ވާހަކަ މުނިފޫހިފިލުވުން

ލިބޭތޯ ޔާރު ޖަންނަތުން( ހަތަރުވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
(ޓްރެއިލަރ) ލިބޭތޯ ޔާރު ޖަންނަތުން ލިބޭތޯ ޔާރު ޖަންނަތުން (ފުރަތަމަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދެވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިންވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން( ހަތަރުވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނުވަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދިހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެގާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ތޭރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސާދަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަނަރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސޯޅަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސަތާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ވިހިވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެކާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައުވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ފަންސަވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައްބީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެއްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބައްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތެއްތިރީސްވަނަ ބައި)

" އަހަރެން ދޮގު ވާހަކައެއް ނުލިޔަން.. ސަނާ ބުނެބަލަ ލިޔަންވީ ކީކޭކަން.. އެމީހުން ނުކުރާ ކަމެއްގެ ވާހަކަ ނޫން އަހަރެން ލިޔުނީ.. ފެކްޓް ބޭސްޑް ރިޕޯޓެއް އަހަރެން ލިޔުނީ.. ހެއްކާއެކު.. އެމީހުންގެ ރިޒޯޓް މުވައްޒަފުންގެ މުސާރަ ހަމައަށް ނުދޭތާ މިހާރު އަށް މަސް ވެއްޖެ.. ކޮވިޑާ ހުރެ މުސާރަ ކުޑަ ކުރިގޮތަށް އަދިވެސް އެވަރަށް ދެނީ.. ގައިމު މިހާރު އޭގެ ފަހުން ކޮން ދުވަހެއް.. "އެމް.އެސް.އެލް"ގެ ޗެއަރމަން ސާއިފް ނޫންތަ ބުނީ ކުރިން މުސާރަ ދިން ވަރަށް މުސާރަ ދޭން ފެށި ވާހަކަ.. އެއީ ދޮގެއްކަން އެނގިހުރެ އަހަރެން ލިޔަންވީ މުސާރަ ދޭ ވާހަކަތަ؟..".. އަރްހަމް ވާހަކަ ދެއްކިއިރު އެ އަޑުންވެސް އޭނާ ނުރުހުންވެފައި ހުރި މިންވަަރު ހާމަވެއެވެ.

Ads by STELCO

*****************

" ތިއީ ދޮގެކޭ ނުބުނަން.. އެކަމަކު އެވާހަކަ ހަބަރުގަ ލިޔުން އެއީ އަރްހަމް ހެދި ވަރަށް ބޮޑު ގޯހެއް.. ޖުމްލަ ފަންސާސް ހާސް ރުފިޔާ އެ ގެއްލުނީ.. ތިހާ ތެދު ވާހަކަ ލިޔަން ބޭނުން ނަމަ އަރްހަމް އެހެން ތަނަކަށް ބަދަލުވާން ވީނު..".. ސަނާ ރުޅި އައިސްގެން ފޯނު ބޭއްވުމާއެކު އަރްހަމްއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. މަޑުމަޑުން އިސްތަށިގަނޑަށް އޭނާ އަތް މަހާލިއިރު ހަޤީޤަތުގައި ވެސް ބޮލުގައި ރިއްސަން ފަށައިފިހެން ހީވިއެވެ.

ނަމަވެސް މީހާ ހަމައަކަށް އަޅުވާލަމުން އަރްހަމް ގޮސް މޭޒު ދޮށުގައި އިށީނދެ ލެޕްޓޮޕް ހުޅުވާލިއެވެ. ފޭސްބުކް ހުޅުވާލުމާއެކު ފުލުފުލުގައި ނޮޓިފިކޭޝަން އަންނަންފެށިއެވެ. ގިނައީ އޭނާގެ ހަބަރަށް ތާޢީދުކޮށް މީހުން ފޮނުވާފައި ހުރި ކޮމެންޓް ތަކާއި ޝެއަރ ތަކެވެ. އެހެންނަމަވެސް މަދު ބަޔަކު އެކަން ދޮގުކޮށް އަރްހަމްއަށް އަމާޒުކޮށް އެއްޗެހި ކިޔާފައި ވެސް ހުއްޓެވެ.

އެ ކޮމެންޓުތަކަށް މާ ބޮޑު ސަމާލުކަމެއް ނުދީ އަރްހަމް ބެލީ އޭނާ ލިޔާ ނޫހުގެ ސައިޓެވެ. ހީކުރި ގޮތަށް އޭނާ ލިޔުނު ހަބަރު އޮތީ ނަގާފައެވެ. ދެފަރާތަށް ބޯ ހޫރާލަމުން އަރްހަމް އޭނާގެ ބުރަކަށި ގޮނޑީގައި ޖައްސާލިއެވެ. ކޮންމެވެސް ވަރެއްގެ މާޔޫސްކަމެއް ހިތަށް ވެރިވެގެން ދިޔައީ ނުހަނު ބުރަ މަސައްކަތް ކޮށްގެން ލިޔުނު އެ ރިޕޯޓު މިހާރު ފެންނަން ނެތުމުންނެވެ. އެއްވެސް ހާލަތެއްގައި އޭނާ  އެވާހަކަ ލިޔުނީ ބަޔަކު މީހުންގެ ގޯސް ވާހަކަ ދެއްކުމުގެ ނިޔަތުގައި ނޫނެވެ. އެހެންނަމަވެސް ހަގީގަތާ ހިލާފު ވާހަކައެއް ލިޔުމަށްވުރެ އެވާހަކައެއްގެ އަސްލާ އެއްގޮތަށް ހަބަރުގައި ގެނެސްދިނުމަކީ އަރްހަމްގެ ޒިންމާއެއްކަމުގައި އޭނާ ދުށްޓެވެ.

"އެމް.އެސް.އެލް" ގެ މައްޗަށް މީގެ ކުރިންވެސް އެފަދަ ތުހުމަތު ތަކެއް ކުރެވުނު އިރު އެ ހުރިހާ ކަމެއް ވެސް އެ މީހުން ވަނީ ދޮގު ކޮށްފައެވެ. އަދި އެ ކުންފުނީގެ ވެރިޔާ ސާއިފްއަކީ ސިޔާސީ ބޮޑު ލީޑަރެއް ކަމުން އޭނާއާ ދެކޮޅަށް ޖައްސާ މައްސަލަތައް ގިނަ ފަހަރަށް ނިމެނީ ހެކި ނުލިބިގެންނެވެ. ނަތީޖާއެއްގެ ގޮތުން ސާއިފްއަށް ސަޕޯޓް ކުރާ ރައްޔިތުންގެ މެދުގައި އޭނާއަށް އޮތް ލޯތްބާއި މަޤުބޫލުކަން ވީ އިތުރެވެ. ސާއިފް ކުރިއަރައި ދާތީ ބައެއް މީހުންނަށް ހަޖަމް ނުވަނީ ކަމުގައި ބުނެ ގިނަ ފަހަރަށް އެންމެ އަޑު ގަދަ ކުރަނީ ވެސް އެމީހުންނެވެ. ނަމަވެސް ހަގީގަތް އެނގޭ މަދު މީހުންގެ ހިތުގައި ސާއިފްއަށް އޮތް ރުޅިވެރިކަން ދުވަހެއް ދުވަހަކަށް ވީ އިތުރެވެ. އަރްހަމް ލިޔުނު ރިޕޯޓަކީ އެ މީހުންގެ ވާހަކަތަކަށް ލިބުނު އިތުރު ބާރެއް ކަމުގައިވީ އެހެންވެއެވެ.

*****************************

އެނދުގައި އިން ނަވަލްގެ ތުންފަތުގައި ވީ ރަކި ހިނިތުންވުމެކެވެ. ފައިގެ ބޮޑުބައި ފޮރުވޭނެހެން ރަޖާ ގަނޑު އަޅާފައި އޮތް އިރު އުނގުމަތީ ބާލީހެއް އޮތެވެ. ނަވަލްގެ ނަޒަރު އަމާޒުވެފައި ވަނީ އަތުގައި އޮތް ފޯނުގެ ސްކްރީނަށެވެ. އަތުގެ އިނގިލީގެ ހަރަކާތްތަކާއި އިރުއިރުކޮޅާ އެ ތުންފަތް ދެފަރާތަށް ދެމިލާ ގޮތުން އޭނާ ވާހަކަ ދައްކަމުން އެ ދަނީ ނުހަނު މުހިންމު މީހަކާ ކަން އެނގެއެވެ.

ފޯނުން ހުޅުވާފައިވާ މެސެންޖަރ އެޕްއިން އެންމެ ފަހުން އައިސްފައިވާ މެސެޖް ނަވަލް އަނެއްކާ ވެސް ކިޔާލިއެވެ. ކައިސަން, އޭނާ ފޮނުވާފައި ހުރި ފޮޓޯތަކަށް ހާޓް ރިއެކްޓް ކޮށްލުމަށްފަހު ތަޢުރީފްކޮށް ލިޔެފައިވާ ފަށުވި އިނގިރޭސި އިބާރާތްތަކުން ބުނެފައި ހުރި ބަސްތައް ނަވަލްގެ ޅަ ހިތަށް އާދަޔާޚިލާފު އުފާވެރިކަމެއް ވެރިކުރުވިއެވެ.

މިހާރު ނަވަލްއަށް އިންތިޒާރު ކުރެވެމުން ދިޔައީ އެންމެ ކަމަކަށެވެ. ކައިސަން އޭނާދެކެ ލޯބިވާކަން ހާމަކޮށް ރައްޓެހިވާން އަހާތޯ އެދެވެމުން ދިޔައީ ދުވަހަކު ވެސް އެހެންކަމަކަށް އެ ހިތް އެދިފައިވާ ނުވާ މިންވަރަށެވެ.

އެވަގުތު ހިތަށް އެރި އެއްޗަކުން ނަވަލް އިންސްޓަގްރާމް ހުޅުވާލިއެވެ. އަދި އޭނާ ފޮލޯ ކޮށްފައިވާ "ރިލޭޝަންޝިޕް ޓިޕްސް" ޕޭޖު ބަލަން ފެށީ ކުރިން ދުވަހު ފެނުނު ޕޯސްޓެއް ފެނޭތޯއެވެ.

" ޔެސް.. އެގްޒެކްޓްލީ.. ލޯބިވާކަން ހާމަކުރަން ޖެހޭނީ ހަމައެކަނި ފިރިހެންކުއްޖާ ނޫން. އެހެން ނޫނަސް މިއީ ނަވާރަސަތޭކައިގެ އަހަރުތަކެއް ވެސް ނޫން.. ދިސް އިޒް ޓުވެންޓީ ޓުވެންޓީ ޓޫ.. އަހަރެން ކައިސަން ދެކެ ލޯބި ވާހަކަ ބުނުމަކުން ގޯހެއް ނެތް..".. އެ ޕޯސްޓަށް ބަލަން އިނުމަށްފަހު ނަވަލް އަމިއްލަ ނަފްސަށް ބުނެލިއެވެ.

އެއާއެކު އޭނާ ޗެޓުގައި ފޮނި ޢިބާރާތްތަކެއް ލިޔަންފެށިއެވެ. ގޫގްލް ކޮށްލުމަށްފަހު ފިރިހެން ކުއްޖެއްގެ ހިތަށް އެންމެ އަސަރު ކުރާނޭ ފަދަ ގޮތަކަށް ބަސްތައް އަމުނާލެވޭތޯ ނަވަލް ބެލިއެވެ. އޭނާއަށް ހިތްހަމަ ޖެހޭވަރަށް ލިޔެވުމުން އެ މެސެޖަށް ބަލަން އިނީ އަވަސްވެފައިވާ ހިތަކާއެކުގައެވެ. ކައިސަންއަށް މެސެޖު ފޮނުވަންވީތޯ ނަވަލްއަށް އަމިއްލަ ނަފްސާ ސުވާލުކުރެވުނު ހިނދު އަނެއްކާވެސް އޭނާ ބެލި ޕޭޖުގައި އިން ޕޯސްޓް މަތިން ހަނދާންވިއެވެ. އެއާއެކު ނަވަލްއަށް ހިތްވަރެއް ލިބުނު ފަދައެވެ. ތުންފަތަށް ވެރިވި ހިނިތުންވުމާއެކު ފޯނަށް ބަލަން އިނުމަށްފަހު އެ މެސެޖް ފޮނުވާލިއެވެ.

********************

ކައިސަންއަށް މެސެޖް ފެނުނުކަން ޔަޤީންވުމާއެކު ނަވަލްގެ އަތުގައި މަޑު ތުރުތުރުލުމެއް އުފެދުނެވެ. ފޯނު ހިފަހައްޓައިގެން އިނުން އުނދަގޫ ކަމަކަށް ވުމާއެކު އެނދުމައްޗަށް ފޯނު ދޫކޮށްލިއެވެ. އަދި ގައިމަތީ އަޅާފައި އޮތް ރަޖާ ދަށަށް ވަދެ މޫނު ފޮރުވާލިއިރު ކައިސަން ބުނާނޭ އެއްޗަކާ މެދު ހުއްޓުމެއްނެތި ވިސްނެމުން ދިޔައެވެ.

*******************

ނަވަލްއާއި ކައިސަން ދިމާވީ މީގެ ދެ އަހަރު ކުރިންނެވެ. ކޮލެޖް އޮޕެނިންގް ޑޭގައި ކޯހަކާއި ގުޅޭގޮތުން މައުލޫމާތު ހޯދަން ނަވަލް ސްޓޯލްއަކަށް ވަންއިރު އެތަނުގައި ކައިސަން ހުއްޓެވެ. ފުރަތަމަ ފެނުމުންވެސް ނަވަލްއަށް އެ ޒުވާނާގެ އާދަޔާޚިލާފު ރީތިކަން ފާހަގަކުރެވުނެވެ. އެހެންނަމަވެސް އިސްއުފުލާ ދެވަނަ ފަހަރަށް ބަލާނެހާ ހިތްވަރެއް ނަވަލްއަކަށް ނުލިބުނެވެ. އެހެންކަމުން ސިއްރު ނަޒަރުތަކަކުން ބަލައިގެން އެދުވަހު ނަވަލް ފުއްދާލީއެވެ.

އެއީ އެ ރީތި ޒުވާނާ ފެންނާނޭ ހަމައެކަނި ދުވަސް ކަމުގައި ނަވަލްގެ ހިތް ބުނުމާއެކު ނަފްސަށް މާޔޫސްކަން ވެރިވިއެވެ. ގެއަށް ދިޔުމަށްފަހު ވެސް އޭނާއަށް ހުރެވުނީ އެ ހިޔާލުގައެވެ. ޚާއްސަކޮށް އެ މުށި ކުލައިގެ ކަޅީގެ ތޫނު ބެލުމުން ނަވަލްގެ ޅަ ހިތް ޒަހަމް ކުރުވި ކަހަލައެވެ. ހީލާއިރު ކައިސަންގެ ކޯތާފަތަށް އެޅިގެންދާ އަޑިކޮޅަކީ ނަވަލް މާ ގަޔާވި ސިފައެކެވެ. އެއާއެކު އިރުގެ ރަން ދޯދިތައް އެޅުމުން މުށި ކުލައިން ވިދާ އެ އިސްތަށިގަނޑު ކައިސަންގެ ރީތިކަން ދެގުނަ ކޮށްދޭހެން ނަވަލްއަށް ހީވިއެވެ. ހަށިގަނޑު ވެސް ބިޔަވެފައި ރީއްޗެވެ. އަންހެން ކުދިންގެ ހިތްތައް ހަމަގައިމުވެސް ފަތަހަ ކުރާނޭކަން ޔަޤީނެވެ.

އެފަދަ ފުރިހަމަ ޒުވާނެއްގެ ލޯބިވެރިޔަކު ނުހުރެ ނުދާނޭ ހިތަށް އެރުމާއެކު އެ ހިޔާލުން ނަވަލްއަށް އުނދަގޫވިއެވެ. ޔެލިޒްއާއި ޔާޒް ކައިރީ އެ ޒުވާނާގެ ވާހަކަ ބުނަން ހިތަށް އަރާފައި ވެސް ނަވަލް އެކަމާ ޖެހިލުންވީ އެ ސަބަބާ ހުރެއެވެ. ލިބުން ނެތް ލޯތްބަކާމެދު ހިޔާލު ކުރުމަކީ މޮޔަކަމެއް ކަމުގައި ނޫނީ ނުވާނެ ކަމުގައި ހިތަށް ވިސްނައިދޭން ނަވަލް މަސައްކަތް ކުރިއެވެ. އެކަން ކޮންމެވެސް ވަރަކަށް ކާމިޔާބު ވެސް ވިއެވެ.

ނަމަވެސް އެ މަސައްކަތަށް މާބޮޑު ކުރިއެރުމެއް ނުލިބުނީ ދެވަނަ ފަހަރަށް އެ ޒުވާނާއާއި ނަވަލްއާ ދިމާވުމުންނެވެ. އޮރިއެންޓޭޝަން އޮތް ދުވަހު ނަވަލްއަށް ދެވުނީ ތަންކޮޅެއް ލަހުންނެވެ. އެހެންކަމުން އޭނާ އިށީންނަން ޖެހުނީ ޔެލިޒްމެންނާ ވަކިން އޮޑިޓޯރިއަމްގެ ތަންކޮޅެއް ފަހަތު ބަރިއެއްގައެވެ. ކައިރީގައި ދަންނަ މީހަކު ނެތުމުން ނަވަލްއަށް އިނދެވުނީ ފޫހިވެފައެވެ. ގޮނޑީގެ އަތް ގަނޑުގައި އަތް އަޅުވައިގެން ހިޔާލަކަށް ގެއްލިފައި ވަނިކޮށް ނަވަލް ސިހުނީ އެތަނުގައި މީހަކު މަޑުކޮށްލުމުންނެވެ. އިސްއުފުލާ ބަލާލެވުމާއެކު އެ ހިތަށް ކުއްލި ލޮޅުމެއް އައި ކަހަލައެވެ. އަވަސްއަވަހަށް ގޮނޑިން އަތް ނެގުމާއެކު އެއްކަލަ ޒުވާނާ ހިނިތުންވުމެއް ހަދިޔާކޮށްލަމުން ނަވަލްއާ ޖެހިގެން އިން ގޮނޑި ތިރިކޮށްލަމުން އިށީނެވެ. ނަވަލްއަށް އިނދެވުނީ ހީލަން ވެސް ނޭނގިފައެވެ. ނަމަވެސް ހިތަށް ކުރުވީ ފޮނި އިހްސާސެކެވެ. އެ ސެޝަންގެ ބާކީ އޮތް ބައިގައި ނަވަލްއަށް އިނދެވުނީ ހިނިތުންވެލައިގެންނެވެ. ލެކްޗަރަރ ދައްކަމުން ދިޔަ ވާހަކަތަކަށްވުރެ ބޮޑަށް އޭނާގެ ސަމާލުކަން އަތުލާފައިވީ ކައިރީގައި އިން ޒުވާނާއެވެ.

އޮރިއެންޓޭޝަން ނިމި ގެއަށް ދާ ވަގުތު ޖެހުމުން ނަވަލް ދެރަވިއެވެ. ދެ ގަޑިއިރު ވަންދެން ކައިރީގައި އިނދެފައި ދާން ޖެހުނު އިރު ކުޑަމިނުން އެ ޒުވާނާގެ ނަން ވެސް ނޭނގުމުން އޭނާގެ ތަބީޢަތަށް ބަދަލުތަކެއް އައެވެ. އަނެއްކާ ވެސް ދުވަސްތައް ހޭދަކުރަން ޖެހޭނީ އެ ޒުވާނާ ނުފެނިކަން އެނގުމުން ހިތަށް ވެރިވީ ތަފާތު އިހްސާސެކެވެ. ކޮންމެވެސް ސިފައެއްގައި އެ ދިރިއުޅުމުގައި ހުސްކަމެއް ވާނޭ ކަމުގައި ހިތް ބުނެލިއެވެ. އެ އުމުރުގެ އެހެން ކުދިން ފަދައިން އޭނާ ވެސް ލޯބިވެރިއަކު ބޭނުންވާ ކަމުގައި ގަބޫލުކުރެވުނެވެ. ލޯބިވުމުން ކުރެވޭ އިހްސާސް އެނގެން ނަވަލް ވެސް ބޭނުންވިއެވެ. އޭނާއަށް ވެސް ލޯބި ބޭނުންވާ ކަމުގައި ވިސްނުނެވެ. ނޭނގި ނަމަވެސް ނަވަލްއަށް އެ ލޯތްބަށް އެދެވުނީ އެންމެ ފަރާތެއްގެ ކިބައިންނެވެ. ފުރަތަމަ ނަޒަރުން އެ ހިތް ފަތަހަ ކުރި ޒުވާނާއަށް ހިތުން އެހާ ބޮޑު މަޤާމެއް ދެވުމުން އެއީ ހަގީގީ ލޯބިކަމުުގައި ނަވަލްއަށް ހީކުރެވުނެވެ. އަދި އުމުރުގެ ބާކީ އޮތްބައި ހޭދަކުރަން ބޭނުންވަނީ ހަމައެކަނި އެ ޒުވާނާއާ އެކު ކަމުގައި ނިންމީ އޭނާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ނޭނގޭ ހާލުގައެވެ.

ހަފްތާއެއް ފާއިތުވެގެން ދިޔައިރު ނަވަލްގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެއެވެ. ރެޔާއި ދުވާލު އެ ޒުވާނާގެ ހިޔާލުގައި ހޭދަކުރެވި ކުލްސޫމްއާ ވެސް ދުރުވެވުނީ ނޭނގުމެއްގެ ތެރޭގައެވެ. ނަމާދު ކުރި ކަމުގައި ވިޔަސް ނަމާދުގައި ކިޔާ ޒިކުރުތަކަށްވުރެ ބޮޑަށް ނަވަލްއަށް ވިސްނެނީ އެ ޒުވާނާއާ ބެހޭ މައުލޫމާތެއް ލިބޭނޭ ގޮތަކާ މެދުގައެވެ. ކެއުމަށް ފަރުވާކުޑަކުރެވި އެ ރީތިކަން ވެސް ފަނޑުވި އިރު އެއިން ކަމަކަށް ނަވަލްގެ އަޅާލުމެއް ނެތެވެ. ދުނިޔޭގެ ހުރިހާ ކަމަކަށްވުރެ އޭނާއަށް އިސްކުރެވިފައިވީ ހިތުގެ އެދުމެވެ. އެންމެ ފަހުން ކުލްސޫމް އަށް ވަގަށް ލޯބީގެ ލަވަތައް އަޑުއަހަން ފެށިއިރު އެ ލަވަތަކުގައި ދައްކާ ފާހިޝް ވާހަކަތައް އެ ޒުވާނާއާ ގުޅުވައި އެކަމުން ނަވަލް ހިތްހަމަޖެހުން ހޯދަމުން ދިޔައީ ކޮންމެވެސް ސިފައެއްގައި އެ ޒުވާނާ އޭނާގެ ހަޔާތުގައި ވުމަށް ބޭނުންވާތީއެވެ.

ނަވަލްގެ ފަރާތުން މާ ބޮޑު މަސައްކަތެއް ނުކުރެވެނީސް އެ ޒުވާނާގެ ފަރާތުން ފޭސްބުކް ފްރެންޑް ރިކުއެސްޓެއް ލިބުނެވެ. ފުރަތަމަ އެ ކަން ޤަބޫލު ކުރަން އުނދަގޫވެފައި ނަވަލްއަށް ހުރެވުނީއެވެ. އެހާ ފަސޭހައިން އޭނާ ބޭނުންވާގޮތަށް ކަންތައްތައް ވާން ފެށުމުންް އެ ހިތް އުފަލުން ނަށަންފެށިއެވެ. އެކަމުން ވެސް ނަވަލްއަށް ވިސްނުނީ އެހެން ގޮތަކަށެވެ. އެ ރިކުއެސްޓަކީ އެ ދެ ޒުުވާނުންގެ މެދުގައި ގުޅުމެއް އޮންނަން ޖެހޭނޭ ކަމުގެ ނިޝާނެއްގެ ގޮތުގައި ނަވަލް ދުށްޓެވެ. އެހެންކަމުން ލަސްކުރުމެއް ނެތި އެ ރިކުއެސްޓް ނަވަލް އެކްސެޕްޓް ކުރިއެވެ.

ކައިސަންގެ ނަން ފެނުމާއެކު އެ ނަންވެސް ނަވަލްއަށް ރީތިވިއެވެ. ލިބިފައިވާ ރީތިކަމާއި އެއްވަރަށް ނަންވެސް ރީތި ތާއޭ ހިތަށްއެރިއެވެ. ކުލްސޫމް މެންނަށް ސިއްރުން އައިޑީ ހުޅުވައިފައިވުމުން ނަވަލް މާ ކުރިން ވެސް ވަނީ އާއިލާގެ މެމްބަރުންނަށް ނުފެންނާނޭ ގޮތަށް ބްލޮކް ކޮށްފައެވެ. ނަވަލްގެ ފޭސްބުކް ރައްޓެހިން ގޮތުގައި ތިބީވެސް މަދު ބައެކެވެ. އެހެންކަމުން ކައިސަން އޭނާގެ އައިޑީ ހޯދި ގޮތާ މެދު ނަވަލްގެ ހިތުގައި ފުރަތަމަ ސުވާލު އުފެދުނު ނަމަވެސް ފަހުން އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދީ މޫނު ފެންނަން އިން އޭނާގެ ރީތި ފޮޓޯއަކަށް ޕްރޮފައިލް ފޮޓޯ ބަދަލުކޮށްލިއެވެ. ލަސްތަކެއް ނުވެ ކައިސަން ލަވް ރިއެކްޓް ކުރުމާއެކު ނަވަލްއަށް ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހީލެވުނެވެ. އެ ހިނިތުންވުން އިތުރަށް ފުންވީ ކައިސަން އޭނާގެ ރީތިކަމަށް ތަޢުރީފުކޮށް ކޮމެންޓް ކުރުމުންނެވެ. އެ ކޮމެންޓުގެ ދަށުން ޔެލިޒްމެން ކޮމެންޓް ކޮށް ނަވަލްއަށް ވަކިން މެސެޖުކުރުމުން ވެސް އޭނާ ބުނީ އެއީ ދަންނަ ޒުވާނެއް ނޫން ކަމުގައެވެ.

ފުރަތަމަ ދެމީހުންގެ މެދުގައި ވާހަކަ ނުދެކެވުނަސް ނަވަލް ހުރީ އެ ކަމަށް ކެތް މަދުވެފައެވެ. ދުވާލަކު އެތައް ފަހަރަކު ކައިސަންގެ ޕްރޮފައިލްއަށް ވަދެ އޭނާ ޝެއަރ ކޮށްފައި ހުންނަ ޕޯސްޓްތަކާއި ފޮޓޯތައް ބެލުމުގައި ވަގުތު ހޭދަ ކުރެއެވެ. އެ ކަމުން އޭނާގެ ހިތަށް ލިބެނީ ބުނެދޭން ނޭނގޭ ހިތްހަމަޖެހުމެވެ. ދުވަހެއް ދުވަހަކަށް އެކަމުގެ ސަބަބުން އެ ހިތުގައި ކައިސަންއަށް ޓަކައި އުފެދެން ފަށާފައިވާ އިހްސާސްތައް ވީ ވަރުގަދައެވެ. ނަމަވެސް އެވާހަކަތައް ޔާޒް އާއި ޔެލިޒްއާ ހިއްސާ ކުރަން ނަވަލްގެ ހިތް އެއްބަސް ނުވީ އެ ޒުވާނުން އެކަމާ ދެކޮޅު ވާނޭ މިންވަރު ހިތަށް އެރުމުންނެވެ. ގޮތް ނޭނގޭ ޒުވާނެއް ދެކެ ނަވަލްއަށް ލޯބި ވެވިއްޖެ ކަމަށް ބުންޏަސް އެކަން ޔެލިޒްމެން ސީރިޔަސްކޮށް ނުނަގާނެކަން ނަވަލްއަށް އެނގެއެވެ.

އެންމެ ފުރަތަމަ މެސެޖު ކުރީ ކައިސަންއެވެ. ކްލާސް ހުންނަ ތަނެއް ނޭނގިގެން ނަވަލް ކައިރިން އޮޅުންފިލުވީ އޭނާއަކީ ކޮލެޖަށް އާ ކުއްޖެއް ކަމުގައި ބުނެ ބަހަނާ ދެއްކުމަށްފަހު އެވެ. އެކަން ނަވަލްއަށް އެނގުނު ނަމަވެސް މާ ބޮޑު ސަމާލުކަމެއް ނުދިނެވެ. ކޮންމެ ސަބަބަކާ ހުރެ ކަމުގައި ވިޔަސް ކައިސަން މެސެޖު ކުރުމުން ނަވަލްއަށް ދުނިޔެ ރަންވި ފަދައެވެ.

އެއީ އެ ގުޅުމުގެ ފެށުމެވެ. ނަވަލް އެކައުންޓިންގ އެންޑް ފައިނޭންސް ކިޔަވާއިރު ކައިސަން ކިޔަވަމުން ދިޔައީ އިންޓަރނޭޝަނަލް އިކޮނޮމިކްސް މެނޭޖްމެންޓް ކަމުން ކިޔަވަން ދާން ޖެހުނީ އެއް ފެކަލްޓީ އަކަށެވެ. އެ ކަމުގެ ސަބަބުން ކޮންމެ ދުވަހަކު ވެސް ނަވަލްއަށް ކައިސަން ފެނެއެވެ. ނަމަވެސް ދެ ޒުވާނުން ބައްދަލުވެ  އެއްވެސް ވާހަކައެއް ނުދެކެވުނީ ނަވަލްއާ އެކު އަބަދުވެސް ޔެލިޒްމެން އުޅޭތީއެވެ. ވަކިން ކައިސަންއާ ބައްދަލުވާނޭ ފުރުސަތަކަށް ބަލަބަލާ ހުރި ނަވަލްގެ އެ އުއްމީދު ފުނޑުފުނޑުވީ ކައިސަން ކުއްލިއަކަށް ޔޫ.އެސްއަށް ބަދަލުވުމުންނެވެ.

އެކަމުން ނަވަލްއަށް ލިބުނު މާޔޫސްކަން ފޫބެއްދީ އެ ދެމެދުގައި ވި ރާސްތާ ދުރުވުމުން ވެސް ކައިސަންއާ އޮތް ގުޅުން އެގޮތުގައި ދެމިއޮތުމުންނެވެ. ދެ ޤައުމުގައި ވަގުތުގެ ތަފާތު ހުރި ކަމުގައި ވިޔަސް އެކަމުން އެ ގުޅުމަށް ބަދަލެއް ނައީ ނަވަލް އެ ފުރުސަތު ނުދިނުމުންނެވެ. ރޭގަނޑުގެ ވަގުތުތައް ވެސް ކައިސަންއާ ވާހަކަ ދެއްކުމަށް ނަވަލް ހުސްކުރީ އެ ކަމަށްޓަކައި ހިތްއެދި ގޮވާ ވަރުންނެވެ. ފަހަރެއްގައި ވެސް ދިރިއުޅުމަށް އައިސްފައިވީ ބަދަލާ މެދު ނަވަލްއަށް ވިސްނައެއް ނުލެވުނެވެ. ކައިސަންއާ ނަވަލްގެ ގުޅުން ކުރިއަރާ ދިޔައިރު ހެއްދެވި ފަރާތާ އޮތް ގުޅުން ހީނަރުވަމުން ދިޔައީ ނަވަލްއަށް އެނގުމެއް ނެތިއެވެ.

***********************

ފޯނަށް އައި މެސެޖުގެ އަޑާއެކު ނަވަލް ރަޖާގަނޑު ދުރުކޮށްލިއެވެ. އެ މޫނަށް ވެރިވެފައިވީ ހާސްކަމާއެކު ވެސް ހިނިތުންވެވުނީ ކައިސަންގެ މެސެޖު ފެނުމުންނެވެ. ލޯބިވާކަން ހާމަކޮށްފައި ނެތް ނަމަވެސް ކައިސަން އެކަމާ އުފާވި ވާހަކަ ބުނެފައި އޮތުމުން ނަވަލްއަށް ލިބުނީ ބަޔާންކުރަން ދަތި ހިތްހަމަ ޖެހުމެކެވެ. ކައިސަން ލޯބިވާ ވާހަކަ ނުބުނި ކަމުގައި ވިޔަސް ނަވަލްގެ މައްސަލައެއް ނެތެވެ. އޭނާ ކިޔާ ލޯބީގެ ވާހަކަތަކާއި، އިންސްޓަގްރާމްއިން ފެންނަ ލޯބީގެ ޕޯސްޓްތަކުގައި ވެސް ބުނާ ފަދައިން ދުލުން ހާމަ ނުކުރި ކަމުގައި ވިޔަސް އަމަލުން އެކަން ދައްކާނަމަ މައްސަލައެއް ނެތްކަމަށް ނަވަލް އަމިއްލައަށް ނިޔާ ކަނޑައެޅިއެވެ.

***********************

ކަނޑުގެ ލޮނުގަނޑު ކަފަމުން ބާރު ސްޕީޑެއްގައި އައި ލޯންޗު މަޑުކޮށްލީ އިއްޒުއްދީން ފާލަަމަށެވެ. ލޯންޗުން ފޭބީ ހައިބަތު ހުރި މީހެއްކަން އަންގައިދެނީ އޭނާގެ ހެދުން އެޅުމުގެ ވައްޓަފާޅިންނާއި ކައިރީގައި ތިބި ހަށިފާރަވެރިންގެ ސަބަބުންނެވެ. އެދިމާލުގައި ޕާކް ކޮށްފައި އޮތް ކާރު ކައިރީގައި ވެސް ކަޅު ސޫޓުގައި ހުރި ދެމީހަކު ތިބިއިރު އެމީހުންގެ ނަޒަރު އެކި ދިމަ ދިމާލަށް ދަތުރު ކުރަމުން ދިޔަ ގޮތުން ނުހަނު ސަމާލުވެގެން ތިބިކަން އެނގެއެވެ.

" ވެލްކަމް ބެކް ސަރ.. މިކޮޅަށް ދުރުވޭ..".. އެ މީހާއާ މުހާތަބުކޮށް ކައިރީ ހުރި ބޮޑީގާޑް ވާހަކަ ދައްކަމުން އަތުން ކާރާ ދިމާލަށް އިޝާރާތް ކޮށްލިއެވެ. އެއާއެކު ލައިގެން ހުރި ކޯޓުގެ ގޮށް އަޅުވަމުން އެ މީހާ ހިނގައިގަތް އިރު އެ ދިމާލުގައި ހަރަކާތްތެރި ވަމުންދިޔަ ގިނަ މީހުންގެ ނަޒަރު ވަނީ އޭނާއަށް އަމާޒުވެފައެވެ. ކާރާ އެމީހާ ކައިރިވަމުން ދިޔަ ވަރަކަށް އެ ދިމާލަށް ނޫސްވެރިން ތޮއްޖެހެމުން ދިޔައެވެ. ކެމެރާތަކުގެ ޕްލޭޝް ހުއްޓުމެއް ނެތި ކެނޑެމުން ދިޔަ އިރު އޭނާ އެ ކަމަށް ސަމާލުކަމެއް ދިންހެން ހިއެއް ނުވެއެވެ. ހުރި ސީދަލަށް ނަޒަރު އަމާޒުކޮށްގެން ހުރެ ހިނގާފައި ގޮސް ކާރަށް އެރި އިރު އެންމެ ފަހަރަކު ވެސް ނޫސްވެރިންނަށް ބަލައި ނުލިއެވެ.

ކާރަށް އެރުމަށްފަހު އޭނާ ބޭރަށް ނަޒަރު ހުއްޓާލިއެވެ. އެތަނަށް އައިސް ތިބި ނޫސްވެރިންގެ ތެރެއިން އޭނާ ހޯދި ނޫސްވެރިޔާ ނުފެނުމުން ބުމަ ގާތް ކޮށްލި ގޮތުން އެ ސިކުނޑީގައި ހިޔާލުތަކެއް ދައުރުވަމުން ދިޔަކަން ދޭހަވެއެވެ.

" ސަރ.. އޮފީހަށް ނޫނީ ގެއަށްތޯ؟..". ޑްރައިވަރުގެ އަޑު ކަންފަތުގައި ޖެހުމާއެކު އޭނާ ސީޓުގައި ހަމަޖެހިލަމުން ފުރަތަމަ ދާންވީ ގެއަށް ކަމުގައި ބުނެލިއެވެ.

އެއާއެކު ލަސްކުރުމެއްނެތި ޑްރައިވަރު ކާރު ދުއްވާލިއެވެ. މާލޭގެ ކާރުބާރޫ ބޮޑެތި މަގުތަކުން ދުއްވި ނަމަވެސް ޓްރެފިކާ ހުރެ އެމީހުންނަށް އުނދަގޫ ނުވީ އެ ކާރު އަންނަތަން ފެނުމާއެކު މީހުން އެއް ފަރާތަކަށް ޖެހިލާތީއެވެ. މަންޒިލާ ހަމައަށް ދެވެންދެން ވެސް ކާރު ތެރެއަށް ވެރިވެފައި އޮތީ ހިމޭންކަމެވެ.

ހައިބަތު ހުރި ބޮޑު ގޭގެ ދޮރު މައްޗަށް ކާރު މަޑުކޮށްލުމާއެކު ކުރީ ސީޓުގައި އިން ބޮޑީގާޑު އައިސް އޭނާގެ "ބޮސް" އިން ފަރާތުގެ ދޮރު ހުޅުވާލިއެވެ. އަދި އިސްތިޤުބާލުގައި އެއް ފަރާތުގައި ހުއްޓިލައިގެން ހުއްޓެވެ.

" ސާއިފް..".. އެ މީހާ ކާރުން ފޭބުމާއެކު ގޭގެ ދޮރުމަތީ މަޑުކޮށްލައިގެން ހުރި ޒުވާން އަންހެނަކު ގޮވާލިއެވެ. އޭރު އެ އަޑުން ފާޅުވާން ހުރި އުފާވެރިކަން އެ މޫނުން ވެސް ފެންނާން ހުއްޓެވެ. ބަލާބެލުމަށް އެ އަންހެން މީހާއަށް ވާނީ ތިރީހަކަށް އަހަރެވެ. ނޫނީ އެއަށްވުރެ ވެސް އުމުރުން ހަގުވާނެއެވެ.

" މައި ލަވިންގް ވައިފް.. އައި މިސްޑް ޔޫ ޑަރލިންގް..".. ސާއިފް ގޮސް އެ އަންހެން މީހާގެ ގައިގައި ބައްދާލިއެވެ. އަދި އެ މޫނުން ވަސްބަލާލަމުން ގެއަށް ވަންނަން ހިނގައިގަތީ އޭނާގެ އުނަގަނޑުގައި އަތް އަޅުވައިލައިގެން ހުރެއެވެ.

" ރޯޒީ.. އަވަހަށް ލަންޗް ރެޑީ ކުރޭ..".. ގެއަށް ވަދެވުމާއެކު އެ އަންހެން މީހާ ސިޓިންގްރޫމުގައި ހަރަކާތްތެރިވަމުން ދިޔަ ހާދިމާއަށް އިރުޝާދު ދިނެވެ. އެއާއެކު ކުރަން ހުރި މަސައްކަތް މަޑު ޖައްސާލުމަށްފަހު ރޯޒީ އަވަސްވެގަތީ އޭނާއާ ހަވާލުކުރެވުނު މަސައްކަތް ކުރުމަށެވެ.

އޭރު ސާއިފްގެ ނަޒަރު އަމާޒުވެފައިވީ ރޯޒީއަށެވެ. ދޮންވެފައި ހަށިގަނޑުގެ ބައްޓަން ރީތި ޒުވާން ކުއްޖެކެވެ. މޫނު މަތިން ފެންނަން ހުރި މައުސޫމް ކަމުން އެކަނި ވެސް މީހަކު ލޯބިން ފުރޭހާވެއެވެ. ނުހަނު ޝައުޤުވެރި ނަޒަރަކުން ބަލަހައްޓައިގެން ހުއްޓާ ރޯޒީ ގޮސް ލޯމަތިން ގެއްލުމާއެކު ސާއިފްގެ ސަމާލުކަން ދެން ހުއްޓުނީ ގާތުގައި ހުރި މަހަލްއަށެވެ.

" ދަތުރު ކިހިނެތްތަ؟.. އެ ނެހާން އުޅުނު ދޯ ސާއިފް ނުފޮނުވަން.. އަހަރެން ހާދަ ފޫއްސެއްވާ އަންހެނެކޭ އެއީ.. ދެން ސާއިފް ވެސް ވެއްޖެއެންނު ނެހާން ވަރި ކުރަން..".. ސޯފާގައި ހަމަޖެހިލަމުން މަހަލް ދައްކަން ފެށި ވާހަކައިން ސާއިފް ބަލާލީ ހިތްހަމަ ނުޖެހިފައި އިނދެއެވެ.

= ނުނިމޭ =

  1. ނާއިފާ

    ހާދަ ބޭކާރު ވާހަކަ މިބައިގަ ގިނައޭ. އެންމެ ދެދުވަހު ވާހަކަ ގެންނައިރު އެހާ ކުރު ލިޔެފަ އޮންނަވަރު.

  2. މަރީ

    ޔެލިޒްއާ އަރްހަމްގެ ވާހަކައެއް ގެނެސްދީ ދެން. ނަވަލް މި އުޅޭ ގޮތަކުން ބޯ ހަލާކުވޭ