ވާހަކަ

ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަތިރީސްވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ނޭނގި ހިތޭ ގެންދެވީމާ ލޯބިން (ފުރަތަމަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދެވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން.. (ތިންވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން... (ހަތަރުވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ފަސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ހަތްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމާ ލޯބިން (އަށްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނުވަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދިހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެގާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސާދަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަނަރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސޯޅަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ނަވާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ވިހިވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭވީސްވަނަ ބައި) ނޭނގި ހިތޭ ގެންވީމަ ލޯބިން (ސައުވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައްބީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަތާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނަވާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެއްތިރީސްވަަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބައްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެއްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައުރަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން( ސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސަތުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އޮނަސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ބަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެޔާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސައުރަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަހުބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން - ޓްރައިލާ

 

Ads by STELCO

ރާއީ ގޭގެ ދޮރުގައި މަޑުމަޑުން ޖަހައިލިއެވެ. ދެތިން ފަހަރު ޖަހައިލުމަށް ފަހު ދޮރާ ކުޑަކޮށް ދުރުވެލުމަށް ފަހު ވަށައިގެން ބަލައިލިއެވެ. އަދި މޫނުގައި އަޅައިފައި އޮތް މާސްކު ނެގިއެވެ. އެ ވަގުތު ގޭގެ ދޮރު ހުޅުވައިލާފައި މީހަކު ނުކުތެވެ. އަނދިރީގެ ތެރެއިން އެމީހާގެ މޫނަށް އަލިކަން ވެރިވީ ރާއީ ހުރި ހިސާބަށް ދެވުމުންނެވެ. އަދިވެސް ކިޔާންއަށް އެ މޫނު ފެންނަވަރެއް ނުވިއެވެ. ރާއީގެ ގައިގައި ބައްދާލުމަށް ފަހު އެ މީހާ ދުރުވިއިރު ކިޔާންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެ މޫނު ފެނުމުން ކިޔާންގެ މޫނު ހުދުވެގެން ދިޔައެވެ

*****

މޫނަށް ވެރިވި ކުލަވަރާއެކު ކިޔާން އަތް މުށްކަވާލީ އޭނާއަށް ކެތްކުރަން ދަތި ވުމުންނެވެ. ކިޔާންގެ ނަޒަރު އެ ދިމާއަށް ހުއްޓިފައި ހުރިއިރު ވަށައިގެންވީ މަންޒަރުތައް ފުސްވާން ފެށިއެވެ. އެ ހިތަށް ލިބިފައިވީ އަނިޔާ ހުރަހެއް ނެތި ފެންނަމުން ދިޔައެވެ. ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް އެއްވެސް އިޚްތިޔާރެއް ނެތި ފައިބަން ފެށުމުން ކިޔާން އިސްޖަހައިލިއެވެ. ފަސްއެނބުރިލުމަށް ފަހު ލަސްފިޔަޅުތަކެއްގައި އޭނާ ކުރިއަށް ދާން ފެށީ ދާނެ ވަކި މަންޒިލެއް އޮވެގެން ނޫނެވެ.

******

އޮފީހުގެ މަސައްކަތް ނިންމައިލުމަށް ފަހު ނުކުތްތަނުން ޒެވިޔަންގެ ފޯނު ރިންގުވާން ފެށިއެވެ. އަތުގައި އޮތް ގަޑި ބަލައިލަމުން މިގަޑީގައި ގުޅާނީ ކާކުބާއޭ ހިތަށް އެރިއެވެ.

ފޯނަށް އަރައިފައިވާ ނަންބަރު ފެނުމުން ޒެވިޔަންގެ މޫނުން ފެނުނީ އިންތިހާ ދަރަޖައިގެ ހައިރާންކަމެވެ. ސޭވް ނުކޮށް އޮތް ކަމުގައި ވިޔަސް ޒެވިޔަންއަށް އެ ނަންބަރެއް ނޯޅޭނެއެވެ.

" ކެން..."...... އަވަސް އަވަހަށް ފޯނު ކަންފަތުގައި ޖަހައިލަމުން ޒެވިޔަން ގޮވައިލިއިރު އެ އަޑުގައި ޖޯޝެއް ވިއެވެ. ނަމަވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ ހިނިތުން ފޭދިގެން ދިޔައެވެ.

ދެތިން މިނިޓްގެ އެ ކޯލު ނިންމާލުމަށް ފަހު ފޯނު އަތުތެރޭގައި އަނބުރާލަމުން ޒެވިޔަން އޭނާގެ އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ. ކޮންމެވެސް ކަމަކާމެދު ވިސްނާކަން އެ މޫނުން ހާމަވަމުން ދިޔައެވެ. އިރުކޮޅަކުން އަވަސް ފިޔަވަޅުތަކެއްގައި ގޮސް ޒެވިޔަން ސައިކަލަށް އަރައިގެން ދުއްވާލިއެވެ.

ދަން ގަޑިއެއް ނަމަވެސް ނިއު ޕޯރޓު ސަރަހައްދުން މަދުން ނަމަވެސް މީހުން ފެންނަމުން ދިޔައެވެ. ގިނައީ ފުރާވަރުގެ ފިރިހެން ކުދިންނެވެ. ޒެވިޔަންގެ ލޮލުގައި އަޅައިގަތީ ތަންކޮޅެއް ދުރުގައި އިށީނދެލައިގެން އިން ކިޔާންއެވެ. އިސްޖަހައިގެން އިން އިރު އޭނާގެ އަތުގައި އަތްދަބަހެއް އޮތެވެ. ކިޔާންގެ ހަރަކާތްތަކަށް ފަރުވާތެރިކަމާއެކު ބަލަން ހުރެފައި ޒެވިޔަން އެދިމާއަށް ހިނގައިގަތެވެ.

އަތުގައި އޮތް އައިސް ކޮފީ ދަޅު ކިޔާންއަށް ދިއްކޮށްލަމުން ޒެވިޔަން އޭނާ ކައިރީގައި އިށީނެވެ. އޭގައި ހިފަމުން ކިޔާން ބަލައިލިއިރު އެ މޫނުގައި ކޮންމެވެސް ވަރެއްގެ ހިނިތުންވުމެއް ވިއެވެ.

ޒެވިޔަންއަށް އޭނާ ދުވަހަކު ވެސް ނޯޅޭނެކަން ކިޔާންއަށް ޔަޤީންވިއެވެ. އޭނާ ކަމަކާ ހިތްހަމަ ނުޖެހިއްޖެނަމަ ޒެވިޔަން އަބަދުވެސް އަންނާނީ އައިސް ކޮފީ ދަޅެއް ހިފައިގެންނެވެ.

" ޝީ އިޒް ބެކް....."..... ކިޔާންގެ އަޑު ނުކުތީ ކެނޑިކެނޑިގެންނެވެ.

" ކާކު...".... ޒެވިޔަން އިނީ ކިޔާން ބުނި އެއްޗެއް ސާފު ނުވެފައެވެ. އޭނާ ކިޔާންގެ މޫނަށް ބަލައިލީ ކިޔާން އެއްވެސް އެއްޗެއް ނުބުނެ އިންނަން ފެށުމުންނެވެ.

" ޒެވް.... މިއަދު ޒެވް ކުށްވެރި ކުރާކަށް ނެތިން... އެކަމަކު ޒެވް އަހަރެން ކައިރީ ބުނި ނަމަ ވަރަށް އުފާވީސް....".. ދެން ވެސް ކިޔާން އޭނާ ބުނަން އުޅޭ ވާހަކަ ނުބުނެ ފަނޑު ހިނިތުންވުމެއް ޒެވިޔަންއަށް ރައްދުކޮށްލިއެވެ.

" އަހަންނަށް ކައިރާ ފެނިއްޖެ... އެއީ ރާއީ... މި ހުރިހާ ދުވަހު އަހަންނާ އެކީގަ މަސައްކަތް ކުރި ރާއީ... އެކަމަކު އަހަންނަށް އެއީ ކައިރާކަން ޔަޤީން ނުކުރެވުނީ... މިރޭ ޔަޤީން ކުރެވިއްޖެ ... ރާއީ ދިޔައީ އެލީ މެންގެއަށް... ފުރަތަމަ ބުނީ ކޮންމެވެސް ގޯޅި ގަނޑެއް ދައްކާފަ އެތާނގަ އޭ ގެ ހުންނަނީ... މާ ދަންވެފަ ހުރީމަ އަހަރެން އޭނަ ގެންދިޔައީ... ކައިރާއަށް ވަރަށް ގިނަ ދުވަހު އަހަންނަށް ފިލައިގެން އުޅެވިއްޖެ.... މިރޭ އޭނަގެ ސިއްރު ހާމަވާން އޮތީ ކަންނޭނގެ.... ކައި ގެއަށް ލާފަ ދަނިކޮށް ކުއްލިއަކަށް ސީޓު މަތީގައި މި އަތްދަބަސް އޮއްވާ ފެނުނީ.... ގުޅާފަ ބުނަން އުޅެފަ ވެސް އެގެއާ ކައިރި ވީމަ ގުޅަން މަޑުކޮއްލީ... އަހަންނަށް ދެވުނު އިރު ކައި ވަރަށް ސިއްރު ސިއްރުން ދިޔައީ... މޫނުގަ މާސްކެއް އަޅައިގެން... އަހަންނަށް ފެނިދާނެތީ ކަންނޭނގެ.... ކައި ގޮއްސަ ދޮރުގަ ޖެހީމަ އެލީ ދޮރު ހުޅުވާފަ އައިއްސަ ކައި ގައިގަ ބައްދާލި... ހީވާ ގޮތުން އެލީ ހުރީ ކޮންމެވެސް ކަމަކާ ވަރަށް ދެރަވެފަ... އަހަންނަށް އެލީ ފެނުނީމަ ޔަޤީން ކުރެވުނީ... ރާއީ ނަމަ ނުދާނެ އެންނު އެ ގެއަށް... އަނެއްކާ އެމީހުންގެ ސިފަ އެހާ އެއްގޮތް... ހަމަ އެކަނި ކަޅީގެ ކުލަ.. ދެން ރާއީގެ އުޅުން ހުރި ގޮތް"...... ކިޔާން ވަރަށް ތަފްސީލުކޮށް ޒެވިޔަންއަށް އެވާހަކަތައް ކިޔައިދިނެވެ. "ރާއީ"ގެ ވާހަކަ އަކީ އަދި ޒެވިޔަންއަށް ނޭނގޭ ވާހަކައެއް ކަމުން ކިޔާން އެވާހަކަ ވެސް ކިޔައިދިނެވެ. އަދި މި ފާއިތުވި ދުވަސްތަކުގައި އެ ދެމެދު ހިނގާފަ ހުރި ހުރިހާކަމެއް ވެސް ޒެވިޔަންއަށް ކިޔައިދިނެވެ.

" ބްރޯ... އަދިވެސް ލޯބިވޭ ދޯ ކައިދެކެ؟....."....... ޒެވިޔަން ނާހަން ހުރެފައި ވެސް އެ ސުވާލުކޮށްލީ އޭގެ ޖަވާބު ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ. ކިޔާން ދޫ ކުއްލީ ފުން ނޭވާއެކެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ކަނޑުން ނަގަމުން ދިޔަ ބިޔަ ރާޅު ތަކަށެވެ.

" ވަރަށް ލޯބިވޭ.... ކައިއަށް އިވުނު ވާހަކައެއްގެ މައްޗަށް ބުރަވެ ހުރެ އަހަންނާ ވަކިވީ... މިއަދު އެއީ މަންމައެއް... ކައި މެރީ ކުރި ކަމެއް ވެސް އަހަންނަކަށް ނޭނގެ.. ދެން އެ ލޯބި ލިބޭނެ ކަމުގެ އުއްމީދެއް ވެސް ނެތް.... އަހަންނަށް މިގޮތް ހައްޤުކަން ނޭނގެ އަސްލު.... އެންމެ ފުރަތަމަ ބޭނުންވީ ކައި ދެރަކުރަން... އޭރު ކަންތައްވެ ދިޔަގޮތުން... ކައި ކިހިނެތް އަހަރެން ވައްޓާލީ އެދުވަހު... ކުޑަކުޑަ ކަމެއް މާބޮޑު ކޮށްލެވުނީ އޭރު.. އަހަރެން ވެސް ކައި ލައްވާ އައިސްކްރީމް ސާފުކުރަން ނުޖެއްސިނަމަ މިހެން ނުވީސް ކަންނޭނގެ..."..... އެ ހަނދާން އާވުމުން ޒެވިޔަން އާއި ކިޔާންއަށް ވެސް ހެވިއްޖެއެވެ.

މިޝެލްގެ ވާހަކަ ދެއްކުމުން ޒެވިޔަންގެ ހިތަށް އުނދަގޫ ވެގެން ދިޔައެވެ. އޭނާ އާއި އެލީޝާގެ ގުޅުން ގޮސްފައި އޮތް ހިސާބުން ޒެވިޔަން ހުރީ މާޔޫސްވެފައެވެ. ހިތާ ދެކޮޅަށް އެ ނިންމުން ނިންމަން ޒެވިޔަންއަށް މަޖުބޫރު ވީއެވެ. އެލީޝާ އެވަރުން ވެސް ހަޤީޤަތް ފާޅު ނުކުރުމުން ޒެވިޔަންގެ ހިތުގައި ފުރަތަމަ ފަހަރަށް އެ ލޯތްބާ މެދު ސުވާލު އުފެދުނެވެ. އެ ލޯތްބަށް ވުރެ އެލީޝާއަށް މިޝެލް މުހިންމު ވާނީ އޭގެ ފަހަތުގައި ސިއްރެއް އޮތުމުންކަން އޭނާއަށް ޔަޤީނެވެ.

" ކެން... އަހަންނަށް ޝައްކު މިޝެލްއާ މެދު... އެއީ ކައިގެ ދަރިއެއްކަމާ މެދު.... "...... ޒެވިޔަން ދައްކަން ފެށި ވާހަކައަކުން ކިޔާން ހަށިގަނޑު ސީދާ ކޮށްލުމަށް ފަހު ބަލައިލިއިރު އެ މޫނުގައިވީ ތަފާތު ކުލަވަރެކެވެ.

" އެލީމެން ދިޔައީ މެލޭއަށް... ކެން ކައިރީގަ ކައިގެ އެއްވެސް ވާހަކައެއް ދެއްކުން މަނާކޮށްފަ އޮތީ.. ކަންތައްވެގެން ދިޔަ ގޮތުން މި ގުޅުން ވެސް ކެނޑުނީ... ހަ އަހަރު ހޭދަވި އިރު ކޮންމެ ދުވަހަކު އަހަރެން އެލީއަށް ގުޅަން.. މަދުމަދުން ކައި ވެސް ވާހަކަ ދައްކާނެ... އެކަމަކު ދުވަހަކު ވެސް އެލީ ނުބުނޭ މިޝެލްގެ ވާހަކައެއް.. ކުޑަ ކުއްޖެއްގެ އަޑެއް ވެސް ނީވޭ.... ކައި މިކޮޅަށް އައި ކަމެއް ވެސް ނޭނގެ... އެލީމެން އައި ދުވަހު ކައިއާ ދިމާވީ... މިޝެލް ވެސް... އެލީ ބުނީ އެއީ ކައިގެ ކުއްޖެކޭ... އިތުރަށް ނާހާށޯ... ޝައްކު އުފެދޭ ބައިވަރު ކަންކަން އެބަހުރި... ދުވަހަކުވެސް ކައިގެ ފިރިމީހާއެއް ނުފެނޭ.. ގައިމު މެރީ ކޮށްގެން އުޅޭ ނަމަ އެހާ ސިއްރުން ނޫޅެވޭނެއެއްނު.. ކެންއާ ކައިރި ވެސް ނުވާނެއެއްނު....".......... ޒެވިޔަންގެ ކޮންމެ ޖުމްލައަކުން ކިޔާންގެ ހިތުގައި އުފެދުނީ ޖަވާބު ނޭނގޭ ސުވާލުތަކެކެވެ.

އެލިޝާއާއި ކައިރާއަށް މިޝެލް މުހިންމު ވާނީ ސަބަބެއް އޮތީމައެވެ. ނަމަވެސް މިޝެލް އަކީ ކާކު ހެއްޔެވެ؟

އެރޭ ގިނައިރުތަކެއް ވަންދެން ޒެވިޔަންއާއި ކިޔާން އެވާހަކަތައް ދެއްކުމުގައި ތިއްބެވެ. އެކި ގޮތްގޮތަށް ވިސްނުމަށް ފަހު ދެ ޒުވާނުން ވެސް ނިންމީ ކޮންމެ ވެސް ގޮތަކުން މިޝެލްގެ ހަޤީޤަތް ހޯދުމަށެވެ. އެއީ ދެ މީހުންގެ ހަޔާތާ ވެސް ގުޅިފައިވާ ކުއްޖަކަށް ވާތީއެވެ.

ކިޔާންގެ ސިކުނޑީގައި ކައިރާގެ ޚިޔާލު ވެސް ދައުރު ވަމުން ދިޔައެވެ. ކައިރާ ކުޅެމުންދާ " ގޭމް "ގައި ބައިވެރިވުމަށް ކިޔާންވެސް ނިންމިއެވެ. ރާއީގެ ސިއްރު އެނގުމުން އަދި ނިމުނީއެއް ނޫނެވެ. ކިޔާންއަށް އެ ފެށުނީއެވެ.

*****

ގޭތެރެއަށް ވެރިވެފައި ވަނީ އަނދިރި ކަމެވެ. ހަމައެކަނި ފެންނަމުން ދިޔައީ މަތީ ބައިގެ ބޮކި ތަކުގެ އަލި ކަމެވެ. ސޯފާގައި އެލީޝާއާއި ކައިރާ ތިބިއިރު ކުޑަ މޭޒު މަތީގައި ކަޕް ނޫޑުލްސް ދެ ތައްޓާއި ކޯކު ފުޅިއެއް ހުއްޓެވެ. ނަމަވެސް އެއްވެސް އެއްޗެއްގައި އަތް ނުލައި ތިބިއިރު ދެ ކުދިންގެ މޫނުމަތިން ވެސް ފެންނަނީ ނުތަނަވަސް ކަމެވެ. ސިކުނޑިއަށް އުނދަގޫ ކުރަމުން ދިޔަ ޚިޔާލުތަކުން އެއްވެސް ކަމެއް ކުރާ ހިތް ނުވެފައި ތިބެވުނީއެވެ.

" ކައި.. ދެން ކިހިނެތް ހަދަން ތި ވިސްނަނީ.. ކޮންމެ ގޮތެއްވިޔަސް އެއީ ކައިގެ ބައްޕަ... ދެން ހުރީ ކައިގެ އެއްބަފާ ކޮއްކޮ.... މާޒީގަ ކުށް ކުރެވުނަސް މިއަދު މާފަށް އެދެން ކައިގެ ބައްޕަ ބޭނުންވީ ކަންނޭނގެ... ކައި ދެކެ ލޯބި ނުވާނަމަ އެ މޫނުން ކައިއަށް އުފާވެރިކަމެއް ނުފެނުނީސް......"...... ތަނުގެ ހިމޭންކަން ކެނޑިގެން ދިޔައީ އެލީޝާގެ އަޑުންނެވެ. ކައިރާ އެއްޗެކޭ ނުބުނެ މަޑުމަޑުން ބޯ ޖަހައިލިއެވެ. އޭނާއަށް ވިސްނެނީއެވެ. ކުއްލިއަކަށް ނޭނގި ހުއްޓައި ހައިކަލްއާ ދިމާވުމުން ސިކުނޑި ވަނީ ހަލަބޮލި ވެފައެވެ. އޭނާ އެއްވެސް ވަރަކަށް ތައްޔާރެއް ނޫނެވެ. ނަމަވެސް މިއަދު މަޖުބޫރެވެ. ހަޤީޤަތާ ކުރިމަތިލުން ނޫން ގޮތެއް ނެތެވެ.

ކައިރާ އެލީޝާއަށް ރޭގަނޑުގެ ސަލާމް ކޮށްލުމަށް ފަހު ކޮޓަރިއަށް ދިޔައީ މާދަމާ އަވަހަށް ހޭލަން ޖެހޭތީއެވެ.

ކައިރާ ލޯ ކުރިމަތިން ގެއްލުމުން އެލީޝާއަށް ފުން ނޭވާ އެއް ދޫ ކޮށްލެވުނެވެ. ކައިރާ ގާތު ޒެވިޔަންގެ ވާހަކަ ކިޔައިދޭން ބޭނުންވިޔަސް އެލީޝާއަށް އެ ހިތްވަރެއް ނުލިބުނެވެ. ޒެވިޔަންއާއި އެލީޝާ ދުރުވާން ކައިރާ ބޭނުމެއް ނުވާނެއެވެ. އެހެންކަމުން ޒެވިޔަންއަށް ހަޤީޤަތް ކިޔައިދޭން ކައިރާ ފަސްނުޖެހޭނެކަން އެލީޝާއަށް ޔަޤީނެވެ. އެލީޝާ މަޑުން އޭނާގެ އަތް އުފުލައި ދެއަތްތިލައަށް ބަލަން ފެށިއެވެ. އޭރު އެ އަތުގައި މަޑު ތުރުތުރެއްވިއެވެ. ދެލޯ ފެންކަޅިވެގެން ދިޔައިރު ކަރުނަތައް އޭގެ މަޤާމު ދޫކޮށް ފައިބަންފެށިއެވެ.

" އައި ކިލްޑް ހަރ...."..... އެލީޝާގެ އަނގައިން އެ ބަސްތައް ބޭރުވީ އިޚްތިޔާރަކާ ނުލައެވެ. މޫނުގައި ދެއަތް އަޅައިގެން އިން އިރު ހިމޭން ގިސްލުމެއްގެ އަޑު އިވެމުން ދިޔައެވެ.

*****

ގޭގެ ބެލްކަނީގައި ހުރި މަލީހާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ ގޭޓުން ވަތް ކިޔާންގެ ކާރު ފެނުމުންނެވެ. ކިޔާން ގެއަށް ނައިސް ލަސްވާތީ މަލީހާ ހުރީ ނުހަނު ކަންބޮޑުވެފައެވެ. އިރުއިރުކޮޅާ ބެލްކަންޏަށް ނިކުމެ ބެލެމުން ދިޔައީ އެހެންވެއެވެ.

" އަޒީޒް.. ކިޔާން އައިސްފި......"...... މަލީހާ ދުވެފައި ނުކުމެގެން ދިޔުމުން އަޒީޒްއަށް ހިނިތުންވެވުނެވެ. މަލީހާ ހާދަ ތަފާތުވެއްޖެއެވެ. ކުރިން އެ ދަރިފުޅާ ހެދި އުނދަގޫ ވެގެން އުޅުނު މަންމަގެ ހިތުގެ ފިނިކަމަކީ އެއީ އެވެ. ލޮލުގެ ނޫރަކީ ވެސް އެއީއެވެ.

ހިނިތުންވެ ހުރެ އަޒީޒް ނުކުތްއިރު މަލީހާ ކިޔާންގެ އިންތިޒާރުގައި ދޮރުމަތީގައި ހުއްޓެވެ. ކިޔާން ވަދެ މަލީހާގެ ނިތްކުރީގައި ބޮސްދިނުމަށް ފަހު އަޒީޒަށް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ.

" ދަރިފުޅު މިރޭ ހާދަ ލަސްވީ...."..... މަލީހާ އަވަސް ވެގަތީ ކިޔާންއަށް ކާން ހެދުމަށެވެ. އަޒީޒް ކައިގެން ހުރި ނަމަވެސް މޭޒު ކައިރީގައި އިށީނދެ އިނީ އެ ދެމައިން އެކަނިވިޔަ ނުދޭށެވެ. ކިޔާން އޮފީހާ ހަވާލުވި ފަހުން މަދު ފަހަރެއްގައި ނޫނީ އާއިލާ އެއްތަން ނުވެއެވެ.

" އޮފީހުގަ މާ ބުރައީ... އެއްކަލަ ޕްރްޖެކްޓް މިއަދު ނިންމާލީ...."....... ކިޔާން ހަމަޖެހިލަމުން ބުނެލިއެވެ.

" ދަރިފުޅު ކޮން އިރަކު ދިރިއުޅުމެއް ފަށަން ގަސްތު ކުރަނީ..؟... ބައްޕައަށް އެނގޭ މިއީ މިވާހަކަ ދައްކަން އެންމެ ރަނގަޅު ވަގުތު ނޫންކަން.. އެކަމަކު މިހާރު ދަރިފުޅާ ދިމާވަނީ ވެސް މިހެން މަދު ފަހަރަކު ވީމަ......."..... މަލީހާގެ އިޝާރަތާއެކު އަޒީޒް އޭނާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

ކުއްލިއަކަށް ކިޔާން އަތުން ސަމުސާ ދޫވެ ތަށީގައި ޖެހުނު އަޑު ގުގުމައިގެން ދިޔައެވެ. އެ އަޑާއެކު މަލީހާ އާއި އަޒީޒް ވެސް ސިހިގެން ދިޔައެވެ. ކިޔާން އަވަހަށް މާފަށް އެދުމަށްފަހު ގޮނޑީގައި ލެނގިލިއެވެ. ކިޔާން އުނދަގޫ ގޮތަކަށް ހިންދިރުވާލިއެވެ.

އަޒީޒް އެވާހަކަ ދެއްކުމުން އޭނާ އިނީ ގަޔާނުވެފައެވެ.

" ކޮންމެވެސް ދުވަހަކުން ތިކަން ވެސް ވާނެއެންނު... ދޯ މަންމާ...."...... ކިޔާން ހިތި ހިނިތުންވުމަކާއެކު ބުނެލުމުން މަލީހާއަށް ވެސް އެ ހިނިތުންވުމުގައިވީ ހިތްދަތިކަން ދެނެގަނެވުނެވެ.

އަޒީޒްވެސް ނިންމީ ދެން އިތުރަށް އެވާހަކަ ނުދެއްކުމަށެވެ.

*****

ހެނދުނު ހޭލިއިރު ކައިރާގެ ބޮލުގައި މަޑު ރިހުމެއް ވިއެވެ. ރޭގައި ރަނގަޅަށް ނުނިދުމުގެ އިތުރުން އޭނާގެ ސިކުނޑި ހާސްކުރުވަމުން ދިޔަ ޚިޔާލުތަކުން އެ ހިތް ވަނީ ނުތަނަވަސްވެފައެވެ. މީހާ ހުރީ ކަންނެތްވެފައެވެ. ކައިރީގައި ނިދާފައި އޮތް މިޝެލްގެ މޫނުގައި ލޯބިން ފިރުމައިލުމަށް ފަހު ކައިރާ ރަޖާގަނޑު ރަނގަޅުކޮށްލިއެވެ. އަދި ކައިރީގައި އޮތް ފޯނު ނަގައި ހުޅުވައިލިއެވެ.

އޭނާގެ ލޮލުގައި ފުރަތަ މަވެސް އަޅައިގަތީ ނުދަންނަ ނަންބަރަކުން އައިސްފައިވާ މެސެޖެކެވެ.

" ދަރިފުޅާ.. ބައްޕައަށް އެންމެ ފުރުސަތެއް ދީ... ކޮންމެހެން ވެސް ކައިއަށް އެނގެން ޖެހޭ ވާހަކަތަކެއް އެބަހުރި... މަންމަ ދެކެ ވާ ލޯބީގެ ހައްޤުގަ ވިޔަސް ބައްޕައަށް މި ފުރުސަތު ދީ...."... ކައިރާ މަޑުމަޑުން އެ މެސެޖް ކިޔައިލިއިރު ހިތަށް ގޮތެއް ވެގެން ދިޔައެވެ. އަތްފައި ފިނިވެގެން ދިޔައެވެ. ނޭނގޭ ސަބަބަކާ ހުރެ އެ ދެ ލޯ ފެންކަޅިވިއެވެ.

ގަޑި ބަލައިލުމަށް ފަހު ކައިރާ ހައިކަލް ބުނެފައި އޮތް ގަޑި ބަލައިލިއެވެ. މިއަދު އޮފީހަށް ދާން ޖެހޭ ގަޑި ލަސްވުމުން ކައިރާއަށް އެއްވެސް އުނދަގުލެއް ނެތި ދެވޭނެކަން އެނގެއެވެ. ނަމަވެސް ހައިކަލްގެ ވާހަކަތައް އަޑުއަހަން ވީތޯ އޭނާގެ އަމިއްލަ ނަފްސާ ސުވާލު ކުރަމުން ދިޔައެވެ.

ކައިރާގެ ހަނދާނަށް އައީ ރޭ އެލީޝާ ދެއްކި ވާހަކަތަކެވެ. އޭނާގެ ވިސްނުން ބަދަލުވެގެން ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ހައިކަލްއާ ބައްދަލުވުމަކުން އޭނާއަށް ގެއްލުމެއް ނެތްކަން ހިތަށް ވިސްނައިދިނެވެ. ނަމަވެސް އެކަން މުޅިއަކުން އޭނާއަށް ޤަބޫލު ނުކުރެވުނެވެ. އަނެއްކާވެސް ދިޔުމުގެ ޚިޔާލު ދޫކޮށް ކައިރާ މިޝެލް ކައިރީގައި އޮށޯވެލަމުން ލޯ މަރައިލިއެވެ.

*****

" ޝިޔާސް ކޮފީ ޝޮޕް" ގައި އިން ހައިކަލްގެ ނަޒަރު އިރު އިރުކޮޅާ ދޮރާ ދިމާއަށް ހުއްޓެމުން ދިޔައެވެ. ކައިރާ އަންނާނެއޭ ހިތް ބުނި ކަމުގައި ވިޔަސް މިހާރު އޭނާ ބުނި ގަޑި ފާއިތުވެ ތިރީސް މިނިޓް ހިނގައިފިއެވެ. އަދިވެސް ކައިރާގެ ހިލަމެއް ނުވެއެވެ. އެ ދަރިފުޅާއި އާޝިޔާ ދެކިލާ ހިތުން ހައިކަލް އިނީ ކެތްމަދު ވެފައެވެ. ކައިރާއާއި ވާހަކަ ދައްކާހިތްވެފައި އިންލެއް ބޮޑުކަމުން ހައިކަލްގެ ހިތުގެ ތެޅުން ވެސް ވަނީ އަވަސްވެފައެވެ. ކައިރާ ހައިކަލްއާ ދިމާވި ވާހަކަ އާޝިޔާ ގާތު ބުނާނެ އޭ ހިތަށް އެރުމުން ހައިކަލްގެ ހިތް ނުތަނަވަސްވެގެން ދިޔައެވެ. އާޝިޔާ އޭނާއަށް މާފްކުރާނެ ބާވައެވެ. ކެތްތެރި ކަމެއް ނެތި އިންތިޒާރު ކުރަމުން ދިޔަ ނަމަވެސް އޭނާގެ އިންތިޒާރު ފޮނިވާނެ ކަމާ މެދު ޝައްކެވެ.

މާޔޫސް ކަމާއެކު ހައިކަލް މޭޒުގައި ބޯ އަޅައިލިއެވެ. ހުއްޓުމެއްނެތި ހައިކަލްއަށް އޭނާގެ ނަފްސު ކުށްވެރި ކުރެވެމުން ދިޔައެވެ. ކުއްލިއަކަށް ކޮފީ ޝޮޕްގެ ދޮރު ހުޅުވައިލި އަޑު އިވުމާއެކު ހައިކަލް ބޯ ހިއްލާލިއެވެ. އެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވެގެން ދިޔައީ ދޮރުން ވަދެގެން އައި ކައިރާ ފެނުމުންނެވެ. ކައިރާގެ ފަހަތުން އާޝިޔާ ވަދޭތޯ ހައިކަލް ފަހަތް ބަލަމުން ދިޔައެވެ. ނަމަވެސް އާޝިޔާ ނެތުމުން އާޝިޔާ އޭނާއާ ބައްދަލު ކުރަން ބޭނުން ނުވަނީ ކަމުގައި ހައިކަލްއަށް ހީވިއެވެ. އޭނާ އެދުނު ފަދައިން ކައިރާ ހުރީ އޭނާގެ އަސްލު ސޫރައިގައެވެ. އެ އަޅި ފެހި ކަޅި ފެނުމުން ހައިކަލްގެ ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ.

" ވަރަށް އުފާ ވެއްޖެ ދަރިފުޅު އައީމަ...."....... ހައިކަލް ކައިރާ އިށީނނުމާއެކު ބުނެލިއެވެ. ނަމަވެސް ކައިރާގެ މޫނުމަތިން ފެންނަނީ ބީރައްޓެހިކަމެވެ.

" އަޅުގަނޑުގެ ނަމަކީ ކައިރާ......".... ކައިރާ ތަންކޮޅެއް ބާރަށް ބުނެލިއިރު އެ އަޑާއި ރާގުން ހައިކަލް " ދަރިފުޅާ"އޭ ބުނުމުން ހިތްހަމަ ނުޖެހުނީކަން ހައިކަލްއަށް އެނގުނެވެ. ހިތުގައި ޖެހުނު ނަމަވެސް ހައިކަލް ހިނިތުންވެލަމުން ބޯ ޖަހައިލިއެވެ.

" ކޮބާ މަންމަ... އާޝިޔާ އަންނާނޭ ކަމަށް ވަރަށް އުއްމީދުކުރިން....."..... ހައިކަލްގެ ދުރުން ބޭރުވެގެން ދިޔަ ލަފްޒުތަކާއެކު ކައިރާގެ ހިތަށް ނުހަނު ފުން އަސަރުތަކެއް ކުރުވިއެވެ. ދެލޯ ފެންކަޅި ވުމާއެކު ކައިރާ އިސްޖަހައިލީ އެ ކަރުނަތައް ސިއްރުކުރުމަށެވެ.

" މަންމަ ހުރީ ވަރަށް ރުޅި އައިސްފަދޯ ކައި ބައްޕައާ ބައްދަލު ކުރަން އައީމަ... މަންމަ ކީކޭ ބުނީ... އާޝިޔާ ރަނގަޅުތަ... "..... ކައިރާ ޖަވާބެއް ނުދިނުމުން ހައިކަލް އަނެއްކާ ވެސް އަހައިލިއެވެ.

ކައިރާ މަޑުމަޑުން ބޯ ހޫރައިލިއެވެ. އޭނާގެ ކެތްތެރިކަން ކޮޅުން ލަނީއެވެ. އެ ހިތުގައި ލެވިފައިވާ ޒަހަމްތަކުން ލޭ އޮހޮރެމުން ދިޔަ ކަހަލައެވެ.

" މަންމަ ގޮސްފި....."...... ކުރެހިފައިވާ އަޑަކުން ކައިރާއަށް ބުނެވުނީ އެވަރަށެވެ. އޭނާގެ އަރު ބެދިއްޖެއެވެ. އިތުރަށް އެންމެ ލަފްޒެއް ވެސް ދުލަކަށް ނައެވެ.

" ކޮންތާކަށް އާޝިޔާ ދިޔައީ... ".... ހައިކަލްގެ ހިތް ވަނީ އަވަސްވެފައެވެ. ކައިރާގެ މިޒާޖަށް އައި ކުއްލި ބަދަލު ހައިކަލްއަށް ވެސް ފާހަގަކުރެވުނެވެ. ނަމަވެސް ކައިރާ ބުނަން އުޅޭ އެއްޗެއް އޭނާއަށް ކުޑަކޮށް ވެސް ފަހުމެއް ނުވިއެވެ.

" ދެން ނާންނާނެ.... ކައި ދޫކޮށްފަ މަންމަ މާ ދުރަށް ގޮސްފި......."...... ކައިރާގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ. އިތުރަށް އޭނާއަށް ކެތްނުކުރެވުނީއެވެ.

ކައިރާއަށް ގިސްލާފައި ރޮވެން ފެށުނު އިރު ހައިކަލް އިނީ ހުއްޓުން އަރައިފައެވެ. މެޔަށް ތޫނު ތަދެއް އަރައިގެން ދިޔައެވެ. އޭނާގެ ދުނިޔެ ފުނޑުފުނޑުވި ކަހަލައެވެ. އިވުނު ގޮތް ، ނުބައި ނޫންކަން ކައިރާގެ ލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ހެކިވަމުން ދިޔައެވެ. އެ ހިތުގައި ވީ ރިހުން ފުންވެގެން ދިޔައިރު މުޅި ވުޖޫދު ވެސް ހުއްޓުނުހެން ހީވިއެވެ. ކުލަ މަންޒަރެއްހެން އާޝިޔާއާއެކު އުޅުނު އުފާވެރި ދުވަސްތައް ލޯ ކުރިމަތިން ފެންނަން ފެށުމުން ހައިކަލްއަށް ލޯ މަރައިލެވުނީ އެ ވޭނަށް ކެތް ނުކުރެވިގެންނެވެ. އެވަގުތު ހައިކަލްގެ އެސްފިޔަތައް ފޫ އަޅުވައިލުމަށް ފަހު ކަރުނަ ފައިބައިގަތެވެ.

" މޭގާ ޖަހާ ވިންދު ނޭނގެ ލޯބިން....

ގެންދެވީ... ތޯ ކަލާ...

ގެންދެވީ ކަލާ.. ގެންދެވީ ކަލާ...

ގެންދެވީ ކަލާ.........."

(ނުނިމޭ)

Ads by Ooredoo
  1. ވ.ވ.ރީތި