ވާހަކަ

ލިބޭތޯ ޔާރު ޖަންނަތުން (ދެވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
(ޓްރެއިލަރ) ލިބޭތޯ ޔާރު ޖަންނަތުން ލިބޭތޯ ޔާރު ޖަންނަތުން (ފުރަތަމަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދެވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިންވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން( ހަތަރުވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނުވަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދިހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެގާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ތޭރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސާދަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަނަރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސޯޅަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސަތާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ވިހިވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެކާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައުވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ފަންސަވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައްބީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެއްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބައްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތެއްތިރީސްވަނަ ބައި)

ނަމަވެސް އޭރު އެ ކަޅުކަންގަދަ ބުމަ ވަނީ ކައިރި ކުރެވިފައެވެ. އެ މުށި ކުލައިގެ ކަޅީގެ ތޫނު ބެލުމުން ކުރިމަތީ ހުރި އަންހެން ކުއްޖާއަށް ބަލައިލެވުމާއެކު އެ ޒުވާނާގެ މޫނުގައިވި ހުރިހާ އަސަރެއް ފިލައިފިއެވެ. އެހެނަސް އޭނާގެ މޫނު ފެނުނު ހިނދު ޔެލިޒްގެ އަތް މުށްކެވުނެވެ.

Ads by MWSC

***********

އެ މަންޒަރު ފެނުމާއެކު ޒުވާނާ ކަނާތު ބުމަ އަރުވާލީ އޭނާ އަށް ކަމެއް ކުރެވުނީތޯ އަހާ ކަހަލަ ގޮތަކަށް ހެން ހީވިއެވެ. ކުރިމަތީގައި ހުރީ އޭނާއަށް ވުރެ އިސްކޮޅުން ކުރު އަންހެންކުއްޖެކެވެ. ގާތްގަނޑަކަށް އެ ކުއްޖާ އަރާނީ އޭނާގެ ކޮނޑާ ހަމައަށެވެ. އެ ދޮން މޫނުން ނުރުހުންވެފައި ހުރިކަން ރީއްޗަށް ހާމަވަމުން ދިޔައިރު އޭނާގެ ހިތިފަތު ބުމަ ވަނީ ކައިރިކުރެވިފައެވެ. ބައްޓަން ރީތި އެ ތުންފަތުގައި ގަދަ ރަތްކުލައިގެ ލިފްސްޓިކް ޖައްސާފައި ހުރި އިރު މަސްކަރާއިން އެ އެސްފިޔަތައް ފަވާލާފައި ވެއެވެ. ކިތަންމެ ފަހަރަކު އެ އަންހެންކުއްޖާ ފެނުނު ކަމުގައި ވިޔަސް އެ ޒުވާނާއަށް ބެލެނީ ފުރަތަމަ ދުވަހެކޭ އެއްފަދައިންނެވެ. ހިތުގެ ކަނަކުން އެ ރީތި ކަމަށް ތަޢުރީފު ކުރެވުނު ހިނދު އޭނާ އަވަސް އަވަހަށް އެސްފިޔަތައް ތިރިކޮށްލިއެވެ. އެފަދައިން އެ އަންހެންކުއްޖާއަށް ބެލުނީތީ އެ ހިތް ނުތަނަވަސްވެއްޖެއެވެ. އަވަސް އަވަހަށް ވެއްޓިފައި އޮތް ފޯނު ނެގުމަށްފަހު އޭނާ ފަސްއެނބުރި ދާން ހިނގައިގަތް އިރު ޔެލިޒް ބުނެލި ޖުމްލަ އަޑު އިވުމާއެކު ދެލޯ ބޮޑުކޮށްލަމުން އަނގައަށް ގޮތެއް ހަދާލިއިރު އެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ނަމަވެސް އެ އަންހެންކުއްޖާގެ ވިސްނުން ހުރިގޮތް އެނގުމާއެކު ހިތަށް ވެރިވީ ފޫހިކަމެވެ. ދެވަނަ ސިކުންތުގައި އޭނާ ދެފަރާތަށް ބޯ ހޫރާލިއެވެ. އެއްވެސް މީހެއްގެ ހަގީގަތް ނޭނގި ހުރެ އެމީހަކާ މެދު ގޮތް ނިންމުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމުގައި ހިތަށް ވިސްނުވައިދިނެވެ.

" ހާދަ ގޮތެއް ނެތް ފިރިހެނެކޭ ދޯ.. އަދި އެހީ ވުމުގަ ބަދަލުގެ ދުރަށް ކޮށްޕާލީ.. ތިމާއަށް ތިމާ ފެނިފަ.. ރީތިކަމެއް ލިބިފަ ހުރި ނަމަވެސް އެންމެ ރަނގަޅު އެހާ ބޮޑާވާން.. އައި ހޭޓް ސަޗް މެން..".. ހެދުމަށް އެޅިފައި ހުރި ޖޫގޯތައް ޓިޝޫއަކުން ސާފު ކުރަމުން ޔެލިޒް ބުނެލިއިރު އެ އަޑުގައި ވަނީ ނުރުހުންވުމެވެ.

" ސާބަސް ލިޒް.. އަދިވެސް އޭނާއާ ދިމާލަށް އެއްޗިސް ކިޔާ އިރު މިއީ ލިޒް އަމިއްލަ އަށް ކުރި ކަމެއްނު.. ލިޒް ކީއްކުރަން އޭނަ ކައިރިއަށް ދިޔައީ.. ހަމަ ތަނެއްގަ ފިރިހެނެއް ހުރިއްޔާ ލިޒް ވާނެ އެމީހެއްގެ އެޓެންޝަން ހޯދަން..". ޔާޒް އެހެން ބުނެލުމާއެކު ޔެލިޒް އޭނާއާ ދިމާލަށް ލޯ އަޅާލިއެވެ.

" ކީއްކުރާނީ.. ހުރިހާ ފިރިހެނުންގެ އެޓެންޝަން ހޯދަން ބޭނުން ވިޔަސް ލިޒްގެ ހިތާ ހަމައަށް ވާސިލްވި ޒުވާނެއް ނެތެއްނު.. އަހަރެން ހިތަށް އަރާ ލިޒްއަށް ކަމުދަނީ ކޮންކަހަލަ މީހުންނެއް ބާއޭ.. ގައިމު ތި މިސްޓަރ ޕަރފެކްޓް އެއް އުޅޭނޭ އަހަރެންގެ ހިތެއް ނުބުނޭ..".. ޔާޒް ދެއްކި ވާހަކައާ ގުޅުވައިގެން ނަވަލް ބުނެލިއެވެ. އެއާއެކު ހިނިއައިސްފައި ޔެލިޒް ކޮނޑު އަރުވާލިއެވެ.

" އެއީ އެއްކަލަ ސޮރު ދޯ؟..".. ޔާޒް އަހާލިއެވެ. އޭނާ އިޝާރާތް ކުރީ ކާކަށް ކަމެއް ނޭނގުމުން ނަވަލްއާއި ޔެލިޒް އެކަކު އަނެކަކަށް ބަލާލިއެވެ.

" މި ބުނީ ދެންމެ ލިޒްއާ ދިމާވި ކުއްޖާ.. އެއީ ޖަރނަލިސަމް ކްލާސްގަ އުޅޭ އަރްހަމް ދޯ އޭ މިއަހާލީ.. ".. ޔާޒް އިތުރަށް އޮޅުން ފިލުވައި ދިނުމުން ނަވަލް އާއެކޭ ބުނެލިއެވެ.

" އަހަންނަކަށް ނޭނގެ.. ޔާޒްއާއި ނަވަލްގެ އިންޓްރެސްޓް ހުންނާނީ އެކަހަލަ ތާކުންތާކު ނުޖެހޭ މީހުންނަށް.. " ޔެލިޒްގެ މޫނަށް ވެރިވި ފޫހިކަމާއެކު އޭނާ ބުނެލިއެވެ.

" ލިޒްއަށް އެހެންވީރު އަދި އަރްހަމް ރީއްޗަށް ނުފެންނަނީ.. އަހަރެމެން ބެޗްގެ އެންމެން އުޅޭނެ އޭނަ ރީތި ވެގެން.. އިވެން އައި ފައިންޑް ހިމް ސޯ ހޮޓް.. އެކަމަކު ކީއްކުރާނީ.. މާ މަތީގަ އުޅުއްވާ ބޭފުޅެއް އެއީ.. އަންހެން ކުއްޖަކާ އަނގައިން ބުނެލަނީ އެއް ނޫން.. އަހަރެން އަޑު އެހިން ގްރޫޕް އެސައިންމެންޓްގަ އެ ކްލާހުގަ އުޅޭ ހީރް އާ އެއް ގްރޫޕް އަކަށް ދިޔުމުން ވެސް ލެކްޗަރަރ ކައިރީ ބުނެގެން ގްރޫޕް ބަދަލުކުރީ އޯ.. އެކަމާ ހުރެ ހީރް އުޅުނު ދެރަވެގެން.. ".. ޔާޒް ނުހަނު ފޯރީގައި އެވާހަކަ ކިޔައިދިނުމުން ޔެލިޒް ދެފަރާތަށް ބޯ ހޫރާލިއެވެ.

" އެހެންވީމަ އަހަންނަށް ބުނެވުނީ ގޯސް ކޮށެއް ނޫންތާ.. ތިމާއަށް ތިމާ ފެނިފަ ހުރި ފިރިހެނެއް އެއީ.. ".. ޔެލިޒްއަށް ހިތާހިތުން ބުނެލެވުނެވެ.

" ހިނގާ ގެއަށް ދާން.. މިހާރު ހިނގައިގަތީމަ ކިރިޔާ ފަސްގަޑި ބައި ވާން ވާ އިރަށް ދެވޭނީ.. މާ ލަސްވެއްޖެ ނަމަ މަންމަ އަށް އެނގޭނެ އަހަރެން ބޭރަށް ދިޔަކަން.. އޭރުން ދެން ނޭނގެ ވާނެ ގޮތެއްވެސް..".. ނަވަލް އަތުގައި އޮތް ގަޑިއަށް އިޝާރާތް ކޮށްލަމުން ބުނެލިއެވެ.

******************************

ގެއަށް ވަދެވުމާއެކު ސޯފާގައި އަރްހަމްގެ އިންތިޒާރުގައި އިން އަމަތު ތެދުވިއެވެ. އޭރު އޭނާގެ އަތުގައި އޮތް ފޯނު ދައްކާލުމާއެކު އަރްހަމް ވަގުތުން މާފަށް އެދުނެވެ.

" ސޮރީ މަމް.. ކުޑަ ކަމެއް ދިމާވެގެން ފޯނު ނިވިފަ މި އޮތީ.. ޑިސްޕްލޭ ވެސް ހަލާކުވެއްޖެ.. ހީވަނީ ދެން އާ ފޯނެއް ގަންނަން ކަންނޭނގެ ޖެހޭނީ.. ". އަރްހަމް ކުޑަގޮތަކަށް ވީގޮތް އަމަތުއަށް އޮޅުންފިލުވައިދިނެވެ.

" ދަރިފުޅު ނައިސްގެން ބައްޕަ އިންތިޒާރުގައި އިންނަތާ މިހާރު ކޮންއިރެއް.. ގުޅީމަ ފޯނު ނިއްވާލާފައޭ ބުނީމަ މަންމަވެސް މި އިންނަނީ ކަންބޮޑުވެފަ... ގަމީސް ވެސް ހަޑިވެފަ އެންނު ތި ހުރީ.. މި ކޯއްޗެއް.. " ގަމީހުގެ މޭމައްޗާއި ދިމާލުން ހޭކިފައި ހުރި ރަތް ކުލަ ދައްކާލަމުން އަމަތު އަހާލިއެވެ.

" އޯހ ނޯ.. މަންމަ ގޯސްކޮށް ހީނުކުރައްޗޭ.. އަސްލު ވީ ގޮތަކީ ރަނގަޅަށް ނުބަލާ ހުރެ ފަހަތަށް އެބުރުނު ގޮތަކުން ކައިރީގައި ހުރި އަންހެން ކުއްޖެއް ގައިގަ ޖެހުނީ.. އެކުއްޖާ ޖައްސާފަ ހުރި ލިޕްސްޓިކް ކަންނޭނގެ މިއީ..".. އަމަތުއަށް އެވާހަކަ ކިޔައިދޭން ޖެހުމުން އަރްހަމްގެ މޫނަށް ކޮންމެވެސް ވަރެއްގެ ރަތް ކަމެއް ވެރިވެއްޖެއެވެ.

އަމަތުއަށް އަރްހަމް ދެއްކި ވާހަކަ ޤަބޫލު ކުރެވުނެވެ. އަރްހަމްގެ އުމުރުން ތޭވީސް އަހަރު ފުރުނު އިރުވެސް އޭނާއަކީ ބަސްއަހާ ކިޔަމަންތެރި ކުއްޖެކެވެ. އޮޅިގެން ނަމަވެސް ގޯސްކޮށް ކަމެއް ކުރެވިއްޖެނަމަ އެކަމަކަށް ވަގުތުން އަރްހަމް މާފަށް އެދޭނެއެވެ. ދަރިފުޅަށް ދެވުނު ތަރުބިއްޔަތުގެ ސަބަބުން އަމަތުއަށް ލިބިފައިވަނީ ހިތްހަމަޖެހުމެވެ. އުފާވެރިކަމެވެ. މި ޒަމާނުގެ ގިނަ ކުދިން ގޮތަށް އަރްހަމްގެ އުޅުން ބައްޓަންކޮށްފައި ނެތުމަކީ އޭނާގެ ނަސީބެއް ކަމުގައި ދެކުނެވެ. އަދި އެކަމަށްޓަކައި ﷲގެ ހަޟްރަތަށް ޙަމްދުކުރެއެވެ.

ސިޓިންގްރޫމުގެ އެއްފަރާތުގައި މައްޗަށް އެރެން ހުރި ސިޑިން އަރަން ފެށުމާއެކު އަރްހަމްގެ މޫނަށް ވެރިވީ މާޔޫސްކަމެވެ. ލައިގެން ހުރި ގަމީހުގައި ހޭކިފައި ހުރި ލިޕްސްޓިކަށް ނަޒަރެއް ދެމުން އޭނާ ލޯ މަރާލުމަށްފަހު ފުން ނޭވާއެއް ދޫކޮށްލިއެވެ. ނޭނގި ނަމަވެސް އޭނާއަށް ކުރެވުނީ ކުށެއް ކަމުގައި އަރްހަމްއަށް ޤަބޫލުކުރެވި އެކަމާހުރެ ނަފްސު ކުށްވެރި ކުރެވުނެވެ.

" އަސްތަޣްފިރުﷲ..." ހިތާހިތާ އަރްހަމްއަށް ދުޢާ ކުރެވެމުން ދިޔައީ އޭނާގެ ފާފަ ފުއްސެވުމަށެވެ. ހަމަގައިމުވެސް ގަސްތުގައި އެފަދަ ނަޒަރަކުން އޭނާ އަންހެންކުއްޖަކާ ދިމާލަށް ބަލައިވެސް ނުލީހެވެ.

ލައިގެން ހުރި ގަމީސް ބޭލުމަށްފަހު އަރްހަމް ދާވަށިގަނޑަށް ލިއެވެ. އަދި ފާހާނައަށް ވަދެ ކުޑަގޮތަކަށް ތާޒާ ވެލުމަށްފަހު އަލަމާރިން ނެގި ޓީޝާޓު ލައިގެން ތިރިއަށް ފޭބިއެވެ. ކާ ކޮޓަރިއަށް ވަނުމަށްފަހު އެންމެ ފުރަތަމަވެސް މޭޒު ދޮށުގައި އިން އިޔާޒްގެ ކިބައިން މާފަށް އެދުނީ އިންތިޒާރުގައި ގިނަ ވަގުތު ބައްޕަ ބޭންދުނީތީއެވެ.

" މަންމަ ބުނި ދަރިފުޅު މިއަދު ގެއަށް އައީ ވަރުގަދަ ކަމެއް ކޮށްފައޭ.. އެ ތެދެއްތަ؟.. ".. އިޔާޒް ގަސްތުގައި އަރްހަމްއާ ދިމާކޮށްލިއެވެ. އެއާއެކު އަރްހަމްގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. އެފަދައިން އޭނާއާ ސަމާސާ ކުރުމަކީ އިޔާޒްގެ އާދައެކެވެ. އަދި އެކަމަކީ އަރްހަމް ނުހަނު ގަޔާވާ ކަމެއް ވެސް މެއެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި އެފަދަ ކުދިކުދި ކަންކަމުން މައިންބަފައިންނާ އޮންނަ ގުޅުން އިތުރަށް ވަރުގަދަ ވާނެއެވެ.

" ދޮންތަ މިއަދު ނާދޭތަ؟.. ދޮންތަބެ ވެސް ނުފެންނަތާ ދުވަސްކޮޅެއް ވެއްޖެ...".. ސައި ބޯން ފަށަމުން އަރްހަމް އަހާލިއެވެ.

" ނޫނޭ.. އިރުކޮޅެއް ކުރިން ޙުއްބާއާއި ރާއްޔާއާ ދިޔައީ.. ފާޠިމާ ގޮވައިގެން އައީމަ އިރުއޮއްސުމުގެ ކުރިން ގެއަށް ދާންވާނެ އެންނު.. އެހެންވެ މަންމަ އެހާ ވަރުން ދަރިފުޅަށް ގުޅޭތޯ މަސައްކަތް ކުރީ... ".. އަރްހަމްގެ ސުވާލަށް އަމަތު ޖަވާބު ދިނެވެ.

" ބައްޕަ ހިތަށް އަރާ ޙުއްބާ މިގޭގަ އުޅޭ ނަމައޭ.. އެކަމަކު އެއީ އެންމެ ރަނގަޅު ގޮތެއްވެސް ނޫން.. ޙުއްބާ ކަންތައް ކުރީ ރަނގަޅަށް.. ކައިވެނި ކުރާ ހިސާބުން ވަކިން ދިރިއުޅުމެއް ފެށުން އެއީ އެންމެ ބުއްދިވެރި ގޮތް.. ވަކި ފަރާތެއްގެ ޢާއިލާއަކާ އެކީ އުޅުމުން ގިނަ ފަހަރު މައްސަލަ ޖެހިފަ އޮންނަނީ.. ދަރިފުޅު ނުވިސްނަންތަ ކައިވެންޏާ މެދު.. މިހާރު އެ އުމުރަށް އެޅުނީ އެންނު..". އިޔާޒު ދައްކަންފެށި ވާހަކައިގެ މިސްރާބު މަޑުމަޑުން އެހެން ދިމާލަކަށް ބަދަލުވާންފެށިއެވެ.

އެއާއެކު ބޯން އިން ސައިތަށި ދުރުކޮށްލަމުން އަރްހަމް އިޔާޒްއަށް ބަލާލިގޮތުން އެކަނި ވެސް އޭނާ އެ މައުލޫއަށް ވާހަކަ ދައްކަން ބޭނުން ނުވާކަން އިޔާޒްއަށް ވިސްނިއްޖެއެވެ.

"އަޅުގަނޑު ހިތްހަމަ ޖެހޭ ފަދަ ކުއްޖަކާ އަދި ދިމާ ނުވާތީ މި ހުންނަނީ.. ބޭނުންވަނީ ދެ ދުނިޔެއިން ވެސް އަޅުގަނޑުގެ ހަޔާތް ބާއްޖަވެރި ކޮށްދޭނެ ފަދަ އަހްލާގު ރަނގަޅު ކުއްޖެއް.. އެފަދަ ކުއްޖަކާ ދިމާވުމުން ލަސްކުރުމެއް ނެތި އަޅުގަނޑު ކައިވެނި ކުރާނަން.. ބައްޕަ މާބޮޑަށް ކަންބޮޑު ނުވޭ..".. އަރްހަމް އެހެން ބުނެލިއިރު އޭނާއަށް ވިސްނާލެވުނީ މިއަދު ފެނުނު އަންހެންކުއްޖާއާ މެދުގައެވެ. އެއާއެކު އޭނާ ހައިރާންވިއެވެ.

ކިތަންމެ ވަރަކަށް އެ ކުއްޖާއާ މެދު ނުވިސްނަން އަމިއްލަ ނަފްސަށް ހަނދާން ކޮށްދިން ކަމުގައި ވިޔަސް އިރު އިރުކޮޅާ އެ ސޫރަ ސިކުނޑިއަށް ވެރިވެއެވެ. އެ ކުއްޖާ ބުނެލި ބަސްތައް ކަންފަތުގައި ގުގުމާލައެވެ. އެކަމުން ބުނެދޭން ނޭނގޭ އުނދަގޫތަކެއް އަރްހަމްއަށް ވަމުން ދިޔައެވެ.

" ދެން ބުނެބަލަ.. ދަރިފުޅު ވަޒީފާއަށް ދާތަން ރަނގަޅުތަ؟.. " އިޔާޒް އަހާލިއެވެ. އޭނާ ހަގީގަތުގައި ވާހަކަ ދައްކަން ނިންމައިގެން ހުރީ އެކަމާ ގުޅުވައިގެންނެވެ. އަރްހަމްގެ ފަރާތުން ފެންނަ ކަންތައްތަކަށް ރިޢާޔަތްކޮށް އިޔާޒް އަށް ބޮޑަށް ބުރަވެވެނީ އަރްހަމް އޭނާގެ ވަޒީއާމެދު ހިތްހަމަނުޖެހޭ ކަމަށެވެ. އިޔާޒް ސުވާލުކުރުމުން ވެސް އެ މޫނުން ފާޅުވާން ފެށީ އެފަދަ އަސަރުތަކެކެވެ.

" ބައްޕަ އަށް ދޮގު ހަދާކަށް ނެތިން.. ހަޤީޤަތަށް ބުނަންޏާ މި ވަޒީފާ އަޅުގަނޑަށް ކަމަކު ނުދޭ.. އެއްވެސް މިނިވަން ކަމެއް ނޯވޭ.. މި ބުނީ އަޅުގަނޑު ލިޔަން ބޭނުންވާ ހަބަރުތައް ވެސް ނުލިޔެވޭ ގޮތަށް އޮންނަނީ އެތަނަށް ސަރުކާރުގެ ނުފޫޒު ފޯރުވާ ވަރުން.. ކޮންމެ މީހަކު ކުރިޔަސް ގޯސް ކަމެއް ވާނީ ގޯސްކަމަކަށް... އަޅުގަނޑު ކައިރީ އައިސް އެބަ ބުނޭ މިވެނި މީހެއްގެ އަގު ވެއްޓޭ ގޮތަށް ހަބަރު ލިޔެދޭށޭ.. އެ ހެޔޮ އެމީހަކު ނުކުރާ ކަމެއްގެ ވާހަކައެއް ވިޔަސް.. އަޅުގަނޑުގެ ވިސްނުން ހުރީ މި ވަޒީފާއިން ކެނޑިގެން އަމިއްލަ ނޫހެއް އުފައްދަން.. ފުރަތަމަ ފަށާއިރު މާ ބޮޑު ތަރުހީބެއް ނުލިބުނަސް މާތްﷲ ގެ ހެޔޮރަޙުމަތް ފުޅާއެކު އެކަން ކުރިއަރާނެ.. އެކަލާނގެ އެއްވެސް އިންސާނަކަށް ދެރަގޮތެއް މެދުވެރި ނުކުރަންވާނެ.. އަދި ހެޔޮ ނިޔަތެއްގައި ކުރާ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތް ލައްވަވާނެ.. " އަރްހަމްގެ އަޑުގައިވީ ޔަޤީން ކަމުން އިޔާޒުގެ މޫނަށްވެސް ހަމަޖެހުން ގެނުވިއެވެ.

" އިންޝާﷲ.. ދަރިފުޅުގެ އުންމީދުތައް ފުރިހަމަވާނެ.. ".. އަރްހަމްގެ އިސްތަށިގަނޑުގައި ފިރުމާލަމުން އިޔާޒް ބުނެލިއެވެ.

********************************

ގެއަށް ވަދެވުމާއެކު ޔެލިޒްއަށް ސޯފާގައި އިން ސަލްމާން ފެނިއްޖެއެވެ. ތުއްތު ކުއްޖެއް ފަދައިން ދުވެފައި ގޮސް އޭނާ ސަލްމާން ގައިގައި އޮޅުލައިގަތެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ސަލްމާން، ޔެލިޒް ދުރުކޮށްލިއެވެ. އަދި މަޑުމަޑުން ދަރިފުޅުގެ އިސްތަށިގަނޑުގައި ފިރުމާލަމުން ނިތުގައި ބޮސްދިނެވެ.

" ދަރިފުޅު އަދިވެސް ބޮޑެއް ނުވޭ ދޯ.. މިހާރު އުމުރުން ވިހި އަހަރު ވެފަ ތިހުރީ.. އެކަމަކު އަދިވެސް ހީވަނީ ކުޑަ ކުއްޖެއްހެން..".. ސަލްމާން ހިނިތުންވެފައި އިނދެ ދެއްކި ވާހަކަތަކުން ޔެލިޒްގެ ތުންފަތަށް ވެސް ވެރިވީ ލާނެތް ހިނިތުންވުމެކެވެ.

" ސޮރީ ޑޭޑް.. މިފަހަރު ނުގެންނަންތަ އަޅުގަނޑަށް ހަދިޔާއެއް ވެސް؟.. ބޮޑު ކުއްޖަކަށް ވިޔަސް ހަދިޔާ ބޭނުން..".. ރީތިކޮށް ސޯފާގައި އިށީންނަމުން ޔެލިޒް ބޮޑާ ހާކާލިއެވެ.

" ނޫނޭ.. ދަރިފުޅަށް ހަދިޔާއެއް ގެންނަން ބައްޕަ ހަނދާން ނުނެތޭ.. އެކަމަކު މިފަހަރު ގެނައީ ތަންކޮޅެއް ތަފާތު ހަދިޔާއެއް.. އުންމީދުކުރަން ދަރިފުޅަށް ކަމުދާނެކަމަށް..".. ޔެލިޒްއަށް ޖަވާބު ދިނުމަށްފަހު އޭނާ އަސްރާއަށް ގޮވާލިއެވެ. އަދި ކޮޓަރީގެ މޭޒު މަތީގައި ބަހައްޓާފައި ހުރި ކުޑަ ހަދިޔާ ފޮށި ގެނައުމަށް އެދުނެވެ.

އިރުކޮޅެއް ނުވެ ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އަސްރާ ނުކުތެވެ. އޭރު އޭނާގެ އަތުގައި ރަން ކުލައިގެ ކަރުދާހުން ޕާރްސަލް ކުރެވިފައިވާ ކުޑަ ފޮށްޓެއް އޮތެވެ. ސޯފާގެ ފުރަގަހުން ސަލްމާން ކައިރީ މަޑުކޮށްލުމަށްފަހު އަސްރާ އެ ފޮށި ސަލްމާންއާ ހަވާލުކުރިއެވެ. އޭރު އޭނާގެ ހިތުގައި ވެސް ފޮށީގައި އޮތް ހަދިޔާއެއް ބެލުމުގެ ޝައުޤުވެރިކަން ވިއެވެ.

ސަލްމާން އެ ކުޑަ ހަދިޔާ ޔެލިޒްއަށް ދިނުމާއެކު ދެތިން ފަހަރު ދެފަރާތަށް ފޮށި ތަޅުވާލިއެވެ. އެއީ އަބަދުވެސް އޭނާގެ އާދައެވެ. ސަލްމާންގެ ފަރާތުން ލިބޭ ހަދިޔާތަށް ކެނޑުމުގެ ކުރިން އޭގައި އޮތީ ކޯއްޗެއްތޯ އަމިއްލަ އަށް ދިމާ ކުރާނެއެވެ.

" ނޭނގުނު މިފަހަރު.. ވަރަށް ބަރު.. އަނެއްކާ އެންމެ ފަހުން ނެރުނު ލަވަ އަލްބަމްތަ؟.. އަޅެ ބައްޕާ.. ޔޫ އަރ ސޯ ސްވީޓް..".. ޔެލިޒްގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވެގެން ދިޔައީ އޭގައި އޮތް އެއްޗެއް ފެނުމުންނެވެ.

" އޯހް..".. ފޮށި ތެރެއިން ނެގި ފޮތުގެ ދެފަރާތަށް ބަލަމުން ޔެލިޒް ބުނެލިއިރު އެ އަޑުގައިވި ޖޯޝު ކެނޑިއްޖެއެވެ.

" ދަރިފުޅު ވާނެ ތި ފޮތް ކިޔާލަން.. ވަރަށް ގިނަ އެއްޗެހި ދަސްވާނެ.. އައި ޕްރޮމިސް ޔޫ ވިލް ލަވް އިޓް.. ދަރިފުޅުގެ ހިތުގައި ދީނަށް އޮތް ލޯބި އިތުރުވެގެން ދާނެ..".. ".. ސަލްމާން ނުހަނު ލޯބިން ބުނެލިއިރު އޭނާއަށް ވެސް ޔެލިޒްއަށް އައި ބަދަލު ފާހަގަކުރެވުނެވެ. ނަމަވެސް އެކަން މާބޮޑު ކަމަކަށް ނުހެދީ ފަހުން ޔެލިޒް އެކަމަށް އާދަވާނޭކަން އެނގުމުންނެވެ.

އިރުކޮޅަކު ސޯފާގައި ސަލްމާންއާ ވާހަކަ ދައްކަން އިނުމަށްފަހު ޔެލިޒް ތެދުވިއެވެ. ބަންގި ގޮވަން ކައިރި ވެފައި ހުރުމާއެކު ސަލްމާން އޭނާއަށް ނަމާކުރަން ހަނދާންކޮށްދިނުމުން ނުހަނު އަވަހަށް ބޯ ޖަހާލަމުން ގޮސް ކޮޓަރިއަށް ވަނެވެ.

ކޮޓަރީގެ ދޮރު ލައްޕާލުމާއެކު ޔެލިޒްއަށް ތުން ފިއްތާލެވުނެވެ. އަތުގައި އޮތް ފޮތަށް ބަލަން ހުރުމަށްފަހު ގޮސް ކޮޓަރީގެ އެއްފަރާތުގައި ހުރި ރެކުގައި ފޮތް ބައިންދާލިއެވެ. ދެން ހަރުގަނޑުގައި އަޅުވާފައި އޮތް އޭނާގެ ހުދު ކުލައިގެ ތުވާލި ހިފައިގެން ގޮސް ފާހާނާއަށް ވަނެވެ.

ޔެލިޒް ނުކުތީ އޭގެ ދިހަ ވަރަކަށް މިނިޓް ފަހުންނެވެ. މެޔާ ހަމައިން ތުވާލި އޮޅާލާފައި ހުރި އިރު މޫނުގައި ފެންތިކިތައް ހަރުލާފައި ހުއްޓެވެ. އޭރު ކަނާއަތުގައި އަޅުވާފައި އޮތް ޖީންސާއި ހެދުން ހިފައިގެން ގޮސް ކޮޓަރީގެ އެއް ކަނުގައި ބަހައްޓާފައި ހުރި ދާވަށިގަނޑަށް ލިއެވެ.

" އަރްހަމް..".. ޔެލިޒްގެ ތުންފަތް މަޑުމަޑުން ހަރަކާތް ކޮށްލިއެވެ. އެއާއެކު އެ މޫނަށް ވެރިވީ ފޫހިކަމެވެ. އަލަމާރިން ނެގި ފުޅާ ހަރުވާޅާއި އަތްކުރު ޓީޝާޓު ލުމަށްފަހު އޭނާ ގޮސް ސްޓަޑީ ޓޭބަލް ކައިރި އިށީނެވެ. އަދި ކުރިމަތީ ހުރި ލެޕްޓޮޕް ހުޅުވާލުމަށްފަހު ވައިފައި ކަނެކްޓް ކޮށްލިއެވެ.

ސިކުނޑިއަށް ވެރިވި ހިޔާލާއެކު ޔެލިޒް ފޭސްބުކަށް ލޮގިންވުމަށްފަހު ހިތުގައި އޮތް ނަން ސާޗް ކޮށްލިއެވެ.

" މިތަނުން ކޮބާ އަރްހަމް..".. ތިރިއަށް ސްކްރޯލް ކޮށްލަމުން ޔެލިޒް އަށް އަމިއްލަ ނަފްސާ ސުވާލު ކޮށްލެވުނެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ފަހަތަށް އެނބުރިގެން ހުރި ފިރިހެން ކުއްޖެއްގެ ފޮޓޯ ޖަހާފައިވާ ފޭސްބުކް ޕްރޮފައިލްއެވެ.

" ކަޓު ސޮރެއް ކަންނޭނގެ..".. ތުންފަތަށް ވެރިވި މަލާމާތުގެ ހިނިތުންވުމާއެކު ވެސް ޔެލިޒް އެ ޕްރޮފައިލް އިތުރަށް ބެލުމަށް ޝައުޤުވެރިވިއެވެ.

ފުރަތަމަވެސް އޭނާގެ ސަމާލުކަން ހޯދީ އަރްހަމްގެ ޕްރޮފައިލް ކަވަރ ފޮޓޯއެވެ. ޤުރުއާނުގެ އާޔަތެއް ހިއްސާ ކޮށްފައިވާއިރު އެ އާޔަތުގެ މާނަވެސް ތިރީގައި ލިޔެފައި އޮތެވެ.

” ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް ފާފައިން إسراف ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللَّه ގެ رحمة ން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللَّه އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ. " (39:53)

އެ އާޔަތް ކިޔުމުގެ ޝައުޤުވެރިކަމެއް ނެތްފަދައިން ޔެލިޒް ތިރިއަށް ސްކްރޯލް ކުރަން ފެށީ އެ އާޔަތް ކި ކަމުގައިވިޔަސް މާ ބޮޑު ވާހަކައެއް ދޭހަ ނުވާނެކަން އެނގޭތީއެވެ. އަރްހަމް ޝެއަރ ކޮށްފައި ހުރީ މުޅިން ވެސް އެފަދަ ޕޯސްޓުތަކެވެ. ޤުރުއާނުގެ އާޔަތެއް, ނޫނިއްޔާ އެފަދަ ވީޑިޔޯއެވެ. އޭގެ އިތުރުން މަދުން ނަމަވެސް ބައެއް ހަބަރުތައް ޝެއަރ ކޮށްފައި ހުރި އިރު، ޔެލިޒްގެ ޝައުގުވެރިކަން ހުއްޓޭ ފަދަ އެއްވެސް އެއްޗެއް ނެތެވެ. އާ ފުރެން ފެށުމާއެކު ޔެލިޒް އެ އައިޑީ އިން ނުކުތެވެ. ދެން އޭނާ ހުޅުވާލީ ބަލަން ފަށައިފައިވާ ސީރީޒްއެވެ. އެވަގުތު ބަންގީގެ އަޑު އިވެން ފެށި ނަމަވެސް ޔެލިޒްގެ ސަމާލުކަން އެކަމަށް ދެވުނުހެން ހިއެއް ނުވެއެވެ. ސްޓަޑީ ޓޭބަލްގެ ތިރީ ވަތްގަނޑުން ނެގި ހެޑްސެޓް ކަންފަތަށް ޖަހާލަމުން އޭނާ ރަނގަޅަށް ވެސް ސީރިޒްގެ ތެރެއަށް ވަނެވެ.

**********************

ގޭގެ މައިދޮރުން އެތެރެއަށް ސިއްރު ނަޒަރަކުން ނަވަލް ބަލާލިއެވެ. ސިޓިންގްރޫމްގައި އެއްވެސް މީހަކު ފެންނަން ނެތް ނަމަވެސް ޓީވީން އަންނަމުން ދިޔަ ޤުރުއާނުގެ އަޑު އިވެއެވެ. އަތުގައި އޮތް ގަޑިއަށް ބަލާލުމަށްފަހު ނަވަލް ލަފާކުރީ އެވަގުތު ކުލްސޫމް ވާނީ ނަމާދުކުރަން ގޮސް ކަމުގައެވެ.

އެހެންކަމުން ލަސް ފިޔަވަޅު ތަކެއްގައި އޭނާ ގެއަށް ވަނެވެ. މާ އަވަސް ކުރަން ހަދައިގެން އެ ސިއްރު ފަޅާއަރާފާނެ ކަމުގެ ބިރު ހިތުގައި އޮތުމުން ނަވަލް ފިޔަވަޅުތައް އަޅަން ފެށީ ނުހަނު މަޑުންނެވެ. ސިޑީގެ މެދަކާއި ހަމައަށް ދެވުނު ތަނުން ބޭރުން ކާރެއްގެ އަޑު އިވުމާއެކު އޭނާގެ ހަރަކާތްތައް އަވަސް ކޮށްލިއެވެ. ނަމަވެސް ހަމަ އެހިނދު ތިރިން ކުލްސޫމްގެ ކޮޓަރީގެ ދޮރު ހުޅުވުނު އަޑު ނަވަލްގެ ކަންފަތުގައި ޖެހުނެވެ. ޖެހި ބުދެއްފަދައިން ހަރަކާތެއް ގެންނަން ނޭނގިފައި ހިނދުކޮޅަކު އޭނާއަށް ހުރެވޭނީ ދެން ވާނޭ ގޮތެއް ވިސްނާލަން ނޭނގިފައެވެ.

= ނުނިމޭ =

  1. ލިއު

    މި ވާހަކައިގެ ފެށުން އެވަނީ ލިޔުންތެރިޔާ ލާރާގެ ވާހަކަ ކަމަށްވާ “ބޭނުންވަނީ ޔާރާ” ގެ ފެށުމާ އެއްގޮތަށް ކޮޕީކޮށްފައި. މިވާހަކައިގެ ފުރަތަމަ އެޕިސޯޑަށް ކޮމެންޓު ނުކުރެވުނީތީ ދެވަނަ އެޕިސޯޑުގަ މި ބުނެލީ.

    • ުެސަފީނާ

      އަޖައިބެއް ނުވާނެތަ ފަހެ މީހަކު. ބަލަ ލާރާ އެކަނިތަ ވާހަކަ ލިޔަނީ. އެހެން މީހުން ވެސް ލިޔަނީ ވާހަކަ. މި ރާއްޖޭގަ ވާހަކަ ލިޔާ އެތަށް ބަޔަކު އެބަ އުޅޭ. އެއިން ކޮންމެ ވާހަކައެއްގަ ވެސް އަނެއް ވާހަކައާ އެއްގޮތް ކަންތައްތައް ހުރޭ. އަހަންނަކީ ވެސް ލާރާގެ ހުރިހާ ވާހަކައެއް ކިޔާ މީހެއް. ކޮޕީ ކުރި ނަމަ މަށަށް ވެސް އެނގުނީސް. ދެރައީ ތިކަހަލަ ތާކުން ތާކު ނުޖެހޭ ކަންކަމާ އަނގަ ގަދަ ކުރާ މީހުން ގިނައީމަ. ކޮޕީ ވީމަ ނުކިޔާ ހުރީމަ ނިމުނީ އެންނު. ހަމަ އެއްޗެކޭ ނުބުނެ ނުހުރެވުނީ . މި ކަހަލަ މީހުންނަށް ހެޔޮ ވިސްނުން ދެއްވާށި.

      • ޔޫޔޫ

        ސަފީނާގެ ވާހަކައަށް އަހަރެން ވެސް ތާޢީދު. މިއީ ވަރަށް ދެރަ ކަމެއް. އަލަށް ލިޔާ ގިނަ ކުދިންނާ މިފަދައިން ދިމާ ކުރުމުގެ ސަބަބުން ގިނަ ލިޔުންތެރިން މި ދާއިރާ ދޫކުރަނީ. ކޮންމެ މީހަކީވެސް ކަމެއް އަލަށްް ފަށާއިރު އެންމެ ފުރިހަމައަށް ކުރާނެ މީހެއް ނޫން. ލާރާވެސް މިއަދު ހުރި ހިސާބަށް އައިސްފައި އެ ހުރީ އަހަރުތަކެއްގެ ބުރަ މަސައްކަތުން. ލާރާގެ ބައެއް ވާހަކަތަކުގައި ވެސް ހުރޭ ބޭރުގެ ސީރީޒްއާ ވަރަށް ވައްތަރު ބައިތައް. އެހެންވީމަ އެވެސް ކޮޕީ ދޯ. މި ސައިޓަށްް ލިޔަނީ ވަރަށް ހުނަރުވެރި ކުދިން. މީހުން ކިޔާ މިކަހަލަ ކޮމެންޓުތަކާ މެދު ނުވިސްނާ ދެން ހުރި ބައިތައް މިއަށްވުރެ ފުރިހަމަ ކުރަން ހިތްވަރާއެކު މަސައްކަތް ކުރޭ

      • ިބިއްކޮ

        ތިބޭފުޅާ ލާރާގެ ވާހަކަތައް ކިޔަމޭ ބުނާއިރު އަޅުގަނޑަކަށް ހިއެއް ނުވޭ “ބޭނުންވަނީ ޔާރާ” މި ވާހަކައިގެ ފުރަތަމަ އެޕިސޯޑު ރަނގަޅަށް ކީހެންނެއް…އެހެން ނޫންނަމަ އެނގޭނެ ހަމަ ލާރާ ފެށުން ގެނެސްފައި ވާ ގޮތަށްކަން މި ވާހަކައިގެ ފެށުންވެސް ގެނެސްފައި އެވަނީ..މީހެއްގެ ހިޔާލު ކޮޕީކުރުންވެސް އެ ވާނީ ހަމަ އެމީހަކަށް ވެވޭ ބޭއިންސާފަކަށް އިނގޭތޯ…އަދި މީހަކު ރުޅި އަންނަވަރު އެއްޗެއް ނުބުނޭ

        • އަޖައިބުވެއްޖެ

          ފުރަތަމަ ކޮޕީ ކުރުމުގެ މާނަ ބަލާ. ހާދަ ގަމާރު މީހުން ގިނައޭ. ކޮޕީ އަކީ އެއްޗެއް ހަމަ އެ އޮތް ގޮތަށް ލިޔުން. އެކަމަކު އޭތިި އިމްޕޮރޮވައިޒް ކުރުން އެއީ ކޮޕީއަށް ވަންޏާ ފުރަތަމަ ދޭތީގެ މާނަ ބަލާ.

      • އަފާ

        ސަފީނާ އަކީ ލާރާގެ ވާހަކ ކިޔާ މީހެކޯ. ސަފީނާ އަލުން ބޭނުންވަނީ ޔާރާ ގެ ފުރަތަމަ އެޕިސޯޑް ކިޔާބަލަ

    • ާއާމިނަތު

      ދިވެހި ބަހުން ވިޔަސް އިގިރޭސިބަހުން ވިޔަސް ؛ލިޔާ ވާހަކަ ނޫނީ މިޒުމޫނެއްގަ އެއްގޮތް ޑައިލޮގު ނުހުރެ ނުދާނެ.އެއީ ކޮޕީ އެކޭ ނުބުނެ ވޭނެދޯ.

    • ލާރާގެ ބަފާ

      ދެން އަމިއްލަ މީހާ ތިހާ ކައްގަނޑަށް ބާރު ކުރަންޔާ ލިޔަންވިނު ކޮޕީ ނޫން ވާހަކަ އެއް. މި ވާހަކަ ލިޔާ ކުއްޖާގެ މަސައްކަތް ވަރަށް ފުރިހަމަ. ވާހަކަ ވެސް ވަރަށް ޝައުގުވެރި.
      އަމިއްލަ މީހާ އައް މި ފެންވަރުގެ ލިޔުމެއް ނުލިޔެވޭފި ދޯ ތިހާ ކައްގަނޑަށް އަސަރު ކުރަނި.

  2. ލާާރާގެ ދަރި

    ރާއްޖޭގައި މީހަކު ވާހަކައެއް ލިޔެފިއްޔާ އެއީ ލާރާގެ ވާހަކައެއް ކޮޕީ ކޮށްގެން ލިޔެފައިވާ ވާހަކައެކެވެ. ތިޔައީ ވަރަށް ހެއްވާ ކަމެކެވެ. ހަމަގައިމު ވެސް ތިޔަ އަޅުވަނީ އަސާސެއް ނެތް ތުހުމަތު ތަކެކެވެ. ލާރާގެ ވާހަކަތައް މިހާރު ބާ ވެއްޖެއެވެ. ލާރާ ނޫނަސް، މި ދާއިރާގައި ކުދިން ކުރިއަރަން ހިތްވަރު ދޭން ޖެހެއެވެ. ނޫންނަމަ ރިވާޔަތު މޫސާ ވަ ޒުލޭހާއަކީ ވެސް ވާނީ ލާރާ ލިޔަން ވިސްނާފައި އޮތް ވާހަކައެއްގެ ކޮޕީއަކަށެވެ.

  3. ފޭކު އައިޑީ

    ދޮންކަލޯ ކާކުކަން އެނގޭ ގޮތަށް ކޮޕީއޭ ކިޔައިގެން ވާހަކަ ދައްކާ. ނޫހުގެ ޕޭޖަށް މެސެޖު ކޮށްލަން ވެސް ނުކެރޭ ސޮޑު ގޮލައެއް މި މެސެޖު ކުރަނީ. ކަލޭ އައްޕަ ވާހަކަ ލިޔަނީ ކޮޕީ ކޮށްގެން.

    • ސުލޫކު

      މާސާގެ ޕޭޖަށް ކޮމެންޓު ކުރީމަ އޭނާ ކޮމެންޓު ޑިލީޓް ކުރަނީ. މީނަ މިކަންކުރީ އަލަކަށްނޫން. ފެށުނީއްސުރެ އެހެން ލިޔުންތެރީންގެ ބުރަ މަސައްކަތް އަމިއްލަ ކުރަމުން ދަނީ. އައިޝާގެ ފަސްޓްލޭޑީގެ ބަޔަކާއި ލާރާގެ ބޭނުންވަނީ ޔާރާގެ ބަޔަކާއި ޔަސްމާގެ ހަނދާންވޭހެ ކަލާ… މި ވާޙަކަތަކުން ކިޔާފަހުރި ބައިތައް އަލުން ކިޔާލެވޭހެން ހީވީ. އެއްގޮތް ވިޔަސް މީބޮޑުުވަރު. ވެބްސައިޓުން ހަގީގަތް ބަލާކަށް ބޭނުމެއްނުވޭ. މިފަދަ “ނަމެއްގަ” އުޅޭ ލިޔުންތެރީން މޮޅުމީހުންނަށް ހަދައި ހިތްވަރު ދެވޭތޯ މިސައިޓުން ބަލަނީ. އެހެންވީމަ ޔަގީންވަނީ ނޫހުގެ ޕޭޖަށް މެސެޖުކޮށްފިނަމަ އެމީހަކު ޓާގެޓަކަށް ހަދައިގެން އޭނާއަށް އުޅޭން ދަތިކުރާނެކަން.

      • ލޮލް

        ދޫންޏާ ތިވެސް މީހަކާ ޖައްސާލުމޭ ބުނެވދާނެ. ހަމަ ތިހެން ބުނެވިދާނެ. ލާރާގެ ސިއްތާ ވާހަަކަ ކިޔާލި އިރު ހީވި އެއީ ޗައިނީޒް ސީރީޒްް ސްވީޓްް ފާސްޓްް ލަވްގެ ކޮޕީ އެކޭ. ލިޔާ މީހެން އެހެން މީހުންގެ ވާހަކަ ވެސް ކިޔާނެ. އަދި އެ ހިޔާލުތައް ބޭނުންވެސް ކުރާނެ. ދުނިޔެއިން ފެންނަ ކަންތައްތައްވެސް ލިޔާނެ. ލާރާގެ ފޭންސް އަށް ހީވަނީ ލާރާއަށް އެކަންޏޭ ވާހަކަ ލިޔެވޭނީ. މީ 2022. ވަރަށް ސަލާމް.

        • ޝޫބާ

          ލޮލްއަށް ބުނެލަން. މަގޭ ތިބުނާ ސީރީޒް ބެލީމް. އެސިރީޒް އަސްލު ބެލިނަމަ އެގޭނެ ވައްތަރެއްނޫންކަން. މީހުންނަށް އޮޅުވާލާން ނޫޅޭ. އެސީރީޒްގަ އެގާލްގެ ޕޭރެންޓްސް މަރުވާތަން ވިޓްނަސްކުރެވި ލިބޭ ޓްރައުމާގަ އޭނާއަކީ ކާކުކަން މުޅީން ހަނދާންނެތެނީ. ނިއު އައިޑެންޓިޓީއެއްގަ ޕޭރެންޓްސްގެ ކްލޯޒްފްރެންޑްގެ ފެމެލީއިން އޭނާދެން ބަލަނީ އެފެމެލީގެ ދަރިއެއްގެ ގޮތުގަ. ހާދިސާތައް ހަމަމުޅީން ޑިފަރެންޓް ސިއްތާވާހަކައާ. މީ 2022 ވައްތަރުވިއްޔާ މީހުން އަގަމަޑުންލައިގެން ނުތިބޭނެ. ސޯ ދޮގު ނަހަދާ އިގޭ. ވަރަށް ސަލާމް އިބައަށް.

          • ެއެ ސީރީސްގަ ފިރިހެންކުއްޖާ އިރުއަރާއިރު އޮންނަނި ގާލް ކޮޓަރީގަ. ސޭމް ލައިކް އިހާން. އެންޑް އެގާލް ބޯއީގެ މަންމައަށް ކިޔާނީ މަންމަ.. ސޭމް ލައިކް ނީރާ. އޭގަ އެބޯއީ ލޯބިވާނީ އއގާލް ދެކ. ސޭމް އޭޒް އީހާން ލަވްސް ނީރާ. އެހެންވީމަ ކޮޕީ ދޯ ހަމަ. މިވާހަކައިގެ ފެށުން ކޮޕީ ވިއްޔާ އެވެސް ހަމަ ކޮޕީއެކޭ ބުނެވޭނީ

  4. ހެޔޮ ނަސޭހަތެއް

    ިމިކަހަލަ ވާހަކައެއް ލިޔާތީ ބުނެލަން. ﷲ މޮޅަށް ދެނެވޮޑިގެންވޭ. ސުވާލުކުރެވޭ ދުވަހު ހުރިހާ ހަގީގަތެއް ހާމަވާނެ. ﷲގެ އަޒާބާމެދު ބިރުގަންނަ އިންސާނާ އެހެންމީހުންގެ ހައްޤަކަށް “ޒައްރެއްގެ މިންވަރަށްވެސް” އަރައިނުގަންނާނެ. މިއަދު މެދުހަށިނަގައިގެން ބިމުގައި ހިނގަހިނގާ ހުއްޓާ މަރު ބައްދަލުކުރާނީ ކޮންވަގުތަކުކަމެއް ނޭނގޭނެ. ތަޢުބާވާން ވަގުތު ލިބޭނެކަމެއްވެސް ނޭގެ

    • މި ވެސް ހެޔޮ ނަސޭހަތެއް

      މީހެއްގެ ބޮލުގައި ހަޤީޤަތެއް ނެތް ތުހުމަތު އެޅުވީމަ އެކަމާ ވެސް ސުވާލު ކުރެވޭނެ. ތިމާ އަށް ނޭނގޭ ވާހަކަ ނުދައްކާ ހުރުން މާ ފައިދާ ބޮޑު.

  5. ލާރާގެ އަންމަ

    އެއްގޮތަކަށް ފަށާފަ ހުންނަ ކިތަންމެ ވާހަކައެއް ހުރޭ. ހަނދުގެ ރީތި ކަމުން ފެށިގެން ގޮސް އިރު އޮއްސޭ ވާހަކައިންފެށުމަށް. ނިދިން ހޭލެވުމުން ފެށިގެން ނަމާދުން ފަށާ ވާހަކަތައް. ބައިވަރު އިނގިރޭސި ވާހަކަ ހުރޭ ލަވއިންފަށާވެސް ދެން ކިޔަންވި ކޮޕީއޭތަ. ގްރޯ އަޕް ލާރާގެ ފޭންސް!!!

    • ނީރު

      މައިންބަފައިންނާ ބެހޭ ހިސާބަށް ކަންތައްދާއިރު ހާމަވަނީ މިފަދަ ކޮމެންޓުކުރާ މީހުންގެ އަހުލާގެއްނެތްކަން. ހަގީގަތް އެއޮތީ ފެންނަން. ބޯހަރުކަމާއި ޖާހިލުކަން ކުރިޔަށް ނެރުނަސް ހަގީގަތް ބަދަލެއްނުވާނެ. ތެދުވެރިކަމާއި އިޙްލާސްތެރިކަންނެތް ލިޔުންތެރިއެއް!!!

  6. ތޯތޯ

    ސުބުހާނަﷲ. މި އޮތް ކޮމެންޓް ތަކެއް ފެނުމުން ސަހަރޯޯ ހިތަށް އަރައިފި. ދިވެހީންގެ މި އާދަ ނުހުއްޓޭނެ. އަހަރެން ލާރާގެ ވާހަކަ ވެސް ކީން. ބުނެލަން އޮތީ ވައްތަރޭ. ހަމަ އެއާއެކު ތަފާތު ވެސް އެބަހުރި. ފެށުމުގަ އެއް ގޮތް ކަމެއް ހުއްޓަސް މި ކުއްޖާ ލިޔެފަ ހުރީ ލާރާއާ ތަފާތުކޮށްް. އޭނަގެ ހިޔާލު ތަފާތުކަން އެނގޭނެ ރަނގަޅަށް ކިޔާލި މީހަކަށް. އަދި ބުނެލަން އޮތީ މިއީ ވަރަށް ކޮމަން ސްޓާރޓިން އެއް. ވަރަށް ގިނަ އިނގިރޭސި ވާހަކަ ފޮތްތަކާއި ހައި ސްކޫލް ޑްރާމާާ ސީރީޒް ތަކުން ވެސް ފެންނަަ ސީން އެއް މި. އެހެންވީމަ މިއީ ލާރާގެ ވާހަކައިގެ ކޮޕީ އެކޭ ބުނެވޭނެ ޖާގައެއް ނެތް. މިއީ އަހަރުމެންގެ ޑެއިލީ ލައިފްގަ ހިނގާ ކަމެއް. އޯ ލެވެސް އެގްޒާމަށް މަވެސް މިހެން ކިޔަވަން އިންދާ މަގޭ މަންމަ މި އެއްޗިސް ގޮވާލި. ސޯ މަވެސް ލާރާ ކޮޕީ ކުރީދޯ. ތެދުވެރިކަމާއި އިހްލާސްތެރިކަމެއް ނެތް ލިޔުންތެރިއެއްގެ ވާހަކަ ނުކިޔާާ ތިބޭ އެހެންވީރު. މި ޤައުމުގެ އަލަށް ކަމެއް ފަށާާ މީހަކަށް ޖާގައެއް ނެތް. ދެރަ ކަންކަން.