ވާހަކަ

ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެއްތިރީސްވަަަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ނޭނގި ހިތޭ ގެންދެވީމާ ލޯބިން (ފުރަތަމަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދެވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން.. (ތިންވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން... (ހަތަރުވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ފަސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ހަތްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމާ ލޯބިން (އަށްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނުވަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދިހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެގާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސާދަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަނަރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސޯޅަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ނަވާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ވިހިވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭވީސްވަނަ ބައި) ނޭނގި ހިތޭ ގެންވީމަ ލޯބިން (ސައުވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައްބީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަތާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނަވާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެއްތިރީސްވަަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބައްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެއްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައުރަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން( ސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސަތުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އޮނަސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ބަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެޔާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސައުރަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަހުބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން - ޓްރައިލާ

 

Ads by Sosun Fihaara

" މަމީ... މަމީ........."....... އެ ކުޑަ ކުއްޖާގެ ކުޑަކުޑަ ދެ ދަތް ދައްކައިލަމުން ލޯބި ގޮތަކަށް ގޮވަން ފެށިއެވެ. އެ ކުއްޖާގެ ނަޒަރު ހުއްޓިފައި ހުރީ ފަހަތަށް ކަމުން ޒެވިޔަން ވެސް ފަސްއެނބުރި ބަލައިލިއެވެ. އެވަގުތު އެ ދިމާލަށް ހިނގާފައި އަންނަމުން ދިޔަ ކައިރާ ފެނި ޒެވިޔަންގެ ބުމަ ކައިރިވެގެން ދިޔައެވެ. އޭނާ އެލީޝާއަށް ބަލައިލުމާ އެކު އިސްޖަހައިލިއެވެ. ޒެވިޔަންއަށް ވާނުވާ ނޭނގިފައި ހުއްޓާ ކައިރާ އެ ތުއްތު ކުއްޖާ އުރައިލަމުން އެ މޫނުގައި ބޮސްދިނެވެ.

*****

" މަމީ ދޫނި... އައި މިސްޑް ޔޫ ސޯމަޗް........."......... މިޝެލްގެ ހަށިގަނޑުގައި ބާރަށް ބައްދައިލަމުން ކައިރާ އެ ކުޑަ ހަށިގަނޑު ގަޔާ ކައިރިކޮށްލިއެވެ. އެ ވަގުތު މިޝެލް ވެސް ކައިރާ މަތިން ނުހަނު ހަނދާންވި ކަމުގައި ބުނެލުމުން ކައިރާ އެ ބޮޑު ކޯތާފަތަށް ބޮސްދިނެވެ.

" ކައި......"...... ޒެވިޔަންގެ އަޑުގައި ހައިރާންކަން އެކުލެވިފައި ވިއެވެ. ލޯ ކުރިމަތިން ފެންނަމުން ދާ މަންޒަރުތަކުން ނަގަންވީ ކޮން މާނައެއްކަން ޒެވިޔަންއަކަށް ނޭނގުނެވެ. އެއީ ކައިރާގެ ދަރިއެއް ހެއްޔެވެ؟ އެހެން ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެ ކުޑަ ކުއްޖާގެ އުމުރުން އަދި ވާނީ އެންމެ ތިން އަހަރު ކަންނޭނގެއެވެ. އެއީ ކައިރާގެ ދަރިއެއް ނަމަ އެ ކުއްޖާގެ ބައްޕަ އަކީ ކާކު ހެއްޔެވެ؟

ޒެވިޔަންގެ އަޑު ކަންފަތުގައި ޖެހުމާއެކު ކައިރާއަށް އޭނާގެ ވަށައިގެންވީ މީހުންނަށް ބަލައިލިއެވެ. ޒެވިޔަން ފެނުމުން ކޮންމެވެސް ވަރަކަށް އެ މޫނުމަތިން ހާސްކަން ފެންނަމުން ދިޔައެވެ. ވަކިން ޚާއްސަކޮށް މެހެރް ހުރީ ކަންބޮޑުވެފައެވެ.

" ޒެވް... ހިނގާ އަވަހަށް ދާން.. ދިގު ދަތުރަކަށް ފަހު އެންމެން ވެސް ވަރަށް ވަރުބަލިވެފަ މި ތިބީ........" އެލީޝާ ޒެވިޔަންގެ އަތުގައި ހިފައިގެން ނުކުތީ ޒެވިޔަންގެ ސުވާލުތައް އޭނާއާ ކުރިމަތިވާނެ ކަން އެނގިހުރެއެވެ.

" އެލީ މަންމާ.... ހާސް ނުވޭ... މި ސިއްރު އިތުރު މީހަކަށް ނޭނގޭނެ... މިޝެލްއަކީ އަބަދުވެސް އަހަރެންގެ ކުއްޖެއް... އެއީ ހަޤީޤަތަކީ........" މެހެރްގެ އަތުގައި ހިފައިލަމުން ކައިރާ ބުނެލީ މެހެރްއަށް ހިތްވަރުދޭ ފަދަ ގޮތަކަށެވެ.

" ކައި... އެކަމަކު އަބަދު އެވާހަކަ ސިއްރެއް ނުކުރެވޭނެ... ކޮންމެވެސް ދުވަހަކުން ކައި ވެސް އަމިއްލަ ދިރިއުޅުމެއް ފަށާނެ... އެ ދުވަހަކުން ހަމަގައިމު ވެސް މިޝެލްއަކީ ކާކުކަމެއް ނުފޮރުވޭނެ... ހަޤީޤަތް ހާމަ ވާނެ... ".... ކައިރާގެ ވާހަކަތަކުން މެހެރްގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ.

"ޒެވް......"...... މެހެރްމެންނަށް ނުފެންނަ ހިސާބަށް ދެވުމާއެކު ޒެވިޔަން އެލީޝާގެ އަތުން ދޫކޮށްލިއެވެ. އެ މޫނަށް ބަލައިލުމުން ވެސް ނުރުހުންވެފައި ހުރިކަން އެނގެއެވެ.

" ކީއްވެ އެލީ... އެވަރު ބޮޑު ކަމެއް ހިނގައި ދިޔަ އިރު ވެސް އަހަރެން ކައިރީގަ ބުނުން މުހިއްމެއް ނުވި ދޯ... އެލީއަށް އެކަންޏެއް ނޫން ކައި މުހިންމީ.. އެއީ އަހަރެމެން ދިރިއުޅުމުގަ ކިހާ މުހިއްމު މީހެއްކަން އެލީއަށް ވެސް އެނގޭނެ... ކިޔާން އަދިވެސް އެ ހުންނަނީ ކައިގެ އިންތިޒާރުގައިކަން ޔަޤީން... ދެން ކީއްވެ........؟"...... ޒެވިޔަންގެ ހިތުގައި ފުނިޖެހިފައި ހުރި ޝަކުވާތައް ބޭރުކޮށްލިއެވެ.

" ޒެވް... މަޑުކޮށްބަލަ.... އަހަރެން ޝެލީގެ ވާހަކަ ސިއްރު ކުރީ އެހެންވެ ނޫން.... އެވާހަކަ ދެއްކުން މަންމަ އޮތީ މަނާ ކޮށްފަ.... ކައި އެއީ ޝެލީގެ މަންމަ.... އެކަން ޒެވް ވެސް ޖެހޭނީ ޤަބޫލުކުރަން.... އިތުރު ސުވާލެއް އަހަންނާ ނުކުރޭ... ހަޤީޤަތް ހާމަވާނެ ކޮންމެވެސް ދުވަހަކުން... އެ ދުވަހަކަށް ޒެވް ވެސް އިންތިޒާރު ކުރޭ......ސޮރީ ..."........ އެލީޝާއަށް އޭނާގެ ނަފްސު ކުށްވެރި ކުރެވުނެވެ. ނަމަވެސް މިޝެލްގެ ހަޤީޤަތް ދުލާ ހަމައަށް ގެންނަން އޭނާގެ ވިސްނުމެއް ނެތެވެ.

" މައްސަލައެއް ނެތް... ތިއީ އެލީ މަންމަގެ ނިންމުން ކަމުގައި ވާނަމަ ތިކަމަށް އިހްތިރާމް ކުރަން... ދެން އެވާހަކަ ނުދައްކަމާ ދޯ......."...... ޒެވިޔަންގެ ސިކުނޑިން މިޝެލްގެ ސޫރަ ފިލައި ނުދިޔަސް އެލީޝާގެ އުފަލަށް ޓަކައި އެ ވާހަކަ ނުދައްކަން ނިންމިއެވެ.

މާލޭގެ މާހައުލުވީ މިޝެލްއާ ނުގުޅޭ މާހައުލަކަށެވެ. ކާރަށް އެރީއްސުރެ މިޝެލް އިނީ ގިސްލެވިފައެވެ. ކައިރާގެ މޭގައި މޫނު ފޮރުވައިލައިގެން އޮތް އިރު ކައިރާ ދިޔައީ މިޝެލް މަސަލަސް ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ.

މިޝެލް ހަމަޖެހޭ ގޮތްވީ ގެއަށް ދެވުމުންނެވެ. ލީސާއާ އެކު ގޭގެ އެކި ދިމާލަށް ދުވެ އުޅުނު އިރު އެ މޫނުގައިވީ އުފާވެރިކަން ފެނި ކައިރާއަށް ހިނިތުންވެވުނެވެ.

" ކޮބާ ދަރިފުޅު.. އޮފީސް ކިހިނެތް ވަނީ... ކައި މޫނަށް ބަލާލީމަ ވެސް ހީވަނީ ވަރުބަލިވެފަ ހުންނަހެން....".. އައިމަން ސޯފާގައި ހަމަޖެހިލަމުން ކައިރާއާ ސުވާލު ކޮށްލިއެވެ.

ކައިރާގެ ފަރާތުން ފެންނަމުން ދިޔަ ހަމަހިމޭން ކަމުގައި އެލީޝާގެ ހިތުގައި ނުބައި ޝައްކުތަކެއް ހިނގަން ފެށިއެވެ. ކައިރާ އޭނާއަށް ކަމެއް ސިއްރު ކުރަނީ ހެއްޔެވެ؟

" އޮފީސް ރަނގަޅު... ވަރަށް ހިތްހަމަޖެހޭ... މިދުވަސްކޮޅު ބޮޑު ޕްރޮޖެކްޓެއްގެ މަސައްކަތް މި ކުރަނީ... އެހެންވެ ގިނަ ވަގުތު އޮފީހުގަ އުޅެވެނީ......." ކައިރާ ލުއި ހިނިތުންވުމަކާ އެކު ބުނެލިއެވެ.

އިރުކޮޅަކު ވާހަކަ ދައްކަން ތިބުމަށް ފަހު މެހެރްއާއި އައިމަން ދިޔުމުން އެލީޝާއާއި ޒެވިޔަންގެ އިތުރުން ކައިރާ އެކަނި ވިއެވެ.

" ކައި..... ހާލު ކިހިނެތް؟.... އެލީ ނުބުނޭ ކައި މިކޮޅުގަ އުޅޭ ވާހަކައެއް ވެސް... އަހަރެން އެހާ ދުރުކޮށްލީތަ؟..... " ޒެވިޔަން ފަނޑު ހިނިތުންވުމަކާއެކު އަހައިލިއެވެ. އެވަގުތު ކައިރީގައި އިން އެލީޝާ ޒެވިޔަންގެ އަތުގައި ސިއްރުސިއްރުން ކޮއްޓައިލިއެވެ. ނަމަވެސް ކައިރާއަށް އެ މަންޒަރު ސިއްރެއް ނުވިއެވެ.

" ނޫން.. އެހެނެއް ނޫން... އެލީގެ ފަރާތުން އެނގުނު ޒެވް ވެސް ބިޒީކަން... އެހެންވެ ހަބަރެއް ނުވެވުނީ... "...... ކައިރާ ލުއި ހިނިތުންވުމަކާ އެކު ބުނެލިއެވެ. އެވަގުތު އެ ސިކުނޑިއަށް ކުއްލިއަކަށް ވެރިވީ ކިޔާންގެ ނަމެވެ.

" ޒެވް... ކިޔާން ގާތު ނުބުނާތި އަހަރެން މިކޮޅުގަ އުޅޭ ވާހަކައެއް.......".... ޒެވިޔަންއާއި ކިޔާންގެ ގުޅުމެއް ނެތް ކަން ނޭނގި ހުރެ ކައިރާ ބުނެލުމުން ޒެވިޔަން ކުޑަކޮށް ހައިރާންވިއެވެ. ކައިރާއަށް އެއްވެސް އެއްޗެއް ނޭނގޭކަން އޭނާއަށް ޔަޤީން ވިއެވެ. އެ ވަގުތު އެލީޝާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫ ކޮށްލެވުނީ އޭނާގެ ހިތުގައި އުފެދުނު ޝައްކު ތެދަކަށް ނުވުމުންނެވެ.

މީގެ އިރުކޮޅެއް ކުރިން ކައިރާގެ މޫނުމަތިން ފެނުނު ކުލަވަރުން ކިޔާން އާއި ކައިރާ ދިމާވީހެން އެލީޝާއަށް ހީވިއެވެ. ނަމަވެސް އެއީ ކުންހީއެއްކަން އޭނާއަށް މިހާރު ޔަޤީނެވެ.

" ކެންއާ އަހަރެން ގުޅުމެއް ނޯވޭ.... ކައިމެން ފުރި ދުވަހު އެންމެ ފަހުން ދިމާވީ... އެ ދުވަހު ރުޅި އައިސްފައި ހުރުމުން އަހަރެން ކެންއާ ވާހަކައެއް ނުދައްކަން.... އޭނަ ވަރަށް މަސައްކަތް ކުރި ... ކޮންމެ ވެސް ވާހަކައެއް ކިޔައިދޭން އުޅުނު.... އެކަމަކު އަހަންނަށް ކެންއަށް އެ ފުރުސަތު ނުދެވުނު... ފަހުން ހިތަށް އެރި އޭރު ކެން ބުނަން އުޅުނު ވާހަކަތައް އަޑުއެހުނު ނަމައޭ... ކެން ގާތަށް އަހަރެން ދިޔައިން... އެކަމަކު ކެން އަހަންނާ އޮތް ގުޅުން ބާއްވަން ބޭނުމެއް ނުވި... ކެން ބުނީ ހަޤީޤަތް އެނގެން ބޭނުންވި ނަމަ އޭނާގެ ވާހަކަ އަހަރެން ކުރިން ވެސް އަޑު އަހާނެއޭ... "....... ޒެވިޔަންގެ މޫނު މަތީގައި ވީ ހިތާމަވެރިކަމެވެ. އެ އަޑުން ވެސް އެ ދުވަސް އަނބުރާ ގެންނަން ބޭނުންވެފައި ހުރި ވަރު ކައިރާ އަދި އެލީޝާއަށް އެނގުނެވެ.

" ކައި... އަހަރެންގެ ހިތެއް ނުބުނޭ އެރޭވީ ހުރިހާ ކަމެއް ކައިއަށް ވެސް އެނގެޔޭ... ކިޔާން ކައި ދެކެ ލޯބިވޭ... އަހަންނަށް ކިޔާންގެ ފަރާތުން ފެނުނު ކައިއަށް ޓަކައި އެ ހިތުގައި ވީ ސާފު ލޯބި... މިހާރު އޭގެ ފަހުން ހަ އަހަރު ވެއްޖެ... ކިޔާން ނަބާ ދެކެ ލޯބިވި ނަމަ ކީއްވެ އޭނާއާ ކައިވެނި ނުކުރީ... ކީއްވެ އަދިވެސް އެއްވެސް މީހަކާ ނުގުޅި އެ ހުންނަނީ... ރަނގަޅަށް ވިސްނައިލުމުން އަހަންނަށް ޤަބޫލު ކުރެވޭ އަހަރެމެންނަށް ހެދުނީ ގޯހެއްކަން.... "... ޒެވިޔަން ދައްކަމުން ދިޔަ ވާހަކަތަކުން ކައިރާއަށް ވެސް އެކަމާ ވިސްނަން މަޖުބޫރު ވިއެވެ. އެއީ މީގެ ކުރިން އޭނާ ވިސްނައިފައި ހުރި ކަންކަމެއް ނޫނެވެ. ޒެވިޔަންގެ ވާހަކަ ތަކުގައި ކޮންމެވެސް ހަޤީޤަތެއް އެކުލެވިފައި ވެދާނޭ އެ ހިތް ބުނަން ފެށިއެވެ.

ނަމަވެސް ކައިރާގެ ހިތުގައި ވީ ލަފްޒުތަކެއް އޭނާގެ ދުލާ ހަމައަކަށް ނުފޯރިއެވެ. ފުން ވިސްނުމެއްގައި އިން އިރު އެ ހިތުގައި ހިނގަމުން ދިޔަ އިހްސާސްތައް އެނގޭނީ އޭނާއަށް އެކަންޏެވެ.

*****

" ކެން ހާދަ ފާޑަކަށް ހުންނަ ދުވަހެއް... ރާއީ ނެތުމުގެ ފަޅުކަން އިހްސާސް ކުރެވެނީތަ........؟..."... ކިޔާން އިން ގޮތް ފެނި އިޝާންއަށް އޭނާގެ އަނގަ މަޑުންލައިގެން އިނުންވީ އުނދަގޫ ކަމަކަށެވެ. އުލްޔާ އާއި އިޝާން އަދި ކިޔާން ތިބީ ބްލޫސް ކޮމްޕެނީގެ ޓީ ރޫމްގައެވެ.

ޕްރޮޖެކްޓްގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދިޔައިރު ވެސް ކިޔާންގެ ފަރާތުން ފެންނަމުން ދިޔައީ ހިމޭން ކަމެވެ.

" ޝޭން..."....... ކިޔާން އޭނާގެ އިސްތަށިގަނޑުގައި އަތް ހިންގައިލަމުން މަޑުމަޑުން ގޮވާލިއެވެ. އެ އަޑުގައި ވީ ރިހުން އިހްސާސް ކުރެވުމުން އިޝާންގެ މޫނުން ވެސް ސީރިއަސް ކުލަވަރު ފެންނަން ފެށިއެވެ. ކިޔާން ވާހަކައެއް ދައްކަން އުޅޭހެން ހީވުމުން އިޝާން އުލްޔާއަށް އިޝާރާތް ކޮށްލީ އެތަނުން ދިޔުމަށެވެ.

" ކެން... އަހަންނަށް އެނގޭ ތި ހިތުގައި ކޮންމެވެސް ހައިޖާނެއް އުފެދިފައިވާކަން... ތި ސިކުނޑި ވިސްނާ ވިސްނާ ވަރުބަލި ވެފައިވާކަން... މި ހުރިހާ ދުވަހު އެއްޗެއް ނުބުނެ މި ހުންނަނީ ކެން އަމިއްލައަށް ކިޔައިދޭތޯ... އެކަމަކު ހިއެއް ނުވޭ އެކަން ވާނެހެން.. ކެންއަށް ދިމާވާ ކޮންމެ ކަމެއްގައިވެސް އަހަރެން އެހީވާނަން.... "......... އިޝާންގެ އަޑުގައިވީ ޔަޤީންކަމުން ކިޔާންގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. އެވަގުތު ކިޔާންގެ ސިކުނޑިއަށް ވެރިވީ ޒެވިޔަންއެވެ.

އެއީވެސް އޭނާއާ އެކު ދިމާވި ހުރިހާ ކަމެއްގައި ދެގޮތެއް ނުވެ ހުރި މިތުރެކެވެ. ނަމަވެސް އެންމެ ބޭނުންވި ދުވަހު ގާތުގައި ނެތެވެ. އޭރުގެ އުފާވެރި ހަނދާންތަށް ހިތަށް ވެރިވުމުން އެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ.

" ޝޭން.. ރާއީ ފެނުމުން އަހަންނަށް އުނދަގޫވޭ.... އެއީ އަހަންނަށް އާ ސޫރައެއް ނޫން... އަހަރެން ހިތާއި ފުރާނައިން ލޯބިވި ކުއްޖެއް އެއީ... މިހާރު ވެސް ވަރަށް ލޯބިވޭ... އެ ކުއްޖާއާ ރާއި ވަރަށް ވައްތަރު... ތަފާތީ ލޮލުގެ ކުލަ... ދެން ހެދުން އަޅާ ގޮތް... ރާއީގެ މޫނުގައި އެ ސާދާ ކަމެއް ނެތް... އެކަމަކު ވެސް ރާއީ ފެނުމުން ނޭނގޭ ގޮތްތަކެއް މި ހިތަށް ވޭ... ހިތް ބުނޭ އެއީ އޭނަ އޭ.. ރާއީއެއް ނޫނޭ... އެ އަޑުގައި ވެސް ތަފާތުކަމެއް ނެތް... އަހަރެންގެ ހިތް ބުނޭ އެއީ އަހަރެންގެ މިލްކެކޭ.... އެކަމަކު ސިކުނޑި ވިސްނައިދެނީ އެހެން އެއްޗެއް... އޭނަ އެނބުރި ނާންނާނެއޭ.... ޝޭން އަހަންނަށް ނޭނގެ މިވާ ގޮތެއް.... ރާއީ ދެކެ ނަފްރަތު ކުރަން ބޭނުން ވިޔަސް ރާއީ ފެންނަން ނެތް ނަމަ ދެރަވޭ.. އެ ސޫރަ ފެނުމަށް އެދެވޭ... އަހަރެންގެ ހިތުގައި ވާ ޝަކުވާތައް ހިއްސާ ކުރަން ބޭނުން.... އެކަމަކު ބިރުގަނޭ... އެއީ ހަމަ އަސްލު ވެސް ރާއީ ނަމަ އަނެއްކާ އަހަރެންގެ ހިތުގައި މި އަޅާ ވޭން އިތުރު ވާނީ......."..... ކިޔާންގެ އަޑު ކުރެހިގެން ދިޔައިރު އެ ލޯ ވަނީ ފެންކަޅި ވެފައެވެ.

އިޝާން ވެސް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ރާއީގެ ހަޤީޤަތް އެނގެން އިޝާން ވެސް ބޭނުންވިއެވެ.

*****

އައު ދުވަހަކަށް މަރުހަބާ ކިޔަމުން އިރުގެ ދޯދިތައް އުދަރެސް ޖަރީ ކުރަމުން ދިޔައެވެ. ފުން ނިންޖެއްގައި ކައިރާ އޮތް އިރު އޭނާގެ މަގަތުގައި މިޝެލް ވެސް ނިދައިފައި އޮތެވެ. ގަޑިން އަށެއް ޖަހާ ބޮޑުވި އިރު ވެސް ކައިރާ ތެދުވާކަށް ގަސްތެއް ނުކުރިއެވެ. ހަފްތާއެއް ފަހުން މިޝެލްއާ ދިމާވުމުން މުޅި ދުވަސް އެއްކޮށް މިޝެލްއާއެކު ހޭދަކުރަން ކައިރާ ވަނީ ނިންމައިފައެވެ. ނަމަވެސް އޮފީހަށް ދާން ޖެހޭކަން ހަނދާންވުމުން ކައިރާ ކަންނެތްކަމާއެކު ދެލޯ ހުޅުވައިލިއެވެ.

ފުރަތަމަ ވެސް އޭނާގެ ލޮލުގައި އަޅައިގަތީ ގާތުގައި އޮތް މިޝެލްއެވެ. އެ ހިތް ލޯބިން ފުރިގެން ދިޔައިރު މަޑުމަޑުން އެ ކުޑަ މޫނުގައި ފިރުމައިލިއެވެ. އަދިވެސް އެ ތުއްތު ދަރިފުޅު އޭނާގެ އަތަށް ލެވުނު ދުވަސް ހަނދާން އެބަހުއްޓެވެ. އޭރުއްސުރެ އެ ހިތުގައި އުފެދިފައި ވަނީ މައިވަންތަ ކަމުގެ ޖަޒުބާތުތަކެވެ. އޮފީހަށް ދިޔުމުގެ ޚިޔާލު ސިކުނޑިން ނެރެލުމަށް ފަހު އަނެއްކާ ވެސް ކައިރާ އޮށޯތެވެ.

" ލީއްކޮ.. ބަލާބަ ކާކުތޯ އެ ގުޅަނީ.....".... ބަދިގޭގައި އުޅުނު މެހެރް ލީސާއަށް ގޮވާލީ ގޭގެ ފޯނު މެދުކެނޑުމެއް ނެތި ރިންގުވާ އަޑު އިވޭތީއެވެ. ހެނދުނުގެ މިފަދަ ވަގުތެއްގައި ގުޅާނީ ކާކުބާއޭ މެހެރްގެ ހިތަށް އެރިއެވެ.

" އައްސަލާމް ޢަލައިކުމް....".....ލީސާ ފޯނު ނަގަން އުޅެނިކޮށް އެލީޝާ އައިސް ފޯނު ނަގައި ކަންފަތުގައި ޖައްސާލަމުން ސަލާމް ގޮވާލިއެވެ.

" ރާއީ އެބަ އުޅުއްވާތޯ....."......... އެކޮޅުން ސަލާމުގެ ޖަވާބު ދިނުމަށްފަހު އަހައިލިއެވެ.

އެލީޝާގެ މޫނަށް ވެރިވި ހައިރާން ކަމާއެކު ރާއީ ކިޔާ ކުއްޖަކު އެގޭގައި ނޫޅޭ ކަމުގައި ބުނެލިއެވެ.

" ނޫން.. ރާއީ އޮފީހަށް ދީފަ އިން ނަންބަރު މިއީ..... ރާއީގެ ފޯނަށް ގުޅިއިރު ޖަވާބެއް ނުދޭ... އެހެންވެ މި ނަންބަރަށް މި ގުޅީ.........".... އެކޮޅުން ވާހަކަ ދެއްކި ފިރިހެން ކުއްޖާ އަނެއްކާ ވެސް ބުނެލިއެވެ.

އެލީޝާ އިތުރު އެއްޗެކޭ ނުބުނެ ފޯނު ބޭއްވީ ހިތްހަމަ ނުޖެހިފައި ހުރެއެވެ.

ފޯނު ކެނޑުމާއެކު އިޝާން އަނެއްކާ ވެސް އެ ނަންބަރަށް ގުޅައިލިއެވެ.

" މިގޭގަ ނޫޅޭ ރާއީ ކިޔާ ކުއްޖެއް... " ފުރަތަމަ ފޯނު ނެގުމަށް ފަހު ވެސް އެކޮޅުން ބުނެލިއެވެ. މިފަހަރު އިޝާން ވެސް ކުޑަކޮށް ހިތްހަމަ ނުޖެހުނެވެ.

" ކޭ.އެޗް.އޭ. ކޮމްޕެނީ މިއީ..... މި އޮފީހުގެ ޑިޒައިނިންގެ ޑިރެކްޓަރ ރާއީ އޮފީހަށް ނާންނާތީ މި ގުޅީ........".... އިޝާން ތަންކޮޅެއް ހަރުއަޑުން ބުނެލިއިރު އެ އަޑުގައި ހަރުކަށިކަމެއް ވިއެވެ.

އެއާއެކު އެކޮޅުން ފޯނު ކެނޑިއްޖެއެވެ. ޕްރޮޖެކްޓް ނިންމަން ޖެހޭ ތާރީހް މިހާ ކައިރިވެފައި އޮތް އިރު ކައިރާ ސަލާމް ބުނުމެއްނެތި އޮފީހަށް ނައުމުން އިޝާން ހުރީ ހިތްހަމަ ނުޖެހިފައެވެ. އަދި އެހާ ފަސޭހައިން މިކަން ދޫ ކޮށްލާ ވިސްނުމެއް އޭނާގެ ނެތެވެ. އިޝާންގެ ހަނދާނަށް ކުއްލިއަކަށް ވެރިވީ ފުރަތަމަ ދުވަހު އެ ދެމެދުގައި ދެކެވުނު ވާހަކަ ތެކެވެ.

" އޯކޭ ޝޭން... އަހަރެން ވެސް ބުނާނީ އެހެންވީމަ ނިކް ނޭމްއެއް... އަސްލު ނަން ކުރުކޮށް ފޮނިކޮށް ... ރާއީ..." އެ ހަނދާން އާވުމާއެކު އިޝާންއަށް މަޑުމަޑުން އޭނާގެ ބޮލުގައި ޖަހައިލެވުނެވެ. ރާއީއަކީ އެ އަންހެންކުއްޖާގެ އަސްލު ނަން ނޫންކަން އިޝާން ހަނދާން ނެތުނީއެވެ. މި ހުރިހާ ދުވަހު ރާއީ އޭ ބުނެ މީހުންނަށް އެ ކުއްޖާ ތައާރަފް ކުރެވުނު މޮޔަކަން ހިތަށް އަރައި އިޝާން އޭނާގެ އަމިއްލަ ނަފްސަށް މަލާމާތް ކޮށްލިއެވެ.

އެ ހިޔާލުގައި ހުރެ އިޝާން ހަރުގަނޑާއި ކައިރިވެ ކައިރާގެ ފައިލް ހޯދަން ފެށިއެވެ.

*****

އެލީޝާ ހުރީ އެ ފިރިހެން ކުއްޖާ ދެއްކި ވާހަކަތައް ޤަބޫލު ނުކުރެވިފައެވެ. ކައިރާއަކީ ކޭ.އެޗް.އޭ ކޮމްޕެނީގެ ޑިޒައިނަރެވެ. އެލީޝާގެ މޫނަށް ވެރިވި ނުރުހުންތެރިކަމާ އެކު ސިޑިން އަވަސް ފިޔަވަޅުތަކެއްގައި މައްޗަށް އަރަން ފެށިއެވެ.

" ރާއީ...."....... ކައިރާ ސިހިގެން ދިޔައީ ކޮޓަރީގެ ދޮރު ހުޅުވައިލުމަށް ފަހު އެލީޝާ އޭނާއަށް ރާއީގެ ނަމުން ގޮވައިލުމުންނެވެ. އޭރު އެލީޝާގެ މޫނުގައިވީ ކުލަވަރު ފެނުމުން ކައިރާ ވެސް ޖެހިލުން ވިއެވެ.

" ސީރިއަސްލީ ކައިރާ.... ތިހާ ދަށް ފެންވަރަކަށް ވެއްޓުނީ ކޮން އިރަކު... ތިހާ ބޮޑު އޮޅުވާލުންތަކެއް އޮޅުވާލަން ފެށިކަމެއް އަހަންނަކަށް ނޭނގެ... ކޮން ރާއީ އެކޭ އެ ކިޔަނީ... ކޭ.އެޗް.އޭ ކޮމްޕެނީގެ ޑިޒައިނަރ ރާއީ ހޯދަން ގުޅައިފި... "...... އެލީޝާގެ އަޑުގައިވީ ނުރުހުން އިހްސާސް ކުރެވުމުން ކައިރާގެ ދެލޯ ފެންކަޅި ވެގެން ދިޔައެވެ. ހާއްސަކޮށް އޭޭނާގެ ފުރިހަމަ ނަން ބޭނުންކުރުމުން އޭނާގެ ހިތުގައި ޖެހުނެވެ.

" އެލީ... ލިސެން ޓު މީ.. ޕްލީޒް......"..... އެލީޝާގެ އަތުގައި ހިފައި ހުއްޓުވަމުން ކައިރާ ބުނެލިއެވެ.

" ދެން ކޯއްޗެއް އަޑު އަހަން އޮތީ... ފުރަތަމަ ވެސް ހީވި ކައި އަހަންނަށް ކަމެއް ސިއްރު ކުރަނީއޭ.... މިއީ ކުޑަ ކަމެއް ނޫން... ކައިގެ އަސްލު ތި އޮޅުވާލެވުނީ... ދެންވެސް އަހަންނަށް ރީތިކޮށް ކިޔައިދީ........"...... އެލީޝާގެ އަޑު މިފަހަރު ތަންކޮޅެއް މަޑެވެ.

ކައިރާ ފުން ނޭވާއެއް ދޫކޮށްލުމަށް ފަހު މާލެ އައި ދުވަހުން ފެށިގެން ދިމާވި ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އެނދުން ތެދުވުމަށް ފަހު އެލީޝާ ގޮސް ހުއްޓިލީ ކައިރާއަށް ފުރަގަސްދީގެން ކުޑަދޮރު ކައިރީގައެވެ.

" އެލީ.......".. އެލީޝާ އެއްޗެއް ނުބުނެ ހުންނަން ފެށުމުން ކައިރާ މަޑުމަޑުން ގޮވައިލިއެވެ.

" ކައި... އަހަރެން ކީކޭ ބުނަންވީ... މިއީ ތަޤްދީރުގެ ސަމާސާއެއްތަ؟..... އަހަރެން ހިއެއް ނުކުރަން ކިޔާން އާއި ކައި މިހާ އަވަހަށް ދިމާވާނޭ ކަމަށް... ކައިގެ ކުށެއް ނެތް... ރާއީގެ ނަން ބުނުމަކީ ކައިގެ ކުށެއް ނޫން... އެކަމަކު އިޝާން ކައިރީގަ ވެސް ބުނަން ވާނެދޯ އަސްލު ނަމަކީ ކައިރާއޭ... "......... އެލީޝާ ދައްކަމުން ދިޔަ ވާހަކަތަކަށް ކައިރާ މަޑުމަޑުން ބޯ ޖަހައިލިއެވެ.

" ދެން ދޭ... ތިހާ މުހިންމު ޕްރޮޖެކްޓެއް އޮއްވާ ކައި ގޭގަ މަޑުކުރާނެ ކަމެއް ނެތް........ އަހަރެން ޝެލީ ބަލާނަން......." އެލީޝާ ކައިރާގެ ގައިގައި މަޑުމަޑުން ބައްދާލީ އެކުވެރިޔާއަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.

*****

އަވަސް އަވަހަށް ރީތިވެލައިގެން ކައިރާއަށް އޮފީހަށް ދެވުނު އިރު ދިހައެއް ޖަހަނީއެވެ. އެހެން ދުވަސްތަކާ ހިލާފަށް ކައިރާ ލައިގެން ހުރީ ކުރިން ވެސް ލައި އުޅޭ ކަހަލަ ދޫ އަބާޔާއެކެވެ. ކުރީގެ ކައިރާއަށް ވާން އޭނާވެސް ބޭނުމެވެ. ނަމަވެސް އަދިވެސް އެ އަޅިފެހި ދެލޯ ވަނީ ފޮރުވިފައެވެ.

އަވަސް ފިޔަވަޅުތަކެއްގައި ގޮސް ކައިރާ ފުރަތަމަ ވެސް ވަނީ އިޝާންގެ ކެބިންއަށެވެ. އޭނާގެ އިންތިޒާރުގައި މިހާރު އިޝާން އިންނާނެކަން ކައިރާއަށް ޔަޤީނެވެ.

" ސޮރީ ޝޭން..."........ ދޮރު ހުޅުވައިލަމުން ކައިރާ ބުނެލިއެވެ. އެވަގުތު އެ ފިޔަވަޅުތައް މަޑުޖެހުނީ އިޝާންގެ ގޮނޑީގައި ހަމަޖެހިލައިގެން އިން މީހާ ފެނުމުންނެވެ. ކައިރާގެ ނަޒަރު އަމާޒުވެގެން ދިޔައީ އެ ފިރިހެން މީހާގެ އަޅިފެހި ކުލައިގެ ކަޅިއަށެވެ. އެވަގުތު ކައިރާގެ އަތްފައި ފިނިވެ މޭ ރޫރޫ އަޅައިގެން ދިޔައެވެ.

" ހައިކަލް... "..... ކައިރާގެ ތުންފަތް ހަރަކާތް ނުކުރިޔަސް އެ ހިތާއި ސިކުނޑީގައި އެ ނަން ގުގުމައިގެން ދިޔައެވެ.

(ނުނިމޭ)

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!