ވާހަކަ

ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސަތުތިރީސްވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ނޭނގި ހިތޭ ގެންދެވީމާ ލޯބިން (ފުރަތަމަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދެވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން.. (ތިންވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން... (ހަތަރުވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ފަސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ހަތްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމާ ލޯބިން (އަށްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނުވަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދިހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެގާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސާދަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަނަރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސޯޅަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ނަވާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ވިހިވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭވީސްވަނަ ބައި) ނޭނގި ހިތޭ ގެންވީމަ ލޯބިން (ސައުވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައްބީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަތާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނަވާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެއްތިރީސްވަަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބައްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެއްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައުރަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން( ސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސަތުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އޮނަސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ބަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެޔާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސައުރަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަހުބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން - ޓްރައިލާ

 

Ads by Hajj Corporation

ކިޔާންގެ ދުލުން ކައިރާގެ ނަން ބޭރުވުމުން އޭނާގެ ނޭވާ އެތެރެހަށީގައި ތާށިވި ކަހަލައެވެ. މުޅި މޫނު ހުދުވެގެން ދިޔައިރު ކައިރާއަށް އެސްފިޔަ ޖަހައިލަން ވެސް ނޭނގިފައި ކިޔާންއަށް ބަލަހައްޓައިގެން ހުރެވުނެވެ.

*****

ބުނަންވީ އެއްޗެއް ކިޔާންގެ ދުލަކަށް ނައެވެ. ބުނެވުނު ބަސް އަނބުރާ ގެނެވޭނެ ނަމައެވެ. ނޫނީ ކައިރާއަށް އެ އަޑު ނީވުނު ނަމައެވެ.

އިޝާންއަށް ވެސް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. ކިޔާންއަށް ކައިރާ އެނގެނީ ކިހިނެއް ހެއްޔެވެ. އިޝާންގެ ހިތުގައި އުފެދެމުން ދިޔަ ސުވާލުތަކުގެ ޖަވާބު އެނގެން އޭނާ ނުހަނު ބޭނުމެވެ.

މާހައުލަށް ވެރިވެފައިވާ ނުތަނަވަސްކަމުގެ ތެރެއިން ކުއްލިއަކަށް ކިޔާން ކައިރާގެ އަތުގައި ހިފައިގެން ނުކުންނަން ހިނގައިގަތެވެ. ކިޔާންގެ ފަހަތުން ކައިރާ ދިޔައިރު އޭނާގެ އެއްވެސް ބާރެއް ނެތް ފަދައެވެ.

" ނޫން.. ޒެވް މަޑުކުރޭ.... މިގަޑީގަ ދިޔުން ރަނގަޅެއް ނޫން...."....... ޒެވިޔަން ދާން އުޅުމުން އަޒީޒް ޒެވިޔަން ހުއްޓުވިއެވެ.

އެއަޑަށް އިޝާންގެ ނަޒަރު ޒެވިޔަންއަށް ހުއްޓިގެން ދިޔައެވެ. މީގެ ކުރިން ދުވަހަކު ވެސް ދިމާނުވިޔަސް ކިޔާންއާއި އެ ޒުވާނާއާ ގާތް ގުޅުމެއް އޮންނާނެކަން އިޝާން ދެނެގަތެވެ.

" ކެންއަށް ކިހިނެތް ކައި އެނގެނީ؟....".... އިޝާން ޒެވިޔަން ގާތު މަޑުޖެހިލަމުން ސިއްރުން އަހައިލީ އިތުރު މީހަކަށް އެ އަޑު އިވެން ބޭނުން ނުވާތީއެވެ.

އިޝާންގެ ސުވާލުން ޒެވިޔަންގެ މޫނުމަތިން ކުޑަ ނުތަނަވަސްކަމެއް ފާޅުވެގެން ދިޔައެވެ. ކިޔާންގެ ހުއްދަ ނެތި އޭނާގެ އަމިއްލަ ވާހަކައެއް ކިޔައިދޭން ބޭނުން ނުވުމުން ޒެވިޔަން އޭނާއަށް ނޭނގޭ ކަމުގައި ބުނެ ދެކޮނޑު އަރުވައިލިއެވެ.

ޒެވިޔަންގެ މޫނުން ފެނުނު ކުލަވަރުން އޭނާ ގަސްދުގައި އެވާހަކަ ސިއްރު ކުރީކަން އިޝާންއަށް ޔަޤީންވިއެވެ. ނަމަވެސް އިތުރު ސުވާލެއް ނުކުރީ ކިޔާން ގާތުން އެކަން އޮޅުންފިލުވަން ނިންމައިގެންނެވެ.

އޭރު އަޒީޒްގެ އަމުރަށް އެއްމެން ވެސް އެމީހުންގެ މަސައްކަތަށް އެނބުރި ރުޖޫޢަ ވެއްޖެއެވެ.

*****

ކިޔާން ބާރު ހިނގުމެއްގައި ގޮސް ލިފްޓަށް އެރުމެއް ނެތި ޚިޔާރު ކުރީ ސިޑިއެވެ. އަވަސް ފިޔަވަޅުތަކެއްގައި ސިޑީގެ ހަރުފަތްތައް ގިރާ ކުރުމަށް ފަހު ކިޔާން ވަނީ އޭނާގެ ކެބިންއަށެވެ. ކެބިންއަށް ވަދެވުމާއެކު ކައިރާގެ އަތުން އޭނާ ދޫކޮށްލިއެވެ. ކައިރާއަށް ފަސްދީ ކިޔާން ޖެހިލީ ހުޅުވައިފައި ހުރި ކުޑަދޮރާ ދިމާލަށެވެ. ކުޑަ ދޮރުގައި ދެއަތް އަޅުވާލައިގެން ހުރިއިރު އޭނާގެ ނަޒަރު ހުއްޓިފައި ވަނީ ކުރިމަތިން ފެންނަން އޮތް ލޮނުޒިޔާރަތް ޕާކަށެވެ. ލޯ މަރައިގެން ހުރެ ފުން ނޭވާތަކެއް ލަމުން ދިޔައީ ހަމަޖެހެން މަސައްކަތް ކުރަމުންނެވެ.

ކިޔާންގެ ފަހަތުގައި އޭނާގެ ހަރަކާތްތަކަށް ނަޒަރު ހުއްޓައިގެން ކައިރާ ހުރީ ގުޑިލަން ވެސް ނުކެރިފައެވެ. އަދިވެސް ކިޔާންގެ ދުލުން ބޭރުވި ޖުމްލަތައް އޭނާގެ ކަންފަތުގައި ގުގުމަމުން ދެއެވެ. ކައިރާގެ ހިތް ވަނީ އަވަސްވެފައެވެ. ކިޔާންއަށް އޭނާގެ ހަޤީޤަތް އެނގިއްޖެކަން ގައިމެވެ.

" ސޮރީ....."...... ހިމޭން ވަގުތުކޮޅަކަށް ފަހު ކިޔާން ބުނެލީ ފަސްއެނބުރި ބެލުމެއް ނެތިއެވެ. އެ އަޑު އިވުމާއެކު ކައިރާ އަށް އިސްޖަހައިލެވުނެވެ. ރައްދުގައި ބުނާނެ އެއްޗެއް އެ ސިކުނޑިއަކަށް ނައެވެ.

" އިށީނދޭ... އަހަރެން ވާހަކައެއް ކިޔައިދޭން ބޭނުން...." ކައިރާއާ ކުރިމަތިލަމުން އައިސް ކިޔާން އޭނާގެ ގޮނޑީގައި ހަމަޖެހިލިއެވެ.

" ފަސްޓް އޮފް އޯލް.. ރާއީއަށް ކައިރާގެ ނަމުން ގޮވުނީމަ މާފަށް އެދެން.... ރާއީ ފެނުނު ފުރަތަމަ ދުވަހުވެސް އަހަންނަށް ހީވީ ތިއީ ކައިރާއޭ... އެހާ ވެސް ވައްތަރު... ތިހާ ވައްތަރު ކުދިން އުޅޭ ކަން އެނގޭ.. އެކަމަކު އަދި އަލަށް މި ފެނުނީ... ތި ދެމީހުންގެ ތަފާތަކީ ލޮލުގެ ކުލަ... ދެން ހެދުން އަޅާގޮތް.. މިހާރު ރާއީ ހިތަށް އަރާނެ ކައިރާއަކީ ކާކު ހެއްޔޭ...ދޯ...؟......." އިސްޖަހައިގެންއިން ކައިރާގެ މޫނަށް އަރާ ފައިބަމުން ދިޔަ ކުލަވަރުތައް ފެނުމުން ކިޔާންއަށް އޭނާގެ ހިނިގަނޑު ކޮންޓްރޯލް ކުރުންވީ އުނދަގޫ ކަމަކަށެވެ. ނަމަވެސް ވަރަށް މަސައްކަތުން މޫނަށް ސީރިއަސް ކުލަވަރެއް ވެރިކޮށްގެން އިނދެ ކިޔާން އޭނާގެ ވާހަކަ ވީހާ ވެސް މޮޅުކޮށް ކުރިއަށް ގެންދެވޭތޯ ފެށިއެވެ.

ކިޔާންއަށް ކައިރާގެ ހަޤީޤަތް ނޭނގެނީތާއޭ ހިތަށް އެރުމުން ކައިރާގެ މޫނު ވަގުތުން އުޖާލާ ވެގެން ދިޔައެވެ. ނަމަވެސް އެ މޫނުން ނުތަނަވަސްކަން ފެންނަން ފެށީ ކިޔާން ކައިރާގެ ވާހަކަ ކިޔައިދޭން ފެށުމުންނެވެ.

" ކައިރާއަކީ އަހަންނަށް ވަރަށް ޚާއްސަ ކުއްޖެއް... ފުރަތަމަ ފަހަރަށް އަހަންނަށް ލޯބި ވެވުނީ އެ ނާޒުކު އަންހެންކުއްޖާ ދެކެ... އަހަންނަށް ނޭނގި ހުއްޓާ ކައިރާ އަހަރެންގެ ހިތް ގެންދިޔައީ... ދުވަހަކުވެސް އެހެން މީހެއް ދެކެ ލޯބި ނުވެވޭނެ ވަރަށް ކައިރާ ދެކެ ލޯބިވޭ.... "........ ސީދާ ކައިރާގެ މޫނަށް ނަޒަރު ހުއްޓައިގެން އިނދެ ކިޔާން ބުނަމުން ދިޔަ ކޮންމެ ޖުމްލައަކުން ކައިރާގެ މޭ ފިނިވަމުން ދިޔައެވެ. އޮޅިގެން ވެސް އެ މޫނަށް ނުބަލަން ކައިރާ އިނީ ހިތުން ހުވާކޮށްގެންނެވެ. އެހެން ނޫނީ އެހިތް އޭގެ މަޤާމުން ދޫވެދާނެކަން އޭނާއަށް ޔަޤީނެވެ.

" މީގެ ހަ އަހަރު ކުރިން އަހަންނަށް އަހަރެންގެ ލޯބި ގެއްލުނީ... އޭރު އަހަންނާއި، ކައިރާއާއި، ދެން މިއަދު އެތާނގަ ހުރި ޒެވިޔަން... އޭނަ އާއި ކައިރާގެ ބެސްޓް ފްރެންޑް އެލީޝާ ކިޔެވީ އެއް ސްކޫލެއްގަ... އެއީ އަހަރެމެން އެންމެން ވެސް ކިޔެވީ ގްރޭޑް އެގާރައިގަ... ވަރަށް މަޖާ ދުވަސްކޮޅެއް އެއީ... އެންމެ ފުރަތަމަ ކައިއާ ދިމާވީ ވެސް ވަރަށް މަޖާކޮށް... ކައި ސްކޫލަށް ޖޮއިން ކުރީ ދެވަނަ ސެމިސްޓަރ ގަ.. އަހަންނަކީ އޭރު ސްކޫލްގެ ޑެޕިއުޓީ ކެޕްޓަން... ދެން އެދުވަހު ޚާއްސަ އެސެމްބްލީއެއް އޮތީމަ ސްކޫލަށް ދިޔައީ ކޯޓު ފަޓުލޫނުގަ... ކައި ހީކުރީ އަހަންނަކީ ޓީޗަރު ކަމަށް....."...... ކިޔާން އެދުވަހުގެ ހަނދާން އާ ކުރަމުން އެ ވާހަކަ ކިޔައިދިން އިރު ކައިރާގެ ތުންފަތަށް ވެސް ސިއްރު ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

" ފަހުން ދެމީހުން ވެސް އުޅުނީ އެކަކު އަނެކަކަށްވުރެ ކުރި ހޯދޭތޯ... އެ ގުޅުމުގަ ފުރަތަމަ އޮތީ ކޮންމެވެސް ވަރެއްގެ ނަފްރަތުކަމެއް.. ކައި ވަރަށް ރުޅި އަންނާނެ އަހަރެން އަބަދު ދިމާ ކުރާތީ.. ފަހުން ފަހުން އައިސް އަހަންނަށް އެ އަންހެންކުއްޖާ ވަރަށް ޚާއްސަވާން ފެށި.. ކައިގެ ތަފާތު މިޒާޖު ވަރަށް ކަމުދިޔަ... އަހަންނަށް ވެސް ނޭނގި ކައިދެކެ ލޯބިވެވުނީ........."..... ކިޔާންގެ މޫނުގައި ވީ ލާނެތްކަން ފެނުނު ނަމަ ކައިރާއަށް ޝައްކުވީހެވެ. ނަމަވެސް އިސްއުފުލައި ނުބަލަން އިނުމުން އޭނާއަށް ކިޔާންގެ މޫނުގައިވީ ކުލަވަރެއް ނުފެނުނެވެ.

މިވަރަށް ވާހަކަ ދައްކާއިރު ވެސް ކައިރާ ކުރަމުން ދިޔަ ހިތްވަރު ފެނި ކިޔާން އަޖައިބުވިއެވެ. ދެން ވެސް ކިޔާން ކައިރާ އިމްތިހާނު ކުރަން ބޭނުންވިއެވެ. ނަމަވެސް ކިޔާންގެ ސިކުނޑިއަށް ކުއްލިއަކަށް ވެރިވީ އޭނާއާ ކައިރާ ދުރުވާން މެދުވެރިވި ސަބަބެވެ. އެވާހަކަ ކޮންމެ ވެސް ގޮތަކުން ކިޔައިދޭން އޭނާ ބޭނުންވިއެވެ. މިހާ ގިނަ ދުވަސް ކޮށްފައި ކައިރާ އެހާ ގާތުގައި ވުމުން ދެން ކައިރާ ބީވާކަށް ކިޔާން ނޭދެއެވެ.

" ދެން އައީ ކައި ހަޔާތުގެ ވަރަށް ހިތާމަވެރި ދުވަސްތަކެއް... އެކަންކަމުގަ ކައި ވަރަށް ސަކަރާތްވި... އެއްވެސް މީހަކާ ވާހަކައެއް ނުދައްކާ... އަހަރެން ވަރަށް ދެރަވި... އެއީ އަހަރެންވެސް ކައިގެ އޯގާތެރިކަން ވަރަށް ބޭނުންވި ދުވަސްކޮޅެއް.. ބައްޕަގެ ދުޝްމިނުން ހޯދައިގަނެވި ވަރަށް ގިނަ ކަންކަމާ ކުރިމަތިލާން ޖެހުނު .. އަހަންނަށް އަހަރެންގެ މަންމަ ވެސް ގެއްލުނު... "..... ކައިރާއަށް އެވާހަކަތަކުގެ ތަފްސީލު ބޭނުން ނުވާނެކަން އެނގޭތީ ކިޔާން އެވާހަކަ އިތުރަށް ކިޔައެއް ނުދެއެވެ.

ކިޔާންގެ ވާހަކަ އެހިސާބަށް ދިޔުމުން ކައިރާ ދެރަވިއެވެ. އޭނާއަށް ވެސް އޭރު ކިޔާންއާ މެދު ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން ޤަބޫލު ކުރެވުނެވެ. ކައިރާއަށް ވިސްނުނީ ހަމައެކަނި އަމިއްލަ ނަފްސާ މެދުގައެވެ.

" ކައި ގާތު ވަރަށް އާދޭސް ކޮށްގެން ދިޔައީ ގްރެޖުއޭޝަން ޕާރޓީއަށް ވެސް... އެރޭ އަހަރެން ހުރީ ކައި އަށް ލޯބި ހުށަހަޅަން ނިންމައިގެން... ވަރަށް ފުރިހަމައަށް ތައްޔާރު ވެސް ވެގެން ދިޔައީ...... ޒެވް އާއި އެލީ އުޅުނީ ވަކިން.. އަހަރެން އުޅުނީ ކައި އާ އެކީގަ... ސްކޫލްގަ ކައިއާ ޖައްސާލާފަ އުޅުނު ނަބާ ކިޔާ ކުއްޖެއް.. އޭނައަށް ހަޖަމެއް ނުވި އަހަރެން ކައި ދެކެ ލޯބިވީމަ... ކުރިން ދިމާވި މައްސަލަތަކެއްގަ ނަބާ ސަސްޕެންޑް ކުރީމަ ސްކޫލުން ކެނޑުނު ގޮތަށް ދެން ނާދޭ... އަސްލު ނަބާއާއި އަހަރެން ގްރޭޑް އެގާރައިގަ އުޅުނު އިރު ރައްޓެހިވީ... އެކަމަކު ނަބާގެ މިޒާޖު ވަރަށް ތަފާތު.. އަހަރެން އެއްވެސް ގޮތަކަށް ހިތްހަމައެއް ނުޖެހޭ... ނަބާ ބުނާ ހުރިހާ ގޮތެއް އަހަރެން ހަދަން ޖެހޭ.. އޭނާގެ ނުފޫޒު ވަރަށް ބޮޑު.. ނަބާ ދެކެ އަހަރެން އޭރު ލޯބިވި.. އެކަމަކު ފަހުން ނަބާގެ އުޅުން ހުންނަ ގޮތުން ފޫހިވެ ދުރުވީ.. އެވަރުން ވެސް ނަބާ އުޅުނީ މޮޔަވެގެން ... އޭނާއަށް ހަޖަމެއް ނުވި ކައި އާއި އަހަރެންގެ ގުޅުން......"....... ކިޔާން ނަބާގެ ވާހަކަ ދައްކަން ފެށުމުން ކައިރާގެ ތަބީއަތު ބަދަލުވިއެވެ. ނަބާގެ ސޫރަ ސިފަ ވިޔަސް ކައިރާ ފޫހިވެއެވެ. ކައިރާ އަނގަޔަށް ގޮތެއް ހަދާލީ ކިޔާން ބަލަން ހުރި ކަމެއް ނޭނގި ހުރެއެވެ.

" ދެން ގްރެޖުއޭޝަން ޕާރޓީ އޮތް ރޭ ނަބާ އަހަންނަށް މެސެޖް ކުރީ.. ބުނީ ކައި ގާތުން މާފަށް އެދެން ބޭނުމޭ.. އެކަމަކު އޭގެ ކުރިން އަހަރެން ކައިރީ ބުނަން ބޭނުންވާ ވާހަކައެއް އެބައޮތޭ... ނަބާ އަމިއްލައަށް އައީ ސްކޫލަށް ވެސް... ކައި ގާތު މަޑުކުރާށޭ ބުނެފަ އަހަރެން ތިރިއަށް ދިޔައީ.. ކައި ފަހަތުން އަންނާނޭ ކަމަށް ކުޑަކޮށް ވެސް އުއްމީދެއް ނުކުރަން...... ނަބާ އަސްލު ބޭނުންވީ އަހަންނާ ބައްދަލުކުރަން.. އެކަމަކު އެހެން ބުނެގެން އަހަރެން ނުދާނެތީ އޭނަ ކައިގެ ނަން ގެނައީ.... އަހަރެން ކައިރީގަ އޭނަ އެދުނީ އަލުން ދެމީހުން ގުޅެން. އަހަރެން އެކަމާ ދެކޮޅު ހެދީމަ ނަބާ ބުނީ އަހަރެން ކައި ދެކެ ލޯބި ނުވެއޭ... އެހެން ބުނީމަ އަހަރެން އޭނައަށް ހަޤީޤަތް ކިޔައިދޭން ފެށީ.. ފުރަތަމަ ކައި ދެކެ ލޯބިނުވާ ވާހަކަ އާއި ހުރިހާ އެއްޗެއް... ނަބާ ދެކެ ލޯބިވި ކަމާ އެހުރިހާ ވާހަކަތަކެއް ބުނިއިރު އަހަރެން އެންމެ ފަހަރަކު ވެސް ކައި ދެކެ ލޯބިވާ ވާހަކައެއް ނުބުނަން... އެހެން ބުނަން އުޅެނިކޮށް ކައި ފަހަތުން ގޮވާލީ.... "....... ކިޔާންގެ ހިތް ބާރުމިނެއްގައި ތެޅެމުން ދިޔައީ ހަޤީޤަތް އެނގުމުން ކައިރާ ކަންތައް ކުރާނެގޮތެއް ނޭނގޭތީއެވެ.

ކައިރާ ހުރީ އިވެމުން ދިޔަ ވާހަކަތަކުން ހައިރާންވެފައެވެ. އޭނާގެ ނަފްސު ކުށްވެރި ކުރެވުނީ ކިޔާންއާ މެދު ކަންތައް ކުރެވުނީ ބޭ އިންސާފުންކަން އެނގުމުންނެވެ. އެދުވަހު ކިޔާންގެ ވާހަކަ އަޑުއަހަން މަޑުކުރެވުނު ނަމައެވެ. ފުރުސަތެއް ދެވުނު ނަމައެވެ.

" ކައި ނުކުމެގެން ދިޔަ ގޮތަށް ދެން ނުފެނުނު... އަހަރެން ވަރަށް ހޯދިން.. ވަރަށް ވިއްސާރަ ރެއެއް އެއީ... އެ ވިއްސާރައިގަ އަހަރެން ނުދާ ތަނެއް ނެތް... ހާސްވެފަ ހުރި ވަރުން ޒެވް އާއި އެލީއަށް ގުޅަން ވެސް ހަނދާނެއް ނެތް... ފަހުން ހަނދާން ވެގެން ގުޅަން ފޯނު ނެގިއިރު ކައި ފޮނުވާފަ އިން މެސެޖް ފެނުނީ.. ދެން އަނެއްކާވެސް ހަނދާން ނެތުނީ... މެސެޖަށް ރިޕްލައި ނުދީ އަހަރެން ބޭނުންވީ ކައި ކުރިމަތީގަ ހުރެ ކިޔައިދޭން... ފަތިސް ވަންދެން ކައި ފެނޭތޯ އަހަރެން އުޅުނިން.... އެކަމަކު ނުފެނުނު... އަނެއް ދުވަހު ހޭލެވުނު ގޮތަށް ދިޔައި އެލީމެން ގެއަށް... އެގޭގަ ކައި އުޅުނީ.. އެކަމަކު އަހަރެން އޭރު މާ ލަސްވެއްޖެ... ކައިމެން ފުރައިފި... ދިޔަ ތަނެއް ވެސް ނޭނގެ.. އެކަމުގަ އެއްވެސް މީހަކު އަހަރެންގެ ވާހަކަ އަޑެއް ނޭހި... ޒެވް ވެސް ގުޅުން ކަނޑާލީ......"...... ކައިރާގެ ދެލޯ ބޭއިޚްތިޔާރުގައި ފެންކަޅި ވެގެން ދިޔައެވެ.

މި ހުރިހާ ދުވަހު އޭނާއަށް ހަޤީޤަތް ނޭނގުމުން ކައިރާގެ ހިތް މޯޅިވިއެވެ. ކުރިން އެނގުނު ނަމަ މިއަދު އޭނާ ހުރީހީ ކިޔާންގެ ހައްޤެއްގެ ގޮތުގައެވެ. އެ ހިމާޔަތުގެ ދަށުގައެވެ. އެ ލޯބި ލިބިލިބިއެވެ. ކައިރާއަށް ލިބުނު ނަސީބު އޭނާގެ އަމިއްލައަށް ބަލައިނުގަތީއެވެ. ކައިރާއަށް ހީކުރެވުނީ ލޯބީގައި ޤުރުބާނީތަކެއް ވެވުނީ އޭނާއަށް ކަމަށެވެ. ނަމަވެސް ހަޤީޤީ ޤުރުބާނީ އެ ވީ ކިޔާންކަން އޭނާއަށް ހިތުގެ އަޑިން ޤަބޫލު ކުރެވުނެވެ. އޭނާގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުމާއެކު އަވަހަށް މޫނު ފޮހެލިއެވެ.

ގަދަކަމުން މޫނަށް މަސްނޫއީ ހިނިތުންވުމެއް ވެރިކޮށްލަމުން ކައިރާ ކިޔާންއާ ހަތަރުކަޅި ހަމަކޮށްލިއެވެ. އޭރު ކިޔާންގެ ނަޒަރު ވެސް ހުރީ ކައިރާއާ އަމާޒުވެފައެވެ.

" ކިޔާން .. ސަރ.. ވަރަށް ހިތްވަރު ގަދަ... "..... ކައިރާއަށް ބުނެވުނީ އެ ވަރަށެވެ. އަވަސް އަވަހަށް ގޮނޑިން ތެދުވެ އޭނާ ހިނގައިގަތީ ކެބިންއިން ނުކުތުމަށެވެ. ނަމަވެސް ކިޔާން ކުއްލި ހަރަކާތަކާއެކު ކައިރާގެ އަތުގައި ހިފައި ހުއްޓުވިއެވެ.

މަޑުމަޑުން އޭނާގެ ދެ އަތުން ކައިރާގެ މޫނުގައި ހިފަހައްޓައި އެ މޫނަށް ނަޒަރު ހުއްޓައިގެން ހުރީ ކައިރާގެ ދުލުން އެންމެ ބަހެއް ވެސް ބޭރުކުރޭތޯއެވެ. ކައިރާއަށް ކެތް ކުރެވޭނީ ކިހާ ވަރަކަށްތޯ ބެލުމަށެވެ. އެ ދެ ލޯ ބައްދަލުވެފައިވީ އިރު ކައިރާގެ ދެލޯ ވަނީ ފެންކަޅި ވެފައެވެ. އެ ކަޅު ކުލައިގެ ކަޅީގެ ފަހަތުގައިވީ ސިއްރު ހާމަ ކުރޭތޯ ކިޔާންގެ ހިތް އެދެމުން ދިޔައެވެ.

ކިޔާންގެ އަތުގެ ބީހުން އިހްސާސް ވުމުން ކައިރާގެ ހިތް އިތުރަށް ވިރިގެން ދިޔައެވެ. އަމިއްލަ އިޚްތިޔާރެއް ނެތި ކައިރާ އެ އަތުގައި ހިފަހައްޓައިލަމުން ލޯ މަރާލީ ހިތަށް ކުރަމުން ދިޔަ އަސަރަށް ކެތް ނުކުރެވިގެންނެވެ. އެ ތަނަވަސް މޭގައި މޫނު ފޮރުވާލައިގެން ހުރެ ހިތް ފުރެންދެން ރޯލަން ކައިރާ ބޭނުންވިއެވެ. އެ ހިތުގައި އުފެދިފައިވީ ޝަކުވާތައް ކިޔާންއާ ހިއްސާކޮށް އެ ހިތަށް ލުޔެއް ހޯދައިދޭން ކައިރާ ބޭނުންވިއެވެ. ނަމަވެސް ކިޔާންގެ މާފު އޭނާއަށް ހައްޤު ހެއްޔެވެ؟..

" އަދިވެސް ނުބުނާނަންތަ ....؟....... "..... ކިޔާންގެ އަޑު ބޭރުވީ ކިރިޔާއެވެ. ނަމަވެސް އެ އަޑު ވަރަށް ރީތިކޮށް ކައިރާއަށް އިވުނެވެ. އެ އަޑުގައިވީ އިހްސާސުން ކައިރާގެ ހިތާއި ނަފްސަށް ބާރު ފޯރުވަމުން ދިޔައެވެ. ނަމަވެސް އޭނާގެ ނަފްސުގެ މައްޗަށް ބާރު ފޯރުވަމުން ކައިރާ ކިޔާންގެ އަތް ފޮޅުވާލަމުން ދުވެފައި ނުކުތެވެ.

ކައިރާ ދިޔުމުން ކިޔާން ނުރުހުންވެފައި ފާރުގައި ދެތިން ފަހަރު ޖަހައިލިއެވެ. އޭރު އެ މޫނުގައިވީ އިންތިހާ ދަރަޖައިގެ ހިތްދަތި ކަމެވެ. މާޔޫސްކަމެވެ. އެވަރުން ވެސް ކައިރާ ގޮތް ދޫނުކުރުމުން ކިޔާން މޫނު ރަތްވެގެން ދިޔައެވެ.

*****

" ނަޝީ......."..... ގޭތެރެއަށް ވަން ހައިކަލްގެ އަޑުގައިވީ ތަފާތު ޖޯޝެކެވެ. އެ އަޑުގައިވީ އުފާވެރިކަން ނަޝީލާއަށް ވެސް ފާހަގަކުރެވުމުން ހިނިތުންވެލިއެވެ.

ހައިކަލް އައި ގޮތަށް އައިސް ނަޝީލާގެ ގައިގައި ބައްދައިގަތެވެ. ހައިކަލްގެ ފަރާތުން މިފަދަ އުފާވެރިކަމެއް އެންމެ ފުރަތަމަ ނަޝީލާ ދުށީ އިޝާން އުފަންވި ދުވަހުއެވެ.

" ނަޝީ... އަހަރެންގެ ދުޢާ މާތްﷲ އިޖާބަ ކުރައްވައިފި... އަހަރެންގެ ދަރިފުޅު އަހަންނަށް ލިބިއްޖެ.. އަހަރެންގެ އަލަތު ދަރިފުޅާ އަހަރެން ދިމާވެއްޖެ... ނަޝީ... ދެކިބަލަ... އެކަލާނގެ ކުޅަދުންވަންތަކަން ނިކަން ދެކިބަލަ... "..... ހައިކަލް ހުރީ އުފަލުން ރޮވިފައެވެ.

" އަލްހަމްދުލިﷲ....".. ނަޝީލާގެ މޫނު ވެސް އުޖާލާންވެގެން ދިޔައި ލިބުނު އުފާވެރި ޚަބަރުންނެވެ. ހައިކަލް ކައިރާ ކިޔައިދިން ވާހަކަތައް ނަޝީލާއާ ހިއްސާކުރިއެވެ. އާޝިޔާގެ ވަކިވުމުން އެ ދެމަފިރިންގެ ހިތުގައި ވެސް ރިހުން އުފެދުނެވެ. ނަމަވެސް ކައިރާ އެނބުރި އައުމުން ލިބުނު އުފާވެރިކަމުގައި އެ ހިތާމަ ކުޑަވިއެވެ.

" ހައިކަލް... ކައިރާއަށް މާދަން ކެއުމަށް ދަޢުވަތު ދެއްޗޭ... އޭނާގެ އާއިލާއަށް ވެސް... އެމީހުންނަށް ޝުކުރުވެރިވާން ޖެހޭނެ.. އުފަން ދަރިއެއް ނޫން ނަމަވެސް އެ އާއިލާއިން ކައި އެ ބެލެހެއްޓީ އަމިއްލަ ދަރިއެއް ފަދައިން...."....... ނަޝީލާ އަވަސް އަވަހަށް މާދަމާއަށް ޓަކައި ކައްކަންވީ އެއްޗެހި ހިތުގައި ރާވަން ފެށިއެވެ. ދުވަސް ތަކަކަށް ފަހު އެފަދަ ބޮޑު އުފާވެރިކަމެއް ލިބުމުން ނަޝީލާ ހުރީ ނުހަނު ޖޯޝާއި ފޯރީގައެވެ. ކައިރާ ދެކޭ ހިތްވެފައި ހުރިލެއް ބޮޑުކަމުން އެހިތް ތެޅިފޮޅެމުން ދިޔައެވެ.

*****

ހިތް ނުތަނަވަސްވެފައި ހުރިލެއް ބޮޑުކަމުން ޒެވިޔަން އެލީޝާއަށް ގުޅާލީ އެ އަޑުން އެކަނި ވެސް އޭނާގެ ހިތަށް ތަސައްލީއެއް ލިބޭނެކަން އެނގޭތީއެވެ. ފުރަތަމަ ރިންގާއެކު އެލީޝާ ފޯނު ނަގައިފިއެވެ.

" ޒެވް...."..... އެލީޝާގެ އަޑުވީ ކުރެހިފައެވެ. މަޑުމަޑުން ނޭފަތް ދަމާލި އަޑު އިވުމުން އެލީޝާ ރޮނީކަން ޒެވިޔަންއަށް ޔަޤީންވިއެވެ.

" އައިމް ސޯ ސޮރީ އެލީ......."..... އެލީޝާގެ އަޑު އިވުމާއެކު ޒެވިޔަންގެ ހިތް މަޑު ކަފަކޮޅަކަށް ވެގެން ދިޔައެވެ. ހިނދުކޮޅަކަށް އެ ސިކުނޑިން މިޝެލްގެ ނަން ފޮހެވުނެވެ. އެއާއެކު އެލީޝާގެ މަޑު ގިސްލުމުގެ އަޑު ޒެވިޔަންގެ ކަންފަތުގައި ޖެހުނެވެ. އޭނާގެ ދެ ލޯ ވެސް ފެންކަޅި ވެގެން ދިޔައެވެ.

" ދޮންތި.....".... އިވުނީ ތުއްތު މިޝެލްގެ އަޑެވެ. އެލީޝާ ރޮނީ ކީއްވެތޯ މިޝެލް ސުވާލު ކުރަމުން ދިޔައެވެ. ޒެވިޔަންއަށް ވަގުތުން ފޯނު ތިރިކޮށްލެވުނެވެ. މިޝެލްގެ އަޑު އިވުމުން ޒެވިޔަން އޭނާގެ ނަފްސުގެ މައްޗަށް ބާރު ފޯރުވިއެވެ.

އޭނާ ބަލިކަށިވެގެން މިޝެލްގެ ހަޤީޤަތް އެލީޝާގެ ދުލުން ހާމައެއް ނުކުރެވޭނެއެވެ. ފުން ނޭވާއެއް ދޫކޮށްލުމަށް ފަހު ޒެވިޔަން ފޯނު ކަނޑާލައި ކިޔާންއަށް ގުޅަން ފެށިއެވެ.

*****

ފޯނު ކެނޑުމާއެކު އެލީޝާގެ އަތުން ފޯނު ދޫވެގެން ވެއްޓުނެވެ. އޭރު ތުއްތު މިޝެލް އައިސް އޭނާގެ މޫނު ފޮހެދެމުން ރުއިން ހުއްޓައިލުމަށް ދިޔައީ ބުނަމުންނެވެ.

" ޝެލީ... ހީވޭތަ އެމީހުން ޝެލީ ޤަބޫލު ކުރާނެހެން...؟.... ދޮންތި ބޭނުމެއް ނޫން ޝެލީ ވަކިވާކަށް... ދޮންތިއާ ހެދި ޝެލީގެ މަންމަވެސް ވަކިވީ.. ދެން ކިހިނެތް ދޮންތި އިތުރަށް ޝެލީ ދެރަ ކުރަނީ....."...... އޭނާ ދައްކަމުން ދިޔަ ވާހަކަތައް މިޝެލްއަށް ނޭނގޭނެކަން އެނގިހުރެ ވެސް އެލީޝާ ހިތުގައި އުފެދެމުން ދިޔަ އިހްސާސްތައް މިޝެލްގެ ކުރިމަތީގައި ބަންޑުން ކުރަމުން ދިޔައެވެ.

އެލީޝާ ސިހިގެން ދިޔައި އައިމަން އޭނާގެ ބޮލުގައި ފިރުމާލުމުންނެވެ.

" ބައްޕަ އައީ ކޮން އިރަކު....."...... އެލީޝާ އަވަސް އަވަހަށް މޫނު ފޮހެލަމުން އައިމަންއަށް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. ނަމަވެސް އެ ހިނިތުންވުން އޭނާގެ ލޮލާ ހަމައަކަށް ނުފޯރިއެވެ.

އެލީޝާ ތަހައްމަލު ކުރަމުން ދިޔަ ވޭން ތަސައްވަރު ކުރެވުމުން އައިމަންގެ ހިތް ދަރިފުޅާ މެދު ހަމްދަރުދީން ފުރުނެވެ. އެލީޝާއާއި މެހެރްއަށް ވިސްނައިދޭން މަސައްކަތް ކޮށްކޮށް މިހާރު އައިމަން ވަރުބަލިވެއްޖެއެވެ.

" އެލީ... ތިގޮތަށް ނުވިސްނާށޭ ބައްޕަ ބުނީމެއްނު... އެލީގެ ކުށަކުން ނޫން ޝެލީގެ މަންމަ ވަކިވީ... އެލީގެ ސަބަބުން ނޫނީ މިޝެލް ވެސް ސަލާމަތެއް ނުކުރެވޭނެ... އަބަދު ނަފްސު ކުށްވެރި ނުކުރޭ... އެއްވެސް މީހަކު އެލީ ކުށްވެރިއެއް ނުކުރާނެ... ޒެވް ވެސް ދަރިފުޅުގެ ވާހަކަ ޤަބޫލު ކުރާނެ... " .... އައިމަން އެލީޝާގެ މަގަތުގައި އިނދެ ދައްކަމުން ދިޔަ ވާހަކަތަކުން އެ ހިތަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނެވެ. އެލީޝާއަށް އަދިވެސް އެ ހާދިސާއިން އަރައި ނުގަނެވޭކަން އައިމަންއަށް ޔަޤީން ވިއެވެ. އެހެން ކަމުން އެލީޝާއާއި މެހެރްއަށް އެނގުމެއްނެތި ކައިރާއާ ވާހަކަ ދައްކައިގެން މިކަން ހައްލުކުރަން އައިމަން ނިންމިއެވެ.

*****

ގޮނޑީގައި ލެނގިލައިގެން އިން ކިޔާން ލޯ ހުޅުވައިލީ ކެބިންގެ ދޮރުގައި މީހަކު ޓަކި ޖެހުމުންނެވެ. އޭރު އިޝާން ދޮރުމަތީގައި ހުރިތަން ފެނުމުން ކިޔާން ބުމަ އަރުވާލީ އެތެރެއަށް ވަންނާށޭ ބުނުމުގެ ގޮތުންނެވެ.

" ކެންއަށް އެނގޭނެ ކަންނޭނގެ އަހަރެން ދައްކަން މިއުޅޭ ވާހަކަ......"...... އިޝާން ވާހަކަ ފެށީ ދުރުދުރުންނެވެ. ކިޔާން މަޑު ހޫމްއެއް އަޅުވައިލިއެވެ.

" ކައިރާ އެނގެނީ ކިހިނެތް ؟......"... ކިޔާންގެ ހުއްދަ ލިބުމުން އިޝާން އޭނާގެ ސުވާލު ކޮށްލިއެވެ. ކިޔާންގެ ޖަވާބު ލިބުމުން އިޝާން އޭނާއާއި ކައިރާގެ ހަޤީޤަތް ކިޔައިދޭން ނިންމިއެވެ.

ފުން ނޭވާއެއް ދޫ ކޮށްލުމަށް ފަހު ކިޔާން ހުރިހާ ވާހަކަތަކެއް ފެށުނީއްސުރެ ނިމެންދެން ކިޔައިދޭން ފެށިއެވެ. އިޝާން އިނީ ހައިރާންވެ ބުނާނެ އެއްޗެއް ނޭނގިފައެވެ. ކިޔާން އާއި އޭނާގެ ދޮންތަގެ ގުޅުމެއް އޮތްކަން އެނގުމުން އިޝާން އުފާވިއެވެ. ކައިރާ އާއި އެންމެ އެކަށޭނެ ޒުވާނާއަކީ ކިޔާން ކަމުގައި އިޝާން ހިތުގެ އަޑިން ޤަބޫލު ކުރިއެވެ.

" އަހަރެން ވެސް ކެންއަށް ކިޔައިދޭން ބޭނުންވާ ވާހަކަތަކެއް އެބަހުރި... ކުރިން ވެސް ކެން އާއި ދޮންތަގެ ގުޅުމެއް އޮތްކަން އެނގުނު ނަމަ އަހަރެން ކުރިން ކިޔައިދިނީސް... ކެން ފޮޓޯއެއް ދެއްކި ނަމަވެސް އަހަންނަށް އެނގޭނެ...."....... އިޝާން ދޮންތައޭ ބުނުމުން ކިޔާން ބަލައިލީ އިޝާން ބުނި އެއްޗެއް ފަހުމު ނުވުމުންނެވެ.

" ކައިރާ އަކީ އަހަރެންގެ ދޮންތަ....."...... އިޝާން ލަސްލަހުން ބުނެލުމާ އެކު ކިޔާންގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

" އެހެން ވާންވީ ކިހިނެތް.. ކައިގެ ބައްޕައަށް ކިޔަނީ ހައިކަލް.. ޝޭންގެ ބައްޕަ އަކީ އަހުމަދު... "..... ކިޔާންއަށް އެވާހަކަ ޤަބޫލުކުރަން ދަތިވިއެވެ.

އިޝާން ޖަހާލީ ހިނިގަނޑެކެވެ. އަދި ފޯނުން ހައިކަލްގެ ފޮޓޯއެއް ފޯނުން ހޯދައިލަމުން ކިޔާންއަށް ދައްކާލިއެވެ.

" މިއީ އަހުމަދު ހައިކަލް... އަހަރެންގެ ފުރިހަމަ ނަމަކީ އިޝާން އަހުމަދު ހައިކަލް..."....... ކިޔާންއަށް މިފަހަރު ޤަބޫލު ކުރެވުނެވެ. ހައިކަލްގެ އަޅިފެލި ލޮލުން ވެސް ހަޤީޤަތް ފެންނަމުން ދިޔައެވެ.

" އަހަންނަށް ޝޭން ފެނުނު ފުރަތަމަ ދުވަހު ވެސް ޝައްކުވި... ވަރަށް ކުރިން އެއްދުވަހަކު ހެނދުނު ދުވަން ގޮސް އުޅެނިކޮށް ޝޭން ދުށިން.. އޭރު ކައި ވެސް ކަޅި ފޮރުވައިގެނެއް ނޫން އުޅުނީ... އެހެންވެ ޝޭން ފުރަތަމަ ފެނުނީމަ ވެސް ކައި އާ ވައްތަރުވި... ކައި އޮތީ ބައްޕަގެ ވާހަކަ ވެސް ކިޔައިދީފަ.. އެހެންވެ ޝައްކުވީ... އެކަމަކު ޝޭންގެ ނަން ބުނީމަ ދެން ހިތަށް އެރީ ކުށްހީއެކޭ... ".... ކިޔާން ކުރީގެ ހަނދާނެއް އާ ކޮށްލިއެވެ.

އެވަގުތު އިޝާން އާއި ކިޔާންގެ ނަޒަރު ހުއްޓުނީ ކެބިންއަށް ވަން ޒެވިޔަންއަށެވެ. އިޝާން އާއި ޒެވިޔަން ގާތް އެކުވެރިންނަށް ވީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ.

" އަހަރެން އެހީމަ ޒެވް ވެސް ބުނެފިޔޭ ނޭނގެއޭ... އޭރުވެސް ހީވިއޭ މޫނަށް ވެފަ ހުރި ގޮތުން......".... އިޝާން ހިނިގަނޑެއް ޖަހައިލަމުން ބުނެލިއެވެ.

" ކައިގެ ކޮއްކޮކަން އެނގުނު ނަމަ ބުނާނަން... ވަރަށް ތަފާތުކޮށް އެންމެން މިތިބީ ކައިއާ ގުޅިފަދޯ... ".... ޒެވިޔަން މޫނަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. އެވާހަކައާ އެއްބަސް ވުމުގެ ގޮތުން ކިޔާންއާއި އިޝާން ވެސް ބޯ ޖަހާލިއެވެ.

އެ ތިން ޒުވާނުންގެ މެދުގައި ދެން މަޝްވަރާ ކުރެވެމުން ދިޔައީ ކައިރާއާއި ކިޔާން އަލުން ގުޅުވޭނެ ގޮތަކާ މެދުގައެވެ. އެ މޫނުތަކުން ފެންނަނީ އުފާވެރި ކަމެވެ. ކުރިއަށް އޮތް ފާގަތި ދުވަސްތަކަށް ކެތްތެރިކަމެއް  ނެތި އެންމެން ވެސް އިންތިޒާރު ކުރަމުން ދިޔައެވެ.

*****

ބާރު ހިނގުމެއްގައި ކައިރާ އޮފީހުން ނުކުމެ ދިޔައީ އެއްވެސް މިސްރާބެއް ނެތިއެވެ. އެހިތަށް ލިބިފައިވާ ހިތްދަތިކަން ކަރުނައިގެ ސިފައިގައި ބޭރުވަމުން ދިޔައެވެ. އިސްޖަހައިގެން ހުރެ ހިނގަމުން ދަނިކޮށް ކައިރާ އަޅައިގަތީ ގެއަކުން ނުކުތް މީހެއްގެ ގައިގައެވެ. ނުވިސްނާ ހުރުމުން ބެލެންސް ނުވެ ކައިރާ ވެއްޓުނެވެ. އެވަގުތު އެމީހާ ކައިރީގައި ހުރި ކުޑަކުއްޖާ އަވަހަށް ކައިރާއަށް ތެދުވާން އެހީވެދިނެވެ. ތެދުވެ ހަމަޖެހިލަމުން ކައިރާ އިސްއުފުލާ ކުރިމަތީގައި ހުރި މީހާގެ ކިބައިން މާފަށް އެދުނެވެ. އެވަގުތު ކައިރާގެ ދެލޯ ބޮޑުވެ އަނގަމަތީ އަތް އެޅުނެވެ. ކުރިމަތިން ފެންނަން ހުރީ ހަޤީޤަތެއްކަމާ މެދު އޭނާއަށް ޝައްކުވިއެވެ.

(ނުނިމޭ)

Ads by HDC
  1. ނިމެން ގާތްވެއްޖެތަ ވވވވވވ ރީތި

  2. ވ.ވ.ރީތީ.ތިބުނާހެން ވާހަކަ ނިމެން ކައިރިވެއްޖެ