ވާހަކަ

އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (އެގާރަވަނަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ޓްރެއިލާ) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ފުރަތަމަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދެވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތިންވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ހަތަރުވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ހަތްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(އަށްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ނުވަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދިހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (އެގާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ބާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތޭރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސާދަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަނަރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސޯޅަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސަތާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ވިހިވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެކާވިސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ދިފާވުން އެދޭނީ... (ތޭވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައްބީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ހަތާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބައްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުރަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަހުބައި)

"އާރާއަށް ތިކުރެވުނު ކަމެއް އެބަ އެނގޭތަ؟ އެހައި ފަސޭހައިން އޭނާ ދޫކޮށްލަން ހަމަ ނިންމީތަ؟" ނުރުހުމުގެ އަސަރު އަޑުގައިވިއަސް ހަރުކަށިކަން ދައްކާކަށް ހާއިޝްއަކަށް ނުކެރުނެވެ. ދޮރުމަތީގައި ރުހައިމް ގޮއްސިކަން ޔަގީންކުރަން ހުރިމީހާ އާރަމްއަށް ބޯޖައިލުމާއެކު އޭނާ ހާއިޝްއަށް ސަމާލުކަން ހުއްޓައިލިއެވެ.

Ads by STELCO

"ހަހަހަ.. ހާއްޓެ މޮޔަވީތަ؟ އަހަރެންގެ ހުރިހައި ސިއްރުތަކެއް އެނގޭ މީހަކު އެހައިފަސޭހައިން އަހަރެން ދޫކޮށްލާނެތަ؟" ނުރައްކާތެރި ވިދުވަރެއް ކުއްލިއަކަށް އާރަމްގެ ދެލޮލުން ފައުޅުވެލިއެވެ.

* * * * *

ކޮޓަރިން ނުކުމެވެންހުރި ބެލްކަނީގައި ހުއްޓިހުރި ދީމްގެ ލޮލުގައި މުސްކާނާއި ލުހާމްގެ ހަރަކާތްތައް އަޅައިގަތެވެ. ލުހާމް މުސްކާންގެ ފަހަތުން އުޅުނުގޮތްފެނި އޭނާގެ މޭނުބައިކުރާގޮތްވިއެވެ. އެއްގޮތަކަށްވެސް ލުހާމްގެ ހިތުގައި މުސްކާނާއި މެދުގައި ލޯބީގެ އެއްވެސް އޮއެވަރެއް އުފެދޭކަށް ދީމް ބޭނުމެއްނުވެއެވެ. ކޮންމެވެސް އެއްޗެކޭ ކިޔައިގެންވިއަސް އޭނާގެ ދޮންބެގެ ހިތުގައި މުސްކާނާއި މެދުގައި ފޫހިކަން އުފައްދަން އެވަގުތު ހިތަށްއެރިއެވެ. ވިސްނަން ހުއްޓައި ސިކުނޑިއަށްވަތް މޮޅު ޚިޔާލަކުން ދީމްގެ ތުންފަތް ދެފަރާތަށް ދެމިލިއެވެ. އެޚިޔާލާއި އެއްގޮތަށް ލަހެއްފަހެއްނެތި އަމަލުކުރަން ޟަމީރު ގޮވައިލިއެވެ. ލަސްކުރަންވެއްޖެނަމަ މުސްކާންގެ މަޅިން އެނާގެ ދޮންބެ ސަލާމަތް ނުކުރެވިދާނެއެވެ. އެއްވެސް މީހެއްގެ ހަމްދަރުދީއެއް މުސްކާނަށް ލިބޭކަށް ދީމް ނޭދެއެވެ. މުސްކާން ޖެހޭނީ އުމުރުދުވަހު އެފަދައިން ހިތާމައިން ފޯވެފައި ހުންނާށެވެ.

ލުހާމް ކޮޓަރިއަށް ދާނެހައި އިރުކޮށްފައި ދީމް އައިސް އެކޮޓަރީގެ ދޮރުގައި ޓަކިޖަހައިލިއެވެ. އެތެރެއިން ވަންނާށޭކިޔައި ލުހާމް ތަންކޮޅެއް ބާރަށް ހަޅޭއްލަވައިގަތުމާއެކު ހިނިއައިސްފައި ދީމް ކޮޓަރީގެ ދޮރުހުޅުވަމުން އެތެރަށް ވަނެވެ. އެނދުގައި އޮށޯވެ ނިތުގައި އަތްބާވައިލައިގެން އޮތް ލުހާމް ދޮރާއި ދިމާއަށް ބަލައިލީ ޓަކިޖެހީ ކާކުތޯ އެނގެން ބޭނުންވެފައި އޮވެއެވެ. ވަދެގެން އައި ދީމް ފެނި އޮތްތަނުން ތެދުވަމުން ލުހާމް އެއްބުމަ އަރުވައިލިއެވެ. އެތަންފެނި ދެލޯ ހިމަކޮށްލަމުން އެނދުގެ އެއްއަރިމަތީގައި ދީމް އިނށީނެވެ.

"ދީމް މިގަޑީގަ.. ކަމަކުތަ؟" އަތުކުރީގައި އޮތް ގަޑިއަށް އަވަސްނަޒަރެއް ދެމުން ލުހާމް އަހައިލިއެވެ.

"ޔަޕް.. ދޮންބެއާ ކުޑަ ވާހަކައެއް ދައްކާލަންކަމަށް"

"ކޮންވާހަކައެއް..؟" ނިތަށް ރޫއަރުވައިލަމުން އެނދުގެ ހެޑްބޯޑުގައި ލެގިލައި ލުހާމް އޭނާގެ ހުރިހައި ސަމާލުކަން ދީމް ދައްކަންއުޅުނު ވާހަކައަށް ހުއްޓައިލިއެވެ.

"އަހަރެން ނޫޅެން ވާހަކަ ދިގުކުރާކަށް.. ދެންމެ ދޮންބެއާ މުސްކާނާ ދެމެދު ވީކަންތައް އަހަރެން ދުށިން.."

"ދެން ކިހިނެއްވީ؟" ހާސްވިއަސް އެކަން ނުދައްކައިވޭތޯ ލުހާމް ބެލިއެވެ. އަނެއްކާ އެދެމެދުގައި ދެކެވުނު ވާހަކަތައް ދީމްއަށް އަޑުއިވުނުބާއެވެ. ހަމަގައިމުވެސް އެއިން ހިސާބެއްގައި ދީމް ހުއްޓައި އޭނާ ނުދެކެއެވެ. ދީމްއަށް އެތަން ފެނުނުގޮތަކާއި މެދުވެސް އޭނާ ސުވާލުއުފެދޭގޮތްވިއެވެ.

"ދޮންބެ... މުސްކާންދެކެ ގަޔާވަނީތަ؟" ނޫންކަމަށް ހަދައިފައި ދީމް އަހައިލިއެވެ.

"ވަޓް؟ ކީކޭ ކިޔަން ތިއުޅެނީ؟ މިވަގުތު އަހަރެންގެ ބޮލުގަ ވަރަށް ރިއްސާއެބަ.. ބޭކާރު ވާހަކަތައް ދައްކާކަހަލަ މޫޑެއް ނެތް.." ހިތްހަމަނުޖެހުން ލުހާމްގެ ފުށުން ފައުޅުވީ ކުއްލިއަކަށެވެ. އެހެނަސް އެކަމުން ދީމްއަށް އެއްވެސް އަސަރެއްކުރިހެނެއް ހިއެއްނުވެއެވެ. ފުންނޭވާއެއްދޫކޮށްލަމުން ދެފަރާތަށް ބޯހޫރުވައިލީ މާކުރިންވެސް އޭނާއަށް ހީވީ ރަނގަޅަށްކަމުގައި ނިންމަމުންނެވެ.

"މުސްކާން އެއީ މީހަކު ހަޔާތުގެ ބައިވެރިއަކަށް ޚިޔާރުކުރާކަހަލަ ކުއްޖެއްނޫން.. ދޮންބެއަށް އަދި ނޭނގުނަސް އެއީ ވަރަށް ވިޔާނުދާ ކުއްޖެއް.. މަންމައާއި އަހަރެން މުސްކާންދެކެ ރުޅިއަންނަނީ ހަމަ ހުރެފައެއްނޫނޭ.. ދޮންބެ މިތާނގަ އޭރު ނެތީމަ އޭނާގެ ހަގީގަތް ނޭނގިގެން ތިއުޅެނީ.. ބޮޑު ތުންފުއްސެއް ބޭނުންވާނީ ކާކުތަ؟"

"ތުންފުއްސެކޭ؟" ދީމް ދެއްކި ހުރިހައި ވާހަކަތަކެއްގެ ތެރެއިންވެސް ލުހާމް އަޅައިގަތީ އެތަންކޮޅުގައެވެ. "އާން.. ތުންފުއްސެއް.. ކޮންމެ ރެއަކު އެންމެން ނިދީމަ އަހަންނަކަށް ނޭނގެ އެކޮޓަރިއަށް ވަށްދަނީ ކިތައް ފިރިހެނުންކަމެއްވެސް.. އެކަމަކު ކީއްކުރާނީ.. ލޯބިވާ ބައްޕާފުޅު މިއިން ވާހަކައެއް ގަބޫލެއް ނުކުރާނެވިއްޔަ.. އަބަދުވެސް ހުންނާނީ މުސްކާންގެ ދިފާއުގަ.. އެހެންވީމަ އޭނާ ހިތްއެދޭހައިކަމެއް ކުރެވޭނު.. ހުއް.. އަހަރެންމީ މަންމަ ނަމަ މިހާރު އެގޮތްކުޑަ އަންހެނާ މިގެއިން ނެރޭނެތާ ކިތަންމެ ދުވަހެއް.." ދީމްގެ މޫނުގައިވީ ފޫހިކަމެވެ. އިވުނު ވާހަކަތައް ގަބޫލުކުރަން ދަތިވެ ބަސްހުއްޓިފައި ލުހާމަށް އިނދެވުނީއެވެ. މުސްކާނަކީ އެހައި ވިޔައިނުދާ ކުއްޖަކަށް ވެދާނެހެއްޔެވެ؟ ގަބޫލުކުރަން ހާދަހައި ދައްޗެވެ. އެކަމަކު ހަގީގަތަކީ އެއީކަމުގައި ވަނީނަމަ މުސްކާން އެމަސައްކަތްކުރަނީ އޭނާ ލައްވައި އިތުރަށް އާދޭސްކުރުވަން ހެއްޔެވެ؟ އޭނާ އެދޭކަންތައް ކޮށްދިނުމަށް މުސްކާންގެ އެއްވެސް އުޒުރެއް އެހެންވީއިރު ނޯންނާނެތާއެވެ. ސީދާ އެކަމަށް އެދެނިކޮށް އެއްބަސްވެސް ވެދާނެއެވެ. އެފަދަ އަންހެންކުއްޖަކަށް އެއީ އެއްވެސް ކަމަކަށް ނުވާނެކަން ލުހާމަށް ޔަގީނެވެ. ލިބުނު އައު މައުލޫމާތުން އޭނާގެ ސިކުނޑިއަށް ހަމަޖެހުންލިބުނެވެ. އޭނާގެ މަސައްކަތް އިތުރަށް ލުއިވިފަދަ އިހުސާސެއް ކުރެވުނެވެ. މުސްކާން ރުއްސުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމަށްވެސް އޭނާ ހުރީ ތައްޔާރަށެވެ. ފައިސާއަށްވިއަސް މުސްކާންގެ ޖިސްމު ގަނެލުމަށް ލުހާމް ބޭނުންވެއެވެ. އޭނާގެ އަލާ ފިލާނީ އޭރުންނެވެ.
* * * * *

ފާޚާނައިގެ ލޯގަނޑުން ފެންނަންހުރި އަމިއްލަ ސޫރައަށް ބަލަހައްޓައިގެން ރުހައިމް ހުއްޓެވެ. ޝައުގުވެރިކަމާއެކު އަމިއްލަ ސޫރައަށް އޭނާ އެބަލައިލީ ވަރަށް ގިނަ ދުވަހަށްފަހުއެވެ. އެއްވެސް އަންހެންކުއްޖަކަށް އެފަދަ ސޫރައެއް ކަމުނުދާނެކަން އެހިނދު އޭނާގެ ޟަމީރު ބުނެލިއެވެ. ހިތިގޮތަކަށް ހިނިތުންވެލި ރުހައިމްއަށް އޭނާގެ ދިރިއުޅުމަށް އެފަދަ ބަދަލެއް އަންނަންޖެހުނު ސަބަބާއި މެދުގައި ވިސްނައިލެވުނެވެ. އެއާއެކު އެދެލޮލުން ވޭނުގެ އަސަރު ފައުޅުވެލިއެވެ. ކުޑައިރުގެ އެކި ހަނދާންތައް ދެލޯކުރިމަތީގައި އެނބުރެންފެށިއެވެ. ސިކުނޑިއަށް ކުރަމުންދިޔަ ބާރުގައި ބޮލުގައި ގަދަރިހުމެއް އުފެދިގެން އައެވެ. ވަށައިގެންވި މާހައުލު އެނބުރިގަތްފަދަ އިހުސާސެއްކުރެވުނުއިރު، މޭނުބައިކޮށްފައި އޯކަށްދެމެން ފެށިއެވެ. ދެއަތުން ބޮލުގައި ބާރަށް ހިފަހައްޓައިލުމާއެކު ރުހައިމްއަށް ހޮޑުލެވުނީ ކުއްލިއަކަށެވެ. އެހިނދު ބަނޑުގައިވެސް ކުޑަރިހުމެއް އުފެދިފައިހުރިކަމުގެ އިހުސާސުވިއެވެ. އެއްއަތުން ބަނޑުގައި ފިރުމައިލެވުނުއިރު، އަނެއްއަތުން ބޮލުގެ އިސްތަށިގަނޑުގައި ހިފައި ބާރުކޮށްލެވުނީ އަޅަމުންދިޔަ ވޭނަށް ކެތްނުވެގެންނެވެ. އެއާއެކު އަނެއްކާވެސް އޯކަށްދެމިފައި ރުހައިމްއަށް ހޮޑުލެވުނެވެ. މޫނުމައްޗަށް އަނދިރިވެ ރުހައިމް ވެއްޓެންދިޔައެވެ. ތުރުތުރުއަޅަމުންދިޔަ އަތުން މޫނުދޮންނަ ތަށީގައި ހިފެހެއްޓުމަށް ރުހައިމް މަސައްކަތްކުރިއެވެ. އެހެނަސް އެކަން އޭނާއަށް ކާމިޔާބުވާގޮތެއް ނުވިއެވެ. ފާޚާނަތެރެއަށް މީހާ ވެއްޓުމާއެކު ތަށިމުށިގަނޑުގައި ނިތްކުރިޖެހި ވަގުތުން ފަޅައިގެންގޮސް ލޭއަންނަން ފެށިއެވެ.

ރުހައިމްގެ ކޮޓަރިއަށްވަތް ކާއިލްއަށް އެއަޑުއިވުމާއެކު ހާސްވެފައި އައިސް ފާޚާނައިގެ ދޮރުކުރިމަތީގައި ހުއްޓިލިއެވެ. އަދި ޓަކިޖަހައިލަމުން ރުހައިމްގެ ނަމުން ދެތިންފަހަރު ގޮވައިލިއެވެ. އެތެރެއިން ރުހައިމްގެ ޚަބަރެއް ނުވުމުން ކާއިލްގެ ހާސްކަން އިތުރުވިއެވެ. އިރުކޮޅަކު ވިސްނައިލަން ހުރުމަށްފަހު އެކޮޓަރިން ނުކުމެ އޭނާގެ ކޮޓަރިއާ ދިމާއަށް ދުއްވައިގަތެވެ. ދޮރުހުޅުވައިލަމުން އެނދުގެ އެއްފަރާތުގައިހުރި ކުޑަ ކަބަޑު ހުޅުވައިލައި އޭގެން ތަޅުދަނޑިފައްޗެއް ނެގިއެވެ. އަދި މަޑުކޮށްލުމެއްވެސްނެތި އެނބުރިއައި ކޮޅަށް ދުއްވައިގަތެވެ.

ހިތްއަވަސްވެފައިހުރެ ރުހައިމްގެ ކޮޓަރީގެ ފާޚާނައިގެ ޑަބަލް ތަޅުދަނޑި ތަޅުވަޅަށްކޮށްޕައިލަމުން ތަޅުހުޅުވައިލިއެވެ. ފާޚާނަތެރެއަށް ވެއްޓިފައިއޮތް ރުހައިމް ފެނުމާއެކު ދެލޯބޮޑުކޮށްލަމުން އަވަސްހަރަކާތަކައިއެކު ރުހައިމް ގާތަށް ޖެހިލައި އޭނާ ނަގަން އުޅެގަތެވެ. އެހަށިގަނޑު ބިޔަކަމުން އުނދަގޫވިއެއްކަމަކު ހިތްވަރުކޮށްފައި ރުހައިމް ގޮވައިގެން އައިސް އެނދުގައި އޭނާ ބާއްވައިލިއެވެ. އަދި ވަގުތުން ރުހައިމް އަށް އެއްވެސް ގެއްލުމެއް ލިބިފައިހުރިތޯ ބަލައި ޗެކްކުރަން ފެށިއެވެ. ނިތްކުރިމަތީގައި ފަޅައިގެންގޮސްފައިހުރިތަން ރަނގަޅަށް ޗެކްކޮށްލުމަށްފަހު އެތަން ސާފުކޮށް ބޭސްއަޅަން އަވަސްވެގަތެވެ. ނަސީބަކުން ވެއްޓުނުގޮތުން ރުހައިމްގެ ނިތަށް އެހައިބޮޑު ޒަޚަމެއް ލިބިފައެއް ނެތެވެ. ހިތްހަމަޖެހުމުގެ ނޭވާއެއް ކާއިލްއަށް ދޫކޮށްލެވުނީ އެހުރިހައިކަމެއް ޔަގީންވުމުންނެވެ.

* * * * *

ޑަބަލް ޑެކް އެނދުގެ މަތީގައި އޮށޯވެލައިގެން އޮތް ލޫޔާގެ ވިސްނުމުގައިވީ މުސްކާން ދެއްކިވާހަކަތަކެވެ. އެކުވެރިޔާއަށްޓަކައި ކަންބޮޑުވެފައި އެތައްއިރަކު ވިސްނުމުގައި އޭނާ ހޭދަކޮށްފިއެވެ. ލޫޔާ އެންމެ ދެރަވަނީ ބޭނުންވިއަސް މުސްކާނަށް އެހީއެއްވެވެން ނެތުމުންނެވެ. އަމިއްލަ މަޖުބޫރީ ހާލާއި މެދުގައި ވިސްނިފައި ދެލޮލުން ކަރުނަ އޮހޮރެންފެށިއެވެ. ހިތާއިހިތުން މުސްކާންގެ ރައްކައުތެރިކަމަށްއެދި ދުޢާކޮށްލެވުނެވެ. ކުޑަވެސް ގެއްލުމެއް މުސްކާނަށް ލިބިއްޖެނަމަ އެކަމުގެ ހިތާމަ އޭނާ މުޅިއުމުރަށް އުފުލާންޖެހިދާނެއެވެ. ފުންނޭވައެއްދޫކޮށްލަމުން ކަރުނަތައް ފުހެލުމަށްފަހު އޮށޯވެއޮތް ފަރާތްނޫން އަނެއްފަރާތަށް ލޫޔާ އެނބުރިލިއެވެ. އެވަގުތު ތިރީގައި ގޮދަޑިއެއް އަޅައިގެން ނިދައިފައިއޮތް އޭނާގެ 8 އަހަރުގެ ކޮއްކޮއަށް ނަޒަރު ހުއްޓެވެ. ފުންނިންޖަކުން އަރާމުކޮށް ނިދައިލައިފައި އޮތްގޮތްފެނި ލޫޔާގެ މިލައިފައިވި މޫނުމައްޗަށް ލުއި ހިނިތުންވުމެއްގެ އަސަރު ވެރިވިއެވެ.

އެއާއިލާގައި ލުޔާގެ އިތުރުން ދެންވެސް ތިބެނީ ތިން އަންހެންކުދިންނެވެ. އެންމެ ދޮށީކުއްޖަކީ ލޫޔާއަށްވީއިރު އާއިލާގެ ޒިންމާތައްވެސް އުފުލަންޖެހިފައިވަނީ މިއަދު އޭނާއަށެވެ. ލޭގެ ކެންސަރުބަލީގެ ޝިކާރައަކަށް އޭނާގެ ބައްޕަވުމުންނެވެ. އާއިލާގައި އާމްދަނީއެއް ހޯދާނެ އިތުރުމީހަކު ނެތެވެ. ހިތްވަރާއެކު ކިޔެވުންނިންމައި ވަޒީފާއަށް ދާންފެށިފަހުން ބައްޕަގެ ބޭސްފަރުވާގެ ޚަރަދާއި ކޮއްކޮމެންގެ ކިޔެވުމުގެ ޚަރަދުތަކާއި ލޫޔާ ހަވާލުވީއެވެ. ދެކޮޓަރީގެ ކުޑަ އެޕާރޓްމަންޓެއްގައި އެއާއިލާ އުޅެމުންދިޔައީ ނުހަނު ދަތިހާލެއްގައެވެ. އެއްކޮޓަރީގައި މަންމައާއި ބައްޕަގެ އިތުރުން 3 އަހަރަށްދާ ލޫޔާގެ އެންމެ ކުޑަ ކޮއްކޮ އުޅެމުންދިޔައިރު ދެންތިބި ދެބޭންނާއިއެކު ލޫޔާ އުޅެމުންދިޔައީ ދެންޖެހިގެންހުރި ކޮޓަރީގައެވެ. އެހުރަގެއެއްކަހަލަތަނުން މުސްކާން ސަލާމަތްކޮށް އަމިއްލަ ހިޔާވަހިކަމުގެ ދަށަށް އޭނާ ގެންނަން ލޫޔާ ކިތަންމެހައިވެސް ބޭނުމެވެ. އެހެނަސް... އަދު ހާލަތު މަޖުބޫރުކުރާގޮތަށް ތަބާވުންނޫންހެން ގޮތެއް ލޫޔާއަކަށްވެސް ނެތެވެ. ކިތަންމެ ހިތްދަތިވިނަމަވެހެވެ.

* * * * *

އުނދަގޫ ގޮތަކަށް އެސްފިޔަތައް ތަޅުވައިލަމުން ރުހައިމް ދެލޯހުޅުވައިލިއެވެ. މަޑުތަންމަތީގެ އިހުސާސުކުރެވުމުން އެތަނަށް އާދެވުނުގޮތަކާއިމެދުގައި ހިތުގައި ސުވާލުއުފެދޭގޮތްވިއެވެ. އުނުގައިއޮތް ތުވާލީގެ ބަދަލުގައި އޭނާ އޮތީ ދޫ ސްވެޓްޕޭންޓެއް ލައްވައިފައެވެ. ބޮލުގައިހުރި ތަދުވެސް ކޮންމެވެސް ވަރަކަށް ލުއިވެފައިވާއިރު ހޮޑުލެވުނުކަމުގެ އެއްވެސް އަސަރެއް އެހަށިގަނޑުން ފައުޅުވާކަށް ނެތެވެ. ނިތަށްރޫއަރުވައިލި ވަގުތު ގަދަރިހުމެއް އިހުސާސުކުރެވި އެހިސާބުގައި ރުހައިމްއަށް އަތްޖައްސައިލެވުނެވެ. އެތަނުގައި ބޭސްގަނޑެއް އަޅައިފައިހުރިކަންވެސް އޭނާއަށް އެނގުނީ ދެނެވެ. އެއީ ކާއިލްގެ ކަމެއްކަން ޔަގީނާއި ގާތަށް ރުހައިމްއަށް އެނގުނެވެ. ވަށައިގެން ކޮޓަރީގެ އެތަން މިތަނަށް ނަޒަރުހިންގައިލެވުނީ އެތަނުގައި ކާއިލް ހުރިތޯ ބަލައިލުމުގެ ގޮތުންނެވެ. ކާއިލްގެ ހިލަމެއް އެކޮޓަރިން ފައުޅުވާން ނެތުމުން ނިތުގައި އަތްޖައްސައިލައިގެންއޮވެ އެތަނުން އުނދަގޫގޮތަކަށް ރުހައިމް ތެދުވިއެވެ.

ކޮޓަރީގެ ދޮރުހުޅުވައިލަމުން ތަބަކެއްގައި ތަށިތަކެއް އަތުރައިގެންހުރެ ކާއިލް ވަނީ އެވަގުތުއެވެ. އެނާގެ ނަޒަރު އެންމެ ފުރަތަމަވެސް ދަތުރުކޮށްލީ ރުހައިމްއަށެވެ. އެނދުގެ ހެޑްބޯޑުގައި ލެގިލައިގެން ރުހައިމް އިނުމުން ފަނޑުހިނިތުންވުމެއް ކާއިލް ހަދިޔާކޮށްލިއެވެ. އެއްއަތުން ތަބަކުގައިހިފައި މަޑުމަޑުން ދޮރުލައްޕައިލުމަށްފަހު ކާއިލް އައިސް ހުއްޓިލީ ރުހައިމް ގާތުއެވެ. އަދި ގުދުވެލަމުން އެނދުގެ އެއްއަރިމަތީގައިހުރި ސައިޑް ޓޭބަލް މަތީގައި އަތުގައިހުރި ތަބަށް ބަހައްޓައިލިއެވެ. ފުންނަޒަރަކުން ރުހައިމްއަށް ބަލައިލަމުން އޭނާގެ ހާލު މިހާރު ކިހިނެއްތޯ ކާއިލް ސުވާލުކޮށްލިއެވެ. ވަކިއެއްޗެއް ބުނުމެއްނެތި ރުހައިމް ބޯޖަހައިލީ ރަނގަޅުކަމުގައި ބުނުމުގެ ގޮތުންނެވެ.

"އެއްޗެއް ކާންވީނު.." އެނދުގެ އަރިމަތީގައި އިނށީދެ ހަމަޖެހިލަމުން ކާއިލް އެދުނެވެ. އެއާއެކު ރުހައިމްއަށް ބަލައިލެވުނީ ސައިޑް ޓޭބަލް މަތީގައިހުރި ތަބަކަށެވެ. އާވިއަރައަރައިހުރި ތަރުކާރީ ސޫޕްތައްޓެއްގެ އިތުރުން ކޮންމެވެސް ކަހަލަ ޖޫހަކާއި ފެންތައްޓެއް ތަބަކުތެރޭގައި ހުއްޓެވެ. ހަރަކާތެއްވެސްކޮށްނުލައި ރުހައިމް އިންނަންފެށުމުން ކާއިލް ގޮވައިލިއެވެ. އެއަޑަށް ކާއިލްގެ މޫނަށް ރުހައިމް ބަލައިލިއެވެ. އެދެލޮލުގައިވީ ކޮންފަދަ އަސަރެއްކަން ދެނެގަތުމަށް ކާއިލް ނުކުޅެދުނެވެ. ދެމީހުންކުރެ އެކަކަށްވެސް ބުނާނެ އެއްޗެއް ނޭނގި ހަމަހިމޭންކަމުގައި ވަގުތުކޮޅެއް ހޭދަވެގެންދިޔައެވެ.

"ބޮލުގަ ރިއްސާތަ؟" ބޭސްއަޅައިފައިހުރި ތަނަށް އިޝާރާތްކޮށް ކާއިލް އަހައިލިއެވެ. ލަސްލަހުން ރުހައިމް ބޯޖަހައިލީއެވެ.

"ނަސީބަކުން ޒަޚަމް އެހައިފުނެއްނޫން.. ފަހަންނުޖެހި ސަލާމަތްވިކަން ރަނގަޅު.. ހޮސްޕިޓަލަށް ނުގެންދިޔައީ އެހެންވެ.. ބަލިވެއުޅޭކަހަލަ ވާހަކައެއް ހައިމް ނުވެސްބުނަމެއްނު.." ރުހައިމް ބަހެއް ނުކިޔުމުން ދެންވެސް ވާހަކަދެއްކީ ކާއިލްއެވެ.

"ދެން ތިހެން ނީނދެ އޭގެން ސޫޕްފޮދެއް ބޯލަބަލަ.. ގައިގަ ވަރުވެސް ޖެހޭނީ އޭރުން.. ދޮންބެ އެހުރީ ހައިމްއަށް އެންމެ މީރު ތަރުކާރީ ސޫޕް ހަދައިފަ.. އަޅެ ރަހަބަލައިލަބަލަ.." ރުހައިމް ބަހެއް ނުކިޔާނެކަން އެނގޭއިރުވެސް ވާހަކަދެއްކުން ހުއްޓައިލާކަށް ކާއިލް ބޭނުމެއް ނުވިއެވެ. ދެމެދަށް ވެރިވާ ހަމަހިމޭންކަން އޭނާއަށް ކަމުނުދަނީއެވެ. އެހިމޭންކަމުގެ ސަބަބުން އުނދަގޫ އިހުސާސުތަކެއް ކުރެވޭތީއެވެ.

ތަބަކުގައިހުރި ސޫޕްތަށި ނަގައި ރުހައިމްއަށް ދިއްކޮށްލުމުން އޭގައި ނުހިފައި އިންނާކަށް ރުހައިމްއަކަށް ނުކެރުނެވެ. އިސްޖެހިފައި އިނދެ އެތަށީގައި އޭނާ ހިފުމުން ކާއިލްއަށް ހިތްހަމަޖެހުން ލިބުނެވެ. ކާއިލް ބަލަންއިނުމުން ހިތްވަރުކޮށްފައި އޭގެން ސަމްސަލެއް ނަގައި ރުހައިމް އަނގައަށްލިއެވެ. އޭގައިލީ މީރު ރަހައާއި އެކުގައި އޭނާއަށް ދެލޯމަރައިލެވުނީ ބޭއިޚުތިޔާރުގައެވެ. ރުހައިމްގެ ހަރަކާތްތައް ހުރިގޮތްފެނި އިސްޖަހައިލަމުން ކާއިލްވެސް ހިނިތުންވެލިއެވެ. އިރުކޮޅަކު އެގޮތުގައި އިނުމަށްފަހު އެބައަންނަން ކަމަށް ބުނަމުން އިންތަނުން ކާއިލް ތެދުވިއެވެ. އެއަޑުގައިވި ރިހުން ރުހައިމްއަށް ސިއްރެއް ނުވިއެވެ. އޭނާގެ ސަބަބުން ކާއިލް ހިތުޖެހިފައި ހުރިވަރު އިހުސާސުވެ އަމިއްލަ ނަފުސު ތަކުރާރުކޮށް ކުށްވެރި ކުރެވުނެވެ. ހިންދިރުވައިލަމުން އަތުގައިހުރި ތަށްޓައް ރުހައިމް ބަލައިލިއެވެ. ކާއިލްގެ ކޮންމެ އަމަލެއްގައި އޭނާއަށްޓަކައި ފޮރުވިފައިވި ފުން ލޯބި އޭނާއަށް ނުވިސްނުނީ ކީއްވެހެއްޔެވެ؟ ހަރުކަށިކަމާއެކު ދުވާލަކު އެތައް ފަހަރަކު ކާއިލްއާއި އޭނާ މުޚާތަބު ކުރިޔަސް، އަބަދުވެސް ކާއިލް އޭނާއާއި ވާހަކަދައްކަނީ ނުހަނު ލޯބިންނެވެ. އެބޭބެގެ ހިތުގައި އޭނާއަށްޓަކައިވި ލޯތްބާއިމެދު ރުހައިމްއަށް ވިސްނައިލެވުނީ ދެނެވެ. ފުންނޭވައެއް ދޫކޮށްލަމުން އޭނާއަށް ފުރަގަސްދިނުމަށްފަހު ހިނގައިގަތް ކާއިލްއަށް ދޮންބޭއޭ ކިޔައި ރުހައިމް ގޮވައިލިއެވެ.

އިވުނު އަޑާއިމެދުގައި ޔަގީންނުވެފައި ކާއިލް ހުރިތަނުގައި މަޑުޖެހިލިއެވެ. އެމޭރުމުން ރުހައިމް އޭނާއަށް ގޮވައިލި ދުވަހެއްވެސް ހަނދާނުގައި ނެތެވެ. ހިތްވަރުކުރިނަމަވެސް ދެލޮލަށް ކަރުނަތައް ޖަމާވެގަތެވެ. ތުންފަތުގައި ދަތްއަޅައިލަމުން އޭނާ ދުރަށް ނަޒަރުހުއްޓައިލިއެވެ.

"ކުރިންރޭ.. ދޮންބެ ދިން ނަސޭހަތްތަކާމެދު.. އަހަރެން.. ވަރަށް ވިސްނިން.." ރުހައިމް ބުނެލީ ކިރިޔާ އަޑުއިވޭ ވަރަށެވެ. އިވުނު ބަސްތައް ގަބޫލުނުކުރެވިފައި ކާއިލް އެނބުރި ރުހައިމްއަށް ބަލައިލިއެވެ. ކަރުނަތައް ވިދަމުންދިޔަ އެދެލޯ އަމާޒުވެލުމާއެކު ރުހައިމްއަށް އިސްޖަހައިލެވުނީ ކުށްވެރިއަކުފަދައިންނެވެ.

(ނުނިމޭ)

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!