ވާހަކަ

އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ހަވަނަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ޓްރެއިލާ) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ފުރަތަމަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދެވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތިންވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ހަތަރުވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ހަތްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(އަށްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ނުވަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދިހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (އެގާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ބާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތޭރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސާދަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަނަރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސޯޅަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސަތާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ވިހިވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެކާވިސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ދިފާވުން އެދޭނީ... (ތޭވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައްބީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ހަތާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބައްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުރަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަހުބައި)

މީހުން މަދު އަނދިރި ގޯޅިގަނޑަކަށް އަޅައިލެވުމާއެކު އޭނާ ހިނގުން ބާރުކޮށްލިއެވެ. މަގުގެ އެއްފަރާތުގައި ޕާރކްކޮށްފައިއޮތް ކަޅުކުލައިގެ ވޭނަކާއި އަރައި ހަމަވުމާއެކު ކޮންމެވެސް މީހަކު އޭނާގެ އަތުގައި ހިފައި ކުއްލިއަކަށް ދަމައިގަތެވެ. ދެލޯބޮޑުކޮށްލަމުން ހަޅޭއްލަވައިގަންނަން އުޅުނުވަގުތު އެމީހަކު އޭނާގެ އަތްތިލަ މުސްކާންގެ އަނގަމަތީގައި އަޅައި ބާރުކޮށްލިއެވެ. އަދި ވޭނުގެ ފުރަގަހަށް އޭނާ ވެއްދުމާއެކު ވޭނާއި އެމީހެއްގެ ބިޔަ ހަށިގަނޑާއި ދެމެދު ގުޑިނުލެވޭނެފަދަ ގޮތަކަށް މުސްކާން ހައްޔަރުކޮށްލިއެވެ.

Ads by STELCO

ގަނެފައިވި ބިރެއްގެ ސަބަބުން މުސްކާންގެ ދެލޯ ހިނދުކޮޅެއްގެ ތެރޭގައި ފުރިގެން އައެވެ. ހިތްނެގިނެގިފައި ޖެހެމުންދިޔައިރު ނިތްކުރިމަތީގައި ކުދި ދާތިކިތައް ވިދައި ބަބުޅައިގަތެވެ. މުސްކާންގެ ދެލޮލުން އޮހޮރުނު ހޫނު ކަރުނަތިކިތައް އެމީހެއްގެ އަތުގައި ބީހިލުމާއެކު ކަންބޮޑުވުން އެދެލޮލުން ފައުޅުވެލިއެވެ.

"ރިލެކްސް އައިޝް.. މީ އަހަންނޭ..." މަޑުމަޑުން މުސްކާންގެ އަނގަމަތިން އަތް ނަގަމުން ރުހައިމް ބުންޏެވެ. ހާސްވެފައިހުރި މުސްކާންގެ ދެލޯ ރުހައިމްގެ ދެލޮލާއި އަމާޒުވެލިހިނދު ރުހައިމްގެ ހިތުގެ ހިނގުން މަޑުޖެހިލިފަދަ އިހުސާސެއް ކުރެވުނެވެ. އޭނާއަށް ވިސްނައިނުލާ ކުރެވުނުކަމެއްގެ ސަބަބުން މުސްކާން ވަރަށް ބޮޑަށް ބިރުގަނެފިކަން އެނގުމުން ދެރަވިއެވެ.

"ޝްޝްޝް.. ހުއްޓާލާ. ޕްލީޒް.. އައި އެމް ސޮރީ.." މުސްކާންގެ ކަރުނަތައް ލޯބިން ފުހެދެމުން ރުހައިމް ބުނެލިއެވެ. ރުހައިމްގެ އެއަމަލުން އުނދަގޫވެ މުސްކާން އަނެއްފަރާތަށް މޫނު އަނބުރައިލިއެވެ. އެމޫނުމަތިން ހިނދުކޮޅެއްކުރިން ފައުޅުވަމުންދިޔަ ހާސްކަން ފިލައި ރުޅިވެރިކަން ވެރިވެގަތެވެ. ރުހައިމްގެ ސަބަބުން މުސްކާނަށް މަގުމަތީގައި ހިނގައިބިނގައިވެ އުޅެން މިހާރުވަނީ ދަތިވެފައެވެ. ރުހައިމްގެ ބޭނުމެއް ކުޑަކޮށްވެސް ވިސްނައިގަންނާކަށް މުސްކާނަކަށް ނޭނގުނެވެ. ހިތުގައި ކުޑަޖެހިލުންވުމެއްވިއަސް އެކަން ފައުޅުކޮށް އަމިއްލަ ފިނޑިކަން ދައްކާކަށް މުސްކާން ބޭނުމެއްނުވެއެވެ.

ރުހައިމްގެ މޭގައި ދެއަތްވިއްދައިލަމުން އޭނާއާ ދުރަށް ކޮށްޕައިލުމަށް މުސްކާން މަސައްކަތްކުރިއެވެ. ލުއިގޮތަކަށް ހީލަމުން މުސްކާންގެ ދެއަތުގެ ކުޑަހުޅުގައި ރުހައިމް ހިފެހެއްޓިއެވެ. އަދި ލޯބިން އެމޫނުކޮޅަށް ބަލަހައްޓައިގެން އިރުކޮޅަކު ހުއްޓެވެ.

"ކަލެއާހެދި ކިހައިބޮޑު އުނދަގުލެއް.. އަހަންނަށް މިހާރު މަގުމައްޗަށް ނުކުންނަންވެސް އުނދަގުލޭ.. ކީއްވެތަ އަހަރެންގެ ފަހަތު އަޅައިގަނެގެން ނެއްޓެން ނޭނގިގެން ތިއުޅެނީ؟ ކޮންކަމެއްތަ ކަލޭ ބޭނުންވެގެން ތިއުޅެނީ؟" ދަތްކުނޑިވިކައިލަމުން ރުހައިމްގެ އަތްފޮޅުވައިލަން މުސްކާން އުޅުނެވެ. މުސްކާންގެ އަމަލުތައްހުރިގޮތުން ރުހައިމްގެ ތުންފަތް ދެފަރާތަށް ދެމިލިއެވެ.

"އަހަރެން ބޭނުންވަނީ އައިޝް އޭ ބުނެފިއްޔާ އަހަންނަށް ލިބޭނެތަ؟" ރުހައިމްގެ ދެލޮލުގައި ވިދަމުންދިޔައީ ލާނެތްކަމެވެ.

"ހެޔޮނުވާނެ.. އަހަރެން އާދޭސްކުރަން.. އަހަރެންގެ ހާލައިގެން އަހަރެން ދޫކޮށްލަބަލަ.. ކިހާވަރަކަށް އާދޭސްކުރީމަތަ ތިކަންފަތަށް އަޑުއިވޭނީ.." ވާހަކަދައްކަމުންގޮސް މުސްކާންގެ އަޑުބެދޭގޮތްވިއެވެ. އެހިތަށް ލިބިފައިވި ސިހުން އަދިވެސް ފިލައިނުދެއެވެ. ރުހައިމްގެ ކުރިމަތީގައި ހިތްވަރުކުރިއެއްކަމަކު އޭނާގެ ހިތުގައިވި ބިރުވެރިކަމަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ސަލާމަތަށް އެދި ގޮވަން ކިތަންމެ ބޭނުންވިއަސް މަގުމަތީގައި އެވަގުތު އިތުރުބަޔަކު ފެންނަން ނެތުމުން އެޚިޔާލު ދޫކޮށްލިއެވެ. އޭގެބަދަލުގައި މުސްކާން ބަލަމުންދިޔައީ ސުލްހަވެރިގޮތަކަށް ވާހަކަދައްކައިގެން އެކަމުން ސަލާމަތްވެވޭތޯއެވެ.

"ކީއްވެތަ އަހަރެންދެކެ ތިހާ ބިރުގަންނަނީ؟ އަހަރެން ނޫޅެމޭ އައިޝްއަށް އެއްވެސް ގެއްލުމެއް ދޭކަށް.. އަހަރެން ބޭނުންވަނީ ހަމައެކަނި ވާހަކަދައްކާލަން.. ޕްލީޒް.."

"އަހަރެން.. އަހަރެން ބޭނުމެއްނޫން.."

"ކީއްވެ؟ އަހަރެން މިގޮތަށް ހުރީމަތަ؟ އައިޝް ބުނެފިއްޔާ އަހަރެން މިގޮތްވެސް ބަދަލުކޮށްފާނަމޭ.. އެކަމަކު އަހަރެންނަށް ވަގުތު ބޭނުންވާނެ.. އޭރަށް ތިއެކުވެރިކަން ލިބޭނެތަ؟" ލޯބިން ފުރިގެންވި ނަޒަރެއް މުސްކާނަށް ދެމުން ރުހައިމް އަހައިލީ ހިނިއައިސްފައެވެ. އެއަޑުގައިވީ އަސަރުން މުސްކާންވެސް ހައިރާންކުރުވިއެވެ. ބޭނުންނުވިއަސް އެވަގުތު ރުހައިމްގެ އެދުން ގަބޫލުކުރުން ނޫންހެންގޮތެއް މުސްކާނަކަށް ނެތެވެ. ކޮންމެ އެއްޗެކޭ ކިޔައިގެންވިއަސް މުސްކާން ހުރީ ރުހައިމްގެ އަތްދަށުން ސަލާމަތްވާން ބޭނުންވެފައެވެ.

"ޝަރުތެއްގެ މަތިން.." މަޑުމަޑުން ބޯޖަހައިލަމުން މުސްކާން ބުނެލިއެވެ. "އަވަހަށް ބުނޭ" ރުހައިމްގެ އަޑުގައިވީ ކެތްތެރިކަން ކުޑަކަމެވެ.

"އެހަށް އަހަރެންގެ އަތުން ދޫކޮށްލަބަލަ.. ޕްލީޒް.. އަހަރެން ވަރަށް ނުރުހޭކަމެއް އަހަރެންގެ ގައިގަ އަތްލުމަކީ.." މަޑުމައިތިރިކަން އަޑަށްގެންނަން މަސައްކަތްކުރަމުން މުސްކާން އެދުނެވެ. އަވަސްއަވަހަށް މުސްކާންގެ އަތުން ދޫކޮށްލަމުން ރުހައިމް ކުޑަކޮށް ފަހަތަށްޖެހިލިއެވެ. އެއަމަލުން އެކަނިވެސް އޭނާ މުސްކާންގެ ގާތްކަން ބޭނުންވެފައިވާ މިންވަރު މުސްކާނަށް ވިސްނުނެވެ. ހިންދިރުވައިލަމުން ދެއަތުގެ ކުޑަހުޅުގައި އޭނާ މަޑުމަޑުން ފިރުމައިލީ އެހިސާބަށް އިހުސާސުކުރެވެމުންދިޔަ ދިލަ ތަދެއްގެ ސަބަބުންނެވެ. މުސްކާންގެ ދެއަތަށް ބަލައިލި ރުހައިމް އިސްޖަހައިލަމުން މަޢާފަށް އެދުނެވެ. ކުރެވުނީ ރަނގަޅުކަމެއް ނޫންކަން ޚުދު އޭނާވެސް ގަބޫލުކުރާކަހަލައެވެ.

"އަހަރެންގެ ޝަރުތަކީ.. ކަލޭގެ ތިގޮތް ބަދަލުކުރެވިއްޖައުމަށް ދާންދެން މިގޮތަށް އަހަރެންނާ މަގުމަތިން ފޮށެ އެއްވެސް އުނދަގުލެއް ކޮށްގެންނުވާނެ.. ތިގޮތް ބަދަލުކޮށްފަ ނޫނީ އަހަރެންގެ ކުރިމައްޗަށް އެނބުރި އައިސްގެން ނުވާނެ.. އެދުވަހަކާ ޖެހެންދެން ކަލޭ ޖެހޭނީ އަހަންނާ ދުރުގަ ހުންނަން.." ދުރަށް ނަޒަރުހުއްޓައިލަމުން އެއްވެސް އަސަރެއްނެތްގޮތަކަށް މުސްކާން ބުންޏެވެ. ބުނެވުނު ބަސްތަކަކީ އެއްވެސް މާނައެއް ހިތުގައިއޮވެގެން އޭނާ ބުނި އެއްޗެއް ނޫނެވެ. ހަމައެކަނި ބޭނުމަކީ ރޭގަނޑުގެ އެވަގުތު ރުހައިމްގެ ފުށުން ސަލާމަތްވުމެވެ.

މުސްކާންގެ ޝަރުތުއިވިފައި ރުހައިމްގެ ހިތަށް ތަދުވެލިއެވެ. އެބުނާ ގޮތަކަށް ބަދަލުވާން އޭނާއަށް ނަގާނީ ކިހައިވަގުތެއްކަމެއް ބުނެދޭކަށް ޚުދު އޭނާއަށްވެސް ނޭނގެއެވެ. އޭނާގެ އުޅުން ބަދަލުކުރާނަމަ ކުރިމަތިލާންޖެހޭނެ ގޮންޖެހުންތަކާއި ހުރަސްތައް ހިތަށް އަރުވައިލަންވެސް ދައްޗެވެ. އެކަން ކުރަން ބޭނުންވިއަސް ފަސްޖެހެވެނީ އެހެންވެއެވެ. އެހެނަސް މުސްކާންގެ ކުރިމަތީގައި އެހުރިހަކަމެއް ފައުޅުކުރާކަށް ރުހައިމް ނޭދެއެވެ. އޭނާގެ ހަގީގަތް އެނގިއްޖެނަމަ މުސްކާން އެ ޝަރުތުވެސް އުވައިލައިފާނެއެވެ. މުސްކާންގެ ގާތްކަމަށް ހިތްއެދި ގޮވާވަރުން އެދެލޮލަށް ބަލައިލަމުން އެންމެ ރަނގަޅުކަމަށް ރުހައިމް ބުނެލިއެވެ. ހިތާއި ދެކޮޅަށެވެ. އެންމެ ހިނދުކޮޅަކުވެސް މުސްކާނާއި ދުރުގައިވުމަށް އޭނާގެ ހިތެއް ނޭދެއެވެ. ވީ އެންމެ އަވަހަކަށް މުސްކާންގެ ގާތަށް އެނބުރި އަންނަން އޭނާ ބޭނުންވިއެވެ. ކޮންމެފަދަ ހުރަހަކާއި ކުރިމަތިވިއަސް އެކަމާއި ކުރިމަތިލާން އަމިއްލަ ނަފުސު އެދި ގޮވައިލިއެވެ. އެލޯބި ހާސިލްކުރަން ކޮންމެފަދަކަމެއްވެސް ކުރަން ރުހައިމް ހުރީ ތައްޔާރަށެވެ. އެކެމަށް ކިތަންމެ ވަގުތެއްނެގިނަމަވެހެވެ.

މުސްކާނާއި ފަހަތަށް ފިޔަވަޅެއް އަޅައިލަމުން ލައިގެންހުރި ޖިންސްގެ ދެޖީބަށް އަތްޖަހައިލުމަށްފަހު ފުން ނަޒަރަކުން އެއަންހެންކުއްޖާއަށް ރުހައިމް ބަލައިލިއެވެ. ލައިގެންހުރި ގަދަ ދަނބުކުލައަކަށްދާ ނަރުސް ޔުނީފޯރމުގައިވެސް މުސްކާންގެ ރީތިކަން ވިދަމުންދިޔަކަހަލައެވެ. ކަކުލަށްވުރެ ކުޑަތަންކޮޅެއް މައްޗަށްހުރި ދަނބުކުލައިގެ މަތިކޮޅާއެކު ހަމައެކުލައިގެ ބެލްސެއް ލައިގެން ހުރިއިރު އަޅައިފައިވާ މަޑު އަޅިކުލައިގެ ބުރުގާ ތެރެއިން އެދޮންމޫނުކޮޅު ފައުޅުވަމުންދިޔައީ ބަލައިފޫހިނުވާނެފަދަ ހިތްގައިމު ގޮތަކަށެވެ. ރުހައިމް ބަލަމުންދިޔަގޮތުން އުނދަގޫވެ، މުސްކާން ދުރަށް ނަޒަރުހުއްޓައިލައިގެން ހުރިއިރުވެސް އެދެލޮލުގެ ކަނެއްގައި ވިދަމުންދިޔަ ކަރުނަތިކިތައް ރުހައިމްގެ ލޮލުގައި އަޅައިގަތެވެ. އޭނާގެ މަގުސަދަކީ އެއްގޮތަކަށްވެސް މުސްކާން ބިރުގެންނެވުން ނޫންކަމުގައިވިއަސް އޭނާގެ ސަބަބުން މުސްކާނަށް އުނދަގޫވުމުން ރުހައިމް ދެރަވިއެވެ. ހިތްފުރެންދެން އެލޯބި ސޫރައަށް ބަލަން ހުންނަން އޭނާ ބޭނުންވިއެވެ. އެސޫރަ ނުފެނި ހޭދަވީވަގުތުތައް ކެތްތެރިވުމަށް އޭނާއަށް އުނދަގޫވީވަރު އޭނާ ނޫން އެހެންމީހަކަށް އިހުސާސުވެސް ނުކުރެވޭނެއެވެ.

އިރުގަނޑަކު މުސްކާނަށް ބަލަން ހުރުމަށްފަހު ރުހައިމް އިސްޖަހައިލިއެވެ. ކޮންމެ މީހަކަށްވެސް ހީވަނީ އޭނާ އެގޮތަށް ހުރުމުން އޭނާގެ އޮތީ ހަރުހިލަގަނޑެއްކަހަލަ ހިތެއްކަމަށެވެ. އެހިތުގައި ޒައްރެއްގެ މިންވަރަށްވިއަސް ރަހުމެއް ނުހުންނާނެކަމަށެވެ. އެއްވެސް އިހުސާސެއް ނެތްކަމަށެވެ. އެހެނަސް ބަދަލުވީ އޭނާގެ ސޫރަކަމާއި އޭނާގެ ހިތްނޫންކަން އެއިން އެއްވެސް މީހަކަށް އެނގޭނޭނަމައެވެ. މަޑު އާހެއް ރުހައިމްގެ އަނގައިން ބޭރުވުމާއެކު ހިތިގޮތަކަށް އޭނާ ހިނިތުންވެލިއެވެ.

"އެންމެ ރަނގަޅު.. އަހަރެން ތި ޝަރުތާ ގަބޫލު.. ދެން އެނބުރި އައިޝްގެ ކުރިމައްޗަށް އަންނާނީ ތިއެދޭފަދަ މީހަކަށްވުމަށްފަހު.. އިތުރު އުނދަގުލެއް އަހަރެންގެ ފަރާތުން އައިޝްއަށް ނުޖައްސައިވޭތޯ އަހަރެން މަސައްކަތްކުރާނަން.. ކުރެވުނު ހުރިހައިކަމަކަށް މަޢާފަށް އެދެން.."

ދުރުބަލަން ހުއްޓަސް ރުހައިމްގެ އަޑުގައިވި ހިތްދަތިކަން މުސްކާނަށް ފާހަގަވިއެވެ. ރުހައިމް އެހައިވަރަށް އޭނާގެ ގާތްކަން ހަމަ ބޭނުންވަނީ ހެއްޔެވެ؟ އެކަމަކު ކީއްވެހެއްޔެވެ؟ އެހިތުގައި އޭނާއަށްޓަކައި ތަފާތު ވިންދެއްޖަހާކަން ފުރަތަމަ ފަހަރަށް މުސްކާނަށް އިހުސާސުވިއެވެ. ތުންފިއްތައިލަމުން ރުހައިމްއަށް ބަލައިލުމެއްވެސްނެތި އެތަނުން ދިއުމަށް މުސްކާން ހިނގައިގަތެވެ. އޭނާގެ ވިސްނުން އެފަދައިން ބެހިގެންދާކަށް މުސްކާން ނޭދެއެވެ. ރުހައިމްއާއި މެދުގައި އެފަދަ ގޮތަކަށް ވިސްނާކަށްވެސް ބޭނުމެއްނުވެއެވެ. ރުހައިމްގެ ޖަވާބު އަޑުއިވުމުން އިތުރަށް އެތަނުގައި މަޑުކުރުގެ އެއްވެސް ބޭނުމެއް އޮތްކަމަކަށް މުސްކާން ނުދެކުނެވެ. އޭނާ ހީކުރީ ރުހައިމް އޭނާ ހުއްޓުވަން އުޅޭނެކަމަށެވެ. އެހެނަސް ރުހައިމްގެ އެއްވެސް އުނދަގުލެއް ނުވުމުން މުސްކާން ހިތްހަމަޖެހުނެވެ. ފަޔަށް ލެވުނުހައި ބާރެއްލައިފައި ހިނގުންބާރުކޮށްލީ އަވަހަށް އެތަނުން ދާންބޭނުންވެފައި ހުރިވަރުންނެވެ.

އޭނާ ފަސްދީފައި ބާރުބާރަށް ހިނގައިގަތް މުސްކާން ހުއްޓުވާން ބޭނުންވިއަސް އެފަދައިން އަމަލުކުރުމުގެ ނިޔަތެއް ރުހައިމްގެ ނެތެވެ. މުސްކާން ހުރީ އޭނާގެ ކިބައިން ސަލާމަތްވާން ބޭނުންވެފައިކަން ރުހައިމްއަށްވެސް އެނގެއެވެ. ހަމަހިމޭންކަމާއެކު ހިނގަމުންދިޔަ މުސްކާނަށް ނަޒަރު ހުއްޓައިލައިގެން ރުހައިމް ހުރިއިރު އެހިތްދިޔައީ ރޮމުންނެވެ. ހިތާއި ދިމާލުން މޭގައި މަޑުމަޑުން ފިރުމައިލަމުން ރުހައިމް ހިންދިރުވައިލީ އެހިތަށް ކުރަމުންދިޔަ ހުރިހައި އިހުސާސެއް ހިންދައިލަން ބޭނުންވެފައިހުރެއެވެ. ލޮލުކޮޅަށް މުސްކާން އޮބައިލުމާއެކު ހޭވިފައިވި އިސްތަށިގަނޑު ދެއަތުން ރީތިކޮށްލަމުން ލަސްފިޔަވަޅުތަކެއްގައި އެތަނުން ދިއުމަށް ރުހައިމް ހިނގައިގަތެވެ. ގަދަބާރުން އެއަންހެންކުއްޖާ ހާސިލްކުރަން ރުހައިމް ނޭދެއެވެ. އޭނާއަކީ އެހައި ހިތްހަރު އިންސާނެއްނޫންކަން އޭނާ މުސްކާނަށް ސާބިތުކޮށްދޭނެއެވެ. ކޮންމެވެސް ދުވަހަކުން އެހިތުގައިވި ތެދުވެރި ލޯބި މުސްކާނަށް ވިސްނޭނެކަން ގައިމެވެ. އެދުވަހަކުން މުސްކާން ހިތުން ރުހުމުން އޭނާގެ ގާތަށް އައުމަކީ ރުހައިމްގެ އެދުމެވެ. އޭނާ ޖެހޭނީ އެދުވަހަކާއި ޖެހެންދެން ކެތްތެރިވާށެވެ.

* * * * *

ފެންވަރައިލައިގެން އައިސް އެނދުގައި އޮށޯތްއިރުވެސް މުސްކާންގެ ސިކުނޑީގައިވީ ރުހައިމްގެ ޚިޔާލުތަކެވެ. މިރޭހިނގި ހުރިހައި ކަމާއިމެދުގައި މުސްކާނަށް ވިސްނައިލެވުނެވެ. ރުހައިމް އޭނާގެ ފަރާތުން އެ އެދޭ އެދުން ފުރިހަމަކޮށްދޭކަށް އެއްގޮތަކަށްވެސް މުސްކާން ބޭނުމެއްނުވެއެވެ. ރުހައިމްގެ ވާހަކަތައް ގަބޫލުކުރަންބޭނުންވިއަސް ހަގީގަތަކީ ރުހައިމްއަށް އެއްގޮތަކަށްވެސް މުސްކާނަށް އިތުބާރުނުކުރެވޭކަމެވެ. އެއިންސާނާ މާދަމާވެސް މަގުމަތިން އޭނާއާއި ދިމާނުކުރާނޭ ބުނަން ކެރޭނީ ކިހިނެއްހެއްޔެވެ؟ ރުހައިމްފަދަ މީހުންނަކީ ބުނާބަހުގައި އެއްވެސް ތެދުވެރިކަމެއް ހުންނަ ބައެއްނޫނެވެ.

ދެމެދުގައި ވެވުނު އެއްބަސްވުމާއި ދޭތެރޭ ވިސްނައިލުމުން މުސްކާންގެ ނަފުސަށް ހާސްކަންވެރިވިއެވެ. އެއްގޮތަކަށްވެސް އެފަދައިން ކަންތައްކުރާކަށް މުސްކާންގެ ހިތެއް ނޭދެއެވެ. އެހެނަސް އެވަގުތު ރުހައިމްގެ ފުށުން އަވަހަށް ސަލާމަތްވެވެންއޮތީ އެކަމާއި އެއްބަސްވެގެންކަން ވިސްނި އޭނާ އެގޮތާއި ރުހުނީއެވެ. ބޭނުންނުވިއަސް ރުހައިމް އޭނާގެ ބަހުގައި ހިފަހައްޓައި އެގޮތް ބަދަލުކޮށްގެން އައިސްފިނަމަ ދެން ވާނީ ކިހިނެއްހެއްޔެވެ؟ ރުހައިމް އެދޭފަދަ ގާތްކަމެއް މުސްކާނަށް ދެވިދާނެހެއްޔެވެ؟ ދެމެދުގައި ވެވުނު އެއްބަސްވުމާއި އެއްގޮތަށް މުސްކާނަށް އަމަލުކުރެވިދާނެހެއްޔެވެ؟ އަމިއްލަ ނަފުސަށް އެފަދަ މަޖުބޫރެއް ކުރެވިދާބާވައެވެ؟

* * * * *

ޖެހިގެންއައި ދުވަހު ހެނދުނުގެ ވަގުތެވެ. ފިހާރައަކަށް ގޮސްފައި ގެއަށް އައިސްވަތް މުސްކާންގެ ލޮލުގައި ގޯތިތެރޭގައި ހުރި ކުޑަ ކޮފީޓޭބަލް ދޮށުގައި ތިބި ލުހާމާއި އޭނާގެ އެކުވެރި ވިޝާން އަޅައިގަތުމާއެކު، ވަގުތުން އިސްޖަހައިލީ ޒުލޭހާގެ އިންޒާރުގެ ބަސްތައް ހަނދާންވެފައެވެ. މުސްކާން ފެނުމާއެކު ލުހާމްގެ ތުންފަތުގައި ފަނޑު ހިނިތުންވުމެއް ދުވެލިއެވެ. އެމޫނުމައްޗަށް އަރައިފައިބަމުންދިޔަ ކުލަވަރަށް ބަލަން އިން ވިޝާން ނުލަފާ ގޮތަކަށް ހީގަންނަމުން ލުހާމްގެ ގައިގައި މަޑުމަޑުން ޖަހައިލިއެވެ.

"ހާދަ ވަރެކޭ ދޯ ތިވަނީ.." ވިޝާންގެ ރާގުގައިވީ ލުހާމާއި ދިމާކޮށްލާފަދަ ގޮތެކެވެ.

"ކަލެއަކަށް އެއްވެސް ވަރެއް ނުވޭތަ؟" އަވަސް ހިނގުމެއްގައި އެތެރެއަށް ވަދެގެންދިޔަ މުސްކާނަށް ބަލަން އިނދެ ލުހާމްވެސް އެރާގަށް ބުންޏެވެ.

"ނޫނޭ.. ހަމަހީވީ މޭފަޅާފަ ހިތް ނުކުމެދާނެހެން.."

"އޭނަ ރީއްޗެއްނޫންތަ އަޅެ؟" މޭޒުމަތީގައިހުރި ކުޑަ ކޮފީ ޖޯޑު ގެނެސް ތުނބުގައި ޖަހައިލަމުން ލުހާމް އަހައިލިއެވެ.

"އުހުނ.. ލުހާމް ބުނީ ހަމަ ރަނގަޅަށް.. އަސްލުވެސް އެމަންޖެ ހާދަ ޗާލޭ ދޯ.." މޭގައި މަޑުމަޑުން ފިރުމައިލި ވިޝާންގެ ދެލޮލުގައިވި ވިދުވަރުފެނި ލުހާމް ބާރަށް ހީގަތެވެ. "އޭތް.. އަދި ތިވަރުވާކަށް ނުވެއެއްނު.. ރިމެމްބަރ.. ޝީޒް މައިން.." ގޮނޑީގައި ހަމަޖެހިލަމުން އެއްފައިމައްޗަށް އަނެއްފައި އަރުވައިލި ލުހާމްގެ އަޑުގައިވީ ބޮޑާކަމެވެ.

 

"އެނގެއޭ.. ކަލެއަށް ކެތްވޭތަ؟ ކީއްވެތަ ކަމެއްނުކޮށް މަޑުން ތިހުންނަނީ؟ ތިހެން ހުއްޓަ ފުރުސަތު ގެއްލިދާނެ.."

"ހަހަ.. މުސްކާން މިގޭގަ ހުރިހައި ހިނދަކު އަހަންނަށް ފުރުސަތެއް ނުގެއްލޭނެ.. ކަލެއަކަށް ނުފެނޭތަ؟ އެހެން އަންހެންކުދިންނާ މުސްކާނާ ތަފާތުކަން ފާހަގަނުވޭތަ؟ އެހެން އަންހެންކުދިން ޝިކާރަކުރާ ގޮތަކަށްނޫން މުސްކާން ޝިކާރަކުރަން ޖެހޭނީ.. މުސްކާން ހާސިލް ކުރަން ޖެހޭނީ ތަފާތު އައު އުކުޅުތަކެއް ބޭނުންކުރަން.." ވިހަގޮތަކަށް ލުހާމް ހިނިތުންވެލުމާއެކު ވިޝާންވެސް ބޯޖަހައިލަމުން ހިނިތުންވެލީ އެވާހަކަތަކާއި އެއްބަސްވަމުންނެވެ.

"އޭތް.. ކަލެއަށް އެކަން ކާމިޔާބުވީމަ.. އަހަންނަށްވެސް ފުރުސަތެއް ދެއްޗޭ... އަހަރެންވެސް ބޭނުން.. އެމަލުގެ އަޖުމަ ބަލައިލަން.." ލުހާމްގެ ފައިގައި މަޑުމަޑުން ޖަހައިލި ވިޝާންގެ މޫނުމަތީގައިވީ އާދޭހެވެ. ވިޝާންގެ ވާހަކަތަކަށް ހިނިގަނޑެއް ޖަހައިލުން ފިޔަވައި ލުހާމް އިތުރުއެއްޗެއް ނުބުނެއެވެ. އެހައި ފަސޭހައިން އެކަމަށް އެއްބަސްވާކަށް ލުހާމް ބޭނުމެއްނުވެއެވެ. އޭނާއަށް އެކަމަކުން ފައިދާއެއްނުވާނެ ގޮތަކަށް އެއްވެސްކަމެއް ލުހާމް ނުކުރާނެއެވެ. އޭނާގެ މަގުސަދު ހާސިލްވުމުން ނޫނީ ވިޝާންގެ އެ އެދުމާއި މެދުގައި ވިސްނުމުގެ ޚިޔާލެއް ލުހާމްގެ ނެތެވެ.

(ނުނިމޭ)

  1. ޥަރަ ރިވެތި