ލިބޭތޯ ޔާރު ޖަންނަތުން ( ފަސްވަނަ ބައި)
▾ މި ވާހަކައިގެ ޢަދަދުތައް
" ދަތުރު ކިހިނެތްތަ؟.. އެ ނެހާން އުޅުނު ދޯ ސާއިފް ނުފޮނުވަން.. އަހަރެން ހާދަ ފޫއްސެއްވާ އަންހެނެކޭ އެއީ.. ދެން ސާއިފް ވެސް ވެއްޖެއެންނު ނެހާން ވަރި ކުރަން..".. ސޯފާގައި ހަމަޖެހިލަމުން މަހަލް ދައްކަން ފެށި ވާހަކައިން ސާއިފް ބަލާލީ ހިތްހަމަ ނުޖެހިފައި އިނދެއެވެ.
************************
" ސްޓޮޕް އިޓް މަހަލް. ތިހެން ބުނާ އިރުވެސް އެނގެން ވާނެ އަހަރެން ނެހާން ވަރި ނުކުރާނެކަން. އެއީ އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅުގެ މަންމަކަން މަހަލް ހަނދާން ނައްތާނުލައްޗޭ. ވަރި ކުރަންޏާ ވަރި ކުރަން ޖެހޭ މީހަކީ ވެސް ތިއީ. މަހަލްގެ ނެތް ވިއްޔާ އަހަރެންގެ ދަރިއަކު ވެސް. " ސާއިފް ނުސީދާކޮށް ބުނީ ކީކޭކަން އެނގުމުން މަހަލްގެ މޫނަށް ވެރިވީ ފޫހިކަމެވެ. ހަމަ އެއާއެކު، ދުވަހެއްގެ ކޮޅުންވެސް ސާއިފް، ނެހާން ވަރި ކުރާނެ ކަމާއި މެދު ޝައްކެވެ.
ނެހާންއަކީ ސާއިފްގެ ދޮށީ އަނބިމީހާއެވެ. އެ ކައިވެންޏަށް 25 އަހަރު ފުރުނު އިރު ލިބިފައިވަނީ އެންމެ ދަރިއެކެވެ. އިތުރަށް ދަރިން ހޯދުމަށްޓަކައި އެދެމަފިރިން ކުރި ހުރިހާ މަސައްކަތްވީ ބޭކާރެވެ. ދުނިޔޭގެ އެކި ޤައުމުތަކަށް ދަތުރު ކުރެވުނު އިރުވެސް ސާއިފްއަށް ލިބުނީ އޭނާގެ ނަފްސު މާޔޫސް ކުރުވި ޖަވާބު ތަކެކެވެ. އެހުރިހާ ކަމެއްގެ ހައްލެއްގެ ގޮތުގައި ސާއިފްއަށް ވިސްނުނީ އެންމެ ގޮތެކެވެ. އިތުރު ކައިވެންޏެއް ކުރަން ބޭނުންވާކަން ނެހާން ގާތުގައި އޭނާ ހާމަކުރީ އިތުރު ދަރިއަކަށްޓަކައި އެ ހިތް ނުހަނު ބޭނުންވެފައި ވީތީއެވެ. ފުރަތަމަ އެ ކައިވެންޏާ ދެކޮޅު ހެދި ނަމަވެސް ސާއިފް އޭނާ ވަރި ނުކުރާނެ ކަމުގައި ވައުދު ވުމުން ނެހާން އެންމެ ފަހުން އެ ކައިވެންޏާ އެއްބަސްވީއެވެ. ނަމަވެސް އެއްވެސް ހާލެއްގައި ސާއިފް ކައިވެނި ކުރާނީ މަހަލް ފަދަ އުމުރުން ހަނގު ކުއްޖަކާ ކަމެއް ނެހާންއަށް ހީކުރެވިފައި ނެތެވެ.
" ލުކް ސާއިފް. އައި އެމް ޔަންގް. ސާއިފް ބޭނުން ވެގެން ތި އުޅޭ ކަންތައް އަހަންނަށް އެނގޭ. އެކަމަކު އަހަރެން އަދި ދަރިއަކު ހޯދަން ބޭނުމެއް ނޫން. އަހަންނަށް އެ ޒިންމާއެއް ނުނެގޭނެ. ހާއްސަކޮށް ބޭބީއަކު ގެންގުޅެން އަހަންނަށް ނޭނގޭނެ. އެހެން ނޫނަސް މޮޑެލިންގެ ދާއިރާ ދޫކުރާކަށް އަހަރެން ގަސްތެއް ނުކުރަން. ބޭބީއަކު ލިބުނީމަ ހަށިގަނޑު މެއިންޓެއިން ކުރަން ކިހާ އުނދަގޫވާނެ. ހުރިހާ ކަމަކަށް ވަގުތެއް ނުދެވޭނެ." މަހަލް އޮއްސާލީ އޭނާ އަބަދުމެ ކުރާ ޝަކުވާއެވެ.
" އަހަންނާ އިނދެގެން އުޅެން ބޭނުން ނަމަ މަހަލް ޖެހޭނީ އަހަރެން ބޭނުންވާ ކަންތައްތައް ފުއްދައިދޭން. އަޑު އިވިއްޖެތަ؟ " ސާއިފް އިއްވާލީ އޭނާގެ ފަހުގެ އިއްވުމެވެ.
އެވަގުތު ރޯޒީ ނުކުމެ ކެއުން ތައްޔާރުވެއްޖެކަމުގައި ބުނުމުން މަހަލް ވެސް އެވާހަކަ ހުއްޓާލުމަށްފަހު ތެދުވިއެވެ. އެއާއެކު ސާއިފް ވެސް ތެދުވެ ލައިގެން ހުރި ކޯޓު ބޭލުމަށްފަހު ރޯޒީ އަތަށް ދިނެވެ. އަދި ހަރު ހިނގުމެއްގައި ގޮސް ކާގެއަށް ވަނީ މަހަލްގެ ފަހަތުންނެވެ.
******************************
ފަތިހުގެ އެލާމާއެކު ހޭލެވުނު ޔެލިޒްއަށް ފުންމައިގެން ތެދުވެވުނެވެ. ގައިމަތީ އޮތް ރަޖާ ދުރުކޮށްލުމަށްފަހު އެނދުން ތިރިއަށް ފައިލިއިރު އަދިވެސް ލޮލުގައި ވަނީ ނިދީގެ އަސަރެވެ. ކަކުލުގައި އުޅަބޮށި ޖައްސައިގެން އިން އިރު އޭނާގެ މޫނު ވަނީ އަތު ތެރޭގައި ފޮރުވާލެވިފައެވެ. އިސްތަށިގަނޑުން ބޮޑު ބައި މޫނު މައްޗަށް އެޅިފައި އޮތް ގޮތުން އެ މޫނު ރީއްޗަށް ފެންނަ ވަރެއް ނޫނެވެ. ދެވަނަ ފަހަރަށް ފޯނު އެލާމް ވުމުން ޔެލިޒްއަށް މޫނު މަތިން އަތް ނަގައިލެވުނެވެ. އަދި އަތުން އިސްތަށިގަނޑުގައި ފުނާ އެޅުމަށްފަހު ހުޅިއެއް ޖަހާލިއެވެ. މަޑުމަޑުން ކަނދުރާގައި އަތް ކާއްތަމުން ގޮސް އޭނާ އިށީނީ ސްޓަޑީ ޓޭބަލް ކައިރީގައެވެ. ލެޕްޓޮޕް ހުޅުވާލުމާއެކު އޭގެ އަލި މޫނަށް އެޅުމުން ޔެލިޒްއަށް އުނދަގޫ ގޮތަކަށް ލޯ މަރާލެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި މޭޒާއި ގޮނޑި ކައިރި ކޮށްލަމުން އެންމެ ފަހުން ހުޅުވާފައިވާ ޕްރެޒެންޓޭޝަންގައި ހުރި ނޯޓްސްތައް ކިޔަވަން ފެށިއެވެ.
އެގޮތުގައި ޔެލިޒްއަށް އިނދެވުނީ ގާތް ގަނޑަކަށް ފަނަރަ ވަރަކަށް މިނިޓަށެވެ. އިހްތިޔާރަކާ ނުލާ އޭނާއަށް ހުޅުވާލެވުނީ ފޭސްބުކެވެ. އަރްހަމްގެ އައިޑީ ހޯދާލުމަށްފަހު ދެވަނަ ފަހަރަށްވެސް އެ އަޑީ ބަލަން ހިތް އެދުނީ ކީއްވެ ކަމެއް އޭނާއަށް ނޭނގުނެވެ. ނަމަވެސް އަރްހަމްއާ ދިމާވީއްސުރެ އެ ސޫރަ އެ ހިތުގައި ކުރެހިއްޖެކަން ގައިމެވެ.
" ސީރިއަސްލީ ޔެލިޒް؟ ހީ އިޒް ނޮޓް އިވެން ޔޯރ ޓައިޕް. " ޔެލިޒް ބުނެލީ އޭނާގެ އަމިއްލަ ނަފްސަށް ވިސްނުވައިދޭ ކަހަލަ ގޮތަކަށެވެ. ދެފަރާތަށް ބޯ ހޫރާލަމުން އޭނާ ސައުންޑް ކްލައުޑް ހުޅުވާލިއެވެ. އަދި ރީތި ލަވަތަކެއް ހޯދުމަށްފަހު އައިސް އެދަށް އަރާ އޮށޯތީ ނިދާލުމުގެ ގަސްތުގައެވެ. އިވެމުން ދިޔަ ލަވަތަކާއެކު ސިކުނޑިން އަރްހަމްގެ ހިޔާލު ފިލައި ގޮސް ލޮލަށް ނިދި ސަވާރުވީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައެވެ.
ޔެލިޒްއަށް ދެން ހޭލެވުނީ އަސްރާ އައިސް އޭނާއަށް ގޮވަން ފެށުމުންނެވެ.
" ޝިޓް. ކީއްވެ ކުރިން މަންމަ ނުގޮވީ. ބާކީ އޮތީ އެންމެ ތިރީސް މިނިޓް. ކިހިނެއް ދެން މިއަދު ގަޑި ނުޖެހި އެގްޒާމް އަށް ދާނީ. " ގަޑިއަށް ބަލާލަމުން ޔެލިޒް ބުނެލިއިރު އެ އަޑުގައި ކަންބޮޑުވުން އެކުލެވިފައި ވިއެވެ. ހަރަކާތްތައް އަވަސް ކޮށްލަމުން ޔެލިޒް ގޮސް ހަރުގަނޑުގައި އަޅުވާފައި އޮތް ތުވާލި ނެގިއެވެ.
" ދަރިފުޅު ދޭ ފެންވަރަށް. މަންމަ ހެދުމެއް އިސްތިރި ކޮށްލާނަން. ސައި ވެސް ތައްޔާރު ކޮށްފަ ހުންނާނީ. ބައްޕަ ދަރިފުޅު ގެންގޮސް ދޭނެ އެންނު. " އަސްރާ ބުނެލުމާއެކު ޔެލިޒްގެ ހަރަކާތްތަކަށް ވެރިވީ ލަސްކަމެވެ.
" ނޫން. ބައްޕަ ކައިރީ ބުނާނެ ކަމެއްނެތް. އަދިވެސް ހުންނާނީ ލިޒްދެކެ ހިތްހަމަ ނުޖެހިފައެންނު. " ޔެލިޒްގެ މޫނަށް މާޔޫސްކަން ވެރިވެފައި ހުރި ނަމަވެސް އެ އަޑާއި ރާގުން އޭނާ ގޮތް ދޫކުރަން ބޭނުން ނުވާކަން ހާމަވެއެވެ.
" އޯކޭ. މަންމަ ދަރިފުޅު ކޮލެޖަށް ލައިދޭނަން. ދެން ވެސް އަވަސް ކޮށްލާ." އެވަގުތު އެކަމާ ގުޅުވައިގެން އެއްޗެކޭ ބުނަން ބޭނުން ނުވުމުން އަސްރާ ބުނެލިއެވެ. އަދި އަލަމާރިން ނެގި ޔެލިޒްގެ ހެދުން އިސްތިރި ކުރަން ފެށިއެވެ.
******************************
މޫދުގެ ލޮނުގަނޑުން މައްޗަށް ބޯ ހިއްލާލި ޒުވާނާ ދެފަރާތަށް ބޯ ހޫރާލަމުން މޫނުގައި އަތް ހިންގާލިއެވެ. އަދި މޫދުން އެރުމަށްޓަކައި ހިނގައިގަންނަމުން އިސްތަށިގަނޑުގައި ހުރި ފެންތައް ދެއަތުން ފޮޅާލިއެވެ. އޭނާ ލައިގެން ހުރި ހުދު ކުލައިގެ ގަމީސް ގައިގައި ތަތްވެފައި ހުރި ގޮތުން އެ ކަސްރަތީ ހަށިގަނޑުގެ ފުރިހަމަކަން ހާމަވާން ހުއްޓެވެ. ނިތްކުރި މައްޗަށް ތެމިގެން ފައިބައިފާ ހުރި އިސްތަށިތަކުން ފައިބަމުން ދިޔަ ފެންތިކިތަށް އެ މޫނުގައި ބީހިލާފައި ތިރިއަށް ދާގޮތުން ބަލައިލަން ނުހަނު ހިތްގައިމު ގޮތެއް ވިއެވެ. އިރު އަރައިގެން އައި ވަގުތު ކަމުން އިރުގެ އަލި އެ މޫނަށް އެޅި ޓޭން ވެފައި ހުރުމުން އެ ސޫރައަށް އިތުރު ފުރިހަމަކަމެއް ގެނުވަދޭ ކަހަލައެވެ.
" ޔާން ހީވަނީ މޮޑެލް ކުރަން އުޅޭހެން. " ބެންޗުގައި އިން އުމައިރް ބުނެލީ ހިނިގަނޑު ހިފަހައްޓަމުންނެވެ. އެއަށް ޖަވާބެއް ނުދީ އަރްޔަން ގޮސް އުމައިރްގެ އަތުގައި އޮތް ފެންފުޅި ނެގިއެވެ. އަދި އޭގެން އަނގަޔަށް އޮއްސާލަމުން ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލިއެވެ.
" މޮޑެލް ވެސް ކުރަންވީ ދެން. އެކަމަކު އޭރުން އުމައިރް އިންނާނެެ ކުއްޖަކު ނުލިބިދާނެ. " އަރްޔަން ލާނެތް ހިނިތުންވުމަކާއެކީ ބުނެލުމުން އުމައިރްއަށް ވެސް ހެވިއްޖެއެވެ.
" ކޮން އިރަކުން އަރްހަމްއަށް ވަގުތެއް ވަނީ؟ ބިޒީވެގެން ގޮސް މިހާރު ހަބަރެއް ވެސް ވަނީ އެއް ނޫން ". އުމައިރް އަހާލީ އަރްޔަންއާ އެކު ބެންޗުން ތެދުވެ ހިނގައިގަންނަމުންނެވެ.
" މިހާރު އެމީހުންގެ އެގްޒާމް ފެށުނީމަ ދެން ބިޒީ ވާނެތާ. އޭގެ ފަހުން ހަބަރެއް ވާނަމޭ އަރްހަމް ބުނި ". އަރްޔަން ބުނެލިއެވެ.
" އެކަމަކު ހާދަ ދުވަހެއް މިވީ. މެލޭއަށް ގޮސް އަރްހަމް ކިޔެވީ ކޯއްޗެއް ހެއްޔޭ އަހަރެންގެ ހިތަށް އަރާ. މިހާ ދުވަސް ވީ އިރުވެސް މެލޭގެ އެއްވެސް ވާހަކައެއް އަރްހަމް ނުދައްކާތީ ގައިމު ކަމެއްވީމަތާ ދޯ. " އުމައިރް ހާމަކޮށްލީ އޭނާއަށް އުނދަގޫ ކުރަމުން ދިޔަ ހިޔާލުތަކެވެ. އެކަމާ ގުޅިގެން ވަކި އެއްޗެކޭ ނުބުނެ އަރްޔަންގެ ވެސް ދޫކޮށްލީ ފުން ނޭވާއެކެވެ.
ދެ އެކުވެރިން ވަކިވީ އުމައިރްގެ ގެއާ ހިސާބުންނެވެ. އުމައިރް ސައިކަލުން ފޭބުމާއެކު އަރްޔަން ސައިކަލު ދުއްވާލިއެވެ. ބޮޑުތަކުރުފާނު މަގައް އަޅާލުމަށްފަހު އަރްޔަން ސައިކަލުގެ ދުވެލި ބާރުކޮށްލީ ލައިގެން ހުރި ހެދުން ކޮންމެވެސް ވަރަކަށް ހިއްކާލުމުގެ ނިޔަތުގައެވެ. މަގަށް ނަޒަރު ހުއްޓިފައިވީ ނަމަވެސް އަރްޔަންގެ ނަފްސުވީ ހަލަބޮލިވެފައެވެ. ދެތިން ފަހަރަކު ފުން ނޭވާއެއް ދޫކޮށްލީ މީހާ ހަމައަކަށް އަޅުވާލުމުގެ ނިޔަތާއެކުގައެވެ.
މީގެ ތިން އަހަރު ކުރިން އެ ހިތުގައި އުފަންވީ ލޯބި އަދިވެސް އެގޮތުގައި ދެމި އޮތީ އުނިކަމެއް ނެތިއެވެ. ނަމަވެސް އެ ލޯބި ވަނީ ހިތުގައި ވަންހަނާ ކުރެވިފައެވެ. އެކުގައި އުޅެ ބޮޑުވި އުމައިރްއާއި އަރްހަމްއަށް ވެސް ހަޔާތުގެ އެ ބާބު އަރްޔަން ވަނީ ސިއްރުކޮށްފައެވެ. އެ ލޯތްބަށް އެދި ހިތް ބޭޤަރާރުވި ކަމުގައި ވެސް އަރްޔަން އަށް ނުލިބުނީ ލޯބި ހާމަ ކުރާނޭ ހިތްވަރެވެ. ހިތުގައި އުފެދިފައިވީ ނުތަވަސްކަމާއި ބިރުވެރިކަން ގުޅިފައިވީ އެ އަންހެން ކުއްޖާ އޭނާގެ ލޯތްބަތް ފުރަގަސްދީފާނެކަމަށް ހިތުގައިވި ހީއެކެވެ.
އަރްޔަންއަށް ހިޔާލުތަކުން ބޭރުވެވުނީ ގެ ހުންނަ ގޯޅިއަށް އަޅާލެވުމުންނެވެ. އޭރު ކޮންމެވެސް ވަރަކަށް ނަފްސަށް ވެރިވެފައިވި ނުތަވަސްކަން ކުޑަވެފައި ވިއެވެ. ނަމަވެސް މުޅިއަކުން އެ ހިޔާލުތައް ސިކުނޑިން ފިލައިނުދެއެވެ. ގިނަ ދުވަސްތަކަކަށްފަހު އެކަން އެގޮތަށް މެދުވެރިވީ ކީއްވެކަން ވެސް ބުނަން އަރްޔަން އަށް އެނގެއެވެ. ނަމަވެސް އޭނާ ޖެހޭނީ އެކަމަށް ނަފްސު ތައްޔާރު ކުރާށެވެ. ފާއިތުވެ ދިޔަ ތިން އަހަރު އެ ހިޔާލުތަކާއި ދުރުވާން ފަސޭހަވި ކަމުގައި ވިޔަސް ދެން އެހެން ނުވާނެކަން އަރްޔަން އަށް އެނގެއެވެ.
" ދަރިފުޅު! ހޭލާ ދޯ ތި އުޅެނީ. މަންމަ މި އުޅުނީ ގޮވާލަން ދާން ކަމަށް. ". ގެއަށް ވަނުމާއެކު ކޮޓަރިން ނުކުތް ސަލްމާ ބުނެލިއެވެ.
" ފަތިސް ނަމާދުން ފައިބައިގެން އުމައިރްއާ އެކީ މޫދަށް ގޮސްލީ. މި ދަނީ މައްޗަށް. އޮފީހަށް ދާން ރެޑީ ވެލަން. ". އަރްޔަން ސިޑިން މައްޗަށް އަރަމުން ބުނެލުމުން ސަލްމާ ވެސް ބޯ ޖަހާލަމުން އަނެއްކާ ކޮޓަރިއަށް ވަދެއްޖެއެވެ. ދެން އޭނާ ނުކުތީ އިސްތިރި ކޮށްފައި އޮތް އަރްޔަންގެ ގަމީހާއި ފަޓުލޫނު ހިފައިގެންނެވެ. ސިޑިން މައްޗަށް އެރުމަށްފަހު ސަލްމާ އެ ގަމީހާއި ފަޓުލޫނު އަރްޔަންގެ ކޮޓަރީގެ ދޮރު ތަޅުގައި އެޅުވީ އެ ކޮޓަރި ތަޅުލާފައި ހުރުމުންނެވެ.
އަށެއް ޖަހަން ފަނަރަ މިނިޓަށް ވެފައި ވަނިކޮށް އަރްޔަން ކޮޓަރިން ނުކުތީ އޮފީހަށް ދާން ތައްޔާރުވެގެންނެވެ. ލައިގެން ހުރި ކަޅު ކުލައިގެ ފަޓުލޫނާއި އަޅި ކުލައިގެ ގަމީހުގައި އޭނާ ފެންނަލެއް ކިތަންމެހާވެސް ރީއްޗެވެ. އަތުގައި އޮތް އައިނު ލޮލަށް ހެޔޮވަރު ކޮށްލަމުން އަރްޔަން ނުކުތީ ސަލްމާއާ ސަލާމް ކޮށްލަމުންނެވެ.
**************************
" ނަވަލް. އަދިވެސް ނުނިމެނީތަ. މިހާރު ކޮން އިރެއް ދޮންބެ ތައްޔާރުވެގެން އިންނަތާ. އަވަސް ކުރޭ." ދެވަނަ ފަހަރަށް ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލަމުން ކުލްސޫމް ބުނެލީ ތަންކޮޅެއް ބާރަށެވެ. އެވަގުތު އެތެރެއިން ނަވަލް ގޮވާލި އަޑު އިވުމުން ކުލްސޫމް ދެފަރާތަށް ބޯ ހޫރުވާލިއެވެ.
" ލަވް. މި ދަނީ އެނގޭ އެގްޒާމްއަށް. ވިޝް މީ ލަކް. ގެއަށް އައިއްސަ މެސެޖް ކުރާނަން. އައި ލަވް ޔޫ ސޯ މަޗް. " ދޮރުގައި ލެނގިގެން ހުރެ ނަވަލް ކައިސަންއަށް މެސެޖް ފޮނުވާލަމުން ކޮނޑުގައި އަޅުވާފައި އޮތް ސައިޑް ބޭގް ތެރެއަށް ފޯނު ވައްޓާލިއެވެ. އިތުރަށް ލަސްވެއްޖެ ނަމަ ކުލްސޫމް ރުޅި އަންނާނެއޭ ހިތަށް އެރުމުން ނަވަލް ކޮޓަރިން ނުކުތް އިރު އެ މޫނަށް ވެރިކުރުވާފައިވީ ލުއި ހިނިތުންވުމެކެވެ.
" ނަވަލް. މާ އަވަސް އަރުވާލައިގެން ޓެސްޓު ނުހަދާތި. ވިސްނައިގެން ސުވާލުތަކަށް ޖަވާބު ދޭނީ. ފެއިލް ވެއްޖެނަމަ މީހުން ކިޔާނެ އެއްޗިސް. " ކުލްސޫމް ބުނެލުމާއެކު ނަވަލްއަށް ތުން ފިއްތާލެވުނެވެ.
" މަންމާ. އަބަދު ތިހެން ނުބުންޏަސް އެނގެއެންނު އަޅުގަނޑު އެގްޒާމް އަށް ފަރުވާ ކުޑަ ނުކުރާނެކަން. އެހެން ނޫނަސް މީހުން ކިޔާނެ އެއްޗަކާ މެދު ކީއްކުރަން ވިސްނަންވީ. މަންމަ ނޫންތަ ބުނަނީ މީހުން ކިޔާ އެއްޗަކާ އެމީހުން ތިމާއާ މެދު ދެކޭނޭ ގޮތާ މެދު ނޫނޭ ވިސްނަންވީ. މާތްﷲ އަޅުތަކުންނާ މެދު ދެކެވޮޑިގަންނަވާ ގޮތާ މެދުގައޭ ކަންބޮޑުވެ ވިސްނަންވީ." ނަވަލް ކުލްސޫމްއަށް ހަނދާން ކޮށްދިނެވެ. އެއާއެކު ސޯފާގައި އިން އުމައިރްގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. އޭނާ ނުހޭން މަސައްކަތް ކުރަމުން ނަވަލް އަށް ޖަވާބު ދިނެވެ.
" ކަމަނަ ތިހެން ތި ބުނީ އަސްލު ވެސް ތި ގޮތަށް ވިސްނާތީތަ؟ " އުމައިރް ސުވާލު ކޮށްލުމުން ނަވަލް ދެލޯ ހަނިކޮށްލަމުން އުމައިރްއަށް ބަލާލިއެވެ. ހަގީގަތުގައި އޭނާ އެ ބުނި ޖުމްލަތަކުގެ މާނަ ހުދު ނަވަލްއަށް ވެސް ނޭނގެއެވެ. ކުލްސޫމް އެހެން ކިޔާ އަޑު އޭނާއަށް ވެސް އިވެނީއެވެ. އެހެން ނޫނަސް އެފަދައިން ކުލްސޫމް ބުނާ ވާހަކަތަކާ މެދު މާ ފުންކޮށް ވިސްނުމަކީ އެއްވެސް އިރެއްގައި ނަވަލް ކުރި ކަމެއްވެސް ނޫނެވެ.
" ދަރިފުޅު ތިކަން ހަނދާން ހުރިކަން ނަސީބެއް. އެކަމަކު ހަމައެއާއެކު ހަނދާން ކުރަންވާނެ ކަށްވަޅަށް ދާން ދެންވެސް ތައުލީމު އުނގެނެއް ވެސް ޖެހޭކަން. ދެން ދޭ އަވަހަށް. " ލުއި ހިނިތުންވުމަކާއި އެކު ކުލްސޫމް ބުނެލިއިރު ނަވަލްގެ ބޮލުގައި ފިރުމާލިއެވެ.
****************************
އަވަސް ހިނގުމެއްގައި ކޮލެޖަށް ވަދެގެން އައި ޔެލިޒްގެ ނަޒަރު އެކި ދިމަ ދިމާލަށް ދަތުރު ކުރަމުން ދިޔައެވެ. ފޯނު ނަގައި ދެވަނަ ފަހަރަށް ޔާޒްއަށް ގުޅުމުން ވެސް ލިބުނީ އެއް ޖަވާބެކެވެ. ފޯނު އޮތީ ނިއްވާފައި ކަމުގައި ބުނުމުން ޔާޒް ވާނީ މިހާރު އެގްޒާމް ހޯލުގައިކަން ބުނަން ޔެލިޒްއަށް ޔަޤީންވިއެވެ. އެވަގުތު ނަވަލްއަށް ގުޅަން ހިތަށް އެރި ނަމަވެސް ޔެލިޒް އެކަން ސިކުނޑިން ނެރެލިއެވެ. އަދި ކުރިއަށްވުރެ ހިނގުން އަވަސްކޮށްލައި އަންހެން ކުދިންގެ ފާހާނަ ބަރިއާ ދިމާލަށް ހިނގައިގަތީ އަދި ގަޑި ޖެހެން ފަސް މިނިޓް އޮތުމުންނެވެ.
ހިތް ބިރުގެންފައި ހުރި ވަރުން އޭނާ ހުރީ ފާހާނާއަށް ވަދެލަން ނުހަނު ބޭނުންވެފައެވެ. ނަމަވެސް ޔެލިޒްއަށް ކުސް ތަޅާލެވުނީ ދެ ފާހާނާ ވެސް ބޭނުން ކުރާތީއެވެ. އެވަގުތު ހިތަށް ވެރިވި އެއްޗަކުން ޔެލިޒް އަނބުރާލާފައި ނުކުތެވެ. އަދި ވަށައިގެން ހޯދާލަމުން ޖެހިގެން ހުރި ފިރިހެން ކުދިންގެ ފާހާނާތަކާ ދިމާލަށް މިސްރާބުޖެހީ އެ ދިމާލުގައި އިތުރު މީހަކު ފެންނަން ނެތުމުންނެވެ.
ޔެލިޒްގެ ނަސީބު ކިތަންމެހާވެސް ރަނގަޅެވެ. ފިރިހެން ކުދިންގެ ފާހާނާގައި އެއްވެސް ކުއްޖަކު ފެންނަން ނެތުމުން އެ މޫނަށް ވެރިވި އުފާވެރި ހިނިތުންވުމާއެކު އެންމެ ކައިރިއަށް ހުރި ދޮރު ހުޅުވައިލިއެވެ. އެވަގުތު އޭނާއަށް ހަޅޭއްލަވައިގަނެވުނީ ފާހާނަ ތެރޭ ހުރި އަރްހަމް ފެނުމާއެކުއެވެ.
= ނުނިމޭ =