ވާހަކަ

އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސާދަވަނަ ބައި)

ނައުފާ ، ދެން އޮންލައިން
އިތުރަށް ހަމަ ލޯބި ވެވެނީ
▾ މި ވާހަކައިގެ ޢަދަދުތައް
އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ޓްރެއިލަރ) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފުރަތަމަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދެވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިންވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތަރުވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނުވަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދިހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެގާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސާދަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަނަރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސޯޅަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސަތާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ވިހިވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެކާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައުވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަންސަވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައްބީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެއްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބައްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަހުބައި)

ފަހަރަކު މީހެއްގެ މޫނަށް ވަކިވަކިން ބަލައިލަމުން ޖީލާން ބުނެލިއެވެ. ޒައިވާ އާއި އަނޫކް ބޯޖަހައިލިއެއްކަމަކު ހަރަކާތެއްވެސް ކޮށްނުލައި އެއިން ގޮތަށް ސަމަދު އިނީއެވެ. ސަމަދަށް ބަލަން އިނުމަށްފަހު ފުންނޭވައެއް ދޫކޮށްލަމުން ޖީލާން އޭނާގެ ވާހަކަތައް ފެށިއެވެ.

Ads by Hajj Corporation

* * * * *

ފަސް އަހަރު ކުރި

* * * * *

ގޭގެ ޕޯޓިކޯ ކުރިމައްޗަށް މަޑުކޮށްލި ކާރުން ފޭބި ދެފިރިހެން ކުދިން ހީ ސަކަރާތްޖަހަމުން ދުވެފައިކަހަލަ ގޮތަކަށް އައިސް ގޭތެރަށް ވަނެވެ. ބޮޑުކޮޓަރީގައި ހުރި ސޯފާތަކުން ސޯފާއަކަށް ވެއްޓިގަންނަމުން އަވަސްވެފައިވި ނޭވާ ހަމައަކަށް އަޅުވައިލައި އެކަކު އަނެކަކަށް ބަލައިލުމަށްފަހު ހިނިގަނޑެއް ޖަހައިލިއެވެ. އޭރު ގޭގައި އުޅޭ ނޯކަރުންގެ ތެރެއިން މީހަކު އެދެކުދިންގެ ފޮށިތައް ހިފައިގެން އައިސް ގެއަށް ވަންނަނީއެވެ. ފުޅާ ސިޑިން ލައިފައި އެމީހާ މައްޗަށް އަރައިގެން ދިޔައިރުވެސް އެތިބިގޮތަށް ސޯފާގައި ދެކުދިން ތިއްބެވެ.

"ފައިނަލީ.. އުފަން ގައުމަށްވެސް އައުމުގެ ނަސީބު ލިބިއްޖެ.." ދެލޯމަރައިލަމުން ހަށިފުރާ ނޭވާއެއް ދޫކޮށްލުމަށްފަހު އެތަނުން އެއްކުއްޖަކު ބުނެލިއެވެ. އެއަޑުގައިވީ އާދަޔާ ޚިލާފު ޖޯޝެއް އެކުލެވިފައެވެ. ހީވަނީ އެތައް ދުވަހަކު ބޭނުންވެގެން އުޅުނުކަމެއް ފުދުނީހެނެވެ. ނުފިލާ ހިނިތުންވުމެއް އެތުންފަތުގައި ރަސްކަން ކުރަމުންދިޔައިރު އޭނާގެ މޫނުގައިވީ ވަރުބަލިކަމެވެ.

"މީގެ ކުރިންވެސް އާދެވެން އޮތް.. ސަމަދު ނައީނު.." އޭނާއާ ޖެހިގެން އޮތް ފިރިހެންކުއްޖާ ކުޑަކޮށް ބޯއަރިކޮށްލަމުން ބުނެލީ ދިމާކޮށްލާފަދަ ގޮތަކަށެވެ.

"އާދެވޭތަ.. މަންމަ ހުންނަނީ އަބަދު ފާރައަށް.. މިފަހަރުވެސް މިއާދެވުނީ ފިލައިގެން މިހެން އައީމަ.. ބުނިނަމަ ޔަގީން އަހަރެން އަޔަނުދިނީސްކަން.. މަންމަ ހީވަނީ އަހަރެން ގެއްލިދާނެތީ އުޅޭހެން.." މޫނަށް ވައްތަރެއް ޖައްސައިލަމުން ސަމަދު ބުނެލިއެވެ. އެއާއެކު ދެން އޮތްކުއްޖާގެ ބާރު ހުނުމުގެ އަޑުން ބޮޑުކޮޓަރިތެރެ ގުގުމައިލިއެވެ.

"ނަސީބެއް އަހަރެންގެ މައިންބަފައިން އެހާ ކޫލްކަން.."

"އާން.. ރީއާން ހަމަ ނަސީބު ގަދައީ.. އަހަރެން މިތެޅޭ ހާލުގަ ތެޅޭކަށް ނުޖެހޭވިއްޔަ.." ރީއާންގެ ކޮނޑުގައި ހިފައި ކުޑަކޮށް ކޮށްޕައިލަމުން ސަމަދު ބުންޏެވެ. އެއާއެކު ރީއާންގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ.

"ދެން މިހެން ތިބެނީތަ.. ހިނގާބަލަ ފްރެޝްވެލައިގެން ބޭރަށް ގޮސްލަން.. ގެއަށް އައި މަގުމަތީގަވެސް ނިކަން ރީތި ކުދިން ދެކުނިން.."

"ސާބަސް.. އަދިވެސް ސަމަދުގެ ތިއުޅުން ދޫކޮށްލާކަށް ނުވޭތަ.. ވީ އާރ ނޮޓް ޓީނޭޖާރސް އެނީމޯރ.." ކަޅިމައްޗަށް ހިންގައިލަމުން ރީއާން ބުނެލިގޮތުން ސަމަދު ގާތަށް އައީ ނުލަފާ ހިންޏެކެވެ. "އަހަރެން ހިތްއެދޭ ކުއްޖަކު ފެނުނު ދުވަހަކުން ނޫނީ މިކަމެއް ނުހުއްޓޭނެ.. ދެންވެސް ތި އަނގަގަދަނުކޮށް ހިނގާބަލަ އަހަރެން ގޮވައިގެން.." ސަމަދުގެ އަޑުގައިވީ އާދޭހެވެ. ދެފަރާތަކަށް ބޯހޫރައިލަމުން ފުޅާ ސިޑީގެ ހަރުފަތްތައް ގިރާކުރުމަށްފަހު ކޮޓަރިތަކާ ދިމާއަށް ސަމަދުގެ ފަހަތުން ރީއާން ވެސް ދިޔައެވެ.

ރީއާންއާ ސަމަދަކީ އާއިލީ ގޮތުން ގުޅިފައިވި ދެކުދިންނެވެ. އެހެނަސް ރީއާންގެ މައިންބަފައިންގެ އެހުންނަ ހިތްހެޔޮކަމާއި ހިތްތިރިކަމެއް ސަމަދުގެ މައިންބަފައިންގެ ނުހުރެއެވެ. ޚާއްސަކޮށް އޭނާގެ މަންމަ އަދުނާ ގެއެވެ. އެމީހުނަށް ފިލައިގެން ސަމަދު އެދަތުރު ރީއާންއާ އެކުގައި އަންނަންޖެހުނީވެސް އެހެންވެއެވެ. ދެތިންފަހަރު ޗުއްޓީ ހޭދަކޮށްލަން ރީއާން ރާއްޖެ އައި ނަމަވެސް މިއީ ސަމަދު ރާއްޖެއަށް އައި ފުރަތަމަ ފަހަރެވެ. އައު ކަންކަން ތަޖުރިބާކޮށްލަން އެހައި ބޭނުންވެފައި އޭނާވީ އެހެންވެ ކަންނޭނގެއެވެ. އުމުރުން ތޭވީސް އަހަރު ފުރިފައިވިއަސް ދެމީހުންގެ މިޒާޖުގައި އެހުންނަ ސަކަގޮތް ފިލާގޮތެއް ނުވެއެވެ. މައިންބަފައިންގެ މުއްސަނދިކަމުން ދެޒުވާނުން އުފާހޯދަމުން ދިޔައީ ޚިޔާލެއް ފިކުރެއްނެތިއެވެ. ކިޔަވައި ނިންމައިލުމަށްފަހު މައިންބަފައިންގެ ވިޔަފާރިއާ ގުޅުމުގެ ކުރިން ދެޒުވާނުންވެސް ބޭނުންވީ ކުޑަކޮށް ބޯހަމަޖައްސައިލާށެވެ. އެ ދަތުރު އިސްވެހުރެ ރީއާން ރޭވި އެންމެ ބޮޑު ސަބަބަކީވެސް އެއީއެވެ. ރާއްޖޭގައި ހުރި ގެ އުސައިދު ދޫކޮށްނުލިކަން އެއީ ނަސީބެކެވެ. އެހެންނޫންނަމަ އެގޮތަށް އައިސް މިނިވަންކޮށްއުޅެލުން ވީހީ ދަތިކަމަކަށެވެ.

ހަވީރުގެ ހިތްގައިމު ވަގުތެވެ. އޮފީސްތައް ނިންމައިލުމަށްފަހު ގެއަށް ދާން ނުކުމެ އުޅުނު އެކި ފުރާވަރުގެ މީހުންތަކުން މަގުތައްވަނީ ތޮއްޖެހިފައެވެ. މަޑު ސްޕީޑެއްގައި ރީއާން ކާރު ދުއްވަމުން ދިޔައިރު، އޭނާއާ ޖެހިގެން ހުރި ސީޓްގައި ހިނިއައިސްފައި ކޮންމެވެސް ވާހަކަތަކެއް ދައްކަން ސަމަދު އިނެވެ. ކުއްލިއަކަށް ރީއާން ކާރު މަޑުކޮށްލި ގޮތުން ސިހިފައި އޭނާ ވެސް މަގުމައްޗާ ދިމާއަށް ބަލައިލިއެވެ. އޭރު ކާރުގެ ކުރިމަތީގައި ކުޑަކޮށް ފުރަގަސްވާނޭހެން ގުދުވެ އަންހެންކުއްޖަކު އޮތެވެ. ދެލޯބޮޑުވެފައި އޭނާ ރީއާންއަށް ބަލައިލާންވާއިރަށް ކާރުގެ ދޮރުހުޅުވައިފައި ރީއާން އޭގެން ފައިބައިފިއެވެ. އަވަސް އަވަހަށް ސީޓް ބެލްޓް ނައްޓައިލަމުން ސަމަދުވެސް ކާރުން ފޭބީ ވީގޮތެއް އޮޅުންފިލުވަން ބޭނުންވެފައި ހުރެއެވެ.

"ސޮރީ ވަރަށް ބޮޑަށް.. އެއްވެސް ގެއްލުމެއްވިތަ؟" ފަހަތުން އިވުނު ފިރިހެންވަންތަ ހިތްގައިމު އަޑުން ރާޔާގެ ގައިން ހީބިހި ހިލިގެންދިޔައެވެ. ކުއްލިއަކަށް ހަށިގަނޑު ތެދުކޮށްލުމާއެކު ފަހަތަށް އެނބުރިލަމުން އޭނާ ބަލައިލިއެވެ. ލައިގެންހުރި ހުދުކުލައިގެ ޖިންސްގެ ކަށިމައްޗާ ދިމާލުން ކުޑަކޮށް ހަޑިވެލުން ފިޔަވައި އޭނާއަށް އެއްވެސް ކަމެއް ނުވެއެވެ. އެޒުވާނާއަށް އިރުކޮޅަކު ބަލަން ހުރުމަށްފަހު ރާޔާ ދެބުމަގޮށްޖަހައިލީ ނުރުހުންވެފައެވެ.

"ޔޫ އޯލްމޯސްޓް ކިލްޑް މީ.." ދަތްތަކަށް ބާރުކޮށްލަމުން ރާޔާ ބުނެލިގޮތުން ރީއާންގެ ތުންފަތް ދެފަރާތަށް ދެމިލިއެވެ. އެއަންހެންކުއްޖާ ފެނުނީއްސުރެ ނޭނގޭ ބާރު މިނެއްގައި އޭނާގެ ހިތްދިޔައީ ތެޅެމުންނެވެ. އެސޫރަ ނޫން އެހެން ދިމާއަކަށް ބަލައިލާންވެސް އޭނާ ބޭނުންނުވާފަދައެވެ. ލާނެތް ގޮތަކަށް ހެވިފައި ރީއާން ބަލަން ހުންނަން ފެށުމުން ރާޔާ އިތުރަށް މޫނު ކުނިކޮށްލިއެވެ.

"ބިއުޓިފުލް.." ބޭއިޚުތިޔާރުގައި ހިތުގައިވީ ލަފުޒު ރީއާންގެ ދުލުން ބޭރުވިއެވެ. އެއާއެކު ދެލޯބޮޑުކޮށްލަމުން ބަސްހުއްޓިފައި ރާޔާއަށް ރީއާންގެ މޫނަށް ބަލައިލެވުނީ ގަބޫލުކުރަން ދަތިވީވަރުންނެވެ. ރީއާންއަށް ވެފައިހުރިގޮތް ފެނި ސަމަދަށް ނިތްއަރުވައިލެވުނެވެ. މަޑުމަޑުން ރީއާންގެ ކޮނޑުގައި އޭނާ ޖަހައިލިއެވެ. ހަމަބިމަށް އާދުވުނު މީހަކުފަދައިން ރީއާން ކަރުކެހިލަމުން އަވަސް އަވަހަށް ރާޔާގެ ކިބައިން މަޢާފަށް އެދުނެވެ. ތުންއަނބުރައިލަމުން އެއްވެސް ބަހެއްނުބުނެ ރާޔާ ކުރިއަށް ހިނގައިގަތީއެވެ. "ނަން ބުނެލާފަ ދާންވީނު.." ރާޔާއަށް އަޑުއިވޭވަރަށް ތަންކޮޅެއް ބާރަށް ރީއާން ބުނެލީ ހިނިއައިސްފައި ހުރެއެވެ. ރީއާންގެ އަޑަށް ކުޑަކޮށް ކޮނޑާދިމާލުން ފަހަތަށް ރާޔާ ބަލައިލި ނަމަވެސް އަޅައިނުލާ އޭނާ ހިނގުން ބާރުކޮށްލީއެވެ.

"އަހަރެންގެ ވާހަކަ ދައްކައެއްނު.. އަންހެންކުއްޖަކު ފެނިފަ ރީއާނަށް ތިވަރު ވެދާނެއެކޭ އަހަރެން ހިއެއްނުކުރަން.. އެކުއްޖާ ހީވީ ރީއާންއާ ހެދި އަހަރެންވެސް ރޮލާ ކާލަފާނެހެން ވިއްޔަ.. ކިރިޔާ ބިރުން ހަލާކުނުވީ.." ސަކަގޮތަކަށް މޭގައި ފިރުމައިލަމުން ރީއާންއާ ސަމަދު ދިމާކޮށްލިއެވެ.

"އެކަމަކު ބުނަން.. ހާދަ ރީތި މަންޖެއެކޭ ދޯ.. އެހެރަ ޗާލުކަން ފެނިފަ އަހަރެންގެ ހިތްވެސް.."

"ސްޓޮޕް އިޓް ސަމަދު.. އެއީ އަހަރެންގެ ކަމެއް.." ފަހަތުން އިސްތަށިގަނޑުގައި އަތްފުނާ އަޅައިލި ރީއާން ބުނެލިއެވެ. އޭރުވެސް އެތޫނު ދެލޯ އަމާޒުވެފައިވީ ކުރިއަށް ހިނގަމުންދިޔަ ރާޔާގެ އަންހެންވަންތަ ސޫރައަށެވެ. އަދިވެސް އެއްފަހަރު އެ މޫނާއި ކަޅިރަވަ ރީތި ދެލޯ ދެކިލުމަށް އޭނާގެ ހިތް އެދެމުންދިޔައީ ކެތްނުވާވަރަށެވެ. ނުފިލާނެފަދަ ކަރުހިއްކުމެއް ހަށީގައި އުފެދުނު ކަހަލައެވެ. އަވަސްވެފައިވި ހިތާދިމާލުން މޭގައި އަތްހިންގައިލުމާއެކު ލަސްފިޔަވަޅުތަކެއްގައި އޭނާ އައިސް ކާރަށް އަރައި ހަމަޖެހިލިއެވެ. ނުލަފާ ގޮތަކަށް ހެވިފައިހުރެ ސަމަދުވެސް އައިސް ކާރަށް އެރުމުން ރީއާން ކާރު ދުއްވައިލިއެވެ.

"އައްދެ އައްދޭ.. ހާދަ ވަރެއް ކޮށްލާފައޭ ތިހުރީ.." ގޭތެރަށް ވަތް ރާޔާގެ މޫނުން ފެށިގެން ފަޔާ ހަމައަށް ނަޒަރު ހިންގައިލި ޖީލާން ދިމާކޮށްލިއެވެ. ޖިންސްގައި ޖެހިފައިހުރި ބޮޑު ލައްގަނޑަށް ދެލޯހުއްޓުމާއެކު ރާޔާ މޫނު ކުނިކޮށްލިއެވެ. "ނޭނގެ.. ފާޑެއްގެ މީހާ ގަނޑެއްގެ ކާރުން ޖެހުނީ.. ހުދު ހެދުމެއް ލައިފި ދުވަހަކު މިނޫންވަރެއް ވޭތަ.." ތުންއަނބުރައިލަމުން އޭނާ އައިސް ޖީލާންއާ ޖެހިގެން ސޯފާގައި އިނށީނެވެ. އަދި ދެންމެ ކަންތައް ދިމާވިގޮތް ކިޔައިދނެވެ. ރާޔާ ޖައްސަމުންދިޔަ ވައްތަރުތަކުން ހިނިއައިސްފައި ޖީލާން އިނީ ބަހެއްވެސް ނުކިޔައެވެ. އެއްޗެއް ބުނެފިނަމަ ރާޔާގެ ރުޅިގަނޑު އިތުރަށްވާނީ ގަދަކަން އޭނާއަށް އެނގެއެވެ.

"ތިއެއް ނޫނޭ.. މިހާރު އިންޓަރވިއު އަށް ގުޅީތަ" މޫނުމަތީގެ ކުލަވަރު ބަދަލުކޮށްލަމުން ރާޔާ އަހައިލިއެވެ. "އާން.. އެހެންވެއޭ ރައްޔު ގާތު އޮފީސް ނިންމާފަ ދަމުން މިގެއަށް ވަދެލަން ބުނީ.. މާދަމާ ހެނދުނު ނުވައެއްޖަހާއިރު ދާން ޖެހޭ.. އަހަރެން ލާނެ ރީތި ހެދުމެއް ބުނެބަލަ.." ރާޔާގެ އަތުގައި ހިފައި އިންތަނުން ނަގަމުން ގެނެސް ކޮޓަރިއަށް ވެއްދުމަށްފަހު ޖީލާން ބުނެލިއެވެ. ބޯޖަހައިލަމުން ޖީލާންގެ ހެދުން އަލަމާރި ކައިރިއަށް ރާޔާ ޖެހިލިއެވެ.

ޖެހިގެން އައި ދުވަހު ފަތިހު ފަތިހާ ރީއާން ތެދުވިއެވެ. އޭނާގެ މަގުސަދަކަށްވީ އޮފީސްތަކަށް މީހުން ދިއުމުގެ ކުރިން ތައްޔާރުވެލައިގެން ބޭރަށް ނުކުތުމެވެ. ކުރިން ދުވަހު އެ އަންހެންކުއްޖާ ފެނުނު މަގަށް ކޮންމެހެންވެސް ދާން އޭނާ ބޭނުންވެއެވެ. ރޭ ހަތަރުދަމު އުޅެއުޅެވެސް އެ ސޫރަ ހިތުން ފިލާގޮތެއް ނުވިއެވެ. ހަނދާނުގައި ކުރެހިފައިވި އެތަސްވީރު ހަމަލޮލުން ދެކިލުމަށް އެދެވެނީއެވެ. ހެދުން އަޅައިފައިހުރި ގޮތުން އެކުއްޖާ ދިޔައީ އޮފީސް ނިންމައިފައިކަން އޭނާ ދެނެގަތެވެ. އެހެންވެއްޖެނަމަ އޮފީހަށް ދާއިރު އެމަގުން ދިއުންވެސް އެކަށީގެންވެއެވެ. ސަމަދު އަވަހަށް ނުތެދުވާކަން އެއީ އޭނާގެ ނަސީބެވެ. ތާޒާވެލައިގެން ނުކުތްގޮތަށް ކާރުގެ ތަޅުދަނޑި ހިފައިގެން އޭނާ ގެއިން ނުކުމެ އެއްފަރާތުގައި ހުރި ގަރާޖާދިމާއަށް މިސްރާބުޖެހިއެވެ.

މަގުގެ އެއްފަރާތުގައި ކާރު ޕާރކް ކޮށްލައިގެން ރީއާން އިނެވެ. އޭނާގެ ދެލޯ އަމާޒުވެފައިވީ އެވަގުތު މަގުގެ ދެފަރާތަށް ހިނގަމުންދިޔަ މީހުނަށެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން ކާރުގެ ސީޓުގައި އޭނާ ހަމަޖެހިލިއެވެ. ފިޔާތޮށިކުލައިގެ ގަމީސްކޮޅަކާއެކު މަޑު ކްރީމް ކުލައެއްގެ ޖިންސެއް ލައިގެން އެދިމާއަށް ހިނގައިފައި އަންނަ އަންހެންކުއްޖާ ލޮލުގައި އަޅައިގަތުމާއެކު އޭނާއަށް ހިނިތުންވެވުނީ ބޭއިޚުތިޔާރުގައެވެ. ހިތުގެ މުރާދު ހާސިލްވުމުން އެހިތް ތެޅިގަތީ އޮބިނޯންނަ ވަރަށެވެ. އަތުގައި އޮތް އައިނު ލޮލަށް ހެޔޮވަރުކޮށްލުމާއެކު ކާރުގެ ދޮރު ހުޅުވައިލަމުން އޭނާ ފޭބިއެވެ. ފުންނަޒަރަކުން އެއަންހެންކުއްޖާއަށް ބަލަހައްޓައިގެން ހުރީ އެހިސާބަށް އައިސް ހަމަވާނެ އިރެއްގެ އިންތިޒާރުގައެވެ.

"މިއަދު ހީވޭ ވަކިން ރީތިހެން.." ރާޔާ އައިސް އޭނާއާ ހަމަވުމާއެކު ރީއާން ބުނެލިއެވެ. އެއަޑަށް ސިހިފައި އިސްޖަހައިގެން ހުރި ރާޔާ އިސްއުފުލައިލަމުން ބަލައިލިއެވެ. ރީއާން ފެނުމާއެކު އޭނާގެ ދެބުމަ ގޮށްޖެހުނެވެ. އަވަސް އަވަހަށް ނަޒަރު ވަކިކޮށްލުމާއެކު އޭނާ ހިނގުން ބާރުކޮށްލިއެވެ.

"މަޑުކޮށްބަލަ.. އަދިވެސް ރުޅި އައިސްފަތަ.. އަހަރެން އިއްޔަ މަޢާފަށްވެސް އެދުނީމެއްނު.. މަޢާފުވެސް ނުކުރާނަންތަ.. އެޓްލީސްޓް ކިޔާ ނަން ބުނެލާފަ ދޭބަލަ.." ރާޔާގެ ފަހަތުން އޭނާއާ އެއްވަރަށް ހިނގައިގަންނަމުން ރީއާން ވާހަކަދެއްކީ އަވަސްއަރުވައިލައިފައެވެ. އެއްވެސް ޖަވާބެއް ނުދިންތަނުގައި އިސްއުފުލައި ރީއާންއާ ދިމާއަށް އޭނާ ބަލައިވެސް ނުލިއެވެ. އެވަރުން ހިތްވަރު އެލުވައިލާކަށް ރީއާން ގަސްދެއް ނުކުރިއެވެ. އެންމެކުޑަމިނުން ރާޔާ މަސައްކަތްކުރާ އޮފީސް ހުންނަތަން ހޯދުމަށް އޭނާ ހުރީ ނިންމައިގެނެވެ.

"އަހަންނަށް ކިޔަނީ ރީއާން.." ހިނިއައިސްފައި ސަލާމަށް އަތްދިއްކޮލަމުން ރީއާން ބުނެލިއެވެ. ދެންވެސް ރާޔާގެ ފަރާތުން އެއްވެސް އިޝާރާތެއް ނުވިއެވެ. "ނަން ބުނަން ބޭނުންނުވަންޏާ އިއްޔަ ކީ ގޮތަށް އަހަންނާ ދިމާއަށް އެއްޗެހިކިޔަސްވެސް މައްސަލައެއް ނެތޭ.. އެގޮތަށްވެސް ތިއަޑު އިވޭނަމަ އަހަންނަށް ފުދޭ.." ބޯއަރިކޮށް ރާޔާގެ ކުޑަ މޫނުކޮޅަށް ރީއާން ބަލައިލިއެވެ.

"ކިހާ ދެރަކަމެއް.. ކޮންކަމެއްތަ ބޭނުންވެގެން ތިއުޅެނީ.." ދަތްތަކަށް ބާރުކޮށްލަމުން ސިއްރެއް ފަދައިން ރާޔާ ބުނެލިއެވެ.

"އޯ ޔެސް.. ދެއަރ ޝީ ގޯސް.." ހިނިއައިސްފައި ރީއާން ބުނެލިއެވެ. ރާޔާގެ އަޑުގައިވީ ނުރުހުންތެރިކަންވެސް އޭނާއަށް ފާހަގަނުވާ ކަހަލައެވެ. ނުވަތަ ފާހަގަވިޔަސް އެކަން އެނގޭކަމަށް ގަސްތުގައި އޭނާ ނުހެދީއެވެ. "ކަލޭ ކުރާނެ އިތުރު ކަމެއްވެސް ނެތީތަ އަހަރެންގެ ފަހަތުން ތިއަންނަނީ.." މޫނަށް ވައްތަރެއް ޖައްސައިލަމުން ރާޔާ އަހައިލިއެވެ. "މިވަގުތު އަހަރެން ކުރަން ހުރި އެންމެ މުހިންމު ކަންތައް މިކުރަނީ.." ލައިގެންހުރި ޖިންސްގެ ޖީބަށް އަތްޖަހައިލަމުން ރީއާން ބުނެލިއެވެ. އެއާއެކު ރީއާންއާ ދިމާއަށް ކަޅިއަޅައިލަމުން އެތާ ކައިރީގައިހުރި އިމާރާތެއްގެ ދޮރު ރާޔާ ހުޅުވައިލިއެވެ. ފިޔަވަޅުތައް މަޑުޖައްސައިލަމުން އެއިމާރާތުގެ ދޮރުކައިރީގައި ހަރުކޮށްފައިހުރި ނަން ބޯޑަށް ރީއާން ބަލައިލިއެވެ.

"ކީއްވެ ތިހުއްޓުނީ.. އަހަރެންގެ ފަހަތުން މިތަނަށްވެސް ވަންނަން އާދޭ.." ފަހަތަށް އެނބުރި ރީއާނަށް ބަލައިލުމާއެކު ރާޔާ ބުނެލީ މަލާމާތުގެ ރާގަކަށެވެ. "ވަރަށް ބޭނުން ދޯ ތިކުއްޖާގެ ފަހަތުން އަހަރެން ތިތަނަށް ވައްދަން.." އެއްލޯ މަރައިލަމުން ލާނެތް ގޮތަކަށް ރީއާން ބުންޏެވެ. އެއާއެކު އަނގައިން ނުރުހުމުގެ އަޑެއް ލައްވައިލަމުން އަވަސް އަވަހަށް ރާޔާ އެތެރަށް ވަނެވެ. ފަން އިސްތަށިގަނޑުގައި އަތްހިންގައިލަމުން އިސްޖަހައިލިއިރުވެސް ރީއާންގެ ފިރިހެންވަންތަ ތުންފަތުގައިވީ ހިތްގައިމު ހިނިތުންވުމެއްގެ އަސަރެވެ.

އަވަދިނެތި މަސައްކަތުގައި އުޅުނު ރާޔާއަށް ހައިރާންކަމެއް ވެރިވީ އޮފީހުގައި އުޅޭ މަސައްކަތުމީހެއް އައިސް އޭނާއަށް ދިއްކޮށްލި މަޑު ފިޔާތޮށި ކުލައިގެ "ކާނޭޝަން" މާބޮނޑި ފެނިފައެވެ. އޭގައި ހިފަމުން ސުވާލުގެ ނަޒަރަކުން އެމީހާއާ ދިމާއަށް ރާޔާ ބަލައިލިއެވެ. ބަހެއް ނުބުންޏެއްކަމަކު ރާޔާގެ ސުވާލު ވިސްނުނު މީހަކުފަދައިން އޭނާ ދެކޮނޑު އަރުވައިލީ އެއީ ކާކު ދިން އެއްޗެއްކަން ނޭނގެއޭ ބުނުމުގެ ގޮތުންނެވެ. ރާޔާ ބޯޖަހައިލުމާއެކު އެމީހާ އެތަނުން ދިޔައެވެ. ވަގުތުން އަތުގައި އޮތް މާބޮނޑިއަށް ރާޔާގެ ނަޒަރު ހުއްޓުނެވެ. އޭގެ މެދުގައި ހަރުކޮށްލައިފައޮތް ކުޑަ ކާޑުކޮޅު އޭނާގެ ލޮލުގައި އަޅައިގަތީ އެވަގުތުއެވެ. މާބޮނޑި މޭޒުމަތީގައި ބާއްވަމުން އެކާޑުކޮޅު ނަގައި އޭނާ ބަލައިލިއެވެ.

"އައި ވިލް ނެވާރ ފޮގެޓް ޔޫ.." ރީތި އަތުލިޔުމަކުން އޭގައި ލިޔެލައިފައި ވިއެވެ. ތުންފަތުގައި ދަތްއަޅައިލަމުން ރާޔާއަށް އިސްޖަހައިލެވުނީ ވެރިވާން އުޅުނު ހިނިތުންވުން ގަދަކަމުން ހިފަހައްޓަން މަސައްކަތްކުރާ ފަދައިންނެވެ. ލަސްލަހުން އޭނާގެ ނަޒަރު އެއްފަރާތުގައި ހުރި ބިއްލޫރި ކުޑަދޮރުން ބޭރަށް ދަތުރުކޮށްލިއެވެ. އޭރު ޕާރކް ކޮށްލައިފައި އޮތް ކާރުގައި ލެގިލައިގެން، ހިނިއައިސްފައި އޭނާއާ ދިމާއަށް ބަލަހައްޓައިގެން ރީއާން ހުއްޓެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވެލުމާއެކު ރާޔާގެ ހިތުގެ ހިނގުން އިހުނަށްވުރެ އަވަސްވެލިއެވެ. އެއާއެކު މަޑު ޖަންބުކުލައެއް އެދޮން ކޯތާފަތަށް ފާއްދައިލީ ރީއާންގެ ތޫނު ނަޒަރު އަމާޒުވެފައި ހުރިގޮތުން ލަދުގަތްވަރުންނެވެ.

(ނުނިމޭ)

Ads by Ooredoo
  1. ހައިމް

    އައްދޭ.. ހާދަ ޗާލޭ

  2. ވާހަކަ އަޕް ކޮށްލާކަށް ނުވޭތަ