ވާހަކަ

އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ހަތްވަނަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ޓްރެއިލާ) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ފުރަތަމަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދެވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތިންވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ހަތަރުވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ހަތްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(އަށްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ނުވަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދިހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (އެގާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ބާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތޭރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސާދަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަނަރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސޯޅަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސަތާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ވިހިވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެކާވިސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ދިފާވުން އެދޭނީ... (ތޭވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައްބީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ހަތާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބައްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުރަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަހުބައި)

"އޭތް.. ކަލެއަށް އެކަން ކާމިޔާބުވީމަ.. އަހަންނަށްވެސް ފުރުސަތެއް ދެއްޗޭ... އަހަރެންވެސް ބޭނުން.. އެމަލުގެ އަޖުމަ ބަލައިލަން.." ލުހާމްގެ ފައިގައި މަޑުމަޑުން ޖަހައިލި ވިޝާންގެ މޫނުމަތީގައިވީ އާދޭހެވެ. ވިޝާންގެ ވާހަކަތަކަށް ހިނިގަނޑެއް ޖަހައިލުން ފިޔަވައި ލުހާމް އިތުރުއެއްޗެއް ނުބުނެއެވެ. އެހައި ފަސޭހައިން އެކަމަށް އެއްބަސްވާކަށް ލުހާމް ބޭނުމެއްނުވެއެވެ. އޭނާއަށް އެކަމަކުން ފައިދާއެއްނުވާނެ ގޮތަކަށް އެއްވެސްކަމެއް ލުހާމް ނުކުރާނެއެވެ. އޭނާގެ މަގުސަދު ހާސިލްވުމުން ނޫނީ ވިޝާންގެ އެ އެދުމާއި މެދުގައި ވިސްނުމުގެ ޚިޔާލެއް ލުހާމްގެ ނެތެވެ.

Ads by STELCO

* * * * *

އަތުގައި އޮތް ޕޭޝަންޓެއްގެ ފައިލް ލައްޕައިލަމުން ކުރިމަތީގައިހުރި ފާރުގައި ހަރުކޮށްފައިހުރި ގަޑިއަށް ކާއިލް ނަޒަރުހިންގައިލިއެވެ. ގަޑިން ދަންވަރު 1 ޖެހުމާއި ހުރީ ގާތްވެފައެވެ. އަދިވެސް ރުހައިމް ގެއަށް ނާންނަކަން އެނގޭތީ ކާއިލް އިނީ ނިދަންދާން ބޭނުންނުވެފައެވެ. ދެލޮލުގައި ނިދީގެ އަސަރު ހުއްޓަސް ނިންޖާއި ދެކޮޅަށް އޭނާ ހަނގުރާމަކުރަމުން ދިޔައެވެ.

ކުރިމަތީގައިހުރި ކުޑަ މޭޒުމަތީގައި ފައިލް ބާއްވައިލަމުން އިންތަނުން ތެދުވެ ކާއިލް ހިނގައިގަތީ ބަދިގެއާއި ދިމާލަށެވެ. އެތެރަށްވަދެ ބޮކިތައް ދިއްލައިލުމަށްފަހު ކޮފީ މެޝިން ކައިރިއަށް ޖެހިލައި އަމިއްލައަށް ކޮފީއެއް ތައްޔާރުކޮށްލިއެވެ. އަދި އެހިފައިގެން ނުކުމެ ކުރިންވެސް އިންތަނުގައި އަލުން އިނށީދެލިއެވެ. އާވިއަރައަރައިހުރި ކޮފީގެ އެތިފޮދު ބޮމުންދިޔައިރު އިރުއިރުކޮޅާ އޭނާގެ ދެލޯ ގޭގެ ދޮރާއި ދިމާލަށް ހުއްޓެމުންދިޔައެވެ. އެއީ ކޮންމެ ރެއެއްގެ އާދަނަމަވެސް ރުހައިމް އެކަނި ހާލައިގެން ދޫކޮށްފައިގޮސް ނިދަން އޮންނަން އޭނާ ބޭނުންނުވަނީއެވެ. މިތަނގާއި ރުހައިމްއަށް އަޅައިލާން އޭނާ ނޫން މީހަކު ނެތްކަން ކާއިލް ދަނެއެވެ. ދެރައީ އެވަރު ރުހައިމްއަށް ނުވިސްނޭތީއެވެ.

ތަޅުގައި މީހަކުހިފައި އަނބުރައިލިއަޑަށް ކާއިލް އޭނާގެ ހުރިހައި ސަމާލުކަމެއް އެދިމާލަށް ހުއްޓައިލިއެވެ. ބަލަން ހުއްޓައި މަޑުމަޑުން ދޮރުހުޅުވައިލުމަށްފަހު އެތެރަށް ވަތް ރުހައިމް ފެނި އަތުގައިހުރި ކޮފީ މަގު މޭޒުމަތީގައި ބަހައްޓައިލަމުން އިންތަނުން ކާއިލް ތެދުވިއެވެ. ލައިގެންހުރި ސޯޓުގެ ދެޖީބަށް އަތްޖަހައިލަމުން ވަދެގެންއައި ރުހައިމްއަށް ފުންނަޒަރަކުން ބަލައިލީ އެހެންޏާ ނުފެންނަކަމެއް ރުހައިމްގެ ފުށުން ފެނުމުން ހައިރާންވެފައި ހުރެއެވެ.

ސިޓިންގްރޫމްގެ މެދަކާއި ހަމައަށް އައުމަށްފަހު އިސްޖަހައިގެންހުރި ރުހައިމް އިސްއުފުލައިލީ އޭނާގެ އިންތިޒާރުގައި ކާއިލް އެތަނުގައި ހުންނާނެކަން އެނގިހުރެއެވެ. ހައިރާންވެފައި އޭނާއަށް ބަލަހައްޓައިގެން ކާއިލް ހުންނަންފެށުމުން ރުހައިމް ނިތްއަރުވައިލީ ކިހިނެއްވީހޭ އަހައިލުމުގެ ގޮތުންނެވެ. ރުހައިމްގެ އެއަމަލު ކާއިލް ދެނެގަތްކަން އެނގުނީ މަޑުމަޑުން އޭނާ ދެފަރާތަށް ބޯހޫރުވައިލުމުންނެވެ.

"ދޮންބެއަށް މިފެންނަނީ ހުވަފެނެއްތަ؟" ހިތަށް ލިބުނު ބަޔާންކުރަންދަތި ހަމަޖެހުމާއެކު ކާއިލްއަށް އަހައިލެވުނީ ހިނިއައިސްފައި ހުރެއެވެ. ކާއިލްގެ ރާގުހުރިގޮތުން ރުހައިމްގެ ތުންފަތްވެސް ދެފަރާތަށް ދެމިލަން އުޅުނެވެ. އެހެނަސް އެކަންވިޔަ ނުދިނުމަށް ތުންފިއްތައިލަމުން ރުހައިމް އަވަސް އަވަހަށް އިސްޖަހައިލިއެވެ. ކާއިލް އެހެން އެއެހި ސަބަބު ރުހައިމްއަށް އެނގެއެވެ. ކޮންމެ ރެއަކުވެސް ކާއިލްއާއި ރުހައިމް ބައްދަލުކުރަނީ މަސްތުގެ ހާލުގައި އާވާރާވެފައި ހުރެއެވެ. ގިނަރޭރޭ އޭނާ ނިދާ އެނދާއި ހަމައަށް ގެންގޮސްދެނީ ކާއިލްއެވެ. އެންމެ ފަހުން އޭނާ ހަމައިގައިހުއްޓައި ކާއިލްއާ ބައްދަލުވީ ކޮންރެއަކުކަމެއް ބުނެދޭކަށް ޚުދު ރުހައިމްއަށްވެސް ނޭނގެއެވެ. ކާއިލްގެ އަޑުގައި އެހައިބޮޑު ހަމަޖެހުމެއްވީ އެހެންވެކަން ޔަގީނެވެ.

"ހައިމް.. އާދެބަލަ ދޮންބެއާ ވާހަކަދައްކާލަން މިތާ އިނށީދެލަން.." މަޑުމައިތިރިކަމާއި އޯގާތެރިކަން ކާއިލްގެ އަޑުގައިވިއެވެ. ފަސްދީފައި ދާންބޭނުންވިއަސް މިރޭ އެހިތްވަރު ކުރާކަށް ރުހައިމްއަކަށް ނުކެރުނެވެ. އިރުކޮޅަކު ވިސްނަން ހުރުމަށްފަހު މަޑުމަޑުން އައިސް ކާއިލް ގާތުގައި ރުހައިމް ހުއްޓުމާއެކު ލުއިގޮތަކަށް ކާއިލް ހިނިތުންވެލިއެވެ. އަދި ސޯފާއަށް އިޝާރާތްކޮށްލަމުން އޭނާ އިނށީދެ ހަމަޖެހިލިއެވެ. ކާއިލްއާ ޖެހިގެން ތަންކޮޅެއް ދޫކޮށްލުމަށްފަހު ރުހައިމްވެސް އިނށީނެވެ.

"ކޮއްކޮ ކަމަކާ ދެރަވެފަތަ؟" އިސްޖެހިފައި މާމަޑުމަޑުން ރުހައިމް އިންނަން ފެށުމުން ކާއިލް އަހައިލިއެވެ. ރުހައިމްގެ ފުށުން އެހެންނާ ފެންނަ ޖަދަލުކުރުމުގެ ރޫޙުވެސް ނެތުމުން ކާއިލް އިނީ އެކަމާއިވެސް ސުވާލުއުފެދޭގޮތްވެފައެވެ. ކޮންމެގޮތެއްވިއަސް އޭނާގެ ކޮއްކޮއަށް ކޮންމެވެސް ބަދަލެއް އައިސްފިކަން ކާއިލްގެ ވިސްނުންތޫނު ސިކުނޑި ދެނެގަތެވެ.

ކާއިލްގެ ސުވާލާއެކު މިފަހަރު ރުހައިމްއަށް އޭނާގެ ހިނިތުންވުން ފޮރުވުމުގައި ކާމިޔާބެއްނުވިއެވެ. އަދިވެސް އެއީ އޭނާގެ އިހުސާސުތައް އެންމެ ފަސޭހައިން ދެނެގަންނަ ފަރާތްކަން ކާއިލް ސާބިތުކޮށްދީފިއެވެ. އޭނާގެ ހަމަހިމޭންކަން ކާއިލް ދެނެގަތުމުން ރުހައިމްއަށް ކުރެވުނީ ތަފާތު އިހުސާސެކެވެ. ކުރިންދުވަހަކު ކާއިލް ދެއްކި ވާހަކަތަކާއި މެދުގައި ފުންކޮށް ވިސްނުން ހިންގައިލެވުނެވެ. ކުރީގައި އެދެމެދުގައިއޮތް ގާތްކަން ހިތަށް ގެނެވުނެވެ. އޭރުވެސް އެންމެގާތުން ރުހައިމްގެ އިހުސާސުތައް ދެނެގަތުމުގައި ކާއިލް އަބަދުވެސް ކާމިޔާބުހޯދައެވެ. ބަސްމޮށުންތެރިކަމަކާއި ނުލައިވެސް އެހިތުގެ ހާލު ނުހަނު ފަސޭހައިން ކާއިލް ދެނެގަނެއެވެ.

އަމިއްލަ ނަފުސަށް ވެރިވަމުންދިޔަ ތަފާތު ޖަޒުބާތުތަކާއެކު ރުހައިމްއަށް ކާއިލްއަށް ބަލައިލެވުނީ ބޭއިޚުތިޔާރުގައެވެ. އެ ބޭބެއާއި މެދުގައި ނުރުހުންތެރިކަން ފައުޅުކުރިއަސް އެހިތުގައި އަދިވެސް ކާއިލްގެ މައްޗަށްވީ ފުންލޯތްބެކެވެ. ހަމައިގައި ހުންނަ ވަގުތުތަކު ކާއިލްއާއި މެދުގައި ކަންތައްކުރެވޭގޮތުން ރުހައިމް ދެރަވިއަސް އެކަން ދައްކަން އޭނާ ބޭނުންނުވަނީއެވެ. އެހެނަސް މިރޭގެ މިވަގުތުކޮޅު އެހުރިހައި އިހުސާސެއް ބަންޑުންކޮށްލުމަށް ރުހައިމްގެ ޟަމީރު އެދެމުންދިޔައީ އިންތިހާއަށެވެ. ކާއިލް ނޫނީ އޭނާގެ އިހުސާސުތައް ދަންނާނެ އިތުރުމީހަކު ނެތެވެ. ކުރިއަށް ދާންވީމަގު ކޮށައިދީ ދެގޮތެއްނުވެ އޭނާގެ ގާތުގައި ހިތްވަރުދޭން ހުންނާނެ މީހަކު ނެތެވެ. އެހައި ދުވަހު އެހިތުގެ ވަށައިގެން ރޭނި ބޯފާރަށްވީ ކިހިނެއްކަމެއް ރުހައިމްއަކަށް ނޭނގުނެވެ. ފާރުގައި ރެނދުލައި ފުނޑުފުނޑުވާން ނެގީ މަދު ސުކުންތުކޮޅެކެވެ. މުސްކާންގެ ޝަރުތު ކަންފަތްބުޑުގައި ގުގުމާން ފެށުމާއެކު ރުހައިމްއަށް އަނެއްކާވެސް އިސްޖަހައިލެވުނެވެ. އެއަންހެންކުއްޖާ އޭނާއަށް ޖެއްސީ ކޮންފަދަ ސިހުރެއްކަމެއް ނޭނގެއެވެ. އެނގޭހައިވެސް އެއްޗަކީ އެނިޔަނެތި އަންހެންކުއްޖާގެ ސަބަބުން އެހަރުހިތް މަޑުކަފަކޮޅަކަށް ބަދަލުވެއްޖެކަމެވެ. ނަފުސު ބަލިކަށިވެގެން ހިނގައްޖެކަމެވެ. އޭނާގެ އެވަރުގަދަ ހައިވާނީ ސޫރަ ފޫއަޅުވައިލުމަށްފަހު ކުރީގެ ރުހައިމް ފައުޅުވަން ގަދަހަދަމުންދާކަމެވެ. ހިތް އެގޮތަށް އެކަންވާން ނޭދުނަސް ދެކޮޅަށް ހަނގުރާމަ ކުރާނެ އެއްވެސް ބާރެއް އޭނާގެ ނެތެވެ. ލޯތްބަކީ ހަމައެހައި ބާރުގަދަ އެއްޗަކީ ހެއްޔެވެ؟ ހިނދުކޮޅެއްގެ ތެރޭގައި ހީވެސްނުކުރާފަދަ ބަދަލުތައް އަމިއްލަ ނަފުސަށް ގެނައުމުގެ ބާރުވެސް ލޯބީގައި ވަނީ ހެއްޔެވެ؟ ތެދުވެރި ލޯތްބެއްގެ ވިންދު ހިތުގައި ޖެހުމުން ކޮންމެ އިންސާކަށްވެސް ކުރެވެނީ މިފަދަ އިހުސާސުތަކެއް ހެއްޔެވެ؟

"ހައިމް.." ހިމޭންކަމާއެކު ބަހެއްވެސް ނުބުނެ ރުހައިމް އިންނަން ފެށުމުން ކާއިލް ގޮވައިލިއެވެ. އެއަޑުގައި ކަންބޮޑުވުން އެކުލެވިގެންދިޔައީ ރުހައިމްގެ ތަފާތުވެފައިވި މިޒާޖުފެނިފައެވެ.

"ދޮންބޭ.." ރުހައިމް ގޮވައިލީ ކިތަންމެ މަޑުން ނަމަވެސް އެދުލުން ބޭރުވި ލަފުޒާއެކު ކާއިލްގެ ހިތުގައި އުފެދުނީ ބަޔާންކުރަންދަތި އިހުސާސެކެވެ. އާނއެކޭ ބުނަމުން ރުހައިމްއާއި ގާތަށް ކާއިލް ޖެހިލިއެވެ.

"އަހަރެންގެ މިސިފަދެކެ އެއްވެސް އަންހެންކުއްޖަކު ގަޔައެއްނުވާނެ ދޯ.. އެއްވެސް މީހަކު އަހަރެން މިގޮތުގަ ބަލައެއްނުގަންނާނެ ދޯ.." ހިތަށް ކުރަމުންދިޔަ އަސަރާއެކު ރުހައިމްގެ ދުލުން އެބަސްތައް ބޭރުވީ އަމިއްލަ އިޚުތިޔާރުން ބޭރުއެވެ. ރުހައިމްގެ ވާހަކަ ހުރިގޮތުން ކޮންމެވެސް ވަރަކަށް އޭނާއަށް ވެގެންއެއުޅޭގޮތް ކާއިލްއަށް ފަހުމްވިއެވެ. ފުންނޭވާއެއްދޫކޮށްލަމުން ރުހައިމްގެ ކޮނޑުގައި ލޯތްބާއެކު ކާއިލް ފިރުމައިލިއެވެ.

"ކޮއްކޯ... ކޮއްކޮއަށް ތިދިމާވެގެންއުޅޭކަމެއް މާރަނގަޅަށް ދޮންބެއަކަށް ނޭނގެ.. އެކަމަކު ދޮންބެގެ ޚިޔާލަކަށް އެދުނަތީ ދޮންބެ ދެކޭގޮތް ހިއްސާކޮށްލާނަން.. ކޮންމެ މީހަކީވެސް ތަފާތު ޚިޔާލުތަކެއްގެ ވެރިއެއް.. އެކިމީހުން ކަންކަމުގައި ވިސްނާގޮތާ ދެކޭގޮތް ތަފާތުވާނެ.. ދޮންބެގެ ނަޒަރުގަ ހެޔޮވިސްނޭ ޚުލްގުހެޔޮ އެއްވެސް އަންހެންކުއްޖަކު އަމިއްލަ ދިރިއުޅުމަށް ލާޗާރުބިޗާރުވެގެން އުޅޭ މީހަކު ގެންނާކަށް ބޭނުމެއްނުވާނެ.. އެފަދަ ކުއްޖަކު ބޭނުންވާނީވެސް ޚުލްގުހެޔޮ ސާލިޙް ފިރިހެނެއް.. ދެދުނިޔޭގައިވެސް އެކުއްޖަކާއި އެކުގައި ހުރެދޭނެ ދާއިމީ ބައިވެރިއެއް.. އަތުގައި ހިފައިގެން ކުރިއަށްދާނެ ހަރުދަނާ ޒުވާނެއް.. ކާކު އެމީހެއްގެ ދިރިއުޅުމުގެ ލަގަން އެއްވެސް މަންޒިލެއްނެތި ކުރިއަށްދާ މީހެއްގެ އަތަށް ދޫކޮށްލަން ބޭނުންވާނީ.. ކޮއްކޮވެސް ވިސްނާލީމަ ދޮންބެ މިބުނާ ވާހަކަތައް އެނގޭނެކަން ޔަގީން.. އެއްވެސް މީހަކީ އެންމެ ފުރިހަމަ މީހެއްނޫން.. ކުށްކުރެވޭނީވެސް، އަދި ފާފަކުރެވޭނީވެސް އަހަރެމެން އިންސާނުންނަށް.. ތައުބާގެ ދޮރުކޮޅު އެންމެ ފަހުވަގުތާޖެހެންދެންވެސް އަހަރެމެންނަށްޓަކާ ހުޅުވިފައިވަނީ އެހެންވެއެއްނު.. ހައިމް ވިސްނަބަލަ.. ކުރިންތީ ކިހިނެއް އުޅުނު ކުއްޖެއް.. ދޮންބެއަށްވުރެ ބޮޑަށް ދީނީ ކަންކަމަށްވެސް ފަރުވާތެރިވެ އިސްކަމެއްދިނީ ހައިމް.. ހަގީގަތުގަ ދޮންބެއަށް މިހުރިހައިކަމެއް އެނގި ދަސްވީވެސް ހައިމްގެ ސަބަބުން.. މީހަކު ތިމާއާއި ދޭތެރޭ ކޮންމެ ގޮތަކަށް ކަންތައްކުރިއަސް އޭގެމާނައެއްނޫން އެމީހެއްގެ ސަބަބުން ތިމާ ނުބައިމަގު ޚިޔާރުކޮށް އެމަގުން ހިނގާށޭ.. އެގޮތަށް ކަންތައްކޮށްގެން ކޮއްކޮއަށް ދަށްކޮށްލެވެނީ އެމީހުނެއްނޫން.. އަމިއްލަ ނަފުސު.. އާޚިރުގަ ހުރިހައި ދެރައެއްލިބޭނީ ހަމަ ކޮއްކޮއަށް.. ވިސްނާލަބަލަ.." ރުހައިމްގެ ބުރަކަށީގައި ލޯބިން ފިރުމަމުން ކާއިލް ނަސޭހަތްތެރިވަމުންދިޔައިރު ކަނުލައި އެވާހަކަތައް އަޑުއަހަން ރުހައިމް އިނެވެ. ދެކޮޅަށް އެއްވެސް އެއްޗެއް ބުނުމެއްނެތިއެވެ.

"ހައިމްގެ ވާހަކަތަކުން ދޮންބެއަށް ހީވަނީ ތިހިތާއިހަމައަށް ވާސިލްވި އަންހެންކުއްޖަކު ކާމިޔާބުނުވީހެން.. ކޮއްކޮގެ އެދުމަށް ދެކޮޅުހެދީހެން.. ދޮންބެގެ ބަހެއްއަހާނަމަ ނިކަން ތިއުޅުން ދޫކޮށްލާފަ ކޮއްކޮ ކުރިން އުޅުނުގޮތަށް ރުޖޫއަވެބަލަ.. ތިނުބައި މަގު ދޫކޮށްލާފަ ހެޔޮކަމުގެ މަގު ޚިޔާރުކޮށްބަލަ.. އަހަރެމެން ކިތަންމެ ކުޑަކަމަކުވެސް އެދި ދަންނަވާންޖެހޭނީ އަހަރެމެންގެ ވެރި ރައްބުގެ ހަޟްރަތުން.. ނިކަން ތިގޮތްދޫކޮށްލާފަ ހެޔޮގޮތުގަ އެއަންހެންކުއްޖަކު ކާމިޔާބުވޭތޯ ކުރިމަތިލަބަލަ.. ތައުބާގެ ދޮރުކޮޅު އަދިވެސްވަނީ ހުޅުވިފަ.. ތިފާފަވެރި ދިރިއުޅުން ދޫކޮށް ކުރެވިފައިވާ ފާފަތަކަށް ތައުބާވެ ތިހުގެ އެދުން އެކަލާނގެ ހަޟްރަތުގަ ދަންނަވާ.. އެކަލާނގެއީ އަޅުތަކުންގެ ހާލު އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ.. އެންމެ އޯގާވަންތަ އަޅުތަކުންދެކެ ނުހަނު ލޯބިވެވޮޑިގެންވާ ރަސްކަލާނގެ.. ހިތްތަކުގައި ވާހައި ސިއްރުތައް އެކަލާނގެ ދެކެދެނެވޮޑިގެންވޭ.. ދޮންބެ ބުންޏަތީވެސް އެއްފަހަރުވިއަސް ތިދެއަތް އުފުލައިލައި އެކަލާނގެ ހަޟްރަތުގައި ތިހިތުގެ އެދުން ތަކުރާރުކޮށް ދަންނަވާ.. ކޮއްކޮ ހީވެސް ނުކުރާފަދަގޮތަކަށް ތިހިތުގެ އެދުން ފުރިހަމަކޮށްދެއްވުމަށްވެސް އަހަރެމެންގެ ވެރި ރައްބު ކުޅަދުންވަންތަވެ ވޮޑިގެންވޭ.. އަމިއްލަ ނަފުސާ ސުވާލުކޮށްލަބަލަ.. އޭރަށް ތިހިތުގަ ހިނގާ ހުރިހައި ސުވާލެއްގެ ޖަވާބުވެސް ލިބޭނެކަން ޔަގީން.." ހޭވިފައިވި ރުހައިމްގެ އިސްތަށިގަނޑު އެއްފަރާތްކޮށްލަމުން ލޯބިން ފުރިގެންވި ނަޒަރަކުން އެމޫނަށް ކާއިލް ބަލައިލިއެވެ. ކާއިލްގެ ވާހަކަތަކުން ރުހައިމްގެ ލޮލަށް ކަރުނަޖަމާވިކަން ޚުދު އޭނާއަށްވެސް ނޭނގުނެވެ. އެދެލޮލުގައި ބޮނޑިވެފައިވި ކަރުނަތައް ކާއިލް ފުހެލައިދިނީ ނުހަނު އޯގާތެރިކަމާއެކުއެވެ. ތުންފިއްތައިލަމުން ކާއިލްގެ މޫނަށް ބަލައިލުމަށްފަހު އިންތަނުން ތެދުވެ ހަލުވި ފިޔަވަޅުތަކެއްގައި ރުހައިމްގޮސް އޭނާގެ ކޮޓަރިއަށްވަނެވެ. ފުންނޭވައަކާއެކު ދެލޯމަރައިލި ކާއިލްގެ ހިތުގައި ކޮއްކޮއަށްޓަކައިވީ ހެޔޮދުޢާއެވެ. ލައްކަދުވަހު ރުހައިމް ގާތުގައި ދެއްކުމަށް ހިތުއަޅައިގެން އުޅުނު ވާހަކަތަކެއް ބޭރުކޮށްލެވުމުން އެހިތަށްވަނީ ތަފާތު ހަމަޖެހުމެއް ލިބިފައެވެ. ރުހައިމް އެވާހަކަތަކާއި މެދުގައި ވިސްނުމަށް ކާއިލްއަށް އެދެވެމުންދިޔައީ ކޮއްކޮގެ ފުށުން ހެޔޮބަދަލެއް ދުށުމަށް އިންތިހާއަށް އެދެވިފައިވާ ހާލުއެވެ.

* * * * *

ރުހައިމްއާއި ދެމެދު އެރޭހިނގި ހާދިސާއަށް ތިންދުވަސްވެގެން ދިޔައީއެވެ. މަގެއްމަތިންވެސް އޭގެފަހުން ރުހައިމް ނުފެންނާތީ މުސްކާންގެ ހިތަށް ހަމަޖެހުން ލިބުނެވެ. އެހައި ފަސޭހައިން ރުހައިމްގެ ކިބައިން ސަލާމަތްވެވިދާނެކަމަށް މުސްކާނަށް ހީވެފައެއްނެތެވެ. އެހެނަސް އެއްވެސް ސިފައެއްގައި ރުހައިމްގެ އުނދަގުލެއް ނުވުމުން ހެއްދެވިފަރާތަށް ޝުކުރުކޮށްލެވުނެވެ. ހަމަޖެހިލައިގެން މަގުމަތީގައި އުޅުމަށް ކުރިއެކޭ އެއްގޮތަށް ފަސޭހަވެގެން ދިޔައެވެ. އެބުނިބަހުގައި ހިފަހައްޓައި އެނބުރި ރުހައިމް އަތުވެދާނެތީ ޖެހިލުންވުންވިއަސް އަދި އެކަމާއި ވިސްނައި ނަފުސު ހާސްކުރުވާކަށް މުސްކާން ބޭނުމެއްނުވިއެވެ. އޭނާ ފިކުރުކުރަންޖެހޭ ކަންތައް މަދީކީނޫންވިއްޔާއެވެ.

ހެނދުނުއްސުރެ އުޑުމަތި ބައްދަމުންއައި ވިލާތަކުން ވާރޭ އޮއްސައިގަތީ ކުއްލިއަކަށެވެ. ބޯކޮށްވެހެމުންދިޔަ ބޮޑުތިކި ވާރެއަށް ބަލަހައްޓާއިގެން ހޮސްޕިޓަލުގެ ކުޑަދޮރެއް ކައިރީގައި މުސްކާން ހުއްޓެވެ. ހަވީރު ޑިއުޓީ ނިންމައިލުމަށްފަހު ގެއަށް ދާން ތައްޔާރުވެގެން ހުއްޓައި ވާރޭވެހެން ފެށުމުން ނުތަނަވަސްވެފައިވި ނަފުސަށް ހަމަޖެހުން ލިބުނެވެ. އެހައިއަވަހަށް ގެއަށްދާކަށް މުސްކާން ބޭނުމެއްނުވެއެވެ. ގެއަށްދިއަސް ލިބޭނީ އިތުރު ވޭނެކެވެ. ހިތްދަތިކަމެވެ. ޒުލޭހާގެ ވިހަބަސްތައް އަޑުއަހައިއަހައި އޭނާވަނީ ވަރުބަލިވެފައެވެ. އެބަސްތަކަށް އަދިވެސް ނަފުސު އާދަނުވާތީ އިވޭކޮންމެ ލަފުޒަކުން އެހިތަށް ލިބިގެންދަނީ އިތުރު ޒަޚަމެކެވެ. އަނިޔާއެކެވެ. އެހުރަގެއަށް ވަނުމަށްވުރެ ހޮސްޕިޓަލުގައި ކިތަންމެ އިރަކު މަޑުކުރަންވެސް މުސްކާނަށް މާރަނގަޅެވެ.

"އޭތް.. އަދިވެސް ހުރީތަ.. ކޮންމެވެސް ވަރަކަށް ވާރޭ ތުނިކޮށްލައިފި.. ހިނގާބަލަ ދެންވެސް އަވަހަށް ދާން.." މުސްކާނަށް ގޮވައިލަމުން އެތަނަށް އައިސް ހުއްޓުނު ލޫޔާ ބުންޏެވެ. އަތުގައި އޮތް ކުޑައަށް ބަލައިލަމުން މުސްކާން އަނެއްކާވެސް ކުޑަދޮރުން ބޭރަށް ނަޒަހުއްޓައިލިއެވެ. ތެދެކެވެ. ހިނގައިލައިފައި ދެވޭވަރަށް އޭރު ވާރޭވަނީ ތުނިކޮށްލައިފައެވެ. އަމިއްލަ ޚިޔާލުތަކުގައި ބެހިގެންގޮސްފައި ހުރެވުނުވަރުން އެއިން އެއްވެސްކަމެއް އޭނާއަށް ފާހަގަނުވީއެވެ.

ހިނގާށޭބުނެ ލޫޔާގެ ފަހަތުން އެތަނުން ނުކުތުމަށް މުސްކާން މިސްރާބުޖެހިއެވެ. ހޮސްޕިޓަލުން ނުކުމެ ކުޑަހުޅުވައިލަމުން ދެއެކުވެރީން އަމިއްލަ ވާހަކަތަކެއްގައިތިބެ ކުރިއަށްހިނގައިގަތެވެ. ވަކިހިސާބަކަށް ދެވުނުތަނާ އެއްލިކަޅިއަކުން ހިމަގޯޅިގަނޑުގެ ތެރެއިން މީހަކާއި ވާހަކަދައްކަމުން ނުކުތް ރުހައިމްފެނި މުސްކާންގެ ހިނގުންމަޑުޖެހިލިއެވެ. ހާސްވެފައި ލޫޔާގެ ގާތަށް ޖެހިލުމާއެކު މުސްކާންގެ ނަޒަރު ސީދާވެފައިވި ދިމާލަށް ލޫޔާވެސް ބަލައިލީ ހައިރާންވެފައިހުރެއެވެ. މުސްކާނަށް އެވީގޮތެއް ދެނެގަންނަން އޭނާ ހުރީ ބޭނުންވެފައެވެ. ދުރުގައި އެދެމީހުނަށް ބަލަހައްޓައިގެންހުރި ފިރިހެންކުއްޖާ އަޅައިގަތުމާއެކު ލޫޔާގެ ދެބުމަގޮށްޖެހުނެވެ. ޚާއްސަކޮށް އެމީހެއްގެ ނަޒަރު މުސްކާނަށް ހުރިގޮތް އެއްގޮތަކަށްވެސް ލޫޔާއަކަށް ކަމަކުނުދިޔައެވެ.

"ކާކުތަ އެއީ؟ ހާދަވަރަކަށޭ މުސް އަށް އެބަލަނީ.. ދަންނަމީހެއްތަ؟" މުސްކާނާއި ގާތަށް ޖެހިލަމުން ލޫޔާ އަހައިލިއެވެ. ވަގުތުން ދެފަރާތަށް މުސްކާން ބޯހޫރުވައިލިއެވެ. ލޫޔާގެ އަތުގައިހިފައި ކުރިއަށް ހިނގައިގަތީ ކުއްލިއަކަށެވެ. ސިހިފައި އެއްފަހަރު މުސްކާނަށް އަދި އަނެއްފަހަރު އެނުދަންނަ މީހާއަށް ލޫޔާ ބަލައިލިއެވެ. އަދި ވެގެންއުޅޭގޮތެއް މުސްކާންގެ ކިބައިން އަހަންފެށިއެވެ. ކުޑަގޮތަކަށް އެއީކާކުކަން ލޫޔާއަށް މުސްކާން އޮޅުންފިލުވައިދިނެވެ.

"އެއީތަ ކުރިންދުވަހު މުސްއާ ދިމާކުރިމީހަކީ؟ އެމީހެއްގެ ވާހަކަދޯ މުސް އެދުވަހު ދެއްކީ؟" ޔަގީންކޮށްލުމުގެ ގޮތުން ލޫޔާ ކޮށްލި ސުވާލުތަކަށް މުސްކާން ބޯޖަހައިލިއެވެ.

"ކޮންވައްތަރަކަށްހުރި މީހެއްތަ؟ ސިފަވެސް ވަކިކުރަން ނޭނގެ.. އެހުރި މޫނެއްވެސް އިސްތަށިތަކުން ފުރިފަ.. ނުވިތާކަށް އަދި ބޯހާވައިލައިގެން މޫނުމައްޗަށް އިސްތަށިގަނޑު ވަށްޓައިލައިގެން ހުންނައިރު އެދެލޯ ކިރިޔާ ފެންނަނީ.. ހުއް.. ވަރަށް ފޫހިވޭ.. ކޮންނަމެއްކިޔާ މީހެއްކަން އެނގޭތަ؟" އިރުއިރުކޮޅާ ފަސްއެނބުރި ރުހައިމްއަށް ބަލަމުން އަނގަތަޅުވަމުންދިޔަ ލޫޔާ މުސްކާންކުރެ އަހައިލިއެވެ.

"ނޭނގެ.. އެއްދުވަހު ނަންބުނި.. އެކަމަކު މިހާރު ހަނދާނެއްނެތް.. އެހެންނޫނަސް އެހެންދިމާކުރާހައި މީހެއްގެ ވަނަވަރު ހޯދާކަށް އަހަރެންގެ އެއްވެސް ޝައުގެއްނެތް.. ލޫ ކީކުރަންތަ އިރުއިރުކޮޅުން އޭނައަށް ތިބަލަނީ.. ތިހެންއުޅެނިކޮށް އަނެއްކާ އެމުސީބާތް ޖެހިދާނެ.. ޕްލީޒް.. އަޅާނުލާބަލަ.." ލޫޔާގެ އަތުގައިހިފައި ކުޑަކޮށް ދަމައިލަމުން ހިތްހަމަނުޖެހިފައި މުސްކާން މަޑުމަޑުން ބުންޏެވެ. މުސްކާން ހިތްހަމަނުޖެހިއްޖެކަން އެނގި މަޢާފަށްއެދެމުން ފަސްއެނބުރިބެލުން ލޫޔާ ހުއްޓައިލިއެވެ. އަދި ގެއާއި ހަމައަށް މުސްކާނާއި އެކުގައި ދާނެކަމަށް ބުނެލީ އެކުވެރިޔާގެ ރައްކާތެރިކަމާއިމެދުގައި ވިސްނާލައިފައެވެ. އެންމެ ރަނގަޅޭ ބުނަމުން މުސްކާން ހިތްހަމަނުޖެހުމުގެ ކުލަވަރު މޫނުމަތިން ފިލުވައިލަމުން ހިނިތުންވެލިއެވެ.

(ނުނިމޭ)

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!