ވާހަކަ

އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ބާރަވަނަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ޓްރެއިލާ) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ފުރަތަމަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދެވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތިންވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ހަތަރުވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ހަތްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(އަށްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ނުވަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދިހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (އެގާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ބާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތޭރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސާދަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަނަރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސޯޅަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސަތާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ވިހިވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެކާވިސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ދިފާވުން އެދޭނީ... (ތޭވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައްބީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ހަތާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބައްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުރަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަހުބައި)

އިވުނު އަޑާއިމެދުގައި ޔަގީންނުވެފައި ކާއިލް ހުރިތަނުގައި މަޑުޖެހިލިއެވެ. އެމޭރުމުން ރުހައިމް އޭނާއަށް ގޮވައިލި ދުވަހެއްވެސް ހަނދާނުގައި ނެތެވެ. ހިތްވަރުކުރިނަމަވެސް ދެލޮލަށް ކަރުނަތައް ޖަމާވެގަތެވެ. ތުންފަތުގައި ދަތްއަޅައިލަމުން އޭނާ ދުރަށް ނަޒަރުހުއްޓައިލިއެވެ.

Ads by Hajj Corporation

"ކުރިންރޭ.. ދޮންބެ ދިން ނަސޭހަތްތަކާމެދު.. އަހަރެން.. ވަރަށް ވިސްނިން.." ރުހައިމް ބުނެލީ ކިރިޔާ އަޑުއިވޭ ވަރަށެވެ. އިވުނު ބަސްތައް ގަބޫލުނުކުރެވިފައި ކާއިލް އެނބުރި ރުހައިމްއަށް ބަލައިލިއެވެ. ކަރުނަތައް ވިދަމުންދިޔަ އެދެލޯ އަމާޒުވެލުމާއެކު ރުހައިމްއަށް އިސްޖަހައިލެވުނީ ކުށްވެރިއަކުފަދައިންނެވެ.

* * * * *

ތަނަވަސް ބޮޑު ގޯއްޗެކެވެ. ވަށައިގެން ފެންނަނީ ހުސް ފެހިކަމެވެ. ތިންބުރިއަށް ނަގައިފައިހުރި ހުދުކުލައިގެ ބިޔަ ބޮޑު އިމާރާތެއް ގޯތީގެ މެދުގައި ހުރިއިރު، ގޭޓުން ފެށިގެން ގޭގެ އިމާރާތާއި ހަމައަށް ގައުޖަހައި ފުޅާމަގެއް ހަދައިފައި އޮތެވެ. މަގުގެ ދެފަރާތުގައި ކުދި ވިނައިގެ ކާޕެޓެއް ހައްދައިފައި އޮތެވެ. އެކި ހިސާބުގައި އެކި ވައްތަރުގެ ގަސްތައް ހެދި ބޮޑުވެފައިހުރީ އެތަނަށް ހިއްފަސޭހަ އަސަރެއް ވެރިކުރުވަމުންނެވެ. ވަދެގެން އަންނައިރު ގޭގެ ކަނައަތް ފަރާތަށް ވާގޮތަށް ވިނައިގެ ކާޕެޓްފެ މެދުގައި ހަތަރެސްކަން ބޮޑެތި ގައުތަކެއް ޖަހައި ހިނގައިހެދުމަށް ވަކި މަގެއް ޚާއްސަކޮށްފައި އޮތެވެ. އަދި ގޭގެ ވައަތްފަރާތަށް ވާގޮތަށް ކުޑަ ޕޯޓިކޯއެއް ހަދައި އެތަނުގައި އަޅިކުލައިގެ ކާރެއް ބާއްވައިފައި އޮތެވެ. ގެއަށް ވަނުމަށްޓަކައި ތިންހަރުފަތުގެ ކުޑަ ސިޑިއެއް އިނެވެ. ޗޮކުލެޓް ކުލައިގެ ބޮޑު ލަކުޑި ދޮރާއި ޖެހިގެން ދެފަރާތަށް ވާގޮތަށް ކުޑަ ބިއްލޫރި ދެދޮރު ލައިފައި ހުއްޓެވެ. ގެއަށް ވަނުމަށްޓަކައިހުރި ބޮޑު ދޮރުގެ މަތީގައި "ވެލޭ" ޖަހައިފައިހުރި ނަންބޯޑެއް ހަރުކޮށްފައި ހުއްޓެވެ. މުޅި ގޯތި ވަށައިގެން ހުރީ ހުދުކުލައިގެ ފެންސެއް ޖަހައިފައެވެ. ބަލައިލި ކޮންމެ ދިމާލަކުންވެސް ފެންނަނީ މުއްސަނދި ކަމެވެ. ގޭގެ ބިތްދޮށުގައި ބޮޑު ފަތާފެންގަނޑެއް ހަދައިފައިއޮތްއިރު، އެތަނާއި ކުރިމަތިވާނެހެން ހުދުކުލައިގެ ހަތަރު ބީޗް ގޮޑި ހުއްޓެވެ. އަދި މާދުރުނޫން ހިސާބެއްގައި ހަތަރު މީހުނަށް އިނށީދެވޭނޭހެން މޭޒަކާއި އޭގެ ވަށައިގެން ސްޕަންޖް ގޮނޑި ޖަހައިފައި ހުއްޓެވެ. އެތަނުން ގޮނޑިގެއްގައި އިނށީދެލައިގެންއިން މެދުއުމުރުގެ އަންހެންމީހާގެ މޫނުމަތިން ފައުޅުވާން ހުރީ ހިތާމައިގެ ކުލަވަރެވެ. ތަނަށް ވެރިވެފައިވި އެހިތްގައިމުކަމުން އޭނާއަށް އެއްވެސް އަސަރެއް ނުކުރާ ކަހަލައެވެ. އަތުގައިއޮތް ފޮޓޮއަށް ގެއްލިފައި އޭނާ އިނީ އަމިއްލަ ޚިޔާލުތަކުތެރޭ ބަނދެވިފައެވެ. ދެލޮލުން ފައުޅުވަމުންދިޔައީ މާޔޫސްކަމެވެ. ކޮންމެވެސް ބޮޑު ފިކުރެއް ކުރާކަން އެމޫނުމަތިން ހެކިދެއެވެ.

"މެޑަމް.." ގާތަށް އައިސް ހުއްޓިލި އުމުރުން ދުވަސްވެފައިވި އަންހެނަކު ގޮވައިލިއެވެ. އެއަޑަށް ސިހިފައި އޭނާ ބަލައިލިއެވެ. މޫނުމަތީގައިވި އަސަރުތައް ފޮރުވައިލަމުން އޭނާ ހިނިތުންވެލިއެވެ.

"ސާމިއްތަ ގާތު ބުނީމެއްނު އަހަރެމެން އެކަނި ތިބޭއިރު ތިނަމުން މުޚާތަބުނުކުރާށޭ.." ހީލަމުން އެއަންހެންމީހާ ބުނެލީ ހިތްހެޔޮ ރާގަކަށެވެ.

"މަޢާފު ކުރައްވާތި.. ރައުލާގެ ނަމުން ގޮވަން އާދަވެފަ ނެތީމަ އަދިވެސް އެހެން ކިޔެނީ.." ބަދަލުގައި ސާމިޔާވެސް ހިނިތުންވެލަމުން ބުންޏެވެ.

"އިރެއްގަ ތިނަމުން މުޚާތަބުކުރީމަ އަހަރެން އުފާވިއަސް މިހާރު އެދުވަސް މާޒީވެ ގޮސްފި.. އަހަރެންމީ އޭރުގެ ރައުލާ އެއް ނޫން.."

"އަހަންނަށްވުރެ ބޮޑަށް ތިކަން އެނގޭނެ މީހަކު ނުހުންނާނެ.. މާޒީއާ މެދު ރައުލާ ހިތާމަކުރާވަރު ސިއްރުކުރިއަސް އަހަންނަށް އިހުސާސުވޭ.. އިރާދަކުރެއްވިއްޔާ އަދި އެސޮރަށް ވިސްނޭނެ.." ރައުލާއާ ޖެހިގެންހުރި ގޮނޑީގައި އިނށީދެލަމުން ސާމިޔާ ބުނެލީ އޯގާތެރިކަމާއެކުއެވެ.

"އެސޮރު ދުވަހަކުވެސް އަހަންނަކަށް މަޢާފެއް ނުކުރާނެ.. އެޔަށްވުރެ ބޮޑަށް އަހަންނާ މާލިކަށްވަނީ އެހިތުގައި ޖެއްސިފަ.." ރައުލާގެ ދެލޮލަށް ކަރުނަތައް ބޮނޑިވެގަތީ ކުއްލިއަކަށެވެ. ހިތަށް ކުރަމުންދިޔަ ފުންއަސަރު އެދެލޮލުން ފޮރުވުމެއްނެތި ފައުޅުވާން ހުއްޓެވެ. އެމޫނަށް އެކަނި ބަލަލިއަސް އޭނާ އެއިނީ ނުހަނު ހިތުގައި ޖެހިފައިކަން އެނގެއެވެ.

"ތިހެން ނުބުނޭ.. ކުށްކުރެވޭނީވެސް އިންސާނުންނަށް.. އެކުށް މިއަދު ތިޔައިގެ ދެމަފިރިންނަށް އިހުސާސުވެ އެކަން ރަނގަޅުކުރަން އެބަ މަސައްކަތްކުރަމު.. ކޮންމެ ކަމެއްވެސް ވާނީ އެންމެ ރަނގަޅަށް.. އެސޮރުވެސް އިރާދަކުރެއްވިއްޔާ ލަހެއްނުވެ އެކަން ގަބޫލުކޮށް ތިޔައިގެ ދެމަފިރިންނަށް މަޢާފުކުރާނެ.. ހިތްވަރު އެލުވައިލައި މާޔޫސްނުވޭ.. އެސޮރަކީ ނުލާހިކު ހެޔޮވިސްނޭ ކުއްޖެއް.. ނުރުހުންވެފައި ހުރިލެއް ބޮޑުކަމުން ގޮތްދޫނުކުރަން ހުއްޓަސް، ލަހެއްނުވެ މިދުވަސްވެސް ފާއިތުވެ ހިނގައިދާނެ.. އެކޮއެ ނިކަން ކެތްތެރިވާން ވާނެ.."

"ކިތަށް އަހަރު ފާއިތުވެ މިދިޔައީ ސާމިއްތާ.. އެއްފަހަރުވެސް.. ހަމަ އެންމެ ފަހަރަކުވެސް އަހަރެމެންގެ ހާލު ބަލައިލަންވެސް ހައިމް ގުޅާލިތަ؟ ކާއިލް ގުޅާފަހަރަކުވެސް ސާމިއްތައާ އެކަނި ހައިމް އަނގައިން ބުނާނީ.. އަހަރެން ލޯބިން ގޮވާލިޔަސް އެދަރި ހިތްހަމަނުޖެހޭ.." ތުންފަތް ތުރުތުރު އަޅައިލުމާއެކު ރައުލާއަށް ރަނގަޅަށްވެސް ރޮވިއްޖެއެވެ. ހިތުގައިވި ޝަކުވާތައް ބަންޑުން ކޮށްލެވުނީ ހިތަށް ކުރެވެމުންދިޔަ ފުން އަސަރުގެ ސަބަބުންނެވެ. އެއިހުސާސުތައް ހިފަހައްޓައިގެން ހުންނަން އޭނާގެ މައިލަގޮނޑިއަށް ކެތްނުވީއެވެ.

"ހައިމް އެހެން އުޅޭ ސަބަބު ރައުލާއަށްވެސް އެނގެއެއްނު.. އޭނާއަށް ވަގުތު ބޭނުންވޭ.. އެވަގުތު އަހަރެމެން ޖެހޭނެ އޭނާއަށް ދޭން.. ކަންބޮޑުނުވޭ.. އެކޮޅުން ކާއިލް ހުރިހައިކަމެއްވެސް އެންމެ ރަނގަޅަށް ބަލަހައްޓާނެކަން އަހަންނަށް ޔަގީން.. އޭނާއަށް އިތުބާރުކުރޭ.. ކާއިލްއަކީ ދުރުވިސްނޭ ހެޔޮލަފާ ޒުވާނެއް.. ހައިމްއަށް އެއްވެސް ގެއްލުމެއް ވިޔަކަ އޭނާ ނުދޭނެ.."

"އަހަރެންގެ ދެކުދިންވެސް މީހުނަށް ހެދިމީހަކީ ތީ.. މިއަދު އެއިން ކުއްޖަކަށް ހެޔޮއެއްޗެއް ދަސްވެފައިވާނަ އޭގެ ހުރިހައި ޝުކުރެއް ހައްގުވަނީ ސާމިއްތައަށް.. އަހަރެން ކެތްތެރިވާނަން.. ދުޢާ ކުރާނަން.. އިރާދަކުރެއްވިއްޔާ ހެޔޮހާލުގަ އަހަރެންގެ ދެދަރިންވެސް އަދި އެނބުރި އަހަރެން ގާތަށް އަންނާނެ.." ދެލޮލުން އޮހެމުންދިޔަ ކަރުނަތައް ފުހެލުމަށްފަހު ސާމިޔާގެ އަތުގައިހިފައި ފިތައިލަމުން ރައުލާ ގަދަކަމުން ހިނިތުންވެލިއެވެ. ކުރަމުންދިޔަ އުއްމީދުގެ ކަނި ފަނޑުވެފައިވިއަސް އެއްކޮށް ނިވުނަކަ އޭނާ ނުދޭނެއެވެ. ކިތަންމެ ދިގު އިންތިޒާރެއް ލޯބިވާ ދަރިންނަށްޓަކައި ކުރަން ޖެހުނަސް އޭނާ ހުރީ އެކަންވެސް ކުރަން ތައްޔާރަށެވެ. ކޮންމެވެސް ދުވަހަކުން އޭނާ ދެކެމުންދާ ހުވަފެންވެސް އަދި ފުރިހަމަވާނެއެވެ. އެދުވަހަކާއި ޖެހެންދެން އޭނާ ކެތްތެރިވާނެއެވެ.

* * * * *

"ކޮއްކޮ ތިއުޅުން ދޫކޮށްލަން ނިންމީތަ؟" ބާރު ހިނގުމެއްގައި އައިސް ރުހައިމް ގާތުގައި އިނށީންނަމުން ކާއިލް އަހައިލީ ހިތްއަވަސްވެފައި އިނދެއެވެ. ކާއިލްއަށް ބަލައިލުމަށްފަހު އަނެއްކާވެސް އިސްޖަހައިލަމުން ރުހައިމް މަޑުމަޑުން ބޯޖަހައިލިއެވެ. "އަހަރެން ބޭނުން މިގޮތް ދޫކޮށްލަން.. އެކަމަކު އަދި ކުޑަ ދުވަސްކޮޅެއް ބޭނުންވޭ.." އަތުގައި ހުރި ސޫޕްތަށީގައި އޮތް ސަމްސަލާ ކުޅެމުން ރުހައިމް ލަސްލަހުން ވާހަކަދެއްކިއެވެ. ރުހައިމްގެ ވާހަކަތައް ކާއިލް ގަބޫލުކުރިއެވެ. ކުއްލިއަކަށް އެފަދަ ދިރިއުޅުމަކުން ނުކުތުމަކީ ފަސޭހަކަމެއް ނޫންކަން ކާއިލްވެސް ގަބޫލުކުރެއެވެ. ކިތަންމެ ވަގުތެއް ރުހައިމްއަށް ނެގިޔަސް އޭނާ ހުރީ ކޮއްކޮގެ އަތުން ދޫކޮށްލާ ގޮތަކަށް ނޫނެވެ.

ރުހައިމްގެ ޖަވާބުން ކާއިލްއަށް އުފަލުންގޮސް ހެވުނެވެ. އަބަދުވެސް ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވުމަށް ދެން މާގިނަ ދުވަހެއް ނެތޭ ހިތްބުނެލިއެވެ. އޭނާ ކުރަމުންއައި ދުޢާ އިޖާބަކުރެއްވިކަމަށްޓަކައި ހިތާހިތުން ހެއްދެވިފަރާތަށް ޝުކުރުވެރި ވެވުނެވެ. ލިބުނު އުފަލަކުން ކުޑަކޮށް ރުހައިމް ގައިގައި އޭނާއަށް ބައްދައިވެސް ލެވުނެވެ. ކާއިލްގެ އަމަލުން ސިހުނު ނަމަވެސް ރުހައިމްގެ ތުންފަތަށް ފަނޑު ހިނިތުންވުމެއްގެ އަސަރު ވެރިވިއެވެ.

* * * * *

ކޮފީ ޖޯޑުން އެތިފޮދެއް ބޯލަމުން ކުރިމަތީގައި އިން ޔާވިންއަށް ފުންނަޒަރަކުން ދީމް ބަލައިލިއެވެ. އޭނާގެ ޚިޔާލާމެދު ޔާވިން ދެކޭ ގޮތެއް އެނގެން ބޭނުންވެފައި އިންކަން އޭނާގެ މޫނުމަތިން ރީތިކޮށް ފައުޅުވާން ހުއްޓެވެ. ކެފޭއެއްގެ މޭޒު ދޮށުގައި ދެމީހުން ތިބިއިރު ޔާވިން އިނީ ދީމް ދެއްކި ވާހަކަތަކާ މެދުގައި ވިސްނާށެވެ. ނިންމާނެ ގޮތެއް ނޭނގި އޭނާ ދުރުން ފެންނަންއޮތް މޫދާއި ދިމާއަށް ނަޒަރު ހުއްޓައިލިއެވެ.

"ޔާވް ޕްލީޒް އަހަންނަށް މިކަން ކޮށްދީ.. އަހަރެން ހީކުރީ ޔާވް އަހަރެންދެކެ ވަރަށް ލޯބިވާކަމަށް.. އެކަމަކު.. އެންމެ ފަހަރަކު ކަމަކު އެދުނީމަ ތިހުންނަނީ ބަހެއްވެސް ކިޔަން ނޭނގިފަ.." އާދޭސްކޮށްލި ނަމަވެސް ދީމްގެ އަޑުގައިވީ ނުރުހުމުގެ އަސަރެވެ. ފުންނޭވާއެއް ދޫކޮށްލަމުން ޔާވިން ދީމްއަށް ބަލައިލިއެވެ.

"ޕްލީޒް.." ދެރަވާގޮތް މޫނުމަތިން ދައްކައިލަމުން ދީމް އާދޭސްކޮށްލިއެވެ. ހިމޭނުން އިރުކޮޅަކު އިނުމަށްފަހު ލަސްލަހުން ޔާވިން ބޯޖަހައިލީ ދީމްގެ އެދުމަށް އެއްބަސްވުމުގެ ގޮތުންނެވެ. ވީއުފަލެއްގެ ބޮޑުކަމުން ހިނިތުންވެލަމުން މޭޒުމަތީގައި އޮތް ޔާވިންގެ އަތުގައި ހިފައި ދީމް ބާރުކޮށްލިއެވެ.

"ޔޫ އަރ ދި ބެސްޓް.. އެހެންވެއޭ އަހަރެން ޔާވް ދެކެ އެހައި ލޯބިވަނީ.." ލޯތްބާއެކު މަޑުމަޑުން ޔާވިންގެ އަތްތިލައިގައި ދީމް ފިރުމައިލިއެވެ. ފަނޑު ހިނިތުންވުމެއްގެ އަސަރު ޔާވިންގެ ތުންފަތަށް ވެރިވީ ދީމްގެ ބަސްތަކުން ހިތަށް ލިބުނު ހަމަޖެހުމަކުންނެވެ.

"ލޯބި ހުރިހައި ކަމެއް ފައިނަލް ކޮށްފަ އަހަންނަށް ގުޅާ.. ލޯބި ބުނި ކޮންމެ ކަމެއް އަހަރެން ކޮށްދޭނެކަން އެނގެއެއްނު.." ދީމްއާ ދިމާއަށް ކުޑަކޮށް ގުދުވެލަމުން އަތުގެ ނުފުށުން އެއޮމާން ކޯތާފަތުގައި ޔާވިން ފިރުމައިލިއެވެ. ހިނިއައިސްފައި އިން ދީމް ބޯޖަހައިލީ ޔާވިންގެ ވާހަކަތަކަށް އެއްބަސްވުމުގެ ގޮތުންނެވެ.

* * * * *

ޖެހިގެން އައި ރޭގެ ދަންވަރުގެ ވަގުތެވެ. އެންމެން ނިދައި ގޭތެރެ ހަމަހިމޭން ވުމާއެކު ކޮޓަރީގެ ދޮރު ހުޅުވައިލަމުން ދީމް ނުކުތެވެ. އަދި ކުދި ފިޔަވަޅުތަކެއް އަޅަމުން އައިސް ސިޑިން ފޭބިއެވެ. އިރުއިރުކޮޅާ ގޭތެރެއަށް ނަޒަރު ހިންގައިލަނީ މީހަކު ފެންނަފަށުގައި ނެތްކަން ޔަގީންކޮށްލުމަށެވެ. އަޑެއްވެސް ލައްވައިނުލާ އޭނާ އައިސް އަތުގައި އޮތް ތަޅުދަނޑިން ގޭގެ މައިދޮރު ހުޅުވައިލިއެވެ. އަދި ފޯނުން މީހަކަށް ގުޅައިލަމުން ކޮންމެވެސް ވާހަކަތަކެއް ސިއްރު ސިއްރުން ދެއްކިއެވެ. އިރުކޮޅެއްފަހުން ފެނުނީ ދޮރުމައްޗަށް އައިސް މަޑުކޮށްލި ސައިކަލެކެވެ. އޭގެމަތީގައި އިން ޔާވިން ފެނުމުން ދީމްގެ ތުންފަތަށް ހިތްހަމަޖެހުމުގެ ހިނިތުންވުމެއް ވެރިވިއެވެ. ސައިކަލު ޕާރކް ކޮށްލުމަށްފަހު އޭގެއިން ފޭބި ޔާވިންގެ އަތުގައި ހިފަމުން އޭނާގެ ފަހަތުން އައުމަށް ދީމް ބުނެލިއެވެ. އެއަށްފަހު އޭނާ މިސްރާބުޖެހީ ގެއަށް ވަނުމަށެވެ. ވަށައިގެން ހޯދައިލަމުން މީހަކު ފެންނަން ނެތުމުން ޔާވިންއަށް އަތުން އިޝާރާތް ކޮށްލިއެވެ. އެކަން ވިސްނުނު މީހަކު ފަދައިން ސިއްރު ފިޔަވަޅުތަކެއްގައި ދީމްގެ ފަހަތުން ޔާވިން ހިނގައިގަތެވެ.

ރޭދެބައި ވީއިރުވެސް ނުނިދި އޮވެފައި މުސްކާނަށް ނިދުނުތާ ވާނީ އިރުކޮޅެކެވެ. އަރާމު ނިންޖަކަށް އޭނާ ގެނބިފައި އޮތް އިރު އެމޫނުމަތިވަނީ މިލައިފައެވެ. ނިދިފައިއޮތް އިރުވެސް ހިތްދަތިކަން އެކުޑަ މޫނުކޮޅުން ފައުޅުވާން ހުއްޓެވެ. މުޅިދުވަހު ވަރުބަލިކޮށް އުޅެފައި އޭނާއަށް ނިދުނީ ހަށިގަނޑަށް ލިބިފައިވި ލޮޑުކަމުގެ ސަބަބުންނެވެ. ގަދަނިދީގައި އޮތް މުސްކާނަށް ކޮޓަރީގެ ދޮރު ހުޅުވުނުކަމެއް ނޭނގެއެވެ. ކައިރީގައިއޮތް ބާލީހުގައި ބައްދައިލައިގެން އޮތްއިރު، ދޮރުމަތީގައި ހުރި ދީމްގެ ދެލޯ އަމާޒުވެފައިވީ މުސްކާނަށެވެ. ނުލަފާ ހިނިތުންވުމެއް އޭނާގެ ތުންފަތުގައި ކުޅެލިއެވެ. ކުރެވެން މިއުޅެނީ ކިހައިވަރެއްގެ ކަމެއްކަންވެސް އޭނާއަށް އިހުސާސުނުވާ ފަދައެވެ. ކުޑަވެސް ރަހުމެއް، ހަމްދަރުދީއެއް އެހިތުގައި މުސްކާނަށްޓަކައި ނެތެވެ. އޭނާގެ ދެލޯކުރިމަތީގައި މުސްކާނަކީ ދެބޭންގެ ދެދަރި ކުއްޖަކަށްވުރެ، ގޭގައި ގުލާނުކުރަން ގެންގުޅޭ ނިކަމެތި ނޯކަރެއްފަދައެވެ. ހިތަށް އެރިހައި ގޮތެއް އެމައުސޫމު އަންހެންކުއްޖާއަށް ހަދައިލަން އޭނާއަށް ކެރެނީ އެހެންވެކަން ޔަގީނެވެ. އިރުކޮޅަކު މުސްކާނަށް ބަލަން ހުރުމަށްފަހު ފަހަތުގައި ހުއްޓިހުރި ޔާވިންއަށް އަތުގެ އިޝާރާތުން އައުމަށް ދީމް އެންގިއެވެ. ޖެހިލުންވެފައި ހުއްޓަސް ދީމްގެ އެދުމަށް ދެކޮޅުހަދާކަށް އޭނާ ބޭނުމެއްނުވެއެވެ. ލަސްހިނގުމެއްގައި އައިސް ދީމް ގާތުގައި ޔާވިން ހުއްޓިލީ އެހެންވެއެވެ. ނިތްއަރުވައިލަމުން ދީމް ދައްކައިލީ ކޮޓަރީގެ އެއްފަރާތުގައި ހުރި ސިންގަލް އެނދުގައި ނިދިފައިއޮތް މުސްކާނެވެ. ހިންދިރުވައިލަމުން މަޑުމަޑުން ކޮޓަރީތެރެއަށް ޔާވިން ވަނެވެ. މައުސޫމުކަން ފައުޅުވަމުންދިޔަ މުސްކާންގެ މޫނަށް ޔާވިން ބަލައިލީ ހަމްދަރުދީގެ ނަޒަރަކުންނެވެ. އޭނާގެ ސަބަބުން މިރޭ އެއަންހެންކުއްޖާގެ ނަން މީހެއްގެ ކުރިމަތީގައި ހުތުރުވެ ދާނެކަން ގައިމެވެ. އެހެނަސް ދީމްދެކެ އޭނާ ވާލޯތްބަށްޓަކައި ދީމް އެދުނު ކޮންމެ ކަމެއްކުރަންވެސް އޭނާއަށް މަޖުބޫރެވެ. ފަހަތަށް އެނބުރިލަމުން ދީމްއަށް ޔާވިން ބަލައިލިއެވެ.

"ޕްލޭން ހަނދާން އެބަހުއްޓެއްނު.. ދޮންބެ ގޮވައިގެން އަންނަމުން އަހަރެން ޔާވް އަށް މެސެޖު ކުރާނަން.. ކޮޓަރިން ނުކުންނާނީ އަހަރެންގެ މެސެޖު ލިބުނީމަ.." ޔާވިން ލައިގެންހުރި ގަމީހުގެ ގޮށްތައް ނައްޓައިލަމުން އެތަނަވަސް މޭމަތީގައި ދީމް ފިރުމައިލިއެވެ. ދީމްގެ އެލުއި ބީހުމުން ކުރެވުނު އާދަޔާ ޚިލާފު އިހުސާސުގައި ޔާވިން ބެހިގެންދިޔަ ކަހަލައެވެ. ހިނިއައިސްފައި އެއަތްތިލަ ތުންފަތާއި ގާތްކޮށްލަމުން އެމަޑު އަތްތިލައިގައި ޔާވިން ބޮސްދިނެވެ. އަދި ބޯޖަހައިލަމުން އެންމެ ރަނގަޅޭ ބުނެލިއެވެ. އެއާއެކު ކޮޓަރީގެ ދޮރުލައްޕައިލަމުން ދީމް މިސްރާބުޖެހީ ލުހާމްގެ ކޮޓަރިއާ ދިމާއަށެވެ. އޭނާއަށް ލުހާމް ގާތުގައި ދެއްކުނު ވާހަކަތަކުގެ ތެދުކަން މިރޭ އޭނާ ސާބިތުކޮށްދޭނެއެވެ.

ކޮޓަރީ ދޮރުގައި މީހަކު ޓަކިޖަހާއަޑަށް ނިދީގެ ސަބަބުން ބަރުވެފައިވި އެސްފިޔަތައް ތަޅުވައިލަމުން ލުހާމް ދެލޯހުޅުވައިލިއެވެ. އަރާމުތަންމަތިން ތެދުވަން ބޭނުންނުވެފައި އޭނާ އޮތެވެ. ނަމަވެސް ހުއްޓައިނުލާ އިރުއިރުކޮޅުން އެމީހަކު ޓަކިޖަހަން ފެށުމުން ހިތްހަމަނުޖެހިފައި އޮތްތަނުން ލުހާމް ތެދުވިއެވެ. ނިދަން ލައިގެންހުރި ސޯޓުކޮޅާއެއްކޮށް ކަންނެތް ހިނގުމެއްގައި އައިސް އޭނާ ދޮރުހުޅުވައިލިއެވެ. ކުރިމަތީގައިހުރި ދީމް ފެނުމުން އޭނާއަށް ލިބުނީ ހައިރާންކަމެވެ. ހިތްހަމަނުޖެހިފައި ކިހިނެއްވީތޯ ލުހާމް އަހައިލީ ނިތަށް ރޫއަރުވައިލަމުންނެވެ.

"ކަމް ވިތް މީ.." ލުހާމްގެ އަތުގައި ހިފައި ދަމައިލަމުން ދީމް އެދުނެވެ. "މިއޮއް ދަންވަރު؟ ކޮންތާކަށް..؟" ދެލޯހަނިކޮށްލަމުން ލުހާމް އަހައިލިއެވެ. "އައީމަ އެނގޭނު.. ރީތި މަންޒަރެއް މިރޭ ދޮންބެއަށް ދަށްކައިލާނަމޭ.. އޭރަށް އެނގޭނެ ހިތުގަ އަޅައިގެން ތިއުޅޭ އަންހެނާގެ ފެންވަރު.." އަނެއްކާވެސް ލުހާމްގެ އަތަށް ދީމް ދަމައިލިއެވެ. ދީމްގެ ވާހަކަތަކުން ލުހާމްގެ ނިދިފިލާގޮތްވިއެވެ. މޫނުގައި އަތް އުނގުޅައިލަމުން ހިނގާށޭ ބުނެ ލުހާމް ނިތްއަރުވައިލިއެވެ. އެއްއަރިއަށް ހިނިތުންވެލި ދީމް އަންނާށޭބުނެ ކުރިއަށް ހިނގައިގަތެވެ. އަދި ނޫންކަމަށް ހަދައިފައި އަތުގައި އޮތް ފޯނުން ޔާވިންއަށް މެސެޖްކޮށްލިއެވެ.

މުސްކާންގެ ކޮޓަރިއާ ދިމާއަށް ދީމް ދާން ފެށުމުން ލުހާމްގެ ހިތުގައި އެކި ސުވާލުތައް ފުނިޖެހެން ފެށިއެވެ. ވަކި ހިސާބަކަށް އައުމަށްފަހު އެތަނުގައިހުރި ތަނބާއި ނިވައިވެލަމުން ދީމް ބޮލުން އިޝާރާތްކޮށްލީ މުސްކާންގެ ކޮޓަރިއާ ދިމާއަށެވެ. ސިއްރު ސިއްރުން ލުހާމް އެދިމާއަށް ބަލައިލިއެވެ. އެވަގުތު ލަސްލަހުން ކޮޓަރީގެ ދޮރު ހުޅުވައިލުމަށްފަހު ނުކުތީ ޖާނުން ވަރުގަދަ ފިރިހެނެކެވެ. ކޮޓަރީގެ ދޮރުމަތީގައި ހުއްޓިލަމުން ފަހަތަށް ބަލައިލުމަށްފަހު އޭނާ ހިނިތުންވެލީ އެތެރޭގައި ހުރި މީހަކަށް ބަލައިލައިފައި ހިނިތުންވެލާނެފަދަ ގޮތަކަށެވެ. ކޮޓަރީގައި ދިއްލައިފައިހުރި ނިދާބޮކީގެ ފަނޑުއަލީގައި އެމީހެއްގެ މޫނު ސާފުވާގޮތެއް ނުވިއެވެ. ލޯހަނިކޮށްލަމުން ލުހާމް ކުޑަކޮށް ކުރިއަށް ޖެހިލިއެވެ. އެވަގުތު އެމީހަކު އެނބުރިފައި ލައިގެންހުރި ގަމީހުގެ ގޮށްތައް އެޅުވިތަން ލުހާމަށް ރީތިކޮށް ފެނުނެވެ. ކޮޓަރީގެ ދޮރު އޭނާ ލައްޕައިލީ އޭގެ ފަހުގައެވެ. އަދި ހޭވިފައިވި އިސްތަށިގަނޑުގައި އަތް ހިންގައިލަމުން ދެފަރާތް ބަލައިލުމަށްފަހު ސިއްރު ސިއްރުން ސިޑިއާ ދިމާއަށް އޭނާ މިސްރާބުޖެހިއެވެ. އަވަސް އަރުވައިލައިފައި އޭނާ ސިޑިން ފައިބައިގެން ދިޔައިރު ހީވަނީ މީހަކަށް ފެނިދާނެތީ އެކަމާއި ޖެހިލުންވެފައި ހުރީހެނެވެ. ދަތްކުނޑި ވިކައިލުމާއެކު ތުނިކޮށް ފަޅައިފައިހުރި ތުނބުޅީގައި ލުހާމަށް އަތްހިންގައިލެވުނެވެ. "އިޒް ދިސް ފޯ ރިއަލް..؟" އަމިއްލަ ނަފުސާއި އޭނާއަށް ސުވާލުކޮށްލެވުނީ ފެނުނު މަންޒަރުން އެހިތަށް ކުރެވުނު އުނދަގޫ އިހުސާސެއްގެ ސަބަބުންނެވެ. ކީއްވެކަން ނޭނގުނަސް އެކަމުން ލުހާމްގެ ހިތަށް ތަދުވެއްޖެކަން ގައިމެވެ. އޭނާ ނޫން މީހަކު މުސްކާނާ ގާތްވެއްޖެކަން އެނގުނު ހިނދު ނޭނގޭ ރުޅިވެރިކަމެއް މުޅި ނަފުސަށް ވެރިވެގަތެވެ. އަޖައިބެކެވެ. އޭނާއަށް މިވަނީ ކިހިނެއްހެއްޔެވެ؟

(ނުނިމޭ)

  1. ާރީން

    އަޅެ ދީމް ހާދަ ގޯހޭ �

  2. އަޅެ

    ތަންްކޮޅެއް ދިގު ކޮންގެނެސްދީބަ ނިކަން….އެންޑް އަވަހަށް އަޕް ކޮއްލަދީބަަ ️️️