އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ޓްރެއިލާ)
▾ މި ވާހަކައިގެ ޢަދަދުތައް
އެކްސިޑެންޓެއްގައި މައިންބަފައިންގެ ވަކިވެދިއުމަށް ފަހު، މުސްކާނަށް ބައްޕަ ފަރާތު ބޮޑުބޭބެގެ ގާތަށް ދިރިއުޅުން ބަދަލުކުރަން މަޖުބޫރު ވެއެވެ. އާއިލާގައި ދަންނަ އިތުރު މީހަކު ވެސް ނެތުމުގެ ސަބަބުންނެވެ. އެހެނަސް އެގެއިން މުސްކާނަށް ކުރިމަތިލާން ޖެހެނީ އިތުރު ވޭނާއި އަނިޔާއާއެވެ. ހިތަށް ލިބިގެންދަނީ އިތުރު ޒަޚަމެވެ. އެ ހިތާމަތަކަށް މުސްކާނަށް ކެތްކުރެވޭނެބާއެވެ؟ ދުވަހަކު ވެސް އެ އަނިޔާތަކުން މުސްކާނަށް މިންޖު ވެވިދާނެ ހެއްޔެވެ؟
ހިތުގައި އަލަތު ލޯތްބެއްގެ ވިންދު ޖަހައިލީ ބޮޑުބޭބެގެ ދޮށީ ދަރިފުޅަށް ޓަކައެވެ. ހީކުރެވުނީ ލުހާމްގެ ހިތުގައިވެސް މުސްކާނަށް ޓަކައިވީ އެ ފަދަ ޖަޒުބާތެއްކަމަށެވެ. އެހެނަސް.. އެހުރިހައި އުއްމީދަކާއި ހުވަފެނެއް ފިސްފިސްވެގެންދަނީ ހީވެސް ނުކުރާ ފަދަ ވޭންދެނެވި ގޮތަކަށެވެ. ޒަޚަމްތަކުން ފުރިފައިވި ހިތް އިތުރަށް ޒަޚަމްކޮށްލައި ރޮއްވައިލަމުންނެވެ. މުސްކާންގެ އަލަތު ލޯބި އޭނާއަށް ކާމިޔާބު ކުރެވިދާނެ ހެއްޔެވެ؟ ނުވަތަ ބިނާކުރަމުން އައި ހުވަފެނީ ގަނޑުވަރު ބިލާހަކަށްވެ ނިމިދާނީ ހެއްޔެވެ؟
ލުހާމްގެ ހިތްވީ ޝައިތާނީ ވަސްވާސްތަކުން ފުރިފައެވެ. އެވަސްވާސްތަކަށް ހެއްލި އޭނާ މަގުއޮޅިދާނެބާއެވެ؟ ދުވަހަކު ވެސް އެހިތުގައި މުސްކާނަށް ޓަކައި ލޯބި އުފެދިދާނެ ހެއްޔެވެ؟ ވަގުތުފާއިތު ނުވަނީސް ލުހާމަށް، މުސްކާން އޭނާދެކެވީ ލޯބީގެ އަގުވަޒަން ކުރެވޭނެ ހެއްޔެވެ؟
ކުޑައިރުއްސުރެ ގާތުގައި ތިބެމެ، މައިންބަފައިންގެ ލޯބިނުލިބި ބޮޑުވުމުގެ ސަބަބުން، ރުހައިމްގެ ހިތުގައި ވަނީ އެމީހުނަށް ޓަކައި ނަފުރަތުގެ ބޯ ފާރެއް ލެވިފައެވެ. ހިތުގައި އަނދަމުންދިޔަ އަލިފާނުގައި ނުބައިމަގު ޚިޔާރުކުރަނީ އެކަމުގެ ޒިންމާ ނަގަންޖެހޭނީ އޭނާގެ މައިންބަފައިންކަމުގައި ބުނަމުންނެވެ. ނަމަވެސް ހިތަށްވެސް ނާރާފަދަ ގޮތަކަށް އޭނާގެ މުޅި ދިރިއުޅުން ބަދަލުވެގެންދަނީ ވެވުނު ތެދުވެރި ލޯތްބެއްގެ ސަބަބުންނެވެ. ހިތުގައި އެލޯބި ހާސިލްކުރުމަށް އެޅުނު ވަރުގަދަ އަޒުމަކުންނެވެ. އެހެނަސް ތަޤުދީރުގައި ރުހައިމްއަށް ޓަކައި ލިޔެވިފައިވީ މުޅިން އެހެންގޮތެކެވެ. ނުވިސްނައި ހުއްޓައި ދިރިއުޅުމަށް ބިންދައިލި ބިޔަ ރާޅުގައި ބެހިގެން ގޮސް އޭނާ ލައްގަނީ މުޅިން އެހެން މަންޒިލަކަށެވެ. ނުކުޅެދޭ މީހެއްގެ ގޮތުގައި ދިރިއުޅުން ވޭތިކުރަންޖެހެނީ ހިތުގައި އުފަންވި ލޯބި ޤުރުބާންކުރަން މަޖުބޫރުކުރުވަމުންނެވެ. ތަޤުދީރުގެ މިހިތި ސަމާސާއާ ރުހައިމް ކުރިމަތިލާނީ ކިހިނަކުން ހެއްޔެވެ؟ އެލޯބި ޤުރުބާންކުރުމަށް ފަހު ރުހައިމްއަށް ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ލިބިދާނެބާއެވެ؟ މައިންބަފައިންނަށް ޓަކައި ހިތުގައިވި ނަފުރަތު ދުވަހަކުވެސް ފުހެވިދާނެ ހެއްޔެވެ؟
މި ހުރިހައި ސުވާލުތަކެއްގެ ޖަވާބާ ، ލޯބީގެ އަސަރުގަދަ ވާހަކަ ، "އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.."އިން ލިބޭނެއެވެ.
އެޑިޓަރުގެ ނޯޓް: ޒުވާން ވާހަކަ ލިޔުންތެރިޔާ ނައުފާގެ "އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ" އަކީ އޭނާ "ދެން"އާ އެކު ކުރާ ފުރަތަމަ މަސައްކަތެވެ. މި ވާހަކަ މާދަމާއިން ފެށިގެން ކޮންމެ ތިން ދުވަހަކުން އެއް ދުވަހު ގެނެސްދޭނެއެވެ.
ޓހފގބޗބބއހދފ