ވާހަކަ

އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ނުވަވަނަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ޓްރެއިލާ) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ފުރަތަމަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދެވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތިންވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ހަތަރުވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ހަތްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(އަށްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ނުވަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދިހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (އެގާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ބާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތޭރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސާދަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަނަރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސޯޅަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސަތާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ވިހިވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެކާވިސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ދިފާވުން އެދޭނީ... (ތޭވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައްބީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ހަތާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބައްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުރަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަހުބައި)

ދޮރުގައި ކަންފަތް ޖައްސައިލުމާއެކު މުސްކާން ތުންފަތުގައި މަޑުމަޑުން ދަތްއަޅައިލީ ދޮރުހުޅުވުމާއި މެދުގައި އަދިވެސް އެއްފަހަރު ވިސްނައިލަމުންނެވެ. އެވަގުތު އަނެއްކާވެސް ދޮރުފަތުގައި ޓަކިޖެހުމާއެކު ކޮންމެވެސް މީހަކު އޭނާގެ ނަމުން ގޮވައިލިހެން ހީވިއެވެ. ޖެހިލުންވީވަރުން މުސްކާންއަށް ފުންކޮށްނޭވާލާން ފެށުނެވެ. ހިތާއި ދިމާލުން މޭގައި އަތްޖައްސައިލަމުން ހަމަޖެހެން މަސައްކަތްކުރާ ހާލު ތުރުތުރުއަޅަމުންދިޔަ އަތް މަޑުމަޑުން ތަޅާއި ދިމާލަށް ގެންދަންފެށިއެވެ. ކުޑަކުޑަކޮށް ދޮރުހުޅުވައިލަމުން މުސްކާން އެދޭތެރެއިން ބޭރަށް ނަޒަރު ހިންގައިލިއެވެ. ހުޅުވިފައިވި ހަނި ދޭތެރެއިން ކުރިމަތީގައިހުރި މީހަކާއި ހަތަރުކަޅި ހަމަވުމާއިއެކު މުސްކާންގެ ދެލޯބޮޑުވެގެންދިޔައީ ގަބޫލުކުރަން ދަތިވީވަރުންނެވެ. އެއާއެކު ހިތުގެ ހިނގުން އިހުނަށްވުރެ އަވަސްވެގެންދިޔައެވެ.

Ads by Sosun Fihaara

"ލު..ލުހާމް.." މުސްކާންގެ ދެލޮލުގައިވީ ހައިރާންކަމުގެ ކުލަވަރެވެ. ދަންވަރުގެ އެވަގުތު ލުހާމް އޭނާގެ ކޮޓަރީގައި ޓަކިޖަހަންވީ ކީއްވެހެއްޔެވެ؟ ހީވެސްނުކުރާފަދަ ކަމެއް ލުހާމްގެ ފުށުން ފެނުމުން މުސްކާންހުރީ ގަބޫލުކުރަން ދަތިވެފައެވެ. ތުރުތުރުއަޅަމުންދިޔަ އަތުން މަޑުމަޑުން ކުރިއަށްވުރެ ބޮޑަށް މުސްކާން ދޮރުހުޅުވައިލީ ސުވާލުގެ ނަޒަރަކުން ލުހާމަށް ބަލަންހުރެއެވެ.

މުސްކާނަށް ބަލަންހުރި ލުހާމް ތެތްއިސްތަށިގަނޑުގައި އަތްހިންގައިލީ ހިތަށް ލިބުނު ހަމަޖެހުމުގައެވެ. މުސްކާން ދޮރުހުޅުވާނެކަމަށް ކުޑަކޮށްވެސް އޭނާ ހިއެއްނުކުރެއެވެ. އެހެނަސް އެވަގުތު އައިސް ދޮރުގައި ޓަކިޖެހުނަތީ ލުހާމް ހުރީ މިހާރު ނުހަނު އުފަލުންނެވެ. މުސްކާން ދޮރުހުޅުވައިލުމާއެކު ފަހަތަށް ފިޔަވަޅެއް އަޅަމުން ލުހާމް ހިނިތުންވެލިއެވެ. އެހިނިތުންވުން މުސްކާންގެ ހިތާއި ހަމައަށް ވާސިލްވިއެވެ. ހިނދުކޮޅަކު ބުނާނެ އެއްޗެއް ނޭނގި މުސްކާންގެ ބަސްހުއްޓުނުކަހަލައެވެ.

ހަމަހިމޭންކަމާއެކު އެކަކު އަނެކެއްގެ މޫނަށް ބަލަންތިއްބައި ޖަހައިލި ބާރު ގުގުރީގެ އަޑާއެކު ތެޅިގަންނަމުން މުސްކާނަށް ދެލޯބޮޑުކޮށްލެވުނެވެ. ހުރެވުނީ ކޮންތަނަކުކަމާއި ވަގުތާއި މެދުގައިވެސް މުސްކާނަށް ވިސްނުން ހިންގައިލެވުނީ ދެނެވެ. ހިތުގެ ތެޅުން ހަމައަކަށް އަޅުވައިލަމުން ޖެހިލުންވެފައި ލުހާމަށް މުސްކާން ބަލައިލީ، ހިތުގައި އުފެދެމުން އައި ސުވާލުކުރުމަށް ތައްޔާރުވެލަމުންނެވެ.

"ކި..ކިހިނެއްވީ؟ މިގަޑީގަ..؟" ލުހާމް ބަލަހައްޓައިގެން ހުރިގޮތުން ސުވާލު ފުރިހަމަކުރަން މުސްކާނަށް ދަތިވިއެވެ. ހިކިފައިވި ތުންފަތް ތެތްމައިލަމުން މުސްކާން ދެއަތް ދެއަތާއި މޮޑެންފެށީ ބުނާނެ އެއްޗަކާއި މެދުގައި ފިކުރުހިންގަމުންނެވެ.

"މުސްކާން ނިދަނީތަ؟" ނޫން ގޮތަކަށް ލުހާމް އަހައިލިއެވެ. ލަސްލަހުން ދެފަރާތަށް މުސްކާނަށް ބޯހޫރުވައިލެވުނީ ކީއްވެކަމެއް ނޭނގެއެވެ. ކުރެވުނު ކަމަކާއިމެދުގައި އޭނާއަށް ވިސްނައިލެވުނުއިރު ލުހާމަށް ވަނީ ޖަވާބުދެވިފައެވެ. އަމިއްލަ ނަފުސަށް ކުދިކިޔައިލަމުން މުސްކާން ތުންފިއްތައިލިއެވެ.

"ހިނގާބަލަ ކޮފީއެއް ބޯލަން ދާން.. ކިހައި ފިނިރެއެއް.. އަހަރެންވެސް މިއުޅެނީ ނުނިދިގެން.." މުސްކާނަށް އެއްއަތް ދިއްކޮށްލަމުން ޖެހިލުންކުޑަ ގޮތަކަށް ލުހާމް އެދުނެވެ. އިރުކޮޅެއް ވެގެންދިޔައިރުވެސް އެއްޗެއް ނުބުނެ މުސްކާން ހުންނަންފެށުމުން ލުހާމަށް އުނދަގޫވިއެވެ.

"ޕްލީޒް... ހިނގާބަލަ.. އަހަންނަށް ކޮފީ ގިރަން ނޭނގިގެންނޭ މިގޮވީ..." މުސްކާނާއި ދިމާއަށް ފިޔަވަޅެއް އަޅައިލި ލުހާމްގެ އަޑުގައިވީ އާދޭހެވެ. ވިސްނުމުގައި ހިނދުކޮޅަހު ހުރުމަށްފަހު މުސްކާން ކޮޓަރިން ނުކުމެ ދޮރުލައްޕައިލިއެވެ. ލުހާމް ދިށްކޮށްގެންހުރި އަތަށް ލޮލުގެ ހިމަކޮޅުން ބަލައިލުމަށްފަހުވެސް އަޅައިނުލައި މުސްކާން ކުރިއަށް ހިނގައިގަތީއެވެ. މުސްކާންގެ އެފަރުވާކުޑަކަން ލުހާމަށް އެހައި ކަމަކުނުދިޔައެވެ. ދަތްތަކަށް ބާރުކޮށްލަމުން އަތްމުށްކަވައިލުމަށްފަހު ލައިގެންހުރި ސޯޓުގެ ޖީބަށް ކޮށްޕައިލަމުން މުސްކާންގެ ފަހަތުން އޭނާވެސް ބަދިގެއާއި ދިމާއަށް ހިނގައިގަތެވެ. ކޮންމެވެސް ގޮތަކުން މިރޭ އޭނާގެ އެދުން ހާސިލްކުރުމާއި މެދުގައި ލުހާމަށް ވިސްނެމުންދިޔައެވެ.

މޭޒު ދޮށުގައި އިނށީދެ ހަމަޖެހިލަމުން ބަދިގެތެރޭގައި ހަރަކާތްތެރިވަމުންދިޔަ މުސްކާނަށް ބަލަހައްޓައިގެން ލުހާމް އިނެވެ. ބޭރުގައި އުފެދިފައިއޮތް ތޫފާނަށްވުރެ އެމޭގައި އުފެދެމުންއައި ތޫފާނު މާވަރުގަދައެވެ. މުސްކާންގެ ފައިންފެށިގެން ބޮލާއި ހަމައަށް ބަލައިލި ލުހާމްގެ ދެލޮލުގައިވީ މުޅިން އެހެންއަސަރެކެވެ. ކަމަކަށް މާބޮޑަށް ބޭނުންވުމުން މޫނުމަތިން ފައުޅުވެލާފަދަ ކެތްމަދުކަމެއް އެމޫނުގައިވިއެވެ. ލައިފައިހުރި ދޫއަބާޔާގެ ތެރެއިން މުސްކާންގެ އަންހެންވަންތަ ވަނާތައް ފައުޅުނުވިއަސް އެކަމާއި މެދުގައި ލުހާމަށް ވިސްނުންހިންގެމުން ދިޔައެވެ. އެހަށިގަނޑުގެ ފުރިހަމަކަން އަމިއްލަ ހިތަށް ގެންނަމުން މޭގައި ލުހާމަށް ފިރުމައިލެވުނީ ދަހިވެތިގޮތަކަށެވެ. އިންތަނުން އޭނާއަށް ތެދުވެވުނީ ކެތްކުރަން ދަތިވީވަރުންނެވެ.

ލުހާމަށް ކޮފީއެއް ތައްޔާރުކުރުމުގައި މަޝްއޫލުވެފައިހުރި މުސްކާންގެ ހަރަކާތްތަކުގައިވީ އަވަސްކަމެވެ. އޭނާއަށް އެފަދަވަގުތަކު ލުހާމްގެ އެދުމަށްވިއަސް އެތަނަށް އޭދެވުމަކީ ކުރެވުނު ރަނގަޅުކަމެއް ނޫންކަމުގައި އޭނާގެ ޟަމީރު ވިސްނައިދެމުންދިޔައެވެ. އެހެންކަމުން މުސްކާން ބޭނުންވީ ވީހައިވެސް އަވަހަށް ލުހާމަށް ކޮފީއެއް ހަދައިދިނުމަށްފަހު އެތަނުން ދާށެވެ. ފަހަތުން އޭނާއާއި ގާތްވަމުންދިޔަ ލުހާމްގެ އެއްވެސް ހަރަކާތެއް ނުފެންނަ ހާލު އަމިއްލަ ނަފުސަށް އެތިވަރުގޮވަން މުސްކާން ހުއްޓެވެ.

ލުއިކުއިކޮށް ދެކޮނޑުގައި އެއްޗެއް ބީހިލިފަދަ އިހުސާސެއް ކުރެވުމާއެކު މުސްކާނަށް ހީވީ އޭނާގެ ނޭވާހޮޅީގައި ތާށިވީހެންނެވެ. އަވަސްއަވަހަށް ފަހަތަށް ބަލައިލިއިރު ހިނިއައިސްފައި ލުހާމް ހުރީ އޭނާއާއި ދާދިގާތުގައެވެ. މުސްކާންގެ ދެކޮނޑުގައި ލުހާމް ހިފަހައްޓައިލައިގެންހުރިއިރު މުސްކާނަށް ފަހަރަކު ލުހާމްގެ އަތަކަށް ބެލެމުންދިޔައެވެ. އެއްޗެއް ވިސްނައިނުގަނެވިގެން އުޅެނިކޮށް ލުހާމް އޭނާގެ ދެއަތްތިލަ މަޑުމަޑުން ތިރިއަށްގެންނަންފެށިއެވެ. މުސްކާންގެ މެޔާއި ދިމާއަށް ލުހާމްގެ އަތްތިލަ އައުމާއެކު ހާސްވީވަރުން ތެޅިގަނެފައި މުސްކާނަށް ލުހާމްގެ ދެއަތުގެ ތެރެއިން ދުރަށްޖެހިލެވުނެވެ. ހިތްހަމަނުޖެހުމާއި ބިރުވެރިކަން އެތޫނުދެލޮލުން ފައުޅުވަމުންދިޔައިރު މުސްކާން ހުރީ ލުހާމްގެ އަމަލުތައް އެފަދައިން ހުރުމުން ސުވާލުއުފެދިފައެވެ.

"ތިހުރީ ވަރަށް ފިނިވެފައެއްނު.. އާދެބަލަ އަހަރެން ގާތަށް.. ހޫނުކޮށްލަދޭނަން.." މުސްކާންގެ މޫނުމަތީގައިވި ކުލަވަރު ލުހާމަށް ނުފެންނަކަހަލައެވެ. ނުވަތަ ފެނުނަސް ގަސްދުގައި ނުފެންނަކަމަށް ހެދެނީއެވެ. އެއަށްވުރެ އޭނާގެ ހިތުގައި އުފަންވެފައިވި އިހުސާސުތަކުގެ ބާރު ގަދަވެފައިވިއެވެ.

ލުހާމްގެ ވާހަކަތަށްހުރި ގޮތުން މުސްކާންގެ ނިތަށް ރޫއަރައިގެންދިޔައެވެ. އެއްގޮތަކަށްވެސް އެވާހަކަތަކުގެ ރާގާއި މިސްރާބުހުރިގޮތެއް އޭނާއަކަށް ކަމަކުނުދިޔައެވެ. ފަހަތަށް އަޅައިލި ފިޔަވަޅާއިއެކު މުސްކާން ޖެހުނީ ބަދިގޭގައި ހަދައިފައިހުރި ކައުންޓަރުކޮޅުގައެވެ. އެއްވެސް ކަމަކަށް ސަމާލުކަމެއްނުދީ ލުހާމް މަޑުމަޑުން މުސްކާންގެ މޫނުގެ ދެފަރާތުގައި ހިފަހައްޓައިލިއެވެ. ދެލޯބޮޑުވެ ގަނޑުވެފައިކަހަލަގޮތަކަށް މުސްކާންހުރީ ގުޑިލަންވެސް ހަނދާންނެތިފައެވެ. ލުހާމްދެކެ ހިތްގަޔާވިއަސް އޭނާގެ އަމަލުތައްހުރީ މުސްކާން ހިތްރުހޭގޮތަކަށް ނޫނެވެ. ހިންދިރުވައިލުމާއެކު ކޮންމެސް އެއްޗެއް ބުނުމަށް މުސްކާންގެ ތުންފަތް ހަރަކާރްކޮށްލިއެވެ. އެވަގުތު ލުހާމްގެ ނަޒަރު އެމަޑު ފިޔާތޮށިކުލައިގެ ތުންފަތަށް ހުއްޓެވެ. ކަރުހިއްކައި ގަނެފައިހުރި މީހަކުފަދައިން އޭނާ މުސްކާނާއި ދިމާއަށް ގުދުވެލިއެވެ. މުސްކާންގެ މުޅި ނަފުސު ރޫރޫއަޅައިލުމާއެކު ކުއްލިއަކަށް ވިސްނައިވެސްނުލާ އޭނާއަށް ލުހާމްގެ މޭގައި ދެއަތްވިއްދައި ދުރަށް ކޮށްޕައިލެވުނެވެ. އެފަދަ ހަމަލާއަކަށް ތައްޔާރުނުވެހުރި ލުހާމްގެ ބެލެންސް ގެއްލި ވެއްޓެންދިޔައެވެ. ގެންފައިހުރި ބިރެއްގެ ބޮޑުކަމުން ލުހާމަށް ބަލައިލުމެއްވެސްނެތި ބަދިގެއިން ނުކުންނަން މުސްކާން ދުއްވައިގަތެވެ. ފަޔަށްލެވުނުހައި ބާރެއްލައިފައި އޭނާ އައިސް ކޮޓަރިއަށްވަދެ ދޮރުލައްޕައި ތަޅުލުމާއެކު ދޮރުފަތުގައި ލެގިލަމުން ދެލޯމަރައި ބާރުކޮށްލިއެވެ. ދެންމެ އެހިނގައިދިޔަ ކަންތަކާއި މެދުގައި ވިސްނުންހިންގެމުންދިޔަ ވަރަކަށް މުސްކާންގެ ދެލޮލަށް ކަރުނަތައް ޖަމާވެގަތެވެ. ލުހާމްގެ އަމަލުތައް އެފަދައިން ހުންނަންވީ އެއްވެސް ސަބަބެއް މުސްކާނަކަށް ނުވިސްނުނެވެ. އެހުރިހައި ދުވަހު ހިތުގައި ލޯބި އުފެދުނު އިންސާނާއާއި މެދުގައި ޝައްކުގެ އޮއެވަރެއްދުވެލީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.

* * * * *

ރުހައިމް ގެއަށް އެނބުރިއައިއިރު އޭނާގެ އިންތިޒާރުގައި ކާއިލްއަށް އޮތީ ސޯފާމަތީގައި ނިދިފައެވެ. ހިތަށް ކުޑަވިއަސް ހަމަޖެހުމެއް ލިބުނީ ކާއިލްގެ ސުވާލުތަކާއި އެވަގުތު ކުރިމަތިލާން ނުޖެހުމުންނެވެ. އަޑެއްވެސް ލައްވައިލުމެއްނެތި ބާރުހިނގުމެއްގައި ރުހައިމް އައިސް ކޮޓަރިއަށް ވަނެވެ. ހަރުގައިއޮތް ތުވާލިހިފައިގެން ފާޚާނާއަށްވަނީ ފެންވަރައި ތާޒާވެލަން ބޭނުންވެފައި ހުރިވަރުންނެވެ.

ފެންވަރައިގެން ނުކުމެ އުނުގައި އަނދެފައިއޮތް ތުވާލި ނަށްޓައިލުމަށްފަހު ސޯފާމަތީގައި އޮތް ދޫ ސްވެޓްޕޭންޓް ލިއެވެ. އިސްތަށިގަނޑުގައި އަތްފުނައަޅައިލަމުން ކަންނެތް ހިނގުމެއްގައި ރުހައިމް އައިސް ކޮޓަރީތެރެއިން ނުކުމެވެންހުރި ފުޅާ ބެލްކަނީގެ ދޮރުހުޅުވައިލަމުން އެތަނަށް ނުކުތެވެ. ބެލްކަނީގެ އެއްފަރާތުގައި ވަށްބުރެއްގެ ބަށްޓަމަށްހުރި "ސްވިންގް ޗެއަރ"ގެ ތެރެއަށް ގޮސް ވެއްޓިގަންނަމުން ކުޑަ ބާލީހެއްނަގައި ދެއަތުގެ ތެރޭގައި މެޔައިލައި ބޮނޑިކޮށްލިއެވެ. އޭރުވެސް ބޯކޮށް ވާރޭވެހެމުންދިޔައީތީ މާހައުލުގައި ހިފައިފައިހުރީ ތެތްފިނިކަމެވެ. ޖެހިލާ ރޯޅިވެސް އިހުނަށްވުރެ ބާރުވެފައިވިއެވެ. ބެލްކަނީގައި ދިއްލައިފައިހުރި ފަނޑު އޮރެންޖް ބޮކީގެ ސަބަބުން އެތަނަށް ވެރިވެފައިވީ ހުވަފެނީ ކުލަވަރެވެ. ވާރޭގެ ހިތްގައިމު ރާގުގެ ތެރެއަށް ގެއްލިފައިއޮވެ ރުހައިމް ދެލޯމަރައިލިއެވެ. ހީތާއި ސިކުނޑީގައި ރަސްކަންކުރަމުންދިޔައީ އައިޝްގެ ހަނދާންތަކެވެ. މެރިފައިވި އެސްފިޔަތަކުގެ ތެރެއިން އެސޫރަ ފައުޅުވެލީ ރުހައިމްގެ ހިތް އެދިގެންކަހަލައެވެ. އެތައްއިރަކު އެޚިޔާލުތަކުގައި ރުހައިމް އޮތީ ނިންމާނެ ގޮތަކާއި މެދުގައި ވިސްނުމުގައެވެ. ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިވިގޮތުން ކޮންމެވެސް އެއްކޮޅަކަށް އޭނާ ބުރަވީކަހަލައެވެ. ލަސްލަހުން އެބަރު އެސްފިޔަތައް ތަޅުވައިލަމުން ދެލޯހުޅުވައިލައި ވެހެމުންދިޔަ ވާރޭގެ ތިކިތަކަށް އޭނާ ނަޒަރުހުއްޓައިލިއެވެ.

"ވެއިޓް ފޯ މީ.. ވަރަށް އަވަހަށް އަހަރެން އައިޝް ގާތަށް ދާނަން.. މިފަހަރު އެނބުރި އަންނާނީ ތިހިތްވެސް މިލްކު ކޮށްގެން.." ރުހައިމްގެ ހިނިތުންވުން ފުންވިއެވެ.

* * * * *

އެރޭގެ ބާކީބައިގައި މުސްކާނަކަށް ނުނިދުނެވެ. ދެލޮލާއި ނިދިވަނީ ވަކިވެގެން ގޮސްފައެވެ. އެއަށްވުރެ ސިކުނޑީގެ ހަލަބޮލިކަންވަނީ އިތުރުވެފައެވެ. ލުހާމްއާއި މެދުގައި ވިސްނުން ހިންގެމުންދިޔައިރު ލުހާމް އޭނާއަށް ބަލަންހުރިގޮތް ހިތަށް އަރައިލާ ކޮންމެ ފަހަރަކު ހިތުގެ ތެޅުން އަވަސްވެލައެވެ. ލުހާމްގެ ނިޔަތާއި މެދުގައި ހިތުގައި ސުވާލުއުފެދުނެވެ. އޭނާ މުސްކާނާއި ވާހަކަދައްކައި ގުޅުން ބަދަހިކުރަން އެއުޅެނީ އެބޭނުމުގައިހެއްޔެވެ؟ އެހެނަސް ލުހާމަކީ އެހައި ނުލަފާ މީހަކަށް ވެދާނެހެއްޔެވެ؟ އާނއެކެވެ. ލުހާމްގެ ފުށުން އެފެނުނީ ހަމަގައިމުސް ރަނގަޅު އަމަލެއްނޫނެވެ. އޭނާ މުސްކާނާއި ކުރިމަތިލީވެސް ހިތްރުހޭފަދަ ގޮތަކަށް ނޫނެވެ. މިއީ މުސްކާންގެ ނުރުހުމުގައި ލުހާމް އޭނާގެ ގައިގައި އަތްލި ދެވަނަފަހަރެވެ. ލުހާމްގެ ނިޔަތް ރަނގަޅުނަމަ އެފަދަ ގޮތަކަށް އޭނާގެ އަމަލުތައްވެސް ނުހުރީހެވެ.

ވިސްނުން ހިންގެމުންދިޔަވަރަކަށް މުސްކާންގެ ދެލޯފުރިގެން ބަންޑުންވާން ފެށިއެވެ. މިދުނިޔޭގައި އޭނާއަށް ހެޔޮއެދޭނެ ހަމައެކަކުވެސް ނެތީހެއްޔެވެ؟ އުމުރުގައި ފުރަތަމަ ފަހަރަށް އިޚުލާސްތެރި އިހުސާސުތަކެއްވެސް މިއުފެދުނީ އޭނާގެ މައްޗަށް ރަހުމެއްނެތް އިންސާނަކާއި މެދުއެވެ. ލުހާމް ކުރަންއުޅުނު ކަންތައް ސިފަވުމުން މުސްކާންގެ އަނގައިން ވޭނީ އާހެއް ބޭރުވެލިއެވެ. އޭނާވެސް ބޭނުންވީ މުސްކާންގެ ފުށުން ވަގުތީ އުފާ ހާސިލްކުރަންކަން ޔަގީނެވެ. އެހައި ދަށުދަރަޖައަކުން ލުހާމް އޭނާއަށް ބަލަންވީ ކީއްވެހެއްޔެވެ؟ ނޭނގުމެއްގެ ތެރޭގައިވިއަސް އެފަދަ ނުބައި މެސެޖެއް އޭނާގެފުށުން ލުހާމަށް ނުދޭކަން މުސްކާނަށް ޔަގީންވެއެވެ. ވީއިރު ކީއްވެހެއްޔެވެ؟ ލުހާމްވެސް ބޭނުންވަނީ ޒަޚަމްވެފައިވި އެހިތް އިތުރަށް ޒަޚަމްކޮށްލަން ހެއްޔެވެ؟ ދެލޮލުން އޮހޮރޭ ލޭކަރުނަ އެއިން އެކަކަށްވެސް ނުފެންނަނީ ކީއްވެބާއެވެ؟ އެމީހުން ފަދައިން އޭނާގެވެސް އޮންނަނީ ހިތެއްކަން ނުދަންނަނީ ކީއްވެހެއްޔެވެ؟ މުސްކާނަކީ ކޮންމެ މީހަކު ހިތުހުރިގޮތެއް ހަދަންހުރި ބުދެންނޫނެވެ. ނަމަވެސް ދެރައީ އެއިން އެކަކަށްވެސް އެކަން ނުވިސްނޭކަމެވެ. އަމިއްލަ ދިފާއުގައި ތެދުވަން މުސްކާން ނުކުޅެދިފައިވީކަމެވެ. ސިކުނޑިއަށް ވެރިވަމުންދިޔަ ޝަކުވާތަކާއެކު މުސްކާންގެ ރުއިން ބާރުވެލިއެވެ. އެހިތްދަތިކަމުގައި އޭނާއަށް ކެތްކުރެވޭނީ ކިހައިދުވަހަކު ބާވައެވެ؟

* * * * *

ނެގިމަޑުވެފައިހުރި މުސްކާނާއި ދިމާއަށް ލޫޔާއަށް ބަލައިލެވުނީ ކިތަށްފަހަރުކަމެއްވެސް މިހާރު އޭނާއަށް ނޭނގެއެވެ. މުސްކާންގެ ދެލޮލުގައިހުރި ރަތްކަމާއި މޫނުމަތީގެ ދުޅަކަން އެދެލޮލުން ކަސިޔާރުވެނުދެއެވެ. ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަން ލޫޔާއަށް ޔަގީނެވެ. އެހެންޏާ އެނާގެ ކުރިމަތީގައި ބަސްމަދުވެފައި ހުރުމަކީ މުސްކާންގެ ގޮތެއްނޫނެވެ. މަސައްކަތުގައި މަސްއޫލުވެފައިވިއަސް ލޫޔާގެ މޫނުމަތީގައިވީ ކަންބޮޑުވުމެވެ. ކުޑަ ބްރޭކެއް ލިބޭނެ އިރަކަށް ލޫޔާ ހުރީ އިންތިޒާރު ކޮށްގެންނެވެ. މުސްކާނަށް ވެގެންއުޅޭ ގޮތެއް ނޭނގެނީސް އޭނާއަށް ދެން އެއްވެސް ހަމަޖެހުމެއް ނުލިބޭނެއެވެ.

މެންދުރުއަތަށް އަޅައިލި ވަގުތު ލިބުނު ކުޑަ ބްރޭކްގައި މުސްކާންގެ އަތުގައި ހިފައިގެން ލޫޔާ ހިނގައިގަތީ ހޮސްޕިޓަލުގެ އިމާރާތުން ނުކުމެ އެއިމާރާތުގެ ފުރަގަހުގައި ހައްދައިފައިއޮތްނަ ބަގީޗާއާއި ދިމާއަށެވެ. އެދިމާލުގައި މީހުނަށް އިނށީދެވޭގޮތަށް ތަންތަންކޮޅުގައި ބެންޗު ހަދައިފައިހުއްޓެވެ. އެހިސާބާއި ދާދިގާތުގައި ކުޑަ ފެންއަރުވާވަޑާމެއް ހަދައިފައި ހުރިއިރު، ތަންކޮޅެއް ދުރުގައި މަސްފެންގަނޑެއްކަހަލަ ތަނެއްވެސް ހަދައިފައި ހުއްޓެވެ. ފެންއަރުވާވަޑާމުން އޮހެމުންދިޔަ ފެންތަކުގެ އަޑު މުޅިމާހައުލުގައި ހިފައިލައިފައި ހުއްޓެވެ. ވާރޭ ނުވެހުނެއްކަމަކު އުޑުމަތި އޮތީ ބަނަކޮށެވެ. ޖެހިލާ ރޯޅިތަކާއެކުވެ އެސަރަހައްދުގައި އިންދައިފައިހުރި ގަސްގަހުން ދޮންވެފައިވާ ފަތްތައް ބިންމައްޗަށް ފައިބައިގަންނަނީ އެސަމާސާތަކަށް ކެތްނުވެގެންކަހަލައެވެ. މޫސުން އޮތްގޮތުން އެތަނަށް ވެރިވެފައިވީ ހިތްގައިމު އަސަރެކެވެ.

ބިންމަތީގައި ހައްދައިފައިއޮތް ކުދިފެހިވިނައިގެ ކާޕެޓްގެ މެދުގައި ގައުޖަހައި ހަދައިފައިއޮތް ހިމަމަގުން ލައިފައި މުސްކާން ގޮވައިގެން އައިސް ލޫޔާ ހުއްޓިލީ ފެންއަރުވާވަޑާމާއި ފުދޭވަރަކަށް ކައިރީގައިހުރި ބެންޗަކާއި ދިމާގައެވެ. މުސްކާންގެ ކޮނޑުގައިހިފައި ބެންޗްގައި ބައިނދަމުން ޖެހިގެން ލޫޔާވެސް އިނށީދެލިއެވެ. ސުވާލުގެ ނަޒަރަކުން އިސްޖެހިފައިއިން މުސްކާނަށް ބަލަން އިރުކޮޅަކު ލޫޔާ އިނެވެ. އޭނާގެ ބޭނުންވިސްނި މުސްކާން އަމިއްލައަށް ވެގެންއުޅޭގޮތެއް އޭނާ ގާތުގައި ބުނޭތޯއެވެ. އިސްވެ އަނގައިން ބަހެއްވެސް މުސްކާން ނުބުނުމުން ލޫޔާގެ ކެތްތެރިކަން ކޮޅުންލާގޮތްވިއެވެ. ހިތްހަމަނުޖެހުމުގެ އަޑެއް އަނގައިން ލައްވައިލަމުން މުސްކާންގެ ނަމުން އޭނާ ގޮވައިލިއެވެ.

ފައުޅުނުކުރިއަސް ލޫޔާގެ ހިތުގައިވި ސުވާލުތައް މުސްކާން ދެނެގަތެވެ. އޭނާ ހުރީވެސް ޑިއުޓީއަށް އައުމަށްފަހު އެވާހަކަތައް ލޫޔާއާ ހިއްސާކުރަން ނިންމައިގެންނެވެ. ހިތަށް ކުޑަވިއަސް ހަމަޖެހެމުއްލިބޭނީ އޭރުންކަމުގައިވާތީއެވެ. ބަހެއް ބުނުމަށް ދެތުންފަތް ހަރަކާތްކޮށްލުމާއެކު މުސްކާންގެ ދެލޯފުރި ބަންޑުންވާންފެށިއެވެ. ގިސްގެ އަޑު އެއަނގައިން ބޭރުވީ ނުވެސްދެނަ ހުއްޓައެވެ. މުސްކާންގެ ހާލުފެނި ލޫޔާގެ ކަންބޮޑުވުން އިތުރުވުންނޫންހެންކަމެއް ނުވިއެވެ. ހާސްވެފައި މުސްކާންގެ ކޮނޑުގައިހިފައި އޭނާއާ ދިމާއަށް ކުޑަކޮށް އަނބުރައިލިއެވެ. ކަރުނަވީ ދެލޮލުން މުސްކާން ލޫޔާއަށް ބަލައިލުމާއެކު އޭނާގެ ހިތަށް ތަދުވެލިއެވެ. އެންމެ ގާތް އެކުވެރިޔާއަށް ދިމާވެގެން އެއުޅެނީ އާދައިގެކަމެއް ނޫންކަން ވަގުތުން އޭނާގެ ޟަމީރު ބުންޏެވެ. ހިތްއަވަސްވެފައިހުރެ ވަގުތުން ވީކީއްތޯ ލޫޔާ ސުވާލުކޮށްލިއެވެ. ތުންފިއްތައިލި މުސްކާން އިސްޖަހައިލަމުން ރޭގައި ހިނދައިދިޔަ ހާދިސާ ލޫޔާއަށް ކިޔައިދިނެވެ. ލުހާމްގެ ދެލޮލުން އެފެނުނު އަސަރު މުސްކާނަށް އޮޅުވައެއްނުލެވޭނެއެވެ. ހިތަށް ތަދުވަނީ އެފަދަގޮތަކަށް ލުހާމް އޭނާއާ ގާތްވާން މަސައްކަތްކުރީތީއެވެ.

"ލުހާމް ޑިޑް ވަޓް؟" ދެލޯބޮޑުކޮށްލަމުން ލޫޔާއަށް އެހެން އަހައިލެވުނީ އިވުނު ވާހަކަތައް ގަބޫލުކުރަން ދަތިވީވަރުންނެވެ.

(ނުނިމޭ)

Ads by Ooredoo
  1. ޥަރަސަލި

  2. ަދސަދަސ

    ރުހައިމް އާ އައިޝް އާ ގުޅުވައްޗޭ. ވަރަށް ސަޅި.

    • ސާޔާ

      އެ ތެދެއް އައިޝް އެންޑް ރުހައިމް .ޕުލީސް!