އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތިންވަނަ ބައި)
▾ މި ވާހަކައިގެ ޢަދަދުތައް
"ރޭގަ ތިބާ.. ހުވަފެނުގަ ދުށީމޭ..
ރީތިކަމުން ފުން ލޯބިވިއޭ..
ފަތިހުގެ ޝަބުނަމް.. ނާޒުކް މޫނުން..
ޗާލު ހަނދެއްހެން ފާޅުވިއޭ.."
ދާދިގާތުން އިވުނު ފިރިހެންވަންތަ އަޑުން ސިހިފައި މުސްކާން އިސްއުފުލައި ބަލައިލިއެވެ.
ގާތުގައި ހުއްޓިހުރީ މީގެ ކުރިން އޭނާ ނުދެކޭ ޒުވާނެކެވެ. ހުރިގޮތުން މުސްކާންގެ ހިތް ބިރުގަންނަގޮތްވިއެވެ. ހިނިއައިސްފައި ހުރިއިރު އެމީހަކަށް މުސްކާން އެނގޭކަހަލައެވެ. ބޮޑު ތުނބުޅިއާއި މަތިމަހުގެ ސަބަބުން މޫނުމަތީގެ ބޮޑުބައެއް ފޮރުވިފައިވުމުން އެއީ ކާކުކަން ދެނެގަންނަން އުނދަގޫވާގޮތްވިއެވެ. ކޮނޑާއިހަމައަށް އަންނަ ފަންދިގު އިސްތަށިގަނޑުން ބައެއް ކޮނޑުމައްޗަށް ވެއްޓިފައިއޮތްއިރު މޫނުގެ ދެފަރާތްވެސްވަނީ އިސްތަށިގަނޑުގެ ބަޔަކުން ނިވައިވެފައެވެ. ލައިގެންހުރި ކަކުލަށްވުރެ ތިރިއަށްއަންނަ ބޮޑު ޓީޝާރޓް އެހަށިގަނޑަށް މާބޮޑަށްވެސް ދޫވާނެކަން ބަލައިލައިފައި މުސްކާން ދެނެގަތެވެ. ލައިގެންހުރި ޖިންސްގެ ކަށްގަނޑު ކަކުލާއި ހަމައަށް ފައިބައިފައިހުރިއިރު އެކިދިމަދިމާލުން ދެތިންތަން ފަޅައިފައިހުއްޓެވެ.
އިރުކޮޅަކު އެޒުވާނާއަށް ބަލަން ހުރުމަށްފަހު އަޅައިނުލާ މުސްކާން ހިނގުންބާރުކޮށްލިއެވެ. އެއާއެކު މުސްކާނާއި އެއްވަރަކަށްހުރެ އެޒުވާނާވެސް ހިނގައިގަތެވެ. އެމީހަކު މުސްކާނަށް ބަލަމުންދިޔަގޮތުން އުނދަގޫވެ ވަށައިގެން އޭނާއަށް ނަޒަރުހިންގައިލެވުނެވެ. އެއްވެސް މީހެއްގެ ސަމާލުކަން އޭނާއަށް ހުރިތޯ ބަލައިލުމުގެ ގޮތުންނެވެ. ތުންފިއްތައިލަމުން މުސްކާން ދަބަހުގެ އަތްގަނޑުގައި ބާރަށް ހިފަހައްޓައިލިއެވެ. އެމީހެއްގެ ބޭނުމަކީ ކޮބައިކަން ނުވިސްނި މުސްކާން އިތުރަށް ހާސްވާގޮތްވިއެވެ.
"ހާދަ ބާރަކަށޭ ތި ހިނގަނީ.. ބިރުންތަ؟" ދެއަތް ފުރަގަހަށްލައިގެންހުރެ މުސްކާނާއި އެއްވަރަކަށް ފައިހަމަކުރަން މަސައްކަތްކުރަމުން ރުހައިމް އަހައިލިއެވެ. އޭރުވެސް އޭނާ ހުރީ ހިނިއައިސްފައެވެ. ނުބުންޏަސް މުސްކާންގެ އަމަލުތަކުން އޭނާ ޖެހިލުންވެފައިހުރިކަން ރުހައިމް ދެނެގަތެވެ.
"ޕްލީޒް.. އަހަރެން.. އަހަރެން ފަހަތުން ނައިސްފާނަންތަ؟" ޖެހިލުންވިއަސް އެކަން ނުދައްކައިވޭތޯ މުސްކާން ބެލިއެވެ. އެމީހަކާއިހުރެ އުނދަގޫވާވަރުން އޭނާއަށް އެންމެފަހުން ކެތްނުވީއެވެ.
"އަހަންނަށް ވަރަށް ކަމުދޭ ތިކުއްޖާ.. ހާދަ ރީއްޗޭ.. ހަމަ ހީވަނީ ހޫރު ޕަރީއެއްހެން.." ލާނެތް ހުނުމެއްގެ އަޑު ރުހައިމްގެ އަނގައިން ބޭރުވިއެވެ. މުސްކާންގެ ހަނދެއްފަދަ ރީތި ދޮންމޫނުން ނަޒަރުވަކިކޮށްލުން އޭނާއަށްވި ދަތިކަމަކަށެވެ. އިސްޖަހައިލައިގެންހުރިއިރު އެރީތި ދެލޯވަނީ ދިގު އެސްފިޔަތަކުން ހިޔާއެޅި ނިވައިވެފައެވެ. ރުހައިމްއަށް މަޑުމަޑުން މޭގައި ފިރުމައިލެވުނެވެ. މުސްކާން ފެނުނުފަހުން އޭނާގެ ހިތަށް ކުރުވާ އަސަރު ބަޔާންކުރަން ޚުދު އޭނާއަށްވެސް ދައްޗެވެ. ހިނިއައިސްފައި މުސްކާނާއި އެއްވަރަކަށް ހިނގަމުންދިޔައީ އެންމެ ހިނދުކޮޅަކަށްވެސް އެއަންހެންކުއްޖާ ދެލޯމަތިން ގެއްލެން ނޭދޭފަދައިންނެވެ.
"ޕްލީޒް.. އަހަންނަށް ވަރަށް އުނދަގޫވޭ" ލޮލުގެ ހިމަކޮޅުން އިރުއިރުކޮޅާ މުސްކާނަށް ރުހައިމްއަށް ބަލައިލެވެއެވެ. މުސްކާން ފެނުނުފަހުން އެމޫނުމަތިން ހިނިތުންވުންފިލައި ނުދެއެވެ. މުސްކާނަށް ރައްދުދެމުން ކުރިއަށް ނަޒަރުހިންގައިލިވަގުތު ޖެހިގެންހުރި ފިހާރައިން ނުކުތް ކާއިލް ފެނިފައި ރުހައިމްގެ ފިޔަވަޅުތަކަށް ހުއްޓުމެއްއައެވެ. ފޯނާއި ކުޅެމުންއައި ކާއިލްއަށް އޭނާ ނުފެންނަކަން އެނގި އަވަސްއަވަހަށް އަނެއްފަރާތަށް އެނބުރިލިއެވެ. އަންހެންކުއްޖެއްގެ ފަހަތުން އޭނާ އެގޮތަށްދާތަން ކާއިލްއަށް ފެންނާކަށް ރުހައިމް ނޭދެއެވެ. އެނާގެ ދިރިއުޅުމުގެ އެއްވެސް ޒާތީކަމެއް ކާއިލްއަށް އެންގުމުގެ އެއްވެސް ވިސްނުމެއް ރުހައިމްގެ ނެތެވެ. ދެއަތްމުށްކަވައިލަމުން އެނބުރިއައިކޮޅަށް ހިނގައިގަތްއިރު ރުހައިމްގެ މޫނުމަތިވަނީ މިލައިފައެވެ. އެހައިވަރުން އެކުއްޖެއްގެ ފަހަތުން ގޮސްފައިވެސް ކިޔާ ނަން އޮޅުންފިލުވައި ނުލެވުމުން އޭނާގެ ހިތަށް ތަދުވިއެވެ. އަލުން މުސްކާނާއި ދިމާވުމަށް އެހިތް އެދެމުންދިޔައީ ކެތްނުވާވަރަށެވެ. ފަސްއެނބުރި ބަލައިލަން ކިތަންމެ ބޭނުންވިއެއްކަމަކު ކާއިލްގެ ލޮލުގައި އޭނާ އަޅައިގެންފާނެތީ ހިތުގެ، އެއެދުންވެސް އެއްފަރާތްކޮށްލަމުން ރުހައިމް އަވަހަށް އެތަނުން ދެވޭތޯބެލިއެވެ.
ރުހައިމްގެ އަމަލުތައް ކުއްލިއަކަށް ބަދަލުވިގޮތުން މުސްކާން ހީކުރީ އޭނާ އެވަރަށް އާދޭސްކުރުމުން ރުހައިމް ގަބޫލުކުރީކަމަށެވެ. ހިތްހަމަޖެހުމުގެ ފުންނޭވާއެއް އޭނާއަށް ދޫކޮށްލެވުނެވެ. އެމީހެއްގެ ކިބައިން ސަލާމަތްވިކަމަށްޓަކައި ﷲ އަށް ޝުކުރުކުރަމުން މުސްކާނަށް ހިނިތުންވެލެވުނެވެ.
* * * * *
"ގުޑް މޯރނިންގް" މުސްކާންގެ އިންތިޒާރުގައި ހޮސްޕިޓަލުގެ ދޮރުކުރިމަތީގައި ހުއްޓިހުރި ލޫޔާ ފެނުމުން އެތެރަށް ވަންނަންދިޔަ ކާއިލް ހިނިތުންވެލައިފައި ހެނދުނުގެ ސަލާމްކޮށްލިއެވެ. ސަލާމުގެ ޖަވާބުދިންއިރު ލޫޔާގެ މޫނުމައްޗަށްވަނީ ލަދުވެތިކަމުގެ ރަތްކުލަ ފާއްދައިލައިފައެވެ. ހެނދުނު ހެނދުނާއި ކާއިލް ފެނުމުން ލޫޔާގެ ހިތަށްވަނީ ބަޔާންކުރަންދަތި އުފާވެރިކަމެއް ލިބިފައެވެ. ލޯކުރިމަތިން ކާއިލް ގެއްލުނުއިރުވެސް ފާޑަކަށް ހިނިއައިސްފައި އޭނާއަށް ހުރެވުނީއެވެ.
ވެލޭ ހޮސްޕިޓަލުން ކާއިލްއާއި ދިމާވީއްސުރެ ލުޔާގެ ހިތުގައިވަނީ އެ ފިރިހެންވަންތަ ސޫރައެވެ. ކާއިލް ފެންނަ ކޮންމެ ފަހަރަކު އޭނާއަށް ވާގޮތެއް ޚުދު ލޫޔާއަށްވެސް ބަޔާންކޮށްދޭކަށް ނޭނގެއެވެ. ހިތުގައި އެސޫރަ ފެވިފައިވިއަސް އިސްވެ ކާއިލްއަށް ހިތުގެ އެދުން ހުށައަޅާކަށް ލޫޔާއަކަށް ނުކެރެއެވެ. ދެމެދުގައި އޮތް ގުޅުމުގެ ސަބަބުންކަމަށްވެސް ވެދާނެއެވެ. ނުވަތަ ކާއިލްގެ ފުށުން ފެންނަ ސީރިއަސްކަމުގެ ސަބަބުން އިސްވެ ފިޔަވަޅެއްއަޅަން ލޫޔާ ޖެހިލުންވަނީއެވެ. ހިތްއެދުނަސް ކެތްކޮށްލައިގެން ހުރީ ކޮންމެވެސް ދުވަހަކުން އެހިތުގެ އެދުން ފުރިހަމަވާނެކަމަށް ދެކިގެންނެވެ.
އެތެރަށް ވަންނަންއައި މުސްކާނަށް ލޫޔާ ހުރިގޮތް ފެނުމުން ދެލޯހިމަކޮށްލަމުން ރަނގަޅަށް ބަލައިލިއެވެ. ގާތަށް ޖެހިލަމުން މާ ހިނިއައިސްފައިހުރީ ކިހިނެއްވެގެންތޯ މުސްކާން އަހައިލިއެވެ.
"ޑޮކްޓަރ ކާއިލް.. ހީޒް ސޯ ހޭންސަމް ދޯ" މުސްކާންގެ ކޮނޑުގައި އެއްފަރާތުން އެލިގަންނަމުން ލޫޔާ ހިނިއައިސްފައި ބުނެލިއެވެ. އެއަޑުން އެކަނިވެސް ލޫޔާއަށް ކާއިލް ކަމުދާވަރު އަންގައިދެއެވެ. "ހޫމް ހޫމް.. ތިވެގެން އުޅޭގޮތެއް އަހަންނަށް މިހާރު އެނގިއްޖެ.." ލޫޔާގެ ކޮނޑުގައި ހިފައި މަޑުމަޑުން ކޮށްޕައިލަމުން މުސްކާން ދިމާކޮށްލިއެވެ. އެކުވެރިޔާގެ ހިތުގެ އިހުސާސުތައް އޭނާއަށް އޮޅިފައެއްނެތެވެ. އެހިތުގެ އެދުން ފުރިހަމަކޮށްދެއްވުންއެދި މުސްކާނަށް ދުޢާކޮށްލެވުނެވެ.
"ކޮންމެހެން އަހަންނާ ދިމާކުރާނެކަމެއްނެތް.. ލުހާމް އަންނާތީ އިއްޔަ ހެވިދިލިފައި ގައިމުވެސް ހުރީކީ އަހަންނެއްނޫން.." ލޫޔާވެސް އެންމެ ތަންފުކެއްވެސް މުސްކާނަށް ދޫދޭކަށް ބޭނުމެއްނުވިއެވެ. ލުހާމްގެ ނަން އިވުމުން މުސްކާންގެ ތުންފަތަށް ރަކި ހިނިތުންވުމެއް ވެރިވިއެވެ. އެހެނަސް ދެވަނަ ސިކުންތުގައި އެހިނިތުންވުން ފިލައިގޮސް މޫނުމައްޗަށް މާޔޫސްކަމުގެ ކުލަވަރު ވެރިވެގަތެވެ.
"ލޫ.. ލޫ އަށް ހީވޭތަ ލުހާމް.. އަހަންނާ ގަޔާވެދާނެހެން.." ތުންފަތް ހަފަމުން މަޑުމަޑުން މުސްކާން އަހައިލިއެވެ.
"ކިހިނެއްވީ އަނެއްކާ؟ އިޝާރާތެއްވީތަ؟" ޝައުގުވެރިކަމާއެކު ލޫޔާ އަހައިލިއިރު އެއަޑުގައިހުރި ކެތްމަދުކަން މުސްކާނަށް ފާހަގަވިއެވެ. "ސީދާ އެހެންނެއްނޫން.. ދެން ހަމަ ހިތަށް އެރީ.." ހޮސްޕިޓަލް ތެރެއަށް ވަދެގެންދަމުން މުސްކާން ބުނެލިއެވެ.
"މުސްދެކެ ލައިކް ނުވާނީ ބޮޑު މޮޔައެއްނު.. އަހަންނަށް ވަރަށް ހީވޭ ލުހާމްވެސް މުސްދެކެ ގަޔާވެދާނެހެން.. އެކަމަކު.. މުސްގެ ބޮޑުދައްތަ އެކަމަށް ހަމަހިލާ ރުހޭނޭ އަހަންނެއް ނުބުނާނަން.. މިހާރުވެސް އޭނަ އެހުންނަނީ މުސްގެ ފުރާނައަށް ފެންބޮވައިގެންފަ ހުންނަ ފުރޭތައެއްހެން.. ތިކަމުގެ ޝައްކެތް ކިރިޔާވެލިއަސް މުސްއަށް ހަދާނެގޮތެއްވެސް ނޭނގެ.." ފުންނޭވާއެއް ދޫކޮށްލަމުން ލޫޔާ ބުންޏެވެ. އެކުވެރިޔާގެ ހިތުގެ އެދުން ފުރިހަމަވާން ލޫޔާވެސް އެދެއެވެ. އެހެނަސް ކަންހުރިގޮތާއި މެދުގައިވެސް ފުންކޮށް ވިސްނަން އެބަޖެހެއެވެ. ލޫޔާގެ ވާހަކަތަކަށް ބޯޖަހައިލުންފިޔަވައި އިތުރު އެއްޗެއް މުސްކާން ނުބުންޏެވެ. ހަގީގަތް އަމިއްލަ ހިތަށް ވިސްނައިދެން ޚުދު އޭނާވެސް ބޭނުންވެއެވެ.
"އަހަންނަށް މަޢާފުކުރޭ މުސް.. އަހަންނަށް ކިރިޔާވެސް ގޮތެއްއޮތްނަމަ މުސް އެއަންހެންމީހާ ގާތުގައި ހުރިއަކަނުދިނީމުސް.. އަހަރެން ހާދަ ހިތަށްއަރައޭ އަހަރެންގެ ގާތަށް މުސް ގެނެވޭނެނަމައޭ.."
"އިޓްސް އޯކޭ ލޫ.. އަހަންނަށް ލޫގެ ހާލު ވިސްނޭ.. އަހަންނަށްވުރެ ބޮޑަށް ލޫގެ ހާލަތު އެނގޭނެ މީހަކު ނުހުންނާނު.. އަހަރެންގެ ހިތުގަ އެއްވެސް ބުރަކަމެއްނެތް.. އެއީ ލޫ މަޢާފަށް އެދެންޖެހޭވަރުކަމެއް ކަމަކަށް އަހަރެން ނުދެކެން.." ދެރަވެފައިހުރި ލޫޔާގެ ގައިގައި މުސްކާން ކުޑަކޮށް ބައްދައިލިއެވެ. މުސްކާންގެ ވާހަކަތަކުން ލޫޔާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ލޫޔާ އާއި އޭނާގެ އާއިލާ ކުޑަ އެޕާރޓްމަންޓެއްގައި ދިރިއުޅޭ ދަތިހާލު މުސްކާނަށް އެނގެއެވެ. ޒުލޭހާގެ ކިބައިން ސަލާމަތްވާން ކިތަންމެ ބޭނުންވިއަސް އޭނާގެ ސަބަބުން އިތުރުބަޔަކަށް އެއްވެސް ތަކުލީފެއް ޖެހޭކަށް މުސްކާން ނޭދެއެވެ.
* * * * *
ރޭގަނޑުގެ ހަމަހިމޭންވަގުތެވެ. ކޮޓަރިން މުސްކާން ނުކުތީ ފެންޖަގު ހުސްވެފައިހުރުމުން ފެންއެޅުމުގެ ނިޔަތުގައެވެ. ގޭތެރޭ ހަމަހިމޭންވެފައި އޮތްގޮތުން އެންމެން ނިދީކަން އެނގި މުސްކާނަށް ހަމަޖެހުމުގެ ނޭވާއެއްދޫކޮށްލެވުނެވެ. ކުދިކުދި ފިޔަވަޅުތަކެއްގައި އައިސް ބަދިގެއަށް ވަނުމާއެކު އޭނާގެ ޚިޔާލުބަދަލުވާގޮތް ވިއެވެ. އަތުގައިހުރި ހުސްޖަގު މޭޒުމަތީގައި ބަހައްޓައިލަމުން ކޮފީ އެއް ތައްޔާރުކޮށްލިއެވެ. ގޭތެރޭގެ ހިމޭންކަންފެނި އެހައި އަވަހަށް އެނބުރި ކޮޓަރިއަށް ވަނުމުގެ ވިސްނުމެއް އޭނާގެ ނެތެވެ. ކޮފީމަގު ހިފައިގެން އައިސް ގޭގެ ބިތްދޮށަށް ވާގޮތަށްހުރި ބެލްކަންޏަށް މުސްކާން ނުކުމެލިއެވެ. ފަޒާގައިވި ތެތްފިނިކަން އިހުސާސުވުމާއެކު މުސްކާނަށް އުޑާއި ދިމާއަށް ނަޒަރުހިންގައިލެވުނެވެ.
ހަނދާއި އޭގެ ބައިވެރިންގެ އެއްވެސް ހިލަމެއް ނެތެވެ. ޖެހިލާ ރޯޅިވެސް އާދަޔާޚިލާފަށްވަނީ ބާރުވެފައެވެ. އަންނަންއޮތް ކޮޅިގަނޑެއްގެ އިންޒާރެއްދޭން މަސައްކަތްކުރާކަހަލައެވެ. ގޯތިތެރޭގައި އިންދައިފައިހުރި ކުދި ގަސްތައް ވައިރޯޅީގެ ސަމާސާތަކަށް ނަށައިލަނީ މާހައުލުގައި ބޫން އަޑެއް އުފައްދައިފައެވެ. ބެލްކަނީގައި ހުރި މަޑު އޮރެންޖްކުލައިގެ އަލިކަމުގެ ތެރޭގައި އެމާހައުލުގައިވި ހިތްގައިމުކަން އިތުރުވެފައިވެއެވެ. އަމިއްލަ ޚިޔާލުތަކަށް ގެއްލިފައިހުރެ އިރުއިރުކޮޅުން މުސްކާން އަތުގައިހުރި ކޮފީ މަގުން އެތިއެތިފޮދު ބޮމުންދިޔައެވެ. ދިރިއުޅުމުގެ އެކި ކަންކަމާއިމެދުގައި ވިސްނެމުންދިޔަވަރަކަށް އެމޫނުމައްޗަށް މާޔޫސްކަން ވެރިވެގެންދިޔައެވެ.
މުސްކާން ހޯދަމުން ބެލްކަންޏަށް ނުކުތް ލުހާމްގެ ލޮލުގައި އޭނާ އަޅައިގަތުމުން މަޑުމަޑުން މުސްކާންގެ ނަމުން ގޮވައިލިއެވެ. އިވުނު އަޑާއިމެދުގައި ޔަގީންނުވެފައިހުރެ ލަސްލަހުން މުސްކާން އެނބުރިލިއެވެ. ބެލްކަންޏަށް ނުކުންނަ ދޮރުގައި ލެގިލައިގެން ސީދާ މުސްކާނަށް ބަލަހައްޓައިގެންހުރި ލުހާމް ފެނުމުން އޭނާގެ ހިތްއަވަސްވާގޮތްވިއެވެ. ލައިގެންހުރި ކަޅުކުލައިގެ ސޯޓުގެ ޖީބަށް އަތްޖަހައިލައިގެންހުރިއިރު އެމޫނުން ފައުޅުވަމުންދިޔަ އަސަރުތައް ދެނެގަތުމަށް މުސްކާން ނުކުޅެދުނެވެ. ލައިގެންހުރި އަޅިކުލައިގެ ޓީޝާރޓް ގަޔަށް ހިފައިފައިހުރިގޮތުން އެވަރުގަދަ ކަސްރަތީ ހަށިގަނޑުގެ ހިތްގައިމުކަން ފައުޅުވަމުންދިޔައެވެ. ކަޅުކުލައިގެ ތެތް އިސްތަށިގަނޑުން ހެކިދެނީ އޭނާ އެއައީ ދެންމެ ފެންވަރައި ތާޒާވެލައިގެންކަމެވެ. ލުހާމްގެ ގައިން ދުވަމުންދިޔަ މަޑު ސެންޓްވަހުން މުޅިމާހައުލު އެއްވަސްވެފައިވީއިރު، އެވަހުން މުސްކާންގެ ހިތަށް ހަމަޖެހުން ގެނުވިއެވެ.
ދެވަނަ ފަހަރަށް ލުހާމް ގޮވައިލިއަޑަށް އަވަސް އަވަހަށް ނަޒަރުވަކިކޮށްލަމުން މުސްކާން އިސްޖަހައިލިއެވެ. އެހުރިހައިއިރު ލުހާމަށް ބަލަހައްޓައިގެން ހުރެވުމުން މުސްކާން އަމިއްލަ ނަފުސަށް އަޑުލައިގަތެވެ. ނަފުސުގެ ކޮންޓްރޯލް ހިނދުކޮޅަކަށްވެސް ގެއްލޭކަށް އޭނާ ނޭދެއެވެ. ލުހާމް ހިތަށްއަރާނެ އެއްޗަކާއި މެދުގައި ވިސްނުމުން މުސްކާން އިތުރަށް ލަދުގަންނަގޮތްވިއެވެ.
ފަނޑުއަލިކަމުގެ ތެރޭގައި މުސްކާންގެ މޫނަށް އަރައިފައިބަމުންދިޔަ ކުލަވަރުވީ ލުހާމަށް ބަލައިލަން ހިތްގައިމު މަންޒަރަކަށެވެ. ގޭތެރޭގައި އަޅައިއުޅޭކަހަލަ އާދައިގެ ކުޑަ ވަށްބުރުގާކޮޅަކާއިއެކު ލައިގެންހުރި ގަޔަށްދޫ އަބާޔާއިން މުސްކާންގެ ސާދާކަން ލުހާމަށް ވިސްނުނެވެ. އެއާއެކު އެހިތުގައި މުސްކާން ހާސިލް ކުރުމުގެ އެދުން އިތުރަށް ވަރުގަދަވިއެވެ. އެސްފިޔަޖައިލަންވެސް ބޭނުންނުވެފައި ކުރިމަތީގައިހުރި ހޫރު ޕަރީއެއްފަދަ އަންހެންކުއްޖާއަށް ބަލަހައްޓައިގެން ހުންނަން ލުހާމްގެ ހިތް އެދުނެވެ.
ދެމެދުގައިވި ބީރައްޓެހިކަން ފިލުވައިލަން ބޭނުންވެފައިހުރެ ކަރުކެހިލަމުން ލުހާމް ކުރިއަށް ޖެހިލިއެވެ. އެއާއެކު ވަގުތުން މުސްކާން އެއްފަރާތަށް ޖެހިލިގޮތުން ހީވީ ލުހާމާއި ވީހާއިވެސް ދުރުގައިހުންނަން ބޭނުންވީހެންނެވެ. އިރުކޮޅަކު މުސްކާނަށް ބަލަން ހުރުމަށްފަހު ލުހާމް ލުއި ގޮތަކަށް ހީލިއެވެ. އަދި ބިރުގަތީތޯ ސުވާލުކޮށްލިއެވެ. ހައިރާންވެފައި މުސްކާނަށް ލުހާމްގެ މޫނަށް ބަލައިލެވުނެވެ. ލުހާމްގެ ގަސްދެއް އެއްގޮތަކަށްވެސް މުސްކާނަކަށް ނުވިސްނުނެވެ. އޭނާއާއި ވާހަކަދެއްކުމަށް ލުހާމް މަސައްކަތްކުރަނީ ކީއްވެތޯ އޭނާގެ ޟަމީރާއި ސުވާލުކޮށްލިއެވެ. ކޯސްނިންމުމަށްފަހު އެނބުރި އައިއިރު ލުހާމްގެ މިޒާޖަށް އެހައިބޮޑު ބަދަލެއް އައިސްފާނެކަމަށް މުސްކާން ހިއެއްނުކުރެއެވެ. ލުހާމްގެ ކަތިނަޒަރުން މުސްކާންގެ ގައިން ހީބިހި ހިލިގެންދިޔައެވެ. ހިންދިރުވައިލަމުން މުސްކާން ނަޒަރުވަކިކޮށްލުމަށްފަހު އެތަނުން ދިއުމަށް އުޅެގަތެވެ. އޭނާގެ ނިޔަތް ވިސްނި ވަގުތުން ލުހާމް އެކަމަށް ހުރަސްއެޅިއެވެ.
"ވާހަކަދައްކާލަން މިތަނުގަ މަޑުކޮށްލަދީފާނަންތަ؟ ޕްލީޒް.." މުސްކާންގެ ކުރިބައްދަމުން ލުހާމް އެދުނެވެ. އެއަޑުގައިވީ އާދޭހެވެ. ހިނދުކޮޅަކު ބުނާނެ އެއްޗެއް ނުވިސްނިފައި މުސްކާން ހުއްޓެވެ. ހިތްއެދުނަސް އެފަދައިން އަމަލުކުރާކަށް އޭނާ ބޭނުމެއްނުވިއެވެ. އަރުތެރެ ހިކިފައިވުމުން ވާހަކަދައްކަން ދަތިވެ މުސްކާން ދެފަރާތަށް ބޯހޫރުވައިލިއެވެ.
"ޕްލީޒް.. އަހަރެން މުސްކާނާއި ވާހަކަދައްކާލަން ބޭނުން.."
"ތީކީ ރަނގަޅު ޚިޔާލެއްނޫން.. ދައްތައަށް ފެނިއްޖެއްޔާ ކަމަކުނުދާނެ.. އަހަރެން.. ދައްތަ ހިތްހަމަނުޖެހޭނެފަދަ ކަމެއްކުރާކަށް ބޭނުމެއްނޫން.." ހިތްވަރުކޮށްފައި މުސްކާން ބުނެލިއެވެ. އޭރު އޭނާގެ ހަށިގަނޑުގައިވަނީ މަޑު ތުރުތުރެއް އުފެދިފައެވެ.
"މިހާއިރުވާއިރު މަންމަ އޮންނާނީ ނިދާފަކަން މުސްކާނަށްވެސް އެނގެއެއްނު.." ލުހާމް މަސައްކަތް ކުރަމުންދިޔައީ މުސްކާންގެ ޚިޔާލު ބަދަލުކުރެވޭތޯއެވެ.
"އަހަރެން.. އަހަރެން ވަރަށް ނިދިއައިސްފި.." ބުނާނެއެއްޗެއް ނޭނގުމުން ކޮންމެވެސް ބަހަނާއެއްދެއްކޭތޯ މުސްކާން ބެލިއެވެ. ލޫޔާގެ ވާހަކަތައްވެސް އޭނާގެ ސިކުނޑިތެރޭގައި ގުގުމަމުންދިޔައިރު ހާސްވެގެންގޮސް ނިތްކުރިމަތިން ކުދި ދާތިކިތައް ވިދައި ބަބުޅަންފެށިއެވެ. މުސްކާންގެ ކުޑަކުޑަ ވަށް މޫނުކޮޅަށް ބަލަންހުރި ލުހާމް އެއްބުމަ ހިއްލައިލަމުން އޭނާގެ ކުރިމަތިން ދުރަށްޖެހިލިއެވެ. ލިބުނު ފުރުސަތުގެ ބޭނުންހިފައި އަވަސްއަވަހަށް ބެލްކަނިން ނުކުތުމަށް މުސްކާން ހިނގައިގަތެވެ. އެހެނަސް ކުރިއަށް ދެތިން ފިޔަވަޅު އެޅުމާއެކު އޭނާއަށް ހުއްޓެވުނީ ފަހަތުން ލުހާމް އޭނާގެ އަތުގައި ހިފުމުންނެވެ.
(ނުނިމޭ)