މީލާދީ ސަނަތުން 2020 ވަނަ އަހަރުގެ ޖެނުއަރީ 15 ވީ ބުދަ ދުވަހު ނޫސްވެރިކަމުގެ ގުލްޒާރުގައި ފިރުކެންފެށި "ދެން" މީޑިޔާ އަށް މިއަދު މިވަނީ އަހަރެއް ފުރިފައެވެ. ގިނަ ބައެއްގެ ބުރަ މަސައްކަތުން އުފެދިގެން އައި "ދެން"ގެ ހަޔާތުގެ ފުރަތަމަ އަހަރަކީ ކާމިޔާބު އަހަރެކެވެ. އަދި ވޭތުވެދިޔަ އަހަރު ވެގެން ދިޔައީ "ދެން" ގެ ކުރު ހަޔާތުގައި ގިނަ ކާމިޔާބީތަކެއް ހާސިލްވި އަހަރަކަށެވެ. ޅަފަތުގައި ނޫސް އޮތްކަމުގައި ވިޔަސް މުވައްޒަފުންނާއި މެނޭޖްމެންޓްގެ ބުރަ މަސައްކަތާއި ހިތްވަރުން ފުރަތަމަ ހަމަސް ނިމުނު އިރު ރާއްޖޭގެ ރައްޔިތުންގެ އިތުބާރާއި ޔަގީންކަން މި ނޫހަށް ލިބިގެން ދިޔައެވެ. އެގޮތުން 6 ވަނަ މަހުގައި ރާއްޖޭގެ އެތައް އޮންލައިންތަކެއް ފަހަތަށް ޖައްސާލުމަށް ދިވެހިން އެންމެ ގިނައިން ކިޔާ 6ވަނަ އޮންލައިން ނޫހަކަށް "ދެން" ވިއެވެ. އަދި އޭގެ 2 މަސް ފަހުން ރާއްޖޭގެ ފަސްވަނަ އޮންލައިން ނޫސްގެ މަގާމު ހޯދާ 'ދެން"އިން ދަނީ އެ މަގާމު ދަމަހައްޓަމުންނެވެ. ކުރު މުއްދަތެއްގައި ދެންއަށް ލިބުނު ކާމިޔާބީއަކި ދިވެހި ރައްޔިތުން މި ނޫހަށް ކުރާ އިތުބާރެވެ. ފޯރުކޮށްދޭ ފުރިހަމަ މައުލޫމާތެވެ.
ފާއިތުވި އެއް އަހަރު "ދެން" ގެ ޓީމުގައި ހިމެނުނު ހުރިހާ މުވައްޒަފުންނަށް މެނޭޖްމެންޓްގެ ނަމުގައި ވަރަށް ބޮޑު ޝުކުރެއް އަރިސްކުރަމެވެ.
މުސްތަގުބަލަށް ވިސްނާ އަޅުގަނޑުމެންގެ އަމާޒަކީ މިހާރަށްވުރެންވެސް އަވަހަށް ސައްޙަ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. މިހާރެކޭ އެއްގޮތަށް ވަކި ފަރާތަކަށް ބުރަނުވެ، މިނިވަން ނޫސްވެރިކަމެއް ކުރުމެވެ. ރައްޔިތުން ބޭނުންވާ މައުލޫމާތު އެންމެ ފަސޭހައިން ލިބޭ ނޫހަކަށް "ދެން" ހެދުމެވެ. ބިނާކުރުވަނިވި ފާޑުތައް ބަލައިގަނެ އެކަންކަން ރަނގަޅުކޮށް ކުރިޔަށް ދިޔުމެވެ. ހަރުފަތަކަށްފަހު ހަރުފަތެއް ގިރާކޮށް ނޫސްވެރިކަމުގެ އެންމެ އުހަށް ދަތުރުކުރުމެވެ. ޒުވާން ނޫސްވެރިނަށް ފުރުސަތުދީ ދާއިރާގައި ފިޔަޖަހާ އަލިގަދަ ނޫސްވެރިން އުފެއްދުމެވެ. ޔަގީން ކުރާށެވެ. ދެންގެ ފިކުރަކީ ދިވެހި ރައްޔިތުންގެ ފިކުރެވެ.
12,346
ޚަބަރު
1.4 މިލިޔަން
ޔޫސަރުން
17 މިލިޔަން
ޚަބަރު ކިޔާފައިވޭ
މިދިޔަ އަހަރު އެކަނި "ދެން" ގައި 12،346 ޚަބަރު ޝާއިޢު ކުރެވުނުއިރު، 17 މިލިޔަން ފަހަރު ދެންގެ ޚަބަރުތައް ކިޔުންތެރިން ކިޔާފައިވެއެވެ.
ވިހިވިހީގައި ރާއްޖެއަށް ފުރަތަމަ ކުރިމަތިވި ބަލިމަޑުކަމަކީ ހިމަ ބިއްސެވެ. މީގެ ގާތްގަނޑަކަށް ތިން އަހަރު ކުރިން ރާއްޖެއިން ނައްތާލެވިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިޔުއެޗްއޯއިން ސެޓްފިކެޓް ދީފައިވާ ހިމަބިހި އަލުން ފެތުރެން ފަށާފައިވާ ކަމަށް ޖެނުއަރީ 12 ވަނަ ދުވަހު ހެލްތް މިނިސްޓްރީން ރަސްމީކޮށް އިޢުލާންކުރިއެވެ. ހިމަ ބިއްސަށް ވެކްސިން ނުދީ ތިބި ކުދިން ދެނެގަނެ މިމަހުގެ ތެރޭގައި ވެކްސިން ދޭން ފެށުނެވެ. ނަމަވެސް، އޭރު މުޅި ދުނިޔެއާއެކު ރާއްޖެއަށް މާ ބިރުވެރި ބަލިމަޑުކަމެއް އޮތީ މިސްރާބު ޖަހައިފައެވެ. އެއީ ޗައިނާއިން އުފެދިގެން މުޅި ދުނިޔެއަށް ފެތުރުނު ކޮރޯނާ ވައިރަސްގެ ވަބާއެވެ. ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ރާއްޖެއަށް އައިސްދާނެ ކަމަށް ލަފާކޮށް އޭރު، ޗައިނާއިން ރާއްޖެއަށް ސީދާ ދަތުރުތައް މެދު ކަނޑާލިއެވެ.
2013 ވަނަ އަހަރު ރާއްޖެއިން ވަކިވި ކޮމަންވެލްތާ ރާއްޖެއިން އަލަށް ގުޅުނީ ފެބްރުއަރީ މަސް ފެށުނުއިރުއެވެ.
މީގެ އިތުރުން މުޅިދުނިޔެއަށް ކޮވިޑް-19 ފެތުރި ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމްއިއްޔާއިން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކުރިއެވެ. ފެބްރުއަރީގައި ރާއްޖެއިން ވެސް ވަނީ ސަލާމަތީ ގޮތުން އަޅަން ޖެހޭ ބައެއް ފިޔަވަޅުތައް އަޅަން ފަށާފައެވެ. މީގެ އިތުރުން ނަމާދުގައި ޤުނޫތު ނާޒިލާ ކިޔަން ފެށިއެވެ. ހަމައެހެންމެ ވައިރަސް ރާއްޖެއަށް އައިސްފާނެ ހާލަތެއްގައި ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން، ސަރުކާރުން ޚަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަން ފެށިއެވެ. ފެބްރުއަރީގައި ޗައިނާގައި ތިބި ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރިއެވެ.
މީގެ އިތުރުން ވައިރަހާއި ގުޅިގެން އުމްރާއަށް ދިޔުން ސައުދީން މަނާ ކުރިއެވެ. ފުރަތަމަ ފަހަރަށް ކޮވިޑަށް މީހަކު ރާއްޖެއިން ޓެސްޓް ކޮށްފައި ވަނީ ވެސް ފެބްރުއަރީގައެވެ. މި ޓެސްޓްގެ ނަތީޖާ ނައްސިވިއެވެ. އޭރުވެސް ބައެއް ރައްޔިތުން ރައްކާތެރިވުމުގެ ގޮތުން މާސްކު އަޅަން ފެށުމުން މާސްކު އަޅަން ނުޖެހޭ ކަމަށް ސަރުކާރުން އެންގިއެވެ. ނަމަވެސް މާސްކާއި ސެނިޓައިޒަރުގެ ޑިމާންޑު ދުވަހުން ދުވަހަކަށް ބޮޑުވެގެން ގޮސް ބައެއް ވިޔަފާރިވެރިން އެކަމުގެ ފައިދާ ނަގާ، އެތަކެތީގެ އަގު ބޮޑު ކުރިއެވެ. އަދި ކަމާއިބެހޭ ފަރާތްތަކުން އެގޮތަށް އެކަންތައް ނުކުރުމަށް އިލްތިމާސް ކުރުމުން، އަނެއްކާވެސް އެތަކެތީގެ އަގު ތިރިކުރިއެވެ.
ކޮވިޑް-19 ބައްޔަކީ "ޕެންޑެމިކް" އެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ، ޑަބްލިއުއެޗްއޯއިން ކަނޑައެޅުމާ ގުޅިގެން ރާއްޖޭގައި އާންމު ސިއްހީ ކުއްލި ނުރައްކަތުގެ ހާލަތު ސަރުކާރުން އިއުލާންކުރީ މަރޗް މަހުގައެވެ. ރާއްޖޭގެ ތާރީޚްގައި ވެސް ފުރަތަމަ ފަހަރަށް ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާން ކުރެވުނުއިރު، މިމަސްތެރޭގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ކޮވިޑް-19 ކޭސްއެއްވަނީ ފެނިފައެވެ.ރާއްޖެއިން ބޭރުން އައި ފަތުރުވެރިއެއްގެ ފަރާތުން ފެނުނު މި ކޭހާއެކު ރާއްޖޭގެ އެލާޓް ލެވެލް ވަނީ ހުދުން ރީނދުލަށް ބަދަލުކޮށްފައެވެ.
މި ހާލަތު އައިއިރު ރާއްޖެ އޮތީ ރައްކާތެރި ކަމުގެ ފިޔަވަޅު އަޅައި ކަރަންޓީން ފެސިލިޓީތައް ހަދާފައެވެ. ކޮވިޑް-19 އާ ގުޅޭ މަޢުލޫމާތުތައް ސަރުކާރުން ގެންދިޔައީ ރައްޔިތުންނަށް ދެމުންނެވެ. ނަމަވެސް ސަރުކާރުން ބައެއް މަޢުލޫމާތު ހިފަހައްޓާ ކަމަށް ބުނެ ނޫސްވެރިން ވަނީ މުޒާހަރާ ވެސް ކޮށްފައެވެ. މިމަސްތެރޭ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ޖަމާއަތުގެ ނަމާދަށް ނުދިއުމަށް އިލްތިމާސް ކުރިއެވެ. ސަރުކާރުން ކޮވިޑް-19 އަށް ރައްކާތެރިވުމަށް މަސައްކަތް ކުރިއިރު ވައިރަހާ ހެދި ރާއްޖެ ހުއްޓިގެން ނުވާނެ ކަމަށް ބައެއް މަޖިލިސް މެންބަރުން ދިޔައީ ތަކުރާރުކޮށް ބުނަމުންނެވެ. އަދި އިގްތިޞާދު ހަލާކު ވަނީ ކަމަށް ބުނެ މަޖިލީހަށް ބިލެއް ހުށަހެޅިގެން ދިޔައެވެ. ހަމަ މިމަސްތެރޭ ސިއްޙީ ޚިދުމަތްތެރިން މަސައްކަތަށް ނިކުތުމަށް މިނިސްޓަރ އަމީން ވަނީ ގޮވާލާފައެވެ.
މާޗް މަހުގެ 27 ވަނަ ދުވަހު ރާއްޖޭން ވަނީ އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލައި، ވެލާނާ އެއާޕޯޓް ދުނިޔެއަށް ބަންދުކޮށްފައެވެ. އަދި މާރިޗް 30 ވަނަ ދުވަހު ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންލައިންކޮށް ބޭއްވިއެވެ.
މާލެ އިން މީހަކު ބައްޔަށް ފައްސިވެ، އެއީ އިންޕޯޓެޑް ކޭސް އެއް ނޫންކަން ޔަޤީންވެ، މުޖުތަމައު ތެރޭގައި އެ ބަލި ފެތުރިއްޖެކަން ޔަގީންވެ، މުޅި ގައުމު ރެޑް އެލާޓަށް މަތިކުރީ އޭޕްރީލްގައެވެ. އޭރު އެންމެ ބޮޑު ހާސްކަމަކަށްވި އެއްކަމަކީ، މާލެއިން މީހަކު ފައްސިވެއްޖެކަން ޔަގީންވީއިރު އޭނާއަކީ ޕޭޝަންޓް ޒީރޯ ނޫންކަން އެނގުމުންނެވެ. އެހެންކަމުން އެމީހަކު ހޯދުމަށް ކަމާބެހޭ ފަރާތްތަކުން ބުރަ މަސައްކަތްތަކެއް ކުރަމުންދިޔައެވެ. އެއާއެކު ފައްސިވީ މީހާ ކޮންޓެކްޓްވީ މީހުންގެ އަދަދު ގިނަކަން ފާހަގަވެ، މުޅި ޤައުމު ބިރުވެރިކަމަކަށް ދިޔައެވެ.
އޭޕްރީލް 2 ވަނަ ދުވަހު މުޅި މާލެ ސަރަޙައްދު އެއްކޮށް ފުރަބަންދުކޮށް، މާލެއިން އަރާފޭބުން މަނާ ކުރިއެވެ. އަދި 3 ގަޑިއިރުގެ ކާފިއުއެއް މާލޭގައި އިއްވިއެވެ. މިވަގުތުގައި މާލޭގައި ހިނގާ ބިގާވެ އުޅުން އެއްކޮށް މަނާ ކުރިއެވެ. އެއަށްފަހު 24 ގަޑިއިރަށް އިއްވި ލޮކްޑައުން 2 މަހަށް ދެމިގެން ދިޔައެވެ.
އޭޕްރިލް މަސް ނިމިގެން ދިޔައީ ކޮވިޑް-19 ޖެހިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް މީހަކު ނިޔާވި ހަބަރާއެކުގައެވެ. މިބަލީގައި ރާއްޖެއިން އެންމެ ފުރަތަމަ ފަހަރަށް ނިޔާވެފައިވަނީ އުމުރުން 83 އަހަރުގެ އަންހެނެކެވެ.
ކޮވިޑާ ގުޅިގެން މިދިޔަ އަހަރު ދިވެހިންނާ ކުރިމަތިލީ ތަފާތު ރަމަޟާން މަހަކާއި އީދަކާއެވެ. ޖަމާއަތުގައި ފަރުޟު ނަމާދުތަކާއި ތަރާވީޙް ނަމާދު ކުރުމެއް ނެތި ރޯދަ މަހުގެ އެހެނިހެން އުފާވެރި ޖަމާޢަތްތައް ކަމަށްވާ ދަރުސް ޖަމާޢަތްތަކާއި ރޯދަ ވީއްލުމުގެ ބޮޑެތި ޖަމާޢަތްތަކެއް ވެސް މިދިޔަ އަހަރު ނެތެވެ.
ދެ މަހަށް ފަހު ފުރަތަމަ ފަހަރަށް ލޮކްޑައުންއަށް ކުޑަ ނަމަވެސް ލުޔެއް ދީފައިވަނީ މެއި މަހުގައެވެ. އެގޮތުން ފޭސްތަކަކަށް ބަހާލައިގެން މޭ މަހުގެ 28 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި އުޅޭ ރައްޔިތުންނަށް ވަނީ ކަމާ ބެހޭ ފަރާތްތަކުގެ ހުއްދައާއެކު ކޮންމެ ހަފުތާއަކު ދެ ދުވަހު ކޮންމެ ގޭބިސީއަކުން ވެސް ތިން މީހުންނަށް ދެ ގަޑިއިރަށް ނިކުމެވޭ ގޮތް ހަދައިދީ ބޭރަށް ނިކުމެ އުޅެވޭ ޒޯންތައް ވެސް އިތުރުކޮށްދީފައެވެ.
ކޮވިޑް-19 އާ ގުޅިގެން ކައުންސިލް އިންތިޚާބު ފަސްކުރަން ޖެހި، ކައުންސިލަރުންގެ ދައުރު ނިމުނުއިރު ވެސް އިންތިޚާބެއް ނުބޭއްވުނެވެ. މިހެންވެ، ކައުންސިލަރުންގެ ދައުރު ދިގު ދަމާލަން ޤާނޫނު އަސާސީ އިޞްލާޙް ކުރިއެވެ.
މީގެ އިތުރުން މިމަހު މުޅި ރާއްޖެ ސިއްސުވާލި އެއް ހާދިސާއަކީ، މަހުގެ ފަހުކޮޅު ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގެ ތެރޭގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެވެ. މިމައްސަލައިގެ ތުހުމަތުގައި ދެމީހަކު ހައްޔަރު ކުރިނަމަވެސް ފަހުން އެމީހުން ދޫކޮށްލިއެވެ. އެކަމުގެ ސަބަބުން ފުލުހުންނާމެދު ގިނަ ރައްޔިތުން ނުރުހުންފާޅުކޮށް، ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެގެން ދިޔައެވެ. އޮންލައިން ނޫހަކުން ކެންޔާގެ އެ އަންހެނާ އެވާހަކަތައް ކިޔައިދިން ކަމަށް ބުނި ނަމަވެސް އެވާހަކަ އޭނާ ދޮގުކުރިއެވެ. ފަހުން އެނޫހުން ބުނީ އެވާހަކަތައް ކިޔައިދެއްވީ ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު ކަމަށެވެ. ނަމަވެސް އާޒިމާ ވަނީ އެވާހަކަ ދޮގުކޮށްފައެވެ، އަދި ބިދޭސީ އަންހެން މީހާވެސް އެނޫހުގެ ވާހަކަތައް ދޮގުކުރިއެވެ.
ޖޫން މަހުގެ ތެރޭގައި ކޮވިޑް-19 ފިޔަވަޅުތަކަށް އިތުރު ލުއިތަކެއް ދިނެވެ. މިގޮތުން، ފަތިހު ފަހަކުން ރޭގަނޑު ދިހައެއް ޖަހަންދެން ހުއްދައަކާ ނުލާ ބޭރުގައި އުޅުމުގެ ފުރުސަތު ދިނެވެ. އަދި ގަޑިތަކަކަށް ބަހާލައި ކަސްރަތު ކުރާ މީހުންނަށް އޮތް ގަޑިތައް ވެސް އިތުރު ކުރިއެވެ. މީގެ އިތުރުން، ޕާކުތަކާއި މައިޒާންތައް ވެސް ހުޅުވައި، ކެފޭ އަދި ރެސްޓޯރަންޓުތަކުން ޓޭކްއަވޭ އަދި ޑެލިވެރީގެ ހިދުމަތް ދިނުމުގެ ހުއްދަ ދިނެވެ..
ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ކޮށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު މިނިސްޓަރު ކަމުން ވަކި ކުރީ މިމަސްތެރޭގައެވެ. އަދި ރާއްޖޭގެ ބޯޑަރު ފުރަތަމަ ފަހަރަށް ހުޅުވާލެވިފައިވަނީ ވެސް މިމަސްތެރޭގައެވެ.
ބޯޑަރު ހުޅުވާލުމާއެކު ރާއްޖެއަށް 104 ފަތުރުވެރިއަކު އައިސްފައިވެއެވެ. ނަމަވެސް އެހެން ގިނަ ޤައުމުތަކުގެ ބޯޑަރުތައް އޭރު ބަންދު ކޮށްފައިވުމާ ގުޅިގެން އެދުވަސްވަރު ރާއްޖެއިން ގިނަ ދަތުރު ކޮށްފައިވަނީ އަވަށްޓެރި އިންޑިއާއަށެވެ. އެއީ ސިއްޙީ ޚިދުމަތެއް ލިބުމަށްޓަކައި، އަދި އެޤައުމަށްގޮސް ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރާ ގޮތަށެވެ.
ޖުލައި މަސް ދިވެހިންނާ ބައްދަލުކުރީ ކޮވިޑް-19 އިން އަރައިގަނެވިދާނެ ކަމުގެ އުންމީދު އާކޮށްދެމުންނެވެ.އެގޮތުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަތިހު 05:00 އިން ރޭގަނޑު 11:00 އަށް ބޭރަށް ނިކުމެ އުޅެވޭ ގޮތަށް ހަމަޖެއްސިއިރު، ކެފޭ ރެސްޓޯރަންޓް ތަކާއި ފިހާރަތައް ހެނދުނު 09:00 އިން ރޭގަނޑު 10:00 އަށް ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދިނެވެ.
މީގެ އިތުރުން ފިލްްމީތަރި މުޙައްމަދު ޔުނާންގެ ހަގު ދަރިފުޅު ޔޫންގެ ބޭސްފަރުވާއަށް އިންޑިއާއަށް ނުފުރިގެން ޔުނާން އާއި އޭނަގެ އަންހެނުން ރިހުލާ، މުލިއާގޭ ކުރިމަތީގައި އަޑުއުފުލި ހާދިސާ ވެގެން ދިޔައީ މުޅި ޤައުމުގެ ސަމާލުކަން ލިބުނު ހާދިސާއަކަށެވެ. އޭގެ ދުވަސްކޮޅެއް ފަހުން އެދެމަފިރިންނަށް ވަނީ އެދަތުރު ހަމަޖެހިފައެވެ. އިންޑިއާއަށް ގޮސް ކަރަންޓީނުވުމަށްފަހު ޔޫން ގެ އޮޕަރޭޝަން ވެސް ވަނީ ކާމިޔާބު ކަމާއެކު ކުރެވިފައެވެ.
އޮގަސްޓްގައި މުޅި ދުނިޔެ ސިއްސުވާލި އެއް ހާދިސާއަކީ ލުބުނާނުގައި ހިނގި ގޮވުމުގެ ހާދިސާއެވެ. މިގޮވުމަކީ ކުޑަ އެޓޮމިކް ބޮމެއް ގޮވުން ފަދަ ބާރުގަދަ ގޮވުމެއް ކަމަށް ފާހަގަ ކުރެވިފައި ވެއެވެ.
މީގެ އިތުރުން ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ރާއްޖެ ގެނައި ވެންޓިލޭޓަރުގެ މައްސަލައިގެ ކޮރަޕްޝަނުގެ ވާހަކަތައް ގަދަވެފައި ވަނީ ވެސް އޮގަސްޓް ގައެވެ. މިމަސްތެރޭގައި ބޭރު ތެރޭގައި މާސްކް އެޅުން މަޖުބޫރުކޮށްފައި ވާއިރު ރޭގަނޑު 22:00 އާއި 05:00 އާދެމެދު ބޭރުގައި އުޅުން މަނާ ކޮށްފައި ވެއެވެ.
އަންހެނުންނާއި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ ވާހަކަތައް މިމަސްތެރޭގައި އަޑުގަދަ ވެގެންދިޔައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރޭޕް ކުރުމާއި ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާއަކީ ބޮޑެތި ކުށްތަކެއް ކަމަށް ހަދާ މަޖިލީހުން ބިލެއް ފާސްކޮށްފައިވެއެވެ.
ނޭޝަނަލް ޑިޒާސްޓަރ އޮތޯރިޓީން މިއަހަރުގެ ތެރޭގައި ކުރި ޚަރަދުތަކުގައި ކޮރަޕްޝަން އުޅޭ ކަމަށް އޭސީސީން ހާމަކޮށްފައި ވަނީ ވެސް ސެޕްޓެމްބަރ މަސް ތެރޭގައެވެ. ހަމައެހެންމެ އާންމުންނާއި ސިޔާސީ އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުން އަމާޒުވި އިންޑިއާގެ ކާގޯ ފެރީގެ ޚިދުމަތްވެސް ފެށިގެން އައީ ސެޕްޓެމްބަރ ގައެވެ.
ކޮވިޑް ބަލީގެ ނުރައްކަލަށް ބީރު ކަންފަތެއް ދެމުން އައި އެމެރިކާގެ ރައިސް ޑޮނާލްޑް ޓްރަމްޕަށް މި ބަލި ޖެހިފައިވަނީ މި މަސްތެރޭގައެވެ. އަދި ހެލްތް މިނިސްޓަރު އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިސްއަށް ވައްދަން އުޅުމުން، އެ މަނިކުފާނު ވަޒީރު ކަމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިވެ ވަޑައިގަތީ ވެސް އޮކްޓޯބަރގައެވެ.
މީގެ އިތުރުން އެޗްޕީއޭގެ ހާއްސަ ހުއްދައިގެ ދަށުން، ކަރަންޓީނު ނުވެ ތިލަދުންމައްޗަށް ދަތުރުކުރި ބައެއްގެ ސަބަބުން ތިލަދުންމަތީގެ ގިނަ ރަށްރަށަކަށް ކޮވިޑުގެ ބިރު ފެތުރިގެންދިޔައެވެ. މި ކްލަސްޓާއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގ ހެދުމަށް، ކުޅުދުއްފުއްޓާއި ހއ ދިއްދޫ، ށ ފުނަދޫ އަދި ހއ ހޯރަފުއްޓާއި ބާރަށުގެ އިތުރުން ހދ.ކުރިނބީ ،އެޗްޕީއޭއިން މޮނިޓަރިން އަށް ލިއެވެ. 17 އަށް ވުރެ ގިނަ މީހުން އެ ކްލަސްޓަރއިން ފައްސި ވިއެވެ.
މީގެއިތުރުން، ދަރިފުޅު ބަލިވެގެން އެތައް ބައެއްގެ ހަމްދަރުދީ އާއި އެހީ ލިބުނު ފިލްމީތަރި މުޙައްމަދު ޔުނާން އާއި އޭނަގެ އަންހެނުން ފާތިމަތު ރިހުލާ، ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރީ ވެސް އޮކްޓޯބަރގައެވެ. އަދި ޝަރީޢަތް ނިމެންދެން އެދެމަފިރިން ބަންދުކުރަން ކޯޓުން އަމުރުކުރީވެސް އޮކްޓޯބަރގައެވެ.
މީގެ އިތުރުން ކޮވިޑާ ގުޅިގެން އެޗްޕީއޭއިން އެޅި ފިޔަވަޅުތަކަށް މިމަސްތެރޭގައި އިތުރު ލުއިތަކެއް ދިނެވެ. އެގޮތުން މާލެ ސަރަޙައްދުގައި ރޭގަނޑު ބޭރުގައި އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާވާ ގަޑިތަކަކީ 23:00 އިން ފަތިހު 4:00 ކަމުގައި ހަމަޖެއްސިއެވެ. އަދި ވިޔަފާރިކުރާ ތަންތަން ބަންދުކުރާ ގަޑިއަކީ 22:30 ކަމުގައިވެސް ހަމަޖެއްސިއެވެ.
އިގްތިސާދު އަލުން ދިރުވުމަށް 2021 ވަނަ އަހަރަށް އާ ލަނޑުދަނޑިތަކަކާ އެކު ރެކޯޑު ބޮޑު ބަޖެޓެއް މަޖިލީހަށް ހުށަހެޅީ ނޮވެމްބަރގައެވެ. އަދި މިމަސްތެރޭ ބެޖްޓް ދިރާސާ ކުރުމަށްފަހު، 34.5 ބިލިޔަން ރުފިޔާގެ ބަޖެޓެއް މަޖިލީހުންވަނީ ފާސްކޮށްފައެވެ.
މީގެ އިތުރުން ކޮވިޑް-19ގެ ހާލަތު ރަނގަޅުވަމުން އަންނަ މިންވަރަށް ބަލައި ލުއި ދެމުން ގޮސް މާލޭގައި ބޭރުގައި އުޅުން މަނާ ވަގުތަކީ ރޭގަނޑު 12:00 އާއި 4:00 އާ ދެމެދު ކަމުގައި މި މަސްތެރޭގައި ހަމަޖެއްސިއެވެ.
މިމަސްވެގެންދިޔައީ އެމެރިކާއަށް މުހިންމު މަހަަކަށެވެ. މިގޮތުން އެޤައުމުގެ 46 ވަނަ ރައީސަކަށް ޖޯ ބައިޑަން އިންތިޚާބު ކުރިއެވެ. ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް އެނަތީޖާ ޤަބޫލު ނުކުރެވި، ބައެއް ސްޓޭޓްތަކުގެ ވޯޓުތައް އަލުން ގުނިއެވެ. ނަމަވެސް ނަތީޖާ އަށް ބަދަލެއް ނައުމުން، ޓްވިޓާ މެދުވެރިކޮށް އާންމުން ހަރަކާތްތެރި ކުރުވާ އެތައް ހަމަނުޖެހުމެއް ހިންގިއެވެ.
މިމަސް ތެރޭގައި ހިނގި ބޮޑު އެއް ހާދިސާއަކީ، އެމްޕީއެލްގެ މުވައްޒަފުންތަކެއް އެފްއެސްއެމްގެ މުވައްޒަފަކާ ގުޅިގެން، އަށް މިލިއަން ރުފިޔާގެ ބޮޑު ޚިޔާނާތެއް ހިންގި މައްސަލައެވެ. މިމައްސަލަ އެންމެ ފުރަތަމަ ފަޅާއަރުވާލީ އެމްޕީއެލް ގެ އޭރުގެ ޗެއާމަން މުޙައްމަދު ޒަކީ (ނަޒާކީ ޒަކީ)އެވެ. ނަމަވެސް އޭނާވަނީ އޭގެފަހުން އެމަޤާމުން އަމިއްލައަށް އިސްތިއުފާ ދެއްވާފައެވެ. އަދި އެމްޕީއެލް އިންނާއި އެފްއެސްއެމް އިން ވަނީ މިޚިޔާނާތުގައި ތުހުމަތުވާ މުވައްޒަފުން ސަސްޕެންޑު ކޮށްފައެވެ.
ޓޫރިޒަމް ނަގާ ކޮޅަށް ޖަހަން ސަރުކާރުން ކުރި ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިމަސްތެރޭ، ރާއްޖެއަށް 5 ލައްކަ ޓޫރިސްޓުން ގެނައުމަށް ހިފި އަމާޒަށް ވާސިލްވީ ޑިސެންބަރގައެވެ. ކޮވިޑްގެ ހާލަތަށް ބަލާއިރު، ކުރިން 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުވާން ޖެހޭ މުއްދަތު، 10 ދުވަހަށް ކުރުކޮށް މާލެ ސަރަޙައްދަށް ކުރިން އިއުލާނު ކުރި ކާފިއު އެއްކޮށް އުވާލެވުނެވެ. މީގެ އިތުރުން ވެސް ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ރާއްޖެއަށް ވޯކް ވިސާގައި އަންނަ ބިދޭސީން، 96 ގަޑިއިރު ނުވާ ޕީސީއާރު ނައްސި ޓެސްޓެއް އޮތް ނަމަ ކަރަންޓީނު ވާން ނުޖެހޭ ގޮތަށް ވެސް ނިންމިއެވެ. ހަމައެހެންމެ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކުރު ޗުއްޓީތަކަށް ރިސޯޓަށް ދިއުމުގެ ފުރުސަތު ވެސް ފަހިކޮށްދިނެވެ.
މީގެ އިތުރުން އަނިޔާވެރި ގޮތަކަށް މަރާލި އިބްތިހާލްގެ ގާތިލު، އޭނާގެ މަންމަ އާފިޔާ މުޙައްމަދުގެ މައްޗަށް ދަޢުވާ ސާބިތުވެ، 20 އަހަރަށް ޖަލަށް ލުމަށް ޙުކުމްކޮށްފައިވަނީ ވެސް މިމަސްތެރޭގައެވެ. އެހުކުމާއެކު އާފިޔާގެ މާޒީއާ ބެހޭގޮތުން ވެސް އެތައް ވާހަކަތަކެއް ފެންމަތިވެ، އޭނާގެ މައްޗަށް ވެސް ގިނަ މީހުން ހަމްދަރުދީވިއެވެ.
އަރީޙް "ދެން"އާ ރަސްމީކޮށް ގުޅުނީ ނޫހުގެ އުމުރުން ތިން ވަނަ މަހުގައި ، ވޭތުވެދިޔަ އަހަރުގެ މަރޗް މަހުގައެވެ. އޭނާގެ ބުރަ މަސައްކަތާއި ، ދެކެމުން ދިޔަ އުއްމީދުތަކާއެކު އޭގެ ތިން މަސްފަހުން ރާއްޖޭގެ ބޮޑެތި ނޫސްތަކުގެ ތެރެއަށް "ދެން" ވަދެ ، ބޮޑެތި ނޫސްތަކާ އެއް ހަމައެއްގައި "ދެން"އަށް ވެސް މަސައްކަތް ކުރެވިދާނެކަން ސާބިތު ކޮށްދިނެވެ. އޭގެފަހުން މެއި މަހުގައި "ދެން"ގެ ސީއީއޯގެ މަގާމަށް އޭނާ ހަމަޖައްސާ ، ޓީމަށް ދިރުމާއި އުއްމީދު އިތުރުކޮށްދިނެވެ. އުމުރުން ހަގު ނަމަވެސް ދެންގެ ސީއީއޯ އަކީ ކުޅަދާނަ މޮޅު ލީޑަރެކެވެ.
މަރްޔަމް ވަޙީދާ ނުވަތަ ޔަމްއަކީ "ދެން"ގެ ޓީމުގައި ހިމެނޭ އެންމެ ތަޖުރިބާކާރު ނަމެވެ. ކުރިން "ވަގުތު "އަދި "މިއަދު"ގައި ވެސް މަސައްކަތްކުރި ޔަމް ފާހަގަ ކުރެވެނީ ބުރަކޮށް މަސައްކަތްކޮށް ނަތީޖާ ނެރެން ބޭނުންވާ ލިޔުންތެރިއެއްގެ ގޮތުގައެވެ. ހުރިހާ ވައްތަރެއްގެ ލިޔުމަކަށް ވެސް ފައްކާ ޔަމްގެ ނަމަކީ "ދެން"ގެ ކާމިޔާބީގައި ފާހަގަ ނުކޮށް ދޫކުރެވޭނެ ނަމެއް ނޫނެވެ.
ނުޒުހާ ނުވަތަ ނުޒޫއަކީ "ދެން"ގައި މަސައްކަތް ކުރާތާ އެންމެ ގިނަ ދުވަސްވީ ނޫސްވެރިޔާއެވެ. "ދެން"އިން ނޫސްވެރިކަމަށް ނިކުތް ނުޒޫއަކީ މި ފަންނަށް ޝައުގުވެރިކަން ބޮޑު ، މި ފަންނުގައި ކުރިއެރުމަށް މަސައްކަތްކުރާ ޒުވާން ނޫސްވެރިއެކެވެ. "ދެން"ގެ ކުރު ޙަޔާތުގައި އެންމެ އަލިގަދަ އެއް ނަމަކީ ވެސް ނުޒޫގެ ނަމެވެ.
އުމުރުން އެންމެ 19 އަހަރުގެ ޢާލިމަކީ "ދެން"ގެ އެންމެ އުއްމީދީ ނަމެވެ. އަމިއްލައަށް އެދިގެން "ދެން"އާ ގުޅި ، އޭނާ ދަނީ ތަފާތު ލިޔުންތައް ގެނެސްދެމުންނެވެ. ޚާއްޞަކޮށް "ދެން ފުރަމަލަ"ގެ ނަމުގައި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ފަންނުވެރީންގެ ރިޕޯޓްތައް ތައްޔާރުކޮށް ، އެއީ "ދެން"ގެ އެންމެ މަގުބޫލު އެއް ލިޔުންތައް ކަމުގައި ، އާލިމް ވަނީ ހަދާފައެވެ. ލިޔުންތެރިކަމުގެ ބާޒާރުގައި މިހާރު ވެސް ބޭނުން ބޮޑު އާލިމުގެ އަލިގަދަ ވިދުން އަދި ކުރިއަށް އޮތީއެވެ.
ފަންނުތަކުގައި މުއްސަނދި ޝިފާޢު އަކީ ރާއްޖޭގެ މިޔުޒިކީ ދާއިރާގައި އަރަމުން އަންނަ ލަވަ ކިޔުންތެރިއެކެވެ. "ދެން"ގައި އޭނާއަކީ "ލައިފް ސްޓައިލް"ގެ މާހިރެކެވެ. "ދެން"ގެ ޓީމު ، ފުރިހަމަ ކޮށްދޭ އެންމެ މުހިންމު ނަމަކީ ވެސް ޝިފާއުއެވެ. "ދެން"ގެ ކުރިއެރުމަކީ އޭނާ ދެކޭ އެންމެ ބޮޑު ހުވަފެނެވެ.
"ދެން"ގައި އެންމެ ދުވަސްވީ އެއް ނަމަކީ ސަނީޙްގެ ނަމެވެ. "ދެން"ގެ އެޗްއާރުގައި މަސައްކަތް ފެށި ނަމަވެސް ، ލިޔުންތެރިކަމުގެ ތަމްރީނެއް ފުރިހަމަކޮށް އޭނާ ވަނީ ލިޔުންތެރިކަމުގެ ތެރެއަށް ނުކުމެފައެވެ. ސަނީހުގެ ނަމަކީ "ދެން"ގެ ހުރިހާ ކަމެއްގައި އެންމެ ބައިވެރިވުން ބޮޑު އެއް ނަމެވެ.
ރައުފާ ނުވަތަ ރައު އަކީ "ދެން"ގެ ޗޭނަށް އެންމެ ފަހުން އިތުރުވީ ބޮޅެވެ. ނަމަވެސް އޭނާ ވަނީ ކުރު މުއްދަތެއްގެ ތެރޭގައި "ދެން"ގެ ޓީމުގައި އޭނާގެ ބައިވެރިވުން ބޮޑުކޮށް އޭނާގެ ހުނަރުން ސާބިތު ކޮށްދީފައެވެ. ރައުގެ އުއްމީދަކީ "ދެން"އާއެކު ގިނަ ކާމިޔާބީތަކެއް ހޯދުމެވެ.
ޝިފާޒުގެ ނޫސްވެރިކަން ފެށުނީ 2007 ވަނަ އަހަރުގައެވެ. އޭގެ ފަހުން ބޮޑު ބްރޭކެއް ނެގުމަށް ފަހު 2017 އިން ފެށިގެން ރާއްޖޭގެ ގިނަ މީޑިއާތަކެއްގައި މަސައްކަތް ކޮށްފައިވެއެވެ. ޓީވީ ޕްރެޒެންޓަރެއްގެ އިތުރުން ޝިފާޒަކީ ގިނަ ނޫސްތަކެއްގެ އެޑިޓަރުކަން ކޮށްފައިވާ ނޫސްވެރިއެކެވެ. މީހުންނާ ގުޅޭ ޝިފާޒަކީ މިވަގުތު ދެން ގެ މާކެޓިން މެނޭޖަރެވެ. ކުންފުނިތަކާއި ވިޔަފާރިތަކާގުޅުން ބަދަހި ކުރުމުގެ ފަހަތުގައި އޮންނަނީ ޝިފާޒްގެ މަސައްކަތެކެވެ.
އަފްނާން ނުވަތަ އަފޫ ފާހަގަ ކުރެވެނީ "ދެން"ގެ އައު ހަރުފަތެއްގެ ގޮތުގައެވެ. އަފޫގެ ގްރެފިކް މަސައްކަތުން "ދެން"ގެ މޫނުމަތި ބަދަލުވެ، ރީތި ވަމުންދާ ކަމީ އޭނާއަށް ލިބޭ އެންމެ ބޮޑު އުފަލެވެ. އަފްނާން ގެ މަސައްކަތްތައް ފުރިހަމަ ކަމުން އެއީ ދެންގެ މޫނު ބަލާ ލޯގަނޑެވެ.
ޝަމްވީލްގެ އެންމެ ކުރު ތަޢާރަފަކީ އެއީ "ދެން"ގެ ލޮލެވެ. ނުވަތަ ލެންސެވެ. "ދެން" އިން ގެނެސްދޭ ފޮޓޯތަކާއި ވީޑިއޯތަކަކީ އޭނާގެ ބުރަ މަސައްކަތެވެ. ފޮޓޯ ނެގުމުގެ ދާއިރާގައި މަސައްކަތް ކުރާތާ ފަސް އަހަރު ވެފައިވާ ޝަމްވީލް ހާޞިލް ކުރަން ބޭނުންވާ ކާމިޔާބީތައް އަދި އޮތީ ކުރިއަށެވެ.
މިދިޔަ އަހަރު "ދެން" އިން ގެނެސްދިން އެންމެ ތަފާތު އަދި އެންމެ ކާމިޔާބު އެއް ސެގްމެންޓަކީ "ދެން ފުރަމަލަ" ސެގްމެންޓެވެ. އެކިއެކި ފަންނުތަކުގައި ފާހަގަކޮށްލެވޭ ފަންނާނުންގެ އިތުރުން އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ޚިދުމަތްތެރީންގެ ވާހަކަތައް ގެނެސްދިން މި ފުރަމަލަ ރިޕޯޓްތަކުން 30 މީހެއްގެ އަޑު ވަނީ އިއްވައިދީފައެވެ. މުޖުތަމަޢުގައި އެބައެއްގެ މަސައްކަތް ބަލައިގަތުން މަދު ފަންނާނުންނާއި އެބައެއްގެ ބުރަ މަސައްކަތުން ޖީލުތައް ބިނާ ކުރަމުންދާ ޚިދުމަތްތެރީން އޮހޮރަމުންދާ ދަލުގެ ކުޑަ މިންވަރެއް ނަމަވެސް "ދެން" އިން ވާނީ ގެނެސްދީފައެވެ.
މާލޭގެ މަގުމަތީގައި ސިއްޙީ ޚިދުމަތްތެރިން ހަރަކާތްތެރިވަނީ -- ފޮޓޯ/ޑަބްލިއުއެޗްއޯ
ޝައްކެތް ނެތް ގޮތުގައި ކޮވިޑް19އާ ދެކޮޅަށް ކުރި އަދި ކުރަމުންދާ ހަނގުރާމައިގައި އެންމެ ކުރީ ސަފުގައި ތިބި ބަޔަކީ ޑޮކްޓަރުންނާއި ނަރުހުންނެވެ. ޞިއްޙީ ޚިދުމަތްތެރީންނެވެ. ލޯބިވާ އަނބިން ނުވަތަ ފިރީންނާއި ދަރީން ދޫކޮށް ހޮސްޕިޓަލްގައި އެތަކެއް ދުވަހެއް ވަންދެން އެމީހުން ހޭދަ ކުރި ހޭދަ ކުރުމަކީ ގައުމަށް ޓަކައި ވީ އަގު ނުކުރެވޭނެ ޤުރުބާނީއެއް ކަމުގައި ނޫނީ ނުވާނެއެވެ. އެވެރީންނަށް އޮތީ ހިފެހެއްޓުމެއް ނެތް ޝުކުރާއި ތައުރީފެވެ. ދިވެހި ދިދަ ތިޔަ އެންމެންނަށް ސެލިއުޓް ކުރެއެވެ.
މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން ފިހާރަތަކަށް ލިބުނު އޯޑަރުތައް ގިނަވެ، މުދާ ފޯރުކޮށްދިނުމުގައި ސިފައިން ހަރަކާތްތެރިވަނީ -- ފޮޓޯ/ އެމްއެންޑީއެފް
ގައުމީ ކޮންމެ ކަމެއްގައި އެންމެ އިސް ސަފުގައި ތިއްބަވާ ބަޔަކީ ޔަގީނުން ވެސް ސިފައިންނާއި ޑޮކްޓަރުންނެވެ. އެ މުޖާހިދުން ވަނީ ކޮވިޑް19ގެ ހަނގުރާމައިގައި ވެސް މި ނަމޫނާ ދައްކަވާފައެވެ. ލޮކްޑައުންގެ ދުވަސްވަރު ހާލުގައި ޖެހިފައިވާ މީހުންނަށް ކެއުން ފޯރުކޮށް ދިނުމުން ފެށިގެން ހޮސްޕިޓަލަށް ނުދެވިފައި ތިބި މީހުން ހޮސްޕިޓަލަށް ގެންގޮސްދިނުމާއި ކޮވިޑަށް ޝައްކު ކުރެވޭ މީހުން އެއް ތަނުން އަނެއް ތަނަށް ގެންދިޔުމުގައި ވެސް އެމީހުން ވަނީ ވަރުބަލިކަމެއް ނެތި ޚިދުމަތުގައި ދެމި ތިބެފައެވެ. ހަމައެހެންމެ ލޯބިވާ އާއިލާއާ ދުރުގައި ޚިދުމަތުގައި ހޭދަ ކުރަމުން ދިޔައިރު ބައެއް ފުލުހުންނާއި ސިފައިން ކޮވިޑްގެ ޝިކާރައަކަށް ވެގެން ދިޔައިރު ވެސް އެމީހުން ވަނީ ފަހަތަށް ނުޖެހި ގައުމު އިސްކޮށްފައެވެ. ދިވެހީންގެ ފަޚުރު ކަމުގައިވާ ސިފައިންނާއި ފުލުހުން އެ ފަޚުރު ދަމަހައްޓައިފިއެވެ. ހާސްފަށުން ޝުކުރިއްްޔާއެވެ.
ދިވެހި ރެޑްކްރެސެންޓް އިން ހަރަކާތްތެރިވަނީ -- ފޮޓޯ/ރާއްޖެއެމްވީ
ކޮވިޑް19ގެ ހަނގުރާމައިގައި ނަމޫނާ ދެއްކި އަނެއް ބަޔަކީ ދަރުމަވެރީންނެވެ. ލޮކްޑައުންގައި ގޭގެއަށް ތަކެތި ފޯރުކޮށްދިނުމުގައާއި ސާމްޕަލް ނެގުމާއި އެ ޓެސްޓް ކުރުމުގެ އެކި މަރުޙަލާތަކުގައާއި މި ނޫން ގިނަ މަސައްކަތް ތަކެއްގައި ދަރުމަވެރި ޖަމާޢަތްތައް ކަމަށްވާ ދިވެހި ރެޑް ކްރެސެންޓާއި ކެޑޭޓް ކޯޕްސް އިން ވަނީ ނަމޫނާ ޚިދުމަތްތަކެއް ދައްކާ ، މުޖުތަމައުގައި އޮތް އެމީހުންގެ އަގު މަތިކޮށްފައެވެ. ހިތުގެ އުމުގުން ޝުކުރާއި ތައުރީފެވެ.
ޓެލިކިލާހެއްގައި ދަރިވަރުން ބައިވެރިވެގެން -- ފޮޓޯ/ޑަބްލިއުއެޗްއޯ
ކޮވިޑް19ގެ ނުރައްކާތެރި ހަމަލާތަކުން ސަލާމަތްވުމަށް ވާން ޖެހުނު އެންމެ ބޮޑު ޤުރުބާނީއަކީ ދިރިއުޅުމުގެ މުހިންމު ކަންކަން ދޫކޮށް ގެއަށް ވަދެ ގޭގައި ބަންދުވާން ޖެހުމެވެ. އެކަމުގެ ސަބަބުން މަސައްކަތްތެރީންގެ މަސައްކަތް ގެއްލުމެވެ. ދަރިވަރުންގެ ކިޔެވުން ހުއްޓި ، އުނގެނުމާއި ދުރުވާން ޖެހުމެވެ. ނަމަވެސް މި ދަތި ޙާލަތުގައި ވެސް ކުދީންގެ ކިޔެވުމަށް އަސަރުކުރިޔަ ނުދީ ތައުލީމީ ދާއިރާގެ ހަމަ ކޮންމެ ޚިދުމަތްތެރިއެއް އިސްކަންދިނީ ކުދީންގެ ކިޔެވުމަށެވެ. ގޭގައި ތިބި އަމިއްލަ ދަރީންގެ ރައްކާތެރިކަމާއި ސަލާމަތަށް ބަލަމުން އެމީހުން ދިޔައީ އޮންލައިންކޮށް ކްލާސްތައް ނަގައިދެމުންނެވެ. ގައުމުގެ ކަންކަމާއި ދެން ހަވާލުވާން ތިބި ދަރިވަރުންނަށް ތައުލީމުން މަހުރޫމް ވުމަކީ އޮތް އިޚްތިޔާރެއް ނޫންކަން ސާބިތު ކޮށްދެމުންނެވެ. ތާޢަތާއެކު ތަހުނިޔާއެވެ.
ވެމްކޯގެ މުވައްޒިފުން ހަރަކާތްތެރިވަނީ - ފޮޓޯ/އަވަސް
މި ދެންނެވި އެންމެހާ ފަރާތްތަކުގެ އިތުރުން ކޮވިޑް19ގެ ވަރުގަދަ ލަޝްކަރާ ދެކޮޅަށް ނުކުތް ދިވެހި ލަޝްކަރުގައި ހިމެނޭ އަނެއް ބަޔަކީ އެހެނިހެން ޚިދުމަތްތެރީންނެވެ. ރަށްރަށް ކުނިވިޔަ ނުދީ ކުނި އުކާލި އެ ދާއިރާގެ ޚިދުމަތްތެރީންނެވެ. ހިލޭ ސާބަހަށް މަސައްކަތްކުރި އަމިއްލަ ޖަމްއިއްޔާ ޖަމާޢަތްތަކެވެ. ކެއުންބުއިން ތައްޔާރު ކުރުމަށް ބޭނުންވާ ގޭސްފަދަ ތަކެތި ފޯރުކޮށްދިނުމުގައި ބިރެއް ޖެހިލުމެއް ނެތި 24 ގަޑިއިރު މަސައްކަތްކުރި ގަދަފަދަ މުޖާހިދުންނެވެ. ޝުކުރު ނޫން އެހެން ބަހެއް ނެތެވެ.
13,757
ކޮވިޑް-19 ޖެހުނު
48
ބަލީގެ މަރުވި
8,776
ބަލި ޖެހުނު ދިވެހިން
13,75
ބަލިން ރަނގަޅުވި
316,704
ނެގުނު ސާމްޕަލްގެ އަދަދު
177,140
ރާއްޖެ އައި ފަތުރުވެރިން