ވާހަކަ

ލިބޭތޯ ޔާރު ޖަންނަތުން (ހަތްވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
(ޓްރެއިލަރ) ލިބޭތޯ ޔާރު ޖަންނަތުން ލިބޭތޯ ޔާރު ޖަންނަތުން (ފުރަތަމަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދެވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިންވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން( ހަތަރުވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނުވަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދިހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެގާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ތޭރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސާދަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަނަރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސޯޅަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސަތާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ވިހިވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެކާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައުވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ފަންސަވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައްބީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެއްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބައްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތެއްތިރީސްވަނަ ބައި)

އަދި ފުޅީގެ މަތި ޖަހަމުން ފަހަތަށް އެނބުރުނީ މައްޗަށް ދިޔުމަށެވެ. ނަމަވެސް އޭނާގެ ފިޔަވަޅުތައް މަޑުވީ ކާގެއަށް ވަންނަ ދޮރުމަތީ ހުއްޓި ހުރި ނަވަލް ފެނުމާއެކުގައެވެ. ލައިގެން ހުރި ކަޅު ހެދުމާއެކު ކަޅު ބުރުގާގެ ތެރެއިން ފެންނާން ހުރި ނަވަލްގެ މޫނު އަރްޔަންއަށް ސިފަކުރެވުނީ ކަޅުވިލާގަނޑެއްގެ ތެރެއިން ދިއްލާފައި ހުރި ސާދަވިލޭރޭގެ ހަނދުހެންނެވެ. ހަރަކާތެއް ގެންނަން ނޭނގިފައި އަރްޔަން ހުއްޓާ ނަވަލް ފަސްއެނބުރި ގޮސް ލޯ މަތިން ގެއްލުމާއެކު އަރްޔަންއަށް ހަމަހޭވެރިކަން ލިބުނު ފަދައެވެ. އަތުގައި އޮތް ފުޅިއަށް ބާރުކޮށްލެވުނީ ހިތުގެ ތެޅުން ހަމައަކަށް މަސައްކަތް ކުރަމުންނެވެ. އެފަދައިން ނަވަލް ފެނުމާއެކު އޭނާއަށް އިހްސާސް ވުމަކީ ގޯހެއް ކަމުގައި ހިތް ބުނެލިއެވެ. ނަމަވެސް އެ ހިތުގައި މީގެ ތިން އަހަރު ކުރިން ޖެހި ވިންދު އަނެއްކާވެސް ޖަހައިފިކަން ޔަޤީނެވެ. އެކަމުން އަރްޔަން އަށް ދޭހަވީ އެންމެ ކަމެކެވެ. އެއީ އެ ހިތުގެ މަލިކާ އަކީ ނަވަލް ކަމެވެ.

Ads by STELCO

*****************************

ތުންފަތަށް ވެރިވެގެން ދިޔަ ފަނޑު ހިނިތުންވުމާއެކު އަރްޔަން ލަސް ފިޔަވަޅުތަކެއްގައި ސިޑިން މައްޗަށް އެރިއެވެ. އޭރު އެ ސިކުނޑީގައި ވީ އެންމެ ހިޔާލެކެވެ. އެ ނިޔަނެތި އަންހެން ކުއްޖާ އޭނާގެ ހައްގަކަށް ހަދާނޭ ގޮތެކެވެ. އެއާއެކު ނަވަލްއަށް ކޮންމެވެސް ސިފައެއްގައި އޭނާ ލޯބިވާކަން ހާމަކޮށްދޭން އަރްޔަން ނިންމިއެވެ.

****************************

އަށެއް ޖަހަން ކައިރިވެފައި ވަނިކޮށް ގެއަށް ވަން އަރްހަމްގެ މިސްރާބު ހުރީ އޭނާގެ ކޮޓަރިއާ ދިމާލަށެވެ. ކޮޓަރީގެ ސްވިޗް ޖައްސާލުމާއެކު އޭނާގެ ނަޒަރު ދަތުރުކޮށްލީ ސްޓަޑީ ޓޭބަލްއާ ދިމާލަށެވެ. އެދިމާލަށް ފިޔަވަޅުތައް ސީދާކޮށްލަމުން ގޮސް އަރްހަމް ނެގީ މޭޒު މަތީ އޮތް އައިޑީކާޑެވެ.

އެއާއެކު އޭނާ ވިސްނާލީ ޔެލިޒްއާ ކާޑު ހަވާލު ކުރާނެ ގޮތަކާ މެދުގައެވެ. ސިކުނޑިއަށް ވެރިވި ހިޔާލާއެކު އަރްހަމް ދޫކޮށްލީ ފުން ނޭވާއެކެވެ. ދެ ހިޔާލެއްގައި ހުރެ އޭނާ ފޯނު ހުޅުވާލުމަށްފަހު ހޯދީ ޔެލިޒްގެ ފޭސްބުކް އައިޑީއެވެ. އުނދަގުލެއް ނެތި އެ އައިޑީ ފެނުމުން ދެން ވެސް އަރްހަމްއަށް ފަސްޖެހެވިފައި ހުރެވުނީއެވެ. ކުރެވެން މި އުޅެނީ އެންމެ ރަނގަޅު ކަމެއްތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލެވުނެވެ. އެ ވަގުތު ސިކުނޑިން ބުނެދިނީ އެ ކަމުގައި މައްސަލައެއް ނެތް ކަމަށެވެ. އަރްހަމްގެ ނިޔަތަކީ ހަމައެކަނި ކާޑު ޔެލިޒްއަށް ހަވާލު ކުރުން ކަމެވެ.

ރިކުއެސްޓް ފޮނުވިއްޖެކަން ޔަގީންވުމާއެކު އަރްހަމް ފޯނު ބޭއްވިއެވެ. އޭނާއަށް އިންތިޒާރު ކުރެވެމުން ދިޔައީ ޔެލިޒް އެ ރިކުއެސްޓް އެކްސެޕްޓް ކުރާނޭ އިރަކަށެވެ. ނަމަވެސް ހިތުގައި ނުތަވަސްކަމެއް ވެސް ވިއެވެ. މި ނޫން ގޮތެއް ނެތް ބާއޭ ތަކުރާރުކޮށް ނަފްސާ ސުވާލު ކުރެވުނުއިރު ވެސް ޖަވާބަކަށް ބަދަލެއް ނައެވެ.

އޭނާއަށް ނިދުނީ ވެސް އެ ހިޔާލުގައި ވަނިކޮށެވެ. އޭގެ ސަބަބަކަށްވީ އަމަތު ކާން ގޮވުމުން ވެސް ނުހޭލެވުމެވެ. އަރްހަމްއަށް ދެން ހޭލެވުނީ ހުއްޓުމެއްނެތި އިވެމުން ދިޔަ ފޯނުގެ ނޮޓިފިކޭޝަންގެ އަޑަށެވެ. ކޮޓަރިއަށް ވެރިވެފައިވާ އަނދިރި ކަމަށް ލޯ ހޭނެން ނެގި މަދު ވަގުތުކޮޅަށްފަހު އަރްހަމް ބާލީސް ކައިރީ އޮތް ފޯނު ނެގިއެވެ. ގަޑިން ދަންވަރު ތިނެއް ޖަހަން ކައިރިވެފައިވާކަން އެނގުނީ ދެނެވެ. ހަނިކުރެވިފައިވާ ލޮލުން އޭނާ ބަލާލީ އައިސްފައިވާ މެސެންޖަރ ނޮޓިފިކޭޝަނަށެވެ.

" ވަޓް ޑޫ ޔޫ ވޯންޓް ؟ " ފުރަތަމަ މެސެޖުގައި ވިއެވެ.

ދެލޯ އުނގުޅާލަމުން އަރްހަމް ފަރުވާތެރި ކަމާއެކު ބަލާލީ ކާކުބާއޭ ހިތަށް އެރުމުންނެވެ.

" ޔޫ އަރ އާފްޓަރ މީ. ދޮގު ހަދަނީ ކީއްކުރަން. ލައިކް ވަންޏާ އެ ވާހަކަ ވެސް ބުނަންވީ ". އަރްހަމްއަށް ދެލޯ ބޮޑުކޮށްލެވުނީ ޔެލިޒްގެ ދެވަނަ މެސެޖް ކިޔާލުމާއެކުއެވެ.

ތިމާއަށް ތިމާ ފެނިފައި ހުރި އަންހެން ކުއްޖެކެވެ. އެހާމެ އަވަހަށް މީހުންނާ މެދު އެބަ ގޮތް ނިންމާލައެވެ. އެހެނަސް އަރްހަމްއަށް އެ މޫނުން ފެނިފައިވަނީ މައުސޫމް ކަމެވެ. ބަލާލަން ރީއްޗެވެ. ރީތި މަލެއްފަދަ ފަންމިންޏެކެވެ. އެ ހިޔާލުތަކާއެކު އޭނާއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. އިބިލީހުގެ ވަސްވާހުގައި އަނެއްކާ ވެސް ޖެހެވުނީއެވެ. އެވަގުތު ޔެލިޒްއަށް ޖަވާބު ދިނުން އަރްހަމްއަށް މުހިންމު ކަމަކަށް ނުވިއެވެ. ނަމަވެސް އިތުރަށް ނިދުމުގެ ހިޔާލެއް ވެސް އޭނާގެ ނެތެވެ. ފާހާނާއަށް ވަދެ ވުޟޫ ކޮށްލުމަށްފަހު ނުކުމެ މުސައްލަ ފަތުރާލުމާއެކު އަރްހަމް ކުރަން ފެށީ ދަމު ނަމާދެވެ.

*****************************

ކާމޭޒު ދޮށުގައި އިން ކުލްސޫމްގެ ނަޒަރު އިރު އިރުކޮޅާ ކުރިމަތީގައި އިން ނަވަލްއަށް އަމާޒުވެއެވެ. ނަމަވެސް އިސްޖަހާލި ގޮތަށް ނަވަލް އިށީނދެ އިނީ އަނގައިން ބުނުމެއް ނެތިއެވެ. ތައްޓަށް ލީ ދެ ރޮށި ހުސްކޮށްލުމާއެކު އޭނާ ތެދުވެ ހިނގައިގަތީ ޒިންކާ ދިމާލަށެވެ. ކުލްސޫމްގެ ދުރުކަމުން ނަވަލްއަށް އުނދަގުލެއް ވެސް ނުވާ ކަހަލައެވެ. ހަމަ ގައިމު ވެސް އެ މޫނުން އެ ފަދަ އަސަރެއް ފާޅުވާކަށް ނެތެވެ.

ކާގެއިން ނުކުންނަން އުޅެނިކޮށް ނަވަލްގެ ފިޔަވަޅުތައް ހުއްޓުނީ އުމައިރް ގޮވާލުމުންނެވެ. ފޫހިގޮތަކަށް މައްޗަށް ކަޅި ހިންގާލެވުނީ އުމައިރް އެ ގޮވަނީ ކީއްވެކަން އެނގޭތީއެވެ. ލަސް ފިޔަވަޅުތަކެއްގައި އައިސް ނަވަލް އަނެއްކާ ވެސް ކުރިން އިށީނދެ އިން ގޮނޑީގައި ފޫކޮޅު ޖައްސާލިއެވެ. އޭނާ ސިއްރު ނަޒަރަކުން ބަލާލީ ކުރިމަތީގައި އިން ކުލްސޫމްއަށެވެ.

ދެން ވެސް އުމައިރްގެ އިޝާރާތާއެކު ނަވަލް ދޫކޮށްލީ ފުން ނޭވާއެކެވެ. ހިސާބަކަށް ޖެހިލުންވެފައި އިނދެއެވެ. އޭނާގެ ހަނދާނަށް އައީ ރޭ އުމައިރް ދެއްކި ވާހަކަތެކެވެ. ދާވޫދްގެ ފަރާތުން ކުލްސޫމްއާއި ނަވަލްގެ ކޯޅުންގަނޑު އުމައިރްގެ ކަންފަތާ ހަމައަށް ފޯރީއެވެ. ނަވަލް ނުރުހުންވެދާނޭ ގޮތަކަށް ވާހަކަ ދެއްކުމުގެ ބަދަލުގައި އުމައިރްގެ ވާހަކަތައް ބައްޓަން ކުރީ ނަވަލްއަށް ވިސްނުވައިދިނުމުގެ ނިޔަތުގައެވެ. އޭނާ ކިޔައިދިނީ މަންމަގެ މުހިންމުކަމެވެ. މިއަދު ވެސް ކުލްސޫމްގެ ފަހު ދުވަހަށް ވެދާނެ ކަމެވެ. އެހެން ވެއްޖެ ނަމަ ނަވަލް މާފަށް އެދޭނީ ކިހިނެއްތޯ އުމައިރް ސުވާލު ކުރިއެވެ. މަަރު ބައްދަލު ކުރާނީ ކޮން ވަގުތަކު ކަމެއް ނޭނގޭނެއެވެ.

" ސޮރީ". ނަވަލް ބުނެލިއެވެ. އެއާއެކު ހިނދުކޮޅަކަށް ކުލްސޫމްގެ ނަޒަރު އޭނާއާ އަމާޒުވެލިއެވެ. އަދި މަޑުމަޑުން ބޯ ޖަހާލީ ނަވަލް ބުނި އެއްޗެއްގެ އަޑު އިވިއްޖެއޭ ބުނާ ފަދަ މޭރުމަކުންނެވެ.

ކުލްސޫމްގެ ޖަވާބު ލިބުމާއެކު ލަސްކުރުމެއްނެތި ނަވަލް ތެދުވެ ހިނގައިގަތެވެ. ކޮޓަރިއަށް ވަދެވުމާއެކު އޭނާއަށް ހިފަހައްޓައިގެން ހުރި ރުޅިގަނޑު ބޭރުކޮށްލެވުނީ ކަރުނައިގެ ސިފައިގައެވެ. ހިތް ފުރެންދެން ރޯލުމާއެކު ސިކުނޑިއަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިއްޖެކަމުގައި ނަވަލްއަށް އިހްސާސް ކުރެވުނެވެ. މޫނުމަތީ އަޅާފައި އޮތް ބާލީސް އޭނާ ހިއްލާލީ ފޯނު ރިންގުވާން ފެށުމާއެކުއެވެ. ފޯނަށް އަރާފައިވާ ނަންބަރަށް ނަވަލް ބަލާލީ ބުމަ ގާތްކޮށްލަމުންނެވެ. އެ ބެލުމުން ގުޅަނީ ކާކުކަން ނަވަލްއަށް އަށް ނޭނގޭކަން ބުނެދެއެވެ.

" ހަލޯ." ފޯނު ނަގައި ކަންފަތުގައި ޖައްސާލަމުން ނަވަލް ބުނެލިއެވެ. ޖަވާބެއް ނުލިބުމާއެކު އެކޮޅުން އިވެމުން ދިޔަ އަޑުތަކަށް އޭނާގެ ސަމާލުކަން ހުއްޓުނީ ދެނެވެ. އިރުކޮޅަކަށް ވިސްނާލުމަށްފަހު އެ މީހަކު ހުރީ އެއާޕޯޓެއްގައި ކަން ބުނަން ނަވަލްއަށް އެނގުނެވެ. އެހިނދު އޭނާއަށް ދެލޯ ބޮޑުކޮށްލެވުނީ ހިތަށް އެރި އެއްޗަކުންނެވެ. ކަންފަތާ ފޯނު ދުުރުކޮށްލަމުން އަނެއްކާ ވެސް އެ ނަންބަރަށް ބަލާލީ އަވަސް ވެފައިވާ ހިތަކާއެކުގައެވެ.

" ކައި." ނަވަލްގެ އަޑު ނުކުތީ މަޑުންނެވެ. އޭރު އެ މޫނަށް އަރާ ފައިބަމުން ދިޔައީ އެތައް ހާސް ކުލަތެކެކެވެ. އެވަގުތު އެ ކޮޅުން އިވުނު ލުއި ހުނުމުގެ އަޑާއެކު ނަވަލްއަށް އަނގަމަތީ އަތް އަޅާލެވުނީ ގަބޫލުކުރަން ދަތިވެފައި ހުރެއެވެ.

" ހައު އިޒް މައި ސަޕްރައިޒް". ކައިސަން ބުނެލިއެވެ.

" ދި ބެސްޓް ސޯ ފަރ. ކީއްވެ ކުރިން ނުބުނީ. އައި ކާންޓް ބިލީވް ދިސް." ނަވަލް އަށް ހުރެވުނީ ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހީލައިގެންނެވެ. އޭނާ އުފާވެފައިވާ މިންވަރު ހުދު އެ އަޑުން ވެސް ފާޅުވޭވޭ ހުއްޓެވެ.

"އޭރުން ސަޕްރައިޒްއަކަށް ނުވާނެ އެންނު. އަދި މި ލޭންޑް ކުރީ. ގެއަށް ގޮއްސަ ގުޅާނަން އިނގޭ." ކައިސަންގެ ލޯބިވެތި ބަސްތަކުން އިސާހިތަކު ނަވަލްގެ މުޅި ތަބީއަތް ރަނގަޅުވިއެވެ. ޖަވާބުގައި އޭނާ ލޯބިވާކަން ކައިސަން ގާތު ހާމަކުރަމުން ނަަވަލް ފޯނު ބޭއްވިއެވެ. ވަށައިގެން އެނބުރިލަމުން ނަވަލްއަށް އަނެއްކާ ވެސް ހީލެވުނީ ހިތަށް ލިބިފައިބާ އުފާވެރިކަމުގެ ސަބަބުންނެވެ.

*********************************

" މަންމާ". ކޮޓަރިން ނުކުންނަމުން ޔާޒް ގޮވާލީ ތަަންކޮޅެއް ބާރަށެވެ. މަހީންގެ އަޑު އައީ ބަދިގެއާ ދިމާލުންނެވެ. ހޭވިފައިވާ އިސްތަށިގަނޑުގައި އަތުން ފުނާ އަޅަމުން އައިސް ޔާޒް ބަދިގެއަށް ވަނެވެ. އޭރު އަވަދި ނެތި ބަދިގޭގައި ހަރަކާތްތެރި ވަމުންދިޔަ މަހީން ފެނުމާއެކު ބަހެއް ނުބުނެ އެ ދިމާލަށް ޔާޒް ބަލަން ހުރީ ކަމަކާމެދު ފިކުރުކުރާ ފަދައަކުންނެވެ.

" ކީކޭ ރަންކޮޅާ ". އެއްޗެކޭ ނުބުނެ ޔާޒް ހުންނަން ފެށުމުން މަހީން ކޮށާފައި ހުރި ބޯކިބާތައް ކައިރީ ހުރި ތަށްޓަށް އަޅަމުން އަހާލިއެވެ.

" މަންމަ ތިހާ ބުރަކޮށް ނޫޅޭށޭ އަޅުގަނޑު ބުނެފީމެންނު. " ޔާޒްގެ އަޑުން އޭނާ ހިތްހަމަނުޖެހުނުކަން މަހީން ދެނެގަތެވެ. އެހެނަސް އޭނާ ޔާޒްއަށް ދިނީ ލުއި ހިނިތުންވުމެކެވެ.

"މަންމަ މަސައްކަތް ނުކޮށް ކިހިނެއް ދަރިފުޅު ބޭނުންވާ ކަންތައްތައް ފުރިހަމަ ކޮށްދޭނީ. އެހެން ނޫނަސް މިއީ މާ ބޮޑު މަސައްކަތެއް ވެސް ނޫން. މީގެން އެތިކޮޅެއް ރަހަ ބަލާލަބަލަ. މަންމައަށް ހީވަނީ މިއަދު މާ ކުޅި ކުރެވިއްޖެހެން," ބޯކިބާ ކޮޅެއް ޔާޒްގެ އަނގަޔާ ކައިރިކޮށްލަމުން މަހީން ވާހަކަ އޮޅުވާލިއެވެ.

" ބައްޕަ ހުރި ނަމަ މިހެން ނުވީސް ". ކިތަންމެ މަޑުން ނަމަވެސް ޔާޒް ބުނެލި ބަސްތައް މަހީންގެ ކަންފަތަށް ފޯރިއެވެ. އޭނާގެ ހަރަކާތްތަކަށް ލަސްކަމެއް ވެރިވީ އެހެންވެއެވެ. އުމުރުން 21 އަހަރު ފުރިފައި ވިޔަސް ޔާޒްގެ ދިރިއުޅުމުގައި އަދިވެސް އެ ހުސްކަން ވާކަން މަހީންއަށް އެނގެއެވެ. ނަމަވެސް އެހެން ފަހަރުތަކަކޭ އެއްގޮތަށް ދެން ވެސް މަހީން ހިޔާރު ކުރީ ހިމޭންކަމެވެ. ޔާޒް ބުނި ޖުމްލަ އަޑު ނީވޭކަމަށް އޭނާ ހެދީ ގަސްތުގައެވެ.

ތުއްތުއިރުއްސުރެ ވެސް ޔާޒްގެ ހުރިހާ ކަމެއް މަހީން ބެލެހެއްޓީ އަމިއްލައަށެވެ. ޅަ ފުރާގައި އާއިލާއާ އޮތް ގުޅުން ހީނަރުވެ އެއްކޮށް ކެނޑިގެން ދިޔަ ސަބަބެއް ކަމުގައިވީ މަހީން ކައިވެނި ކުރި މީހާއެވެ. ތަކުރާރުކޮށް އެއީ ރަނގަޅު މީހެއް ނޫން ކަމުގައި މަހީންގެ މައިންބަފައިން ބުނި ބުނުމުން އޭރު މަހީންއަށް އިސްކުރެވުނީ ރުޅިވެރިކަމެވެ. އޭނާއަށް ހެވެއް އެދެން އެ މީހުން ބޭނުންނުވަނީ ކަމުގައި ބުނެ އަމިއްލަ ފަސްގަނޑު ދޫކޮށް ދިރިއުޅުން މާލެއަށް ބަދަލުކުރީ ހަޔާތުގައި ވެވުނު ހަމައެކަނި ލޯތްބަށްޓަކައެވެ. އެހެނަސް އެ ކަމުގެ ނިމުން އައީ މަހީން އުންމީދު ކުރި ގޮތަކަށް ނޫނެވެ.

" އަޅުގަނޑު ނިންމައިފިން ވަޒީފާއަކަށް ދާން ". މަހީންއަށް ހިޔާލުތަކުން ބޭރުވެވުނީ ޔާޒްގެ އަޑުންނެވެ. އޭނާއަށް ސިހިފައި ޔާޒްއަށް ބަލާލެވުނެވެ. ކީއްކުރަންތޯ ސުވާލު ކޮށްލެވުނީ މަހީންއަށް އެގޮތާ ރުހެން އުނދަގޫވީތީއެވެ.

" އެގްޒާމްތައް މި ނިމެނީ. ދެން ގޭގަ އެއްވެސް ކަމެއް ނުކޮށް ހުރުމުގެ ބޭނުމަކީ ކޮބާ؟ މަންމަ ވެސް ރެސްޓް ކުރަންވީ ވަގުތު މިއީ. ދިރިއުޅުމުގަ މަންމަ ގުނާ އަދަދު ނުކުރެވޭހާ ގުރުބާނީތަކެއް ވެއްޖެ. އެކަމުގެ އަގު އަދާ ކޮށްނުދެވުނަސް މަންމަގެ ބުރަތަކަށް ލުޔެއް ހޯދަދޭން އަޅުގަނޑު ވެސް ބޭނުން. ޕްލީޒް. ނޫނެކޭ ނުބުނާތި. ޖޮބް ހަމަޖެހިއްޖެ. ރޯޝަނީ ސްކޫލްގެ އެސިސްޓެންޓް ފައިނޭންސް އޮފިސަރުގެ މަގާމަށް. މުސާރަ ވެސް ރަނގަޅު. މަންމަ އިތުރު މަސައްކަތެއް ނުކުރިޔަސް ފުދިގެން އުޅެވޭނެ ". ޔާޒް ހުރިހާ ވާހަކައެއް ދައްކާ ނިމުނުއިރު މަހީންއަށް ހުރެވުނީ ފެންކަޅިވެފައި ބަލަހައްޓައިގެންނެވެ. އިތުރު އެއްޗެކޭ ނުބުނެ އޭނާ ޔާޒްގެ ގައިގާ ބައްދާލިއެވެ.

" އެންމެ ރަނގަޅު. ހެދިކާ ހެދުން ހުއްޓާލިޔަސް ހެދުން ފެހުމުގެ މަސައްކަތް ހުއްޓާލަން މަންމަ ބޭނުމެއް ނޫން ". މަހީން ބުނެލިއެވެ.

" އެނީތިންގ ފޯރ ޔޫ މައި ސްވީޓެސްޓް ". ޔާޒް ބުނެލީ މަހީންގެ ނިތްކުރިއަށް ބޮސްދިނުމަށްފަހުގައެވެ. އެއަށްފަހު އޭނާ ވެސް މަހީންއާއެކު ހެދިކާތައް ތަށިތައްޓަށް އަޅަން އެހީތެރިވެދޭން ފެށިއެވެ. ހަތަރެއް ޖަހަން ވާއިރަށް އެ މަސައްކަތް ނިންމާލުމަށްފަހު މަހީން ހެދިކާ ތަށިބަރި ހިފައިގެން ގެއިން ނުކުތުމުން ޔާޒް ބަދިގެތެރެ ސާފް ކޮށްލިއެވެ.

*****************************

ކޮޓަރީގައި ބަހައްޓާފައި ހުރި ސޯފާގައި އަރްހަމް އޮށޯވެ އޮތް އިރު އޭނާގެ އުނގުމަތީގައި ލެޕްޓޮޕް ހުޅުވާފައި ހުއްޓެވެ. ބަލަމުން ދިޔައީ ފޭސްބުކް މެދުވެރިކޮށް ލައިވް ކުރަމުން ދިޔަ ނޫސް ކޮންފަރެންސެކެވެ. ސިޔާސީ ކަންކަމަކީ އޭނާ މާ ޝައުގުވެރިކަން ހުންނަ ކަންކަމަށް ނުވިޔަސް ވަޒީފާގެ ގޮތުން އެކަން ވެސް ކުރަން ޖެހެއެވެ. އަދި ފަހަކަށް އައިސް އަރްހަމްއަށް ވެސް ކޮންމެވެސް ވަރަކަށް އެ ކަންކަމާ ގުޅޭ ގޮތުން ބަސް ބުނެވޭ ފަހަރު އާދެއެވެ. އޭނާގެ ނަޒަރުގައި އެއީ މައްސަލައެއް ނޫނެވެ. އެ މިނިވަންކަމަކީ ލިބިގެންވާ އެއްޗެއްކަމުގައި އަރްހަމް ގަބޫލު ކުރެއެވެ.

ބަލަމުން ދިޔަ ލައިވް ނިމުމާއެކު އަރްހަމް ތެދުވެ ހިންދެމިލިއެވެ. ދެން އޭނާ ހުޅުވާލީ ޔެލިޒްގެ ޗެޓެވެ. ރޭގައި މެސެޖް ބެލި ގޮތަށް އަދި ކިރިޔާ އަރްހަމް އެކަމުގެ މަތިން ހަނދާން އެވީއެވެ. މާ ގިނަ ވާހަކަ ދެއްކުމުގެ ވިސްނުން އަރްހަމްގެ ނެތެވެ. އޭނާ ހަމައެކަނި ފޮނުވާލީ ޔެލިޒްގެ އައިޑީކާޑުގެ ފޮޓޯއެކެވެ. ގިނަ އިރުތަކެއް ނުވެ ޔެލިޒްގެ ރިޕްލައި ލިބުނު އިރު އެ ކުއްޖާ ހުރީ ނިކަން ހަމަޖެހިފައިހެން ހީވީ މެސެޖު ކޮށްފައި ހުރި ގޮތުންނެވެ. އަރްހަމްއަށް ހެވުނީ އެހެންވެއެވެ. ކޮންމެ ފަހަރަކު ވެސް މި ދިމާވަނީ އެއްކަހަލަ ކަންކަމާއެވެ.

ޔެލިޒް އެދުނު ފަދައިން އޭނާއާ އެ އައިޑީކާޑު ހަވާލު ކޮށްދޭން އަރްހަމް އެއްބަސްވިއެވެ. ނަމަވެސް ޔެލިޒްއާ ދިމާކުރުމުގެ ބަދަލުގައި އަރްހަމް ބުނީ ކޮލެޖާ ކާޑު ހަވާލުކުރާނެ ކަމުގައެވެ. އަދި ޔެލިޒް އޭތި ނެގުމަށް އެދުނެވެ.

****************************

ދެ ހަފްތާ ފާއިތުވެ ދިޔައީ ހަލުވި ކަމާއެކުގައެވެ. އިމްތިހާނުތައް ނިމި އޭގެ ނަތީޖާ ވެސް ދައްކައިފިއެވެ. ހީކުރި ގޮތަށް ޔެލިޒްއަށް އޭނާ ބޭނުންވި މާކްސް ލިބުނު އިރު ނަވަލްއާއި ޔާޒް ވެސް ހުރިހާ މޮޑިޔުލްއަކުން ފާސްވިއެވެ. ކުރިއަށް ދެން އޮތީ ދިރިއުޅުމާއިގެން ކުރިއަށް ދިޔުންކަން ތިން ކުދިންނަށް ވިސްނެއެވެ.

ޔާޒް ވަޒީފާއަށް ނުކުންނަން ފެށީ އިމްތިހާނު ނިމުނުތާ ތިންވަނަ ހަފްތާގައެވެ. ވަޒީފާގެ ފުރަތަމަ ދުވަސްކަމުން ތައްޔާރުވާން ފުދޭވަރަކަށް ވަގުތު ހޭދަވިއެވެ. ވަޒީފާއަށް ދާން, ހާއްސަކޮށް ގަތް ފިޔާތޮށި ކުލައިގެ ކުރުތާއާއި ހުދު ކުލައިގެ ޖީންސްގައި ޔާޒް ފެންނަލެއް ނުހަނު ރީއްޗެވެ. މޫނުގައި ކޮށްފައިވާ ލުއި މޭކަޕާއެކު އޭނާ ޝޯލް އަޅާފައި ހުރީ އާދައިގެ، އެހެނަސް ރީތި ގޮތަކަށެވެ. އެންމެ ފަހު ކަމެއްގެ ގޮތުގަައި ޔެލިޒް އެރީ އަލަމާރިން ނެގި އުސް ފައިވާނަށެވެ. އެއާއެކު އިހުނަށްވުރެ އޭނާ އިސްކޮޅުން ދިގުހެން ހީވިއެވެ. ކޮޓަރިން ނުކުންނަން ދަމުން ޔާޒް އަތަށް ހެޔޮވަރު ކޮށްލީ ބްރައުން ކުލައިގެ އޮފީސް ދަބަހެވެ.

" މާޝާﷲ ". މަހީންއަށް އޭނާގެ ދަރިފުޅު ފެނުމުން ބުނެލެވުނެވެ. ބަދަލުގައި ޔާޒް ހަދިޔާކޮށްލީ ރީތި ހިނިތުންވުމެކެވެ. މަހީން ގައިގާ ކުޑަކޮށް ބައްދާލުމަށްފަހު އޭނާ ނުކުތީ ގަޑި ޖެހުމުގެ ކުރިން ދިޔުމަށެވެ.

ސްކޫލަށް ވަދެވުމާއެކު ޔާޒްގެ ފިޔަވަޅުތަކަށް ލަސްކަމެއް ވެރިވީ ހިތުގައިވި ކުޑަ ނުތަނަވަސްކަމުގެ ސަބަބުންނެވެ. ނަމަވެސް އޭނާ ދޫކޮށްލި ދެތިން ފުން ނޭވަޔާއެކު މީހާ ހަމައަކަށް އަޅުވާލި ކަހަލައެވެ. އިސްއުފުލައި ޔާޒްގެ ފިޔަވަޅުތައް އަމާޒުކޮށްލީ ގްރައުންޑް ފްލޯރގައި ހުރި އޮފީހާ ދިމާލަށެވެ. ދޮރު ހުޅުވާލުމުގެ ކުރިން އޭނާ ކުޑަކޮށް ހެދުން ރަނގަޅު ކޮށްލިއެވެ. އަދި ފޯނު ނަގައި މޫނު ހުރީ ރަނގަޅަށްތޯ ފަހު ފަހަރަށް ބަލާލީ އަމިއްލަ ނަފްސަށް އޮތް ޔަގީންކަން އިތުރަށް ވަރުގަދަ ކުރުމުގެ ބޭނުމުގައެވެ.

އޮފީހަށް ވަނުމާއެކު އެތެރެއިން މަރުހަބާކީ ހެޑް އޮފް ފައިނޭންސް މަލްސާއެވެ. އޭނާ މަސައްކަތް ކުރަންޖެހެނީ އެކުވެރި މިޒާޖެއްގެ ކުއްޖަކާ އެކުގައިކަންވީ ޔާޒްއަށް ލިބުނު ބޮޑު ހިތްހަމަޖެހުމަކަށެވެ.

" ވީ ހޭވް ސްޓާފް މީޓިންގ 7:30 ގަ. ދެން ނެތް މާ ގިނަ ވަގުތެއް. ހިނގާ ދާން. " މަލްސާ ބުނެލިއެވެ. އަދި ޔާޒް ކައިރީ އޭނާއާއެކު އައުމަށް އެދުނެވެ.

ސްޓާފް މީޓިން އޮތީ ޓީ ރޫމްގައެވެ. މަލްސާއާ އެކު ޔާޒް ޓީ ރޫމަށް ވަންއިރު އެތަނުގައި ބައެއް މުވައްޒަފުން ހަރަކާތްތެރި ވަމުންދިޔައެވެ. އެއިން ކޮންމެ މީހެއްގެ މޫނުން ވެސް ޔާޒްއަށް ފެނުނީ ހިނިތުންވުމެކެވެ. ބަދަލުގައި އޭނާ ވެސް ދިޔައީ ހިނިތުންވުން ހަދިޔާ ކުރަމުންނެވެ. ނަމަވެސް މީހުން ގިނަ ވަމުގެ ސަބަބުން ޔާޒް ހުރީ ގިނަ ވަގުތު އިސް ޖަހައިގެންނެވެ. ޓީ ރޫމަށް ވަން ޒުވާނާ އޭނާއަށް ނުފެނުނު ސަބަބެއް ކަމުގައި އެކަން ވިއެވެ. ނަމަވެސް އެތަނަށް ވަނީއްސުރެ އެ ޒުވާނާގެ ސިއްރު ނަޒަރުތައް ހުރީ ޔާޒްއާ އަމާޒުވެފައެވެ. އެ މޫނުން ބައެއް ފަހަރު ހައިރާންކަން ފާޅުވާއިރު އަނެއްބައިފަހަރު ފެންނަނީ ބުނެދޭން ނޭނގޭ ކުލަތަކެކެވެ. ކޮންމެއަކަސް އެ ޒުވާނާއަށް ޔާޒް މުހިންމު ވިއެވެ.

= ނުނިމޭ =

Ads by Ooredoo
  1. އައިލޭންޑް ގަރލް

    މި ވާހަކަ ވަރަށް ރީތި. ގެނެސްދޭލެއް ކުރީ.
    ހަފްތާއަކު ދެ ދުވަހަށްވުރެ ގިނައިން ކިޔާލަން ލިބޭނެ ނަމަ ވަރަށް ރަނގަޅު.