ވާހަކަ

އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(އަށްވަނަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ޓްރެއިލާ) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ފުރަތަމަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދެވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތިންވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ހަތަރުވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ހަތްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(އަށްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ނުވަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދިހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (އެގާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ބާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތޭރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސާދަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަނަރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސޯޅަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސަތާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ވިހިވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެކާވިސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ދިފާވުން އެދޭނީ... (ތޭވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައްބީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ހަތާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބައްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުރަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަހުބައި)

"ނޭނގެ.. އެއްދުވަހު ނަންބުނި.. އެކަމަކު މިހާރު ހަނދާނެއްނެތް.. އެހެންނޫނަސް އެހެންދިމާކުރާހައި މީހެއްގެ ވަނަވަރު ހޯދާކަށް އަހަރެންގެ އެއްވެސް ޝައުގެއްނެތް.. ލޫ ކީކުރަންތަ އިރުއިރުކޮޅުން އޭނައަށް ތިބަލަނީ.. ތިހެންއުޅެނިކޮށް އަނެއްކާ އެމުސީބާތް ޖެހިދާނެ.. ޕްލީޒް.. އަޅާނުލާބަލަ.." ލޫޔާގެ އަތުގައިހިފައި ކުޑަކޮށް ދަމައިލަމުން ހިތްހަމަނުޖެހިފައި މުސްކާން މަޑުމަޑުން ބުންޏެވެ. މުސްކާން ހިތްހަމަނުޖެހިއްޖެކަން އެނގި މަޢާފަށްއެދެމުން ފަސްއެނބުރިބެލުން ލޫޔާ ހުއްޓައިލިއެވެ. އަދި ގެއާއި ހަމައަށް މުސްކާނާއި އެކުގައި ދާނެކަމަށް ބުނެލީ އެކުވެރިޔާގެ ރައްކާތެރިކަމާއިމެދުގައި ވިސްނާލައިފައެވެ. އެންމެ ރަނގަޅޭ ބުނަމުން މުސްކާން ހިތްހަމަނުޖެހުމުގެ ކުލަވަރު މޫނުމަތިން ފިލުވައިލަމުން ހިނިތުންވެލިއެވެ.

Ads by STELCO

މުސްކާން ފަސްދީފައި ދިޔައިރުވެސް ބަލަހައްޓައިގެން ހުރުން ނޫންހެންކަމެއް ރުހައިމްއަކަށް ނުކުރެވުނެވެ. ހުއްޓުވަން ބޭނުންވިއަސް ކޮންމެވެސް ސަބަބަކާއިހުރެ އޭނާގެ ޟަމީރު އެކަމާއި ދެކޮޅުހެދިއެވެ. ހުރެވުނީ އަދިވެސް މުސްކާން ގަޔާވާނެ ސިފައެއްގައިނޫންކަން އޭނާ އަމިއްލަ ނަފުސަށް ވިސްނައިދިނެވެ. ހަމަހިމޭންކަމުގައި މުސްކާންގެ ކޮންމެ ހަރަކާތަކަށް ބަލަންހުރިއިރު އެސޫރަ އެކަނި ފެނިލުމުންވެސް ހިތަށް ލިބުނީ ފޮނި މީރުކަމެކެވެ. މުސްކާން ގާތުގައިހުރި އަންހެންކުއްޖާގެ ބެލުންތައް އިރުއިރުކޮޅާ އޭނާއަށް އަމާޒުވަމުންދާތަންފެނި އެދެމެދުގައި ދެކެވެމުންދިޔައީ އޭނާގެ ވާހަކަހެން ރުހައިމްއަށް ހީވިއެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިވީ އެހެންވެއެވެ. ރުހައިމް ހިނިތުންވެލިތަންފެނި ފަހަތަށް ބަލައިލި ލޫޔާ ލޯއަޅައިލިއެވެ. އެއާއެކު ރުހައިމްގެ ހިނިތުންވުން ފުޅާވެލިއެވެ. ލޫޔާ މޫނަށްޖައްސަމުންދިޔަ ވައްތަރުތައްފެނި ރުހައިމްއަށް މަޖާވިއެވެ. ދެފަރާތަށް ބޯހޫރުވައިލަމުން އައިސް ކުރިމަތީގައިހުރި ސައިކަލް މަތީގައި އިނށީދެލިއެވެ.

ރުހައިމްއާއި އެކުގައި ބޭރަށް ނުކުތް ހާއިޝް އަތުގައިއޮތް ފޯނުން ނަޒަރުވަކިކޮށްލަމުން ރުހައިމްއަށް ބަލައިލިއެވެ. ހިނިއައިސްފައި ދުރުބަލަހައްޓައިގެން ރުހައިމް އިންތަން ފެނުމުން އޭނާގެ މޫނުމައްޗަށް ވެރިވީ ހައިރާންކަމެވެ. ރުހައިމް ބަލަންއިން ދިމާލަށް ބަލައިލި ނަމަވެސް އޭނާއަށް އެއްޗެއް ފަހުމްވާގޮތެއް ނުވިއެވެ. ހައިއްޓެއޭ ކިޔައި ގޮވައިލީ ރުހައިމްގެ ސަމާލުކަން ހޯދުމުގެ ގޮތުންނެވެ. ހާއިޝްގެ އަޑަށް ރުހައިމްއަށް ހަމަބިމަށް އާދެވުނުކަހަލައެވެ. ވަގުތުން މޫނުމައްޗަށް ސީރިއަސްކަން ވެރިކޮށްލަމުން ހަށިގަނޑު ސީދާކޮށްލިއެވެ. ރުހައިމް ނިތްއަރުވައިލުމާއެކު ހާއިޝް ދެލޯހިމަކޮށްލިއެވެ.

"ހިނގާބަލަ ކޮފީއަކަށް ގޮސްލަން.. ދައްކަންބޭނުން ވާހަކަތަކެއް އެބަހުރި.." ރުހައިމްގެ ކޮނޑުގައި ޖަހައިލަމުން ހާއިޝް އެދުނެވެ. ސައިކަލަށް އަރާށޭބުނަމުން ރުހައިމް ސައިކަލް ސްޓާރޓް ކޮށްލިއެވެ. ހާއިޝް އަރައި ހަމަޖެހިލުމާއެކު ބާރު ސްޕީޑްގައި ސައިކަލް ދުއްވައިލިއެވެ. ދެމީހުން އާންމުކޮށް ކޮފީ ބޯންއަންނަ ކެފޭ ކުރިމަތީގައި ސައިކަލް ޕާރކްކޮށްލަމުން އޭގެން ފައިބައިގެން އައިސް ކެފޭ ތެރެއަށްވަނެވެ. މޭޒު ދޮށުގައި ހަމަޖެހިލަމުން ކޮފީއަށް އޯޑަރު ދިނުމަށްފަހު ރުހައިމް ހާއިޝްއަށް ބަލައިލީ އެދައްކަންއުޅޭ ވާހަކައާ މެދުގައި ޝައުގުވެރިވެފައި އިންފަދަ ގޮތަކަށެވެ. ފުންނޭވާއެއްދޫކޮށްލަމުން މޭޒުމަތީގައިއޮތް ދެއަތްތިލަ ހާއިޝް ޖޯޑުކޮށްލިއެވެ.

"ކިޔާބަލަ.. ކޮން ވާހަކައެއްތަ ދައްކަން އުޅުނީ؟" ވޭޓަރު ގެނެސް މޭޒުމަތީގައި ބެހެއްޓި ކަޅު ކޮފީތަށިން އެތިފޮދެއް ބޯލަމުން ރުހައިމް އަހައިލީ ސީރިއަސް ރާގަކަށެވެ.

"ކަލޭ އުޅޭގޮތުން އަހަންނަށް ކަމެއް ޝައްކުވެގެން.. އެވާހަކަ ދައްކާލަންކަމަށް.." ހާއިޝްގެ ވާހަކައަޑުއިވިފައި ރުހައިމްގެ ހިތަށްވީ ނުބައިގޮތެކެވެ. އަނެއްކާ އެހިތުގައި އަލަށް އުފަންވި ލޯބީގެ އޮއެވަރު ފަޅައިއެރީހެއްޔެވެ؟ ނޫނެކެވެ. އެއްގޮތަކަށްވެސް އެގޮތަށް ކަންތައްވާކަށް ރުހައިމް ނޭދެއެވެ. އައިޝްއާ އޭގެ އެންމެ މީހަކު ވައިއެޅިލާކަށްވެސް ރުހައިމްގެ ހިތެއް ނުރުހެއެވެ. އައިޝްގެ ކަންތައް އެނގިއްޖެނަމަ އެމީހުން ކޮންމެފަދަކަމެއްވެސް ކޮށްފާނެއެވެ. ބުނާނެ އެއްޗެއް ނޭނގި ވިސްނުމަކަށް ގެއްލިފައި ރުހައިމްއަށް އިނދެވުނީއެވެ.

"ހައިއްޓެ ބޭނުންވަނީ މިހާރު އަހަރެމެންގެ ގޭންގްއިން ވަކިވަން ދޯ.. އަހަންނަށް މިހެން ހީވާތާ ދުވަސްކޮޅެއްވެއްޖެ.." ހަމަޖެހުމުގެ ނޭވާއެއް ރުހައިމްއަށް ދޫކޮށްލެވުނީ ދެނެވެ. ގޮނޑިއަށް ހަށިގަނޑު ދޫކޮށްލަމުން ދުރަށް ނަޒަރުހުއްޓައިލީ ދޭނެ ޖަވާބަކާއިމެދުގައި ވިސްނައިލަމުންނެވެ.

"ކިހިނެއްވީ؟"

"އެހެންވީމަ އަހަންނަށް މިހީވަނީ ރަނގަޅަށް ދޯ" ސީދާ ހާއިޝްގެ ސުވާލަށް ޖަވާބުދޭން ރުހައިމް ބޭނުންނުވާކަހަލައެވެ. އެކަމާއިހުރެ ހާއިޝްގެ ބޮލުގައި ރިއްސާލިއެވެ. ރުހައިމް ނުބުންޏަސް އޭނާގެ އަމަލުތަކުން ހާއިޝްގެ ޝައްކު ޔަގީނަށް ބަދަލުވެއްޖެއެވެ.

"ތިގޮތަށް ނިންމީ ކީއްވެތޯ އަހަންނަށް އަހައިލެވިދާނެތަ؟ ހައިއްޓެވެސް ގައިމު ރުހުމުގަ ދޯ މި ގޭންގްއާ ގުޅުނީ.. އަނެއްކާ ހައިއްޓެގެ ތިނިންމުން އެނގިއްޖެއްޔާ އާރާ ނުރުހޭނެވަރު ހިތަށް އަރުވައިލަބަލަ.. އަހަރެމެންގެ ތެރެއިން އާރާ އެންމެ ގާތްކޮށްދެކޭ މީހަކީ ތީ.. އޭނާގެ ދަށުން ބަލަހައްޓަންޖެހޭ ހުރިހައިކަމެއް ބަލަހައްޓާ އެންމެ އިތުބާރުކުރާ މީހަކީ ތީ.. ހައިއްޓެ އެދެފިއްޔާ އޭނަ ނުކުރާނެކަމެއް ނޯންނާނެ.. ދެން ކީއްވެ؟ ހިތްހަމަނުޖެހޭ ކަމެއް އޮތަސް ބުނީމަ އާރާ އެކަމެއް ރަނގަޅުކޮށްދޭނެ.. ހައިއްޓެ ތިގޮތަށް ނިންމައިފިއްޔާ އަހަރެމެން އެންމެނަށް ތީގެ ރޯޅިގަނޑު އަންނާނެ.." ހާއިޝް ބޭނުންވީ ރުހައިމްއަށް ވިސްނައިދޭށެވެ. ކުރަންއުޅޭ ކަމެއްގެ ސަބަބުން ނުކުމެދާނެ ނަތީޖާއެއް ހަނދާންކޮށްދޭށެވެ. މިހުރިހައިކަމަކީ އޭނާ ނުބުންޏަސް ރުހައިމްއަށްވެސް އެނގޭ ކަންތަކެވެ. އެހެނަސް ވިސްނައިނުލާ ރުހައިމް ގޮތެއް ނިންމައިފާނެތީ ހާއިޝް ޖެހިލުންވީއެވެ.

"އަހަންނަކަށް ނޭނގެ ކަލޭ ތިހުރިހައި ފަތިވަރެއް ކިޔަންޖެހޭ ސަބަބެއް.. އެއްފަހަރުވެސް އަހަންނަށް ބުނެވުނުތަ އަހަރެން މިއުޅެނީ ކަލޭމެންނާ ވަކިވާށޭ.." ރުހައިމްގެ އަޑުގައިވީ ހިތްހަމަނުޖެހުމެވެ. ހާއިޝްގެ ވާހަކަތަކާއި އޭނާ މާގަޔާވައިގޮތެއް ނުވިއެވެ. ރުހައިމްއަށް ބަލަން އިން ހާއިޝްގެ މޫނުމަތިންވެސް ހިތްހަމަނުޖެހުން ފައުޅުވެލިއެވެ. އޭނާ އެހައި ރީއްޗަށް ވާހަކަދެއްކުމުން ރުހައިމް ރުޅިއިސްކުރަންވީ ސަބަބެއް ހާއިޝްއަކަށް ނުވިސްނުނެވެ. އެމީހުނަށް ސިއްރުން ރުހައިމް ކޮންމެވެސް ނިންމުންތަކެއް ނިންމައިފައިވާކަމަށް އެހިތްބުނެލިއެވެ.

"ކަލޭ ރުޅިއަންނަވަރުގެ އެއްޗެއް އަހަންނެއް ނުބުނަން.. ކަލޭ ދުލުން ސީދާ އެހެން ނުބުންޏަސް ތިއަމަލުތަކުން އެކަނިވެސް ވިސްނައިފި މީހަކަށް އެކަން އެނގޭނެ.. މިފަހަކަށް އައިސް އަހަރެމެންނާއެކު ހޭދަކުރާ ވަގުތުތައް މަދުވުމާ، ރޭގަނޑުވެސް އެހައި އަވަހަށް ގެއަށް ދިއުމާ، ނުވިތާކަށް ކަލޭ ބޭނުންކުރާވަރުވެސް މަދުކުރުމާ... މިހުރިހައިކަމެއް ހެކިދެނީ ކޮންކަމަކަށްތަ؟ ހައިއްޓެ ބުނެބަލަ.. މަޑުމަޑުން އަހަރެމެންނާ ހައިއްޓެ ދުރުވާކަން އަހަންނަށް ފާހަގަވެޔޭ.. އެތާނގަ ކަލޭ ވަށައިގެން ދެން އުޅެނީ ހުސް ގަމާރުންނަށްވިއަސް އަހަންނަނީ އެއްޗެއް ނުވިސްނޭވަރުގެ ގަމާރެއްކަމަށް ހައިއްޓެ ހީނުކުރައްޗޭ.. އެހެންމީހުނަށް އޮޅުވައިލެވުނަސް ކަލެއަކަށް ތިހާ ފަސޭހައިން އަހަންނަކަށް އޮޅުވައެއްނުލެވޭނެ.. އެކަން ސިކުނޑީގަ ބަހައްޓައިގެން ތިޖައްސާ މޮޅެތި ގޭމުތައް ޖައްސާނީ.." ރުހައިމްއާއި ގާތްވެލަމުން ހާއިޝް ބުނެލީ ނުރައްކާތެރި ގޮތަކަށެވެ. އެއަޑުގައިވީ އިންޒާރެވެ. ރުހައިމްގެ ސަބަބުން އޭނާގެ ވެރިމީހާއަށް އެއްވެސް ގެއްލުމެއްވާކަށް ހާއިޝް ނޭދެއެވެ. އޭނާގެ ހުރިހައިވެސް މީހަކީ "އާރާ" އެވެ. އެކަކަށް ވަފާތެރިނުވިއަސް، ފަހު ނޭވަޔާ ޖެހެންދެން އޭނާ އާރާއަށް ވަފާތެރިވާނެއެވެ. ރުހައިމްއަށްފަހު އާރާގެ އެންމެ ގާތްމީހަކީ އޭނާއަށް ވީއިރު އޭނާއަށް އެނގިހުރެ ރުހައިމްގެ އެއްވެސް ޕްލޭނެއް ކާމިޔާބުވިޔަކަ ހާއިޝް ނުދޭނެއެވެ.

* * * * *

ދަންވަރުގެ ހަމަހިމޭން ވަގުތެވެ. ހުއްޓުމެއްނެތި ބޯކޮށް ވެހެމުންދިޔަ ވާރޭގެ އަޑުން މުޅި މާޙައުލުގައިވަނީ ހިތްގައިމު ރާގެކެވެ. މާޔޫސްވެފައިވި ހިތަކަށްވެސް އެމަޑުމަޑު ނާނާގެ އަސަރުކުރާނެކަން ގައިމެވެ. ކޮޓަރިއަށް ވެރިވެފައިވި ފިނިކަމާއެކު ހަށިގަނޑަށް ލިއްބައިދެމުންދިޔައީ ތަފާތު އަރާމެކެވެ. ރަޖާގަނޑުގެ ދަށުގައި އަމިއްލަ ހަށިގަނޑު ނިވައިކޮށްލައިގެން މުސްކާން އޮތީ އެހިތްގައިމު ނާނާގެ އަޑުއަހާށެވެ. ފަނޑު ހިނިތުންވުމެއް މޫނުމަތީގައި ފައުޅުވާންހުރިއިރު އެދެލޮލުގެ ކަނުގައި ކަރުނައިގެ އަސަރުވިއެވެ. ހިކިފައިވިއަސް އެމޫނުގެ ދެފަރާތުގައިހުރި ހިމަ ރޮނގު ހެކިދެނީ އޭނާ ރޮއެފައިހުރިކަމެވެ.

ހިތަށް ލިބުނު ކުޑަކުޑަ ހަމަޖެހުމާއެކު އެސްފިޔަތައް ބަރުވެ ދެލޯމެރެމުންދަނިކޮށް ކުއްލިއަކަށް ކޮޓަރީގެ ދޮރުގައި މީހަކު ޓަކިޖެހިއަޑުން ސިހިފައި މުސްކާނަށް ތަންމިނަށް ދެލޯހުޅުވައިލެވުނެވެ. ހައިރާންކަމާއެކު ކޮޓަރީގެ ދޮރާއި ދިމާލަށް ބަލައިލެވުނީ އެފަދަ ވަގުތެއްގައި ދޮރުގައި ޓަކިދޭނީ ކާކުމަކާއި މެދުގައި ވިސްނަމުންނެވެ. ސަމާލުވެގެން އިރުކޮޅަކު އެހެން އޮވެވުނީ އެއީ އޭނާއަށް ހީވި ހީވިމުއްތޯ ޔަގީންކޮށްލަން ބޭނުންވީވަރުންނެވެ. އިތުރަށް އެއަޑު ނީވުމުން އެއީ ހީވިހީވުމެއްކަމުގައި ނިންމައި މުސްކާން އަނެއްކާވެސް ދެލޯމަރައިލިއެވެ. ނިދީގެ ފޮނިމީރުކަމުގެ ތެރެއަށް ލޮޑުވެފައިވި ހަށިގަނޑު ދޫކޮށްލަން ބޭނުންވެފައި އޮވެއެވެ.
ދެވަނަ ފަހަރަށް ދޮރުގައި ޓަކިޖަހައިލީ މުސްކާން އެގޮތުގައި އޮއްވައެވެ. މިފަހަރު ކުރިއަށްވުރެ ބާރުކަން ފާހަގަވެ މުސްކާންގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ދުވެލިއެވެ. ހިންދިރުވައިލަމުން އޮތްތަނުން ތެދުވެ، އެނދުގެ އެއްއަރިމަތީގައި އިނށީދެލަމުން މުސްކާނަށް ދޮރާއި ދިމާއަށް ބަލަން އިނދެވުނީ ހާސްވެފައެވެ. މިވީހައި ދުވަހު އެގޭތެރެއިން ދިމާނުވާކަމަކާއި ކުއްލިއަކަށް ދިމާވުމުން ހަދާނެގޮތެއް ނޭނގި މީހާގެ ހަށިގަނޑުން ދާހިއްލައިލީ ފަޅި ސިކުންތެއްގެ ތެރޭގައެވެ. ތިންވަނަ ފަހަރަށް ދޮރުގައި ޓަކިޖެހުމާއެކު ސިހިފައި އިންތަނުން މުސްކާނަށް ތެދުވެވުނެވެ. ހިތްވަރުކޮށްފައި އެދިމާލަށް ދިއުމަށް މުސްކާންގެ ޟަމީރުގޮވައިލިއެވެ. އެއީ ކާކުތޯ ބެލުމަށް އޭނާގެހިތް އެދެމުންދިޔައެވެ. ހިތާއި ސިކުނޑިއާއި ދެމެދު ވަރުގަދަ ދެބަސްވުމެއް ހިނގަމުންދިޔައިރު މުސްކާން ހުރީ ނިންމާނެގޮތެއް ނޭނގިފައެވެ. އެތަނުން ބުރަވާންވީ ކޮން ކޮޅަކަށްކަން ނުވިސްނިފައެވެ.

މޫނުމަތީގައި ހިއްލައިފައިހުރި އޮއްދާތިކިތައް ފުހެލަމުން އަލަމާރިން އަބާޔާއަކާއި ކުޑަ ވައްބުރުގާކޮޅެއް މުސްކާން ނެގިއެވެ. އަދި ނިދަންލާ ދޫހެދުމުގެ މަތިން އަބާޔާލުމަށްފަހު ވަށްބުރުގާ ބޮލަށް މަހައިލަމުން ލަސްފިޔަވަޅުތަކެއްގައި އައިސް ދޮރުބުޑުގައި ހުއްޓިލިއެވެ. އޭރު އޭނާގެ ހިތް ނެގިނެގިފައި ޖެހެމުންދިޔައީ ދޮރުގެ އަނެއްފަރާތުގައިހުރީ ކާކުކަމާއި މެދުގައި ސުވާލުއުފައްދަމުންނެވެ.

* * * * *

އިސްޖެހިފައި ލައިގެންހުރި ޖިންސްގެ ދެޖީބަށް އަތްޖަހައިލައިގެން މަގުގެ އެއްފަރާތުން ރުހައިމް ހިނގައިފައިދިޔައީ ފުންވިސްނުމަށް ގެއްލިފައިހުރެއެވެ. ހާއިޝްގެ ވާހަކަތައް ސިކުނޑީގައި ބުރުޖަމަހުންދިޔައިރު ކާއިލްގެ ވާހަކަތައް ކަންފަތްބުޑުގައި ގުގުމަމުންދިޔައީ ރުހައިމްގެ ހަމަޖެހުން ނަގައިލަން މަސައްކަތް ކުރަމުންކަހަލައެވެ. އެތަނުން ޚިޔާރުކުރާންވީ ކާކުގެ ކޮޅެއްކަމާއިމެދު އޭނާވަނީ ސުވާލުއުފެދިފައެވެ. ހާއިޝް ނުބުންޏެއްކަމަކު އޭނާ އައީ އެހުރިހައި ކަމަކާއިމެދުގައިވެސް ފުންކޮށް ވިސްނުންހިންގަމުންނެވެ. އެގޭންގްއަކީ މާލޭގައި ނަން މަޝްހޫރު ގޭންގްއެއްކަން ރުހައިމް ދަނެއެވެ. އޭނާ އެމީހުނާއި ގުޅުނީ އެމީހުންގެ އަނދިރިފަރާތް ރަނގަޅަށް އެނގިހުރެއެވެ. އެމީހުނާއި އެހައި ފަސޭހައިން ވަކިވުމަކީ ވާނޭކަމެއް ނޫންކަން ޚުދު އޭނާވެސް ގަބޫލުކުރެއެވެ. އާރަމްއަކީ މާލޭގެ ނުފޫޒުގަދަ، ބާރުހުރި ގޭންގްސްޓަރސްގެ ތެރެއިން އެކަކެވެ. އާރަމްގެ ބެލުމުގެ ދަށުން އެގޭންގްގެ ހުރިހައިކަމެއް ރޭވި ހިންގަމުންދާއިރު ގިނަފަހަރަށް އެހުރިހައިކަމެއްގައި އެންމެ އިސްވެ އަބަދުވެސް އުޅެނީ ރުހައިމްއެވެ. އޭނާއަކީ އެހެންމީހުންފަދައިން އެހައި ފަސޭހައިން ޖެހިލުންވެ ބިރުގަންނަ މީހެއްނޫނެވެ. އާރަމްއަށް އޭނާ އެންމެ ކަމުދަނީ އެހެންވެއެވެ. އެއްވެސް ދަތިކަމެއްނެތި ފަސޭހައިން އާރަމްގެ ބޭނުން ރުހައިމް މެދުވެރިކޮށް ފުދޭތީއެވެ. އޭނާ އެންމެ އިތުބާރުކުރާ އެންމެ އަރިސްމީހުންގެ ލިސްޓަށް ރުހައިމްގެ ނަން އެރީ ސަބަބެއްނެތިއެއްނޫނެވެ.

ފަހަކަށް އައިސް ރުހައިމްގެ އަމަލުތައް ތަފާތުވެއްޖެކަން އާރަމްވެސް ވަނީ އޭނާގެ ގާތުގައި ފާހަގަކޮށްފައެވެ. ހާއިޝް އެއްބަސްވާން ބޭނުންނުވިއަސް އެވާހަކަތައް ރުހައިމް ގާތުގައި ހާއިޝް އެދެއްކީ ހަމަހުރެފައިނޫންކަން އޭނާގެ ސިކުނޑި ދެނެގަތެވެ. އެކަމުގެ ފަހަތުގައި އާރަމްގެ އަތެއްވާކަން ދުވާލުގެ އިރުފަދައިން ރުހައިމްއަށް ޔަގީންވެއެވެ. އާރަމްގެ ބޭނުމަކީ ހާއިޝް މެދުވެރިކޮށް އޭނާއަށް އިންޒާރެއްދިނުން ކަމުގައި ރުހައިމްގެ ޟަމީރު އެއްބަސްވެއެވެ. އެއިންޒާރުގެ އަސަރު އޭނާގެ ހިތަށް ނުކުރިއަސް އެހުރިހައި ކަމަކާއި މެދުގައިވެސް މިއަދު ރުހައިމްއަށްވަނީ ފިކުރުކުރަން މަޖުބޫރުވެފައެވެ.

ވެހެމުންދިޔަ ވާރެއަށް ރުހައިމްގެ އެއްވެސް ޝައުގެއްނެތެވެ. ބޯވާރޭތެރޭގައި ލަސްހިނގުމެއްގައި އޭނާ ކުރިއަށްދިޔައިރު ލައިގެންހުރި ޓީޝާރޓްވަނީ ތެމިފޯވުމުގެ ސަބަބުން އެވަރުގަދަ ކަސްރަތީ ހަށިގަނޑުގައި ތަތްލައިފައެވެ. ބަނޑާއި ދިމާލުން ގޮޅިގޮޅިއަށްހުރި މަސްތައް ފައުޅުވާންހުރިއިރު އޭނާގެ ފުޅާބައިމަތީގެ ސަބަބުން އެފިރިހެންވަންތަކަން އިތުރުވެފައިވިއެވެ. ކޮނޑާއި ހަމައަށް އަންނަ ފަންއިސްތަށިގަނޑު ތެމިފައިއޮތްއިރު އެކަމުން އެސޫރައަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ދެލޮލުގައި ފައުޅުވާންހުރީ އަޖައިބެއްފަދަ ކުލަވަރެކެވެ. ކައިރިން ބަލައިފި މީހަކަށް އެސޫރައިގެ ފުރިހަމަކަން ނުފެނި ނުދާނެކަން ގައިމެވެ.

އެއްވެސް މީހެއްގެ ހިލަމެއްނުވާ ހިސާބެއްގައި ހުއްޓިލަމުން އުޑާއި ދިމާލަށް ރުހައިމް މޫނު އުފުލައިލުމަށްފަހު ދެލޯމަރައިލިއެވެ. އެއްވެސް ހުރަހެއްނެތި ވާރޭގެ ތިކިތައް އެމޫނުގައި ލޯތްބާއެކު ބޮސްދިނުމަށް ފުރުސަތުދެމުންނެވެ. މެރިގެންދިޔަ ދެލޮލުގެ ތެރެއިން އައިޝްގެ ސޫރަ ސިފަވުމާއެކު ރުހައިމްގެ ތުންފަތުގައި ފަނޑުވިއަސް ހިނިތުންވުމެއް ކުޅެލިއެވެ. އައިޝްއާއި މެދުގައި ފިކުރު ހިންގެމުންދިޔަވަރަކަށް އެސިކުނޑިކަމުންދިޔަ ބޭކާރު ޚިޔާލުތައް މަޑުމަޑުން ފިލައިގެންދާން ފެށިއެވެ. އެހިތުގެ މަލިކާއަށް ހިތާއި ސިކުނޑީގެ ފުރިހަމަ ބާރު ދޫކޮށްލަމުންނެވެ. ހީވެސްނުކޮށްހުއްޓައި އެއަންހެންކުއްޖާދެކެ ލޯބިވެވުމަކީ ރުހައިމްގެ ހިތާއި ނަފުސަށް އައި ފުރަތަމަ ބަދަލެވެ. އެޖަޒުބާތުގައި އަމިއްލަ ނަފުސު ބެހިގެންދިޔައީ ރުހައިމްއަށް ނުވެސް އެނގިހުއްޓެވެ. އެ ވަރުގަދަ އިހުސާސުތަކާ ދެކޮޅަށް ހަނގުރާމަ ކުރާނެހައި ބާރެއް އޭނާގެ ގަޔަކު ނެތެވެ. ކޮންމެ ކަމެއް ގުރުބާންކޮށްގެންވިއަސް އެލޯބި ހާސިލްކުރަން ރުހައިމް ބޭނުންވެއެވެ. އެދެމެދަށް އެއްވެސް މީހެއްގެ ހިޔަނި އެޅޭކަށް ރުހައިމް ނޭދެއެވެ. އައިޝްގެ ހިތުގައިވެސް އޭނާގެ ނަން ފެވިގެންދާނެކަމާއިމެދުގައި ރުހައިމްގެ އެއްވެސް ޝައްކެތްނެތެވެ. ބޭނުންވަނީ ކުޑަ ހިތްވަރެކެވެ. އެދުވަހަކުން އެއްވެސް ފަސްޖެހުމެއްނެތި މުޅި ދުނިޔެއަށް އޭނާވާ ތެދުވެރި ލޯބި ހާމަކުރާނެއެވެ. ރުހައިމްގެ ހިތުގައިވީ އުއްމީދު ފޮންޏެވެ. ހިތުގެ އަޒުމް ވަރުގަދަވެލުމާއެކު ރުހައިމްގެ ދުލުން ސިއްރެއްފަދައިން އައިޝްގެ ނަން ނުކުމެލިއެވެ.

* * * * *

ދޮރުގައި ކަންފަތް ޖައްސައިލުމާއެކު މުސްކާން ތުންފަތުގައި މަޑުމަޑުން ދަތްއަޅައިލީ ދޮރުހުޅުވުމާއި މެދުގައި އަދިވެސް އެއްފަހަރު ވިސްނައިލަމުންނެވެ. އެވަގުތު އަނެއްކާވެސް ދޮރުފަތުގައި ޓަކިޖެހުމާއެކު ކޮންމެވެސް މީހަކު އޭނާގެ ނަމުން ގޮވައިލިހެން ހީވިއެވެ. ޖެހިލުންވީވަރުން މުސްކާންއަށް ފުންކޮށްނޭވާލާން ފެށުނެވެ. ހިތާއި ދިމާލުން މޭގައި އަތްޖައްސައިލަމުން ހަމަޖެހެން މަސައްކަތްކުރާ ހާލު ތުރުތުރުއަޅަމުންދިޔަ އަތް މަޑުމަޑުން ތަޅާއި ދިމާލަށް ގެންދަންފެށިއެވެ. ކުޑަކުޑަކޮށް ދޮރުހުޅުވައިލަމުން މުސްކާން އެދޭތެރެއިން ބޭރަށް ނަޒަރު ހިންގައިލިއެވެ. ހުޅުވިފައިވި ހަނި ދޭތެރެއިން ކުރިމަތީގައިހުރި މީހަކާއި ހަތަރުކަޅި ހަމަވުމާއިއެކު މުސްކާންގެ ދެލޯބޮޑުވެގެންދިޔައީ ގަބޫލުކުރަން ދަތިވީވަރުންނެވެ. އެއާއެކު ހިތުގެ ހިނގުން އިހުނަށްވުރެ އަވަސްވެގެންދިޔައެވެ.

(ނުނިމޭ)

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!