ވާހަކަ

އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފުރަތަމަ ބައި)

ނައުފާ ، ދެން އޮންލައިން
އިތުރަށް ހަމަ ލޯބި ވެވެނީ
▾ މި ވާހަކައިގެ ޢަދަދުތައް
އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ޓްރެއިލަރ) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފުރަތަމަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދެވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިންވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތަރުވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނުވަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދިހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެގާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސާދަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަނަރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސޯޅަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސަތާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ވިހިވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެކާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައުވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަންސަވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައްބީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެއްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބައްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަހުބައި)

އިރުއޮއްސެމުން ދިޔަ ވަގުތު މުޅި އުދަރެހަށް ފެތުރިފައިވީ ހިތްގައިމު އަސަރުތަކެކެވެ. ކުޅަދާނަ ކުރެހުންތެރިއެއްގެ ފިހިން މުޅި އުޑުމަތި ފަވައިއަޅައިލައިފައި އޮތްފަދައެވެ. ބަލައިލި ކޮންމެ ދިމާލަކުން ފައުޅުވަމުން ދިޔައީ ޤުދުރަތުގެ ފުރިހަމަކަމެވެ. އެހެނަސް އެމަންޒަރަށް ޝައުޤުވެރިކަމާއެކު ބަލަން މަދު ބަޔަކު ނޫނީ ނެތެވެ. މަގުތައް ތޮއްޖެހިފައިވީ ދެކޮޅަށް ދުއްވަމުންދިޔަ އުޅަނދުތަކާއި ހިނގަމުންދިޔަ މީހުންތަކުންނެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ދުނިޔެއަކަށް ގެއްލިފައިވީ ފަދައެވެ.

Ads by Sosun Fihaara

ޔޫ.އެޗް ކޮމްޕެނީގެ އެންމެ މަތީ ފަންގިފިލާގައި ހުރި ކެބިންގެ ބިއްލޫރި ކުޑަދޮރު ކައިރީގައި ހުއްޓިލައިގެން ރީއާން ހުރީ ގަދަ އޮރެންޖް ކުލައިން ޖަރީވެފައިވި އުދަރެހަށް ނަޒަރު ހުއްޓައިލައިގެންނެވެ. ކުޑަދޮރުގެ ތުނި ފަރުދާތަށް ދެފަރާތަށް ކަހައިލައިފައި ހުރުމުން އެމުޅި ސަރަހައްދު ނުހަނު ހިތްގައިމުކޮށް އެތަނުން ފެންނަން ހުއްޓެވެ. މަގުތަކުގައި ހޭލަމޭލަވަމުން ދިޔަ މީހުނަށް ރީއާންގެ ކުޑަވެސް ސަމާލުކަމެއް ނެތެވެ. އެއްދިމާއަކަށް ދެލޯ އަމާޒުކޮށްލެވިފައި ވީއިރު އެމޫނުމަތިން އެއްވެސް އަސަރެއް ފައުޅެއް ނުވެއެވެ. އެހެނަސް އޭނާ ހުރީ ކޮންމެވެސް ފިކުރެއްގައިކަން އެހުރިގޮތުން އެނގޭހައިވެއެވެ.

އުސްއިމާރާތްތަކުގެ ފަހަތަށް ގޮސް އިރު ގެއްލުމާއެކު ކެބިން ތެރަށް ވެރިވެފައިވި އަލިކަން ފަނޑުވެލިއެވެ. ލައިޓްތައް ޖެއްސުމުގެ ޝައުޤެއް ރީއާންގެ ނެތްފަދައެވެ. އެހުރި ތަނުގައި ގުޑިވެސް ނުލައި އޭނާ ހުއްޓެވެ. ލައިގެންހުރި ކަޅުކުލައިގެ ފަޓުލޫނުގެ ޖީބަށް ޖަހައިލެވިފައިވި ދެއަތްތިލަ މުށްކެވިގެންދިޔައީ އިޚުތިޔާރުން ބޭރުގައި ހިތާއި ނަފުސަށް ވެރިވެގަތް ޚިޔާލުތަކަކުންނެވެ. ކޯކަށިގަނޑަށް ވާންވެލިގޮތުން އެ ޚިޔާލުތަކުން އޭނާއަށް އުނދަގޫވީވަރު ހާމަކޮށްދެއެވެ. ދެފަރާތަށް ބޯހޫރައިލުމާއެކު ފުންނޭވާއެއް ދޫކޮށްލަމުން އޭނާ އިސްޖަހައިލިއެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން މަޑުމަޑުން ކުޑަދޮރުގެ ފަރުތާދައް ކެބިންތެރެ ނިވައިވާނެ ފަދައިން ކަހައިލިއެވެ. ކަޅުކުލައިގެ އެކްޒެކެޓިވް ގޮނޑީގައި އަޅުވައިލައިފައިހުރި އޭނާގެ ކޯޓު ނަގައި ގަޔަށް މަހައިލަމުން ކެބިންއިން ނުކުންނަށް ރީއާން މިސްރާބުޖެހިއެވެ.

ޑިއުޓީ ގަޑި ނިމިފައިވުމުން އެވަގުތު އޭނާ ނޫން މީހަކު އެތަނުގައި ނެތެވެ. ކެބިން ތަޅުލުމަށްފަހު ލިފްޓާ ދިމާއަށް ހިނގައިގަތް އިރުވެސް އާދަޔާ ޚިލާފު ހިމޭންކަމެއް ރީއާންގެ ތަބީއަތަށް ވެރިވެފައިވިއެވެ. އޮފީސްތަޅުލުމަށްފަހު މަޑު ހިނގުމެއްގައި އައިސް އެ އިމާރާތުގެ ޕާރކިން އޭރިއާގައި އޮތް ކާރަށް އޭނާ އެރިއެވެ.

ދަގަނޑު ގޭޓް ހުޅުވިއަޑަށް ބޮޑު ކޮޓަރީގައި މަޖައްލާއެއް ހިފައިގެން އިން އުސައިދް ފަހަތަށް އެނބުރި ބަލައިލިއެވެ. ހުޅުވައިފައިހުރި ކުޑަދޮރުން ގޭތެރޭގައިއޮތް ހިމަމަގުން ލައިފައި ގަރާޖާއި ދިމާއަށްދިޔަ ކާރުފެނި އޭނާ ހިނިތުންވެލިއެވެ. އަތުގައި އޮތް މަޖައްލާ ލައްޕައިލަމުން އިންތަނުން އޭނާ ތެދުވިއެވެ. ކުޑައިރުކޮޅެއްފަހުން ގޭތެރަށް ވަދެގެން އައި ރީއާން ފެނިފައި އޭނާގެ ހިނިތުންވުން ފުންވެލިއެވެ. ދަރިފުޅާއޭ ކިޔައި ނުހަނު ލޯބިން ރީއާންއަށް ގޮވައިލިއެވެ. އުސައިދުގެ އަޑަށް ރީއާން ކުރަމުންދިޔަ ޚިޔާލުތައް ވިއްސިވިހާލިގެން ދިޔަކަހަލައެވެ. ލައްބައޭ ބުނަމުން އުސައިދް ހުރި ދިމާއަށް އޭނާ އެނބުރުނެވެ.

"ހާދަ ލަސްވީ.." ބަހެއްނުބުނެ ރީއާން ހުންނަން ފެށުމުން އުސައިދް ވާހަކަދެއްކިއެވެ. "މާދަމާގެ މީޓިންގް އަށް ނިންމަންޖެހޭ ޑޮކިއުމެންޓްސް ތަކެއް ހުރީމަ މަޑުކޮށްލީ.." ރީއާންގެ އަޑުގައިވީ މަޑުމައިތިރިކަމެވެ. އުސައިދް ބޯޖަހައިލިގޮތުން ރީއާން އެ އިޝާރާތްކުރާ ކަންތައް އޭނާއަށް ދޭހަވެއްޖެކަން އަންގައިދެއެވެ.

"ދެން ދޭ އަވަހަށް ފެންވަރައި ތާޒާވެލަން... މިރޭ އިޝާ ނަމާދުފަހުން ޓެރަސްއަށް ދަރިފުޅު އަންނައްޗޭ... ދަރިފުޅާ ދައްކަންވެފަ އޮތް ވަރަށް މުހިންމު ވާހަކަތަކެއް އެބަހުރި..." އުސައިދްގެ މޫނުމައްޗަށް ކޮންމެވެސް ވަރަކަށް ހާސްކަން ވެރިވެގެންދިޔައީ އެ ވާހަކަތަކުގެ މަތިން ހަނދާންވެފައެވެ. ދެއްކެން އުޅެނީ އެއްގޮތަކަށްވެސް ރީއާން ގަޔާވާނެފަދަ ވާހަކަތަކެއް ނޫންކަން އޭނާއަށް ވިސްނެއެވެ. އެހެނަސް މިއަދު އޭނާއަށް އެނޫން އިތުރުގޮތެއް ނެތީއެވެ. ބައްޕަގެ މޫނަށް ފަރުވާތެރިކަމާއެކު ބަލަން ހުރެފައި ލަސްލަހުން ރީއާން ބޯޖަހައިލިއެވެ. އަދި ދިއުމުގެ ހުއްދައަށް އެދެމުން ފުޅާ ސިޑީގެ އެއްފަރާތުގައިހުރި ލިފްޓާ ދިމާއަށް އޭނާ ހިނގައިގަތެވެ. ރީއާން ދިޔަދިމާއަށް ބަލަން ހުރި އުސައިދަށް ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނެވެ. ތުނިތުނިކޮށް ފަޅައިފައިހުރި ތުނބުޅީގައި މަޑުމަޑުން އަތްހާކާއިލުމާއެކު އިހު އިންތަނުގައި އޭނާ އައިސް އިނށީނެވެ.

މިސްކިތުން އައި ގޮތަށް ޓެރަސްއަށް ދިއުމަށް މިސްރާބުޖެހި ރީއާންއަށް ބަދިގެތެރެއިން ނުކުތް ޔާސްމީން ގޮވައިލިއެވެ. އޭނާގެ އިންތިޒާރުގައި ކާކޮޓަރީގައި އުސައިދް އެބައިންކަމަށް ބުނެލިއެވެ. ސުވާލުގެ ނަޒަރަކުން ޔާސްމީންއަށް ރީއާން ބަލަން ފެށުމުން ވާހަކަދައްކާނީ ކައިނިންމައިގެން ކަމުގައި އޭނާ ބުންޏެވެ. ބޯޖަހައިލުން ފިޔަވައި އެއްވެސް ވާހަކައެއް ރީއާން ނުދައްކައެވެ. ޔާސްމީންގެ ފަހަތުންގޮސް ކާކޮޓަރީތެރަށް އޭނާވެސް ވަނީއެވެ. ރޭގަނޑުގެ ކެއުމަށް އިންސާފުކުރެވެމުންދިޔަ ވަގުތު މުޅި އެމާހައުލަށްވީ ހަމަހިމޭންކަން ވެރިވެފައެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ޚިޔާލުތަކުގައި ބަނދެވިފައިވީ ކަހަލައެވެ. ޔާސްމީންގެ މޫނުމަތިން މާޔޫސްކަން ފައުޅުވަމުންދިޔައީ އިސްޖަހައިލައިގެން އިނދެ ލަސްލަހުން ކަމުންދިޔަ ރީއާން ފެނިފައެވެ. ކަންބޮޑުވެފައި އޭނާއަށް އުސައިދަށް ބަލައިލެވުނެވެ. އެއާއެކު ދެލޯ މަރައިލަމުން އުސައިދް ބޯޖަހައިލީ ހުރިހައިކަމެއްވެސް ދާނީ އެންމެ ރަނގަޅަށޭ ބުނެލާފަދަ ގޮތަކަށެވެ. ބަހެއްވެސް ނުބުނެ ކައި ނިންމައިލުމަށްފަހު ފާޚާނާއަށް ވަދެލައިފައި އެބަ އަންނަންކަމުގައި ބުނަމުން އިންތަނުން ރީއާން ތެދުވިއެވެ. އެއާއެކު ޓެރަހަށް އައުމަށްބުނެ މޭޒުދޮށުން އުސައިދްވެސް ތެދުވިއެވެ. އެދެބަފައިންގެ ހަރަކާތްތަކަށް ބަލަންއިން ޔާސްމީނަށް ތުންފަތުގައި ދަތްއަޅައިލަމުން އިސްޖަހައިލެވުނެވެ. އުސައިދް ދައްކަން އެއުޅޭ ވާހަކަތަކެއްގެ ސަބަބުން ރީއާންއަށް ކަމެއްވެދާނެތީ އޭނާ އިނީ އިންތިހާއަށް ކަންބޮޑުވެފައެވެ. އެހެނަސް އުސައިދްގެ ނިންމުމާ ދެކޮޅަށް އެއްޗެއް ބުނަން ބޭނުންނުވާތީ އޭނާ ހިމޭންކަން ޚިޔާރުކުރީއެވެ.

* * * * *

ސިޓިންގްރޫމްގައި ދެކޮޅަށް ހިނގައިލަ ހިނގައިލައި އަނޫކް ހުރީ ހާސްކަމެއްގެ ތެރޭގައެވެ. އަތުގައި އޮތް ފޯނަށް އޭނާއަށް ބެލުނު އަދަދެއްވެސް ބުނެދޭކަށް ނޭނގެއެވެ. މޫނުގައި އަތްހިންގައިލުމާއެކު އެއްފަރާތުގައި ހުރި ސޯފާގައި އޭނާ އިނށީނީ ގޭގެ ދޮރު ފެންނާނެހެންނެވެ. ހީވާގޮތުން ކޮންމެވެސް މީހަކަށް އޭނާ އިންތިޒާރު ކުރަނީއެވެ. ޓީވީ މައްޗަށް ވާގޮތަށް ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް އިރުއިރުކޮޅުން އަނޫކްގެ ނަޒަރު ދަތުރުކޮށްލައެވެ. އެއާއެކު ދަތްކުނޑި ވިކައިލަމުން އަތުގައިއޮތް ފޯނަށް އޭނާއަށް ބާރުކޮށްލެވުނީ ހިތްހަމަނުޖެހިފައި އިނދެއެވެ.

* * * * *

ހިމަފޮދު ވާރޭގެ ތިކިތައް އޮއްސައިގަތީ ކުއްލިއަކަށެވެ. އެއާއެކު ޖެހެމުންދިޔަ ރޯޅިތަކުގައި ތެތްފިނިކަން އެކުލެވިގެން ދިޔައެވެ. ރޭގަނޑުގެ އަނދިރީގައި ސަހަރާއަށް ފެތުރިފައިވީ ހިތްބިރުގަންނަފަދަ އަސަރުތަކެކެވެ. ނަމަވެސް ސަހަރާގެ މެދެއްހައި ހިސާބުގައި ހުއްޓިލައިގެން ކުރިމަތީގައިހުރި މަހާނައަށް ބަލަހައްޓައިގެން ހުރި ރާޔާގެ ހިތަށް ކުޑަވެސް ބިރުވެރިކަމެއް ނުވަންނަފަދައެވެ. ހަށަންބަނދެލައިގެން ހުރިއިރު އެރީތި ދެލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައީ އަމިއްލަ އިޚުތިޔާރުން ބޭރުއެވެ. ދެލޯމަރައި ފިއްތައިލުމާއެކު ދެތުންފަތް ދެމެދުން މަޑު އާހެއް ބޭރުވެގެން ދިޔައެވެ. އެތަނުގައި އެކަނިމައި އެކަނި އޭނާ ހުންނަތާ ކިތަންމެ އިރެއް ފާއިތުވެ ގޮސްފިއެވެ. އެހެނަސް ހުރި ފިޔަވަޅުމަތިން ގުޑިލަންވެސް ރާޔާ ނޭދޭކަހަލައެވެ.

"އަހަންނަށް މަޢާފުކުރާނަންތަ؟" މަހާނައަށް ނަޒަރު ސީދާކޮށްލުމާއެކު ހިތާހިތުން ރާޔާ އަހައިލިއެވެ. ހިތުގައި އުފެދެމުންދިޔަ އުދާސްތަކާއެކު ދެލޮލުން ފައިބަމުންދިޔަ ކަރުނަތައްވީ އިތުރެވެ. ގިސްގެ އަޑު ބޭރުވެލިވަގުތު އޭނާއަށް އިސްޖަހައިލެވުނީ ކުށްވެރިއަކު ފަދައިންނެވެ. ފިނިވެގެންގޮސް މީހާ ތުރުތުރުއަޅަން ފެށުމުން ފަހުފަހަރަށް އެ މަހާނައަށް ބަލައިލުމަށްފަހު އެތަނުން ނުކުންނަން އޭނާ ހިނގައިގަތެވެ.

* * * * *

ގޭގެ ދޮރުހުޅުވައިލައިފައި އެތެރަށްވަތް ރާޔާ ފެނިފައި އިންތަނުން ފުންމައިގެން އަނޫކް ތެދުވިއެވެ. ވާރެޔާ ތެމިފޯވެފައި ހުރި ރާޔާ ފެނުމުން އަނޫކްގެ ނަފުސަށް ވެރިވެފައި ރުޅިވެރިކަން ކުއްލިއަކަށް ފިލައިދިޔައެވެ. ފެންކަޅިވެފައިވި ދެލޮލުން އަނޫކްގެ މޫނަށް ބަލައިލަމުން ރާޔާ އަވަސް އަވަހަށް އިސްޖަހައިލައި މޫނުމަތި ދެއަތުން ފުހެލިއެވެ. ބަހެއްވެސް ނުބުނެ ހަމްދަރުދީގެ ނަޒަރަކުން ރާޔާއަށް ބަލަހައްޓައިގެން އަނޫކް ހުރީއެވެ. މަޑުމަޑުން އެތެރަށް ވަނުމާއެކު ހަމަޖެހިލަން ރާޔާ މަސައްކަތް ކުރިއެވެ.

"ޔުމްނު.."

"ނިދިފަ އޮތީ.." ރާޔާ އަހަން އުޅުނު ސުވާލު ވިސްނުނު މީހަކުފަދައިން އަނޫކް އަވަސް އަވަހަށް ޖަވާބު ދިނެވެ. އިތުރު އެއްޗެއް ނުބުނެ ބޯޖަހައިލަމުން ކޮޓަރިއާ ދިމާއަށް ރާޔާ މިސްރާބުޖެހިއެވެ.

"ކިހާ ދުވަހެއް ވަންދެން ތި ހިތާމައިގަ ބަނދެވިގެން ދޮންތަ އުޅޭނަންތަ؟ ފޯ ގޯޑްސް ސޭކް.. ތިންއަހަރު ފާއިތުވެ ދިޔައީއޭ މިހާރު އޭގެ ފަހުން... ދޮންތައެކޭ އެއްވެސް ދިރުމެއްނެތް މީހެކޭ އެއްގޮތް.. ޕްލީޒް... ދޮންތަގެ ތި ހާލުދެކެން އަހަންނަށް ހާދަ އުނދަގުލޭ... އަދިވެސް މާޒީ ފަހަތަށް ދޫކޮށްލާފަ ކުރިއަށް ދާންވީ ވަގުތު ނުޖެހޭތަ؟" ހިތަށް އަސަރުކޮށްފައި ވީލެއް ބޮޑުކަމުން އޭނާއަށް ފުރަގަސްދީފައި ކުރިއަށް ގޮސްގޮސްހުރި ރާޔާއަށް ބަލައިލަމުން އަނޫކްއަށް އަހައިލެވުނެވެ. އެއްޗެއް ނުބުނަން ހުއްޓެއްކަމަކު ރާޔާގެ ހާލަތު ފެނިފައި އޭނާއަށް އިތުރަށް ކެތްނުވީއެވެ. އަނޫކްގެ އަޑަށް ހުރި ފިޔަވަޅު މަތީގައި ރާޔާ މަޑުޖެހިލިއެވެ. އެއްޗެއް ނުބުނެ ލަސްލަހުން އަނޫކްއާ ދިމާއަށް އެނބުރެމުން އެދެލޮލާ ނަޒަރު ސީދާކޮށްލިއެވެ. ދެރަވެފައި އޭނާއަށް ބަލަންހުރި އަނޫކްފެނި ރާޔާ ތުންފިއްތައިލިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ކުރަމުންއައި ހިތްވަރުއެލި ރާޔާއަށް ބާރަށް ރޮއެގަނެވުނެވެ. އަވަސް ހަރަކާތަކާއެކު އަނޫކް އައިސް ތުރުތުރުއަޅަމުންދިޔަ ރާޔާގެ ހަށިގަނޑުގައި ހިފަހައްޓައިލިއެވެ. މެޔާލައި އެތުނި ހަށިގަނޑު ބޮނޑިކޮށްލުމާއެކު އަނޫކްގެ ދެލޯވެސް ފެންކަޅިވާގޮތްވިއެވެ. ރާޔާގެ އަޑުގައިވި ރިހުން އޭނާއަށް އިހުސާސުވީއެވެ. ނުބުންޏަސް އެތައް ޝަކުވާއެއް އެހިތުގައި ފުނިޖެހިފައިވާކަން އަނޫކްއަށް އެނގެއެވެ.

"މަ..މަރުވީ.. އަހަ.. ރެންގެ ސަބަބުން.." ގިސްލެވިފައިވާ ހާލު ރާޔާ ބުނެލިއެވެ. އެއާއެކު ދެފަރާތަށް ބޯހޫރައިލަމުން އަނޫކް ރާޔާގެ ބުރަކަށީގައި ފިރުމައިލިއެވެ. ރާޔާގެ އެ ހާލަތުފެނި އޭނާގެ ހިތަށް ނުހަނު އަސަރުކޮށްފިއެވެ.

"ތިހެން ނުބުނޭ.. ދޮންތަ ކީއްވެތަ އަބަދު ތިހެން ކިޔަނީ.. އޭގަ ދޮންތަގެ އެއްވެސް ކުށެއްނެތް.. އެއްވެސް މީހެއްގެ މަރަކީ އަހަރެމެންނަށް ހިފޭއްޓޭނެ އެއްޗެއް ނޫން.. އެ ފުރާނައެއްގެ ވަގުތު ޖެހުމުން ގެންދަވާނެ... އަހަރެންވެސް... ވަރަށް ހަނދާންވޭ.. އެކަމަކު މިއަދު... އަހަރެމެންނަށް އޮތީ ހަމައެކަނި އެ ހަނދާންތަކާއެކު ދިރިއުޅެން ދަސްކުރުން.. ޕްލީޒް ދޮންތާ.. ހިތްވަރުކުރޭ.. ޔުމްނު އަށްޓަކައިވެސް މިއަދު ދޮންތަ ހިތްވަރުކުރަން ޖެހޭނެ.." ރާޔާގެ ބޮލުގައި ދަތްދޮޅި ޖައްސައިލައިގެންހުރެ އޭނާއަށް ވިސްނައިދެވޭތޯ އަނޫކް މަސައްކަތްކުރިއެވެ. ކުޑައިރުކޮޅަކު އެހެން ހުރުމަށްފަހު މަޑުމަޑުން އަނޫކްއާ ރާޔާ ދުރުވެލިއެވެ. އަދި ދެލޯފުހެލަމުން ގަދަކަމުން ނަމަވެސް ހިނިތުންވެލެވޭތޯ އޭނާ ބެލިއެވެ. ރާޔާއަށް ބަލަން އަނޫކް ހުރީ އިތުރަށް ބުނާނެ އެއްޗެއް ނުވިސްނިފައެވެ. ކިތަންމެ ބޭނުންވިއަސް ރާޔާ އެ ހިތާމަތަކުން މިންޖުކުރާނެ ގޮތެއް އޭނާއަކަށް ނޭނގުނެވެ.

"ދެން ދޭ ނިދާލަން.. ހެނދުނު ޑިއުޓީއަށްވެސް ދާން ޖެހޭނެ... ދޮންތަވެސް މިދަނީ ކޮޓަރިއަށް.." އަނޫކްއަށް ފުރަގަސްދެމުން ރާޔާ ބުންޏެވެ. އިރުކޮޅަކު ރާޔާއަށް ބަލަން ހުރުމަށްފަހު އެންމެ ރަނގަޅޭ ބުނަމުން އަނޫކްވެސް އޭނާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.

ފެންވަރައި ތާޒާވެލައިގެން ނުކުތް ރާޔާގެ ނަޒަރު ލަސްލަހުން އެނދުގެ އެއްފަރާތުގައި ލޯބި ގޮތަކަށް ނިދައިލައިފައި އޮތް ތިން އަހަރުގެ ތުއްތު ކުއްޖާއަށް ހުއްޓުނެވެ. އިސްތަށިގަނޑުގައި އޮޅައިލައިފައިއޮތް ތުވާލި ނައްޓައިލަމުން ހަރުގައި އަޅުވައިލުމަށްފައި ކުދި ފިޔަވަޅުތަކެއްގައި އައިސް ޔުމްނު އޮތް ފަރާތުގައި މަޑުކޮށްލިއެވެ. އަދި ކުޑަކަކޫ މައްޗަށް ތިރިވެލަމުން ލޯތްބާއެކު އެދޮން ކޯތާފަތުގައި ފިރުމައިލިއެވެ. އަނެއްކާވެސް ރާޔާގެ ދެލޯ ފެންކަޅިވާގޮތްވިއެވެ. ނުރޯން ކިތަންމެ ހިތްވަރެއްކުރި ނަމަވެސް ބައެއް ވަގުތުތަކު އެ އިހުސާސުތައް ކޮންޓްރޯލްކުރުން ރާޔާއަށް ވަނީ ދަތިކަމަކަށެވެ.

"ތިން އަހަރުވީ... ބަޓް އައި ސްޓިލް ރިއަލީ މިސް ޔޫ... ވިޝް ޔޫ އާރ ހިއާރ.." ހިންދިރުވައިލި ރާޔާގެ ހިތުގައި ވިއެވެ. އިންތަނުން ތެދުވަމުން ފުންނޭވާއެއް ދޫކޮށްލުމަށްފަހު މަޑުމަޑުން އައިސް ކޮޓަރީގައިހުރި ބިއްލޫރި ދޮރު ކަހައިލަމުން ބެލްކަންޏަށް ނުކުތެވެ. އޭރުވެސް ހުއްޓުމެއްނެތި ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. ބެލްކަނީގެ ރެއިލިންގްގައި އަތްއަޅުވައިލަމުން އުޑާ ދިމާއަށް ރާޔާ ބަލައިލިއެވެ. ޖެހެމުންދިޔަ ރޯޅިތަކާއެކު ރާޔަގެ ފަންދިގު އިންތަށިގަނޑު ވިހުރެމުންދިޔައީ އެ ކުދިކުދި ގޯނާތަކަށް ކެތްނުވެގެނެވެ. ކަރުނަތިއްކަކަށްފަހު ކަރުނަތިއްކެތް ދެލޮލުން ފައިބަމުން ދިޔައިރު މުޅި ދުނިޔެވެސް އެ ނިޔަނެތި އަންހެންކުއްޖާގެ ހިތާމައިގައި ބައިވެރިވާ ކަހަލައެވެ.

* * * * *

އުސައިދާއި ޔާސްމީންގެ އިންތިޒާރުގައި ޓެރަހުގެ ރެއިލިންގްގައި އަތްއަޅުވައިލައިގެން ބޭރަށް ބަލަހައްޓައިގެން ރީއާން ހުއްޓެވެ. މިލަ ހަނދުވަރުގައި ގޯތިތެރޭގައި ހައްދައިފައި ހުރި ގަސްތައް ފެންނަމުންދިޔައީ ހުވަފެނީ ގޮތަކަށެވެ. ދުރުދުރުން ފެންނަމުންދިޔަ ލަންޑަންގެ ހަލަބޮލި މަގުތަކަށް އިރުކޮޅަކު ބަލަން ހުރުމަށްފަހު އިސްތަޑިގަނޑުގައި އަތް ހިންގައިލަމުން އުޑުގައި ފިޔަޖަހަމުންދިޔަ ކުދި ޖަވާހިރުތަކެއްފަދަ ތަރިތަކަށް އޭނާ ނަޒަރު ހުއްޓައިލިއެވެ. އެއާއެކު ސިކުނޑި ހިޞާރުކުރި ޚިޔާލުތަކުން ފަނޑު ނަމަވެސް ހިނިތުންވުމެއް އެ ތުންފަތަށް ވެރިވާން އުޅުނެވެ. އެކަންވުމަށް ނޭދުނު މީހަކު ފަދައިން ރީއާން ދަތްތަކަށް ބާރުކޮށްލިއެވެ. އެ ހަނދާންތައް އާކުރުމުގެ އެއްވެސް ބޭނުމެއް އޮތްކަމަކަށް އޭނާ ނުދެކެއެވެ. ބައެއް ހަނދާންތަކަކީ އޭގެ ސަބަބުން މީހާގެ ހަމަޖެހުން ނަގައިލާ އެއްޗެކެވެ. ހިތުގައިވި ރިހުން އިތުރުކުރުވާ އެއްޗެކެވެ. ކިތަންމެ ވަރަކަށް އެކަން އަމިއްލަ ނަފުސަށް ވިސްނައިދޭން އުޅުނަސް އޭނާގެ ހިތް އެކަމަށް އެއްބަސްވާން ބޭނުންނުވާ ކަހަލައެވެ. އެ ހަނދާންތަކަށް ހިތުގައި ފޫހިކަމެއް އުފައްދާން ބޭނުންވިއަސް، އެއަށްވުރެ ހިތުގައި އުފެދިފައިވި ޖަޒުބާތުތައް ފުންވެފައިވިއެވެ. ދެއަތް މުށްކަވައިލެވުމާއެކު ރީއާންއަށް ދެލޯމަރައިލެވުނެވެ. އެއާއެކު ސިފަވެގެންދިޔަ ސޫރައަކުން އޭނާގެ ދެތުންފަތް ދެމެދުން މަޑު އާހެއް ބޭރުވެގެންއައީ ބޭއިޚުތިޔާރުގައެވެ.

* * * * *

ކަލާ ބުނީމާ ދުރުގާ ހުރީ...

ހިތާ ދެކޮޅަށް މަޖުބޫރުވީ...

ކަލާޔަށް އުނދަގުލެއްވާން މަ ނޭދޭތީ...

ކަލާ އެނދުން ގޮތަށް ކަންތައް ކުރީ...

ނަމަވެސް ތިޔަ ހަނދާނޭ ވަނީ...

ދުރުވާން މަސައްކަތް ކުރިޔަސް...

އިތުރަށް ހަމަ ގާތޭ ވެވެނީ...

ތި ހަނދާން ފޮހެވޭތޯ ބެލިޔަސް...

އިތުރަށް ތި ޚިޔާލޭ ކުރެވެނީ...

ފޫހިވޭތޯވެސް ބެލިން... ނަމަވެސް...

އިތުރަށް ހަމަ ލޯތްބޭ ވެވެނީ... ލޯތްބޭ ވެވެނީ...

* * * * *

(ނުނިމޭ)

Ads by Allied Insurance
  1. ޠުޔޔު

  2. ުމމމމ

    ވަރަށް ރީތިި