ވާހަކަ

އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދިހަވަނަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ޓްރެއިލާ) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ފުރަތަމަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދެވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތިންވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ހަތަރުވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ހަތްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(އަށްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ނުވަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދިހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (އެގާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ބާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތޭރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސާދަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަނަރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސޯޅަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސަތާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ވިހިވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެކާވިސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ދިފާވުން އެދޭނީ... (ތޭވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައްބީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ހަތާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބައްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުރަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަހުބައި)

ހިތްއަވަސްވެފައިހުރެ ވަގުތުން ވީކީއްތޯ ލޫޔާ ސުވާލުކޮށްލިއެވެ. ތުންފިއްތައިލި މުސްކާން އިސްޖަހައިލަމުން ރޭގައި ހިނދައިދިޔަ ހާދިސާ ލޫޔާއަށް ކިޔައިދިނެވެ. ލުހާމްގެ ދެލޮލުން އެފެނުނު އަސަރު މުސްކާނަށް އޮޅުވައެއްނުލެވޭނެއެވެ. ހިތަށް ތަދުވަނީ އެފަދަގޮތަކަށް ލުހާމް އޭނާއާ ގާތްވާން މަސައްކަތްކުރީތީއެވެ.

Ads by Sosun Fihaara

"ލުހާމް ޑިޑް ވަޓް؟" ދެލޯބޮޑުކޮށްލަމުން ލޫޔާއަށް އެހެން އަހައިލެވުނީ އިވުނު ވާހަކަތައް ގަބޫލުކުރަން ދަތިވީވަރުންނެވެ.

މުސްކާންގެ ރުއިން އިތުރަށް ބާރުވެލިއެވެ. އެއާއެކު އަވަސްއަވަހަށް މުސްކާންގެ ގައިގައި ބައްދައިލަމުން ހިތްވަރުދިނުމަށް ލޫޔާ މަސައްކަތްކުރިއެވެ. ފަހަރެއްގައިވެސް ލުހާމްގެ ފުށުން އެފަދަކަމަކާއި މުސްކާނަށް ކުރިމަތިލާންޖެހިދާނެކަމަށް ލޫޔާއަށް ހީވެފައެއްނެތެވެ. ލިބުނު ޝޮކުގައި ބުނާނެ އެއްޗެއް ދުލާހަމައަށްވެސް ނައީއެވެ. އެހެނަސް އެރީތި މޫނުމަތިން ހިތްހަމަނުޖެހުމާއި ނުރުމުގެ އަސަރުތައް ފައުޅުވާން ހުއްޓެވެ. އެކުވެރިޔާއަށްޓަކައި ކަންބޮޑުވެފައި އޭނާ ވިއެވެ. ހަދާނެ ގޮތަކާއި މެދުގައި އެކިގޮތްގޮތަށް ވިސްނުން ހިންގެމުންދިޔައެވެ. އިރުއިރުކޮޅުން މުސްކާންގެ ކޮނޑުގައި އޯގާތެރިކަމާއެކު ފިރުމައިލަނީ އެހިތަށް ކުޑަނަމަވެސް ތަސައްލީއެއްލިބޭތޯއެވެ.

"ހުރިހައި ކަމެއް ރަނގަޅުތަ؟" ދެމީހުންގެ ފަހަތުން އިވުނު ފިރިހެންވަންތަ އަޑުން ސިހިފައި ލޫޔާ ފަހަތް ބަލައިލިއެވެ. ނޯށްދަމައިލަމުން އަވަސްއަވަހަށް ދެލޮލުން އޮހޮރެމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން މުސްކާން ފުހެލިއެވެ. މީހާ ހަމަޖެހިލަން އޭނާ މަސައްކަތްކުރަމުން ދިޔައިރު ހާސްވެފައި ލޫޔާ އިނީ އަދިވެސް ފަހަތުގައިހުރި މީހެއްގެ މޫނަށް ބަލާށެވެ.

"ލޫޔާ.. ވަޓްސް ރޯންގް؟ މުސްކާނަށް ކަމެއްވީތަ؟" ހުއްޓުންއަރައިފައި ލޫޔާ އިންނަންފެށުމުން ކަރުކެހިލަމުން އަނެއްކާވެސް ކާއިލް އަހައިލިއެވެ. އޭނާވެސް ހޮސްޕިޓަލުގެ ގޯތިތެރެއަށް ނުކުތީ ބޯހަމަޖައްސައިލުމުގެ ގޮތުންނެވެ. ހިނގަމުން ވަކިހިސާބަކަށް ދެވުނުތަނާ އަންހެންކުއްޖެއްގެ ރުއިމުގެ އަޑުން ހައިރާންވެފައި އެދިމާއަށް ކާއިލް އަށް އާދެވުނީއެވެ. ވެގެންއުޅޭގޮތެއް އޮޅުންފިލުވަން ބޭނުންވެފައި ހުރެއެވެ. ކުޑަކޮށްވެސް އެތަނުގައިތިބީ ލޫޔާ އާއި މުސްކާންކަމެއް އޭނާ ނުދެނަހުއްޓެވެ.

"އުމްމް.. ނޯ... އެއްވެސްކަމެއް ނުވޭ.." ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލަމުން ލޫޔާ ބުންޏެވެ. އެމޫނަށް ޖެއްސިވައްތަރު ގާތުގައިއިން މުސްކާންގެ ލޮލުގައި އަޅައިގަތުމާއެކު ފަނޑުގޮތަކަށް އޭނާއަށްވެސް ހިނިތުންވެލެވުނެވެ.

"ޔަގީންތަ؟ ހީވި މީހަކު ރޯއަޑު އިވުނުހެން.. އެނީވޭސް.. މުސްކާން ޔޫ އޯލްރައިޓް؟"

"ލައްބަ" އިސްޖަހައިގެން އިނދެ މަޑުމަޑުން ކާއިލްގެ ސުވާލަށް މުސްކާން ޖަވާބުދިނެވެ. ދެއަންހެންކުދިންނަށް ބަލައިލަމުން އެންމެ ރަނގަޅޭބުނެ އެތަނުން ކާއިލް ދިއައެވެ. ހަމަޖެހުމުގެ ނޭވާއެއް ލޫޔާއަށް ދޫކޮށްލެވުނީ ދެނެވެ.

"އަހަރެން ކުޑަކޮށްވެސް ހިއެއްނުކުރަން ޑޮކްޓަރ ކާއިލް މިތަނަށް އައިސްފާނެކަމަކަށް.. ހީޒް އޯލްވޭޒް ސޯ ސްވީޓް.. ބަލައިލާފަ މީހަކު ނުވެސްބުނާނެ އޭނާ އެއީ މިހޮސްޕިޓަލްގެ ވެރިޔާއޭވެސް.. ކިހައި ހިތްހެޔޮ.. އެއްވެސް ބޮޑާކަމެއްނެތް.." ކާއިލް ދިއުމުންވެސް އެދިމާއަށް ގެއްލި ހުސްވެފައި އިނދެ ލޫޔާ ބުންޏެވެ. ޓިޝޫއަކުން މޫނުފުހެލަމުން މުސްކާން ދެފަރާތަށް ބޯހޫރުވައިލިއެވެ.

"މުސް.. މިހާރު ރަނގަޅުތަ؟ ޕްލީޒް ގޭތެރޭގަ ވަރަށް ވިސްނައިގެން އުޅޭތި.. ލުހާމާއި އެކު އެއްވެސް ގޮތަކަށް އެކަހެރިނުވާތި.. ކަމެއްޖެހިއްޖެއްޔާ އަހަންނަށް ގުޅާތި.." މުސްކާންގެ އަތުގައި ހިފައިލި ލޫޔާގެ މޫނުމަތިން ކަންބޮޑުވުން ފައުޅުވެލިއެވެ.

"އަހަރެން ދެން އުޅޭނީ ވަރަށް ވިސްނައިގެން.." އަނެއްކާވެސް އެހާދިސާ ހަނދާންވެ މުސްކާންގެ ދެލޮލަށް ކަރުނަތައް ޖަމާވެގަތެވެ. "ދެޓްސް އިނަފް.. ދެން ހުއްޓާލާ.. އިރާދަކުރެއްވިއްޔާ ދެރަގޮތެއް މެދުވެރިއެއްނުވާނެ.. އަހަރެންވެސް މިހުރީނު.." ލޫޔާގެ ވާހަކަތަކަށް ލަސްލަހުން މުސްކާން ބޯޖައިލިއެވެ. ބްރޭކްގަޑި ނިމެން ކައިރިވިއިރު މުސްކާންވެސް އިނީ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިފައެވެ. ކުޑަނަމަވެސް ހަމަޖެހުމެއް ލޫޔާއަށް ލިބުނީ އެތުންފަތުގައިވި ލުއި ހިނިތުންވުންފެނިފައެވެ. ހިތުގައި އަދިވެސް ހަމަނުޖެހުންވިއަސް އެކަން ފައުޅުކޮށް އިތުރަށް މުސްކާންގެ މޫޑު ޚަރާބުކުރާކަށް ލޫޔާ ބޭނުމެއް ނުވިއެވެ.

ތަންކޮޅެއް ދުރުގައިހުރި ގޮނޑިއެއްގައި އިނށީދެލައިގެން ދެކުދިންގެ ހަރަކާތްތަކަށް ބަލަން ކާއިލް އިނެވެ. އެތަނުން ޚާއްސަކޮށް އޭނާގެ ސަމާލުކަންވީ ލޫޔާއަށެވެ. އޭނާ ގަޔައިވާފަދަ މައުސޫމުގޮތެއް އެއަންހެންކުއްޖާގެ ކިބައިގައިވެއެވެ. އޭނާ ފެންނަކޮންމެ ފަހަރަކު އެރީތި މޫނަށް އަރައިފައިބާ ކުލަވަރު ކާއިލްއަށް ފާހަގަވެއެވެ. ލޫޔާގެ ހިތުގައިވެސް އޭނާއަށްޓަކައި ކޮންމެވެސް ޚާއްސަކަމެއް ދެވިފައިވިހެން ކާއިލްއަށް ހީވެއެވެ. ނޭނގިނަމަވެސް ކާއިލްއަށްވެސް އެއަންހެންކުއްޖާ އަންނަނީ ޚާއްސަވަމުންނެވެ. އެހެނަސް ނަހަމަގޮތުގައި އެދެމެދުގައި އެއްވެސް ގުޅުމެށް ބާއްވަން އޭނާ ނޭދެއެވެ. ލޫޔާގެ އިޝާރާތްތައް ނުފެންނަކަމަށް ހެދެނީ އެހެންވެއެވެ. ރީތިގޮތުގައި ކައިވެނީގެ މަތިވެރިގުޅުމަކަށް ދާން ހިތްއެދުނަސް، އަމިއްލަ ދިރިއުޅުމަށްވުރެ ކޮއްކޮގެ ދިރިއުޅުން މުހިންމުވެފައިވުމުން އެއިން ކަމަކާއި ވިސްނާނެ ވަގުތެއް އޭނާއަށް ނުވަނީއެވެ. ރުހައިމްގެ އުޅުމަށް ކުޑަވެސް ބަދަލެއް ނާންނަނީސް އެފަދަ ގުޅުމަކަށްދާކަހަލަ ޚިޔާލެއް ކާއިލްގެ ނެތެވެ. ލޫޔާއާއި އަމިއްލަ ނަފުސާއި ދެމެދު ދުރުކަމެއް ބެހެއްޓުމަށް އޭނާ އިސްކަންދެނީ އެހެންވެއެވެ. މާދަންވެސް ކަންތައްވާނެ ގޮތެއް ބުނަންއެނގެނީ ކާކަށްހެއްޔެވެ؟ ދިރިއުޅުމަކީ ހީވެސްނުކޮށްހުއްޓައި ހިނދުކޮޅެއްގެ ތެރޭގައި ބަދަލުވެދާ އެއްޗެކެވެ.

އަތުގައިހުރި ކުޑަ ކޮފީތަށިން އެތިފޮދެއް ކާއިލް ބޯލިއެވެ. ކޮފީގެ އެތިފޮދު އަރުތެރޭން އެތެރެވުމާއެކު ސިކުނޑިއަށް ލިބިގެންދިޔައީ ހަމަޖެހުމެވެ. ހިނދުކޮޅަކަށްވިއަސް ސިކުނޑިއަށް ބާރުކުރަމުންދިޔަ ޚިޔާލުތަކުން ދުރުވެ ލުއިވިފަދަ އިހުސާސެއް ކުރެވުނެވެ. ގަމީސްމަތިން ލައިގެން އައި ނޫކުލައިގެ ކޯޓު ބެންޗުގެ އެއްފަރާތުގައި ބާއްވައިލައިފައި އޮތެވެ. ބެންޗްގައި ހަމަޖެހިލަމުން ކަރުގައިއޮތް ނޫކުލައިގެ ޓައީ ކުޑަކޮށް ދޫކޮށްލިއެވެ. އަމިއްލަ ދުނިޔެއަކަށް ގެއްލިފައި ވަށައިގެން ފެންނަމުންދިޔަ މަންޒަރުތަކަށް ބަލަން ކާއިލް އިނެވެ. އޭރު ކޮންމެވެސް ވަރަކަށް ހިމަފޮދު ވާރޭ ވެހެމުންދިޔައެވެ. އިނށީދެއިން ބެންޗްގެ ފަހަތުގައިހުރި ބޮޑުބިޔަގަހުން ވާރޭގެ ކުދިހަމަލާތަކުން އޭނާ ސަލާމަތްވެފައިވިއެވެ. ޖެހިލި ފިނިރޯޅިއަކާއެކު ކާއިލް ދެލޯމަރައިލީ ލިބުނު ބަޔާންކުރަންދަތި ހަމަޖެހުމަކުންނެވެ.

* * * * *

ވަށައިގެން ފެންނަމުންދިޔައީ ކަނުއަނދިރިކަމެވެ. އަލަށް އިމާރާތްކުރަން ފަށައިފައިވާ އިމާރާތެއްކަން ބަލައިލުމުން އެނގޭހައިވެއެވެ. އެތެރަށް ވަދެގެން ދާއިރު ހަވަނަ ފަންގިފިލާގައި ހިމަގޯޅިގަނޑެއްގެ އެންމެ ބިތްދޮށުގައިހުރި ކޮޓަރިން ފަނޑު އަލިކަމެއްގެ އަސަރު ފައުޅުވާން ހުއްޓެވެ. ސިއްރުން ކޮންމެވެސް ބަޔަކު ވާހަކަދައްކާކަހަލަ އަޑުތަކެއް އެކޮޓަރިން އިވެމުންދިޔައެވެ.

ގޯޅިގަނޑުގެ މެދުގައި ދެޖީބަށް އަތްޖަހައިލައިގެން ހުއްޓިހުރި ރުހައިމް ފުންނޭވާއެއްދޫކޮށްލިއެވެ. ކޮންމެވެސް ކަމަކަށް އަމިއްލަ ނަފުސު ތައްޔާރުކޮށްލިފަދައެއެވެ. މޫނުމަތީގައި ކުޑަޖެހިލުންވުމެއްގެ އަސަރު ފައުޅުވާން ހުއްޓެވެ. ކުދިފިޔަވަޅުތަކެއްގައި އައިސް އެކޮޓަރީގެ ދޮރުމަތީގައި ރުހައިމް ހުއްޓިލިއެވެ. އެތެރޭގައިހުރި ބިޔަ ގޮނޑިއެއްގައި އިނށީދެއިން މީހެއްގެ ލޮލުގައި ރުހައިމް އަޅައިގަތުމާއެކު އަތުގެ އިޝާރާތުން އެތެރެއަށް ވަނުމަށް އަންގައިލިއެވެ. އެމީހެއްގެ މޫނުމަތީގައިވީ ފުޅާހިނިތުންވުމެކެވެ. ރުހައިމް ފެނުމުން ފަނޑުއަލީގައިވެސް އެދެލޮލޯ ވިދައިގަތެވެ. ހިނިއައިސްފައި ރުހައިމްއަށް ބަލަން އިނީ ފަޚުރުވެރިވެފައި އިންފަދަ ގޮތަކަށެވެ.

"ރުހައިމް.. ދުރުނުހުރެ އަހަރެމެންނާ ބައިވެރިވާން އާދެބަލަ.. މިއުފަލުގަ ބައިވެރިވުން އެންމެ ހައްގުކަންބޮޑީ ރުހައިމް.. ހެހެ.. އެންމެފަހުން މިކުރި ވިޔަފާރިން އެންމެބޮޑު ފައިދާއެއް އަހަންނަށް ހޯދައިދިނީ ކަލޭ.. އަހަރެންގެ އެންމެ ގާތްމީހެއް ގޮތުގަ ކަލޭ ގެންގުޅެނީ ކީއްވެކަން މިފަހަރު މިތިބަ މީހުނަށްވެސް ވިސްނޭނެ.." ހިނިއައިސްފައި ތެދުވެ ރުހައިމްގެ ކޮނޑުގައި ޖަހައިލަމުން އާރަމް ބުނެލިއެވެ. އޭނާއާއި ޖެހިގެން ހުހަށްހުރި ގޮނޑިއަށް އިޝާރާތްކޮށްލަމުން އަނެއްކާވެސް އިހުއިންތަނުގައި އާރަމް އިނށީނެވެ. މީހަކަށް އިޝާރާތްކޮށްލުމާއެކު ދިއްކޮށްލި ބިއްލޫރި ތައްޓައް އަތުގައިހުރި ފުޅިން އެތިފޮދެއް އެޅުމަށްފަހު ރުހައިމްއަށް ދިއްކޮށްލިއެވެ. ދެޚިޔާލެއްގައި އިންފަދަގޮތަކަށް ރުހައިމް އެތަށީގައި ހިފިއެވެ. އެހެނަސް އޭގެން އެންމެ އެތިފޮދެއްވެސް ބުއިމުގެ ޝައުގެއް އޭނާގެ ނެތެވެ. ރުހައިމްގެ މި ތަފާތުކަން ފާހަގަވެ އާރަމްގެ މޫނުމަތީގައިވި ކުލަވަރު ހިނދުކޮޅެއްގެ ތެރޭގައި ބަދަލުވިއެވެ.

ރުހައިމް އެތަނަށް ވަނީއްސުރެ އޭނާއަށް ބަލަހައްޓައިގެން ދުރުގައި ހުރި ހާއިޝްގެ މޫނުގައިވީ ނުރުހުމެވެ. އެދެލޯ ރުހައިމްގެ އެންމެ ކުދިކުދި ހަރަކާތްތަކަށް ދާންދެން ހުއްޓެމުންދިޔައެވެ. އާރަމް ދެއްކި އެއްވެސް ވާހަކައަކަށް ރަށްދުދިނުމެއްނެތި ރުހައިމް އިންނަންފެށުމުން އެގޮތް ހާއިޝްއަކަށް ކަމަކުނުދިޔައެވެ. މީހާގެ ބުއްދީގެ މައްޗަށް ރުޅިވެރިކަން ގަދަވެގަތުމާއެކު ހަޅޭއްލަވައިގެންފައި އަތުގައި ހުރި ތަށި ބިންމައްޗަށް ޖެހިއެވެ. ތަޅައިގެންދިޔަ ބިއްލޫރި ތަށީގެ އެތިކޮޅުތައް އެކިދިމަދިމާއަށް ބުރައިގެންދިޔައިރު އެއަޑު އެމުޅިތަނުގައި ގުގުމައިގަތީ ހީކުރިވަރަށްވުރެ ބާރަށެވެ. ހައިރާންވެފައި އާރަމްވެސް ހާއިޝް އެހެންކަންތައްކުރި ސަބަބަކާއި މެދުގައި ސުވާލުއުފެދިފައި އިނެވެ.

"ކަލޭ ކިހިނެއްވެގެންތަ ތިއުޅެނީ..؟ އާރާ ވާހަކަދައްކާ އަޑުވެސް ކަލެއަށް ނީވޭހައި ބީރުވީތަ؟" ހަޅޭއްލަވައިގަންނަމުން ރުހައިމްއާއި ދިމާއަށް ހާއިޝް ފިޔަވަޅެއްއަޅައިލުމާއެކު އޭނާ ގާތުގައިހުރި މީހާ ބާރަށް ހާއިޝްގެ ކޮނޑުގައި ހިފެހެއްޓިއެވެ.

"ހާއްޓެ.. ކަލޭ އެހަށް ހަމަޖެހިބަލަ.. މިރެއަށްވާވަރަށް ކަލެއަށް ބޭނުންކުރެވިއްޖެހެން އަހަންނަށް ހީވަނީ.." މޫނުމަތީގައިވި ސީރިއަސްކަން ފިލުވައިލަމުން މަޖާވެލައިފައި އާރަމް ބުނެލިއެވެ. އަދި އިސްޖެހިފައި އިން ރުހައިމްއަށް ފުންނަޒަރަކުން ބަލައިލިއެވެ.

"މިރޭ.. އަހަރެންގެ މިއުފަލުގަވެސް ބައިވެރިނުވާންތަ ތިއިންނަނީ؟.. ތީގެން އެތިފޮދެއް ބޯލަބަލަ.. މީހާ ހަމައަކަށް އެޅިދާނެ.. ތިހިތްހަމަނުޖެހުން ފިލައިފާނެ.."

"އާރާ.. އަހަރެން ބޭނުން ވާހަކައެއްދައްކާލަން.." އާރަމް ދެއްކިވާހަކަތަކަށް އެއްވެސް ސަމާލުކަމެއް ދިނުމެއްނެތި ރުހައިމް ފެށީ މުޅިން އެހެންވާހަކައެކެވެ. ނިތްއަރުވައިލަމުން ގޮނޑީގައި ލެގިލުމަށްފަހު އާރަމް އެދުނީ އެވާހަކައެއް ބުނުމަށެވެ. އެމޫނުން ބޮޑާކަމާއި ކިބުރުވެރިކަން ފައުޅުވާން ހުއްޓެވެ. ވަށައިގެންތިބި އޭނާގެ އެކުވެރިންނަށް ރުހައިމްއަށް ނަޒަރެއް ދެވުނެވެ. ބުނެވެން މިއުޅެނީ އެތަނުން އެކަކުވެސް ރުހޭނެފަދަ ވާހަކައެއްނޫންކަން ރުހައިމްއަށް އެނގެއެވެ. އެހެނަސް ދެން އެންމެ ސުކުންތެއްވެސް ލަސްކުރާކަށް އޭނާ ބޭނުމެއްނުވެއެވެ. ހިތުގައިވި ރޭވުމާއި އެއްފަދައިން އަމަލުކުރަން ރުހައިމް އަވަސްވެގަތެވެ. ކަރުކެހިލަމުން އަތުގައިހުރި ތަށި ކުރިމަތީގައިހުރި ކުޑަ މޭޒުމަތީގައި ބަހައްޓަމުން ރުހައިމް އާރަމްއަށް ބަލައިލިއެވެ. އޭނާ ބޯޖަހައިލީ ދެވަނަ ފަހަރަށްވެސް އެވާހަކައެއްދެއްކުމަށް ހުއްދަދެމުންނެވެ.

"އާރާ... އަހަރެން.. މިގޭންގްއިން ވަކިވަން ނިންމައިފިން.." ދެއަތްޖޯޑުކޮށްލަމުން ރުހައިމް އާރަމްއާ ކުރިމަތިލީ ކެރިގެންނެވެ. އެއަޑުގައި މިއިންދުވަހަކުވެސް ނުވާފަދަ ޖޯޝެއް އެކުލެވިފައިވިއެވެ.

"މަށަށް އޭރުވެސް އެނގޭ މިކަހަލަ ކޮންމެވެސް ހަޑިއެއް ކަލޭ ހާވާނެކަން.. އެހެންވެ އޭރުވެސް އަހަރެން އާރާ ގާތުގަ މިއެއްޗަކުގެ ދުވަސް ދުއްވައިލަން ބުނީ..." ރުޅިއައިސްގެންގޮސް ހާއިޝް ތުރުތުރުއަޅައިގަތެވެ. އޭނާ ގާތުގައިތިބި މީހުންވެސްތިބީ އިވުނު ވާހަކަ ގަބޫލުކުރަން ދަތިވެފައެވެ. އެފަދަ ހިތްވަރެއްކުރަން ރުހައިމްއަށް ކެރުނުކަމާއިމެދު ސުވާލުއުފެދިފައެވެ.

* * * * *

ޖެހިގެންހުރި ފިހާރައިން މުސްކާން ނުކުތްމަންޒަރުބަލަން، ގޭގެ ދޮރުމަތީގައިހުރި ލުހާމް ނިތުގައި އަތްއުނގުޅައިލަމުން މުސްކާނާއި ކުރިމަތިލާނެ ގޮތަކާއި މެދުގައި ވިސްނައިލިއެވެ. ގޭގެ ދޮރާއި ނިވައިވެލަމުން މުސްކާން ގެއަށް އަންނާނެ އިރެއްގެ އިންތިޒާރުގައި އޭނާ ހުރިކަހަލައެވެ. އޭރު ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އެމޫނުމަތިން ފައުޅުވަމުންދިޔައެވެ. ރޭގައި އެދެމެދު ކަންތައް ހިނގައިދިޔައީ އެއްގޮތަކަށްވެސް ލުހާމް ރޭވިގޮތަކަށް ނޫނެވެ. ދެމެދުގައި ވަރުގަދަ ގުޅުމެއްނެތި މުސްކާން ޝިކާރަކުރުމަކީ އެހައި ފަސޭހަކަމަކަށް ނުވާނެކަން އޭނާގެ ޟަމީރު ބުނެލިއެވެ. ކޮންމެހެންވެސް މުސްކާންގެ ކިބައިން މަޢާފަށްއެދި އައު ފެށުމަކުން ފަށަން ލުހާމް ބޭނުންވެއެވެ. އޭނާގެ އެދުމާއި މުސްކާން ދެކޮޅުވެއްޖެނަމަ ދެންޖެހޭނީ ގަދަބާރުން އޭނާގެ މަގުސަދު ހާސިލްކުރާށެވެ. އެހެނަސް އެއީ އެންމެ ފަހުގެ ހަމަލާއެވެ. އޭގެކުރިން މުސްކާންގެ ރުހުމުގައި އޭނާގެ އެދުން ފުރިހަމަކުރެވޭތޯބަލަން ލުހާމް ބޭނުންވެއެވެ. ގަދަބާރު ދައްކައިފިނަމަ އާއިލާ ކުރިމަތީގައި އޭނާ ފަޟީހަތްވެދާނެތީ އެކަމާއިވެސް އޭނާ ވިސްނަންޖެހެއެވެ. ރީތިގޮތުގައި މުސްކާނާއި ކުރިމަތިލާން ބޭނުންވަނީ އެހުރިހައި ކަމަކާއިމެދުގައި ވިސްނައިފައެވެ.

އިސްޖަހައިގެން ލަސްހިނގުމެއްގައި މުސްކާން އައިސް ގެއަށް ވަނެވެ. ރޭގަނޑުގެ އެވަގުތު ގޯތިތެރެއަށް ވެރިވެފައިވި ހިތްގައިމު ފަނޑުއަލިކަން މުސްކާނަށް ކަމުދިޔައެވެ. ގޯތީގެ އެކިހިސާބުގައި އިންދައިފައިހުރި ގަސްތަކަށް ނަޒަރުހިންގަމުން އޭނާ ވަކިހިސާބަކަށް ދިޔަތަނާ ފަހަތުން ލުހާމްގެ އަޑުއިވި ގައިގައިހުރި ލޯލިތައް ކޮޅަށްޖެހިގެން ދިއައެވެ. ހިންދިރުވައިލުމާއެކު ހިނގުން ބާރުކޮށްލަން މުސްކާން އުޅުނު ވަގުތު ދުވެފައިކަހަލަ ގޮތަކަށް އައިސް ލުހާމް އޭނާގެ ކުރިބެއްދިއެވެ.

"މުސްކާން ޕްލީޒް... މަޑުކޮށްބަލަ.. އަހަރެން މަޢާފަށް އެދެން ބޭނުން.." ކުށްވެރިކަމުގެ ކުލަވަރު މޫނުމައްޗަށް ވެރިކޮށްލަމުން ލުހާމް މަޑުމަޑުން ބުނެލިއެވެ. އިވުނު ވާހަކަތަކާމެދުގައި ޔަގީން ނުވެފައި މުސްކާން ހުއްޓެވެ. އެހެނަސް ލުހާމްގެ ވާހަކަތަކާއި ވިއްދައި އެއްވެސް އެއްޗެއް ބުނާކަށް މުސްކާން ނޫޅުނެވެ.

"ޕްލީޒް.. އަހަންނަށް އެނގޭ ރޭގަ ކަންތައްކުރެވުނީ އެއްގޮތަކަށްވެސް ރަނގަޅަށް ނޫންކަން.. ނޭނގެ އެފަދަގޮތަކަށް އަހަރެންގެ އަމަލުތައް ހައްދުން ނައްޓައިގެން ދާންވީ ސަބަބެއް.. ޓްރަސްޓް މީ.. އަހަންނަށް ހީވަނީ ރޭގައި މާބޮޑަށް ބޮލުގަ ރިއްސާފަހުރީމަ ވީގޮތެއްހެން އެއީ.. އެއްގޮތަކަށްވެސް އަހަރެންގެ އަމަލުތަކާމެދު އެގަޑީގަ ވިސްނާނުލެވުނު.. ވަރަށް ބޮޑަށް މަޢާފަށް އެދެން.. އަހަރެންގެ ކުށް ގަބޫލުކުރަން.. އެނގޭ މިހެން ބުންޏަސް މުސްކާނަށް ގަބޫލުކުރަންވެސް އުނދަގޫވާނެކަން.. އުއްމީދުވެސް ނުކުރާފަދަ ގޮތަކަށް ވިއްޔަ ރޭގަ އަހަންނަށް އުޅެވުނީ.. ބަޓް ޓްރަސްޓް މީ.. ދެން ދުވަހަކުވެސް އެފަދަކަމެއް ތަކުރާރެއް ނުވާނެ.. ޕްލީޒް އަހަންނަށް މަޢާފުކުރޭ.." މުސްކާނާއި ގާތަށް ފިޔަވަޅެއް އަޅައިލަމުން ލުހާމް ދެރަވެފައި ބުނެލިއެވެ. އެއަޑުގައިވި އަސަރުން ހިނދުކޮޅަކަށް ލުހާމްގެ ވާހަކަތައް މުސްކާނަށް ގަބޫލުކުރެވޭގޮތް ވިއެވެ. ނަމަވެސް ދެވަނަ ސުކުންތު ލޫޔާ ދިން ނަސޭހަތުގެ މަތިން ހަނދާންވެ އިސްޖަހައިލިއެވެ.

"މަޢާފު ނުކުރާނަންތަ؟ ތީ އެހައި ހިތްހަރު ކުއްޖެއްވެސް ނޫން.." ގުދުވެލަމުން މުސްކާންގެ މޫނަށް ނަޒަރު ސީދާކޮށްލުމަށްފަހު ލުހާމް އަހައިލިއެވެ. ދެފަރާތަށް ބޯހޫރައިލުމަށްފަހު އަނގައިން ބުނުމެއްނެތި އެތަނުން ދިއުމަށް މުސްކާން އުޅުނެވެ.

"މަޢާފު ކޮށްފިއްޔާ ދެން އަހަރެމެން ދެމެދުގަ މިއޮތް ދުރުކަން ކަނޑައިލާ އެކުވެރިވާންވީނު.." ހިތްއަވަސްވެފައި ލުހާމް އަނެއްކާވެސް ބުންޏެވެ. ފަސްއެނބުރި ލުހާމްގެ މޫނަށް އެއްފަހަރު ބަލައިލިއަސް މުސްކާން އަނގައިންނެއް ނުބުނެއެވެ. އެވާހަކަތައް އަޑުއިވުނުކަމަށް ނުހަދައި އެތަނުން އޭނާ ދިއުމުން ލުހާމްގެ މޫނަށް ރުޅިވެރިކަން ވެރިވެގަތެވެ.

"ފޮނި ކުއްޖެއް.. ތިމާއަށް ތިމާ ފެނިފަ އެހުރީ... ހުއް... ނޭނގުމެއްގެ ތެރޭގައިވިއަސް ބާރުގެ ބޭނުންކުރަން އަހަންނަށް މަޖުބޫރު ތިކުރަނީ މުސްކާން.. ތިހައި ފަސޭހައިން އަހަރެންގެ އަތްދަށުން ސަލާމަތެއް ނުވެވޭނެ.. ރުހުމުގަ ނުލިބުނިއްޔާ ނުރުހުމުގަވިއަސް އަހަރެންގެ މަގުސަދު ހާސިލް ކުރާނަން.. ފުރަގަސްދީފަ ތިގޮތަށް ދެވޭތޯ އޭރަށް އަހަރެން ބަލާނަމޭ.." ދަތްކުނޑި ވިކައިލައިގެންހުރި ލުހާމް ހިތާއިހިތާ ބުނެލިއެވެ. ކުރިއަށް ކަންތައްތައް ކުރާނެގޮތް ރާވައިލަމުން ތުންފަތަށް ނުލަފާ ހިނިތުންވުމެއް އޭނާ ވެރިކޮށްލިއެވެ.

* * * * *

"ހާއްޓެ.. ކަލޭ އަނގަމަޑުން ލައިގެން ހުރެބަލަ.. ރުހައިމް އެވާހަކަދައްކަނީ ކަލެއަކާ ނޫނޭ.. އަހަންނާ.. އެހެންވީމަ ކަލޭ ތިތަނުގަ މައިތިރިވެގެން ހުރެބަލަ.." ރުހައިމްއަށް ބަލަން އިނެއްކަމަކު އާރަމްގެ ބަސްތައް އަމާޒުވީ ހާއިޝްއަށެވެ. އެއަޑުގައިހުރި ހަރުކަށިކަން އިހުސާސުވެ ހާއިޝް މައިތިރިވާގޮތްވިއެވެ.

"އަހަންނަށް އަހައިލެވިދާނެތަ ރުހައިމް އަހަރެމެންނާ ވަކިވަން ބޭނުންވަނީ ކީއްވެތޯ؟" އަތުގައިހުރި ތަށި ތުނބުގައި ޖަހައިލަމުން ގާތްގޮތަކަށް އާރަމް އަހައިލިއެވެ.

"އަހަރެންގެ ސަބަބު ކޮންމެ މީހަކަށް އެންގުމުގެ އެއްވެސް ނިޔަތެއްނެތް.. އަހަރެން އެގޮތަށް ނިންމީމަ އެކަން ހަމައެކަނި އާރާއަށް އަންގައިލާން ބޭނުންވީ.." އިރުކޮޅެއްގެ ހިމޭންކަމަށްފަހު ރުހައިމް ބުނެލިއެވެ. އެއަޑުގައިވި ޖެހިލުންކުޑަކަން ޚުދު އާރަމްވެސް ހައިރާންކުރުވިއެވެ. ބާރުހިނިގަނޑެއް ޖަހައިލަމުން އާރަމް އެއްފައި މައްޗަށް އަނެއްފައި އަރުވައިލައި ހަމަޖެހިލިއެވެ.

"އެންމެ ރަނގަޅު.. އަހަރެން ކަލޭ ދޫކޮށްލަފާނަން.. އެކަމަކު ޝަރުތެއްގެ މަތިން.. ކަލެއާއި މިވަގުތު ހަވާލުކުރެވިފައި އޮތް ވިޔަފާރީގެ ކަންތައް ނިންމާ.. މިއަށްވުރެ ބޮޑު ފައިދާއަކާއެކު އަހަރެންގެ ގާތަށް އާދޭ.. އޭރަށް އަހަރެން ކަލޭގެ ތިއެދުން ހެޔޮހިތުން ގަބޫލުކުރާނަން.. ރީތިގޮތުގަ މިކަން ނިންމަން ބޭނުންނަމަ ރުހައިމް އަހަރެން މިބުނިފަދައިން ކަންތައްކުރޭ.. އެންމެ ރަނގަޅެއްނު.." ސީރިއަސްވެލަމުން އާރަމް އޭނާގެ އެދުން ހާމަކޮށްލިއެވެ. އެހައި ފަސޭހައިން އާރަމް އެކަމަށް އެއްބަސްވުމުން ރުހައިމް ސުވާލުއުފެދޭގޮތްވިއެވެ. އާރަމްއަކީ ކޮންކަހަލަ މީހެއްކަން އޭނާ ދަނެއެވެ. ގާތުގައިއުޅޭ އެއްވެސް މީހަކު އެހައި ފަސޭހައިން ދޫކޮށްލުމަކީ އާރަމްގެ ގޮތެއްނޫނެވެ. ޝައްކުގެ އޮއެވަރެއް ހިތުގައި ދުވެލިއެއްކަމަކު ރުހައިމް މަޑުމަޑުން ބޯޖަހައިލީ އެކަމާއި އެއްބަސްވުމުގެ ގޮތުންނެވެ.

ނުރުހުމުގެ އަޑެއް ހާއިޝް ލައްވައިލިނަމަވެސް އާރަމް ހިތްލައިލި އަތްތިލަ ފެނިފައި އަމިއްލަ ނަފުސު ކޮންޓްރޯލް ކުރިއެވެ. ރުހައިމްގެ ގާތުގައި ދެންދިއަސް އެންމެ ރަނގަޅުކަމުގައި އާރަމް ބުނެލުމާއެކު އިންތަނުން ތެދުވެ އެތަނުން ނުކުންނަން އޭނާ ހިނގައިގަތެވެ. ރުހައިމް އެތަނުން ދިއަކަން ޔަގީންވުމާއެކު ގާތުގައިހުރި މީހާ ފޮޅައިލުމަށްފަހު ހާއިޝް އައިސް އާރަމްގެ ކުރިމަތީގައި ހުއްޓިލިއެވެ.

"އާރާއަށް ތިކުރެވުނު ކަމެއް އެބަ އެނގޭތަ؟ އެހައި ފަސޭހައިން އޭނާ ދޫކޮށްލަން ހަމަ ނިންމީތަ؟" ނުރުހުމުގެ އަސަރު އަޑުގައިވިއަސް ހަރުކަށިކަން ދައްކާކަށް ހާއިޝްއަކަށް ނުކެރުނެވެ. ދޮރުމަތީގައި ރުހައިމް ގޮއްސިކަން ޔަގީންކުރަން ހުރިމީހާ އާރަމްއަށް ބޯޖައިލުމާއެކު އޭނާ ހާއިޝްއަށް ސަމާލުކަން ހުއްޓައިލިއެވެ.

"ހަހަހަ.. ހާއްޓެ މޮޔަވީތަ؟ އަހަރެންގެ ހުރިހައި ސިއްރުތަކެއް އެނގޭ މީހަކު އެހައިފަސޭހައިން އަހަރެން ދޫކޮށްލާނެތަ؟" ނުރައްކާތެރި ވިދުވަރެއް ކުއްލިއަކަށް އާރަމްގެ ދެލޮލުން ފައުޅުވެލިއެވެ.
(ނުނިމޭ)

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!