ވާހަކަ

އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަސްވަނަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ޓްރެއިލާ) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ފުރަތަމަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދެވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތިންވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ހަތަރުވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ހަތްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(އަށްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ނުވަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދިހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (އެގާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ބާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތޭރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސާދަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަނަރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސޯޅަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސަތާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ވިހިވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެކާވިސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ދިފާވުން އެދޭނީ... (ތޭވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައްބީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ހަތާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބައްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުރަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަހުބައި)

"މިތާ ކީއްކުރަނީ؟" ރަނގަޅަށް ހޭވެރިކަންވީ ވަގުތު އޭނާއަށް ބަލަހައްޓައިގެން ސޯފާގައި ސައިޖޯޑެއް ހިފައިގެންއިން ކާއިލް ފެނި ރުހައިމް އަހައިލިއެވެ. އެއަޑުގައި އެއްވެސް ގާތްކަމެއްނެތްއިރު އެކަމުން ކާއިލްގެ ހިތަށް އަސަރުކުރިއެވެ.

Ads by MWSC

"އައިޝް... އައިޝް އެއީ ކާކު؟" ރުހައިމްގެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލު ކާއިލްވެސް ކޮށްލީ ސުވާލެކެވެ. އެއާއެކު ސިހިފައި ރުހައިމްއަށް ކާއިލްގެ މޫނަށް ބަލައިލެވުނެވެ.

ކާއިލް އިނީ ފަރުވާތެރިކަމާއެކު ރުހައިމްގެ މޫނުމައްޗަށް އަރައިފައިބަމުންދިޔަ ކުލަވަރު ބަލާށެވެ. ރުހައިމްގެ ހިތާއި ހަމައަށް ކޮންމެވެސް އަންހެންކުއްޖަކަށް ވާސިލް ވެވިއްޖެކަން އެނގުމުން ކާއިލްގެ މޫނުމައްޗަށް ފަނޑު ހިނިތުންވުމެއްގެ އަސަރު ވެރިވިއެވެ. ސައިޖޯޑު ދެއަތުގެތެރޭގައި ހިފަހައްޓައިލަމުން ރުހައިމްގެ ނަމުން ގޮވައިލީ އޭނާގެ ސުވާލަށް ޖަވާބެއްދޭށޭ ބުނެލާފަދައިންނެވެ.

"އެއީ ދޮންބެއާ ބެހޭކަމެއްނޫން.. ސްޓޭ އައުޓް އޮފް މައި ލައިފް.." ލިބުނު ސިހުމުގެ އަސަރު ފިލުމާއިއެކު ދުރަށް ނަޒަރުހުއްޓައިލަމުން ރުހައިމް ހަރުކަށިގޮތަކަށް ބުނެލިއެވެ.

ރުހައިމްގެ ރާގުހުރިގޮތުން ކާއިލްގެ ހިތަށް ތަދުވިއެވެ. ރުހައިމް އޭނާ ދުރުއެކޮށްލީ ހާދަހައި ބޮޑަކަށެވެ. ހިތްދަތި ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލަމުން ކާއިލް ފުންނަޒަރަކުން ރުހައިމްއަށް ބަލައިލިއެވެ.

"ކޮއްކޮ ހަނދާންވޭތަ އަހަރެމެން އުޅެ ބޮޑުވިގޮތް؟ ވީ ވަރ ލައިކް ބެސްޓްފްރެންޑްސް.. ނޫންތަ؟ އަހަރެމެން ދެމެދުގަ ހިއްސާނުކުރެވޭ ވަރުގެ އެއްވެސް ވާހަކައެއްނޯވޭ.. ކޮންމެކަމެއް ދިމާވިއަސް އަބަދުވެސް އެންމެ ފުރަތަމަ އެކަން ހިއްސާކުރަން ބޭނުންވަނީ އެކަކު އަނެކަކާ.. މިއަދު.. ކީއްވެ އެގުޅުން އެގޮތުގަ ނުބޭއްވެންވީ؟ މަންމަމެން ކަންތައްކުރިގޮތުން އެމީހުނަށް  މަޢާފުކުރިއަސް، ދޮންބެ އައިސް މިހުރީ ކޮއްކޮ ގާތުއެއްނު.. އުޅެބޮޑުވި ގައުމާ އެކުވެރިންވެސް ދޫކޮށްލުމަށްފަހު.. ހައިމްއަށް އަދިވެސް ނުވިސްނޭތަ؟ ދޮންބެގެ ދިރިއުޅުމުގަ އެންމެ މުހިންމު މީހަކީ ހައިމްކަން ހަމަ ނޭނގޭތަ؟ އަހަރެން ހުރިހައި އެއްޗެއް ދޫކޮށްފައި އައިސް މިހުރީ ހަމަ ކޮއްކޮއަށްޓަކައިކަން އެއްފަހަރުވެސް ވިސްނާކަށް ބޭނުމެއްނުވޭތަ؟ ކޮއްކޮ ތިހައި ހިތްހަރު މީހަކަށްވީ ކޮންއިރަކު؟" ކާއިލްގެ ވާހަކަތަކުގައިވީ މަޑުމޮޅިކަމެވެ. ރުހައިމްގެ އަމަލުތަކާއި ބަސްމަގުހުރިގޮތުން އެހިތަށް އަސަރުކޮށްފައިވާ މިންވަރު އެއަޑުން އެކަނިވެސް ހެކިދެއެވެ.

ކާއިލްގެ ވާހަކަތައް އަޑުއަހަންއިން ރުހައިމްއަށް ތުންފަތުގައި މަޑުމަޑުން ދަތްއަޅައިލެވުނެވެ. ކާއިލްއާއި މެދުގައި އެފަދައިން އޭނާގެ އަމަލުތައް ބަހައްޓާކަށް ޚުދު ރުހައިމްވެސް ބޭނުމެއްނުވެއެވެ. އެހެނަސް މާޒީގައި ކާއިލް އޭނާގެ މައިންބަފައިންގެ ކޮޅު ޚިޔާރުކުރިކުރުން ބަލައިގަންނަން ރުހައިމްއަށް ނުރުހެވެނީއެވެ. ޅަފަތުގެ އުމުރު ހިތްދަތިކަމުގައި ވޭތިކުރަން ޖެހުނީ އެމީހުންގެ ސަބަބުންކަން ރުހައިމް ފަހަރެއްގައިވެސް ހަނދާނެއްނުނެތޭނެއެވެ. އޭނާ ބޭނުންވަނީ ކާއިލް އޭނާ ފަދައިން ކަންތައްކުރުމަށެވެ. އެހައި ފަސޭހައިން އެދެމީހުނަށް މަޢާފުކުރުމުގެ ނިޔަތެއް ރުހައިމްގެ ނެތެވެ. އެއަށްވުރެ އަމިއްލަ މައިންބަފައިންނާއި މެދުގައި ހިތުގައި އުފެދިފައިއޮތް ގިލަންވެރިކަން މާބޮޑެވެ. ކާއިލްއަކީ ދޮށީ ބޭބެއަށްވިއަސް އިހުތިރާމު ކުޑަކޮށް އަމަލުކުރެވެނީ އެހެންވެއެވެ. ކާއިލްގެ ނިންމުން އޭނާއަށް ބަލައިނުގަނެވޭތީއެވެ.

ހަމަހިމޭންކަމުގައި ކުޑަ ވަގުތުކޮޅެއް ހޭދަވެގެން ދިޔައެވެ. އަމިއްލަ ފިކުރުތަކުން ދުރުވެލަމުން އިންތަނުން ރުހައިމް ތެދުވިއެވެ. އަދި ބަހެއްވެސް ބުނުމެއްނެތި ތުވާލިހިފައިގެންގޮސް ފާޚާނާއަށް ވަނެވެ. ރުހައިމްގެ އަމަލުތަކަށް ބަލަން އިން ކާއިލް އިންތަނުންތެދުވީ ގޮތްހުސްވެފައިހުރި މީހަކުފަދައިންނެވެ. އިސްތަށިގަނޑުގައި އަތްހިންގައިލަމުން އެކޮޓަރިން ނުކުމެ މަޑުމަޑުން ދޮރުޖަހައިލިއެވެ. ހިތުގައި އުފެދިފައިވި ހައިޖާނުގަނޑު މަތަކުރަމުން ކަންނެތް ހިނގުމެއްގައިގޮސް އޭނާގެ ކޮޓަރިއަށްވަދެ ދޮރުލައްޕައިލިއެވެ.

* * * * *

ދޮންނަމެޝިން ކައިރީގައި ހުއްޓިހުރި މުސްކާންގެ ދެލޮލުން ފައުޅުވަމުންދިޔައީ ވަރުބަލިކަމެވެ. ރޭހަތަރުދަމު އުޅެ އުޅެވެސް އޭނާއަށް ނިދޭގޮތެއް ނުވިއެވެ. ލުހާމްއާއި މެދުގައި ފިކުރުހިންގަން އޭނާއަށް އޮވެވުނީއެވެ. އަމިއްލަ ނަފުސަށް ވިސްނައިދޭންކުރި ހުރިހައި މަސައްކަތެއްވީ ބޭކާރެވެ. އެހިތް އެދިގޮވަމުންދިޔައީ ލުހާމް ގާތަށް ދިއުމަށެވެ. އެރޭ ލުހާމާއި މެދުގައި ކަންތައްކުރެވުނު ގޮތުން ބޭނުންނުވިއަސް އޭނާ ދެރަވިއެވެ. ކިތަންމެ ފަހަރަކު ދޮރުހުޅުވައި އެނބުރި ބެލްކަންޏަށް ގޮސްފާނަމޭވެސް މުސްކާންގެ ހިތަށް އެރިއެވެ. އެހެނަސް އެއިން ކޮންމެ ވަގުތަކު ލޫޔާގެ ވާހަކަތައް އޭނާގެ ކަންފަތްބުޑުގައި ގުގުމައިގަންނަނީ ކެތްނުވާވަރަށެވެ. ހިތުގެ މައްޗަށް ބާރުފޯރުވާން ދަތިވިއަސް ކެތްތެރިވުމަށް މުސްކާން މަސައްކަތްކުރިއެވެ.

ވަރުބަލިގޮތަކަށް މޫނުމަތީގައި އަތްހިންގައިލަމުން މުސްކާން ދެލޯމަރައިލިއެވެ. އެވަގުތު އޭނާގެ ކޮނޑުގައި އަތްއަޅައި މީހަކު ކުރިއަށް ކޮށްޕައިލިގޮތުން ސިހިފައި މުސްކާން ފަހަތަށް ބަލައިލިއެވެ. ނުލަފާ ގޮތަކަށް ހިނިއައިސްފައި މުސްކާނަށް ބަލަހައްޓައިގެންހުރި ދީމް ފެނުމުން މުސްކާންގެ މޫނުމައްޗަށް ފޫހިކަންވެރިވިއެވެ.

"ސިންދްރެއްލާ ޑޭ ޑްރީމް ކުރާ ދުވަހެއްތަ؟ މިއަދު ކުރާނެ މަސައްކަތެއްވެސް ނެތީތަ؟ އެހެންވީއިރު އަން.. އަހަރެންގެ އަންނައުނުތައްވެސް ދޮވެދީބަލަ.. ވަރަށް ބޮޑަށް ބޮލުގަ ރިއްސާތީ މިއުޅެނީ.." ހަށަން ބަނދެލަމުން ޖެއްސުމުގެ ރާގަށް ދީމް ބުނެލިއެވެ. ބަދަލުގައި އެއްވެސް އެއްޗެއް ބުނުމެއްނެތި މުސްކާން ބޯޖަހައިލީއެވެ. އެއާއެކު ދީމްގެ ތުންފަތުގައި ކުޅެލީ ނުލަފާ ހިނިތުންވުމެކެވެ.

"ގުޑް.." މުސްކާންގެ ކޮނޑުގައި މަޑުމަޑުން ޖަހައިލަމުން ދީމް ބުންޏެވެ.

"ތިކަންތައްކޮށް ނިންމާލާފަ އަންނައްޗޭ އަހަރެންގެ ކޮޓަރިއާއި ފާޚާނަ ސާފުކޮށްލަންވެސް.. މުސްކާންގެ އަތުން ނޫންހެންގޮތަކަށް އެކަހަލަކަމެއް ކުރުވާކަށް ބޭނުމެއްނުވޭ.. މުސްކާން ސާފުކުރާހައި ރީއްޗަށް ސާފުކުރާކަށް އަހަންނަކަށް ނޭނގޭވިއްޔަ.. އޯކޭ..؟" ނިތްއަރުވައިލި ދީމްގެ ލޮލުގައިވީ މަލާމާތެވެ. ދެންވެސް އެއްޗެކޭ ދެކޮޅަށް ބުނުމެއްނެތި މުސްކާން ބޯޖަހައިލިއެވެ. އެގޭގައި އޭނާއަށް އުޅެވެންއޮތީ އެހާލުގައިކަން މުސްކާނަށް އެނގެއެވެ. ދީމްއާއި ދެކޮޅަށް އެއްޗެއްބުނެފިނަމަ، ދެން ކަންތައްވާނެގޮތްވެސް އޭނާއަށް އެނގެއެވެ. ޖަދަލުކުރުމުގެ ރޫޙެއް މުސްކާންގެ ނެތެވެ. ބުނިކޮންމެކަމަށް އެއްބަސްވީ އެހެންވެއެވެ. ދީމް ބުނެފިކަމެއް ނުކޮށްފިނަމަ ޒުލޭހާ އޭނާއަށް އަރުވައިލާނެވަރު މުސްކާންއަށް ވިސްނެއެވެ. ހިތުގައި ޖެހުނަސް މިއަދު މިނޫންގޮތެއް އޭނާއަކަށް ނެތެވެ.

"ޕުއަރ ސިންދްރެއްލާ.." އިސްޖަހައިލި މުސްކާންގެ ދެކޮލުގައި ހިފައި ދެފަރާތަށް އަނބުރައިލަމުން ހިނިއައިސްފައި ދީމް ބުނެލިއެވެ. އަދި ފަސްއެނބުރި އައިކޮޅަށް ހިނގައިގަތެވެ. ފުންނޭވައެއްދޫކޮށްލަމުން އޭނާގެ ގާތުގައި ދީމް ބެހެއްޓި ވަށިގަނޑަށް މުސްކާން ބަލައިލިއެވެ. ދައުވެފައިހުރި އަންނައުނުތަކުން ވަށިގަނޑު ފުރިފައިހުރިގޮތުން މުސްކާންގެ ބޮލުގައި ރިއްސައިލިއެވެ. ނިތްމަތީގައި މަޑުމަޑުން އަތްހިންގައިލަމުން މުސްކާން އަތްމަތިއަވަސްކޮށް އެކަންކޮށް ނިންމައިލުމަށް އުޅެގަތެވެ.

"ބޮލަށް ތަދުވަނީތަ؟ ބޭސްގުޅައެއް ގެނެސްދެންތަ؟" ފަހަތުން އިވުނު ލުހާމްގެ އަޑުން މުސްކާންގެ ގައިން ހީބިހި ހިލިގެންދިޔައެވެ. ހިކިފައިވި ތުންފަތް ތެންމައިލަމުން މުސްކާން ކޮނޑުމަތިން ކުޑަކޮށް ފަހަތަށް ބަލައިލިއެވެ. އަދި ލަސްލަހުން ދެފަރާތަށް ބޯހޫރުވައިލިއެވެ.

"މުސްކާން ކީއްވެތަ އަހަންނާ ވާހަކަދައްކަން ބޭނުންނުވަނީ؟ އަހަރެންދެކެ ގަޔާނުވަނީތަ؟" ލައިގެންހުރި ސޯޓުގެ ދެޖީބަށް އަތްޖަހައިލި ލުހާމްގެ އަޑުގައިވީ ސީރިއަސްކަމެވެ. ބުނާނެ އެއްޗެއް ނޭނގި އިރުކޮޅަކު މުސްކާނަށް ހުރެވުނެވެ. ދޭނީވެސް ވަކިކޮންޖަވާބެއް ހެއްޔެވެ؟ ހަގީގަތް ހާމަކުރާނެހައި ހިތްވަރެއް މުސްކާންގެ ނެތެވެ. އިސްޖަހައިލީ ހިތަށްކުރި އަސަރެއްގެ ސަބަބުންނެވެ. ލުހާމާއި ވާހަކަދައްކައި ގުޅުން ބަދަހިކުރަންވެއްޖެނަމަ އެހިތުގެ މައްޗަށް އޮތް ބާރުވެސް ނެތިހިނގައިދާނެއެވެ. ކިރިޔާވެސް އެހެންވާކަށް މުސްކާން ނޭދެއެވެ. ލުހާމަށް އެވަރު ނުވިސްނެނީ ކީއްވެހެއްޔެވެ؟ އޭނާގެ އަމިއްލަ ހާލައިގެން އޭނާ ދޫކޮށްނުލެވިގެން އެއުޅެނީ ކީއްވެހެއްޔެވެ؟

"މުސްކާން.. ކޮބާތަ އެއަންހެނާ.. އަދި މަގޭ އަތުން ތާހިރު ބޮނޑިއެއްބޮއިގެން މިއެއްޗަކު މައިތިރިވާނީ.." ޒުލޭހާގެ ޒީލަގަދަ އަޑުފަށްގަނޑާއެކު މުސްކާންގެ ހަށިގަނޑު ރޫރޫއަޅައިގަތެވެ. ހާސްވެފައި ދެލޯބޮޑުކޮށްލަމުން ލުހާމްގެ މޫނަށް އޭނާއަށް ބަލައިލެވުނީ ބޭއިޚުތިޔާރުގައެވެ. ލުހާމްގެ ފުށުންވެސް ކަންބޮޑުވުން ފައުޅުވެލިއެވެ. އޭނާއަށްވެސް ފަހަތަށް ބަލައިލެވުނީ ހާސްވެފައި ހުރެއެވެ.

ދުންޖަހައިފައި އެތަނަށް އައިސް ހުއްޓުނު ޒުލޭހާގެ ލޮލުގައި ހާސްވެފައިތިބި ލުހާމާއި މުސްކާން އަޅައިގަތުމާއެކު އޭނާގެ މޫޑު އިތުރަށް ޚަރާބުވިއެވެ. އެކަހެރި މާހައުލެއްގައި މުސްކާންގެ ގާތުގައި ލުހާމް ހުންނަންޖެހޭ އެއްވެސް ސަބަބެއް ޒުލޭހާއަކަށް ނުވިސްނުނެވެ. ނުރުހިފައި ފަހަރަކު މީހަކަށް ޒުލޭހާ ބަލައިލިއެވެ. އިސްޖަހައިލިގޮތަށް އިސްއުފުލައިލާކަށްވެސް މުސްކާނަކަށް ނުކެރުނެވެ.

"ލުހާމް މިތާ ކީއްކުރަނީ؟" ހިތްހަމަނުޖެހިފައި ޒުލޭހާ އަހައިލިއެވެ.

"މީ.. މީ.. އަޅުގަނޑު..."

"ހޫން ދެންހެވޭ.. ދޭ އެފަރާތަށް.. ބަގީޗާގައި ދީމް ވެސް އެބައިން.. އަހަރެންވެސް އިރުކޮޅަކުން މިދަނީ.." ދޭނެ ޖަވާބެއް ނޭނގިގެން ލުހާމް ޖެއްސިވައްތަރުން ޒުލޭހާގެ ހިތަށްވީ ނުބައިގޮތެވެ. އަލިފާނުގެ ބެލުމަކުން މުސްކާނަށް ބަލައިލަމުން އެތަނުން ލުހާމް ފޮނުވައިލިއެވެ. އަދި ހަށަން ބަނދެލަމުން މުސްކާނާއި ދިމާލަށް ފިޔަވަޅެއް އަޅައިލިއެވެ.

"ކަލޭ ކީކޭ ހިތަށް އަރައިގެން ތިއުޅެނީ..؟ މަގޭ ފިރިހެންދަރި ވާވައްދާނަމޭ ހިތާތަ އޭނަ މިތަނަށް ގެނެސްގެން ތިހުންނަނީ..؟ ހިތުން އޭނާއަށް ތިއްތި ދެއްކެން ދޯ.. އަހަރެން ދިރިހުއްޓަ ތިކަހަލަ މުޑުދާރު ކުޅިއެއްކުޅެން ހިތަށްވެސް އަރުވައިގެން ނުވާނެ.. ކަލެއަށް ލާހިކެއްނޫން އެކަން ކާމިޔާބުކުރާކަށް.. ނުލަފާ ކުއްޖާގަނޑު.." މުސްކާނާއި ދިމާލަށް ޖެހިލަމުން ދައްކުނޑިވިކައިލައިފައި ޒުލޭހާ ބުންޏެވެ. އިންޒާރެއްފަދައިން އެދޫކޮށްލި ބަސްތަކުން މުސްކާންގެ ދެލޮލަށް ކަރުނަތައް ބޮނޑިވެގަތެވެ. އަވަސް އަވަހަށް ދެފަރާތަށް ބޯހޫރަންފެށީ ޒުލޭހާ އޭނާގެ ބޮލުގައި އެއެޅުވި އިލްޒާމަށް ދެކޮޅުހެދުމުގެ ގޮތުންނެވެ.

"ކަލޭ ހީނުކުރާތި ކަލޭ އުޅޭނޫޅޭގޮތް އަހަރެން ނުބަލާނޭ.. ނުގޮތަކަށް ލުހާމަށް ބަލާލިއަސް ހަނދާންކުރާތި.. އަހަރެންވަރުގެ ނުލަފާ މީހެއް ކަލެއަކަށް ނުފެންނާނެ.." މުސްކާންގެ ކޮނޑުގައި އަތްއަޅައި ކޮށްޕައިލަމުން ޒުލޭހާ ބުނެލީ ރުޅިވެރިގޮތަކަށެވެ.

"މިފަހަރު އިންޒާރަކުން ނިންމައިލިއަސް ކޮންމެ ފަހަރަކު އެހެންނުވާނެކަން ދަންނާތި.." މުސްކާނާއި ދިމާލަށް ކަޅިއަޅައިލަމުން ޒުލޭހާ ދަތްކުނޑިވިކައިލިއެވެ. ލިބިފައިވި ހިތްހަމަނުޖެހުމުގެ އަސަރު އަދިވެސް އެމޫނުމަތިން ފިލައިނުދެއެވެ. އެތެރަށް ނޭފަތްދަމައިލުމާއެކު ލަސްލަހުން މުސްކާން ބޯޖަހައިލިއެވެ.

"މިއަދު ހަތަރުދަމު ކަލޭ ކީއްތަތިކުރަނީ؟ މެންދުރަށް އަދިވެސް ހުރީ ނުކައްކައިކަން ކަލެއަށް އެނގޭތަ؟ މާހަމަޖެހިފަ އެއްޗެހި ދޮންނަން ތިހުންނަނީ އެކަން އަހަރެން ކުރާނެކަމަށްތަ؟ އޭން.. އޭތް އަނގައިން ބުނެބަލަ.." މުސްކާންގެ ކޮލުގައި ހިފައި ފިތައިލަމުން ގަދަކަމުންކަހަލަ ގޮތަކަށް މުސްކާންގެ އިސްއުފުލައިލައި ޒުލޭހާ ހަޅޭއްޖަހައިގަތެވެ. ކަރުނަވީ ދެލޮލުން މުސްކާން ބަލަންހުރިގޮތުންވެސް ޒުލޭހާގެ ހިތަށް ކުޑަވެސް ރަހުމެއްކުރިހެނެއް ހިއެއްނުވެއެވެ. ޗުސްޖަހައިލަމުން މުސްކާންގެ މޫނު އެއްފަރާތަކަށް އަނބުރައިލުމަށްފަހު ޒުލޭހާ މޫނުކުނިކޮށްލިއެވެ.

"ކިތަންމެ ވަރަކަށް ތިދެލޮލުން ކަރުނަ އެޅިޔަސް އަހަރެންގެ ހިތަކަށް އެއްވެސް އެއްޗެއް ނާރާނެ.. އެހެންމަ ތިބޭކާރު ކަންތައް ހުއްޓާލާފަ ދެންވެސް ތިކަންތައްކޮށް އަވަހަށް ނިންމަބަލަ.. ކަލެއަށް ޑިއުޓީއަށް ދެވޭނީ އަހަރެންބުނާ ހުރިހައި މަސައްކަތެއް ނިންމާފަ.. އަޑުއިވިއްޖެތަ؟" ބޯޖައިލަމުން އަތުގެ ނުފުށުން ދެލޮލުން އޮހޮރެމުންދިޔަ ކަރުނަތައް އަވަސްއަވަހަށް މުސްކާން ފުހެލިއެވެ. ހިތުގައިޖެހިފައިވިއަސް ނުރޯން އޭނާ ހިތްވަރުކުރަމުންދިޔައެވެ.

"މީ އަހަންނަށް ޖެހިފައިހުރި ބޮޑު މުސީބާތެކޭ.. ހިތަށްއަރާ އެދެމީހުން މަރުވެގެންދިޔައިރު މިއެއްޗަކު ނުގެންދިޔައީ ކީއްވެބާއޭ؟ ކަލޭވެސް އެމީހުނާއެއްކޮށް މަރުވެގެންދިޔަނަމަ.. އެހެންމީހުނަށްޖެހޭ އުނދަގޫތައް މަދުކަމުން އެމުހުސިނުވެސް މިމުސީބާތްގެނެސް މިގެއަށް ވައްދައިފި ވިއްޔަ.. ހާދަ ފޫއްސެއްވެޔޭ.." ތުންއަނބުރައިލުމަށްފަހު ކުދިކިޔަމުން ޒުލޭހާ އެތަނުން ދިޔުމާއެކު މުސްކާންގެ އަނގައިން މަޑުއާހެއް ބޭރުވެގެންދިޔައެވެ. ޒުލޭހާގެ ކޮންމެ ޖުމުލައެއް ރުވާފައިއައި ތީރެއްހެން އޭނާގެ ހިތުގެ އެންމެފުންމިނަށްހެރި އެހިތް އިތުރަށް ޒަޚަމްކޮށްލައިފިއެވެ. ގިސްލަގިސްލާފައި މުސްކާނަށް ރޮއެގަނެވުނެވެ. ހިތުގައި އަޅަމުންދިޔަ ވޭނަށް ކެތްނުވެ އިންތަނަށް މީހާތިރިވުމާއެކު އަނގަމަތީގައި އަތްއަޅައިފޮރުވައިލީ ހިތްވަރުކުރަން ބޭނުންވެފައި އިނދެއެވެ. އަމިއްލަ ބަދުނަސީބާއި މެދުގައި ހިތާމަކުރަމުންދިޔައިރު އެހިތުގައި ފުނިޖެހިފައިވީ ޝަކުވާއެވެ. އޭނާއަށްވުރެ ނަސީބުދެރަ އެހެންމީހަކު ވަކި ހުންނާނެހެއްޔެވެ؟ ދުނިޔެއަށް ބިކަވެ ގިނަވެފައިވިކަމުގެ އިހުސާސުން އެހިތް އިތުރަށް ރޮއްވައިލިއެވެ.

* * * * *

ހެނދުނުއްސުރެ އައިޝްގެ އިންތިޒާރުގައި ވަގުތުތައް ގުނަމުންދިޔަ ރުހައިމްގެ ކެތްތެރިކަންވަނީ ކޮޅުންލާން ގާތްވެފައެވެ. އެއަންހެންކުއްޖާ ނުފެނި ފާއިތުވާ ކޮންމެ ހިނދުކޮޅަކާއެކު ރުހައިމްއަށް މާޔޫސްކަން ވެރިވަމުންދިޔައެވެ. ގޯޅިގަނޑާއި ދިމާލުގައި ޕާރކްކޮށްފައިހުރި ސައިކަލުމަތީގައި އޭނާ އިންނަތާ ކިތަންމެ އިރެކެވެ. އެސޫރަދެކެފައި ނޫނީ އިންތަނުން ހިރިލަންވެސް އޭނާ ބޭނުންނުވާކަހަލައެވެ. އިސްތަށިގަނޑުގައި އަތްފުނައަޅައިލަމުން ލައިގެންހުރި ޖިންސްގެ ޖީބުންނެގި ސިނގިރޭޓް ފޮށިން ސިނގިރޭޓެއް ނެގުމަށްފަހު ރޮއެކޮށްލަމުން އަނގައިގައި ޖަހައިލިއެވެ. ވަގުތު ހޭދަވަމުންދިޔަ ގޮތްވެސް އޭނާއަށް ނޭނގޭކަހަލައެވެ. އިރުއިރުކޮޅާ މަގުގެ ދެފަރާތް ބަލައިލެވެނީ ހިތްއަވަސްވެފައިވާ ހާލުއެވެ.

"ހައިއްޓެ.. ކައެ އެބަ ހޯދާ.." ގޯޅިގަނޑުގައިހުރި ގެއެއްގެ ތެރެއިން ނުކުތް އޭނާގެ އެކުވެރިއެއްގޮވައިލި އަޑަށް ރުހައިމް ފަހަތަށް ބަލައިލިއެވެ. އެބެލުމުގައިވީ ހިތްހަމަނުޖެހުމެވެ. އެތަނުން ދާންބޭނުން ނުވެފައިއިނުމުންކަމަށްވެސް ވެދާނެއެވެ. ނަމަވެސް އޭނާގެ އެކުވެރިޔާ އެއިޝާރާތްކުރަނީ ކާކަށްކަން އެނގި އަމިއްލަ ނަފުސަށް މަޖުބޫރުކުރާފަދަ ގޮތަކަށް އިންތަނުން ތެދުވިއެވެ. ފަހުފަހަރަށް މަގުގެ ދެފަރާތް ބަލައިލަމުން ރުހައިމް ގޮސް އެގެއަށްވަނެވެ.

ޑިއުޓީގައި އުޅުނު މުސްކާންގެ ފަރާތުން ފައުޅުވަމުންދިޔައީ ނެގިމަޑުކަމެވެ. ހަވީރު ޑިއުޓީއަށް އައީއްސުރެ އޭނާގެ ބަސްމަދުވެފައި ހުންނަކަން އެކުގައިއުޅުނު ދެތިން މީހުންވެސް މިހާރު ފާހަގަކޮށްފިއެވެ. އެއިން ކޮންމެ މީހަކަށް ގަދަކަމުން ހިނިތުންވުމެއް ހަދިޔާކުރަމުން އެމީހުންގެ ސުވާލުތަކުން މުސްކާން ރެކިގަނެއެވެ. ލޫޔާވެސް ނެތުމާއެކު ޑިއުޓީގައި ފޫހިކަން އޭނާއަށް އިހުސާސުވަމުންދިޔައީ އިންތިހާއަށެވެ. ގިނައިރު ރުއިމުގެ ސަބަބުން ދެލޯކައިރި ދުޅަވެފައިހުރިއިރު ކޮލާދިމާލުން ޒުލޭހާ ފިތައިލި ތަންކޮޅުގައި މަޑުރަތްކަމެއް ފައުޅުވާން ހުއްޓެވެ.

މުސްކާންގެ ޑިއުޓީ ނިމުނުއިރު ހުރީ ރޭގަނޑު އެގާރަގަޑިބައި ބާރަޖަހަން ގާތްވެފައެވެ. ކޮނޑުގައި އަޅުވައިލައިފައިއޮތް އަތްދަބަސް ރަނގަޅުކޮށްލަމުން ހޮސްޕިޓަލުން ނުކުމެ މަގުމައްޗަށް ނަޒަރު ހިންގައިލިއެވެ. ކޮންމެސް ވަރަކަށް ވިއްސާރައިގެ ކުލަވަރު އުޑުމަތިން ފައުޅުވާންހުރިއިރު ފަޒާގައިވީ ތެތްފިނިކަމެއް ހިފައިފައެވެ. ވަރުބަލިގޮތަކަށް ދެލޮލުގައި ކަނައަތްތިލައިގެ އިނގިލިތަކުގެކުރި ކާތައިލަމުން މުސްކާން ކުރިއަށް ހިނގައިގަތެވެ. މީހުން މަދު އަނދިރި ގޯޅިގަނޑަކަށް އަޅައިލެވުމާއެކު އޭނާ ހިނގުން ބާރުކޮށްލިއެވެ. މަގުގެ އެއްފަރާތުގައި ޕާރކްކޮށްފައިއޮތް ކަޅުކުލައިގެ ވޭނަކާއި އަރައި ހަމަވުމާއެކު ކޮންމެވެސް މީހަކު އޭނާގެ އަތުގައި ހިފައި ކުއްލިއަކަށް ދަމައިގަތެވެ. ދެލޯބޮޑުކޮށްލަމުން ހަޅޭއްލަވައިގަންނަން އުޅުނުވަގުތު އެމީހަކު އޭނާގެ އަތްތިލަ މުސްކާންގެ އަނގަމަތީގައި އަޅައި ބާރުކޮށްލިއެވެ. އަދި ވޭނުގެ ފުރަގަހަށް އޭނާ ވެއްދުމާއެކު ވޭނާއި އެމީހެއްގެ ބިޔަ ހަށިގަނޑާއި ދެމެދު ގުޑިނުލެވޭނެފަދަ ގޮތަކަށް މުސްކާން ހައްޔަރުކޮށްލިއެވެ.

(ނުނިމޭ)

Ads by Allied Insurance
  1. ތޫހާ

    ނެކްސްޓްއެޕިސޯޑް