ވާހަކަ

އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިންވަނަ ބައި)

ނައުފާ ، ދެން އޮންލައިން
އިތުރަށް ހަމަ ލޯބި ވެވެނީ
▾ މި ވާހަކައިގެ ޢަދަދުތައް
އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ޓްރެއިލަރ) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފުރަތަމަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދެވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިންވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތަރުވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނުވަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދިހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެގާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސާދަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަނަރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސޯޅަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސަތާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ވިހިވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެކާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައުވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަންސަވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައްބީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެއްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބައްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަހުބައި)

އެމީހެއްގެ ކިބައިން ސަލާމަތްވާން ތެޅިފޮޅެމުންދިޔަ ރާޔާއަށް ސިހިފައި އެނދުގައި އޮތް އަންހެންކުއްޖާއާ ދިމާއަށް ބަލައިލެވުނީ ގަދަ އަޑުން އެކުއްޖާ ރޮއެގަތުމުންނެވެ. އެތައް ވޭނެއް އެ މައުސޫމު އަޑުގައި އެކުލެވިގެން ވިއެވެ. ކޮޓަރީގެ ހަތަރު ފާރުވެސް އެ ވޭނީ އަޑާއެކު ގުގުމައިގެންދިޔަ ކަހަލައެވެ. އެހިނދު ރޮއެގަންނަމުން ނޫނެކޭ ކިޔައި ރާޔާއަށް އަޑުގެކޮޅަށް ހަޅޭއްލަވައި ގަނެވުނެވެ.

Ads by MWSC

މަންޒަރު ބަދަލުވީ ކުއްލިއަކަށެވެ. ކުރިން އޭނާގެ ކުރިމަތީގައި ހުރި މީހާގެ ބަދަލުގައި މިހާރު ފެންނަން ހުރީ އެހެން ފިރިހެނެކެވެ. އެނދުމަތީގައި އޮތް އަންހެންކުއްޖާއަށް ވީނުވީ އެއްވެސް ނޭނގުނެވެ. ކޮޓަރިތެރޭގައި ރަސްކަން ކުރަމުންދިޔަ ފަނޑު އަލިކަމުގެ ތެރޭގައި ކުރިމަތީގައި ނުލަފާ ހިނިތުންވުމަކާއެކު ހުރި ފިރިހެންމީހާއަށް ރާޔާ ބަލައިލިއެވެ. އެއާއެކު އޭނާއަށް ހިންދިރުވައިލެވުނީ އެމީހާ އޭނާއާ ގާތަށް އަންނަން ފެށުމުންނެވެ. ތަށިމުށިތައް މަތީގައި ކޭއްތެމުން އެމީހަކާ ދުރަށް ދެވޭތޯ ރާޔާ ހިތްވަރުކުރަމުން ދިޔައެވެ. އޭނާއަށް ކާމިޔާބު ނުވާނެކަން އެނގޭއިރުވެސް މެއެވެ. އެމީހެއްގެ އަތުގައި އޮތް ބެލްޓް ރާޔާގެ ލޮލުގައި އަޅައިގަތީ އެވަގުތުއެވެ. ވާންމިއުޅެނީ ކިހިނެއްކަން އެނގި ރާޔާގެ ދެލޯ ކަރުނުން ފުރިގެން އައެވެ. ރާޔާގެ ނަޒަރު ސީދާވެލި ދިމާ ފެނުމުން، މަޑުމަޑުން އަތުގައި ބެލްޓް އެމީހަކު އޮޅައިލިއެވެ.

"ދައިސް... ހެ.. ހެޔޮނުވާނެ.. އަހަންނަށް ތިހެން ނުހަދާ.. އަހަރެން މީ.. ދައިސްގެ އަނބިމީހާއޭ..." ދެއަތް ޖޯޑުކޮށްލަމުން ރާޔާ އާދޭސްކޮށްލިއެވެ. އެހެނަސް އޭނާގެ އާދޭސްތަކުން އެމީހަކަށް އެއްވެސް އަސަރެއްކުރިހެނެއް ހިއެއްނުވެއެވެ. ރާޔާއާ ގާތްވެލުމާއެކު އަތުގައި ވަކި ހިސާބަކަށް އޮޅައިލައިފައިއޮތް ބެލްޓް މަޅައިލިއެވެ. ވަގުތުން އެމީހަކަށް ފުރަގަސްދެމުން ރާޔާއަށް ހަޅޭއްލަވައިގަނެވުނީ ވޭނުން ފުރިގެންވީފަދަ ގޮތަކަށެވެ.

ސިއްސައިގެން ގޮސްފައި ކުއްލިއަކަށް ރާޔާއަށް އޮތްތަނުން ތެދުވެވުނެވެ. ހިތުގެ ހިނގުން އޭރު ހުރީ އިންތިހާއަށް އަވަސްވެފައެވެ. ދާހިތްލާ ފޯވެފައި މީހާ އިނެއްކަމަކު ރާޔާގެ ހަށިގަނޑު އައީ ތުރުތުރުއަޅަމުންނެވެ. މޭގައި އަތްޖައްސައިލަމުން އެނދުގެ އެއްފަރާތުގައި ލޯބިކޮށް ނިދިފައިއޮތް ޔުމްނުއަށް އޭނާ ބަލައިލިއެވެ. ފެނުނީ ހުވަފެނެއްކަން އެނގޭ އިރުވެސް އެދެލޮލުން ފައުޅުވަމުން ދިޔައީ ޖެހިލުންވުމާއި ކަންބޮޑުވުމުގެ އަސަރުތަކެވެ. ފުންނޭވާއެއް ދޫކޮށްލަމުން އަމިއްލަ ނަފުސު ހަމައަކަށް އަޅުވައިލިއެވެ. ނިދިފިލައިފައިވި ދެލޮލުގައި އަތް އުނގުޅައިލި ވަގުތު ގެ ކައިރީގައި ހުރި މިސްތިކުން ފަތިސް ނަމާދުގެ ބަންގީގެ އަޑު ގުގުމައިގަތެވެ. ކުޑަވިއަސް ހިތްހަމަޖެހުމެއް ރާޔާއަށް އިހުސާސުވީ ބަންގީގެ އަޑުންނެވެ. ހޭވިފައިވި އިސްތަށިގަނޑުގައި އަތްހިންގައިލަމުން އޭނާ އެނދުން ފޭބިއެވެ. އަދި ހަރުގައި އޮތް ތުވާލި ހިފައިގެން އައިސް ފާޚާނާއަށް ވަނެވެ.

ހިތްބިރުގަންނަފަދަ ހުވަފެނެއް ރާޔާއަށް ނުފެންނަ ރެއެއް މަދުވާނެއެވެ. މީގެ ތިންއަހަރު ކުރިން އެކަން ފެށުނު ގޮތަށް، އެކަމަށް އެއްވެސް ނިމުމެއް ނެތްފަދައެވެ. އެހުވަފެންތަކަށް އާދަވެފައިވިއެއްކަމަކު، ހިތަށް ކުރުވާ ބިރުވެރި އިހުސާސުތަކަށް އަދިވެސް ރާޔާ ހޭނޭގޮތެއް ނުވެއެވެ. އެކަންކަމާ ކުރިމަތިލާން އޭނާ އައީ ކޮންމެ ދުވަހަކު ބޮޑު ހަނގުރާމައެއް ކުރަމުންނެވެ. ދިރިއުޅުމުގެ ކަންކަން ހަމައަކަށް އަޅުވަން އޭނާއަށް ދަތިވެފައިވީ އެ ހަނދާންތަކުން ލިބޭ ހިތާމަ އާއި ނުތަނަވަސްކަމުގެ ސަބަބުންނެވެ.

މާގަނޑުން އޮހެމުންދިޔަ ފިނި ފެންތިކިތަކުގެ ދަށުގައި ހުރިއިރުވެސް ރާޔާގެ ޚިޔާލުތަކުގައިވީ ދެންމެ ފެނުނު ހުވަފެނުގެ މަންޒަރުތައް ހަރުލާފައެވެ. ބޭއިޚުތިޔާރުގައި ބުރަކަށީގައި އޭނާއަށް އަތްޖައްސައިލެވުނެވެ. ދެފަރާތަށް ބޯހޫރައިލަމުން ފެންވަރައި ނިންމައިލުމަށްފަހު އައިސް ފާޚާނާގައި ހަރުކޮށްފައިހުރި ދިގު ދަނޑީގެ ކުރިމަތީގައި ހުއްޓިލިއެވެ. އޭގައި އަޅުވައިފައިއޮތް މަޑު ފިޔާތޮށިކުލައިގެ ތުވާލީގެ ބަދަލުގައި ރާޔާގެ ނަޒަރު ސީދާވެލީ ކުރިމަތީ ފާރުގައި ހަރުކޮށްފައިހުރި ލޯގަނޑުން ފެންނަމުންދިޔަ އަމިއްލަ ސޫރައަށެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު މަޑުމަޑުން ފަހަތަށް އެނބުރިލައި ބޯ އަރިކޮށްލުމަށްފަހު ލޯގަނޑުން ސާފުކޮށް ފެންނަންހުރި އޭނާގެ އަމިއްލަ ހަށިގަނޑަށް ބަލައިލިއެވެ. ބުރަކަށީގެ އެތަން މިތަނުގައި ހުރި ދިގު ލަކުނުތަކަށް ދެލޯ އަމާޒުވެލުމާއެކު ރާޔާއަށް ތުންފަތުގައި ދަތްއަޅައިލެވުނެވެ. މަޑު ތުރުތުރެއް އުފެދިފައިވީ އަތްތިލަ ހިއްލައިލައި އެތަނުން ޒަޚަމެއްގައި ރާޔާ އަތްހިންގައިލިއެވެ. ހިތަށް ކުރުވި ފުންއަސަރާއެކު ރާޔާގެ ދެލޯ ފެންކަޅިވާގޮތްވިއެވެ. މާޒީގެ އެތައް ހަނދާންތަކެއް ދެލޯ ކުރިމަތީގައި ތިލަވެގަތީ އަމިއްލަ އިޚުތިޔާރުން ބޭރުއެވެ. ދެފަރާތަށް ބޯހުރައިލަމުން އަވަސް އަވަހަށް ލޯގަނޑާ ނަޒަރު ވަކިކޮށްލިއެވެ. އެ ޒަޚަމްތަކަށް ރާޔާ ބަލަން ބޭނުންނުވަނީ އެހެންވެއެވެ. ހަނދާންކުރަން ނޭދޭ އެތައްކަމެއް ހަނދާންކޮށްދޭ އެއްޗެއްކަމުގައި މެނުވީ އެ ޒަޚަމްތައް ނުވެއެވެ. ތުވާލި ނަގަމުން އަވަސް އަވަހަށް ހަށިގަނޑުގައި ރާޔާ އޮޅައިލީ މުޅި ދުނިޔެއަށްވެސް ފޮރުވިގަންނަން ބޭނުންވެފައިހުރި މީހަކު ފަދައިންނެވެ.

ފަތިސް ނަމާދުން އަވަދިވުމާއެކު ދުޢާ އަށް ރާޔާ ދެއަތް އުފުލައިލިއެވެ. ހިތުގައި ފުނިޖެހިފައި އެތައް ހާސް ޝަކުވާތަކެއް އޭނާގެ ވެރި ރައްބުގެ ކުރިމަތީގައި ބަންޑުންވެގެން އައީ ކަރުނައިގެ ކުދި މުތީތަކުގެ ސިފައިގައެވެ. އޭނާއަށް ކެތްތެރިކަމާއި ހިތްވަރުދެއްވުން އެދި ތަކުރާރުކޮށް ރާޔާ ދުޢާކުރަމުން ދިޔައެވެ. އަލުން އައު ހަޔާތެއް ފަށައިގަންނަން ޚުދު ރާޔާވެސް ބޭނުންވެއެވެ. ކަށީނެތް ހިތްވަރުން ނެރިގެން ނަމަވެހެވެ. ޔުމްނުއަށް އުފައުވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ އޭނާ ނުހަނު އެދޭ ކަމެކެވެ. އެކަން ފުރިހަމަވުންވެސް އޮތީ ރާޔާގެ އަތްމަތީގައެވެ.

މުޞައްލަ އަލަމާރީގެ ކަބަޑެއްތެރަށް ލުމަށްފަހު ލަސްހިނގުމެއްގައި އައިސް ރާޔާ އިނށީދެލީ ކުޑަދޮރު ކައިރީގައި އެކަކަށް އިނށީދެވޭނޭހެން ބަހައްޓައިފައިހުރި ސޯފާ ގޮނޑީގައެވެ. އޭރު އޭނާގެ އަތުގައި އަލްބަމެއް އޮތެވެ. ގޮނޑީގައި ހަމަޖެހިލަމުން އުނގުމަތީގައި އޮތް އަލްބަމް އޭނާ ހުޅުވައިލިއެވެ. އެ އަލްބަމް ފުރިފައިވީ މުޅިންވެސް ކުޑައިރާއި ފުރާވަރުގެ އެކި ފޮޓޯތަކުންނެވެ. ފަހަރަކު ފޮޓޮއެއް ބަލަމުންދިޔަ ރާޔާއަށް ހުއްޓުންއަރާގޮތް ވިއެވެ. ދެލޯ ސީދާވެފައިވި ފޮޓޯގައި އޭނާ ފިރުމައިލީ ނުހަނު ލޯބިންނެވެ. އޭގައި ފެންނަންހުރީ ދެ އަންހެން ކުދިންނާއި އެއް ފިރިހެން ކުއްޖެކެވެ. މެދުގައި ރާޔާ ހުރިއިރު، އޭނާގެ ދެފަރާތަށް ވާގޮތަށް ދެން ތިބި ދެމީހުން ހުއްޓިގެންތިބީ ފުޅާ ހިނިތުންވުމަކާއެކުއެވެ. ރާޔާގެ ވައަތްފަރާތުގައި ލޯބި ގޮތަކަށް ހިނިއައިސްފައި ހުރި އަންހެންކުއްޖާގެ ސޫރައިގައި އޭނާ އަނެއްކާވެސް ފިރުމައިލިއެވެ. ކަރުނަތައް ދެލޮލަށް ބޮނޑިވިކަންވެސް އޭނާއަށް އިހުސާސުވީ އެ ތަސްވީރު ފުސްވެގެން ދިއުމުންނެވެ.

"ޔުނާ.." ބޭއިޚުތިޔާރުގައި ރާޔާގެ ދުލުން ބޭރުވިއެވެ. ދެލޯފިއްތައި ބާރުކޮށްލަމުން އަލްބަމް ގެނެސް މޭގައި ޖައްސައިލިއެވެ.

"އެ ދުވަސް އަނބުރާ އަންނާނެ ނަމައޭ ހިތަށް އަރާ.. އެކަމަކު އޭރުންވެސް އަހަރެން ވާނީ ފެއިލްކަން ޔަޤީން.. ނޫކް ބުނީ ތެދެއް.. މިއަދު އަހަރެމެންނަށް އޮތީ އެ ހަނދާންތަކާއެކު ދިރިއުޅެން ދަސްކުރުން.. ލައްކަ ދުވަހު މާޒީގެ ކަންކަމާމެދު ހިތާމަވެސް ކުރެވިއްޖެ.. އަބަދު ފަހަތަށް އެނބުރި އެކަމަށް ބަލަންވެއްޖެނަމަ، ދުވަހަކުވެސް ދިރިއުޅުމާގެން ކުރިއަކަށް ނުދެވޭނެ.. ކިތަންމެ ބޭނުންވިއަސް، ވީކަމެއް ނުވާކަމަކަށް ނުހެދޭނެކަން އަހަންނަށް ވެސް ވިސްނޭ.. ފަސޭހައެއްނުވާނެ.. ތިހަނދާންތަކާ ވަކިވުން އެއީ ކުރަން އެންމެ އުނދަގޫ ކަންތައް... އެކަމަކު.. މިއަދު އަހަރެން ހިތްވަރުކުރަންޖެހޭ.. އާން.. އަހަރެން ހިތްވަރުކުރާނަން.. އާ ދިރިއުޅުމެއް ފަށަން ބޭނުން.. މާޒީގެ ހިޔަނިން ރައްކާތެރިވެފައިވި.. ހަމައެކަނި ޔުންމު އަށްޓަކާ ނަމަވެސް.. އަހަރެން ކެތްތެރިވާނަން.. ނޫކް ބުނިފަދައިން.. މިއަދު އެ ތުއްތު ފުރާނައްޓަކާވެސް އަހަންނަށް މިކަން ކުރަން މަޖުބޫރު.. ކޮންމެވެސް ދުވަހަކުން ޔުނާ ފަޚުރުވެރިވާނެފަދަ މީހަކަށްވާން އަހަރެން ބޭނުން.. އަހަންނަށް މަޢާފުކޮށްދީ.." އަލްމަބްގައި ފިރުމަމުންދިޔަ ރާޔާގެ ދެލޮލުން ހޯސްލައިފައި ކަރުނަތައް ފައިބަމުންދިޔައެވެ. އަމިއްލަ ނަފުސަށް އޭނާ އެތައް ވަޢުދެއްވިއެވެ. ދެލޯ ހުޅުވައިލަމުން އޭނާ ބަލައިލީ އެނދުގައި އޮތް ޔުންމުގެ މައުސޫމް ސޫރައަށެވެ. އެހިނދު ފަނޑު ނަމަވެސް ހިނިތުންވުމެއް ހިކިފައިވި ރާޔާގެ ތުންފަތަށް ވެރިވިއެވެ.

* * * * *

ކުޑަ ގޮތަކަށް ސައިބޮއެގެން މޭޒުދޮށުން ތެދުވި ރީއާން ދެލޯ ކުރިމައްޗަށް ގެއްލުމާއެކު ޔާސްމީން ބަލައިލީ އޭނާ ގާތުގައި އިން އުސައިދުގެ މޫނަށެވެ. ކަންބޮޑުވުން އަދިވެސް ވީ ހަފަރާތުން އޭނާ ވަށައިލައިފައެވެ.

"އުސައިދަށް ޔަގީންތަ ތި ނިންމި ކަންތަކުގެ ސަބަބުން އަހަރެމެންގެ ދަރިފުޅަށް ދެރައެއް ނުލިބޭނެކަން.. ފަސް އަހަރު ކުރިން އެކުއްޖާ ކުރި ހިތާމަ އަލުން ތަކުރާރުވާކަށް އަހަރެން ނޭދެން.. އެ ދަރިފުޅު ހިތާމައިގަ ވާތަން ދެކޭކަށް އަހަރެންގެ މައި ލަގޮނޑިއަކަށް ކެތެއް ނުވާނެ.."

"ޔާސް.. ހަމަޖެހިބަލަ.. މާ އަވަހަށޭ ތި ކަންބޮޑުވަނީ.. އަހަރެމެންގެ ރީއާން އަކީ މީގެ ފަސް އަހަރު ކުރީގެ ރީއާން ނޫންކަން އަހަންނަށްވެސް ވިސްނޭ.. އޭގެ ފަހުން އޭނާ ރާއްޖެދާން ބޭނުންނުވާކަންވެސް އެނގޭ.. އެކަމަކު ކޮންމެވެސް ހިސާބަކުން އެކަންކަމާވެސް ކުރިމަތިލާން ޖެހޭނެއްނު.. އަބަދަކު އެއްގޮތަކަށް ކަންތަކެއްވެސް ނުވާނު.. އެދަރިފުޅު އެކަމުން އަރައިގަންނަން ފުރުސަތު ދޭން އަހަރެން ބޭނުން.. އެކަމު އޭގެ މާނައެއް ނޫނެއްނު، އޭނަ މާލެ ދާއިރަށް އެކުއްޖަކާ ބައްދަލުވާނޭ.. އަހަރެންގެ ހިތް ބުނޭ.. ޒައިވާއާ އެކު އެގޮތަށް ގިނަ ވަގުތު ހޭދަކުރެވެން ފެށީމަ ރީއާންގެ އުޅުމަށްވެސް ކޮންމެވެސް ވަރެއްގެ ބަދަލެއް އައިސްފާނޭ.. އެދަރިފު އުމުރު އެގޮތަށް ހުސްކޮށްލާކަށް އަހަރެންވެސް ބޭނުމެއްނޫން.. އެހެންނޫނަސް އަހަރެންމީ އެއްވެސް ކަމަކަށް ރީއާން އަށް މަޖުބޫރު ކުރާނެ މީހެއްނޫންކަން ޔާސްއަށް އެނގޭނެ.. އަހަންނަށް ކިރިޔާވެސް އެހެން ގޮތެއް އޮތްނަމަ މިއަދު މިގޮތަށް ކަންތައް ނުކުރީސް.." ޔާސްމީންގެ އަތްތިލައިގައި ލޯތްބާއެކު ފިރުމައިލަމުން އުސައިދު ބުނެލިއެވެ. އުސައިދުގެ ވާހަކަތަކަށް ބޯޖަހައިލިއެއްކަމަކު އަދިވެސް ޔާސްމީންގެ ފުށުން ފެންނަމުންދިޔައީ ކަންބޮޑުވުމެވެ.

"ދުވަހަކުވެސް ރީއާން އެފަދައިން ހިތާމަކުރަނިކޮށް އަހަރެން ނުދެކެން.. އެކުއްޖެއްދެކެ ހަގީގަތުގަވެސް އޭނާ އިންތިހާއަށް ލޯބިވީކަން އަހަންނަށް ވިސްނުނީ އެހެންވެ.. ހުރިހައިކަމެއް ހިނގި ތަނަކީ އެއީ.. ހިނިތުންވާންވެސް ރީއާން ހަނދާންނެތިއްޖެ ކަހަލަ.. ކުރިން އެއީ ކިހައި ސަމާސަކޮށް ހީހީފަ އުޅުނު ކުއްޖެއް.. ދެވަނަ ފަހަރަށް އެ ދަރިފުޅުގެ ހިތް ހަލާކުވާފަދަ ކަމެއް ކުރިމަތިވެދާނެތީ ބިރުގަންނަނީ.. އުސައިދް.. ރީއާން އެކޮޅު ހުއްޓަސް ބަރާބަރަށް އޭނާއަށް ވާނުވާ ބަލާތި.. މަސައްކަތް ނިމުނުހައި އަވަހަށް އަހަރެންގެ ދަރިފުޅު އަހަންނާ ހަމައަށް ގެނެސްދޭތި.. ސަމަދު ގާތުވެސް ބުނާތި ރީއާންއަށް ކިރިޔާކަމެއް ވިއަސް އަހަރެމެންނަށް އަންގަންވާނޭ.." އުސައިދްގެ އަތުގައި ހިފައި ބާރުކޮށްލި ޔާސްމީންގެ އަޑުގައިވީ އާދޭހެވެ. ލޯބިން ފުރިގެންވީފަދަ ގޮތަކަށް ޔާސްމީންގެ ކޯތާފަތުގައި ފިރުމައިލި އުސައިދް ބޯޖަހައިލަމުން ޔާސްމީން އެދުނު ކަންތައް ފުރިހަމަ ކޮށްދޭނެކަމުގެ ޔަގީންކަން ދިނެވެ.

* * * * *

ހަފްތާއެއް ތެރޭގައި ރީއާން މެންނަށް ރާއްޖެ ދެވޭނެ އިންތިޒާމް ހަމަޖެހުނެވެ. ދިއުމުގެ ކުރިން އޮފީހުގެ ހުރިހައިކަމެއް އަޔާން އަށް ރީއާން އޮޅުންފިލުވައި ދިނެވެ. އަދި އޭނާ ނެތީސް ކަމެއް ޖެހިއްޖެނަމަ އުސައިދަށް އެންގުމަށް ބުނެލިއެވެ. ރާއްޖެ ދާވާހަކަ ބުނީއްސުރެ ޒައިވާގެ މޫނުން ހިނިތުންވުން ފިލައިނުދެއެވެ. ރީއާން ފެނުނަސް އޭނާ ހުންނަނީ ފާޑެއްގެ ހިންޏެއް އައިއްސައެވެ. އެކަމުން އުނދަގޫވިއަސް އެކަން ފައުޅުކުރާކަށް ރީއާން ނޫޅެއެވެ.

ފްލައިޓަށް އެރުމުގެ ކުރިން ތަކުރާރުކޮށް ޒައިވާއަށް ރަނގަޅަށް ބެލުމަށް ރީއާނާއި ސަމަދުގެ ކިބައިން ހުޒައިމް އެދުނެވެ. ފުރަތަމަ ފަހަރަށް އަންހެން ދަރިފުޅު އޭނާއާ ވަކިން ތަނަކަށް ފޮނުވަން ޖެހޭތީ ހުޒައިމް ހުރީ ހިސާބަކަށް ހާސްވާގޮތް ވެފައެވެ. އޭނާގެ ވާހަކަތަކަށް ޖަވާބު ދިނީ ސަމަދެވެ. ބަހެއްވެސް ނުބުނެ އިސްޖަހައިލިގޮތަށް ރީއާން ހުރީ ފުން ޚިޔާލަކަށް ގެއްލިފައެވެ. ބޯރޑިންގްއަށް ގޮވައިލުމާއެކު އެމީހުން ފުރުވަން އައިސްތިބި މީހުނާ ސަލާމް ކޮށްފައި ތިން މީހުން ހިނގައިގަތީ އެކީގައެވެ. ސަމަދު ގާތުގައި ޒައިވާ ހުއްޓެއްކަމަކު އޭނާގެ ނަޒަރު ހުރީ ރީއާންގެ ފިރިހެންވަންތަ ހިތްގައިމު ސޫރައަށް ހުއްޓިފައެވެ. ހިތުގެ ހިނގުން އިހުނަށްވުރެ އަވަސްވެލުމާއެކު ރަކި ގޮތަކަށް ޒައިވާއަށް ހިނިތުންވެވުނެވެ.

(ނުނިމޭ)

Ads by Allied Insurance
  1. އީނާޝް

    ހާދަ ކުރޭ. ދެން ނެރޭބައި ދިގުކޮއްލައްޗޭ.

  2. ކިޔާ މީހާ

    ވާހަކައެއް ލިޔުނަސް އެ ވަނީ ލާރާ ލިޔާ ވާހަކަ ކޮޕީ ކުރަނީ ކަމަށް. ބަލަ ދިވެހި ބަހަކީ ލާރާ ގެ އެއްޗެއްތަ އޭނަ އަށް ކޮޕީ ރައިޓްސް އޮންނަން. އޭނަވެސް ވާހަކަ ލިޔުނީމަ ވީއެއްނު. ދެންތިބި ކުދިންވެސް ލިޔަނީ ހަމަ ވާހަކަ. ހަމަ އަޖައިބުވޭ ވާހަކަ ކިޔަން ތިބޭ ބައެއް މީހުން އެހާ ބުރާންތި ވީމަ. ވާހަކައެއް ހަމަ ކުއްޖަކު ލިޔާ އިރަށް ކޮޕީ ކޮށްފައޭ އޭގެ ވާހަކައޭ މީގެ ވާހަކައޭ ކިޔާ އިރު ފުރަތަމަ ވާހަކަ ފެށިގެން ކިޔޭތޯ އުޅެބަލަ. އޭރުން ވާނުވާ އެނގޭނެ….