ވާހަކަ

އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާރަވަނަ ބައި)

ނައުފާ ، ދެން އޮންލައިން
އިތުރަށް ހަމަ ލޯބި ވެވެނީ
▾ މި ވާހަކައިގެ ޢަދަދުތައް
އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ޓްރެއިލަރ) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފުރަތަމަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދެވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިންވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތަރުވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނުވަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދިހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެގާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސާދަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަނަރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސޯޅަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސަތާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ވިހިވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެކާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައުވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަންސަވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައްބީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެއްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބައްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަހުބައި)

"ރަހުމުގެ ކަންފުޅެއްވެސް ނެތީ ކަލޭގެ.. އެކުއްޖާއާމެދު ކުޑަވެސް ރަހުމެއް ހުރިއްޔާ ކަލޭ މިކައިވެންޏާ ރުހޭނެ.. ދެން ހެޔޮ.. އަހަރެން ދައްކަން ބޭނުންވި ވާހަކައެއްވިއްޔާ ދައްކައިފިން.. ގޮތް ނިންމާނީ ރާޔާ.." ރާޔާގެ ބަސްމަގު ހުރިގޮތުން ޚާލިދު ގާތަށްވެސް ރުޅިއަންނަގޮތް ވިއެވެ. އިތުރަށް އެންމެ ހިނދުކޮޅަކުވެސް އެތަނުގައި މަޑުކުރުމެއްނެތި އޭނާ އެތަނުން ދިޔައީއެވެ. މޭގައި އަތްޖައްސައިލަމުން ރާޔާއަށް ތުންފަތުގައި ދަތްއަޅައިލެވުނީ ލިބުނު މާޔޫސްކަމުންނެވެ. އެވަގުތު އެއްލިކަޅިއަކުން ކުޑަކުޑަކޮށް ކޮޓަރީގެ ދޮރުހުޅުވައިލަގެން ރޮވިފައި އޭނާއަށް ބަލަހައްޓައިގެންހުރި ޔުނާލް ރާޔާގެ ލޮލުގައި އަޅައިގަތެވެ. މަޑު އާހެއް ތުންފަތް ފޫއަޅުވައިލުމަށްފަހު ބޭރުވެލުމާއެކު އޭނާގެ ދެލޯވެސް ފުރިގެން އައީ ބަސްބުނާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭއެވެ.

Ads by MWSC

"ޔުނާ" ރާޔާގެ ތުންފަތް ފޫއަޅުވައިލުމަށްފަހު ނުކުތެވެ. އަވަސް ހަރަކާތަކާއެކު ޔުނާލް ދޮރުލައްޕައިލި ގޮތްފެނި ރާޔާއަށް އެދިމާއަށް ދެވުނު ގޮތްވެސް ނޭނގުނެވެ. ދޮރުފަތުގައި ޓަކި ޖަހައިލުމާއެކު ދޮރުހުޅުވުމަށް ޔުނާލްގެ ކިބައިން އޭނާ އެދުނެވެ. އިރުކޮޅެއްފަހުން ކުޑަކުޑަކޮށް ދޮރުހުޅުވައިލަމުން ޔުނާލް ބޭރަށް ބަލައިލިއެވެ. އެދެލޮލުން އޭނާ ގަދަޔަށް ރޮއެފައިހުރިކަން ހާމަވާން ހުއްޓެވެ. ރާޔާއަށް ބަލަން ހުރުމަށްފަހު ދޮރު އެހުރި ގޮތަށް ބަހައްޓަމުން އޭނާ ހިނގައިގަތީ އެތެރަށެވެ. ކުދި ފިޔަވަޅުތަކެއްގައި ކޮޓަރީތެރަށް ވަންނަމުން ރާޔާ ދޮރުލައްޕައިލިއެވެ. އޭރު އޭނާގެ ހިތް ދިޔައީ ގިސްލައި ރޮމުންނެވެ. ޚާލިދުގެ ވާހަކަތަކުން ޔުނާލްއަށް ވަރަށް އަސަރުކޮށްފިކަން އޭނާއަށް ވިސްނުނެވެ.

"އަހަރެން.. އަދި ކިޔަވަން ބޭނުން.. އަހަރެންގެ ހުރިހާ ހުވަފެންތަކެއް ހަގީގަތަކަށް ހަދަން ބޭނުން.. ދޮންތާ.. އަހަރެން އަދި ކައިވެންޏެއް ކުރާކަށް ބޭނުމެއްނޫން.. ޕްލީޒް ޕްލީޒް.. އަހަރެން ބިރުގަނޭ.." ރާޔާއަށް ފުރަގަސްދީގެން ހުރި ޔުނާލް އޭނާއާ ދިމާއަށް އެނބުރުމަށްފަހު ދެއަތް ޖޯޑުކޮށްލަމުން އާދޭސްކޮށްލިއެވެ. އޭރު އޭނާގެ ދެލޯފުރި ކަރުނައިގެ މުތީތައް ފައިބަމުންދިޔައެވެ. މަޑު ގިސްލުމެއް ޔުނާލްގެ އަނގައިން ބޭރުވީ އިޚުތިޔާރުން ބޭރުއެވެ. އޭނާގެ ޅަހިތަށް ކޮށްފައިވި އަސަރުފެނި ރާޔާ ބަސްހުއްޓޭގޮތް ވިއެވެ. އަވަސް އަވަހަށް އައިސް ލޯބިވާ ކޮއްކޮގެ ގައިގައި އޭނާއަށް ބައްދައިލެވުނެވެ. އޭނާގެ ހަށީގައި ފުރާނަ ހުރިހައި ހިނދަކު އެ ކޮއްކޮ ރައްކާތެރިކޮށްދޭނަމޭ ބުނެލާފަދަ އިންނެވެ. އެއްވެސް މީހަކަށް ޔުނާލްއަށް ދެރައެއް ނުދެވޭނޭ އެހަރަކާތްތަކުން ބުނާފަދައެވެ. ރާޔާގެ މޭގައި މޫނުފޮރުވައިލުމާއެކު ޔުނާލްއަށް ބާރަށް ރޮއެގަނެވުނެވެ. އޭނާގެ ސަބަބުން ދޮންތަގެ ހިތް ހަލާކުވެ އެދިރިއުޅުން ފުނޑުފުނޑުވާކަށްވެސް އޭނާ ނޭދެއެވެ. އެހެނަސް ޔުނާލްގެ އުފައުވެރިކަން އިސްކޮށްފިނަމަ ރާޔާއަށް ޖެހޭނީ އޭނާގެ އުފާތަށް ޤުރުބާންކުރަންކަން ވިސްނި ޔުނާލް ހިތުޖެހޭގޮތްވިއެވެ. ހަދާނެގޮތެއް ނުވިސްނި ސިކުނޑި ހާސްވާގޮތްވިއެވެ. ޚާލިދަކީ ވައުދެއް ވެއްޖެނަމަ އެންމެ ފަހުވަގުތާ ޖެހެންދެންވެސް އެވަޢުދެއް މަތީގައި ދެމިހުންނަ މީހެކެވެ. ވީއިރު އެހައި ފަސޭހައިން އޭނާ އެކަން ދޫކޮށްނުލާނެކަން ޔުނާލްއަށް ޔަގީންވަނީއެވެ.

"ކަންބޮޑުނުވޭ.. ޔުނާއަށް.. ޔުނާއަށް އެފަދަ.. ޤުރުބާނީއެއް ވާކަށް ނުޖެހޭނެ.." ނުހަނު އޯގާތެރިކަމާއެކު ޔުނާލްގެ ބުރަކަށީގައި ފިރުމައިލަމުން ރާޔާ ބުނެލިއެވެ. އޭރު އޭނާގެ ދެލޮލުންވެސް ހޯސްލައިފައި ކަރުނަ ފައިބަމުން ދިޔައެވެ. އަމިއްލަ އުފަލަށްވުރެ އަބަދުވެސް އޭނާ އިސްކުރާނީ ލޯބިވާ ކޮއްކޮމެންގެ އުފަލެވެ. އެކަމަށްޓަކައި ކިތަންމެ ބޮޑު ޤުރުބާނީއެއް ވާން ޖެހުނަސްވެހެވެ.

"އެކަމަކު.. އޭރުން ދޮންތައާ ރީއާންބެ.. އެހެން ވާކަށް ބޭނުމެއްނޫން.." ތުންފިއްތައިލަމުން ޔުނާލްއަށް ބުނެވުނެވެ.

"ޝްޝްޝް.. ޔުނާ އެކަމާ ނުވިސްނާ.. ހުރިހާކަމެއްވެސް އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ.." އަމިއްލަ ނަފުސަށް ހިތްވަރު ދޭ ފަދައިން ރާޔާ ބުނެލިއެވެ. އެއްޗެއް ބުނަން އަނގަ ހުޅުވައިލައިފައިވެސް ޔުނާލް ހިމޭންވިއެވެ. ނުބުންޏަސް ރާޔާގެ ބަސްތަކުގެ ފަހަތުގައިވި މާނަ އޭނާ ދެނެގަތީއެވެ. ހިތަށްކުރެވުނު ތޫނު ތަދާއެކު އޭނާގެ ނަފުސު ވަށައިލީ ކުށްވެރިކަމުގެ އިހުސާސުންނެވެ. ދެލޯމަރައި ފިއްތައިލެވުނީ ހިތަށް އަސަރުކުރި ވަރުންނެވެ.

ޖެހިގެން އައި ދުވަހުގެ ހަވީރުގެ ވަގުތެވެ. ގޭގެ ބެލް އަޅާ އަޑުއިވިފައި ސޯފާގައި ޓީވީ ބަލަން އޮތް ޖީލާން ކަންނެއް ގޮތަކަށް ތެދުވެގެން އައިސް ދޮރުހުޅުވައިލިއެވެ. ދޮރުމަތީގައި އިސްޖެހިފައި ހުރި ރާޔާ ފެނިފައި އޭނާއަށް ލިބުނީ ހައިރާންކަމެވެ. އޭނާ އަކީ އެހެންނާ އަންގައިނުލާ އެގެއަށް އަންނަ މީހެއް ނޫންވިއްޔާއެވެ. ރާއްޔުއޭ ކިޔައި ގޮވައިލެވުނީ އޭނާ ހުރިގޮތުން ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަން ވިސްނުމުންނެވެ. އިސްޖަހައިލިގޮތަށް ބަހެއްވެސް ނުބުނެ ރާޔާ ހުރީއެވެ. ނިތަށް ރޫއަރުވައިލުމާއެކު ރާޔާގެ އަތުގައި ހިފައި ޖީލާން ދަމައިލިއެވެ. އަދި ގޭތެރަށް ވެއްދުމަށްފަހު ދޮރުލައްޕައިލަމުން އޭނާ ގޮވައިގެން އައިސް ކޮޓަރިއަށް ވަނެވެ. އެނދުމަތީގައި އިނށީނުމަށް ބުނުމާއެކު ބަސްއަހާ ކުޑަކުއްޖަކު ފަދައިން ރާޔާ އައިސް އިނށީނެވެ. ދެންވެސް އޭނާގެ ކިބައިން ފައުޅުވަމުންދިޔަ ހިމޭންކަމުން އުނދަގޫވެފައިހުރެ ޖީލާން އެކި ސުވާލުތައް ކުރަންފެށިއެވެ.

"ރީއާންއާ ދެމީހުން މައްސަލައެއް ޖެހުނީތަ.." ރާޔާގެ މުށުތެރޭގައި އޮތް ފޯނު ރިންގްވާން ފެށުމުންވެސް އަޅައިނުލާ އޭނާ އިނުމުން ޖީލާން އަހައިލިއެވެ. މަޑުމަޑުން ދެފަރާތަށް ރާޔާ ބޯހޫރައިލީއެވެ.

"ދެން ކީއްވެ ރީއާންގެ ކޯލަށް ޖަވާބު ނުދިނީ.. ރައްޔު.. ވީގޮތެއް ބުނެބަލަ.. ތިހެން ކިތަންމެ އިރަކު އިނަސް ރައްޔު ނުބުނާހާ ހިނދަކު އަހަންނަކަށް ނޭނގޭނެ.. ބުނީމައެއްނު އަހަންނަށްވެސް ވިސްނޭ އެއްޗެއް ހިއްސާކުރަންވެސް އެނގޭނީ.. އަހަންނަށް އެނގޭ ކުއްލިއަކަށް މިގެއަށް ރައްޔު ތިއައީ ކަމެއް ވެގެންކަން.. އެހެންނާ ރައްޔު ހުންނަގޮތެއްވެސް ނޫން ތީކީ.. އެއްވެސް ދިރުމެއްނެތް.. އަޅެ ބުނެބަލަ.. ގޭތެރޭގަ ކަމެއް ވީތަ.. ނޫނީ ރީއާން އެއްޗެކޭ ބުނީތަ.. ތިދެމީހުންގެ ގުޅުން އޯކޭތަ.." ރާޔާގެ އަތުގައި ހިފައި ކުޑަކޮށް ތަޅުވައިލަމުން ޖީލާން ސުވާލުތައް އަމުނައިލިއެވެ. އެއާއެކު އެހުރިހައި އިރު ރާޔާ ހިފަހައްޓައިގެން ހުރި ކަރުނަތައް އޭގެ މަގާމު ދޫކޮށް ކޯތާފަތްމައްޗަށް ބަންޑުންވާން ފެށިއެވެ. ގިސްލަގިސްލާފައި އޭނާ ރޯންފެށީ ކޮންޓްރޯލްކުރަން އުނދަގޫވެފައި އިން މީހަކު ފަދައިންނެވެ. ޖީލާންއަށް ލިބުނު ސިހުމުގައި ތެޅިގަނެފައި ރާޔާއާ ގާތަށް ޖެހިލެވުނެވެ. އޭނާގެ ދެކޮނޑުގައި ހިފައި ގާތްކޮށްލުމާއެކު އަވަސް އަވަހަށް އޭނާ މަސަލަސްކުރެވޭތޯ ޖީލާން އުޅުނެވެ. ހިތަށް ލިބިފައިވި ހާސްކަމާއި ކަންބޮޑުވުން އިތުރުވެގެން ދިޔައެވެ. ވަރަށް ބޮޑުކަމެއް ވެއްޖެކަމުގެ އިންޒާރު ސިކުނޑި ދޭން ފެށިއެވެ. އެކިއެކި ޚިޔާލުތަކުން ހިތް ވަށައިލުމާއެކު ޖީލާންއަށް ތުންފަތުގައި ދަތްއަޅައި ބާރުކޮށްލެވުނެވެ.

ރާޔާ ހަމައަކަށް އެޅުނީ އެތަށް އިރަކު ރުއިފަހުންނެވެ. މަޑުމަޑުން ޖީލާންއާ ދުރުވުމާއެކު އިސްޖަހައިލައިގެން އިނދެ ވެގެން އުޅޭގޮތް ފެށިގެން ނިމެންދެން ޖީލާންއަށް އޭނާ އޮޅުންފިލުވައި ދިނެވެ. ބުނާނެ އެއްޗެއް ނޭނގި ބަސްހުއްޓިފައި އިރުކޮޅަކު ޖީލާން އަށްވެސް އިނދެވުނީ ޚާލިދުގެ ނުބައިކަން ހިތަށް އަރާފައެވެ. އެފަދަ ގޮތަކަށް އޭނާ ކޮށްދިން ކަންތަކުގެ ބަދަލު ދިނުމަށް ރާޔާގެ ކިބައިން އެދިފާނެކަމަކަށް ފަހަރެއްގައިވެސް ޖީލާންއަށް ހީވެފައެއް ނެތެވެ. އަދި އަމުދުން ޔުނާލްއާ މެދުގައި އެހައި އިހާނެތިކޮށް ކަންތައްކުރުމަށް އޭނާ ވިސްނައިފާނެކަމަކަށް ކުޑަކޮށްވެސް ޖީލާން ހިއެއްނުކުރެއެވެ. ރާޔާއަށް މަޖުބޫރުކުރުމަށް ޚާލިދަށް ފެނުނު އެންމެ މޮޅު ގޮތަކީ އެއީކަމުގައި ޖީލާން ދެކުނެވެ. ހިތަށް ވެރިވި ރުޅިވެރިކަމުގައި އޭނާއަށް ދަތްކުނޑި ވިކައިލެވުނެވެ.

"ރައްޔު ނުޖެހޭނެ އޭނަ ބުނާހައި ގޮތެއް ހަދާކަށް.." ދެބުމަ ގޮށްޖަހައިލަމުން ޖީލާން ބުންޏެވެ. އޭނާގެ އަޑުގައިވެސް ހިސާބަކަށް ނުރުހުމުގެ އަސަރު ހުއްޓެވެ. "ނޫން.. އަހަރެން.. އަހަރެންނަށް.. މި ނޫން ގޮތެއް ނެތް.." އިސްޖަހައިލައިގެން އިން ރާޔާގެ ދެލޮލަށް އަނެއްކާވެސް ކަރުނަތައް ބޮނޑިވެ ގަތެވެ. "ވަޓް.. ނޫން ރައްޔު.. ރީއާން ގާތު ތިވާހަކަތައް ބުނަންވީނު.. ކޮންމެވެސް ގޮތެއް އަހަރެމެންނަށް ހޯދޭނު.." ދެފަރާތަކަށް ބޯހޫރައިލަމުން ޖީލާން ބުނެލިއެވެ. ދެންވެސް އެއިން ގޮތަށް އިނދެ ހަމަހިމޭންކަމާއެކު އެކަމަށް ރާޔާ ދެކޮޅު ހެދީއެވެ.

"ރީއާންއަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނެތް.. ބޭބެގެ ގޮތް އަހަންނަށް ރަނގަޅަށް އެނގޭ ޖިލީ.. ބޭބެ ބުނިކަމެއް ކޮށްފަ ނޫނީ ނުހުއްޓާނެ.. އައި.. އައި ކާންޓް ޑޫ ދެޓް ޓް މައި ލިޓްލް ސިސްޓާރ.." އަނގަމަތީގައި އަތްއެޅުމާއެކު ރާޔާއަށް ދެލޯފިއްތައި ބާރުކޮށްލެވުނެވެ. ދިރިއުޅުން މިއަދު އޭނާ ގެނެސް އެވައްޓައިލީ ދުވަހަކުވެސް އަރައިނުގަނެވޭނެފަދަ ފުން އަނދަވަޅަކަށެވެ.

"އެކަމަކު.." ބުނަން ބޭނުންވި ވާހަކަތައް ފުރިހަމަ ކުރާނެ ގޮތެއް ޖީލާން އަކަށް ނުވިސްނުނެވެ. ރާޔާގެ ވާހަކަތައް ޚުދު އޭނާވެސް ގަބޫލުކުރެއެވެ. ޚާލިދުގެ ގޮތް އެހެން މީހަކު އޭނާއަށް ކިޔާދޭކަށް ނުޖެހޭނެއެވެ. "ރައްޔުއަށް ނުކެރެންޏާ އަހަރެން.. އަހަރެން ރީއާންއާ ވާހަކަދައްކަންތަ.." އިރުކޮޅަކު ވިސްނަން އިނދެފައި ޖީލާން އެއްސެވެ.

"ނޫން ނޫން.. ރީއާންއަށް އެއްވެސް ކަމެއް އެނގޭގަށް ބޭނުމެއްނޫން... އޭނަ މި ދޭތެރަށް ވަދެއްޖެނަމަ އޭނައަށް ކޮންމެފަދަ ގޮތެއް ހަދާކަށްވެސް ބޭބެ ފަހެއް ނުޖެހޭނެ.. ކިތަންމެ ދަށު ދަރަޖައަކަށް ވެއްޓެން ޖެހުނަސް ބޭބެ ބުނެފިކަމެއް ކުރާނެ.. އަހަރެންގެ ސަބަބުން ރީއާންއަށް އެއްވެސް ދެރައެއް ލިބޭކަށް ބޭނުމެއްނޫން.." އުނގުމަތީގައި ޖޯޑުކޮށްލެވިފައި އޮތް ދެއަތްތިލައަށް ބާރުކޮށްލަމުން ރާޔާ ބުނެލީ އުނދަގުލުންނެވެ. "ދެން ތިބުނަނީ.. އެމީހާގަނޑު ބޭނުންވާ ގޮތާ ރުހޭނީއޭތަ.. އެންމެނަށްޓަކައި ރައްޔު ގުރުބާންވާނީއޭތަ.." ހިތްހަމަނުޖެހިފައި ޖީލާން އަހައިލިއެވެ. "އަހަރެން.. ވަރަށް ވިސްނައިފިން.. މި.. މި ނޫން ގޮތެއް.. ނެތް.." ރާޔާގެ އަޑު ބެދޭގޮތްވިއެވެ. އިތުރަށް އެންމެ ލަފުޒެއްވެސް ދުލުން ބޭރުކުރުން އޭނާއަށްވީ ދަތިކަމަކަށެވެ. މިވަގުތު އޭނާއަށް އެންމެ މުހިންމީ އަމިއްލަ ކޮއްކޮ އެ ކަމުން ސަލާމަތްކުރުމެވެ. އަމިއްލަ އުފާތަކަށްވުރެ އޭނާ އިސްކުރާނީ ޔުނާލްގެ އުފަލެވެ. ވީއިރު ދެކޮޅަށް އެކަމުގައި އޭނާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. އެފަދަ ގޮތަކަށް ޚާލިދު އޭނާއަށް މަޖުބޫރު އެކުރީވެސް އެހުރިހައިކަމެއް ރަނގަޅަށް ދެނެހުރެއެވެ. އޭނާގެ ބަލިފަޔަކީ ޔުނާލްކަން އެނގޭތީއެވެ. ކިތަންމެ ހިތްހަމަނުޖެހުނަސް ރާޔާގެ ނިންމުމާ ދެކޮޅަށް ކަމެއް ކުރާކަށް ޖީލާންއަކަށް ނުކެރުނެވެ. ކަމެއް ކޮށްފިނަމަ ދެން ވާނެގޮތް ރަނގަޅަށް ވިސްނޭތީއެވެ. ފިޔަވަޅެއް ނެގުމަށް ޚުދު އޭނާވެސް އެހިނދު ޖެހިލުންވީއެވެ.

"ކޮބާ.. އަދިވެސް އަހަރެންނަށް ޖަވާބެއް ދޭކަށް ނުވޭތަ.." ގޭތެރަށް އަޅައިލި ފުރަތަމަ ފިޔަވަޅާއެކު ރާޔާގެ ކަންފަތުގައި ޖެހުނީ ޚާލިދުގެ އަޑެވެ. ބަހެއްވެސްނުބުނެ އަޑުވެސް އިވޭކަމަށް ނުހަދާ ރާޔާ މިސްރާބުޖެހީ އޭނާގެ ކޮޓަރިއާ ދިމާއަށެވެ.

"ބުނަންތަ ރަނގަޅު ވާހަކައެއް.. ކަލޭގެ މަންމަ ނިޔާވަމުން އެދިޔައީ އަމިއްލައަށް ހިތުން ރުހުމުން އަހަރެންނާ ކަލޭމެން ހަވާލުކޮށްފަ.. މިއަދު އެމަންމަގެ ނިންމުމަށް ކަލޭމެންވެސް ޤަދަރުކުރަން ޖެހޭނެ.. އަހަރެން ބުނި ކޮންމެ ކަމަކަށް ބޯލަނބާ ކިޔަމަންވާން ޖެހޭނެ.. ކަލޭގެ މަންމަ ދުނިޔޭ ހުރިނަމަވެސް އަހަރެންގެ ނިންމުމާ ގަބޫލުވީސްކަން ޔަގީން.. އަހަރެން ކުރަން މިބުނަނީ ގޯސްކަމެއް ނޫން ވިއްޔަ.. އަދި ބުނަން.. ކަލޭ ކޮންމެ ވައްތަރެއް ޖެއްސިޔަސް ޖެހޭނީ ހަމަ އަހަރެން ބުނާ ގޮތަކާ ރުހެން.. ދެކޮޅަށް އެންމެ ކަމެއް ކުރަން ރޭވިޔަސް އަހަރެންމީ ނުބައި މީހެއްކަން ދައްކާލާނަން.. ޔުނާލްއަށް ނޫނީ އަނޫކްއަށް ދެރަގޮތެއްވާން ބޭނުންނުވަންޏާ އަހަރެންގެ ބަސްގަބޫލުކޮށް މިކައިވެންޏާ ރުހޭ.. ހީނުކުރާތި އަނޫކް ދުރުގަ ހުރީމަ އަހަރެންނަށް އެއްވެސް ކަމެއް ނުކުރެވޭނޭ.. އެކުދިންގެ ރައްކާތެރިކަންވެސްވީ ކަލޭގެ އަތްމަތީ.. ނުގޮތަކަށް އެންމެ ފިޔަވަޅެއް އެޅިޔަސް، ހަނދާންކުރާތި.. އެއިން އެކަކުވެސް ސަލާމަތެއް ނުވާނެ.." ޚާލިދުގެ އަޑުގައިވީ އިންޒާރެވެ. ހުރިފިޔަވަޅުމަތީގައި ގަނޑުވެފައި ޖެހި ބުދެއްހެން ރާޔާ އަށް ހުރެވުނީ ގުޑިލަންވެސް ނުކުރިފައެވެ. ޚާލިދު އެހައި ނުލަފާ ވެދާނެކަމަށް އޭނާ ހިއެއްނުކުރެއެވެ. އެވަރުގެ ނުބައި ރޭވުންތައް އޭނާއަށް ރާވަން ކެރިދާނެބާއެވެ. ހާސްކުރުވަނިވި ޚިޔާލުތަކުން ސިކުނޑި ތޮއްޖެހުމާއެކު ކޮއްކޮމެންގެ ރައްކާތެރިކަމާ ދޭތެރޭ ރާޔާ އަށް ވިސްނައިލެވުނެވެ. އެންމެ ހިނދުކޮޅަކުވެސް އެހެން އެއްވެސް ކަމަކާމެދުގައި ވިސްނައިލާކަށް އޭނާ ބޭނުމެއްނުވިއެވެ. ޚާލިދުގެ އިންޒާރުގެ ބަސްތައް ކަންފަތްބުޑުގައި ގުގުމަމުން ދިޔައީ އިތުރަށް އެހިތުގައި ބިރުވެރިކަން އުފައްދަމުންނެވެ. އަމިއްލަ ބަދުނަސީބާމެދު ރާޔާ އަށް ޝަކުވާކޮށްލެވުނެވެ. އާރެއް ބާރެއްނެތް ނިކަމެއްޗެއްގެ ގޮތުގައި އޭނާއަށް އިހުސާސުކުރެވެންފެށީ އިންތިހާއަށެވެ.

"އަހަރެން.. ގަ.. ގަ.. ގަބޫލު.." އުނދަގޫ ގޮތަކަށް ރާޔާ ބުނެލިއެވެ. އެއާއެކު ޚާލިދުގެ ތުންފަތަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. ފަޅި ސުކުންތުކޮޅަކުވެސް އެތަނުގައި މަޑުކޮށްލުމެއްނެތި އޭނާ އަވަސްވެގަތީ އެއުފާވެރި ޚަބަރު ދައިސް އަށް ދިނުމަށެވެ. ލަސްނުކޮށް ކައިވެނީގެ ކަންތައް އަވަސްކުރުމަށް ބުނުމަށެވެ.

ދެވަނަ ފަހަރަށް ރާޔާގެ ފޯނަށް ރީއާން ގުޅަންފެށީ އެވަގުތުއެވެ. ކަރުނުން ފުސްވެފައިވި ދެލޮލުން ދިއްލެމުންދިޔަ ސްކްރީނަށް އަރައިފައިވި ރީއާންގެ ނަމަށް ރާޔާ ބަލައިލިއެވެ. އެބެލުމުގައިވީ ހިތްތަދިކަމެވެ. ވޭނެވެ. ޝަކުވާއެވެ. ނޭފަތް އެތެރަށް ދަމައިލުމާއެކު ތުރުތުރުއަޅަމުންދިޔަ އަތުން ރީއާންގެ ކޯލު ރާޔާ ބިޒީކޮށްލީއެވެ. އޭނާއާ ކުރިމަތިލާނެ ހިތްވަރެއް ރާޔާގެ ނެތެވެ. ބުނާނެ އެއްޗެއް ނުވަތަ ދައްކާނެ ވާހަކައެއްވެސް އެސިކުނޑިއަކަށް ނުވިސްނުނެވެ. މުށުތެރޭގައިވި ފޯނަށް ބާރުކޮށްލެވުމާއެކު ހުރިދިމާލަށް އޭނާއަށް ތިރިވެވުނީ އިތުރަށް ކެތްނުވެގެން ކަހަލައެވެ. ދުނިޔެ އޭނާއާ މި ކުރިމަތި ކުރުވީ ކޮންފަދަ ވޭންދެނެވި އިމްތިޙާނެއް ހެއްޔެވެ؟

(ނުނިމޭ)

  1. ނިނީ

    އަޅޭ އެ ޙާލިދު ހާދަ ނުލަފައޭ.. މާޝާ ﷲ ވަރަށް ރީތި އިނގޭ މި ޕާޓުވެސް