ވާހަކަ މުނިފޫހިފިލުވުން

ލިބޭތޯ ޔާރު ޖަންނަތުން (ތިންވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
(ޓްރެއިލަރ) ލިބޭތޯ ޔާރު ޖަންނަތުން ލިބޭތޯ ޔާރު ޖަންނަތުން (ފުރަތަމަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދެވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިންވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން( ހަތަރުވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނުވަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދިހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެގާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ތޭރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސާދަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަނަރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސޯޅަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސަތާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ވިހިވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެކާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައުވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ފަންސަވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައްބީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެއްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބައްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތެއްތިރީސްވަނަ ބައި)

އެހެންކަމުން ލަސް ފިޔަވަޅު ތަކެއްގައި އޭނާ ގެއަށް ވަނެވެ. މާ އަވަސް ކުރަން ހަދައިގެން އެ ސިއްރު ފަޅާއަރާފާނެ ކަމުގެ ބިރު ހިތުގައި އޮތުމުން ނަވަލް ފިޔަވަޅުތައް އަޅަން ފެށީ ނުހަނު މަޑުންނެވެ. ސިޑީގެ މެދަކާއި ހަމައަށް ދެވުނު ތަނުން ބޭރުން ކާރެއްގެ އަޑު އިވުމާއެކު އޭނާގެ ހަރަކާތްތަށް އަވަސް ކޮށްލިއެވެ. ނަމަވެސް ހަމަ އެހިނދު ތިރިން ކުލްސޫމްގެ ކޮޓަރީގެ ދޮރު ހުޅުވުނު އަޑު ނަވަލްގެ ކަންފަތުގައި ޖެހުނެވެ. ޖެހި ބުދެއްފަދައިން ހަރަކާތެއް ގެންނަން ނޭނގިފައި ހިނދުކޮޅަކު ހުރެވުނީ ދެން ވާނޭ ގޮތެއް ވިސްނާލަން ނޭނގިފައެވެ.

Ads by Sosun Fihaara

*************************

ސިޑިއާ ހިސާބަށް ކުލްސޫމަށް ދެވުމުގެ ކުރިން ނަވަލް އަވަސްއަވަހަށް ސިޑިން މައްޗަށް އަރައިފިއެވެ. އެހެންނަމަވެސް ކޮޓަރިއާ ހިސާބަށް ދެވޭ ގޮތް ނުވުމުން އޭނާއަށް މަޖުބޫރުވީ ކައިރީ ހުރި ތަނބުގެ ފަހަތުގައި ނިވާ ވުމަށެވެ. އޭރު އެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައީ ހުދު ނަވަލްއަށް ވެސް ހިތުގެ ތެޅުން އަޑު އިވޭހާ ބާރަށެވެ. އޭނާއަށް ދެލޯ މަރައި ތަގުޅިކޮށްލެވުނީ ސިޑިން މައްޗަށް ކުލްސޫމް އަރަން ފެށުމުންނެވެ. އިތުރަށް ކުރެވޭނެ ކަމެއް ނެތްކަން އެނގުމާއެކު ސިކުނޑީގައި ކުލްސޫމްގެ ސުވާލުތަކަށް ދޭނެ ޖަވާބުތަކެއް ރާވާލިއެވެ.

“ ނޫރު” ގޭގެ ދޮރު ހުޅުވުނު އަޑާއެކު ނަވަލްއަށް ލޯ ހުޅުވާލެވުނެވެ. ނަމަވެސް ފަސްއެނބުރި ބަލަން ނުކެރުނީ ކުލްސޫމަށް އޭނާ ފެނިދާނެ ކަމުގެ ބިރު ހިތުގައި އޮތުމުންނެވެ.  ދޮރު ހުޅުވުމާއެކު ކުލްސޫމް ވެސް ފިޔަވަޅުތައް މަޑުޖައްސާލުމަށްފަހު ފަސްއެނބުރި ބަލައިލުމުގެ ކުރިން މޫނު ފޮތިކޮޅު ވައްޓާލިއެވެ. އޭރު ދޮރު މަތީގައި ހުއްޓި ހުރި އިސްކޮޅުން ދިގު ޒުވާނާ ފެނުމާއެކު އެ އަލި މޫނު އިތުރަށް އުޖާލާވިކަން ދޭހަވަނީ އެ ދެލޯ ހަނި ވެގެން ދިޔަ ގޮތުންނެވެ. އަވަސް ހިނގުމެއްގައި ގޮސް ކުލްސޫމް އޭނާއާ އަރާ ހަމަކޮށްފިއެވެ.

" އައްސަލާމް އަލައިކުމް މަންމާ.." ދޮރުމަތީގައި ހުރި އުމައިރް ސަލާމް ގޮވާލުމަށްފަހު ކުލްސޫމްގެ ނިޤާބްގެ މަތިން ނިތްކުރީގައި ބޮސްދިނެވެ. އޭރު އޭނާގެ ފަހަތުން ފޮށި ހިފައިގެން ދާވޫދް އާދެއެވެ.

" ވައަލައިކުމުއްސަލާމް ވަރަޙްމަތުﷲ މަންމަގެ ދަރިފުޅާ.."... އުމައިރްގެ އަތް ގެނެސް ވަކި ވަކިން އެ އަތްތިލައިގައި ބޮސް ދިނުމަށްފަހު ކުލްސޫމް ބުނެލިއިރު އެ ލޮލުގައި ވިދަމުން ދިޔައީ އުފާވެރިކަމުގެ ކަރުނައެވެ.

ބަރާބަރު ތިން އަހަރު ފަހުން ކުލްސޫމަށް އޭނާގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު ފެނުމުން ލިބުނީ އުފާވެރިކަމެވެ. މަދީނާއިން އިސްލާމް ޓީޗަރުކަން ކިޔަވަން އުމައިރް ފުރީ އޭނާއަށް ލިބުނު ސްކޮލާޝިޕްގެ ދަށުންނެވެ. ބޭނުން ޤައުމަކަށް ދެވެން އޮތް އިރުވެސް އުމައިރް މަދީނާ އިޚްތިޔާރު ކުރީ އޭގެ ފަހަތުގައި އެހެން ސަބަބުތަކެއްވެސް ފޮރުވިފައި އޮތުމުންނެވެ. ޅަ އިރުއްސުރެ ހިތުގައި އިސްލާމްދީނަށް ޓަކައި އޮތް ލޯބި އިތުރުވެގެން ދިޔަ ސަބަބެއްކަމުގައި އެކަން ވިއެވެ.

އުމައިރްގެ އަޑު ކަންފަތުގައި ޖެހުމާއެކު އުފާވި ވަރުން ނަވަލްއަށް ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހީލެވުނެވެ. ނަމަވެސް އަވަސްއަވަހަށް އަނގަމަތީ އަތް އެޅީ އަޑު ނުކުމެދާނެތީއެވެ. އުމައިރްއާއި ކުލްސޫމް ވާހަކައިގައި ތިބި ވަގުތު ބަލާފައި ނުހަނު އަވަހަށް ނަވަލް ކޮޓަރިއަށް ދެމިގެންފިއެވެ. އޭނާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ދެނެވެ. ލައިގެން ހުރި ބޮޑު ހެދުން ބޭލުމަށްފަހު ނަވަލް ގައި ދޮވެލިއެވެ. އަދި އާންމުކޮށް ގޭގައި ލާން ގެންގުޅޭ ކަހަލަ ކަޅު ހެދުމެއް ލުމަށްފަހު ބޮލަށް ބުރުގާ ހެޔޮވަރު ކޮށްލީ މާ ގިނަ އިރުތަކެއް ނުވެ އުމައިރް އޭނާ ހޯދަން އަންނާނެކަން އެނގިހުރެއެވެ.

" މަންމާ، ކޮބާ ކަމަނަ؟.. ".. ގޭގެ އެކި ދިމަދިމާލަށް ނަޒަރު ހިންގާލަމުން އުމައިރް އަހާލީ ނަވަލްގެ ވާހަކައެވެ. ހުރި ހަމައެކަނި ކޮއްކޮއަށް އެ ހިތުގައި ދެވިފައިވަނީ މަތިވެރި ލޯތްބެކެވެ. އެ ކޮއްކޮ އަބަދުވެސް އުފާވެރިކަންމަތީ ލެހެއްޓުމަށް އެދި އޭނާއަށް ދުޢާ ކުރެވެނީ އެހެންވެއެވެ.

" ނަވަލް ވެއްޖެ ކޮޓަރީގަ.. ދަރިފުޅު ދޭބަލަ ގޮވާލަން.. މަންމަ ސައި ތައްޔާރު ކޮށްލާނަން ދަރިފުޅު އަންނަންވާ އިރަށް..".. ކުލްސޫމް އަތުގެ އިޝާރާތުން ނަވަލްގެ ކޮޓަރި ދައްކަމުން ބުނެލިއެވެ.

" ނޫނޭ މަންމާ.. ބައްޕައާ ދެމީހުން މިއައީ އެއަރޕޯޓުން ސައިބޮއެގެން.. ނަމާދުކުރަން ކުޑަ ވަގުތުކޮޅެއް އޮތީމަ ކައިރީ ހުރި ކެފޭއަކަށް ވަދެލީ.. ދެން މިރޭ ކާނީ..".. ކުލްސޫމްއަށް ހިނިތުންވުމެއް ހަދިޔާ ކުރުމަށްފަހު އުމައިރް ހިނގައިގަތީ ނަވަލްގެ ކޮޓަރިއާ ދިމާލަށެވެ.

މަޑުމަޑުން ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލުމާއެކު ލަސްތަކެއް ނުވެ ދޮރު ހުޅުވުނެވެ. އޭރު ފުޅާ ހިނިތުންވުމަކާއެކު ހުރި ނަވަލް ފެނުމުން އުމައިރްގެ ހިނިތުންވުން ވެސް އިހުނަށްވުރެ ފުޅާވިއެވެ.

" އައްސަލާމް ޢަލައިކުމް ދޮންބެގެ ލޯބި ކޮޅު..".. އުމައިރް ބުނެލިއެވެ.

" ސަލާމް ދޮންބެ.. އައި މިސްޑް ޔޫ ސޯ މަޗް.." އުމައިރްގެ އަތުގައި އެލިގަންނަމުން ނަވަލް ބުނެލީ ތުއްތު ކުއްޖެއް ފަދައިންނެވެ.

" އަނހަ.. ދޮންބެ ބުނަމެންނު ސަލާމްގެ ޖަވާބު ދޭނީ އަބަދުވެސް އެންމެ ފުރިހަމަ ގޮތުގައޭ.. ".. އުމައިރް މޫނަށް ހަދާލި ގޮތުން ނަވަލް ދުލުގެ ކޮޅުގައި ދަތް އަޅާލަމުން އަވަހަށް މާފަށް އެދުނެވެ.

" ވަޢަލައިކުމްސަލާމް ވަރަޙްމަތުﷲ ވަބަރަކާތު.. ހެޕީ؟...".. ނަވަލް އަވަސް އަވަހަށް ބުނެލީ އުމައިރްގެ ފަރާތުން އޭނާއަށް ބޮޑު ލެކްޗަރެއް އަތުވެދާނެތީއެވެ.

" ގުޑް... އައި މިސްޑް ޔޫ މޯރ ކަމަނަ.. މާޝާﷲ.. މިހާރު ދޮންބެގެ ދޫނި ބޮޑުވެއްޖެ.. ބޮޑުބޮޑު ކޮލެއް ލައިފަ އެންނު މިހުރީ.. އަބަދު ކައިކައިގެން ގޭގަ ދޯ އޮންނަނީ..".. ހިނިއައިސްފައި ހުރެ އުމައިރް އަހާލިއެވެ. އެއާއެކު ނަވަލް ތުން އަނބުރާލަމުން ރުޅި މޫނު ހަދާލިއެވެ.

" އައްދެ.. ކަމަނަ ތުއި ވާން ވެސް ދަސްކުރީތަ މިހާރު.. މަންމަގެ ބޭބީ ރަނގަޅަށްވެސް ބޮޑުވެއްޖެ.. ".. މަޑުމަޑުން ނަވަލްގެ ކޮލުގައި ހިފާލަމުން އުމައިރް ބުނުމާއެކު ނަވަލްއަށް ވެސް ހެވުނެވެ. ދެކުދިން އެކުގައި ތިރިއަށް ފޭބި މަންޒަރު ފެނުމުން ކުލްސޫމްއަށް ބަލާލެވުނީ ދާވޫދްއަށެވެ. ޒަމާން ތަކަކަށްފަހު މުޅި އާއިލާ އެއްތަން ވުމުން އޭނާއަށް މާތްﷲގެ ހަޟްރަތަށް ހަމްދުކޮށްލެވުނެވެ.

ސޯފާގައި އިށީނދެ ހަމަޖެހިލުމަށްފަހު ނަވަލް އުމައިރްގެ ފަރާތުން މަދީނާގެ ވާހަކަތައް އޮޅުންފިލުވަން ފެށިއިރު އޭނާގެ ސުވާލުތައް ބޮޑަށް އަމާޒުވެފައިވީ އުމައިރްގެ ކިޔެވުމާއި މަދީނާގެ ދިރިއުޅުމާ ގުޅޭ ގޮތުންނެވެ.

" ދޮންބެ، ވަރަށް ރީތި އަންހެން ކުދިން އުޅޭދޯ މަދީނާ ގަ؟.. މެރީ ކުރާ ކަހަލަ ކުއްޖެއް ނުފެނޭތަ؟.. ދޮންބެއާ ވަރަށް ގުޅޭނެ އަރަބި ކުއްޖެއް.. ސަޢުދީގަ އުޅެފަ އައީމަ މިހާރު ދޮންބެވެސް ހީވަނީ ސަޢުދީ މީހެއްހެން..".. ނަވަލްގެ ވާހަކަ މެދުކެނޑުނީ ތަންކޮޅެއް ބާރަށް އުމައިރް އޭނާގެ ނަމުން ގޮވާލުމުންނެވެ. ވަގުތުން ނަވަލް މާފަށް އެދުނު އިރު އެ ބޮޑު ދެލޯ ކަރުނުން ފުރުނީ އުމައިރް އޭނާއާ މެދު ހިތްހަމަ ނުޖެހުނީ ހެން ހީވުމުންނެވެ. އެހެނަސް އެސްފިޔަތައް ތިރިކޮށްލައި ނަވަލް އެކަރުނަތައް ސިއްރު ކޮށްލިއެވެ.

" ސޮރީ ދޫނި.. މާ ބާރަށް ދޯ ބުނެވުނީ.. މަދީނާއިން ދޮންބެއަށް ފެނުނީ މޫނު އަޅާފަ ތިބި ކުދިން.  ކަމަނަ ވެސް މޫނު ބުރުގާ އަޅަންވީނު މަންމަ ގޮތަށް.. ކިހާ ރީތި އޭރުން.. އަންހެން ކުދިން ވާނެ އެކުދިންގެ ރީތިކަން ފޮރުވަން.. ނަޒަރަކީ ވަރަށް ވިހަ އެއްޗެއް.. ނަވަލް މޫނު ބުރުގާ އެޅުމަކުން މުސްތަޤްބަލަން އެކަމުން ހުރަސް އެޅޭނެއެ ދޮންބެ ނުބުނާނަން.. ކަމަނައަށްޓަކާ މާތްﷲ ލިޔުއްވަވާފައިވާ ކޮންމެ އެއްޗެއްވެސް އެކަލާނގެ އިރާދަފުޅާއެކު ކަމަނައަށް ހާސިލްވާނެ.. ދޮންބެ ހުންނާނެ ވަރަށް ރީތި ހެދުން ކޮޅަކާ ނިޤާބް ވެސް ގެނެސްދީފަ..".. އުމައިރް ބުނެލިއެވެ.

" ޖަޒާކައްﷲ ޚައިރަން ދޮންބެ..".. ނަވަލް ބުނެލިއިރު އޭނާގެ ހިތަށް ވެރިވީ މޮޅިވެރިކަމާއި ފޫހިކަމެވެ. ނަމަވެސް އޭނާ މޫނުން ދެއްކީ ތަފާތު ކުލަވަރެކެވެ. ކިތަންމެ ވަރަކަށް އުމައިރްއާއި ކުލްސޫމް ހެދުން އެޅުމުގެ ވާހަކަ ދެއްކި ނަމަވެސް ނަވަލްއަށް އެ ކަން ވެފައި އޮތީ ބޮޑުކަމަކަށެވެ. އަންހެނުން އައުރަ ނިވާ ނުކުރާނަމަ ޤިޔާމަތްދުވަހުން ލިބޭނޭ ޢަޒާބުތަކުގެ ވާހަކަ އެނގިފައި އޮތަސް އެ ކަމުން އެ ހިތަށް ބިރުވެރިކަމެއް ނުވަންނަނީ ކީއްވެކަން ޚުދު ނަވަލްއަކަށް ވެސް ނޭނގެއެވެ. ފަހަރެއްގައި މާތްﷲގެ ރުއްސެވުމާއި ފުއްސެވުން ހޯދުމަށް އޭނާއަށް މާ ބޮޑު އިސްކަމެއް ދެވިފައި ނެތީއެވެ.

" ދަރިފުޅު ދެން ދޭ އަރާމުކޮށްލަން.. އިޝާ ނަމާދުވާން އަދި ކުޑަ އިރުކޮޅެއް އެބަ އޮތް..".. ދާވޫދު އުމައިރްއަށް ބުނެލިއެވެ. އެއާއެކު ބައްޕައަށް ބަލާލަމުން އުމައިރް ބޯ ޖަހާލިއިރު އެ ސިކުނޑިއަށް އަންހެންކުއްޖެއްގެ ސޫރަ ވެރިވިއެވެ. ހިނދުކޮޅަކަށް ނަމަވެސް އެ ކުއްޖާ ދެކިލުމަށް ޓަކައި އެ ހިތް އެދުނު ނަމަވެސް އުމައިރް ދެފަރާތަށް ބޯ ހޫރުވާލަމުން އެ ޚިޔާލު ސިކުނޑިން ނެރެލިއެވެ. އޭނާ ހުރި ހާލަތުގެ ފައިދާ ޝައިޠާނާ ނަގަނީ ކަމުގައި ހީކުރެވި މަޑުމަޑުން އަޢޫޒު ކިޔާލިއެވެ.

" ދަރިފުޅު އަދިވެސް ބޮލުގަ ރިއްސާތަ..؟".. އުމައިރްގެ ފަހަތުން ނަވަލް ތެދުވުމުން ކުލްސޫމް އަހާލިއެވެ. ހަވީރު ކްލާސް ނިމުނުލެއް ލަސްވުމުން ކުލްސޫމް ހުރީ ނަވަލްގެ ހާލު ބަލާލަން ހަނދާން ނެތިފައެވެ. މަޣްރިބް ނަމާދު ކުރަން ހުއްޓާ ހަނދާން ވުމުން ކުލްސޫމް އުޅުނީ ނަމާދު ނިމުމުން އަވަހަށް ދާށެވެ. ނަމަވެސް އެ ވަގުތު އުމައިރް އައުމުން އެކަން ދެވަނަ ފަހަރަށް ވެސް ހަނދާން ނެތުނީއެވެ.

ކުލްސޫމްގެ ސުވާލުން ކުޑަކޮށް ނަވަލް ހުއްޓުން އެރިއެވެ. ނަމަވެސް އަވަސްއަވަހަށް ނަފްސު ހަމައަކަށް އަޅުވާލުމަށްފަހު ބޯ ޖަހާލީ ކުލްސޫމްއަށް ލުއިކޮށް ބަލާލަމުންނެވެ.

ސިޑީގެ ހަރުފަތްތައް ގިރާކޮށް މައްޗަށް ދެވުމާއެކު ނަވަލްގެ ކޮޓަރިއާ ޖެހިގެން ހުރި ކޮޓަރީގެ ދޮރު އުމައިރް ހުޅުވާލިއެވެ. އިރުކޮޅަކަށް ހަރަކާތެއް ކޮށްލުމެއްނެތި އޭނާ ހުރީ ޚިޔާލަކަށް ގެއްލިފައެވެ. ނަމަވެސް ފުން ނޭވާއަކާއެކު ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ. ކޮޓަރީގައި ހިފާފައިވާ އޭސީގެ ފިނިކަމާއެކު ދުވަން ފެށި މީރު ވަހުން އުމައިރްއަށް އޭނާގެ ހަށިގަނޑަށް ވެރިވެފައިވާ ވަރުބަލިކަން އިހްސާސް ކުރެވުނު ފަދައެވެ. އެހެންނަމަވެސް އެ ވަރުބަލިކަމަށްވުރެ އޭނާގެ ނަފްސަށް އުނދަގޫ ކުރަމުން ދިޔައީ ވިސްނަން ބޭނުންނުވާ ޚިޔާލު ތަކަކުންނެވެ. އެ ހަނދާންތަކުން މިންޖުވާން މަސައްކަތް ކުރި ނަމަވެސް އެނބުރި އަމިއްލަ ފަސްގަނޑަށް އާދެވުމުން އެ މަންޒަރުތައް ލޯ ކުރިމަތިން ސިފަވާހެން އުމައިރަށް ހީވިއެވެ.

" ޔާﷲ.. މިއަޅާއަށް ސާބިތުކަން ދެއްވާށި..".. މައްޗަށް ބަލާލަމުން ދެލޯ މަރާލިއިރު އުމައިރްގެ ހިތުގައިވީ އެ ލަފްޒުތަކެވެ. ސިކުނޑިއަށް ލުޔެއް ހޯދުމުގެ ނިޔަތުގައި އޭނާ ފެންވަރާލިއެވެ. އަދި ކާޕެޓް މަތީ ޤިބްލައަށް ކުރިމަތިވާނޭހެން ހުއްޓި ހުރެ ދެ ރަކްޢަތުގެ ނަމާދެއް ކުރީ އެކަމުން ބުރަވެފައިވާ ހިތާއި ސިކުނޑިއަށް ތަސައްލީއެއް ލިބޭތޯއެވެ. ފާއިތުވެދިޔަ ތިން އަހަރު ތެރޭގައި ވެސް އުމައިރްއަށް ސާބިތުކަން ލިބުނީ އެކަލާނގެ ހަނދުމަކުރުމުގައި ދެމިހުރެވުމުގެ ސަބަބުން ކަމުގައި އޭނާ ޤަބޫލުކުރިއެވެ.

ނަމާދުކޮށް ނިމުމާއެކު އުމައިރް މުސްޙަފް ނެގިއެވެ. އަދި ކޮޓަރިން ބޭރަށް ނުކުމެވެން ހުރި ބެލްކަނީގެ ދޮރު ހުޅުވާލުމަށްފަހު އޭނާ ނުކުމެލީ އެ ޤުދުރަތީ މާހައުލު ހިތްގައިމު ވާނޭވަރު ހިތަށް އެރުމުންނެވެ. އޭރު އުޑުގައި ރަނިކަން ކުރަމުން ދިޔަ ސާދަވިލޭރޭގެ ހަނދު ފެނުމާއެކު, އެ ކުޅަދުންވަންތަކަަމަށް އުމައިރަށް ހިތާހިތުން ތަޢުރީފް ކޮށްލެވުނެވެ.

ބެލްކަނީގެ އެއްފަރާތުގައި ހުރި އުނދޯލީގައި އިށީންނަމުން އޭނާ އަތުގައި އޮތް މުސްޙަފް ހުޅުވާލިއެވެ. އަދި  އައްނަޙްލް ސޫރަތް ހޯދާލިއެވެ. އެ ސޫރަތުގެ ފަހު އާޔަތްތައް ކިޔަވަން ފެށުމާއެކު އެ މޫނު އުޖާލާވެގެން ދިޔައެވެ. ކެތްތެރިންނަން ހުރި ހެޔޮކަން ބޮޑުވެގެން ވާކަމުގައި މާތްﷲ ވަޙީކުރައްވާފައިވާ އާޔަތް ދެތިން ފަހަރު އުމައިރްއަށް ކިޔާ ލެވުނެވެ.

*******************************

އިރުގެ ރަންދޯދިތައް ހުޅުވާފައި ހުރި ކުޑަ ދޮރުން ފުރޭނިގެން އައިސް ލޮލަށް އެޅެން ފެށުމާއެކު ޔެލިޒްއަށް އުނދަގޫ ގޮތަކަށް ދެލޯ ހުޅުވާލެވުނެވެ. ކައިރީގައި އޮތް ބާލީހުގައި ބައްދާލަމުން އޭނާ އެނބުރިލީ އަނެއް ފަރާތަށެވެ. އެހެންނަމަވެސް މާ ގިނަ އިރަކު އެގޮތުގައި ނޯވެވުނެވެ. އަސްރާ އައިސް ގޮވަން ފެށުމާއެކު ޔެލިޒްއަށް މަޖުބޫރުވީ ހޭލާށެވެ.

ކުޑަކޮށް ތާޒާވެލުމަށްފަހު އޭނާ ތިރިއަށް ދިޔައިރު ސަލްމާން އިންތަން ފެނުމުން ހެނދުނުގެ ސަލާމް ގޮވާލިއެވެ. އެ ވަގުތު ޔެލިޒް ލައިގެން ހުރި ކަކުލަށްވުރެ މައްޗަށް އަރާ ކުރު ސޯޓުކޮޅާއި އަތް ކުރު ޓީޝާޓް ފެނުމުން ސަލްމާން އަށް ބަލާލެވުނީ ހިތްހަމަނުޖެހިފައެވެ.

" ޔެލިޒް.. ކޯއްޗެއް ލައިގެން ތި އުޅެނީ... ދަރިފުޅު ލަދެއްވެސް ނުގަނޭތަ ތިކަލަހަ އެއްޗެހި ލައިގެން އުޅޭ އިރު.. ".. ސަލްމާންއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. އެހެނަސް އޭނާގެ އަޑު ކަންފަތުގައި ޖެހުމާއެކު ޔެލިޒްގެ ފިޔަވަޅުތައް މަޑުވެއްޖެއެވެ. ޖެހިލުންވެފައި ހުރެ އޭނާ ސަލްމާންއަށް ބަލައިލިއިރު އެ އެސްފިޔަތަށް ވަނީ ތެމިފައެވެ.

" ސަލްމާން.. ކިހިނެތް ޔެލިޒްއާ ވާހަކަ ތި ދައްކަނީ..".. ޔެލިޒް އަށް އެއްޗެކޭ ބުނެވުމުގެ ކުރިން ބަދިގޭން ނުކުތް އަސްރާ ބުނެލިއެވެ.

" އަސްރާއަށް ޔެލިޒް ކުރާ އެއްވެސް ކަމެއް ގޯސް ނުވާނެ.. ބޮޑުވަމުން އަންނަ އަންހެން ދަރިފުޅަށް ހެޔޮ ގޮތް ބުނެދިނުމަކީ އަސްރާގެ މައްޗަށް އޮތް ވާޖިބެއްކަން ހަނދާން ނެތުނީތަ؟.. މި ދަރިފުޅާ މެދު އަސްރާއާ ސުވާލުކުރެވޭނެ ދުވަހެއް އަންނާނެކަން ނޭނގޭތަ؟.. މީގެ ފަހުން ތިކަހަލަ އެއްޗެއް ލައިގެން ޔެލިޒް ބައްޕަގެ ކުރިމައްޗަށް ނާންނާތި.. އަދި އެއްކަންތައް.. އަވަހަށް ބުރުގާ އަޅާ.. ".. ނުރުހުންވެފައި ހުރެ ސަލްމާން އެހެން ބުނުމަށްފަހު ގޮސް ކޮޓަރިއަށް ވަނުމާއެކު, ޔެލިޒް ހިފަހައްޓައިގެން ހުރި ކަރުނަތައް އޭގެ މަގާމުން ދޫވެއްޖެއެވެ.

" ލިޒް.. ދަރިފުޅު ނުރޮއެ.. ބައްޕަ ކަމަކާ ހިތްހަމަނުޖެހި ހުރީމަ ކަންނޭނގެ އެހެން އެ ބުނީ.. މަންމަ މި އައީ ސައި ތައްޔާރު ކޮށްފަ.. އާދޭ ސައިބޯން..".. ޔެލިޒްގެ ކަރުނަތައް ފޮހެދެމުން އަސްރާ ބުނެލިއިރު ސަލްމާންގެ ވާހަކަތައް ކުޑަކޮށް ނަމަވެސް އެ ސިކުނޑީގައި ހުރިހެން ހިއެއް ނުވެއެވެ. އެއަށްވުރެ ޔެލިޒްގެ އުފާތައް އަސްރާއަށް މުހިންމެވެ. ސަލްމާން ބުނި ކަމުގައި ވިޔަސް ޔެލިޒްގެ ނުރުހުމުގައި އޭނާ ބުރުގާ އަޅުވަން އަސްރާއަކަށް އެއްބަހެއް ނުވެވޭނެއެވެ.

ކޮޓަރިއަށް ވަދެވުމާއެކު ސަލްމާންއަށް ނިތްކުރީގައި ހިފަހައްޓައި ލެވުނެވެ. ފަހަކަށް އައިސް އޭނާއަށް ޔެލިޒްގެ އަމަލުތައް މާ ބޮޑަށް ފާހަގަވާން ފެށިއެވެ. ހަމައެހެންމެ އޭނާއާއި އަސްރާއަށް ޔެލިޒްއަށް ރަނގަޅު ތަރުބިއްޔަތެއް ދޭން މާބޮޑު މަސައްކަތެއް ނުކުރެވޭކަން ވެސް އިހްސާސްވިއެވެ. އެހެންކަމުން, އެކަންތައް ބަދަލުކުރަން ސަލްމާން ބޭނުމެވެ. ސިކުނޑިއަށް ނުވިސްނުނީ އެކަން ކުރާނޭ ގޮތެކެވެ. ޔެލިޒް ސަލްމާން ދެކެ ކިތަންމެ ލޯބިވީ ނަމަވެސް އެފަދައިން ކަންތައްވާނަމަ އެ ހިތުގައި ސަލްމާންއާ މެދު ފޫހިކަން އުފެދިދާނޭ ކަމުގެ ބިރު އޭނާގެ ހިތުގައި ވިއެވެ. ފުން ނޭވާއަކާއެކު ސަލްމާންއަށް ސޯފާގައި އިށީނދެވުނީ ޔެލިޒްގެ ފެންކަޅިިވެފައިވާ ދެލޯ ސިފަ ވުމާއެކުގައެވެ.

******************************

މަހީންއާއެކު ހެދުމެއް ޒީނަތްތެރި ކުރަން އިން ޔާޒްގެ ހަރަކާތްތަކުގައި ވީ ލަސްކަމެވެ. މަހީން ދެ ހެދުމުގައި, މާ ހަރުކޮށް ނިމުނުއިރު ވެސް ޔާޒް އިނީ އޭނާ ނެގި ފުރަތަމަ ހެދުން އުނގަން ލައިގެންނެވެ. އެހެން ދުވަސް ދުވަހު މަހީންއަށް ވުރެ ކުރިން ޔާޒް އޭނާގެ މަސައްކަތް ނިންމާލި ނަމަވެސް މިއަދު ހީވަނީ އެކަމާ ގަޔާ ނުވެ އިންހެންނެވެ.

" ޔާޒް.. ހުރިހާ ކަމެއް ރަނގަޅުތަ؟..".. ކަންބޮޑުވެފައި އިނދެ މަހީން ސުވާލުކޮށްލުމާއެކު ޔާޒްއަށް އެ ކަމުން ސިހުން ގެނުވިއެވެ. އެ ވަގުތު އޭނާ ގެންގުޅު ތިނޯސް އަތަށް ހެރި ލޭ އަންނަން ފެށުމާއެކު އެތަނުގައި އިނގިލި އަޅައި ބާރުކޮށްލިއެވެ.

" މަންމަ ބުނެބަލަ.. އަޅުގަނޑަކީ ގޯސް ކުއްޖެއްތަ؟.".. ޔާޒް ކުރި ސުވާލުން މަހީންއަށް ވިސްނައިގަންނަންވީ ކީކޭ ކަމެއް ނޭނގުނެވެ. އެހެނަސް އެ ސުވާލުގެ ޖަވާބު މަހީން ދިނެވެ.

" ނޫން.. މަންމައަށް ދަރިފުޅު ގޯހެއް ނޫން.. މީހަކު އެއްޗެކޭ ބުނީތަ؟.. ".. މަހީން އަހާލީ ލޯބިންނެވެ.

" މީހަކު އެއްޗެއް ނުބުނޭ... އެކަމަކު އަޅުގަނޑަށް ވަރަށް ވިސްނޭ.. ހިތަށް އަރަނީ އަޅުގަނޑަކީ ވަރަށް ގޯސް ކުއްޖެކޭ.. ".. ޔާޒް ދެއަތްދެއަތާ މޮޑެލަމުން ބުނެލިއިރު އެ މޫނުން ހިސާބެއްގެ ނުތަނަވަސްކަމެއް ފާޅުވާން ހުއްޓެވެ. މަހީން ކައިރީ އޭނާ ހާމަކުރީ ވާހަކައިގެ ދެބައި ކުޅަ އެއްބައެވެ.

" ދަރިފުޅު މާ ބޮޑަށް ވިސްނަނީ ދޯ.. ދަރިފުޅަކީ ކިޔަމަންތެރި ކުއްޖެއް.. މަންމަ ބޭނުން ނުވާގޮތަކަށް ދަރިފުޅު ނޫޅޭ.. އެހެންވީމަ ޔާޒް އަކީ މަންމަގެ ނަޒަރުގަ ޖަވާހިރެއް..".. ޔާޒްގެ ކޯތާފަތުގައި ފިރުމާލުމަށްފަހު މަހީން ބުނެލިގޮތުން ޔާޒްގެ ހިތަށް ފުން އަސަރުތަކެއް ކުރުވިއެވެ. މަހީން އެހެން ބުނި ކަމުގައި ވިޔަސް ޔާޒްގެ ސިކުނޑި ވަނީ ހަލަބޮލިވެފައެވެ. އަދިވެސް ނަވަލް ދެއްކި ވާހަކަތައް އޭނާގެ ސިކުނޑީގައި ދައުރުވަމުން ދިޔައެވެ. އެ ކަމުން މާޒީގެ ދުރު ހަނދާނެއް އާވަނީއެވެ. ނަމަވެސް އެ ހިޔާލު އޭނާގެ ނަފްސު ހިސޯރު ކުރުމުގެ ކުރިން ޔާޒް ފުން ނޭވާއަކާއެކު ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވައިފިއެވެ. ފަހަރެއްގައި ވެސް ކުރިން ވީ ފަދަ ކަމެއް ތަކުރާރު ވާނޭ ފުރުސަތެއް އޭނާ ނުދޭނެއެވެ.

************************

ފަނޑު އަލިކަމެއް ވެރިވެފައި އޮތް ކޮޓަރީގައި ވަނީ މަރު ފަދަ ހިމޭންކަމެކެވެ. އޭސީގެ ފިނިކަމާއެކު އެ ކޮޓަރިން އިތުރަށް ފެންނަހާ ވެސް އަލިކަމަކީ އޭސީން ދިއްލިފައި ހުރި ނޫ ކުލައިގެ އައްޔެވެ. ކޮޓަރީގެ އެއްފަރާތުގައި ބޮޑު ފޮތް ހަރުގަނޑެއް ހުރިއިރު އެ ހަރުގަނޑު ފުރާ އެކި ޒާތްޒާތުގެ ފޮތް ހުއްޓެވެ. ފޮތް ހަރުގަނޑާއި ޖެހިގެން ހުރި މޭޒުމަތީގައި ވެސް ގިނައީ ފޮތްތަކެވެ. އޭގެ އިތުރަށް މޭޒުމަތީގައި ހުރީ ގަލަން އަޅާފައި ހުރި ދަޅަކާއި ލެޕްޓޮޕެކެވެ. މޭޒުގެ ކުރިމައްޗަށް ވާ ގޮތަށް ކުޑަ ވައިޓްބޯޑެއް ހަރުކޮށްފައި ހުރިއިރު އެ ބޯޑުގެ އެންމެ މަތީގައި އެކި ކުލަތަކުގެ ސްޓިކީ ނޯޓްސް ހަރުކޮށްފައި ހުއްޓެވެ.

ކޮޓަރީގެ މެދުގައި ހުރި ކިންގް ސައިޒް އެނދުގައި ބަންޑުން އޮތް އަރްހަމްގެ ކައިރީގައި ތަރުތީބެއް ނެތި އުކާލެވިފައިވާ ނޫސް ގަނޑުތަކާއި ފޮތްތައް ހުއްޓެވެ. އެހެންކަމުން އޭނާ އޮތީ ނުހަނު ބުރަ މަސައްކަތެއްގައިހެން ހީވެއެވެ. އެކަމަށް ބާރުދެނީ އަތުގައި އޮތް ގަލަމުން ކުރިމަތީގައި އޮތް ނޯޓުފޮތުގައި އިރުއިރުކޮޅާ އެއްޗެއް ލިޔެލާތީއެވެ.  ފޮތުގެ އެއް ސަފްހާ ފުރެންދެން އެކި އެއްޗެހި ލިޔެފައި ހުރި އިރު އެތަނުން ބައެއް ޖުމްލަތައް ހައިލައިޓް ކޮށްފައި ވިއެވެ.

ކުއްލިއަކަށް ބާލީސް ދަށުގައި އޮތް ފޯނު ރިންގު ވާން ފެށުމާއެކު އަރްހަމް މަޑުމަޑުން އެ ހަށިގަނޑު ހިއްލާލިއެވެ. އަދި އެކި ދިމަދިމާލުގައި އަތް ކާއްތަމުން ގޮސް ފޯނު ނެގި ގޮތަށް ސައިލެންޓަށްލީ އެވަގުތު އެއަށް ޖަވާބުދޭން ބޭނުން ނުވާ ފަދައަކުންނެވެ. ނަމަވެސް ދެވަނަ ފަހަރަށް ފޯނު ރިންގުވާން ފެށުމުން އަރްހަމް ލިޔަން ގެންގުޅުނު ގަލަން ބޭއްވުމަށްފަހު ތެދުވިއެވެ.  އަދި މޯޅި އަކަށް ދެމިލުމަށްފަހު ފޯނު ނަގައި ކަންފަތުގައި ޖައްސާލި އިރު ގުޅަނީ ކާކުތޯ ބެލުމުގެ މާ ބޮޑު ޝައުޤުވެރިކަމެއް ނެތް ފަދައެވެ.

އަރްހަމް ސަލާމް ގޮވާލުމާއެކު އެކޮޅުން ހަލޯއޭ ބުނެލި އަޑު އިވުނެވެ. އެއާއެކު ވައަތް މޫނުގައި ހިންގާލަމުން އޭނާ ތެދުވެ އިށީންއިރު އެ މޫނަށް ކޮންމެވެސް ވަރެއްގެ ހަރުކަށިކަމެއް ވެރިވެއްޖެއެވެ.

" ކީކޭތޯ؟.. އަދި އަޅުގަނޑަށް ސާފެއް ނުވި..".. އަރްހަމް ބުނެލިއިރު އެ ގަދަ ބުމަ ކައިރިވެއްޖެއެވެ.

" އަރްހަމް ކީކޭ ހިތަށް އަރައިގެން ލިޔުނު ރިޕޯޓެއް އެއީ.. އެ ރިޕޯޓު ލިޔުނު އިރުވެސް އެނގެން ވާނެ އެއީ އަހަރެމެންގެ ސްޕޮންސަރ އެއްކަން.. މިހާރު އަރްހަމްގެ ސަބަބުން ސްޕޮންސަރޝިޕްވެސް ގެއްލިއްޖެ.. އެމީހުން ގުޅާފަ އެކަން އަންގައިފި.. އެހެން ނޫނަސް "އެމް.އެސް.އެލް ކޮމްޕެނީ"އާ ދެކޮޅަށް ލިޔާއިރު ވެސް އެނގެން ޖެހޭނެ އެއީ ކިހާ ފެންވަރެއްގެ ބައެއްކަން.. އަރްހަމްގެ ސަބަބުން ދުވަހަކުވެސް ނުލިބޭ ވަރުގެ ލޮސްއެއް މިފަހަރު ލިބޭނެ.. ". އެކޮޅުން ވާހަކަ ދެއްކީ ނޫހުގެ އެޑިޓަރު ސަނާއެވެ. ސަނާގެ ވާހަކައިން އަރްހަމްގެ ހަށިގަނޑު ސީދާ ކޮށްލިއިރު އެ މޫނުން ހިތްހަމަނުޖެހިފައި ހުރިކަން ފާޅުވާން ހުއްޓެވެ.

" އަހަރެން ދޮގު ވާހަކައެއް ނުލިޔަން.. ސަނާ ބުނެބަލަ ލިޔަންވީ ކީކޭކަން.. އެމީހުން ނުކުރާ ކަމެއްގެ ވާހަކަ ނޫން އަހަރެން ލިޔުނީ.. ފެކްޓް ބޭސްޑް ރިޕޯޓެއް އަހަރެން ލިޔުނީ.. ހެއްކާއެކު.. އެމީހުންގެ ރިޒޯޓް މުވައްޒަފުންގެ މުސާރަ ހަމައަށް ނުދޭތާ މިހާރު އަށް މަސް ވެއްޖެ.. ކޮވިޑާ ހުރެ މުސާރަ ކުޑަ ކުރިގޮތަށް އަދިވެސް އެވަރަށް ދެނީ.. ގައިމު މިހާރު އޭގެ ފަހުން ކޮން ދުވަހެއް.. "އެމް.އެސް.އެލް"ގެ ޗެއަރމަން ސާއިފް ނޫންތަ ބުނީ ކުރިން މުސާރަ ދިން ވަރަށް މުސާރަ ދޭން ފެށި ވާހަކަ.. އެއީ ދޮގެއްކަން އެނގިހުރެ އަހަރެން ލިޔަންވީ މުސާރަ ދޭ ވާހަކަތަ؟..".. އަރްހަމް ވާހަކަ ދެއްކިއިރު އެ އަޑުންވެސް އޭނާ ނުރުހުންވެފައި ހުރި މިންވަަރު ހާމަވެއެވެ.

= ނުނިމޭ =

  1. ވަރަށް ރީތި. މިހާރު އިންތިޒާރު ކުރެވެނީ ދެން އޮތް ބަޔަށް

  2. ވާހަކަ ރީތި…އެކަމަކު އަންހެނުން ވެސް ހުންނާނެދޯ ކިޔޭނެ އަންހެންވަންތަ ރީތި ނަން…ކީއްވެތަ ފިރިހެންފާޑު ނަންތަކެއް ކިޔައިގެން މިއުޅެނީ ހާއްސަކޮށް ދީނީ ވާހަކައެއްގަ!. ވ ބޮލައް އުނދަގޫ.