ވާހަކަ

އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދެވަނަ ބައި)

ނައުފާ ، ދެން އޮންލައިން
އިތުރަށް ހަމަ ލޯބި ވެވެނީ
▾ މި ވާހަކައިގެ ޢަދަދުތައް
އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ޓްރެއިލަރ) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފުރަތަމަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދެވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިންވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތަރުވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނުވަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދިހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެގާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސާދަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަނަރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސޯޅަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސަތާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ވިހިވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެކާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައުވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަންސަވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައްބީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެއްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބައްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަހުބައި)

އެ ހަނދާންތަކަށް ހިތުގައި ފޫހިކަމެއް އުފައްދާން ބޭނުންވިއަސް، އެއަށްވުރެ ހިތުގައި އުފެދިފައިވި ޖަޒުބާތުތައް ފުންވެފައިވިއެވެ. ދެއަތް މުށްކަވައިލެވުމާއެކު ރީއާންއަށް ދެލޯމަރައިލެވުނެވެ. އެއާއެކު ސިފަވެގެންދިޔަ ސޫރައަކުން އޭނާގެ ދެތުންފަތް ދެމެދުން މަޑު އާހެއް ބޭރުވެގެންއައީ ބޭއިޚުތިޔާރުގައެވެ.

Ads by Sosun Fihaara

ފަހަތުން އިވުނު ފިޔަވަޅުގެ އަޑާއެކު އަވަސް އަވަހަށް ދެލޯ ހުޅުވައިލަމުން ރީއާން އެދިމާއަށް އެނބުރުނެވެ. އޭރު ހުޅުވައިފައި ހުރި ދޮރުން ޔާސްމީނާއި އުސައިދް ވަންނަނީއެވެ. ދެފަރާތަށް ކަހައިލެވޭ ގޮތަށް ހުރި އިސްކޮޅުވަރުގެ ބިއްލޫރި ބޮޑު ކުޑަދޮރާ ދާދި ކައިރީގައި ބަހައްޓައިފައިހުރި ސޯފާ ގޮނޑިތަކާ ދިމާއަށް ރީއާން ހިނގައިގަތީ އޭނާގެ މައިންބަފައިން އެތަނުގައި އިނށީނުމުންނެވެ. އެމީހުނާ ކުރިމަތި ވާނޭހެން ވަކިންހުރި ސޯފާ ގޮނޑީގައި އޭނާ ވެސް އިނށީދެ ހަމަޖެހިލިއެވެ. އޭރު ސީރިއަސް ނަޒަރަކުން އޭނާއަށް ބަލަހައްޓައިގެން އުސައިދް އިނެވެ. ރީއާނަށް ބަލަން އިރުކޮޅަކު އިނުމަށްފަހު ކަރުކެހިލަމުން އުސައިދް ވާހަކަދައްކަން ފެށިއެވެ.

"ދަރިފުޅު ގާތުން ވަރަށް ބޮޑު ކަމަކު އެދެން ބައްޕަ މިއުޅެނީ... އެކަމަކު ދަރިފުޅަށް އެއްވެސް ގޮތަކުން މަޖުބޫރު ކުރާކަށް ބައްޕަ ނޭދެން... އެހެނަސް މިވަގުތު ބައްޕައަށް މިނޫން އިތުރު ގޮތެއް ނެތީ..."

"ޑޭޑް.. އިޒް އެވްރިތިންގް އޯލްރައިޓް؟" ކަންބޮޑުވުން ރީއާންގެ އަޑުގައި ވިއެވެ. ބޯޖަހައިލަމުން އުސައިދް ބަލައިލީ އޭނާގެ ގާތުގައި އިން ލޯބިވާ އަނބިމީހާއަށެވެ.

"ދަރިފުޅަށްވެސް އެނގޭނެ މި ކޮމްޕެނީއަކީ ބައްޕައާއި ހުޒައިމްގެ ހިއްސާ އޮންނަ ތަނެއްކަން.. އެކަމަކު އެންމެ ބޮޑު ހިއްސާދާރަކީ ބައްޕަ... މި ކޮމްޕެނީގެ އުސޫލެއް އެއީ އަހަރެމެންގެ ކޮންމެ ބްރާންޗް އެއްގެ އަހަރީ ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކުރުމަކީ.. އެ ޖަލްސާއަކީ ފާއިތުވެދިޔަ އަހަރު މުވައްޒަފުންކުރި ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް އެމީހުނަށް ތަފާތު އެވޯޑާއި ހަނދާނީ ލިޔުންވެސް ހަވާލުކުރެވޭ ޖަލްސާއެއް.. ދަރިފުޅަށްވެސް މިކަން އޮޅިފައެއް ނޯންނާނެ... ފާއިތުވެދިޔަ ފަސްއަހަރު ކޮމްޕެނީގެ ގިނަ ކަންތަކާ ހަވާލުވެ ކުރިއަށް ތިގެންދިޔައީވެސް ދަރިފުޅު.." ފަރުވާތެރިކަމާއެކު ރީއާނަށް ބަލަން އިނދެ އުސައިދް ބުންޏެވެ. ވަކި އެއްޗެކޭ ނުބުނެ ރީއާން ބޯޖަހައިލިއެވެ.

"ރާއްޖޭގަ ހުރި ބައްޕަމެންގެ މި ކޮމްޕެނީ ބްރާންޗްގެ އަހަރީ ދުވަސް އަންނަނީ ގާތްވަމުން.. ކުރިއާލައި ކަންކަން ރޭވުމަކީ އަބަދުވެސް ބައްޕައާއި ހުޒައިމް ގެންގުޅުނު އާދައެއް... ކޮންމެ ބްރާންޗެއްގެ އަހަރީ ޖަލްސާގެ ތައްޔާރީތައް ވަމުންދަނީ ސީދާ ބައްޕައާއި ހުޒައިމްގެ ބެލުމުގެ ދަށުން.. އެހެންވެ އަހަރުގެ މި ދުވަސްކޮޅަކީ އަހަރެމެން ރާއްޖެ ދާ ދުވަސްކޮޅެއްކަން ދަރިފުޅަށްވެސް އެނގޭނެ.. އެކަމަކު މިފަހަރު... ބައްޕައަށްވެސް އަދި ހުޒައިމް އަށްވެސް އެކޮޅަށް ދެވޭކަށް ނެތް... ކުރިއަށް އޮތީ ކިހައި މުހިންމު ބައްދަލުވުންތަކެއްކަން ދަރިފުޅަށްވެސް ވިސްނެއެއްނު.. ބައްޕަމެން ކޮންމެހެންވެސް އެބައްދަލުވުން ތަކުގައި ބައިވެރިވާން ޖެހޭނެ... އެހެންވީމަ... ބައްޕައާއި ހުޒައިމް އެދެނީ މިފަހަރު ރާއްޖޭއަށް ދަރިފުޅާއި ޒައިވާ ދިއުމަށް... އެއީ ހުޒައިމްގެ ދެލޮލުގެ ކޮއެފަދަ ކުއްޖެއް.. އެކުއްޖާ އެކަނި ފޮނުވާކަށް އޭނާގެ ހިތް އެއްބަހެއްނުވޭ... ދެމީހުންގެ ހިއްސާ އޮންނައިރު ބައްޕަގެ ފަރާތުންވެސް ދާނެ އިތުރުބާރުހިފޭފަދަ މީހެއް ބޭނުންވޭ... ޒައިވާ ފޮނުވަން ހުޒައިމް ތައްޔާރަށް ހުރިއިރު، ބައްޕަގެ ފަރާތުން ބައްޕަ އެދެނީ ރީއާން ދިއުމަށް... އެނގޭ މިއެދެވެނީ އެއްގޮތަކަށްވެސް ދަރިފުޅު ކުރަން ބޭނުންނުވާ ކަމަކަށްކަން... ބައްޕައަށް ކިރިޔާވެސް އެހެން ގޮތެއް އޮތްނަމަ ދަރިފުޅު ގާތުން މިކަމަކަށް ނޭދުނީސް... އެކަމަކު... ބައްޕައަށް މަޢާފުކުރޭ... މިއަދު... މި ނޫން އިތުރު ގޮތެއް ނެތް..." ފުންނޭވާއެއް ދޫކޮށްލަމުން އުސައިދް ޔާސްމީނަށް ބަލައިލިއެވެ. އޭރު އިސްޖަހައިލި ގޮތަށް މުށްކެވިފައިވި ދެއަތްތިލައަށް ނަޒަރު ހުއްޓައިލައިގެން ރީއާން އިނެވެ. އެއްފަހަރު ރީއާން އަށް ބަލައިލުމަށްފަހު އަނެއްފަހަރު އުސައިދަށް ބަލައިލި ޔާސްމީންގެ ދެލޮލުގައިވީ ކަންބޮޑުވުމުގެ ކުލަވަރެވެ. ހިންދިރުވައިލަމުން އުސައިދްގެ އަތުގައި އޭނާއަށް ހިފައިލެވުނެވެ. ބަހެއްވެސް ނުބުނެ ރީއާން އިންނަން ފެށުމުން އުސައިދް ގޮވައިލިއެވެ. އަދި އޭނާގެ ވިސްނުން ހުރިގޮތެއް ބުނުމަށް އެދުނެވެ.

"ކިހައި ދުވަހަކަށް؟" ބޭނުން ނުވިއަސް ރީއާންގެ އަޑުގައިވީ ފިނިކަމެވެ.

"ދެމަސް ދުވަހަށް.. ޖަލްސާގެ ހުރިހައި ތައްޔާރީއެއް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށްދާން ބައްޕަ އެދެނީ... އެކަން ނިމުނުހައި އަވަހަކަށް ދަރިފުޅުމެން އަޔަސް ބައްޕަގެ އެއްވެސް މައްސަލައެއް ނެތް.. މިކޮޅުން ދަރިފުޅާ ޒައިވާގެ މަސައްކަތްތަކާ އަޔާން ހަވާލުވާނެ.. ދެމަސްވަންދެން އެހުރިހައި ކަމެއް އޭނާ ބަލަހައްޓާނެ..." އުސައިދް ބުނެލިއެވެ.

"އެންމެ ރަނގަޅު.. އެކަމަކު އެންމެ ދެމަސްދުވަސް.. އެޔަށްވުރެ އިތުރަށް އެންމެ ދުވަހެއްވެސް އެކޮޅު މަޑުކުރާކަށް އަޅުގަނޑު ބޭނުމެއްނޫން.." މަޑުމައިތިރި އަޑަކުން ރީއާން ބުންޏެވެ. އުސައިދްގެ މޫނުމައްޗަށް ހަމަޖެހުމުގެ އަސަރު ވެރިވީ ރީއާންގެ ޖަވާބު އަޑުއަހައިފައެވެ. އެންމެ ރަނގަޅޭ ބުނެ އަވަސް އަވަހަށް އޭނާ ޖަވާބު ދިނެވެ.

"އަދި އެއްކަންތައް... ޒައިވާއާ އެކު އެކަނި ދާކަށް އަޅުގަނޑު ނޭދެން... އެހެންވީމަ އަޅުގަނޑުމެންނާއެކު ސަމަދް ވެސް މި ދަތުރުގަ ބައިވެރިކުރަން ބޭނުން... އަޅުގަނޑަށް އޭނާގެ އެހީތެރިކަންވެސް ބޭނުންވާނެ..." އިސްޖަހައިގެން އެއިން ގޮތަށް އިނދެ ރީއާން ބޭނުންވާގޮތް ހާމަކޮށްލިއެވެ. އެކަމަށްވެސް ނުހަނު ފަސޭހައިން އުސައިދް އެއްބަސްވިއެވެ. ރީއާން އޭނާގެ އެދުން ގަބޫލުކުރަން ތައްޔާރަށްހުރި އިރު، އޭނާ އެދޭ ހުރިހައިކަމެއްވެސް ފުރިހަމަކޮށްދޭން އުސައިދް ބޭނުންވެއެވެ.

"ދަރިފުޅަށް ޒައިވާ ކަމުނުދަނީތަ؟" ކުޑަކޮށް ހިނިތުންވެލަމުން އުސައިދް އަހައިލިއެވެ. "މަޢާފުކުރޭ.. އެކަމަކު ބައްޕަމެން ތި އެދޭފަދަ ނަޒަރަކުން އަޅުގަނޑަށް ޒައިވާއާ ދޭތެރަކު ނުދެކެވޭނެ..." ދެއަތަށް ބާރުކޮށްލަމުން ރީއާން ބުނެލިއެވެ. "އެއްވެސް ކަމެއްގަ ބައްޕައާއި މަންމައަކީ ދަރިފުޅަށް މަޖުބޫރުކުރާނެ ބައެއްނޫން... ދަރިފުޅާ ގުޅުމަކީ ޒައިވާ ނުހަނު އެދޭ އެދުމެއްކަން އެނގޭތީ އެ ހުށައެޅުން ހުޒައިމްގެ ފަރާތުން އައީ... އެކަމަކު އޭގެ މާނައެއްނޫން ދަރިފުޅު ބޭނުންނުވާއިރު އެކަމެއްކުރުމަށް ބައްޕަ ދަރިފުޅު ގާތުން އެދޭނޭ... ދަރިފުޅުގެ ހާލަތު ބައްޕައަށް ވިސްނޭ.." އުސައިދްގެ އަޑުގައިވީ ކުލުންވެރިކަމެވެ. އޯގާތެރިކަމެވެ. ރީއާންއަކީ އޭނާ އާއި ޔާސްމީންގެ ދެލޮލުގެ ފިނިކަމެވެ. އެހިތުގެ ހަމަޖެހުމެވެ. އެ ދަރިފުޅަށް ކުޑަވެސް ދެރައެއް ލިބޭކަށް އެދެމީހުން ނޭދެއެވެ.

"ދެން ދިޔަސް އެންމެ ރަނގަޅު... ދަތުރުގެ ކަންތައް ހަމަޖެހުނުހައި އަވަހަށް ބައްޕަ އަންގާލާނަން... ސަމަދްއާ ދަރިފުޅު ވާހަކަދައްކާލާތި... ދަރިފުޅުމެން ދާންވާއިރަށް އެކޮޅުގަ ހުރި ގެ ތައްޔާރުކުރަން ބައްޕަ ޔަޒީދަށް އަންގާނަން.." ބައްޕަގެ ވާހަކަތަކަށް ބޯޖަހައިލުމާއެކު އިންތަނުން އަވަސް އަވަހަށް ރީއާން ތެދުވިއެވެ. އެތަނުން ނުދެވިގެން ލަސްވެފައި އޭނާ ހުރިފަދައެވެ. ހަލުވި ފިޔަވަޅުތަކެއްގައި ޓެރަހުން ނުކުމެގެން އައިސް އޭނާ ލިފްޓަށް އެރިއެވެ. ފުންނޭވާތަކެއް ލަމުންދިޔައީ އަމިއްލަ ނަފުސު ހަމައަކަށް އަޅުވަން ބޭނުންވެފައި ހުރެއެވެ. މޫނުގައި އަތްހާކައިލަމުން ލިފްޓުގެ އެއްފަރާތުގައި ރީއާން ލެގިލިއެވެ. ހާސްކަން އޭނާގެ ނަފުސަށް ވެރިވެފައިވީއިރު، ހިތުގެ ހިނގުންވެސް އައީ އަވަސްވަމުންނެވެ. އެނބުރި ނުދާނެކަމަށް އަމިއްލަ ނަފުސަށް ވަޢުދުވެފައި އައި އަމިއްލަ ވަޒަނަށް ދާންވުމުން ރީއާންގެ ތަބީއަތް ޚަރާބުވާގޮތްވިއެވެ. ލައިގެންހުރި ސޯޓުގެ ޖީބަށް ޖަހައިލެވިފައިވި ދެއަތްތިލަ މުށްކެވިގެން އައީ ބޭއިޚުތިޔާރުގައެވެ.

* * * * *

"ޔޭ... ގެސް ވަޓް.." ކޮޓަރިއަށް ވަތްގޮތަށް އެނބުރި ގަންނަމުން ލެޕްޓޮޕް ކައިރީގައި އިން އޭނާގެ ކޮއްކޮއަށް ބަލައިލައި ޒައިވާ ބުނެލިއެވެ. އޭނާ އުޅުނުގޮތްފެނި ހިނިއައިސްފައި ދެފަރާތަށް ބޯހޫރައިލަމުން އައިލީ ނިތްއަރުވައިލީ ވީގޮތެއް އަހައިލާފަދަ ގޮތަކަށެވެ.

"ފައިނަލީ... އަހަންނާއެކު ރާއްޖެ ދާން ރީއާން އެއްބަސްވެއްޖެ.. ކޭން ޔޫ ބިލީވް އިޓް އިލީ.." އެނދުމައްޗަށް ވެއްޓިގަންނަމުން ޒައިވާ ހީގަތެވެ. ލިބިފައިވި އުފައުވެރިކަން ސިއްރުކުރުން އޭނާއަށްވީ ދަތިކަމަކަށެވެ. ލެޕްޓޮޕް އެއްފަރާތް ކޮށްލަމުން ޒައިވާ ގާތުގައި އައިލީ ވެސް އޮށޯވެލިއެވެ.

"އުސައިދް އަންކަލް ދެންމެ ބައްޕައަށް ގުޅާފަ ބުނީ ރީއާންއާ ވާހަކަދެއްކި ވާހަކަ.. އަދި އޭނަ އެއްބަސްވި ވާހަކަ.. ސަމަދްވެސް އަހަރެމެންނާ އެއްކޮށްދާނެކަމަށް އަންކަލް ބުނީ.." އައިލީއާ ދިމާއަށް ބޯއަރިކޮށް ކުޑަކޮށް ބަލައިލަމުން ޒައިވާ އޮޅުންފިލުވައިދިނެވެ.

ޒައިވާ އާއި އައިލީ އަކީ ހުޒައިމްގެ މުޅި ދުނިޔެއެވެ. ކެންސަރު ބަލީގައި ލޯބިވާ އަނބިމީހާ ނިޔައުވެދިއުމަށްފަހު ހަޔާތަށް ވެރިވި ފަޅުކަން ފިލައިދިޔައީ އެދެމީހުންގެ ލޯބިވާ ދެ އަހެންދަރީންގެ ސަބަބުންނެވެ. އުމުރުގައި ދެއަހަރުގެ ފަރަގު ހުއްޓަސް ދެކުދިން ބޮޑުވީ ނުހަނު ގުޅިގެން އުޅެމުންނެވެ. އެކަކަށް ދިމާވާ ކޮންމެ ކަމެއް އަނެކަކާ ހިއްސާކޮށްގެނެވެ. ދެމެދުގައިވި ގުޅުން ވަރުގަދަވެފައިވީ އެހެންވެއެވެ.

ޒައިވާ ހަނދާން ހުންނަން ފެށީއްސުރެ ހުޒައިމްގެ އާއިލާ އާއި އުސައިދްގެ އާއިލާވެސް އުޅެމުން އައީ ލަންޑަންގައެވެ. ހުޒައިމް އާއި އުސައިދާ ދެމެދު އޮތް ގާތް އެކުވެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަވީ ދެމީހުން އެކުގައި ކުންފުންޏެއް ބިނާކުރި ހިސާބުންނެވެ. ދެއާއިލާ އެކުގައި ގިނަ ވަގުތުތަކެއް ހޭދަކުރާތީ އެންމެ ޅަ ދުވަހުންސުރެ ޒައިވާ ރީއާން ދަނެއެވެ. ކުޑައިރުއްސުރެ ދެމެދުގައިވި އެކުވެރިކަން ބޮޑުވެގެން އައި އިރު ކޮންމެވެސް ވަރަކަށް ހީނަރުވެގެންދިޔައީ ދެމީހުންގެ ޅަގޮތްފިލަން ފެށުމުންނެވެ. ޒައިވާގެ ކިބައިގައި އަށަގަންނަންފެށި ލަދުވެތިކަން، އެ އެކުވެރިކަން ކުރިއަށް ގެންދިއުމަށް ހުރަހަކަށް ވީއެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. ފުރާވަރަށް އެޅީއްސުރެ ޒައިވާގެ ހިތުގައިވީ ރީއާންގެ ފިރިހެންވަންތަ ތަސްވީރު ބިންވަޅު ނެގިފައެވެ. ހިތުގައި އަލަށް އުފެދެމުންދިޔަ ޖަޒުބާތުތައް ފުންވަމުންގޮސް ލޯތްބަށް ބަދަލުވީ ކޮންއިރަކުކަން ޚުދު ޒައިވާ އަށްވެސް ބުނެދޭކަށް ނޭނގެއެވެ. އެނގޭހައިވެސް އެއްޗަކީ އޭނާގެ ހިތުން ޖާގަ ދެވުނު ހަމައެކަނި ފިރިހެނަކީ ރީއާން ކަމެވެ. އުމުރު އެކުގައި ހޭދަކޮށްލުމަށް އެދޭ މީހަކީ އެއީ ކަމެވެ. ރީއާން އޭނާއާ މެދުގައި އެފަދަ ނަޒަރަކުން ނުދެކޭކަން އެނގޭއިރުވެސް ޒައިވާ އަށް ކުރިމަގަށް ކުރެވެމުންދިޔަ އުއްމީދުތައް ފޮންޏެވެ. ކޮންމެވެސް ދުވަހަކުން އޭނާގެ ލޯބިން ރީއާންގެ ހިތް ފަތަހަކުރުމަށް ޒައިވާ އެދެއެވެ. އެ އެދުން ފުރިހަމަ ކުރުމަށް އޭނާއަށް ކުރެވެން ހުރި ކޮންމެ ކަމެއް ކުރަން ޒައިވާ ހުރީ ތައްޔާރަށެވެ.

ޒައިވާގެ ހިތުގެ ހާލު ހުޒައިމް ދެނެގަތީ ބަހެއް ބުނުމަކާ ނުލައެވެ. އަންހެން ދަރިފުޅުގެ ހިތުގެ އެދުން ފުރިހަމަވުމަށް ޚުދު ހުޒައިމް ވެސް ނުހަނު ބޭނުންވެއެވެ. ޒައިވާ އަށްޓަކައި އެ ކައިވެންޏަށް އެދި އުސައިދްގެ ގާތަށް ދިޔައީވެސް ހުޒައިމް އެވެ. އެއީ އުސައިދްގެ ދެމަފިރިން ވެސް ނުހަނު ރުހޭ ކަމަކަށް ވިއެވެ. ނަމަވެސް ރީއާން އަށް އެއްވެސް މަޖުބޫރުކަމެއް ކުރިމަތި ކުރުވާކަށް އުސައިދްގެ އިތުރުން ހުޒައިމްވެސް ނޭދެއެވެ. ފަސްއަހަރު ކުރިން ރީއާންގެ ތަބީއަތަށް އައި ބޮޑު ބަދަލާއެކު އެފަދަ ގުޅުމަކަށް އެއްގޮތަކަށްވެސް ރީއާން ތައްޔާރުނުވާކަން އުސައިދްއަށް ވިސްނެއެވެ. ކައިވެނީގެ ވާހަކަތައް މަޑުޖައްސައިލީ ރީއާންގެ ދެކޮޅުހެދުންތަކުގެ ސަބަބުންނެވެ. ދިރިއުޅުމެއްފަށަން އޭނާ އެއްގޮތަކަށްވެސް ބޭނުންނުވާ ކަހަލައެވެ. ކިތަންމެ ހިތް އެދުނަސް އުސައިދަކީ ދަރިންގެ މިނިވަންކަމަށް އަރައިގަންނާނެފަދަ ބައްޕައެއް ނޫނެވެ. ހުޒައިމް ގާތުގައި ރީއާންއަށް ވަގުތު ދިނުމަށް އޭނާ އެދުނީ އެހެންވެއެވެ. ޒައިވާ އަށް މިހުރިހައި ކަމެއް އެނގުނު ހިސާބުން އޭނާގެ އުއްމީދުތައް ފުރިހަމަކުރުމަށް އިތުރު ހިތްވަރެއް ލިބުނު ފަދައެވެ. ކިޔެވުން ނިންމުމަށްފަހު ހުޒައިމްއާ އެކު އެ ކޮމްޕެނީއާ ގުޅުނީއްސުރެ ޒައިވާ ހުންނަނީ ރީއާންއާ އެކަހެރިކޮށް ވާހަކަދައްކައިލެވޭނެފަދަ ފުރުސަތަކަށް ބަލަބަލައެވެ. ނަމަވެސް ރީއާން އެ ފުރުސަތު ޒައިވާއަށް ދޭން ބޭނުންނުވާކަހަލައެވެ. ދެމީހުނަށް އެކުގައި ކޮށްލަން ލިބުނު ދަތުރުވެސް އޭނާ ސަމަދް ބައިވެރިކުރަން ބޭނުންވީ ޒައިވާގެ އެދުން މާކުރިންވެސް އޭނާއަށް ވިސްނޭތީއެވެ. ޒައިވާ އެދޭފަދަ އެއްވެސް ކަމެއް އޭނާގެ ކިބައިން ފުރިހަމަނުވާނެކަން އެނގޭއިރު، އެ އަންހެންކުއްޖާއަށް އެއްވެސް މާނައެއްނެތް އުއްމީދުތަކެއް ދިނުމަށް އޭނާ ނޭދެއެވެ.

"މިފަހަރު ދަތުރު ނިންމާފަ އަންނައިރު އިރާދަކުރެއްވިއްޔާ އަހަރެން ރީއާންގެ ހިތާ ހަމައަށް ކޮންމެ ގޮތަކުން ނަމަވެސް ވާސިލް ވާނަން.." ހުވަފެނީ ގޮތަކަށް ކޮޓަރީގެ ސީލިންގްއާ ދިމާއަށް ނަޒަރު ހުއްޓައިލައިގެން އޮވެ ޒައިވާ ބުނެލިއެވެ. ދޮންތައަށް ހިތްވަރު ދިނުމުގެ ގޮތުން އެއްޗެއް ބުނެލަމުން އޭނާގެ ގައިގައި އައިލީ ބައްދައިލީ ނުހަނު ލޯބިންނެވެ. ދައްތައަށްޓަކައި ހެޔޮ ދުޢާ ކުރާ ހާލުއެވެ.

* * * * *

ފަނޑުއަލިކަމެއް ވެރިވެފައިވި ކޮޓަރީތެރަށް ރާޔާއަށް ވަދެވުނު ގޮތެއް ނޭނގެއެވެ. ފަހަތުން ދޮރު ލެއްޕިއަޑާއެކު އަންހެންކުއްޖެއްގެ ވޭނީ ގިސްލުމުގެ އަޑު އޭނާގެ ކަންފަތުގައި ޖެހުނެވެ. ލަސްލަހުން ކޮޓަރީގެ އެއްފަރާތުގައި ހުރި އެނދާ ދިމާއަށް އޭނާ ބަލައިލިއެވެ. ފެނުނު މަންޒަރުން ރާޔާގެ ދެފައިދަށުން ބިންގަނޑު ދެމިގެންދިޔަ ފަދައެވެ. އެނދުމަތީގައި އޮތް އެ އަންހެންކުއްޖާގެ ހަށިގަނޑުން ގަދަކަމުން އުފާ ހޯދުމަށް ފިރިހެނަކު މަސައްކަތް ކުރަމުންދިޔައެވެ. އެ ހަށިގަނޑުގައިވީ ހެދުން އެކި ދިމަދިމާލުން އިރައިގެން ގޮސްފައިވީއިރު، ގިސްލައި ރޮމުންދިޔަ ހާލު އޭނާ އެދި އާދޭސްކުރަމުން ދިޔައީ އޭނާއަށް އެހެން ނުހެދުމަށެވެ. ސަލާމަތައްއެދި އެކުއްޖާ ތެޅިފޮޅެމުންދިޔައެވެ. އެއިން ކޮންމެ ފަހަރަކު އެފިރިހެންމީހާގެ އަތުގެ ހަމަލާއެއް އެކުއްޖާއާ އަމާޒުވަނީ މައިތިރިވެގެން އޮތުމަށް ބުނަމުންނެވެ. ރާޔާއާ އެ އަންހެންކުއްޖާގެ ހަތަރުކަޅި ބައްދަލުވީ ހިނދު ކަރުނުން ބަރާވެފައިވި ދެލޮލުން އެތައް ވާހަކައެއް ދެއްކިކަހަލައެވެ. ޒަޚަމްތަކުން ފުރިފައިވި އަތް އުނދަގުލުން ހިއްލައިލައި އޭނާ ރާޔާއާ ދިމާއަށް ދިއްކޮށްލީ ސަލާމަތްކޮށްދޭ ބުނާފަދަ ގޮތަކަށެވެ. ހުއްޓުން އަރައިފައިހުރި ރާޔާއަށް އެތަން ފެނުމާއެކު ކުރިއަށް ފިޔަވަޅެއް އެޅެން އުޅުނެވެ. އޭރު އޭނާގެ ދެލޮލުންވެސް ހުއްޓުމެއްނެތި ކަރުނަތައް ދިޔައީ ފައިބަމުންނެވެ. ކުރިއަށްއެޅި ފިޔަވަޅާއެކު އައި ނައިތަނެއް ނޭނގި ކުއްލިއަކަށް ފަހަތުން އޭނާގެ ގައިގައި މީހަކު ހިފެހެއްޓިއެވެ. އަދި ތަށިމުށިތަކާ ދިމާއަށް ވާހެން ކުރިއަށް އޭނާ ކޮށްޕައިލިއެވެ. ވެއްޓި ބޯޖެހުނުގޮތުން ރާޔާގެ ބޮލަށް އެނބުރުންއަރާ ގޮތްވިއެވެ. އެހެނަސް ހިތްވަރުކޮށްފައި އޭނާ މަސައްކަތްކުރަމުން ދިޔައީ އެއަންހެންކުއްޖާގެ ގާތަށް ދިއުމަށެވެ. އެވަގުތު ރާޔާގެ ގާތުގައިހުރި މީހާ އޭނާ އަނބުރައިލަމުން ގުދުވެ ރާޔާގެ ކަރުގައި ހިފައި ބާރުކޮށްލިއެވެ. އެމީހެއްގެ ކިބައިން ސަލާމަތްވާން ތެޅިފޮޅެމުންދިޔަ ރާޔާއަށް ސިހިފައި އެނދުގައި އޮތް އަންހެންކުއްޖާއާ ދިމާއަށް ބަލައިލެވުނީ ގަދަ އަޑުން އެކުއްޖާ ރޮއެގަތުމުންނެވެ. އެތައް ވޭނެއް އެ މައުސޫމު އަޑުގައި އެކުލެވިގެން ވިއެވެ. ކޮޓަރީގެ ހަތަރު ފާރުވެސް އެ ވޭނީ އަޑާއެކު ގުގުމައިގެންދިޔަ ކަހަލައެވެ. އެހިނދު ރޮއެގަންނަމުން ނޫނެކޭ ކިޔައި ރާޔާއަށް އަޑުގެކޮޅަށް ހަޅޭއްލަވައި ގަނެވުނެވެ.

(ނުނިމޭ)

Ads by Allied Insurance
  1. ހިޔަލަ

    ޑޯންޓް ޓެލް މީ ރާޔާ ގޭންގް ރޭޕްގެ ޝިކާރައަށްވިއްޔޭ އަދި 3 އަހަރުގެ ކުއްޖަކީ އެގޮތަށް ލިބިފަ ހުރި ކުއްޖެކޭ. އެންމެން އެކައްޗެއް ލިޔުނީމަ ތީތި ކަޑަ. ތަފާތު ވާހަކައެއް ކިޔާލަން ބޭނުމީ. އުންމީދަކީ އެހެންނުވެ މިވާހަކަ ތަފާތުވުން. ވޭޓިން ފޯ ނެކްސްޓް ޕާޓް

  2. ޛޖވބ

    ޞބބނ

  3. އީނާޝް

    ވަރަށް އިންޓްރެސްޓިންގ ސްޓޯރީއެއް.ކޮން ދުވަސްދުވަހަކު ވާހަކަ އަޕް ކުރަނީ؟