ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަތާވީސްވަނަ ބައި)
▾ މި ވާހަކައިގެ ޢަދަދުތައް
ވަކި ހިސާބަކަށް ދިއުމަށް ފަހު އެ ކުއްޖާ އަނބުރާލައިފައި ގޮސް ފާހާނާއަށް ވަނެވެ. އަދި ކޮނޑުގައި އަޅުވައިފައި އޮތް އަތް ދަބަސް ތެރެއިން ނެގި ކަޅު ކުލައިގެ ލެންސުން އެ އަޅިފެހި ކުލައިގެ ކަޅި ފޮރުވައިލިއެވެ.
*****
ލޯގަނޑުން އިރުކޮޅަކު އޭނާގެ އަމިއްލަ ސޫރައަށް ބަލަން ހުރުމަށް ފަހު ކައިރާ ތުންފަތުގައި ގަދަ ރަތްކުލައެއް ޖައްސައިލަމުން އެ ދިގު ބޯ އެސްފިޔަތަކުގައި މަސްކަރާ އުނގުޅައިލިއެވެ. މިހާރު ލޯގަނޑުން ފެންނަން ހުރީ މީގެ ހަ އަހަރު ކުރީގެ ސާދާކޮށް ހުރި ކުއްޖާއެއް ނޫނެވެ. ކައިރާ ފުން ނޭވާ އެއް ދޫ ކޮށްލުމަށް ފަހު ތުންފަތަށް މަސްނޫޢީ ހިނިތުންވުމެއް ވެރިކޮށްލިއެވެ.
" ހެލޯ... ދިސް އިޒް އައިޝަތު ކައިރާ.... ސެންޑް މީ ދި ލޮކޭޝަން ޕްލީޒް....."....... ސާފު ރީތި އިނގިރޭސީ ބަހުން ކައިރާ ވާހަކަ ދައްކަމުން ދިޔައިރު އެ އަޑާއި ރާގުން އެއީ ރާއްޖޭގެ ކުއްޖެކޭ ބުނެވޭ ވަރެއް ނޫނެވެ.
ޓެކްސީގައި އިންއިރު ވަށައިގެން ފެންނަމުން ދިޔަ މާހައުލަށް ކައިރާ ބަލަމުން ދިޔައެވެ. ހެނދުނުގެ އެންމެ އަވިގަދަ ވަގުތުކަމަށް ވިޔަސް ކޮޅުކޮޅު މައްޗަށް ދަތުރު ކުރާ މީހުން މަދެއް ނޫނެވެ. މަޖީދީމަގުގެ ޓްރެފިކާ ހުރެ އިރުއިރު ކޮޅާ ކާރު މަޑުކޮށްލަން ޖެހެއެވެ. މަގުން ފެންނަމުން ދިޔަ އެންމެންގެ މޫނުތަކުން ވެސް ކައިރާއަށް ހޯދެމުން ދިޔައީ އެންމެ ފަރާތެކެވެ. އެ ހިތް އެދި ގޮވަމުން ދިޔައީ ކިޔާން ދެކިލުމަށެވެ. ކިޔާންއާ ވާހަކަ ދައްކާލުމަށެވެ. ކިޔާން މިހާރު ހުންނާނީ ކިހިނެތްބާއޭ ކައިރާ ހިތަށް އެރިއެވެ. އަނެއްކާ ކިޔާން ކައިވެންޏެއް ނުކުރޭ ބާއެވެ. އޭނާ ދިރިއުޅުމެއް ނުފަށާނެ ބާއެވެ.
އެ ވަގުތު ކައިރާއަށް އޭނާގެ އަމިއްލަ ނަފްސާ މެދު ވިސްނައި ލެވުނެވެ. ކުޑަ ކުޑަ "މިޝެލް" ގެ ނަން އެ ސިކުނޑީގައި ގުގުމައިލިއެވެ. އެވަގުތު ކައިރާ ފޯނުގެ ގެލެރީއިން ހުޅުވައިލީ ތިން އަހަރުހެން ހީވާ ކުޑަ އަންހެން ކުއްޖެއްގެ ފޮޓޯއެކެވެ. ކަޅު ކުލައިގެ ބޮޑު ކަޅިއެއް ލިބިފައިވާ އެ އަންހެން ކުއްޖާގެ ހަންގަނޑު ދޮން ކަމުން ވަނީ ރަތް ވެފައެވެ. މަޑު ބްރައުން ކުލައެއްގައި އޮތް އިސްތަށިގަނޑު ބޯ ވެފައި ފަނެވެ. އެއް ކޮލަށް އެޅިފައިވާ އަޑި ކޮޅުން އެ ކުއްޖާގެ ރީތި ހިނިތުންވުން އިތުރަށް ހިތްގައިމު ކުރުވައިފައިވެއެވެ.
" ޝެލީ ބޭބީ... ވަރަށް ހަނދާން ވޭ......"...... ކައިރާ އެ ފޮޓޯގައި ފިރުމައިލިއެވެ. ނަމަވެސް އެ ތުއްތު ކުއްޖާއާ ވަރަށް އަވަހަށް ދިމާވާނެކަން އެނގުމުން ކައިރާގެ މޫނު އުޖާލާ ވެގެން ދިޔައެވެ.
ކައިރާ ދެން ހުޅުވާލީ އޮފީހުން އޭނާއަށް ފޮނުވާފައި އޮތް ޑޮކިއުމެންޓެކެވެ. އޭގައި އޮފީހުގެ އިސް ފަރާތްތަކުގެ ނަމާއެކު ފޮޓޯ ހުރުމުން ކައިރާ ޝައުޤުވެރިވެފައި އެ އަށް ބަލަން އިނެވެ. ނަމަވެސް ކައިރާ ހައިރާންވީ އޮފީހުގެ ބޮސްގެ ފޮޓޯ އިންނަން ޖެހޭ ތަނުގައި އެއްވެސް ފޮޓޯއެއް ނެތުމުންނެވެ. އަދި އެތާނގައި ނަމެއް ވެސް ލިޔެފައެއް ނެތެވެ. އޮފީހަށް އާދެވިއްޖެކަން ކައިރާއަށް އެނގުނީ ޑްރައިވަރު ބުނުމުންނެވެ. ރުފިޔާ ހަވާލު ކޮށްލުމަށް ފަހު ކައިރާ ލޮލުގައި އަޅައިފައި އޮތް އައިނު ތިރިކޮށްލަމުން އެ އިމާރާތަށް ބަލައިލިއެވެ.
ކޭ.އެޗް.އޭ ޑިޒައިނިންގް ޕްރައިވެޓް ލިމިޓެޑް ކޮމްޕެނީގެ ނަން ރިހި ކުލައިގެ ދަނގަޑުން ބޭރުގައި ބޮޑުކޮށް އަޅައިލެވިފައި އޮތެވެ. އުސް އިމާރާތެކެވެ. އާއްމުކޮށް ފެންނަ އިމާރާތްތަކަށްވުރެ ތަފާތެވެ. ފުރަތަމަ ނަޒަރުން ވެސް ކައިރާއަށް މިތަން ޚާއްސަ ވެއްޖެއެވެ.
ކައިރާ ހިނގައިގަތީ އޮފީސް ތެރެއަށް ވަނުމަށެވެ. ރިސިޕްޝަނަށް ގޮސް އޭނާގެ ނަން ބުނުމުން ރިސިޕްޝަންގައި އިން އަންހެން ކުއްޖާ ހިތްހެޔޮ ހިނިތުންވުމެއް ހަދިޔާ ކޮށްލުމަށް ފަހު އޭނާއާ އެކު އައުމަށް ބުންޏެވެ.
އޮފީހުގެ ގޮނޑީގައި ހަމަޖެހިލައިގެން އިން ކިޔާންގެ ނަޒަރު އިރުއިރު ކޮޅާ ކެބިންގެ ދޮރަށް ހުއްޓެމުން ދިޔައެވެ. އޭނާގެ ސެކްރެޓްރީގެ މަޤާމަށް ކުއްޖަކު ނެގުމަށް އިންޓަރވިއު ކުރަން ކިޔާން ބޭނުންވީ އޭނާ އަމިއްލަ އަށެވެ. އެ މަޤާމަށް ޖުމްލަ ނުވަ ކުދިން ކުރިމަތި ލައިފައިވާ އިރު އަށް ކުދިންގެ އިންޓަރވިއު ނިމިއްޖެއެވެ. ނަމަވެސް ކިޔާން ހިތްހަމަ ޖެހޭ ކުއްޖަކާ އަދި ދިމައެއް ނުވެއެވެ. ޚާއްސަކޮށް އޭނާ ފެނުމުން އެކުދިން އުޅުނު ގޮތުން ކިޔާން ހުރީ ފޫހިވެފައެވެ.
ނުވަވަނަ ކުއްޖާއަކީ ސީދާ އިންޓަރވިއުއަށް ރާއްޖެ އަންނަ ކުއްޖެއް ކަމަށް އަންގައިފައި ވުމުން އެ ކުއްޖާއަށް އިންޓަރވިއުއަށް ކީ އެހެން ކުދިންނަށް ވުރެ ތަންކޮޅެއް ލަސް ގަޑި އަކަށެވެ. އެހެން ނަމަވެސް ގަޑިޖެހެން ވަގުތު ކައިރި ވަމުން ދިޔައިރު ވެސް އެ ކުއްޖާ ނާންނާތީ ކިޔާންގެ ހިތް ނުތަނަވަސް ވަމުން ދިޔައީ ކީއްވެކަން ޚުދު އޭނާއަށް ވެސް ނޭނގުނެވެ.
*****
" ޝެލީ... ދެން އަވަހަށް އަނގަ ހުޅުވާ.... ނޫނީ ފްލައިޓަށް ވެސް ނާރުވާނެ.... "........ ގޮނޑީގައި އިން މިޝެލް ނުކާން އުޅޭތީ އެލީޝާ ދިޔައީ އޭނާއަށް ކާން ދޭން މަސައްކަތް ކުރަމުންނެވެ. އޭރު އެލީޝާގެ މުޅި ގަޔަށް މިޝެލްއަށް ކާން ދޭން އުޅުނު ތަށިން ވެރިފައި ހުއްޓެވެ. ނަމަވެސް މިޝެލްއަށް ކާން ދޭން ކުރަމުން ދިޔަ ހުރިހާ މަސައްކަތެއް ވީ ބޭކާރެވެ.
" ލީސާ...."...... އެލީޝާ ހަރުއަޑުން ގޮވާލުމާއެކު މިޝެލް ލޯބިގޮތަކަށް ހީލިއެވެ. އަދ ދެ އަތް ޖަހަން ފެށީ ލީސާ އަންނަތަން ފެނުމުންނެވެ.
" ތޫތިގެ ބޭބީ ގަނޑު..... ދޮންތި އަނެއްކާ ވެސް އުނދަގޫ ކުރީ ދޯ....... އާދޭ ތޫތި ކައިރިއަށް... ފިޝް ކައިރިއަށް ދޯ ދާނީ ކާން.... " ........ ލީސާ މިޝެލްއާ އެއް ވަރަކަށް ތިރިވެ އިނދެ ޅަ އަޑަކުން ވާހަކަ ދައްކަމުން ދިޔައިއެވެ.
" ޔެސް ޓޫޓީ.... "..... މިޝެލްގެ ތުންކޮޅުގައި ހޭކިފައި ހުރި ކާތަކެއްޗާ އެކު ވެސް ލީސާގެ ކޮލަށް ބޮސް ދިނެވެ. އެކަމަށް ފަރުވާލެއް ނުބަހައްޓާ ލީސާ މިޝެލް އުރާލުމަށް ފަހު އޭނާ ކާން އިން ތަށި ހިފައިގެން ހިނގައިގަތީ ބޭރަށެވެ. މިޝެލް ގޮވައިގެން ގޮސް ލީސާ އިށީނދެލީ އެ ގޭގެ ބޭރުގައި ހައްދާފައި ހުރި ފެހި ވިނަގަނޑު މަތީގައެވެ. އަދި ކައިރީގައި ހުރި މަސް ފެންގަނޑާއި ކައިރިވެ މިޝެލްއަށް އެ މަސްތަކުގެ ފަރި ހަރަކާތްތައް ދައްކަމުން ދިޔައެވެ. މިޝެލްގެ ޅަ އަޑުން އޭނާއަށް އެނގުނު ގޮތަކަށް ލީސާއާ ވާހަކަ ދައްކަމުން ދިޔަ އިރު ލީސާ އިނީ އެ ކުޑަ ހަށިގަނޑުގައި ބައްދައިގެންނެވެ.
" ކައި ނެތީމަ ޝެލީ އެލީއާ އެއްބަހެއް ނުވި ދޯ......"....... ހިނިގަނޑެއް ޖަހާލަމުން މެހެރް އެލީޝާ ފެނުމުން ބުނެލިއެވެ. އޭރު އެލީޝާ ހުރިގޮތް ފެނުމުން ވެސް މިޝެލް އާއި ދެކުދިން ދެބަސްވީކަން މެހެރްއަށް ޔަޤީން ވިއެވެ.
" އާނ... ޝެލީ އެބައިން މިހާރު ލީއްކޮ ކައިރީގަ.... މަސް ފެންގަނޑު ކައިރިއަށް ދިޔައީ... ވަރުގަދަ ފޯރިއެއް އެ މަންޖެ އެކަމަށް އެ ހުންނަނީ........"...... އަލީޝާ ހެވިފައި ބުނެލިއެވެ.
" މަންމަ ހިތަށް އަރާ ލީއްކޮއާ ޝެލީ މާލެ ގޮއްސަ އުޅޭނީ ކިހިނެތް ބާއޭ... މިހާރު އުޅޭހެން ނޫޅެވޭނެ އެއްނު... މި މާހައުލު ވެސް ތަފާތު.... މިޝެލްގެ ސިއްރު ވެސް އެނގޭކަށް ބޭނުމެއް ނޫން......."......... އެނބުރި ދާން ޖެހޭތީ މެހެރް ކަންބޮޑުވަމުން ދިޔައެވެ.
" މަންމާ...."........ އެލީޝާ ތަންކޮޅެއް ބާރަށް ނުރުހެން ވެފައި ގޮވައިލިއެވެ.
" މަންމައަށް އެނގޭ އެލީ...... ދެން ޝެލީގެ ވާހަކަ އޮޅިގެން ވެސް ނުދައްކާނަން......."....... މިޝެލްގެ ވާހަކަ އެގޮތަށް ދެއްކުމުން އެލީޝާ ހިތްހަމަ ނުޖެހުނީކަން މެހެރްއަށް އެނގުނެވެ.
ނަމަވެސް ތުއްތު މިޝެލްގެ ހަރަކާތްތަކަށް ނަޒަރު ހުއްޓައިލައިގެން ހުރި މެހެރްގެ ހިތާއި ސިކުނޑި ވަނީ ހަލަބޮލި ވެފައެވެ. އެއީ މެހެރްގެ ހިތުގެ ފިނިކަމެވެ. އެ ދަރިފުޅާ ގުޅިގެން އެއްވެސް މީހަކު ދެރަ ބަހެއް ބުނާ އަޑު އަހަން މެހެރްއަށް ކެތެއް ނުކުރެވޭނެއެވެ. ނަމަވެސް އެނބުރި މާލެއަށް ދިޔުމުން ސުވާލުތައް ކުރިމަތި ވާނެކަން އޭނާއަށް ޔަޤީނެވެ.
އެލީޝާއަށް މެހެރްގެ ހިތުގައި ހިނގަމުންދާ ޝުޢޫރުތައް ދެނެގަނެވުނެވެ. އެހެންކަމުން އައިސް މެހެރްގެ ގައިގައި ބައްދާލަމުން ހުރިހާ ކަމެއްވެސް ރަނގަޅުވާނެ ކަމުގައި އެލީޝާ ބުނެލިއެވެ.
*****
އެ ކުއްޖާ ކައިރާ ގޮވައިގެން ދިޔައީ ހަތަރު ވަނަ ބުރިއަށެވެ. ލިފްޓުން ފޭބުމަށް ފަހު ގޮސް އޭނާ މަޑުކޮށްލީ ވަކިން އެއްފަރާތުގައި ހުރި ކޮޓަރިއެއްގެ ދޮރު މައްޗަށެވެ. އަދި މަޑުމަޑުން އެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލިއެވެ. އެވަގުތު ވަންނަން ބުނެލި އަޑު އެތެރެއިން އިވުނެވެ.
" މޭމް.. އެތެރޭގަ ހުންނާނެ ސަރ... "...... ކައިރާއަށް ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން އެ ކުއްޖާ ބުނެލިއެވެ.
" ތެންކިޔު... އެންޑް މި ފޮށި ކުޑަ އިރުކޮޅަކަށް ބަލައިދެއްޗޭ... ހަމަ ސީދާ އޮފީހަށް މި އައީ މިކޮޅަށް އައި ގޮތަށް... އެހެންވެ އަސްލު ފޮށި ހިފައިގެން އާދެވުނީ...."...... ކައިރާ ވެސް ލައިގެން ހުރި ޖެކްޓްގައި ހިފައި ކުޑަކޮށް ދަމާލިއެވެ.
ކުރިމަތިން ފެންނަށް ހުރި ދޮރާ ދިމާލަށް ބަލައިލަމުން ކައިރާ ފުން ނޭވާއެއް ދޫ ކޮށްލިއެވެ. އޭނާގެ އަތުގައި ހުރި ޑޮކިއުމެންޓްސްތައް ރީތި ކޮށްލަމުން ކައިރާ އެ ކެބިންގެ ދޮރު ހުޅުވައިލިއެވެ.
އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ފަސްއެނބުރިގެން ހުރި ޒުވާނާއެވެ.
*****
ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލުމުން ކިޔާން ތެދުވެ ކުޑަ ދޮރާ ކައިރިވެލީ އޭނާގެ ހިތް ނުހަނު ބާރު މިނެއްގައި ތެޅެން ފެށުމުންނެވެ. އިންޓަރވިއުއަށް އަންނަ ފަހު ކުއްޖާ އައީ ކަން ކިޔާންއަށް ޔަޤީނެވެ. މި ކުއްޖާ ކޮންމެ ގޮތެއް ވިޔަސް މަޤާމަށް ހޮވަން ކިޔާން ބޭނުމެވެ. އަނެއްކާ އިޢުލާން ކޮށްގެން ކުދިން ހޯދާކަށް ކިޔާންގެ ވިސްނުމެއް ނެތެވެ.
ކޮޓަރީގެ ދޮރު ހުޅުވައިލުމަށް ފަހު މީހަކު އެތެރެއަށް ވަތްކަން ކިޔާންއަށް އެނގުނެވެ. ކެބިންގެ ތެރޭގައި މަޑު ލުއި ވަހެއް ހިފައިގެން ދިޔައެވެ. ކިޔާންއަށް އެތެރެއަށް ނޯއް ދަމާލެވުނީ އެ ވަހުން އޭނާގެ ސިކުނޑި ތާޒާ ވެގެން ދިޔުމުންނެވެ.
ކިޔާން ފަސްއެނބުރި ބަލާލިއިރު ދޮރު ކައިރީގައި ހުރި އެ ކުއްޖާ ލޮލުގައި އަޅައިގަތެވެ. ރީތި އިސްކޮޅެއްގެ ވެރިއެކެވެ. ލޫޅާފަތި ހަށިގަނޑެކެވެ. ނަމަވެސް އެ ހަށިގަނޑުގެ ބައްޓަން ވަނީ ލައިގެން ހުރި ކަޅު ހެދުމުން ފޮރުވިފައެވެ. އިސްޖަހައިގެން ހުރުމުން އެ ކުއްޖާގެ މޫނު ފެންނަވަރެއް ނުވިއެވެ.
ކައިރާ އިސްޖަހައިގެން ހުރީ އެ ޒުވާނާ އިސްވެ ވާހަކަ ފަށަންދެނެވެ. އޭނާގެ ނަޒަރު މިހާރު ހުރީ ކައިރާއާ އަމާޒުވެފައިކަން އެނގުމުން އޭނާގެ އަތްފައި ފިނިވަމުން ދިޔައެވެ. ނަމަވެސް ކައިރާ ނަފްސު ހަމައަކަށް އަޅުވައިލިއެވެ. އެއީ ކުރީގެ ކައިރާ ނޫންކަން ހިތަށް ވިސްނައި ދިނެވެ. އޭނާގެ މަޤާމާއި ފެންވަރު ހަނދާން ކޮށްލިއެވެ. ކައިރާގެ ހިތުގައި ކުރިން ނެތް ޖޯޝެއް އާލާ ވެގެން ދިޔައެވެ. އެއާ އެކު އެ ތުންފަތަށް ރީތި ހިނިތުންވުމެއް ވެރިކޮށްލަމުން އިސްއުފުލައި ކުރިމަތީގައި ހުރި ޒުވާނާއާ ހަތަރު ކަޅި ހަމަކޮށްލިއެވެ.
(ނުނިމޭ)
ވާއަޮ.. ދެން ވާނީ ކިހިނެއް ބާ …..
ދެން ވާނީ ކިހިނެއް ބާ ….�