ވާހަކަ

ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައްބީސްވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ނޭނގި ހިތޭ ގެންދެވީމާ ލޯބިން (ފުރަތަމަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދެވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން.. (ތިންވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން... (ހަތަރުވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ފަސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ހަތްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމާ ލޯބިން (އަށްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނުވަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދިހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެގާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސާދަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަނަރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސޯޅަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ނަވާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ވިހިވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭވީސްވަނަ ބައި) ނޭނގި ހިތޭ ގެންވީމަ ލޯބިން (ސައުވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައްބީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަތާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނަވާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެއްތިރީސްވަަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބައްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެއްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައުރަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން( ސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސަތުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އޮނަސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ބަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެޔާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސައުރަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަހުބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން - ޓްރައިލާ

ފްލައިޓް މައްޗަށް އަރަން ފެށުމުން ކައިރާ ފަހު ފަހަރަށް އެ ފަސްގަނޑަށް ބަލައިލިއެވެ. ހިތުގައި ކިތަންމެ ވޭނެއް އެޅި ނަމަވެސް މިއީ އޭނާގެ ޤުރުބާނީއެކެވެ. ބައްދަލުވާން އޮތިއްޔާ އަދި އޭނާ އާއި ކިޔާން ބައްދަލުވާނެއެވެ. ގާތުގައި އިން އެލީޝާގެ ކޮނޑުގައި ބޯ އަޅައިލަމުން ކައިރާ ލޯ މަރައިލިއެވެ. އޭރު އެ ރީތި ލޮލުން ކަރުނައިގެ އަސަރު ފާޅުވަމުން ދިޔައެވެ. ނަމަވެސް އޭނަގެ ވަށައިގެންވީ ކިޔާންގެ ހަނދާންތަކެވެ. އެ ހިތް ގޮވަމުން ދިޔައީ ކިޔާން އަށެވެ.

Ads by Hajj Corporation

" ނޭނގި ހިތޭ ގެންދެވީމާ ލޯބިން..

މިތުރާ... ނުނިދޭ... ހަނދުމަވަނީ...

ހަނދުމަވަނީ... ހަނދުމަވަނީ....

މޭގާ ޖަހާ ވިންދު ނޭނގެ ލޯބިން...

ގެންދެވީ... ތޯ ކާލާ... ގެންދެވީ ކަލާ....

ގެންދެވީ ކަލާ... ގެންދެވީ ކަލާ...... "

*******

އަހަރު ފަސް

" ބްލޫސް ކޮމްޕެނީ"ގެ ކުރިމައްޗަށް މަޑުކޮށްލި ކަޅުކަން ގަދަ އޮފު ކާރާ ދިމާލަށް އެންމެންގެ ނަޒަރު ހުއްޓިގެން ދިޔައެވެ. މުޅި މާހައުލު ހަލަބޮލި ވެގެން ދިޔައީ ހިނދުކޮޅެއްގެ ތެރޭގައެވެ. ނޫސްވެރިން ވެސް އެމީހުންގެ ކެމެރާތައް ރެޑީކޮށްލީ ކާރުން ފައިބަން އުޅޭ މެހެމާނުގެ ފުރިހަމަ އިންޓަރވިއުއެއް ނެގޭނެ ކަމުގެ އުއްމީދުގައެވެ. އަންހެން ކުދިންތައް ވެސް ހެދުން ރީތިކޮށް ، އުޅެން ފެށިގޮތުން ކާރުން ފައިބަން އުޅެނީ އާދައިގެ މީހެއް ނޫންކަން އެނގެއެވެ.

ކާރުގެ ކުރީ ދޮރު ހުޅުވައިލުމަށް ފަހު ނުކުތް ބޮޑީގާޑު މަޑުކޮށްލީ ކާރުގެ ފަހަތުން އެއްފަރާތުގައެވެ. އޭނާގެ ވެރިޔާއަށް ފުރިހަމަ ރައްކާތެރިކަން ދޭން ހުރީ ތައްޔާރަށެވެ. ބޮޑީގާޑުގެ އިޝާރަތަކާއެކު ކާރުގެ ފަހަތު ދޮރު ހުޅުވިގެން ދިޔައެވެ. އެއާއެކު ކެމެރާގެ ފްލެޝްތައް ކެނޑި މީހުންތައް އެދިމާލަށް ބޮނޑިވާން ފަށައިފިއެވެ. ނަމަވެސް ބޮޑީގާޑުންތައް އެމީހުން ވަކި ހިސާބެއްގައި ބޭތިއްބުމަށް މަސައްކަތް ކުރަމުންދިޔައެވެ.

ކާރުން ފޭބި އަޒީޒްގެ މޫނުގައިވީ ފުޅާ ހިނިތުންވުމެކެވެ. އޭނާ ލައިގެން ހުރި އަޅި ކުލައިގެ ކޯޓުގެ ގޮށް އަޅުވައިލަމުން ކުރިމަތީގައި އަޅައިފައިވާ ރަތް ދޫލައިގެ މެދެއްހާ ހިސާބުގައި މަޑުކޮށްލުމަށް ފަހު ނޫސްވެރިންނަށް ފުރުސަތެއް ދިނެވެ. ހިތްހެޔޮ ކަމާއެކު ނޫސްވެރިންގެ ސުވާލުތަކަށް އަޒީޒް ޖަވާބުދެމުން ދިޔައިރު މިއީ އޭނާއަށް ނުހަނު އުފާވެރި ރެއެއްކަން އެ މޫނުން ދޭހަވަމުން ދިޔައެވެ.

އަޒީޒް އަތުގައި އަޅައިފައި އޮތް ގަޑިއަށް އިރުއިރުކޮޅާ ބަލަމުން ދިޔަގޮތުން އޭނާ މީހަކަށް އިންތިޒާރު ކުރާކަން އެނގެއެވެ.

" ކޮބާ ކެންއާ މަލީ.....؟....".... އަޒީޒް ސިއްރު ސިއްރުން ކައިރީގައި ހުރީ ބޮޑީގާޑު ކުރެން އަހާލިއެވެ.

" މޭމް ބުނި މިހާރު މި ކައިރި ކުރަނީއޭ....."....... އެ ބޮޑީގާޑް އަދަބުވެރިކަމާ އެކު އަޒީޒްގެ ސުވާލަށް ޖަވާބުދިނުމަށް ފަހު ދުރުވެލިއެވެ.

އެވަގުތު އަނެއްކާ ވެސް މާހައުލު ހަލަބޮލިވެގެން ދިޔައެވެ. އަޒީޒްގެ ތުންފަތަށް އިހުނަށްވުރެ ފުޅާ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ދެއަތް ފުޅާ ކޮށްގެން ހުރެ އޭނާ ހިނގައިގަތީ ކުރިމަތިން ފެންނަށް ހުރި ލޯބިވާ އަނބިމީހާއާއި ދަރިފުޅާ ދިމާލަށެވެ.

" ކެން ދަރިފުޅާ...."...... ދެ އަހަރު ފަހުން ކިޔާން ފެނުމުން އަޒީޒްއަށް އެ ދަރިފުޅާ ދުރުގައި ހުންނަން އުނދަގޫވިއެވެ. އޭރު މަލީހާ ހިނިތުންވެފައި އެދެބަފައިންގެ ހަރަކާތްތަކަށް ބަލަން ކައިރީގައި ހުއްޓެވެ. އެއީ މީގެ އަހަރުތަކެއް ކުރިން ފެނުނު މަލީހާއެއް ނޫނެވެ. އެ ބޮޑު ހަފްލާއަށް ވެސް އޭނާ އައީ ނުހަނު ސާދާ ކޮށެވެ. ލާފައިވާ ކަޅުކުލައިގެ ދޫ އަބާޔާގެ ސަބަބުން އެ ހަށިގަނޑުގެ ވަނާތައް ވަނީ ފޮރުވިފައެވެ. ބޮޑުކޮށް އަޅާފައިވާ އަޅި ކުލައިގެ ޝޯލްގެ ތެރެއިން އެ މޫނުގެ ރީތިކަން ފާޅުވަމުން ދިޔައިރު އަޒީޒް ލޯބިން ފުރިގެންވީ ގޮތަކަށް މަލީހާއަށް ބަލައިލިއެވެ.

" ބައްޕާ... ދެން ފަހުން ދޯ.... އެންމެން މި ދިމާއަށް އެ ބަލަނީ........."...... ކިޔާން ހުރީ އެމީހުންނާ އަމާޒުވަމުން ދިޔަ ނަޒަރުތަކުން އުނދަގޫވެފައެވެ. އަޒީޒް ހިނިގަނޑެއް ޖަހައިލުމަށް ފަހު މަލީހާގެ އުނަގަނޑުގައި އަތް އަޅުވާލައިގެން ހުރެ އޮފީހަށް ވަނެވެ. ކިޔާން ވެސް އެމީހުންގެ ފަހަތުން އަވަސް ހިނގުމެއްގައި ގޮސް އޮފީހަށް ވަތްއިރު އިސްއުފުލާ އެންމެ ފަހަރަކު ވެސް ބަލައިނުލައެވެ.

6 އަހަރު ފާއިތުވެގެން ދިޔައިރު ކިޔާންއަށް ވަނީ ގިނަ ބަދަލުތަކެއް އައިސްފައެވެ. ކުޑަކޮށް ދިގުކޮށްފައި ހުރި ތުނބުޅިން އޭނާ ޒުވާންކަން އިތުރުވެފައި ވެއެވެ. ކަޅުކަންގަދަ ބޯ އިސްތަށިގަނޑު ވެސ ވަނީ ރީތިގޮތަކަށް ސްޓައިލް ކުރެވިފައެވެ. ކުރިއަށްވުރެ ވެސް ހަށިގަނޑު ވަރުގަދަ ވެފައިވާއިރު އެ މޫނުން އެންމެ ހިނދުކޮޅަކަށް ވެސް ސީރިއަސްކަމެއް ނުކެނޑެއެވެ. ކިޔާން ފެނުނު ކޮންމެ މީހަކުވެސް އިހްތިރާމް ކުރާނޭ ފަދަ ޝަޚްސިއްޔަތަކަށް އޭނާ ވަނީ ވެފައެވެ. އަޒީޒް ފަދައިން ކިޔާން ވެސް ހުރީ އަޅި ކުލައިގެ ކޯޓު ފަޓުލޫނުގައެވެ.

*****

ބުރަ ދުވަހަކަށް ފަހު ޒެވިޔަންގެ މަސައްކަތް ނިމުނު އިރު އިރު އޮއްސިއްޖެއެވެ. މޭޒުމަތީގައި އޮތް ބޮޑު ކަރުދަސްގަނޑު އޮޅައިލައި ތިރީގައި ބެހެއްޓިފައި ހުރި ފޮށިގަނޑު ތެރެއަށް ވައްޓައިލުމަށް ފަހު ޒެވިޔަން މޯޅިއަކަށް ދެމިލިއެވެ. އެއަށް ފަހު ކުރަހަން ގެންގުޅުނު ސާމާނު ވެސް ތަރުތީބުން އެ އެއްޗެއް ހުންނަން ޖެހޭ ތަނުގައި ބެހެއްޓުމަށް ފަހު ޒެވިޔަން ކެބިންއިން ނުކުތީ ދޮރު ރަނގަޅަށް ތަޅުލުމަށްފަހުއެވެ.

އާރކިޓެކްޗަރއިން މަތީ ތަޢުލީމް ހާސިލް ކުރުމަށް ފަހު ޒެވިޔަން ބޭނުންވީ އޭނާގެ އަމިއްލަ މަސައްކަތެއް ކުރާށެވެ. މަސައްކަތް އަލަށް ފަށައިގެން އުޅޭ ދުވަސްވަރުކަމުން ޒެވިޔަން އަދި ، އޮފީސް ހިންގަނީ ގެއިން އެކަމަށް ޓަކައި ހުސްކުރި އެޕާރޓްމެންޓެއްގައެވެ. މަދު މުވައްޒަފުން ކޮޅަކާ އެކު ޒެވިޔަން ހިންގަމުން އައި ކުންފުނި އަދި ފުޅާ ނުވި ނަމަވެސް މަޑުމަޑުން މީހުންގެ މަޤުބޫލުކަން ހޯދަމުންދިޔައީ ހަލުވި މިނެއްގައެވެ. އެހެންކަމުން ރެއާދުވާލު ބުރަ މަސައްކަތް ކޮށްގެން ޒެވިޔަން ދަނީ އޭނާގެ ހުވަފެންތަކުގައި ކުލަ ޖެއްސުމަށް މަސައްކަތް ކުރަމުންނެވެ.

ޒެވިޔަންއަށް އެޕާރޓްމެންޓަށް ވަދެވުމާއެކު އެ ހަށިގަނޑު ސޯފާއަށް ދޫ ކޮށްލެވުނެވެ. ވެފައި ހުރި ވަރުބަލި ކަމާއެކު ވެސް ކައިރީގައި އޮތް ރިމޯޓު ނަގައި ޓީވީ ހުޅުވައިލިއެވެ. އެއާއެކު ޒެވިޔަންގެ ހަށިގަނޑު ސީދާ ވެގެން ދިޔައީ ޓީވީއިން ފެންނަމުން ދިޔަ މަންޒަރުންނެވެ.

ބޭ އިޚްތިޔާރުގައި އެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއިރު ދެލޯ ފެންކަޅި ވެގެން ދިޔައީ އެތައް ދުވަހަކަށް ފަހު ކިޔާން ފެނުމުންނެވެ. އެކުވެރިޔާއާ މެދު ފަޚުރުވެރި ވިޔަސް މިއަދު އެ އުފަލުގައި ޒެވިޔަންއަށް ހިއްސާ ވެވޭކަށް ނެތެވެ. މީގެ ހަ އަހަރު ކުރިން އެގުޅުން ކެނޑިގެން ދިޔަ ގޮތަށް ހުރިހާ ކަމެއްގައި ދެގޮތެއް ނެތި ތިބި ނަމޫނާ ދެ އެކުވެރިން ވަކިވެގެން ދިޔައީއެވެ. ޒެވިޔަން އެ ދުވަހުގެ ހާދިސާ އޮޅުން ފިލުވަން ބޭނުންވި ނަމަވެސް ކިޔާން ހުރީ އޭނާއަށް އެ ފުރުސަތު ދޭ ގޮތަކަށް ނޫނެވެ. ކިޔާން އެނބުރި އަންނާނެ ދުވަހަކަށް ޒެވިޔަން ކުރާ އިންތިޒާރު ހުއްޓުމަކަށް ނާންނާނެއެވެ.

ޓީވީއަށް ނަޒަރު ހުއްޓައިގެން އިންދާ ޒެވިޔަންގެ ޖީބުގައި އޮތް ފޯނު ރިންގުވާން ފެށިއެވެ. މިގަޑީގައި ގުޅާނީ ކާކުކަން ޒެވިޔަންއަށް އެނގޭތީ އަވަސް އަވަހަށް ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.

އެލީޝާގެ ހިތްގައިމު އަޑު ކަންފަތުގައި ޖެހުމާއެކު އެ ހިތަށް ދިރުން ލިބުނު ކަހަލައެވެ. ވެފައިވާ ވަރުބަލިކަމާއި ސިކުނޑިއަށް ލިބިފައިވާ ހާސްކަން ފިލައި ދިޔައީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ.

" އެލީ... މިހާރު ކެތެއް ނުކުރެވޭ... އެލީ މިކޮޅަށް އައީމަ ކައިވެނި ކުރަން ހުރިހާ ކަމެއް ވެސް ހަމަޖައްސާނީ... އަދި މަންމައާއި އެލީ ބައްދަލު ވެސް ކުރަން ޖެހޭނެ...." ..... ޒެވިޔަން އެވާހަކަ ބުނެލިއިރު ހިތުގައި ކުޑަ ނުތަނަވަސްކަމެއް ވިއެވެ. އޭނާގެ މަންމަ ޒައިނާއަކީ ތަފާތު މިޒާޖެއްގެ ވެރިއެކެވެ. އެލީޝާ ފެނުމުން އޭނާއާ މެދު ކަންކުރާނޭ ގޮތެއް ނޭނގޭތީ ޒެވިޔަންއަށް ވިސްނެނީއެވެ. އެލީޝާއާއި ޒެވިޔަންގެ ގުޅުމުން މިހާ ދުވަސް ވީ އިރު ވެސް އެލީޝާގެ ވާހަކަ ވަނީ ސިއްރު ކުރެވިފައެވެ.

" އާނ... މަންމަ ވެސް ބުނި ތިވާހަކަ... ދެން ނެތެންނު ގިނަ ދުވަހެއް.. އެންމެ ހަފްތާއެއް.... އެކަމަކު ކައި ދާނެ ކަންނޭނގެ އޭގެ ކުރިން... މިރޭ ވެސް ބުނި އަވަހަށް ދާން ބޭނުމޭ.... ކައިގެ ޖޮބަށް ވެސް އެމީހުން ގުޅައިފި މިހާރު... އެކަމަކު މިކޮޅުން ބޭނުންވާ ބައެއް ޑޮކިއުމެންޓްސްތައް ނުލިބޭތީ ކައި މަޑުކޮށްގެން އެ ހުންނަނީ... ބައްޕަވެސް މިހާރު ކައި ގާތު ބުނެފި އަންނަ ހަފްތާގަ އެއްމެން އެއްކޮށް ދާން މަޑުކުރަންވީ ނޫންހޭ.... " .... އެލީޝާ ދައްކަމުން ދިޔަ ވާހަކަތަކުން ޒެވިޔަންގެ ތުންފަތުގައި ކުޅެލީ މާނަފުން ހިނިތުންވުމެކެވެ.

" އެލީ ... މިރޭ ކިޔާން ފެނިއްޖެ... ވަރަށް ގިނަ ދުވަސްތަކަކަށް ފަހު...."........ ޒެވިޔަންގެ އަޑުގައި އެކުލެވިގެންވީ ހިތްދަތިކަން އެލީޝާގެ ހިތާ ވެސް ކުޅެލިއެވެ.

" މިހާރު އެ ހާދިސާއަށް 6 އަހަރު ވީ.. އެކަމަކު ކައި ނުދައްކާ އެއްވެސް ވަރަކަށް ކިޔާންގެ ވާހަކައެއް... އެލީމެން ކައިރީގަ ވެސް ބުނެފަ އޮތީ.... ޒެވްއަށް އެނގެއެއްނު މިކޮޅަށް ބަދަލުވާން ވެސް ކައި ކުރި ޝަރުތަކީ އެއީ... ކިޔާންގެ ވާހަކަ އެއްވެސް މީހަކު ނުދެއްކުން... ކައިގެ އެއްވެސް ވާހަކައެއް ކިޔާންއަށް އެއްވެސް ގޮތަކަށް ނޭންގުން..މިއަދާ ހަމައަށް ވެސް ކިޔާންއަށް ނޭނގޭނެ ކައި އައީ ކޮންތާކަށް ކަމެއް... އެލީއަށް ވެސް ވިސްނޭ ވަރަށް... ހިތަށް އަރާ ކިޔާންއާ ވާހަކަ ދެއްކުނު ނަމައޭ.... އެކަމަކު މިހާރު ކައިއަށްވީ ވައުދު އުވައި ލެވޭކަށް ވެސް ނެތް.... އެކަމަކު އެލީ އަބަދުވެސް ދުޢާ ކުރަން ކެން އާއި ކައި އަދި ބައްދަލުވެ ދެމީހުން އެކީގައި އުޅޭތަން ދުށުމަށް.... ބިކޯސް އައި ނޯ ދެޓް ޝީ ސްޓިލް ލަވްސް ހިމް... އޭގެ ފަހުން ކައި އެއްވެސް ފިރިހެން ކުއްޖެއްގެ ވާހަކައެއް ނުދައްކާ.... ދެން ކީކޭ ބުނާނީ... އެ ހިތުގަ ރައްކާކުރެވިފައިވާ ސިއްރު އެނގޭނީ ހަމަ ކައިއަށް.........." އެލީޝާގެ އަޑުގައި ވެސް މަޑުމޮޅިކަމެއް ވިއެވެ. ހިތުގެ އުދާސްތައް މިގޮތަށް ދުލާ ހަމައަށް ގެނެވެނީ މަދު ފަހަރެއްގައެވެ.

*****

" ބްލޫސް ކޮމްޕެނީ"ގެ ބޮޑު ހޯލު ވަނީ އެ ރޭގެ ޚާއްޞަ ހަފްލާއަށް ނުހަނު ފުރިހަމައަށް ތައްޔާރު ކުރެވިފައެވެ. ވަށް މޭޒުތައް ސިލްކް ހުދު ފޮތިން ޒީނަތްތެރި ކޮށްފައި ވާއިރު މޭޒުތަކުގެ ވަށައިގެން ހުދު ކުލައިގެ ގޮނޑި ބެހެއްޓިފައި ވެއެވެ. މޭޒުގެ މެދުގައި މަލުގެ ގުލްދަސްތާއެއް ބެހެއްޓިފައި ވާއިރު އެ ހޯލަށް ވެރިވެފައި ވަނީ މަޑު އޮރެންޖް އައްޔެކެވެ. ހަލަބޮލި ވެފައިވާ އެ މާހައުލުގެ ތެރެއިން ހިތްގައިމު މަޑު މިއުޒިކެއްގެ އަޑު އިވެމުން ދިޔައެވެ.

ސްޓޭޖް މަތީގައި ހުރި ކުއްޖާ ކޮމްޕެނީގެ އަހަރީ ރިޕޯޓު ކިޔައިދީ ނިމުމުން އެންމެންގެ ތަރުހީބުގެ އަތްތިލަބަޑިތައް ގުގުމައިގެން ދިޔައެވެ.

އެއާއެކު އަޒީޒް ތެދުވެގެން ގޮސް ސްޓޭޖްގެ މެދުގައި ހުއްޓިއްޖެއެވެ. ހާޒިރުވެ ތިބީ އޭނާގެ އާއިލާ މެމްބަރުންގެ އިތުރުން އެކުވެރިންނާއި ގާތް ވިޔަފާރިވެރިން ކަމަށްވާތީ އަޒީޒް މަޖާ ދެތިން ޖުމްލައެއް ބުނެލިއެވެ. އެންމެންގެ މޫނު މަތިން ވެސް ފެންނަމުން ދިޔައީ ހިނިތުންވުމެވެ.

" ހުރިހާ ބޭފުޅުންނަށް ވެސް އެނގޭނެ ފަދައިން މިއީ ވަރަށް ހާއްސަ ހަފްލާއެއް... ބްލޫސް ކޮމްޕެނީއަށް ބާރަ އަހަރު ފުރުނު އުފާވެރި ދުވަސް..... އަޅުގަނޑާ ނުލައި ވެސް މި ކޮމްޕެނީ ވަރަށް ރަނގަޅަށް މިސާލު ދައްކައިފި... އެކަމަކު މިހާރު އަޅުގަނޑުވެސް މުސްކުޅިވާން ކައިރިވެއްޖެ... ބޮލުގެ ކަޅު އިސްތަށިތައް ގުނާލެވޭހާ މަދުވެއްޖެ...  އެކަމަކު މިއަދު އެއިން ކަމަކާ ހާހެއް ނުވޭ... ސަބަބަކީ އަޅުގަނޑުގެ ދަރިފުޅަކީ ޤާބިލް ކުއްޖެއް.. މި ކޮމްޕެނީ އެންމެ ރަނގަޅަށް ހިންގޭނީ ކިޔާންއަށް ކަން ޔަޤީން... އެހެންކަމުން މިއަދު އަޅުގަނޑު ރަސްމީ ގޮތުން ކިޔާން ބްލޫސް ކޮމްޕެނީގެ ސީ.އީ.އޯއަށް ހަމަޖެއްސުމަށް ނިންމައިފިން... މީގެ ފަހުން މި ވިޔަފާރީގެ އިސް މާލިމީއަކީ އެއީ... ކިޔާންއާ ބްލޫސް ކޮމްޕެނީ ހަވާލުކޮށްފިން........."....... އަޒީޒްގެ މޫނުން ފެންނަނީ ހިތްހަމަ ޖެހުމުގެ ކުލަވަރެވެ.

އަރާމު ކުރަން ބޭނުންވި ދުވަހު އޭނާގެ ވިޔަފާރިއާ ހަވާލުވާން ކިޔާން އައުމުން އަޒީޒްއަށް ލިބިފައި ވަނީ ބަޔާންކުރަން ދަތި އުފަލެކެވެ. ހަމައެހެންމެ ކައިރީގައި ހިތްވަރުދޭން މިއަދު މަލީހާ ހުރުމުން އެ އުފާވެރިކަން ދެގުނަ ވެފައިވާ ކަހަލައެވެ.

މަލީހާއަށް ކުރެވުނު ކުށަށް އަޒީޒް މާފް ކުރިއެވެ. އޭނާއަށް ލިބެންޖެހޭ ހައްޤު އަދަބު ލިބިގަތުމަށް ފަހު މަލީހާ އަޒީޒް ކައިރިއަށް އައީ އެފަދަ ދެވަނައެއް ނުވާނެކަން އެނގުމުންނެވެ. ކިޔާންއަށް އުނިވި މަންމަގެ ލޯބި ދޭން މަލީހާ ބޭނުންވިއެވެ. މިއަދު ކިޔާންއާއި އަޒީޒް އެއީ އޭނާގެ މުޅި ދުނިޔެއެވެ.

މަލީހާ ދަރިފުޅުގެ ބޮލުގައި ލޯބިން ފިރުމައިލިއެވެ.. އޭރު އެ ލޮލުގައި އުފާވެރިކަމުގެ ކަރުނަ ވިދަމުންދިޔައެވެ. ކިޔާން ވެސް ވެސް މަލީހާއަށް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. ނަމަވެސް އެ ހިތުގައިވީ ހުސްކަމެވެ. މިއަދު އެ އުފަލުގައި ބައިވެރިވާން ކައިރާ ހުރި ނަމައޭ ހިތަށް އެރުމުން ކިޔާންގެ މޭގައި ތޫނު ރިހުމެއް އުފެދިގެން ދިޔައެވެ. އަވަހަށް ކައިރީގައި ހުރި ފެންތަށި ބޯލަމުން ކިޔާން ފުން ނޭވާއެއް ދޫ ކޮށްލިއިރު އެ މޫނުން ކުރިން ފެނުނު އުފާވެރިކަން ފެންނާކަށެއް ނެތެވެ.

ބްލޫސް ކޮމްޕެނީއާ ހަވާލުވުމަކީ ކިޔާންގެ ސިކުނޑީގައި ދުވަހަކު ވެސް އޮތް ޚިޔާލެއް ނޫނެވެ. ނަމަވެސް އަޒީޒް އެކަމަށް އެދުމުން ކިޔާންއަށް އިތުރު ގޮތެއް ނެތީއެވެ. އަޒީޒްގެ އެދުމާ ދެކޮޅު ހަދަން ނުކެރުނީއެވެ. ދެ އަހަރު ދުވަހު ، ނިއު ޔޯރކްގައި ހުރުމަށްފަހު ކިޔާން އައީ ކޮމްޕެނީއާ ހަވާލުވުމަށެވެ.

މިހާ ދުވަސްވީއިރު ވެސް ކައިރާގެ ޚަބަރެއް ނުވާތީ ކިޔާން ނުތަނަވަސް ވެއެވެ. ނަމަވެސް ކައިރާ ހޯދަން އެއްވެސް މަސައްކަތެއް ނުކުރީ ކައިރާ އޭނާދެކެ އަދިވެސް ހިތްހަމަ ނުޖެހިފައި ހުންނާނެހެން ހީވާތީއެވެ. އެދުވަހު ކައިރާ ދެއްކި ވާހަކަތައް އަދިވެސް ކިޔާންއަށް އުނދަގޫ ކުރެއެވެ. އެ ހަނދާންތައް އާ ވުމުން ނަފްސުގެ މައްޗަށް ބާރު ފޯރުވަން އުނދަގޫ ވެއެވެ. ކައިރާ ނޫން އެހެން އަންހެނެއް ކިޔާން ބޭނުމެއް ނޫނެވެ. ކޮންމެވެސް ދުވަހަކުން ކައިރާއާ ބައްދަލުވެވޭނޭ ކަމުގެ ފޮނި އުއްމީދު އެ ހިތުގައި ވެއެވެ.

" މަރުހަބާ އަޒީޒް.... ކޮބާ ދަރިފުޅު.... އެސޮރަށް ވެސް މަރުހަބާ ކިޔަން ޖެހޭނެ އެއްނު........"...... އަޒީޒްއާއި ކަރާއިކަރު ޖައްސާލަމުން ކުރިމަތީގައި ހުރި މީހާ މަރުހަބާ ކިޔައިލި އިރު ދެމީހުންގެ މޫނުގައި ވެސް ވީ ހިނިތުންވުމެކެވެ.

" އަހުމަދު... ވަރަށް އުފާވެއްޖެ ބައްދަލު ވީމަ...ހިނގާ މިކޮޅަށް...... " އަޒީޒް އޭނާގެ ދުވަސްވީ އެކުވެރިޔެއް ކަމަށްވާ އަހުމަދު ގޮވައިގެން ހިނގައިގަތީ ކިޔާން ކައިރިއަށެވެ.

" މަޑުކުރޭ.... އެބަ އަންނަން އިޝާންއާއި ނަޝީ ގޮވައިގެން... ވަރަށް އުފާވާނެ މަލީހާ ފެނުނީމަ........".... އަހުމަދު އެއް ފަރާތަކަށް ޖެހިލުމަށް ފަހު ފަސްއެނބުރިގެން ހުރި ނަޝީލާގެ ކޮނޑުގައި ކޮއްޓައިލުމަށް ފަހު އިޝާން ގޮވައިގެން އައުމަށް ބުންޏެވެ.

" މަރުހަބާ ކިޔާން... މިއަދު އަޒީޒަށް ހަމަޖެހުން ލިބޭނެކަން ގައިމު... " ...... އަހުމަދު ކިޔާންއާ ސަލާމް ކޮށްލިއެވެ. ކިޔާން ވެސް އަހުމަދަށް ފުރިހަމަ ހިނތުންވުމެއް ހަދިޔާ ކޮށްލަމުން އެ މޫނަށް ބަލައިލިއެވެ. އެވަގުތު އެ ސިކުނޑިން އޭނާއަށް ވާހަކައެއް ހަނދާން ކޮށްދޭން އުޅުނު ކަހަލައެވެ. އެމޫނުން ކިޔާންއަށް ކައިރާ ސިފަވީ ކީއްވެ ކަމެއް ނޭނގުނެވެ. ފަހަރެއްގައި ކައިރާގެ ލޮލާއި އަހުމަދުގެ ލޮލުގައި އެއް ކުލައެއް ހުރުމުން ކިޔާންއަށް އެފަދަ އިޙްސާސެއް ކުރެވުނީއެވެ. އަޒީޒް،  އަހުމަދަކީ ކާކުކަން ކިޔާންއަށް އޮޅުންފިލުވައި ދިނެވެ. އެއީ އޭނާގެ ހާއްސަ އެކުވެރިއެއް ކަމުގައި ބުންޏެވެ.

" ކޮބާ ދަރިފުޅު... ނަޝީ ބުނި އިޝާން ވެސް އަންނާނެއޭ...."....... މަލީހާ އިޝާންއޭ ބުނުމުން ކިޔާން ސިހިފައި ބަލައިލިއެވެ.

އެވަގުތު ކިޔާންގެ ހިތް އާދަޔާ ޚިލާފު ބާރުމިނެއްގައި ތެޅެން ފެށިއެވެ. އޭނާގެ ލޮލުގައި އަޅައިގަތީ އެ ދިމާލަށް ހިނގާފައި އައި އިޝާންއެވެ.

" ކިޔާން......" އިޝާންއަށް ވެސް ކިޔާން ފެނުމުން ހައިރާންވެފައި ބަލަހައްޓައިގެން ހުރެވުނެވެ. ނޭނގި ހުއްޓައި އަނެއްކާ ވެސް ދެމީހުން ދިމާވީއެވެ.

ކިޔާންއާއި އިޝާންއަށް ވެފައި ތިބި ގޮތުން އަޒީޒް ސުވާލުކުރުމުން ކިޔާން އެއީ ކުރިން ދިމާވި އެކުވެރިއެއް ކަމުގައި ބުނެ ވާހަކަ ހަމަޖައްސައިލިއެވެ. ކައިރާގެ ވާހަކަ ގެންނަން އޭނާ ބޭނުން ނުވީއެވެ. އެހެން ނޫނަސް އަހުމަދަކީ ކައިރާގެ ބައްޕަ ނޫންކަން ކިޔާންއަށް ޔަޤީނެވެ. ސަބަބަކީ ކައިރާގެ ބައްޕަގެ ނަމަކީ ހައިކަލް ކަމަށް ވާތީއެވެ.

އެރޭގެ ހަފްލާ ނިމުނު އިރު ކިޔާންއާއި އިޝާން ވެސް ގާތް ދެ ރަޙްމަތްތެރިންނަށް ވެއްޖެއެވެ.

*****

އެއާރޕޯޓްގެ އެރައިވަލްސްއިން ނުކުތް އަންހެން ކުއްޖާ ދެފަރާތް ހޯދައިލިއެވެ. މީހުންތައް ތޮއްޖެހިފައި އޮތް އެއާރޕޯޓުގެ ތެރެއިން އަވަސް ފިޔަވަޅުތަކެއްގައި އަތުގައި އޮތް ލަގެޖް ދަމަމުން އެ ކުއްޖާ ހިނގައިގަތީ ޓެކްސީ އެއް ލިބޭތޯއެވެ.

ކަޅު ކުލައިގެ ފުޅާ ފަސްބައެއް ހުރި ހެދުމެއް ލައިގެން ހުރިއިރު މަތިން ވަނީ ޖީންސް ފޮތީގެ އުނގަނޑާ ހަމައަށް އަންނަ ކުޑަ ޖެކެޓެއް ލެވިފައެވެ. ބްރައުން ކުލައިގެ ޝޯލްއެއް އަޅައިގެން ހުރި އިރު ކޮނޑުމަތިން ފަހަތަށް ބައެއް ވެއްޓިފައި އޮތެވެ. އެ ކުއްޖާ އަރައިގެން ހުރީ ހުދު ކުލައިގެ ބޫޓުން ވެސް އެއީ ނުހަނު ރީއްޗަށް ހެދުން އަޅަން ސަމާލުކަންދޭ ކުއްޖެއްކަން އެނގެއެވެ.

ވަކި ހިސާބަކަށް ދިއުމަށްފަހު އެ ކުއްޖާ އަނބުރާލާފައި ގޮސް ފާހާނާއަށް ވަނެވެ. އަދި ކޮނޑުގައި އަޅުވާފައި އޮތް އަތް ދަބަސް ތެރެއިން ނެގި ކަޅު ކުލައިގެ ލެންސުން އެ އަޅިފެހި ކުލައިގެ ކަޅި ފޮރުވާލިއެވެ.

..ނުނިމޭ..

Ads by Allied Insurance
  1. ވަރަށް ރީތި

  2. ނީނާ

    ވވވވ ރީތި