ވާހަކަ

ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނަވާވީސްވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ނޭނގި ހިތޭ ގެންދެވީމާ ލޯބިން (ފުރަތަމަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދެވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން.. (ތިންވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން... (ހަތަރުވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ފަސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ހަތްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމާ ލޯބިން (އަށްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނުވަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދިހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެގާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސާދަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަނަރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސޯޅަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ނަވާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ވިހިވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭވީސްވަނަ ބައި) ނޭނގި ހިތޭ ގެންވީމަ ލޯބިން (ސައުވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައްބީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަތާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނަވާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެއްތިރީސްވަަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބައްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެއްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައުރަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން( ސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސަތުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އޮނަސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ބަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެޔާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސައުރަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަހުބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން - ޓްރައިލާ

 

Ads by Sosun Fihaara

ކިޔާންއަށް ވެސް އޭނާއާ ދިމާއަށް ނަޒަރު ހުއްޓައިލައިގެން ހުރި އަންހެން ކުއްޖާ ލޮލުގައި އަޅައިގަތެވެ. ހުރި ފިޔަވަޅު މަތީ ގުޑިލަން ވެސް ނޭނގިފައި އޭނާއަށް ހުރެވުނު އިރު ދެ ހިތުގައި ވެސް ހިނގަމުން ދިޔައީ އެއް ޖަޒުބާތު ތަކެކެވެ.

******

ކިޔާންއަށް އެސްފިޔަ ޖަހައިލަން ވެސް ނޭނގިފައި ހުރެވުނީ ކައިރާ އޭނާގެ ކުރިމަތިން ގެއްލިދާނެ ކަމުގެ ބިރު ހީވުމުންނެވެ. މިއީ އޭނާއަށް ފެންނަ ހުވަފެނެއް ހެއްޔެވެ.

" ކެން..... "..... ކިޔާން އާއި ކައިރާއަށް ވެފައި ތިބި ގޮތުން އިޝާން ހުރީ ހައިރާންވެފައެވެ. ކައިރާ ވަގުތުން ދުރު ބަލައިލިއެވެ. އޭނާގެ މޫނުން އެއްވެސް އިހްސާސެއް ނުދައްކައި ވޭތޯ ބަލަން އަވަހަށް އިސްޖަހައިލިއެވެ. އަދި އޭނާގެ ނަޒަރު ލެޕްޓޮޕަށް ހުއްޓައިލިއެވެ.

" އާނ.... އަހަރެން ކައިރާދެކެ ލޯތްބެއް ނުވޭ.... ބޭނުންވީ ހަމައެކަނި ވަގުތީ އުފަލަކަށް... ބޭނުންވީ އެ ހިތް ރޮއްވައިލަން... ކައިރާ އަހަރެން ލަދު ގަންނަވާލީތީ އެކަމުގެ ބަދަލު ހިފަން..."..... ކައިރާގެ ސިކުނޑީގައި ގުގުމައިގެން ދިޔައީ ކިޔާން މީގެ ހަ އަހަރު ކުރިން ބުނި ޖުމްލަތަކެވެ.

އޭރު ވެސް ކިޔާން ޖެހި ބުދެއްހެން ކައިރާއަށް ބަލަހައްޓައިގެން ހުއްޓެވެ. އިޝާން އައިސް އޭނާގެ ކޮނޑުގައި ހިފައި ތަޅުވައިލުމުން ކިޔާން ލަސް ފިޔަވަޅުތަކެއްގައި ގޮސް އޭނާއަށް ޚާއްސަ ކުރެވިފައިވާ ގޮނޑީގައި އިށީނެވެ.

" އެވްރީ ވަން... މީޓް އަވަރ ނިއު ޑިޒައިނިންގެ ޑިރެކްޓަރ... ރާއީ......."..... އިޝާން ކައިރާއާ ޖެހިގެން އިން ގޮނޑީގައި އިށީންނަމުން ބުނެލިއެވެ.

" ރާއީ... ބްލޫސް ކޮމްޕެނީގެ ސީ.އީ.އޯ... ކިޔާން...."........ އިޝާން ފަހަރަކު މީހަކު ކިޔައިދެމުން ދިޔައެވެ.

" ނައިސް ޓު މީޓް ޔޫ މިސްޓަރ ކިޔާން...... މި ޕްރެޖްކްޓުގައި ކޭ.އެޗް.އޭ ކޮމްޕެނީއިން ބައިވެރި ވުމަކީ އަޅުގަނޑުމެންނަށް ލިބޭނެ ކުރިއެރުމެއް...."....... ކައިރާގެ އަޑުގައި ތަފާތު ކަމެއް ނެތެވެ. އެ މޫނުން ތަފާތު ކުލައެއް ވެސް ނުފެނެއެވެ. ފެންނަނީ ހަރުދަނާ ކަމެވެ. ޒިންމާދާރު ކަމެވެ.

ކައިރާގެ މޫނަށް ބަލަހައްޓައިގެން ކިޔާން އިންއިރު އެ ދުލުގައި ތަޅެއް އެޅުވިފައި ވާ ކަހަލައެވެ. މިއީ އޭނާގެ ކައިރާ ނޫން ހެއްޔެވެ؟... އިޝާން ބުނި ގޮތަށް އެއީ ރާއީ ހެއްޔެވެ؟.... އެކަމަކު ކިޔާންއަށް އެ އަޑާއި މޫނު އޮޅޭނީ ކިހިނެތް ހެއްޔެވެ؟.... ތަފާތީ ހަމަ އެކަނި އެ ސޫރައަށް އައިސްފައިވާ ބަދަލުތަކެވެ. އެއީ ކައިރާގެ އަޅިފެހި ކަޅިއެއް ނޫނެވެ. އެ މޫނުގައި ވަނީ ކައިރާގެ މޫނުން އޭނާ ދުށް ސާދާ ކަމެއް ނޫނެވެ. އެ ހެދުން އެޅުމުގެ ވައްޓަފާޅިއަކީ ކިޔާންގެ ކައިރާގެ ވައްޓަފާޅި ނޫނެވެ. އޭނާގެ ކައިރާއަކީ އެއަށްވުރެ ސާދާ ރީތި ކުއްޖެކެވެ.

" އިޝާން... މި ޕްރެޖްކްޓުގައި ބްލޫސް ކޮމްޕެނީން ބައިވެރިއެއް ނުވާނެ... ކޮންޓްރެކްޓް އުވައިލަން ޑޮކިއުމެންޓްސް ތައްޔާރު ކުރާނަން... ބްލޫސްއިން ލިބުނު ގެއްލުންތަކަށް ކޮމްޕެންސޭޓް ކޮށްދޭނަން....މިކަހަލަ އާ ކުއްޖަކާ އެކު މަސައްކަތް ކުރާކަށް ބޭނުމެއް ނޫން... އެއްވެސް ތަޖުރިބާއެއް ނެތް މީހެއް ތައްޔާރުކުރާ ޑިޒައިންއަކަށް ފޮލޯރ ކޮށްގެން ލިބޭނީ ގެއްލުން.... މިއީ އާދައިގެ ޕާރޓީއެއް ނޫން... ބްލޫސްގެ ހޮޓެލް ނޫނަސް ތަންތަން ހުންނާނެ... މިކަމުގައި ކޭ.އެޗް.އޭއަށް އިތުބާރު ކުރަން އުނދަގޫ........."....... ކިޔާން މޫނުން ފެނުނު ނުރުހުންތެރިކަމާ އެކު ބުނެލިއެވެ.

އިޝާންގެ އިތުރުން ދެން ތިބި މީހުން ވެސް ތިބީ ހައިރާންވެފައެވެ. އޭނާ އެއްޗެކޭ ބުނަން އުޅުމުގެ ކުރިން ކައިރާ ވާހަކަ ދައްކަން ފެށިއެވެ.

" ތި ވިދާޅުވީ އަޅުގަނޑަށް އިތުބާރު ނުކުރެވޭނެ ވާހަކަ ދެއްތޯ.... ފުރަތަމަ ގޮތް ނިންމުމުގެ ކުރިން އަޅުގަނޑުމެންގެ ޕްލޭން ތައްޔާރުކޮށްފައިވާ ގޮތް ބެއްލެވުމަކީ މުހިއްމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން...."....... ކިޔާންގެ ވާހަކަ ހުރިގޮތުން ކިތަންމެ ރުޅި އައި ނަމަވެސް ކައިރާ ވާހަކަ ދެއްކީ ރީތިކޮށެވެ.

" ލުކް މިސް ރާއީ... ތިއީ އަދި އާ ކުއްޖެއް... އިޝާންގެ ވާހަކަ ތަކުން އެނގޭ ތިއީ އަދި މި ދާއިރާގަ އެއްވެސް ތަޖުރިބާއެއް ހުރި ކުއްޖެއް ނޫންކަން... ".... ކިޔާން ހުރީ ކައިރާ ފެނުމުން އުނދަގޫ ވެފައެވެ. އޭނާގެ ނަޒަރުގައި އެއީ ރާއީ އެވެ. ކައިރާއާ މާ ބޮޑު ތަފާތު ތަކެއް ނެތުމުން ކިޔާންއަށް އެ ސޫރައިން އުނދަގޫ ވަމުން ދިޔައެވެ. ޕްރޮޖެކްޓްގައި ބައިވެރިވާނަމަ އޭނާ ކޮންމެ ދުވަހަކު ވެސް ރާއީއާ ކުރިމަތިލާން ޖެހޭނެކަން ކިޔާންއަށް ވިސްނުނެވެ. އެހެން ވެއްޖެނަމަ ކިޔާންއަށް ކައިރާގެ ހަނދާންތަކުން ނުހަނު އުނދަގޫ ވާނެއެވެ. އެކަމުގައި އޭނާއަށް ކުށްވެރި ކުރެވުނީ ރާއީއެވެ. ރާއީއާ މެދު އެ ހިތުގައި ފޫހިކަމެއް އުފެދިގެން ދިޔައެވެ.

" ކިޔާން.. ރާއީ އެ ބުނީ ރަނގަޅު ވާހަކައެއް.. ފުރަތަމަ ޕްލޭން ބަލާލުން މުހިންމު... މިއީ ބޮޑު ޕްރޮޖެކްޓެއް.. އެމީހުން ވަރަށް އިތުބާރު ކޮށްފަ އެ ޕަރޓީގެ ހުރިހާ ކަމެއް މި ދެ ކޮމްޕެނީއާ ހަވާލު އެ ކުރީ... ތަޖުރިބާއަކީ މަސައްކަތް ކުރުމުން ލިބޭ އެއްޗެއް... ކިޔާންއަށް ތިހާ ނުވިސްނޭކަން އަހަރެން ނުދެނަހުރިން........"..... އިޝާންގެ އަޑުގައި ކޮންމެވެސް ވަރެއްގެ ނުރުހުންވުމެއް އެކުލެވިގެން ވިއެވެ.

ކިޔާން އިސްޖަހައިލަމުން ފުން ނޭވާއެއް ދޫ ކޮށްލިއެވެ. ރުޅި އިސްކުރެވުނީ މާ އަވަހަށްކަން ކިޔާންއަށް ވެސް އިހްސާސް ކުރެވުނެވެ. އެ ހިތުގައި ފޮރުވިފައިވީ ނާކާމިޔާބު ލޯބީގެ އަސަރު އެހެން މީހެއްގެ ދިރިއުޅުމަށް ފޯރުމަކަށް އޭނާ ނޭދެއެވެ.

" މައްސަލައެއް ނެތް... އެކަމަކު އެއްވެސް ކަމެއް ގޯސްކޮށް ހިނގައްޖެ ނަމަ ރަ...ރާއީ... ރާއީ ޖެހޭނެ ފުރިހަމަ ޒިންމާ ނަގަން......."...... ކިޔާންއަށް ރާއީގެ ނަމުން އެ ކުއްޖާއާ މުޚާތަބު ކުރުންވީ އުނދަގޫ ކަމަކަށެވެ.

" ތިއީ ތިބޭފުޅާގެ ޝަރުތު ކަމުގައި ވަނީ ނަމަ އެއްވެސް އިއުތިރާޒެއް ނެތް.... "...... ކިޔާންގެ ގޮތް ދޫ ނުކުރުމުގެ ސިފަ ފެނި ކައިރާއަށް ބޭ އިހްތިޔާރުގައި ބޯ ހޫރައިލެވުނެވެ. އެއީ އަދިވެސް އެ ކިޔާންއެވެ. ބަދަލެއް ނުވެއެވެ.

ބްލޫސް ކޮމްޕެނީ އަދި ކޭ.އެޗް.އޭ. އަކީ ރާއްޖޭގައި ބާއްވާ ތަފާތު ޕަރޓީތައް މަތީ ފެންވަރުގައި ބާއްވައިދޭ ދެ ކުންފުންޏެވެ. ބްލޫސް ކޮމްޕެނީގެ ފަރާތުން ކޭޓަރިންގެ ޚިދުމަތާއި ތަނުގައި ލިބެން ހުންނަން ޖެހޭ އެހެނިހެން ހިދުމަތްތައް ފޯރުކޮށްދޭއިރު ކޭ.އެޗް.އޭއަކީ މިފަދަ ޕާރޓީތައް ޕްލޭންކޮށް ތަން ޒީނަތްތެރި ކުރުމުގެ މަސައްކަތް ކުރާ ކުންފުންޏެކެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި ދެ ކުންފުނި ވެސް ފުޅާވެ ކުރިއަރައިގެން ދިޔައީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ވެފައި އެކަށޭނެ އަގުތަކުގައި ޚިދުމަތްތައް ފޯރުކޮށްދޭތީއެވެ.

މީޓިންގ ނިމުނު އިރު ކައިރާ ހުރީ ފުދޭ ވަރަކަށް ހިތްހަމަ ޖެހިފައެވެ. އެންމެ ފަހުން އޭނާގެ ޕްލޭން ކިޔާންއަށް ވެސް ކަމުދިޔައެވެ.

" ރާއީ... އޮފީހަށް ދިޔުމުގެ ކުރިން ކިޔާން އާއެކު ދޭބަލަ ބުކް ކޮށްފަ ހުރި ހޮޓެލް ބަލާލަން... މި ޕާރޓީ ބާއްވަން އެތަން ކަމުދޭތޯ ބަލަން ޖެހޭނެއެއްނު ފުރަތަމަ..... "..... އިޝާން އޭނާއާ އެއްވަރަކަށް ހިނގައިފައި ދިޔަ ކައިރާ ގާތުގައި ބުނެލިއެވެ.

ކައިރާގެ ފިޔަވަޅުތަކަށް ލަސްކަމެއް އައިކަން ކިޔާންއަށް ފާހަގަވެގެން ދިޔައެވެ. ކިޔާން އާއެކު ދާން ބުނުމުން ކައިރާ ޖެހިލުންވީބާއޭ ހިތަށް އެރުމުން ކިޔާންއަށް ސުވާލުގެ ނަޒަރަކުން ކައިރާއަށް ބަލައިލެވުނެވެ.

އެ ވަގުތު ދެމީހުންގެ ހަތަރު ކަޅި ހަމަވެގެން ދިޔައީ ކައިރާ ވެސް ކިޔާންއާ ދިމާލަށް ބަލަހައްޓައިގެން ހުރުމުންނެވެ.

އެ ކުޑަ ވަގުތު ކޮޅުގެ ތެރޭގައި ވެސް ކައިރާގެ މޫނުން އެއްވެސް އެއްޗެއް ދޭހަ ކުރެވޭތޯ ކިޔާން ބެލިއެވެ. ނަމަވެސް އެ ފުން ދެލޮލުގެ ތެރެއިން ކިޔާންއަށް ފެނުނީ ހުސް ކަމެވެ. ނުވަތަ ބުނެދޭން ނޭނގޭ ވާހަކަތަކެއް އެ ލޮލުގައި ސިއްރު ކުރެވިފައިވާ ކަހަލައެވެ.

" ލައްބަ....."..... މަޑުމަޑުން ކައިރާ އިސްޖަހައިލަމުން ބުނެލިއެވެ.

" އޯކޭ ކެން... ރާއީއަށް ބަލައްޗޭ..."..... އިޝާން އެއް ލޯ މަރައިލަމުން ލާނެތް ހިނިތުންވުމަކާ އެކު ބުނެލުމުން ކިޔާން މޫނުން ފެނުނީ ނުރުހުންތެރި ކަމެވެ.

ކިޔާންއާ އެކު ގޮސް ކާރަށް އެރުމަށް ފަހު ކައިރާ ހަމަޖެހިލިއެވެ. އަދި ބޭރަށް ނަޒަރު ހުއްޓައިލައިގެން އިނީ ކިޔާން އޭނާއާ ވާހަކަ ދައްކަފާނެހެން ހީވުމުންނެވެ. ނަމަވެސް އެހެން އިންނަތާ އިރުކޮޅެއްވީ އިރުވެސް ކިޔާން ކާރު ނުދުއްވުމުން ކައިރާ ކިޔާންއަށް ބަލައިލިއެވެ.

އޭރު ލޯ މަރައިގެން ސީޓުގައި ލެނގިލައިގެން ކިޔާން އިނީ ފުން ވިސްނުމެއްގައި ކަހަލައެވެ.

" އެކްސްކިއުޒް މީ... "..... ކައިރާ ކިޔާންއާ ދިމާލަށް ނުބަލައި އިނދެ ބުނެލިއެވެ. އެއާއެކު ކިޔާން މަޑުމަޑުން ލޯ ހުޅުވައިލުމަށް ފަހު ކައިރާއަށް ބަލައިލިއެވެ. އެ ސޫރަ ފެނުމުން އެ ހިތުގެ ހަމަޖެހުން ވަނީ ގެއްލިފައެވެ. މިވީ ކުޑަ ވަގުތުކޮޅު ތެރޭގައި ވެސް އެއީ ކައިރާއެއް ނޫނޭ ބުނެވޭ ވަރުގެ ހެކިތައް ކިޔާންއަށް ފާހަގަ ކުރެވިއްޖެއެވެ. ނަމަވެސް އެ ހިތް ތަކުރާރުކޮށް އެއީ ކައިރާއޭ ބުނަމުން ދަނީ ކީއްވެގެން ކަމެއް ކިޔާން އަކަށް ނޭނގުނެވެ.

" ކައިރާ...."..... މަޑުމަޑުން ކިޔާންއަށް ބުނެލެވުނެވެ. ކައިރާގެ ނޭވާ އެތެރެހަށީގައި ތާށިވި ކަހަލައެވެ. ކުޑަކޮށް ސިހުނު ނަމަވެސް އޭނާ ކިޔާންއާ ދިމާއަށް ބަލައެއް ނުލިއެވެ. އަދިވެސް ކިޔާންގެ ހިތުގައި ވަނީ އޭނާގެ ނަންކަން ކައިރާއަށް ޔަޤީން ވިއެވެ. ނަމަވެސް ކިޔާން އޭނާ ދެކެ ލޯބިނުވާ ކަމަށް އެ ދުވަހު ބުނީ ކީއްވެ ހެއްޔެވެ؟

" ކައިރާ... ކީއްވެ ދިޔައީ....."........ މިފަހަރު ކިޔާންގެ އަޑުގައި ވޭނީ ރިހުމެއް އެކުލެވިގެން ދިޔައެވެ. ކައިރާއަށް ވެސް ބޭއިޚްތިޔާރުގައި ލޮލުގެ ހިމަކޮޅުން އެ ދިމާއަށް ބަލާލެވުނެވެ.

" މިސްޓަރ ކިޔާން... އަޅުގަނޑުގެ ވަގުތު ބޭކާރު އެބަވޭ......". ކައިރާ ފޯނުން ގަޑި ދައްކައިލަމުން ބުނެލީ ހަރުކަށި ކަމާއެކުގައެވެ.

" ހެޔޮ.... އަހަރެންގެ ހަޔާތުން ހޭދަވި މިފަދަ ކިތަންމެ އިރެއް.... ކައިރާގެ އިންތިޒާރުގައި އަހަރެން ހުރީ އެންމެ ދުވަހަކު ނޫން... ހަ އަހަރު މި ވަނީ... "...... ކިޔާން ދެ އަތުން ކައިރާގެ ކޮނޑުގައި ހިފަހައްޓަމުން ބުނެލިއިރު މިފަހަރު އެ އަޑުގައި ވެސް ވީ ތަފާތު އިހްސާސެކެވެ.

ކައިރާގެ ހިތް ބާރުމިނެއްގައި ތެޅެމުން ދިޔައެވެ. ރާއީއޭ ބުނުމުން ކިޔާންއަށް ޤަބޫލު ނުކުރެވުނީ ބާއެވެ.

" ކިޔާން... ތިދައްކާ ވާހަކައެއް އަހަންނަކަށް ނޭނގެ... ތިކިޔާ ކައިރާއެއް އަހަންނަކަށް ނޭނގެ... ކިޔާން އަމިއްލަ ދިރިއުޅުމުގައި ހިނގާ ކަންކަން އޮފީސް މާހައުލާ ގުޅުވާނެކަމެއް ނެތް... ހޮޓެލްއަށް ނުދެވެންޏާ ރީތި ގޮތުގަ ބުނޭ ކާރުން ފައިބަން... ނޫނީ އިޝާން އާއެކު ދޭ........" ކިޔާންގެ އަތް ފޮޅުވައިލަމުން ކައިރާ ބުނެލިއިރު އެ ދެލޯ ފެންކަޅި ވެއްޖެއެވެ.

ކުއްލިއަކަށް ކިޔާން ކާރު ސްޓާޓް ކޮށްލިއެވެ. އަނގައިން ބަހެއް ބުނުމެއް ނެތި ބާރު ސްޕީޑެއްގައި ދުއްވަމުން ދިޔައިރު އޭނާ އިނީ ނުހަނު ހިތްހަމަނުޖެހިފައިކަން އެނގެއެވެ. ނަމަވެސް ކައިރާ އެއިން ކަމަކަށް ފަރުވާލެއް ނުބެހެއްޓިއެވެ. ކިޔާންގެ އަމަލުތައް ހުރިގޮތުން ކައިރާގެ ބޮލުގައި ކުޑަ ރިހުމެއް އުފެދިގެން ދިޔައެވެ. މާލެއަށް އައިކަމުގައި ވިޔަސް މިހާ އަވަހަށް ކިޔާންއާ ކުރިމަތިލާން ޖެހޭނެ ކަމަށް އޭނާ އުއްމީދެއް ނުކުރެއެވެ.

******

" އަޒީޒް... މިހާރު ކެން ވެސް އެ ހުރީ ފުރާ ފުރިހަމަ ވެފަ.... އަހަންނަށް ހީވަނީ މިހާރު ކެން ވެސް ދިރިއުޅުމެއް ފަށަން ގަސްތު ކުރަން ވެއްޖެހެން... އޭނަ އަމިއްލައަށް ކުއްޖެއް ނުހޯދާ ނަމަ އަހަރުމެން ބުނާ ކުއްޖަކާ ކިޔާންގެ ކައިވެނި ހަމަޖައްސާނީ........ "... ގޭގެ ބެލްކަނީގައި ހުރެ އަޒީޒް ގާތުގައި މަލީހާ ބުނެލިއެވެ.

" ނޫން މަލީ... ކައިވެންޏަކީ ވަރަށް މާތް ގުޅުމެއް.... ލޯބި ނުވާ މީހަކާ އެކީ އުޅެގެން ދިރިއުޅުމުގަ އުފާވެރިކަމެއް ނުލިބޭނެ... މަލީ ނުލިބުނު ނަމަ އަހަންނަށް ވެސް އުފާވެރިކަން ނުލިބުނީސް...."..... އަޒީޒް މަލީހާގެ ނިތްކުރީގައި ބޮސް ދިނުމަށް ފަހު ބުނެލިއެވެ.

" ތިބުނީ ކެން ލޯބިވާ ކުއްޖަކު ހުރެއޭތަ؟........ "..... މަލީހާ ހައިރާންވެފައި އަހައިލީ އޭނާއަށް އެފަދަ ކަމެއް ފާހަގަ ކުރެވިފައި ނެތުމުންނެވެ.

" އާނ.. ކިޔާން ވަރަށް ލޯބިވާ ކުއްޖަކު ހުރޭ..... މީގެ ހަ އަހަރު ކުރިން އެއީ.... އޭރު އަހަރެން ކައިރިއަށް އައިސް އެ ދަރިފުޅު ރޯނެ... އެ އަންހެން ކުއްޖާ މަތިން ހަނދާން ކޮށް އެކަނި އިނދެ ވާހަކަ ވެސް ދައްކާނެ... އަހަރެންގެ ނުކުޅެދުންތެރިކަމުން އެ ކަރުނަތައް ފޮހެނުދެވުނު.. ދަރިފުޅު ގައިގައި ބައްދައިލައިގެން ހުރެ ހިތްވަރެއް ނުދެވުނު... ފަނޑުކޮށް އަހަންނަށް އެ މަންޒަރުތައް ފެނޭ.... ކިޔާންގެ އަޑު އިވޭ.... އެ ކުއްޖާ އަށް ކިޔަނީ ކައިރާ... "........ އަޒީޒް ކިޔައިދިނީ މީގެ ކުރިން އޭނާ އެއްވެސް މީހަކާ ހިއްސާ ނުކުރާ ވާހަކަ ތަކެކެވެ. ކިޔާންގެ ހާލާ މެދު އޭނާ ހަމްދަރުދީ ވެއެވެ. ނަމަވެސް އަޒީޒަށް ކުރެވޭނެ މާބޮޑު ކަމެއް ނެތުމުން އެ ވާހަކަތައްވީ ހިތުގައި ސިއްރު ކުރެވިފައެވެ.

އަޒީޒްގެ ވާހަކަތަކާ މެދު މަލީހާ ފުންކޮށް ވިސްނައިލިއެވެ. ދަރިފުޅު އެހާ ލޯބިވާ ކުއްޖަކު ހުރި ނަމަ އެ ކުއްޖަކު ކިޔާންގެ ހަޔާތަށް ގެނެސްދޭން އޭނާ ބޭނުމެވެ. ކިޔާންގެ ހޮވުމެއް މަލީހާއަށް ވެސް ކަމުދާނެކަން ގައިމެވެ. ކިޔާންއަށް އެ ހިތުގައިވީ ލޯބި ހޯދައިދޭން މަލީހާ ހިތުގައި އަޒުމެއް ކަނޑައެޅިއެވެ.

*****

ކިޔާން ގޮސް ކާރު މަޑުކޮށްލީ ބްލޫސް ކޮމެޕެނީގެ ހޮޓެލެއް ކަމަށްވާ "ހޮޓެލް ގްރޭންޑް" ގެ ޕާރކިންގް އޭރިއާގައެވެ. ކާރު ޕާރކް ކޮށްލުމަށް ފަހު ކައިރާއަށް ބެލުމެއްނެތި ކިޔާން ކާރުން ފޭބިއެވެ. ނަމަވެސް ދުރަށް ނުގޮސް އޭނާ މަޑުކޮށްގެން ހުރީ ކައިރާ ފައިބަންދެނެވެ.

ކައިރާ ފޭބުމުން ކިޔާން ކުރީގައި ހުރެ ހިނގަމުން ދިޔަ އިރު ކައިރާ ހުރީ އޭނާއަށް ވުރެ ތަންކޮޅެއް ފަހަތުގައެވެ.

ކިޔާންގެ ފުރިހަމަ ހަށިގަނޑަށް ކައިރާގެ ނަޒަރު ހުއްޓިގެން ދިޔައެވެ. މިހާރު އެއީ ފުރިހަމަ ޒުވާނެކެވެ. ރީތި ކަމުގެ މިސާލެކެވެ. ނަމަވެސް އޭނާގެ މިޒާޖަށް އައިސްފައިވާ ބަދަލުން ކައިރާ ހުރީ ހައިރާންވެފައެވެ.

ތަނަވަސް ބޮޑު ހޯލަކަށް ވަދެވުމުން ކިޔާން އޭނާގެ ފިޔަވަޅުތައް މަޑު ޖައްސައިލިއެވެ. ނަމަވެސް ކައިރާއާ ދިމާލަށް އިސްއުފުލައި ބަލައިލުމެއް ނެތި ކިޔާން މަޑުކޮށްލީ ހޯލުން ނުކުމެވެން ހުރި ބެލްކަނީގައެވެ.

ބޭރުން ފެންނަން އޮތް ހާމަ ކަނޑަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު ކިޔާންގެ ހިތުގައި ކުރެހިފައިވީ ރާއީގެ ސޫރައެވެ. އެ ސޫރައިން އޭނާއަށް ކައިރާ ފެންނަނީއެވެ. ކައިރާގެ ހަނދާންތައް އާވަނީއެވެ. ރާއީއާ ކައިރިވެވުމުން ކައިރާއާ ގާތްވުމުން ކުރެވޭ އިހްސާސް ކުރެވެނީއެވެ. ނަމަވެސް ކައިރާގެ އަޅިފެހި ދެލޯ މަތިން އޭނާ ހަނދާނެއް ނުނެތޭނެއެވެ. ރާއީއަށް އެ ސާދާ މޫނާ އެއްވަރެއް ނުކުރެވޭނެއެވެ.

ކިޔާން ފަސްއެނބުރި ބަލައިލިއެވެ. އޭރު އެ ހޯލުގެ އެކި ތަންތަނުގެ ފޮޓޯ ނަގަމުން އަތުގައި އޮތް ފޮތުގައި އެއްޗެއް ނޯޓު ކުރަމުން ރާއީ ދިޔައެވެ. ކިޔާންގެ ނަޒަރު ހިނދުކޮޅަކަށް ވެސް އެ ދިމާލުން ކަސިޔާރު ނުވެއެވެ. އެ ހަރަކާތްތަކުން ކައިރާ ހޯދޭތޯ ކިޔާން ބަލަމުން ދިޔައެވެ. ނަމަވެސް އެއީ ކައިރާގެ ޅަ ސިކުނޑި ނޫންކަން ކިޔާންއަށް ޔަޤީނެވެ. އެއަށްވުރެ ރާއީގެ ހަރަކާތްތައް ޒިންމާދާރެވެ. ހަރުދަނާގޮތެއް ވެއެވެ.

ނަމަވެސް ކުއްލިއަކަށް ކިޔާންއަށް ހަށިގަނޑު ސީދާ ކޮށްލެވުނީ ރާއީ ކޮށްލި ކަމަކުންނެވެ. ކިޔާންގެ ބުމަ ކައިރިވެގެން ދިޔައިރު އެ ހިތުގެ ތެޅުން އަވަސްވެގެން ދިޔައެވެ. އަތުގައި އޮތް ފަންސުރުގެ ކޮޅު އަނގަޔަށް ލައިގެން ހުރެ ރާއީ ދެކޮޅަށް ހިނގަން ފެށުމުން ކިޔާންގެ ކުރިމަތީގައި ހުރީ ކައިރާހެން ކިޔާންއަށް ހީވިއެވެ.

ކައިރާ ވެސް ކަމަކާ ހާސްވެ ނުވަތަ މާ ބޮޑަށް ވިސްނަން ފަށައިފިނަމަ އެގޮތަށް ހަދާކަން ކިޔާންއަށް އެނގެއެވެ.

" ރާއީ......."........ ކިޔާންއަށް ތަންކޮޅެއް ހަރުއަޑުން ގޮވާލެވުނެވެ. އެއާ އެކު ސިހިފައި ރާއީ ބަލައިލިއިރު އެ މޫނުން ޖެހިލުންވުމުގެ އަސަރު ފާޅުވަމުން ދިޔައެވެ.

ކިޔާންގެ ތުންފަތަށް ވެރިވީ މާނަފުން ހިނިތުންވުމެކެވެ.

މަޑުމަޑުން ރާއީއާ ދިމާއަށް ކިޔާން ފިޔަވަޅު އަޅަން ފެށިއެވެ. ހުރި ތަނުގައި ގުޑިލާން ވެސް ނޭނގިފައި ކައިރާ ހުރީ ކިޔާން ކުރަން އުޅޭ ކަމެއް ނޭނގޭތީއެވެ.

ކިޔާން ކައިރާއާ ކައިރިވަމުން ދިޔަވަރަކަށް އެ ހިތުގެ ތެޅުން އަވަސްވަމުން ދިޔައެވެ. ނޭވާ ކުރުވެ އަތްފައި ފިނިވާން ފެށިއެވެ. އަތުގައި އޮތް ފޮތް މޭގައި ޖައްސާ ބާރުކޮށްލަމުން ކައިރާ އިސްޖަހާލީ ކިޔާންގެ ތޫނު ނަޒަރުން ސަލާމަތް ވުމަށެވެ.

ކިޔާން އައިސް މަޑުކޮށްލީ ކައިރާގެ ގައިގައި ކިރިޔާ ޖެހޭ ނުޖެހޭ ހިސާބުގައެވެ. އެ އަންހެންކުއްޖާއާ ކައިރިވެވުމުން އެ ހިތަށް ދިރުން ލިބޭ ކަހަލައެވެ. އެ ތުނި ހަށިގަނޑު އަތުތެރެއަށް ގެންނަން ކިޔާން ބޭނުންވިއެވެ. ފުރަގަހަށް ލެވިފައިވާ ކަނާތް މަޑުމަޑުން ހަރަކާތް ކުރަން ފެށީ ރާއީގެ އިސްޖެހިފައިވާ މޫނާ ދިމާއަށެވެ.

ކިޔާންގެ އަތް އެ މޫނުގައި ބީހިލުމާއެކު ކައިރާއަށް ދެލޯ މަރައިލެވުނެވެ. ކިޔާންގެ ހިތުގައިވީ އެއްޗެއް އޭނާއަށް ނޭނގެއެވެ. ހަ އަހަރު ފަހުން ކިޔާންގެ އިހްސާސް ކުރެވުމުން އެ އަތުގެ ހިމާޔަތަށް ކައިރާއަށް އެދެވުނެވެ. ކިޔާން ދޫކޮށް ދެވުމުން މާފަށް އެދެން ބޭނުންވިއެވެ. ކިޔާންއަށް ފުރުސަތެއް ދެވުނު ނަމައޭ ހިތަށް އެރިއެވެ. މަޑުމަޑުން ކައިރާ ކުރިއަށް ފިޔަވަޅެއް އަޅައިލިއެވެ.

އިސް އުފުލާ ކިޔާންގެ ލޮލަށް ބަލައިލީ އެ ލޮލުން އޭނާއަށް އެއްޗެއް ދޭހަވޭތޯއެވެ. ކައިރާގެ ތުންފަތުގައި ކުޅެލީ ލުއި ހިނިތުންވުމެކެވެ. ކިޔާންގެ ހިތުގައި ކައިރާއަށް ޓަކައި ވަނީ ލޯބިކަން ޔަޤީނެވެ.

ރާއީގެ ހަރަކާތްތަކަށް ބަލަން ހުރި ކިޔާންގެ ސިކުނޑި ވަނީ ހަލަބޮލި ވެފައެވެ. ކިޔާންއަށް އެ މޫނުން ފެންނަމުން ދިޔައީ ތަފާތު ކުލަވަރެކެވެ. ކަޅި ޖަހައިލުމެއް ނެތި އެ ރީތި މޫނަށް ބަލަހައްޓައިގެން ހުރި ކިޔާންގެ މޫނުން ފެނުނީ ހިތްދަތިކަމެވެ. އެއީ އޭނާގެ ކައިރާއެއް ނޫނެވެ. ކިޔާންގެ އެދުމަކަށް ކައިރާ އިޖާބައެއް ނުދޭނެއެވެ. އަމިއްލަ އިޚްތިޔާރުގައި ކައިރާ ކިޔާންއާ ކައިރިއެއް ނުވާނެއެވެ. އެ ދެމެދުގައި ހިނގައި ދިޔަ ކަންތަކަށްފަހު ކައިރާ އެފަދަ ފުރުސަތެއް އޭނާއަކަށް ނުދޭނެއެވެ.

ކުއްލިއަކަށް ކިޔާން އަތްތިރި ކޮށްލިއެވެ. އަދި އަވަސް ފިޔަވަޅު ތަކެއްގައި ހޯލުން ނުކުމެގެން ދިޔައީ ރާއީ އަށް ބަލައިލުމެއް ނެތިއެވެ.

ކިޔާން ދިޔަ ދިމާއަށް ބަލަހައްޓައިގެން ކައިރާއަށް ހުރެވުނީއެވެ. ދެންމެ އޭނާގެ އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރެވުމުން ކައިރާއަށް އޭނާގެ އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. ކިޔާންގެ ކުރިމަތީގައި އެހައި ފިނޑިވާން ވެއްޖެނަމަ އޭނާގެ ސިއްރު ބޭޒާރު ވެދާނެއެވެ.

ނަމަވެސް އޭރު އެ ދެލޯ ވަނީ ފެންކަޅިވެފައެވެ. އެ ހިތުގައި ފޮރުވިފައިވީ އިހްސާސްތައް ހޭލައިފިކަން ގައިމެވެ. ކިޔާން ފެނުމުން ދުރުގައި ހުންނަން އުނދަގޫ ވީއެވެ.

ހޮޓެލްގެ ފާހާނާއަށް ވަދެ ކައިރާ އޭނާގެ އަޅިފެހި ކަޅި ހާމަކޮށްލިއެވެ. އަދި ތުންފަތުގައި ޖައްސާފައި ހުރި ގަދަ ރަތްކުލަ ވެސް ފޮހެލިއެވެ. އިސްކުރު ދޫކޮށްލުމަށް ފަހު ކައިރާ ރީތިކޮށް މޫނު ދޮވެލިއެވެ.

އެވަގުތު ފާހާނައިގެ ދޮރު ހުޅުވުނު އަޑު އިވިގެން ދިޔައެވެ. ކައިރާ އިސްއުފުލައި ލޯގަނޑުން ބަލައިއިރު ފަހަތުގައި ހުރި މީހާ ފެނި ހުއްޓުން އެރިއެވެ. އޭރު ލޯގަނޑުން ފެންނަން ހުރި ކައިރާގެ މޫނަށް ބަލަހައްޓައިގެން އެ މީހަކު ވެސް ހުރީ ހައިރާންވެފައެވެ.

(ނުނިމޭ)

Ads by Allied Insurance
  1. ވ.ވ.ރީތި

  2. ވަރަށް ރީތި