުނު ހުރިހައި ހުވަފެންތަކެއް ފުނޑުފުނޑުކޮށްލާފައެވެ. ވީ ހުރިހައި ވަޢުދަކާއި އަހުދެއް އުވައިލައިފައެވެ. އެ ލޯބީގެ މައްޗަށް ހިތުގައި ފޫހިކަން އުފެދޭން ބޭނުންވަނީ އެހެންވެއެވެ. އެހެނަސް އެކަންވެސް ފުރިހަމަވާކަށް ނެތެވެ. އެޔަށްވުރެ ރާޔާދެކެ އޭނާއަށް ވެވުނު ލޯބި ފުންވެފައިވިއެވެ. ވީއިރު ދުވަހަކުވެސް ހިތުން އެލޯބި ފުހެވިދާނެ ހެއްޔެވެ؟ ދުރަށް އަޅާން މަސައްކަތްކުރާ ކޮންމެ ފިޔަވަޅަކާއެކު އޭނާއަށް އިހުސާސުކުރެވެނީ އެ އަންހެންކުއްޖާއާ އިތުރަށް ގާތްވެވޭކަމެވެ. އެހިތް އިތުރަށް އެލޯތްބަށް އެދޭކަމެވެ. މާޒީވެދިޔަ އެ ހިތި ހަނދާންތަކާ ދުރުވާން މަސައްކަތްކުރިޔަސް، އޭނާގެ ހިތާއި ސިކުނޑި ފުނިޖެހެމުންއައީ އެ ޚިޔާލުތަކުންނެވެ. ދުވަހެއް ދުވަހަކަށް އެހިތުގައި އޮތް ލޯބި އައީ މޫލައި އިތުރަށް ވަރުގަދަވަމުން ކަހަލައެވެ. އެހެންނޫންނަމަ މިއަދު ރާޔާ ފެނި އެހިތަށް އެހައި އަސަރުނުކުރީސްކަން ޔަގީނެވެ.

ހިންދިރުވައިލުމާއެކު ރީއާން އިސްޖަހައިލިއެވެ. އިތުރަށް އެ ސޫރަ ދެކެން އޭނާއަށް ކެތްނުވީކަމެއް، ނުވަތަ ބޭނުންނުވީކަމެއް ނޭނގެއެވެ. ބަހެއްވެސް ނުބުނެ ރީއާންގެ ހަރަކާތްތަކަށް ނަޒަރު ހުއްޓައިލައިގެން ރާޔާ ހުރީ ގުނޑިލަންވެސް ނުކެރިފައެވެ. ރީއާންގެ މޫނުމައްޗަށް އަރައިފައިބަމުންދިޔަ ކުލަވަރުން ރާޔާގެ ހިތުގައި ރިއްސަމުންދިޔައީ އިންތިހާއަށެވެ. އެތައް ފަހަރަކު ވާހަކަދެއްކުމަށް އެ ދޫ ހަރަކާތްކޮށްލިއެވެ. އެހެނަސް ރީއާންގެ ނަޒަރުގައި އޭނާއަކީ ކިހައި ބޮޑު ކުށްވެރިއެއްކަން ހަނދާންވެފައި ބަހެއް ބުނުމަށް ފަސްޖެހެނީއެވެ.

"ރައްޔު ހަމަ ހަގީގަތުގަވެސް އަހަރެންދެކެ ކުޑަކޮށްވެސް ލޯތްބެއްނުވޭ ދޯ.. އަހަރެން މަތިން އެއްކޮށް ހަނދާންނައްތައިލީ ދޯ.. އެދުވަހު ރައްޔު ދެއްކި ވާހަކަތައް މިއަދު އަހަންނަށް ގަބޫލުކުރެވިއްޖެ.. އަހަރެމެންގެ ގުޅުމަކީ ވަގުތީ ގުޅުމެއްކަން.. އެއީ ރައްޔުއަށް އެއްވެސް މާނައެއްނެތް ގުޅުމެއްކަން.. އޯލް ދޯސް ޑްރީމްސް، ވީ ހެޑް ޓްގެދަރ.. ރައްޔު އަސްލުވެސް އެ ހުރިހައި ހުވަފެންތަކެއް ހަގީގަތަކަށް ހަދައިފި.. އެކަމަކު.. އަހަންނާ ނުލާ.. އެހެން މީހަކާއެކު.." ހިތްދަތިގޮތަކަށް ރީއާން ބުނެލިއިރު، އެތުންފަތުގައިވީ ހިތި ހިނިތުންވުމެކެވެ. އެދެލޯ ހުއްޓިފައިވީ އޭނާއަށް ބަލަން ރާޔާގެ އުރުގައިއިން ޔުމްނުގެ މޫނަށެވެ. ދެލޮލުގެ ފުންކަމުގެ ތެރޭގައި ކަރުނަތައް ހިފެހެއްޓިފައިވީ ކަހަލައެވެ. ރާޔާއަށް އިސްޖަހައިލެވުނީ ކުއްވެރިއަކު ފަދައިންނެވެ. ބުނާނެ އެއްވެސް އެއްޗެއް އޭނާގެ ސިކުނޑިއަކަށް ނައެވެ. ފެންނަމުންދިޔަ މަންޒަރުން ރީއާންއަށް ނެގޭނީ އެފަދަ މާނައެއްކަން މާކުރިންވެސް ރާޔާއަށް އެނގެއެވެ. ޔުމްނުގެ ކުރިމަތީ އޭނާގެ ހަޔާތާގުޅޭ އެއްވެސް ވާހަކައެއް ދައްކާކަށް ރާޔާ ބޭނުމެއްނުވިއެވެ. ކުޑައެއްކަމަކު ޔުމްނު ނިކަން ފަސޭހައިން ކަންކަން ދެނެގަނެއެވެ.

ބަހެއް ނުބުނެ އިރުކޮޅަކު ހުރުމަށްފަހު ރާޔާ މަޑުމަޑުން ސޮރީއޭ ބުނެލިއެވެ. ރީއާންއަށް އެއަޑު ކިރިޔާ އިވުނީއެވެ. އެއާއެކު މަލާމާތްއެކުލެވިގެންވީފަދަ ގޮތަކަށް އޭނާ ހީނލިއަޑު އިވުނެވެ.

"މަޢާފަށް އެދުނީމަ އަހަރެންގެ ހިތަށް ލިބިފަ މިހުރި ޒަޚަމްތަކަށް ޝިފާއެއްލިބެނީތަ.. އެތައްދުވަހަކު އަހަރެން އުފުލި ހުރިހާ ހިތާމައެއް ފިލައިގެން ދާނެތަ.. ރާޔާއާއެކު އަހަރެންގެ ހަޔާތުން ބީވެގެންދިޔަ ދުވަސްތައް އަނބުރައި ލިބޭނެތަ.. ބުނެބަލަ.. މިހިތުގަ މިއަޅާ ވޭން ހުއްޓުވޭނެތަ.. ނޫން.. ތި ސޮރީއަކުން އެއިން އެއްކަމެއްވެސް ނުވާނެ.. ވީއިރު ތީ ބޭކާރު ބަހެއް.. ސޮރީ އިޒް ނޮޓް އިނަފް ރައްޔު... އިޓް ވިލް ނެވާރ ބީ އިނަފް.." ކުއްލިއަކަށް ފާޑެއްގެ ހަރުކަށިކަމެއް ރީއާންގެ އަޑަށް ވެރިވިއެވެ. ރުޅިއާއި އެއްވަރަށް ހިތްދަތިކަންވެސް އެ އަޑުގައި އެކުލެވިފައި ވިއެވެ. ދެފަރާތަކަށް ބޯހޫރައިލުމާއެކު ރާޔާއަށް ތުންފަތުގައި ދަތްއަޅައިލެވުނީ ދެލޮލަށް ބޮނޑިވަމުންދިޔަ ކަރުނަތައް ހިފަހައްޓަން ބޭނުންވެފައި ހުރެއެވެ. އެދެމީހުނަށް ބަލަންއިން ޔުމްނު މަޑުމަޑުން ރާޔާގެ މޫނުގައި އަތްޖައްސައިލިއެވެ. އޭނާއަށް ހީވީ ރާޔާ އެހައި ދެރަވެފައި އެހުރީ އޭނާގެ ސަބަބުންކަމަށެވެ.

"އެކުދިންނާ އެއްކޮށް ދުވަނިކޮށް ކޮއްކޮ ގެއްލުނީ.. މަންމި އިންތަނަށް އަންނަން ކޮއްކޮއަށް ނޭނގުނު.. އެ ބޭބެ އުޅުނީ ކޮއްކޮއަށް ހެލްޕްވާން.." ދެއަތުން ރާޔާގެ މޫނުގައި ހިފަހައްޓައިލައިގެން އިނދެ ޔުމްނު ބުނެލިގޮތުން ރާޔާގެ ހިތަށް އިތުރަށް އަސަރުކުރުން ނޫންހެންކަމެއް ނުވިއެވެ. ބޯޖަހައިލަމުން ޔުމްނުގެ ނިތުގައި އޭނާ ބޮސްދިނެވެ. އަދި އެއީ ކަމެއްނޫންކަމުގައި ބުނެލިއެވެ. ހިނިތުންވެލުމާއެކު އެދެމީހުނަށް ބަލަންހުރި ރީއާންއާ ދިމާއަށް އޭނާ އެނބުރުނެވެ.

"ތެންތިއު.." ހުރިހައި ދަތްކޮޅެއް ފެންނަވަރަށް ހިނިތުންވެލަމުން ޔުމްނު ބުނެލިއެވެ. އެއަޑުއިވިފައި ރީއާންގެ ތުންފަތްވެސް ދެފަރާތަށް ދެމިލިއެވެ. ވީ އެއްވެސް ކަމެއްގައި އެ ތުއްތު ފުރާނައިގެ އެއްވެސް ކުށެއްނެތެވެ. އެހެނަސް ޔުމްނު ފެނުމުން އެހިތަށް ތަދުވަނީ އިންތިހާއަށެވެ. އެއީ ރާޔާގެ ބޭވަފާތެރިކަމުގެ ނިޝާނެއްކަމުގައި ދެކެވެނީއެވެ. އިތުރަށް އެންމެ ހިނދުކޮޅަކުވެސް އެތަނުގައި ހުންނާކަށް އޭނާ ބޭނުމެއް ނުވިއެވެ. އެދެމައިންނަށް ފުރަގަސްދިނުމާއެކު އަވަސްފިޔަވަޅުތަކެއްގައި ކުރިއަށް އޭނާ ހިނގައިގަތެވެ. އޭރު އެދެލޮލުގެ ކަނެއްގައި ކަރުނައިގެ ކުދިކުދި މުތީތައް ބޮނޑިވެފައި ހުއްޓެވެ. އަތުގައި އޮތް އައިނު ދެލޮލަށް ހެޔޮވަރުކޮށްލުމާއެކު ރީއާން އިތުރަށް ހިނގުން ބާރުކޮށްލިއެވެ.

ރީއާން ފަސްދިނުމާއެކު ރާޔާގެ އަތް ހަރަކާތްކޮށްލިގޮތުން ހީވަނީ ނުދާށޭ ބުނަން ބޭނުންވީހެނެވެ. ނަމަވެސް އެހިތްވަރު ކުރާކަށް އޭނާއަކަށް ނުކެރުނެވެ. އަތްމުށްކަވައިލުމާއެކު އިސްޖަހައިލަމުން ޔުމްނުގެ ކުޑަކުޑަ ހަށިގަނޑުގައި އޭނާ ބައްދައިލިއެވެ. ކޮންމެވެސް މީހެއްގެ އޯގާތެރިކަމަށް އިންތިހާއަށް އެދެވިފައިވީ ހާލުއެވެ. އެއާއެކު ދެލޮލުން ކަރުނަތައް އޮއްސައިގަތީ އިޚުތިޔާރުން ބޭރުއެވެ.

* * * * *

ދުވަސްތައް އޭގެ ހަލުވި މިނުގައި ފާއިތުވަމުން ދިޔައެވެ. އެކި މީހުންގެ ދިރިއުޅުމުގައި ތަފާތު ކުލަތައް ޖައްސަމުންނެވެ. ޒައިވާ އާއި އަނޫކްއާ ދެމެދުގައިވި ގުޅުން އިހުނަށްވުރެ ވަރުގަދަވެފައި ވިއެވެ. އެހެނަސް އިސްވެ އަދިވެސް ހިތުގައި އުފެދިފައިވި ޖަޒުބާތުތައް ޒައިވާ ކުރިމަތީގައި ބަންޑުންކޮށްލުމަށް އަނޫކް ފަސްޖެހެއެވެ. ޒައިވާ އޭނާއާ މެދުގައި ދެކެނީ ކިހިނެއްކަން ނޭނގޭތީއެވެ. ބުނެވޭ ކިތަންމެ ކުޑަކުޑަ ބަހަކުންވިއަސް އެދެމެދުގައިވީ ގުޅުން ކެނޑޭކަށް އަނޫކް ނޭދެއެވެ. އަންނަންއޮތް ކޮޅިގަނޑުގެ އެއްވެސް ހިލަމެއްނުވާ ހާލު، ކެތްކޮށްލައިގެން ހުރީ ކޮންމެވެސް ރަނގަޅު ވަގުތެއްގެ އިންތިޒާރުގައެވެ.

ފާއިތުވެދިޔަ ދުވަސްތަކާއެކު ރާޔާ އާއި ރީއާންއާ ދެމެދުގައިވި ދުރުގައިކަން އިތުރުވެފައިވިއެވެ. ތަނެއްގައި ރާޔާ ހުއްޓަސް ފެންނަކަމަށްވެސް ރީއާން ނުހަދައެވެ. ދުލުން ބަހެއް ބުނެނުލާ ތަނުގައި އިސްއިފުލައި ބަލައިވެސް ނުލައެވެ. އެކަމުން ހިތަށް އުނދަގޫވިއަސް ކެތްތެރިވުން ނޫންހެންގޮތެއް ރާޔާއަކަށް ނެތެވެ. ކިތަންމެ ކުޑަ ކަމަކު ރާޔާގެ ކިބައިން އެދެން ޖެހުނަސް ރީއާން އެކަމެއް ކުރަނީ ޒައިވާ ލައްވައެވެ. ބަހެއްފަހަރު ރާޔާ އެތަނެއްގައި ހުއްޓަސް އޭނާ ގާތު ބުނަންބޭނުންވާ ވާހަކަތައް ރީއާން ބުނަނީ ޒައިވާ ގާތުއެވެ. އެފަދަ ކަންކަމުން ޒައިވާއަށްވެސް ކުރެވެމުންދިޔައީ އުނދަގޫ އިހުސާސެކެވެ. ސިކުނޑީގައި ފުނިޖެހެމުންދިޔަ ސުވާލުތައްވީ އިތުރެވެ. ރާޔާ ހުރެއްޖެނަމަ ރީއާންގެ އަމަލުތައް ޒައިވާއާ މެދުގައި ތަފާތުވާކަންވެސް އޭނާ އަށް އައީ ފާހަގަވަމުންނެވެ. ލޯތްބާ އޯގާތެރިކަމާއެކު ރީއާން ކޮށްލާ ކުދިކުދި ކަންކަމުން ނަގަންވީ ކޮންމާނައެއްކަމެއް ނޭނގިފައި އޭނާ ހުންނަ ވަގުތުތައް ގިނައެވެ. ރާޔާ އެތަނަކުން ދިއުމާއެކު ރީއާންގެ މުޅި ތަބީއަތްވެސް އެއްކޮށް ބަދަލުވެދެއެވެ. އެހުންނަ ދުރުކަން އަނެއްކާވެސް ދެމެދަށް ވެރިވެއެވެ. އެއްގޮތަކަށްވެސް ރީއާން ބޭނުންވެގެން އެއުޅޭކަމެއް ދެނެގަންނާކަށް ޒައިވާއަކަށް ނޭނގުނެވެ. ރީއާންގެ ލޯބިވެތި އެފަދަ އަމަލުތަކުން ޒައިވާގެ ހިތަށް ކުޑަނަމަވެސް ހިތްހަމަޖެހުމެއް ލިބިގެންދާއިރު، ދުރުގައި އެމަންޒަރު ދެކެން ހުންނަ ރާޔާގެ ހިތް ދިޔައީ ފިސްފިސްވަމުންނެވެ. ޒައިވާއާއެކު ރީއާން އެއުޅޭގޮތް ބަލަން އޭނާއަށް ކެތްނުވަނީއެވެ. ހިތަށް އުނދަގޫވެ އެތަނަކުން ރާޔާ ދަނީ މަދުފަހަރަކު ނޫނެވެ. އެހެނަސް އެއިން އެއްވެސް ކަމެއް ރީއާން އަށް ނުފެންނަކަހަލައެވެ. ހީވަނީ އިތުރަށް އެހިތަށް ތަދުކުރަން ރީއާން ފައިވިއްދައިފައި ހުރިހެނެވެ.

ޖީލާން އައީ ކޮންމެވެސް ގޮތަކުންވިއަސް، ރީއާންއާ ބައްދަލުކުރެވޭނެ ގޮތެއް ހޯދަމުންނެވެ. ނަމަވެސް ފެންނަ ތަނަކުންވެސް އިސްވެ ވާހަކައެއް ދެއްކިއަސް އޭނާ އަޑުއިވޭކަމަށްވެސް ނުހަދައެވެ. ޖީލާންގެ ވާހަކަތައް އަޑުއެހުމަށް އޭނާގެ އެއްވެސް ޝައުގުވެރިކަމެއް ނެތެވެ. އެކަކު ގާތު ނުބުންޏަސް އެއިން ކޮންމެ ކަމެއް ޒައިވާ އައީ ފާހަގަކުރަމުންނެވެ. ހިތުގައި އެކަންކަމުގެ މައްޗަށް ސުވާލު އުފައްދަމުންނެވެ. ކޮންމެފަދަ ކަމެއް ކުރަންޖެހުނު ނަމަވެސް ފޮރުވިފައިވި އެ ހުރިހައި ސިއްރުތަކެއް ހޯދުމަށް އޭނާ ހުރީ އިންތިހާއަށް ބޭނުންވެފައެވެ. އޭނާއަށް ނޭނގުނުކަމީ ކުރެވެން މިއުޅޭ ކަންތަކުގެ ސަބަބުން ހަލާކުވެ ޒަޚަމްވެދާނީ އޭނާގެ ހިތްކަމެވެ.

* * * * *

ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެވެ. އޮފީސް ބަންދު ދުވަހަކަށްވުމުން ޖީލާން އައިސް އުޅުނީ ރާޔާމެން ގޭގައެވެ. ޔުމްނު ގޮވައިގެން ހަވީރު ހިނގާލަން އެދެމީހުން ނުކުމެލީ ހިތްހަމަޖައްސާލަން ބޭނުންވެފައި ތިބެއެވެ. އެތައް އިރަކު އެކުގައި ވަގުތު ހޭދަކުރުމަށްފަހު ގެއަށް އާދެވުނުއިރު ބަންގި ގޮވަން ހުރީ ކުޑަ ވަގުތުކޮޅެކެވެ. ގެއަށް އާދެވުމާއެކު ކޮޓަރީގެ ކަނެއްގައި ހުރި އޭނާގެ ކުޅޭ އެއްޗެހިތަކާ ދިމާއަށް ޔުމްނު ދުއްވައިގަތެވެ. އޭނާ ފެންނާނޭހެން އެނދުގައި ރާޔާ އާއި ޖީލާން އިނށީދެ ހަމަޖެހިލިއެވެ. ހިނިއައިސްފައި ޔުމްނު އުޅެމުންދިޔަ ގޮތް ބަލަން ދެމީހުން ތިއްބެވެ. އަމިއްލަ ދުނިޔެއަކަށް ގެއްލިފައި އިނދެ އެކި އެކި ވާހަކަދައްކަމުން ޔުމްނު ދިޔައެވެ. އެ މައުސޫމު އަމަލުތަކަށް ބަލަން އިން ޖީލާންގެ ނަޒަރު ލަސްލަހުން އައިސް ރާޔާއަށް ހުއްޓުނެވެ.

"ދުވަސްތައް ދާގޮތްވެސް ނޭނގޭ ދޯ.. ގަބޫލުކުރަންވެސް ދަތި އެއީ އެހަކަށްދުވަހު މިދެއަތުގެ ތެރޭގަ އޮތް ތުއްތު ތުއްތު ކުއްޖާކަމަށް.." ޖީލާންގެ ވާހަކަތަކަށް ހީނލަމުން ރާޔާވެސް ބޯޖަހައިލީ އެއްބަސްވުމުގެ ގޮތުންނެވެ.

"ރައްޔު.. ޔުމްކޮވެސް އެ އަންނަނީ ބޮޑުވަމުން.. ކޮންމެވެސް އެއްދުވަހަކުން އެ ހަގީގަތް ޔުމްކޮއަށް އަންގަން ޖެހޭނެ.. އެކަމަކީ އަބަދު ސިއްރުވެފައި އޮންނާނެ ކަމެއްނޫން.. އަހަރެން މި ބުނަން އުޅޭ އެއްޗެއް ރައްޔުއަށް ވިސްނޭ ދޯ.. އެކަން ޔުމްކޮއަށް އަންގާނެ ގޮތަކާމެދު ރައްޔު ނުވިސްނަންތަ.." އިރުކޮޅެއްގެ ހިމޭންކަމަށްފަހު ޖީލާން ބުނެލީ މަޑުމަޑުންނެވެ. ހިންދިރުވައިލަމުން ލަސްލަހުން ރާޔާ ދެފަރާތަށް ބޯހޫރައިލިއެވެ.

"އެނގޭ އެ ހަގީގަތް އެނގުމުގެ ހައްގު ޔުމްކޮއަށް އޮތްކަން.. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ވިސްނޭވަރަށް ބޮޑުވުމުން އަހަރެން ޔުމްކޮއަށް އެކަން ބުނެދޭނަން.. އެކަމަކު، އެކަމުން ޔުމްކޮގެ ހިތަށް އަސަރުކުރާނެވަރު ހިތަށް އަރާފަ ވަރަށް ކަންބޮޑުވޭ.."

"އަހަންނަށް ވިސްނޭ ތިކަން.. އެހެންވިއަސް އަހަރެންގެ ހިތްބުނޭ ޔުމްކޮއަކީ ވަރަށް ވިސްނޭ ކުއްޖެކޭ.. ކަންކަން ނުހަނު ފަސޭހައިން ގަބޫލުކުރާ ކުއްޖެއް އެއީ.. ވީއިރު ރައްޔުގެ ވާހަކަތައް އޭނާ ކަނުލައި އަޑުއަހާނެ.."

"ހިތަށް އަރަނީ.. އަހަރެންނަކީ ޔުމްކޮގެ މަންމަ ނޫންކަން އެނގޭ ދުވަހަކުން ޔުމްކޮއަށް ވާނީ ކިހިނެއްބާއޭ.." ޚިޔާލުތަކަށް ގެއްލިފައި އިން ރާޔާ ބުނެލީ ސިއްރެއް ފަދައިންނެވެ. އެ ސުވާލުން އޭނާގެ ހިތަށް އުނދަގޫވެފައިވީވަރު ސާފުކޮށް މޫނުމަތިން ހާމަވާން ހުއްޓެވެ.

(ނުނިމޭ)

Ads by Allied Insurance
  1. އައިންތު ހަމީ

    ވަރަށް ވަރަށް ރީތި. ކޮންމެ ދުވަހަކު ވެސް ބައެއް ގެނެސް ދޭނަމަ ހާދަ ރަނގަޅޭ. ވަރަށް ރީތި އިނގޭ.

  2. އައިންތު

    މިބައި ވެސް ވަރަށް ރީތި، ވިސްނުމުގަ އެބަ އިންތޯ ކޮންމެ ދުވަހަކު އާ ބައެއް އަޕްލޯޑް ކުރުމަށް.

  3. ް އދެނ