އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދެވަނަ ބައި)
▾ މި ވާހަކައިގެ ޢަދަދުތައް
މޭޒުދޮށުގައި ހިނިއައިސްފައިއިން ލުހާމްގެ ނަޒަރު މުހުސިންގެ ގާތުގައި އިސްޖެހިފައި ހުރި މުސްކާނަށް ހުއްޓުނެވެ. ފުރިހަމަ ހަތަރު އަހަރުފަހުން އޭނާއަށް އަދި މުސްކާން އެފެނުނީއެވެ. ހިތާއިހިތުން އެރީތިކަމަށް ލުހާމަށް ތަޢުރީފުކޮށްލެވުނެވެ. އިސްޖެހިފައިހުރި މުސްކާން ލަސްލަހުން އިސްއިފުލައިލަމުން ކުރިއަށް ބަލައިލިއެވެ. އެވަގުތު އޭނާއަށް ބަލަހައްޓައިގެން އިން ލުހާމްގެ ނަޒަރާއި ސީދާވެލުމާއެކު ރޯމަހެއް ތެޅޭފަދައިން މުސްކާންގެ ހިތް ތެޅިގަތެވެ.
ލުހާމްގެ ނަޒަރު ސީދާވެފައިވާ ދިމާފެނި ފަހަތަށް އެނބުރިލަމުން ޒުލޭހާ ބަލައިލިއެވެ. ލުހާމަށް ބަލަހައްޓައިގެންހުރި މުސްކާންފެނި އޭނާގެ މޫނުމައްޗަށް ފޫހިކަންވެރިވިއެވެ. ދީމްއަށްވެސްވީ އެފަދަ ގޮތެކެވެ. މޫނުކުނިކޮށްލުމާއެކު ލުހާމްގެ ސަމާލުކަން ހޯދޭތޯ ކޮންމެވެސްކަމެއް ކޮށްލިއެވެ. އެއްގޮތަކަށްވެސް އޭނާގެ ދޮންބެ މުސްކާނަށް އެފަދަގޮތަކަށް ބަލައިލާކަށް އޭނާގެ ހިތެއް ނުރުހެއެވެ.
"ހޫންން.. ކީއްކުރަން އޭނަ ގޮވައިގެން ތިއައީ؟ މި މުހުސިނާހެދި އަހަރެންނަށް ނޯންނާނެ ހިތްހަމަޖެހިގެން އެއްކަމެއްވެސް ކުރެވޭކަށް. ހަމަކޮންމެ ތަނަކަށް އޭނަ ފައްތަން ޖެހޭތަ؟" ހިތްހަމަނުޖެހިފައި މުހުސިނަށް ލޯއަޅައިލަމުން ޒުލެހާ ތުން އަނބުރައިލިއެވެ.
"ޒުލޭހާއަށް ހަމަ ސާބަސް. އަދިވެސް ތިގޮތް ދޫކުރާކަށް ނުވޭތަ؟ މިވެސްހަމަ އަހަރެންގެ ދަރިއެއްކަހަލަ ކުއްޖެކޭ.. ތިހައި ހިތް ހަރުވާކަށް ނުވާނެ." ދެފަރާތަށް ބޯހޫރުވައިލަމުން މުހުސިން ބުންޏެވެ. މުހުސިންގެ ވާހަކަހުރިގޮތުން ޒުލޭހާގެ މޫނުމައްޗަށް ރުޅިވެރިކަން ވެރިވިއެވެ. މުސްކާނަށް އޭނާ ބަލައިލީ އިންޒާރެއްދޭ ފަދައިންނެވެ.
"ދަރިއެއްކަހަލަ ކުއްޖެއް.. އެކަމު ދުވަހަކުވެސް ދަރިއަކަށް ނުވާނެ.." މަލާމާތުގެ ހިނިތުންވުމެއް ޒުލޭހާގެ ތުންފަތަށް ވެރިވިތަންފެނި މުސްކާންގެ ހިތުގައި ޖެހުނެވެ. ޒުލޭހާ އޭނާދެކެ އެހައިރުޅި އަންނަ ސަބަބެއް އެއްގޮތަކަށްވެސް މުސްކާނަކަށް ނުވިސްނެއެވެ. ދުވަހަކުވެސް ޒުލޭހާ ހިތްހަމަނުޖެހޭނެފަދަ ކަމެއް އޭނާ ކޮށްފައެއް ނޯންނާނެއެވެ. އެހެނަސް ރުހުމުގެ ލޮލަކުން ޒުލޭހާ އޭނާއަށް ބަލައިނުލައިތާނގައި ހެޔޮހިތުން އަނގައިންވެސް ބުނެފައެއް ނެތެވެ. މުސްކާންގެ ދެލޮލަށް ކަރުނަތައް ބޮނޑިވެގަތުމާއެކު ތުންފަތުގައި ދަތްއަޅައިލީ އެކަރުނަތަށް ހިންދައިލަން ބޭނުންވެފައި ހުރެއެވެ.
"އަޅުގަނޑު ފަހުން ސައިބޯނީ.. ބޭނުމީ ޔުނިފޯރމް ބަދަލުކޮށް ތާޒާވެލަން.." މަޑުމައިތިރި އަޑަކުން މުސްކާން ބުނެލިއެވެ.
"ދެން ދާންވީނު ތިކުރާކަމެއްކުރަން.. ކާކުތަ ކަލޭ ހިފަހައްޓަނީ؟"
"ޒުލޭހާ" މުހުސިންގެ ބާރުއަޑާއެކު ސިހިފައި ޒުލޭހާ އޭނާގެ މޫނަށް ބަލައިލިއެވެ. އަދި ތުންފިއްތައިލަމުން އެނބުރި ކާންފެށީ އިތުރަށް އެއްޗެއް ބުނެފިނަމަ މުހުސިން މަޑުން ނުހުންނާނެކަން އެނގުމުންނެވެ.
މުހުސިންގެ އަތުން އަތް ނައްޓައިލުމަށްފަހު ގަދަކަމުން ހިނިތުންވެލަމުން މުސްކާން އަވަސްއަވަހަށް އެތަނުން ނުކުތެވެ. އޭނާގެ ސަބަބުން އެކުޑަ އާއިލާގެ ހަމަޖެހުން ގެއްލޭކަށް އޭނާ ނޭދެއެވެ. ދެލޮލުން ފައިބަން ތައްޔާރުވެފައިހުރި ކަރުނަތައް އަތުގެ ނުފުށުން ފުހެލަމުން ދުވެފައިކަހަލަގޮތަކަށް އައިސް މުސްކާން ކޮޓަރިއަށްވަދެ ދޮރު ލައްޕައިލިއެވެ.
ބަހެއްވެސް ނުބުނެ ފެންނަމުންދިޔަ މަންޒަރުތަކުން ހިނިއައިސްފައި ލުހާމް އިނެވެ. އަތުގައިހުރި ސައި ޖޯޑުން އިރުއިރުކޮޅާ އެތިފޮދެއް ބޯލައެވެ. ޒުލޭހާ ކަންތައްކުރިގޮތުން ހިތްހަމަނުޖެހިފައި އެތަނުން ނުކުމެގެން މުހުސިން ދިޔައީ ސައިބޯހިތްވެސް ކެނޑިފައިވުމުންނެވެ. އިތުރަށް އެތާނގައި މަޑުކުރަންވެއްޖެނަމަ އޭނާގެ ރުޅިގަނޑު ކޮންޓްރޯލުން ނެއްޓިދާނެއެވެ.
އެނދުމަތީގައި ބަންޑުންއޮވެ ރޮމުންދިޔައިރު މުސްކާންގެ ހިތްވަނީ ޝަކުވާއިން ފުރިފައެވެ. އެފަދަ ހިތްދަތިދުވަސްތަކަކާއި ދިރިއުޅުމުގައި ކުރިމަތިލާންޖެހިދާނޭ ދުވަހަކުވެސް މުސްކާން ހީކޮށްފައެއްނެތެވެ. ޒުލޭހާގެ އަނިޔާވެރި ބަސްތަކުން ކޮންމެ ދުވަހަކު އެހިތް ކަތިލެވެމުންދާއިރު އެކަމަށް ކެތްކޮށްގެންހުރުން އޭނާއަށްވަނީ މަޖުބޫރުވެފައެވެ. ކިތަންމެފަހަރަކު އެގެއިން ނުކުމެގެން ގޮސްފާނަމޭވެސް އޭނާގެ ހިތަށް އަރައެވެ. އެހެނަސް ގޮސް ވާންނާނެތަނެއްވެސް ހުރީކީނޫނެވެ. ލިބޭ މުސާރައިގެ ދެބައިކޮށްފައި އެއްބަޔަށްވުރެ އިތުރަށް ކޮންމެ މަހަކުވެސް އޭނާ ޒުލޭހާއަށް ދޭން ޖެހެއެވެ. ރައްކާކުރެވޭ މަދު ފައިސާކޮޅުން ތަނެއް ކުއްޔަށް ހިފައިގެން އުޅެވޭނޭހައި ފެންވަރެއްވެސް އޭނާގެ ނެތެވެ. މިއިން އެއްވެސްކަމަކީ މުހުސިނަށް އެނގޭ ކަންކަމެއް ނޫނެވެ. ޒުލޭހާ އޭނާގެ އަތުން ފައިސާ އަތުލާކަންއޮތީ މުހުސިނަށް ސިއްރުކޮށްފައެވެ. އެކަމަކީ މުހުސިން އެހައި ގަޔައިވާކަމަކަށް ނުވާނެތީއެވެ. ހަގީގަތަކީ ޒުލޭހާ އޭނާ ވަޒީފާއަށް ދިއުމަށް އެއްބަސްވީވެސް އޭނާގެ އަތުން އެލިބޭ ފައިސާއަށްޓަކައިކަމެވެ. އެހައިވަރުން ޒުލޭހާ އެދުނުހައިކަމެއް ކޮށްދީގެން އުޅޭއިރުވެސް އޭނާ މުސްކާނަށް ނަފުރަތުކުރަންވީ ކީއްވެހެއްޔެވެ؟
ރޮއެރޮއެ ދެލޯ ދުޅަވިއިރުވެސް ކަރުނަތައް ހުއްޓުވަން މުސްކާން އޮތީ ނުކުޅެދިފައެވެ. އެތައްފަހަރަކު ރުއިން ހުއްޓައިލެވޭތޯވެސް އޭނާ މަސައްކަތްކޮށްފިއެވެ. އެހެނަސް މިއަދު އެކަރުނަތަކަށް ނިމުމެއްނެތްކަހަލައެވެ.
* * * * *
އެނދުގައި އޮށޯވެލައިގެންއޮތް ރުހައިމްގެ ސިކުނޑީގައިވީ މިއަދު ފެނުނު އެ ހިތްގައިމު ސޫރައެވެ. އަދިވެސް އެއްފަހަރު އެސޫރަ ދެކިލުމަށް އޭނާގެ ހިތް އެދެމުންދިޔައެވެ. އެހެނަސް އެއަންހެންކުއްޖަކީ ކާކުކަން ޚުދު އޭނާއަށްވެސް ނޭނގޭއިރު ހޯދަންވެސް ދާނީ ވަކިކޮންތަނަކަށް ހެއްޔެވެ؟ މޭގައި މަޑުމަޑުން ފިރުމައިލި ރުހައިމްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ހިތުގައިވަނީ އެރީތިސޫރަ ދުވަހަކުވެސް ފުހެވުމެއްނުވާނެފަދައިން ބިންވަޅުނެގިފައެވެ. ކޮންމެވެސް ގޮތަކުން އެއަންހެންކުއްޖަކު ހޯދުމަށް އެވަގުތު އޭނާ ހިތުގައި އަޒުމް ކަނޑައެޅިއެވެ.
"އޭތް.. ކޮންޚިޔާލަކަށް ގެއްލިފަ؟ ދުވާލުގަޑީގައިވެސް ހުވަފެންބަލަނީ ދޯ" އެކޮޓަރިތެރެއަށްވަތް ކާއިލްއަށް ރުހައިމް އޮތްގޮތް ފެނުމުން ދިމާކޮށްނުލައި ހިތްހަމައެއްނުޖެހުނެވެ. އެއްދިމާލަކަށް ނަޒަރު ހުއްޓައިލައިގެން ފާޑަކަށް ހިނިއައިސްފައި ރުހައިމް އޮތުމުން ކާއިލްއަށް މަޖާވީއެވެ. ދުވަހަކުވެސް އެފަދަކަމެއް ރުހައިމްގެ ފަރާތުން ފެނިފައިނުވާތީ ހިސާބަކަށް އޭނާ ހައިރާންވާގޮތްވެސް ވިއެވެ.
"ދޮންބެ.. ކޮންއިރަކު މިތަނަށް އައީ؟" ތެދުވެ އެނދުގައި ހަމެޖެހިލަމުން ރުހައިމް ދެއްކީ މުޅިން އެހެން ވާހަކައެވެ. ހަގީގަތުގައި ކާއިލްގެ އެއްވެސް ސުވާލަކަށް ޖަވާބުދިނުމުގެ ޝައުގެއް އޭނާގެ ނެތެވެ. ވާހަކަ އޮޅުވައިލަން ބޭނުންވީ އެހެންވެއެވެ. ރުހައިމްއަކީ ކޮންމެ ކޮންމެ ކަމެއް މީހުނާއި ހިއްސާކުރާފަދަ ޒުވާނެއް ނޫނެވެ. ގިނަފަހަރަށް އޭނާގެ ފުށުން ކަމެއް އޮޅުންފިލުވުން ދަތިކަމަކަށްވަނީ އެހެންވެއެވެ.
"އަހަރެންވިއްޔާ މިތަނަށް ވަނުން މަނަލީތަ؟" އެއްބުމަ ހިއްލައިލަމުން ދެލޯހަނިކޮށްލުމަށްފަހު ރުހައިމްއަށް ކާއިލް ބަލައިލިއެވެ. ހީވަނީ ކޮންމެވެސްކަމެއް ދެނެގަންނަން ބޭނުންވެފައި ހުރީހެންނެވެ. އެއްޗެކޭ ނުބުނެ ރުހައިމް މޫނު އަނބުރައިލީ ދުރަށެވެ. އެއަމަލުން ކާއިލްގެ ސުވާލުތަކަށް ޖަވާބުދިނުމަށް ރުހައިމް ބޭނުންނުވާކަން އޭނާ ދެނެގަތެވެ. ދެފަރާތަށް ބޯހޫރުވައިލަމުން މޫނުމައްޗަށް ސީރިއަސް ކުލަވަރެއް ވެރިކޮށްލުމަށްފަހު ކާއިލް މައުޟޫ ބަދަލުކޮށްލިއެވެ.
"އަދިވެސް ތިއުޅުން ދޫކޮށްލާކަށް ނުވިސްނަންތަ؟ ރުހައިމް ތިއުޅޭގޮތުން މަންމައާއި ބައްޕަ ކުރާ ހިތާމަ ނުވިސްނޭތަ؟" ކާއިލްގެ އަޑުގައި މަޑުމައިތިރިކަން އެކުލެވިފައިވިއެވެ. ރުހައިމް ފެންނަ ކޮންމެފަހަރަކު ކާއިލްއަށް އެވާހަކަދެއްކެނީ އޭނާގެ އުޅުމާއިމެދެދުގައި ކަންބޮޑުވެފައިވާވަރުންނެވެ. ރުހައިމް ހިތްހަމަނުޖެހުނަސް ކާއިލްގެ އެއްވެސް ފަރުވާލެއްނެތް ފަދައެވެ. ހިތުގައި ކަންކަންފޮރުވައިގެން ހުރުމަކީ ރުހައިމްއާއި ޚިލާފަށް ކާއިލްއަށް ދަތިކަމެކެވެ.
"ޕްލީޒް ދޮންބެ.. އާދޭސްކޮށްފަ މިބުނީ.. ފަށަފަށައިގެން ތިވާހަކަތައް ނުދައްކަބަލަ.. ތީކީ އަހަންނަށް މުހިންމު ވާހަކަތަކެއްނޫން.. ލޯބިވާންވީ މިހާރުތަ؟ ފުރާފުރިހަމަވެ އަހަރެމެން ޒުވާނުންނަށް ވީމަތަ؟ ކުޑައިރު އެމީހުންގެ ލޯތްބާ އޯގާތެރިކަން ބޭނުންވި ދުވަހު ކީއްވެތަ އެލޯބި ނުވީ؟" ދަތްކުނޑި ވިކައިލަމުން ރުހައިމް ބުންޏެވެ.
"ކޮއްކޯ.. ކުށްކުރެވޭނީވެސް އިންސާނުންނަށޭ.. ކޮއްކޮ ނިކަން ވިސްނަބަލަ.."
"ހެވޭ.. އެއްވެއް އެއްޗެއް ވިސްނާކަށް ބޭނުމެއްނޫން.. އެއީކީ އަހަންނަށް މުހިންމު ބައެއްނޫން.. ދޮންބެވެސް ފާޑުފާޑުގެ ލެކްޗަރުތައް ނުދީ އަހަރެން އުޅޭގޮތާ ނުރުހެންޏާ ފުރައިގެން މިތަނުން ދާންއުޅޭ.. ގޮސް އެމީހުންގާތުގަ އެމީހުންގެ ބަސްއަހާ ދަރިއަށްވެގެން ހުރެބަލަ." އިންތަނުން ތެދުވަމުން ގޮނޑިމައްޗަށް އެއްލައިފައިއޮތް ޓީޝާރޓް ނަގައި ރުހައިމް ލިއެވެ. އޭނާހުރީ ހިތްހަމަނުޖެހިފައިކަން އެމޫނަށް އެކަނި ބަލައިލުމުންވެސް އެނގެއެވެ.
"ކޮއްކޮ މާއަވަހަށޭ ތި ރުޅިގަދަވަނީ.. ދޮންބެ ނޫޅެން މިތަނުން ދާކަށް.. ދޮންބެ މިތަނަށް އައިސްވެސް މިހުރީ ހަމަ ކޮއްކޮއަށްޓަކާ"
"ހުއް.. މަންމަ މެން ބުނެގެން އެދެމީހުނަށް ޖާސޫސުކޮށްދެން ދޯ" މަލާމާތުގެ ހިނިތުންވުމެއް ކާއިލްއަށް ދިނުމަށްފަހު އެކޮޓަރިން ރުހައިމް ނުކުތެވެ. ރުހައިމް ނުކުމެގެންދިޔަ މަންޒަރުބަލަންހުރި ކާއިލް ފުންނޭވާއެއް ދޫކޮށްލަމުން އިސްޖަހައިލިއެވެ. އޭރު އެމޫނުމަތިން މާޔޫސްކަން ފައުޅުވާން ހުއްޓެވެ.
"ކޮއްކޮއަށް ވިސްނޭނެނަމަ... އެއުޅުން ދޫކޮށް އިސްލާހުވާނެނަމަ.." ނިތްކުރިމަތީގައި އަތުން މަޑުމަޑުން ފިރުމައިލި ކާއިލްގެ ހިތުގައިވިއެވެ. ރުހައިމްގެ ވާހަކަހުރިގޮތުން ހިތުގައި ޖެހުނެއްކަމަކު ނިކަން އަވަހަށް ކާއިލް އެއަސަރުތައް ފަރުދާކޮށްލިއެވެ. މާޔޫސްވިނަމަވެސް ހިތްވަރުއެލުވައިލައި، ފަހަތަށް އެންމެ ފިޔަވަޅެއްވެސް އެޅުމުގެ ގަސްދެއް ކާއިލްގެ ނެތެވެ.
* * * * *
ގޭގެ ބިތްދޮށްފަރާތަށް ނުކުމެވެން ހުރި ބެލްކަނިކޮޅުގައި މަޑުކޮށްލައިގެން މުސްކާން ހުއްޓެވެ. ދެބުރިއަށްނަގައި އާދައިގެ ގޮތަކަށް ގެ ހަދައިފައިވާއިރު ކޮންމެ ބައެއްގައިވެސް ހެޔޮވަރުވަރުގެ ހަތަރުކޮޓަރިއާއި ބަދިގެކޮޅަކާއި ސިޓިންގްރޫމްކޮޅެއް ހަދައިފައިހުރެއެވެ. ކާކޮޓަރިހުންނަނީ ބަދިގެއާއި އިންވެގެން ބަދިގެ ތެރެއިންލައިފައި ނުކުމެވޭގޮތަށެވެ. ގޭގެ ތިރީބައި ކުއްޔަށްދީފައި ހުންނައިރު ޒުލޭހާއާއި އޭނާގެ އާއިލާ ދިރިއުޅެމުންދަނީ މަތީބައިގައެވެ.
ގޭގެ ބިތްދޮށުގައި ހުސްކޮށްއޮތް ކުޑަ ބިންކޮޅުގައި ޒުލޭހާ ހުންނަނީ އެކިވައްތަރުގެ ގަސްއިންދައިފުރައިފައެވެ. އޭގެތެރޭގައި ގިނައީ އެކިވައްތަރުގެ މައު ގަސްތަކެވެ. އެދިމާލަށް ނުކުމެއްޖެނަމަ ހިތްގައިމުމީރުވަހެއް ފަޒާގައި ހިފައިފައިހުންނަނީ އެ މައު ގަސްތަކުގެ ސަބަބުންކަން ޔަގީނެވެ.
އިރުއޮއްސެމުންދިޔަ ވަގުތުކަމުން އުޑުމަތިވަނީ އެކީއެކައްޗަކަށް ގަދަ އޮރެންޖްކުލައިން ފެވިފައެވެ. ހިތްގައިމުވަރަކަށް ވައިޖެހެމުންދިޔައިރު އެމާހައުލުން ހިތްތަކަށް ހަމަޖެހުން ގެނުވާނެކަން ގައިމެވެ. ޒަޚަމްވެފައިވި ހިތަކަށް ގުދުރަތުގެ ޗާލުކަމީވެސް ހިނދުކޮޅަކަށްވިއަސް ލިބިދޭ ޝިފާއެކެވެ. އެމާޙައުލުން މުސްކާންގެ ހިތަށްވެސް ލިބިގެންދަނީ އެފަދަ ވަގުތީ ޝިފާއެކެވެ. އެކަނި ވަގުތުހޭދަކޮށްލައި އަމިއްލަ ފިކުރުތަކަށް ގެއްލިފައި އެގޮތުގައި އޭނާއަށް ކިތަންމެއިރަކުވެސް ހުރެވިދާނެއެވެ.
މޯޅިއަކަށް ދެމިލަމުން ބެލްކަނިކޮޅަށް ނުކުތް ލުހާމްގެ ލޮލުގައި ފުރަގަސްދީގެންހުރި މުސްކާން އަޅައިގަތުމާއެކު ފާޑަކަށް ހިނިތުންވެލިއެވެ. މުސްކާނާއި ވާހަކަދައްކައިލުމަށް މިއީ ރަނގަޅު ފުރުސަތެކޭ ހިތަށް އެރުމާއެކު އެންމެ ސުކުންތުކޮޅެއްވެސް ބޭކާރުކޮށްލުމެއްނެތި ކުރިއަށް ޖެހިލިއެވެ.
ގާތުގައި މީހަކު ހުރިކަމުގެ އިހުސާސުކުރެވި މުސްކާން ބަލައިލިއެވެ. ހިނިއައިސްފައި ގާތުގައި ހުއްޓިހުރި ލުހާމް ފެނުމުން އޭނާ ހައިރާންވިއެވެ. ޚާއްސަކޮށް ލުހާމްގެ ކަތިނަޒަރުގައިވި ތަފާތުކަން މުސްކާނަށް ފާހަގަވިއެވެ. ގަޔަށް ފާޑެއްގެ ފިނިގަނޑެއް އިހުސާސުވުމާއެކު މުސްކާނަށް އިސްޖަހައިލެވުނެވެ.
"ކިހިނެއްތަ؟" މުސްކާންގެ މޫނުމައްޗަށް ވެރިވި ކުލަވަރު ފެނި ލުހާމްގެ ހިނިތުންވުން ފުންވިއެވެ. "ރަނގަޅު.. ލުހާމް.. ކިހިނެއް؟" ދެއަތްދެއަތާއި މޮޑެމުން މަޑުމަޑުން މުސްކާން އަހައިލިއެވެ.
"އަހަރެންވެސް.. ސޮރީ.. ހަވީރު މަންމަގެ ފަރާތުން ދިމާވި ކަންތަކަށް.." ލުހާމް ގަސްދުގައި އެހެންބުނީ މުސްކާންދޭ ޖަވާބެއް ބަލައިލުމުގެ ގޮތުންނެވެ. އަޑުއިވުނު އެއްޗަކާމެދު ޔަގީންނުވެފައި މުސްކާން އިސްއުފުލައިލައި ލުހާމްގެ މޫނަށް ބަލައިލިއެވެ.
"އިޓްސް އޯކޭ.. އަހަރެންގެ ހިތުގަ އެއްވެސް އެއްޗެއްނެތް.." ހިނދުކޮޅަކު ލުހާމަށް ބަލަން ހުރުމަށްފަހު މުސްކާން ނަޒަރު ވަކިކޮށްލިއެވެ. އެދެލޮލަށް ބެލުމުން އަމިއްލަ ނަފުސުގެ ހިފެހެއްޓުން ގެއްލިދާނެތީ އޭނާ ޖެހިލުންވީކަހަލައެވެ.
މުސްކާންގެ ޖަވާބުއައީ ލުހާމް ހީކުރި ގޮތަށެވެ. ހިނިއައިސްފައި އޭނާ ދެފަރާތަށް ބޯހޫރުވައިލިއެވެ. މުސްކާނާއި ގާތަށް ފިޔަވަޅެއްއަޅަން އުޅެނިކޮށް ޒުލޭހާ އޭނާއަށް ގޮވައިލިއަޑުއިވި ލުހާމް ތެޅިގަތެވެ. ލޮލުގެ ހިމަކޮޅުން ލުހާމަށްވީގޮތްފެނި މުސްކާންގެ ގާތަށް ހިނިއައެވެ. އެއްފަހަރު މުސްކާންގެ މޫނަށް ބަލައިލުމަށްފަހު އަނެއްފަހަރު ދޮރާއި ދިމާލަށް ބަލައިލަމުން ލައްބައޭ ބުނެ އެތަނުން ނުކުގެން ލުހާމް ދިއުމާއެކު މުސްކާނަށް އަޑު ވީއްލައި ހީގަނެވުނެވެ. ގޭގައި ޒުލޭހާދެކެ ބިރު ނުގަންނަ އެކަކުވެސް ނެތީތާއެވެ.
ހިތުގެ އެދުން ފުރިހަމަނުވެ އަންނަންވުމުން ލުހާމް ހުރީ ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހޭ ގޮތްވެފައެވެ. އެހައިދުވަސްފަހުން މުސްކާން ފެނުމުން އެހިތުގައިވި އެދުން ވަރުގަދަވެފައިވިއެވެ. ކޮންމެގޮތަކުންވެސް އެކަން ކާމިޔާބުކުރަން އޭނާ ބޭނުންވެއެވެ. އެހެނަސް ޒުލޭހާއަށް ކަމެއް ޝައްކުވެދާނެތީ އޭނާ ވަރަށް ސަމާލުވާންޖެހޭނެކަން ލުހާމަށް ވިސްނެއެވެ. ތުނިތުނިކޮށް ފަޅައިފައިހުރި ތުނބުޅީގައި އަތްހިންގައިލަމުން އެކިކަންކަމާއި މެދުގައި ލުހާމް ވިސްނުން ހިންގައިލިއެވެ. ސިކުނޑީގައި ތަފާތުކަންކަން ރާވަމުންދިޔައިރު އެމޫނުމަތީގައިވަނީ ބަލައިފޫހިނުވާނެފަދަ ހިތްގައިމު އަސަރެކެވެ.
* * * * *
ހެނދުނުގެ ހިތްފަސޭހަ ވަގުތެވެ. އޮފީސްތަކަށާއި ސްކޫލްތަކަށްދާ މީހުނާއި ކުދިންތަކުން މާލޭގެ މަގުތަށްވަނީ ހަލަބޮލިވެފައެވެ. އަތްދަބަސް ކޮނޑުގައި އަޅުވައިލަމުން މުސްކާންވެސް ގެއިން ނުކުތީ ޑިއުޓީއަށް ދިއުމަށްޓަކައެވެ. އަތުކުރީގައިއޮތް ގަޑިއަށް ނަޒަރެއްދެމުން ލަސްފިޔަވަޅުތަކެއްގައި މުސްކާން ހިނގައިގަތެވެ. އިސްޖަހައިލައިގެން ހުރެ ހިނގަމުންދިޔަ މުސްކާނަށް މީހުންގެ ތަފާތު ނަޒަރުތައް ހުއްޓެމުންދިޔައެވެ. އެއިން އެއްވެސް ކަމަކަށް އޭނާގެ ސަމާލުކަމެއްނެތެވެ.
ހިމަ ގޯޅިގަނޑެއްކަހަލަ ތަނެއްގައި އޭނާގެ ގްރޫޕާއިއެކު ހުއްޓިހުރި ރުހައިމްގެ ލޮލުގައި މަގުގެ އެއްފަރާތުން ހިނގައިފައިދިޔަ އަންހެއްކުއްޖާ އަޅައިގަތެވެ. އެއާއެކު ތެޅިގަނެފައި އެގޯޅިގަނޑުން ނުކުތުމަށް އޭނާ އުޅުނެވެ. ގާތުގައިތިބި އޭނާގެ އެކުވެރިންނަށް ޝައްކުވެދާނެތީ ނޫންކަމަށްހަދައިފައި ފިހާރައަކަށް ގޮސްފައި އެބައަންނަންކަމުގައި ބުނެލިއެވެ. އެއިން އެއްވެސް މީހަކަށް އެއަންހެންކުއްޖާ ފެންނާކަށް ރުހައިމް ނޭދެއެވެ. އޭނާގެ އެކުވެރިންގެ ހަގީގަތް އެނގޭތީއެވެ. އެކުވެރިންނެއްކަމަކު ހިތުގައި އަލަށް އެފަދަ އިހުސާސުތަކެއް އުފެދުނު އަންހެންކުއްޖަކު އެމީހުނަށް ތައާރަފުކޮށްދިނުމުގެ އެއްވެސް ގަސްދެއް ރުހައިމްގެ ނެތެވެ. އޭނާއަށް ވެގެންވާނަމަ މުޅި ދުނިޔެއަށްވެސް އެކުއްޖަކު ފޮރުވައިލީހެވެ. އެއްވެސް މީހެއްގެ ނޭދެވޭ ނަޒަރެއް، އޭނާގެ ހިތުގެ މަލިކާއާއި އަމާޒުވާކަށް ރުހައިމް ނޭދެއެވެ. އެއަށްވުރެ ހިތުގައި އެނިޔަނެތި އަންހެންކުއްޖާއަށް ދެވިފައިވީ މަގާމު މަތިވެރިއެވެ.
ލޯކުރިމަތިން އެއަންހެއްކުއްޖާ ގެއްލިދާނެތީ ދެފަޔަށް ބާރުލައިފައި ރުހައިމް ދުއްވައިގަތެވެ. މައިމަގަށް ނުކުމެވުމާއެކު އެއަންހެންކުއްޖާ ދިޔަ ދިމާލަށް އޭނާ ބަލައިލީ ހިތްއަވަސްވެފައިހުރެއެވެ. މީހުންތަކުގެ ތެރެއިން އޭނާ ފަސްދީ ހިނގަމުންދިޔަ އަންހެންކުއްޖާ ލޮލުގައި އަޅައިގަތުމާއެކު އިސްތަށިގަނޑުގައި އަތްހިންގައިލަމުން ރުހައިމް އެދިމާލަށް އަވަސް އަވަހަށް މިސްރާބުޖެހިއެވެ. އެއާއެކު މޭގައި އުފެދިގެންއައި އިޝްޤްގެ އޮއެވަރު ގަދަވެލިއެވެ. އެއޮއެވަރުގައި ބެހިގެންދިއުމަށް އޭނާގެ ހިތް އެދުނެވެ. ހިތަށްވެރިވި އަސަރުތަކުން ލާނެތް ހިނިތުންވުމެއް ރުހައިމްގެ ތުންފަތާއި ކުޅެލިއެވެ.
"ރޭގަ ތިބާ.. ހުވަފެނުގަ ދުށީމޭ..
ރީތިކަމުން ފުން ލޯބިވިއޭ..
ފަތިހުގެ ޝަބުނަމް.. ނާޒުކް މޫނުން..
ޗާލު ހަނދެއްހެން ފާޅުވިއޭ.."
ދާދިގާތުން އިވުނު ފިރިހެންވަންތަ އަޑުން ސިހިފައި މުސްކާން އިސްއުފުލައި ބަލައިލިއެވެ.
(ނުނިމޭ)
ްަވަރަށް ރީތި